"އަހަރެން ހަމަ ލައިކްވާތީ، ކައިވެނި ކުރަން ބޭނުންވާތީ، މިގެއަށް އައީ..." ޖިލްވާ ދޮގު ހެދިއެވެ.

"އޯކޭ! ފައިން!... ނުބުނެ ހުރޭ... އަހަންނަށް ކައިވެނިވެސް ކުރެވިދާނެ... އޭރުން ގައިގަ އަތްލުމުގެ ހުއްދަވެސް ލިބުނީ..." އިންޒާރެއް ދޭފަދައިން ޖިލްވާގެ ކައިރިއަށް ޖެހިލަމުން ޒެނިލް ވާހަކަ ދެއްކިއެވެ.

********

ޖިލްވާގެ ނަޒަރު ހާމައަށް ފެންނަން ހުރި ޒެނިލްގެ ހަށިގަނޑަށް ހުއްޓުމާއިއެކު، އަވަހަށް މޭގައި ދެއަތް ހުރަސްކޮށްލައިފިއެވެ. ހުރިހާ ކަމެއްގެ ތެރެއިން ގައިގަ އަތްލުމުގެ ވާހަކަ ޒެނިލް އެ ފެށީ ކީއްވެ ހެއްޔެވެ؟ އެއީ ޒެނިލް މާ ކުރަން ބޭނުންވާ ކަމަކީ ހެއްޔެވެ؟

"ތެދަށް ބުނަންޏާ، މިހާރުވެސް އަތްލެވޭނެ ދޯ؟..." ޖިލްވާ އާއި ދިމާއަށް ގުދުވެލަމުން ޒެނިލް ބުންޏެވެ. "ތިހުރީ އަހަންނާ އެންގޭޖް ވެގެންނެއްނު..."

ޖިލްވާ ދެފަރާތަށް ބޯ ހޫރައިލިއެވެ. ބިރުން އޭނަގެ ދެލޯ ވަނީ ބޮޑުވެފައެވެ. ޒެނިލް ހަމަ އަސްލުގައިވެސް އޭނަ އާއި ގާތްވާން ބޭނުން ވަނީ ހެއްޔެވެ؟ ނޫނީ އެއީ އޭނައަށް ބިރު ދެއްކުމުގެ ގޮތުން ކުރާ ކަމެއް ހެއްޔެވެ؟

ޖިލްވާ އަވަސް އަވަހަށް ޒެނިލްގެ ކޮޓަރިން ނުކުތެވެ. ހިފަހައްޓައިގެން ހުރި ނޭވާ ދޫކޮށްލާފައި މޭގައި އަތް ޖައްސައިލިއެވެ. ހިތުގެ ހިނގުން ހަމައަކަށް ނޭޅުނެވެ. ދޮރާއި ދިމާއަށް ބަލަން ހުރި ޒެނިލްގެ ތުންފަތުގައި ދުވެލީ ލުއި ހިނިތުންވުމެކެވެ. އޭނަ ހީކުރި ވަރަށްވުރެ އެ އަންހެންކުއްޖާ ފިނޑިއެވެ. ޒެނިލްއަށް އޭނާއަށް ހުރެވުނީ ހިނިތުންވެގެން ކަން އެނގުނީ ލޯގަނޑުން އަމިއްލަ ސޫރަ ފެނުމުންނެވެ. އަހަރުތަކެއް ފަހުން، އިހުތިޔާރުން ބޭރުގައި އޭނައަށް ހިނިތުންވެވުނު އެއީ ފުރަތަމަ ފަހަރެވެ.

