ގޭތެރޭގައި ހިފާލާފައިވީ ލެވެންޑަރ އެއަފްރެޝްނަރގެ މީރު ވަހެވެ. ތަނަވަސް ސިޓިންގްރޫމުގެ ވަށައިގެން ފެންނަމުން ދިޔަ ކަޅާއި ހުދުން ޖަރީކުރެވިފައިވި ފަރުނީޗަރުތަކުން ގޭގެ ހައިބަތު ދަކުވައިދެމުން ދިޔައެވެ. ޕޮޓުތަކުގައި ހައްދާފައިވާ ފެހިކަންގަދަ ގަސްތައް، ގޭތެރެއިން ބަލައިލި ކޮންމެ ދިމާއަކުން ފެންނަން ހުއްޓެވެ. މާ އަޅާ ގަހާއި، ކުލަކުލައިގެ ފަތްތައްލީ ގަސްތަކެވެ. ކޮންމެ ތަނެއް ތަރުތީބުވެފައި ސާފުތާހިރެވެ.

ސިޓިންގްރޫމުގެ މެދުގައި ބަހައްޓާފައިވާ ސޯފާގައި އިނީ ޒުވާން އަންހެން ކުއްޖެކެވެ. ދިގު ފަސްބައެއް ލާފައިވާ ރަތްކުލައިގެ އަތްކުރު ހެދުމުގައި އެކުއްޖާގެ ރީތިކަން އެތައް ގުނައެއް އިތުރުވެފައި ވިއެވެ. ހެދުމުގެ ކަރު ކޮނޑާއި ހަމައަށް ހުރިއިރު ކަރުގައި އަޅާފައި އޮތީ ވިދުން ގަދަ ފަށެކެވެ. ތުންފަތުގައި ޖައްސާފައިވާ ގަދަ ރަތްކުލަ، އޭނާގެ ދޮން ހަންގަނޑާއި ނުހަނު ގުޅެއެވެ. އިސްތަށިގަނޑުގައި ވަނީ މުށި ކުލަ އެކެވެ. ކޮޅަށް ކުޑަކޮށް ބުޅިކޮށްލާފައި އޮތްއިރު، ކޮނޑާއި ދިމާއިން އިސްތަށިގަނޑުން ބައެއް އޮތީ ކުރިމައްޗަށް ވައްޓާލާފަ އެވެ.

ދޮރުމަތިން ކާރެއްގެ ބަރުގޮނުގެ އަޑު އިވުނެވެ. ބަދިގެތެރެއިން ނުކުތް މެދުއުމުރުގެ އަންހެނަކު ދުވެފައި އައެވެ. ބޭރު ބަލައިލާފައި އެނބުރި އައިސް ސޯފާގައި އިން އަންހެންކުއްޖާގެ ކައިރީގައި ހުއްޓުނެވެ. ހެދުމުގެ ފަސްބައި ހިއްލާލަ ދިނެވެ. އަންހެންކުއްޖާ ތެދުވިއެވެ. ކުރިމަތިން ފެންނަންހުރި ކޮޓަރި އާއި ދިމާއަށް ބަލައިލިއިރު މޫނުން ފެނުނީ މާޔޫސްކަމެވެ. ކުޑަ އިރުކޮޅަކު އެހެން ހުރެފައި، ފުން ނޭވާއެއް ދޫކޮށްލި އެވެ. އޭގެ ފަހުގައި ބޭރަށް ނުކުތުމަށް ހިނގައިގަތެވެ.

ކޮޓަރި ދޮރު ކުޑަކުޑަކޮށް ހުޅުވާލައިގެން ހަމްދާ ހުއްޓެވެ. މާޔޫސްވެފަ އެވެ. ދިޔުމުގެ ކުރިން ދަރިފުޅަށް ހިތްހެޔޮކުރަން އޭނަ ބޭނުން ވިއެވެ. ހެނދުނޫއްސުރެ ދަރިފުޅު ނުކައި ހުރުމުން އޭނަ ހުރީ ހިތްހަމަނުޖެހިފަ އެވެ. އެންމެފަހުން ގޮތް ދޫކޮށްފައި ބޭރަށް ނުކުމެއްޖެ އެވެ.

