"ކަލޭ ސޮއްފޫރު ގާތުގައި އެ ވާހަކަ ބުނީ މާމޮޅެއް ލިބޭނެކަމަށް ހީކޮށްގެންތަ؟ މަށަށް އެގެޔޭ ތިނޫން މީހަކު އެ ނުބައި ޚަބަރާއިގެން ނުދުވާނެކަން. ކުޅި ދައްކާލާނަން. ދެން މިގޭ ޕޫލްއިން ފެންނާނީ ކަލޭގެ ހަށިގަނޑު. މަށޭ ކިޔައިގެން ދެން ކުޓުވަބަލަ އެހެންމީހެއްގެ ގާތު......" ފަރުޒާނާ ކިތަންމެ މަޑުން ވާހަކަ ދެއްކިޔަސް އެ ހިމޭންކަމުގެ ތެރެއިން ސާފުކޮށް އެ ޖުމްލަތައް ދާނިޝްއަށް އިވުނެވެ. ދާނިޝް އަލީޒާ ދޫކޮށްލާފައި މާގިނައިރު ހުންނާކަށް ހިތް ނުރުހުނަސް މިއީ އަލީޒާއާއި ގުޅުމެއްވާ ކަމެއްކަމަށް ހިތް ބުނާތީ އެޚަބަރު ހޯދުން ދާނިޝްއަށް ހުރިހާ ކަމަކަށްވުރެ މުހިއްމުވިއެވެ. ދާނިޝް އިރުކޮޅެއްފަހުން ކާކޮޓަރިއަށް ވަންއިރު ހަމަދު ހުރީ މޭޒުމަތިން ތަށިތައް ނަގާށެވެ. ދާނިޝް ފެނުމުން ކަންބޮޑުވިވަރުން ލޯބޮޑުކޮށްލިއެވެ. 

"ހަމަޖެހިބަލަ. ހަމަޖެހިބަލަ. ތިހާ ބިރުން ނޫޅުނަސް ވެދާނެ އިގޭ....އެކަމަކު އަހަރެންގެ ސުވާލަށް ދޮގުހަދައިފިއްޔާ ނިމުނީ އިގޭ. ހަމަދު ސައްފޫރު އަންކަލް ކައިރީގައި ކޮން ހަބަރެއް ބުނެގެން މެޑަމް އެހާ ކަޓާފައި ހުރީ؟ " ދާނިޝް ދޮރުގައި އަތް އަޅުވާލައިގެން ހުއްޓިލައިގެން ހުރި ގޮތުންވެސް ހަމަދު ކަންބޮޑުވިއެވެ. އެ މުލައްދަނޑީގެ ބާރު ހަމަދުވަނީ ތަޖުރިބާކޮށްފައެވެ. އިނގިރޭސި ފިލްމުތަކުންވެސް ނުދެކޭފަދަ މި ސްމާޓް ފިރިހެންކުއްޖާއަކީ ޖިންނިއެކޭ ހާސްފަހަރު ހިތް ބުނެފިއެވެ. ހަމަދު ގެ އަރުތެރެ ހިކުނެވެ.

ސައްފޫރުވަނީ އެ ސިއްރު ހާމަނުކުރަން އޭނަ ލައްވާ ވައުދުކުރުވާފައެވެ. ދާނިޔާލް އާއި ޝާހާންއަށް ވިނަމަވެސް އިތުބާރުކުރެވުނީހެވެ. އެކަމަކު ދާނިޝް ކާރީ އެވާހަކަ ބުނެފިއްޔާ ވާނީ ކިހިނެއްހެއްޔެވެ؟ މިގެ ވެސް ވައްޓާލާކަށް ފަހެއް ނުޖެހޭނެއެވެ. އޭނައަށް ވެސް ފުރާނައާއިގެން ސަލާމަތްވެވޭނެކަމެއް ނޭގެއެވެ. އޭނަ އަށް އެ މަންޒަރު ފެނުމުން ވަގުތުން ދާނިޝްއަށް ގުޅަން ނޭގުނީ ކީއްވެހޭ ސުވާލު ކުރާނެއެވެ.

"އަޑު ނީވެނީތަ؟ ހީވާގޮތުން ދިވެހި ބަހަށް ވެސް ވަކި ދެރައެއްނޫން.......... " ދާނިޝް ބުމަގޮށް ޖަހާލިއެވެ. 

ހަމަދުގެ އަތްތިލަމަތީގައި ބަހައްޓައިގެން ހުރި ތަށިތައްވެސް ބަރުވާންފެށިހެން ހަމަދުއަށް ހީވިއެވެ. އޭނަ ތަށިބަރި މޭޒުމަތީގައި ބަހައްޓާފައި ކަންބޮޑުވެފައި ވާ ނަޒަރަކުން ދާނިޝްއަށް ބެލިއެވެ. އޭނައަށް ހަތަރު ފަރާތުން މަޖުބޫރުވެފައިވާކަން އެވަގުތު ހަމަދުއަށް އެގުނެވެ. ދޮގެއްހަދާކަށް ވެސް ސިކުޑި މަސައްކަތެއްނުކުރިއެވެ. ނޫންނަމަ ކޮންމެވެސް ދޮގުތަކެއް ހަދައިގެން ފުއްދާލެވުނީހެވެ. ހަމަދު ވަރަށް ކަންބޮޑުވެފައި ހުރެ އެންމެ ފުރަތަމަވެސް ބުނީ އެދުވަހު އޭނަގެ ފޯނުގެ ޗާރޖްހުސްވެފައިވާކަމަށެވެ. އެއަށްފަހު އެ ހާދިސާގެ ތަފްސީލު ކިޔާދެމުން ދިޔައިރު އަޑުވެސް ތުރުތުރުއަޅަމުން ދިޔައެވެ.

"އަދި އެބައުޅޭ އެކަހަލަ ކުށް ފޮރުވަން ދޯ.....ހިތަށް އަރާ އަނގަމަތީގައި ޖަހާފާނަމޭ....." ދާނިޝް ހުރީ ރުޅިގަދަވެގެން ނަފުސްކޮންޓްރޯލްކުރަން ދަތިވާ ހިސާބަށް ގޮސްފައެވެ. ދޮރުކަނީގައި ކުރިއަށް ވުރެ ބާރަށް ހިފަހައްޓާލެވުނެވެ. ނޫނެކެވެ. ކުށްވެރިއަކީ މި ނިކަމެތި ކުޑަ ކުޑަ އިންސާނާއެއްނޫނެވެ. ބައްޕަ އެތައް ފަހަރުމަތިން ނިކަމެތިންނަށް އޯގާތެރިވުމަށް ހަނދާންކޮށްދެއްވާކަން ހިތަށް އެރުމާއިއެކު ދާނިޝް ބާރަށް ހިނގާލާފައި އެތަނުން ނުކުތެވެ. ސިކުނޑި ހީވަނީ ފަޅައިގެން ގޮސްދާނެހެނެވެ.

މިވަގުތު ފަރުޒާނާ އޭނަގެ އަތުން މަރުވާނެއެވެ. ގޭގައި ކޮޓަރިތައް ގިނަކަމުން ވަންނަން ވީ ތަނެއް ފަރުޒާނާ ހޯދަން ދާންވީތަނެއް ނޭގުނެވެ. ފަރުޒާނާ މިގޭގެ ރަނިކަމަނާއަށް ވީތީ އުޅުއްވަނި އެހާ އިއްޒަތުގައެވެ. ހުރިހާ ކޮޓަރިތަކަށް ގަދަކޮށްލައިގެން ހުރިހާ ތަނެއްގައި ނިދައެވެ. ބައްޕަ ފަރުޒާނާ ބޭރަށް ލާ ދުވަހެއްގައި އޭނަ ވަރަށް ސަޅިކޮށް " ގުޑްބައި މަމް" އޭ ބުނެލާނެއެވެ. 

އެކަމަކު...........................އެހެން ވާނެހެއްޔެވެ؟ އެހާ ފަސޭހައިން ފަރުޒާނާ އޭނަގެ ދިރިއުޅުމުން ނެރެ އެއްލާލެވިދާނެހެއްޔެވެ؟ ސައްފޫރު އަންކަލް ވެސް އެހުންނަވަނީ ފަރުޒާނާ އަށް މޮޔަވެލައްވާފައެވެ. ޒުހޭމާ ބޭނުންވަނީ ވަރިއެވެ. އަނެއްކާ.......... ދާނިޝް ބޭރަށް ނުކުމެގެން އަންނަމުން ގޮށްމުށް ކަވާލާފައި ފާރަށް ބޭލި އެތިފަހަރުން ފާރުވެސް ގުޑައިގެން ދިޔައެވެ.

