"ކީކޭ ތި ކިޔަނީ؟..." ޒެނިލް ޖިލްވާގެ ދެކޮނޑުގައި ހިފައި ތަޅުވައިގަތެވެ. "އަހަންނަށް އެކައްޗެއްވެސް ނުވިސްނޭ..."

"ޒެލްގެ ކުރިމަތީ ޔޫން އެހުރީ، އެހެން މީހެއްގެ އިހުސާންތެރިކަމުގެ ސަބަބުން... އެކަމުގެ ބަދަލު އަހަރެން ދޭންޖެހޭނެ... އެއީ އަހަރެން އެއްބަސްވި ގޮތް..." ޖިލްވާގެ އަޑުގައި އެތައްހާސް ރިހުމެއްގެ އަސަރު ވިއެވެ.

********

"ޔޫން!..." ޒެނިލްގެ ހިތް ތެޅިގަތެވެ.

ކުއްލިއަކަށް ޒެނިލްގެ ހަނދާނަށް އައީ، ޔޫން ފެންވެރުވިއިރު، މޭމަތިން ފެނުނު ބޮޑު ލަކުނުގެ މަތިންނެވެ.

"އުފަންވީއިރުވެސް ޔޫން އަކީ ބަލި ކުއްޖެއް... ވަރަށް ވަރަށް ބަލި ކުއްޖެއް... ޔޫންގެ ހާޓް ރަނގަޅަށް މަސައްކަތެއް ނުކުރޭ... އަހަރެން ހުރީ އެއްކޮށް އުއްމީދު ގެއްލިފަ... ޔޫންއަށް ފަރުވާ ކުރަން މީހަކު އަތުން ބައިވަރު ފައިސާވެސް ނަގަންޖެހުނު... ކެވިން އާ ދިމާވި ނުވިނަމަ ޔޫންގެ ފުރާނަ ސަލާމަތް ކުރެވޭނެ ކަމެއްވެސް ނޭނގެ... ކޮންމެ ގޮތަކުންވެސް އަހަރެން ބޭނުންވީ ޔޫންގެ ފުރާނަ ސަލާމަތް ކުރަން... އެހެންވެ، ކެވިންގެ ހުރިހާ ހުށަހެޅުމަކަށް އަހަރެން އެއްބަސްވީ..." ޖިލްވާ ވާހަކަ ދެއްކީ އެތައް ހިއްވަރަކުންނެވެ.

އެއްޗެއް ނުބުނެ ހުއްޓުން އަރާފައި ޒެނިލް ހުއްޓެވެ. ޒެނިލްގެ ވިސްނުން ހުރިގޮތެއް ނޭނގޭތީ، ޖިލްވާ ވެސް ހުރީ ބުނާނެ އެއްޗެއް ނޭނގިފަ އެވެ. ޒެނިލް މަޑުމަޑުން ހިނގާލާފައި ގޮސް ރެއިލިންގައި އަތް އަޅުވައިލި އެވެ. އެ ނަޒަރު ހުއްޓިފައިވީ ކަޅުވަމުންދިޔަ އުދަރެހަށެވެ. ވިއްސާރައިގެ ކުލަވަރު ދައްކާލާފައިވާ އުދަރެސް ވެސް ޒެނިލްގެ ހިތާމައިގައި ބައިވެރިވަމުންދިޔަ ކަހަލަ އެވެ.

ޒެނިލްގެ ހިތް ތޮރުފަމުން ދިޔަ އެވެ. ބައްޕައަކަށްވެހުރެ، އޭނަގެ ދަރިފުޅު ބައްޕައެއްގެ ލޯބި އެންމެ ބޭނުންވި ދުވަހު، އެއްވެސް އެހީތެރިކަމެއް ނުދެވުނެވެ. ކައިރީގައި ނުހުރެވުނެވެ. އާރާއި، ބާރާއި، ފައިސާއިން އެ ދަރިފުޅަށް ކުޑަވެސް އެހީއެއް ނުވެވުނެވެ. އެ ހުރިހާ ކަމަކާއި، ޒެނިލްގެ ހިތް މުޅީން މާޔޫސް ވިއެވެ. އަމިއްލަ ނަފުސު ކުށްވެރި ކުރެވުނެވެ.

