"އާނ..." ޖުއާން ބޯ ޖަހައިލި އެވެ. "ވެދާނެ އޭރު ކަމަށް އޭނައަށް އެ އެނގުނީ، ހުރިހާ ހަގީގަތެއް އެނގޭ މީހަކީ ޖިލް ކަން..."

ޒެނިލް ފުންމައިގެން ތެދުވި އެވެ. ދޮރާއި ދިމާއަށް ދުއްވައިގަތެވެ. ޖިލްވާ ވީ ނުރައްކަލެއްގެ ތެރޭގައޭ ޒެނިލްގެ ހިތް ބުނީ އެވެ. ޒެނިލްގެ ފަހަތުން ޖުއާން ނުކުތް ނަމަވެސް، ޒެނިލް މާކުރިން ކާރުގައި ނައްޓާލައިފި އެވެ. ޖުއާންއަށް ޖެހުނީ ފުލުހުންގެ އިދާރާގައި މަޑުކުރާށެވެ. އިތުރު ކަންކަން ހޯދުމަށް މަސައްކަތް ކުރުމަށެވެ.

********

ކެވިންގެ ގޭ ދޮރުމައްޗަށް ކާރު ހުއްޓާފައި ޒެނިލް ކާރުން ފޭބިއެވެ. ކާރުގެ ދޮރުވެސް ނުލައްޕާ ގެއަށް ވަނުމަށް ދުއްވައިގަތެވެ. ދޮރުމަތީގައި ފިރިހެނަކު ހުއްޓެވެ. އެމީހާ ހުރީ ކަޅާއި ހުދު ޔުނީފޯމެއްގަ އެވެ.

"އެތެރެއަކަށް ނުވަދެވޭނެ..." ޒެނިލް ގެއަށް ވަންނަން އުޅެން ފެށުމުން އެމީހާ ހުރަސް އެޅި އެވެ.

"ކެރެންޏާ، އަހަރެން ހުއްޓުވާ..." ޒެނިލްއަށް އާދަޔާ ޚިލާފު ބާރެއް ލިބިފައިވާ ކަހަލަ އެވެ.

ކުރިމަތީގައި ހުރި މީހާ ދުރަށް ކޮއްޕައިލާފައި ޒެނިލް ގޯތިތެރެއަށް ދެމިގަތެވެ. އެމީހާ އަނެއްކާވެސް އައިސް ޒެނިލްގެ ކުރި ބެއްދި އެވެ. ޒެނިލް ބަލާކަށް ނުހުރެ، އެމީހާގެ އަނގަމަތީގައި ގޮށްމުށުން ޖަހައި ފަޅައިލި އެވެ. އެމީހާވެސް ޒެނިލްގެ މޫނުގައި ޖަހައި ތަންގަނޑެއް ދުޅަކޮށްލި އެވެ. ދެމީހުން ދެމީހުންނަށް ހަމަލާން ދޭން ފެށި އެވެ. ޒެނިލްގެ އަނގަމަތި ފަޅައިގެން ގޮސް ލޭ އަންނަން ފެށުމުންވެސް ދޫކުރާކަށް ބޭނުމެއް ނުވިއެވެ. އެހެން ހުރިހާ ކަމަކަށްވުރެ، ޖިލްވާ އާއި ދަރިފުޅު އޭނައަށް މުހިއްމެވެ.

"އަހަރެންގެ އަނބިމީހާ އާއި ދަރިފުޅާއޭ އެތާ ވީ..." ގެއާއި ދިމާއަށް އިޝާރާތް ކުރަމުން ޒެނިލް ހަޅޭއްލަވައިގަތެެވެ. "ތިކަހަލަ އިންސާނިއްޔަތު ކަމެއް ނެތް މީހަކަށް ނުވިސްނޭނެ..."

އެމީހާ ބިންމައްޗަށް ތިރިކޮށްލާފައި ޒެނިލް ގޮސް ތަޅުގައި ހިފި އެވެ. ހުރީ ތަޅުލާފަ އެވެ.

"ޖިލް!... ޖިލް!..." ދޮރުގައި ތަޅައިގަންނަމުން، ޒެނިލް ބާރަށް ގޮވަން ފެށި އެވެ.

އެތެރެއިން އެއްވެސް ޚަބަރެއް ނުވި އެވެ. ޒެނިލް ހާސްވެގެން، ކުރިއަށްވުރެ ބާރަށް ދޮރުގައި ތަޅައިގަތެވެ. އޭރު އެތެރެއަށް ވަދެވޭނެ ގޮތެއް އޮތްތޯ ގޭގެ އެކި ދިމަދިމާއަށް އޭނަ ދިޔައީ ބަލަމުންނެވެ.

