" ޖީނާ ހަދާންކުރާތީ....ދާނިޝް އާއި ދެން އަގައިން ބުނިކަންއެގުނަސް ޖީނާ އަށް ފެންނާނީ އަހަރެން ގެ ފުރާނަ ނެތް މަސްގަޑު....." ފަރުޒާނާގެ އަރުތެރެ ބެދުނެވެ.

ޖީނާ ސިހުނެވެ. މަންމަ ހަމަ އެވަރަށް ދާނިޝް ދެކެ ނަފްރަތުކުރަނީ ހެއްޔެވެ؟
"މިއީ ސަމާސާ އަކަށް ދައްކާ ވާހަކައެއްނޫން. އަހަރެން ދަންޖެހިގެން މަރުވާނަން. ބަދުނާމް ވެގެން ދުނިޔޭގައި އުޅުމުގެ ބޭނުމަކީ ކޮބާ؟ އަހަރެން މިހިރީ ޖީނާ އަށްޓަކައި ކޮންމެފަދަ ގުރުބާނީ އެއްވެސް ވާން. ދުނިޔެ އިން ބޭނުން ކޮންމެ އެއްޗެއް ހޯދަދޭން. އެކަމަކު ދާނިޝް ކަހަލަ މީހަކު ޖީނާގެ ހަޔާތް ބަރުބާދުކުރާތަން ބަލާކަށް ކެތެއްނުކުރެވޭނެ. މުޅި ދުނިޔެ އަހަރެމެނަށް ލައުނަތް ދޭނެކަން ނޭގޭތަ؟ ލަދުން އިސްއުފުލާ މީހަކާ ހަތަރުކަޅިހަމަކޮށްލަން ދުވަހަކު ކެރޭނެތަ؟ ޖީނާ. އާދޭސްކޮށްފައި މިބުނަނީ. ދާނިޝް އާއި ވާހަކަ ނުދައްކާތީ....." ފަރުޒާނާ ރޯންފެށިއެވެ.
" މަންމަ ބުނާގޮތަށް ހަދާނަމޭ......" ޖީނާ ރޮމުން މަންމަގެ ގައިގާ ބައްދައިގަތެވެ.
" މަންމަގެ ދަރިފުޅު ހާދަ ރަގަޅޭ. ހާދަ ބަސްއަހައޭ...." ޖީނާގެ ގައިގާ ފިރުމަފިރުމާފައި ފަރުޒާނާ ލޯތްބާއިއެކު ވާހަކަ ދެއްކިއެވެ.
ފަރުޒާނާ ހައިރާންވަނީ މުއްސަދި މިލިއަނަރުންނަށް ވެސް ހަގީގީ އުފަލެއް ދުނިޔެއިން ނުހޯދޭތީއެވެ. ލާރިންވެސް ދާއިމީ އުފަލާއި ފުރިހަމަކަން އެއްވެސް ބަޔަކަށް ގަނެނުލެވޭތީއެވެ. މިއީ ސުވަރުގެއެއްނޫނެވެ. އުފަލާއި އެކީ ހިތާމަވެސް ހިއްސާކުރަން ނުޖެހޭ މިލިޔަނަރަކު ދުނިޔޭގައި އުޅޭނެހެއްޔެވެ؟ ނޫޅޭނެއެވެ.
ބަލާބެލުމަށް އައިސްގޭޓް މައުމޫންގެ އާއިލާ އަކީ މީހުން ބުނާގޮތުން ވިއްޔާ ހުވަފެނީ އާއިލާއެކެވެ. ގަދަރުވެރި މޮޅު ދެޑޮކްޓަރުންނާއި ރީތިކަން ހުސްކޮށްލާފައި ތިބި ހަތަރު ދަރިންނެވެ. ގަނޑުވަރެއްހާ ފުރިހަމަ ރީތިގެއެކެވެ. ބަގީޗާއެކެވެ. އެންމެން ދެކޭގޮތުގައި މިއީ ދުނިޔެމަތީގެ ސުވަރުގެއެވެ. ނިއުމަތުގައި އުފަލާއިއުޅޭ ހަމަޖެހޭ އާއިލާއެކެވެ. ހަގީގަތް އެގޭނީ ކާކަށް ހެއްޔެވެ؟ އެކަމަކު މިގޭގައި ވާ އެންމެން އުޅެން ޖެހިފައިވަނީ ނުތަނަވަސްކަމުގައެވެ. ހިތާމައިގައެވެ. އާއިލާ ވިއްސިވިހާލިވެ ކުނޑިކުނޑިވެގެން ދަނީއެވެ.

