ނިދަން އުޅެއުޅެ ޖިލްވާގެ ދެލޮލަށް ނިންޖެއް ނައެވެ. އޭނަ ކޮޓަރިން ނުކުތީ، ކާގެއަށް ދިޔުމަށެވެ. ޖުއާންގެ ކޮޓަރީގެ ދޮރު ހުޅުވާފައި ހުއްޓާ ފެނުމުން، ޖިލްވާ އެދިމާއަށް ދިޔައީ، ޚިޔާލެއް ފިކުރެއް ނެތި އެވެ. ވަކި ހިސާބަކަށް ދިޔަ ތަނައި، ޖިލްވާގެ ފިޔަވަޅުތައް ހުއްޓިއްޖެ އެވެ. އިވުނީ އޭނައަށް ގަބޫލުކުރަން ފަސޭހަ ވާހަކައެއް ނޫނެވެ.

********

"އަހަރެންގެ ސުވާލަކީ ކެވިން ޖިލްވާއަށް އެހާ ބޮޑު އޮޅުވާލުމެއް އޮޅުވާލީ ކީއްވެހޭ؟..." ޒެނިލް ސުވާލު ކުރި އެވެ. "އޭނަ ރީތިކޮށް ބުނަންވީނު ތިމަންނަ ދަރިފުޅުގެ ހިތެއް ނޫނޭ... އަމިއްލަ ދަރިފުޅުގެ ހިތޭ ކިޔާ ދޮގު ހަދަންޖެހޭ އެއްވެސް ސަބަބެއް އަހަންނަކަށް ނުވިސްނޭ..."

"ކެވިންގެ ވަރަށް ބޮޑު މަގުސަދެއް އޮވެގެން އެގޮތަށް ޖިލް އާއި ހަމައަށް ވާސިލު އެވީ..." ޖުއާން ބުންޏެވެ. "މިހުރީ ރަސްމީ އިދާރާތަކުން އަހަރެން ހުރިހާ ރެކޯޑެއް ހޯދާފަ... ފަސް އަހަރު ކުރިން މަރުވެފަ އޮތް ދަރިފުޅުގެ ހިތް ދޭނެ ގޮތެއް އަހަންނަކަށް ނުވިސްނޭ... ޖިލްގެ ކައިރީ ކެވިން އޭނަ އެވަރުގެ ދޮގެއް ހަދާނީ ކޮންމެވެސް ބޮޑު ކަންތައްގަނޑެއް ކުރަން މާ ކުރިންވެސް ވިސްނާފަ އޮތީމަ... ތިކަމުގަ ހޮސްޕިޓަލުގެ ބައިވެރިވުން ވެސް އެބަ އޮތްކަން އަހަންނަށް ސަތޭކަ ޕަސަންޓް ޔަގީން..."

ޖިލްވާގެ ނޭވާ ހީވީ ހުއްޓުނު ހެންނެވެ. އިވުނީ ހުދު އޭނައަށް ވެސް އައު ވާހަކަ ތަކެކެވެ. ކެވިން ބުނެފައިވާ ގޮތުން އޭނަގެ ދަރިފުޅު މަރުވީ، ޔޫންގެ އޮޕަރޭޝަން ކުރި ދުވަހު އެވެ. އެދުވަހު ކެވިން ރުއި ރުއިން އެންމެ ކައިރިން ފެނުނު އެކަކީ ހުދު އޭނަ އެވެ. ޖިލްވާ ވިސްނައިލުމުން، ކެވިން އޭނާގެ އަނބިމީހާ އާއި ދަރިފުޅުގެ މާ ގިނަ ވާހަކަތަކެއް ދައްކާފައި ނުވާކަން އެނގުނެވެ. އޭނަ އެމީހުންނާއި ބެހޭގޮތުން ސުވާލު ނުކުރީވެސް، ކެވިންގެ ހިތަށް ކުރާނެ އަސަރަކާއި މެދު ވިސްނާފަ އެވެ.

