"ޖިލް ތިބުނަނީ މި ދަރިފުޅުގެ ވާހަކަތަ؟..." ޝަކުވާގެ ރާގެއްގައި ޒެނިލް އަހައިލިއެވެ.
"ނޫން ނޫން... ތި ދަރިފުޅު ތީ، އަހަރެންގެ ހަޔާތުގެ ހުޅުކޮޅު ނިވުނަ ނުދީ ކުރިއަށް ދާން ލިބުނު އެންމެ ބޮޑު ހިއްވަރު..." ނިދިފައި އޮތް ޔޫން އާއި ދިމާއަށް ބަލަން އިނދެ ޖިލްވާ ވާހަކަ ދެއްކިއެވެ. "އެކަމަކު..."
********
"އެކަމަކު ކިހިނެއްވީ؟..." ޔަޤީންކޮށްލާ ފަދައިން ޒެނިލް އަހައިލި އެވެ.
"ޔޫން އަކީ... ޔޫން އަކީ..." ޖިލްވާއަށް އޭނަގެ ޖުމްލަ ފުރިހަމައެއް ނުކުރެވުނެވެ.
ޖިލްވާގެ ތުންފަތުގައި ޒެނިލް އޭނާގެ ޝަހާދަތް އިނގިލި ޖައްސައިލިއެވެ. ޖިލްވާ ބުނަން އުޅޭ އެއްޗެއް އަޑު އަހަން ޒެނިލް ބިރުގަތެވެ.
"ޔޫން އަކީ އަހަރެންގެ ދަރިއެއް ނޫނޭ ނުބުނައްޗޭ..." ޒެނިލް އެދުނެވެ.
ޖިލްވާ ވަކި އެއްޗެއް ނުބުނުމުން، ޒެނިލްގެ ހާސްކަން އިތުރު ވިއެވެ. ޔޫންއަކީ އަމިއްލަ ދަރިއެއް ކަމަށް ޒެނިލް ނިންމީ، ހީއެއްގެ މައްޗަށެވެ. ދެމީހުންގެ މެދުގައި ހިނގައިދިޔަ ހާދިސާއަށް އަހަރުތަކެއް ވެފައި ވިޔަސް، ޒެނިލްގެ ހިތުން އަދިވެސް އެ ދުވަހާއި ވަގުތުގެ ހަނދާން ފިލައިގެން ނުދެއެވެ. ޔޫންގެ އުމުރު ވެސް ދިމާ އެވެ. އެ ހީ ގޯސްވެއްޖެނަމަ، އަމިއްލަ ހިތް ކުދިކުދި ވާނެކަން ޒެނިލްއަށް އެނގެއެވެ.
"ޖިލް!... ޔޫން އެއީ އަހަރެންގެ ދަރިއެއް ދޯ؟..." ޒެނިލް އަހައިލި އެވެ.
ދުލުން އެއްޗެއް ނުބުނި ނަމަވެސް، ޖިލްވާ މަޑުމަޑުން ބޯ ޖަހައިލި އެވެ. ޒެނިލްއަށް ހީވީ ދެއީދު އެއްފަހަރާ އައިހެންނެވެ. އުފަލުންގޮސް ދެލޮލުން ކަރުނަ ހިލުވައިލި އެވެ. އޭނަ ޖިލްވާއަށް ބަލައިލީ ޝުކުރުވެރި ކަމުގެ ނަޒަރަކުންނެވެ. ޖިލްވާ ފިލައިގެން ދިޔުމުން، އެ ހިތުގައި އުފެދުނު ޝަކުވާތައް ވެސް ވަގުތުން ފިލައިގެން ދިޔަ އެވެ.
"އައި ލަވް ޔޫ.... އައި ލަވް ޔޫ ސޯ މަޗް..." ޒެނިލްގެ ފަހު ޖުމްލަ އާއިއެކު، ލޮލުން ވެއްޓުނު ކަރުނަތިކި އެ މޫނުގައި ދަތުރުކޮށްލައިފި އެވެ.