ފަރުޒާނާ އޭނަގެ ދަރިފުޅު ޖީނާ އަށް އިތުބާރުކުރިޔަސް ގޭގައި އެކަނި ބަހައްޓާފައި ދާކަށް ނުކެރޭނެއެވެ. ދާނިޝް ފަދަ ޒުވާނެއްގެ މަޅިގައި ޖީނާ ޖެހިގެން އޭނަގެ ދިރިއުޅުން ހަލާކުވެގެން ދިޔަދޭކަށް ބޭނުމެއް ނޫނެވެ. ފަރުޒާނާ ޖީނާއަށް ހޮސްޕިޓަލުން ވަޒިފާ ދޭން ނިންމިއެވެ. އޭރުން ހުރިހާ ވަގުތެއްގައި ޖީނާ އުޅޭ ނޫޅޭ ގޮތް ބަލާލެވޭނެއެވެ. ޖީނާ ރައްކާތެރިކުރުމާއި ބެލެހެއްޓުން ހުރިހާކަމަކަށް ވުރެ އިސްކަމެއްކަން މިހާރު ފަރުޒާނާ އަށް ވަނީ ޔަގީން ވެފައެވެ. މާޒީގައި އޭނަހެދިފަދަ ގޯހެއް ޖީނާ އަށް ހެދިޔަނުދިނުންވެސް އެއް ސަބަބެވެ.

ޖީނާ ކޮޓަރިއަށް ވަދެ ދޮރު ތަޅުލުމަށްފަހު އެނދަށް ވެއްޓިގަތް ގޮތަށް ގަނޑު ވެފައިވާ ބުދެއްފަދައިން ހަރަކާތެއްނެތި ފަންގިފިލާ އާއި ދިމާލަށް ބަލަހައްޓައިގެން އޮތެވެ. އޭރު އޭނަގެ ބޯ އެސްފިޔަތަކުގަ ކަރުނަ ތިކިތައް ހަރުލާފައި ހުއްޓެވެ.
ކުޑަދޮރުތަކުން އިރުގެ ދަޅަތައް ވަންނަމުން ދިޔައެވެ. ހިތްގައިމު ވައިރޯޅިތައް ދޮރުގެ ފަރުދާ ތައް ހަލުވަމުން ކޮޓަރި އިތުރަށް ފިނިކުރަމުން ދިޔައެވެ. ކިހާ ރީތި ދުވަހެއްހެއްޔެވެ؟ އޭނައަށްވެސް މި ރީތި ދުވަހުގެ އުފާތައް ހިދުކޮޅަކަށް ނަމަވެސް ލިބުނެވެ. އެކަމަކު ހުވަފެނެއްފަދައެވެ. ހުވަފެނުން ހޭލެވުމާއިއެކު މި ފޫހި ބަނަ ދުނިޔޭގެ ހަގީގަތާއި ކުރިމަތިލާން ޖެހުނީއެވެ. މިއީ މުޅިން ވެސް ލޯބީގެ ވޭނެވެ. ދާނިޝް ފެނުމުގެ ކުރިން ދިރިއުޅުނީ އެއްވެސް ފިކުރެއްނެތި ނުހަނު އުފަލުގައެވެ. ހިތާމައިގެ ހިޔަނިވެސް އޭނަގެ ހަޔާތަކަށް ނޭޅެއެވެ. ހަތަރުދަމު އުފަލާއި މަޖަލުގައެވެ. މީހަކާއި ވާހަކަ ދައްކާ އިރުވެސް ހަލަނި ކަމުން އޭނަ އުޅުނީ ކުޑަކުއްޖެއްފަދައިންނެވެ. ބުރު އަޅާލައެވެ. ނަށާލައެވެ. އޭނަ ގެ އިސްތަށިގަނޑު އޮންނަނީ އަބަދު ވިހުރިފައެވެ. އެންމެން އެ އިސްތަށިގަނޑާއި ކުޅެލައެވެ. އަނެއްކާވެސް ޖީނާ އަށް ދުވަން ފެށީދާނިޝް ގެ އެމީރުވަހެވެ. އެއީ އޭނަ ލައިގެން ހުރި ކޮޓްން ޓޮޕްއިންނެވެ. އެހާ ކުޑަ ކުޑަ ބައްދާލުމަކުން ވެސް އޭނަގެ ހެދުމުގައި އެ މީރުވަސް ހިފާލީއެވެ. ޖީނާ އަވަސްއަވަހަށް އެ ހެދުން ބާލާފައި ކޮޑުގައި އެޅުވިއެވެ. އޭނަ މިހެދުން ބާއްވާނީ ދާނިޝް ގެ ހަދާނަކަށެވެ. އަބަދުގެ އަބަދަށެވެ.

" ޑިއަރ ޑައިރީ.....
