ޖިލްވާ ނުވިސްނާ ހުއްޓައި، ޒެނިލް ކުރި ކަމަކުން، މުޅި ހަށިގަނޑު ގަނޑުވިއެވެ. ހިނދުކޮޅަކަށް ނަމަވެސް، ހަދަންވީ ގޮތެއް ނޭނގިފައި ހުރެވުނެވެ. އަމިއްލަ އިހުސާސްތަކުގެ މައްޗަށް ބާރު ފޯރުވެން ފެށުމާއިއެކު، ޖިލްވާއަށް ޒެނިލްގެ މޭގައި އަތް އަޅައި ދުރަށް ކޮއްޕައިލެވުނެވެ. ދެއަތުން ތުންފަތާއި މުޅި މޫނު ފޮހެމުން، އަވަސް އަވަހަށް އެ ކެބިންއިން ނުކުންނަން އުޅުނެވެ.

"އަހަންނަށްވުރެ އޭނަ މޮޅީތަ؟..." ޒެނިލްގެ އަޑު އިވުމުން، ޖިލްވާގެ ފިޔަވަޅުތައް ހުއްޓިއްޖެއެވެ.

********

ޖިލްވާގެ ދުލުން އެންމެ ލަފުޒެއް ވެސް ނުނުކުތެވެ. ޒެނިލްއަށް ފުރަގަސްދީގެން ހުރިއިރު، ފަސްއެނބުރި ބަލައިލަންވެސް ނޫޅުނެވެ. އެ ހަމަހިމޭންކަމުން ޒެނިލްގެ ލޭ ހޫނުވަމުން ދިޔައެވެ. ޝަކުވާތައް ފުނިޖެހުނެވެ. އަމިއްލައަށް ކުރި ސުވާލުގެ ޖަވާބު އަމިއްލަ ނަފުސަށް ދޭން މަޖުބޫރު ކުރުވިއެވެ. ހިތުގެ ޖަވާބުން، ނުތަނަވަސްކަން ނޫން އެއްޗެއް ޒެނިލްއަކަށް ނުލިބުނެވެ.

"އެ ދުވަހުގެ ފަހުން އަހަރެން މިހުރީ، އެހެން އަންހެނަކާ ދިމާއަށް ބަލައިލަންވެސް ބޭނުން ނުވެފަ... އެކަމަކު، ޖިލްވާއަށް ވަރަށް ފަސޭހަ ދޯ..." ޒެނިލްގެ ހިތުގެ ޝަކުވާތައް ދުލާއި ހަމައަށް އަންނާކަށް ގިނަ އިރެއް ނުނެގި އެވެ.

ޒެނިލްގެ ކެތްތެރިކަން ކޮޅުންލީ، އެއްޗެއް ނުބުނި ތަނުގައި ޖިލްވާ އެތަނުން ދިޔުމަށް ހިނގައިގަތްތަން ފެނުމުންނެވެ. ހިތުގައި ހަމްދަރުދީގެ ކުޑަވެސް މިންވަރެއް ނެތް އަންހެން ކުއްޖެއް ބާއޭ ޒެނިލްގެ ހިތަށް އެރިއެވެ.

"އަހަރެންގެ ވާހަކަ އަދި ނުނިމެއޭ..." ޒެނިލް އަވަސް އަވަހަށް ބުންޏެވެ. "ތީ އަހަރެންގެ މުވައްޒަފެއް... ވަޒީފާ އާ ގުޅޭ ވާހަކައެއް ދައްކަން އަހަރެން ބޭނުން..."

ޖިލްވާ ހުއްޓުވަން ކޮންމެ ހަތިޔާރެއް ނަގަންވެސް ޒެނިލް ހުރީ ތައްޔާރަށެވެ. ޖިލްވާއަށް އެކަން އެނގުނު ވެސް މެއެވެ. އޭނަ ފަސްއެނބުރި ޒެނިލްއަށް ބަލައިލިއެވެ. އެއަށްފަހު، ހަލުވި ފިޔަވަޅުތަކެއްގައި ގޮސް ޒެނިލްގެ މޭޒު ކުރިމަތީގައި ހުރި ގޮނޑީގައި އިށީނެވެ.

