"އަހަރެން ހިއެއް ނުކުރަން އާރާ ތިގޮތަށް އަހަރެންގެ ދިރިއުޅުމާ ކުޅެން މަސައްކަތްކޮށްފާނެ ކަމަކަށް..." ޒެނިލްގެ މޫނުން ފެނުނީ، އަމިއްލަ ނަފުސު ކުށްވެރިކޮށްފައިވާ ކަމުގެ އަސަރުތަކެވެ. "ޖިލްއަކީ އަހަރެންގެ ފުރާނަ... އޭނަގެ ގައިގަ ކޫރުމެއް އެޅިލިޔަސް، އެކަން ކުރާ މީހަކަށް އަހަރެން ދުވަހަކުވެސް މާފެއް ނުދޭނަން... އެކަން އަބަދުވެސް ހަނދާނުގަ ބަހައްޓާތި!..."
ޒެނިލް ނުކުމެގެން ދިޔައީ، އާރާ ގޮވަގޮވައި ހުއްޓަ އެވެ. އިތުރަށް އާރާ އާއި ދައްކާނެ ވާހަކައެއް ޒެނިލްގެ ނެތެވެ. ކިތަންމެ ވަރަށް އެހިޔަސް، އާރާ ހަގީގަތް ހާމަނުކުރާނެ ކަން ޒެނިލްއަށް ޔަގީން ވިއެވެ.
********
"ކީއްވެ އަހަންނަށް ހީވަނީ، ޖިލް އުޅެނީ އަހަންނަށް ފިލާށޭ..." ކުރިމަތީގައި އިން ޖިލްވާއަށް ބަލަން އިނދެ ކެވިން އަހައިލި އެވެ.
"ނުފިލަން..." ޖިލްވާ ވާހަކަ ދެއްކީ ގަދަކަމުން ކަހަލަ ގޮތަކަށެވެ.
ކެވިންގެ ނަޒަރު ތަފާތު ވިއެވެ. ތުންފަތުގައިވި ހިނިތުންވުން ފިލައި ދިޔަ އެވެ. ޖިލްވާ އާއި ދެމެދުގައި ކުރިން އޮންނަ ގާތްކަން ނެތްކަން އިހުސާސް ވިއެވެ. ޖިލްވާ އޭނައަށް ކުރި ޤަދަރު އެހާ އަވަހަށް ނެތިގެން ދިޔައީ ކީއްވެ ހެއްޔެވެ؟ ހިތަށް ތަދުވި ނަމަވެސް، އެކަން މޫނުމަތިން ނުދައްކައިވޭތޯ ކެވިން މަސައްކަތް ކުރި އެވެ. ބަދަލުގައި އޭނަ ބޭނުންވީ ޖިލްވާގެ ސަމާލުކަން ހޯދާށެވެ.
"އަހަރެން އެއްވެސް ކަމަކަށް ޖިލްއަށް ޕްރެޝަރ ކުރާކަށް ބޭނުމެއް ނޫން... ޖިލް ހިތްހަމަނުޖެހޭ ކަމެއް އޮތަސް، އެކަން އަހަރެން ކައިރީ ބުނަން ވާނެ..." ކެވިން މަސައްކަތް ކުރީ ދެމީހުންގެ މެދުގައިވި ދުރުކަން ނައްތައިލާށެވެ. "ޖިލްއަށް ކޮންމެ ވާހަކައެއްވެސް އަހަރެން ކައިރީ ބުނެވޭނެ..."
އިސްޖަހައިގެން އިނދެފައި ކެވިން އާއި ދިމާއަށް ޖިލްވާ ބަލައިލި އެވެ. ކެވިން ވަގުތުން ހިނިތުންވެލި އެވެ. އެއްވެސް ދެއްކުންތެރިކަމެއް އެ މޫނުން ޖިލްވާއަކަށް ނުފެނުނެވެ. އެވަރުންވެސް ޖިލްވާގެ ހިތް ނުތަނަވަން ވަނީ އެވެ.
"ކޮންމެ ވާހަކަ އެއްވެސް އެހިދާނެތަ؟..." ޖިލްވާ އަހައިލި އެވެ.
ކެވިން ބޯ ޖަހައިލިއިރު، އޭނަގެ ހިތް ބާރުބާރަށް ތެޅެން ފަށައިފި އެވެ.
"ކެވިންގެ ހުށަހެޅުމަށް އަހަރެން ދެކޮޅު ހަދައިފިއްޔާ؟..." ޖިލްވާ އަހައިލި އެވެ.
