"އާރާ!... އާރާ!... ހަމަޖެހިބަލަ..." ޔޯހަން ނުރުހިފައި ބުންޏެވެ. "މިގަޑީ އަހަރެން މި މަސައްކަތް ކުރަނީ އިންސާނިއްޔަތަށްޓަކާ..."
"އަހަރެން ބޭނުމެއް ނޫން އެއްވެސް މީހެއްގެ އިހުސާންތެރިކަމެއް...." ގޮތް ދޫކުރާކަށް އާރާ ބޭނުމެއް ނުވިއެވެ.
"މިހާވަރުވެފަ ހުރި އިރުވެސް ފަރުވާއެއް ނުކޮށް ތިހުރީ ކީއްވެތަ؟... މީ އަމިއްލަ ނަފުސަށް ގެއްލުން ދިނުން..." ޔޯހަންއަށް އާރާގެ އަޑު ނުވެސް އިވޭ ކަހަލަ އެވެ.
********
"ބުނެފީމެއްނު މިތަނުން ދާށޭ..." އާރާ ހަޅޭއްލަވައިގަތެވެ.
ޔޯހަން ނުވިސްނާ ހުއްޓައި، އާރާ އޭނަ ކޮއްޕައިލި އެވެ. ފަހަތަށް އެއްލިގެން ދިޔަ ނަމަވެސް، ޔޯހަން އޭނަގެ ހަށިގަނޑު ސީދާކޮށްލި އެވެ. ބާރުގެ ބޭނުން ކުރަން ޔޯހަންއަށް މަޖުބޫރުވީ އެ ހިސާބުންނެވެ. ޔޯހަން ގަދަކަމުން ކަހަލަ ގޮތަކަށް އާރާ ގެންގޮސް ސޯފާގައި ބޭންދި އެވެ.
"މަރުވާން ދޫކޮށްލާފަ އަހަރެން ދާންވީތަ؟... އޭނ؟..." އާރާގެ ދެކޮނޑުގައި ހިފައި ތަޅުވައިގަންނަމުން ޔޯހަން ބުންޏެވެ. "އާރާއަށް އެނގޭތަ އާރާއަށް ވެފަ ހުރި ވަރު... ބަލި އެނދުގަ އޮންނަން ބޭނުމިއްޔާ، ފަރުވާއެއް ނުކޮށް ތިހެން އިނދޭ... ފަހުން ނޫޅޭތި ދެރަވެގެން... ކާކަށް ގެއްލުން ދޭންތަ އާރާ ތިހެން ތި އުޅެނީ؟.... އާރާ ބޭނުންވެގެން ތިއުޅޭ މީހާ ނުލިބޭނެކަން އެނގޭއިރު ވެސް އެމީހަކަށްޓަކާ ކީއްކުރަން އުފުލާ ވޭނެއް؟... އަމިއްލަ ނަފުސުދެކެ ކުޑަކޮށްވެސް ލޯބި ނުވަނީތަ؟..."
އާރާ ހިމޭންވުމުން، ޔޯހަން މަޑުމަޑުން އެ ހަށިގަނޑުން ދޫކޮށްލި އެވެ.
"ކޮންތާކު ބޭސް ހުންނާނީ؟..." ޔޯހަން އަހައިލި އެވެ.
އިރުކޮޅަކު އަނގައިން ނުބުނެ އިނދެފައި، އާރާ އޭނާގެ އަތުން އިޝާރާތް ކުރީ ބަދިގެ އަށެވެ. ބޭސް ހިފައިގެން ޔޯހަން އައިއިރު، އާރާ އޮތީ ސޯފާގައި އޮށޯވެލައިގެންނެވެ. ދެލޯ މެރިފައި އޮތްއިރު، އެއް އަތް އޮތީ ސޯފާއިން ތިރިއަށް އެލިފަ އެވެ. ނިތްކުރިމަތީން ފިނި ދަލެއް ހިއްލާލާފަ އެވެ. އަބަދުމެ، ރީއްޗަށް ފުނާ އަޅާލާފައި އޮންނަ އިސްތަށިގަނޑު އޮތީ، ތަރުތީބު ގެއްލިފަ އެވެ. މޫނުމަތީގައި އެއްވެސް ދިރުމެއް ނެތް ފަދަ އެވެ. ފަންކާގެ ވަޔާއިއެކު، ބައެއް އިސްތަށިތައް މޫނުގައި ގޯނާކޮށްލަ އެވެ. އެއިން ކޮންމެ ވަގުތަކު، އާރާ އުނދަގޫ ގޮތަކަށް ދެލޯ މަރައި ބާރުކޮށްލަ އެވެ.
