"އަޅުގަނޑެއް ނޫނޭ..." އާރާއަށް ރޮވޭގޮތް ވިއެވެ. "އަޅުގަނޑު ކީއްކުރަންތޯ ޒެނިލް ލޯބިވާ މީހަކަށް އެވަރުގެ ގެއްލުމެއް ދޭންވީ؟..."

"ތީ އަހަރެމެން ކުރަންޖެހޭ ސުވާލެއް..." ވޮން ބުންޏެވެ. "ކޮންމެ މީހަކުވެސް ކުށެއް ކޮށްފަ ބުނާ ވާހަކައަކީ ތީ...."

********

ޒެނިލް އައިއިރު، ޔޯހަން ހުރީ ތަހުގީގު ހޯލުގެ ބޭރުގައި ދެކޮޅަށް ހިނގާލަ ހިނގާލަ އެވެ. ޒެނިލް ފެނުމުން ޔޯހަން ބަލައިލީ ނުރުހިފަ އެވެ. ވީ ހުރިހާ ކަމެއްގައި ޒެނިލް ކުށްވެރިކުރާ ފަދައިންނެވެ. އެއިން ކަމަކަށް ސަމާލުކަން ދިނުމެއް ނެތި، ފުލުހުންނާއިއެކު، ޒެނިލް ގޮސް ވަނީ، ތަހުގީގު ކުރާ ކޮޓަރީގެ އެތެރެ ފެންނަގޮތަށް ހަދާފައިވާ ކޮޓަރިއަށެވެ. ތަހުގީގު ކުރާ ބައިގައި އާރާ އިނީ އިސްޖަހާލައިގެންނެވެ.

"ކިހިނެއް ވަނީ؟..." ޒެނިލް ސުވާލު ކުރި އެވެ.

"ރެސްޕޯންޑެއް ނުކުރޭ މިހާރު..." ކިމް ބުންޏެވެ. "ކަމެއް ނުކުރާ ކަމަށް ބުނަނީ... އެކަމަކު އެކަން ކުރި މީހެއްވެސް ބުނީކީ ނޫން... އެގަޑީ އެތާ ހުރީ ކީއްވެ ކަމެއްވެސް ބުނީއެއް ނޫން..."

"އަޅުގަނޑު ވާހަކަ ދައްކާލަންތޯ؟..." ޒެނިލް އަހައިލި އެވެ.

ތަހުގީގު ކުރާ ހޯލުން ވޮން ނުކުތުމުން ޒެނިލް އެތެރެއަށް ވަނެވެ. ޒެނިލް ފެނުމުން އާރާ ތެދުވިއެވެ. ކަރުނުން ފުރިފައިވާ ދެލޮލުން ޒެނިލްއަށް ބަލަން ހުރީ، ސަލާމަތްކޮށްދޭށޭ ބުނާ ފަދައިންނެވެ. އާރާ ހުރިގޮތް ފެނުމުން، ޒެނިލްގެ ހިތަށް ހަމްދަރުދީ ވަނެވެ. ދެރަ ވިއެވެ.

"އާރާ!..." ޒެނިލް ގޮވައިލީ އޯގާތެރި ރާގަކަށެވެ. "އަހަރެން އާރާއަށް އިތުބާރު ކުރާ ވަރަށް އާރާވެސް އާރާގެ އަމިއްލަ ނަފުސަށް އިތުބާރެއް ނުކުރާނެ... އެކަމަކު، ހުރިހާ ހެއްކެއް އެހުރީ އާރާ އާއި ދެކޮޅަށް... އެއީ އާރާ ކަން ގަބޫލު ކުރަން ބޭނުން ނުވިޔަސް، އެކަން ކުރީ އާރާއެއް ނޫނޭ ބުނެވޭކަށް ނެތް... އާރާއަށް އިތުބާރު ކުރަން އަހަރެން ބޭނުން... އެންމެ ފަހަރަކުވެސް ބުނެބަލަ ކަންތައް ވީގޮތް... އަހަރެން އާރާ ދައްކާ ވާހަކަ ގަބޫލު ކުރާނަން..."

