ޖިލްވާ އިނީ ކާމޭޒު ކައިރީގައެވެ. އެއް އަތުގައި އޮތީ ކަރުދާސްކޮޅެކެވެ. އަނެއް އަތުގައި ފޯނެކެވެ. ޖުއާން ދިޔުމުގެ ކުރިން ކުރު ނޯޓަކާއިއެކު ޖިލްވާއަށް ފޯނެއް ހަދިޔާ ކުރީއެވެ. އެއީ ޖުއާންގެ އުފަންދުވަހު ލިބުނު ފޯނެކެވެ. ނޯޓުކޮޅުގެ ތިރީގައި ޖުއާންގެ ފޯނު ނަންބަރު ޖަހާލާފައި އޮތެވެ.

********

ދެތިން ދުވަސް ފާއިތުވެގެން ދިޔައިރު، ޖިލްވާއަށް ޒެނިލް ފެނުނީ މަދު ފަހަރަކުއެވެ. ޒެނިލް ގެއަށް އަންނަނީ ދުވާލަކު އެއްފަހަރު ކަހަލަ ގޮތަކަށެވެ. އެވަގުތު ތަކުގައި ޖިލްވާ އުޅެނީ ކޮޓަރި އާއި ވީހާވެސް ދުރުންނެވެ. ޒެނިލް ރޭގަނޑު ނިދަނީ ކޮންތާކު ކަމެއް ޖިލްވާއަކަށް ނޭނގެއެވެ. ގަސްދުގައި ގެއަށް ނިދަން ނާންނަނީ އެވެ. ނޫނީ، އޮފީހުގައި މަސައްކަތް ބުރައީ އެވެ. އެކަނި ބޮޑު ގެއެއްގައި އުޅެން ޖިލްވާ ބިރުގަނެއެވެ. އެކަނިވުމުން، އޭނައަށް ރަނގަޅަށް ނުވެސް ނިދެއެވެ. ޖުއާންއަށް ގުޅުމުން ފޯނު ނުނަގާތީ ޖިލްވާ ވަކީން މާޔޫސް ވިއެވެ.

ނޯކަރުންނަށް ޗުއްޓީ ދީފައި ފޮނުވައިލުމުން، ޖިލްވާ ހީކުރީ ކައްކަން ޖެހޭނެ ކަމަށެވެ. އެކަމަކު، ކޮންމެ ދުވަހަކުވެސް ކެއުމުގެ ވަގުތުތަކުގައި ކާއެއްޗެހި ހިފައިގެން މީހަކު އާދެއެވެ. އެމީހާ ދަނީ، ޖިލްވާ ކައި ނިމުމުން، ތަށިތައްވެސް ނަގައި މޭޒުމަތި ސާފުކޮށްފައެވެ.

********

އާމިރަށް ނޭނގި، ހަމްދާ ފުލުހުންގެ އިދާރާއަށް ޖިލްވާ ގެއްލިގެން އުޅޭ މައްސަލަ ހުށަހެޅިއެވެ. ކުއްލިއަކަށް ޖިލްވާ ގެއްލުމުގައި، ރިފްއާނުގެ އަތެއް ވާނޭކަމަށް ފުލުހުން ޝައްކު ކުރިއެވެ. ފުލުހުންގެ ތަހުގީގާއިއެކު، ފަތުއަޑު ކިޔާފައި، ޖިލްވާގެ ޚަބަރު މުޅި މާލެތެރެއަށް ފެތުރުނެވެ. އެބަޔަކަށް އެޅުނު ވަރަކަށް ފޮނިތޮއްޓާއި ކާފޫރުތޮޅި އަޅައިގެން އެކަކު އަނެކެއްގެ ކައިރީގައި ވާހަކަ ދައްކަމުން ދިޔައެވެ. ނޫސްތަކުގެ ފަލަ ސުރުހީތަކުން އެ ޚަބަރު ޖާގަ ހޯދައިފިއެވެ. އެއްބަޔަކު ޖިލްވާއަށް ހަމްދަރުދީ ފާޅު ކުރިއެވެ. އަނެއްބަޔަކު، އެކަންވީ ވާންވި ގޮތަށް ކަމުގައި ބުނެ، އާއިލާއަށް އިތުރު ހިތްދަތިކަމެއް ދެމުން ދިޔައެވެ.

