"ތެންކްޔޫ... ޖިލް!... އަހަރެން ވަރަށް އުފާވެއްޖެ ޖިލް ތިގޮތަށް ނިންމީމަ..." ކެވިން އުފާވިވަރު، އޭނަގެ އަޑުންވެސް ހާމަ ވިއެވެ. އެއާއި ޚިލާފަށް ޖިލްވާ ވީ ފާޑެއްގެ ފޫއްސެކެވެ.
"މީ ހަމަ އަމިއްލަ ގެ ކަމުގަ ބަލައިގެން އުޅޭ... ޖިލްއަށް ދަތިވާނެ އެއްވެސް ކަމެއް ނޯންނާނެ... ކޮންމެ ކަމެއްވެސް ކުރެވޭނެ... މިގޭގަ ނުހުންނާނެ ޖިލްއަށް ނުވަދެވޭނެ އެއްވެސް ތަނެއް... އެކަމަކު..." ކެވިންގެ ވާހަކަ ހުއްޓައިލި އެވެ.
ޖިލްވާގެ ހިތް ތެޅިގަތެވެ.
********
"އެކޮޓަރިއަށް ނުވަންނައްޗޭ..." އަތުން އިޝާރާތް ކޮށްލަމުން ކެވިން ބުންޏެވެ.
ކެވިން އިޝާރާތް ކުރި ދިމާއަށް ޖިލްވާ ބަލައިލި އެވެ. ގޭގެ އެހެން ކޮޓަރިތަކާއި ތަންކޮޅެއް ދުރުގައި ހަދާފައިވާ އެ ކޮޓަރިއަށް ވަދެވެނީ ހަނި ގޯޅިއެއްގެ ތެރެއިން ލާފައި ގޮހެވެ. ގޯޅިތެރެ ފެންނަން އޮތީ ފުދޭ ވަރަކަށް އަނދިރިކޮށެވެ. ޖިލްވާއަށް ހިންދިރުވައިލެވުނެވެ.
"ކިހިނެއްވީ؟..." ކެވިންގެ އަޑަށް ޖިލްވާ ސިހުނެވެ. "އެތާ ފުރޭތައެއް އުޅެނީ ކަމަށް ހީކޮށް ބިރުގަތީތަ؟..."
"ނޫން..." ޖިލްވާ ގަދަކަމުން ހީލި އެވެ.
"އެތަން މަރާމާތު ކުރަން ބަންދުކޮށްފަ އެހުރީ... ވަރަށް ދުވަސްވެއްޖެ އެތަން ބޭނުން ނުކުރާތާ... ޖިލްއަށް ގެއްލުމެއް ވެދާނެތީ ނުވަންނަން މިބުނީ..." ކެވިން ވާހަކަ ދެއްކީ، މާނައިން ފުރިގެންވާ ރާގަކަށެވެ.
ޖިލްވާ އިތުރު އެއްޗެއް ނުބުނެ އެވެ. އޭނައަށް ވިސްނެމުން ދިޔައީ ޖުއާން އާއި ޒެނިލް ދެއްކި ވާހަކަތަކާއި މެދުގައެވެ. ކެވިން އެވަރުގެ އޮޅުވާލުމެއް އޮޅުވާލީ ކީއްވެ ހެއްޔެވެ؟ ކެވިން ނުވަންނަން ބުނި ކޮޓަރި އާއި އެކަންތައްގަނޑާއި ގުޅުމެއް ވެދާނޭ ހެއްޔެވެ؟
"އަންގާވެސް ނުލާ ކުއްލިއަކަށް އައީމަ ކޮޓަރިވެސް ރެޑީކޮށްލާނެ ވަގުތެއް ނުވި..." ފުން ވިސްނުމެއްގެ ތެރޭގައި އިން ޖިލްވާ ސިހުނީ ކެވިންގެ އަޑުންނެވެ. "އެބަ އަންނަން ތައްޔާރުކޮށްލާފަ..."
"ނޫން..." ޖިލްވާ ފުންމައިގެން ތެދުވި އެވެ. "އަހަރެން ތައްޔާރުކޮށްލާނަން..."
"ޔޫން އާދޭ ޑެޑީ ކައިރިއަށް..." ކެވިން ތެެދުވެ، ޔޫން އުރާލުމަށް އަތް ދިއްކޮށްލި އެވެ.