މިއަދަކީ މިމަހުގެ އެއް ވަނަ ދުވަސް. އެދުވަހަކީ އަބަދުވެސް އަހަންނަށް ލަކީ ޑޭ އެއްކަން ފާހަގަ ކުރެވޭ. މިއަދު އަހަރެން ގެ ޕްރިންސްއާއި އެކު އެ ހޭދަކުރެވުނު އެއް މިނެޓްކޮޅު އަހަރެންގެ އުމުރުގެ އެންމެ އަގުބޮޑު އެންމެ ރީތި ހަދާނަކަށް ވި. ކުރިން ހީކުރަނީ ވާހަކަ ފޮތްތަކުގައި ޑިސްކްރައިބްކޮށްފަ ހުންނަނީ މުޅިން ދޮގުކަމަށް. މިއަދު އެގުނު ހަގީގަތެއްކަން. އެ ވެލްވެޓް ސޮފްޓް ލިޕްސް އާއި މިލިޔަން ޑޮލަރ ސްމައިލް އަހަރެން ހަމަ މޮޔަކުރުވި. މަންމަ އަށް އެވަގުތު ނާދެވުނުނަމަ. އަހަރެންގެ އެންޖެލް ދެކެ އަހަރެން ލޯބިވާވަރު ބުނެދޭނީ ކިހިނެއް؟ އޭނަ އާއި ނުލައި އަހަންނަކަށް ނޫޅެވޭނެ. އޮކްސިޖަން އާއި ފެނާއި ނުލައި އިންސާނަކަށް ދިރިއުޅެވޭނެތަ؟ އެއަށްވުރެވެސް އަހަންނަށް އަހަރެންގެ ލޯބި މުހިއްމު. އޭނާ އާއި ނުލައި މަރުވެދާނެ. ލޯބީގެ މިހިތާމަޔަށް ކެތްނުކުރެވިގެން މަރުވެއްޖެއްޔާ މަންމަ ހިތާމަ ކުރާނެ. އަލުން މި ބަދުނަސީބު ދަރިފުޅު ދުނިޔެއަށް އަތުވެއްޖެނަމަ އުފަލާއި އެކީ ދާނިޝް އާއި ގުޅުވަދޭނަމޭ މަންމަ ބުނާނެކަން ނޭގޭ. އޭރުން އޮންނާނީ ވަގުތު ފާއިތުވެފަ. މަންމަ އަށް ނޭގޭހެއްޔެވެ؟ މިދުނިޔޭގެ މަތިވެރި އުފާ ތަކުން އަހަރެން ބޭނުމީ ހަމަ އެންމެ އެއްޗެއް. އެއީ އަހަރެން ގެ ލޯބި...."
ޖީނާގެ ލޮލުން ވެއްޓުނު ކަރުނަ ތިއްކެއް ޑައިރީގެ ތަންކޮޅެއް ފަވާލިއެވެ. ނުރޯން ކިތަންމެ ހިތްވަރުކުރިނަމަވެސް އެ ބޮޑު ދެލޮލުން އޮހިގަތް ހޫނު ކަރުނަ ތައް ކޯތާފަތް މަތިން ހިފެހެއްޓުމެއްނެތި ފައިބަންފެށިއެވެ.
އެންމެ ފަހުން ލިޔުން ހުއްޓާލާފައި މޫނުގައި އަތްއަޅައިގެން އޭނަ ގިސްލަގިސްލާފައި ރޯން ފެށިއެވެ. ހިތް ހީވަނީ ކުދިކުދިވެގެން ގޮސްދާނެހެނެވެ. ހިތުގެ އެންމެ ހިމަ ނާރުތައް ވެސް ބުރިބުރިވެ ޒަޚަމް ވަމުން ދަނީއެވެ. ކެތްކުރާނީ ކހިނެއްހެއްޔެވެ؟ މަންމަގެ އެ ސީރިޔަސް އިންޒާރުތައް އޭނަގެ ހަޔާތުގައި ނިމުމުގެ ސިއްކަ ޖަހައިފިއެވެ.
އަލީޒާ ދިހަ ދުވަހުގެ ޗުއްޓީ އެއް ނެގީ މީހުންގެ ތެރެއަށް ނުކުމެ ނޫޅެވޭނެކަން ޔަގީން ކުރެވުނުލެއް ބޮޑުކަމުންނެވެ. ގޭގައި ބަންދުވެގެން އިނަސް އަލީޒާ އަށް ހަމަޖެހުމެއް ނުލިބުނެވެ. އަބަދާއަބަދު ރޮވެނީއެވެ. ކެއުމެއް ބުއިމެއް ނެތެވެ. ބައްޕަ ނިޔާވިދުވަހުވެސް އޭނަ މިހާ ހިތާމައެއް ނުކުރެއެވެ. އީނާ އާއި އާއިލާ މީހުން އޭނަ އަށް ހިތްވަރުދީ ހަމްދަރުދީ ވިވަރަކަށް އަލީޒާ ގެ ރުއިން އިތުރުވުން ނޫން ކަމެއް ނުވެއެވެ. އެކަކަށް ވެސް އަލީޒާގެ އެ ކަރުނަތަކެއް ނުހުއްޓުވެނެވެ. ވެރިމީހާގެ އިންޒާރެއްގެ ސަބަބުން މިހާ ފިޑިވާން ޖެހޭނެކަމަކަށް އެކަކުވެސް ނުދެކެއެވެ.
އަލީޒާ ހަވީރު ފެންވަރަން ތެދުވުމުން ހަށިގަނޑު ތުރުތުރުއަޅައިގެން ގޮސް ނުވެއްޓުނީ ކިރިޔާއެވެ. މޫނަށް އަނދިރިވާގޮތްވިއެވެ. ކައިރީގައި ޕްލާސްޓިކް ގޮނޑިއެއް ހުރިކަން އެއީ ނަސީބެކެވެ. ނުކައި ނުބޮއި ހުރުމުގެ ސަބަބުން ތެދުވާނެ ހިތްވަރެއް ވެސް އެ ހަށިގަނޑުގައި ނެތެވެ. އަމިއްލަ ޙާލަށްޓަކައި އަލީޒާ ހަމްދަރުދީވިއެވެ. އޭނާ ސަމާލުވެގެން ހުރެ ބަލިމީހެއްފަދައިން މަޑުމަޑުންހިގާލާފައި ގޮސް ފާޚާނާ އަށް ވަދެ ދޮރު ތަންޑުއެޅުވިއެވެ. ލޯގަނޑުން އޭނަގެ ސޫރަ ފެނުމުން ކުޑަކޮށް ސިހުނެވެ. އޭނާ ހީވަނީ ހިތާމައިގެ ތަސްވީރެއްހެނެވެ. ހޭވިފައިވާ އިސްތަށިގަނޑެކެވެ. ދިރުމެއް ނެތް ލޯވަނީ ދުޅަވެރަތް އަރާފައެވެ. ކޯތާފަތް ވަޅުވަދެއްޖެއެވެ. މޫނުގައި ހުންނަ ރީތި ދޮންކުލަވަނީ ފަޑުވެފައެވެ. މިހިތާމައިގާ ދުވަސްކޮޅެއްވާއިރަށް އޭނާ ކަށިގަނޑަކަށް ވެދާނެއެވެ.
