"އެކްސްކިއުޒް.... މި ދަބަސް ހިފަހައްޓާލަދީބަލަ..." އެ ކުއްޖާގެ ވާހަކަ ނުނިމެނީސް އަތުގައި އޮތް ދަބަސް ޖުއާންގެ އަތަށް ޖަަހައިފި އެވެ.

ޖުއާން އެއްޗެއް ބުނުމުގެ ކުރިން އެކުއްޖާ އޭނާގެ ފޮއްޓާއި ދިމާއަށް ދުއްވައިގަތެވެ. ދުވެފައި ދިޔަގޮތުން ހީވަނީ ދެންމެދެންމެ ވެއްޓިދާނޭ ހެންނެވެ. ޖުއާންއަށް އަތް ދިއްކޮށްލެވުނުވެސް މެއެވެ.

********

"ސޮރީ!..." އަންހެން ކުއްޖާ އައިސް ޖުއާންގެ އަތުން ދަބަަސް އަތުލި އެވެ.

ދާން ހިނގައިގަނެފައިވެސް އެ ކުއްޖާ އަނެއްކާ ޖުއާން އާއި ދިމާއަށް އެނބުރުނެވެ.

"ތޭންކްސް...." އަންހެން ކުއްޖާ ހަދިޔާކޮށްލީ ލުއި ހިނިތުންވުމެކެވެ.

ފްލައިޓަށް އަރާފައި ޖުއާން އޭނާގެ ޝީޓް ހޯދައިލި އެވެ. އަތުގައި އޮތް ކަރުދާސްކޮޅަށް ބަލަމުން ކުރިޔަށް ހިނގަމުންދިޔަ ޖުއާންގެ ފިޔަވަޅުތައް ވަކި ހިސާބަކުން މަޑުޖެހުނެވެ. އޭނަގެ ޝީޓާއި ޖެހިގެން ހުރި ޝީޓުގައި އިނީ ކުރިން ދިމާވި އަންހެން ކުއްޖާއެވެ. ޖުއާން ފެނުމުން އެ ކުއްޖާ ހަނާ އަޅައިލިއެވެ.

"ޔުއާސް؟..." ހުސްކޮށް ހުރި ޝީޓަށް އިޝާރާތް ކުރަމުން އަންހެން ކުއްޖާ ސުވާލު ކުރިއެވެ.

ޖުއާން ބޯ ޖަހައިލަމުން އެ ކުއްޖާގެ ކައިރީގައި އިށީނެވެ. ޖުއާން އިށީނީއްސުރެ އެ ކުއްޖާ އަނގަ ހުއްޓައިނުލައެވެ. އަބަދު އިންނަނީ ކޮންމެވެސް އެއްޗެއް ކާލަކާލަ އެވެ. ޗޮކުލެޓެއް ކާލައިފިއްޔާ، ބޫމާއެއް ކާލަ އެވެ. އަނެއްކާ ޗިޕްސްކޮޅެއް ކާލައެވެ. ކޮންމެ އެއްޗެއްވެސް ޖުއާންއަށް ދިއްކުރެއެވެ. ކާން އިންކާރު ކުރުމުން ވަރަށް މީރު ކަމުގައި ބުނެލައެވެ. ޖުއާން އިނީ އެ ކުއްޖާ އުޅޭގޮތުން އެތެރެއިން ހީލަހީލައެވެ. ބައެއްފަހަރު ބޮލަށް އުނދަގޫވެގެން ނިދާ ކަމަށްވެސް ހެދުނެވެ.

********

ޖިލްވާ ހުރީ އެއާޕޯޓުގަ އެވެ. އޭނަގެ ދެ ލޯ ހޯދަމުންދިޔަ ސޫރަ ފެނުނީ، އެގޮތުގައި ހުންނަތާ ތިރީހަކަށް މިނެޓު ފަހުންނެވެ. އަންނަ މީހުންގެ ގޭޓުން ނުކުމެގެން އައި ޖުއާން ފެނި، ޖިލްވާގެ މޫނުމަތިން ފެނިގެން ދިޔައީ އުފާވެރިކަމެވެ. ޖިލްވާ ހަނާ އަޅައިލުމުން، ޖުއާން ވެސް ހަނާ އަޅައިލިއެވެ.