"ދަރިފުޅާ ޖިލްވާ!..." ހަމްދާ ގޮވައިލި އެވެ.

ދޮރާއި ހަމައިގައި ހުރި ޖިލްވާގެ ތުންފަތަށް ވެރިވީ ފުޅާ ހިނިތުންވުމެކެވެ. ފަސްއެނބުރި ބަލައިލިއިރު، އޭނަގެ ހުރިހާ މާޔޫސްކަމެއް ފިލައިގޮސް، އުފާވެރިކަން ފެންނަމުން ދިޔަ އެވެ. މަންމައަށް އޭނަދެކެ ހިތްހަމަނުޖެހިގެން މާގިނައިރު ނުހުރެވޭނޭ ކަން ޖިލްވާއަށް އެނގެ އެވެ.

"ގުޑްލަކް!..." ހަމްދާ އޭނާގެ ބޮޑުވައި އިނގިލި ހިއްލައިލަމުން ބުންޏެވެ.

އާދައިގެ ދުވެއްޔެއްގައި ދަތުރު ކުރަމުންދިޔަ ކާރު ގޮސް ހުއްޓައިލީ، އުސް އިމާރާތެއްގެ ކުރިމައްޗަށެވެ. ކާރު ތެރޭގައި އިން ޖިލްވާ، އޭނާގެ ދަބަހުން ނެގި ލޯގަނޑުން އަމިއްލަ ސޫރަ ބަލައިލި އެވެ. ތުންފަތުގައި ޖައްސާފައިވާ ކުލަ އިތުރަށް ގަދަކޮށްލުމަށްފަހު، މޫނުގައި ފުށްމާގަނޑު ކާއްތައިލި އެވެ. ކާރުގެ ކުރީ ޝީޓުގައި އިން ޒުވާނާ އިނީ، ޖިލްވާގެ އިޝާރާތަކަށް މަޑުކޮށްލައިގެންނެވެ. ޖިލްވާގެ އަތުގެ އިޝާރާތާއިއެކު އޭނާ ކާރުން ފައިބައިފި އެވެ.

"މޭމް!... ބަލައިގެން..." ޖިލްވާ ފައިބަން އުޅުނު ގޮތް ފެނި، ޒުވާނާ ހާސްވެފައި ބުންޏެވެ.

ޒުވާނާގެ އަތުގައި ހިފާލައިގެން ޖިލްވާ ކާރުން ފޭބި އެވެ. ކެމެރާތައް ހިފައިގެން ތިބި މީހުން އެމީހުން ވަށައިލި އެވެ. އެއްބަޔަކު ސުވާލުތައް ކުރަމުން ދިޔައިރު، އަނެއް ބަޔަކު، ފޮޓޯ އާއި ވީޑިޔޯ ނަގަމުން ދިޔަ އެވެ. އެއްވެފައިވާ މީހުންނަށް އަތުން ހަނާއަޅައިލި ޖިލްވާގެ ތުންފަތުގައި ވަނީ ފަރި ހިނިތުންވުމެކެވެ. ދެކޮލަށް އެޅިފައިވާ އަޑިކޮޅުން، އެ ރީތިކަން އެތައް ގުނައެއް އިތުރުވެފައި ވިއެވެ.

"ރިޕްސް!... ހުރިހާ ކަމެއް އޯކޭދޯ؟..." އެތެރެއަށް ވަނުމުގެ ކުރިން، ޖިލްވާ ޔަޤީން ކުރި އެވެ.

ހުރިހާ ކަމެއް ހުރީ އެންމެ ފުރިހަމައަށް ކަމުގައި ރިފްއާން ބުނީ ބޮޑުވައި އިނގިލި ހިއްލައިލުމަށް ފަހުގަ އެވެ.