ބުނަން ބޭނުން ކިތަންމެ ވާހަކައެއް ހުރި ނަމަވެސް، ޒެނިލްގެ އުފާވެރިކަން ގެއްލުވައިލަން ޖިލްވާގެ ޒަމީރު ދެކޮޅު ހެދިއެވެ. ޒެނިލްގެ ހިނިތުންވުމުން ހުދު ޖިލްވާގެ ހިތަށް ވެސް އުފާވެރިކަން ލިއްބައިދީފި އެވެ. އެކަމަކު ހިތުގެ ކަނަކުން ބިރުވެރިކަމުގެ ރަނގަބީލެއް އަޅަމުން ދިޔައެވެ. ހަގީގަތް އެނގުމަށްފަހު، ޒެނިލްއަށް ވާނީ ކިހިނެއް ހެއްޔެވެ؟ ޖިލްވާއަށް ނަފުރަތު ނުކުރާނެ ހެއްޔެވެ؟
ޕާކުގައި ޒެނިލް ގިނަވަގުތު ހޭދަކުރީ ޔޫން އާއި އެކުގައެވެ. ދުރުގައި އިން ގޮނޑިއެއްގައި ޖިލްވާ އިނީ އެ އުފާވެރި މަންޒަރު ބަލާށެވެ. މާދަމާ ކަންތައް ވާނެ ގޮތެއް ޖިލްވާއަށް ކުޑަކޮށްވެސް ނޭނގެ އެވެ. އުފާވެރިކަންދެކެ ޖިލްވާ ބިރުގަނެއެވެ. މާބޮޑު އުފާވެރިކަމެއް ލިބިއްޖެނަމަ، އޭގެ ފަހަތުގައި ފުން ހިތާމައެއް ވާނެކަން ޖިލްވާ އޭނަގެ ހަނދާނުގައި ބަހައްޓަ އެވެ.
ދުވެ ދުވެ، ވަރުބަލިވެގެން ތާއްޔާ ޖެހެމުންދިޔަ ޔޫން، ޒެނިލްގެ ކޮނޑުގައި ބޯ އަޅައިލި އެވެ. އެހެން އޮވެ، އެ ތުއްތު ކުއްޖާ ނިދީ ވެސް ޒެނިލްގެ ކޮނޑުމަތީގަ އެވެ. ފުރަތަމަ ފަހަރަށް ބައްޕަގެ ލޯބި ލިބުމުން، އެންމެ ވަގުތުކޮޅަކަށް ވެސް ބައްޕަ އާއި ދުރަށް ދާން އެ ތުއްތު ކުއްޖާ ބޭނުން ނުވާ ކަހަލަ އެވެ. ޒެނިލް އައިސް ޖިލްވާގެ ކައިރީގައި އިށީނެވެ. ޖިލްވާ ބަލައިލުމުން، އަމިއްލަ ނަފުސާއިމެދު ފަޚުރުވެރިވާފަދަ ގޮތަކަށް ހިނިތުންވެލިއެވެ.
"ބައްޕައެއްގެ ފުރަތަމަ ދުވަސް ކިހިނެއް؟..." ޒެނިލް އަހައިލި އެވެ. "އަހަރެން މޮޅުތަ؟..."
"ޕާފެކްޓް..." ލުއި ހިނިތުންވުމެއް ހަދިޔާކޮށްލަމުން ޖިލްވާ ބުންޏެވެ.
"އަދި ހަޒްބެންޑްގެ ދުވަސް ކުރިއަށް އޮތީ..." ލާނެތްގޮތަކަށް ހިނިތުންވެލަމުން ޒެނިލް ވާހަކަ ދެއްކި އެވެ.
ގަތްލަދުން ޖިލްވާއަށް ކޮޅަށް ތެދުވެވުނު ގޮތްވެސް ނޭނގުނެވެ. ޖިލްވާގެ ލަދުވެތިކަމާއި، އުޅޭ އުޅުމުން، ޒެނިލްއަށް ލިބެމުންދިޔަ އުފާވެރިކަން ބުނެދޭންވެސް ނޭނގުނެވެ. ކުރީގެ ޖިލްވާ ބަދަލުވެފައިވާހެން ހީވިޔަސް، އެއީ އެ ދެމެދަށް އައި ފަޅުކަމެއްގެ ސަބަބުން ހީވި ހީވުމެއް ކަމަށް ޒެނިލް ނިންމި އެވެ.
