މަންޒިލާއި ހިސާބަށް ދެވުނު ޖިލްވާ ހުރީ ވަރުބަލިވެގެން މާނޭވާ ލެވޭވަރު ވެފައެވެ. ޕިއްޒާތައް ގެންދަންޖެހުނީ، ބައްދަލުވުން ބާއްވާ ހޯލަށެވެ. ހަލުވި ފިޔަވަޅުތަކެއްގައި ޖިލްވާ ގޮސް، ހޯލަށް ވަންއިރު، އެތަނުގައި އެތައް ބަޔަކު ތިއްބެވެ. އެ އެންމެންގެ ނަޒަރު ކަހަލަ ގޮތަކަށް އޭނައަށް ހުއްޓުނެވެ.
ޕްރޮޖެކްޓަރު ކައިރީ ކޮޅަށް ހުރި މީހަކު ފެނިފައި ޖިލްވާގެ ދެފައި ހީވީ ބިމުގައި ތަތްލީ ހެންނެވެ. ހިތް ނެގިނެގިފައި ޖެހެން ފެށިއެވެ. އެ ފިނި ދުވަހުގައި ވެސް ނިތްކުރިމަތީން ދާ ހިއްލައިލިއެވެ.
*******
"ޒެނިލް!..." ހިތާއިހިތުން އެ ނަން ކިޔައިލެވުމާއިއެކު، ޖިލްވާއަށް ދެލޯ މަރާލެވުނެވެ.
މާޒީގެ ހަނދާންތައް އައިސް ކުރިމަތީގައި ސިފަވެގެން ދިޔަހެން ޖިލްވާއަށް ހީވިއެވެ. އެތައް ދުވަހަކަށްފަހު ޒެނިލް ފެނުމުން ވެސް ހިތުގެ އިހުސާސްތައް ބަދަލެއް ނުވިއެވެ. އެ އިހުސާސްތަކުގެ މައްޗަށް ބާރު ފޯރުވަން ވެސް ޖިލްވާ ނުކުޅެދުނެވެ. ތަޤުދީރުގައި އެދެމީހުން އަލުން ބައްދަލުވުމަށް ލިޔެވިފައި ވަނީ ހެއްޔެވެ؟
ޒެނިލްގެ ނަޒަރު ޖިލްވާއަށް ހުއްޓުނު ގޮތަށް، ހަރަކާތްތައްވެސް ހުއްޓިއްޖެއެވެ. ޕްރޮޖެކްޓަރުން އެއްޗެއް ދެއްކުމަށް އަތް އުފުލައިލި ގޮތަށް، ތިރިކޮށްލަން ވެސް ނޭނގިފައި ހުއްޓެވެ. ކުރިމަތީގައި އެ ހުރީ ހަމަ ޖިލްވާ ހެއްޔެވެ؟ އެއީ އޭނަގެ ހިތުގެ ހަމަޖެހުން ނަގާލާފައި، ފިލައިގެން ދިޔަ އަންހެން ކުއްޖާ އެވެ. އެތައް ދުވަހެއް ފަހުން ފެނުނު އިރުވެސް، އެ އަންހެން ކުއްޖާގެ ރީތިކަމަށް ބަދަލެއް ނާދެއެވެ. އޭރެކޭ އެއްގޮތަށް އެ ހަށިގަނޑު ލޫޅާފަތިވެފައި، ޒުވާނެވެ.
"ޖިލް...ވާ..." ޒެނިލްގެ ހިތުގެ ވިންދު އަވަސްވެލިއެވެ.
އަމިއްލަ ނަފުސަށް އިވޭ ވަރަށް، ވައި އަޑުން ޖިލްވާ ނަން ކިޔައިލެވުމާއިއެކު، ޒެނިލްގެ ހިތުގައި އެތައް ޝަކުވާއެއް އުފެދުނެވެ. އެހުރިހާ ދުވަހު އޭނަ އާއި ދުރުގައި ޖިލްވާއަށް ކެތް ކުރެވުނީ ކިހިނެއް ހެއްޔެވެ؟
"އެކްސްކިއުޒް މީ!..." އަންހެނަކު ކޮޅަށް ތެދުވެފައި ޖިލްވާއަށް ގޮވައިލިއެވެ.