"ޒެލް!... ކީއްވެ އެއްޗެއް ނުބުނީ؟..." ޖިލްވާ ހާސްވެފައި އަހައިލި އެވެ.

"ކީކޭ އަހަރެން ބުނަންވީ؟.... އެއްޗެއް ބުނާނެ ހައްގު އަހަންނަށް އެބަ އޮތްތަ؟..." ފަސްއެނބުރި ބަލައިލުމެއްނެތި ޒެނިލް ބުންޏެވެ. "އަހަންނަށް އަހަރެންގެ އަމިއްލަ ދަރިފުޅަށް އެއްވެސް ކަމެއް ކޮށެއް ނުދެވުނު..."

"ނޫން ތިހެން ނުބުނޭ ޒެލް... ކުށް ކުރީ އަހަރެން... ޒެލްއަށް އެނގުނުނަމަ އެންމެ ކައިރީ ހުންނާނެ ކަން އެނގޭ..." ޖިލްވާ ދެރަވިއެވެ.

"ދެން ކީއްވެ އަހަރެން ކައިރީ ނުބުނީ؟... ކީއްވެ އަހަރެން ހޯދަން ނައީ؟... ކީއްވެ އަހަންނަށް ފިލައިގެން އުޅުނީ؟..." ޒެނިލްގެ ދެލޯ ފެންކަޅި ވިއެވެ. "އަހަންނަށް ޖިލް ކިހާ މުހިއްމު ކަން ޖިލްއަށް ނޭނގުނީ ކީއްވެ؟... އަހަރެން ނޫން ކޮންމެ މީހެއްގެ ކައިރީ، ކަންކަމު އެދެން ޖިލްއަށް ކެރުނު... ދުރުހިލޭ މީހަކަށް އިތުބާރު ކުރިއިރު، އަހަންނަށް އިތުބާުރު ކުރަން ޖިލް ބޭނުން ނުވީ ކީއްވެ؟..."

"ޒެލް!... މާޒީގެ ވާހަކަ ދައްކައިގެން ކަންކަން ވާނީ އިތުރަށް ގޯސް.... ކުރެވޭނެ ކަމެއް ނެތެއްނު... ދެން އޮތީ އިހުސާސްތެރިކަމުގެ ބަދަލު..." ޖިލްވާގެ ޖުމްލަ ފުރިހަމައެއް ނުކުރެވުނެވެ.

ޒެނިލް ކުއްލިއަކަށް ފަސްއެނބުރި ބަލައިލި އެވެ. އެ ދެލޮލުން ފެންނަމުން ދިޔައީ ރިހުމެވެ.

"އިހުސާންތެރިކަމޭ؟..." ޒެނިލް އަހައިލީ މަލާމާތުގެ ރާގަކަށެވެ. "ބަދަލު ހޯދަންޏާ އެއަށްވެސް ކިޔަނީ އިހުސާންތެރިކަންތަ؟... އެއީ އިހުސާންތެރިކަމެއް ނޫން... އެއީ ވިޔަފާރި... ތި ކެވިންގެ މަގުސަދު އަހަންނަކަށް އެއްގޮތަކަށް ވެސް ރަނގަޅެއް ނޫން..."

