ރޮއެރޮއެ ޖިލްވާގެ ދެލޯ ފަވައިލާފައިވާ އަނދުންތައް ވަނީ ދެލޮލުގެ ތިރިން ކޯތާފަތާއި ހަމައަށް ފައިބާފަ އެވެ. ތުންފަތުގައި ޖައްސާފައިވާ ކުލަތައް މުޅި މޫނުގައި ހޭކިފައިވާއިރު، ބޮލުގެ އިސްތަށިގަނޑުވެސް އޮތީ ހޭވިފަ އެވެ. ދެލޯ ރަތްކަމުން ހީވަނީ، އަލިފާންކޮޅެއް ހެންނެވެ. ޒެނިލް އޭރުވެސް ހުރީ މާސްކު އަޅައި މޫނު ނިވާކޮށްގެންނެވެ. ޖިލްވާގެ ނަޒަރު ޒެނިލްގެ މޫނުން އެ އަތުގައި އޮތް ދަބަހަށް ހުއްޓުނެވެ. އޭނަގެ ދެލޯ ބޮޑުވި އެވެ.

"ވަގު!..." ޖިލްވާ ކުއްލިއަކަށް ތިރިވެ، ބިންމަތީގައި އޮތް ގާގަނޑެއް ނެގި އެވެ. "ޖަހާނަން... ބޯ ފަޅާލާނަން... ދަބަސް ދީ..."

********

އަމާން ދީގެން މީހަކު ހުންނާނޭހެން ދެއަތް މައްޗަށް އުފުލާލައިގެން ޒެނިލް ހުއްޓެވެ. ޖިލްވާ ކިރިޔާ ގުޑިލިޔަސް އޭނަ ސިހިފައި ފަހަތަށް ޖެހިލައެވެ. ޙަޤީޤަތުގައި ޖިލްވާވެސް ހުރީ ބިރުންނެވެ. މުޅީން އައު އެ މާހައުލު އޭނައަށް މަރުޚަބާ އެ ކީ ކޮންފަދަ ބިރުވެރި ގޮތަކަށް ހެއްޔެވެ؟ އާމިރުގެ ޖުމުލަތައް ޖިލްވާގެ ކަންފަތް ދަށުގައި ގުގުމައިލި އެވެ. ޖިލްވާ އިތުރަށް ހިތުގައިޖެހި ރޮވެންފެށީ، ބައްޕަގެ އެހީތެރިކަމެއްވެސް ދެން ނުލިބޭނެއޭ ހިތަށް އެރުމުންނެވެ.

"ބައްޕާ!..." އަކުުރުތަކަށް ދަމައިލަމުން ޖިލްވާ ގޮވައިލީ ޝަކުވާގެ ރާގަކަށެވެ.

ޒެނިލް ހުރީ ހަދަންވީގޮތެއް ނޭނގިފައެވެ. ޖިލްވާ ރޯތީ ހުއްޓުވަން އޭނަ ބޭނުންވިއެވެ. ޒެނިލް ދެތިން ފަހަރަކު ގޮވައިލުމުންވެސް ޖިލްވާ ލޯ ހުޅުވައެއް ނުލި އެވެ. ރުއިން ހުއްޓައެއްވެސް ނުލަ އެވެ.

"އާޚްޚް... ދެން ކިހިނެއް ހަދާނީވެސް..." ޒެނިލް ހިތާއިހިތުން ވާހަކަ ދައްކަން ފެށި އެވެ.

އެތަނުން ދުވެ ފިލަން ހިތަށް އަރާފައިވެސް އެފަދަ މާހައުލަކަށް އަންހެން ކުއްޖަކު ދޫކޮށްލަން ޒެނިލްގެ ހިތް އެއްބަހެއް ނުވި އެވެ. ޖީބުގައި އޮތް ރުމާ ނަގާފައި ޖިލްވާ އާއި ދިމާއަށް ދިއްކޮށްލައިގެން ޒެނިލް ހުއްޓެވެ. ޖިލްވާ ލޯ ހުޅުވައިލި ވަގުތު ރުމާ ފެނުމާއިއެކު، ވަގުތުން އަތުލާފައި ނޭފަތް ފޮޅާލައިފި އެވެ.

