"ކީއްކުރަން މިތަނަށް އަންނަން ބުނީ؟...." ގަޔާނުވެފައި އާރާ ސުވާލު ކުރިއެވެ.
"ބައްދަލުކުރަން ބުނާނީ ވާހަކައެއް ދައްކަން ބޭނުންވީމައެއްނޫންތަ؟..." ހައިޖީން ނުސީދާގޮތަކަށް ބުންޏެވެ.
"ކޮން ވާހަކައެއް؟..." އާރާ ނުރުހިފައި ސުވާލު ކުރިއެވެ. "ފޯނުން ނުދެއްކޭވަރުގެ ވާހަކައެއް އޮންނާނެތަ؟..."
********
"އިށީނދޭ..." ގޮނޑިއަށް އިޝާރާތް ކުރަމުން ހައިޖީން ބުންޏެވެ.
އާރާ އިށީނުމުން، ހައިޖީން ވޭޓަރަށް އިޝާރާތްކޮށްލި އެވެ. ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ކާއެއްޗެހިތަކުން މޭޒުމަތި ފުރައިލި އެވެ. މުޅީން އާރާއަށް މީރު އެއްޗެއްސެވެ. ހީވަނީ އާރާއަށް މީރު އެއްޗެހި މާކުރިން ވެސް ހައިޖީންއަށް އެނގޭ ހެންނެވެ. އާރާގެ މޫނުން ފެންނަމުންދިޔަ އަސަރުތަކަށް ބަލަން ހައިޖީން އިނީ ހިނިއައިސްފައެވެ.
"އަހަރެން މިއައީ ކާކަށް ނޫން..." ކިތަންމެ ކާހިތްވި ނަމަވެސް، އާރާ އިންކާރު ކުރިއެވެ.
"މިހުރިހާ އެއްޗަކަށް އޯޑަރު ދިނީމަ ނުކައި ދާކަށްނުވާނެ..." ހައިޖީން އިނީ ހަމަޖެހިފަ އެވެ. "ތީ އާރާގެ ސްޓައިލެއް ނޫން..."
"އޯހްހް... އެހެންވިއްޔާ ތި އެއްޗެހި އުކާލުމަކީ ވެސް ހައިޖީންއަށް މާ ބޮޑު ކަމަކަށް ނުވާނެ..." މާޒީ ހަނދާންކޮށްލަމުން އާރާ ބުންޏެވެ.
"އާރާ ލިސަން!... ވީކަމެއް ވެ ނިމުނީ... ދެން އޮތީ ކުރިއަށް ކުރަންޖެހޭ ކަންތަކުގެ ވާހަކަ ދެއްކުން.... އަހަރެން ދައްކަން ބޭނުންވާ ވާހަކަ އާރާއަށް އެނގެއެއްނު..." ހައިޖީން އޭނާގެ ވާހަކަ ގެންދަން ބޭނުންވި މިސްރާބަށް އަނބުރައިލި އެވެ.
"ޒެލްގެ ވާހަކަ ދޯ؟..." އާރާގެ ތުންފަތަށް ވެރިވީ މަލާމާތުގެ ހިނިތުންވުމެކެވެ. "މާބޮޑަށް ލަސްވެއްޖެ އޭނަގެ ވާހަކަ ދައްކަން...."
"ތިބުނި އެއްޗެއް ނުވިސްނުނު...." ހިފައިގެން އިން އޫ، ތަށިތެރެއަށް ދޫކޮށްލަމުން ހައިޖީންގެ ނަޒަރު އާރާއަށް ހުއްޓައިލި އެވެ. އެ މޫނުން ފުރަތަމަ ފަހަރަށް ކަންބޮޑުވުމުގެ އަސަރު ފެނިގެން ދިޔަ އެވެ.
"މިބުނީ ޒެލް އެހެން މީހެއްގެ ހައްގަކަށްވެ ނިމުނު ވާހަކަ.... ހައިޖީން ދެން ކިތަންމެ ބޭނުންވިޔަސް، ތި ދިރިއުޅުމަށް ޒެލް ދެން އެނބުރިއެއް ނާންނާނެ..." އާރާ ޖެހިލުންވުމެއްނެތި ހަގީގަތް ހާމަކޮށްލި އެވެ.