މިއީ ހަމައެކަނި އެނާގެ ނަފުސަށްދެވޭ އަނިޔާ އެއްނޫނެވެ. ފުރާނަ ނަގާލެވެނީއެވެ. އޭނާ ހަމަ އެހާ ފިނޑި ހެއްޔެވެ؟ އެހާ ނާ އުއްމީދު ވީހެއްޔެވެ؟ ކެތްތެރިކަމާއި މިންވަރަށް އީމާންވުމުގެ ރީތި ސިފަ ކޮބާހެއްޔެވެ؟ މާތް ﷲ އަށް އޭނަ ކުރި އިތުބާރު ގެއްލުނީ ހެއްޔެވެ؟ ތަންމައްޗަށް އެއްލިގެން ރޮއިރޮއި ފުރާނަ ނުކުމެގެން ދިޔަސް އެކަން ދަންނާނީ ކާކުހެއްޔެވެ؟ އެނާގެ ލޯބި ލިބޭނެހެއްޔެވެ؟ އޭނާ މަރުވެގެން ވަޅުލިކަމުގައި ވިޔަސް އޭނަގެ ލޯބިވެރިޔާ އަށް ސަބަބެއްވެސް ނޭގޭނެއެވެ.
މިހެން ހަދައިގެން އަދި ކަމަކު ނުދާނެއެވެ.
އަލީޒާ ފެންވަރާލައިގެން ނުކުތީ ނޫކުލައިގެ ޖިންސަކާއި ކަޅު ކުލައިގެ ކުރުތާއެއްލައިގެނެވެ. އަސުރުނަމާދަށް ފަހު އޭނަ ދުޢާކުރިއެވެ. އެއަށްފަހު އޭނަ އިސްތަށިގަޑުގައި ފުނާ އަޅައިގެން ވޫލްކޮޅަކުން އައްސާލައިފިއެވެ. ލޮލުގައި އެ ހުންނަ ދިރުން ނުގެނެވުނަސް އޭނާ އަނދުނުން ލޮލުގެ ވިދުން އިތުރުކޮށްލިއެވެ. ހިކިފައިވާ ތުންފަތުގައި ލިޕްގްލޮސް ލިއެވެ. ރީތިވާން ހުރެވެސް އޭނާ ދާނިޝް އާއި ބައްދަލު ކުރިރޭ ގެ ހަދާންތައްކަމަށްވާ މާކޮޅުގައި ފިރުމާލެވުނު ޢަދަދެއްވެސް ނޭގެއެވެ.
އަލީޒާ ގެއިން ނުކުތީ އީނާމެން ގެއަށް ދާންކަމަށް ވިޔަސް ސިކުނޑި ހާސްވެފައިވާވަރުން މަގު އޮޅުނެވެ. ކުރާނެކަމެއް ނެތެވެ. ފައި ވާޅުވާންދެން މާލޭގެ ހަލަބޮލިމަގުތަކުގައި ހިގާލާފައި އިރުއޮއްސެންވާއިރަށް ގެއަށް ދާނީއެވެ. ޖަލެއްފަދަ ވައި ބަންދު ކުޑަ ކޮޓަރިން ނުކުމެވުމުން ގައިމުދުނިޔޭގެ ތާޒާވައި އެބަލިބެއެވެ. ހަމަނޭވާލެވެއެވެ.
" ކޮޓެޖް " ހުރި މަގަށް ނުކުމެވުމާއިއެކު އަލީޒާ ގެ ހުރިހާ ޙިއްސުތައް ހޭލައިގެން މަސައްކަތް ކުރަންފެށި ކަހަލައެވެ. އެގޭގައި ވާ ބިޔަ ގަސްތައް ގިނަކަމުން މަގުވެސް ވަނީ އަނދިރިވެލާފައެވެ ވައި ޖެހެމުންދާލެއް ބާރުކަމުން ފަތްތައް އުދުހެމުން ދިޔައެވެ.