އާރާގެ އިސްތަށިގަނޑު ރަނގަޅުކޮށްލުމަށް ޔޯހަން އޭނަގެ އަތް ހަރަކާތް ކޮށްލި އެވެ. އެ އޮމާން މޫނަށް އައިބުކަމެއް އައިސްފައިވީ، މޫނުގެ އެއްފަރާތުން ހަލާކުވެފައިވާ ތަނުގެ ސަބަބުންނެވެ. ނިތްކުރިން ފެށިގެން ދަތްދޮޅި އާއި ހަމައަށް ޒަޚަމުވެފައި ވިއެވެ. ލޭ ހިލިފައިވާ ފާރުގަނޑުގައި ކޮންމެވެސް ވަރަކަށް ވެލީގެ އަސަރު ހުއްޓެވެ.
ޒަޚަމު ސާފުކުރަމުން ދިޔައިރު، ޔޯހަންގެ ސިކުނޑި ފުރި ބާރުވެފައިވީ ސުވާލު ތަކުންނެވެ. މާ ބޮޑު މަސައްކަތެއް ކޮށް ނޫޅޭ އާރާއަށް ކޮންއިރަކު، ކީއްވެ ލިބުނު އަނިޔާއެއް ހެއްޔެވެ؟ ހަވީރު ވަންދެން އޮފީހުގައި އުޅުނު އިރުވެސް، އާރާ ހުރީ ރަނގަޅަށެވެ.
"ކަށިގަސްތަކެއްގެ ތެރޭގަ އުޅުނީމަ ކަށި އެޅިފަ ހުންނަ ކަހަލަ ގޮތަކަށް މިހުރީ.... އެކަމަކު މިގޭގަ ނެތް ބަގީޗާ އެއްވެސް.... ކިހިނެއްވެފަ ބާ މިހުރީ؟..." ބޭސް އަޅަމުން ދިޔައިރު، ޔޯހަން ހިތާއިހިތުން ވާހަކަ ދެއްކި އެވެ.
********
ފުލުހުންގެ އިދާރާގެ ބައްދަލުވުން ބާއްވާ ހޯލަށް ޒެނިލް ވަންއިރު، ފުލުހުންގެ ދެތިން އޮފިސަރުން އެތަނުގައި ތިއްބެވެ. ޒެނިލް ވަނުމާއިއެކު، އެތަނުގައި އެންމެ އިސްކޮށް ހުރި، ފުލުސް އޮފިސަރު ކުރިއަށް ޖެހިލައި ސަލާމަށް އަތް ދިއްކޮށްލި އެވެ.
"ކިމްބަމް... އަހަރެން މީ މި ޑިޕާޓްމަންޓްގެ އެންމެ އިސްމީހާ..." ކިމް އޭނާގެ ތައާރަފެއް ދިނެވެ. "ދެން މިހުރީ ވޮންބިން... މި ކޭސް އާއި ހަވާލުވެގެން ހުންނާނީ އޭނަ..."
"އިށީންނަވާ..." ވޮން ކުރިއަށް ޖެހިލައި ޒެނިލް އިށީންނަންވީ ގޮނޑި ދައްކައިލި އެވެ.
ޒެނިލް އިށީނުމުން، ވޮން ގޮސް ހުއްޓުނީ އެންމެންގެ ކުރިމައްޗަށް ވާހެން ހުރި ބޮޑު އިސްކްރީން ކައިރީގަ އެވެ. އިސްކްރީނުން ފެންނަމުން ދިޔައީ، ޒެނިލްގެ ގޭ ކައިރީގައި ޕާކު ކޮށްފައިވާ ކާރުތަކެވެ. ފަހަރަކު ކާރެއްގެ ރަޖިސްޓްރީ ނަންބަރު ދައްކަމުން ވޮން ދިޔައީ އެ ކާރުތަކުގެ ވެރިފަރާތްތަކުގެ މައުލޫމާތުތައް ކިޔައިދެމުންނެވެ.
ހުރިހާ ކާރެއްގެ ތެރެއިން ޒެނިލްގެ ސަމާލުކަން އަތުލީ، ގަދަ ދަނބު ކުލައިގެ ކާރެކެވެ. ކާރު ބަލައިލާފައިވެސް އެއީ ކާކުގެ އެއްޗެއްކަން ޒެނިލްއަށް އެނގުނު ކަހަލަ އެވެ. އޭނައަށް ހީވީވެސް ރަނގަޅަށެވެ. ފުލުހުން ދެން ހާމަކޮށްލި ހަގީގަތަކުން ޒެނިލްގެ ތަބީއަތު ބަދަލު ވިއެވެ.