"ތޭންކްސް..." ޒެނިލް ދިން ރުމާ އަނބުރާ ދިއްކޮށްލަމުން ޖިލްވާ ބުންޏެވެ.

އަނގަޔަށް ގޮތެއް ހަދާލައިގެން ޒެނިލް ހުއްޓެވެ. ޖިލްވާއަށް ހަމަހޭވެރިކަންވީ، ޒެނިލް ދަބަސް ދިއްކޮށްލުމުންނެވެ. އޭނަ ހީކުރީ، ބިރުގަތީ ކަމަށެވެ. ޖިލްވާއަށް ލިބުނީ އާދަޔާ ޚިލާފު ހިއްވަރެކެވެ. ދެބުމަ ގޮށްޖަހައިލަމުން ޒެނިލްގެ ދެލޮލަށް އޭނަ ބަލައިލީ އިންޒާރެއް ދޭ ފަދައިންނެވެ. އޭނައަށް އެ ދެލޮލުން ޖެހިލުންވުމުގެ އަސަރު ފެނުނެވެ. ޒެނިލް މަޑުމަޑުން ފަހަތަށް ފިޔަވަޅު ނަގަން ފެށި އެވެ.

"އޭތް!... ހަމަ މިހާރު ސްޓޮޕް..." ޖިލްވާ ހަޅޭއްލަވައިގަންނަމުން، ޒެނިލް އާއި ދިމާއަށް ދުއްވައިގަތެވެ.

ޒެނިލްއަށް އެވަގުތު ޖިލްވާ ފެނުނީ، ބަނޑުހައިވެގެން ޝިކާރަކުރަން އައި ސިންގާއެއް ފަދައިންނެވެ.

"ނޯ ނޯ ނޯ..." ޒެނިލް ހަޅޭއްލެވިއެވެ. ދެއަތް ހޫރި އެވެ. އެކަމަކު ޖިލްވާގެ ކިބައިން ސަލާމަތްވާގޮތެއް ނުވިއެވެ.

"ވަގުމީހާ!..." ޖިލްވާ ފުންމައިލިގޮތަށް ޒެނިލްގެ ގައިގައި ހިފައިގަތެވެ. "ދެން ސަލާމަތަކުން ނުފިލޭނެ..."

ޖިލްވާ އެހެން ބުނިއިރު، ދެމީހުން އެކުގައި ބިންމައްޗަށް ވެއްޓިއްޖެ އެވެ. ތަދުވެގެން ޖިލްވާއަށް ގުޑިވެސް ނުލެވުނެވެ. ޒެނިލްގެ ހާލު އަދި މާ ބޮޑެވެ. ވެއްޓުނުގޮތަށް އޭނަގެ އުނަގަނޑަށާއި ބޮލުގެ ފުއްކިބައަށް ތަދުވި އެވެ. މަޑު އާހެއްގެ އަޑު ބޭރުވަމުން ދިޔައިރު، އެ އަންހެން ކުއްޖާއަށް ލިބިފައި ވަނީ އާދަޔާ ޚިލާފު ބާރެއް ހެންވެސް އޭނައަށް ހީވިއެވެ. ވެއްޓެން ދިޔަ ވަގުތު، ޖިލްވާގެ ހަށިގަނޑުގައި ދެއަތް ވަށައިލި ގޮތަށް އަތް ނައްޓުވައިލަންވެސް ނޭނގިފައި ޒެނިލްއަށް އޮވެވުނެވެ. ޖިލްވާ އޮތީ ޒެނިލްގެ ގައިމަތީގައި ކަންވެސް އޭނައަށް އެނގުނީ އޭގެ އިރުކޮޅެއް ފަހުންނެވެ.

