" ޕްލީޒް ޓޭކް މީ ހޯމް....ޕްލީޒް... ވަރަށް ބިރު އެބަގަނޭ..." އަލީޒާ އާދޭސް ކުރާފަދަ ގޮތަކަށް ކަރުނަވީ އަޑަކުން ބުންޏެވެ. އެއާއެކު އޭނަ ބާރަށް އައިސް ދާނިޝް ގެ އަތުގައި ހިފެހެއްޓިއެވެ. އޭނަގެ ލޮލުގައި ކަރުނަ ގިނަވަމުން ދިޔައެވެ. ހާސްވެ ބިރުގެންފައިވާ ކުޑަކުއްޖެއްފަދައެވެ.


"ކީއްވެ ބިރުގަންނަންވީ؟ " ދާނިޝް އަލީޒާ ގެ އަތް ދުރަށް ލަމުން ދެތިން ފިޔަވަޅު ފަހަތަށް ޖެހުނެވެ. އޭނަ އަށް ކެހިދީ އޮޅުވާލަން މަސައްކަތް ކުރި ކުއްޖާ މިހިރީ ރަގަޅަށް އޭނަގެ އަތްދަށުވެފައެވެ. މިހާރު އޭނަ ބޭނުން ގޮތެއް ހަދާލެވިދާނެއެވެ. ހަދާން ނައްތާނުލެވޭވަރުގެ ފިލާވަޅެއް ދެވިދާނެއެވެ. ފިރިހެނުންނަށް ލަނޑު ދީފައި ސަލާމަތް ނުވެވޭނެކަން އަންގާލަދެވިދާނެއެވެ. އިންސާނަކަށް ބާރާއި ހިތްވަރު ލިބޭނީ މިހާކަށްހާވަރަށެވެ. ފިރިހެނަކަށް ވެސް އޭނަ އާއި ދިމާކޮށްގެން ކުރިނުލިބޭނެއިރު އަންހެންކުއްޖަކަށް ގަދަދެއްކޭނީ ކިހިނެއްހެއްޔެވެ؟ އޭނަ ކާރީ އިނގިލިކުރިވެސް ހަލުވާނުލެވޭނެއެވެ.
ގެއަށް ދާން ބޭނުން...ހެޔޮނުވާނެ...." އަލީޒާ ރޮމުން މޫނުގައި ދެއަތް އެޅިއެވެ. ދާނިޝް ހެދިގޮތުން އޭނަ ރަގަޅަށް ރަކިވިއެވެ. ވަރަށް ބޮޑަށް ހިތުގައި ޖެހުނެވެ.


"ތިމާގެ އާރެއްބާރެއް ނެތް ކަމާއި ބަލިކަށިކަން މިހާރު އެބަ އެގޭ ދޯ. ތިހާ ފިނޑި މީހަކު އަހަންނަށް އޮޅުވާލިއިރު މަށަކީ ކާކުކަން އެނގޭތަ؟ ހަމަ މިހާރު ރުއިން ހުއްޓާލާ. ބޭކާރު ކަމެއް. ގެއަށް ގެންދަންވީމަ އަހަންނަށް އެނގޭނެ..." ދާނިޝް އަލީޒާ ސޯފާ ސެޓާއި ދިމާލަށް ގަންނަވާލަމުން ތުންފަތުގައި ދަތް އަޅާލިއެވެ. ގަނބައިގެންދާހާ އެ މަޑު ސޯފާމަތީގައި ޖެހުމުން އަނިޔާއެއް ނުލިބުނަސް އޭނަ ވަރަށް ބިރުގަތެވެ. އޭނާ ދާނިޝް އާއި ދިމާލަށް ބަލައިލީ ހައިރާންކަމާއި އެކު ލޯ ބޮޑުކޮށްލަމުންނެވެ. ގަބޫލުކުރަން ދަތިވެފައެވެ.


ދާނިޝް ބަލަހައްޓައިގެން ހުރީ ހަމްދަރުދީއެއް ނެތް ނަޒަރަކުންނެވެ. އެ ރީތި ލޮލުގައި ވަނީ ނަފްރަތެވެ. ސީރިޔަސްކަމެވެ. މިވަގުތު އަލީޒާ އަށް ދާނިޝް ފެނުނީ ރީތި ވެމްޕަޔަރެއްގެ ސިފައިގައެވެ. ހަމަ އެ ނުރައްކާތެރި ބަލާލުމެވެ. އެ މީހުންގެ ވިސްނުމާއި ކުޅެލާފަދަ ބާރެވެ.


" ނޫން... ނޫން...." އަލީޒާ ދޮރާއި ދިމާލަށް ދުއްވައިގަތެވެ.
ދާނިޝް ފަހަތުން އެއައިގޮތަށް އަލީޒާ ގެ މެދުހަށީގައި ހިފާފައި އަތުކޮޅަށް އުފުލާލުމަށްފަހު އެއްލާލީ އެނދާއި ދިމާލަށެވެ. މީހަކަށް ކުޑަކުއްޖަކު އެހެން އެއްލާލެވިދާނެކަމަށް ގަބޫލުކުރެވެއެވެ. އެކަމަކު އޭނަފަދަ ބޮޑު އަންހެންކުއްޖަކު ނަގާފައި އެއްލައިލީ ބުދެއްފަދައިންނެވެ. ހާދަ ބާރުގަދައެވެ. ދާނިޝްގެ މި އާދަޔާޚިލާފު ބާރުގަދަ ކަމާއި ހަލުވިކަން އަލީޒާގެ ހިތް ވިރުވާލައިފިއެވެ. މި ދާނިޝް އަކީ ކާކުބާވައެވެ. ޔަގީނެވެ. މިއީ ދާނިޝް ގެ ސިފަ ޖެހިގެން ހުރި ޖިންނިއެކެވެ. އޭނާ ލޯބިވާ ދާނިޝް މިހާ ނުލަފައެއްނުވާނެއެވެ. މިހާ ރަހުމް ކުޑައެއްނުވާނެއެވެ.


މި ޖިންނި ދާނިޝް ހަމަ ކުއްލިއަކަށް ބިރުވެރި ވެމްޕަޔަރަކަށް ވެގެން އޭނަގެ ގައިން ލޭ ބޮއިފާނެކަމަށް ވެސް އަލީޒާގެ ހިތް ބުނަން ފަށައިފިއެވެ.

" ގޭމެއް ކުޅެލާނީ ދޯ. އަހަރެން އަލީޒާ ސަލާމަތްވާން ދޭނަން ދިހަމިނެޓް. މިކޮޓަރިން ނިކުމެވިއްޖެއްޔާ އަހަރެން އަލީޒާގެ ގައިގާ އިގިލި ކުރިވެސް ޖައްސައެއްނުލާނަން. އޭރުން ކާމިޔާބު ވާނީ އަލީޒާ އަށް. އެކަމަކު ނުނިކުމެވިއްޖެއްޔާ................" ދާނިޝް ގަޑި ބަލާލަމުން ބުންޏެވެ..." ގަޑި ފެށުނީ އިނގޭ.."