ޖިލްވާ އާއި ދާދި ކައިރިވެފައި ވަނިކޮށް ޖުއާން ސިހުނީ ކޮންމެވެސް މީހަކު އޭނަގެ އަތުގައި ހިފައި ދަމައިގަތުމުންނެވެ. ވީގޮތް ރޭކައިނުލަނީސް، އެ މީހަކު އޭނަ ދަމާފައި ވަކި ހިސާބަކަށް ގެންގޮސްފިއެވެ. ކައިރީގައި ހުރީ އެއާޕޯޓުން ދިމާވި އަންހެން ކުއްޖާއެވެ. ޖުއާން ވާނުވާ ނޭނގިފައި ބަލައިލުމުން، އެ ކުއްޖާ ގަދަކަމުން ހިނިތުންވެލިއެވެ. ޖުއާންގެ އަތުގައި އޮޅުލައިގަތެވެ. އެ ނަޒަރު ދެން ހުއްޓުނީ އެ ދެމީހުންގެ ކުރިމަތީގައި އައިސް ހުއްޓުނު ޒުވާން ފިރިހެންމީހާ އަށެވެ.

"މީ ނަދާގެ ލޯބިވާ ހަޒްބަންޑް...." ކުރިމަތީގައި ހުރި ފިރިހެންމީހާއަށް ޖުއާން ދައްކައިލަމުން ނަދާ ބުންޏެވެ. "ހަނީ!... މީ ނަދާގެ ފްރެންޑެއް......"

"ނަދާ މެރީ ކުރީ ކޮން އިރަކު؟..." ޝަނީފުގެ މޫނުން ފެނުނީ ހިތްހަމަނުޖެހުމުގެ އަސަރެވެ.

"އަދި ޓޫ ޑޭސް މިވީ..." ނަދާ ހުރީ އޭރުވެސް، ޖުއާންގެ އަތުގައި ހިފަހައްޓާލައިގެންނެވެ.

ޖުއާންއަށްވެސް ނަދާގެ އަތް ފޮޅުވައިލާކަށް ނުކެރުނެވެ.

"އުޅެއުޅެފަވެސް ނަދާއަށް އިންނަން އެނގުނީ ލޯކުޑަ މީހަކާތަ؟..." ޝަނީފު ދެލޯ އަޅައިލަމުން ޖުއާންއަށް ބަލައިލިއެވެ. "މީނައަށްވުރެ އަހަރެން ހުތުރީތަ؟... ކަޅަސް ރީތި މީހުން ތިބޭ...."

"އަހަރެން ލޯބިވާނެ މީހަކާ އިންނާނެ މީހަކު ޑިސައިޑް ކުރާނީ އަހަރެން އަމިއްލައަށް..." ނަދާ ހުރީ ހަމަޖެހިފައެވެ. "އަމިއްލައަށް ތިބުނީ ތީ ރީތި މީހެކޭތަ؟...."

ނަދާ ދިމާކުރާ ރާގަށް ވާހަކަ ދެއްކުމުން، ޝަނީފު އިތުރަށް ހިތްހަމަނުޖެހުނެވެ.

"އަހަރެން ހިއެއް ނުކުރަން ނަދާގެ އަހަރެންގެ ލޯބި ބޮލާލައި ޖަހާފާނެ ކަމަކަށް... އެނީވޭސް... ތި ކައިވެންޏަށް މަރުހަބާ..." ޝަނީފު ދިޔައީ ނަދާ ހީކުރި ވަރަށްވުރެ ފަސޭހައިންނެވެ.