"ތި ކާރު އެތާ ޕާކު ކުރި ގަޑި އާއި ދިޔަ ގަޑި އެނގެން އެބައޮތްތޯ؟..." ޒެނިލް އަހައިލި އެވެ.
"ދަންނަ މީހެއްގެ ކާރެއްތޯ؟..." ޒެނިލް ޚާއްސަކޮށް ވަކި ކާރަކާއި ބެހޭގޮތުން ސުވާލު ކުރުމުން ފުލުހުންގެ ސަމާލުކަމަށް އެކަން އައެވެ.
"ކުރިއަށް ގެންދަވާ..." ޖަވާބު ދިނުމުގެ ބަދަލުގައި ޒެނިލް އެދުނީ އޭނަ ބޭނުންވާ މައުލޫމާތު ދިނުމަށެވެ.
ޒެނިލްގެ ގޭގެ އެކި ސަރަހައްދުތަކުގައި ހަރުކޮށްފައިވާ ސީސީޓީވީ ފުޓޭޖްތަކާއި، ހާދިސާ ހިނގި ވަގުތު، މަގުތަކުގައި ހަރުކޮށްފައިވާ ސީސީޓީވީ ފުޓޭޖްތަކުގެ އިތުރުން، ކާރުތަކުން ނެގިފައިވާ ވީޑިޔޯތައް ފުލުހުން ދައްކަން ފެށި އެވެ. އެއާއިއެކު، ހާދިސާގެ ފަހުން ގޯތި ތެރޭގެ ބައެއް ތަންތަން ހުރި ގޮތްވެސް ކިޔައި ދެމުން ދިޔަ އެވެ.
"އެމީހަކު ގޮއްސަ ހުރިކަމަށް ބެލެވެނީ، ޖިލްވާގެ ކޮޓަރި އާއި ދިމާއިން ބެލްކަނިން ތިރިއަށް ފުންމާލައިގެން... ބެލްކަންޏާ ދިމާއިން ތިރީގަ ހުރި ފިނިފެންމާ ގަސްތަށް އެބަހުރި ހަލާކުވެފަ... މިހުރީ ތަސްވީރުތައް..." ކޮންމެ ތަސްވީރެއް ވެސް ވޮން ދައްކަމުން ދިޔައީ ކުރިން އެތަން ހުރި ގޮތާއި، ހާދިސާގެ ފަހުން ހުރި ގޮތް ތަފުސީލާއިއެކު ކިޔައިދެމުންނެވެ.
ވޮން ބުނިހެން ޖިލްވާގެ ކޮޓަރި އާއި ދިމާއިން ގަސްތައް ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ. ފިޔަވަޅުގެ ނިޝާންވެސް އެނގެން ހުއްޓެވެ. ވޮން ދެން އަޅުވައިލި ވީޑިޔޯ އަކުން ޒެނިލްއަށް އޭނަ އިންތަނުން ތެދުވަން މަޖުބޫރު ކުރުވި އެވެ.
"މީ ބޭރުގަ އިން ކެމެރާއަށް ރެކޯޑުވެފަ އިން މަންޒަރެއް... ބަގީޗާގެ ތެރެއިން އެމީހަކު ނުކުމެގެން ދާތަން މިހުރީ ކެމެރާއަށް ވެސް އަރާފަ... ފޭސް ރިކޮގްނައިޒް ކުރުމުގެ މަސައްކަތް ވެސް އަޅުގަނޑުމެން އެބަ ކުރިއަށް ގެންދަން..." ވޮން ފަހުރުވެރިވެލާފައި ބުންޏެވެ. "ދެން މިހުރީ، އެތަނުން އަޅުގަނޑުމެންނަށް ލޭގެ އަސަރު ފެނުނީމަ ނަގާފަ ހުރި ތަސްވީރުތަކެއް... އެމީހަކު ސަލާމަތްވާން އުޅެގެން ރަނގަޅު އަނިޔާއެއްވެފަ އެ ހުރީ... އެއީ ކާކު ލެޔެއްތޯ ބަލަން މިހާރު އަޅުގަނޑުމެން ވާނީ، ފޮރެންސިކް ޓީމާ ހަވާލުކޮށްފަަ..."