"އާޚް... ހާދަ ބޯ ހަރު އަންހެން ކުއްޖެކޭ... އެކަމަކުވެސް އަހަންނަށް މި ކުއްޖާދެކެ ފޫއްސެއް ނުވެވުނު..." ޒެނިލް ހިތާއިހިތުން ވާހަކަ ދެއްކިއެވެ.

ޒެނިލް ގޮސް، ޖިލްވާ އާއި ދާދި ކައިރީގައި ހުއްޓުނެވެ. މޭޒުގައި އެއް އަތް ވިއްދައިލާފައި ޖިލްވާގެ މޫނު ފެންނަ ވަރަށް ކުޑަކޮށް ގުދުވެލިއެވެ.

ޒެނިލްގެ އެ އަމަލުން ޖިލްވާ އިނީ އުނދަގޫވެފައެވެ. ކުޑަކޮށް ދުރަށްވެސް ޖެހިލިއެވެ. އެހާ ކައިރީގައި ނޫނީ ޒެނިލްއަށް ހުއްޓެން ނޭނގުނީ ހެއްޔެވެ؟ އެންމެ ގާތްވެލުމަކުންވެސް ޖިލްވާގެ ހިތަށް އެތައް ގޮތްތަކެއް ވެގެން ހިނގައްޖެއެވެ.

"މީގެ ފަހުން ޖިލްވާ މަސައްކަތް ކުރަންޖެހޭނީ، މިތާ... މި ކެބިންގަ... ސީދާ އަހަރެންގެ ބެލުމުގެ ދަށުން..." ޒެނިލްގެ އަޑުގައި ވަނީ އަމުރުވެރި ގޮތެކެވެ.

ޖިލްވާ ވިސްނައިލިއެވެ. ޒެނިލްގެ ކުރިމަތީގައި އެންމެ މިނެޓެއް ހޭދަކޮށްލަން އުނދަގޫ ވާއިރު، ދުވާލުގެ އެތައް ވަގުތެއް ހޭދަކުރާނީ ކިހިނެއް ހެއްޔެވެ؟

"އިންކާރު ކޮށްފިއްޔާ؟..." ޖިލްވާ ސުވާލު ކުރިއެވެ.

"އޯހް... މިހާރު ވާހަކަ ދައްކަން ވެސް އެނގޭދޯ؟..." ކުރިއަށްވުރެ ކައިރިއަށް ޖެހިލަމުން ޒެނިލް ބުންޏެވެ.

އިސްއުފުލައިލަން އުޅެފައި ވެސް ޖިލްވާއަށް ޖެހުނީ އެހެން ދިމާއަކަށް ނަޒަރު ހުއްޓައިލާށެވެ. ޒެނިލް އެހާ ގާތުގައި ވަނިކޮށް ބަލާނެ ހިއްވަރެއް އޭނައަކަށް ނުލިބުނެވެ.

"ވަޒީފާއިން ވަކިވާން..." ކުޑަ އިރުކޮޅެއްގެ ހިމޭންކަމަށްފަހު، ޖިލްވާ އެއްޗެކޭ ބުނަން އުޅުނެވެ.

"ނުވެވޭނެ..." ޒެނިލް އަވަސް އަވަހަށް ބުންޏެވެ. "އެއްބަސްވުމުގެ ނުވަވަނަ ނަންބަރުގަ އޮންނާނެ، ވަޒީފާއިން ވަކިވެވޭނީ ތިންމަސް ދުވަހުގެ ނޯޓިސް އެއް ދީފަކަމަށް ބުނެފަ... އެގާރަ ވަނަ ނަންބަރުގަ އޮންނާނެ، ވަޒީފާ އަދާކުރާ ސެކްޝަން ބަދަލުކުރުމުގެ އިހުތިޔާރު ވެރިޔާއަށް އޮންނާނެ ކަމަށް ވެސް ބުނެފަ..."