ކެވިންއަށް ސިހުމެއް ލިބުނެވެ. ޖިލްވާ އެހާ ފާޅުކަން ބޮޑު ގޮތެއްގައި އެ ސުވާލު ކޮށްފާނެ ކަމަކަށް އޭނަ އެއްވެސް ވަރަކަށް އުއްމީދެއް ނުކުރެ އެވެ.
ޖިލްވާއަށް ބަލަން އިރުކޮޅަކު އިނދެފައި ކެވިން ތެދުވި އެވެ. މަޑުމަޑުން ހިނގާލާފައި އައިސް، ޖިލްވާގެ ކައިރީގައި އިށީނެވެ.
"ޖިލް!... ލިސަން..." ޖިލްވާގެ މޫނަށް ބަލައިލަމުން ކެވިން ވާހަކަ ދައްކަން ފެށި އެވެ. "ޖިލް ތިގޮތަށް ތި ވިސްނަނީ، ޒެނިލްގެ ސަބަބުން ދޯ؟... އެކަމަކު ޖިލްއަށް އެނގޭތަ އެއީ ކާކު ކަން؟... އެއީ ތި ހީކުރާވަރުގެ ރަނގަޅު މީހެއް ނޫން... ޖިލް ކަހަލަ ކުއްޖަކާ އޭނަ އާއި އެއްވެސް ވަރަކަށް އެކަށީގެން ނުވޭ... އިނގޭތަ، އެއީ..."
ޖިލްވާގެ އުނގުގައި އިން ޔޫން ތުންފިއްތާލާފައި ރޯން ފެށި އެވެ. ބައްޕަގެ ގޯސް ވާހަކަ ދައްކާތީ އެ ކުއްޖާއަށް ވެސް އުނދަގޫވި ކަހަލަ އެވެ. ކެވިންއަށް އޭނަ ދައްކަމުންދިޔަ ވާހަކަ ހުއްޓައިލަން މަޖުބޫރު ވިއެވެ.
"ޔޫން މިއަދު ހާދަ ރުޅި ދުވަހެއް..." ކެވިން ކަންބޮޑު ވިއެވެ. "އުރާނުލައި ގިނައިރުވީމަ ދެރަވީތަ؟... އަވަހަށް އާދޭ އުރާލާނަން..."
ކެވިން އަތް ދިއްކޮށްލުމުންވެސް ޔޫން ދާކަށް ނޫޅުނެވެ. އުރަން އުޅުމުން، ކުރިއަށްވުރެ ބާރަށް ރޯން ފެށި އެވެ. ބަދަލުގައި ޔޫން ހޯދީ، ޖިލްވާގެ އުނގުގެ ހިމާޔަތެވެ. ޖިލްވާގެ ނަޒަރު ކެވިންގެ އަތަށް ހުއްޓުމާއިއެކު، ހިތުގައި ފުނިޖެހިގެން ދިޔައީ އެތައް ސުވާލު ތަކެކެވެ. ބޮޑު ބެންޑޭޖްގަނޑަކުން ކެވިންގެ އަތުގެ ކުޑަހުޅު އޮތީ ނިވާކޮށްފަ އެވެ. އަތްތިލައިގައިވެސް ތާޒާ ޒަޚަމުތަކުގެ ނިޝާން ހުއްޓެވެ.
"ކޮފީއެއް ގެނެސްދެންތަ؟..." ޔޫން މަސަލަސްކުރަން މަސައްކަތް ކުރަމުން، ޖިލްވާ ތެދުވި އެވެ.
ކެވިން ބުނާނެ އެއްޗަކަށް އިންތިޒާރު ކުރުމެއްނެތި ކާގެ އާއި ދިމާއަށް އޭނަ ހިނގައިގަތެވެ.
"މަޑުކޮށްބަލަ..." ޖިލްވާގެ ފަހަތުން ހިނގައިގަންނަމުން ކެވިން ބުންޏެވެ. "އަހަރެން ނުބުނަމެއްނު ކޮފީ ގެންނާކަށް..."
"ފެންތައްޓެއް..." ޖިލްވާއަށް އޭނަގެ ޖުމްލަ ފުރިހަމަައެއް ނުކުރެވުނެވެ.