ތަނުގެ ތެރެއިން އިވެމުން ދިޔައީ، މަޑު މިޔުޒިކެއްގެ އަޑެވެ. ޖިލްވާ ވަނުމާއިއެކު ކުއްޖަކު އައެވެ. ދާންވީ މިސްރާބު ކިޔައިދިނެވެ. ގިނަ ބަޔަކު ޙާޟިރުވެފައި ތިއްބެވެ. އޭގެ ތެރެއިންވެސް ޖިލްވާގެ ލޮލުގައި އަޅައިގަތީ، ސަނާހާ އެވެ. އޭގެ ފަހުގައި ސަނާހާގެ ކައިރީގައި އިން ޝާވިން އެވެ. ޖިލްވާގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ދާކަށް ގިނަ ވަގުތެއް ނުނެގި އެވެ. ޝާވިން އެތާ އިންނަންޖެހޭ ސަބަބެއް އޭނައަކަށް ނުވިސްނުނެވެ.

ޖިލްވާ ހިތާއިހިތުން ސަނާހާ އާއި ދިމާއަށް އެއްޗެހި ކިޔަމުން ގޮސް އޭނައަށް ޚާއްސަ ކުރެވިފައިވާ ގޮނޑީގައި އިށީނެވެ. ދޭތެރެއަކުން ސަނާހާގެ ކައިރީގައި އިން ޝާވިންއަށް ކަޅިއެއް އެއްލައެވެ. ޝާވިން އެންމެ ފަހަރަކުވެސް އޭނައަށް ބަލައިނުލީތީ ހިތަށް ތަދުވިއެވެ.

ހަފުލާ ފެށުނެވެ. ފިލްމީ ދާއިރާއިން އެކި ރޮނގުރޮނގުން، އެވޯޑު ހާސިލުކުރާ ފަރާތްތަކުގެ ނަންތައް އިއުލާން ކުރެވެނީ އެވެ. އެންމެ މޮޅު އެކްޓްރެސްގެ މަޤާމަށް ދެ ތަރިން ވާދަ ކުރާއިރު، އޭގެ ތެރޭގައި ޖިލްވާ އާއި ސަނާހާ ހިމެނުނެވެ. އެއީ ރާއްޖޭގެ ފިލްމީ ދާއިރާގައި ފިޔަޖަހަމުންދާ ތަރިންގެ ތެރެއިން އެންމެ ވާދަވެރި ދެ އަންހެން ފަންނާނުންނެވެ.

އިންތިޒާރުގެ ވަގުތުތަކަށް ނިމުން އައެވެ. ޖިލްވާގެ ހިތް އަވަސްވީ "ބެސްޓް އެކްޓްރެސް" ގެ ނަން އިއުލާން ކުރުމުގެ ވަގުތު ޖެހުމުންނެވެ. ހިތް ތެޅެމުންދާ ހާލު އޭނަ އިނީ، ދެއަތް ޖޯޑުކޮށްލައިގެންނެވެ.

"ބެސްޓް އެކްޓްރެސް ޓޫ ތައުޒަން ޓުވެންޓީ..." އިސްޓޭޖު މަތީގައި ހުރި ކުއްޖާ ވާހަކަ ދެއްކީ މައިކުންނެވެ. އެހިސާބަށް ބުނުމާއިއެކު، އިސްޕީކަރުން ލުއި މިޔުޒިކެއްގެ އަޑު އިވިގެން ދިޔަ އެވެ. ނަން އިޢުލާން ކުރަން ހުރި ކުއްޖާ ފުޅާ ހިނިތުންވުމެއް ހަދިޔާކޮށްލަމުން، އަތުގައި އޮތް ކަރުދާސްކޮޅު ނިއުޅައިލި އެވެ.

"މަރިޔަމް ޖިލްވާ!..." އަކުރުތަކަށް ދަމައިލަމުން އެކުއްޖާ ބުންޏެވެ.