އަލީޒާއަށް ސަލާމަތްވުމުގެ ކުޑަ ކުޑަ އުއްމީދެއް ލިބިއްޖެއެވެ. އެކަމަކު އެންމެ ދިހަ މިނެޓެވެ. ބޭކާރުގޮތުގައި ހޭދަކުރެވޭ ކޮންމެ ސިކުންތުކޮޅަކީ ވެސް ނުރައްކަލާއި ދިމާލަށް އެޅޭ ފިޔަވަޅެކެވެ. ކިތަންމެ ނުރައްކާތެރި އިންސާނަކަށް ވިޔަސް ދާނިޝްގެ އެ ބުނުމަށް އަލީޒާ އަށް އިތުބާރު ކުރެވުނީ ކީއްވެގެން ކަމެއް ނޭގުނެވެ. ލޮލުގައިވާ ކަރުނަތައް އަތުގެ ނުފުށުން ފޮހެލާފައި އޭނަ އެނދުން ފުންމާލައިގެން ދުއްވައިގަތީ ދޮރު ހުޅުވުމަށެވެ. ޑިޖިޓަލް ތަޅަކަށް ވެފައި ކާރޑް ދާނިޝް އަތުގައި ވިޔަސް އެތެރެއިން ދޮރުހުޅުވާލަން އަލީޒާ އަށް ވެސް އެގެއެވެ. އެކަމަކު މަތީ ތަންޑު ހުރީ އަޅުވާފައެވެ. އަލީޒާ އުޅެއުޅެ އެތަންޑު ގުޑައެއް ނުލިއެވެ. ހާދަ ބާރެވެ. ގޮތް ގޮތަށް ހިފާ ދަމާ ހެދުމުން ވެސް ތަންޑުނެއްޓޭނެ ގޮތް ނުވުމުން އަލީޒާ ފައިން ދޮރުގައި ޖެހިއެވެ. ދޮރު ހުރިތަނުން ލުއްސާލެވޭނެނަމައެވެ. ފައިގާ އެހާ ބާރެއް ނެތްކަން އެގުމުން ގޮތްހުސްވެފައިވާ ކަހަލަ ގޮތަކަށް އޭނަ ބަލާލީ އެނދުގައި ހަމަޖެހލައިގެން އޮށޯވެ ލައިގެން އޮތް ދާނިޝް އާއިދިމާލަށެވެ. އޭނަ އޮތީ ފޯނާއި ކުޅޭށެވެ. އަމިއްލަ ދުނިޔެއެއްގައެވެ. ނޫނީ އަލީޒާ ގެ މޮޔަ ހަރަކާތްތައް ވީޑިޔޯ ކުރަނީކަމަށް ވެސް ވެދާނެއެވެ. އެނގޭނީ ކިހިނެއްހެއްޔެވެ؟ އަޖާއިބެއްކަހަލަ އިންސާނެކެވެ. ސިއްރުވެރިއެވެ.


އަލީޒާ ވަގުތު ދުއްވާނުލައި ދުއްވައިގަތީ ކުޑަދޮރުތަކާއި ދިމާލަށެވެ. ދަނބު ކުލައިގެ ފަރުދާތައް ކަހާލުމަށްފަހު އޭނަ ތިރީ ތަންޑުތައް ނެއްޓިއެވެ. ބޭރުން ފެންނަ ގަސްތަކުގެ ހިޔަނި ތައް އިފުރީތުތަކެއް ފަދައިން ފެނުމުން އޭނަގެ ހިތް ވެސް ރޫރޫއަޅައިގެން ދިޔައެވެ. ތުރުތުރުއަޅާ އިނގިލިތަކުން މަތީގައިވާ ތަންޑުތައް ނައްޓަން އުޅުމުން މިފަހަރުވެސް ނާކާމިޔާބުވިއެވެ. އަދި ވެސް މިކޮޓަރިން ބޭރަށް ނިކުމެވޭނެ އެއްދޮރު އެބަހުއްޓެވެ. އެކަމަކު އެދޮރުގައި ހުރީ ތަޅެއް އަޅުވާފައެވެ. މިއީ ދާނިޝް އޭނައަށް ސަލާމަތް ވުމަށް ދިން ފުރުސަތެއް ކަމަށް ގަބޫލެއް ނުކުރެވޭނެއެވެ. އޭނަ ތަޅުވާލީއެވެ. މިއީ މަކަރެވެ.
" މިއީ ގަބޫލުކުރެވޭނެކަމެއްނޫން. އަޅުގަނޑު މޮޔަ ހެއްދެވީމަ ލިބިލައްވަނީ ކޯޗެއް؟ އަޅުގަނޑު ދިޔަދީ ހެޔޮނުވާނެ...." ބަންދުވެފައިވާ މިކޮޓަރީގައި އޭނަ ދާހިއްލަންފެށިއެވެ.


ދާނިޝް އެއްވެސް ޖަވާބެއް ނުދިނެވެ. ވައިގެ ހަމަލާ ކުރިއަށްވުރެ ގަދަވިއެވެ. ފަށުވި ފަރުދާތައް ވެސް ވަޔާއި ތަޅަމުން ދިޔައެވެ. ފުރާޅުމަތީގައި ގޮފިތައް ކޭއްތޭ އަޑު އިވުމުން ވެސް އަލީޒާ ގެ މޭތެޅިލައިގަނެގެން ދެއެވެ. އިރުކޮޅެއްނުވެ ބޯކޮށް ވާރޭއޮއްސައިގަތެވެ. ހީވީ ފުރާޅަށް ވެލިތަކެއް ފައިބައިގަތްހެނެވެ. އަލީޒާއަށް ދެކަންފަތުގައި އަތްއަޅާލެވުނެވެ. ހިތްފުރިގެން ބަންޑުންވަނީއެވެ. ނުރޯން ކިތަންމެ ހިތްވަރުކުރިނަމަވެސް އިރުއިރުކޮޅާ ލޮލަށް ތާޒާ ކަރުނަ ޖަމާވެއެވެ. އޭނާ ހައްޔަރުވެފައިވަނީ ކޮންފަދަ ނުބައިގޮތަކަށް ހެއްޔެވެ؟ ކޮންފަދަ ބޮޑު ލަނޑެއްހެއްޔެވެ؟ އަމިއްލައަށް އައިސް ސިންގާ ކޮށްޓަކަށް ވަދެވުނީއެވެ. ހާދަ ބަދުނަސީބުވެރި އަންހެންކުއްޖެކެވެ. މޮޔަކަމުން މި އާދެވުނީ ގޭގައި ފޯނު ބާއްވާފައެވެ. ފޯނު ގެނެވުނުނަމަ އީނާ އަށް އޭނަގެ ހާލު މެސެޖަކުން އަންގާލެވުނީހެވެ.