"ޒެލް!... އަހަރެން ދިޔައީ މީހަކަށް އަނިޔާއެއް ދޭކަށް ނޫން... އަހަރެން މީ އެއްވެސް އިންސާނަކަށް އެކަހަލަ އަނިޔާއެއް ދޭނެ މީހެއްވެސް ނޫން... އެކަންކުރީ އަހަންނެއް ނޫން... އެކަމަކު..." ވަކި ހިސާބަކަށް ބުނެފައި އާރާ ހުއްޓައިލި އެވެ. އުނދަގޫ ގޮތަކަށް ހިންދިރުވައިލުމަށްފަހުގަ އެވެ.

"އެކަމަކު ކިހިނެއްވީ؟... އެމީހާ ފެނުނީތަ؟..." ޔަގީންކޮށްލާ ފަދައިން ޒެނިލް އަހައިލި އެވެ.

އާރާ މަޑުމަޑުން ބޯ ޖަހައިލި އެވެ. ޒެނިލް އާރާ ގެންގޮސް ގޮނޑީގައި ބޭންދި އެވެ.

"އަހަރެން ދިޔައީ، ޖިލްވާއަށް އިންޒާރު ދޭން..." އާރާ ކިޔައިދޭން ފެށި އެވެ. "ކާރު ޕާކުކޮށްފަ އަހަރެން ޒެލްގެ ގެއަށް ވަންނަން ދިޔައިރު، ފާރުމަތިން އެމީހަކު ދިޔައީ ދުވެފަ... އަހަރެން ހީކުރީ، ވަގެއް ކަމަށް... އެހެންވެ، އަހަރެން އެމީހަކަށް ފާރަލަމުން ގޮސް ބަގީޗާ ތެރެއަށް ވަދެ ފިލާ ހުރީ... އެކަމަކު އޭގެ އިރުކޮޅެއްފަހުން، އަޑުފަށްގަނޑެއް އިވިގެން އަހަރެން މަތި ބަލައިލިއިރު، އެމީހަކު ކުޑަދޮރުން ފުންމައިލަނީ... ސަލާމަތްވާން އަހަރެން އުޅުނީ ބަގީޗާ ތެރެއިން ނުކުންނަން... ދެން ނޭނގުނު ވީގޮތެއްވެސް... ވެއްޓުނު ގަޑީ ކޮންމެވެސް އެއްޗަކަށް ހެރުނުހެންވެސް ހީވި... އަހަންނަށް ގެއާއި ހަމައަށް ދެވުނީ ކިރިޔާ..."

"އާރާއަށް އަނިޔާވީ އެހެންވެތަ؟..." ޒެނިލްގެ މޫނުން ފެނުނީ އަމިއްލަ ނަފުސު ކުށްވެރިކޮށްފައިވާ ކަމުގެ އަސަރުތަކެވެ. ކުށެއް ނެތި، އާރާއަށް ޝައްކު ކުރެވުނީތީ އޭނަ ދެރަވިއެވެ. "އެމީހެއްގެ މޫނު ފެނުނުތަ؟..."

އާރާ ބޯ ޖަހައިލި އެވެ.

"ވަރަށް އަނދިރިކޮށް އެތަން އޮތީ... އެމީހަކު ހުރީ މާސްކުވެސް އަޅައިގެން... ހަމައެކަނި ލޯ ފެންނަވަރުވީ... ކާކު ކަން ވަކިކުރާކަށް ނޭނގުނު... އެކަމަކު، އެމީހެއްގެ ދެލޮލުގެ ކަޅީގަ ހުރީ މަޑު މުށިކުލަ..." އާރާ ކިޔައިދިނެވެ. "އެ އަނދިރީގަވެސް ލޯ ކޮންމެވެސް ވަރަކަށް ދިއްލިފަ ހުރީމަ އެހާ ބޮޑަށް ފާހަގަ ވީ..."

ޒެނިލް ވިސްނައިލި އެވެ. އާރާ ބުނިފަދަ ކަޅިއެއް ހުރީ ކާކުގެ ތޯއެވެ. ވިސްނާ ވިސްނައިވެސް އޭނަގެ ސިކުނޑިއަކަށް އެފަދަ މީހެއް ނައެވެ.