ޖިލްވާމެން ރެސްޓޯރެންޓަށް ގެންދިޔުމުގެ ބަދަލުގައި ޒެނިލް ދިޔައީ އޭނާގެ ގެއަށެވެ. އެތެރެއަށް ނުވަންނަން ހުރެފައިވެސް، ޖިލްވާއަށް ޖެހުނީ ވަންނާށެވެ. ޔޫން ގެއަށް ވަންނަން ރޯން ފެށުމުން، ޖިލްވާއަށް އެހެން ގޮތެއް ނެތުނީ އެވެ.
"މާމަ އަންނާނެ މާދަމާ... ޖުއާން ވީ މާމަ ބަލައިގޮސް..." ގޭތެރެއަށް ވަންގޮތަށް ކުރިއަށް ހިނގައިގަންނަމުން ޒެނިލް ވާހަކަ ދެއްކި އެވެ. "ޖިލް އާ އެކީ ގެއްލުނު ގޮތަށް، ހަމަ ޖިލްވާ އެކީ މާމަ ވެސް ފެންނަން މިއުޅެނީ..."
ގޭގެ އެކި ދިމަދިމާއަށް ޖިލްވާގެ ނަޒަރު ހުއްޓެމުން ދިޔައެވެ. ގޭގެ އެއްވެސް ކަމެއް ބަދަލުވެފައެއް ނެތެވެ. ހުރިހާ ކަމެއްވެސް ހުރީ އޭނަ ދިޔައިރުވެސް ހުރި ގޮތަށެވެ.
މައްޗަށް އެރެން ހުރި ސިޑި އާއި ދިމާއަށް ޒެނިލް ހިނގައިގަތުމުން، ޖިލްވާގެ ފިޔަވަޅުތައް ހުއްޓުނެވެ. ވަކި ހިސާބަކަށް ގޮސްފައި ޒެނިލް އެނބުރި އައެވެ.
"ކިހިނެއްވީ؟..." ޒެނިލް އަހައިލި އެވެ.
"ދެމީހުން އެއްކޮޓަރިއަކުތަ؟..." ޖެހިލުންވެފައި ހުރެ، ޖިލްވާ ސުވާލު ކުރިއެވެ.
"އާނ!... އަހަރެމެން މިއުޅެނީ ކައިވެނި ކޮށްގެން... އެއްތާކު އެއްނު ނިދަންޖެހޭނީ..." ޒެނިލް ބުންޏެވެ.
"ނޫން!..." ޖިލްވާ ދެކޮޅު ހެދިއެވެ. "އަހަރެމެންގެ ކައިވެންޏަކީ ސައްޙަ ކައިވެންޏެއް ނޫނޭ..."
ޒާތީ ވާހަކައެއް ނުދައްކަން ހުރެފައިވެސް، ޖިލްވާގެ ދުލުން އެ ޖުމްލަ ބޭރު ވިއެވެ. އެ ވާހަކަ މަޖާވެގެން ޒެނިލް ޖަހައިލީ ހިނިގަނޑެކެވެ.
"ޖިލް ތިބުނީ އަހަރެން ދެއްކީ، ފޭކު ލިޔުމެކޭތަ؟..." ޒެނިލް އަހައިލި އެވެ.
"ނޫން... އެކަމަކު ދީނީ ގޮތުން..." ޖިލްވާގެ ޖުމްލަ ފުރިހަމަ ނުވަނީސް، ޒެނިލް ވާހަކަ ދައްކަން ފެށި އެވެ.
"މިހާރު ކައިވެނި އެއޮތީ ރެޖިސްޓްރީ ވެސް ކޮށްފަ... އެ ހިފައިގެން ކޮންމެ ތަނަކަށް ދިޔަސް، ބުނާނެ އަހަރެމެން ދެމީހުން މީ، ދެމަފިރިން ކަމަށް... ދެން ކޮބާ މައްސަލައަކީ؟..." ޒެނިލް ހުރީ ހަމަޖެހިފައެވެ.
ޒެނިލް ހީކުރީ އެއްކޮޓަރިއެއްގައި ނިދާ ވާހަކަ ބުނުމުން، ޖިލްވާ ބިރުގަތީ ކަމަށެވެ. އެއީ އެހެންވެ ދައްކާ ބަހަނާ އެއް ކަމުގައި ޒެނިލް ގަބޫލު ކުރިއެވެ.