 

ދާނިޝް މިހާގަދަޔަށް ރުޅިއައިސްގެން މިއުޅެނީ ކޮންކަމަކާހެއްޔެވެ؟ އޭނަގެ ބޯއިފްރެންޑަކު ހުރިކަމަށް ބުނީމަހެއްޔެވެ؟ ހަގީގަތް ހާމަކޮށްދިނީމަ ދާނިޝް އޭނައަށް ހަމްދަރުދީ ވާނެއެވެ. މައާފު ދޭނެއެވެ. މަޖްބޫރުވެފައިވާ ނިކަމެތި އަންހެންކުއްޖަކަށް އޭނަ އަނިޔާ އެއް ނުކުރާނެއެވެ. އިއްޒަތާއި އަބުރު ސަލާމަތް ކުރަން އޭނަ ކޮންމެހެން ވެސް ތެދު ބުނަން ޖެހޭނެއެވެ.

" އޭރު އަޅުގަޑު ބޯއިފްރެންޑެއް ހުރެޔޭ ބުނީ މަޖްބޫރުވެގެން..." އަލީޒާ އޭނައަށް ޑޮކްޓަރ ފަރުޒާނާ މަޖުބޫރު ކުރިގޮތް ކިޔާދިނީ އަސަރާއިއެކީ ރޮއިރޮއިހުރެއެވެ. އަލީޒާ އަށް ވެސް ނޭގުނީ ދާނިޝް އަށް އެއިން އެންމެ ލަފުޒެއްވެސް ނީވުނުކަމެވެ. އޭނަ ހެޑްސެޓް އަޅައިގެން ލަވަ އަޑުއަހަން އޮތްކަމެވެ.


ދާނިޝްގަޑި ބަލާލާފައި ތެދުވެގެން އައިސް އުއްބައްތިތައް ނިއްވަންފެށުމުން އަލީޒާ ކަންބޮޑުވީވަރުން ރޮއިގަތެވެ.
" ނުނިވަބަލަ ކެންޑްލްތައް. ޕްލީޒް. ހާދަ ބިރުގަނެޔޭ"
"ސްޓުޕިޑް ގާރލް. އެންމެ އުއްބައްތި އަކުންވެސް އަލިވާނެ. އެހެންނޫނަސް މަށަށް އަމުރުކުރަން ތިއީ ކާކު؟ " ދާނިޝް ލޯހަނިކޮށްލިގޮތުން އަލީޒާގެ ގައިން ހީބިހި ނެގިއެވެ. އޭނަގެ ރުޅިވެރިކަން ދައްކާލަން ގޮށްމުށްކަވާލާފައި ފާރަށް ބޭލި އެތިފަހަރުން ބިންގަޑުވެސް ގުޑައިގެން ދިޔަހެން އަލީޒާ އަށް ހީވިއެވެ. އަލީޒާ ފަހަތަށް ޖެހެމުން ގޮސް ސޯފާގެ ބިއްދޮށަށް ވަނެވެ. ދާނިޝް ދެކެ އޭނަ މާބޮޑަށް ބިރުގެންފިއެވެ.


މާސްޓަރބެޑްރޫމްއަކަށް ވުމުން ކޮޓަރި ތަނަވަސްވެފައި ދުވާނެ ޖާގައެބައޮތެވެ. އަލީޒާ ދުށް ގޮތުގައި އެއީ އޭނަގެ ނަސީބެވެ. ދާނިޝްގެ އަތުގައި ނުޖެހި ސޯފާގެ ވަށައިގެން ދުވިދާނެއެވެ. އޭނަ ޔަލްހަން ގެ މަތިން ހަދާންވިއެވެ. ބޮޑުދައިތަގެ މާމަ ދަރިފުޅު ޔަލްހަން ވެސް ސޯފާސެޓްގެ ވަށައިގެން ދުވާއިރު އޭނައަށް އަތެއްނުލެވެއެވެ. ޔަލްހަން އަށް އެންމެ ތިން އަހަރެވެ. 
" ކީއްވެގެންނޯ މާ އިނޮސެންޓު ކަމަށް ހެދެނީ. އެކްޓް ނުކޮށްބަލަ. އެކަމަކު ކިލަރއަކު މިގޮތަށް ދިމާކުރީމަ ބިރުގަންނާނެ ދޯ. ފުރާނަ ހުރެގެން މިގެއިން ނިކުމެވޭނެ ކަމެއްނޭގޭ ވިއްޔާ..." ދާނިޝްގެ ލޮލުގައި ހަމްދަރުދީގެ ކަންފުޅެއްވެސް ނެތެވެ. ދާނިޝް ލަސްލަހުން އަލީޒާ އާއި ދިމާލަށް ހިނގައިގަތުމުން އަލީޒާ ދުވަންފެށިއެވެ. ޔަލްހަން ފަދައިންނެވެ. ދާނިޝް ގެއަތުގައި ނުޖެހޭން ކަމުގެ ޔަގީން ކަމާއި އެކީގައެވެ.


ކޮޓަރިތެރޭގައި އަލީޒާ ދުއްވުން ދާނިޝް އަށް ކުޅިވަރަކަށް ވިކަހަލައެވެ. އޭނާ ލަސްލަހުން ހިނގިޔަސް އަލީޒާ ދުވަމުން ގޮސް ވަރުބަލިވެގެން މައިނޭވާލެވެން ފަށައިފިއެވެ. އެ ދޮންމޫނުގައި ދާ ތިކިތައް ވިދަމުން ދިޔައީ މުތީތަކެއްފަދައިންނެވެ. އެންމެ ފަހުން އަލީޒާ މޭޒުމަތީގައި އޮތް ބިއްލޫރި ޔުނިކޯރންއެއް ދާނިޝް ގެ މޫނާއި ދިމާލަށް ހޫރާލިއެވެ. ފުދޭވަރަކަށް ބަރެވެ. ދާނިޝް އޭގައި ހިފީ ވަރަށް ލުއިކޮށެވެ. އޭނަ ގެ ކުޅަދާނަކަމާއިމެދު އަލީޒާ ހަމަ ހައިރާންވިއެވެ. އެ ބާރުގަދަކަމާއި ހަލުވިކަން އަދި ކުޅަދާނަކަން އެހެން އިންސާނުންނަށް ވެސް ލިބިފައިވޭބާވައެވެ.