އަނެއްކާވެސް ދެމީހުންގެ ދެމެދަށް ވެރިވީ މަރުފަދަ ހިމޭން ކަމެކެވެ. ޒެނިލްގެ ހިތަށް ބޮޑު ހަމަޖެހުމެއް ލިބުނެވެ. ޖިލްވާ ގޮތް ހުސްވެފައި އިންގޮތުން، ވަޒީފާއިން ވަކި ނުވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ލިބުނެވެ. އެއިން ދުވަހެއްގައި ވެސް އުފާ ނުވާ ވަރަށް ޒެނިލް އުފާވިއެވެ.

"ކޮންމެ ދުވަހަކު ނުވަޔަކުން، އެކެއް ޖަހަންދެން ޖިލްވާ ހުންނަން ވާނީ އަހަރެންގެ ކުރިމަތީ..." ޖިލްވާ އާއި ދުރަށްޖެހިލަމުން ޒެނިލް ގޮސް އިށީނީ، އޭނަގެ ގޮނޑީގައެވެ. "ޖިލްވާ ކުރަންޖެހޭނީ ހަމައެކަނި އަހަރެންގެ ކަންތައް... އަންޑަސްޓޭންޑް؟..."

ޖިލްވާ ތުން ފިއްތާލައިގެން އިނދެފައި ބޯ ޖަހައިލިއެވެ. އެއާއިއެކު ޒެނިލްގެ ތުންފަތަށް ވެރިވީ ކާމިޔާބީގެ ހިނިތުންވުމެކެވެ.

********

ރެސްޓޯރެންޓްގެ ތެރެއަށް ވަދެގެންދިޔަ ކެވިން ފެނުމުން، ރިފްއާނު ހަނާ އަޅައިލިއެވެ. ޔޫން ވީ ކޮޓަރީގައި ކަމަށް ބުންޏެވެ.

"އަދިވެސް ނިދާފަތަ؟..." ރިފްއާނު ތެލުލަން ހުރި ކުކުޅު އެތިން އެތިކޮޅެއް ނަގައި ކާލަމުން ކެވިން އަހައިލިއެވެ.

"ކުޑައިރުކޮޅެއް ކުރިން ހޭލި... އަނެއްކާވެސް ނިދައިފި..." ރިފްއާނު ބުންޏެވެ. "ކާންވީނު..."

"ޖިލް ނިމުނީމަ ޖިލް އާ އެކީ ކާނީ..." ކެވިން ބުންޏެވެ. "އެކޮޅަށް ގޮއްސަ ދެން އާދެވޭނީ، ދެ ދުވަސް ފަހުން... އެހެންވީމަ މެންދުރު ޖިލް އާ ޔޫން އާ އެކީ ބޭރުން ކާނީ...."

ރިފްއާނު ބޯ ޖަހައިލިއެވެ. މާގިނައިރެއް ނުވެ، ޔޫން ހޭލައިގެން ރޯ އަޑު އިވެން ފެށިއެވެ. ކާން އިން ކުކުޅުކޮޅުވެސް ދޫކޮށްލާފައި ކޮޓަރި އާއި ދިމާއަށް ކެވިން ދުއްވައިގަތެވެ.

********

ޒެނިލްގެ ކެބިން ފާރުގައި ހަރުކޮށްފައިވާ ފޮޓޯ ފްރޭމްތައް ފުހެން ޖިލްވާ ހުއްޓެވެ. ގޮނޑީގައި ހަމަޖެހިލި ގޮތަށް ޒެނިލް އިނީ ޖިލްވާއަށް ބަލާށެވެ. ޖިލްވާ ރުޅި އައިސްގެން ހުރެ، ސާފުކުރަމުން ދިޔަގޮތުން، ޒެނިލްއަށް މާޒީގެ ހަނދާންތައް އާވިއެވެ. ކުރީގެ ޖިލްވާ އެނބުރި އައި ހެން ހީވިއެވެ.