ޒެނިލް ވަކި އެއްޗެއް ނުބުނެ ހޯލުން ނުކުތެވެ. އޭރު އޭނަގެ ދެލޯ ވަނީ ފެންކަޅިވެފައެވެ. އިތުރަށް ޔަގީންކުރާނެ ކަމެއް ނެތެވެ. ހުރިހާ ހެއްކެއް އެހުރީ ކުރިމަތިން ފެންނާށެވެ. އެކަމަކު، ދެރައީ، އޭނަގެ ދިރިއުޅުމަށް އެވަރުގެ ބޮޑު ޒަލްޒަލާއެއް ގެންނަން އުޅޭ މީހަކީ، އޭނަގެ ގާތް އެކުވެރިއަކަށްވީ ކަމެވެ.
"އާރާ!.... ވައި؟... ވައި؟..." ޒެނިލްގެ ހިތުގައި ރިއްސައިލި އެވެ.
އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް، އާރާ އާއި ޒެނިލްގެ ގުޅުން ވަރުގަދަ އެވެ. އެކަކު އަނެކަކަށް ދެރައެއް ލިބޭފަދަ ކަމެއް ކުރަން އެކަކުވެސް މަސައްކަތް ކޮށްފައެއް ނުވެއެވެ. މިއަދު ކުއްލިއަކަށް އާރާ ބަދަލުވާންވީ ކީއްވެ ހެއްޔެވެ؟ ބަދަލުގައި ލޯބި ނުލިބުމުން ހެއްޔެވެ؟
ޒެނިލް ގަބޫލުކުރަން ބޭނުން ނުވިޔަސް، ހުރިހާ ހެއްކެއް ހުރީ އާރާ އާއި ދެކޮޅަށެވެ. ހާދިސާ ހިނގި ވަގުތު އާރާގެ ކާރު އެގޭ ކައިރީގައި އޮތުމާއި، ޖިލްވާގެ ކޮޓަރި އާއި ދިމާއިން ބަގީޗާގެ ތެރެއިން އާރާ ނުކުމެގެން ދިޔަތަން ސީސީޓީވީއަށް އަރާފައި ހުރުން ހެއްކަކަށް ފުދެއެވެ. އަދި އެވަގުތު އާރާ އަޅައިގެން ހުރީވެސް ޝައްކު ކުރެވޭފަދަ ހެދުމެކެވެ. އޮފްކަމެއް ހުރި ކަޅުކުލައިގެ ޖެކެޓަކާއި، ކަޅު ސްކިނީ އެކެވެ.
********
ޔޫން ފެންވަރުވައިގެން ޖިލްވާ ނުކުތްއިރު، އެނދުމަތީގައި އޮތް ފޯނު ރިންގްވަމުން ދިޔަތަން ފެނުނެވެ. ފޯނާއި ދިމާއަށް ގޮސްފައި ވެސް، ޖިލްވާ އެނބުރި އައިކޮޅަށް ހިނގައިގަތީ އިސްކްރީނަށް އަރާފައިވާ ނަން ފެނުމުންނެވެ.
"ކެވިން؟... މިގަޑީ ގުޅަނީ ކީއްވެބާ؟..." ޖިލްވާ ހުރީ ހާސްވެފަ އެވެ.
ފޯނު ކެނޑޭއިރަށް އަނެއްކާވެސް ކެވިން ގުޅަން ފެށި އެވެ. ދިހަވަރަކަށް މިނެޓު ވީއިރުވެސް، ކެވިން ދިޔައީ ހުއްޓާނުލައި ގުޅަމުންނެވެ. އެންމެފަހުން ޖިލްވާ ބިރުގަންނަ ގޮތް ވިއެވެ. މީހަކަށް ކަމެއް ވީ ބާއޭ ހިތަށް އެރި އެވެ. އެކަމަކު، އެކަކުވެސް ގޭގައި ނެތް ވަގުތެއް ކަމުން، ފޯނު ނަގަން ނުކެރިފައި އޭނަ ހުއްޓެވެ. އެންމެފަހުން، އުނދަގޫވެގެން ފޯނު ނަގައި ކަންފަތުގައި ޖައްސައިލި އެވެ.
"ކީއްވެ ފޯނު ނުނަގަނީ؟..." ކެވިން ހުރީ ހާސްވެފަ އެވެ. "ތިގޭ ދޮރުމަތީ މިހުރީ... ދޮރު ހުޅުވާލަބަލަ..."