އަލީޒާ މިފަހަރު ވެސް ދާނިޝް ގެ އަތުގައި ނުޖެހިދުވަން މަސައްކަތްކުރިއެވެ. އެކަމަކު ވިދުވަރެއްފަދައިން އައިގޮތަށް އޭނަ އަލީޒާ ގެ އަތުގެ މުލައްދަޑީގައި ހިފެހެއްޓިއެވެ.
" ގޭމް އޯވަރ. ޔޫ އާރ މައިން ނައު..." ލަސްލަހުން އެ ޖުމްލަތައް ދާނިޝް ބުނެލީ އިންޒާރުދޭފަދަ ގޮތަކަށެވެ.
އަލީޒާ ގަނޑުވެފައިވާކަހަލަ ގޮތަކަށް ހުރިއިރު އެނާ ބިރުން ރޫރޫ އަޅަމުން ދިޔައެވެ.


" ހެހެ އަނެއްފަހަރު ފެއިންޓް ނުވާތީ. ޑޯންޓް ގިވް އަޕް. ފައިޓް ކުރީމަ ބޮޑަށް މަޖާ ވާނީ ވެސް...." ދާނިޝް އަލީޒާގެ އަތުގައި ހިފައިގެން ގޮސް ފާޚާނާގެ ދޮރުހުޅުވިއެވެ. އެތަނުގައިވެސް ބޮޑެތި އުއްބައްތިތަކެއް ދިއްލާލާފައި ހުއްޓެވެ. ބޮޑުވެފައި ސާފުކަމުން ދުވަހަކު މީހަކު ބޭނުން ނުކުރާތަނެއްފަދައެވެ. ބޮޑު ބާތުޓަބް އެއްވެސް ހުއްޓެވެ. ފާޚާނާގެ ތެރޭގައި އަދި އެހެން ދޮރެއްހުއްޓެވެ.
" އަލީޒާ އަށް އެ ދޮރު އެބަ ފެނޭނު. އެ ދޮރުން ބޭރަށް ނިކުމެވޭނެ. ނުލާހިކު ފަސޭހަ ވާނެ ތަންޑު ނައްޓާލަން. ސްޓުޕިޑް ގާރލް އެކޭ ބުނީ އެހެންވީމަ. މިތަނަށް ވަންނަމަ އެދޮރު ހުޅުވާލާފައި ނުކުމެގެން ދެވުނީހެއްނު..." ދާނިޝް ލާނެތް ގޮތަކަށް ހީލިއެވެ..." އެކަމަކު މިހާރު ވަގުތު ފާއިތުވެއްޖެ އިގޭ"


އަލީޒާ ބިރުގެންނެވުމާއި ރޮއްވާލުމުގައި ދާނިޝްއަށް ކިތަންމެރަގަޅަށް ވެސް ކާމިޔާބު ކުރެވިއްޖެއެވެ. އެކަމަކު އޭނަގެ ހިތަށް ހަމަޖެހުމެއް އުފަލެއް ނުލިބުނެވެ. އަލީޒާ އަށް އެގޭނެނަމައެވެ. އޭނަ ދުވަހަކުވެސް އަންހެންކުއްޖެއްގެ ނިކަމެތިކަމާއި އާރެއް ބާރެއްނެތްކަމުގެ ފައިދާ ހާސިލް ނުކުރާނެއެވެ. އެފަދަ ފިރިހެނުންނަކީ އޭނަ ދެކޭގޮތުގައި ހަގީގީ ފިރިހެނުންނެއްނޫނެވެ. އޭނައަކީ އެހާ ދަށް ފެންވަރުގެ ނަކާމިޔާބު މީހެއްނޫނެވެ. އޭނަ ބޭނުންވިނަމަ އަލީޒާ ވެސް ރުހުމުގައި އޭނަގެ އަތުގެ ތެރެއަށް އައީހެވެ. އަންހެންކުދިންގެ ވިސްނުމާއި ކުޅެލާނެ ފަދަ ބާރު މާތްﷲ އޭނަ އަށް ދެއްވާފައިވެއެވެ. އަންހެންކުދިންނަށް ބާރުގެ ބޭނުން ކޮށް އަނިޔާކޮށް އަތް އިސްކުރާ މީހުން ދެކެ އަބަދުވެސް އޭނަ ފޫހިވެއެވެ. ކިތަންމެ ފަހަރު އޭނަ ވަނީ އެފަދަ އަނިޔާތަކުން އަންހެންކުދިން ސަލާމަތްކޮށްދީފައެވެ. އެކަމަކު އެއީ ރާއްޖޭގައެއްނޫނެވެ. އަލީޒާ އަށް އޭނައަކީ ކާކުކަން ދަސްކުރަން ފަސޭހައެއްނުވާނެއެވެ.


ދާނިޝް ފާޚާނާގެ ދޮރުލައްޕާލުމުމަށްފަހު އަނެއްކާ އަލީޒާގެ އަތުގައި ހިފާ ދަމަމުން ގޮސް އެނދަށް ގަންނަވާލިއެވެ. އަދިވެސް ކުޑަކޮށް އަލީޒާ ތަޅުވާލާހިތްވީއެވެ. އަލީޒާ ބިރުގެންފައިވާވަރުން ރޮމުން ގިސްލަމުން އާދޭސް ކުރަމުން ދިޔައެވެ. އަލީޒާގެ ކަރުނަ ތަކުން ދާނިޝްގެ ހިތް ހަމްދަރުދީ އިން ފުރުނެވެ. އެތައް އަސަރުތަކުން ހިތް ކުދިކުދިވާން ފެށިފަދައެވެ. ބުނެދޭން ނޭގޭފަދަ އަސަރުތަކާއި އިހުސާސްތަކެވެ. އާދަޔާޚިލާފު ޖަޒުބާތްތަކެވެ. އޭނަ އަށް މިވަގުތު އެގުނީ އޭނައަށް އަލީޒާ ދެކެ ލޯބިވެވޭކަމެވެ. ވަރަށް ބޮޑަށެވެ. މި ލޮލުން ދެން ކަރުނަ އޮހޭތަން ދެކެން އޭނަ ބޭނުމެއްނޫނެވެ. ހުރިހާ އަނިޔާތަކުން އޭނަ އަލީޒާ ސަލާމަތްކޮށްދޭނެއެވެ. 
އޭރު އަލީޒާ އާއި ދާނިޝް ވަނީ ވަރަށް ކައިރީގައެވެ. އަލީޒާގެ ދެއަތުގައި ހިފަހައްޓާލައިގެން އިންއިރު އޭނަގެ މޫނުވަނީ އަލީޒާގެ މޫނާއި ނުރައްކާތެރި ދަރަޖައަކަށް ކައިރީގައެވެ. ދާނިޝްގެ އެސްފިޔަތައްވެސް ތެމުނެވެ. އޭނަ ބޭނުންވީ އަލީޒާގެނެސް މޭގައި ޖައްސާލުމަށްފަހު އެ ރީތި ބޮޑު ލޮލުގައިވާ ކަރުނަތައް ފޮހެލަދިނުމަށެވެ. އެ ރަންފަށުވި އިސްތަށިގަޑާއި އޮމާން ކޯތާފަތުގައި ފިރުމާލުމަށެވެ. ހިފެހެއްޓުމެއްނެތް ލޯބި ދިނުމަށެވެ. ނަމަވެސް ދާނިޝް ހަނދާންވީ އަލީޒާ އޭނަގެ ބޯއިފްރެންޑަކު ހުންނަކަމަށް އިއުތިރާފުވެފައިވާކަމެވެ. މިއީ އޭނަގެ ހައްގެއްނޫނެވެ. އޭނަގެ މިލްކަކަށް ނުވާ އަންހެންކުއްޖެއްގެ ގައިގާ ބީހިލުމަކީ އޭނަ ގެ އުސޫލެއްނޫނެވެ.

