"ކިހިނެއްވީ؟... އަދިވެސް އެދުވަސް ހަނދާން ކުރަނީތަ؟..." ކެވިންގެ ސުވާލާއިއެކު ޖިލްވާއަށް ގިސްލެވެން ފަށައިފިއެވެ.
ކެވިން ވަގުތުން ރިފްއާނަށް ގޮވާފައި ޔޫން ގޮވައިގެން އެތެރެއަށް ވަނުމަށް އެދުނެވެ. ޖިލްވާއަށް ކެތްކޮށްލެވުނީ، ޔޫން ގޮވައިގެން ރިފްއާނު އެތެރެއަށް ވަންނަންދެނެވެ. އަޑުން އަޑުނަގައި ރޯން ފަށައިފިއެވެ.
********
"ޖިލް!... ހިއްވަރު ކުރަންވާނެ..." ކެވިން ކުރިއަށް ޖެހިލައި، ޖިލްވާގެ ބުރަކަށީގައި އަތް ޖައްސައިލިއެވެ. "މިއޮއް ހުރިހާ ދުވަހު ވެސް ޖިލް ހިއްވަރު ކުރީނު... އަދި މާ ހިއްވަރު ދެރަވާ ކަހަލަ ދުވަސްވެސް އަޔެއްނު..."
"ކެން!... ދެން މަންމަމެން ދުވަހަކުވެސް އަހަންނަށް މާފެއް ނުކުރާނެތަ؟..." ޖިލްވާގެ އަޑު ކުރެހުނެވެ.
"ކުރާނެ... އެމީހުން ޖިލްދެކެ ލޯބި ނުވާތީއެއް ނޫނޭ އެހެން ހެދީ..." ޖިލްވާއަށް ވިސްނައިދޭން ކެވިން މަސައްކަތް ކުރިއެވެ.
"އެކަމަކު، އޭގެ ފަހުންވެސް ކިހާ ދުވަހެއް މިވަނީ... އަހަރެން ދުނިޔޭގަ ހުރިތޯ ވެސް ބަލައިނުލާ... ބައެއްފަހަރު ހިތަށް އަރާ އެދުވަހު މަރު..." ޖިލްވާގެ ޖުމްލަ ފުރިހަމައެއް ނުކުރެވުނެވެ. އޭގެ ކުރިން ކެވިން ޖިލްވާގެ ތުންފަތުގައި އިނގިލި ޖައްސައިލިއެވެ.
ޒެނިލްގެ ކާރު އައިސް ރެސްޓޯރެންޓްގެ ކުރިމަތީގައި މަޑުކޮށްލީ އެވަގުތު އެވެ. ކުރިމަތިން ފެންނަން ހުރި އިމާރާތަށް ޒެނިލް ފުން ނަޒަރެއް ދިނެވެ. އާދައިގެ ފެންވަރަކަށް ހަދާފައިވާ އިމާރާތެކެވެ. އިމާރާތުގެ ބޭރުން މައްޗަށް އެރޭގޮތަށް ސިޑިއެއް ހުއްޓެވެ. ރެސްޓޯރެންޓް ބައި ހުރީ ތިރީގައެވެ. ބޭރުގައި ޕޯސްޓަރުތައް ހަރުކޮށްފައިވާއިރު، ކޮންމެވެސް ވަރަކަށް ގޮނޑި އާއި މޭޒުވެސް ބަހައްޓާފައި ހުއްޓެވެ.
"ލައްކަ ދުވަހު ފިލައިގެން އުޅެފީމެއްނު... ދެން ނުފިލޭނެ... ފިލިޔަކަ ނުވެސް ދޭނަން..." ޒެނިލް އިނީ އަމިއްލަ ނަފުސާއިމެދު ފަހުރުވެރިވެފައެވެ.