އާމިރު ގެއަށް އައިއިރު، މޫނުމަތި ހުރިގޮތުން، ހަމްދާގެ މުޅި ގައިގައި ހުރި ލޯލިތައް ކޮޅަށް ޖެހުނެވެ. ކޮންމެ ދުވަހަކު ކަންފަތުގައި އައިސް ޖެހޭ ޚަބަރުތަކުން އާމިރުގެ ކެތްތެރިކަން ކޮޅުންލީއެވެ. އާމިރު ކޮޓަރިއަށް ވަނުމުން ފަހަތުން ހަމްދާވެސް ވަނެވެ.

"ހަމްދާ އަހަންނަށް ކުޑަވެސް އިތުބާރެއް ނުކުރީމަ މިހުރިހާ ކަމެއް މިވީ..." އާމިރު ހުރީ ރުޅި އައިސްފައެވެ.

"ނޫން އާމިރު..." ހަމްދާ ކަންބޮޑުވެފައި ބުންޏެވެ.

"އަހަންނަކަށް ނުބުނެވޭތަ، މިކަން ފުލުހަށް އަންގާ ހިސާބުން ކަންތައް ވާނެ ގޮތެއް؟..." އިތުބާރު ގެއްލިފައިވާ ރާގަކަށް އާމިރު ވާހަކަ ދެއްކިއެވެ. "ހަމްދާ ތިހާ މޮޔަ ކަންތައް ކުރަން ފެށީ ކޮން އިރަކު؟..."

"އަހަރެންގެ ހުރި ހަމައެކަނި ދަރިފުޅޭ އެއީ... އާމިރު ބުނާހާ ދުވަހެއް ވަންދެން އަހަރެން ކިހިނެއްތަ ބަލަން ހުންނާނީ؟..." ހަމްދާ ފެށީ ރޯށެވެ.

ވިސްނައިދީދީ ވަރުބަލިވެެން އާމިރު ނުކުތީ ބޭރަށެވެ. ކުރިމަތީގައި ހުރި ވާފިރު ފެނިފައި އާމިރުގެ ފިޔަވަޅުތައް ގަނޑު ވިއެވެ.

********

މުބާރާތް ފެށެން ދެ ދުވަހަށް ވެފައިވާތީ، ޒެނިލް އުޅެމުން ދިޔައީ ބުރަކޮށެވެ. މުބާރާތް ބަހަނާއަކަށް ނަގައިގެން އޮފީހުގައި ނިދަމުން ދިޔައީ، ގަސްދުގައި ގެއަށް ނުދާންވެގެންނެވެ. ކައިވެނީގެ ރޭގައި ހިނގި ހާދިސާއަށްފަހު، އޭނައަށް ޖިލްވާގެ ކުރިމައްޗަށް އަރަން ފަސޭހައެއް ނޫނެވެ. ދުރުގައި ހުއްޓަސް، ކުރިމަތީގައި ޖިލްވާ ހުންނަހެން އޭނައަށް ހީވަނީއެވެ.

އާދައިގެ މަތީން ޒެނިލް އޮތީ އޭނާގެ ކޮޓަރީގައެވެ. ދޮރުގައި މީހަކު ޓަކި ޖަހައިލުމުން، ގޮސް ހުޅުވައިލިއެވެ. ދޮރުމަތީގައި ހުރި އާރާ ފެނި، ޒެނިލްއަށް ބަލައިލެވުނީ ގަޑި އަށެވެ. ގަޑިން މެންދަމުން އަލިވެ އެކެއް ޖެހީއެވެ.