********

ސީސީޓީވީ ފުޓޭޖްތަކުން ފެންނަމުންދިޔަ މަންޒަރުތައް ބަލަން ޖުއާން އާއި ވޮން އަދި އޭނާގެ ޓީމު ތިއްބެވެ. ކެވިން އޭނާގެ ގެއިން ނުކުމެގެން ދިޔަތާ މާ ގިނައިރެއް ނުވެ، އެނބުރި ގޮސް ގެއަށް ވަންނަ މަންޒަރު ފެނެ އެވެ. އޭގެ ކުޑަ އިރުކޮޅެއް ފަހުން، ގެއިން ނުކުތީ، ޖިލްވާ އަދި ޔޫން އާއިވެސް އެކުގަ އެވެ. ޔޫން އުރާލައިގެން ޖިލްވާ ހުރިއިރު، އެ މޫނުން ފެންނަމުން ދިޔައީ ނުތަނަވަސް ކަމެވެ. ކަންތައް ރަނގަޅު ނޫންކަން އެންމެ ފުރަތަމަ ދެނެގަތީ ވޮން އެވެ.

"މިޔޯ؟..." ވޮންގެ މޫނުމަތިން ނުތަނަވަސްކަން ފެނިގެން ދިޔަ އެވެ. "ނުބައެއް އެބައުޅޭ... އާދައިގެ ގޮތަކަށް ނޫން އެމީހުން ނުކުމެގެން އެދިޔައީ... ހީވަނީ ގަދަކަމުން ގެންގޮއްސަހެން..."

ޖުއާންވެސް އެ މަންޒަރު ތަކުރާރުކޮށް ބެލި އެވެ. ޖިލްވާ ޔޫންގެ ގައިގައި ހިފަހައްޓައިގެން ހުރި ގޮތާއި، ލޮލުގެ ހިމަކޮޅުން އެކި ދިމަދިމާއަށް ބަލަމުން ދިޔަ ގޮތުން ވޮން ބުނީ ރަނގަޅު ވާހަކައެއް ކަމަށް އޭނައަށްވެސް ގަބޫލު ކުރެވުނެވެ.

"ކާރު ދިޔަ ތަނެއް ހޯދާ... އަވަސް..." އިސްކްރީންތަކުގެ ކައިރީގައި ތިބި ކުދިންނަށް ވޮން އަމުރު ކުރި އެވެ.

ފުލުހުންގެ މަސައްކަތް ފެށި އެވެ. އެމަސައްކަތުގައި ކޮމްޕިއުޓަރަށް އެންމެ މޮޅު ދެތިން މުވައްޒަފުން ހަރަކާތްތެރިވަމުން ދިޔަ އެވެ. ޖުއާން ނުކުތީ ބޭރަށެވެ. ޒެނިލްއަށް ގުޅާފައި ކަންތައް ވީ ގޮތުގެ ޚަބަރު ދިނެވެ.

"ބްރަދަރ ދެން ދޭ ގެއަށް... ކާރު ދިޔަ ތަނެއް އެނގުނީމަ އަހަރެން ގުޅާނަން..." ވިސްނައިދޭ ކަހަލަ ރާގެއްގައި ޖުއާން ބުންޏެވެ.

ޒެނިލްގެ ހިއްވަރު އެލުނެވެ. އެނބުރި ކާރާއި ދިމާއަށް ހިނގައިގަތް ނަމަވެސް، ބޮލަށް އަރައިގެން ދިޔަ ހަމަލާ އާއިއެކު، ބަނޑުވަތަށް ވެއްޓިއްޖެ އެވެ.

"ހަލޯ!... ހަލޯ!..." ބާރު އަޑުފައްގަނޑެއްގެ އަޑު އިވުމުން ޖުއާން ގޮވަން ފެށި އެވެ.

ޒެނިލްގެ ކައިރީގައި ހުރި މީހާގެ ނަޒަރު، ވެއްޓިފައި އޮތް ފޯނަށް ހުއްޓުނެވެ. އެމީހާ އެ ފޯނަށް ފައިން އަރައި އިސްކްރީން ތަޅައިލި އެވެ. އެއަށްފަހު، ޒެނިލްގެ ދެ އަތުގައި ހިފައި ދަމާފައި ކަހަލަ ގޮތަކަށް ގެންދިޔަ އެވެ. ގިނައިރުތަކެއްނުވެ، ކެވިންގެ ގޭ ދޮރުމައްޗަށް މަޑުކޮށްލީ ރަތްކުލައިގެ ކާރެކެވެ. ޒެނިލްގެ ހަށިގަނޑު އެރުވީ އެ ކާރަށެވެ.