ދާއޫދު އަންނާތީ، ގޭތެރެ ތައްޔާރު ކުރުމުގެ މަސައްކަތުގައި އެންމެން އުޅެން ފެށި އެވެ. ދެ ނޯކަރުންގެ ތެރެއިން އެކަކު މަސައްކަތަށް ޙާޞިރުނުވާ ދުވަހެއް ކަމުން، ޖިލްވާ އާއި ޖުއާންގެ އިތުރުން ޒެނިލްއަށް މަސައްކަތްތައް ބަހައިލުމަށް އާއިޝާ ނިންމިއެވެ. ޖިލްވާއަށާއި ޖުއާންއަށް ޖެހުނީ، ގޭތެރެ ސާފުކުރުމާއި، ކައްކަން ބޭނުންވާ އެއްޗެހި ސާފުކުރުމުގެ މަސައްކަތެވެ. ލޮނުމެދާއި ފިޔާގެ އިތުރުން ތަރުކާރީގެ އެއްޗެއްސެވެ. ޒެނިލްއަށް ޖެހުނީ، ދޮވެފައި ހުރި އެއްޗެހި ހިއްކަން އެޅުވުމުގެ މަސައްކަތެވެ. އެންމެ އަވަހަށް މަސައްކަތް ނިންމާ ބަޔަކަށް އެދުވަހުގެ ބާކީބައިގައި އެއްވެސް މަސައްކަތެއް ނުޖެހޭނެ ވާހަކަ އާއިޝާ ބުންޏެވެ. ޖިލްވާ ދުއްވައިގަތެވެ. އިރުކޮޅެއް ފަހުން އެނބުރި އައިސް ޖުއާންގެ އަތުގައި ހިފައި ދަމާފައި ގެންދިޔައެވެ.

"މާމާ!..." ޒެނިލް ގޮވައިލީ ޝަކުވާގެ ރާގަކަށެވެ. "އަހަރެމެން މީ ކުޑަކުދިންނެއް ނޫނެއްނު..."

އާއިޝާ އަވަހަށް އެތަނުން ދިޔަ އެވެ. އެއްޗެހި ދޮންނަ ބަޔަށް ޒެނިލް ދިޔައިރު، ޖިލްވާ ހުރީ ދޮރުމަތީގައި މޮޕެއް ހިފައިގެންނެވެ. ޒެނިލް ފެނުމުން، ދޮރު ކައިރި ސާފުކުރާކަމަށް ހެދުނެވެ. ޒެނިލް އިރުކޮޅަކު ހުރި އިރުވެސް، ޖިލްވާ ދޮރު ކައިރިން ދުރަކަށް ނުދިޔަ އެވެ. އެއްތަނެއްގައި މޮޕް ކާއްތާލަކާއްތައިލާ ހުއްޓެވެ.

ޒެނިލްއަށް މާ ގިނައިރަކު ކެތެއް ނުކުރެވުނެވެ. ހަލުވި ފިޔަވަޅުތަކެއްގައި ގޮސް، ޖިލްވާގެ އަތުގައި ހިފަހައްޓައިފިއެވެ. ދޮރުފަތުގައި ޖައްސައި، ދެއަތުގެ ތެރޭގައި ހައްޔަރުކޮށްލިއެވެ. ޖިލްވާގެ އަތުގައި އޮތް މޮޕު ދޫވެގެން ވެއްޓުނެވެ.

"ލުކް!... އަހަރެންގެ މުސްތަޤުބަލުގެ އަނބިމީހާ!..." ޒެނިލް ހުރީ ދެ ދަތްޕިލަ ޖައްސައި ބާރުކޮށްލައިގެންނެވެ. "އަހަންނަށް އެނގޭ ކުރަން ތިއުޅޭ ކަންތައް... ތިއުޅެނީ ގަސްދުގަ އަހަރެން ރުޅި އަރުވާކައްނު..."

ޒެނިލްގެ ކޮންމެ ނޭވާ އަކާއިއެކު ދުވަމުންދިޔައީ ޗުއިންގަމެއްގެ މީރު ވަހެވެ. ގުޑިލަންވެސް ނޭނގިފައި ޖިލްވާ ހުއްޓެވެ. އެހެން ހުރިއިރު، ޒެނިލްގެ ވަޅު ފެހިކުލައިގެ ކަޅި އަށާއި، ރަތް ތުންފަތަށް އޭނަގެ ނަޒަރު ދަތުރު ކުރަމުން ދިޔައެވެ. އެއާއި ޚިލާފަށް ޒެނިލް ހުރީ ސީދާ ޖިލްވާގެ ދެލޮލަށް ބަލަހައްޓައިގެންނެވެ.