ދާނިޝް އަލީޒާގެ އަތުން ދޫކޮށްލާފައި އެނދުން ތެދުވެއްޖެއެވެ.
އޭނަ ކުޑަދޮރުހުޅުވާލާފައި ބޭރަށް ބަލާލިއެވެ. އޭރުވެސް ވާރޭ ހުއްޓައެއްނުލައެވެ. އުޑުމަތިން އެންމެ ތަރިއެއްވެސް ފިޔަޖަހާލާ ތަނެއް ނުފެނެއެވެ. އުއްބައްތީގެ ހުޅުކޮޅު ހޫރެން ފެށުމުން އޭނަ އަވަސްއަވަހަށް ކުޑަދޮރުލައްޕާލާފައި ތުންފަތުގައި ދަތް އަޅާލައިގެން ހުރެ އަލީޒާ އަށް ބަލާލިއެވެ. އަލީޒާ އިނީ ރުއިން ހުއްޓާލާފައި އެނދުގައި އިށީދެލައިގެން ދާނިޝް ގެ ހަރަކާތްތަކަށް ބަލަހައްޓައިގެނެވެ. ޔަގީންކަމެއްނެތް ފަދަ ގޮތަކަށެވެ. މޫސުމް ފަދައިން ދާނިޝްގެވެސް ގޮތް ނޭގޭނެތީއެވެ.
"ފާޚާނާ އަށް ވަދެ މޫނު ދޮވެލާހަދަންވީނު. ގެއަށް ގެންގޮސްދީފާނަން..." ވަރަށް އޯގާތެރި ރާގެކެވެ. ދާނިޝް ހަމަ ކުއްލިއަކަށް އޭނަ ފުރާނަފަދަ ލޯބިވާ ދާނިޝް އަށް ބަދަލުވެގެން ދިޔައީއެވެ. މިވީ ގޮތުން އަލީޒާ ގެއަށް ދާހިތް ކެޑުނެވެ. އޭނަ ބޭނުންވީ މިދޭތެރޭގައިވާ ޝައްކުތަކާއި ހިތްހަމަނުޖެހުން ފިލުވާލުމަށެވެ. ލޯބިވާވަރު އަންގާދިނުމަށެވެ. އެކަމަކު ދާނިޝް ގެ ސީރިޔަސް ނަޒަރު ފެނުމުން އޭނަ ލަދުގަންނަގޮތްވިއެވެ. އިތުރު އެއްޗެކޭ ބުނާކަށް ނުކެރުނެވެ.


ފިކުރުތަކެއްގައިހުރެ އޭނަ މޫނު ދޮވުނެވެ. ދާނިޝް ދިއްކޮށްލި ތުވާލީގައި ވެސް ހިފާލާފައި ވަނީ ދާނިޝް ގެ މީރުވަހެވެ. އަލީޒާ މޫނުގައި ތުވާލި ޖެއްސި ގޮތަށް ދުރުކޮށްލާ ހިތެއްނުވިއެވެ. ނޭފަތް ދަމާލެވުނެވެ. އޭނަގެ ލޮލުގައި އަނެއްކާ ކަރުނަ ގިނަވާން އުޅުނެވެ. އަލީޒާ އަށް ފުން އަސަރުތަކެއްކުރަނީއެވެ. މިރޭ މިހާ ހިތްދަތިގޮތަކަށް ނިމިގެންދާކަށް އޭނަ ބޭނުމެއްނޫނެވެ. ގޯސް ހެދި ކުށް ކުރެވުނީ އޭނަ އަށް ކަމަށް ގަބޫލުކުރެވެންފެށިއެވެ .ދާނިޝް އަކީ އޭނަގެ ލޯބިވެރިޔާއެވެ. ވީއިރު ލޯބިވެރިޔާގެ ފަރާތުން ލިބޭ ކޮންމެ އަނިޔާ އެއްވެސް އުފަލާއި އެކު ގަބޫލު ކުރަން ޖެހޭނެ ނޫންހެއްޔެވެ؟ އޭނައަށް ކަންތައް ކުރެވުނީ ރަގަޅަކަށް ނޫނެވެ.
އަލީޒާ ވެސް ދާނިޝް ގެ ފަހަތުން އެ ކޮޓަރިން ނުކުތެވެ. ގޭގެ ފެންޑާގައި ތިބެގެން ކާރަށް އިންތިޒާރުކުރަމުން ދިޔައިރުވެސް ދާނިޝް އަނގައިން ނުބުނެ ހިމޭނުންހުރީއެވެ. ދިހަވަރަކަށް މިންޓް ތެރޭގައި އެގޭގެ ދޮރާށި ދޮށަށް ކާރެއް މަޑުކޮށްލައިފިއެވެ. ދާނިޝް އެ ބޯ ވާރޭތެރޭގައި ހަމަޖެހިލައިގެން ހުރެ ޑްރައިވަރަކަށް އިން ޒުވާނާ އާއި ވާހަކަ ދެއްކިއިރު އަލީޒާ ހުރީ ހިތްހަލާކުވެފައި އެމަންޒަރު ދެކޭށެވެ. އެންމަފަހުން އަލީޒާ ވެސް މަޑުމަޑުން ހިގާލާފަ އައިސް ކާރުގެ ކާރީގައި ހުއްޓުނެވެ. ދާނިޝް ގެ މޫނަށް ބަލާލެވުނީ ދާދި ކައިރިންނެވެ. ވާރޭގެ ތިކިތައް މުތީތަކެއް ފަދައިން އެ މޫނާއި އެސްފިޔަތަކުގައި ވިދަމުން ދިޔައެވެ. ފަން އިސްތަށިގަޑު ތެމިގެން ނިތުމައްޗަށް ފައިބާފައި އޮތެވެ.ކޮނަފަދަ އަސަރުގަދަ ރީތި ލޮލެއްހެއްޔެވެ؟ އޭނަގެ ހިތުން މިވަގުތުކޮޅު ދުވަހަކު ފިލައިގެނެއްނުދާނެއެވެ.