ޒެނިލްގެ ހިތުގެ ހަމަޖެހުން ގެއްލެއް މާގިނައިރެއް ނުނެގިއެވެ. ޖިލްވާ އާއި ކެވިން އެކުގައި ތިއްބައި ފެނުމުން، ޒެނިލްގެ ތަބީއަތު ބަދަލު ވިއެވެ. ޖިލްވާގެ ތުންފަތުގައި އަތް ޖައްސާލައިގެން ހުރިއިރު، ކެވިންގެ ނަޒަރު ހުއްޓިފައިވީ، ސީދާ ޖިލްވާގެ މޫނަށެވެ. ޒެނިލްއަށް ބަލަން އުނދަގޫވިފަދަ މަންޒަރެކެވެ.
"ޖިލް މާ ބޮޑަށް ކަންކަމާ ވިސްނަނީއޭ... މާޒީ އާ ދޭތެރޭ ދެން ނުވިސްނާ... އަހަރެމެން މިތިބީނު... ޔޫން ވެސް އެހުރީނު..." ޖިލްވާގެ ވާހަކަތަކުން ހިތުގައި ޖެހުނު ނަމަވެސް، ކެވިން ވާހަކަ ދެއްކީ ހަމަޖެހިގެންނެވެ. "އެދުވަހު، އަހަންނަށް ޖިލްގެ ފުރާނަ ސަލާމަތް ކުރުމުގެ ފުރުސަތު ލިބުނީތީ، އަމިއްލަ ނަފުސަށް ފަހުރުވެރިވަން..."
ޒެނިލްގެ ނޭވާ އަވަސްވަމުން ދިޔައެވެ. ކެތްތެރިކަން ކޮޅުންލިއެވެ. ޝަކުވާތައް ހިތުގައި ފުނިޖެހެން ފެށިއެވެ. ޖިލްވާގެ ކުރިމަތީގައި އެހުރީ ކާކު ހެއްޔެވެ؟ އިސްކޮޅުން ދިގު ބައިމަތި ފުޅާ ޒުވާނެކެވެ. އަޅައިގެން ހުރި ހެދުމުންވެސް، ޝާހީ ވައްތަރު ޖަހައެވެ. ކަސްރަތީ ހަށިގަނޑެކެވެ. އަންހެން ކުދިންގެ ހިތްތައް ކަތިލާފަދަ ފުރިހަމަ ކަމެއް އެ ޒުވާނާއަށް ލިބިފައިވާނޭ ކަމަށް ޒެނިލްއަށް ޤަބޫލު ކުރެވުނެވެ.
ޒެނިލްގެ ހިތުގައި ބިރުވެރިކަން އުފެދިއްޖެއެވެ. ކާރުގައި ކެތްކޮށްލަން އުނދަގޫ ވިއެވެ. އޭނައެކޭ އެއްގޮތަށް ޖިލްވާގެ ކުރިމަތީގައި އެހުރީވެސް ފިރިހެނެކެވެ. އެމީހާގެ ގާތްކަމުން ޖިލްވާއަށް އުނދަގޫ ނުވަނީ ކީއްވެ ހެއްޔެވެ؟ ދުރަށްޖެހިލަންވެސް ނޫޅެ ބުދެއް ހެން ކުރިމަތީގައި ހުރީ، އެމީހަކީ މާ ޚާއްސަ މީހަކަށް ވާތީ ހެއްޔެވެ؟ ނޫނީ އެމީހާގެ ފިރެހެންވަންތަކަމުގެ ޖާދޫގައި ޖިލްވާ ހަމަ ރަނގަޅަށްވެސް ޖެހުނީ ހެއްޔެވެ؟
ތޮފި ނަގައި ބޮލަށް ހެޔޮވަރުކޮށްލުމަށްފަހު، މާސްކު އަޅައިގެން ޒެނިލް ކާރުން ފޭބިއެވެ. ޖިލްވާ އާއި ދިމާއަށް ހިނގައިގަތްއިރު، ޒެނިލްގެ ކެތްތެރިކަން ވަނީ ކުޑަވެފައެވެ. ޑްރައިވަރު ކާރުން ފޭބުމުން، އަތުގެ އިޝާރާތުން ކާރުގައި މަޑުކުރުމަށް ޒެނިލް އެންގިއެވެ.