"އެއްވެސް އެއްޗެއް ގެންނާނެ ކަމެއް ނެތް... އަހަރެން މިއައީ ޖިލް ލައްވާ މަސައްކަތް ކުރުވާކަށް ނޫނޭ..." ކެވިން އޯގާތެރިކަމާއި އެކުގައި ބުންޏެވެ.
ޖިލްވާގެ ހިތް ނުތަނަވަސް ވިއެވެ. ކުއްލިއަކަށް ކެވިންއަށް ވެގެން އުޅޭ ގޮތަކުން، ކެވިންގެ ކުރިމަތީގައި ހުންނަން ވެސް އޭނަގެ ހިތް އެއްބަހެއް ނުވި އެވެ. ކެވިން އައީ ޔޫންގެ ކައިރިއަށް ކަމަށް ބުނެ އެވެ. އެކަމަކު، ހުރިހާ ސަމާލުކަމެއް ޖިލްވާއަށް ހުއްޓީ ކީއްވެ ހެއްޔެވެ؟ ޒެނިލްގެ ގޯސް ވާހަކަ ދައްކަންވީ ކީއްވެ ހެއްޔެވެ؟ ކެވިންގެ ވާހަކަ ހުރިގޮތުން، ޖިލްވާ އާއި ޔޫން، އެ ހަޔާތަށް ގެންދެވޭނެ ކަމުގެ ޔަގީންކަން އޮތް ކަހަލަ އެވެ. އެކަމަކު ކީއްވެ ހެއްޔެވެ؟ ހުސް ޖަވާބު ނުލިބޭ ސުވާލު ތަކެވެ. އަނެއްކޮޅުން ޔޫންވެސް ކެވިން ފެނުމުން މާ ވަރަކަށް ރޮނީ އެވެ.
ކެވިންގެ އަމަލުތައް ހުރިގޮތުން ޖިލްވާގެ ހިތުގެ ކަނަކުން ނުރައްކާތެރިކަމުގެ ރަނގަބީލެއް އަޅަމުން ދިޔަ އެވެ. ޝައްކު ކުރެވެން ފެށީ ކީއްވެކަމެއް ހުދު އޭނައަށްވެސް ނޭނގުނެވެ.
********
ފަހަތުން މީހަކު ގޮވައިލި އަޑު އިވުމުން، ޒެނިލް ފަސް އެނބުރުނެވެ. ޔޯހަން ހުރީ ރުޅި އައިސްފައި ކަން ދެނެގަންނަން ޒެނިލްއަށް އިތުުރު ކަމެއް ކުރާކަށް ނުޖެހުނެވެ.
"ތިގޮތަށް އާރާ އާއި ވާހަކަ ދެއްކުމުގެ އެއްވެސް ޙައްޤެއް ޒެނިލްއަކަށް ނޯންނާނެ..." ޔޯހަންގެ އަޑުގައި ވީ ހަރުކަށި ކަމެވެ.
"އޯހް... އެހެންވިއްޔާ، އޭނަ ކުރި ކަންތައް ޔޯހަންއަށްވެސް އެނގެނީތަ؟..." މާނައިން ފުރިގެންވީ ރާގަކަށް ޒެނިލް އަހައިލި އެވެ.
"އަހަރެން އާރާއަށް އިތުބާރު ކުރަން..." ޔޯހަންގެ ޖަވާބު ކުރުވެފައި ސާދާ އެވެ.
"ދެން ތިބުނަނީ، އެއްވެސް ހެއްކެއް ނެތި، އަހަރެން އާރާގެ ބޮލުގަ އެވަރުގެ އިލްޒާމެއް އަޅުވަނީއޭތަ؟..." ޒެނިލް ވެސް ހިތްހަމަނުޖެހުނެވެ.
"ކޮން ހެއްކެއް އޮތީ؟..." އާރާގެ ދިފާއުގައި ވާހަކަ ދެއްކި ނަމަވެސް، ހުދު ޔޯހަންގެ ހިތް ވެސް ވަނީ ނުތަނަވަސް ވެފަ އެވެ.
ކުއްލިއަކަށް އާރާއަށް ވެގެން އުޅޭ ގޮތަކާއި، ޒެނިލް ދެއްކި ވާހަކަ އާއި ގުޅުމެއް ވާނެއޭ ޔޯހަންގެ ހިތް ބުނަނީ އެވެ. ޒެނިލްދެކެ އާރާ ވާ ލޯބި އެންމެ ރަނގަޅަށް އެނގޭ އެކަކީ ހުދު އޭނަ އެވެ. އެ ލޯބީގެ ބާރުގައި އާރާ ކޮންމެފަދަ ހަރުފަތެއްވެސް ގިރާކޮށްފާނެ ކަމުގެ ބިރު އޭނަގެ ހިތުގައި އަބަދުވެސް އޮވެ އެވެ. އެކަމަކު، ހުރިހާ ހަގީގަތަކާއި ދެކޮޅަށް އާރާ ދިފާއުކުރަން ޔޯހަންގެ ހިތް ބޭނުން ވަނީ އެވެ.