ވިހަ ތީރުތަކެއްހެން އާރާގެބަސްތައް، ހައިޖީންގެ ހިތަށް ހެރިގެން ދިޔަ އެވެ. ދެލޯ ފެންކަޅިވާން ފެށި ނަމަވެސް، ކަރުނަތައް ހިންދައިލުމުގައި އޭނަ ކާމިޔާބު ހޯދި އެވެ. އެހަނަސް، ހިތަށް ލިބެމުންދިޔަ އަނިޔާތައް ހުއްޓުވާނެ ބާރެއް ހައިޖީން އަކަށް ނުލިބުނެވެ.
"ކީއްވެ؟..." ޝަކުވާގެ ރާގެއްގައި ހައިޖީން ބުންޏެވެ.
"ކީއްވެކަން ހައިޖީންއަށް ނޭނގެންޏާ، އަހަންނަކަށްވެސް ނޭނގެ..." އާރާގެ އަޑުގައި ވަނީ ފޫހި ކަމެވެ.
ކީއްވެކަން ހައިޖީންއަށް އެނގެ އެވެ. ހައިޖީން އިރުކޮޅަކު ވިސްނައިލި އެވެ. ޖަވާބު އެނގޭކަން އާރާއަށް އަންގަން ހައިޖީން ބޭނުންވިއެވެ.
"އާރާ!... އަހަންނަށް އެނގޭ އާރާ ޒެލްދެކެ ލައިކްވާކަން..." ހައިޖީން ބަލައިލީ ސީދާ އާރާގެ ދެލޮލަށެވެ. "އަހަރެމެން ދެމީހުންގެ އެކުވެރިކަން ނިމުނީ ކީއްވެ ކަން އަހަންނަށް އެދުވަހުވެސް އެނގޭ..."
"މާޒީގެ ވާހަކަ ނުދައްކަން ބުނީ ހައިޖީން އަމިއްލައަކަށްނު..." އާރާ ރުންކުރުވާގޮތް ވިއެވެ. "އެހެންނޫނަސް، ސްކޫލް ދައުރުގެ ކަންކަން އަހަރެންގެ ހަނދާނަކު މިހާރު ނެތް..."
"އަހަރެން އަދިވެސް ޒެލްދެކެ ލޯބިވަން..." ހިނދުކޮޅެއްގެ ހިމޭންކަމަށްފަހު، ވާހަކަ ދައްކަން ފެށީ ހައިޖީން އެވެ. "އަހަންނަށް އެނގޭ އަހަންނަށާ އާރާއަށް ޒެލް ދެކެ ލޯބިވެވުނީ އެކީގަ ކަން... އެކަން އެނގި އަހަރެން ހުރީ ނޭނގޭ ކަމަަށް ހަދައިގެން.... އެހެން ހުއްޓާ، ޒެލް އަހަންނަށް ލޯބި ހުށަހެޅީ... އަހަރެން ދެރަވި އެކަން އެނގުނީމަ އާރާއަށް ވާނެގޮތް ހިތަށް އަރާފަ... އެއީ ތީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާއަށް ވީމަ.... އެކަމަކު، ޒެލް އަހަރެންދެކެ ލޯބިވާކަން އެނގުނީ އަހަރެން މާބޮޑަށް ޒެލް ބޭނުންވި... އެ ގުޅުމަށް ނޫނެކޭ ބުނާކަށް ބޭނުމެއްވެސް ނުވި.... އެހެންވެ ހުރިހާ ކަމެއް ނޭނގޭ ކަމަށް ހަދާފަ، ޒެލްގެ ލޯބި ގަބޫލު ކުރީ...."
އާރާ އެއްޗެއް ނުބުނެ އިސްޖަހައިލި އެވެ. ހައިޖީންގެ ވާހަކަތަކުން އާރާގެ ހިތުގައި ޖެހުނީ އެވެ. މާޒީގެ ހިތްދަތި ދުވަސްތައް ހަނދާނަށް އައުމުންނެވެ.
"އާރާ!.... އަހަރެން އަދިވެސް އާރާދެކެ ލޯބިވޭ..... އާރާ ނޫން މީހަކު އަހަރެންގެ ގާތް އެކުވެރިއެއްގެ ގޮތުގަ ނުވެސް ހުންނާނެ..... އަހަރެން ބޭނުމެއްވެސް ނުވި އެހެންމީހަކު ގާތް އެކުވެރިއެއްގެ ގޮތުގަ ބަހައްޓަންވެސް...." ހިތުގައި ރައްކާކޮށްފައިވާ ބޮޑު ސިއްރު އާރާގެ ކުރިމަތީގައި ހާމަކުރަން ހައިޖީންއަށް މަޖުބޫރު ކުރުވީ ހާލަތެވެ.