"ވަޓްސް ރޯންގް ބްރޯ..................." ޝާހާން ފަހަތުން އައިސް ދާނިޝް ގެ ކޮނޑުގައި އަތް ބޭއްވިއެވެ.އަނެއްކާ އަލީޒާގެ ހާލު ދަށަށް ދިޔައީބާވައެވެ. ނޫނެކެވެ. އިރާދަކުރެވިއްޔާ އެފަދަ ދެރަގޮތެއް މެދުވެރިއެއް ނުކުރައްވާނެއެވެ.

"ވެގެން އުޅޭގޮތެއް ނޭހިއްޔާ ރަގަޅީ. އަހަރެންގެ ހުރި ގަމާރުކަމުން އެލީ މިފަދަ ބިރުވެރި ތަނަކަށް ދޫކޮށްލާފައި ދެވުނީ.......މާރަގަޅުވާނެކަން ނޭގޭ ބިރުވެރި ޖަންގައްޔަކަށް ދޫކޮށްލިޔަސް....." ދާނިޝް ގެ ރީތި ލޮލުން އަލިފާންކަނި ބުރަމުން ދާފަދައެވެ. މިފަދަ މޮޔަކަމެއް ކުރެވުނީތީ އަމިއްލަ ނަފުސް ކުށްވެރިކުރެވުނެވެ. ފާރުވެސް އޭނަ ފިތަމުންދާހެން ހީވިއެވެ. ދާނިޝް މުށްކެވިފައިވާ އަތުން ދެތިން އެތިފަހަރު ފާރަށް ވީއްލާލުމުން ޝާހާން އަތުގައި ހިފެހެއްޓިއެވެ.

ޝާހާން އަށް ވެގެން އުޅޭގޮތެއް އެހާބޮޑަށް ނޭގުނަސް އަލީޒާ ގެނބުމަށްފަހު ދާނިޝް އޯވަރޕްރޮޓެކްޓްވެފައި ހުންނަކަން ފާހަގަ ކުރެވެއެވެ. އަލީޒާ ކައިރީ އާއިލާ މީހަކު ނެތި އެއް ސިކުންތަށްވެސް ދުރަށް ދާކަށް ދާނިޝް ގަބޫލެއްނުވެއެވެ. 

" "ޑޭން.......އެލީ ޕޫލަށް ވެއްޓުނީ އެކްސިޑެންޓެއް ނޫންތަ؟ ޝައު ބުނި މަމްވެސް ގޭގައި ނޫޅެޔޭ
ދާނިޝް ރުޅިވެރިގޮތަކަށް އެބުރިލަމުން ޝާހާންގެ މޭގައި އަތްއަޅާކޮށްޕާލައިފިއެވެ.

"އަހަންނަށް އަޑުއިވޭ ހިސާބުގައި އެ ވިޗްއަށް މަމް ނުކިޔާ. އަޑު އިވިއްޖެތަ؟ ތިނަން ކިޔާ ވިޗޭ އެލީ ޕޫލަށް ވައްޓާލީ. ޝައުއަށް އެ މަކަރުވެރި ހިޔަޅު މުޅި އުމުރުއެކީގައި ހޭދަކުރިޔަސް ދަހެއްނުވާނެ................... " ދާނިޝް ގެ އެ ޖުމްލައިން ޝާހާންއަށްވެސް ލިބުނީ ޝޮކެކެވެ. ފަރުޒާނާ އެހާ ނުބައިކަމެއްކޮށްފާނެ ހެއްޔެވެ؟ މީހަކު މަރާލުމަކީ އާދައިގެ ކަމެއްނޫނެވެ. އެކަމުން ދޭހަވަނީ ހިތުގައި އޮބިނޯންނަވަރަށް ނަފްރަތު އުފެދިފައިވާކަމެވެ . އެހާ ބޮޑު ފާފައެއްކުރަން ދޮންމަންމަ ފަސްނުޖެހުނީ ކީއްވެހެއްޔެވެ؟


"ޑޭން...ސޯ.........ޓެލް މީ......ކާކު ތިވަރުބޮޑު ވާހަކައެއް ޑޭން ގާތު ދެއްކީ............. " ދާނިޝްއަށް އެވަގުތު ފެނުނީ ފަރުޒާނާ ގެއަށް ވަދެގެން އައިތަނެވެ. އަތުގައިހުރީ މާވަށިގަނޑެކެވެ. ރޭގަނޑަށް އެ މާގަސް އެތެރެއަށް އެ ވައްދަނީ މާ ޚާއްސަ ގަހަކަށް ވީމަ ކަން ނޭގެއެވެ. ދާނިޝް ބަލާކަށްނުހުރެ އަތުން ޖެހީނުން އެ ވަށިގަނޑު ވިއްސާލައިފިއެވެ. އެއާއެކު ފަރުޒާނާ ގެ ކޮނޑުގައި ހިފަހައްޓަން އުޅުމުން ޝާހާން އެދެމެދަށް ވަނެވެ.

"ކިހިނެއް ތިވަނީ.......ޑޭން....މައިތިރިވެބަލަ.............." ޝާހާން ހިފެހެއްޓީ ބާރަށެވެ. ގާތްގަޑަކަށް އެއް ވަރަކަށް ބާރު ލިބިފައިވާ ދެ ޒުވާނުންކަމަށް ވާތީ ދާނިޝްއަކަށްވެސް އެހާ ފަސޭހައިން ސަލާމަތް ނުވެވޭނެކަން އެގުނެވެ. ނަމަވެސް ރުޅިގަދަވެފައި ހުރިވަރުން ދާނިޝް ވަރަށް ފަސޭހައިން ޝާހާން ގެ އަތްދަށުން ވީއްލިގަތެވެ. 
ދާނިޝް ފަރުޒާނާ އާއި ދިމާލަށް ލޯ އަޅާލައިގެން ހުރި ގޮތުން ފަރުޒާނާ ބިރުން މޭގައި އަތް އެޅިއެވެ. އެކަމަކު ދެވަނަ ސިކުންތުކޮޅުގައި ބަލައިލެވުނީ އޭނަ ގެނައި ވަށިގަނޑަށެވެ. އެ ރީތި ވަށިގަނޑު ތެޅިގެން ކަޅު ފަސް ތައް ތަޅުންމަތީގައި ފެތުރިފައި އޮތެވެ. އެމާގަސް އޮތީ ފަސްގަނޑާއި ވަކިވެފައެވެ. ކޮންފަދަ ހިތަށް އަސަރުކުރުވާފަދަ މަންޒަރެއްހެއްޔެވެ؟


" "ކިހިނެއްވެގެން ދާނިޝްކަމަކާއި ނުލައި ގަޔަށް އަތްލަނީ. އަހަރެން މިގޭގައި ހުރެގެން އުދަގޫވަންޏާ އަހަރެން ގޮސްދާނަމޭ.. ފަރުޒާނާ ބޭނުންވީ ޝާހާން ގެ ތާއީދެވެ. ހަމްދަރުދީއެވެ. ފަރުޒާނާގެ ހިތުގައި ދާނިޝް އާއި މެދު ހިގި ރަހުމް އަނެއްކާ ނަފްރަތަށް ބަދަލުވެގެން ދިޔައެވެ. ވަރެއްގެ ފިރިހެނެކެވެ. ތިމާގެ އަންހެނުން ބަލިވެ ހާލެއް ނެތިއޮތްއިރުވެސް ހިތާމަކުރުމުގެ ބަދަލުގައި އިސްކުރަނީ ރުޅިއެވެ. ޔަގީނެވެ. ކިތަންމެ ހެދިގެން ހުއްޓަސް ލޯބި ނުވަނީއެވެ. މިޒަމާނުގައި ލޯބިވަނީ ރީތިކަމަށެވެ. ބަލިވިޔަސް އެ ހިސާބުން އެ ލޯބި ފިލައިގެން ގޮސްދާނެއެވެ. ބޭކާރު މީހަކަށް ވެދާނެއެވެ. އަލީޒާ ކޯމާއިން ހޭލެވޭއިރު ނުކުޅެދޭ ކުއްޖަކަށް ވެދާނެތީ މިހާރުއްސުރެ ފޯރި ދައްކަން ފެށީކަމަށް ވެދާނެއެވެ. ކޯމާއިން ހޭލާ މީހުން ފިލްމުތަކުގައި ވަގުތުން ރަގަޅުވެގެން ދުވަން ފެށިޔަސް އެއި ހަގީގަތެއް ނޫނެވެ.