ޝަނީފު ދިޔުމުން ވެސް ޖުއާން އާއި ދުރަށްޖެހިލަން ނޭނގިފައި ނަދާ ހުއްޓެވެ. ޖުއާން ނަދާ އާއި ދުރަށްޖެހުނެވެ. ނަދާ އެއްޗެއް ބުނުމުގެ ކުރިން އޭނަ ގޮސް ވާނުވާ ނޭނގިފައި ހުރި ޖިލްވާގެ ކުރިމަތީގައި ހުއްޓުނެވެ.

"ކޮން ކަމެއް؟.... ބިޓެއްތަ؟..." ޖިލްވާ ޖުއާން އާއި ދިމާކޮށްލިއެވެ. "ހާދަ ފާސްޓްކޮށް ސެޓްކޮށްލީ..."

"މޮޔަ އަންހެން ކުއްޖެއް ކަންނޭނގެ..." ޖުއާން ހަރަކާތާއިއެކު ބުނެލިއެވެ.

"ޖިލްވައްތާ!..." ނަދާއަށް ޖިލްވާ ފެނުމުން އައީ ދުވެލާފައެވެ. "ތި އައީ ނަދާ ބަލާތަ؟..."

"ނަދާ؟... މުރުޝިދައްތަމެން ގޭ ނަދާތަ؟...." ޖިލްވާއަށް ގަބޫލު ކުރަން ވެސް ދަތިވިއެވެ. "ހާދަ ބޮޑުވެއްޖެއޭ..."

ޖިލްވާ ނަދާގެ އަތުގައި ހިފައިލިއެވެ.

ނަދާ އަކީ ޖިލްވާގެ މަންމަ ފަރާތު އާއިލާ މީހެއްގެ ދަރިއެކެވެ. އެތައް ދުވަހެއްފަހުން ނަދާ ފެނުމުން، ޖިލްވާއަށް އެއީ ކާކުކަން ވަކިކުރަން އުނދަގޫ ވީއެވެ.

"މަންމަމެންނަށް ނޭނގި މި އައީ..." ނަދާ ހީލިއެވެ. "މިއުޅޭ ޝަނީފު އަދިވެސް ނަދާގެ ފަހަތުން ނުނައްޓައޭ... މިހާރު ދެން ހީވަނީ އެ ނެއްޓީ ހެން... ތޭންކްސް ޓު ހިމް..."

ނަދާ ވައްކަޅިން ޖުއާންއަށް ބަލައިލިއެވެ.

"އެއީ ކާކު؟.... ޖިލް ދައްތަގެ ރައްޓެއްސެއްތަ؟..." ލޮލުގެ އިޝާރާތުން ޖުއާން ދައްކައިލަމުން ނަދާ އަހައިލިއެވެ. "އޭނައަށް ދިވެހި އެނގޭނެތަ؟...."

"ގެއަށް ގޮސް ތި ވާހަކަ ދައްކާނީ.... ހިނގާ އަވަހަށް...." ޖިލްވާ ބުންޏެވެ.

********

ދޮވެފައި ހުރި އެއްޗެހިތައް ހިއްކަން އެޅުމުގެ މަސައްކަތުގައި ސަފީނާ ހުއްޓެވެ. މޫނުމަތިން ފެންނަމުންދިޔައީ މާޔޫސްކަމާއި އެކަނިވެރިކަމެވެ.

"މޯމް!..." ސަފީނާ ސިހުނީ ފަހަތުން މީހަކު އޭނައަށް ގޮވައިލި އަޑު އިވުމުންނެވެ.

ކާކުގެ އަޑެއްކަން ދެނެގަންނަން ސަފީނާއަށް އިތުރު ކަމެއް ކުރާކަށް ނުޖެހުނެވެ. ޝަފީނާގެ ހަރަކާތް ހުއްޓުނެވެ. ދެއަތް ތުރުތުރު އަޅައިގަތެވެ. އެއީ އެ އަޑެއް އަހައިލުމަށް އެތައް ދުވަހެއް ވަންދެން އިންތިޒާރު ކުރި އަޑު ނަމަވެސް، ފަސްއެނބުރި ބަލައިލާނޭ ހިއްވަރެއް ނުލިބުނެވެ.