"ކޮންމެ ގޮތަކުންވެސް އަހަރެމެންގެ ދަރިފުޅު ދުނިޔޭގަ ހުރީތީ މިއަދު ޝުކުރުވެރިވާން ޖެހޭނެއޭ ޒެލް... އަހަރެމެންގެ ދަރިފުޅު ދުނިޔޭގަ ހުރީމަ، އަނެއް މީހާގެ ވޭން އިހުސާސް ނުވެދާނެ... ޒެލް ވިސްނާލަބަލަ... ކެވިން ވެސް އޭނަގެ ދިރިއުޅުމަށް ކިހާ ފޮނި އުއްމީދުތަކެއް ކުރާނެ... ހަމަ ތިހެން އެކުއްޖާދެކެ ލޯބިވާނެ އެއްނު... އެކަމަކު، އޭނަގެ ދަރިފުޅު ދުނިޔެ ދޫކޮށްފަ ދިޔައީ، ބޭބީ ވިހާފަ ވައިފް ވެސް ނިޔާވިތާ މާ ގިނަ ދުވަހެއް ނުވެ... އެންމެން ގެއްލުނީމަ ކިހާ ދެރަވާނެ... ކިހާ އެކަނިވެރިވާނެ... ވެދާނެ އޭރު ކެވިން އެހާ ބޮޑަށް ދެރަވެފަ ހުރީމަ ކަމަށް އެކަހަލަ އެއްބަސްވުމެއް އެ ހެދީ... އެހެންނޫނަސް، އަމިއްލަ ދަރިފުޅުގެ ގުނަވަނެއް އެހެން މީހެއްގެ ދަރިއަކަށް ދިނުމަކީ ވެސް ވަކި ފަސޭހަ ކަމަކަށް ނުވާނެ..." ޒެނިލްއަށް ވިސްނައިދޭން ޖިލްވާ މަސައްކަތް ކުރިއެވެ.

"ކެވިން... ކެވިން... ކެވިން..." ޒެނިލް ރުޅި އައިސްގެން ރެއިލިންގައި ހިފައި ބާރުކޮށްލި އެވެ. "ޖިލްއަށް އަހަރެންގެ އިހުސާސްތައް ނޭނގެނީތަ؟... ނޫނީ ނޭނގޭ ކަމަށް ހަދަނީތަ؟... ހަމައެކަނި މުހިއްމު ވަނީ އެ ކެވިންތަ؟... އޭނަ ބުނެފިއްޔާ، ޖިލް ކޮންމެ ކަމެއްވެސް ކޮށްފާނަން ދޯ؟..."

"ޒެލް!..." ޝަކުވާގެ ރާގެއްގައި ޖިލްވާއަށް ގޮވައިލެވުނެވެ.

ޖިލްވާ ހާސްވެގެން ޒެނިލްގެ އަތުގައި އަތް ޖައްސައިލި އެވެ. ޖިލްވާގެ އަތް ފޮޅުވައިލާފައި، ޒެނިލް ގޮސް ކޮޓަރިއަށް ވަނެވެ. ޖިލްވާ ކޮޓަރިއަށް ވަނީ އޭގެ އިރުކޮޅެއް ފަހުންނެވެ. އޭރު ޒެނިލް ފެންނާކަށް ނެތެވެ. ދިޔައީ ކޮންތާކަށް ކަމެއް ވެސް ނޭނގެ އެވެ.

"އަހަންނަށް މާފުކުރޭ ޒެލް... އަހަންނަށް އެނގޭ މިހެން ކަން ވާނީ..." ޖިލްވާއަށް ދެލޯ މަރާލެވުނެވެ. "އަހަރެން މިހުރީ މަޖުބޫރީގެ ތެރޭގަ ރީތިކޮށް ބަނދެވިފަ..."

ޒެނިލްގެ ހިތުގައި އަޅާނޭ ވޭން ޖިލްވާއަށް އިހުސާސް ކުރެވުނެވެ. ޖިލްވާ ދެރަވީ މިއަދު ޒެނިލްއަށްޓަކައި އޭނައަށް ކޮށްދެވޭނެ މާ ބޮޑު ކަމެއް ނެތްކަން އެނގުމުންނެވެ.

********

ރެސްޓޯރެންޓްގައި އެއްވެސް މީހަކު ނެތް ވަގުތެކެވެ. ރިފްއާން އިނީ ޓީވީއިން ދައްކަމުންދިޔަ، ޕްރޮގްރާމެއް ބަލާށެވެ. އެތެރެއަށް ވަދެގެން އައި ޒެނިލް ފެނުމުން، ރިފްއާނަށް ވަށައިގެން ބަލައިލެވުނެވެ. ޖިލްވާ އާއި ޔޫން ވެސް ޒެނިލް އާއި އެކުގައި އައީ ކަމަށް ހީކޮށެވެ.