ޖިލްވާ ބަލައިލުމުން، ދޮރު ކައިރީގައި ހުރި މޭޒުމަތީގައި ޕިއްޒާތައް ބެހެއްޓުމަށް އެދުނެވެ. ގަބުވެފައި ހުރި ޖިލްވާ، ލިބުނު ފުރުސަތުގެ ބޭނުން ހިފައި، އަވަހަށް ޒެނިލްއަށް ފުރަގަސް ދިނެވެ. ހަލުވި ފިޔަވަޅުތަކެއްގައި ގޮސް މޭޒުމަތީގައި ޕިއްޒާތައް އަތުރަން ފެށިއެވެ.
ޖިލްވާ ދޮރުން ނުކުންނަން ފެށުމުން، ފަހަތުން ޒެނިލް ވެސް ހިނގައިގަތެވެ. ދެމީހުންގެ ހަރަކާތްތަކަށް ބަލަން އާރާ އިނީ ފެންކަޅިވެފައެވެ. އެއާއި އެއްވަރަށް އޭނަގެ ހިތުގައިވެސް ރިއްސާލައިފިއެވެ. ޒެނިލް ހާސިލުކުރުމަށް ފެށި ދަތުރު ނިންމައިލަން ޖެހިދާނެ ކަމުގެ ރަތް ސިގުނަލް ލިބުމުންނެވެ. ހިތުގައި އުފެދުނީ ބިރުވެރި ކަމެކެވެ. އާރާގެ ކެތްތެރިކަން ކޮޅުންލިއެވެ. ކުއްލިއަކަށް ގޮނޑިން ތެދުވިއެވެ.
ޒެނިލް އެހާ އަވަހަށް ނުކުތްއިރު، ޖިލްވާ ފެންނާކަށް ނެތެވެ. ލިފްޓް ކައިރިއަށް ގޮސްފައިވެސް، އޭނަ ޖިލްވާ ހޯދިއެވެ. ޒެނިލްއަށް ޖިލްވާ ފެނުނީ، ބެލްކަނިން ބޭރު ބަލައިލި ވަގުތު ސައިކަލަށް އަރަނިކޮށެވެ.
"އަދިވެސް ހަމަ އެހާ ބޯ ހަރީތަ؟..." ޒެނިލް އޭނާގެ ދެލޯ މަރައިލިއެވެ. "އަހަރެން މީ އެއްވެސް މީހަކަށް ނުވިތަ؟... ކީއްވެ؟..."
ކުޑައިރުކޮޅަކު ވިސްނަން ހުރެފައި ޒެނިލް ކުއްލިއަކަށް ބައްދަލުވުން ބާއްވާ ހޯލަށް ވަނެވެ. ޕިއްޒާގެ ފޮށިތައް ނަގައިގެން އޭގައި ޖިލްވާގެ ރެސްޓޯރެންޓާއި ބެހޭ އެއްވެސް މައުލޫމާތެއް އޮތްތޯ ބަލަން ފެށި އެވެ. ފޮށިތަކުގައި އެއްވެސް އެއްޗެއް ލިޔެފައެއް ނުވެއެވެ. އަނެއްކޮޅުން ޖިލްވާ ދިޔައީ، ބިލުވެސް ނުދީއެވެ.
"ޕިއްޒާއަށް އޯޑަރު ދިނީ ކާކު؟..." ޒެނިލްގެ އަޑަށް އެންމެންގެ ސަމާލުކަން އޭނައަށް ހުއްޓިއްޖެއެވެ.
"އަ..އަޅު...ގަނޑު..." މުވައްޒަފަކު ވަރަށް ޖެހިލުންވެ ހުރެފައި ބުންޏެވެ.
"އަހަންނަށް އެތަނުގެ ނަމާ ނަންބަރު..." ޒެނިލްގެ ޖުމްލަ އެހިސާބަށް ދިޔަ ތަނައި އާރާ ގޮސް، އެ އަތުގައި ހިފައިގެން ބައްދަލުވުން ބާއްވާ ހޯލުން ބޭރަށް ނުކުތެވެ.
"އައިސްބަލަ..." ލިފްޓާއި ދިމާއަށް ހިނގައިގަންނަމުން އާރާ ބުންޏެވެ.
"އާރާ!... ކިހިނެއްތަ ވީ؟..." ވަށައިގެން ނަޒަރު ހިންގައިލަމުން އާރާގެ އަތުގެ ތެރެއިން ޒެނިލް އޭނާގެ އަތް ދަމައިގަތެވެ.