ޒެނިލް ހުރީ ޔޫން އުރާލައިގެންނެވެ. ސަފީނާ ފަަސްއެނބުރި ބަލައިލި ވަގުތަކީ، އެތަނަށް ހަމްދާ އައި ވަގުތެވެ. ޒެނިލްއަށް މަޖުބޫރުވީ ކުރަން އުޅުނު ކަންތައް ފަސްކޮށްލާށެވެ.

"މަންމަ ފިހާރައަށް ދިޔާމަ މާމަ ދޫނި މީނީ ދެރަވެފަތަ؟..." ހަމްދާ އައިސް ޔޫން އުރައިލިއެވެ. "ސަފީނާ!.... ދޭބަލަ އެ މަންޖެ ބުއްފުޅި ގެނެސްދޭން..."

ކަރުނަތައް ހިންދައިލަމުން ސަފީނާ ހިނިތުންވެލިއެވެ. ގޭތެރެއަށް ވަނުމަށް ހިނގައިގަތެވެ.

"އަތް ދޮވެގެން ބުއްފުޅީގަ އަތްލައްޗޭ...." ހަމްދާ ގޮވައިލިއެވެ. "ޖަރާސީމަކީ ފާޑެއްގެ އެއްޗެއް...."

ސަފީނާ ހިތުގައި ޖެހުނެވެ. ޔޫން އަކީ އޭނަގެވެސް މާމަ ދަރިއެކެވެ. އެ ދަރިފުޅާއިމެދު އޭނަވެސް ވިސްނައެވެ. ކަންތައް ކޮށްދެމުން އަންނަނީވެސް އޭނައަށް ކުރެވޭ އެންމެ ރަނގަޅަށެވެ. އެކަމަކު، ބައެއްފަހަރު ހަމްދާ ބުނެލާ ބަސްތަކުން އޭނަގެ ހިތް ފަޅައިގެންދާން އުޅެއެވެ. ސަފީނާގެ ހަރަކާތްތަކަށް ބަލަން ހުރި ޒެނިލްގެ މޫނުން ފެނުނީ ކަންބޮޑުވުމެވެ. ހަމްދާ ކީ އެއްޗެއް މާ ރަނގަޅަށް ނޭނގުނު ނަމަވެސް، ސަފީނާގެ ފިޔަވަޅުތައް މަޑުޖެހިލި ގޮތުން ކަމެއް ގޯސްވެއްޖެކަން އޭނައަށް އެނގުނެވެ.

********

ޖިލްވާގެ ގެއާއި ހަމައަށް ކާރު އައުމުން، ކާރުން ފޭބުމަށް ނަދާ ތައްޔާރުވެލިއެވެ. ކާރު ހުއްޓައިނުލަނީސް، އޭނާގެ ފޯނު ރިންގްވާން ފެށިއެވެ. ގުޅީ ނަދާގެ އެންމެ ގާތް އެކުވެރިޔާ އެވެ. ނަދާ ފޯނުގައި އިންދައި ޖުއާން އާއި ޖިލްވާ ކާރުން ފޭބި އެވެ. ޑްރައިވަރުގެ ކައިރީގައި ދާންވީ މިސްރާބު ބުނެފައި، ޖިލްވާ އަތުން ހަނާ އަޅައިލުމުން، ނަދާއަށް ޖެހުނީ، ފައިބާ ޚިޔާލު ދޫކޮށްލާށެވެ.