"އިތުބާރު ކުރަންޏާ، ތި ސުވާލު ކުރުމުގެ މާނައެއް ނެތް..." ޒެނިލް އިތުރަށް މަޑުކުރާކަށް ނުހަދަ އެވެ.
ޔޯހަންވެސް ހިމޭންވި އެވެ. ޒެނިލްގެ ކާރު ގޮސް ލޯމަތީން އޮބައިލަންދެން ބަލަން ހުރެފައި ގެއަށް ވަނުމަށް އެނބުރުނެވެ. އާރާ ހުރީ ޔޯހަންގެ ކުރިމަތީގަ އެވެ. އެމޫނުން ފެނުނީ ކުށްވެރިވެފައިވާ ކަމުގެ އަސަރުތަކެވެ. ޔޯހަން އާއި ޒެނިލްގެ މެދުގައި ދެކެވުނު ހުރިހާ ވާހަކައެއް އޭނައަށް އަޑު އިވިފައިވާކަން އެ މޫނުން ފެނުނު އަސަރުތަކުން ޔޯހަންއަށް ޔަގީން ވިއެވެ.
********
ކެވިން ދިޔުމުން ޖިލްވާ އިނީ ފުން ވިސްނުމެއްގެ ތެރެއަށް ގޮސް ގެއްލިފަ އެވެ. ރޭގެ ހާދިސާ އާއި ކެވިން އާއި ގުޅުމެއް ވެދާނެއޭ އޭނަގެ ހިތް ބުނަނީ އެވެ. އެކަމަކު ކެވިން އެވަރުގެ ކަމެއް ކުރަންވީ، ކީއްވެ ހެއްޔެވެ؟ ފުރާނައަށް ގެއްލުން ނުދީ، އޭނައަށް ގެއްލުން ދެވޭނެ ކިތަންމެ ގޮތެއް ކެވިންއަށް އެބަ އޮތެވެ. އެއްގޮތަކީ އެއްބަސްވުމުގައި ވާގޮތަށް، ކަންތައް ކުރަން މަޖުބޫރު ކުރުވުމެވެ. އަނެއް ގޮތަކީ، އޭނަ ދަރަންޏަށް ނަގާފައިވާ ފައިސާ އަނބުރާ ހޯދުމެވެ. އެއްގޮތަކުންވެސް ރެކިގަނެވޭނެ ގޮތެއް ޖިލްވާއަކަށް ނެތެވެ. ވީއިރު، ކެވިން އެންމެ ނުރައްކާތެރިގޮތް ޚިޔާރު ކުރަންވީ ކީއްވެ ހެއްޔެވެ؟
ޖިލްވާ ސިހުނީ، އޭނަގެ ފުރަގަހުން ކޮންމެވެސް މީހަކު ކޮނޑުގައި އަތް ޖައްސައިލުމުންނެވެ.
"ހާދަ ވަރަކަށް ސިހުނީ؟... ކޮން ޚިޔާލެއްގަ؟..." ޒެނިލް ހިނިތުންވެލި އެވެ. "މިސްވީތަ؟..."
ޖިލްވާގެ ކައިރީގައި އިށީންގޮތަށް ޒެނިލް އޮށޯވެލައިފި އެވެ. އުނގުގައި ބޯ އަޅައިލި އެވެ. ޒެނިލް އޮތް ގޮތުން، ކޮންމެވެސް ކަމެއް ގޯސްވެއްޖެކަން ޖިލްވާއަށް އެނގުނެވެ. އެހެންނޫނީ ގެއަށް އަންނަ ގޮތަށް ޔޫން އާއި އެކުގައި ވަގުތުކޮޅެއް ހޭދަކޮށްލާފައި ނޫނީ ޒެނިލް އެހެން ކަމެއް ނުކުރާނެ އެވެ.
