ފުލުހުން ދިޔުމުން ފުން ނޭވާއެއް ދޫކޮށްލާފައި ޖިލްވާ ތެދުވި އެވެ. އޭނަ ސިހިފައި ކުޑަކޮށް ހަޅޭއްލަވައިގަތީ، ކުރިމަތީގައި އޭނައަށް ބަލަން އިން ޒުވާނާ ފެނިފަ އެވެ.
********
ޔޯހަން އިނީ ފާޑަކަށް ހިނި އައިސްފަ އެވެ. ޖިލްވާ އުޅޭގޮތް މަޖާކަމުން އެ ނަޒަރު ބަދަލުކޮށްލަން ވެސް އޭނައަށް އުނދަގޫ ވިއެވެ.
"ސޮރީ!... ސޮރީ!..." މޫނުމަތީގައިވާ އިސްތަށިތައް އެއްފަރާތް ކުރަމުން، ޖިލްވާ ފުންމައިގެން ތެދުވިއެވެ. މަޢާފަށް އެދިފައި، އެތަނުން ދިޔުމަށް ހިނގައިގަތެވެ.
"އެކްސްކިއުޒް!..." ޔޯހަން ގޮވައިލި އެވެ. "ކުރަން އައި ކަންތައް ނިންމާލާފަ ދާންވާނީ... ސިގްނޭޗަރ..."
ޖިލްވާ ބަލައިލިއިރު ޔޯހަން ހުރީ، ފައިލެއް ދިއްކޮށްލައިގެންނެވެ. ޖިލްވާ ފައިލުގައި ނުހިފުމުން ކުރިއަށް ޖެހިލައި، ފައިލާއި ގަލަން އަތަށް ލައިދިނެވެ. މޭޒު ދައްކައިލާފައި އިށީނުމަށް އެދުނެވެ. ޖިލްވާ ހީކުރީ ޔޯހަން އަކީ ފުލުހެއް ކަމަށެވެ. ޔޯހަން ހުރީ ވެސް އެފަދަ ގޮތަކަށެވެ. އިނގިރޭސި ފިލްމުތަކުގައި ފުލުހުން ލާކަހަލަ، ޖެކެޓުލައި ބޫޓަށް އަރާފަ އެވެ. ދެފިކުރެއްގައި ހުރެފައި ޖިލްވާ ގޮސް އިށީނީ އިތުރު ގޮތެއް ނެތްކަން އެނގުމުންނެވެ.
ފައިލުގައިވާ ލިޔުންތައް ނަގައިގެން ބަލަން ޖިލްވާ އިނެވެ. ހަދަންވީ ގޮތެއް ނޭނގިފަ އެވެ. ކުށެއް ނުކުރާ ވާހަކަ ބުނަން ކިތަންމެ ފަހަރަކު އޭނަ މަސައްކަތް ކުރި އެވެ. އެކަމަކު، ދޫ ހަރަކާތް ނުކުރުމުން، ހުއްޓައިލި އެވެ. ޖިލްވާ އާއި ދާދި ގާތުގައި ހުއްޓިފައި ޔޯހަން ކުޑަކޮށް ގުދުވެލީ، ސޮއި ކުރަންޖެހޭ ތަން ދައްކައިލުމަށެވެ. އެ ގައިގޯޅިކަމުން، ޖިލްވާ ސިހުނެވެ. ކުއްލިއަކަށް ޔޯހަން އާއި ދިމާއަށް ބަލައިލި އެވެ. ދާދި ގާތުން އެ މޫނު ފެނުނުއިރު، ދުވި ލުއި ސެންޓްގެ މީރު ވަހުން، ފުން ނޭވާއެއް އެތެރެއަށް ދަމައިލަން އޭނައަށް މަޖުބޫރު ކުުރުވި އެވެ.
"މިތާ ސޮއި ކޮށްލާ!..." ޔޯހަންގެ ނަޒަރު ޖިލްވާގެ މޫނަށް ހުއްޓުނީ ސޮއި ކުރަންޖެހޭ ތަން ދައްކައިލުމަށް ފަހުގަ އެވެ.