"އަހަރެން މިރޭ މި ކޮޓަރީގަ މަޑުކޮށްލިޔަސް އެންމެ ރަނގަޅުތަ؟..." އާރާ އެދުނެވެ.

"އަނެއްކާވެސް މަންމަ އާ ޒުވާބު ކުރީތަ؟..." ޒެނިލް އަހައިލިއެވެ.

އާރާ ބޯ ޖަހައިލިއެވެ. ޒެނިލް ދޮރުމަތިން ދުރަށްޖެހިލުމުން އާރާ އެތެރެއަށް ވަނެވެ. ބޯ ޖެކެޓަކާއި، ދަބަސް ހިފައިގެން ޒެނިލް އުޅުނީ ކޮޓަރިން ނުކުންނާށެވެ.

"މަޑެއް ނުކުރެވޭނެތަ؟..." އާރާ ސުވާލު ކުރީ އާދޭހުގެ ރާގަކަށެވެ.

"އާރާ!..." ވިސްނައިދޭ ކަހަލަ ރާގެއްގައި ޒެނިލް ގޮވައިލިއެވެ. "އަހަރެންގެ ދީނުގަ ރަނގަޅު ކަމެއް ނޫން ހިލޭ އަންހެނަކާ އެކީ އެއްކޮޓަރިއެއްގަ..."

ޒެނިލްގެ ޖުމްލަ ފުރިހަމަ ކުރުމުގެ ކުރިން އާރާ ވާހަކަ ދައްކަން ފެށިއެވެ.

"އަހަރެން ނޫޅެމޭ ކަމެއް ކުރާކަށް..." ޝަކުވާގެ ރާގެއްގައި އާރާ ބުންޏެވެ. "އެހެން ނޫނަސް، އެފަދަ ހާލަތެއް އަތުވެއްޖެއްޔާ، އަހަރެން މިހުރީ ޒެނިލް އާ ކައިވެނި ކުރަންވެސް ތައްޔާރަށް..."

"ތިޚިޔާލު ދޫކޮށްލާ އާރާ..." ޒެނިލްގެ މޫނުމަތިން ފެނުނީ ހަމްދަރުދީއެވެ. އަޑުގައިވީ އާދޭހެވެ. "އެކުވެރިކަން ފިޔަވާ އަހަރެންގެ ހިތުން އާރާއަށް ދެވޭނެ އިތުރު މަޤާމެއް ނެތް... އައި އޭމް ސޮރީ..."

ޒެނިލް ދިޔުމުން، އާރާ ހުރިތަނަށް ތިރިވިއެވެ. ރޮއެރޮއެފައި އަމިއްލަ ހިތާއި އެތައް ޝަކުވާއެއް ކުރިއެވެ. އެހާ ދުވަހު ޒެނިލް އާއި އެކީ އުޅުމުންވެސް، ޒެނިލްގެ ހިތް އޭނަގެ މައްޗަކަށް ނުލެނބުނެވެ.

ގެއަށް ދިޔުމަށް ކާރަށް އެރި ޒެނިލްގެ ފޯނު ރިންގްވާން ފެށިއެވެ. ގުޅީނުދަންނަ ނަންބަރަކުންނެވެ. ފޯނު ނަގައި ކަންފަތުގައި ޖައްސައިލި ނަމަވެސް، ޒެނިލް ވާހަކަ ނުދައްކާ މަޑުކުރީ، ފޯނުގެ އަނެއްކޮޅުން އެއްޗެއް ބުނަންދެނެވެ.

"ލައްކަ ދުވަހު އޭނަ ފޮރުވައިގެން އުޅެފީމެއްނު..." އިވުނީ ބަރު އަޑެކެވެ.

"ކާކު؟..." ޒެނިލް ހާސްވެފައި ސުވާލު ކުރިއެވެ.

"ހާދަ މޮޔަ އަންހެންކުއްޖެކޭ... މިރޭ ބޭރުގަ ނިދާފަ އެއޮތީ، އަހަރެންގެ މަސައްކަތަށް ފަސޭހަ ކުރަންތަ؟..." އެމީހަކު ހީގަތެވެ.