********

ނިދިފައި އޮތް ޔޫން މެޔާލައި ބޮނޑިކޮށްލައިގެން ޖިލްވާ އިނީ ސޯފާގަ އެވެ. ކުރިމަތީގައި ކެވިން އިނެވެ. ދެއަތުން މޫނު ފޮރުވާލައިގެންނެވެ. ޖިލްވާގެ މޫނުން ފެންނަމުން ދިޔައީ ސިހުމެވެ. ކުއްލިއަކަށް ކެވިން އޭނާ މުޅީން އައު މާހައުލަކަށް ގެނައުމުން ޖިލްވާގެ ހިތުގައި ބިރުވެރިކަން އުފެދިފައި ވިއެވެ. ނިކަން ކެރިގެން އެކަމާއި ކުރިމަތިލީ ނަމަވެސް، ފަހުވަގުތުގައި އޭނަ ވީ ބޮޑު ފިނޑިއަކަށެވެ. ހަގީގަތް ހޯދަން ނޫޅެވުނު ނަމައޭ ޖިލްވާގެ ހިތަށް އަރަން ފެށި އެވެ.

ޖިލްވާގެ ނަޒަރު އެންމެ ހިނދުކޮޅަކަށްވެސް ކެވިން އިން ވަކި ނުވެ އެވެ. އެސްފިޔަ ޖަހައިލަންވެސް އޭނަ އިނީ ޖެހިލުންވެފަ އެވެ. އެ ވަގުތުކޮޅުގައި ވެސް، ކުރިމަތިވެދާނެ ނުރައްކަލެއް ނޭނގޭތީ އެވެ. އެ ހުރިހާ ކަމަކާއި އެކު، ޖިލްވާ ޒެނިލްގެ މަތީން ހަނދާންވާން ފެށީ މާ ވަރަކަށެވެ. ޒެނިލް ބަލައި އައުމުން ނުދެވުނީތީ އަމިއްލަ ނަފުސު ކުށްވެރި ކުރެވުނެވެ.

އެތައް އިރަކު އެއްޗެއް ނުބުނެ އިނދެފައި، ކެވިން އޭނާގެ މޫނުން އަތް ނެގި އެވެ. ޖިލްވާގެ މޫނަށް އޭނަ ބަލައިލީ ޝަކުވާއިން ފުރިގެންވީ ނަޒަރަކުންނެވެ. ޖިލްވާ ސިހިފައި ކުރިއަށްވުރެ ބޮޑަށް ޔޫން މެޔާލައި ބޮނޑިކޮށްލައިފި އެވެ.

"ޖިލް!... ކީއްވެ؟..." ކެވިންގެ އަޑުގައި ނުރުހުމުގެ އަސަރެއް ނެތެވެ. "ހުރިހާ އެންމެން އަހަންނާ ދެކޮޅުވިޔަސް، ޖިލް އަހަންނާ ދެކޮޅު ވެދާނޭ ކަމަށް އަހަރެން ކުޑަކޮށްވެސް އުއްމީދެއް ނުކުރަން... އަހަރެން ޖިލް ކައިރީ އެތަނަށް ނުވަންނަން ބުނީ ޖިލްއަށް ރަނގަޅަކަށޭ..."

ކެވިން ތެދުވި އެވެ. ބޮލުގައި ދެއަތުން ހިފަހައްޓައިގެން ހުރެ، ދެކޮޅަށް ހިނގަން ފެށި އެވެ. ދެން ގޮސް ޖިލްވާގެ ކުރިމަތީގައި އިށީނެވެ. ޖިލްވާގެ ކަކޫ މަތީގައި އަތް ބާއްވައިލި އެވެ.

"ޖިލްއަށް ދެރައެއް ދޭކަށް އަަހަރެން ގަސްދެއް ނުކުރަން... އެކަމަކު މިހާރު އަހަރެން ދެން ކިހިނެއް ހަދާނީ...." ކެވިންގެ ރާގު މަޑުމަޑުން ބަދަލުވަމުން ދިޔަ އެވެ. "އަހަރެން ނުކުރާށޭ ބުނެފިއްޔާ، އެކަމެއް ޖިލް ކުރަނީ.... ކުރާށޭ ބުނާ ކަމެއް ނުކުރޭ.... ކީއްވެ؟..."