ކޮޓެޖް ކުރިމަތީގައި ޕާރކް ކޮށްފައިވާ ގަދަ ނޫކުލައިގެ ކާރެއްގެ ބޮނެޓްމަތީގައި ދާނިޝް އިށީދެލައިގެން އިން އިރު ޝާހާން އޭނަ ގެ ފައިމަތީގައި ބޯ އަޅާލައިގެން އޮތެވެ. ދާނިޔާލް އެބުރިބަލާލާފައި އެއްޗެކޭ ބުނުމުން ޝާހާން ވެސް ތެދުވެއްޖެއެވެ. ތިން ބެސްޓްފްރެންޑުން އެއްވެސް ފިކުރެއްނެތި މަޖާ ދުނިޔެއެއްގައި ތިއްބާ އޭނަ އަށް ހުރަސް އެޅުނީއެވެ. 
ދާނިޝް ބަލާލުމުން އަލީޒާ ގެ ފިޔަވަޅުތައް ހުއްޓޭގޮތްވިއެވެ. ހާސްވިވަރުން ކުރާނެ ކަމެއް ނޭގިގެން އައިކޮޅަށް ދުއްވައިގަންނަން ވެސް ބޭނުންވިއެވެ. އެކަމަކު އޭރުން ހާދަ ހެއްވާކަމަކަށް ވާނެއެވެ. އޭނާ އަކީ އާދައިގެ ނިކަމެތި އިންސާނެކެވެ. މިމަގުން ހިގާލާފައި އައިމީހަކު އަދި ރީތި މީހުން ތަކެއް ފެނުނަސް މޮޔަ ބޮޑުވެ ދުއްވައިގަންނާކަށް ނުޖެހޭނެއެވެ. އެ ޒުވާނުން ހީކުރާނީ ކީކޭހެއްޔެވެ؟ އެހާ ތުއި ބޮޑުވާކަށް ނުވާނެއެވެ. އެ ޒުވާނުން އޭނާ އާއި އަޅައިގެނެ ބެހޭނީކީ ނޫނެވެ. އެއަށްވުރެ މާތް ޝަޚުސިއްޔަތު ވަރުގަދަ ތިން ޑޮކްޓަރުންނެވެ.
ނަމަވެސް އޭނާ އަށް ޖެހުނީ އައިކޮޅަށް އަނބުރާލާފައި ހިނގައިގަންނާށެވެ. ލަދުގަތްވަރުންނެވެ. ޖެހިލުންވީވަރުންނެވެ. 
ކާރު ދުއްވާލި އަޑާއި އެކީ އަލީޒާ އަށް ލިބުނު ހިތްހަމަޖެހުމާއި އެއްވަރަށް މޭގައި ރިހުމެއްވެސް އުފެދުނެވެ. ދާނިޝް ހަމަ ދިޔައީ ހެއްޔެވެ؟ ގަބޫލު ކުރަން ދަތިވިއެވެ. އަލީޒާ އިންތިހާއަށް ދެރަވެފައި ހުރެ ލަސްލަހުން އެނބުރި ބަލާލުމާއި އެކީ އޭނާ ސިއްސައިގެން ދިޔައެވެ. ފިޔަވަޅުގެ އަޑު ނީއްވާ ކުޑަ ސިކުންތުކޮޅެއްގެ ތެރޭގައި ދާނިޝް އެހެރީ އައިސް އޭނާ އާއި ދެތިން ފޫޓް ދުރުގައެވެ. ޢަޖާބެކެވެ. އަނެއްކާ ދާނިޝް މެން ކާރުގައި ނައްޓާލުމުން އެގޭގައި ހުންނަ ހަންޑި ދާނިޝް ގެ ސިފަ ޖެހިގެން އައީބާވައެވެ.
ދާނިޝްގެ ރީތި މޫނުގައި ވަނީ އިންތިހާ ދަރަޖައިގެ ސީރިޔަސް ކަމެވެ. ނުރުހުމުގެ ކުލަވަރެވެ.
އަލީޒާ ގެ ކަކުލު ހުޅުން ވާގި ދޫވާގޮތްވިއެވެ. ނޭވާލާންވެސް ނޭގުނެވެ. ހިތްތެޅޭވަރުން މޭފަޅާލާފައި ބޭރަށް ނުކުމެދާނެކަހަލައެވެ. ދާނިޝް ފެންނަ ކޮންމެފަހަރަކު މިކުރުވަނީ ކޮންފަދަ އަސަރުތަކެއްހެއްޔެވެ؟ މިވަރަށް ހިތް ދީވާނާ ވާންވާނެހެއްޔެވެ؟
ދާނިޝް ބަލަހައްޓައިގެން ހުރީ ވަރަށް ފާޑަކަށެވެ. މި ފޮނި އަންހެން ކުއްޖާ އޭނާގެ އަތުގައި މިޖެހުނީ ހާދަ ފަސޭހައިންނެވެ. ހީވެސް ނުކުރާކަހަލަ ގޮތަކަށެވެ. ބައެއްފަހަރު ތަޤުދީރު އޭނަ އާއި އެހީވާކަހަލައެވެ. އަލީޒާ ދެން ސަލާމަތް ވާނީ ކިހިނެއްހެއްޔެވެ؟ ރީތިކޮށް އައިސް ދަލެއްގައި ޖެހުނީއެވެ. ފުރަތަމަ ދުވަހު ވެސް މި މޮޔަ އަންހެންކުއްޖާ ވިސްނާލިނަމައެވެ.