"ޒެލް!... ކުރިން ޒެލް އުޅުނީ ކިހާ ހަމަޖެހިގެން... އެކަމަކު ޖިލްވާ އައިފަހުން، ޒެލްއަށް ހަމަޖެހުމެއް ލިބުނުތަ؟... އަބަދު އޭނަގެ ކަންކަމާ ވިސްނާ ފިކުރުކޮށްފަ، އެހެން މީހަކާ ދޭތެރޭ ވިސްނާލާނެ ވަގުތެއް ޒެލްއަށް ވޭތަ މިހާރު؟... އެތައް އަހަރެއް ވީ އަހަރެމެންގެ އެކުވެރިކަމަށް... އެކަމަކު ޒެލް މިހާރު އަހަންނަށްވެސް އިތުބާރެއް ނުކުރޭ..." އާރާ އޭނާގެ ހިތުގެ ޝަކުވާތަކުގެ އަޑު ބޭރު ކުރަން ފެށި އެވެ. "ޒެލް!... އޭނަ އެ އުޅެނީ، ޒެލްދެކެ ލޯތްބަކުން ނޫން... އެއުޅެނީ ޒެލްގެ ފައިސާ އާއި މުދާތަކާއި ހެދި... އެ ހާދިސާ އަކީވެސް އޭނަ ކުޅެލި ޑްރާމާއަކަށް ވާނީ... ޔަގީން އޭނަގެ ގާތް މީހަކާ ބައިވެރިވެެން ކުރި ކަމަކަށް ވާނީ... އަވަހަށް އޭނަ ކައިރިން ސަލާމަތްވޭ ޒެލް...."

********

ސިޓިންގްރޫމުގައި ޔޫން އިނީ ކުޅޭށެވެ. ކައިރީގައި އާއިޝާ އިންއިރު، ޔޫން ހެއްވައިލަން މަސައްކަތް ކުރަމުން ދިޔަ އެވެ. އެ މަންޒަރު ބަލަން ޖުއާން އާއި ޖިލްވާ ތިބީ ސޯފާގައި އިށީނދެލައިގެންނެވެ.

"އަހަރެން ވާހަކައެއް އަހާލަންތަ؟..." ޖުއާން ސުވާލު ކުރި އެވެ.

"ޖުއާން ކޮންއިރަކުތަ، އަހަރެން ކައިރީ އަހާފަ ސުވާލު ކުރަން ފެށީ؟..." ޖިލްވާ ލާނެތް ރާގަކަށް އަހައިލި އެވެ.

"އަހަރެން މީ ހަމަ އަސްލުވެސް އެހާ ގޮތެއް ނެތް މީހެކޭތަ ތި ބުނަނީ؟..." ޖުއާންވެސް ޖެއްސުންކޮށްލުމުގެ މަގުސަދުގައި އަހައިލި އެވެ.

"ތީ ވަރަށް ބަސްއަހާ ކުއްޖެއް... ޖިލް ވަރަށް ލޯބިވޭ..." ޖިލްވާ ބުންޏެވެ.

މަޖާވެލާފައި އިން ޖުއާން ހިމޭން ވިއެވެ. ޖިލްވާ ބުނި ޖުމްލައިން އޭނަގެ ހިތަށް ތަދުވުން ނޫން ކަމެއް ނުވިއެވެ. ހަމަ ހަގީގަތުގައި ވެސް ޖިލްވާ ލޯބި ވާނެ ނަމައޭ ޖުއާންގެ ހިތަށް އެރި އެވެ. އެކަމަކު އަމިއްލަ ބޭބެގެ ބައިވެރިޔާ ޖަހައިގަތުމަކީ އޭނަ ދުވަހަކުވެސް ކުރަން ބޭނުންވާ ކަމެއް ނޫނެވެ.

"ދެން ބުނެބަލަ، ކެވިން އާ ދިމާވީ ކިހިނެއްތަ؟..." ޖުއާން އަހައިލި އެވެ.

ޖިލްވާ އިރުކޮޅަކު ވިސްނައިލި އެވެ.