ސާފުކުރަން އުޅުމުގެ ތެރޭގައި ޖިލްވާގެ އަތުން ފްރޭމެއް ނެޓުނެވެ. އެ ހަރުކުރަން އުޅެއުޅެ ޖިލްވާ ހުރީ ވަރުބަލިވާގޮތް ވެފައެވެ. ޒެނިލް ބޭނުންވި ގޮތަށް، ޖިލްވާއަށް އެ ހަރުކުރެވޭ ކަމަކަށް ނުވިއެވެ. ކޮންމެ ފަހަރަކުވެސް އެހެން ކޮޅަކަށް އަނބުރާލުމަށް އެދެއެވެ. ނޫނީ އަލުން ނަގާފައި އެޅުވުމަށް އަންގައެވެ. އެންމެފަހުން ޖިލްވާގެ ރުޅިގަނޑު ފަޅައިގެން ދިޔައެވެ. ޒެނިލް އާއި ދިމާއަށް ފްރޭމް ދިއްކޮށްލިއެވެ. ޒެނިލް ތެދުވެގެން ޖިލްވާ އާއި ދިމާއަށް ދާން ފެށިއިރު އެ ނަޒަރު ހުއްޓިފައިވީ، ސީދާ ޖިލްވާގެ ދެ ލޮލަށެވެ. ޖިލްވާ ބިރުން ފަހަތަށް ޖެހެން ފެށިއެވެ. ފާރުގައި ޖެހެންދެންވެސް ޒެނިލް ކުރިއަށް ދިޔައެވެ.

"ތި ހަރުކުރާނެ ގޮތް އަހަރެން ކިޔައިދިނިއްޔާ ކިހިނެއް ވާނީ؟..." ޖިލްވާގެ ދެކޮނޑުގައި ހިފައި އަނެއް ފަރާތަށް އަނބުރުވައިލަމުން ޒެނިލް ސުވާލު ކުރިއެވެ.

ޒެނިލްގެ އަތް، ޖިލްވާގެ ކޮނޑުން ފެށިގެން ތިރިއަށް ގޮސް އަތުގައި އޮތް ފޮޓޯ ފްރޭމާއި ހަމައިން ހުއްޓުނެވެ. ޖިލްވާގެ ދެއަތުގައި ހިފައި ފޮޓޯ ފްރޭމާއިއެކު މައްޗަށް އުފުލައިލިއެވެ. ފާރުގައި ހަރުކޮށްފައިވާ ދަގަނޑުކޮޅުގައި، ފްރޭމް އަޅުވައިލުމަށްފަހު ޒެނިލް ދުރަށް ޖެހިލިއެވެ. އޭރުވެސް ގުޑިލަން ނޭނގިފައި ޖިލްވާ ހުއްޓެވެ.

"އަދި އެއްފަހަރު ކިޔައިދޭންވީތަ؟..." ޒެނިލް ސުވާލު ކުރީ ލާނެތް ރާގަކަށެވެ.

ޖިލްވާ ކުއްލިއަކަށް ޒެނިލްއަށް ބަލައިލިއެވެ. ކަރުނުން ފުރިފައިވާ ދެލޯ ފެނުމުން، ޒެނިލްގެ ސަމާސާ ގޮތް ކެނޑުނެވެ. މޫނުމަތިން ކަންބޮޑުވުމުގެ އަސަރު ފެނުނެވެ.

"އަހަރެން މީ މިތާ މުވައްޒަފެކޭ... ގައިގަ އަތްލާ، ގޯނާކުރުމުގެ ޙައްޤެއް އެއްވެސް މީހަކަށް ނޯންނާނެ..." ޖިލްވާ ރޮއެރޮއެފައި ވާހަކަ ދައްކަމުން ދިޔައެވެ. އަޑުވެސް ހުރީ ކުރެހިފައެވެ. "އަހަރެން މީ، ތި ހީކުރާހާ މުޑުދާރު މީހެއް ނޫން... ހިލޭ ފިރިހެނުންނަށް އެއްވެސް ފުރުސަތެއް ދޭނެ މީހެއް ނޫން... ދެން ގައިގަ އަތްލައިފިއްުޔާ، ދައުވާ ކުރާނަން...."