ދާނިޔާލް އާއި ޝާހާން އަށްވެސް އޭނާ އާއި އަލީޒާ ގެ ކޮންމެވެސް ކަހަލަ ގުޅުމެއްވާކަން ދަނެއެވެ. ފުރުސަތު ދީފައި އެ ޒުވާނުން ދިޔަ ސަބަބަކީ އެއީއެވެ.
ދާނިޝް ފެނުމުން އަލީޒާ އަށް ފިލްމެއްގެ މަންޒަރު ފަދައިން ސިފަވަމުން ދިޔައީ ކުރީގެ ރީތި ހަދާންތަކެވެ. އެ ފަށުވި އިސްތަށިގަޑު އޭނަގެ މޫނުގައި ބީހިލިދުވަހާއި އެ ބާރުގަދަ އަތުގެ ހިމާޔަތް ކުޑަ ވަގުތުކޮޅަކަށް ނަމަވެސް ލިބުނު ވަގުތުކޮޅެވެ. އޭނަ އާއި ކާރިވެލުމުން އެ ކުރެވޭ ފޮނި އިހުސާސް ތަކާއި ހަށިގަޑަށް އެވާ އާދަޔާ ޚިލާފު އަސަރުތައް މިއަދުވެސް ހޭލައްވާލައިފިއެވެ. މުޅި ހިސާބުގައި ހިފާލި މީރުވަހުން އަލީޒާ ލޯ އަށް ނޭފަތް އެތެރެއަށް ދަމާލެވުނެވެ . ތިންދުވަސް ވަންދެން އެ މީހަކަށްޓަކައި އޭނަގެ ދެލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ ފޭބި ޒުވާނާ މިހިރީ އޭނަގެ ކުރިމަތީގައެވެ. މއީ އޭނަގެ ލޯތްބެވެ. އޭނަގެ ފުރާނައެވެ. އޭނަގެ ދިރިހުރުމެވެ. މި އަނިޔާވެރި ދުނިޔެ އޭނަގެ ލޯބި އޭނަ އާއި ވަކިކުރަން މަސައްކަތް ކުރަނީ ކީއްވެހެއްޔެވެ؟ ޖަޒުބާތުގެ އަސަރުން އޭނަގެ ލޯ ތެމުނެވެ.
" ފިލައިގެން އުޅެނިކޮށް ހާދަ އެހެންކަހަލަ ގޮތަކަށް މި ދިމާވީ. މިހާ ރަގަޅު ޗާންސެއް ލައިފްޓައިމްގައި ލިބޭނެކަމެއް ނޭގޭ. ކޮޅަށް ތިބެގެން ފައި ވާޅުކުރުމުގެ ބޭނުމެއް ނެތެއްނު. ހިގާ އެތެރެއަށް. ވާރޭވެސް ވެހިގެންފާނެ..." އުޑުގައި ބޯ ވަމުންދާ ވިލާތަކާއި ދިމާލަށް ބަލާލަމުން ދާނިޝް ދާން ހިގައިގަތެވެ. ދާނިޝް ގެ ފައި ދަށުވެ ހިމުންވަމުންދާ ފަތްތަކުގެ މުރުމުރު އަޑުވެސް އަލީޒާ އަށް ވީ ރީތި އަޑަކަށެވެ. ހާދަ ހިކިފަތްތައް ގިނައެވެ. މިމަގުގައި ކުނިނަގާދޭނެ މީހަކުވެސް ދާނިޝް އަށް ނުވަނީހެއްޔެވެ؟ އޭނަ މިގޭގައި ނޯކަރެއްފަދައިން ހުރެދާނެއެވެ. އައި ބާރު ވައިރޯޅިއަކާއިއކު އަލީޒާ ވެސް އުދުހިދާނެހެން އޭނަ އަށް ހީވިއެވެ.
" ކީއްވެ އަނގައިން ނުބުނެ ތިހިރީ؟ އިރުއޮއްސެނިކޮށް އަންހެންކުއްޖަކު އެކަނި މިފަޅު މަގުގައި. ބިރުކުޑަ އިގޭ. އަލީޒާ މިތަނުން ފެނުމުން އަހަންނަށް ގަބޫލެއްވެސް ނުކުރެވުނު. ފުރަތަމަ ހީކުރެވުނީ ހެލުސިނޭޝަން އެއްކަމަށް..." ވައިގެ ގޯނާ ތަކުން ދާނިޝްގެ އިސްތަށިގަނޑު ވިހުރަމުން ދިޔައެވެ. ކޮޓެޖްގެ ގޭޓް ގައި ވަނީ ޕާޕްލް ކުލައިގެ ދަވާދުލާފައެވެ. ދާނިޝް ގޭގެ ވީރާނާކަން ކަނޑުވާލުމަށް މަސައްކަތް ކުރާކަމުގެ ހެއްކެކެވެ.