ކެވިންގެ ޖުމްލަ އަޑު އިވުމުން، ޖިލްވާގެ ހަރަކާތް ހުއްޓުނެވެ. ހިތުގައި ދިލަ ރިހުމެއް އުފެދުނެވެ. ޔޫން އަކީ ޒެނިލްގެ ދަރިއެކެވެ. އެ ދަރިފުޅުގެ ދުލުން ބައްޕަ ކިޔުއްވަން ޖިލްވާ ހަމައެކަނި ބޭނުން ވަނީ ޒެނިލް އަށެވެ. އެކަމަކު، ކެވިންގެ ވިސްނުން އެހުރީ އެ އުފާވެސް ޒެނިލްގެ އަތުން ފޭރިގަތުމަށެވެ. ހިތުގައި ކިތަންމެ ޝަކުވާއެއް އުފެދުނު ނަމަވެސް، އެއްޗެއް ބުނާކަށް ޖިލްވާއަކަށް ނުކެރުނެވެ.
ޖިލްވާ ހަލުވި ފިޔަވަޅުތަކެއްގައި ގޮސް ކެވިން ދެއްކި ކޮޓަރިއަށް ވަނެވެ. ތަން އޮތީ ސާފުކޮށް، ތައްޔާރު ކޮށްފަ އެވެ. ޖިލްވާ އަންނާނެ ކަން ކެވިންއަށް ކަށަވަރު ވާ ކަހަލަ އެވެ. ޖިލްވާއަށް ހަމައެކަނި ކުރަން ޖެހުނު ކަމަކީ، އެނދުގެ ބެޑްޝީޓް އަޅައިލުމާއި، ބާލީސްތަކަށް އުރަ ލައްވައިލުމެވެ. އަލަމާރީގައި ހުރިހާ އެއްޗެސް ހުރީ ތަރުތީބުވެސް ކޮށްފަ އެވެ.
********
ސިޓިންގްރޫމުގައި އިން ޖިލްވާ އާއި ޔޫން ސިހުނީ ގޭގެ ދޮރުގައި މީހަކު ތަޅައިގަތް އަޑު އިވުމުންނެވެ. ދޮރުވެސް ހީވީ ވައްޓައިލަން އުޅުނު ހެންނެވެ. ޔޫން ބާރަށް ރޮއެގަނެފައި ޖިލްވާގެ ގައިގައި ބައްދައިގަތެވެ. ފެންވަރަން ދާން ތައްޔާރުވެލައިގެން ހުރި ކެވިން ވެސް ދުވެފައި ކަހަލަ ގޮތަކަށް އޭނާގެ ކޮޓަރިން ނުކުތެވެ. އޭރު ކެވިން ހުރީ، ހަމައެކަނި ތުވާލިކޮޅުގަ އެވެ.
ކެވިން ގޮސް ދޮރު ހުޅުވައިލުމާއިއެކު، ޒެނިލް ގޭތެރެއަށް ދެމިގަތެވެ. ކެވިންގެ ގައިގައި ލައިގަތް ނަމަވެސް އެއިން ކަމަކަށް ސަމާލުކަން ދޭކަށް ޒެނިލް ބޭނުމެއް ނުވިއެވެ. ޒެނިލްގެ ފަހަތުން ޖުއާން ވެސް އެތެރެއަށް ވަނެވެ. ހުސްގަޔާއި ހުރި ކެވިން ފެނުމުން، ޖުއާން އޭނާގެ ނަޒަރު އެހެން ދިމާއަކަށް ހުއްޓައިލި އެވެ.
"ޖިލް!... ޖިލް!..." ޒެނިލް ޖިލްވާއަށް ގޮވަމުން ކުރިއަށް ހިނގައިގަތެވެ.
ޔޫން އުރާލައިގެން ހުރި ޖިލްވާ ފެނުމުން، ޒެނިލް ގޮސް އަތުގައި ހިފި އެވެ. އޭނަ އުޅުނީ ޖިލްވާ ގޮވައިގެން އެގެއިން ނުކުންނާށެވެ.
"ޒެލް!... ކިހިނެއްތަ ތިއުޅެނީ؟..." ޝަކުވާގެ ރާގެއްގައި ޖިލްވާ ބުންޏެވެ.