ޔޫން ހޭލައިގެން ބޮޑާ ހާކައިލި އެވެ. ޖިލްވާގެ އަތުގެ ތެރެއިން ނުކުންނަން ގަދަހަދަން ފެށި އެވެ. ޖިލްވާ ދުލެއް ނުދިނެވެ. އެންމެ ވަގުތުކޮޅަކަށް ވެސް އެކުއްޖާ ހަށިގަނޑާއި ދުރުކޮށްލައިފިނަމަ، ގެއްލިދާނެއޭ ހީވަނީ އެވެ. ކެވިން ތެދުވެ، ޔޫން ދިނުމަށް އެދުނެވެ. ޖިލްވާ ދެކޮޅު ހެދި އެވެ. ޔޫންގެ ގައިގައި ބާރަށް ހިފަހައްޓައިލި އެވެ. ކެވިން ޔޫން އުރަން އުޅެން ފެށުމުން، ޖިލްވާ ތެދުވި އެވެ.

"ޕްލީޒް... މިކުއްޖާ އަތުނުލާ... އަހަރެން ދެން އެކަހަލަ ކަމެއް ނުކުރާނަން..." ޖިލްވާގެ އަޑު ކުރެހުނެވެ. އަވަހަށް ކެވިންއަށް ފުރަގަސް ދިނެވެ. އޭރު އޭނަގެ ދެލޮލަށް ކަރުނަ ޖަމާވެއްޖެ އެވެ. މޫނުން ފެންނަމުން ދިޔައީ ގޮތް ހުސްވެފައިވާ ކަމުގެ އަސަރުތަކެވެ.

ކެވިން ޖިލްވާގެ ދެކޮނޑުގައި ހިފައި، ގަދަކަމުން ކަހަލަ ގޮތަކަށް އޭނަ އާއި ވީ ފަރާތަށް އަނބުރުވައިލި އެވެ. އެއަށްފަހު، ޔޫން އުރައިލި އެވެ. ޖިލްވާއަށް އެއްވެސް ބާރެއް ނުދެއްކުނެވެ. އަމިއްލަ ދަރިފުޅުވެސް ސަލާމަތް ނުކުރެވުނެވެ. މައެއްގެ ހިމާޔަތް ދޭން ބޭނުންވިޔަސް، ބާރުގަދަ ފިރިހެނެއްގެ ކުރިމަތީގައި އެކައްޗަކަށްވެސް ނުވި އެވެ. ޖިލްވާގެ ދެލޮލަށް ޖަމާވި ކަރުނަތައް ހޯސްލާފައި ފައިބައިގަތެވެ.

"ޖިލް އާއި އެންމެ ފުރަތަމަ ބައްދަލުވީ ދުވަހުން ފެށިގެން ވެސް އަހަރެން ޖިލް އާއި ދޭތެރޭ ޚާއްސަ ގޮތެއް ބެހެއްޓިން... ކަންތައް ކޮށްދިނީ ގާތް އެކުވެރިޔަކު ވެސް މިހާރު މީހަކަށް ކަންތައް ނުކޮށްދޭނެހައި ރަނގަޅަށް... މިކުޑަ ކުއްޖާފުޅުގެ ފުރާނަ ސަލާމަތްވެ، ޖިލްގެ ކުރިމަތީ ފެންނަން މީނީ، އަހަރެން މެދުވެރިއަކަށް ވެގެން ކޮށްދިން މަސައްކަތުން..." ކެވިން މަޑުމަޑުން ޖިލްވާ އާއި ފަހަތަށް ޖެހެމުން ދިޔަ އެވެ. "އެކަމަކު، އެވަރުންވެސް ޖިލް އެކަން ބަލައެއް ނުގަތް... ޝުކުރުވެރިއެއް ނުވި... ބަދަލުގަ އަހަންނާ ދޭތެރޭ ދެކުނީ ވަރަށް ގޯސްކޮށް..."

ކެވިން ދިޔައީ ސީދާ ބާލު ޚާނާ އާއި ދިމާއަށެވެ. ޖިލްވާ ހުރީ ބިރުން ދެލޯ ބޮޑުކޮށްލައިގެންނެވެ. ނޭވާ ލާންވެސް ހަނދާން ނެތިފަ އެވެ.