" އަސްލު އަޅުގަޑު ދާން އުޅުނީ އީނާގެ ގެއަށް. މަގު އޮޅިގެން މިހިސާބަށް މިއާދެވުނީ......" އަލީޒާ ޖެހިލުންވެހުރެ ކޮޓެޖް ގެ ގޯތިތެރެއަށް ނަޒަރު ހިންގާލިއެވެ. އިރުއޮއްސުމުގެ ނިޝާން ތައް އުދަރެހުން ފާޅުވެ އަލިކަން ފަނޑުވަމުން ދިޔައެވެ. ގޯތިތެރޭގައި ވަނީ މާމެލާމަލުގެ މީރުވަހެވެ. ތެތްފިނިކަމުގެ ސަބަބުން އަލީޒާ ހީކަރުވާގޮތްވެ ފިނިވެފައިވާ އަތްއުނގުޅަން ފެށިއެވެ. މިއީ ޝައިތޯނުންގެ ހާއްޔެއްކަމަށް އެންމެން ބުނެ އުޅޭ ގެއެކެވެ. އިރުއޮއްސެމުންދާ ވިއްސާރަ ރެއްގައި އޭނަ މިހިރީ ލޯބިވެރިޔާ ގާތު މިފަޅު ތަނުގައެވެ. މިއީ ވެސް ލޯބީގެ ބާރެވެ. 
" އާނ އެވަރު އަހަންނަށް ވެސް އެނގޭ.. އިށީދެބަލަ...." ދާނިޝް އިށީނީ ފެންޑާގައި ވާ ތިރި ހަރުފަތްމަތީގައެވެ. އަލީޒާ ގެ ހިތްއެދުނީ ދާނިޝް އާއި ޖެހި ފިތިގެން އިނުމަށެވެ. އެ ކޮނޑުގައި ބޯ އަޅާލައިގެން އަތު ގުޅުވާލައިގެން ލޮލުގެ ތެރެއަށް ގެއްލިފައި އިނުމަށެވެ. އެކަމަކު ލަދުވެތިކަން އެކަމަށް ހުރަސް އެޅިއެވެ. އޭނާ އިށީނީ އެހެން މީހަކު އެދޭތެރޭގައި އިށީދެވޭހާ ހުސްތަން ބަހައްޓާފައެވެ. އޭރުވެސް އޭނަ ގެ ނުކިޔަމަންތެރި ހިތް ތެޅެމުން ދިޔައީ ވަކިވަރެއްބަލާފައެއް ނޫނެވެ.
" ޓްވައިލައިޓް.....ކިހާ ސަޅި..." ދާނިޝް ހުސްކަމުގެ ތެރެއަށް ބަލަހައްޓައިގެން އިދެ ކިޔާލިއެވެ.
" ނޫން އަޅުގަޑު އެ ފިލްމު ނުބަލަން. އީނަ ބުނި ވަރަށް ރީއްޗޭ.... ދިހަވަރަކަށް ފަހަރު ބަލައިފީމޭ..." އަލީޒާ ނިޔަފަތީގައި ދަތް އަޅާލަމުން ބުންޏެވެ.
" ހެހެ. ފިލްމުގެ ވާހަކަ އެއް ނޫން. މި ވަގުތު. އިރުއޮއްސުމުގެ ކުރިން ދުނިޔެމަތި ކިހާ ހިތްގައިމު...." ދާނިޝް ހީލަމުން އަލީޒާ ގެ މޫނަށް ބަލާލިއެވެ.
" ޓްވައިލައިޓް އެއް ނޫން..ސަންސެޓް އެއްނޫން...ތިއީ ދުނިޔޭގައިވާ އެންމް ހިތްފަސޭހަ ރީތި މަންޒަރު..މުޅި އުމުރު ބަލަހައްޓައިގެން އިދެވިދާނެ..މާތް ﷲ ހެއްދެވި އެންމެ ރީތި ސިފަ...ޔޫ އާރ ގޯޑްސް މޯސްޓް ގޯޖަސް ކްރިއޭޝަން..." އަލީޒާ ގެ އެ ޖުމްލަ ތައްވީ ހިތުގައެވެ.
" ލައްބަ.... ވަރަށް ރީތި... ގުދުރަތީ ހުރިހާ މަންޒަރެއް ފެނުނީމަ ވެސް ހަމަ މޮޔަވޭ..." އަލީޒާ ދާނިޝް ގެ ދަގަތްފާނުގެ ބާރު އެކުލެވޭ ރިތި ދެލޮލާއި ސިކުންތުކޮޅަކަށް ހަތަރުކަޅި ހަމަކޮށްލުމަށްފަހު އިސްޖަހާލައިފިއެވެ.
މިހާރު ރަތްވިލާ ދަޅަތަކުގެ ސަބަބުން އުޑުމަތި ފެންނަނީ ރޯ ކޮށްފައިވާ އަލިފާންގަޑެއްފަދައިންނެވެ. ދޭތެރެއަކުން ވައިބާރުވެލާއިރު އުދުހެމުންދާ ފަތްތަކާއި ކުނިބުނިތައް އަލީޒާ މެންގެ ފައިމައްޗަށް ވެސް އެޅެމުން ދިޔައެވެ. މިއީ އާއްމުކޮށް މާލެއިން ފެންނަ ފަދަ މަންޒަރެއްނޫނެވެ. ބިން ކުޑަވެފައި ގަސް ތައް މަދުވީމައެވެ.
" ކޯޗެއް ވިސްނަނީ؟ ބިރެއްނުގަނޭތަ؟ މިހާ ވިއްސާރަ ދުވަހެއްގައި ހަންޑިގެއަކަށް ތިވަނީ؟ " ދާނިޝްގެ ތުންފަތަށް ލާނެތް ހިނިތުންވުމެއް ވެރިވިއެވެ.