ޒެނިލްގެ މޫނުމަތީގެ ކުލަވަރު ހުރިގޮތް ފެނުމުން ރިފްއާނަށް ފުންމައިގެން ތެދުވެވުނެވެ. ވީ ކީއްތޯ ސުވާލު ކުރެވުނެވެ. ގޮނޑީގައި އިށީންގޮތަށް ޒެނިލް ފެށީ ރޯށެވެ. ދުވަހަކު މީހެއްގެ ކުރިމަތީގައި އެފަދަ ގޮތަކަށް ރޮއެފައިނުވާ ޒެނިލްއަށް އޭނަގެ އިހުސާސްތައް ހިފަހައްޓައެއް ނުލެވުނެވެ. ވީގޮތް އެނގުމުން، ރިފްއާނަށް ދޫކޮށްލެވުނީ ފުން ނޭވާ އެކެވެ.

"އަހަރެން އަނެއްކާވެސް އެކަނި ވަނީ... މިފަހަރު އަހަރެން ދޫކޮށްލާފަ ދަނީ އެންމެ މީހެއް ނޫން... ލޯބިވާ ދެމީހުންވެސް..." ޒެނިލްގެ ހިއްވަރު އެލުނެވެ.

ރިފްއާން އެތައް ވާހަކައެއް ދެއްކި އެވެ. ޖިލްވާ އާއިމެދު ކަންތައް ހިނގި ގޮތެވެ. މައިންބަފައިންގެ ދިރިއުޅުމުން ނެރެލީ ކީއްވެ ކަމެވެ. ނިކަމެތި ހާލުގައި ބޮޑު ބަނޑާއިއެކީ ޖިލްވާ އުޅުނު ހިއްދަތި ދިރިއުޅުމުގެ އެތައް ވާހަކައެއް ވެސް މެއެވެ. ދަރިފުޅު ލިބުމުންވެސް ޖިލްވާގެ ހިތަށް ފިނިކަމެއް ނުލިބުނު ވާހަކަ ކިޔައިދިން އިރު، ރިފްއާން ވެސް އިނީ ފެންކަޅިވެފަ އެވެ. ޒުވާން އުމުރުގައި އެހެން މީހުންގެ އަޅުންނަށް ވެގެން އުޅުނު ގޮތް ރިފްއާނުގެ ހިތުން ދުވަހަކުވެސް ފޮހެވިގެން ނުދާނެ އެވެ. އެއީ އޭނ ހަނދާންކުރަން ވެސް ބޭނުންވާ ދުވަސްތަކެއް ނޫނެވެ.

އެނބުރި ގެއަށް އައިއިރު، ޖިލްވާ އާއިމެދު ޒެނިލްގެ ހިތް ސާފުވެއްޖެ އެވެ. އެހިތުގައިވީ ހަމްދަރުދީ އެވެ. ނުގުޑާނެ އަޒުމެއްވެސް ވިއެވެ. މާޒީ އިޔާދަ ވާން މިއަދު ފުރުސަތު ދޭކަށް ޒެނިލް ބޭނުމެއް ނުވެއެވެ. ޖިލްވާ އާއި ޔޫން އަކީ އޭނަގެ ހައްޤެކެވެ. އެ ހައްޤު ހިމާޔަތްކުރަން ކުރެވެން ހުރި ހުރިހާ ކަމެއް ކުރަން ޒެނިލް އަޒުމު ކަނޑައެޅި އެވެ. ބަދަލުގައި ކުރަން ޖެހުނު އެހެން ކޮންމެ ކަމެއް ކޮށްގެންވިޔަސް މެއެވެ.

ހަލުވި ފިޔަވަޅުތަކެއްގައި ސިޑިން އަރައިގެންދިޔަ ޒެނިލްއަށް ހުއްޓެން މަޖުބޫރުވީ، ޖުއާން ގޮވައިލި އަޑު އިވުމުންނެވެ. ޖުއާންގެ އަތުގައި ކަރުދާސްތަކެއް އޮތެވެ.

"އާޖެންޓް ކަމަކު..." ޖުއާން ބުންޏެވެ. "މިގަޑީ އާދެވިދާނެތަ؟..."