ފިހާރައަކަށް ދިޔުމަށް ގެއިން ނުކުންނަން އައި ސަފީނާއަށް އެތެރެއަށް ވަން ޖިލްވާ ފެނުމުން ހައިރާންވެފައި ބަލަން ހުއްޓެވެ. އޭނަ އަވަހަށް ގޮސް ޖިލްވާ ހިފައިގެން އައި ފޮށި އަތުލިއެވެ.

"މަންމައަށް ގޮވާލިނަމަ..." ސަފީނާ ހިނިތުންވެލިއެވެ. އެކަމަކު، އެ ހިނިތުންވުން ދެމިގެންދިޔައީ ފަޅި ސިކުންތުކޮޅަކަށެވެ. ޖިލްވާގެ ފަހަތުން އައި ޖުއާން ފެނިފައި ސަފީނާގެ ދެލޯ ބޮޑުވިއެވެ.

"ޖުއާން؟...." ސަފީނާއަށް އޭނާގެ ދަރިފުޅުގެ ނަން ބުނެވުނީ ކިހިނެއް ކަމެއްވެސް ނޭނގުނެވެ.

ޖުއާން ޖިލްވާއަށް ބަލައިލުމުން ޖިލްވާ ހިނިތުންވެލިއެވެ. އަދި ސަފީނާގެ ކައިރިއަށް ދިޔުމަށް އެދުނެވެ. ޒެނިލް އާއި ޚިލާފަށް ޖުއާން ހުރީ ސަފީނާގެ ލޯތްބަށް އެދި ފެންބޮވައިގަނެފައެވެ. ދިމާވި ހުރިހާ ކަމަކަށްފަހު، މައެއްގެ އެހީ އޭނަ ބޭނުން ވިއެވެ. މަންމަ ފެނުމުން ހިތުގައިވި ހުރިހާ ޝަކުވާއެއް ފިލައިގޮސް، ލޯބިން ހިތް ފުރިގެންދިޔަ ކަމުގެ އިހުސާސް ޖުއާންއަށް ކުރެވުނެވެ. އާއިޝާގެ ފަރާތުން ސަފީނާގެ ބައެއް ވާހަކަތައް ޖުއާންއަށް އޮތީ އެނގިފަ އެވެ. މަންމަ އާއިމެދު އޭނަގެ ހިތުގައި މާބޮޑު ޝަކުވާއެއް ނެތީ ވެސް އެ ސަބަބަށްޓަކައެވެ. ސަފީނާގެ ގައިގައި ބައްދައިލިއިރު، ޖުއާންގެ ދެ ލޮލުން ކަރުނަ ފައިބަނީއެވެ.

"މަންމަދެކެ ވަރަށް ލޯބިވޭ މަންމާ!...." ޖުއާން އެންމެ ޖުމްލައަކުން ހުރިހާ ވާހަކައެއް ބުނެދިނެވެ.

އެތައް ދުވަހެއް ފަހުން ޖުއާންގެ ހިތުގެ މުރާދު ހާސިލުވީއެވެ. ދުނިޔޭގައި ހުއްޓައި، މަންމަ ދެކެލުމުގެ ނަސީބު ލިބުނީއެވެ. އެއީ އެ ދުވަހަކަށް އޭނަ އެންމެ އިންތިޒާރުކުރި އެއް ދުވަހެވެ. އެންމެ ފުރަތަމަ ނަޒަރުންވެސް ސަފީނާ އަކީ ހެޔޮ މީހެއްކަން ޖުއާންއަށް އެނގުނެވެ.

ޒެނިލް އައި އިރުވެސް، ޖުއާން ހުރީ އެހެންނެވެ. ޒެނިލް ފެނުމުން ޖިލްވާ އަވަހަށް ޒެނިލްގެ ކައިރިއަށް ދިޔައެވެ.

"ޒެލް!..." ޖިލްވާ ގޮވައިލި ނަމަވެސް މަޑުކޮށްލުމެއްނެތި، ޒެނިލް ދިޔައީ ސަފީނާމެންނާއި ދިމާއަށެވެ.