އަޑު ގަދަކަމުން ޒެނިލްއަަށް ފޯނު ކަންފަތާއި ދުރުކޮށްލެވުނެވެ.

"އަހަރެން ޖަހަން ޖެހޭނީ އެންމެ ޝޮޓެއް... އުފްފްފްފް..." ބޮޑާ ރާގަކަށް އެމީހާ ބުންޏެވެ.

"ކާކުހޭ؟...." ޒެނިލް ހަޅޭއްލަވައިގަތެވެ.

ޑްރައިވަރު ފަސްއެނބުރި ބަލައިލީ ހާސްވެފައެވެ. ޒެނިލް އަތުގެ އިޝާރާތުން ކާރުގެ އިސްޕީޑު ބާރު ކުރުމަށް އެންގިއެވެ.

"ހަނދާންކުރާތި!... ޖިލްވާއަށް ގޮތެއް ހަދައިފިއްޔާ، އަހަރެން މަޑަކުން ނުހުންނާނަން..." ޒެނިލް އިންޒާރު ދިނެވެ.

އެމީހާ ހިނިގަނޑެއް ޖަހައިލުމަށްފަހު، ފޯނު ކަނޑާލީއެވެ. ގެއާއި ހަމައަށް އާދެވުނުއިރު، ޒެނިލްގެ ހިތް ވަނީ އަވަސްވެފައެވެ. ކާރުން ފައިބައިގެން ގެއަށް ވަންނަން ދިޔަ ވަގުތު، މަގުން ހުރަސްކޮށްލި މީހަކު އޭނައަށް ފެނުނެވެ. ޑްރައިވަރުގެ ކައިރީގައި އެމީހާގެ ފަހަތުން ދިޔުމަށް އެދިފައި ޒެނިލް ވަނީ ގޭތެރެއަށެވެ.

ގޯތިތެރޭގައި ބަހައްޓާފައިވާ މޭޒުގައި ބޯ އަޅާލައިގެން ޖިލްވާ އޮތެވެ. ދެ އަތް އޮތީ ތިރިއަށް އެލިފައެވެ. ޒެނިލްގެ ހިތް ތެޅިގަތެވެ. ދުވެފައި ގޮސް ޖިލްވާ ނަގައި ތަޅުވައިގަތެވެ. ޖިލްވާ ސިހިފައި ލޯ ހުޅުވައިލިގޮތަށް ބާރަށް ހަޅޭއްލަވައިގެންފިއެވެ. ޒެނިލްގެ ގައިގައި ތަޅައިގަނެ، ދުރަށް ކޮއްޕައިލިއެވެ. ވެއްޓިފައި އޮތީ ޒެނިލް ކަން އެނގުމުން، ޖިލްވާ ހުރީ އަނގަޔަށް ގޮތެއް ހަދާލައިގެންނެވެ.

"އޯކޭތަ؟..." ޒެނިލް ތެދުވެގެން އައިސް ޖިލްވާގެ ދެކޮނޑުގައި ހިފަހައްޓައިލިއެވެ.

ޖިލްވާގެ ވަށައިގެން ބަލަމުން ދިޔައިރު، ޒެނިލްގެ މޫނުން ފެންނަމުން ދިޔައީ ހާސްކަމެވެ. ކުއްލިއަކަށް ޒެނިލްއަށް ވެގެންއުޅޭ ގޮތަކުން ޖިލްވާ ހުރީ ވާނުވާ ނޭނގިފައެވެ.

ޖިލްވާއަށް އެއްވެސް އަނިޔާއެއް ވެފައި ނެތުމުން ޒެނިލްއަށް ދޫކޮށްލެވުނީ ފުން ނޭވާއެކެވެ. ދެވަނަ ސިކުންތުގައި ދެބުމަ ގޮށްޖަހައިލަމުން ޖިލްވާގެ މޫނަށް އޭނަ ބަލައިލިއެވެ.