ކުއްލިއަކަށް ކެވިން އެނބުރުނެވެ. ބާލު ޚާނާއަށް ނުކުމެ، ރެއިލިންގްގެ މަތީގައި ޔޫން ބައިންދައިލި އެވެ. ޖިލްވާގެ ދެފައި ތުރުތުރު އަޅައިގަތެވެ. ހުރެވުނު ތަންވެސް ނޭނގުނެވެ. އިމާރާތުގެ ފަސްވަނަ ބައިން އެ ތުއްތު ކުއްޖާ ވެއްޓިއްޖެއްޔާ ވާނީ ކިހިނެއް ހެއްޔެވެ؟ ޔަޤީނުންވެސް އެ ތުއްތު ކުއްޖާގެ ފުރާނަ ހަށިގަނޑާއި ވަކިވެގެން ދާނެ އެވެ. ކެވިން ޔޫންގެ ގައިގައި ހިފަހައްޓައިގެން ހުރިނަމަވެސް، އެކުއްޖާގެ ގައިން އަތް ދޫކޮށްލާނީ ކޮން އިރަކު ކަމެއް އެނގޭނީ ކިހިނެއް ހެއްޔެވެ؟ ޖިލްވާގެ އަނގައިން ނުކުތީ މަޑު ހަޅޭކެއްގެ އަޑެވެ.

"ނޫން!... ނޫން!..." ޖިލްވާ ދުއްވައިގަތެވެ. "ޔޫން!..."

ޔޫން އާއި ހަމައަށް ދެވުނު އިރު، ޖިލްވާގެ ހިތް ނުހުއްޓި ސަލާމަތުން އޮތީ ކިރިޔާ އެވެ. ޖިލްވާއަށް ޔޫންގެ ގައިގައި ބައްދައިލެވުނު ގޮތްވެސް ނޭނގުނެވެ. ޔޫން ދަމައިގަނެގެން މެޔާލައި ބޮނޑިކޮށްލި އެވެ.

"ތީ އެއްވެސް ރަޙުމެއް ނެތް މީހެއްތަ އޭނ؟..." ޖިލްވާ ހަޅޭއްލަވައިގަތެވެ. "އައި ހޭޓް ޔޫ...."

ޖިލްވާ ކެވިން އާއި ދިމާއަށް ބަލަމުން ދިޔައީ ނަފުރަތުގެ ބެލުމަކުންނެވެ. އެއީ ދުވަހަކުވެސް ޖިލްވާ ކެވިން އާއިމެދު އަމަލުކުރި ގޮތެއް ނޫނެވެ. ކެވިން ހުރީ ހުއްޓުން އަރާފަ އެވެ. ޖިލްވާގެ ފަރާތުން އަލަށް އެ ފެނުނު ސިފަ ގަބޫލު ކުރަން ދަތިވެފަ އެވެ. ޖިލްވާގެ ނަފުރަތުން ފުރިގެންވީ ދެލޮލަށް ބަލަން ހުންނާނޭ ހިއްވަރެއް ކެވިން އަކަށް ނުލިބުނެވެ.

"ޖިލް ހަމަޖެހިބަލަ... އަހަރެން ނޫޅެމޭ ޔޫން ވައްޓާލާކަށް..." ކެވިން ދެޖީބަށް އަތް ޖަހައިލި އެވެ. "ޖިލް އަހަންނާ ދޭތެރޭ ދެކެނީ ހަމަ ތިހާ ގޯސްކޮށްތަ؟..."

"ދެން އަހަރެން ދެކޭނެ އިތުރު ގޮތެއް ބުނެބަލަ... އަމިއްލަ އެދުން އިސްކުރުން ނޫން ކަމެއް ކެވިންއަށް ކުރެވުނުތަ؟... ޔޫންގެ ފުރާނައިގެ ބަދަލު ކެވިން ހޯދަން އެދުނު ގޮތް ވިސްނާލަބަލަ..." ޖިލްވާ އޭނާގެ ހިތުގެ ޝަކުވާތަކުގެ އަޑު ބޭރުކުރަން ފެށި އެވެ.

"ޖިލް!..." ކެވިން އުޅުނީ ޖިލްވާގެ ކޮނޑުމަތީގައި އަތް ބާއްވައިލާށެވެ.

