ފުލުހުންގެ އިދާރާގެ ކުރިމަތީގައި ހުރީ އިސްކޮޅުން ދިގު މީހެކެވެ. އެމީހާ ހުރީ ފޯނު ކަންފަތުގައި ޖައްސާލައިގެންނެވެ.
"ކަލެއަށް އިތުބާރު ކުރެވުނީމަ ވީ ގޮތް މީ..." ފޯނުގެ އަނެއްކޮޅުން ވާހަކަ ދެއްކި މީހާ ބުންޏެވެ. "އެ މެމޮރީކާޑު ފުލުހުންގެ އަތުގަ ޖެހިއްޖެއްޔާ، އަހަރެމެންގެ ދުވަސް ދިޔައީ...."
*********
ޖިލްވާގެ ފޯނުން ޖުއާން ބޭނުންވި ވަރަށް ހެކި ލިބުނެވެ. އޭނަ ފުލުހުންގެ އިދާރާއަށް ދިޔައީ، ޖިލްވާ ސަލާމަތް ކުރެވޭ ވަރަށް ހެކި ހޯދައިގެންނެވެ. ފުލުހުންގެ ތެރެއިން ކަންތައްވީ ޖުއާން އުއްމީދު ކުރި ގޮތަކަށް ނޫނެވެ. ޖިލްވާ ދޫކޮށްލުމުގެ ބަދަލުގައި ފޯނުގައިވާ ވީޑިޔޯތަކާއިމެދު ސުވާލުތައް ކުރިމަތި ކުރަން ފެށިއެވެ.
"އަހަރެމެން ނުޖެހޭނެއޭ އެއީ ކޮން ބައެއްތޯ، ކީއްކުރާ ބައެއްތޯ، އެތާ ކުރީ ކީއްތޯ އޮޅުންފިލުވާކަށް... އެ ހުރިހާ ކަމެއް ހޯދުމަކީ ކަލޭމެންގެ ޒިންމާއެއް..." ޖުއާން ރުޅިގަދަ ވިއެވެ. "ހެކި ހޯދައިގެން ގެނެސް ތަހުގީގު ވެސް ކުރަންވީ އަހަރެމެންތަ؟..."
"އަޅުގަނޑުމެން އެހެން ނުބުނަން..." ފުލުހުންގެ ތެރެއިން އެ މައްސަލައިގައި އިސްކޮށް ހަރަކާތްތެރިވަމުންދިޔަ ފުލުސް އޮފިސަރު ޖަވާބު ދިނެވެ.
"މީގެން ވަރަށް ސާފުކޮށް ފެންނަން މިއޮތީ ކަންތައް ވީގޮތް..." ޖިލްވާގެ ފޯނުން ވީޑިޔޯ އަޅުވައިލަމުން ޖުއާން ބުންޏެވެ. "އަނެއްކާ އޭގެ ދުވަސްކޮޅެއް ފަހުން، އޭނަ ކިޑްނެޕްކޮށްގެން ގެންދާ މަންޒަރުވެސް މިއޮތީ ސީސީޓީވީ ފުޓޭޖްތަކުން ފެންނަން... ކަލޭމެންގެ ކަމެއް ތަހުގީގު ކޮށްގެން އިތުރު ހެކި ހޯދުމަކީ... ޖިލްވާގެ ކުށެއް ނެތްކަން ސާބިތު ކުރަން، އިތުރަށް ކޮން ހެއްކެއްތޯ އަޅުގަނޑުމެންގެ ފަރާތުން ބޭނުން ވަނީ؟... ތަހުގީގު ވެސް ކޮށް ނިންމަންވީ އަޅުގަނޑުމެންތޯ؟... ތިބޭފުުޅުން ވިދާޅުވޭ ހަދަންވީ ގޮތެއް..."
"އެންމެ ރަނގަޅު!..." ފުލުސްމީހާ ދޫކޮށްލީ ފުން ނޭވާ އެކެވެ. "އަހަރެމެން އޭނަ ދޫކޮށްލާނަން... އެކަމަކު، ތަހުގީގު ނިމެންދެން އެ އަންހެންކުއްޖާއަށް ކޮރެއާއިން ބޭރަކަށް ނުދެވޭނެ..."