"އޯކޭތަ އަހަރެން މިހެން އޮވެ އިރުކޮޅަކު ނިދާލިޔަސް؟... ޖަސްޓް ފައިވް މިނެޓްސް..." ލޯ މަރާލައިގެން އޮވެ، ޒެނިލް އަހައިލި އެވެ.
ޖިލްވާ މަޑުމަޑުން ޒެނިލްގެ ބޯ މޮޑެލަދޭން ފެށި އެވެ. ވީކަމަކާއި ބެހޭގޮތުން ސުވާލު ކުރަން ބޭނުންވި ނަމަވެސް، ޖިލްވާ ޚިޔާރުކުރީ ހިމޭންކަމެވެ.
ޒެނިލްއަށް ނިދުނުތާ މާގިނަ އިރެއްނުވެ، ޖިލްވާއަށްވެސް ނިދޭގޮތް ވިއެވެ. މުށިތަކުގެ މަތީގައި ޔޫން ކުޅެން އިނުމުން، ނުނިދާ ވޭތޯ ޖިލްވާ ވަރަށް ހިއްވަރު ކުރި އެވެ.
ޖިލްވާއަށް ހޭލެވުނީ ކަރަށް ތަދުވެގެންނެވެ. ދެލޯ ހުޅުވައިލުމާއިއެކު، ފެނުނު މަންޒަރުން އޭނައަށް ހަޅޭއްލަވައިގަނެވުނެވެ. ފުންމައިގެން ތެދުވަން އުޅެވުނު ގޮތަކުން، އުނގުގައި ބޯ އަޅާލައިގެން އޮތް ޒެނިލް ތިރިއަށް ވެއްޓުނެވެ. ޒެނިލްއަށްވެސް ވީ ޖިލްވާއަށް ވީ ވަރެވެ. ލޯ ހުޅުވައިލި ވަގުތު ފެނުނު މަންޒަރުން ޖިލްވާއަށްވުރެ ބާރަށް ހަޅޭއްލަވައިގަތެވެ.
ޖުއާންގެ އިނީ ސޯފާގެ ކައިރީގަ އެވެ. އުނގުގައި ޔޫން އިންއިރު، އެ ކުއްޖާގެ މުޅި ގައިގައި އޮތީ ހުސް ކުލަ އެވެ. މޫނުން ފެންނަން އިނީ ހަމައެކަނި ދެލޮލެވެ. ރަތާއި ކަޅުގެ އިތުރުން ފެހިކުލަ މުޅި މޫނާއި ގައިގައެވެ. ޖިލްވާއަށް އަނގަމަތީގައި އަތް އަޅައިލެވުނެވެ. އެންމެ ފަސް މިނެޓަށް ދެލޯ މެރުނު ކަމަށްޓަކައި ޔޫން އޭގެ ފައިދާ ނެގީ އެވެ.
"އަހަރެން އައިއިރު، މިކުއްޖާ އިން ހާލު މީ... މީ އެކަންޏެއް ނޫނޭ ކޮށްލާފަ ހުރި ވަރަކީ، ބަލާބަލަ ގޭތެރެ..." ޖުއާން ދައްކައިލި ދިމާއަށް ޒެނިލް އާއި ޖިލްވާ ބަލައިލި އެވެ.
މުޅި ގޭތެރެ ހީވަނީ ގޮނޑެއް ހެންނެވެ. ސޯފާގެ ކައިރީގައި ބަހައްޓާފައިވާ މޭޒުމަތީގައި ހުރި ފޮތްތައް ވަރާލައި، ހުރިހާ ފޮތެއް އޮތީ ވީދާފަ އެވެ. މުޅި މުށިތަކުގެ މަތީގައި ކުލަ އެވެ. ޔޫން އަތްފޯރާ ފަށުގައި ހުރި ހުރިހާ އެއްޗެއް އޮތީ މުށިތަކުގެ މައްޗަށް ވަރާލާފަ އެވެ. ބައެއް އެއްޗެހި ފިސްކޮށްލާފަ އެވެ. ޓީވީގެ ރިމޯޓުވެސް އޮތީ ބޭނުން ނުކުރެވޭ ވަރަށް ކުދިކުދި ކޮށްލާފަ އެވެ.
"މިވަރުވީ އިރުވެސް ނުހޭލެވުނު..." ޖުއާން ދެފަރާތަށް ބޯ ހޫރައިލި އެވެ. "ނަސީބެއްނު، މުޅި ގެ ތިރިކޮށްނުލަނީސް އާދެވުނުކަން..."