އަލީޒާ ތެމިފޯވެގެން ހުރެ އެކާރަށް އެރިއެވެ. ކާރުގެ ޑްރައިވަރަކަށް އިނީ ވެސް ރީތި ޒުވާނެކެވެ. ހީވަނީ ދާނިޝްގެ އާއިލާ މެމްބަރެއްހެނެވެ. މި ވިއްސާރަ ތޫފާނީ ރޭގައި ކޮންމެ ކޮންމެ މީހަކަށް އިތުބާރުނުކޮށް އޭނަ ދަންނަމީހަކާއި އެކީ ގެއަށް ފޮނުވާދިނުމުންވެސް އިގެނީ ދާނިޝް ގެ މާތްކަމާއި ރަގަޅުކަމެވެ. އަލީޒާ ގެ ލޮލުން ކަރުނަ އޮހިގަތެވެ.
ޑްރައިވަރަށް އެ މަންޒަރު ފެނުނެވެ. އެކަމަކު އޭނަ ސުވާލެއް ނުކުރެއެވެ. އަލީޒާ ގެއާއި ހަމަޔަށް ގެންގޮސްދިނުމަށްފަހު އަލީޒާ ގެއަށް ވަދެ ދޮރުލައްޕަން ދެން އެ ޒުވާނާ ބަލަހައްޓައިގެން އިނެވެ. ދާނިޝް އޭނަ އާއި ހަވާލު ކުރި އަމާނާތަށް ގެއްލުމެއްވާކަށް އޭނަވެސް ބޭނުމެއްނޫނެވެ.


ބައެއްފަހަރު މައިންބަފައިން ދަރިން ގެ މުސްތަގުބަލް ބައްޓަން ކުރަނީ އެމީހުން ބޭނުންވާ ގޮތަށެވެ. ހުރިހާ މައިންބަފައިން ގެވެސް ފޮނި އުއްމީދަކީ ދަރިން ޑޮކްޓްރުންނަށް އިންޖިނޭރުންނަށް ސައިންޓިސްޓުން ފަދަ މޮޅު މީހުނަށް ވުމެވެ. އެ ކުދިން ގެ ފޮނި ހުވަފެން ތައް ޗިސްކޮށްލާފައި މައިންބަފައިންނަށްޓަކައި ޤުރުބާން ވާ ޒުވާނުން ވެސް މަދެއްނޫނެވެ. ޑޮކްޓަރ ރާހިލް ކުޑައިރުއްސުރެ ޕައިލެޓަކަށް ވުމަށް ބޭނުންވިޔަސް މައިންބަފައިން ބާރު އެޅުމުގެ ސަބަބުން މެޑިކަލް ކޮލެޖަށް ވަނެވެ. ހިތްއަލި ވިސްނުންތޫނު ޒުވާނަކަށް ވުމުން ޝަވްގުވެރިކަމެއްނެތަސް އޭނަ ފާސްވަމުން ގޮސް ކޮލެޖް ނިންމިއެވެ. މައިންބަފައިންނާއި ބޮޑުބޭބެ އަދި ބޭބެމެން ފަދައިން އޭނަ އަކީ ވެސް ގާބިލު ޑޮކްޓަރަކަށް ވެއްޖެއެވެ.


އައިސްގޭޓް ހޮސްޕިޓަލުގެ ވަޒިފާ އަށް ނުކުތް ފުރަތަމަ ދުވަހުވެސް ރާހިލް ގެ ލާނެއް މިޒާޖުގެ ސަބަބުން ވަރަށް ގިނަ މުވައްޒަފުންނާއި އެކުވެރިވިއެވެ. އީނާ ފަނާ ފަދަ ހުސް ހަށިބައި އަންހެންކުދިން ގެ ހިތުން ޖާގަ ހޯދިއެވެ. ކިތަންމެ އަންހެންކުދިންގެ ހިތުގައި އުއްމީދުގެ ބައްތިތަކެއް ދިއްލިގެން ހިގައްޖެއެވެ. ދާނިޝް ފަދައިން އާދަޔާޚިލާފު ރީތިކަމެއް ދެއްވާފައި ނެތަސް ރާހިލް އަކީ ވެސް އަންހެން ކުދިންގެ ހިތްތައް ލަންބާލެވޭފަދަ ފިރިހެންވަންތަ ގޮތެއް ހުރި ޒުވާނެކެވެ. ދާނިޝް ފަދައިން ކޯތާފަތަށް އެޅޭ އަޑިކޮޅާއި ރީތި ހިނިތުންވުން ފާހަގަ ކުރެވެއެވެ.


އީނަ މިރޭ ޑިޔުޓީ އަށް އައީ ރާހިލް ދުށުމުގެ އުއްމީދުގައެވެ. އަތުގައި އޮތް އެންމެ ރީތި ހެދުން ލައިގެން އެ ބުޅި ބުޅި އިސްތަށިގަޑު ނިއުޅާލައިގެން ހުރިއިރު އެމެރިކަން ކުއްޖެއްފަދައެވެ. ކިތަންމެ ކަޅަސް ހަން އޮމާން ވެފައި ލޯ ބޮޑެވެ. ތުންފަތުގައި ގުދުރަތީ ރަތްކުލައެވެ.


އީނާ ރިސެޕްޝަނަށް ވަންނަން އައިއިރު ރާހިލް އިނީ ކޮމްޕްކާރީ ފޮޓޯތަކެއް ބަލާށެވެ. ހުރިހާ އަންހެންކުދިން އޭނާ ވަށާލައިގެން ބޮނޑިވެގެން ތިބިއިރު ގިނަ ލޯތައް އަމަޒުވެފައި ވަނީ ރާހިލްގެ މޫނަށެވެ.
" މި ކުއްޖާ ކަޅުކަމުން ފޮޓޯ އަކަށް ވެސް ނާރައެއްނު... " އީނާ އަންނަކަން އެގުމުން ރާހިލް ލާނެތް ގޮތަކަށް ބުނެލިއެވެ. އީނަގެ ފިޔަވަޅުތައް ހުއްޓުނެވެ. ހިތަށް މީހަކު ވަޅި ހަރާލިޔަސް އޭނަ އަށް ވާނީ މިވަރެވެ. ހިތުގައި ލީ ފަސޭހަ ނުވާނެފަދަ ފުން ޒަޚަމެކެވެ.