"ކަމަކާ ނުލައޭ. އެހެން ބުނަން ލަދެއްވެސް ނުގަނޭތަ؟ ހަމަ މިހާރު މިގެއިން ނުކުމެގެން ދޭ. ބައްޕައަށް އޮޅުވާލައިގެން އެތައް އަހަރެއްވާންދެން މިގޭގައި ހުރެވިއްޖެ. އެލީ ޕޫލަށް ވައްޓާލިއިރު ހީކުރީ މިގޭގައި މީހަކު ނެތްކަމަށް ތަ؟ ހަމަދު ރާއްޖޭމީހަކަށް ނުވިޔަސް މާހިތްހެޔޮ. އޭނަގެ ސަބަބުން ނޫންނަމަ މިއަދު އެލީ އޮތީ ކަށްވަޅުގައި. ބޭނުންވިގޮތަކީ އެއީ އެހެންނު. އެކަމަކު މީހެއްގެ ވަގުތު ނުޖެހެނީސް އަދި މަރެއްވެސް ނުވާނެ. އެކަމަކު އެފަދަ ކަމެއްކުރިއިރު އެއްފަހަރުވެސް ނޭގުނު މިކުރެވުނުކަމަކުން ރިގްރެޓް ކުރާނެވަރެއް އެހެންނު..... ....." ދާނިޝްގެ ތުންފަތްމައްޗަށް މަލާމާތުގެ ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. އޭނަ އަށް މާރީތިކޮށް ބަދަލު ހިފަންވީގޮތް އެވަގުތުކޮޅު ވިސްނުނީއެވެ. ސައްފޫރު އަންކަލް ފަރުޒާނާދެކެ އެވާ ލޯބީގެ ބޮޑުކަމުން ބުނަން ބޭނުން ނުވި ސިއްރު އޭނަ މިވަގުތު ބުނެދޭނެއެވެ. 


ފަރުޒާނާ އެވަގުތު ހިތުގައި ކަޑައެޅީ ކޮންމެ ގޮތެއް ހަދާފައިވެސް ދާނިޝް އަލީޒާއާއި ދުރުކުރުވުމަށެވެ. ދާނިޝް އަކީ ސައްފޫރުގެ ދަރިއަކާއި އިދެގެން ހުންނަން ހެޔޮވާނެ މީހެއްނޫނެވެ. އޭނަގެ ހިތް ބުނާގޮތުން ވިއްޔާ އަދި ކޮންމެވެސް ދުވަހެއްގައި އޭނަ އަލީޒާ ގެ ދޮންމަންމައަކަށް ވާނެއެވެ. މައުމޫން އަށް ހަގީގަތް އެގުމަށްފަހު މިގޭގައި ނުބަހައްޓާނެކަމަށް އޭނަ ގަބޫލުކުރެއެވެ. ތަގުދީރުގެ ސަމާސާ ތަކެވެ.

"ޖީނާގެ މަރުގެ ބަދަލުހިފަން އަލީޒާއަށް އެފަދަ ބޮޑު އަނިޔާއެއް ދިންއިރު އަލީޒާއަކީ ކާކުކަން އެއްގޮތަކަށްވެސް ނޭގުނީތީ ހައިރާންވަނީ. މަންމައެއްގެ ލޯބި ދޭން ނޭގޭތީކަމަށް ވާނީ. އަދި ބޮޑެތި ފާފަކުރާމީހުންގެ ދަރިން ވަގަށް ނެގުން އެހެންމީހުނަށް ފަސޭހަވާނެ.............." ދާނިޝް ފަރުޒާނާ އާއި ހަތަރުކަޅިހަމަކޮށްލިއެވެ.

"ގޯޑް........ޑޭން. .މިހާރު ތިވާހަކަ ދެއްކުން ހަމަ އެހާ މުހިއްމުތަ؟ " ޝާހާން އަށް ބުނެވުނެވެ. ދާނިޝް ބަދަލުހިފަން އެއުޅެނީ ފަރުޒާނާ އެންމެ ބޮޑަށް ހިތް ހަލާކުވާފަދަ ގޮތަށެވެ.

ޝާހާންވެސް ގަބޫލުކުރާގޮތުގައި ފަރުޒާނާއަށް އެކަމުގެ ސަޒާ ލިބެން ޖެހޭނެއެވެ. ނަމަވެސް ތަންކޮޅެއް ލުއިކޮށެވެ. ކިތަންމެ ސަބަބުތަކާއި ހެދި ދާނިޝް މިކުރަން އުޅެނީ ރަގަޅުކަމެއްކަމަށް ޝާހާންއަށް ގަބޫލުނުކުރެވުނީއެވެ. ނަމަވެސް ޝާހާންއަށްވެސް ޖެހުނީ ކުޅިބަލަހައްޓައިގެން ހިމޭނުން ހުންނާށެވެ. އޭނަ އެއްޗެކޭ ބުނެފިއްޔާ ދާނިޝް ހުރިހާ ރުޅިއެއް ބާލާނީ އޭނައަށެވެ.

"ވަގުތުޖެހުނީމަ އެގޭނީ މަށަށް. ޝޭންއަށް ކެތްނުކުރެވެންޏާ ދޭބަލަ............" ދާނިޝް ޝާހާންއަށް ބަލާލީ ހިތްހަމަނުޖެހިފައިވާ ނަޒަރަކުންނެވެ. ޝާހާން އެއްޗެކޭ ނުބުނެ ދޮރުގެ ކަނީގައި އަތް އަޅުވާލައިގެން ހުއްޓިލައިގެން ހުރީ ކުޑަކޮށް ނުތަނަވަސްވެފައެވެ. 


"ސާއިރާމެން ބޭނުންވަނީ ޕޮލިސް ކޭސްއަކަށް ހަދަން. އެކަމަކު އެމީހުނަށް ވުރެ ކުރިން އަހަރެން ޕޮލިހަށް ގުޅާނަން . އަހަރެންވެސް ބޭނުން ހަގީގީ ކުށްވެރިޔާ އެރެސްޓްކޮށްގެން ޖަލަށް ގެންދާތަން ދެކެން. ހަމަދު އެހެރީ ހެކި ދޭން. އޭގެ ކުރިން އެގެން ޖެހޭ އެލީ އަކީ ކާކުކަން އެހެންނު. ފަރުޒާނާ ހަދާން އެބަހުރިތަ؟ ޓްވިންސް އިން ލިބިފައި ހާލުބޮޑުވެގެން އަށާރަ ގަޑިއިރުފަހުން ތިއޭޓަރުން ނެރުނު އިރު އެތަނުން އެއްކުއްޖަކު މަރުވެގެން ވަޅުލައިފިކަމަށް ފެމިލީ އެންމެން ބުނީ. ބޭބީގެ ފޮޓޯވެސް ދެއްކި. އެއީ އޮޅުވާލުމެއްނޫން. އެތާތިބި އެންމެނަށްވެސް ހީކުރެވުނީ އެ ބޭބީ މަރުވީކަމަށް. ނަމަވެސް ހަގީގަތުގައި އެތަނުން އެއް ޓްވިން ގެންދިޔައީ މީރާންގެ.....އަމް.....ސްޓެޕްޑޭޑް........އަސްލު ވީގޮތަކީ ހޮސްޕިޓަލުގެ އެހެން ވޯޑެއްގައި އޮތް މީހަކަށްލިބުނު ދަރިފުޅު މަރުވީ ހަމަ އެވަގުތު. ދޮންބައްޕަ ވަގުތުން އެދެކުދިން ބަދަލުކޮށްލީ. މި ކިޔާ އެއްޗެއް އެބަ އެގޭތަ؟ ވީއިރު މަރުވެގެން ވަޅުލެވުނީ މުޅިން އެހެން ކުއްޖެއް. އެހެންވެ ބުނަނީ ފާފަކުރީމަ އެހެންމީހުނަށް ކުދިންވަގަށް ގެންގޮސްފައި ދައްކާނެ ބަހަނާއެއް އޮންނާނެއޭ. ސްޓެޕްޑޭޑް އެކަންކުރީ ފަރުޒާނާ އެތައް ބަޔަކަށް ކެހިދީ އޮޅުވާލީތީ . ބޮޑު ފާފައެއްކުރީތީ. ޑޭޑްއަށް މަކަރު ހެދީތީ. ބަދަލު ހިފުމުގެ އަލިފާނުގައި އެހެން މީހުންގެ ދިރިއުޅުމާއި ފަރުޒާނާ ކުޅެމުން ދިޔައިރު ވަރަށް ބާރުގަދަ ފަރާތަކުން އެ ގޭމްގައި ބައިވެރިވަމުން ދިޔައީ. މިހާރު ގޭމް މިވަނީ ނިމިފައި......" ދާނިޝް ވަރަށް މަޖާވެލާފައި ފަރުޒާނާ ގެ މޫނަށް ވެރިވަމުން ދާ ކުލަވަރު ދެކެން ހުއްޓެވެ.