ޖުއާން އުފަލުން ފުންމައިގެން ތެދުވިއެވެ. ފުލުސްމީހާ އާއި ސަލާންކޮށްފައި ޝުކުރު އަދާކުރިއެވެ. ޖިލްވާއަށް އޭނަގެ ގައުމަށް ނުދެވުމަކީ، ޖުއާންގެ ހިތަށް ލިބުނު ބޮޑު ހަމަޖެހުމެކެވެ. އެހެންނޫނީ އެ ނުވިސްނޭ އަންހެންކުއްޖާ ގޯހެއް ހަދާނެކަން ގައިމެވެ.
ފުލުސްމީހާ އާއިއެކު އައިއިރު، ޖިލްވާގެ މޫނުގެ ކުލަ ވަނީ އޮއްސިފައެވެ. ޖުއާން ފެނުމުން، ޖިލްވާއަށް ރޮވުނީ އެވެ. އުފަލުން ކަމެއް ހުދު އަމިއްލަ ނަފުސަށް ވެސް ނޭނގުނެވެ. ޖުއާން، ޖިލްވާގެ ބުރަކަށީގައި މަޑުމަޑުން ޖަހައިލަމުން ފުލުހުންގެ އިދާރާއިން ބޭރަށް ނެރުނެވެ. ދެމީހުން އެކުގައި ދިޔައީ އެ ސަރަހައްދާއި މާ ދުރު ނޫން ހިސާބެއްގައި ހުރި ޕާކަކަށެވެ. އެތަނުގައި ރިފްއާނު ހުރެދާނެ ކަމަކަށް ޖިލްވާ ކުޑަކޮށް ވެސް އުއްމީދެއް ނުކުރެއެވެ.
"ޖިލްގެ ފޯނުން އަހަރެން ރިޕްސްއަށް ގުޅީ..." ޖުއާން ބުންޏެވެ.
ޖިލްވާ ހާސްވެފައި ޖުއާންގެ މޫނަށް ބަލައިލިއެވެ.
"ހާސްނުވޭ!... އަހަރެން، ހުރިހާ ވާހަކައެއް ކިޔައެއް ނުދެން..." ޖުއާން އަވަސްއަވަހަށް ބުންޏެވެ.
ޖުއާން ބުނީ ޒެނިލްގެ ވާހަކަ ކަން އެނގުމުން، ޖިލްވާއަށް ހަމަޖެހުމެއް ލިބުނެވެ. ހަމަ އެއާއި އެއްވަރަށް ޒެނިލްގެ ހާލެއް އެނގޭ ހިތުން ކެތްމަދު ވިއެވެ.
ޖިލްވާ ފެނުމުން، ރިފްއާނު އައީ ދުވެފައެވެ. ޖިލްވާގެ އަތުގައި ހިފައިލިގޮތަށް ރިފްއާނު އިސްޖަހައިލީ ކުށްވެރިއަކު ފަދައިންނެވެ. މަޢާފަށް ނޭދުނު ނަމަވެސް، އެ މޫނުމަތީގައިވި އަސަރުތަކުން އެކަމަށް އެދެމުންދިޔަ ކަން ގައިމެވެ. ޖިލްވާއަށް ބަލައިލެވުނީ ޖުއާން އަށެވެ. ޝުކުރުވެރިވާފަދަ ނަޒަރަކުންނެވެ. ކަރުނައިގެ ތެރެއިން ވެސް ހިނިތުންވެލައިގެން ޖުއާން ހުއްޓެވެ. ކުރެވުނު ކަންތަކަށް އަމިއްލަ ނަފުސާއި މެދު ފަޚުރުވެރިވާ ފަދަ ގޮތަކަށެވެ.
"ތިހެން ހުރީމަ، ރިޕްސް އަކާ ނުގުޅޭ އިނގޭ..." ހިތުގެ ހާލު ސިއްރު ކުރަމުން ޖިލްވާ މަސައްކަތް ކުރީ، ރިފްއާނުގެ ނުތަނަވަސްކަން ދުރުކުރާށެވެ. "އަހަރެން މަރެއް ނުވެއޭ އަދި... މިހުރީ ސަލާމަތުން..."