ދެމީހުންގެ ހަތަރުކަޅި ބައްދަލުވުމާއިއެކު، ޔޯހަން ހަދިޔާކޮށްލީ، ލުއި ހިނިތުންވުމެކެވެ. އެއީ ޔޯހަން ގަސްދުގައި ކުރި ކަމެއްހެން ޖިލްވާއަށް ހީވި އެވެ. އޭނަ އަވަހަށް ދުރަށްޖެހިލި އެވެ.
"ސޮއި ކުރަން އޮފީހަށްތަ ދާނީ؟..." ދެމާނަ އެކުލެވޭ ރާގަކަށް ޔޯހަން ބުންނެވެ.
"އޮފީހަށޭ؟..." ޖިލްވާގެ ދެފައި ތުރުތުރު އަޅައިގަތެވެ.
ޔޯހަން ބޯ ޖަހައިލި އެވެ. އެއާއިއެކު ޖިލްވާ އެ ކަރުދާހުގައި ސޮއިކޮށްފައި އެތަނުން ދިޔުމަށް ހިނގައިގެންފި އެވެ. ޔޯހަން އެއްލި އަތުން ހިފީ، ޖިލްވާ ލައިގެން ހުރި ޖެކެޓުގަ އެވެ.
"އޮފީހަށް ނުގޮހެއް ނުވާނެ..." ލާނެތް ރާގަކަށް ޔޯހަން ބުންޏެވެ. "އަދި މި ފެށުނީ އޭ..."
********
އޮފީހުގެ ޖަލްސާކުރާ މާލަމުގެ ބޭރުގައި ދެކޮޅަށް ހިނގަހިނގައި ހުރި ޒެނިލް، ދޭތެރެއަކުން އަތުކުރީގައި އޮތް ގަޑިއަށް ބަލައިލަ އެވެ. އޭނަގެ ނުތަނަވަސްކަން ފިލައިގެން ދިޔައީ، އެތެރެއަށް ވަދެގެން އައި ޔޯހަން އާއި އަންހެން ކުއްޖާ ފެނުމުންނެވެ. އެ ދެމީހުން އެތެރެއަށް ވެއްދުމަށް ދޮރު ކައިރީގައި ހުރި މީހާގެ ކައިރީގައި އެދިފައި، ޒެނިލް ވަނީ އެތެރެއަށެވެ.
ބައްދަލުވުން ބާއްވާ ހޯލަށް ވަންއިރު، ޖިލްވާ ހުރީ ވާނުވާ ނޭނގިފަ އެވެ. ތަނުގެ އެންމެންގެ ނަޒަރު ޖިލްވާއަށް ހުއްޓުނެވެ. ހިނގައިގަންނަންވެސް ނޭނގިފައި ޖިލްވާ ހުއްޓައި، އާރާ އައިސް އިށީންނަންވީ ތަން ބުނެދިނެވެ. ކުރިއަށް ހިނގައިގަތް ޖިލްވާއަށް މޭޒުގެ ކޮޅުގައި އިށީނދެލައިގެން އިން ޒެނިލް ފެނިފައި ހުއްޓުން އެރި އެވެ. ފުރަތަމަ ނަޒަރުން އެ ސޫރަ ހިތުގައި ބިންވަޅު ނެގުނު ކަހަލަ އެވެ.
ޖިލްވާއަށް ޔޯހަން އަކީ ފުލުހެއް ނޫންކަން އެނގުމުން ހިތަށް ހަމަޖެހުން ލިބުނެވެ. އެހެނަސް، އޭނަ އެތަނަށް ގެނައި ބޭނުން އެނގުމުން، މުޅި ތަން އެނބުރިގަތްހެން ހީވި އެވެ. ފިލްމު ކުޅުނަސް، ނެށުމަކީ އޭނަ ދުވަހަކުވެސް ކުރި ކަމެއް ނޫނެވެ. އަނެއްކޮޅުން ކޮރެއާގައި ބާއްވާ ބޮޑު މުބާރާތެއްގައި ވާދަ ކުރެވޭ ފެންވަރެއް ޖިލްވާ ކަހަލަ އާދައިގެ އެކްޓްރެސްއެއްގެ ކިބައިގައި ނުހުންނާނެ އެވެ. ދެ ދުވަސް ތެރޭގައި އެ މުބާރާތް ފެށުމުގެ ހަފުލާ ބާއްވާ ކަން އެނގުމުން ޖިލްވާ ވަކީން ހާސް ވިއެވެ. އެއްކަމަކުން ސަލާމަތްނުވެ އުޅެނިކޮށް އަނެއް ކަމެއްގައި އޭނަ ހައްޔަރުވީ އެވެ. ފާޚާނާއަށް ކަމަށްބުނެ، ޖިލްވާ އުޅުނީ އެތަނުން ފިލައިގެން ދާށެވެ.