"ކީކޭ ތިކިޔަނީ.......ފުރަތަމަ ބުނެބަލަ....... ދާނިޝް ގެ ދޮންބައްޕަ އަކީ ކާކުތަ؟ އަހަރެންގެ ދަރިފުޅު މަރުނުވަންޏާ އެ ކުއްޖާ ވީ ކޮންތާކު؟ " ފަރުޒާނާ ހުރީ އަނގަ ހުޅުވިފައެވެ. ދާނިޝް މި ކިޔާ އެއްޗެހި ރަގަޅަށް ހިތަށް ނަގައި ނުގަނެވިފައެވެ. 


"ދޮންބައްޕަ ކިޔަނީ އަހަރެންގެ މަންމަ ގެ ފިރިމީހާއަށް. އެއީ ކާކުކަން ކޮންމެހެން ބުނެދޭކަށް ނުޖެހޭ. އެނގުނަސް އެއްވެސް ކަމެއް ކުރެވޭނީކީ ނޫން. އެއަށްވުރެ މާބޮޑަށްވެސް ބާރުގަދަ. މިކަހަލަ ގޭމެއް ކޮންމެ ކޮންމެ މީހަކަށް ނުވެސް ކުޅެވޭނެ......އެ ދަރިފުޅު ކޮބާހޭ އަހާއިރު އެވަރު ނޭގޭތަ؟ ފިލްމުތަކުން އެވާހެން އެކީގައި އުޅޭއިރުވެސް އެކަހަލަ ފީލިންގްސް އެއް ނުހުރޭ ދޯ. ސަބަބަކީ ހަރުކަށިކަން. އަނިޔާވެރިކަން. ނަފްރަތު ނޫން އެއްޗެއް ސިކުނޑީގައި ނެތްކަން. އެންމެ ފަހަރަކުވެސް ޖީން އާއި އެލީ ވައްތަރޭ ހިތަށް އެރިތަ؟ އެދެކުދިން އެކީގައި އުޅެނިކޮށް ދުރު ކުރުވިއިރު ހިތަށް ނޭރި ދޯ. ދޮންބައްޕަ ސިއްރުން ނަގައިގެން ގޮސް ސާއިރާ އަށް ދިން ކުއްޖާއަކީ އެލީ. އަލީޒާ އެނަން ދިނީވެސް ދޮންބައްޕަ. ސައްފޫރު އަންކަލް ގެ އައިޒާ އޭރު ވަރަށް ކުޑަ. އެހެންވެ އެ ނަމާއި ގުޅުވަން ވެގެން. ޔެސް....މަމް...އެލީ އިޒް ޔޯރ ޑޯޓަރ...." ދާނިޝް މަލާމާތުގެ ގޮތަކަށް ހީލަމުން ބުނެލި އެ ޖުމްލައިން ފަރުޒާނާ އަށް ލިބުނީ ޝޮކެކެވެ. ސިކުނޑިއަށް ނުއުފުލޭފަދަ ޝޮކެކެވެ.


ފަރުޒާނާ ގެ މޫނުގައިވާ ރަތް ކުލަ ކެނޑި ކަފަކޮޅެއްހާ ހުދުވިއެވެ. ލޭގެ އެއްވެސް ކުލައެއްނެތެވެ. އަނގަ ހުޅުވުނުގޮތަށް ލޯ ބޮޑުކޮށްލައިގެން ހުރި އިރު އެސްފިޔަވެސް ޖަހާނުލައެވެ.

އެއްވެސް ރަހުމެއް ނެތި އަމިއްލަ އަތުން މަރުގެ އަދަވަޅަށް ވައްޓާލެވުނީ އެއްވެސް ކުށެއްނެތް އަމިއްލަ ދަރިފުޅުހެއްޔެވެ؟ ޚިޔާލަށް އައީ އެތައް މެޝިންތަކާއި ގުޅާލެވިފައި އޮތް ދިރުމެއްނެތް އަލީޒާއެވެ. މެޝިންތަކުގެ އެހީގައި ދިރިއޮތަސް އެއްވެސް ޔަގީންކަމެއްނެތެވެ. އެމައުސޫމް މޫނެވެ. އެ ރަން އިސްތަށިގަނޑެވެ. ތެދެކެވެ. ޖީނާ އާ އެއްވެސް ތފާތެއްނެތް ލޮލާއި ހިނިތުންވުމެވެ. އެ މައުސޫމްކަމެވެ. އެ ފިޑިކަމާއި ޅަގޮތެވެ. ރަހުމެއް ނެތި އަނިޔާވެރިގޮތަކަށް ދެވަނަ ދަރިފުޅުވެސް ބަރުބާދުކޮށްލެވުނީއެވެ. ފަރުޒާނާއަށް ހީވީ ވަށައިގެންވާ ފާރުތައް އޭނަވަށާލާ ފިތަމުން ގޮސް ހާސްކުރަމުން ދާހެނެވެ. ފުރާނަވެސް ތެޅިގަތެވެ. ކެތްނުކުރެވިގެން އަޑުގެ ކޮޅަށް ރޮއިގަންނަންއުޅުނަސް އަޑުވެސް އެތެރެހަށީގައި ތާށިވީއެވެ. ލޮލަކުން ކަރުނައެއް ނައެވެ. 

ނޫނެކެވެ. ނޫނެކެވެ. މަންމަގެ ދަރިފުޅާއެވެ. މަންމަ މިބޮޑު ދުނިޔެއަށް އެކަނިކޮށްލާފައި ނުދާށެވެ. މަންމަ މިއަންނަނީއެވެ. ޔާ ﷲ މި އަޅާގެ ދަރިފުޅަށް މިއަޅާގެ އުމުރުގެ ބާކީ ބައި ދެއްވާ އެ ދަރިފުޅުގެ އުމުރު ދަމަހައްޓަވާދޭވެ. ފަރުޒާނާ ކިތަންމެ ބާރަށް ހަޅޭއްލެވިޔަސް އެ އަޑެއް ނުނުކުތެވެ. ފަރުޒާނާ ދުއްވައިގަންނަން އުޅުނެވެ. އެކަމަކު ކުރިއަށް އެޅި ފިޔަވަޅާއި އެކީ މުޅި ތަން އަނދިރިވާން ފެށިއެވެ.

ޝާހާން ފަރުޒާނާ ބިންމަތީގައި ޖެހުމުގެ ކުރިން ހިފެހެއްޓިއެވެ. މަންމައެއްގެ ހިތަށް އެފަދަ ވަގުތެއްގައި ކުރާނެ ފުން އަސަރު ޝާހާންއަށް ވަރަށް ރަގަޅަށް އިހުސާސްކުރެވުނެވެ.