"އެކްސިޑެންޓެއް ވާން އުޅެނިކޮށް..." މާޒީ ހަނދާންކޮށްލަމުން ޖިލްވާ ވާހަކަ ފެށި އެވެ. "ކެވިންގެ ކާރުގަ ޖެހިފަ ޖިލް ވެއްޓުނީ... އެއީ ފުރަތަމަ ދުވަސް... ފަހުން ދިމާވީ ހޮސްޕިޓަލުން... ޔޫން ބަލިވެގެން އުޅުނުއިރު..."

"ދެން ކިހިނެއް ޔޫންގެ އޮޕަރޭޝަން ކަންތައް ހަމަޖެހުނީ؟..." ޖުއާން އިތުރަށް ޝައުޤުވެރި ވިއެވެ.

"ޑޮކްޓަރ ބުނީ، ކެވިންގެ ދަރިފުޅު އޮތީ އުއްމީދު ކަނޑާލާފައޭ..." ޖިލްވާއަށް ވާހަކަ ދައްކަން އުނދަގޫވި ނަމަވެސް، ހިއްވަރުކޮށްފައި ކިޔައިދޭން ފެށި އެވެ. "ދެން ޔޫންއަށް ހާޓްއެއް ހޯދަންޖެހިފަ އޮތީމަ، ޑޮކްޓަރ ބުނީ ކެވިން އާއި ވާހަކަ ދައްކާލަބަލާށޭ ވެސް... ޑޮކްޓަރ އަމިއްލައަށް ކެވިންގެ މައުލޫމާތު ދިނީވެސް... އެދުވަހު ދެން ކެވިން އާއި ބައްދަލު ކުރަން ގޮއްސަ އެވާހަކަ ބުނަން ނުކެރިގެން ޖިލް އައީ... ދެން ފަހުން ކެވިން އައީ ޖިލް އާ ބައްދަލު ކުރަން... ކެވިންއަށް އެނގުނީ، ޑޮކްޓަރުގެ ފަރާތުންނޭ ބުނީ..."

"ކެވިން ބުނީތަ އެއީ އޭނަގެ ދަރިފުޅޭ؟..." ޖުއާން އަހައިލި އެވެ.

"ޖުއާން މިހާރު ހީވަނީ ޕޮލިހެއް ހެން..." ޖުއާން މާގިނަ ސުވާލު ކުރަން ފެށުމުން ޖިލްވާއަށް އުނދަގޫ ވިއެވެ.

"ޕޮލިހަކަށް ވާށޭ މިއުޅެނީ؟... އެހެންވެ ދަސްކުރަނީ..." ޖުއާން ހީގަތެވެ.

"ޖުއާން އަކާ ނުގުޅޭނެ ޕޮލިސް ޔުނީފޯމެއް..." ޖިލްވާ ދިމާކުރި އެވެ. "ވަރަށް ހަޑިވާނެ... ހީވާނީ ހަމަ ތުނޑު ހިމަ ފަންސޫރެއް ހެން..."

ޖުއާން ތެެދުވެގެން ދިޔުމުން، ޖިލްވާ އިނީ ވާނުވާ ނޭނގިފަ އެވެ. ރުޅި އައިސްގެން ދިޔައީ ކަމަށް ހީކޮށް ޖިލްވާއަށް އަމިއްލަ ނަފުސު ކުށްވެރި ކުރެވުނެވެ. ޖުއާން އާއި ދިމާއަށް އޭނަ ކޮންމެ އެއްޗެއް ވެސް ކިޔަނީ، ޖުއާންވެސް އެފަދައިން އޭނަ އާއި ސަމާސާ ކުރާތީ އެވެ.

ކުޑަ އިރުކޮޅެއް ފަހުން، ޖުއާން އޭނާގެ ކޮޓަރިން ނުކުތްއިރު ހުރީ ފުލުހުންގެ ރަސްމީ ޔުނީފޯމުގަ އެވެ. ޖިލްވާގެ ދެލޯ ބޮޑުވިއެވެ. ސޯފާއިން ތެދުވެވުނެވެ. ކަޅި ޖަހައިވެސް ނުލައި އޭނަ ހުރީ ޖުއާންއަށް ބަލާށެވެ. ޖިލްވާ އާއި ދިމާއަށް އެއްލޯ މަރައިލުމަށްފަހު ޖުއާން ގޮސް އިށީނީ އާއިޝާގެ ކައިރީގަ އެވެ.