"މައްސަލަ އަކީ އަހަރެމެން ކައިވެނި ކުރީ ވަލީ އާ ނުލާ ވީމަ... ދީނީ ގޮތުން ބާޠިލު ވާނެ މި ކައިވެނި..." ޖިލްވާ ބުންޏެވެ. "ވަލީގެ އިޒުނައާ ނުލާ ކުރެވުނު ކައިވެންޏެއް މީ... އަހަންނަށް ވެސް އޭރު މި ކަންކަމެއް ނޭނގެ... އެނގުނު އިރު ވާން ހުރި ހުރިހާ ކަމެއް ވެ ނިމިއްޖެ..."
އުޅެ ބޮޑުވި މާހައުލުގެ ގޮތުން، ދީނީ ކަންކަން ޒެނިލްއަށް ވެސް އޮޅުންފިލާފައިވާވަރު ކުޑަ އެވެ. ވަލީ އަކީ ކޯއްޗެއް ކަން ޒެނިލްއަށް އެނގުނީ، ޖިލްވާ ދެއްކި ވީޑިޔޯތައް ބެލުމުންނެވެ. ދީނީ އިލްމުވެރިންގެ ވާހަކަތަކާއި ދީނުގެ އެތައް ވާހަކައެއް ޖިލްވާ ކިޔައިދިނެވެ. ވަލީ އާއި ނުލައި ކައިވެނި ކުރެވިއްޖެނަމަ ދެން ކަންތައް ކުރަން ޖެހޭނެ ގޮތްވެސް މެއެވެ. އެވާހަކަތައް ކަނުލައި އަޑު އަހަން ޒެނިލް އިނެވެ.
"ވަލީ ހޯދަން އަހަރެން ކިހިނެއް ހަދަންވީ؟... ޖިލް ބައްޕަ ކައިރިއަށް ދާންވީތަ؟... ޖިލް އާ މެރީ ކުރަން، ޖިލްގެ ގައުމަށް ދާންވެސް އަހަރެން މިހުރީ ތައްޔާރަށް... ވަލީ ނުދީފިއްޔާ، އަތުލައިގެން ވެސް ޖިލް އާ އަސްލު މެރީ ކުރާނަން..." ޒެނިލް ވާހަކަ ދެއްކި އިރު، ޖިލްވާއަށް ސިފަވީ ކުޑަ ކުއްޖެކެވެ. ޔޫން އެކޭ ތަފާތެއް ނެތޭ ހިތަށް އެރުމުން، ޖިލްވާގެ ހިނިގަނޑު ފަޅައިގެން ދިޔަ އެވެ.
ވާނުވާ ނޭނގިފައި އިން ޔޫން ވެސް މަންމަގެ ހުނުމުގައި ބައިވެރިވެލިއެވެ. އެކުދިންގެ ބަހުރުވައިން އަޑުތަކެއް ލައްވާލާފައި ހެމުން ދިޔައެވެ.
"މަންމި އާ ބައިވެރިވެގެން، ޑެޑީގެ ޕްރިންސަސް ވެސް މިހާރު ޑެޑީ އާ ދިމާކުރަނީއޭ ދޯ..." ޝަކުވާގެ ރާގެއްގައި ޒެނިލް ބުންޏެވެ.
ޖިލްވާ ހުއްޓާނުލައި ހޭން ފެށުމުން، ޒެނިލް އަކަށް ނީނދެވުނެވެ. ކުއްލިއަކަށް ޖިލްވާގެ ކައިރިއަށް ޖެހިލި އެވެ. ކުޑަކޮށް ފަހަތަށް ޖެހިލުމަށް ޖިލްވާއަށް ސޯފާގައި ދެއަތް ވިއްދައިލެވުނެވެ. އެވަރުންވެސް، ޒެނިލް އޭނަގެ ކޮލުގައި ބޮސްދިނެވެ. ޒެނިލްގެ ނަޒަރު ޖިލްވާގެ ތުންފަތަށް ހުއްޓުނު ނަމަވެސް، އިތުރު ކަމެއް ނުކޮށް، ދުރަށް ޖެހިލައިފިއެވެ. ޖިލްވާގެ ހިނިގަނޑު ހުއްޓުނުގޮތަށް ގަބުވެފައި އިނެވެ.
