"އެބަ އަންނަން ނަރުހުންނަށް ގޮވާފަ..." ޖިލްވާ އުޅުނީ ބޭރަށް ނުކުންނާށެވެ.

ޒެނިލް ޖިލްވާގެ އަތުގައި ހިފައި ހުއްޓުވި އެވެ. ޖުއާންއަށް އެއްޗެއް ވިސްނުނީ ދެނެވެ.

"އަހަރެމެން އަންނާނަން ނަރުސްދައްތަ ގޮވައިގެން ދޯ ޔޫން..." ޔޫން އުރާލަމުން ޖުއާން ބުންޏެވެ.

********

ޖުއާން ނުކުތުމުން، ޒެނިލް ޖިލްވާގެ އަތަށް ދަމައިލި އެވެ.

"މިތާ އިށީނދެބަލަ..." އެނދުގައި އަތް ޖައްސައިލަމުން ޒެނިލް ބުންޏެވެ.

ދެކޮޅު ހެދުމެއްނެތި، ޖިލްވާ އިށީނެވެ. އޭރު ޖިލްވާ އިނީ ކޮންމެވެސް ވަރަކަށް ލަދުގަންނަ ގޮތް ވެފަ އެވެ. ޖުއާންގެ ކުރިމަތީގައި ޒެނިލް އެފަދަ ކަމެއް ކުރުމުންނެވެ. ޖުއާންއަށް އެކަން ވިސްނުނީތީ ވެސް މެއެވެ.

ޒެނިލް އޭނާގެ އަތް ދަމާލައި، އެ އަތް މަތީގައި އޮށޯވެލުމަށް ޖިލްވާގެ ކައިރީގައި އެދުނެވެ. އެ އެދުމަށް އިޖާބަ ދިނުމުގެ ކުރިން ވިސްނައިލަން ޖިލްވާއަށް މަޖުބޫރު ވިއެވެ. ކައިވެނީގެ ކުރިން ގައިގޯޅިވެ އުޅެން ޖިލްވާ ބިރުގަނެ އެވެ. އިން ފަހަނަ އަޅައި ދެވޭނީ ކޮން އިރަކު ކޮން ވަގުތަކު ކަމެއް އެނގޭނީ ކިހިނެއް ހެއްޔެވެ؟ ދެމީހުން ވެސް އެކަކު އަނެކަކުދެކެ އިންތިހާއަށް ލޯބި ވެއެވެ. ކުރިން ވީ ފަދަ ކަމެއް ތަކުރާރު ނުކުރުމަށް ޖިލްވާ ވަނީ އޭނާގެ އަމިއްލަ ނަފުސަށް ވައުދު ވެފަ އެވެ.

"ޒެލް!... މީ އެހާ ރަނގަޅު ގޮތެއް ނޫން... އަހަރެމެން އަދި ކައިވެނި ވެސް ނުކުރަން... އެހެން ނޫނަސް، މީހަކަށްވެސް ފެނި..." ޖިލްވާގެ ޖުމްލަ ފުރިހަމައެއް ނުކުރެވުނެވެ.

ޒެނިލް ޖިލްވާގެ ކޮނޑުގައި ހިފައި ދަމައިލީ، ޖިލްވާ އެފަދަ ކަމަކަށް ވިސްނައިގެން އިންދައެއް ނޫނެވެ. ޖިލްވާ ގޮސް ހައްޔަރުވީ، ޒެނިލްގެ ދެއަތުގެ ތެރޭގަ އެވެ. ކުޑަ ކުޑަ އެނދެއްގައި ދެމީހުން ތިބީ ނުހަނު ކައިރީގަ އެވެ. ކިރިޔާ ގުޑިލިޔަސް، އެކަކު އަނެކެއްގެ މޫނުގައި ޖެހޭހައި ގާތެވެ. ޖިލްވާ ކުރަމުން އައި ހިއްވަރު އެލުނެވެ. ދުރަށް ދާން ސިކުނޑި ބުނަމުން ދިޔަ އިރުވެސް، ހިތް އެކަމަށް އެއްބަހެއް ނުވި އެވެ. ކައިރީގައި އޮތީ އެންމެ ލޯބިވާ މީހާ އެވެ. ވީއިރު ހިތުގެ ޖަޒުބާތުތަކުގެ މައްޗަށް ބާރު ފޯރުވޭނީ ކިހިނަކުން ހެއްޔެވެ؟