"އަހަރެން މިއައީ ޖިލް ބަލާ... އެއްވެސް މީހަކަށް ޖިލް އަޅުވެއްޗެއް ނުކުރެވޭނެ..." ޒެނިލް ހުރީ ހުއްޓޭ ގޮތަކަށް ނޫނެވެ.
"ކާކުތަ ބުނީ އަޅުވެތި ކުރީއޭ؟.... ދޫކޮށްބަލަ ޒެލް... ތަދުވެއޭ އެބަ..." ޖިލްވާއަށް ރޮވޭގޮތް ވިއެވެ.
ޖިލްވާ ޒެނިލްގެ އަތް ފޮޅުވައިލަން އުޅުނު ނަމަވެސް، ޒެނިލް ހުރީ އެ އަތުން ދޫކުރާ ގޮތަކަށް ނޫނެވެ. ޖިލްވާ ގޮވައިގެން ޒެނިލްއަށް ދެވުނީ ދޮރާއި ހަމައަށެވެ. ކެވިން ކުރި ބައްދައި، ބޭރަށް ނުކުތުމަށް ހުރަސްއެޅި އެވެ.
"އޭނަ ނުބުނޭތަ ދޫކޮށްލާށެކޭ؟..." އަމުރުވެރި ރާގަކަށް ކެވިން ބުންޏެވެ. "ދޫކޮށްލާ!..."
"ކުރިމަތިން ދުރަށްދޭ..." ޒެނިލް ރުޅި އައެވެ.
"މިބުނީނު އޭނަގެ އަތުން ދޫކުރާށޭ..." ކެވިން ދުރަކަށް ނުދިޔަ އެވެ.
"ކަލޭ އަހަރެންގެ ދަރިފުޅާ، އަންހެނުން ރަހީނުކޮށްގެން އުޅޭއިރު އަހަރެން ބަލަން ހުންނަންވީތަ؟..." ސަލާމަތުން އޮތް އަތް، ކެވިންގެ މޭގައި ޖައްސައި، ކޮއްޕައިލަމުން ޒެނިލް ބުންޏެވެ.
"އަންހެނުންނޭ؟... ކޯއްޗެއްގަ އެހެން ލިޔެފަ އޮތީ؟..." ކެވިން ކުރިއަށް ޖެހިލި އެވެ. "އެއްވެސް ހެއްކެއް ދައްކަބަލަ... ދައްކާ..."
ކެވިންގެ ރުޅިގަނޑު ފަޅައިގެން ދިޔަ އެވެ. ޖިލްވާގެ އަތުން ދޫކޮށްލާފައި، ޒެނިލް ވެސް ކެވިންގެ ކައިރިއަށް ޖެހުނެވެ. ދެމީހުން ތިބީ އެކަކު އަނެކެއްގެ ގަޔަށް އަތްލާ ހިސާބަށް ގޮސްފަ އެވެ. ޖުއާން ކުރިއަށް ޖެހިލީ، ދެމީހުން ދުރުކުރުވަން ޖެހިދާނެ ހާލަތެއް އައިސްދާނެތީ އެކަމަށް ފުރިހަމައަށް ތައްޔާރުވެލައިގެންނެވެ. ޔޫން މެޔާލައި ބޮނޑިކޮށްލައިގެން ހުރިއިރު، ޖިލްވާގެ ހިތް ތެޅެމުން ދިޔައީ އޮބި ނޯންނަ ވަރަށެވެ.
"އަހަންނާ ޖިލް އާއި ދެމެދުގަ އޮތީ ކޮން ގުޅުމެއް ކަން ކަލެއަށް ބުނެދޭކަށް ނުޖެހޭނެ..." ކެވިންގެ ލޮލާއި ދިމާއަށް އިނގިލި ދިއްކޮށްލަމުން ޒެނިލް ބުންޏެވެ.
"ކަލޭގެ އެއްވެސް ވިސްނުމެއް ނެތީތަ؟... ނޭނގޭތަ އެމީހުން އަމިއްލައަށް ކަމެއް އައީ؟..." ޒެނިލް ދިއްކޮށްލި އަތުގައި ހިފައި ގަދަކަމުން ކަހަލަ ގޮތަކަށް ތިރިކޮށްލަމުން، ކެވިން ހަޅޭއްލަވައިގަތެވެ. "އޭނަ ދޫކުރާށޭ އެބުނީ ކޮންމެވެސް ކަމެއް ވީމައެއްނު... ނުވިސްނޭ ވަރުގެ ކުޑަ ކުއްޖެއްތަ ތީ އޭނ؟..."