"ދަރިފުޅު މިއަދުތަ ޑިއުޓީއަށް ނުކުންނަން ޖެހެނީ؟..." އާއިޝާ އަހައިލި އެވެ.

ޖުއާން ބޯ ޖަހައިލީ އާއިޝާގެ ގައިގައި ބައްދައިލާފަ އެވެ.

"ފޭކު މީހާ!... ކީއްވެ ނުބުނީ؟... ހަމަ ޖިލް ވީމަ..." ޖިލްވާ އައިސް ޖުއާންގެ ކަންފަތުގައި ހިފައި ކޮޅަށް ނެގި އެވެ.

ޒެނިލް އައިސް ގެއަށް ވަނީ، ޖިލްވާ އެހެން ހުއްޓަ އެވެ. ސިޓިންގްރޫމުގައި އެންމެން ތިބިއިރު، އެއިން އެކަކުވެސް ޒެނިލްއަށް ނުފެންނަ ކަހަލަ އެވެ. ޒެނިލް ގޮސް ކޮޓަރިއަށް ވަނުމުން، ޖިލްވާ އަވަސް އަވަހަށް ކޮޓަރި އާއި ދިމާއަށް ދިޔައެވެ. ކޮންމެވެސް ކަމެއް ގޯސްވެއްޖެ ކަން އެނގުމުންނެވެ.

ޖިލްވާ ކޮޓަރިއަށް ވަންއިރު، ޒެނިލް ފެންނާކަށް ނެތެވެ. ޒެނިލް ލައިގެން ހުރި ގަމީސް އޮތީ އެނދުމަތީގަ އެވެ. މާގިނައިރެއްނުވެ، ޒެނިލް ނުކުތީ ފާޚާނާއިންނެވެ. އުނަގަނޑުގައި ތުވާލިކޮޅު އައްސާލާފައި އޮތްއިރު، ޒެނިލްގެ ތަނަވަސް ހަށިގަނޑު ހުރީ ހާމައަށް ފެންނާށެވެ. ޖިލްވާ އުޅުނީ ކޮޓަރިން ނުކުންނާށެވެ. ޒެނިލް އެ އަތުގައި ހިފައިލި އެވެ.

"ޖިލް!..." ޒެނިލްގެ އަޑުގައި އެތައް ހާސް ރިހުމެއް ވިއެވެ. "ކުޑަކުޑަ އިރުކޮޅަކަށް މިތާ ހުރެލަދީބަލަ..."

ޒެނިލް ޖިލްވާގެ ކޮނޑުގައި ނިތްކުރި ޖައްސައިލި އެވެ. އެގޮތަށް ދެލޯ މަރާލައިގެން އިރުކޮޅަކު އޮތެވެ.

"އެއްވެސް ސުވާލެއް ނުކުރާނަންތަ؟..." ޒެނިލް އަހައިލި އެވެ.

"ޒެލް ކިޔައިދޭން ބޭނުންވީމަ ކިޔައިދޭނެކަން އެނގޭ..." ޖިލްވާ ބުންޏެވެ.

"މިއައީ އާރާ އާ ބައްދަލުކޮށްފަ..." ޖިލްވާ އާއި ދުރަށްޖެހިލަމުން ޒެނިލް ބުންޏެވެ. "އަހަރެން ހީކުރީ އެކަން ކުރީ އާރާ ކަަމަށް... އަހަރެން އާރާއަށް ޝައްކުކުރީ އާރާގެ އެއްވެސް ކުށެއް ނެތި... އެކަމާ އަމިއްލަ ނަފުސު ކުށްވެރި ކުރެވުނު، އެކަމަކު... އޭނަ ޖިލްގެ ބޮލުގަ އެ އިލްޒާމް އެޅުވީމަ އަހަރެން މިއައީ ހުރިހާ ގުޅުމެއް ކަނޑާލާފަ..."