"އަހަރެން ކުރިމަތީ ތިގޮތަށް މާގިނައިން ނުހެއްޗޭ!..." ޖިލްވާގެ ދެލޮލަށް ނަޒަރު ހުުއްޓައިލަމުން ޒެނިލް ބުންޏެވެ. "އަހަރެންގެ ކެތްތެރިކަން ކޮޅުންލައިގެން ގޮސްދާނެ..."
ޒެނިލް ސޯފާއިން ތެދުވީ، އޭނަ އެތަނުގައި އިންހާ ހިނދަކު، ޖިލްވާއަށް ހަމަނޭވާވެސް ނުލެވޭނޭ ކަން އެނގުމުންނެވެ.
"ޖިލް އާ އެކީ ޖިލްގެ ގައުމަށް ދާން އަހަރެން މިހުރީ ތައްޔާރަށް... މާދަމާ ދާނަން ޓިކެޓު ނަގަން... އެންމެ ދުވަހެއް ވެސް ލަސްކުރާކަށް ބޭނުމެއް ނޫން ދެނެއް..." ޒެނިލް ބުންޏެވެ.
"އަހަރެން ބޭނުން ވާހަކައެއް ބުނަން..." ކޮރެއާގައި ތާށިވި ހަގީގީ ސަބަބު ބުނުމަށް ޖިލްވާ ތައްޔާރުވެލިއެވެ.
"އުހުނ... ތިވާހަކައެއް ބުނާނެ ކަމެއް ނެތޭ... ޖިލް ހުންނަން ވާނީ މިގޭގަ.. އަހަރެންގެ ކޮޓަރީގަ... މިގޭގަ ކިތަންމެ ގިނަ ދުވަހު ހުއްޓަސް، ފަހުން ހިތާމަ ކުރަންޖެހޭ ވަރުގެ ކަމެއް ދެން އަހަރެންގެ ފަރާތަކުން ނުހިނގާނެ... މީ އަހަރެން ޖިލްއަށް ވާ ވައުދެއް..." ޒެނިލް ޔަޤީންކަމާއި އެކުގައި ބުންޏެވެ.
********
ރޭގަނޑުގެ ވަގުތެވެ. ޔޫން ނިދުމުން، ޖިލްވާ ނުކުމެލީ ބޭރަށެވެ. ގޭތެރެ އޮތީ އަނދިރިކޮށެވެ. ޒެނިލް ވެސް ފެންނާކަށް ނެތެވެ. އިރު އޮއްސުނު ފަހުން ބޭރަށް ދިޔަ ގޮތަށް، ޒެނިލް ގެއަކަށް ނާދެ އެވެ.
ޖިލްވާގެ ފޯނު ރިންގްވާން ފެށީ އެވަގުތު އެވެ. އިސްކްރީނަށް އަރާފައި އޮތް، ކެވިންގެ ނަން ފެށުމުން، ޖިލްވާ ކަންބޮޑު ވިއެވެ.
"ދަތުރު ކެންސަލްވެގެން މިއައީ..." ކެވިން ބުނި އަޑު އިވުނެވެ. "ޔޫން ނުނިދާ ހުރިއްޔާ ގޮވައިގެން ނުކުމެލެވިދާނެތަ؟... ދެކިލާ ހިތުން..."
"ޔޫން ނިދާފަ އޮތީ..." ޖިލްވާއަށް ބުނެވުނީ އެހިސާބަށެވެ.
"އާދޭ ފިނި އެއްޗެއް ބޯލަން..." ކެވިން އެދުނެވެ.
"އަހަރެން މިހުރީ، ވަރަށް ދުރުގަ..." ޖިލްވާ ބުންޏެވެ.
"ދުރުގައޭ؟... ކޮންތާކު؟...." ކެވިން ހާސްވެފައި ސުވާލު ކުރިއެވެ. "ބަލައި ދަންތަ ކާރުގަ؟..."
"ނޫން... މިކޮޅުގަ މަޑުކުރާ ގޮތަށް މިއައީ..." ޖިލްވާ ހުރީ ކޮންމެވެސް ވަރަކަށް ޖެހިލުންވެފައެވެ. "ކުއްލިއަކަށް އަންނަންޖެހުނީމަ، ނުބުނެ އާދެވުނީ... އެންމެ ރަނގަޅުތަ؟..."