"ޖިލް އަކީ އަހަރެންގެ ވާން އުޅޭ އަނބިމީހާ... އަޑު އިވިއްޖެތަ؟..." ޒެނިލްގެ ލޭ ހޫނު ވިއެވެ. "އަހަންނަށް ފުރިހަމަ ހައްގު އޮންނާނެ އަހަރެން އުޅޭ ތާކަށް އޭނަ ގެންދިޔުމުގެ..."
"ޒެލް!... ދޭ ގެއަށް... ހެޔޮނުވާނެ..." ތުރުތުރު އަޅަމުންދިޔަ އަޑަކުން ޖިލްވާ ވާހަކަ ދެއްކި އެވެ. "ޔޫން ބިރުގަންނަނީއޭ... އެހެންނޫނަސް، އަހަރެން މިތަނަށް މިއައީ އެއްވެސް މީހަކު މަޖުބޫރު ކޮށްގެނެއް ނޫން... މީ އަހަންނާ ކެވިންގެ ދޭތެރޭ އޮތް ކަމެއް..."
"އެބުނީނު... އަޑު އިވިއްޖެތަ؟..." ކެވިން ހުރީ ދެ ދަތްޕިލަ ޖައްސައި ބާރުކޮށްލައިގެންނެވެ. "ނުކުމޭ..."
"ބްރޯ!... ބްރަދަރ... ހިނގާ..." ޖުއާން އުޅުނީ ޒެނިލްއަށް ވިސްނައިދޭށެވެ.
"ނުދާނަން... ޖުއާން ދަންޏާ ދޭ... އެއްފަހަރު އަހަންނަށް ގޯސް ހެދިއްޖެ... ދެން އެ ގޯސް ތަކުރާރު ކުރާކަށް ބޭނުމެއް ނޫން..." ޒެނިލް އޭނާ ހުރިތަނުން ގުޑިވެސް ނުލި އެވެ. "އަހަރެން ދާނީ ޖިލް ގޮވައިގެން..."
"ފުލުހުންނަށް ގުޅަންވީތަ؟..." ކެވިން އިންޒާރު ދިނެވެ.
"ކެވިން ނޫން..." ޖިލްވާ އަވަސް އަވަހަށް ކުރިއަށް ޖެހިލި އެވެ. "އަހަންނަށް މިކަން ހޭންޑްލް ކުރެވޭނެ... އަހަރެމެން ދެމީހުން އެކަނި ވާހަކަ ދައްކާލަން ވަގުތުކޮޅެއް ދޭންވީނު..."
ކެވިން ބާރުބާރަށް ހިނގާފައި ގޮސް ކޮޓަރިއަށް ވަނެވެ. ޖުއާންގެ އަތަށް ޔޫން ދީފައި ޖިލްވާ ނުކުތީ ބޭރަށެވެ. ފަހަތުން ޒެނިލް ވެސް ނުކުތެވެ. ދެމީހުންގެ ދެމެދުގައި ދެކެވުނު ވާހަކަތަކަށްފަހު، ޖިލްވާ އެތެރެއަށް ވަނެވެ. ޒެނިލް ހުރީ ހުއްޓުން އަރާފަ އެވެ. ޖުއާން ނުކުތް އިރުވެސް، ޒެނިލް އޭނާ ހުރި ތަނުން ގުޑިވެސް ނުލައި ހުއްޓެވެ.
********
ހަފުތާއެއް ވީއިރު، ޖިލްވާ ކެވިންގެ ގެއިން ބޭރަށް ވެސް ނުކުމެނުލަ އެވެ. އޭނަ ގިނައިން އިންނަނީ ކޮޓަރީގަ އެވެ. ބޭރަށް ނުކުންނަނީ، ކެއުމުގެ ވަގުތު ޖެހިގެން ކެވިން އައިސް ގޮވުމުންނެވެ. އޮފީހުން ޗުއްޓީއެއް ނަގައިގެން، އެ ހަފުތާ ކެވިން ވެސް ހޭދަކުރީ ގޭގަ އެވެ.