" އަނަހަ އީނަތަ؟ އީނަ މެންގެ ފޮޓޯ ތަކެއް މިބަލާލަނީ..." ރާހިލް އިނީ ކައުންޓަރގައި އުޅަބޮށި ޖައްސާލައިގެން ދަތްދޮޅީގައި އަތް ވިއްދާލައިގެނެވެ. އެ ސްޕައިކް ޖައްސާފައިވާ އިސްތަށިގަޑު ރަންކުލައިން ހައިލައިޓް ކޮށްލާފައިވެއެވެ. ގުދުރަތީ ކުލަތައް މިހާރު ވަކިކުރާކަށް ނޭގޭނެއެވެ.
"ހާދަ ވަރަކަށް އަލީޒާ އަށް ބައްލަވަނީ. ތިއީ ޑޮކްޓަރ ދާނިޝްގެ ގާރލްފްރެންޑް....." ޒިފާ ހީވަނީ ރާހިލް ގެ ކޮޑުގައި ބޯ އަޅާލަފާނެހެނެވެ. ރާހިލް އަށް ވެސް ކުޑަކޮށް އުދަގޫވާން ފަށައިފިއެވެ. ރާހިލް އޭރު ހުޅުވާލައިގެން އިނީ އަލީޒާ އާއި އީނާ އެކީގައި ނަގާފައި ވާ ރީތި ފޮޓޯއަކަށެވެ. ކުލަ ތަފާތަސް ދެކުދިންވެސް ފުރިހަމައެވެ.

" ރިއަލީ؟ މުޅިން ސަކަރާތްވީ. އަހަންނަށް ވެސް ކަމުދަނީ ހަމަ މިހާ ދޮން ކުއްޖެއް. ފުރަތަމަ ޝަރުތަކީ ދޮންވުން..." ރާހިލް ތެދުވަމުން މޯޅިއަކަށް ދެމިލާފައި އީނަގެ މޫނަށް ސިއްރު ނަޒަރަކުން ބަލާލިއެވެ. އެ ފަކީރު ހުރީ ހަމަ ރަގަޅަށް ވެސް ރޮވިފައެވެ. މޭޒުމަތީގައި ވާ ފައިލެއް ހުޅުވާލައިގެން ގަނޑުތައް އުކާލަ އުކާލާ އިސްޖަހާލައިގެން ހުރިއިރު އެ ބޮޑު ލޮލުގައި ވާ އަސަރުތައް ރާހިލް އަށް އެގުނެވެ.


" އީނަ ރުޅިތަ؟ ކިހިނެއްވީ؟ އަގައިން ވެސް ނުބުނާނަންތަ؟ " ރާހިލް ކައުންޓަރު ގައި އަތް އަޅުވާލަމުން އަހާލިއެވެ.
" ނޫނޭ...ރުޅި އެއްނޫން..." އީނަ ގަދަކަމުން ތުންފަތްމައްޗަށް ވެރިކުރި ހިނިތުންވުން އޭނަގެ ލޮލަކާއި ހަމަޔަށް ނުފޯރިއެވެ.
"ހަނދު ކޭތަ ހިފާފަތަ؟ " ލެބޯޓްރީ ޓެކްނިޝަން އެއްކަމަށްވާ ހުސެން އެހެން ދަމުން ރާހިލް އާއި ދިމާކޮށްލިއެވެ.
" ވެދާނެ ..." ރާހިލް ވެސް ހީގަންނަމުން ހުސެން އާއި އެކީ ދާން ހިގައިގަތެވެ.
އީނާގެ ހިތް ކުނޑިކުނޑިވިކަހަލައެވެ. އޭނަ އަށް ނުރޮވުނީ ހަމަ ކިރިޔާއެވެ. ރާހިލް ދޮންވެފައި އޭނަ ކަޅު ވީމަ ހުސެން އެދިޔައީ ޖެއްސުމެއްކޮށްލާފައެވެ. އެހާ ވަރުގަދަ ހަމަލާއެއް މިވީހާތަނަށް އެއްވެސް މީހަކު ދީފައެއްނުވެއެވެ. ކުލަ ކަޅު ވުމަކީ އޭނަ ގެ ކުށެއްހެއްޔެވެ؟ އޭނަ ގެ ބާރެއް ހިނގާނެނަމަ އޭނަ ވެސް ދުނިޔެއަށް އައީހީ އަލީޒާ ފަދައިން ފިނިފެންމާކުލައިގައެވެ. ލެނބިފައިވާ އެސްފިޔަތަކާއި ރަންކުލައިގެ ފަން އިސްތަށިގަޑަކާއި އެކުގައެވެ.


ކަޅު މީހަކަށް ލޯބިވުމުގެ ހައްގު ނެތީހެއްޔެވެ؟ ރާއްޖޭގައި ވެސް ނަސްލީ އިމްތިޔާޒު ގެންގުޅެނީހެއްޔެވެ؟ ފުރަތަމަ ރާހިލް އާއި ބައްދަލުވުމުން އޭނަގެ ހިތްހެޔޮކަމާއި އެކުވެރިކަމުން އީނައަށް ވަރަށް އަސަރުކުރުވިއެވެ. ހިތުގައި ޚާއްސަ މަގާމެއް ދެވުނެވެ. މުޅި ހަތަރު ދަމު ހުރެވުނީ ރާހިލް ގެ ޚިޔާލުގައެވެ. މިވީގޮތުން ރާހިލްއާއި ދޭތެރޭގައިވެސް އޭނަގެ ހިތް މުޅިން ނުބައިވެއްޖެއެވެ. ހުރިހާ ރީތި މީހުން ވެސް ފޮނިވާނެއެވެ. ބޮޑާވާނެއެވެ.