ޖިލްވާއަށްވެސް ނުވިސްނުނީ ކެވިން އޭނައަށް އެވަރުގެ ބޮޑު އޮޅުވާލުމެއް އޮޅުވައިލި ސަބަބެކެވެ. މޭގައި އަތް ޖައްސައިލިގޮތަށް ޖިލްވާއަށް ހުރެވުނީ އެކަމާއިމެދު ވިސްނާށެވެ.

"ޔޫންގެ އޮޕަރޭޝަން ކުރި ޑޮކްޓަރާ ބައްދަލުވެއްޖެތަ؟..." އެއްޗެއް ހަނދާންވާ ފަދައިން ޒެނިލް ސުވާލު ކުރި އެވެ.

"ނުވޭ!... ނުވެސް ވާނެ..." ޖުއާން ޔަގީންކަމާއި އެކުގައި ބުންޏެވެ.

"އެއީ ކީއްވެ؟..." ޒެނިލް ހައިރާން ވިއެވެ.

"ޔޫންގެ އޮޕަރޭޝަން ކުރިތާ ދެ ދުވަހެއް ތެރޭ އޭނަ ގެއްލިގެން ހޯދަނިކޮށް، މަރުވެފަ އޮއްވާ ފެނުނީ..." ގޮތް ހުސްވެފައިވާ ކަހަލަ ރާގަކަށް ޖުއާން ބުންޏެވެ.

"މަރުވެފައޭ؟..." ޒެނިލް ސިހުނެވެ. "އޭރު އުޅުނު ނަރުހެއްވެސް ނެއްތަ؟..."

"އެކަކުވެސް ނެތް... އެންމެންވެސް ދިރިއުޅުން އެހެން ޤައުމުތަކަށް ބަދަލުކޮށްގެން އުޅެނީ..." ޖުއާން ބުންޏެވެ. "އަހަންނަށް ކެވިން އާއި ދޭތެރޭ ޝައްކުވަނީ މިހުރިހާ ކަމެއް މިހެން ހުރީމަ... ހަގީގަތާއި ހަމައަށް ވާސިލުވާން އަހަރެމެންނަށް އޮތީ، ވަރަށް ކުޑަ ޗާންސެއް... އެތަނުން އެއް ނަރުހަކު ކޮންމެ އަހަރަކު އެއްފަހަރު އޭނަގެ މަންމަގެ މަހާނައަށް ޒިޔާރަތް ކުރަން ކޮރެއާއަށް އަންނަ ކަމަށް ވަނީ... އޭނަ އަންނަނީ ކޮންމެ އަހަރަކުވެސް އެއް ދުވަހެއްގަ... އަހަރެން ޗެކް ކުރިއިރު، މީގެ ދެ ދުވަސް ފަހުން ކޮރެއާއަށް އަންނަން އޭނަ ޓިކެޓް ބުކް ކޮށްފަ އެބަ އޮތް..."

"ވަރަށް ރަނގަޅު..." ޒެނިލްގެ މޫނުމަތިން އައު ޖޯޝެއް ފެނުނެވެ. ޖުއާން އާއި މެދު ފަހުރުވެރި ވިއެވެ. "ޖުއާން!... ޖިލްއަށް މީން ކަމެއް އެނގުނަ ނުދެއްޗޭ... އަހަރެން ބޭނުމެއް ނޫން ޖިލް ހާސްވާ ކަހަލަ އެއްވެސް ކަމެއް ވިޔަ ދޭކަށް... މިހާރުވެސް ޖިލް އެހުންނަނީ ކޮންމެވެސް ކަމަކާ ވިސްނާލަ ވިސްނާލާ..."

"ބްރަދަރ ހާސްނުވޭ..." ޖުއާން ހިނިތުންވެލި އެވެ.