ފާޚާނާގެ ދޮރު ސިއްރު ސިއްރުން ހުޅުވައި ދެކޮޅު ބަލައިލުމަށްފަހު، ޖިލްވާ ބޭރަށް ދެމިގަތެވެ.
"އެގްރީމެންޓްގަ ސޮއިކޮށްފަ ތިހެނެއް ނުފިލޭނެ..." ދޮރުން ނުކުމެނުކުމެ ހުއްޓައި އަންހެން ކުއްޖެއްގެ އަޑުން ޖިލްވާގެ ފިޔަވަޅުތައް ހުއްޓުނެވެ.
ޖިލްވާ ފަސްއެނބުރި ބަލައިލިއިރު، ކައިރީގައި ހުރީ އަންހެން ކުއްޖެކެވެ. ފެންނަ ފެނުމަށް ކޮރެއާގެ އަންހެން ކުއްޖަކާއި ވައްތަރެވެ. އެކުއްޖާ ވާހަކަ ދެއްކީ އިނގިރޭސި ބަހުންނެވެ. ޖިލްވާއަށް އޭނާ ކީ އެއްޗެއް ފަހުމު ވާނޭހައި ލަސްލަހުންނެވެ.
"ސަލާމަތްވާން ބޭނުމިއްޔާ ޖިލްވާއަށް ޖެހޭނީ، އެއްބަސްވުމާއި އެއްގޮތަށް އޭގަ އޮތް ކަންކަން ކުރަން... އެނގެއެއްނު، ބޭރުތެރެ ފުލުހުން އެބަ ހޯދާ ކަން..." އަންހެން ކުއްޖާ ހިނިތުންވެލީ މާނައިން ފުރިގެންވީފަދަ ގޮތަކަށެވެ. "ފުލުހުންނަށް ގުޅަންވީތަ؟..."
"ނޫން ނޫން..." އެކުއްޖާގެ ފޯނުގައި އަތް ޖައްސައި ތިރިކޮށްލަމުން، ޖިލްވާ އަވަސްއަވަހަށް ބުންޏެވެ. "އަހަރެންގެ ނަން އެނގުނީ ކިހިނެއް؟... ފުލުހުން އަހަރެން ހޯދާކަން އެނގުނީ ކިހިނެއް؟..."
"އެ ސުވާލުތައް އިހަށް ބާއްވަމާ..." އަންހެން ކުއްޖާގެ ޖަވާބު އަވަހެވެ. "މިވަގުތަށް މުހިއްމީ ކުރަން ތިއުޅޭ ކަންތައް... އެހެންވީމަ ތައްޔާރު ދޯ؟..."
ޖިލްވާ ވިސްނައިލި އެވެ. ފުލުހުންނަށް ފިލައިގެން އޭނައަށް އުޅެވިދާނެ ހެއްޔެވެ؟ އަންހެން ކުއްޖާ ބުނިހެން އެތަނުގައި އޭނަގެ އެއްވެސް ބާރެއް ނުހިނގާނެ އެވެ. ޖަލަށް ލައިފިނަމަ، އެނގޭނެ މީހަކުވެސް ނެތެވެ. ރިފްއާން ނުރައްކަލެއްގެ ތެރެއަށް ވައްޓައިލެވޭކަށްވެސް ނެތެވެ. އާމިރުގެ ކަންފަތާއި ހަމައަށް އެ ޚަބަރު ގޮސްފިނަމަ، ކަންތައް ގޯސްވާނެ ވަރު، ޖިލްވާއަށް އެނގެ އެވެ.