"އޭނަ އާ އެކީތަ؟..." ކެވިންގެ ރާގު ބަދަލުވިކަން ޖިލްވާއަށް އެނގުނެވެ.
"އާނ!..." އިރުކޮޅަކު އެއްޗެއް ނުބުނެ ހުރެފައި އިވުނީ ކެވިން ފޯނު ކަނޑައިލި އަޑެވެ.
ފޯނު ކެނޑުމާއި އެކު އައީ މެސެޖެކެވެ. މެސެޖު ފޮނުވީ ކެވިން އެވެ. އޭގައި އޮތީ، ޔޫން މަތިން ވަރަށް ހަނދާންވާނެ ކަމަށް ބުނެފައެވެ.
ސިކުނޑިއަށް ބާރުކުރަން ފެށުމުން ޖިލްވާ ބޭނުންވީ ކޮފީއެއް ބޯލާށެވެ. ކާގެ އާއި ދިމާއަށް ދިޔަ ޖިލްވާގެ ސިކުނޑީގައި އެނބުރެމުން ދިޔައީ ހަމައެކަނި، ކެވިން އެވެ. ޔޫން ނުފެނުމުން، ކެވިން ދެރަވާނެ ވަރު ހުދު ޖިލްވާއަށް ވެސް އެނގެއެވެ. ކެވިންގެ އިހުސާންތެރިކަން ޖިލްވާގެ ހިތުން ދުވަހަކުވެސް ފިލައިގެން ނުދާނެ އެވެ. އެކަމަކު، އަބަދު ކެވިން ހިތް އުފާކޮށްދޭން ޔޫން ގޮވައިގެން ކެވިންގެ ކުރިމަތީގައި އޭނަ ހުންނާނީވެސް ކިހިނެއް ހެއްޔެވެ؟
ކާގެ އާއި ހަމައިން ޖިލްވާގެ ފިޔަވަޅުތައް ހުއްޓުނެވެ. ޖިލްވާ ސިހުނީ، ކާގެ ތެރެއިން ކަޅު ހިޔަންޏެއް ފެނުމުންނެވެ. މުޅި ތަނުގައި ގުގުމައިލީ ޖިލްވާގެ ތޫލި ހަޅޭކުގެ އަޑެވެ.
ޖުއާން ކާން ހުރި ކޯންފްލޭކްސް ތަށި އެޅުނީ އޭނަގެ މުޅި ގަޔަށެވެ. ޖިލްވާ އެކޭ އެއްވަރަށް އޭނަވެސް ސިހުނެވެ. ކުއްލިއަކަށް އިވުނު ހަޅޭކުގެ އަޑާއިއެކު، މުޅި ގަޔަށް ކާއެއްޗެހި އެޅުމުން، ޖުއާން ހުރީ ރުޅިގަދަވާގޮތް ވެފައެވެ. އެކަން ކުރި މީހަކާއި ދިމާއަށް ހަޅޭއްލަވައިގަންނަން ބޭނުންވެފައެވެ.
ތަށި މޭޒުމަތީގައި ބައިންދާފައި، ޖުއާން ބޮކި ދިއްލައިލިއެވެ. އޭރު އޭނަ ހުރީ، އެމީހަކާއި ދިމާއަށް ތޮޅެލަން ތައްޔާރު ވެގެންނެވެ. ޖުއާން ހީކުރީ، އެމީހަކީ ގޭތެރޭގެ މަސައްކަތްތައް ކޮށްލުމަށް އައިސްއުޅޭ، މީހާ ކަމަށެވެ.
"ކިހާ ދެރަ ކަމެ..." ޖުއާންގެ ޖުމްލަ ފުރިހަމައެއް ނުކުރެވުނެވެ.
"ޖުއާން!..." ހުރިހާ ދަތެއް ފެންނަ ވަަރަށް ހީލަމުން ޖިލްވާ ބުންޏެވެ.
ޖުއާންއަށް ޖިލްވާ ފެނުމުން، ހުއްޓުން އަރާފައި އެތައް އިރަކު ހުއްޓެވެ. ދެން ކުއްލިއަކަށް ފެނުނީ ޖިލްވާގެ ގައިގައި ބައްދައިލި ތަނެވެ.
(ނުނިމޭ)