"އެކްޓެއް ޖައްސާލީކަން ނޭގެއެއްނު. އެއްގޮތަކަށްވެސް ޓްރަސްޓް އެއް ނުކުރެވޭނެ. ޝޭން. ކަމެއްކޮށްދީ. އިންޖެކްޝަން ޖަހައިގެން ނިދަން ބާއްވާތި އެލީ ފުރަންދެން. ބޭނުމެއްނޫން އެލީ އަށް ހާޓް ވާކަށް. މި މޮންސްޓަރ އަކީ އެލީގެ މަންމަކަން އެލީ އަށް މިވަގުތު އެގިގެން ނުވާނެ. އަދި ޝޭން ހަދާންނައްތާނުލާތި. މި މޮންސްޓަރގެ ސަބަބުން އެލީގެ ފުރާނަ ނުރައްކަލުގެ ތެރެއަށް ވެއްޓިފައިވަނީ............................." ދާނިޝް ދާން ހިގައިގަތެވެ. ހަމްދަރުދީގެ އެއްވެސް އަސަރެއް އެރީތި މޫނަކުން ނުފެނުނެވެ. ފަރުޒާނާއަށްޓަކައި އެހިތް ހިލައަށްވެފައިވަނީކަން ނޭގެއެވެ.

ފަރުޒާނާ އަބުރައިގަތްތަން ފެނުމުން ދާނިޝް ގެ ރުޅި މުޅިން ފިނިވެގެން ދިޔައެވެ. ސިކުނޑި ވަގުތުން ރިލެކްސްވިއެވެ. ހިތްހަމަޖެހުނުވަރުން ޝާހާންއަށް ވަރަށް ސަޅި ހިނިތުންވުމެއް ހަދިޔާކޮށްލާފައި ގެއިން ނުކުމެގެން ހިގައިގަތީ އައިސްގޭޓް ހޮސްޕިޓަލާއި ދިމާލަށެވެ.


ދާނިޝް އަލީޒާގެ ކައިރީގައި އިށީދެލައިގެން އިން އިރު ކިތަންމެ ވާހަކަތަކެއް ދެއްކިއެވެ. ސަމާސާ ކުރިއެވެ. އަލިޒާ ހިތް އުފާވާނެހާ ވާހަކަތެކެވެ. އަލީޒާ ގެ ފެވެރިޓް ލަވަތައް ޖަހާދިނެވެ. ހާއްސަކޮށް ޓޭލަރ ސްވިފްޓް ގެ ލަވް ސްޓޯރީއެވެ. އަދި އަލީޒާއަށް މީރުވަސް ދުވާހާ މާތަކާއި ސެންޓް ގެ ވަހުން ހިތް އުފާކޮށްދިނެވެ. ހުރިހާ އެއްޗަކަށް ވުރެ މުހިއްމުވާނީ ޔަގީނުންވެސް ދާނިޝް ގެ ރީތި އަޑާއި ބީހިލުމާއި އޭނަގެ ގައިގާ ހިފާފައި ހުންނަ މީރުވަހެވެ. ލިބުނު އެކަނިވެރި ފުރުސަތުގައި ދާނިޝް އަލީޒާގެ ހިއްސުތައް ހޭލައްވަން މަސައްކަތް ކުރިއެވެ.

އެންމެ ފަހުން ދާނިޝް އަލީޒާ ގެ މަލެއްފަދަ އޮމާން ތުންފަތުގައި ބޮސްދިނެވެ.

"ސްލީޕިން ބިއުޓީ ތި ނިދަނީ ހާދަވަރަކަށޭ. ޕްރިންސް މިއައީއޭ. މި ސްވީޓް ކިސްއިން ހޭލަބަލަ.............ޕްލީޒް މައި ލަވް...............އައިލަވް ޔޫ ސޯ މަޗް ބޭބީ.............." އެވަގުތު ކިތަންމެ ހިފަހައްޓައިގެން ހުއްޓަސް ދާނިޝް ގެ ލޮލުގެ ދިގު އެސްފިޔަތަކުން ވެއްޓުނު ކަރުނަ ތިއްކެއް އަލީޒާގެ އެސްފިޔަތަކުގެ ތެރެއަށް ފޫދިގެން ދިޔައެވެ. އެއާއެކު އަލީޒާގެ ބަރު އެސްފިޔަތައް ހަރަކާތްކޮށްލިހެން ދާނިޝްއަށް ހީވިއެވެ. ކުޑަކުޑަހީއެކެވެ.

. "އެލީ....އެލީ........." ދާނިޝް ގެ ތެމިފައިވާ ރީތިލޮލުން އުފާވެރިކަމުގެ ވިދުވަރު ފެނިގެން ދިޔައެވެ 

އަލީޒާގެ ލޮލުގެ އެސްފިޔަތައް މިފަހަރު ހަމަ ރަގަޅަށްވެސް ތަޅުވާލިއެވެ. ބަރުކަމުން ހުޅުވަން އުދަގޫ ވާކަހަލަގޮތަކަށެވެ. ދާނިޝް އުފަލުން ފުރަތަމަވެސް ޝުކުރު އަދާކުރީ ހެއްދެވި ފަރާތަށެވެ.

އަލީޒާ ގެ އެ ހަރަކާތަކީ ދާނިޝް ގެ ލޯބި އަދި އޭނަގެ މަންމަ ގެ ދުޢާގެވެސް އަސަރުމެއެވެ. މަޔަކު ދަރިއަކަށް ކުރާ މިފަދަ ދުއާތައް ވަގުތުން އިޖާބަކުރައްވާ ފަރާތުގެ ކުޅަދުންވަންތަ ކަމާއެވެ. އެހާވެސް މައިވަންތަކަމުގެ ލޯބި މާތްވެފައި ބަރަކާތްތެރިއެވެ. ދަރިންނަށް އަބަދުވެސް ބޭނުންވަނީ މައިންގެ ހެޔޮ ދުޢާއެވެ.

ހޮސްޕިޓަލުގެ ބަލި އެދެއްގައި ފަރުޒާނާ ނިދިފައި އޮތްއިރު އެކަކަށްވެސް ފަރުޒާނާ އަށް ލިބުނީ ކޮންފަދަ ހިތާމައެއްކަމެއް ނޭގެއެވެ. ސައްފޫރުވެސް ހީކުރީ މައުމޫން ގެ ފޯނުކޯލަކުން ކެތްނުކުރެވިގެން އަބުރައިގަތީކަމަށެވެ. ޝާހާންވެސް ހަގީގަތް ސިއްރުކުރިއެވެ. މަސްލަހަތަށްޓަކައެވެ. އެހެންނޫނަސް ދާނިޝްގެ އިތުބާރު ގެއްލުވާލާފަދަ ކަމެއް ދުވަހަކު ނުކުރެވޭނެއެވެ. އެއަށް ވުރެ ދާނިޝް މާބޮޑަށްވެސް ޚާއްސައެވެ. އަލީޒާ ގޮވައިގެން އެމެރިކާއަށް ފުރީ ދާނިޝް އާއި ސައްފޫރުއެވެ.

ފަރުޒާނާ ހަމަހޭވެރިކަން ވީއިރު އޭނައޮތީ އައިސްގޭޓް ހޮސްޕިޓަލުގެ ބަލި އެދެއްގައެވެ. އަތަށް ގުޅާފައިވާ އައިވީ ލަސްލަހުން ހުސްވަމުން ދިޔައެވެ. އޭނަގެ އެދުގެ މަގަތުގައި ގޮޑިއެއްގައި އިށީދެލައިގެން އިނީ ޝައުނާއެވެ. ޝައުނާ އިނީ އިގިރޭސި ވާހަކައެއްކިޔާށެވެ.