********
ނިދިފައި އޮތް ޖިލްވާއަށް ހޭލެވުނީ އޭނަގެ އިސްތަށިގަނޑަށް ވާންވުމުންނެވެ. ކޮންމެވެސް މީހަކު ދަމައިގަތީ ކަން އެނގުނީ ހޭލެވުނު ވަގުތު އިސްތަށިތަކުގެ ބުޑަށް ވާންވި ގޮތުންނެވެ. ޖިލްވާ ބަލައިލިއިރު، އޭނަ އާއި ޒެނިލްގެ މެދުގައި ޔޫން އިނެވެ. އޭރުވެސް ޔޫން އިނީ ޖިލްވާގެ އިސްތަށިގަނޑުގައި ހިފައިގެންނެވެ. ޖިލްވާ ލޯ ހުޅުވައިލުމުން ޔޫން މަޖާވެލާފައި ހީގަތެވެ.
"ގުޑް މޯނިން ޕްރިންސަސް ނަންބަރ ވަން..." ޒެނިލް ބުންޏެވެ.
ޖިލްވާ އަވަހަށް ޔޫންގެ ނިވަލަށްވަދެ، މޫނު ފޮރުވައިލި އެވެ. ޒެނިލް ބުނި އެއްޗަކާއިމެދު އޭނައަށް ވިސްނައިލެވުނީ އަދި މާ ފަހުންނެވެ.
ޖިލްވާ ސިއްސައިގެން ގޮސްފައި ގަޑިއަށް ބަލައިލި އެވެ. އޭނާ ހީކުރީ އައު ދުވަހަކަށް އިރު އެރީ ކަމަށެވެ. ގަޑިން އަށެއް ޖަހައި ދެ މިނެޓު ހިނގާފައިވާ ތަން ފެނުމުން ޖިލްވާ އަވަހަށް ތެދުވި އެވެ.
"ދަނީތަ؟..." ޖިލްވާ ތެދުވުމުން ޒެނިލް އަހައިލި އެވެ.
"ސައި ހަދަން... އެއޮއް އަށެއްޖެހީ...." ޖިލްވާއަށް ބުނެވުނީ އެހިސާބަށެވެ.
"ކީއްކުރަން ހަދާ ސައެއް؟..." ޒެނިލް އަހައިލި އެވެ.
"ޔޫން އޭނީ މިހާއިރު ވާއިރު ނުވެސް ކައި... އެ ކުއްޖާ ހާދަ ބަނޑުހައި ވާނެއޭ މިހާރު...." ޖިލްވާ އޭނަގެ އިސްތަށިގަނޑުގައި ހުޅިއެއް ޖަހައިލަމުން ވާހަކަ ދެއްކި އެވެ.
ޒެނިލް އޮތީ އެތެރެ އެތެރެއިން ހީލަހީލަ އެވެ. ޖިލްވާއަށް ހީވެގެން އުޅެނީ އެއީ އަނެއް ދުވަސް ކަމަށެވެ. އޭނައަށް މަޖާވީ އެހާއިރު ވާއިރުވެސް ޖިލްވާއަށް ނޭނގުމުންނެވެ.
"ޔޫން ކައިގެން އެއައީ..." ޒެނިލް ބުންޏެވެ. "އަހަރެން ބުނެފިން އަހަރެމެން ނުކާނަމޭ..."
"އޭނ... ކީއްވެ ނުކާނަމޭ ބުނީ؟.... މަންމަމެން ކީކޭ ހީކުރާނީވެސް...." ޖިލްވާ ހާސްވިއެވެ.
"ކީކޭތަ ހީކުރާނީ؟..." ޖަވާބު އެނގޭފަދަ ލާނެތް ރާގެއްގައި ޒެނިލް އަހައިލި އެވެ. "އަހަރެމެން މީ ކައިވެނިކޮށްގެން އުޅޭ ދެމަފިރިންނޭނު ހީކުރާނީ..."
"ޒެލް!...." ޖިލްވާ ލަދުގަތެވެ.