ޒެނިލް ހަލުވި ފިޔަވަޅުތަކެއްގައި އައިސް ޖިލްވާއަށް ފެންނަ ހިސާބުގައި މަޑުކޮށްލިއެވެ. ދެތިން ފަހަރަކު ކަރު ކެހިލުމުންވެސް ޖިލްވާއަށް އަޑު އިވޭ ގޮތެއް ނުވިއެވެ.
"އޮއްޕާ!..." ނޫންކަމަށް ހަދާލާފައި ޒެނިލް ބުންޏެވެ.
ޒެނިލް ފެނުމާއިއެކު، ޖިލްވާ ދިޔައީ ސިއްސައިގެންނެވެ.
"ވަގު؟...." ޖިލްވާއަށް ހިތާއި ހިތުން ބުނެވުނެވެ.
ކުރިމަތީގައި ހުރީ، ޖިލްވާ ކޮރެއާއަށް އައި ދުވަހު، ގާގަނޑަކުން ޖަހައި ބޯ ފަޅައިލި ޒުވާނާ އެވެ. ޖިލްވާ ބަލަން ފެށުމުން، ޒެނިލް އޭނާގެ ދެބުމަ ގޮށްޖަހައިލިއެވެ. މާސްކު ކުޑަކޮށް ތިރިކޮށްލާފައި، ރެސްޓޯރެންޓްގެ ތެރެއަށް ވަނުމަށް ލޮލުގެ އިޝާރާތުން އެދުނެވެ. ޒެނިލް ކަން އެނގުމާއިއެކު، ޖިލްވާއަށް ލިބުނީ ހައިރާން ކަމެކެވެ. ކޮރެއާއަށް އައި ފުރަތަމަ ދުވަހު ބައްދަލުވި މީހަކީވެސް ޒެނިލް ހެއްޔެވެ؟ ޖިލްވާއަށް ކެވިން އާއި ދުރަށްޖެހިލެވުނު ގޮތްވެސް ނޭނގުނެވެ.
ކޮރެއާއަށް އައީއްސުރެ، ޖިލްވާއަށް ދިމާވި ކޮންމެ ހާދިސާއެއް ގުޅިފައިވީ ޒެނިލް އާއެވެ. ހުރިހާ ކަމެއް ގޮސް ނިމެނީ ޒެނިލް އާއި ހަމައިންނެވެ. ނުރައްކަލުން ސަލާމަތް ވާން މެދުވެރި އަކަށް ވީވެސް ޒެނިލް އެވެ. ތަޤުދީރު އެ ދެެމީހުން ގުޅުމަށް ލިޔެވިފައި ވަނީ ހެއްޔެވެ؟
"ޖިލް ދޭ އެތެރެއަށް... ވަރަށް މުހިއްމު ކޯލެއް އައިއްސި..." ކެވިން އޭނާގެ ފޯނު ދައްކައިލަމުން ބުންޏެވެ. "ނިންމާލާފަ ދާނަން..."
ކެވިން ދުރަށް ޖެހިލިކަން އެއީ ޖިލްވާގެ ނަސީބެވެ. ކަރުނަތައް ފޮހެލާފައި ހަމަޖެހިލަމުން، ޒެނިލްގެ ފަހަތުން ޖިލްވާވެސް އެތެރެއަށް ވަނެވެ.
ރެސްޓޯރެންޓްގެ ތެރޭގައި ޒެނިލް ހުރީ ދެކޮޅަށް ހިނގާލަ ހިނގާލައެވެ.
"ކީއްކުރަން މިތަނަށް ތި އައީ؟..." ނުރުހޭ ގޮތް ދައްކައިލަމުން ޖިލްވާ ބުންޏެވެ. "މީހަކަށް ފެނިދާނެ..."
ރިފްއާން އައިސްދާނެތީ ޖިލްވާ ހުރީ ޖެހިލުންވެފައެވެ. ޖިލްވާ އާއި މެދު ކަން ހިނގައިދިޔަ ގޮތް އެނގުނު ނަމަވެސް، ޒެނިލް އަކީ ކާކު ކަން ރިފްއާނަށް ވެސް ނޭނގޭނެ އެވެ. އެނގޭކަށް ޖިލްވާ ބޭނުމެއްވެސް ނުވެއެވެ.