ރިފްއާނު ކުއްލިއަކަށް ޖިލްވާގެ ގައިގައި ބައްދައިލިއެވެ. ދުވަހަކުވެސް އޭނަގެ ނަޒަރުން ދުރަށް ނުދިޔުމަށް އެދޭ ފަދައިންނެވެ.
"ރިޕްސް އަހަރެންދެކެ އެހާ ލޯބިވޭތަ؟..." ޖިލްވާ އުފާވެލާފައި ސުވާލު ކުރިއެވެ.
ރިފްއާނު އަވަހަށް ޖިލްވާ އާއި ދުރަށް ޖެހިލިއެވެ. ތިންމީހުން އެކުގައި ގޮސް ވަނީ ކުޑަ ކެފޭއަކަށެވެ. ޖިލްވާ ފާޚާނާއަށް ދިޔުމުން، ރިފްއާންގެ ނަޒަރު ޖުއާންއަށް ހުއްޓައިލިއެވެ.
"ތި އިހުސާންތެރިކަމުގެ ބަދަލު ދޭނެ ގޮތެއް ކުޑަކޮށްވެސް ނޭނގޭ..." ރިފްއާނުގެ މޫނުމަތިން ފެންނަމުން ދިޔައީ ޝުކުރުވެރިކަމެވެ.
"ނޫނޭ... ޖިލް އަކީ އަހަރެންގެ އެއް އަތް..." ޖުއާން ހިނިތުންވެލީ މާނައިން ފުރިގެންވީ ފަދަ ގޮތަކަށެވެ. "އަހަރެންގެ އަމިއްލަ ކަންކަމަށްވުރެ އަހަންނަށް ޖިލް މުހިއްމުވެއްޖެ..."
********
ޖިލްވާ ކަންތައް ކުރި ގޮތުން، ޒެނިލްގެ ހަމަޖެހުން ވަނީ ގެއްލިފައެވެ. ރަނގަޅަށް ނުކެވެއެވެ. ހަމަނިދި ގެއްލުނެވެ. ރަނގަޅަށް ކަމެއް ނުކުރެވެއެވެ. ނުވިސްނަން އުޅުނަސް، ޖިލްވާ ނޫން ކަމެއް އޭނަގެ ސިކުނޑީގައި ނުވަނީ އެވެ. ދުވަހަކުވެސް އަންހެނަކާއި ހެދި ޒެނިލްއަށް އެވަރު ވެފައެއް ނުވެއެވެ. އާވާރާއެއް ފަދައިން ތަންތަނުގައި ބިތްޖެހިފައި އިންނަން ހާލަތު ޒެނިލްއަށް މަޖުބޫރު ކުރުވައިފިއެވެ. ޖިލްވާގެ ކޮންމެ ކަމެއް ޒެނިލްގެ ކުރިމަތީގައި ސިފަ ވަނީ އަމިއްލަ އެއްވެސް އިޚުތިޔާރަކާއި ނުލައެވެ. އެއްވެސް ކަމަކަށް އަމިއްލަ ނަފުސުގެ މައްޗަށް ބާރެއް ނެތް ފަދަ އެވެ.
ޖުއާން އައިސް ގެއަށް ވަނީ ޒެނިލް ސޯފާގައި އޮއްވައެވެ. ނިތްކުރިމަތީގައި އަތް ބާއްވާލައިގެން އޮތްގޮތުން، ޖުއާންގެ ހިތަށް ތަދުވިއެވެ. އެއީ ޒެނިލް ދުވަހަކުވެސް އުޅުނުގޮތެއް ނޫނެވެ.
"ބްރަދަރ!..." ޖުއާން ގޮވައިލުމުން ޒެނިލް ސިހުނެވެ. "އޮފީހުގަ ކަމެއް ގޯސްވީތަ؟..."
"ނޫން..." ޒެނިލް ތެދުވެ ސޯފާގައި ހަމަޖެހިލިއެވެ.