ޒެނިލްގެ ހިތުގެ އަޑު ޖިލްވާއަށް އިވެމުން ދިޔަ އެވެ. އޭނަ ކުޑަކޮށް މޫނު އުފުލައި އެ ނުދަންނަ މީހާގެ މޫނަށް ބަލައިލި އެވެ. ޖިލްވާގެ ހިތް އެދުނީ އެ މޫނުގެ ބޮޑުބައި ނިވާކޮށްފައިވާ މާސްކު ނެގުމަށެވެ. ފެންނަމުން ދިޔައީ ހަމައެކަނި އެމީހެއްގެ މެރިފައިވާ ދެލޮލެވެ. ޖިލްވާ ސިހުނީ ޒެނިލް ލޯ ހުޅުވައިލިތަން ފެނުމުންނެވެ. ލިބުނު ސިހުމުގައި އަތުގައި އޮތް ގާގަނޑުން ޒެނިލްގެ ނިތްކުރީގައި ޖެހި އެވެ. އެވަރުން ނުވެގެން ޒެނިލްގެ އަތުގައި ދަތްވެސް އެޅި އެވެ.

ފުރުސަތުގެ ބޭނުން ހިފައި، ޒެނިލްގެ ކައިރީގައި އޮތް ދަބަސް ނަގައިގެން ޖިލްވާ ދުއްވައިގަތެވެ. އޭނަ ދިޔައީ ބާރަށް ހަޅޭއްލަވަމުންނެވެ. އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔަ ފުލުހުންގެ ބަޔަކަށް ޖިލްވާ ފެނުނީ އޭގެ ދެމިނެޓެއްވަރު ފަހުންނެވެ. އޭރު ވަރުބަލިވެގެން ޖިލްވާއަށް ރަނގަޅަށް ވާހަކަވެސް ނުދެއްކެ އެވެ. ޖިލްވާ ރޮއެރޮއެފައި ވީގޮތް ކިޔައިދިނެވެ. ދެތިން ގުނަ ބޮޑުކޮށްލައިގެންނެވެ.

ފުލުހުންގެ ކާރު އެއާޕޯޓުގެ ކުރިމައްޗަށް ހުއްޓައިލިއިރު، ރިފްއާން ހާސްވެގެން ދެކޮޅަށް ހިނގަހިނގައި ހުރި ތަން ޖިލްވާއަށް ފެނިއްޖެ އެވެ. ޖިލްވާގެ ދެލޯ ފުރުނީ އުފާވެރިކަމުގެ ކަރުނައިންނެވެ. ކާރުން ފައިބައިގެން ރިފްއާނާއި ދިމާއަށް އޭނަ ދިޔައީ ދުވެފައެވެ. ޖިލްވާ ފެނުމުން، ރިފްއާން ވެސް ސިހުނެވެ. ޖިލްވާ އެސިފައިގައި ހުއްޓައި އޭނައަށް ފެނުނު އެއީ ފުރަތަމަ ފަހަރުކަމަށް ވުމުންނެވެ. އެހެން ނުވާންވީ ސަބަބެއްވެސް ނެތެވެ. ގޭތެރޭގައި އުޅޭއިރުވެސް ޖިލްވާ އަބަދުވެސް ހުންނަނީ އެހާ ނަލަވެލައިގެންނެވެ.

"ރިޕްސް!..." ރިފްއާނުގެ ކޮނޑުގައި ބޯ ޖައްސައިލަމުން ޖިލްވާ ގޮވައިލިއެވެ. "ރިޕްސް ފެނުނީމަ އަހަރެން އަދި މިހާ އުފަލެއް ނުވޭ..."