********

ޒެނިލް ގޮސް ކޮޓަރިއަށް ވަންއިރު، ޖިލްވާ އޮތީ މުޅި ގައިގައި ރަޖާ އަޅާލައިގެންނެވެ. ކައިރީގައި ޔޫން އޮތީ އަރާމުކޮށް ނިދާލާފަ އެވެ. ޒެނިލް ދެރަވީ، ޔޫން އާއިއެކު ވަގުތު ހޭދަކުރެވޭވަރު މަދުވުމުންނެވެ. ދުވާލުގެ ބޮޑު ބައެއް ބޭރުގައި ހޭދަކުރަން ޖެހުމުން، ކެއުމުގެ ވަގުތުތަކުގައި ވެސް އޭނައަށް ޖިލްވާ އާއި ޔޫން ފެނިފައެއް ނުވެއެވެ. ކައިގެންތޯ ތިބީ ބަލައިވެސް ނުލެވުނެވެ. އެކަމާއި ޒެނިލްއަށް އޭނާގެ އަމިއްލަ ނަފުސު ކުށްވެރި ކުރެވުނެވެ. ޖިލްވާއަށް ބަލަން ހުރިއިރު، ޒެނިލްގެ ދެލޮލުން ފެންނަމުން ދިޔައީ ރިހުމެވެ. ހިއްވަރުގަދަ އަންހެން ކުއްޖެކެވެ. ނަމޫނާ މަންމަ އެކެވެ. ޝަކުވާއެއް ކުރަން ހިތަށް އަރުވައިވެސް ނުލަ އެވެ.

ޒެނިލް ގޮސް ޖިލްވާގެ ކައިރީގައި އިށީނެވެ. ރަޖާގަނޑު ޖިލްވާގެ މެޔާއި ހަމައަށް ތިރިކޮށް، މޫނަށް ބަލައިލި އެވެ. އެ މޫނުން ފެންނަމުން ދިޔައީ ވަރުބަލި ކަމެވެ. މޫނުމަތީގައި ދިރުމެއް ނެތް ފަދަ އެވެ. އެ އޮމާން މޫނުގައި ފިރުމައިނުލައި ޒެނިލްގެ ހިތެއް ހަމައެއް ނުޖެހުނެވެ.

"ޖިލް!... ސޮރީ..." ޖިލްވާގެ މޫނުގައި ފިރުމައިލަމުން ޒެނިލް ބުންޏެވެ.

ދެލޯ މަރާލައިގެން އޮތް ޖިލްވާ ލޯ ހުޅުވައިލީ ޒެނިލް ތެދުވުމުންނެވެ. އޭނަ ޒެނިލްގެ އަތުގައި ހިފެހެއްޓި އެވެ.

"ދަނީތަ؟..." ޖިލްވާ އަހައިލި އެވެ.

"ޖިލް ނުނިދަންތަ؟..." ޒެނިލް ހައިރާންވެފައި ސުވާލު ކުރި އެވެ.

"ބޭރަށް ދާނަންތަ؟..." ޖިލްވާ އަނެއްކާވެސް ކުރީ ސުވާލެކެވެ.

"މިއޮއް ދަންވަރު؟..." ޒެނިލް ބަލައިލީ ގަޑި އަށެވެ.

ޖިލްވާ ބޯ ޖަހައިލި އެވެ.

"ހިނގާ..." ޒެނިލްގެ މޫނުމަތިން ފެނުނީ ޝައުޤުވެރިކަމެވެ.

ޖިލްވާ އަމިއްލައަށް އެފަދަ ކަމެއް ކުރަން އެދުނު އެއީ ފުރަތަމަ ފަހަރެވެ. ޒެނިލް ހުރީ ވިސްނަންވީ ގޮތެއްވެސް ނޭނގިފަ އެވެ. ދެމީހުން އެކުގައި އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލަން ޒެނިލްވެސް ނުހަނު ބޭނުން ވެއެވެ. އެކަމަކު، އެފަދަ ކަމެއް ކުރަން ޖިލްވާ ނުރުހިދާނެތީ އިސްވެ އެއިން ވާހަކައެއް ބުނަން އޭނައަށް ނުކެރެނީ އެވެ. ޖިލްވާގެ މިޖާޒަށް އައި ބަދަލާއިއެކު، ޒެނިލްގެ ހިތަށް ލިބުނު އުފާވެރިކަން އޭނަގެ މޫނުމަތިން ފެންނަމުން ދިޔަ އެވެ.