"އަހަންނަކީ ފިރިހެނެއް..." ކުރިއަށްވުރެ ބޮޑަށް ޖިލްވާ އާއި ކައިރިއަށް ޖެހިލަމުން ޒެނިލް ބުންޏެވެ. "އެއްވެސް ކަމެއް ކުރާކަށް އަހަރެން ޖެހިލުމެއް ނުވާނަން... ގަދަކަމުންވެސް..."

ޒެނިލްއަށް ބުނެވުނީ އެހިސާބަށެވެ. އެ އަތުގެ ތެރެއިން ނުކުމެގެން ޖިލްވާ ދުއްވައިގެންފިއެވެ. ބާރަށް ހަޅޭއްލަވަމުންނެވެ. ޖިލްވާ އެތަނުގައ މޮޕުލީ، ޒެނިލްއަށް ޖެއްސުމަށެވެ. ޒެނިލްގެ މަސައްކަތް ލަސްކުރުމަށެވެ. އެކަމަކު ފެންފޮދެއްގެ ތެރޭގައި ފައި އެޅުނު ގޮތަކުން ބަނޑުވަތަށް ވެއްޓުނީ އޭނަ އެވެ. ކިތަންމެ ތަދުވި ނަމަވެސް، ޖިލްވާ ތެދުވިއެވެ. ކޮރަމުން ކަހަލަ ގޮތަކަށް ދުއްވައިގަތެވެ. ޖިލްވާ ދިޔަ ދިމާއަށް ބަލަން ޒެނިލް ހުރީ ކަންބޮޑުވެފައެވެ. ޖިލްވާ ދުއްވައިގަތް ގޮތުންވެސް، އެކުއްޖާ ވެއްޓޭނެކަން ޒެނިލްއަށް އެނގެއެވެ. ވެއްޓުނު ގޮތުން ޖިލްވާއަށް ވަރަށް ތަދުވާނެ ކަންވެސް މެއެވެ.

މެޝިނުގައި ހުރި އެއްޗެހި ނަގަމުން ދިޔައިރު، ޒެނިލްގެ ހިތަށް އަންނަމުންދިޔައީ ޖިލްވާގެ ބޮޑު ދެލޮލުން އޭނައަށް ބަލަން ހުރި ގޮތެވެ. މަކަރުވެރިއެއްގެ ގޮތުގައި އޭނަގެ ކުރިމައްޗަށް އައި ނަމަވެސް، އެ އަންހެން ކުއްޖާގެ މޫނުމަތިން ފެންނަނީ މައުސޫމު ކަމެވެ. މަޖުބޫރީއެވެ. އެހެން އަންހެން ކުއްޖަކާއި ދުވަހަކު ގާތްނުވާ ވަރަށް އޭނައަށް ޖިލްވާ އާއި ގާތްވެވެނީ ކީއްވެ ކަމެއް ހުދު ޒެނިލްއަށްވެސް ނޭނގުނެވެ.

"ކިހިނެއްވީ؟..." ޖިލްވާ ފެނުމުން ޖުއާން އައެވެ. ހާސްވެފައި ޖިލްވާގެ ފަޔަށް ބަލައިލި އެވެ.

"ވެއްޓުނީ..." ޖިލްވާ ހުރީ ފެންކަޅިވެފައެވެ. "އެ ރެޑް ބެލޫންގެ ކަންތައް... ކައްޓެއް ޖަހާއިރަށް ފަޅައިގެން ދާނެ... މިހާރު ހުންނާނީ ހޭން ކަންނޭނގެ..."