ކޮޓަރިއަށް ވަނުމުގެ ބަދަލުގައި، ޖުއާންގެ ފަހަތުން ޒެނިލް ހިނގައިގަތެވެ. ދެމީހުން އެކުގައި ގޮސް ވަނީ، ގޭގެ ލައިބްރަރީ އަށެވެ. ކޮމްޕިއުޓަރު ބަހައްޓާފައިވާ މޭޒު ކައިރިއަށް ގޮސްފައި، ޖުއާން އޭނާގެ އަތުގައި އޮތް ކަރުދާސްތައް މޭޒުމަތީގައި އަތުރައިލި އެވެ. ފަހު ކަމަކަށް ކަރުދާސްތަކުގެ މަތީގައި އޭނަ ބާއްވައިލީ ތަސްވީރެކެވެ.

"ކެވިން؟..." ތަސްވީރުގައިވާ މީހާ ޔަޤީންކޮށްލުމުގެ ގޮތުން ޒެނިލް އަހައިލި އެވެ.

ޖުއާން ބޯ ޖަހައިލި އެވެ.

"ތީ ކެވިން..." ޖުއާން ވަރަށް ހަމަޖެހިލާފައި ބުންޏެވެ. "ހުރިހާ މައުލޫމާތެއް މިހުރީ ހޯދާފަ..."

"ޖުއާންއަށް ކިހިނެއް އެނގުނީ؟..." ޒެނިލް ހައިރާންވެފައި އަހައިލި އެވެ.

"ކެވިން ޖިލް އާ ދެއްކި ހުރިހާ ވާހަކައެއް އަހަންނަށް އަޑު އިވުނީ..." ޖުއާން ބުންޏެވެ.

ޒެނިލް ފަހަރަކު ގަނޑެއް ނަގައިގެން ކިޔަން ފެށި އެވެ. ލިޔެފައިވާ އެއްޗެހި ކިޔަމުން ދިޔަ ވަރަކަށް ޒެނިލްގެ ދެލޯ ބޮޑުވަމުން ދިޔަ އެވެ. ލޮލަށް ފެނުނު މަންޒަރު ގަބޫލު ނުކުރެވި އެތައް ފަހަރަކު، ކޮންމެ ގަނޑެއް ވަކިވަކީން ތަކުރާރުކޮށް ކިޔަން މަޖުބޫރު ކުރުވިއެވެ.

"ތޭންކް ޔޫ... ތޭންކް ޔޫ ލިޓްލް ބްރޯ..." ޖުއާންގެ ގައިގައި ބައްދައިލިއިރު، ޒެނިލްގެ ދެލޮލަށް ޖަމާވެފައިވީ ޝުކުރުވެރިކަމުގެ ކަރުނަ އެވެ.

********

ފުލުހުންގެ އިދާރާ ކުރިމަތީގައި ކަހަލަ ގޮތަކަށް މަޑުކޮށްލައިގެން އޮތް ކަޅުކުލައިގެ ޕްރައިވެޓް ކާރުގައި އިނީ ފިރިހެނެކެވެ. ކޯޓުފަޓުލޫނުގައި އިން އެމީހާގެ ބޮލަށް ޖަހާފައިވާ އަވި އައިނު ނަގައި ލޮލަށް ހެޔޮވަރުކޮށްލި އެވެ. ތަންކޮޅެއް ދުރުގައި އައިސް މަޑުކޮށްލި ޓެކްސީއިން ފޭބި މީހާ ދެފަރާތް ހޯދައިލި އެވެ. އޭގެ ފަހުގައި އައިސް، ޕްރައިވެޓް ކާރުގެ ބިއްލޫރިގަނޑުގައި ޓަކި ޖަހައިލި އެވެ.

ކާރުގެ ބިއްލޫރިގަނޑު ތިރިކޮށްލީ ވަކި ހިސާބަކަށެވެ. ބޭރުގައި ހުރި މީހަކަށް ފެންނަމުން ދިޔައީ، އެތެރޭގައި އިން މީހާގެ ލޮލާއި ހަމައަށެވެ.