އާއްމުކޮށް އީނަ ފާހަގަ ކުރާ ގޮތުގައި މަލާމާތްކުރުމާއި ޣީބަ ބުނުމަކީ އަންހެންކުދިންގެ ސިފައެކެވެ. ރިސެޕްޝަނުގެ ހުރިހާ ކުދިންހެން މީހުން ގެ ގައިގާ ހުންނަ ނުރުހެވޭ ސިފަތަކަށް ފާޑު ކިޔާ މަލާމާތްކުރެއެވެ. ހަޖޫ ޖަހައެވެ. ޚާއްސަކޮށް ބޭރުގެ ޑޮކްޓަރުންނަކީ އެ މަލާމާތުގެ ޝިކާރައަކަށްވެ ނިމިފައިވާ ބަޔެކެވެ. އަލީޒާ އާއި އީނާ ދުވަހަކުވެސް އެކަހަލަ ކަމަކާއި ބައިވެރިއެއްނުވެއެވެ. ޣީބަ ބުނުމަކީ މާތް ﷲ ޙަރާމް ކުރައްވާފައި ވާ ބޮޑު ފާފައެއްކަން ރާހިލް އަށް ވެސް ނެގެނީ ހެއްޔެވެ؟ 
މިވީ ގޮތުން އީނާ އަށް ފިލާވަޅެއް ލިބިއްޖެއެވެ. އޭނަ އުޅޭނީ ރާހިލް އާއި ދުރުންނެވެ. ގޯހެއް ނެހެދެނީސް ރާހިލްގެ ހިތް އެގުނުކަން ރަގަޅެވެ. ރާހިލް ދޮން އަންހެން ކުއްޖެއް ހޯދާށެވެ. ހަނދު ކޭތަ ހިފުވާނެ ކަމެއްނެތެވެ. 
މިރެއަކީ ހޮސްޕިޓަލުގެ އަހަރު ފުރުވަން ޚާއްސަ ހަފުލާއެއް ބޭއްވުމަށް ހަމަޖެހިފައިވާ ރެއެކެވެ.
ހޮސްޕިޓަލް ވަނީ ކުލަކުލައިގެ ބޮކިތަކުން ދިއްލާ ވިރުވާއަޅާލާފައެވެ.


ހަފުލާ ބޭއްވުމަށް ހަމަޖެހިފައިވަނީ ހޮސްޕިޓަލުގެ ފުރަގަހުގައިވަ ހުސް ބިމުގައެވެ. ސްޓޭޖް ހަދާފައިވަނީ ނުހަނު މޮޅަށެވެ. ސްޕީކަރުތަކުން މެދުކެޑުމެއްނެތި ރީތި ލަވަތައް އަންނަމުން ދިޔައެވެ. ވަގުތު ޖެހެންވާއިރަށް ތަނުގެ މުވައްޒަފުންނާއި ދައުވަތު ދެވިފައިވާ މެހެމާނުން ކުލަކުލައިގެ ރީތިހެދުންތަކުގައި ގޮޑިތައް ފުރަންފެށިއެވެ.
އަލީޒާ ވެސް މިރޭ ހުރީ އައިސްބުލޫ ލޭސްފޮތީގެ އާހެދުމަކާއި ޖިންސެއްލައިގެން ޒީނަތްތެރިވެލައިގެނެވެ. ފީރޯޒް ގަހަނާ ސެޓް ގެ ސަބަބުން އަތްތިލައާއި ކަނދުރާ އަދި ކަންފަތް ފަޅު ފިލުވާލާފައި ވެއެވެ. މިރޭ އޭނަ ކޮންމެހެން ވެސް މިއައީ ދާނިޝް ދުށުމުގެ ފޮނި ފޮނި އުއްމީދާއި އެކު ޑޮކްޓަރ ފަރުޒާނާ މާލޭގައި ނޫޅޭކަން ޔަގީންވާތީއެވެ.
އަލީޒާ އާއި އީނައާއި ދެކުދިން ކުރީގެ ގޮނޑިބަރިއަކުން ޖާގަ ހޯދިއެވެ. އަލީޒާ މިރޭ ކޮންމެހެން ވެސް ދާނިޝްއަށް ފެނިލަން ބޭނުންވިއެވެ. އޭނަ ލޯގަނޑުދޮށުގައި ގަޑިއެއް ހޭދަކުރީ ހަމައެކަނި ދާނިޝް އަށްޓަކައެވެ.


ދާނިޔާލް އާއި ރިހާނާ އަދި ޝާހާން އާއި ޝައުނާ އައީ އެކީގަކަހަލަ ގޮތަކަށެވެ. ޑޮކްޓަރ މައުމޫން ވެސް ދުރުވިއެވެ. އެ އުމުރުގައިވެސް އިސްތަށިގަޑު ވަރުގަދަވެފައި ކަޅުކުލަގަދައެވެ. ހިނިތުންވުމުގެ އަސަރު ހުރި އަލި މޫނެކެވެ. ދާނިޝް މެނަށް ވެސް ލިބިފައިވަނީ ބައްޕަފަދައިން ވަރުގަދަ ޝަހުސިއްޔަތާއި އެ ރީތިކަމެވެ. އެ ސްމާޓްކަމެވެ.
ދާނިޝް ފެނުމުން އަލީޒާގެ އަތްފައި ފިނިވެލިއެވެ. ހިތް ތެޅިގަތެވެ. ދާނިޝް ހުރީ ރޮގުތަކެއްދެމި ނޫކުލައިގެ ގަމީހަކާއި ކަޅުކުލައިގެ ފަޓްލޫނެއްގައެވެ. ހާދަ ސްމާޓެވެ. ހަމަ އެ ސީރިޔަސް ގޮތެވެ.

"އެއީ ކާކުތަ؟ " ދާނިޝް އާއި ވާހަކަ ދައްކަމުން އައި ޒުވާނާ އަކީ އެރޭ އަލީޒާ ގެއަށް ގެނެސް ދިން ޑްރައިވަރެވެ.
"އާ ޑޮކްޓަރެއް. ޑޮކްޓަރ ރާހިލް. ޑޮކްޓަރ މައުމޫން ގެ ކޮއްކޮ ސައްފޫރު ގެ ދަރިފުޅު. މުޅިން ވެސް ޑޮކްޓަރުން އުޅޭ ޢާއިލާއެއް...." އީނަ ބުނެދިނެވެ. އޭނާގެ ހިތުގައި ރާހިލް އަށް ޚާއްސަ މަގާމެއް ދެވިފައިވާކަމެއް އަދި އަލީޒާ އަކަށް ވެސް ނޭގޭނެއެވެ. ކިޔާދޭހިތުން އީނަ އަށް ހުރެވެނީ އެއްނޫނެވެ. 
ދާނިޝް މެން އިށީނީ އަލީޒާ މެނާއި ދާދި ކާރީގައެވެ.ހިތް ފުރެންދެން ބަލާލެވޭނެއެވެ. އަލީޒާގެ ނަސީބާއި މެދު އޭނަ އުފާކުރިއެވެ. ދާނިޝް ގެ ނަޒަރު ހިދުކޮޅަކަށް ނަމަވެސް އަލީޒާ އަށް ހުއްޓުނެވެ. އަލީޒާ ގެ ނޭވާ ވެސް އެތެރެހަށީގައި ތާށިވީކަހަލައެވެ. އެރީތި ދެލޮލުގައި ވާ ބާރުން އޭނަގެ ހިތަށް އެ ހަދާލަނީ ކޮންފަދަ ސިހުރެއްހެއްޔެވެ؟ އަލިޒާ ލަދުރަކި ގޮތަކަށް ހިނިތުންވެލިއެވެ. އިސްޖަހާލެވުނެވެ.

ކޮމެންޓް 0