"މިގަޑީ؟..." ޖިލްވާ ހާސްވެގެން ބަލައިލީ ގަޑިއަށެވެ.
"އާނ!... ޔޫން ކައިރިއަށް މިއައީ..." ކެވިން ވަރަށް ހަމަޖެހިލާފައި ބުންޏެވެ. "ޔޫން ފެންނަން ނެތިއްޔާ، އަހަރެން މޮޔަވެދާނެ..."
ގޭގެ ބެލް ޖަހައިލި އަޑު އިވުނެވެ. ޖިލްވާގެ ހިތަށް ނޭނގޭ ބިރުވެރިކަމެއް ވަނެވެ.
********
ދެތިން ފަހަރަކު ގޭގެ ބެލް އަޅައިލުމުން ވެސް އާރާއަކަށް ނުހޭލެވުނެވެ. ދެފިކުރެއްގައި އިނދެފައި، ޔޯހަން ގޮސް ދޮރު ހުޅުވައިލި އެވެ. ދޮރު މަތީގައި ހުރި ޒެނިލް ފެނުމުން، ޔޯހަން ސިހޭގޮތް ވިއެވެ.
"އާރާ ކޮބާ؟..." ޒެނިލް އަހައިލި އެވެ.
ޒެނިލްގެ މޫނުމަތި ހުރި ގޮތުން ކޮންމެވެސް ކަމެއް ގޯސްވެއްޖެކަން ޔޯހަންއަށް އެނގުނެވެ.
"އާރާ... އާރާއަށް... ނިދިފަ އޮތީ..." ޔޯހަން ވާހަކަ ދެއްކީ ހުއްޓަމުން ކަހަލަ ގޮތަކަށެވެ.
ޔޯހަން ހީކުރީ ޒެނިލް ދާނީ ކަމަށެވެ. އެކަމަކު އޭނަ ގޭތެރެއަށް ދެމިގަތީ އެވެ.
"އާރާ!... އާރާ!..." ޒެނިލް ގޮވަންފެށި އެވެ.
"ޝްޝްޝް... ކިހިނެއްވީތަ؟..." ޔޯހަން ކުޑަކޮށް ހިތްހަމަނުޖެހޭގޮތް ވިއެވެ. "ތާކު އަލިފާން ރޯވީކީ ނޫނެއްނު... ހަމަޖެހިގެންވެސް ވާހަކަ ދެއްކިދާނެ..."
އެކުވެރިއަކަސް، ޒެނިލް ބޭނުންހާ ގޮތަކަށް އާރާގެ ގޭގައި އުޅެވިދާނޭ ކަމަކަށް ޔޯހަންއަކަށް ގަބޫލެއް ނުކުރެވުނެވެ.
"އަހަރެން މިއައީ އާރާ ހޯދަން..." ޒެނިލްގެ އަޑުގައި ހަރުކަށި ގޮތެއް ހުއްޓެވެ. "ބައްދަލުކޮށްފަ ނޫނީ އަހަރެން މިތަނަކުން ނުދާނަން... އާރާ ކައިރީ ބުނޭ އަހަރެން އައިސް އެބަ ހުއްޓޭ... ކުރިމަތީ ކުރާކަމެއް ކުރަން އަންނާށޭ..."
"އާރާ އުޅެނީ ބަލިކޮށް... އޭނައަށް އޮތީ މިހާރު ނިދިފަ... ނެތްތަ ފަހުން އާދެވޭކަށް..." ޔޯހަން މަސައްކަތް ކުރީ ޒެނިލް ފޮނުވައިލާށެވެ.
"ކަންކަން ފަސްކުރަން ހަދައިގެން އަހަންނަށް ލިބުނު އެއްވެސް އުފަލެއް ނެތް..." ޒެނިލް އޭނާ ހުރިތަނުން ގުޑިވެސް ނުލި އެވެ.
"ބުނަން ވާހަކައެއް... އެއްޗެއް ނުބުނެ އަހަރެން ވަރަށް އިރު ކެތްކޮށްފިން... އެއީ ތީ ގާތް އެކުވެރިއަކަށްވީމަ..." ޒެނިލްގެ މޭގައި މަޑުމަޑުން ޖަހައިލަމުން ޔޯހަން ބުންޏެވެ.