ޖިލްވާ އޮތީ ދެލޯ ބޮޑުކޮށްލައިގެން ޒެނިލްގެ މޫނަށް ބަލާށެވެ. އެ ހިތުގެ ތެޅުމުގެ އަޑު ޒެނިލްއަށް އިވޭނޭ ކަން ޤައިމެވެ. ޒެނިލް ކައިރިވެލަން އުޅޭހެން ހީވެ، ޖިލްވާ ކުޑަކޮށް ފަހަތަށް ޖެހެން އުޅުނެވެ. ޒެނިލް ހުށިޔާރުކަމާއިއެކު، ޖިލްވާގެ ބޮލުގެ ފުއްކިބައިގައި ހިފަހައްޓައިލި އެވެ. މަޑުމަޑުން މޫނާއި ކައިރި ކުރި އެވެ. ދެ ފިކުރެއްގެ ތެރޭގައި އޮތް ޖިލްވާއަށް އިތުރު ކަމެއް ނުކުރެވުނެވެ. ހިތާއި ސިކުނޑީގެ ހައިޖާނުގަނޑުގެ ތެރޭގައި އޭނައަށް ދެލޯ މަރައި ބާރުކޮށްލެވުނީ އެވެ. ޒެނިލްގެ ހޫނު ނޭވާ އާއިއެކު، އިހުސާސްވެގެން ދިޔައީ އެ ތުންފަތުގެ ލުއި ބީހިލުމެކެވެ. ދެން ހޭދަވެގެން ދިޔައީ، ދެ ބައިވެރިއެއްގެ ހިތަށް އުފާވެރިކަން ގެނެސްދޭނޭފަދަ ވަގުތުކޮޅެކެވެ. ދުވަހަކު ނިމިގެންދާން ބޭނުންވާފަދަ އިހުސާސެއް ނޫނެވެ. ދުރަށްޖެހިލަންވެސް ނޭނގިފައި ދެމީހުން ތިއްބައި، ދޮރު ހުޅުވައިލި އަޑު އިވުނެވެ. ދެ މީހުން ސިހިފައި ތެޅިގަތެވެ. ޖިލްވާ އެނދުން ވެއްޓުނު ނަމަވެސް، އަވަހަށް ތެދުވެ، ކުރިއަށް ހިނގައިގަތެވެ. އޭނައަށް ހަމަހޭވެރިކަންވީއިރު، ކަބަޑުގައި އަޅައިގަނެފައި، ފައިގެ ނިޔަފަތިގަނޑަށް ތަދުވެއްޖެ އެވެ.

"ދަރިފުޅާ!... ކިހިނެއް ތި ހެދީ؟..." އާއިޝާގެ އަޑަށް ޖިލްވާ ވަކީން ހާސް ވިއެވެ. އާއިޝާ ބުނި އެއްޗެއް ނޭނގުނު ކަމުގައި ވީނަމަވެސް، ވާހަކަ ދެއްކީ އޭނަ އާއި ކަން ޖިލްވާއަށް އެނގުނެވެ. ޖިލްވާ އޭނާގެ ތިރީ ތުންފަތުގައި ދަތްއަޅާލައިގެން ހުއްޓައި، އާއިޝާ ގޮސް ޖިލްވާގެ ކުރިމަތީގައި ހުއްޓިއްޖެ އެވެ.

"ތަނަކަށް ތަދުވިތަ؟..." ހަރަކާތާއިއެކު އާއިޝާ ސުވާލު ކުރި އެވެ.

ޖިލްވާ އަވަހަށް ބޯ ހޫރައިލި އެވެ.

އާއިޝާގެ ފަހަތުން އެތެރެއަށް ވަން ޖުއާން ގޮސް ޒެނިލްގެ ކައިރީގައި ޔޫން ބައިންދައިލި އެވެ.

"މާމަ ކޮން އިރަކު އައީ؟..." ޒެނިލް ސުވާލު ކުރީ ޖުއާން އަށެވެ.

"ކުޑަ އިރުކޮޅެއް ކުރިން އައީ... ބައްޕަވެސް އައި ވާހަކަ މާމަ ބުނި..." ޖުއާން އޭނާގެ ޖުމްލަ ފުރިހަމަ ކުރުމަށްފަހު، ޒެނިލްގެ މޫނަށް ބަލައިލި އެވެ.

ޒެނިލްގެ މޫނު ފެނި، ޖުއާން އޭނާގެ އަނގަޔަށް ގޮތެއް ހަދާލައިފި އެވެ. ޒެނިލްގެ ތުންފަތާއި ދިމާއިން މޫނުގައި ލިޕްސްޓިކްގެ އަސަރު ހުއްޓެވެ. އާއިޝާއަށް ފެނުމުގެ ކުރިން، ޖުއާން ބޭނުންވީ އެ ކުލަތައް ފިލުވާށެވެ. އަވަހަށް ޓިޝޫއެއް ހިފައިގެން ގޮސް ޒެނިލްގެ މޫނުގައި ޖައްސައިލަން އުޅުނެވެ. އޭގެ ކުރިން އާއިޝާ އެދިމާއަށް ބަލައިލުމުން، ޖުއާން އަވަހަށް ޓިޝޫ ތިރިކޮށްލި އެވެ.