ޖިލްވާ ފަހަތް ބަލައިލާފައި ޖުއާން ހުރި ދިމާއަށް ބަލައިލިއިރު، ޖުއާން ފެންނަންވެސް ނެތެވެ. މާގިނައިރެއްނުވެ، ޖުއާން އައީ ބޭސް ފުޅިއެއް ހިފައިގެންނެވެ. ޖިލްވާ ދެކޮޅު ހެދުމުންވެސް، ފައިދަށަށް ތިރިވެފައި ފައިގެ ކުޑަހުޅުގައި ބޭސް ކާއްތައިދޭން ފެށިއެވެ.

"ޖުއާން!..." ޖިލްވާ ގޮވައިލީ ގާތް ގޮތަކަށެވެ. ޖުއާން ބޯ ޖަހައިލިއެވެ.

"ރުޅިގަދަ މީހުންނާ ދިމާއަށް ކޮރެއާ ބަހުން ކިޔާނީ ކީކޭތަ؟..." ޖިލްވާ އަހައިލި އެވެ.

ޖުއާން އިރުކޮޅަކު ވިސްނައިލިއެވެ. ޖިލްވާ އެ ދައްކަނީ ޒެނިލްގެ ވާހަކަ ކަން އެނގުނެވެ.

"އޮއްޕާ..." ވަރަށް ހަމަޖެހިލާފައި ޖުއާން ބުންޏެވެ. "މާ ބޮޑަށް ރުޅި އައިސް ބުނަންޏާ ބުނޭ ޔޯބޯ އޭ..."

ޖިލްވާ ހިނިތުންވެލިއެވެ. ޖުއާންގެ އަޑުދަށުން އެ ލަފުޒުތައް ކިޔެވެ. ޖުއާން އިނީ ހިނިގަނޑު ފަޅައިގެންދާން ކައިރިވެފައެވެ.

"އޮއްޕާ އަކީ ލޯބިވެރިޔާ... ޔޯބޯ އަކީ ޑާލިންގް..." ޖުއާން އަމިއްލަ ހިތާއި ހިތުން ބުނެލިއެވެ.

މަސައްކަތުގައި އުޅުނު އިރުވެސް، ޖިލްވާ އިރުއިރުކޮޅައި ހުންނަނީ އެހެން ކިޔާލަކިޔާލައެވެ. ޒެނިލް ފެންނަތަނުން ހަނދާންނެތިދާނެތީ އެވެ. ޖިލްވާ އުޅޭގޮތުން، ޖުއާންގެ ހުރިހާ ސަމާލުކަމެއް އެ އަންހެން ކުއްޖާއަށް ހުއްޓެން ފަށައިފިއެވެ. ބޮޑު މީހެއްހެން ފެނުނަސް، ޖިލްވާގެ އުޅުން ހުންނަނީ ފަނަރަ އަހަރުގެ ކުޑަކުއްޖެއްގެ އުޅުން ހުންނާނޭ ހެންނެވެ. ފަޅުވެފައިވާ ގޭތެރެއަށް ޖިލްވާގެ ސަބަބުން، ދިރުން ލިބިއްޖެއެވެ.

ގޭތެރެ ސާފުކޮށް ނިންމާފައި، ބޮޑު ތައްޓަކާއި ކަޓިންބޯޑެއް ހިފައިގެން ޖިލްވާ ނުކުތީ ބޭރަށެވެ. ވިނަގަނޑުގެ މަތީގައި ކުނާ އަޅާފައި، ތަށިތައް އަތުރައިލިއެވެ. ދެއަތަށް އަންގި ލެއްވުމަށްފަހު، ކުނަލުގެ މަތީގައި އިށީނެވެ. ވަޔާއިއެކު މޫނަށް ގޯނާކުރަމުންދިޔަ އިސްތަށިކޮޅުތައް އެއްފަރާތް ނުވެގެން ޖިލްވާ އުޅެން ފެށިއެވެ. އަތަށް އަންގި ލައްވާފައި އޮތުމުން، އަންގި އާއިއެކު އިސްތަށިގަނޑުގައި އަތްލާކަށް ޖިލްވާ ބޭނުމެއް ނުވިއެވެ. އެއްޗެހި ހިއްކަން އަޅަން ހުރި ޒެނިލްއަށް ޖިލްވާ އުޅޭގޮތް ފެނި ހެވެން އުޅުނެވެ. ގޭތެރޭގެ އެފަދަ މަސައްކަތެއް ކޮށްފައިނުވާ ޖިލްވާއަށް ފިޔަ އާއި ލޮނުމެދު ސާފުކުރުން ވީ އުނދަގޫ ކަމަކަށެވެ. ޖުއާން އައުމާއިއެކު ތުން ފިއްތައިލާފައި ޝަކުވާ ކުރަން ފެށިއެވެ.