ޒެނިލް ކުއްލިއަކަށް ޖިލްވާގެ ދެއަތުގައި ހިފައިލިއެވެ.
"ޖިލް!... ކީއްވެ އަހަންނަށް އެއްވެސް ކަމެއް ޝެއާ ނުކުރަނީ؟..." ޝަކުވާގެ ރާގެއްގައި ޒެނިލް ބުންޏެވެ. "ޖިލްގެ ކޮންމެ ވާހަކައެއް އަހަރެން އަޑު އަހާނަމޭ... އަހަރެން ތިހާ ދުރުކޮށްނުލާ!..."
"ހިނގާ ބޭރަށް..." ޖިލްވާ އުޅުނީ އެތަނުން ނުކުންނާށެވެ.
"ނޫން..." ޒެނިލް ދެކޮޅު ހެދިއެވެ. "ޖިލް އަހަރެން އެހާ ދުރުކޮށްލާ ސަބަބެއް ބުނެބަލަ..."
ޖިލްވާ ކިތަންމެ މަޑުން ވާހަކަ ދެއްކި ނަމަވެސް، ޒެނިލް ހީވީ އެހެން މީހުންނަށް އަޑު އިއްވަން އުޅުނު ހެންނެވެ. ޖިލްވާ ހާސްވެގެން މީހަކު ފެންނަން ހުރިތޯ ހޯދައިލިއެވެ.
ޝަކުވާތަކުން ޒެނިލްގެ ހިތް ފުރިގެން އައެވެ. ޖިލްވާ ހީވަނީ އެހެން މީހެއް ހެންނެވެ. ކުރިން އެ ދެލޮލުން ފެނުނު ލޯބި، މިއަދު ފެންނަހެން ހީވި ނަމަވެސް، އަމަލުތައް ތަފާތެވެ.
"އަހަރެން މިއައީ... ޖިލް އެކަނިވިޔަކަ ނުދޭނަން... އައި ޕްރޮމިސް..." ޒެނިލް މަސައްކަތް ކުރީ ޖިލްވާ އާއި ހަތަރުކަޅި ހަމަކުރާށެވެ.
"ޝްޝްޝް..." ޖިލްވާ ވަށައިގެން ހޯދައިލިއެވެ. "ތަންކޮޅެއް މަޑުން ވާހަކަ ދެއްކިޔަސް، އަޑު އިވެއޭ..."
"އެއީ ކާކު؟..." ޒެނިލް ކުއްލިއަކަށް ކުރި ސުވާލަކުން ޖިލްވާ ހާސްވާގޮތް ވިއެވެ.
"ޒެނިލް!... ޕްލީޒް އިހަށް މިތަނުން ގޮސްދީ..." ޖިލްވާ އާދޭހާއިއެކު އެދުނެވެ.
"ކިހިނެއްވީ؟... އެއީ މާ ޚާއްސަ މީހަކީތަ؟..." ޒެނިލްގެ އަޑުގައި ރިހުން އެކުލެވިގެން ވިއެވެ. "އަހަރެން މީ ޖިލްއަށް އެއްވެސް މީހެއް ނޫންތަ؟... އަހަރެމެން ދެމީހުންގެ ދޭތެރޭ...."
"އެވާހަކަ ނުދައްކަފާނަންތަ؟..." ޖިލްވާގެ އަޑު ކުރެހުނެވެ.