ޝައުނާ ކިޔަން އިން ފޮތުގެ ބޭރުގައިވާ " ވިދު އައުޓް މައި ޑޯޓަރ " އެ ނަން ލޮލުގައި އަޅައިގަތުމާއި އެކު ފަރުޒާނާ ހަދާނަށްއައީ އަލީޒާއެވެ. ފިލްމެއްގެ މަންޒަރު ފަދައިން މާޒީގައި އަލީޒާ އާއި ދިމާވި ކޮންމެ ދުވަހަކާއި މަންޒަރެއް ސިކުޑިއަށް ފެންނަމުން ދިޔައެވެ. އޭނަގެ އަނިޔާވެރި ޖުމްލަތެކެވެ. އެ ހަރުކަށި ބަލާލުންތަކެވެ. އެ ނުބައި ދުއާތަކެވެ. އަލީޒާގެ އުފާވެރިކަން ނިގުޅައިގަންނަން އޭނަ ކޮށްފައި ނުކުރާކަމެއް ނެތެވެ. އެންމެ ފަހަށް ޖީން ގެ ޓެޑީ ބެއަރގައި އަތްލިއޭ ކިޔާފައި އެ އަނިޔާކުރެވުނުގޮތެވެ. އެ ރީތި އިސްތަށިގަނޑަށް ދަމާ ތަދުކޮށްލިގޮތެވެ. އެވަރުންވެސް އަލީޒާ ހާދަ އަދަބުވެރިއެވެ. ދުވަހަކު އޭނައާއި ދިމާލަށް އެއްޗެކޭ ނުބުނެއެވެ. އެ ބަސްއަހާ ރަގަޅު ދަރިފުޅާއި މެދު އެހެން ކަންތައް ކުރަން ހެޔޮވާނެހެއްޔެވެ؟

އެންމެ ފަހުން އެތައް އެއްޗެހި ކިޔާފައި އޭނަގެ ދެއަތުން އެލޯބި ދަރިފުޅު ފެންގަޑަށް ވައްޓާލެވުނު ދުވަހެވެ. އެ މައުސޫމް ލޮލުގައި ވި ބިރުވެރިކަމެވެ. އޭނައަކީ ރަހުމެއްނެތް މަންމައެކެވެ. އަނިޔާވެރިއެކެވެ. ފަރުޒާނާ ކިތަންމެ ވަރަކަށް ލޯމަރާ ތަގުޅިކުރިނަމަވެސް ލޮލުގައި ގިނަވެގަތް ކަރުނަތައް އެސްފިޔަތަކަށް ބަރާވެގެން ފައިބާންފެށިއެވެ. ފަރުޒާނާ އަޑުގެ ކޮޅަށް ދަރިފުޅާ އޭ ކިޔާފައި ރޮއިގަނެގެން އެނދުން ތެދުވެއްޖެއެވެ.

"މަމް............" ޝައުނާ ކަންބޮޑުވިވަރުން ވަގުތުން ޝާހާންއަށް ގުޅިއެވެ. ފަރުޒާނާ އައިވީ އަތުން ދަމައިގެންފާ އެއްލާލާފައި ދުއްވައިގަތީ ކޮޓަރިން ބޭރަށެވެ. ފަރުޒާނާގެ ފިޔަވަޅުތައް ހުއްޓުނީ އައިސީޔޫ އާއިހަމައިންނެވެ. އަލީޒާ ބޭއްވިފައި އޮތް އެނދުވަނީ ހުހަށެވެ. އަލީޒާ ކޮބާހެއްޔެވެ؟ ހެޔޮނުވާނެއެވެ. މިހެން ވެގެން ނުވާނެއެވެ. އޭނަގެ ހިތް ފަޅިފަޅިވަނީއެވެ. ޝައުނާ ފަހަތުން އައިސް ފަރުޒާނާގެ ގައިގާ ހިފެހެއްޓިއެވެ.

. "ކިހިނެއްވީ ތަ؟ " ޝައުނާ ވަރަށް ދެރަވިއެވެ

"އަހަރެންގެ ދަރިފުޅު ކޮބާ؟ " ފަރުޒާނާ ރޮމުން އެހިއެވެ.

"އެލީ ތަ؟ މަމް ކަންބޮޑުނުވޭ. އެލީ މިއަދު ހަރަކާތްވެސް ކުރި. އެލީ ރިކަވަރ ވާނެކަމުގެ ޔަގީންކަން އެބައޮތް. ހެދުނު އެމެރިކާއަށް ދާން ފުރީ........." ޝައުނާ ކިޔާދިނެވެ. 

އަލީޒާ ފުރަން ގެންދިޔަ ވަގުތު ސާއިރާ އެތަނަށް އައިސް ބާރަށް ރުޔެވެ. ހަފާ ހުރީ ތަންކޮޅެއް މައިތިރިވެފައެވެ. ހަގީގަތުގައިވެސް ދެރަވީކަން ނޭގެއެވެ. ޝާހާންގެ ފަރާތުން ޝައުނާއަށް ވަނީ ހަގީގަތް އެގިފައެވެ. އަލީޒާ އަކީ ސާއިރާމެނާއި އެއްވެސް ގުޅުމެއް އޮތް ކުއްޖެއް ނޫނެވެ. އެއީ މާލޭގެ އެންމެ މަޝްހޫރު އާއިލާއަށް ނިސްބަތްވާ ސައްފޫރު އާއި ފަރުޒާނާގެ ދަރިފުޅެވެ. ޖީނާގެ އެއްމާބަޑު ކުއްޖެކެވެ. އުފަންވިދުވަހު އެލީ އެހެން ބަޔެއްގެ އަތްދަށަށް ދިޔައީއެވެ. ހަގީގީ މަންމައާއި ބައްޕަގެ ލޯބިން މަހުރޫމްވީއެވެ. ނުވިތާކަށް އޭނަ ގެންގުޅުނީ އަޚުލާގެއްނެތް ވިޔާނުދާ މަންމައެކެވެ. މައިވަންތަކަމަކީ ކޯޗެއްކަން ނުދަންނަ ރަހުމްކުޑަމީހެކެވެ.

"ދާނިޝް ވަރަށް ރީތިކޮށް ބަދަލު ހިފައިފި. މިފަދަ ޚަބަރެއްދީގެން އިމޯޝަނަލީ ވަރަށް ބޮޑަށް ހާޓްކޮށްފި. ބޭރުފުށުން އަނިޔާ ކުރުމަކާއި ނުލައި އެދިޔައީ ހިތް ހަލާކުކޮށްލާފައި . އެކަމަކު އެއްގޮތުން ބަލާއިރު މިއީ އެކަށީގެންވާ ސަޒާއެއް. މިފަދަ އަނިޔާއެއް ލިބުން ހަމަ ހައްގު. އެލީ ހާދަބޮޑަށް ހިތުގައި ޖައްސާ އަނިޔާދެވުނު. އެލީ ބަދުނާމުކުރަން ކިތައް މަސައްކަތް ކުރެވުނު. އެއްވެސް ކުށެއްނެތްކުއްޖަކާއި ޖައްސާލެވުނީ ސަބަބަކާ ނުލައި. މިއަދު ގަބޫލުކުރެވިއްޖެ މި ދުނިޔެއަކީ އިމްތިހާނުގެ ގޮވެއްޗެއްކަން. މުޅިން ފެއިލް މިވީ. ރަގަޅު މަންމައަކަށް ނުވިތާ ރަގަޅު އަންބަކަށްވެސް ނުވެވުނު. އިންސާނިއްޔަތުގެ ކަންފުޅެއް ހުރިމީހަކަށް ވެސް ނުވި......." ފަރުޒާނާ އައިސީޔޫ ގައި އަލީޒާ ބާއްވާފައި އޮތް އެދުގައި ބޯ އެޅިއެވެ. ރޮއިގެން ކަރުނަ ހުސްވާނެނަމަ ހުސްވާވަރަށް ލޮލުން ކަރުނަ ފައިބައިފިއެވެ.


"އެލީ އަކީ ވަރަށް ރަގަޅު ކުއްޖެއް. އޭނަ މަމްއަށް މައާފުދޭނެކަން ޔަގީން...... " ޝައުނާ ފަރުޒާނާގެ ގާތުގައި އިށީންނަމުން އޯގާތެރިގޮތަކަށް ބުންޏެވެ.

ފަރުޒާނާގެ ޖަވާބަކަށް ވީ ބާރަށް ރޯންފެށުމެވެ. އެވަގުތު ޝާހާންވެސް އެތަނަށް އައެވެ. ފަރުޒާނާއަށް ހިތްވަރުދިނަސް ގަބޫލުކުރެވޭވަރަށް ވުރެ އޭނަގެ ހިތުގެ ހާލުބޮޑެވެ. މާޒީގައި ކުރެވުނުކުށްތައް އޭނަގެ ފުރާނައަށް ވެސް ދަތިކުރަނީއެވެ. އެ ފުރާނައަށް ހިތާމައިގެ ބުރަދަން އުފުލެވޭވަރެއް ނެތިގެން ފުރާނަ އުދުހިގެން ގޮސްދާނެކަހަލައެވެ. ހަށިގަނޑުގައި ކޮޅަށް ހުންނާނެހާ ވަރެއްވެސް ނެތެވެ.

ޝާހާން ފަރުޒާނާ ކޮޓަރިއަށް ގެންދިޔައެވެ. އެނދުގައި ބާއްވާފައި އަލުން އައިވީ ގުޅިއެވެ. އިންޖެކްޝަން ޖެހިއެވެ. އެހެންނޫނީ މި ހިތާމަތަކަށް ނިމުމެއް ނާންނާނެކަން އޭނައަށް ޔަގީންވިއެވެ.