"ވަރަށް ފިނި ރެއެއް... ޖިލް ތައްޔާރުވެލައިގެން ނުކުމޭ... ވީހާވެސް ބޯ ޖެކެޓެއް ލާނީ އިނގޭ..." ޒެނިލް އެދުނެވެ. "އަހަރެން އަންނާނަން ޔޫން ކައިރީ މަޑުކޮށްލަން ޖުއާން ކައިރީ ބުނެލާފަ..."

ޖިލްވާގެ އިންތިޒާރުގައި ޒެނިލް މަޑުކޮށްލައިގެން ހުންނަތާ މާ ގިނައިރެއް ނުވެ އެވެ. ޖިލްވާ ތައްޔާރުވެލައިގެން ނުކުތީ ކުޑަ ދަބަހެއް ކޮނޑުގައި އަޅުވާލައިގެންނެވެ. ލައިގެން ހުރީ ބޯ ޖެކެޓެކެވެ. ދެއަތަށް އޮތީ، އަންގި ލައްވާފަ އެވެ.

ޖިލްވާ އައިގޮތަށް ޒެނިލްގެ އަތުގައި ހިފައިލި އެވެ. ވަގުތަކީ ޖުއާން އޭނާގެ ކޮޓަރިން ނުކުތް ވަގުތެވެ. ގުޅި ލާމެހިފައިވާ ދެ މީހުންގެ އަތް ފެނުމުން، ޖުއާންގެ ހިތަށް ތަދުވި އެވެ. އަވަހަށް އިސްޖަހައިލި އެވެ. އަދިވެސް ޖިލްވާގެ ނަން ޖުއާންގެ ހިތުގައި ވެއެވެ. އެ ނަން ފޮހެލަން ކިތަންމެ ހިއްވަރު ކުރި ނަމަވެސް އެކަން ވީ ޖުއާންއަށް ކުރަން އެންމެ އުނދަގޫވާ އެއް ކަންތަކަށެވެ.

"ޔޫން ރޯން ފަށައިފިއްޔާ، ބުއްފުޅި ދީ އިނގޭ..." ޖުއާން ފެނުމުން ޖިލްވާ ބުނީ ގާތް ގޮތަކަށެވެ. "ބުއްފުޅި އިންނާނެ ކަބަޑު މަތީ... ރެޑީކޮށްލާފަ އިންނާނީ..."

ޖިލްވާމެން ބޭރަށް ނުކުތްއިރު، ސްނޯ ވެހެމުން ދަނީ އެވެ. ފިނިކަމުން މުޅި ހަށިގަނޑު ރޫރޫ އަޅާހައި ވެއެވެ. ކެހެރި، ބޯ ޖެކެޓެއް ލައިގެން ހުރިނަމަވެސް، ޖެކެޓް ފޫއަޅުވާލާފައި، އެ ފިނިކަން ޖިލްވާގެ ހަށިގަނޑަށް ހަމަލާ ދެމުން ދިޔަ ކަހަލަ އެވެ. މުޅި ސަރަހައްދު ހީވަނީ ހުދު ކަފަކޮޅުތަކަކުން ފުރާލާފައި އޮތް ހެންނެވެ. މަގުތައް މަތީގައި ދުއްވާ އެއްޗެހި މަދު ވަގުތެކެވެ. މީހަކުވެސް ފެންނަން ނެތެވެ.

ކާރަށް އެރުމުން، ޖިލްވާއަށް އަރާމު ވިއެވެ. ކާރު ތެރޭގައި ހުރީ އަރާމު ހޫނު ކަމެކެވެ.

"ކޮންތާކަށް ދާންވީ؟..." ޒެނިލް އަހައިލި އެވެ.

"މްމްމްމް... ވަރަށް އަރާމު ތަނަކަށް..." ޖިލްވާ ވިސްނައިލާފައި ބުންޏެވެ. "އަހަރެން ބޭނުން ސްނޯތަކުގެ މަތީގަ އޮށޯވެލަން..."