ޖިލްވާ ކުއްލިއަކަށް ދޮރާއި ދިމާއަށް ހިނގައިގަތެވެ. ބޭރަށް ނުކުތްލެއް ބާރުކަމުން ޒެނިލް ހައިރާންވެފައި ބަލަން ހުއްޓެވެ. ފަހަތުން ދާކަށްވެސް ނުކެރުނެވެ. ކުއްލިއަކަށް ޖިލްވާއަށް އެވީ ކިހިނެއް ހެއްޔެވެ؟ އޭނަ އަތްލުމުން ޖިލްވާ އެހާ ރުޅި އައީ ކީއްވެ ހެއްޔެވެ؟ ކުރިން އޭނައަށް ޖިލްވާ ފެނުނު އިރު، ކައިރީގައި ހުރި މީހާ ބައްދައިލުމުން، ރުޅި އައިސްގެން އުޅުނު ތަނެއް ނުފެނެއެވެ. ވީއިރު، ޒެނިލްދެކެ އެހާ ރުޅި އަންނަންވީ ކީއްވެ ހެއްޔެވެ؟ އަނެއްކާ ޖިލްވާ އުޅެނީ އެމީހަކާއި ކައިވެނި ކޮށްގެން ހެއްޔެވެ؟

ޒެނިލްގެ ކަންފަތް ކައިރީގައި ގުގުމައިލީ ޖިލްވާ ދެއްކި ވާހަކަތަކުގެ ތެރެއިން އެންމެ ޖުމްލަ އެކެވެ.

"އަހަރެން މީ ހިލޭ ފިރިހެނެކޭ؟..." ޒެނިލްގެ ނޭވާ އަވަސް ވިއެވެ. "ކީއްވެ އަހަންނަށް ތިހެން ތި ހަދަނީ؟..."

ޒެނިލްއަށް ބަލައިލެވުނީ އަތުގައި އަޅާފައިވާ އަނގޮޓި އަށެވެ. ޖިލްވާ އާއި ދެމެދުގައި ހިނގައިދިޔަ ގުޅުމަށްފަހު، އޭނަ އެ އަނގޮޓި ހަށިގަނޑާއި ވަކިކޮށް ނުލައެވެ. ޖިލްވާ އަކީ އޭނަގެ ދިރިއުޅުމުގެ އެއްބައި ކަމުގައި ދެކުނެވެ. އެކަމަކު އެއީ ހަމައެކަނި އެއްފަރާތުން ވެވޭ ލޯބި ހެއްޔެވެ؟ ޖިލްވާގެ އަތުގައި އޭނަ އެޅުވި އަނގޮޓި ވީ ތަނެއްވެސް ޒެނިލްއަކަށް ނޭނގުނެވެ. އެތައް ދުވަހެއް ފަހުން ދިމާވިއިރު، ޖިލްވާގެ ހިތުގައި އޭނަ އާއިމެދު ކުޑަވެސް، ލޯތްބެއް ނެތްކަން ހަމައެކަނި އެ ދުލުން ބޭރުކޮށްލި ޖުމްލަތަކުން އެކަނިވެސް ހާމަވެއްޖެއެވެ.

ޒެނިލްގެ ދެއަތް މުށްކެވުނެވެ. ދެމީހުންގެ ދެމެދު ހިނގިކަމެއް ހިނގީ، އެކަކު އަނެކެއްގެ ރުހުމުގައެވެ. ޖިލްވާވެސް އެކަމަށް އެއްބާރުލުންދީ މަރުހަބާ ކިޔުމުންނެވެ. ވީއިރު، ވަކި މީހަކު ކުށްވެރި ކުރެވޭނެ އެއްވެސް ޖާގައެއް ނެތެވެ.