"މަގޭ ދަރިއަށް ކިހިނެއް ހަދާފަ މިއޮތީ..." އާއިޝާ ގޮސް، ޒެނިލްގެ މޫނުގައި ފިރުމަން ފެށި އެވެ. ލިޕްސްޓިކްގެ އަސަރު ހުރި ތަންތަން ފެނުމުން، އާއިޝާ ހީކުރީ، ބަޔަކު ތަޅައި އަނިޔާކޮށްފައި ހުރި ޒަޚަމުތަކެއް ކަމަށެވެ.

ޒެނިލްއަށް ވީގޮތް އެނގުނީ ދެނެވެ. ގަތް ލަދުން ވަގުތުން މޫނު ރަތް ވިއެވެ. ޖުއާން ސިއްރުން ޓިޝޫ ދިނުމުން، އާއިޝާއަށް ނޭނގޭނޭހެން ޒެނިލް އަވަހަށް މޫނު ފޮހެން ފެށި އެވެ.

"ޖުއާން ދަރިފުޅާ!... ދަރިފުޅު ތީ ފުލުހެއްނު... މިކަން ކުރި މީހަކު ހޯދާފަ ހައްގު އަދަބު ދޭތި!..." އާއިޝާ ހަރުކަށި ރާގަކަށް ބުންޏެވެ. "އިންސާނަކަށް މިވަރު ކުރާކަށް ނުވާނެ އެއްނު..."

ޖުއާންއަށް ބަލައިލެވުނީ ރަކިވެ އިސްޖެހިފައި ހުރި ޖިލްވާ އަށެވެ. އޭރު ޒެނިލްއަށް ވެސް ޖިލްވާ އާއި ދިމާއަށް ބަލައިލެވިއްޖެ އެވެ. ޖިލްވާ ހުރި ގޮތުން ޖުއާންގެ ކައިރިއަށް ހިނި އަންނަން އުޅުނެވެ. އާއިޝާ ކިޔާ އެއްޗެއް އެނގޭނަމަ، ޖިލްވާ އަދި މާ ލަދުގަންނާނެއޭ ޖުއާންގެ ހިތަށް އެރި އެވެ.

********

ފުލުހުންގެ އިދާރާގެ ތަހުގީގު ކުރާ ބައިގައި ކެވިން އިނެވެ. ކުރިމަތީގައި އިނީ ވޮން އެވެ. ސުވާލަކަށްފަހު، ސުވާލެއް ވޮން ދިޔައީ ކެވިން އާއި ކުރަމުންނެވެ. އެކަމަކު އެއްވެސް ސުވާލަކަށް ކެވިން ޖަވާބެއް ނުދިނެވެ. އެންމެފަހުން ވޮންއަށް ގޮތް ހުސްވި އެވެ. ރުޅި ގަދަ ވިއެވެ. އޭނަ ތެދުވެ، މޭޒުމަތީގައި ވަރަށް ބާރަށް ޖެހި އެވެ. އެއަށްފަހު، މޭޒުގައި ދެ އަތް ވިއްދައި، ކުޑަކޮށް ގުދުވެލި އެވެ.

"ކޮންމެ މަޤާމެއްގަ ހުއްޓަސް، އަހަރެން ބިރެއް ނުގަނޭ... ތި ގޮނޑިއަށް އައުމަށްފަހު، ތީ އެހެން ހުރިހާ އިންސާނުން ފަދައިން އާދައިގެ މީހެއް..." ވޮން ބުންޏެވެ.

ތަހުގީގު ކުރާ ބައިން ވޮން ނުކުތްއިރު، އޭނާގެ ޓީމާއިއެކު ކިމް ހުއްޓެވެ. ވޮން ދެ ފަރާތަށް ބޯ ހޫރައިލާފައި، އަތުގައި އޮތް ފައިލު މޭޒުމައްޗަށް އެއްލި އެވެ.

"އަނގައިން ބުނާނެހެނެއް ހިއެއް ނުވޭ... ބުނާ އެއްޗެއް އިވޭ ހެންވެސް ހީނުވަނީއޭ...." ވޮން ގޮސް ގޮނޑިއެއްގައި އިށީނެވެ. އަޅާފައިވާ ޓަޢީގެ ގޮށަށް ދޫކޮށްލި އެވެ. "އަހަރެމެން މީ އެއްވެސް ބަޔަކަށް ނުވޭ މިހާރު..."