ޒެނިލްއަށް ހެވުނެވެ. ޖިލްވާ ކުރަން ބޭނުން ވަނީ ކުޑަ ކުދިން ކުރާ ކަހަލަ ކަންކަމޭ ހިތަށް އެރުމުންނެވެ. ބައެއް ފަހަރު ޖިލްވާ މައުސޫމު ކަމުން ދުރުގައި އިންނަން ވެސް ޒެނިލްއަށް އުނދަގޫ ވެއެވެ. ކުޑަ ކުއްޖެއްހެން ގަޔާލައި ބޮނޑިކޮށްލަން ބޭނުންވާ ކިތަންމެ ފަހަރެއް އާދެއެވެ. އެކަމަކު އެއިން ކޮންމެ ފަހަރަކު، އޭނަ ޖިލްވާ އާއި ދުރުގައި ހުރެވޭތޯ ކެތްކުރަނީ، ވާ ލޯތްބެއްގެ ބޮޑުކަމުންނެވެ. ޖިލްވާ އެދުނު ފަދައިން ދެމީހުންގެ ކައިވެނި ކުރެވެންދެނެވެ.

ކާރު ދުއްވަމުން ދިޔައިރު، ޖިލްވާ ބޭނުންވާފަދަ މަންޒިލެއް ޒެނިލްގެ ސިކުނޑީގައި ވާ ކަހަލަ އެވެ. ޖިލްވާގެ ނަޒަރު ފަޅި ސިކުންތު ކޮޅަކަށްވެސް ޒެނިލްގެ މޫނުން ވަކި ނުވެ އެވެ. ހިތް އެދޭ މަންޒިލަކީ އެއީ އޭ ބުނާ ފަދަ ނަޒަރެކެވެ. ކުރިމައްޗަށް ނަޒަރު ހުއްޓާލައިގެން އިން ނަމަވެސް، ޖިިލްވާ ބަލާކަން ޒެނިލްއަށް އެނގުނެވެ. ޒެނިލް ދެތިން ފަހަރަކު ކަމެއް ބޭނުންވީތޯ ސުވާލު ވެސް ކުރި އެވެ. އެއިން ކޮންމެ ފަހަރަކު ޖިލްވާ ހަމައެކަނި ހިނިތުންވުމަކުން ފުއްދައިލަނީ އެވެ.

ޒެނިލް މާ ގިނައިރަކު ކާރެއް ނުދުއްވަ އެވެ. ކާރު ހުއްޓައިލުމުން ޖިލްވާ ވަށައިގެން ބަލައިލި އެވެ. ސްނޯތަކުން މުޅި ސަރަހައްދު އޮތީ ދިއްލިލާފަ އެވެ. ކުޑަކުޑަ ބަގީޗާއެއް ކަހަލަ އެ ތަނުގައި ބިޔަ ދެތިން ގަހެއް ހުރިއިރު، ގަސްތަކުގައިވެސް ހުރީ ސްނޯ ހަރުލާފަ އެވެ. ވަށައިގެން ޖަހާފައިވާ ބައްތިތަކުން ތަނަށް ވެރިވެފައި ވަނީ އޮރެންޖު އަލިކަމެކެވެ. ބޮޑެތި މީހުން ތިބުމަށް ޚާއްސަކޮށް ހަދާފައިވާ ގޮނޑިތަކާއި، ހިޔާކޮށްފައިވާ ގޮނޑިތައް ވެސް އެތަނުގައި ހުއްޓެވެ. ވަގުތުގެ ގޮތުން އިތުރު މީހަކު އެތަނުގައި ނެތެވެ. ޖިލްވާ ބޭނުންވިފަދަ މާހައުލަކަށް އެތަން ވެގެން ދިޔަ އެވެ.