ލިފްޓްގެ ދޮރު ހުޅުވުމުން، އާރާގެ ފަަހަތުން ޒެނިލްވެސް ލިފްޓަށް ވަނެވެ. ދެމީހުންގެ ދެދުގައި އެކަށީގެންވާ ދުރުމިނެއް ހުއްޓެވެ. އާރާ އެއްޗެއް ނުބުނެ ފުރަގަސްދީގެން ހުރިއިރު، ލިފްޓްގައި ހަރުކޮށްފައިވާ ބިއްލޫރިގަނޑުން އާރާގެ މޫނަށް ބަލަން ޒެނިލް ހުއްޓެވެ. ނުތަނަވަސްކަން ފެންނަމުންދިޔަ އެމޫނުން ބުނެދެނީ ކީކޭ ކަމެއް ޒެނިލްއަކަށް ނޭނގުނެވެ. އޭނައަށް އެނގުނު ކަމަކީ، އެ ނުތަނަވަސްކަމާއި ޖިލްވާ އާއި ގުޅުމެއް ވާނޭ ކަމެވެ.
ލިފްޓްގެ ދޮރު ހުޅުވުމާއިއެކު އާރާ ހަލުވި ފިޔަވަޅުތަކެއްގައި ނުކުތެވެ. އޭނަ ގޮސް ހުއްޓިލީ، ޒެނިލްގެ ކޮޓަރި ދޮރުމަތީގައެވެ. އިތުރު ގޮތެއް ނެތުމުން ޒެނިލް އޭނާގެ ކޮޓަރި ދޮރު ހުޅުވައިލާފައި އެތެރެއަށް ވަންނަން އުޅުނެވެ.
"އަދިވެސް އޭނަ ދެކެ ލައިކްވޭތަ؟..." ޒެނިލްއަށް ރަނގަޅަށް ކޮޓަރި ތެރެއަށް ނުވަދެވެނީސް، އާރާ ސުވާލު ކުރިއެވެ. ހިތްދަތިކަން އެކުލެވޭ އެ ރާގުން އެކަނިވެސް އާރާގެ ހިތުގެ ހާލު ޒެނިލްއަށް އެނގިއްޖެއެވެ.
ޒެނިލް އެއްޗެއް ނުބުންޏެވެ. ލުއި ހިނިގަނޑަކުން ފުއްދައިލީއެވެ.
"ކީއްވެ؟... އޭނަ ޒެލްއަށް ހެދިގޮތް އެހާ އަވަހަށް ހަނދާން ނެތުނީތަ؟... ޒެލް އުޅުނު ހާލު އެންމެ ރަނގަޅަށް ފެނުނު މީހަކީ އަހަންނޭ..." އާރާ އޭނާގެ މޭގައި އަތް ޖައްސައިލިއެވެ. "ޒެލް ތިހުރީ މޮޔަވެފަތަ؟..."
"އާރާ!..." ޒެނިލް ގޮވައިލީ ވިސްނައިދޭ ކަހަލަ ރާގަކަށެވެ. "އަނެއްކާ އެވާހަކަ ފެށީ؟... ކިތައް ފަހަރު އަހަރެން ބުނާނީ، މިކަމާ އެއްޗެއް ނުބުނާށޭ... ބޭބީއެއް ހެން އެކްޓް ނުކޮށްބަލަ..."
ޒެނިލްގެ އަޑުގައި ނުރުހުމުގެ އެއްވެސް އަސަރެއް ނެތް ނަމަވެސް، ފަހު ޖުމްލަތަކުން އާރާ މާ ބޮޑަށް ހިތުގައި ޖެހޭގޮތް ވިއެވެ.
"ވަކި ވަރަކަށޭ ކެތް ކުރެވޭނީ..." އާރާގެ އަޑު ކުރެހުނެވެ. "އޭނަގެ ކޮން ސިފައެއް ހުރެގެންތަ ޒެނިލް އޭނަދެކެ ތިހާ ވަރަށް ލައިކް ވަނީ؟... އަހަރެންވެސް މީ އަންހެނެކޭ... ޒެނިލްއަށް އަހަރެން ނުފެންނަނީތަ؟..."
"އާރާ!..." ޒެނިލް ގޮވައިލީ ކުޑަ ކުއްޖަކަށް ގޮވާލާނެހައި ލޯބިންނެވެ. "އަހަރެން ކިތައް ފަހަރު ބުނާނީ، އަހަންނަށް އާރާ ތީ ކޮއްކޮއެއް ކަހަލަ ކުއްޖެެކޭ..."