********

އައިސްކިއުބް އަޅާފައިވާ ފޮތިކޮޅު ނިތްކުރީގައި ޖައްސާލައިގެން ޒެނިލް އޮތީ ސޯފާގައެވެ. ނިތްކުރިީގައި ބޭސްއަޅާފައިވާއިރު، ދޭތެރެއަކުން ބޮލުގައި ފިރުމައިލަ އެވެ. ޒެނިލްގެ ކުރިމަތީގައި ހުރި ސޯފާގައި ޗައިނާއިން އައި އޭނަގެ އެކުވެރިޔާ ޔޯހަން އިނެވެ. ޔޯހަން އޭނަގެ ބަނޑުގައި އަތް އަޅައިގެން އިނދެ ހެނީ އެވެ.

"ތީ އެހެންވިއްޔާ އަންހެން ކުއްޖެއް ނޫނެއްނު..." ޔޯހަން އިނީ މަޖާވެފައެވެ. "މިނިކާ އެއްޗެއްނު ތީ..."

"އަހަރެން މިހާލުގަ އޮއްވާވެސް މަޖާ ކުރަނީތަ؟..." ޒެނިލް ދެފަރާތަށް ބޯ ހޫރައިލި އެވެ.

"ދެން ކީކޭ ކިޔޭނީ؟... ތިބުނީ ވިއްޔަ ދަތޭ އެޅީ..." ޔޯހަން ދިމާކުރުން ހުއްޓައެއް ނުލި އެވެ.

ފުލުހުންނާއި އެކީ ގޭތެރެއަށް ވަދެގެން އައި އާރާއަށް ޒެނިލް ފެނުމުން ފިޔަވަޅުތައް އަވަސް ވިއެވެ. ޔުނީފޯމުގައި ތިބި ފުލުހުން ފެނުމުން، ޔޯހަން އާއި ޒެނިލް އެކަކު އަނެކެއްގެ މޫނަށް ބަލައިލިއެވެ. ފުލުހުންނަށް އެ މައްސަލަ ހުށަހެޅުމަކީ، ޒެނިލް ބޭނުންވި ގޮތެއް ނޫނެވެ. އާރާ އެކަން ކުރީ އޭނަގެ ހުއްދައަކާއި ނުލަ އެވެ. އާރާ އާއި ދެމެދު އޮތް އެކުވެރިކަމަށްޓަކައި އެކަމާއިމެދު އެއްޗެއް ބުނަން ޒެނިލް ބޭނުމެއް ނުވިއެވެ.

"ކާކު އެޓޭކް ކުރީ؟... ވަރަށް ތަދުވޭތަ؟..." އާރާ ހާސްވެފައި އަހައިލި އެވެ.

"ލަޔަން އެއް އެޓޭކް ކުރީ..." ޔޯހަން މަޖާވެލާފައި ބުންޏެވެ. "އާރާއަށް މިހާރު އަހަރެން ނުވެސް ފެންނަނީތަ؟... އެހާ ދުވަސްކޮށްލާފަ އައީމަ ހާލުވެސް އަހާނުލާ..."

ޔޯހަންގެ ސުވާލާއިއެކު އާރާ ކުޑަކޮށް ސިހުނެވެ. ޔޯހަންއަށް ބަލައިލާފައި އޭނަ ދެލޯ އަޅައިލި އެވެ.

"އޯކޭ އޯކޭ... އަހަރެން ބޭނުމެއް ނޫން އިނގޭ އަނެއްކާ ލަޔަން އެޓޭކެއް..." ޔޯހަން ހެމުން ބުންޏެވެ.

ފުލުހުން އެކި ސުވާލުތައް ކުރަން ފެށި އެވެ. ޒެނިލްއަށް ހަމަލާ ދިން އަންހެން ކުއްޖާގެ ތަފުސީލު ދޭން އެދުމުން، ޒެނިލް ބުނި އެއްޗަކުން ޒޯހަންގެ ހިނިގަނޑު ފަޅައިގެން ދިޔަ އެވެ. ފުލުހުންގެ ތެރެއިން ކުރަހަން ތައްޔާރުވެލައިގެން އިން މީހާއަށްވެސް ހެވުނެވެ.