ފަރުޒާނާ ކޮންމެ ވަގުތެއް ހޭދަކުރަނީ އެމެރިކާއިން އަލީޒާގެ ޚަބަރެއްވުމުގެ އިންތިޒާރުގައެވެ. ހޭލެވޭ ކޮންމެ ފަހަރަކު ދުލުގައި ވަނީ އަލީޒާ ގެ ނަމެވެ. އެވަރަށް ކަރުނަ އޮއްސައެވެ. އަލީޒާ އާއި މެދު ބޭއިންސާފުން ކަންތައްކުރެވުނު ވާހަކަ ކިޔާދީފައި އޭނަ ކުރިހާ އަނިޔާތައްވެސް އިރުއިރުކޮޅާ ހަދާންކުރެއެވެ. ޖީނާ އާއި އަލީޒާގެ އެކުވެރިކަމަށް ހުރަސްއެޅިގޮތާއި އެ ދެކުދިން އެކީގަ ކެންޓީނަށް ދަނިކޮށް ޖީންއަށް ގޮވައިގެން ގެނެސް ބެވިގޮތްވެސް ހާމަކުރިއެވެ. ޝައުނާ އާއި ޝާހާން އަދި ދާނިޔާލްގެ ހިތްވެސް ފަރުޒާނާއާއި މެދު ހަމްދަރުދީ އިންފުރިފައިވެއެވެ. އެހާވެސް ބޮޑަށް ފަރުޒާނާއަށް އެކުށުގެ އިހުސާސްވެ ހިތާމައެބަކުރެއެވެ.

އެންމެ ފަހުން ޝައުނާ އޭނަގެ އަތުގައި ހުރި ހުރިހާ ވެޑިން ފޮޓޯތަކާއި އަލީޒާގެ ފޮޓޯއެއް ޕެން ޑްރައިވަކަށް ލައިގެން އައިސް ފަރުޒާނާގެ ލެޕްޓޮޕަށް ލާދިނެވެ. ފަރުޒާނާ އެ ފޮޓޯތަކުންވެސް ހިތް ހަމަޖެހޭތޯއެވެ. ފަރުޒާނާ ވެޑިން ފޮޓޯތަކުގައި ހުރީ ވަރަށް މޫނުބަނަކޮށްލައިގެނެވެ. އޭނަ އެންމެ އަޖާއިބުވީ އޭނައާއި ސައްފޫރު އަދި ދާނިޝް އާއި އަލީޒާގެ ފޮޓޯއެއްވެސް ހުރީތީ އެވެ. އެފޮޓޯގައި އޭނަ ހުރީ ވަކިން ބޮޑަށް ފޫހިވެ ކަޅިއަޅައިގެންނެވެ. އެހެން އެންމެންގެ ހިނިތުންވުންތަކުން ފޮޓޯ ރީތިވިޔަސް އޭނަ ހުރުމުން ފޮޓޯއަށް ހުތުރެވެ.

ފަރުޒާނާ ހޮސްޕިޓަލުގައި އޮތްވާ މައުމޫން ގުޅާލައްވާފައި ފަރުޒާނާ ވަރިކުރިކަމަށް ބުނުއްވުމުން ފަރުޒާނާއަކަށް އިތުރު ހިތާމައެއް ނުލިބުނެވެ. ދުނިޔެއިން އިތުރު ހިތާމައެއް ލިބޭވަރަށް ވުރެ އޭނަގެ ހިތްވަނީ ޒަހަމްވެފައެވެ. އޭނަ މިވަގުތު ބޭނުމީ އެންމެ އުފަލެކެވެ. އެންމެ ގުޅުމެކެވެ. އޭނަގެ ދަރިފުޅު އަބުރާ ލިބުމެވެ. އެ ދަރިފުޅުގެ މައާފެވެ. މިހާރު އޭނަ ދުނިޔޭގައި މިހިރީ ހަމައެކަނި އަލީޒާއަށްޓަކައެވެ. ނަމަވެސް އެންމެން މިވަނީ އަނިޔާވެރިގޮތުގައި އޭނަގެ ދަރިފުޅު އޭނައާއި ވަކިކޮށްފައެވެ. އެމެރިކާއަށް ދިޔަފަހުން ސައްފޫރުގެ ޚަބަރެއްވެސް ނުވެއެވެ. ހޮސްޕިޓަލުން އޭނަ އެބުރި ދިޔައީ މަންމަމެންގެ ގާތަށެވެ.


ދުވަސްކޮޅެއް ފަހުން ދާނިޝްމެން މާލެ އަތުވެއްޖެއެވެ. މާލިޔާ އާއި މައުމޫން އަދި ސައްފޫރުވެސް ލަންޑަނާއި ހަމަޔަށް އެކުދިންނާއި އެކު ދަތުރުކުރިއެވެ. އެކަމަކު އެމީހުން ލަންޑަނުގައި މަޑުކޮށްލީއެވެ. އެބުރި މާލެ އަންނާނީ އަދި ތިން ދުވަހުންނެވެ. ދާނިޝް އާއި އަލީޒާ ވެސް ލަންޑަނުގައި ދެދުވަހު ތިއްބެވެ. ބަހާރު މޫސުމްކަމުން ވަރަށް ހިތްގައިމެވެ. ލަންޑަނުގެ ރީތިތަންތަން ބަލާލާ އެހަދާންތައް ކެމެރާގައި ރައްކާކުރިއެވެ.

އެކަކަށްވެސް ނާންގާ ދާނިޝް އަލީޒާ ގޮވައިގެން މާލެ އައުމުން އައިސްގޭޓްގެ މެމްބަރުންނަށް ލިބުނު އުފަލެއްގެ ބޮޑުކަމުން އޭނަގައިގާ އޮޅުލައިގަތެވެ. މިފަދަ ސަރޕްރައިޒެއް މިއިން ޒަމާނެއްގައި ވެސް ލިބުނުހެނެއް ހިޔެއް ނުވެއެވެ. އެތައް ހާސް ސުވާލެއް އޭނައާއި ކުރެވުނެވެ. މިދުވަސްކޮޅު އެންމެންގެ ހިތުގެ ރާނީއަށް އަލީޒާވެފައިވާހެން ހީވެއެވެ. އެހާވެސް އޭނަ ޚާއްސަކަމުގެ އިހުސާސުކުރެވުނެވެ. އެންމެން ލޯބިވާވަރު އެގުމުން ހިތަށް ލިބުނީ ފޮނިފޮނި އުފާތަކެވެ.

އަލީޒާ ކޯމާއިން ރަގަޅުވުމަށްފަހު ހަށިގަނޑުގެ ވައަތްފަޅީގައި ކުޑަކޮށް ވާގި ދޫވިނަމަވެސް ފާހަގަ ކުރެވޭވަރެއްނޫނެވެ. ފިޒިއޮތެރަޕީއިން މުޅިން ރަގަޅުވާނެކަމުގެ ޔަގީންކަން ދާނިޝްއަށް އެބައޮތެވެ. އަލީޒާ ވަގުތުން އީނާއަށް ގުޅައިގެން ބައްދަލުކުރަން ބޭނުންވިއެވެ. އީނާ ޑިޔުޓީގައި ހުރެފައި ލިބުނު ބްރޭކް ވަގުތުކޮޅު އަލީޒާއާއި އަނގަތަޅާލަން އެގެއަށް އައިސް ފުދޭވަރަކަށް ގިނައިރުވަންދެން އެގޭގައި އިނެވެ.

މެންދުރު ކެއުމަށްފަހު އަލީޒާ ފުރަތަމަވެސް އެރެން ބޭނުންވީ ސްވިމިންޕޫލަށެވެ. ދާނިޝް އަލީޒާއަށް ފަތަން ދަސްކޮށްދޭނެކަމަށް ބުނެފައިވާތީ އާއި އަލީޒާ ޗެލެންޖްތަކަށް ލޯބިކުރަން ފަށާފައިވާތީއެވެ.