ދެ މީހުން އެކުގައި ހޭދަކުރި ވަގުތުކޮޅުތަކުގެ ހަނދާން އައުވުމުން ޖިލްވާ މާ ބޮޑަށް ލަދުގަތެވެ. އަވަހަށް ގޮސް ފާޚާނާއަށް ވަދެ ފެންވަރާލައިގެން ނުކުތެވެ. އޭރު ޔޫން އޮތީ އަރާމުކޮށް ނިދާލާފަ އެވެ. ޖިލްވާ ނުކުތުމުން ޒެނިލް ޔޫން އުރާލައިގެން ގެންގޮސް ކުޑަ އެނދުގައި ބާއްވައިލި އެވެ.
"ދީބަލަ ތުވާލި...." ޖިލްވާގެ ބޮލުގައި އޮޅާލާފައިވާ ތުވާއްޔަށް އިޝާރާތްކުރަމުން ޒެނިލް ބުންޏެވެ.
ޖިލްވާ އަވަހަށް ގޮސް ޒެނިލްގެ ތުވާލި ހިފައިގެން އައެވެ. ޒެނިލް ހެމުން ގޮސް ފާޚާނާއަށް ވަނެވެ. ދެއަތުގެ ތެރޭގައި މޫނު ފޮރުވައިލިއިރު، ޖިލްވާގެ ތުންފަތުގައި ވަނީ ލުއި ހިނިތުންވުމެކެވެ. ޒެނިލްގެ ލާނެތްކަމުން އޭނަ ލަދުގަންނުވައިލަނީ މާ އަވަހަށެވެ.
********
ދެފިކުރެއްގައި ހުރި ޖުއާންގެ މޫނުން ފެންނަމުން ދިޔައީ ކަންބޮޑުވުމެވެ. އެކަނިމާއެކަނި ހުރިހާ ކަމަކާއި ކުރިމަތިލާން ހަދައިގެން އޭނަ ވަރުބަލިވެއްޖެ އެވެ. ހިތްވަރު އެލިއްޖެ އެވެ. ކެވިން އާއި ދާއޫދު ކުޑަގޮޅީގެ ތޭރިތަކުގެ ތެރޭގައި ހައްޔަރުވީ އެވެ. ޝަރީއަތުގެ އަޑުއެހުންތަކުގައި ބައިވެރިވާނެ ހިއްވަރެއް ޖުއާންގެ ކިބައިގައި ނެތެވެ. އޭނަ ބޭނުންވީ ވީއެންމެ އަވަހަކަށް އެ ފަސްގަނޑުން ފައިބާށެވެ.
ކިޔޫގައި ޖެހުމަށް ޖުއާން ހިނގައިގަތް ވަގުތު ދުވެފައި އައި އަންހެންކުއްޖެއްގެ ގައިގައި ލައިގަތެވެ. އެކުއްޖާ ހުރީ ކޮނޑުގައި ދަބަހެއް އަޅުވައިގެންނެވެ. އަތުން ދަމަމުން އައި ބޮޑު ފޮށި އޮތީ މާ ދުރުގަ އެވެ. ފޮށި ހުޅުވިގެން ފޮށީގައި ހުރި ބައެއް އެއްޗެހި އޮތީ ބޭރުގަ އެވެ.
"ޝިޓް ޝިޓް..." އަންހެންކުއްޖާ އޭނާގެ ނިޔަފަތިގަނޑުގައި ދަތް އަޅައިލި އެވެ.
"އެކްސްކިއުޒް.... މި ދަބަސް ހިފަހައްޓާލަދީބަލަ..." އެ ކުއްޖާގެ ވާހަކަ ނުނިމެނީސް އަތުގައި އޮތް ދަބަސް ޖުއާންގެ އަތަށް ޖަަހައިފި އެވެ.
ޖުއާން އެއްޗެއް ބުނުމުގެ ކުރިން އެކުއްޖާ އޭނާގެ ފޮއްޓާއި ދިމާއަށް ދުއްވައިގެންފި އެވެ. ދުވެފައި ދިޔަގޮތުން ހީވަނީ ދެންމެދެންމެ ވެއްޓިދާނޭ ހެންނެވެ. ޖުއާންއަށް އަތް ދިއްކޮށްލެވުނުވެސް މެއެވެ.
(ނުނިމޭ)