ޖުއާން ވިސްނައިލާފައި ގޮސް ޓީވީ ކައިރީގައި ހުއްޓުނެވެ. އޭނަ އެތަނުން ދުރަށްޖެހުނީ، ބޭނުންވި ފިލުމު އަޅުވާފައެވެ.
"ފަހުގެ އެއްޗެއް..." ޖުއާން އައިސް ޒެނިލްގެ ކައިރީގައި އިށީނެވެ. "ސަޅި ވާނެ..."
ފިލްމު ފެށިގެން ވިއްސަކަށް މިނެޓު ހިނގިއިރު، ޒެނިލްއަށް ފިލްމުގެ ތެރެއަށް ރަނގަޅަށް ވަދެވިއްޖެއެވެ. ބިރުވެރި ފިލްމެއް ނަމަވެސް، ލޯބީގެ މަންޒަރުތައް އޭނައަށް ސިފަވީ ޖިލްވާ އާއި ދެމީހުން އެކުގައި އުޅެނިކޮށެވެ. ދެމީހުން ލޯބިން އުޅެފައި ވަކިވާން މެދުވެރި ވަނީ ދެމީހުންގެ މެދުގައި ހިނގި ގުޅުމެއްގެ ސަބަބުންނެވެ. ނުބައި އިރުވަރެއްގައި ދިރިއުޅުމުގެ ބިންގާ އެޅިގެން އެ ދިރިއުޅުމަށް، ކަޅު ހިޔަންޏެއް އެޅުނީ އެވެ. ފިލްމުގައި އަންހެން ކުއްޖާއަށް ލިބެމުންދިޔަ ކޮންމެ އަނިޔާ އަކާއިއެކު، ޒެނިލްގެ ހިތަށް ހަންޖަރެއް ހަރާލައެވެ. އެއިން ކޮންމެ ހަމަލާ އަކީ ޖިލްވާއަށް ލިބޭ ހަމަލާތަކެއް ހެން އޭނައަށް ހީވިއެވެ.
"އަހަންނަށް ކިހިނެއްތަ މި ވަނީ؟... މީ ހަގީގީ ލޯބިތަ؟... ހަގީގީ ލޯތްބަކީ ހަމަ އެހާ ހިތި އެއްޗެއްތަ؟... ކުރިން ލޯބިވެރިޔާ ގެއްލިގެން އަހަންނަށް މިވަރެއް ނުވޭ..." ޒެނިލް އަމިއްލަ ހިތާއި ވާހަކަ ދައްކަމުން ދިޔައެވެ.
ޒެނިލް ދެލޯ ފޮހެލި ތަން ފެނުމުން ޖުއާން އަވަހަށް ޓީވީ ނިއްވައިލި އެވެ.
"ކިހިނެއްވީ؟..." ޖުއާން ހާސްވިއެވެ.
********
"ހާސްވަނީ... ބިރުގަންނަނީ... ބައްޕަ ބުނި ވާހަކަ ރިޕްސް ހަނދާން އެބަހުރިތަ؟..." އާމިރާއި ގުޅަން ރިފްއާން ފޯނު ދިނުމުން، ޖިލްވާ އިނީ ހާސްވެފައެވެ.
"ބައްޕަ އެހެން ބުނީ، މިހާ ދުރަށް އަންނާތީ ކަންބޮޑުވެގެންނޭ...." ރިފްއާނު މަސައްކަތް ކުރީ ޖިލްވާއަށް ވިސްނައިދޭށެވެ. "އެމީހުން ކިހާ ހާސްވާނެ... އަވަހަށް ގުޅާ، ޖިލް ތީ އެހާ ގޮތްދޫނުކުރާ ކުއްޖެއް ނޫން...."