މުޅި ތަނުގައި ގުގުމައިލި އަތްތިލަ ބަޑީގެ އަޑާއިއެކު، އެންމެންގެ ނަޒަރު ޖިލްވާއަށް ހުއްޓިއްޖެ އެވެ. ޝުކުރު އަދާކުރަމުން ޖިލްވާ ތެދުވި އެވެ. އޭރު ދެލޯ ވަނީ ފެންކަޅިވެފައެވެ. ޖިލްވާ ފަރި ހިނގުމެއްގައި ގޮސް އިސްޓޭޖަށް އެރި އެވެ. ތެޅެމުންދިޔަ ހިތަށް ވަނީ ބަޔާންކުރަންދަތި އުފަލެއް ލިބިފަ އެވެ. އެތައް ދުވަހަކު ދެކުނު ހުވަފެން ޙަޤީޤަތަކަށް ވުމުންނެވެ. އެވޯޑުގައި ހިފުމާއިއެކު ޝުކުރުގެ ބަސްތަކުން ޖިލްވާގެ ހިތް ފުރިގެން ދިޔަ އެވެ. މައިކު ކައިރީގައި ހުއްޓިފައި އެންމެ ފުރަތަމަވެސް ޝުކުރު އަދާކުރީ، މާތް ﷲ އަށެވެ. އޭގެ ފަހުގައި މަންމަ އެވެ. އާއިލާ އަށާއި ގާތް އެކުވެރިންގެ އިތުރުން އެކިގޮތްގޮތުން އެހީވެދިން ފަރާތްތަކާއި، ސަޕޯޓަރުންގެ ނަންވެސް ލިސްޓުގައި ހިމަނައިލި އެވެ.

ޖިލްވާގެ ކޮންމެ ހަރަކާތަކަށް ބަލަން އިން މުއާޒުގެ ތުންފަތުގައި ވަނީ މާނަފުން ހިނިތުންވުމެކެވެ. މުއާޒަކީ ރާއްޖޭގެ މަޝްޙޫރު ވިޔަފާރިވެރިއެއްގެ ހުރި ހަމައެކަނި ދަރިފުޅެވެ. އާރާއި ބާރާއި ނުފޫޒުން ކަމެއް ނިންމައިލުމަކީ މުއާޒަށް ފެންފޮދެއް ބޯލުންހައި ފަސޭހަ ކަމެކެވެ. ޖިލްވާ އެންމެ ފުރަތަމަ ފެނުނު ދުވަހުން ފެށިގެންވެސް، މުއާޒުގެ ހިތުން ޚާއްސަ މަޤާމެއް އެ އަންހެން ކުއްޖާއަށް ހުސްކޮށްފައި ވިއެވެ.

އެވޯޑު ދިނުމުގެ ހަފުލާ ނިންމައި އެންމެންތައް ނުކުންނަން ފެށި އެވެ. ޖިލްވާ ހުރީ ޝާވިން ހުސްކޮށް ހުއްޓައި ބައްދަލުކޮށްލެވޭނެ ވަގުތެއްގެ އިންތިޒާރުގަ އެވެ. ޝާވިންއަކީ ޑައިރެކްޓަރެކެވެ. ޖިލްވާގެ ލޯބިވެރިޔާވެސް މެއެވެ. ޖިލްވާ ދެފަހަރަކު އަތުން ހަނާއަޅައިލި ނަމަވެސް ޝާވިން އަކަށް ނުފެނުނެވެ. ނޫނީ ނުފެންނަ ކަމަށް ހެދީ އެވެ.

"ކޮންގްރަޓްސް!..."