"ބޮޑު ދެލޯ ލާފަ، އިސްތަށިގަނޑު ހާވާލާފަ، މިހެން ކަޅުކުލައިގެ އެއްޗެހިތަކެއް ފައިބާފަ، މުޅި އަނގަމަތީގަ ރަތްކުލަ ހުރީ... ދަތްތައްވެސް ވަރަށް ތޫނު... ހީވަނީ ޒޯމްބީއެއް ހެން..." ވާހަކަ ދައްކަމުން ދިޔައިރު، ޒެނިލް ދިޔައީ އޭނާގެ އަތުން ހަރަކާތް ކުރަމުންނެވެ. އެންމެންނަށް އެހާ މަޖާކަމަކަށް ވީވެސް އެހެންވެ އެވެ.

"ޒޯމްބީ އެކޭ؟..." ފުލުހުން ދިޔުމުން، ޒޯހަންގެ ދިމާކުރުން ފެށުނެވެ.

"ދިމާނުކޮށް މިތަނުން ދޭ..." އާރާ ދެލޯ އަޅައިލި އެވެ.

"އޯކޭ އޯކޭ..." ޒޯހަން ތެދުވި އެވެ. "އާރާ ތިއުޅެނީ އަހަރެން ފޮނުވާނުލެވިގެން ވިއްޔަ... އެކަމަކު ބުނަން، އެއްފަހަރެއް ކަމަށް މިދަނީ... ފަހުން ވާނެގޮތެއް ބުނާކަށް ނޭނގޭނެ..."

ސިޑިން މައްޗަށް އަރައިގެން ދިޔައިރުވެސް ޔޯހަންގެ ނަޒަރު އަމާޒުވެފައިވީ އާރާ އަށެވެ. އެ މޫނުން ކުރިން ފެނުނު މަޖާގޮތް މިހާރު ފެންނާކަށް ނެތެވެ.

"ބުނަމެއްނު އެކަނި ތަންތަނަށް ނުދާށޭ..." ޒެނިލްގެ އަތުގައި އޮތް ފޮތިކޮޅު އަތުލަމުން އާރާ ބުންޏެވެ. "ބޮޑުކަމެއް ވީނަމަޔޯ؟..." ޒެނިލްގެ ނިތްކުރީގައި ފޮތިގަނޑު ޖައްސައިލަމުން އާރާ ވާހަކަ ދެއްކި އެވެ.

"ޔޯހަން ރިސީވް ކުރަން..." އާރާގެ އަތުން ފޮތިގަނޑު އަތުލަން މަސައްކަތް ކުރަމުން ޒެނިލް ބުންޏެވެ.

"އަހަރެން މިކަން ކުރިޔަދީ... ހަމައެކަނި މިއަދު..." އާރާ އެދުނެވެ.

އާރާގެ މޫނަށް ބަލަން ޒެނިލް އޮތެވެ. އޭނަ ދެރަވީ، އާރާ ބޭނުންވާފަދަ މީހަކަށް އޭނައަށް ނުވެވޭނެތީ އެވެ. އޭނަ އާރާ ދެކެނީ ގާތް ރަޙުމަތްތެރިއެއްގެ ގޮތުގަ އެވެ. އެކަމަކު އާރާގެ ހިތުގައި އޭނައަށް ޚާއްސަ މަޤާމެއް ދީފައިވާކަން ޒެނިލްއަށް އެނގެ އެވެ.

"ޒޯހަން އެއީ ކުޑަކުއްޖެއްތަ؟..." އާރާ ނުރުހިފައި ބުންޏެވެ. "އޭނައަށް އެކަނި ގެއަށް ނާދެވެނީ؟... ޒެނިލް ނުޖެހޭނެ އެއްނު އޭނަ ބަލައި އެއާޕޯޓަށް ދާކަށް... އަހަރެން ކައިރީ ބުނެލި ނަމަވެސް..."