ޔޯހަން ދުރުކޮށްފައި، ޒެނިލް ގޮސް އާރާގެ ކޮޓަރިއަށް ވަނެވެ. އޭރު އާރާ އުނދަގޫ ގޮތަކަށް ތެދުވަން މަސައްކަތް ކުރަނީ އެވެ. ޒެނިލް ފެނުމުން، އާރާގެ މޫނުން ފެނުނީ ތަފާތު ޝުއޫރެކެވެ. އަވަހަށް ކޯތާފަތްމަތީގައި އަތް އަޅައި ޒަހަމުވެފައިވާ ތަން ފޮރުވަން މަސައްކަތް ކުރި އެވެ.
އާރާ ހުރި ހާލަތު ފެނުމުން، ޒެނިލްގެ ހިތަށް ސިފަވީ، ބާގީޗާތެރެ އޮތް ގޮތެވެ. ގަސްތައް ހަލާކުވެފައެވެ. ބައެއް ފަތްތަަކުގައި ހުރި ލޭގެ ނިޝާންތަކެވެ.
"އަހަރެން މިއައީ ޔަޤީންކުރަން... އެކަމަކު، އިތުރަށް ޔަޤީން ކުރާނެ ކަމެއް ނެތްކަން އެނގިއްޖެ..." އާރާގެ ޒަހަމު ފެނި، ޒެނިލްއަށް ހުރިހާ ކަމެއް ޔަގީން ވިއެވެ.
"އަހަރެމެން ދެމީހުންގެ މެދުގަ އޮތް އެކުވެރިކަމަށްޓަކައި، އަހަރެން އަދިވެސް ބޭނުން ވަނީ، ސީދާ އާރާގެ ދުލުން ތެދު ބުނާ އަޑު އަހަން... އެމީހަކީ އާރާތަ؟..." ޒެނިލް އަހައިލި އެވެ. "މިހާރު ތެދަށް ބުނެފިއްޔާ ނޫނީ އަހަރެން މާފެއް ނުކުރާނަން..."
"ޒެލް!... އަހަންނެއް ނޫން... އަހަރެން އެއްވެސް ކަމެއް ނުކުރަން... އެއްވެސް މީހަކަށް އަނިޔާއެއް ނުދެން..." އާރާ ހާސްވެގެން ތެޅިގަތީ ޒެނިލް ދައްކާ ވާހަކަ މާ ކުރިން އެނގިފައިވާ މީހަކު ފަދައިންނެވެ.
"އާރާއަށް ކިހިނެއް އެނގުނީ، މީހަކަށް އަނިޔާއެއް ދޭން އުޅުނުކަން؟..." ޝައްކުގެ ނަޒަރަކުން އާރާއަށް ބަލަން ހުރެ، ޒެނިލް އަހައިލި އެވެ.
އާރާގެ އަނގަ ބެދުނެވެ. އިތުރަށް އެންމެ އެއްޗެއްވެސް ނުބުނެވުނެވެ.
"އަހަރެން ހިއެއް ނުކުރަން އާރާ ތިގޮތަށް އަހަރެންގެ ދިރިއުޅުމާ ކުޅެން މަސައްކަތްކޮށްފާނެ ކަމަކަށް..." ޒެނިލްގެ މޫނުން ފެނުނީ، އަމިއްލަ ނަފުސު ކުށްވެރިކޮށްފައިވާ ކަމުގެ އަސަރުތަކެވެ. "ޖިލްއަކީ އަހަރެންގެ ފުރާނަ... އޭނަގެ ގައިގަ ކޫރުމެއް އެޅިލިޔަސް، އެކަން ކުރާ މީހަކަށް އަހަރެން ދުވަހަކުވެސް މާފެއް ނުދޭނަން... އެކަން އަބަދުވެސް ހަނދާނުގަ ބަހައްޓާތި!..."
ޒެނިލް ނުކުމެގެން ދިޔައީ، އާރާ ގޮވަގޮވައި ހުއްޓަ އެވެ. އިތުރަށް އާރާ އާއި ދައްކާނެ ވާހަކައެއް ޒެނިލްގެ ނެތެވެ. ކިތަންމެ ވަރަށް އެހިޔަސް، އާރާ ހަގީގަތް ހާމަނުކުރާނެ ކަން ޒެނިލްއަށް ޔަގީން ވިއެވެ.
********
"ކީއްވެ އަހަންނަށް ހީވަނީ، ޖިލް އުޅެނީ އަހަންނަށް ފިލާށޭ..." ކުރިމަތީގައި އިން ޖިލްވާއަށް ބަލަން އިނދެ ކެވިން އަހައިލި އެވެ.
(ނުނިމޭ)