މުއާޒުގެ އަޑަށް ޖިލްވާ ސިހުނެވެ. ދާދި ގާތުގައި މުއާޒު ހުރީ ފުޅާ ހިނިތުންވުމެއް ހަދިޔާކޮށްލައިގެންނެވެ. ރައްދުގައި ޖިލްވާވެސް ހިނިތުންވެލި އެވެ. މުއާޒާއި ވާހަކަ ދައްކަން ހުރި ނަމަވެސް ޖިލްވާގެ ނަޒަރު ހުއްޓެމުން ދިޔައީ ޝާވިން އަށެވެ. ޝާވިން ހުރީ ސަނާހާ އާއި ވާހަކަ ދައްކާށެވެ. އިރުކޮޅަކުން ސަނާހާ އަތުލަފިކޮށްގެން ދޮރާއި ދިމާއަށް ދިޔަ މަންޒަރު ފެނުނެވެ. ޖިލްވާގެ ހިތަކަށް ކެތެއް ނުވިއެވެ. މުއާޒު ވާހަކަ ދައްކަދައްކަ ހުއްޓައި، މަޢާފަށް އެދުމަށްފަހު، ޝާވިން އާއި ދިމާއަށް ދިޔަ އެވެ. މުއާޒުގެ ހިނިތުންވުން ގެއްލި، އަތް މުށްކެވިގެން ދިޔަ އެވެ.

"ކިހިނެއްވީ؟..." ސާވިންގެ ކުރިމައްޗަށް ހުއްޓިފައި ޖިލްވާ އަހައިލި އެވެ.

"ސަނާ ބޮލަށް އެނބުރުން އަރާތީ..." ޝާވިން ދިނީ ކުރު ޖަވާބެކެވެ.

"ހިނގާ އަހަންނާ އެކީ..." ޖިލްވާ އުޅުނީ ޝާވިން ދުރުކުރާށެވެ.

"ނޫނޭ..." އަތުން އިޝާރާތް ކުރަމުން ޝާވިން ބުންޏެވެ. "ޖިލް ދޭ ގެއަށް..."

ޖިލްވާގެ ހިތަށް ތަދުވީ ވާހަކަ ދެއްކިއިރު، ޝާވިން އޭނަ އާއި ދިމާއަށް ބަލައިވެސް ނުލުމުންނެވެ. ހީވީ ކަމަކާއި ހިތްހަމަނުޖެހިފައި ހުރި ހެންނެވެ. އެންމެން މަރުޙަބާ ކީއިރު، ލޯބިވެރިޔާގެ ފުށުން އޭނައަށް ތައުރީފުގެ އެއްވެސް ބަހެއް ބުނެ ނުލި އެވެ.

********

ޓީވީ ކައިރީގައި އިން ހަމްދާ ދޫކޮށްލީ ފުން ނޭވާ އެކެވެ. ދަރިފުޅުގެ އުފަލަކީ އޭނަގެވެސް އުފަލެވެ. ދަރިފުޅު ކުރިއަށް ދަނީ ހަމްދާ ބޭނުންވި ދާއިރާއިން ނޫން ނަމަވެސް، ކުދިންގެ ކަންކަމަށް ނުފޫޒު ފޯރުވަން އޭނަ ބޭނުން ނުވަނީ އެވެ. ހަމްދާ ތެދުވެ، ފަސް އެނބުރުނީ، ކާން ތައްޔާރު ކުރަން ދާށެވެ. ދާދި ކައިރީގައި ހުރި އާމިރު ފެނިފައި، އޭނަ ސިހުނެވެ.

"އާމިރޫ!..." މޭގައި އަތް ޖައްސައިލަމުން ހަމްދާ ގޮވައިލި އެވެ. "ތިނޫން ތާކު ނޫނީ ހުންނަންވެސް ނޭނގުނު ދޯ؟..."

"ދެން ކޮންތާކު ހުންނަންވީ؟... ހަމްދާގެ އުނގުގަ؟..." އާމިރު އަހައިލީ ލާނެތް ރާގަކަށެވެ.