"ދެން ކިހިނެއް ހެދޭނީ؟..." ވޮންގެ ދަށުން މަސައްކަތް ކުރާ މުވައްޒަފަކު ސުވާލު ކުރި އެވެ.

"އިތުރު ހެކި ހޯދަން ޖެހޭނީ... އެހެން ނޫނީ ގަޑި ހަމަވެގެން، ކުށް ސާބިތު ނުވާކަމަށް ބަލާފަ ދޫކޮށްލަން ޖެހޭނީ..." ވޮން ޖަވާބު ދިނެވެ.

ކިމްގެ ފޯނު ރިންގްވާން ފެށި އެވެ. ގުޅީ، ފުލުހުންގެ އިސް މީހެއް ކަމުގައިވާ ޖުންޕިޔޯ އެވެ. ބައްދަލުކޮށްލުމަށް ކެބިންއަށް އަންނަން ބުނުމާއިއެކު، ކަންކަން ރަނގަޅު ނޫންކަން ކިމްގެ ހަވަނަ ޚިއްސު ބުނެދިނެވެ. ކިމް ގޮސް ވެރިމީހާގެ ކެބިންއަށް ވަންއިރު، އެތަނުގައި ސިފައިންގެ އިސް މީހަކު އިނެވެ. ކިމް ފެނުމުން، ބަލައިލީ، ފާޑަކަށެވެ.

"އިށީނދޭ..." ކުރިމަތީގައި ހުރި ގޮނޑިއަށް އިޝާރާތް ކުރަމުން ޖުންޕިޔޯ ބުންޏެވެ.

"ތި ފަށައިގެން އުޅޭ ތަހުގީގު މިހާރުން މިހާރަށް ހުއްޓާލާ..." ކިމްއަށް ރަނގަޅަށް އިށީނދެ ނުލެވި އުޅެނިކޮށް ޖުންޕިޔޯ ބުންޏެވެ.

"ސަރ!..." ޝަކުވާގެ ރާގެއްގައި ކިމްއަށް ބުނެވުނެވެ.

"އެނގޭތަ ކެވިން އެއީ ކާކު ކަން؟..." ޖުންޕިޔޯގެ އަޑުގައި ވަނީ ހަރުކަށި ކަމެވެ. "އެއީ ކާކުގެ ދަރިއެއް ކަން އެނގޭތަ؟..."

އެއްޗެއް ނުބުނެ އިން ނަމަވެސް، ކިމްގެ ލޭ ހޫނުވަމުން ދިޔަ އެވެ. ކޮންމެ ފެންވަރެއްގެ ކޮންމެ މީހެއް ކަމުގައި ވީ ނަމަވެސް، ކުށެއް ކޮށްފިއްޔާ އެ ކުށެއްގެ އަދަބު ލިބެން ވާނެ އެވެ. މައްސަލައެއްގައި ތުހުމަތު ކުރެވޭނަމަ، އެ މައްސަލައެއްގެ ތަހުގީގު ހިންގެން ޖެހޭނެ އެވެ. ތަހުގީގަށް ވެރިންގެ ނުފޫޒު ފޯރަން ޖެހޭނެ ކަމަކަށް ކިމް އަކަށް ގަބޫލެއް ނުކުރެވުނެވެ.

"ހަމަ މިހާރު އޭނަ ދޫކޮށްލާ!..." ޖުންޕިޔޯގެ ބާރު އަޑު މުޅި ތަނުގައި ގުގުމައިލި އެވެ.

*******

ވޮންގެ ފޯނުކޯލު ނިންމާފައި ޖުއާން އެނބުރުނު އިރު ޖިލްވާ ހުރީ ކުރިމަތީގަ އެވެ. ޖުއާން ހުރިގޮތުން ކަމެއް ގޯސްވެއްޖެ ކަން ޖިލްވާއަށް އެނގުނެވެ. ޖިލްވާ ސުވާލެއް ކުރުމުގެ ކުރިން ވެގެން އުޅޭގޮތް ޖުއާން ކިޔައިދީފި އެވެ.

"ކީއްވެ ދޫކޮށްލީ؟..." ޖިލްވާ ހާސްވިއެވެ.