********

ޖިލްވާ ރެސްޓޯރަންޓަށް ދިޔައިރު، ކެވިން ހުރީ ޔޫން އުރައިގެން ބޭރަށް ނުކުމެއެވެ. ޖިލްވާ ފެނުމާއިއެކު ޔޫން ހީވީ ފުންމައިލަން އުޅުނު ހެންނެވެ. ޖިލްވާ އުރައިލުމުން ނޫނީ އެކުއްޖާ މަޑުވެސް ނުވިއެވެ.

"ދޮންދޫނި!... ހާދަ ލޯބިވަސް ދުވައޭ..." ޖިލްވާ ލޯބިން ޔޫންގެ ކޮލުގައި ބޮސްދިނެވެ.

"ދުވަސްކޮޅަކުން ޔޫން ވާހަކަ ދައްކާނީވެސް ދިވެހިން ކަންނޭނގެ..." ޖިލްވާގެ ހަރަކާތްތަކަށް ބަލަން ހިނިތުންވެލައިގެން ހުރި ކެވިން ބުންޏެވެ.

ޔޫން އާއި ދިވެހިން ވާހަކަ ދެއްކުމަކީ ޖިލްވާގެ އާދައެވެ. ފާއިތުވެދިޔަ ދުވަސްތަކުގައި ޖިލްވާއަށް ދިވެހިން ވާހަކަ ދެއްކޭ ހަމައެކަނި ދެމީހުންނަކީ، ރިފްއާނާއި ޔޫން އެވެ. އަމިއްލަ ހިތުގެ ހާލު ހާމަކުރެވޭ ހަމައެކަނި ދެމީހުންނަކީވެސް އެއީ އެވެ.

މާޒީގެ ހަނދާނަކުން ޖިލްވާގެ ދެލޯ ފެންކަޅި ވިއެވެ. އެދުވަހުގެ މަންޒަރުތައް ދެލޯ ކުރިމަތިން ސިފަވެގެން ދިޔައެވެ.

********

"ދުވަހަކުވެސް މާފެއް ނުދެވޭނެ..." އާމިރުގެ އަޑުގައި ވަނީ ހަރުކަށި ކަމެވެ. "ޖިލްވާ ތިކުރީ އެންމެ ކުށެއް، ދެކުށެއް ނޫން... ހަރާން ގުޅުމަކުން އުފަންކުރަން ތިއުޅޭ ކުއްޖާއަށް އަހަރެމެން މަރުޚަބާ ކިޔާނެ ކަމަށް ކުޑަކޮށްވެސް އުއްމީދު ނުކުރާތި..."

"ބައްޕާ!... ޖިލް ކައިވެނި ކުރީމޭ..." ފަސްމަހުގެ ބަނޑާއިއެކު ޖިލްވާ ހުރީ އާމިރުގެ ކުރިމަތީގައެވެ. "ބައްޕަ ކީއްވެ މިކުއްޖާއަށް ދެރަބަސް ތިބުނަނީ؟..."

"ކައިވެންޏޭ؟... ޖިލްވާ ތިހުރީ މޮޔަވެފަތަ؟... ދައްކަބަލަ ކައިވެނިކުރި ކަމުގެ އެއްވެސް ހެއްކެއް؟... އެބައޮތްތަ؟... އޭނ؟... ކުޑަމިނުން އިނދެގެން އުޅުނީމޭ ތި ބުނި މީހާ އަކީ ކާކު ކަންވެސް ޖިލްވާއަށް ނޭނގޭކަމަށް ތި ބުނަނީ... ބަޔަކު ބުނާ އެއްޗަކަށް ހެއްލޭ ވަރުގެ ނުވިސްނޭ ދަރިއަކަށް ޖިލްވާ ވާނެ ކަން އެނގޭނަމަ، ކުޑަކޮށްވެސް އިތުބާރެއް ނުކުރީމުސް..." އާމިރުގެ ޖުމްލަތަކުން ޖިލްވާގެ ހިތް ތޮރުފަމުން ދިޔައެވެ.