އާމިރު ހެމުން ހެމުން ފަސްއެނބުރުނެވެ. ކުރިމަތީގައި ހުރި، ވާފިރު ފެނި، އޭނަގެ ތުންފަތުގައިވި ހިނިތުންވުން ފިލައި ދިޔަ އެވެ. ލަދުން ތުންފަތުގައި ދަތްއަޅައިލި އެވެ. ވައްކަޅިން ހަމްދާއަށް އަވަސް ނަޒަރެއް ދިނެވެ. ސަލާމަތްކުރާށޭ ބުނާފަދަ ނަޒަރަކުންނެވެ. ވާފިރަކީ، އާމިރުގެ ބައްޕަ އެވެ. މަންމައަކާއި ނުލައި ވާފިރު ވަނީ އާމިރު ބަލައި ބޮޑުކޮށްފަ އެވެ. ސަފިއްޔާ ނިޔައުވީ އާމިރުގެ އުމުރުން އެއް އަހަރުގައި ހުމެއް ޖެހިގެންނެވެ.

"ހުސް މަދިރި..." އާމިރު ކަރު ކެހިލި އެވެ. އެއްފަހަރަކު ނޫނެވެ. ދެތިން ފަހަރު ކަރުކެހިފައި، ދެން ފެށީ، މަދިރި މަރާކަމަށް ހެދޭށެވެ. "މިރޭ މަދިރި މާ ގިނަ ރެއެއް..."

އާމިރު ގޮސް، ކާގެއަށް ވަނެވެ. ވާފިރު ބަލައިލީ ހަމްދާ އަށެވެ. ހަމްދާވެސް އާމިރު ހެދިހެން މޫނުމަތީގައި އަތް ހޫރަމުން، އެތަނުން ދިޔަ އެވެ. ވާފިރުގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. ދަރިން ބޮޑެތިވެ، މުސްކުޅިވާއިރުވެސް، އުޅެނީ އެންމެ ޒުވާން ކުދިން އުޅޭހެންނޭ އޭނަގެ ހިތަށް އެރި އެވެ.

ޖިލްވާ ގެއަށް އައިއިރު، ހުރީ ވަރަށް ދަންވެފަ އެވެ. ޝާވިން ކަންތައް ކުރިގޮތުން އޭނަ ހުރީ އިންތިހާއަށް ދެރަވެފަ އެވެ. ދެތިން ފަހަރަކު މެސެޖު ކުރުމުންވެސް ޝާވިންގެ ފަރާތުން ޖަވާބެއް ނުލިބުނެވެ. ސިޓިންގްރޫމް ސޯފާއަށް ފޯނު ހޫރައިލާފައި ޖިލްވާ ވަނީ ކޮޓަރި އަށެވެ.

ފެންވަރައިގެން ނުކުމެ ކުޑަ ގޮތަަކަށް ތައްޔާރުވެލައިގެން ޖިލްވާ ނުކުމެލީ، ބެލްކަންޏަށެވެ. އުޑުމަތީގައި ސާފު ރެއެކެވެ. އެކަމަކު އެންމެ ތަރިއެއްވެސް ފެންނަން ނެތެވެ. ވައިރޯޅިއެއްހާ ހިސާބުވެސް، އޭނަގެ ގައިގައި ބީހިލަން ފަސްޖެހިފައިވާ ރެއެއް ކަހަލަ އެވެ. ދަންވަރުގެ ވަގުތު ނަމަވެސް، ފަޒާގައި ވަނީ އާދަޔާ ޚިލާފު ހޫނު ކަމެކެވެ.

ޖިލްވާ އެނބުރި ކޮޓަރިއަށް ވަންނަން އުޅުނު ވަގުތު، މީހަކު ފެނުނުހެން ހީވެ، ހުއްޓިއްޖެ އެވެ. ދެވަނަ ފަހަރަށް އެދިމާއަށް އޭނަގެ ނަޒަރު ދަތުރުކޮށްލި އެވެ. ގޭތެރޭގައި ހައްދާފައިވާ ބަގީޗާ ގަސްތަކުގެ ކައިރީގައި މީހަކު ހުއްޓެވެ. އަނދިރިކަމުން އެމީހަކު ފެންނަމުން ދިޔައީ ކަޅު ހިޔަންޏެއްގެ ސިފައިގަ އެވެ. އެމީހެއްގެ މޫނު ވަނީ ޖިލްވާ އާއި ދިމާއަށް އުފުލިފަ އެވެ.