"ކީއްވެތަ ކާއެއްޗެއްސަށް މީހުން ފިޔާ އަޅަނީ؟... މަންމަވެސް ފިޔާ ކޮށާ... އެކަމަކު، ރޯތަނެއް ނުދެކެން... ޖިލްގެ ލޮލުން ދިލަ ނަގަނީ... ރޮވެނީ... މުޅި މޫނުވެސް އެބަ ހިރުވާ... އިސްތަށިގަނޑުވެސް...." ޖިލްވާ އިނީ ލޯ މަރައިގެންނެވެ.

ޖުއާން އަވަހަށް ޖިލްވާގެ އިސްތަށިގަނޑު އެއްފަރާތްކޮށްލަދިނެވެ. ޖިލްވާ ދެކޮޅު ހެދުމުންވެސް، އަތުގައި އަޅާފައި އޮތް ރަބަރު ނަގައި، އެއިން އިސްތަށިގަނޑު އައްސައިލިއެވެ. އެ ރަބަރަކީ، ދިހަ އަހަރު ކުރީގެ ހަނދާނެކެވެ. އޭނައަށް ނުހަނު މުހިއްމު އެއްޗެކެވެ. އެކަމަކު، ޖިލްވާއަށްޓަކައި، ޖުއާން އެ ރަބަރު ޤުރުބާން ކުރީއެވެ.

 

"ހާދަ މޮޅޭ... ހީވަނީ ޖުއާން ކުރިންވެސް ކުރާ ކަމެއްހެން..." ބޮލުގައި އަތް ޖައްސައިލަމުން، ޖިލްވާ ތައުރީފުކޮށްލިއެވެ.

"ޖުއާން މޮޅުވާނެ..." ޖުއާން ފަޚުރުވެރިވެލާފައި ބުންޏެވެ.

ޖިލްވާގެ އަތުން ވަޅި އަތުލާފައި ޖުއާން ފިޔާތައް ކޮށަން ފެށިއެވެ. ފަރިތަކަމުން، ޖިލްވާގެ ތައުރީފު އޮހެމުން ދިޔައެވެ.

ދުރުގައި ބަލަން ހުރި ޒެނިލް ދެފަރާތަށް ބޯ ހޫރައިލިއެވެ. އޭނަގެ ތުންފަތަށް ވެރިވީ މަލާމާތުގެ ހިނިތުންވުމެކެވެ. ޖިލްވާގެ އިސްތަށިގަނޑު އައްސާފައިވާގޮތް ފެނި، އެކަކުވެސް ރީއްޗޭ ނުބުނާނޭކަން އޭނައަށް އެނގެއެވެ. އެކި އިސްތަށިކޮޅުތައް ހުރީ އެކި ވަރަށެވެ. މެދުން ބައެއް އިސްތަށިތައް މައްޗައް އަރާފައި ހުރިއިރު ހީވަނީ ކަރަންޓުގައި ޖެހިފައި ހުރި މީހެއް ހެންނެވެ. އަނެއްކޮޅުން ޖުއާންއަށްވުރެ ބޮޑަށް ވަޅިއަށް ފަރިތަވާނީ އޭނައެވެ. ޖިލްވާއަށް އޭނަގެ ހުނަރު ފެނިއްޖެނަމަ، އަޖައިބުވާނޭ ވަރު އަންދާޒާ ކޮށްލެވުމުން، ޒެނިލްއަށް އަމިއްލަ ނަފުޞާއިމެދު ފަޚުރުވެރި ވެވުނެވެ.