ޖިލްވާ ކާރުން ފައިބައިގެން ދުވެލާފައި ކަހަލަ ގޮތަކަށް ގޮސް ސްނޯތަކުގެ މަތީގައި އޮށޯވެލި އެވެ. ފިނިވެގެން ދެ ދަތްޕިލަ ގުޑަމުން ދިޔަ އިރުވެސް، ތެދުވާކަށް އޭނަ ބޭނުމެއް ނުވިއެވެ. ދުރުގައި މަންޒަރު ބަލަން ހުރެފައި ޒެނިލް ޖިލްވާގެ ކައިރިއަށް ގޮސް ސްނޯތަކުގެ މަތީގައި އިށީނެވެ. ޒެނިލް ދިޔުމުން ޖިލްވާ ތެދުވެ އިށީނދެލި އެވެ. އެއަށްފަހު، ޒެނިލްގެ ކޮނޑުގައި ބޯ އަޅައިލި އެވެ.

"އަހަރެންގެ އެންމެ ބޮޑު ޑްރީމް ފުރިހަމަވީ..." ދެލޯ މަރާލައިގެން އިނދެފައި ޖިލްވާ ބުންޏެވެ.

"އެންމެ ބޮޑު ޑްރީމް؟..." ޖިލްވާ ބުނި އެއްޗެއް ފަހުމުވި ނަމަވެސް، ޒެނިލް ބޭނުންވީ ޖިލްވާގެ ދުލުން އެ ވާހަކަ ބުނާ އަޑު އަހައިލާށެވެ.

"ސްނޯތަކު ތެރޭގަ، އެންމެ ލޯބިވާ މީހާ އާއި އެކީ އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުން..." ޖިލްވާ ބުންޏެވެ.

ޒެނިލްގެ ތުންފަތަށް ވެރިވި ހިނިތުންވުން ފުންވި އެވެ. ޖިލްވާ ޖެހިލުމެއްނެތި ލޯބިވާކަން ހާމަކުރާތީ، ޒެނިލްގެ ހިތް ވަނީ އުފަލުން ފުރިފަ އެވެ. އެވަގުތުކޮޅު ދުވަހަކު ނިމެން ބޭނުމެއް ނުވި އެވެ.

"އެންމެ ލޯބިވާ މީހަކީ އަހަރެންތަ؟..." ޔަޤީންކޮށްލާ ފަދައިން ޒެނިލް އަހައިލި އެވެ.

"ހޫމްމްމް..." ޖިލްވާ މަޑުމަޑުން ބުންޏެވެ.

ޒެނިލް ނުވިސްނާ އިންދައި ޖިލްވާ ތެދުވި އެވެ. މައްޗަށް މޫނު އުފުލައިލި ގޮތަށް ޖިލްވާ އޭނާގެ ދެލޯ މަރައިލި އެވެ. ދެއަތް ފުޅާކޮށްލާފައި ވަށައިގެން އެނބުރެން ފެށި އެވެ. ދެން ކުއްލިއަކަށް ގުދުވެލާފައި ސްނޯގުޅައެއް ނެގި އެވެ. ޒެނިލް އާއި ދިމާއަށް ސްނޯ ބޯޅަ ހޫރައިލާފައި ދެވަނަ ބޯޅައެއް ނެގި އެވެ. ޒެނިލްވެސް ބަލާކަށް ނުހުރެ، ޖިލްވާ އާއި ދިމާއަށް ސްނޯ ބޯޅައެއް ހޫރައިލި އެވެ. ދެމީހުން ދުވެ ދުވެފައި އެ ސަކަރާތުގައި އުޅުނުއިރު ހީވަނީ، ކުޑަކުދިންތަކެއް ހެންނެވެ. މުޅި ތަނުގައި ހަރުލާފައިވީ، ޖިލްވާގެ ހުނުމުގެ އަޑެވެ. އިރުކޮޅެއް ވީއިރު، ޖިލްވާ ހުރީ ވަރުބަލިވެގެން މާނޭވާ ލެވޭވަރު ވެފަ އެވެ. މަޑުމަޑުން ދުވެލާފައި ކަހަލަ ގޮތަކަށް ގޮސް، ބެންޗެއްގައި އިށީނެވެ. ޒެނިލް ވެސް ގޮސް ޖިލްވާގެ ކައިރީގައި އިށީނދެލި އެވެ.