"ފުލުހުންނާ ދޭތެރޭ ހާސްނުވޭ..." އަންހެން ކުއްޖާ ބުންޏެވެ.
ޖިލްވާ އެއްޗެއް ބުނަން އަނގަ ހުޅުވައިލާފައި ބަލައިލިއިރު، އެ އަންހެން ކުއްޖާއެއް ނެތެވެ. އޭނަގެ ވިސްނުން ހުރިގޮތް އެކުއްޖާއަށް އެނގުނީ ކަހަލަ އެވެ. އެންމެފަހުން ޖިލްވާ ގޮތެއް ނިންމި އެވެ. ހަފުތާއެއް ތެރޭގައި އަމިއްލަ ނަފުސު ދިފާއުކުރާ ވަރަށް އޭނައަށް ހެކި ހޯދި ދާނެއެވެ. އޭރުން އެންމެންނަށްވެސް އޭނަގެ ޙާލަތު ވިސްނޭނެ އެވެ.
********
ހަލަބޮލިކޮށް ފެންނަމުންދިޔަ މަގުތައް މަތީގައި ދުއްވާ އެއްޗެހި ގިނަ އެވެ. މަގު ހުރަސްކުރަން ތިބި މީހުންނަށް ފުރުސަތު ލިބުމާއިއެކު، ޒެނިލްއަށް ޖެހުނީ ކާރު ހުއްޓާށެވެ.
"ހާދަ ލަސްވެއޭ..." ފޯނަށް ނަޒަރު ހުއްޓާލައިގެން އިން ޔޯހަން ބުންޏެވެ.
"ޔޯހަންއަށް ޔަޤީންތަ އެއީ ކަން އެ އަންހެން ކުއްޖަކީ؟..." ޒެނިލް ސުވާލު ކުރީ ޖިލްވާ އާއި ބެހޭގޮތުންނެވެ.
"ކާކު؟... ކޮބާ؟..." މަގު ހުރަސްކުރަން ދިޔަ މީހުންނަށް ބަލައިލަމުން، ޔޯހަން ސުވާލު ކުރި އެވެ.
"ސާބަސް!... އަންހެން ކުއްޖެެއްގެ ވާހަކަ ބުނެލާ އިރަށް ތިހާ ވަރު ވާންޖެހޭތަ؟..." ކާރުގެ ފަހަތު ޝީޓުގައި އިން އާރާއަށް އެއްޗެއް ނުބުނެ ނީނދެވުނެވެ.
"ކިހިނެއްވީ؟... އާރާ ދެރަވީތަ؟..." ޔޯހަން ޖެއްސުމުގެ ރާގަކަށް ބުންޏެވެ.
"އަހަރެން ދެރައެއް ނުވޭ... އެ އަންހެން ކުއްޖާ އާއި ދޭތެރޭ ކަންބޮޑު ވަނީ... ޔޯހަންއަށް އަނެއްކާވެސް ޑޯލްއެއް ލިބުނީނު... ކުރީގެ އެކްޓްރެސް ހެން، މިފަހަރު ތި ގެނައި އެކްޓްރެސްގެ ދުވަސް..." އާރާއަށް އޭނާގެ ޖުމުލަ ފުރިހަމައެއް ނުކުރެވުނެވެ.
"ސްޓޮޕް..." ޔޯހަންގެ މޫނުމަތިން ނުރުހުމުގެ އަސަރު ފެނުނެވެ.
"މާޒީގެ ވާހަކަ ނުދައްކަމާ..." ހަމަޖެހިލަން މަސައްކަތް ކުރަމުން ޔޯހަން ވާހަކަ ދެއްކި އެވެ. "އަންހެން ކުދިންނާ ފްލާޓް ކުރިޔަސް، އަހަރެން މީހަކާ ނީންނާނަމޭ... ޒެނިލް ކަލެއަށް ހީވޭތަ އަަހަރެން މީހަކާ އިންނާނެހެން؟..."