"އާރާ!... އާރާ!..." އާރާގެ ވާހަކަ ހުއްޓުވަމުން، ޒެނިލް ތެދުވިއެވެ. "މީ އެވަރު ކަމެއް ނޫނޭ... އަހަރެން އޯކޭއޭ... އާރާ މާ ބޮޑަށޭ ތި ހާސްވަނީ..."

އާރާ ކުއްލިއަކަށް ތެދުވެގެން ދިޔައީ އެވެ. ޒެނިލް ދެލޯ މަރައިލި އެވެ. އެ ނާޒުކު ދަނޑިވަޅުގައިވެސް، އޭނައަށް ސިފަވީ ޖިލްވާ ހުރި ގޮތެވެ. ހޭވިފައިވާ އިސްތަށިގަނޑާއި، ފޭދިފައިވާ އަނދުންތަކުން ކަޅުވެފައިވާ މޫނެވެ. ސިހިފައި ދެލޯ ހުޅުވައިލި ޒެނިލްއަށް މޭގައި ހިފަހައްޓައިލެވުނެވެ. އެ އަންހެން ކުއްޖާ ދެވަނަ ފަހަރަށް ފެނިއްޖެނަމަ އޭނަ މޮޔަވެދާނެއެވެ.

**********

ހޮޓަލާއި ހަމައަށް ޖިލްވާމެން އައީ ޓެކްސީއެއްގަ އެވެ. ކާރު ހުއްޓައިލިއިރުވެސް، ޖިލްވާގެ ތަބީއަތު ބަދަލެއް ނުވެއެވެ. ވަގުމީހާ އާއި ދިމާއަށް އެއްޗެހި ކިޔަމުން ދިޔަގޮތް މަޖާކަމުން، ރިފްއާން އިނީ ހީލަހީލަ އެވެ. ކާރުން ފޭބިގޮތަށް ރިފްއާން ޖެހިލީ ޖިލްވާގެ ކައިރިއަށެވެ. ބޮޮލުގެ އިސްތަށިގަނޑު ރީތިކޮށްލަ ދިނެވެ. ރިފްއާނުގެ އެ އަމަލުން ޖިލްވާއަށް ސިހުމެއް ލިބުނެވެ. ހަމަ އެހާ އަވަހަށް ހިނިތުންވެލާފައި ޝުކުރު އަދާ ކުރި އެވެ.

"ހުރިހާ އެއްޗެއް ހަމައަށް އެބަހުރިތަ؟... ރިފްއާން ސުވާލު ކުރި އެވެ.

ޖިލްވާ ހަމައެކަނި ބޯޖަހައިލީ އެވެ.

ތިބެން ހަމަޖެހުނު ހޮޓަލުގެ ފުރިހަމަކަމުން، ޖިލްވާ އުފަލުން އުދުއްސައިނުލީ ކިރިޔާ އެވެ. ކުރިން ހިނގި ހުރިހާ ކަމެއްގެ މަތީން ހަނދާންނެތުނު ކަހަލަ އެވެ. ބޭރު ކިތަންމެ ފިންޏަސް، އެތެރޭގެ ފިނިހޫނުމިން ހުރީ އާދައިގެ ވަރަކަށެވެ. އޭނަ އެންމެ އުފާވީ ހިލޭ ވައިފައި ލިބޭނޭގޮތް ހަދާފައިވާތީ އެވެ. ދަބަސް ހަލާކުވި ކަންވެސް ހަނދާން ނެތުނެވެ. އެއްތަނުން އަނެއް ތަނަކަށް ވަދެލާފައި އުޅުނެވެ. ޖިލްވާމެން ކުއްޔަށް ހިފި ބައި، ތަނަވަހެވެ. ހީވަނީ ކުޑަވަރެއްގެ ގެއެއް ހެންނެވެ. ދެކޮޓަރި އާއި ސިޓިންރޫމުގެ އިތުރުން، އެތަން ހުރީ ކައްކައި ކެވޭނޭހެން ފަރުމާކޮށްފަ އެވެ. ސިޓިންގްރޫމުގައި ބަހައްޓާފައިވާ ބޮޑު ސޯފާގައި ޖައްސާލާފައި ޖިލްވާ ޓީވީ ހުޅުވައިލި އެވެ. އެއިން ކަމުދާ އެއްޗެއް ނާންނާތީ ނިއްވައިލި އެވެ.