"ސިއޯޖިން!... ކަލޭމެންނަށް ވީ ކަމެއް ކޮބާ؟..." އެތެރޭގައި އިން މީހެއްގެ ބަރު އަޑު އިވުނެވެ. "ކަލޭ ނޫން އެހެން އެންމެން ހައްޔަރުކުރީ ކީއްވެ؟..."

"ސަރ!... އަޅުގަނޑު އެއްވެސް މައުލޫމާތެއް ލީކެއް ނުކުރަން... އެންމެން ސަލާމަތް ކުރަން ވަރަށް މަސައްކަތް ވެސް ކުރިން.... އަޅުގަނޑުގެ ޓީމަށް، ސަރ ޓްރަސްޓް ކުރައްވާ... އެއިން އެކަކުވެސް ސަރގެ މައުލޫމާތު ފުލުހުންނަކަށް ނުދޭނެ... ހުރިހާ ކަމެއް ވަރަށް ރަނގަޅަށް ދަނިކޮށް އެ އަންހެންމީހާގެ ސަބަބުން އަނެއްކާ ގޯސްވީ..." ސިއޯޖިން ހާސްވެގެން އެއްފައްޗަކަށް ހުރިހާ ވާހަކައެއް އަމުނައިލި އެވެ.

"އަހަރެންގެ އޮތީ އެންމެ ސުވާލެއް... އަހަންނަށް އެއްވެސް ކަމެއް ނޭންގީ ކީއްވެ؟... އެންމެންވެސް ބުނީ ހުރިހާ ކަމެއް ދަނީ ރަނގަޅަށޭ..." ކާރުގައި އިން މީހާ ރުޅި އައެވެ.

"މީ އެ ޒެނިލް ގެންގުޅުނު އަންހެން މީހާގެ ކަންތައް... އޭނައަށް އެންމެންގެ މޫނު ފެނުނީ..." ސިއޯޖިން ހާސްވެފައި ހުރި ވަރުން އަޑު ތުރުތުރު އަޅަމުން ދިޔަ އެވެ.

"ހޫމްމްމް... އެންމެ ރަނގަޅު... ތިބުނާ އަންހެން މީހާގެ ތަސްވީރު އަހަންނަށް ފޮނުވާ..." ކާރުގައި އިން މީހާ އަމުރު ކުރިއެވެ. "ކަންތައް ކުރަން ކަލޭމެންނަށް ނުކެރުނީމަ ވީގޮތް މީ... ދެން ކަން ކުރާނީ އަހަރެން... ސީދާ އަހަރެންގެ ބެލުމުގެ ދަށުން... ކަލޭ އިހަށް ކޮރެއާއިން ވެސް ބޭރަށް ދޭ... އަހަރެން ބުނީމަ ނޫނީ އެނބުރި އައިސްގެން ނުވާނެ..."

ކާރު ގޮސް ލޯމަތިން އޮބައިލަންދެން ސިއޯޖިން ބަލަން ހުއްޓެވެ. އެ މޫނުން ފެންނަމުން ދިޔައީ މަޖުބޫރީ އެވެ. ސިއޯޖިން ލަސް ފިޔަވަޅުތަކެއްގައި ގޮސް ފުލުހުންގެ އިދާރާއަށް ވަނެވެ. ތަނުގައި އެންމެ އިސްކޮށް ހަރަކާތްތެރިވަމުންދިޔަ ފުލުސްމީހާ އައިސް ސިއޯޖިންގެ ކޮނޑުގައި ދެފަހަރަކު ޖަހައިލި އެވެ.

"ގުޑް ޖޮބް..." ފުލުސްމީހާ ހިނިތުންވެލިއެވެ.

"ޓީމް ވަން އެންޑް ތްރީ..." ފުލުސްމީހާ އަތުން އިޝާރާތްކޮށްލި އެވެ.

ޔުނީފޯމުގައި ތިބި ބަޔަކު އައިސް ފުލުސްމީހާގެ ކުރިމަތީގައި ސަފު ހަދައިލި އެވެ.

"ޓީމް ޓޫ... އެރެސްޓް..." ފުލުސްމީހާ ދެން ވާހަކަ ދެއްކީ، ފޯނުންނެވެ.

(ނުނިމޭ)

ކޮމެންޓް 0