ތުރުތުރު އަޅަމުންދިޔަ އަތަކުން އާމިރުގެ ނަންބަރަށް ގުޅިއިރު، ދައްކާނީ ކޮން ވާހަކައެއް ކަމެއްވެސް ޖިލްވާ އަކަށް ނޭނގުނެވެ. ދިމާވި ހުރިހާ ކަމެއް އާމިރާއި ޚިއްސާ ކުރެވިދާނޭ ބާއޭ ޖިލްވާގެ ހިތަށް އެރިއެވެ. އާމިރު ފޯނު ނެގުމުން ޖިލްވާ ހާސްވެގެން ތެޅިގަތެވެ. އިރުކޮޅެއް ފާއިތުވެދިޔަ އިރުވެސް ވާހަކައެއް ނުދެއްކުނެެވެ. އެންމެފަހުން ރިފްއާނުގެ އަތަށް ފޯނު ދީފައި ޖިލްވާ ގޮސް ވަނީ ފާޚާނާ އަށެވެ.
ދަރިފުޅު ހެޔޮ ހާލުގައި ހުރިކަން އެނގި އުފާވި ނަމަވެސް، އަމިއްލަ އިހުސާސްތައް އަނެކާއަށް ހާމަކުރުމުގައި އާމިރު ޚިޔާރު ކުރީ ތަފާތު މަގެކެވެ. މުޅި އާއިލާއަށްވެސް އޭނަ ދެއްކީ ޖިލްވާ އާއި ރިފްއާނުދެކެ ހިތްހަމަނުޖެހުނު ކަމެވެ. އަމިއްލަ ބަހުގައި ހިފަހައްޓަން އާމިރު ބޭނުންވީ ސަބަބެއް ނެތިއެއްވެސް ނޫނެވެ. ދަރިންނަށްޓަކައި ބައެއް ފަހަރު އެފަދައިން ކަން ކުރަން ވާނޭ ކަން އާމިރަށް ވިސްނުނީ އެވެ.
"އެއީ ބައްޕަ ރުޅިއަކުން ކުރި ކަމެއް ނޫނޭ..." ޖިލްވާއަށް ވިސްނައިދޭން ރިފްއާނު ކުރި މަސައްކަތް ވީ ބޭކާރެވެ.
ޖިލްވާގެ ކަމަކީ ރުއިމެވެ. ކޮރެއާއަށް އައުން ވެގެން ދިޔައީ ޖިލްވާގެ މުޅި ދިރިއުޅުން ބަދަލު ކުރުވި ކަމަކަށެވެ. އެނބުރި ގައުމަށް ދާން ބޭނުންވިޔަސް، އޭނައަށް އެކަންވެސް ކުރެވޭކަށް ނެތެވެ. ފުލުހުންގެ ތަހުގީގު ނިމުމުން ނޫނީ އޭނައަށް އެނބުރި ގައުމަކަށް ނުދެވޭނެ އެވެ. ރިފްއާން ވިސްނައިދޭން ފެށުމުން، ޖިލްވާ ވަނީ ކޮޓަރިއަށެވެ. ރިފްއާނު އެތައް އިރަކު ގޮވުމުންވެސް ޖިލްވާ ދޮރެއް ނުހުޅުވި އެވެ.
ދޮޅު އަހަރު ފަސް
ފުލުހުންގެ އިދާރާއިން ނުކުތް ޖިލްވާގެ ތުންފަތުގައި ވީ އުފާވެރިކަމުގެ ހިނިތުންވުމެކެވެ. އޭނާ އުރާލައިގެން ހުރި އަށްމަހުގެ ތުއްތު އަންހެން ކުއްޖާގެ ކޮލުގައި ބޮސްދީފައި، ގަޔާލައި ބޮނޑިކޮށްލިއެވެ. ކޮރެއާއަށް ފިނި ދުވަސްކޮޅެކެވެ. ބޭރުތެރޭގައި ގިނައިރު ކެތްކޮށްލަން ޖިލްވާ ކަހަލަ ކުދިންނަށް އުނދަގުލެވެ. ވެހެމުންދިޔަ ސްނޯތަކުގެ ތެރެއިން ގޮސް ޖިލްވާ އެރީ، ކުރިމަތީގައި އޮތް ކާރަށެވެ. ކާރުގެ ބިއްލޫރިގަނޑު ތިރިކޮށްލާފައި ޖިލްވާ ބަލައިލީ، ފުލުހުންގެ އިދާރާގެ ދެވަނަ ފަންގިފިލާގެ ބެލްކަނީގައި ހުރި ޒުވާނާ އަށެވެ. ފުލުހުންގެ ރަސްމީ ހެދުމުގައި ހުރިއިރު، ޒުވާނާ ވަރަށްވެސް ފިރެހެންވަންތަ އެވެ. ބައިމަތިފުޅާ ހަށިގަނޑަކާއި، ހުދު ދޮންކަމެއް ލިބިިފައި ވިއެވެ. ޒުވާނާގެ ތުންފަތުގައިވީ ލުއި ހިނިތުންވުމެކެވެ. ޖިލްވާ ބަލައިލުމުން، އަތުން ހަނާ އަޅައިލިއެވެ. ޖިލްވާ އޭނާގެ އުނގުގައި އިން ތުއްތު ކުއްޖާގެ އަތް އުފުލައި ހަނާ އަޅުވައިލިއެވެ. އެއަށްފަހު، އަތުގެ އިޝާރާތުން ބެލްކަނީގައި ހުރި ޒުވާނާ ދައްކަން މަސައްކަތް ކުރިއެވެ.