ހޮޓަލުގެ އެތެރެއިން ދެތިން ތަނެއްގެ ތަސްވީރު ނަގާފައި، އެވަގުތު އޭނަ ހުރީ ކޮން ތަނެއްގައި ކަން ބަޔާންކޮށް، ޖިލްވާ އޭނާގެ އިންސްޓަގްރާމްގައި ލިޔުންކޮޅެއް ޚިއްސާކޮށްލިއެވެ. ކޮމެންޓުތައް އޮހެން ފެށި އެވެ. ފޭނުން އެދެމުން ދިޔައީ ޖިލްވާގެ ވީހާވެސް ގިނަ ތަސްވީރު ޚިއްސާ ކުރުމަށެވެ. ބައެއް މީހުން ކޮރެއާގެ މަޝްހޫރު ޒެލް އަކާއި އެކީ، ތަސްވީރެއް ނެގުމަށް އެދެމުން ދިޔަ އެވެ. އެ ހުރިހާ އެންމެންގެ ތެރެއިންވެސް ޖިލްވާ އިންތިޒާރު ކުރަމުން ދިޔައީ، ޝާވިންގެ މެސެޖަކަށެވެ. އެކަން ނުވުމުން، ސޯފާގައި ދެފައި ވައްކޮށްލައިގެން އިނދެ، އެކަމާއި ވިސްނަން ފެށިއެވެ.

ޖިލްވާ ފެންވަރައިގެން ނުކުތްއިރު، ރިފްއާން ހުރީ ކާއެއްޗެހި ގެނެސްފަ އެވެ. ޗަސްކޮށް ކައްކާފައިވާ ބަތާއިއެކީ، ގްރިލްކުރި ގެރި މަހާއި، ތަރުކާރީގައި ހިކިކޮށް ހަދާފައި ހުރި އެއްޗެއް ހުއްޓެވެ. ދެން ހުރީ ގަދަ އޮރެންޖު ކުލައެއްގެ ދިޔަ ގަނޑެކެވެ. ޖިލްވާ އަނގަޔަށް ގޮތެއް ހަދައިލި އެވެ. ކޮރެއާއަށް އައިއިރު، ރަނގަޅު ކާއެއްޗެއް ނުލިބޭނެކަން ހަނދާނަށް އައީ އެވަގުތު އެވެ.

"މީ ބޮނޑިބަތްތަ؟..." ސަމުސަލުން ބަތްތަށި ހާވާލަ ހާވައިލާ އިން ޖިލްވާ އަހައިލި އެވެ.

"މިވަގުތު މިތަނުން ލިބެން ހުރި ހަމައެކަނި އެއްޗަކީ ތީ..." ރިފްއާން ބުންޏެވެ. "ހަމަޖެހިލައިގެން ބޭރަށް ނުކުމެލާފަ މީރު އެއްޗެއް ލިބޭ ތަނެއް ހޯދާނީ..."

ފަކުރުން އިނދެ ކުޑަ އެތިކޮޅެއް ކާލައިގެން ޖިލްވާ ތެދުވި އެވެ. ސޯފާ އާއި ދިމާއަށް ދާން ގޮސްފައި، ހުއްޓުނެވެ.

"ރިޕްސް..." ޖިލްވާ ގޮވައިލި އެވެ. "ޒެލް އެއީ ކާކު؟..."

(ނުނިމޭ)

ކޮމެންޓް 0