އާރާ ކުއްލިއަކަށް ކޮޓަރިން ނުކުމެގެން ދިޔައެވެ. އެ ޖުމްލަ އަޑު އަހާ އަހައި އޭނަ ވަރުބަލި ވެއްޖެއެވެ.
*********
ފަހަތުން ކާރެއް އަންނަކަމެއް ޖިލްވާއަކަށް ނޭނގުނެވެ. ހިތް އަވަސްވަމުންދިޔަ ވަރަކަށް ޖިލްވާގެ ސައިކަލުގެ އިސްޕީޑު ވެސް ދިޔައީ ބާރުވަމުންނެވެ. އެހާ ދުވަހު ފިލައިގެން އުޅެފައި ކުއްލިއަކަށް ޒެނިލްގެ ކުރިމައްޗަށް އެރުނީތީ، އަމިއްލަ ނަފުސަށް އަޑުލެވުނެވެ. ޖިލްވާ އެންމެ ދެރަވީ މަސައްކަތު މީހެއްގެ ޔުނީޕޯމުގައި އޭނަ ހުއްޓާ، ޒެނިލްއަށް ފެނުމުންނެވެ. އެއީ އޭނަ ޒެނިލްއަށް ދައްކަން ބޭނުންވި މަންޒަރެއް ނޫނެވެ.
"އޮއްޕާގަނޑު ކީއްކުރަންތަ އެގަޑީ އެތާ ހުރީ؟..." ޖިލްވާ ހިތާއިހިތުން ޝަކުވާ ކުރަމުން ދިޔައެވެ.
ރެސްޓޯރެންޓާއި ހަމައަށް އާދެވުމުން، ސައިކަލު ރަނގަޅަށް ޕާކުވެސް ނުކޮށް ޖިލްވާ އެއިން ފޭބިއެވެ. ދުވެފައި އެތެރެއަށް ވަދެގެން ދިޔަގޮތުން، ރިފްއާން ވެސް ހާސްވެގެން ފަހަތުން ދިޔައެވެ.
"ކިހިނެއްވީ؟..." ކޮޓަރީގައި ދެކޮޅަށް ހިނގަހިނގައި ހުރި ޖިލްވާ ފެނުމުން، ރިފްއާނު އަހައިލިއެވެ. "ރަންނަމާރި އެރީތަ؟... ކުއްލިއަކަށް ޑިއުޓީގަ ހުރެފަ ޖިލް އަންނާނީ ބޮޑުކަމެއް ވީމަ ކަން ޔަޤީން..."
"ރިޕްސް!..." ޖިލްވާ ހުރީ ގައިގެ ވަރު އެލިފައެވެ. "މިއޮއް ބޮޑު ސިޓީންވެސް ހަމަ އޭނަ..."
"ކާކު؟..." ރިފްއާން ސުވާލު ކުރިއިރު، އެމޫނުން ފެނުނީ ހައިރާން ކަމެވެ.
"އަޅާނުލާ!..." އެއްޗެއް ބުނަން އުޅެފައިވެސް، ޖިލްވާގެ ޚިޔާލު ބަދަލުވިއެވެ.
"ކޮބާ އޯޑަރުގެ ފައިސާ؟..." ރިފްއާން ހުރީ، އަތް ދިއްކޮށްލައިގެންނެވެ. "ދޫކޮށްލެވޭ ވަރަށްވުރެ ބޮޑު އަދަދެއް..."
"އޯހް ނޯ..."
ޒެނިލް ފެނިގެން ޖިލްވާއަށް އާދެވުނީ ބިލުގެ ފައިސާ ވެސް ނުނަގައި ކަން އެނގުމުން ޖިލްވާއަށް ބޮލުގައި ޖަހައިލެވުނެވެ. އަމިއްލަ ވޮލެޓު ހުޅުވައިލީއިރު، އޭގައިވެސް އެ އަދަދަށް ފައިސާއެއް ނެތެވެ. ބިލަށް އަރާފައި އޮތީ، ޖިލްވާ ކަހަލަ އާދައިގެ މީހަކަށް ކުޑަ އަދަދެއް ނޫނެވެ. އެއަށްވުރެ ބޮޑަށް އޮފީސް ގަޑި ޖެހުމުން ޖިލްވާ ހުރީ ކަންބޮޑު ވެފައެވެ.