"ރިޕްސްތަ؟... ބޭރުގަ ކީއްކުރަނީބާ މިގަޑީ؟... އަނެއްކާ އަހަންނަށް ކާރުގަ އެއްޗެއް ބޭއްވުނީތަ؟..." ޖިލްވާ އޭނަގެ އަމިއްލަ ނަފުސާއި ވާހަކަ ދައްކަމުން ކޮޓަރިން ނުކުތެވެ.

ރިފްއާން އޮތީ އޭނަގެ ކޮޓަރީގައި ނިދާފަ އެވެ. ޖިލްވާގެ ފޯނާއި ދަބަސް ވެސް ސިޓިންގްރޫމު ސޯފާގެ މަތީގައި އޮތެވެ. ސުވާލު އުފެދިފައި ހުރެ، ޖިލްވާ ގޮސް ގެއިން ބޭރަށް ނުކުތެވެ. އެމީހަކު ފެންނާކަށް ނެތެވެ. މަގުމައްޗަށް ނުކުމެވެސް ބެލި އެވެ. ތަންކޮޅެއް ދުރުން، ކޮންމެވެސް މީހަކު ހިނގާފައި ދާތީ ފެނުނެވެ. އެނބުރި ގޭތެރެއަށް ވަންނަން އުޅުނު ވަގުތު، ދޮރު ކައިރީގައި އޮތް އެއްޗެއް ޖިލްވާގެ ލޮލުގައި އަޅައިގަތެވެ. އެއީ ސިޓީ އުރަ އެކެވެ.

އުރަ ހިފައިގެން ޖިލްވާ ވަނީ ގޭތެރެއަށެވެ. އޭރު ސުވާލުތަކުން ހިތް ފުރިފައި ވިއެވެ. ސިޓީއުރަ ކަނޑައި އެތެރޭގައި އޮތް އެއްޗެއް ބަލައިލުމުން، އޭނަ ވަކީން ހައިރާން ވިއެވެ. އެތެރޭގައި އޮތީ އޭނައަށް އެވޯޑު ލިބުނު ވަގުތު ނަގާފައިވާ ތަސްވީރެކެވެ. ތަސްވީރުގައި ލިޔެފައިވާ ލިޔުންކޮޅެއް ވިއެވެ.

"ޔޫ ލުކް ޕްރިޓީ ޓުޑޭ... އައި އޭމް ވޮޗިންގ ޔޫ..." އިނގިރޭސި ބަހުން ލިޔެފައިވާ ލިޔުންކޮޅު ޖިލްވާ ކިޔައިލި އެވެ.

"ފޭންއެއް ކަންނޭނގެ..." ޖިލްވާ ދެކޮނޑު އަރުވައިލި އެވެ.

********

ކޮރެއާގެ އެންމެ ހިތްފަސޭހަ އެއް ސަރަހައްދުގައި ހުރި ތަނަވަސް ބޮޑު ގޭގެ ފުރަތަމަ ފަންގިފިލާގެ ބޮކިތައް ހުރީ ދިއްލައިފަ އެވެ. ދެވަނަ ފަންގިފިލާގައި ދިރޭ ފުރާނައެއްވެސް ނެތް ކަހަލަ އެވެ. ގޭތެރެއިން ދެވަނަ ފަންގިފިލާއަށް އެރެން ހުރި ސިޑިން ކޮންމެވެސް މީހަކު މައްޗަށް އަރަމުން ދިޔަ އެވެ. އެމީހަކު ގޮސް ހުއްޓުނީ، އެ ފަންގިފިލާގެ އެއްކޮޅުން އަނެއްކޮޅަށް ހަދާފައިވާ ބޮޑު ކޮޓަރީގެ ދޮރުމަތީގަ އެވެ. އެމީހެއްގެ ދެއަތަށް ވަނީ ކަޅު އަންގިއެއް ލައްވާފަ އެވެ. އަންގި އާއިއެކު، ކޮޓަރި ތަޅުގައި ހިފައި ތިރިކޮށްލިއެވެ.