ޖިލްވާ ހީކުރީ ޒެނިލް ހިތްހަމަނުޖެހުނީ ކަމަށެވެ. ބިރުން ހުއްޓައި، ޒެނިލް ގޮސް، ސަފީނާ އާއި ޖުއާން އެކުގައި ބައްދައިލިއެވެ. ކުޑަދޮރު ކައިރީގައި މަންޒަރު ބަލަން ހަމްދާ ހުރީ ވާނުވާ ނޭނގިފައެވެ. ޖިލްވާއަށް ހަމްދާ ފެނުމުން އަވަހަށް ކައިރިއަށް ދިޔައެވެ. ސަފީނާ އަކީ ޒެނިލްމެންގެ ކާކުކަން ބުނެދިނެވެ. އެއްވެސް އެއްޗެއް ނުބުނެ ހަމްދާ ގޮސް ވަނީ ކޮޓަރި އަށެވެ.

********

ހަވީރުގެ ވަގުތެވެ. ނަދާ އަންނާނެ ވާހަކަ ބުނުމުން، ޖިލްވާ ހުރީ ޔޫން ގޮވައިގެން ބޭރަށް ނުކުމެއެވެ. ޔޫން ބޮޑާ ހާކައިލިއެވެ. ދެފައިން ޖިލްވާގެ ބަނޑުގައި އަޅައި ކޮއްޕާފައި އެދެމުން ދިޔައީ މަގުމައްޗަށް ނުކުންނާށެވެ.

"ބަލާބަލަ ދަރިފުޅު.... އެ ދަނީ ބޫންއެއް...." މަގުމަތިން ދިޔަ ރަތްކުލައިގެ ކާރެއް ދައްކައިލަމުން ޖިލްވާ ބުންޏެވެ.

"ޖިލް!..." ޖިލްވާ ސިހުނީ އޭނަގެ ކައިރީގައި ހުއްޓުނު މީހަކު ގޮވައިލުމުންނެވެ.

ޝާވިން ފެނުމުން ޖިލްވާގެ މޫނުން ފެނުނީ ފޫހިކަމެވެ. އޭނަ އުޅުނީ ޔޫން ގޮވައިގެން އެތެރެއަށް ވަންނާށެވެ.

"އަހަރެން ބޭނުން ވާހަކައެއް ބުނަން..." ޝާވިން ބުންޏެވެ.

ޖިލްވާ މަޑުކުރުމެއްނެތި، ގެއަށް ވަނުމަށް ހިނގައިގަތެވެ.

"އަަހަރެން އަދިވެސް ޖިލްދެކެ ލޯބިވަން...." ޝާވިން ދެން ބުނި އެއްޗަކުން ޖިލްވާގެ ފިޔަވަޅުތައް ހުއްޓުނެވެ. "އެނގޭ މި ވާހަކަ ދެއްކިޔަސް، އަހަރެމެންނަށް ދެން ނުގުޅެވޭނެކަން... ޖިލް މިހާރު އަހަރެންދެކެ ލޯބި ނުވާކަން ވެސް އެނގޭ.... އެކަމަކު ހަގީގަތް ޖިލްއަށް އެނގުނީމަ ނޫނީ އަހަންނަކަށް ހަމަޖެހުމެއް ނުލިބޭނެ...."

"ޝާވިން!... ތި ވާހަކަ ދެއްކުމުގެ މާނައެއް މިހާރު ނެތް... އެހެންނޫނަސް، އަހަންނަށް ބޭވަފާތެރިވާނީ އަހަރެންދެކެ ލޯބިނުވާތީ...." ޖިލްވާ ހިތްހަމަނުޖެހިފައިވާވަރު އޭނަގެ އަޑުން ހާމަވެއެވެ.

"އަހަރެން ބޭވަފާތެރިވީ ޖިލްއަށް ޓަކައި..." ޝާވިން ބުންޏެވެ.

(ނުނިމޭ)

ކޮމެންޓް 0