"ޒެލް!..." ޖިލްވާ ގޮވައިލީ ޝަކުވާގެ ރާގަކަށެވެ.

"އަހަރެންގެ ހިތަކަށް ކެތެއް ނުވޭ ޖިލް އާއި ދިމާއަށް މީހަކު ގޯސް އެންމެ ބަހެއް ބުނާ އަޑު އަހާކަށްވެސް... އެހާވެސް އަހަރެން ޖިލްދެކެ ލޯބިވޭ..." ޒެނިލްގެ ދެލޯ ފެންކަޅި ވިއެވެ.

ޖިލްވާ ހުރީ ބަސް ހުއްޓިފަ އެވެ. ޒެނިލް އޭނަދެކެވާ ލޯބި ކޮންމެ ކަމަކުން ހާމަކޮށްދޭއިރު، އޭނަގެ ފަރާތުން ޒެނިލްއަށް އެތައް ހިތާމައެއް ކުރިމަތި ވާތީ އެވެ. ގާތް އެކުވެރިއެއް ވެސް ގެއްލުނީ އެވެ. މާދަމާ ކަންތައް ވާނީ ކިހިނެއް ކަމެއް ލަފާކޮށްލަންވެސް ނޭނގެ އެވެ.

********

ނިދިފައި އޮތް ހަމްދާއަށް ބަލަން އާމިރު އިނެވެ. އަބަދު ފިކުރު ކުރުން ނޫންކަމެއް ހަމްދާ ކުރާތަނެއް އާމިރަކަށް ނުފެނެ އެވެ. ނިދީގައިވެސް ހަމްދާ ތަހަންމަލް ކުރަމުން ދަނީ ވޭން ކަން، އެ މޫނަށް ވަމުންދިޔަ ގޮތްތަކުން އާމިރަށް އެނގުނެވެ.

ބާރަށް ހަޅޭއްލަވައިގަނެފައި ހަމްދާ ފުންމައިގެން ތެދުވީ، ބިރުވެރި ހުވަފެނެއް ފެނިގެންނެވެ.

"އާމިރު!... އަހަރެމެންގެ ދަރިފުޅަށް ބޮޑު ކަމެއް ދިމާވާން އެބަ އުޅޭ... އަހަންނަކަށް ދެން ކެތެއް ނުވާނެ... އަހަރެން އެމަންޖެ ކައިރިއަށް ފޮނުވައިދީ... ހެޔޮނުވާނެ..." ހަމްދާ ފެށީ ރޯށެވެ.

"ހަމްދާ ހަމަޖެހިބަލަ..." އާމިރު މަސައްކަތް ކުރީ ހަމްދާ ހަމައަކަށް އަޅުވާށެވެ.

ހަމްދާ ހަމައަކަށް ނޭޅުނެވެ. ރުއިން ނޫން ކަމެއް ނުކުރި އެވެ. އެންމެފަހުން އާމިރަށް ޖެހުނީ ދަތުރު ހަމަޖައްސާނެ ކަމުގެ ޔަގީންކަން ދޭށެވެ.

********

ނިދަން އުޅެއުޅެ ޖިލްވާގެ ދެލޮލަށް ނިންޖެއް ނައެވެ. އޭނަ ކޮޓަރިން ނުކުތީ، ކާގެއަށް ދިޔުމަށެވެ. ޖުއާންގެ ކޮޓަރީގެ ދޮރު ހުޅުވާފައި ހުއްޓާ ފެނުމުން، ޖިލްވާ އެދިމާއަށް ދިޔައީ، ޚިޔާލެއް ފިކުރެއް ނެތި އެވެ. ވަކި ހިސާބަކަށް ދިޔަ ތަނައި، ޖިލްވާގެ ފިޔަވަޅުތައް ހުއްޓިއްޖެ އެވެ. އިވުނީ އޭނައަށް ގަބޫލުކުރަން ފަސޭހަ ވާހަކައެއް ނޫނެވެ.

(ނުނިމޭ)

ކޮމެންޓް 0