ކެވިންގެ ގޭގައި ހޭދަވި ދުވަސްތަކުގައި ޖިލްވާ ވަރަށް ރަނގަޅަށް ކެވިން ކުރާ ކަންތައް ބެލި އެވެ. ކޮޓަރީގެ ތަޅުވަޅުން ގޭގެ ބޮޑު ބައެއް ރީތިކޮށް ފެނެ އެވެ. ކެވިން ތަޅުދަނޑިތައް ބަހައްޓާ ތަންތަނާއި، ނުވަންނަން ބުނި ކޮޓަރިއަށް ވަދެ ހޭދަކުރާ ވަގުތުތައް ޖިލްވާ ހޯދި އެވެ. އޭނަ އިންތިޒާރު ކުރަމުން ދިޔައީ، ކެވިން ޑިއުޓީއަށް ނުކުންނާނެ ދުވަހަކަށެވެ.
"ޖިލް ކީއްވެތަ ކޮޓަރިން ނުނުކުންނަނީ؟... ކަމަކާ ހިތްހަމަނުޖެހިފަތަ؟..." ރޭގަނޑުގެ ކެއުމަށް އިންސާފު ކުރަން އިނދެފައި ކެވިން ސުވާލު ކުރި އެވެ.
"ނޫން... އެއީ ކުޑަކޮށް ބަލިކޮށް އުޅޭތީ..." ޖިލްވާ ދޮގު ހެދި އެވެ.
"ބަލިވީއޭ؟... ކިހިނެއްވީ؟... މާދަމާ ހިނގާ ޑޮކްޓަރަށް ދައްކަން..." ކެވިން ހާސްވެފައި ވާހަކަ ދެއްކި އެވެ.
"ނޫން... އެކަހަލަ ބައްޔެއް ނޫނޭ... ރެސްޓްކޮށްލީމަ އޯކޭވާނެ..." ޖިލްވާ އަވަސް އަވަހަށް ބުންޏެވެ.
"އެންމެ ރަނގަޅު..." ކެވިން ހީލި އެވެ. "މާދަމާ މިއުޅެނީ އޮފީހަށް ނުކުންނަން... ޖިލްއަށް އެއްވެސް ކަމެއް ދަތިވަންޏާ، ގުޅާލާ އިނގޭ..."
ޖިލްވާ އަވަސް އަވަހަށް ބޯ ޖަހައިލި އެވެ. އޭނަގެ ހިތަށް ހަމަޖެހުމެއް ލިބުނީ ކުރަން އުޅޭ ކަންތައް ކާމިޔާބުވާން އުޅޭކަމުގެ ސިގުނަލް ލިބުމުންނެވެ.
"މިއޮތީ އަހަރެންގެ ކޭޝް ކާޑު..." ކެވިން އޭނާގެ ކޭޝް ކާޑު ނަގައި މޭޒުމަތީގައި ބާއްވައިލި އެވެ. "މިތާ ކައިރީ އިންނާނެ ޝޮޕިން މޯލް އެއްވެސް... ބޭނުންވާ ހުރިހާ އެއްޗެއް އެތަނުން ލިބޭނެ..."
********
އެރޭ ޖިލްވާއަކަށް ނުނިދުނެވެ. އެނދުގައި ދެކޮޅަށް ފުރޮޅި ފުރޮޅި އޮވެފައި ފަތިސްވުމުން ތެދުވިއެވެ. ޖިލްވާ އިންތިޒާރު ކުރަމުން ދިޔައީ ކެވިން އޭނާގެ ކޮޓަރިން ނުކުންނާނެ ވަގުތުތަކަށެވެ. ދޮރުގެ ތަޅުވަޅުން ކުރިމަތީގައި ހުރި ކެވިންގެ ކޮޓަރިއަށް ބަލަން ޖިލްވާ އިނެވެ.
ކެވިން ނުކުތީ ހައެއް ޖަހަން އުޅެނިކޮށެވެ. ރަސްމީ ޔުނީފޯމުގައި ހުރިއިރު، އަތުގައި ކުޑަ ދަބަހެއް އޮތެވެ. ކެވިން ނުކުމެ، ފުރަތަމަވެސް ބަލައިލީ ޖިލްވާގެ ކޮޓަރި އާއި ދިމާއަށެވެ. އޭގައި ފަހުގައި މަޑުމަޑުން ހިނގާލާފައި ގޮސް، ތަޅުލާފައި ހުރި ކޮޓަރީގެ ދޮރުމަތީގައި ހުއްޓުނެވެ. ދޮރުގެ އެއް އަރިމަތިން ފާރުގައި ހަރުކޮށްފައިވާ ފޮޓޯ ފްރޭމް ނެގި އެވެ. އޭގެ ފަހަތުގައި ހަރުކޮށްފައިވާ ތަޅުދަނޑި ނަގައި، ކޮޓަރީގެ ދޮރު ހުޅުވައިލި އެވެ. ގަޑިއެއް ހާއިރު، ކެވިން އެ ކޮޓަރީގައި ހޭދަކުރި އެވެ.