ޒެނިލްގެ ވާހަކަ ޖިލްވާ ގަސްދުގައި ސިއްރު ކުރީ ސަބަބެއް ނެތިއެއް ނޫނެވެ. ޒެނިލް އަކީ ކާކު ކަން އެނގޭ ހިސާބުން، އާމިރު މަޑުން ނުހުންނާނެ ކަން ޖިލްވާއަށް އެނގެއެވެ. އެ އާއިލާގެ އަބުރާއި އިއްޒަތް ނަގައިލަންވެސް އާމިރު ފަހެއް ނުޖެހޭނެއެވެ. ވީއިރު، ހަގީގަތް ހާމަކޮށްގެން ކުށެއް ނެތް، ޤަދަރުވެރި އާއިލާއެއް ހަލާކު ކޮށްލަންވީ ކީއްވެ ހެއްޔެވެ؟ ހުރިހާ އިލްޒާމެއް އަމިއްލަ ބޮލުގައި އަޅައިގެން ޖިލްވާއަށް ލިބުނީ އިތުރު ހިތްދަތި ކަމެކެވެ. ގެއްލުނީ އާއިލާއިން އެންމެ ލޯބިވި މީހުންގެ އިތުބާރެެވެ.

"މަންމާ!..." އިސްޖެހިފައި ހުރި ހަމްދާގެ ކައިރިއަށް ދިޔުމަށް ޖިލްވާ ފިޔަވަޅު އަޅައިލިއެވެ.

"އަހަރެންގެ އަނތްބެއްގެ ގޮތުގައި ހުންނަން ބޭނުމިއްޔާ، އަހަރެން ހުއްދަ ނުދޭހާ ހިނދަކު، ހަމްދާ އޭނަ އާ އަނގައިން ބުނެގެން ނުވާނެ..." އާމިރު ހަޅޭއްލަވައިގަތެވެ.

ޖިލްވާއަށް ޖެހިލެވުނީ ފަހަތަށެވެ. ދުވަހަކު ހިތަށް ނުކުރާ ވަރަށް ޖިލްވާގެ ހިތަށް އަސަރު ކުރިއެވެ.

"ދުވަހަކުވެސް އަހަރެން ކުރިމައްޗަށް އަރައިގެން ނުވާނެ..." އާމިރުގެ ފަހު ޖުމްލަ އިއްވިއެވެ.

އާމިރާއި ހަމްދާ ފަސްދީފައި ދިޔައިރު، ޖިލްވާ އޮތީ ބިންމައްޗަށް ވެއްޓިފައެވެ. ފުސްވަމުންދިޔަ ދެލޮލުން މަންމަ އާއި ބައްޕައަށް ބަލަން ޖިލްވާއަށް އޮވެވުނީ ކުޑަ ހިނދުކޮޅަކަށެވެ. ދެލޯ މެރި ހަށިގަނޑުގެ ހަރަކާތް ކެނޑުނެވެ.

********

"ކިހިނެއްވީ؟... އަދިވެސް އެދުވަސް ހަނދާން ކުރަނީތަ؟..." ކެވިންގެ ސުވާލާއިއެކު ޖިލްވާއަށް ގިސްލެވެން ފަށައިފިއެވެ.

ކެވިން ވަގުތުން ރިފްއާނަށް ގޮވާފައި ޔޫން ގޮވައިގެން އެތެރެއަށް ވަނުމަށް އެދުނެވެ. ޖިލްވާއަށް ކެތްކޮށްލެވުނީ، ޔޫން ގޮވައިގެން ރިފްއާނު އެތެރެއަށް ވަންނަންދެނެވެ. އަޑުން އަޑުނަގައި ރޯން ފަށައިފިއެވެ.

(ނުނިމޭ)

ކޮމެންޓް 0