"އަތް ނުލާތި..." ޖިލްވާ ހަޅޭއްލަވައިގަތެވެ. "އާދޭސްކޮށްފަ ބުނަން... ޔޫންގެ އެއްވެސް ކުށެއް ނެތް... ހުރިހާ ކަމެއް ކުރީ އަހަރެން... މަރާލަންޏާ، އަހަރެން މަރާލާ... އަދަބުދެންޏާ، އަހަންނަށް އަދަބު ދީ...." ޖިލްވާ ރޮމުން ވާހަކަ ދެއްކި އެވެ. އެ އަޑުގައި އަމުރުވެރި ގޮތެއް ހުއްޓެވެ.

ޖިލްވާގެ ޖުމްލަތަކުން ކެވިންގެ ހިތް ފަޅައިގެން ދިޔަ އެވެ. އޭނަ ހަލުވި ފިޔަވަޅުތަކެއްގައި އެތަނުން ނުކުމެގެން ދިޔަ އެވެ.

********

ޒެނިލް އުނދަގޫ ގޮތަކަށް ލޯ ހުޅުވައިލި އެވެ. އޮވެވުނީ ހަސްފަތާލުގައި ކަން އެނގުނީ، މެޝިންތަކުގެ އަޑު އިވުމުންނެވެ. ޒެނިލް ދެތިން ފަހަރަކު އެސްފިޔަ ޖަހައިލުމާއިއެކު، ކަންތައް ވީގޮތް ހަނދާނަށް އައެވެ.

"ޖިލް!..." ޒެނިލް ފުންމައިގެން ތެދުވަން އުޅުނެވެ. އެވަގުތު ބޮލަށް ތޫނު ތަދެއް އަރައިގެން ދިޔަ އެވެ. ދެލޯ ހުޅުވައިލަންވެސް އުނދަގޫވާ ވަރަށް އެ ތަދު މުޅި ހިސާބަށް ފެތުރިގެން ދިޔަ އެވެ.

"ޒެލް!... އަރާމު ކޮއްލާ..." އިވުނީ ޖިލްވާގެ އަޑެވެ. "އަހަރެން މި އިނީ ޒެލް ކައިރީ..."

ޒެނިލް ލޯ ހުޅުވައިލި އެވެ. އިވުނު އަޑު ގަބޫލު ނުކުރެވިގެންނެވެ. ކައިރީގައި އިނީ ޖިލްވާ ފިޔަވައި އިތުރު މީހެއް ނޫނެވެ. އެއީ ހުވަފެނެއް ހެއްޔެވެ؟ ނޫނީ ހަމަ އަސްލުވެސް ހަގީގަތަކީ ހެއްޔެވެ؟ އެކަމަކު ޖިލްވާ އައީ ކިހިނެއް ހެއްޔެވެ؟ އަޅަމުންދިޔަ ވޭނަކަށް ބެލުމެއްނެތި، ޒެނިލް ތެދުވި އެވެ. ޖިލްވާގެ ގައިގައި ބައްދައިލި އެވެ.

"ޖިލް!... އަހަރެން ހާދަ ބިރެއް ގަތޭ... ދެން ދުވަހަކުވެސް އެގޮތަށް އަހަރެން ދޫކޮށްލާފަ ގޮސްގެން ނުވާނެ..." ޒެނިލްއަށް ރަނގަޅަށް ވާހަކަވެސް ނުދެއްކުނެވެ.

"ކޮބާ ޔޫން؟..." ޖިލްވާ އާއި ކުޑަކޮށް ދުރަށް ޖެހިލަމުން، ޒެނިލް ވަށައިގެން ހޯދައިލި އެވެ.

ސޯފާގައި ޖުއާން އިންއިރު، ޖުއާންގެ އުނގުގައި ޔޫން އިނެވެ. ޖުއާން އިނީ ޔޫންގެ ލޯމަތީގައި އަތް އަޅައިގެންނެވެ. ޒެނިލް ބަލައިލުމުން، ޖުއާން ތެދުވެގެން އައިސް ޒެނިލްގެ ކައިރީގައި ޔޫން ބައިންދައިލި އެވެ.

"އެބަ އަންނަން ނަރުހުންނަށް ގޮވާފަ..." ޖިލްވާ އުޅުނީ ބޭރަށް ނުކުންނާށެވެ.

ޒެނިލް ޖިލްވާގެ އަތުގައި ހިފައި ހުއްޓުވި އެވެ. ޖުއާންއަށް އެއްޗެއް ވިސްނުނީ ދެނެވެ.

"އަހަރެމެން އަންނާނަން ނަރުސްދައްތަ ގޮވައިގެން ދޯ ޔޫން..." ޔޫން އުރާލަމުން ޖުއާން ބުންޏެވެ.

(ނުނިމޭ)

ކޮމެންޓް 0