"ކޮންމެހެން އޭނައަށް ދޯ ދޭނެ ކަމެއް ނެތް..." އާރާ ނުރުހޭގޮތް ދައްކައިލި އެވެ.
"އާރާ ބަލަން ހުންނައްޗޭ!... އަހަރެން ހުއްޓާނީ، މި ހުދުފޮތިކޮޅު ކިލާކޮށްފަ..." ޒެނިލްއަށް ކަޅިއެއް އެއްލަމުން ޔޯހަން ބުންޏެވެ.
********
އެނދުގައި އޮށޯވެލައިގެން އޮތް ޖިލްވާގެ ދެލޮލަށް ނިދި ސަވާރުވި އިރުވެސް ނޭނގެ އެވެ. މުބާރާތުގެ ބައިވެރިންނަށް އޮފީސް އިމާރާތުން ކޮޓަރި ހަމަޖެހުނުއިރު، ޖިލްވާގެ ކޮޓަރި ހަމަޖައްސާފައި ހުރީ، އެންމެ އިއްޒަތްތެރިންނަށް ޚާއްސަ ކުރެވިފައިވާ ފަންގިފިލާއިންނެވެ. ނިދުނުތާ މާ ގިނައިރެއްނުވެ، ޖިލްވާއަށް ހޭލެވުނީ މީހަކު ގޮވާ އަޑު އިވުމުންނެވެ. ދެލޯ ހުޅުވައިލި ވަގުތު، ދާދި ކައިރީގައި ގުދުވެގެން އޮތް ޔޯހަން ފެނިފައި ސިހުނެވެ. ޖިލްވާ ފުންމައިގެން ތެދުވި އެވެ. ހަޅޭއްލަވައިގަތީ އޭގެ ފަހުގަ އެވެ. ދެކަންފަތުގައި އަތް އަޅައިގެން ޔޯހަން ހުއްޓެވެ. ޖިލްވާ ނިދީ ޔަޤީނުންވެސް ކޮޓަރި ތަޅުލާފަ އެވެ. ވީއިރު، ޔޯހަން އެތެރެއަށް ވަނީ ކިހިނެއް ހެއްޔެވެ؟
"ހަމަޖެހޭ... ހަމަޖެހޭ..." ޔޯހަން ވާހަކަ ދެއްކީ ޖިލްވާގެ ހަޅޭކުގެ އަޑު ކެނޑި، މުޅި ތަން ހިމޭން ވުމުންނެވެ. "އަހަރެން މިއައީ ކާލާކަށް ނޫނޭ..."
"ކީއްކުރަނީ މިތާ؟... އެތެރެއަށް ވަނީ ކިހިނެއް؟..." ޖިލްވާ ނުރުހިފައި ސުވާލު ކުރި އެވެ.
"ޕްރެކްޓިސް ގަޑި..." އަތުކުރީގައި އޮތް ގަޑި ދައްކައިލަމުން ޔޯހަން ބުންޏެވެ. "އަވަސްކޮށްލައިގެން ނުކުމޭ..."
ޖިލްވާ ފެންވަރަން ހުރި އިރުވެސް، ސިހެއެވެ. ހީވަނީ ދެންމެ ދެންމެ މީހަކު އެތެރެއަށް ވަދެދާނެ ހެންނެވެ. މި ވަދެވުނީ ކިހާ ވަރެއްގެ ޖަންގަޔަކަށް ބާއޭ ޖިލްވާގެ ހިތަށް އެރި އެވެ. އޭނަ ތައްޔާރުވެގެން ނުކުތްއިރު، ޔޯހަން ހުރީ ދޮރުމަތީގައި ދެކޮޅަށް ހިނގާލަ ހިނގާލަ އެވެ. ޖިލްވާ ފެނުމުން، ކައިރިއަށް ޖެހިލައި، ވަސް ރަނގަޅު ކަމުގައި ބުންޏެވެ.
"ޕްރެކްޓިސް ރޫމް ހުންނާނީ އެދިމާގަ..." އަތުން އިޝާރާތް ކުރަމުން ޔޯހަން ބުންޏެވެ. "އަހަރެން އަންނާނަން އެއްޗެއް ހިފައިގެން..."