"ޒެލް!..." ޖިލްވާ ގޮވައިލީ ވާހަކައެއް ބުނަން ބޭނުންވެފައިވާ ފަދައިންނެވެ. "އަހަރެން މިރޭ ވަރަށް އުފާވެއްޖެ..."

"ޖިލް އަހަންނާ އެކީ ހުރިއްޔާ، ޖިލް އުފާވާ ހުރިހާ ކަމެއް ކޮށްދޭންވެސް އަހަރެން މިހުރީ ތައްޔާރަށް..." ޒެނިލް ޔަގީން ކަމާއި އެކުގައި ބުންޏެވެ. "މިރެއަށްވުރެ މާ އުފާވެރި ދުވަސްތައް އަދި އަންނާނެ... އިންޝާﷲ..."

ޖިލްވާ ޒެނިލްގެ މޫނަށް ފުން ނަޒަރެއް ދިނެވެ. އެ ނަޒަރުން ތަފާތު އެތައް ވާހަކައެއް ބުނެދެމުން ދިޔަ ކަހަލަ އެވެ. ޒެނިލްއަށް ނުވިސްނުނު ކަމުގައި ވިޔަސް މެއެވެ.

"ޖިލް!... އަހަރެން ހާދަ ބޭނުމޭ މުޅި އުމުރަށް ޖިލް އަހަރެންގެ މީހަކަށް ހަދަން... ޖިލްއަށް އެނގޭތަ؟..." ޒެނިލްގެ ވާހަކަ ހުއްޓައިލާފައި ޖިލްވާގެ މޫނުގައި ފިރުމައިލީ، ފުޅާ ހިނިތުންވުމަކާއި އެކުގަ އެވެ. "އަހަންނަށް ހީވަނީ، އަހަރެންގެ ހިތުގެ އެދުން ފުރިހަމަވާން ދެން މާ ގިނަ ދުވަހެއް ނެތް ހެން... ޖިލްގެ ގައުމަށް ދާން ޓިކެޓު ހަމަޖެހިއްޖެ... ފެށޭ ހަފްތާގަ ދަތުރު ކުރާގޮތަށް ހުރިހާ ކަމެއް ހަމަޖައްސައިފިން..."

ޖިލްވާއަށް ސިއްރެއްގެ ގޮތުގައި ބާއްވަން އުޅުނު ވާހަކަވެސް ޒެނިލްގެ ދުލުން ބޭރު ވިއެވެ. އެހެން ހުރިހާ ކަމަކަށްވުރެ، ޒެނިލްއަށް ލިބފައިވި އުފާވެރިކަން ބޮޑެވެ.

ޖިލްވާގެ ދެލޯ ފެންކަޅި ވިއެވެ. ކަރުނަތައް ފޮރުވުމަށް، ޖިލްވާ އުޅުނީ އިސްޖަހައިލާށެވެ. އޭގެ ކުރިން ޒެނިލް އޭނާގެ ދެއަތުން ޖިލްވާގެ ދެކޯތާފަތުގައި ހިފައި، އުފުލާލައިފި އެވެ.

"މި ފިނީގަ ކަރުނަވެސް ގަނޑުވާނެ އިނގޭ..." ޖިލްވާ ހެއްވައިލުމުގެ ގޮތުން ޒެނިލް ބުންޏެވެ.

ޖިލްވާއަށް އޭނާގެ އަމިއްލަ ނަފުސު ހަމައަކަށް ނޭޅުވުނެވެ. ކުރި ހިއްވަރު އެލި، ގިސްލާފައި ރޯން ފެށުނެވެ. ޒެނިލް ކަންބޮޑުވެގެން ޖިލްވާ ގެންގޮސް މޭގައި ލައްކޮށްލި އެވެ.

(ނުނިމޭ)

ކޮމެންޓް 0