"ދަރިފުޅުވެސް ދޭބަލަ..." އާއިޝާގެ އަޑަށް ޒެނިލް ސިހުނެވެ. "ޖުއާން ހާދަ އެކުވެރިއޭ... ކުދިންނާ ގުޅެއޭ... ގޭތެރެއަށް ދިރުން ލިބިއްޖެ.. މާމަ މި ހުންނަނީ ހާދަ އުފަލުންނޭ... މަރުވުމުގެ ކުރިން މިކަހަލަ މަންޒަރެއް ފެނިދާނެ ކަމަށް ކުޑަކޮށްވެސް އުއްމީދެއް ނުކުރަން... މާމަ އަދި މާ އުފާވާނެ، ދަރިފުޅުވެސް އެގޮތަށް އުޅޭތަން ފެނުނީމަ..."

"މާމާ!... ތިހާ އަވަހަށް މީހުންނަށް އިތުބާރު ކުރާކަށް ނުވާނެ... ފަހުން ވާނެ ގޮތެއް ކިހިނެއް އެނގެނީ..." ޒެނިލް ބުންޏެވެ.

އާއިޝާ ދެލޯ އަޅައިލަމުން ޒެނިލްއަށް ބަލައިލިއެވެ. ބުރަކަށީގައި ބޮނޑިއެއް އަޅައިލުމާއިއެކު ޒެނިލް އެތަނުން ދުވެ، ފިލައިފިއެވެ.

މަސައްކަތް ނިންމާލާފައި ޖިލްވާ އާއި ޖުއާން އައިއިރު، ފިޔާ ދިލައިގެ ސަބަބުން، މުޅި މޫނު ހުރީ ރަތްވެފައެވެ. ދެލޯ ހުޅުވައިގެން ތިބީވެސް އުނދަގުލުންނެވެ. ޒެނިލްގެ މަސައްކަތް މާކުރިން ނިންމިކަން އެނގުމުން ޖިލްވާ ޝަކުވާކުރިއެވެ. އެމީހުންނަށް މާ ގިނަ ކަންކަން ޖެހުނު ކަމަށް ބުނަމުންނެވެ.

މަލާމާތުގެ ގޮތަކަށް ޒެނިލް ހީލި ތަން ފެނުމުން ޖިލްވާ ރުޅި އައެވެ.

"އޮއްޕާ!..." ޒެނިލް އާއި ދިމާއަށް އިނގިލި ދިއްކޮށްފައި ޖިލްވާ ގޮވައިލިއެވެ.

ޖުއާންގެ ހިނިގަނޑު ފަޅައިގެން ނުދިޔައީ ކިރިޔާއެވެ. ޒެނިލް ހުރީ ދެލޯ ބޮޑުވެފައެވެ. އިރުކޮޅެއްފަހުން، ދެލޯ ހަނިިކޮށްލަމުން ޖުއާންއަށް ބަލައިލިއެވެ. ޖިލްވާއަށް އެފަދަ ބަހެއް ދަސްކޮށްދޭނީ، ޖުއާން ކަން އޭނައަށް ޔަޤީނެވެ. ޔަޤީނުންވެސް އޭގެ މާނަ ޖިލްވާއަކަށް ނޭނގޭނެއެވެ. ޒެނިލްއަށް ވީގޮތް ފެނި، ޖިލްވާ ހީކުރީ، ރުޅި އައީ ކަމަށެވެ. ލިބުނު ކާމިޔާބީގައި އުފަލުން، އަނެއްކާވެސް އެނަމުން ގޮވައިލިއެވެ. ޒެނިލް އަވަހަށް އެތަނުން ދިޔައެވެ.

"ޖުއާން ގަދަ..." ޖިލްވާ ފުންމައިލިއެވެ. "ކޮން ކަހަލަ އަނދަވަޅަކުން ތި ސަލާމަތް ކޮށްދިނީ... ހަތިޔާރު ވަރަށް ބާރުގަދަ..."