"ޖިލް!... ޖިލްގެ ގައުމަށް ދާން ތައްޔާރުވޭ... ދިޔުމުގެ އެއްވެސް ކަމަކާ ނުވިސްނާ... އަހަރެން ހުރިހާ ކަމެއްވެސް ހަމަޖައްސާނަން... ޔޫން އާއި ދޭތެެރޭވެސް ނުވިސްނާ... ހުރިހާ ލިޔުންތަކެއް މިހާރު ރާއްޖެއަށް ފޮނުވާފަ ހުންނާނީ... މާދަމާ ރެއަށް ޓިކެޓުވެސް ހަމަޖެހިއްޖެ..." ޖުއާން ހުރީ އަވަސް އަރުވާލާފަ އެވެ.

"ޖުއާން!..." ޖިލްވާ އެއްޗެއް ބުނަން އުޅުނެވެ.

ޖުއާންގެ ފޯނު ރިންގްވާން ފެށި އެވެ. ފޯނު ނަގައި ކަންފަތުގައި ޖަހަމުން، ޖުއާން ހިނގައިގަތީ ދުރަށެވެ.

********

އެނދުގައި އޮށޯވެލައިގެން އޮތް ކެވިންގެ ދެލޮލުގައި ވީ ކަރުނަ އެވެ. އޭނަ ބިރުން އުޅުނު ދުވަސް އައީ އެވެ. ގޭގެ ބެލް އަޅައިލި އަޑަށް ކެވިން ތެދުވި އެވެ. އެ މޫނުން ފެނުނީ ނުތަނަވަސް ކަމެވެ. ދޮރުމަތީގައި ހުންނާނީ ކާކު ކަން ކެވިންއަށް މާ ކުރިން އެނގުނު ކަހަލަ އެވެ.

ލަސް ފިޔަވަޅުތަކެއްގައި، ކެވިން ގޮސް ދޮރު ހުޅުވައިލި އެވެ. ދޮރުމަތީގައި ހުރީ ދާއޫދެވެ. ކެވިން އުއްމީދުކުރި ސޫރަ އެވެ.

"ބައްޕާ!..." ކެވިންއަށް ގޮވައިލެވުނެވެ.

އިތުރު އެއްޗެއް ބުނާނޭ ފުރުސަތެއް ކެވިންއަކަށް ނުލިބުނެވެ. މޫނު މައްޗަށް އަރައިގެން ދިޔައީ ދާއޫދުގެ އަތުގެ ހޫނު ހަމަލާ އެކެވެ.

"ކީއްވެތަ ބުނީމަ ބުނާގޮތް ނުހެދިގެން ތިއުޅެނީ؟... ކިތައް ފަހަރު ބުނެފިންތަ މައިތިރިވެގެން ހުންނާށޭ..." ދާއޫދު ހުރީ ރުޅި އައިސްފަ އެވެ.

ހިނދުކޮޅަކަށް ނަމަވެސް އިސްޖެހިފައި ކެވިން ހުއްޓެވެ. ދެލޯ ފުރިގެން އައި ކަރުނަތައް ކޯތާފަތުގައި ބީހެން ފެށީ، އެއްވެސް އިހުތިޔާރެއް ނެތި އެވެ. ހިތް ފަޅައިގެން ދާނެނަމަ، ކެވިންގެ ހިތް ފަޅައިގެން ދިޔައީހެވެ.

"ދެން ބުނަން، ތި ނަމުން އަހަންނާ މުޚާތަބު ކޮށްގެން ނުވާނެ..." ދާއޫދު އަމުރު ކުރި އެވެ.

"ކީއްވެ؟... ކީއްވެތަ އަހަންނަށް ބައްޕައެއްގެ ލޯބި ނުލިބެނީ؟... މަންމަ ކޮން ކުށެއް ކުރީމަތަ، މަރުވި އިރުވެސް ބައްޕަގެ އަޅާލުން ނުލިބުނީ؟... އަހަރެން މީ އެ ނިކަމެތި މަންމަގެ ބަނޑުން އުފަންވީ ދަރިއެއް ވީމަތަ؟... ބައްޕަ އަހަރެންދެކެ ތިހާ ނަފުރަތު ކުރަނީ ކީއްވެކަން ބުނެދީބަލަ... އޭރުން އަހަރެން އިތުރަކަށް ނާހާނަމޭ.... ޒެނިލް އާއި ޖުއާންދެކެ ވާ ލޯބި، ބައްޕަ އަހަރެންދެކެ ނުވާންވީ ސަބަބެއް އެއް ފަހަރު ނަމަވެސް ބުނެދީބަލަ..." ކެވިންގެ އަޑު ތުރުތުރު އަޅައިގެން ދިޔަ އެވެ.

(ނުނިމޭ)

ކޮމެންޓް 0