"ޔޫން!... ފިނިވީތަ ބޭބީ؟..." ކާރު ދުއްވައިލުމާއިއެކު ޖިލްވާގެ ހުރިހާ ސަމާލުކަމެއް އުނގުގައި އިން ތުއްތު ކުއްޖާއަށް ހުއްޓުނެވެ.
ސްނޯގެ ސަބަބުން މަގުތަކުން ކާރު ދުއްވުން ވީ ދަތި ކަމަކަށެވެ. މަގުގެ ވަށައިގެންވި ގެތަކުގެ ފުރާޅުތަކާއި، ގަސްތައްވެސް ހުރީ ހުދުވެފައެވެ. ޖިލްވާ އިނީ މަންޒިލާއި ހަމައަށް ދިޔުން ލަސްވެފައެވެ. ތިރީހަކަށް މިނެޓުގެ ދިގު ދަތުރަކަށްފަހު، ކާރު ހުއްޓައިލީ، ކުޑަ ރެސްޓޯރެންޓެއްގެ ކުރިމައްޗަށެވެ. ޖިލްވާ ފޭބިގޮތަށް ޑްރައިވަރަށް ހަނާ އަޅައިލާފައި އެތެރެއަށް ވަނުމަށް ހިނގައިގަތެވެ. ތުއްތު ޔޫން އިނީ ނިދި އައިސްގެން ތާއްޔާ ޖެހިޖެހި އެވެ.
ރެސްޓޯރަންޓްގެ ތެރޭގައި ރިފްއާން އަވަދިނެތި އުޅުނެވެ. ފުލުފުލުގައި ލިބިފައިވާ އޯޑަރުތަކާއި ތަނަށް އައިސްފައި ތިބި ކަސްޓަމަރުންގެ އޯޑަރުތައް ނިންމުމުގައި އުޅުނު ރިފްއާންގެ މަސައްކަތަށް ސާބަސް ދޭވަރު ވެއެވެ. އަތްމަތި ހަލުވި ވެފައި، ކުރާ މަސައްކަތް ފުރިހަމައެވެ.
"ސޮރީ ސްނޯގެ ސަބަބުން ލަސްވީ..." މަސައްކަތަށް ތައްޔާރުވަމުން ޖިލްވާ ބުންޏެވެ.
ތުއްތު ޔޫން ދުއްވާ ކޮށްޓަށް ލާފައި ޖިލްވާގެ މަސައްކަތް ފެށިއެވެ. ރިފްއާނު ފިހެފައިވާ ޕިއްޒާތައް ފޮށިތަކަށް ލައި ބަންދު ކުރަން ފެށިއެވެ. މަސައްކަތުގައި އުޅެމުންވެސް، ދޭތެރެއަކުން ޔޫންގެ ކައިރިއަށް ޖެހިލައި އެ ކުއްޖާ ހެއްވާލަ އެވެ. ކޮންމެވެސް އެއްޗެކޭ ބުނެ ފޫހި ފިލުވައިދެއެވެ.