ކޮޓަރީގެ އެއްބިތް އެއްކޮށް ފުރާލާފައިވީ، ބޮޑު ބިއްލޫރި ދޮރަކުންނެވެ. ފޮތިގަނޑު ދެފަރާތަށް ކަހާލާފައި ހުރުމުން، ބޭރު ރީތިކޮށް ފެންނަމުން ދިޔަ އެވެ. އަނދިރިކަން ވެރިވެފައިވި ނަމަވެސް، ދުރުން ފެންނަމުންދިޔަ އުސް އިމާރާތްތަކުގެ އަލިކޮޅުތައް ކޮޓަރިތެރެއަށް ފެންނަނީ މުތީތަކެއްހެން ބަބުޅަމުން ދިޔަ ތަނެވެ. ކޮޓަރީގެ ފާރުތަކުގައި ލާފައިވާ މަޑު ޕީޗް ކުލައިގެ ސަބަބުން އެ އަނދިރީގައިވެސް ފާރުތައް ހީވަނީ ދިއްލިލާފައިވާ ހެންނެވެ. ކޮޓަރީގެ މެދުން، ބިއްލޫރި ދޮރުފަތާއި ހަމައަށް ރާނާފައިވާ ތިރި ފާރުކޮޅުގެ ދެފަރާތުގައި ދެ ޓީވީ ހަރުކޮށްފައި ހުއްޓެވެ. ފާރުކޮޅުގެ އެއްފަރާތުގައި އެނދާއި އަލަމާރީގެ އިތުރުން ރީތިވާ މޭޒު ބަހައްޓާފައިވާއިރު، އަނެއްފަރާތުގައި ވަނީ ޓީވީ ބެލުމަށް ކުޑަ ސިޓިންގްރޫމެއްހެން ސޯފާ ބަހައްޓައި، ވަކި ބައެއް ހަދާފަ އެވެ.

އަރާމު މަޑު ތަންމަތީގައި ނިދިފައި އޮތް ޒެނިލްއަށް ހޭލެވުނީ، މީހަކު މާ ވަރަކަށް ތަޅުގައި ހިފާ އަޑު އިވެން ފެށުމުންނެވެ. ހޭލެވުނުގޮތަށް އޭނަ ފުރަތަމަވެސް ހޯދައިލީ ބާލީސް ދަށުގައި އޮތް ފޯނެވެ. ގަޑިން ފަތިހު ފަހެއް ޖެހީ އެވެ. އަރާމު ނިދީގައި އޮވެފައި ތެދުވަން ޖެހުމުން، ޒެނިލްގެ މޫނުމަތިން ފެނުނީ ފޫހި ކަމެވެ. އެހާ ފަތިހާ އެ ކޮޓަރިއަށް ވަންނަން މަސައްކަތް ކުރަނީ ކާކު ހެއްޔެވެ؟

ގައިމަތީގައި އަޅާފައިވާ ރަޖާގަނޑު ނެގުމަށްފަހު، ޒެނިލް ތެދުވި އެވެ. ފައިދަށުގައި އޮތް ކެހެރި ކާޕެޓުގެ މަތީގައިވާ މަޑު ފައިވާނަށް ދެފައި ކޮއްޕައިލި އެވެ. އޭނާ ލައިގެން ހުރީ ނިދަންލާ ދޫ ހަރުވާޅަކާއި، ކެހެރި ފޮތީގެ އަތްދިގު ޓީޝާޓެކެވެ. ފަން އިސްތަށިގަނޑު ވަނީ ތަރުތީބެއް ނެތް ގޮތަކަށް އެކި ދިމަދިމާއިން ހިއްލިފަ އެވެ. ތެދުވި ނަމަވެސް، އޭރުވެސް އޭނަގެ ދެލޯ ރަނގަޅަށް ނުހުޅުވެ އެވެ.

(ނުނިމޭ)

ކޮމެންޓް 0