"ނިދާނެ ތަން ނެތީމަތަ، ބޭރުގަ ނިދާފަ ތިއޮތީ؟... މީ މީހުން ނިދާ ކަހަލަ ތަނެއްތަ؟..." ޒެނިލް ނުރުހިފައި ސުވާލު ކުރިއެވެ.

"އެކަނި އޮންނަން ނުކެރިގެން..." މައުސޫމު ރާގަކަށް ޖިލްވާ ބުންޏެވެ.

"ދެން މީ އެންމެ ރައްކާތެރި ތަން؟..." ޒެނިލް ދެފަރާތަށް ބޯ ހޫރައިލިއެވެ. "ހިނގާ އެތެރެއަށް..."

ޒެނިލް ވަށައިގެން ހޯދަމުން ދިޔަގޮތުން ޖިލްވާގެ ހިތުގައި ބިރުވެރިކަން އުފެދުނެވެ. ކޮންމެވެސް ކަމެއް ވެއްޖެކަން އެނގުނެވެ. ގޭތެރެއަށް ވަންގޮތަށް، ޒެނިލް ދިޔައީ ކާގެ އާއި ދިމާއަށެވެ. އައިސްއަލަމާރިން ނެގި ފިނި ފެންފުޅީގައި ތުން ޖެހިގޮތަށް ހުސްކޮށްލިއެވެ.

ޑްރައިވަރު ގުޅުމުން ޒެނިލް ނުކުތީ ގޯތިތެރެއަށަވެ. ކުޑަދޮރު ކައިރީގައި ޖިލްވާ ހުރީ ޒެނިލްގެ ހަރަކާތްތަކަށް ބަލާށެވެ.

"އަތެއް ނުވި..." ޑްރައިވަރު ބުންޏެވެ.

"ސެކިޔުރިޓީ ވަރުގަދަ ކުރޭ... ސީސީޓީވީ ފުޓޭޖް މިރޭ ފޮނުވާލާތި..." ޒެނިލް އެދުނެވެ. "ދެން އެންމެ ރަނގަޅު ދިޔަސް..."

ޒެނިލް ގޭތެރެއަށް ވަންއިރު، ޖިލްވާ ހުރީ ސޯފާ މައްޗަށް އަރައިގެން ކުޑަދޮރުން ބޭރު ބަލާށެވެ. ޒެނިލް ފެނުމުން، އަވަަހަށް ދާން ހަދައިގެން ތަތްވީ ބިއްލޫރިގަނޑުގައެވެ. ޖިލްވާ ރަކިވެގެން ހުރިހާ ދަތެއް ފެންނަވަރަށް ހީލަމުން ޒެނިލްއަށް ބަލައިލިއެވެ.

"އައިސްބަލަ..." ޒެނިލް އެދުނެވެ.

ޒެނިލްގެ ފަހަތުން ޖިލްވާ ގޮސް ކޮޓަރިއަށް ވަނެވެ. އަލަމާރި ހުޅުވާފައި ޒެނިލް ނެގީ، ފޮށްޓެކެވެ. އޭގެ ތެރެއިން ދެތިން އެއްޗެއް ނަގާފައި ޖިލްވާގެ ކައިރީގައި ފޯނު ދިނުމަށް އެދުނެވެ. ޖިލްވާ ފޯނު ދިނުމުން، އެ ރޫޅާލައިގެން ކޮންމެވެސް ކަމެއް ކުރިއެވެ. އޭގެ ފަހުގައި އޭނަގެ ނަންބަރު ޖަހާލާފައި ފޯނު އަނބުރާ ދިނެވެ.

"ތީ އަހަރެންގެ ނަންބަރު... ސޭވްކޮށްލާތި..." ޒެނިލް އެދުނެވެ.

ޒެނިލް ދެން ނެގީ ފަށެކެވެ. ފަށް އެޅުވުމަށް ޖިލްވާގެ ކައިރިއަށް ޖެހިލިއެވެ.