"ވާއު........ފެއިންޓް ވާހާ ރީއްޗޭ މަގޭ ޑޭން..........." އަލީޒާ މޭގައި އަތް އަޅާލަމުން ހިނިތުންވެލިއެވެ. ހުރިހާ ކުދިން ޕޫލަށް އެރެން ހެދުން ބަދަލުކުރަން ދިޔުމުން ދާނިޝް އިނީ ބެންޗެއްގައި އިށީދެލައިގެންނެވެ. ދާނިޝް ފައި ދަމާލައިގެން މޮޑެލް އެއްހެން އިން އިރު އެ ރީތި ދެލޯ ހުއްޓިފައި ވަނީ އަލީޒާއަށެވެ. އަލީޒާ ގެ ރީތިކަން ކުރިއަށް ވުރެ ދެގުނައިތުރުވެފައިވާހެން ދާނިޝްއަށް ހީވިއެވެ. އަލީޒާ ފޯނުން ދާނިޝް ގެ ފޮޓޯތައް ނަގަމުން ދިޔައެވެ.

"ފެއިންޓް ވެއްޖެއްޔާ ސްޕެޝަލް ކިސްއަކުން ހޭލައްވަފާނަމޭ......................." ދާނިޝް ލާނެތްގޮތަކަށް ހިނިތުންވެލިއެވެ. އެ ރީތި ހިނިތުންވުން ވަގުތުން އަލީޒާ ފޯނުގައި ރައްކާކުރިއެވެ.

" "ވީއިރު ފެއިންޓިން އެކްޓް ގިނަގިނައިން ޖައްސަންވީ.......ހެހެ...މަމް ނުވެސް ފެނޭ މިގެއަކުން.....އެލީއަށް ލަޑެއް ނުދޭނެތަ؟ " އަލީޒާ ދާނިޝް ގެ ފައިމަތީގައި އިށީދެ މޫނުގައި ބޮސްދިނެވެ.

"އެލީ އޭނަ ދެކެ ބިރުގަންނަނީތަ؟ ދެން ދުވަހަކުވެސް އޭނައަކަށް ނުކެރޭނެ އެލީއަށް ކުޑަކުޑަ އަނިޔާއެއްކުރާކަށްވެސް. ނކުރީ ދުވަހު އެލީ ގެ އިސްތަށިގަޑުގައި ހިފާ ދެމީމަ ބުނިނަމަ މިދުވަސް ދެކޭކަށް ނުޖެހުނީސް. އެކަމަކު ކޮންމެ ކަމެއްވެސް ވާންހުރިގޮތަކަށް ވަމުން ދާނެތީ އެލީ އެ ވާހަކަ ބުނަން ހަދާންވީ އެމެރިކާގައި. އެހެންނު ބަޓަރކަޕް. އެހެންވެ ބުނަނީ ނޯ ސިކްރެޓްސް އޭ. ނޯ ކޮމިއުނިކޭޝަން ބެރިއަރ އޭ........ސޯލްމޭޓުން ޖެހޭނެ ހުރިހާ ސިކްރެޓެއް ޝެއަރ ކުރަން މައި ގާރލް..........ލަވް ޔޫ މޯރ އެންޑް މޯރ އީޗް ޑޭ........." އިރުގެ އަލީގައި އަލީޒާގެ ދޮން މޫނު ވިދަމުންދާލެއް ވަރަށް ލޯތްބެވެ. ދާނިޝް އަލީޒާގެ ކުޑަކުޑަ ނޭފަތުގައި ހިފާލިއެވެ.


"އެކަމަކު އެލީއަށް ވުރެ ބޮޑަށް ޑޭންއަކަށް ލޯބި ނުވެވޭނެކަން ޔަގީން . ހޫމް ދެން ފަރުޒާނާދެކެ ބިރެއް ނުގަނޭ.....އައި ތިންކް އައި ހޭޓް ހާ ނައު. ނަސީބެއް މިގޭގައި ނޫޅޭކަން. އުޅޭނަމަ ވަރަށް ފޫހިވީސްކަން ނޭގޭ. އެލީ އާއި އެކަނި ޖައްސާލާނަމަ މައްސަލައެއް ނެތް. ގޯހަކީ ފުރާނައަށް ވުރެ ލޯބިވާ ޕްރިންސް އާއި ދިމާލަށް އެއްޗެހި ކިޔާތި..........." އަލީޒާ ދާނިޝް ގެ އިސްތަށިގަނޑާއި ކުޅެލަމުން ބުންޏެވެ. ގޭގެ ފަހަތުބައިގާ ހުންނަ ދޮރު ހުޅުވުނު އަޑަށް އަލީޒާ އަވަހަށް ދާނިޝް އާއި ދުރަށް ޖެހިލިއެވެ. އެހެން ކުދިންވެސް ތައްޔާރުވެލައިގެން އައީއެވެ،

ދާނިޝް އަލީޒާގެ އަތުގައި އާމް ބޭންޑް އަޅުވާލާފައި ފެންގަނޑަށް ބޭލިއެވެ. އަލީޒާ މިއަދަކު ބިރެއް ނުގަނެއެވެ. ކޯމާއިން ހޭލެވުމަށްފަހު އަލީޒާގެ ފިނޑިކަން ވަރަށް ބޮޑަށް ކެނޑިފައިވާކަން ދާނިޝްއަށް ފާހަގަކުރެވިފައިވެއެވެ. ދާނިޝް ހީކުރީ ފެންކޮޅެއް ފެނިލިޔަސް އަލީޒާ ދެން ރޯނެކަމަށެވެ. އެކަމަކުވެސް މުޅިން ތަފާތެވެ. އަލީޒާ އެންމެ ފުރަތަމަވެސް ބުނީ ފަތަން ދަސްކުރަން ބޭނުންކަމަށެވެ. އެ ބިރުވެރި ތަޖުރިބާ އަލުން ކުރަން އުދަގޫ ކަމަށް ބުންޏެވެ. ނޭވާ ނުލެވިގެން ތެޅިފޮޅުމަކީ އިންސާނަކަށް އެންމެ އުދަގޫ ވާނެ އެއް ކަންތައްކަން އަލީޒާއަށް ގަބޫލުކުރެވިއްޖެއެވެ. ހިދުކޮޅަކަށް ނަމަވެސް އެއީ އެކަން ތަޖުރިބާ ނުކުރެވޭ މީހަކަށް ޚިޔާލުކުރަން އުދަގޫވާހާ ބޮޑު ވޭނެކެވެ. ތަހައްމަލު ނުކުރެވޭހާ ބޮޑު ހާސްވުމެކެވެ.

ސްވިމިން ޕޫލްގައި މަޖާ ކުރަން ތިއްބާ ހަމަދު ދާނިޝް ބަލާއައެވެ. ދާނިޝް ހައިރާންވިނަމަވެސް ފެންގަޑުން އަރައިގެން ހަމަދު އާއި އެކީގައި ބޭރަށް ނުކުތެވެ.
ފެންޑާގައި ހުރީ ފަރުޒާނާއެވެ. ފަރުޒާނާ ފެނުމާއިއެކު ދާނިޝް ވަގުތުން ރުޅިގަދަވިއެވެ. މިގެއިން ބޭރުކޮށްލީމަވެސް ފަހަތުން ނުފިލާނީހެއްޔެވެ؟ އެއްގޮތަކަށްވެސް އޭނަގެ އުފާވެރި ހަޔާތަށް މި ހަރުކަށި އަންހެނާގެ ހިޔަނި އެޅިޔަދޭކަށް ބޭނުމެއް ނޫނެވެ. ދާނިޝް ފަހަރެއްގައިވެސް ފަރުޒާނާއަށް އިތުބާރެއް ނުކުރާނެއެވެ. އަމިއްލަ ދަރިއެއްކަން އެގިހުރެ ޖީނާއާއިމެދު އެހެން ކަންތައްކުރި މީހަކު ވަކި އަލީޒާއަކަށް ހެވެއް ނުވާނެއެވެ. 

. "ދާނިޝް....އަހަރެން މިއައީ އަލީޒާ އާއި ބައްދަލުކުރަން. މައާފަށް އެދެން..........." ފަރުޒާނާހުރީ އިސްޖެހިފައެވެ

"އެލީ ދުވަހަކު މައާފެއްނުކުރާނެ. މިގެއިން ނުކުމޭ. އެހެން ނޫނީ ވަގުތުން ސިފައިންނަށް ގުޅާނަން....." ދާނިޝްގެ ބުމަގޮށްޖެހި އަތްމުށްކަވައިލެވުނެވެ.

 

ކޮމެންޓް 0