"ކީކޭ؟..." ޒެނިލްގެ ދެލޯ ފެންކަޅި ވިއެވެ. "ތިބުނަނީ ވީ ކަމެއް ނުވާ ކަމަކަށް ހަދާލާށޭތަ؟... ތީ އަހަންނަށް ކުރަން ފަސޭހަ ކަމެއް ނޫން... އަހަރެންގެ މުޅި ނަފުސުގެ މައްޗަށް ބާރު ފޯރުވި ހަމައެކަނި އަންހެން ކުއްޖަކީ ތީއޭ... އަހަންނަށް އެނގޭ އެއީ ޖިލްގެ ފުރަތަމަ ފަހަރު ކަންވެސް... އެހެންވެ އަހަންނަށް ޖިލް އެހާ ޚާއްސަ ވީވެސް... ޖިލްއަށް ހަމަ އެހާ ފަސޭހަތަ އެކަންތައް މަތީން ހަނދާން ނައްތާލަން؟.... އަހަންނަކަށް ފަސޭހައެއް ނޫން..."
ކަންދިމާކުރި ގޮތުން، ރެސްޓޯރެންޓްގައި އިތުރު މީހަކު ނެތް ވަގުތެކެވެ. ރިފްއާނުވެސް ފެންނާކަށް ނެތެވެ. ޖިލްވާ ހުރީ ބުނާނެ އެއްޗެއް ވެސް ނޭނގިފައެވެ. ކުއްލިއަކަށް ޒެނިލް އައުމުން، އޭނަގެ ބޮލުގައި ރިއްސަން ފެށިއެވެ. ކަންތައްތައް ބޮއްސުން ލައިފާނޭހެން ހީވިއެވެ. އަނެއްކޮޅުން ޒެނިލް ދައްކަމުންދިޔަ ވާހަކައިން، ޖިލްވާއަށް އޭނަގެ އަމިއްލަ ނަފުސު ކުށްވެރި ކުރެވެމުން ދިޔައީ މާ ވަރަކަށެވެ. ޒެނިލް އާއިއެކު ފެށުނު ގުޅުމެއްގެ ސަބަބުން، ޖިލްވާއަށް މާޒީގައި އެތަކެއް ހިއްދަތި ހާދިސާތަކާއި ކުރިމަތިލާން ޖެހުނެވެ.
ޒެނިލްގެ ދެލޮލަށް ޖަމާވި ކަރުނަތައް ހިންދައިލަން މަސައްކަތް ކުރަމުން ގަދަކަމުން ހިނިތުންވެލިއެވެ.
"މީހުން ބުނޭ އަބަދުވެސް އަންހެން ކުދިންނަށް ދެރަދީފަ ފިލަނީ ފިރިހެނުންނޭ... އަހަރެންގެ ހިތް ޤަބޫލު ކުރާކަށް ބޭނުމެއް ނުވޭ ޖިލް އަހަރެން ޔޫސް ކުރީއޭ..." ޒެނިލްގެ ޖުމްލަ ނުނިމެނީސް، ޖިލްވާ އަނެއް ފަރާތަށް އެނބުރުނެވެ.
ޖިލްވާގެ ދެލޮލަށް ޖަމާވި ކަރުނަތައް އިޚުތިޔާރުން ބޭރުގައި ކޯތާފަތް މައްޗަށް ފައިބައިގެންފިއެވެ. ޒެނިލްދެކެ ޖިލްވާ ލޯބި ވަނީ ހިތާއި ފުރާނައިންނެވެ. ހިތުގެ އިހުސާސްތައް މިއަދުވެސް ބަދަލެއް ނުވެއެވެ. އެކަމަކު، މާޒީ ހަނދާން ނައްތާލާފައި ޒެނިލް އާއިއެކު އުޅެން ޖިލްވާއަށް އެތައް ހުރަހެއް އެބަ އޮތެވެ. ބައެއް ކަންކަމަކީ ހާމަކުރަން ފަސޭހަ ކަންކަމެއް ނޫނެވެ.
"ފެންފުޅިއެއް ހިފައިގެން އެބަ އަންނަން..." ޖިލްވާ ހިނގައިގަތެވެ.
ޒެނިލް ކުއްލިއަކަށް ތެދުވިއެވެ. ޖިލްވާގެ އަތުގައި ހިފައިގެން ގެންގޮސް ބަދިގެއަށް ވެއްދިއެވެ. އެއަށްފަހު ޖިލްވާގެ ގައިގައި ބައްދައިލިއެވެ.