"ޖިލްއަށް ކިހިނެއްވެފަ ހުރި ދުވަހެއްތަ؟..." ޖިިލްވާގެ މޫނުމަތީގައި އަތުން ހަރަކާތް ކޮށްލަމުން ރިފްއާނު ބުންޏެވެ.
ޖިލްވާ ދުވެފައި ގެއިން ނުކުތެވެ. އެހާ އަވަހަށް ދާން ބޭނުންވެފައި ހުރި އިރުވެސް، ނިދިފައި އޮތް ޔޫންގެ ކޮލުގައި ބޮސްދީފައި ނޫނީ ނުކުންނާކަށް ޖިލްވާ ބޭނުމެއް ނުވިއެވެ. ޖިލްވާ ނުކުތް ވަގުތަކީ، ރެސްޓޯރެންޓްގެ ކުރިމައްޗަށް ކާރެއް މަޑުކޮށްލި ވަގުތެވެ. އެއިން ފޭބީ ސިފައިންގެ ޔުނީފޯމުގައި ހުރި ޒުވާނެކެވެ.
"ގަޑި ޖެހުނީތަ؟..." ޖިލްވާ ފެނުމުން، ޒުވާނާ ސުވާލު ކުރިއެވެ. "އަރާ!... އަހަރެން ލައިދޭނަން..."
"ތޭންކްސް..." ޖިލްވާ ޝުކުރު އަދާކުރަމުން ކާރަށް އަރައި ޝީޓްބެލްޓް އަޅުވައިލިއެވެ. "ކެންގެ ޑިއުޓީ ނިމުނީތަ؟..."
ކެވިން ބޯ ޖަހައިލިއެވެ. ޖިލްވާއަށް ބަަލަން އިރުކޮޅަކު އިނުމަށްފަހު، ކާރު އިސްޓާޓު ކުރިއެވެ. މަންޒިލާއި ހަމައަށް ދެވުމާއިއެކު ޖިލްވާ ކާރުން ފޭބިއެވެ. ކެވިން ވެސް ފޭބިއެވެ. އޭނަ ހުރީ ޖިލްވާގެ ކައިރީގައި ވާހަކައެއް ބުނަން ބޭނުންވެފައެވެ.
"ޖިލް!..." އޮފީހަށް ވަންނަންދިޔަ، ޖިލްވާއަށް ކެވިން ގޮވައިލިއެވެ. "މިރޭ ފަހަރެއްގަ ގެއަށް ނުދެވިދާނެ... އޮފީސްކަމަކު، ތަންކޮޅެއް ދުރަށް ގޮސްލަންޖެހޭތީ... އެންމެ ރަނގަޅުތަ؟..."
ޖިލްވާ ހިނިތުންވެލިއެވެ. ބޯޖަހައިލުމާއިއެކު، ކެވިން ގޮސް ޖިލްވާގެ ގައިގައި ބައްދައިލިއެވެ.
ކެވިން ދިޔުމުން، ބޮނދަމުން ކަހަލަ ގޮތަކަށް އޮފީހަށް ވަން ޖިލްވާ ފާޚާނާ ބަރި ސާފުކުރަން ފެށިއެވެ. އޭނަގެ ކަންކަން ބަލަން ހުންނަ ވެރިޔާއަށް ފެނުމުގެ ކުރިން ވީހާވެސް ގިނަ ތަނެއް ސާފު ކުރަން ޖިލްވާ ބޭނުންވިއެވެ. ޖިލްވާއަށް ނޭނގުނެއް ކަމަކު، ކެވިން އާއިއެކު ކާރުގައި އައީއްސުރެ، ޒެނިލް ހުރީ ޖިލްވާގެ ކޮންމެ ހަރަކާތެއް ބަލާށެވެ.
ކުށްވެރިވެގެން ޖިލްވާ ގެންދެވުނީ އޮފީސް ބަޔަށެވެ. ތަނުގެ ވެރިއަކީ ޒެނިލްކަމެއް ޖިލްވާއަށް ކުޑަކޮށްވެސް ނޭނގެއެވެ. އޭގެ ކުރިން އޭނަ ދުވަހަކުވެސް، އޮފީހުގެ އިތުރު ފަންގިފިލާތަކަށް ގޮސްފައި ނުވެއެވެ.