އެދުވަހުގެ ފަހުން، ޒެނިލް ފެންނަހާ ތަނަކުން، ޖިލްވާ އެހެން ކިޔާފައި ގޮވަން ފެށިއެވެ. އާއިޝާގެ ކަންފަތާއި ހަމައަށްވެސް އެ އަޑު ދިޔައެވެ. ޖުއާންގެ ކަންފަތުގައި ހިފައިގަނެގެން ގެންގޮސް ކޮޓަރިއަށް ވައްދާފައި އާއިޝާ އެ ސުވާލު ކުރިއެވެ. ޖުއާން އެއްބަސްވިއެވެ. އެއީ މަޖަލަށް ކުރި ކަމެއް ކަމަށް ބުންޏެވެ.

ދެ ދުވަސް ވީއިރު، ޖިލްވާ އެ ގޭ ތެރެއަށް ހޭނިއްޖެއެވެ. ޒެނިލްގެ ހިމޭންކަމުން ޖިލްވާ ޖެހިލުންވާވަރު ވިއެވެ. ޒެނިލް ހަތިޔާރު ނަގާނީ ކޮންއިރަކު ކޮން ވަގުތަކު ކަމެއް ނޭނގޭތީއެވެ. ޔަޤީނުންވެސް އޭނަ އެގެއިން ބޭރުކޮށްލާނެއެވެ. އެކަމާއި ހުރެ، އެކަނި ހުއްޓައި ޒެނިލް އައިސްފިނަމަ، ޖިލްވާ ބިރުން ފިލަން ފެށިއެވެ. އެންމެން ތިބޭ ތަނެއްގައިނަމަ، ފާޑުފާޑުގެ ނަމުން ގޮަވައެވެ.

"ދޭބަލަ މި އެއްޗެހި ޒެނިލްގެ ކޮޓަރީގަ ބަހައްޓާލަން..." އާއިޝާ އައީ ފަތްޖަހާފައި ހުރި އަންނައުނު ތަކެއް ހިފައިގެންނެވެ.

ޖިލްވާ ދެފަރާތަށް ބޯ ހޫރައިލިއެވެ. އާއިޝާ ދިޔައީ ޖިލްވާގެ އަތަށް އެއްޗެހިތައް ލައިދީފައެވެ. ޖިލްވާ ބިރުންހުރެ ގޮސް، ކޮޓަރީގެ ދޮރު ހުޅުވައިލިއެވެ. ޒެނިލް އޮތީ އެނދުގައި އޮށޯވެލައިގެންނެވެ. ޖިލްވާ އެތެރެއަށް ވަނުމުންވެސް ބަލައެއް ނުލިއެވެ. އަލަމާރިއަށް އެއްޗެހިތައް ލާފައި އެނބުރުނު ޖިލްވާ ދިޔައީ ސިއްސައިގެންނެވެ. ޒެނިލް ހުރީ އޭނަ އާއި ދާދި ގާތުގައެވެ. ކަޅުކަންގަދަ ދެބުމަ ގޮށްޖަހައިގެން ހުރިއިރު، އެ ދެލޮލުގެ ތެރޭގައި އޭނަ ފިއްސައިލި ކަހަލައެވެ.

ޖިލްވާ ދާން އުޅުމުން، ޒެނިލް ޖިލްވާގެ ދެފަރާތުން އަލަމާރީގައި ދެއަތް ވިއްދައިލިއެވެ. އެ ދެއަތުގެ ތެރޭގައި ޖިލްވާ ރަގަޅަށް ހައްޔަރުކޮށްލާ ގޮތަށެވެ.

"އަދި ކިޔާބަލަ... އޮއްޕާ!..." ޒެނިލް ބުންޏެވެ.

ޖިލްވާ ދެފަރާތަށް ބޯ ހޫރައިލިއެވެ.

"ކީމަ ދެވޭނީ..." ޒެނިލް ކުރިއަށްވުރެ ބޮޑަށް ކައިރިވެލިއެވެ.

(ނުނިމޭ)

ކޮމެންޓް 0