"އަހަރެންގެ އިހުސާސްތައް އަދިވެސް ބަދަލެއް ނުވޭ..." ޒެނިލްގެ އަޑު އިވުމާއިއެކު ޖިލްވާއަށް ދެލޯ މަރައިލެވުނެވެ. "އަހަރެން ޖިލް ވަރިއެއް ނުކުރަން... އަދިވެސް ތީ އަހަރެންގެ އަނބިމީހާ..."
ޒެނިލް އާއި ދުރަށްޖެހެން ޖިލްވާ މަސައްކަތް ކުރިއެވެ. އެއިން ކޮންމެ ފަހަރަކު ޒެނިލްގެ އަތުގެ ތެރޭގައި ޖިލްވާ ފިތެމުން ދިޔައެވެ.
"ޕްލީޒް ދޫކޮށްލަބަލަ... މީހަކު އައިސްދާނެއޭ..." ޖިލްވާއަށް ރޮވޭގޮތް ވިއެވެ.
"އެންމެންނަށް ފެނުނަސް އޯކޭ... ތީ އަހަރެންގެ އަނބިމީހާ އޭ..." ޒެނިލް ތަކުރާރުކޮށް ބުނަމުން ދިޔައެވެ.
"ކިހިނެއް ވެގެން މިއުޅެނީ؟..." ކެވިންގެ އަޑަށް ޒެނިލް އާއި ޖިލްވާ ވެސް ސިހުނެވެ.
ޒެނިލްގެ އަތްދަށުން ސަލާމަތްވެގެން ޖިލްވާ އަވަހަށް ކެވިންގެ ކައިރިއަށް ދިޔައެވެ.
"ޖިލްވާ އަކީ އަދިވެސް އަހަރެންގެ އަނބިމީހާ..." ޒެނިލް ފޮރުވާކަށް ނޫޅުނެވެ.
"އަނބިމީހާ އޭ..." ކެވިން ހީގަތެވެ. "ކޮބާ ހެކި؟..."
"ހެކި؟... ހެކި؟..." ޒެނިލްއަށް ވިސްނައިލަން މަޖުބޫރު ވިއެވެ.
ޖިލްވާ އާއި ޒެނިލްގެ ކައިވެންޏަށްފަހު، އެ ކައިވެނި ރަޖިސްޓްރީ ކުރަން، ޒެނިލްގެ ހަނދާނުން ކައްސައިލީއެވެ. އެކަން ހަނދާންވުމުން، ޒެނިލްގެ ތަބީއަތު ބަދަލު ވިއެވެ. ޖިލްވާ އޭނަ އާއި ދުރުން އުޅެނީ އެހެންވެ ހެއްޔެވެ؟ އެހެންވިއްޔާ އޭނައަށް އެކަން ހައްލުވެސް ކުރެވިދާނެއެވެ.
"މިއަދަށްފަހު ޖިލްއަށް އުނދަގޫ ނުކުރާތި..." ކެވިން އަމުރު ކުރިއެވެ. "ދެން އެންމެ ރަނގަޅު ދިޔަސް..."
"ޖިލް!..." ޒެނިލް ގޮވައިލީ ގޮތް ހުސްވެފައިވާ ރާގަކަށެވެ. "އަހަރެން މިކައިވެނި ދަމަހައްޓާނަން... ކައިވެނި ރަޖިސްޓްރީވެސް ކުރާނަން... އަހަންނަށް އެނގޭ، ޖިލްވެސް އެގޮތް ބޭނުންވާކަން..."
ޖިލްވާ އެއްޗެއް ނުބުނުމުން ޒެނިލްގެ ހިތް މަރުވިއެވެ. ހަށިގަނޑުގެ ވަރު އެލުނެވެ. ޒެނިލް ދާން ހިނގައިގަތުމުން، ކެވިންއަށް ދޫކޮށްލެވުނީ ފުން ނޭވާއެކެވެ. ކެވިން ހީކުރީ، އެކަން ދާދި ފަސޭހައިން ނިމުނީ ކަމަށެވެ.
(ނުނިމޭ)