"އަހަރެން ބޭނުން ވަނީ ޖިލްވާ އާއި އެކަނި ބައްދަލުކޮށްލަން... އެންމެން ބޭރުގަ މަޑުކޮށްލާ..." ކުއްލިއަކަށް ޒެނިލްގެ އަޑު އިވުމުން، ޖިލްވާ ސިހުނެވެ.
ޒެނިލް ފެނުމުން، ޖިލްވާ ހާސްވިއެވެ. އޭނަ އުޅުނީ އެތަނުން ނުކުންނާށެވެ. ޒެނިލް ކުއްލިއަކަށް ދޮރުގައި އަތްއެޅިއެވެ. ޖިލްވާގެ ދެއަތުގައި ހިފައި، މައްޗަށް ނެގުމަށްފަހު، ދޮރުގައި ޖައްސައި ބާރުކޮށްލިއެވެ.
"ކީއްވެ އަހަންނަށް ފިލައިގެން ތިއުޅެނީ؟... އަހަރެން މީ، ޖިންނިއެއްތަ؟... ޖިލްވާ އެހާ ބިރުގަންނަންޖެހޭ ވަރުގެ ކޮން ކަމެއްތަ އަހަންނަށް ކުރެވުނީ؟..." ޒެނިލް ސުވާލު ކުރީ ހަރުކަށި ރާގަކަށް ނަމަވެސް، އެ އަޑުގައި އެތައް ރިހުމެއްގެ އަސަރު ވިއެވެ.
ޖިލްވާއަށް ކުރެވުނު ހާވެސް ކަމަކީ ބޯ ހޫރައިލުމެވެ.
"އެންމެ ރީޒަންއެއް ބުނެދީ!..." ޒެނިލް ކުއްލިއަކަށް ޖިިލްވާ އާއި ގާތަށް ޖެހިލިއެވެ.
ދެފަރާތަށް ބޯ ހޫރާލަ ހޫރާލާ ޖިލްވާއަށް ހުރެވުނީއެވެ. ޒެނިލް އުޅޭ ގޮތަކުން އޭނަގެ ހިތް ހުއްޓޭވަރު ވެއެވެ. ރަނގަޅަށް ނޭވާވެސް ނުލެވުނެވެ. ކަރުތެރޭގައި ވެސް ހީވީ އެއްޗެއް ތާށިވެފައި އިން ހެންނެވެ.
"އަހަރެންގެ ކިސް ކަމުނުދަނީތަ؟..." ޒެނިލް ކުއްލިއަކަށް ކުރި ސުވާލަކުން، ޖިލްވާ ސިހުނެވެ. "އައި ކެން ޑޫ ބެޓަރ..."
ޒެނިލް ކުއްލިއަކަށް ޖިލްވާގެ މޫނާއި ދިމާއަށް ގުދުވެލިއެވެ. ނުރައްކާތެރި އިންޒާރެއް ދިން ކަހަލައެވެ. ޖިލްވާ މޫނު އަނބުރައިލަން އުޅުމުން، ގޮށްމުށުން ދޮރުގައި ޖެހިއެވެ.
"ޒެލް!..." ޝަކުވާގެ ރާގަކަށް ޖިލްވާއަށް ގޮވައިލެވުނެވެ.
ޖިލްވާ ނުވިސްނާ ހުއްޓައި، ޒެނިލް ކުރި ކަމަކުން، މުޅި ހަށިގަނޑު ގަނޑުވިއެވެ. ހިނދުކޮޅަކަށް ނަމަވެސް، ހަދަންވީ ގޮތެއް ނޭނގިފައި ހުރެވުނެވެ. އަމިއްލަ އިހުސާސްތަކުގެ މައްޗަށް ބާރު ފޯރުވެން ފެށުމާއިއެކު، ޖިލްވާއަށް ޒެނިލްގެ މޭގައި އަތް އަޅައި ދުރަށް ކޮއްޕައިލެވުނެވެ. ދެއަތުން ތުންފަތާއި މުޅި މޫނު ފޮހެމުން، އަވަސް އަވަހަށް އެ ކެބިންއިން ނުކުންނަން އުޅުނެވެ.
"އަހަންނަށްވުރެ އޭނަ މޮޅީތަ؟..." ޒެނިލްގެ އަޑު އިވުމުން، ޖިލްވާގެ ފިޔަވަޅުތައް ހުއްޓިއްޖެއެވެ.
(ނުނިމޭ)