ކެވިން ކޮޓަރިން ނުކުމެ ތަޅުދަނޑި އިހު އިން ތަނަށް ލިއެވެ. އޭގެ ފަހުގައި އައިސް، ޖިލްވާގެ ކޮޓަރި ދޮރުމަތީގައި ހުއްޓުނެވެ. ޖިލްވާ އަވަސް އަވަހަށް ދޮރު ކައިރިން ދުރަށް ދިޔަ އެވެ. ޖިލްވާގެ ކޮޓަރި ދޮރުގައި ޓަކި ޖަހައިލަން އުޅެފައިވެސް ކެވިން އަތް ތިރިކޮށްލި އެވެ. އެގަޑީގައި ގޮވައި އުނދަގޫ ކުރަން ބޭނުމެއް ނުވިއެވެ. ކާއެއްޗެހި ހުންނާނޭ ތަންތަން ލިޔެ، ޖިލްވާގެ ފޯނަށް މެސެޖެއް ފޮނުވައިލި އެވެ.
ކެވިން ދިޔުމުން، ޖިލްވާ މަޑުމަޑުން ކޮޓަރިން ނުކުތެވެ. ކުޑަދޮރު ކައިރިއަށް ގޮސް ކެވިން ކޮބައިތޯ ބަލައިލި އެވެ. ކެވިން އޭނާގެ ކާރު ގަރާޖުން ނެރެގެން ބޭރަށް ނުކުތްތަން ފެނުމުން ޖިލްވާއަށް ލިބުނީ ހަމަޖެހުމެކެވެ. އެ ހުރިހާއިރު ހިފަހައްޓައިގެން އިން ނޭވާ ދޫކޮށްލި އެވެ.
ޖިލްވާ މަޑުމަޑުން ހިނގާލާފައި ގޮސް ގޮތްނޭނގޭ ކޮޓަރީގެ ދޮރުމަތީގައި ހުއްޓުނެވެ. ތަޅުގައި ހިފާލި އިރު ހުރީ ތަޅުލާފަ އެވެ. ތުރުތުރު އަޅަމުންދިޔަ އަތަކުން ޖިލްވާ ފޮޓޯ ފްރޭމް ނެގި އެވެ. އޭގެ ފަހަތުގައި ކަނޑާ ނަގައިގެން ހަދާފައިވާ ޖާގައިގައި ތަޅުދަނޑި އެއް އިނެވެ. ޖިލްވާގެ ހިތް އަވަސްވެލައިގެން ދިޔަ އެވެ. އަވަސް އަވަހަށް ތަޅުދަނޑި ނަގައި، ތަޅުވަޅަށް ކޮއްޕައިލި އެވެ.
*********
ގެއާއި މާ ދުރަށް ނުދެވެނީސް، ކެވިންގެ ފޯނު ރިންގްވާން ފެށި އެވެ. އިސްކްރީނަށް އަރާފައި އޮތީ، ކެވިންގެ ވެރިމީހާގެ ނަމެވެ.
"ޔެސް ސަރ!..." ފޯނު ނެގި ގޮތަށް ކެވިން ބުންޏެވެ.
"މައްސަލަ ވަރަށް ސީރިއަސްވެގެން މިއުޅެނީ... ހަނދާންކޮށް މިއަދު އަންނައިރު ޑީޓެއިލްތައް ހުރި ފައިލު ގެންނާތި..." ފޯނުގެ އަނެއްކޮޅުން ބުނި ވާހަކަ އަކުން ކެވިންއަށް ޖެހުނީ ކާރު ހުއްޓާށެވެ.
"އޯކޭ ސަރ..." ކެވިން ފޯނު ކަނޑައިލި އެވެ. އެއަށްފަހު ގެއަށް ދިޔުމަށް ކާރު އަނބުރައިލި އެވެ.
(ނުނިމޭ)