ޖެހިލުންވެފައި ހުރެ، ޔޯހަން އިޝާރާތް ކުރި ދިމާއަށް ޖިލްވާ ދިޔަ އެވެ. ކައިރި ކައިރީގައި ދެ ދޮރު ހުއްޓެވެ. ހުޅުވަންވީ ދޮރެއް ނޭނގި އިރުކޮޅަކު ހުރެފައި، ޖިލްވާ ހުޅުވައިލީ ކަނާއަތް ފަރާތުގައި ހުރި ދޮރެވެ. މޫނަށް އެޅިގެންދިޔަ އަލިން ސަލާމަތްވުމަށް ޖިލްވާ ކުރިއަށް ޖެހިލި އެވެ. އެއާއިއެކު ދޮރު ލެއްޕުނެވެ.
ކުރިމަތިން ފެނުނު ބޮޑު ސްވިމިން ޕޫލްގެ ހިތްޤައިމު ކަމުން ޖިލްވާ ހުރީ އަޖައިބު ވެފަ އެވެ. އެވަރުގެ ބޮޑު ސްވިމިން ޕޫލެއް އޭނައަށް ފެނުނު އެއީ ފުރަތަމަ ފަހަރެވެ. ކައިރިއަށް ގޮސް ބަލައިލުމުން ވަރަށް ފުންހެންވެސް ޖިލްވާއަށް ހީވި އެވެ.
"ކާކު؟..." ފަހަތުން މީހެއްގެ އަޑު އިވުމުން ޖިލްވާ ސިހުނެވެ.
ފަސްއެނބުރި ބަލައިލަން އުޅުނު ވަގުތު، ޖިލްވާގެ ފައި ކައްސައިލި އެވެ. ޒެނިލްގެ ސޫރަ ފެނުނުއިރު، ޕޫލުގެ ތެރެއަށް އޭނަ ވެއްޓިއްޖެ އެވެ. ޖިލްވާއަށް ފަތާކަށް ނޭނގެ އެވެ. ފެންގަނޑުގައި ޖެހުމާއިއެކު ތެޅިފޮޅިގަތެވެ. ފައިޖެހޭ ވަރަށްވުރެ އެ ޕޫލު ފުނެވެ. ޖިލްވާ ހަޅޭއްލަވައިގަންނަން އުޅޭ ކޮންމެ ފަހަރަކު އަރުގެ ތެރެއަށް އެޅިގެން ދަނީ ހުސް ފެނެވެ.
ޒެނިލް ހުރީ ޕޫލުން އެރި ގޮތަށެވެ. ކަސްރަތީ ހަށިގަނޑު ވަނީ ހާމައަށެވެ. ލައިގެން ހުރި ކަޅުކުލައިގެ ކުރު ޓައިޓުކޮޅުގެ މަތިން ތުވާއްޔެއް އައްސާލާފައި އޮތެވެ. ތުވާލި ނަގައި އެއްލައިލުމަށްފަހު، ޒެނިލް ޕޫލުގެ ތެރެއަށް ފުންމައިލީ، ޖިލްވާ ގެނބިގެން މަރުވެދާނޭ ހެން ހީވުމުންނެވެ. ޕޫލުން އެރުވިއިރު، ޖިލްވާގެ ހަށިގަނޑުގައި އެއްވެސް ވަރެއް ނެތެވެ. ނޭވާ ލާތޯ ބަލައިލުމަށް، ޒެނިލް ކުޑަކޮށް ގުދުވެލި އެވެ. ނޭވާއެއް ނުލަ އެވެ. އެހެނަސް، ވިންދު ހުއްޓެވެ.
ޒެނިލް ޖެހިލުންވެފައި އިނދެ، ޖިލްވާގެ ނޭފަތުގައި ހިފެހެއްޓި އެވެ. އަނެއް އަތުން ޖިލްވާގެ ދަތްދޮޅީގައެވެ. ދެލޯ މަރައި ބާރުކޮށްލަމުން، ޖިލްވާގެ މޫނާއި ދިމާއަށް އޭނަ ގުދުވެލައިފި އެވެ.
(ނުނިމޭ)