ގުޑިލަންވެސް ނޭނގިފައި ޖިލްވާ އިނެވެ. ޖިލްވާގެ ކަނދުރާ އާއި ހަމައިން ޒެނިލްގެ ހަރަކާތް ހުއްޓިއްޖެއެވެ. އެ ހަށިގަނޑުން ދުވަމުންދިޔަ މީރުވަހުން، އޭނަގެ މަގުސަދު ހަނދާންނެތުނު ކަހަލަ އެވެ. ކައިވެނީގެ ރޭގެ މަންޒަރުތައް ލޯމަތީގައި ސިފަވާން ފެށި އެވެ. އެ ޚިޔާލު ސިކުނޑިން ނެރެ އެއްލައިލަން ޒެނިލް މަސައްކަތް ކުރިއެވެ. އެކަމަކު، އެކަން ވީ ފޫނެއް ފަޔަށް ފެން ފުރުން ކަހަލަ ކަމަކަށެވެ. އަތާއި އެއްވަރަށް ޖިލްވާގެ ކަނދުރާ އާއި ދިމާއަށް އޭނަގެ މޫނުވެސް ތިރިވަމުން ދިޔައެވެ.

ޒެނިލްގެ ހޫނު ނޭވާގެ އަސަރު ކަނދުރާއިން އިހުސާސް ކުރެވުމުން ޖިލްވާގެ ހިތުގެ ތެޅުން ބާރުވެލައިފިއެވެ. ކައިވެނީގެ ރޭގައި އެފަދަ ކަމެއް ތަޖުރިބާ ކުރެވުނު ހެންވެސް ޖިލްވާއަށް ހީވިއެވެ. ފޯނަށް މެސެޖެއް އައި އަޑު އިވުމުން، ޒެނިލް ތެޅިގަތެވެ. ޖިލްވާ އާއި ދުރަށް ޖެހުނެވެ. ޖިލްވާގެ އަތަށް ފަށް ލައިދިނުމަށްފަހު، އެ އަޅައިގެން އުޅުމަށް އެދުނެވެ.

"މީ އަހަންނަށް ދުވަހަކު ވީ ގޮތެއް ނޫން... މިގޮތަށް އަންހެން ކުއްޖަކާ ގާތްވާން ދުވަހަކު ހިތަށްވެސް ނާރާ..." ޒެނިލް ހިތާއި ހިތުން ވާހަކަ ދެއްކި އެވެ.

ޒެނިލް ފެންވަރައިގެން ނުކުތްއިރު، ޖިލްވާ އޮތީ އެނދުގައި ނިދާލާފައެވެ. ލައިގެން އޮތް ޓީޝާޓުކޮޅުން ބޮޑު ބައެއް އޮތީ ހިއްލިފައެވެ. ޒެނިލް އުޅުނީ ޓީޝާޓު ރަނގަޅުކޮށްލަދޭށެވެ. ޖިލްވާ ކުއްލިއަކަށް ޒެނިލްގެ ކަނދުރާގައި އަަތް އަޅުވާލައިފިއެވެ. ޒެނިލް ދުރުވާން އުޅުމުންވެސް، އިތުރަށް ގާތްވެލައިފި އެވެ. ފިނިވެފައިވާ އެ ހަށިގަނޑަށް ޒެނިލްގެ ހޫނުކަން ބޭނުންވެފައިވާ ފަދައިންނެވެ. އެންމެފަހުން ޖިލްވާއެކޭ އެއްވަރަށް ޒެނިލްގެ ހިތްވެސް، އެހެން ކަމަކަށް ބޭނުންވާން ފެށިއެވެ.

ޒެނިލްގެ ހަރަކާތްތަކުން، ނިދީގައި އޮތް ޖިލްވާއަށް ހޭލެވޭކަށް ގިނައިރެއް ނުނެގިއެވެ.

(ނުނިމޭ)

ކޮމެންޓް 0