އެންމެން އެއްފަހަރާ ހީގަތެވެ. ޔޫންވެސް މަޖާވެލާފައި ހޭން ފެށި އެވެ.
********
ފުލުހުންގެ ތަހުގީގު ކުރާ ހޯލުގައި އާރާ އިންއިރު، ޔޯހަން ހުރީ ބޭރުގައި ދެކޮޅަށް ހިނގާލަ ހިނގާލަ އެވެ. އާރާގެ ހާލެއް ނޭނގޭތީ ޔޯހަން ހުރީ ހާސްވެފަ އެވެ.
"މީ އާރާގެ ކާރުތަ؟..." ވޮން ސުވާލު ކުރިއިރު، އާރާގެ މޫނަށް އަރާފައިބަމުންދިޔަ ކުލަތަކަށް އޭނަ އިނީ ފުރިހަމައަށް ސަމާލުވެގެންނެވެ.
އާރާ ބޯ ޖަހައިލި އެވެ.
"މީ އާރާތަ؟..." ވޮން ދެން ދައްކައިލީ ޒެނިލްގެ ގޭގެ ބަގީޗާގެ ތެރެއިން އާރާ ނުކުންނަ މަންޒަރު ދައްކައިދޭ ވީޑިޔޯ އެކެވެ.
އާރާ އަނެއްކާވެސް ބޯ ޖަހައިލި އެވެ.
"ބަގީޗާއިން ނުކުންނަ ތަން މިފެންނަ ވަގުތު އެގޭގަ ހާދިސާއެއް ހިނގިކަން އެނގޭތަ؟..." ވޮންގެ ސުވާލުތައް ހުހެއް ނުވިއެވެ. "އެ އަމަލު ހިންގި މީހަކީ..."
"އަޅުގަނޑެއް ނޫން..." ވޮންގެ ޖުމްލަ ފުރިހަމަ ނުވަނީސް، އާރާ ދެކޮޅު ހެދި އެވެ.
"ދެން ކާކު؟..." ހަރުކަށި ރާގަކަށް ވޮން ސުވާލު ކުރި އެވެ.
"ނޭނގެ..." އާރާ ބުންޏެވެ.
"އިނގޭނެ..." ވޮންގެ އަޑު ބާރު ވިއެވެ. "ހުރިހާ ހެއްކެއް މިހުރީ އާރާ އާއި ދެކޮޅަށް... ބްލަޑް ސާމްޕަލް، ސީސީޓީވީ ފްޓޭޖް... އާރާގެ ކާރު... ތެދަށް ބުނަންޏާ، އާރާ ހައްޔަރު ކުރެވޭ ވަރަށް އަހަރެމެން އަތުގަ މިހާރު ހެކި އެބަހުރި... އިތުރަށް ސިއްރު ކުރުމުގެ މާނައެއް ނެތް..."
"އަޅުގަނޑެއް ނޫނޭ..." އާރާއަށް ރޮވޭގޮތް ވިއެވެ. "އަޅުގަނޑު ކީއްކުރަންތޯ ޒެނިލް ލޯބިވާ މީހަކަށް އެވަރުގެ ގެއްލުމެއް ދޭންވީ؟..."
"ތީ އަހަރެމެން ކުރަންޖެހޭ ސުވާލެއް..." ވޮން ބުންޏެވެ. "ކޮންމެ މީހަކުވެސް ކުށެއް ކޮށްފަ ބުނާ ވާހަކައަކީ ތީ...."
ޒެނިލް އައިއިރު، ޔޯހަން ހުރީ ތަހުގީގު ހޯލުގެ ބޭރުގައި ދެކޮޅަށް ހިނގާލަ ހިނގާލަ އެވެ. ޒެނިލް ފެނުމުން ޔޯހަން ބަލައިލީ ނުރުހިފަ އެވެ. ވީ ހުރިހާ ކަމެއްގައި ޒެނިލް ކުށްވެރިކުރާ ފަދައިންނެވެ. އެއިން ކަމަކަށް ސަމާލުކަން ދިނުމެއް ނެތި، ފުލުހުންނާއިއެކު، ޒެނިލް ގޮސް ވަނީ، ތަހުގީގު ކުރާ ކޮޓަރީގެ އެތެރެ ފެންނަގޮތަށް ހަދާފައިވާ ކޮޓަރިއަށެވެ. ތަހުގީގު ކުރާ ބައިގައި އާރާ އިނީ އިސްޖަހާލައިގެންނެވެ.
(ނުނިމޭ)