"މިއަދު ހާދަ ބައިވަރު އޯޑަރެއް ލިބިފަ މިހުރީ؟..." މަސައްކަތް ނިންމާލާފައި ހަމަޖެހިލަމުން، ޖިލްވާ ސުވާލު ކުރިއެވެ.
"އާނ... މިއަދު ރަނގަޅު އެއްޗެއް ލިބޭނެ... ތީ ހުސް އެއްތާކަށް ދާ އެއްޗެހި... ޖިލްގެ އޮފީސް އޯޑަރެއް ތީ.. އެތާ ބޮޑު ކަމެއް އޮތީ ކަންނޭނގެ... އަދި ހަތަރެތި ފިހުނީމަ ހަމަވާނީ..." ރިފްއާން ވަރަށް ހަމަޖެހިލާފައި ޖަވާބު ދިނެވެ. "ޖިލް އޮފީހަށް ދާއިރު ހިފައިގެން ދިޔަސް ރަނގަޅު ވާނެ... ރެޑީވެގެން އަންނަންވާއިރަށް ނިންމާލާނަން..."
ރެސްޓޯރަންޓްގެ ތެރޭގައި ހަދާފައިވާ ކުޑަ ކޮޓަރިއަށް ވަދެ، ޖިލްވާ ތައްޔާރުވެލައިގެން އައިއިރު، ޔޫން އޮތީ ނިދާފަ އެވެ. އެކުއްޖާ ގެންގޮސް، ކޮޓަރިއަށް ލާފައި ޖިލްވާ ނުކުތީ، ޕިއްޒާތައް ހިފައިގެން އޮފީހަށް ދާން ވަގުތު ކުޑަތަންވެފައި ވާތީ ހާސްވެފައި ހުރެއެވެ.
"ޔޫން ރަނގަޅަށް ބަލައްޗޭ..." ސައިކަލަށް އަރައި ސްޓާޓުކޮށްލަމުން އާދައިގެ މަތިން ޖިލްވާ ބުންޏެވެ.
"ޖިލް!..." ރިފްއާނު ގޮވައިލީ ޝަކުވާގެ ރާގަކަށެވެ. "ކޮންމެ ދުވަހަކު ނުބުންޏަސް، އަހަރެން ޔޫން ބަލާނަމޭ... ޖިލް ތިހެން އުޅުނީމަ، ހީވަނީ މާ ދުރު މީހެއް ހެން..."
"އިނގެޔޭ..." ޖިލްވާ ލުއި ގޮތަކަށް ހީލިއެވެ.
"ދެން ނުބުނައްޗޭ!... ޔޫން އަކީ ހަމަ އަމިއްލަ ދަރިއެއް ގޮތަށް އަހަރެން ދެކެނީ..." ރިފްއާނު ބުންޏެވެ.
މަންޒިލާއި ހިސާބަށް ދެވުނު ޖިލްވާ ހުރީ ވަރުބަލިވެގެން މާނޭވާ ލެވޭވަރު ވެފައެވެ. ޕިއްޒާތައް ގެންދަންޖެހުނީ، ބައްދަލުވުން ބާއްވާ ހޯލަށެވެ. ހަލުވި ފިޔަވަޅުތަކެއްގައި ޖިލްވާ ގޮސް، ހޯލަށް ވަންއިރު، އެތަނުގައި އެތައް ބަޔަކު ތިއްބެވެ. އެ އެންމެންގެ ނަޒަރު ކަހަލަ ގޮތަކަށް އޭނައަށް ހުއްޓުނެވެ.
ޕްރޮޖެކްޓަރު ކައިރީ ކޮޅަށް ހުރި މީހަކު ފެނިފައި ޖިލްވާގެ ދެފައި ހީވީ ބިމުގައި ތަތްލީ ހެންނެވެ. ހިތް ނެގިނެގިފައި ޖެހެން ފެށިއެވެ. އެ ފިނި ދުވަހުގައި ވެސް ނިތްކުރިމަތީން ދާ ހިއްލައިލިއެވެ.
(ނުނިމޭ)