" މިއުޅެނީ ގެއަށް ދާންކަމަށް. ލަސްވެއްޖެއްޔާ މަންމަ ކަންބޮޑުވާނެ..." އަލީޒާ ގަޑި ބަލާލިއެވެ. ދާނިޝް އަށް ފާހަގަ ކުރެވުނީ އަތުގައި އޮތް ކަޅުޕާރލް ކެވެލިކޮޅެވެ. އެ ދޮން އަތާއި ނުހަނު ގުޅެއެވެ.
" އަހަރެން ގެއަށް ގެންގޮސްދީފާނަން. އަލީޒާ. އަހަރެން އަލީޒާ އަށް ވަރަށް އިތުބާރު ކުރިން.. ރަގަޅު ކުއްޖެއްކަމަށް ހީކުރިން. އެކަމަކު އެރޭ މަށަށް އޮޅުވަލީމަ ވަރަށް ހައިރާންވި. އަހަންނަށް އެގޭ ކޮންމެވެސް ކަމެއް ވެއްޖެކަން. ކިހިނެއްވީ؟ ތެދު ޖަވާބެއް ދީފިއްޔާ އަހަރެން ދެން އުދަގުލެއް ނުކުރާނަން..." ދާނިޝް ކިތަންމެ މަޑުމަޑުން ވާހަކަ ދެއްކިނަމަވެސް އެ ރާގުގައި ކޮންމެވެސް ވަރެއްގެ ހަރުކަށިކަމެއް ހުއްޓެވެ.
މިހާ އަވަހަށް އެ ސުވާލު ކުރިމަތިވެދާނެކަމަށް އަލީޒާ ހިޔެއްނުކުރެއެވެ. އެ ސުވާލުތަކަށް އޭނަ ދޭނީ ކޮން ޖަވާބެއްހެއްޔެވެ؟ ދާނިޝް ގެ މަންމަގެ އިންޒާރުތަކުގެ ސަބަބުން އޭނަ ވަނީ ގޮތް ހުސްވެފައެވެ. އެ މަންމަ ވަނީ އޭނަ ހިތާމައިގެ ކަނޑަކަށް ކޮށްޕާވައްޓާލާފައެވެ. އޭނަ ގެ ލޯބިވެރިޔާ ގާތު ހަގީގަތް ހާމަ ކުރަން އޭނަ ވަނީ ނުކުޅެދިފައެވެ. ޑޮކްޓަރ ފަރުޒާނާ ބުނާފަދައިން އުޑުގައި ވިދާ ބަބުޅާ ތަރިއެއް ބިމުގައި ވާ ފަންޏަކަށް ނުލިބޭނެއެވެ.
އަލީޒާ ގެ ލޮލުގައި ވިދަން ފެށީ ވެނީ ކަރުނަތަކެވެ. އެ ކަރުނަތަކަށް ދުވަހަކު ނިމުމެއް ނާންނާނީ ހެއްޔެވެ؟ 
" ޖަވާބު ދީ. ކީއްވެހޭ އެރޭ އެގޮތަށް ކަންތައްކުރީ؟ މުޅިން އޮޅުވާލީނު. ހާދަ ގިނައިރުވަންދެން އިންތިޒާރު ކުރިން. އަލީޒާ އަށް ކިތައްފަހަރު ގުޅިން..." ދާނިޝް ރުޅި އަންނަގޮތްވިއެވެ. މިވަރަށް ކެތްކޮށްލައިގެން މިހިރީ މަގުބޫލް އުޒުރެއް އަލީޒާ އަށް ދިމާވީ ކަމަށް ބަލައިގެނެވެ.
އަލީޒާގެ ހިތުގައި ބިރުވެރިކަމުގެ ރާޅު ބާންޏެއް ދަތުރުކުރިއެވެ. ދާނިޝް ގެ ރުޅިވެރިކަމާއި ހަރުކަށިކަމާއި ކުރިމަތިލާނެ ހިތްވަރެއް އޭނަގެ ނެތެވެ. ދޭނީ ވަކި ކޮން ޖަވާބެއްހެއްޔެވެ؟ އަލީޒާގެ ސިކުނޑި ވަނީ ހުސްވެފައެވެ. އޭނަގެ ވިސްނުމަކަށް އެކައްޗެއްވެސް ނާދެއެވެ. މަޖުބޫރުވީ ފަރުޒާނާ ދަސްކޮށްދީފައިވަ ގޮތަށް އޭނާގެ ލޯބިވެރިޔާ އަށް އޮޅުވާލުމަށެވެ.
" އަސްލު އަޅުގަނޑުގެ ހުރޭ ބޯއިފްރެންޑެއް .. " އަލީޒާ ކަކުލުގައި ބޯ ޖައްސާލަމުން ކުރެހިފައިވާ އަޑަކުން ބުންޏެވެ. " ސޮރީ...އައިމް ރިއަލީ ސޮރީ..."
" އޭނަ އަށް ވެސް ތެދުވެރިނުވެވުނު ދޯ..." ދާނިޝް ފޫހިވެފައިވާ ގޮތަކަށް ބުންޏެވެ. މި ރީތި މައުސޫމް ސިފަ ލިބިފައިވާ އަންހެންކުއްޖާގެ ބޭވަފާތެރިކަމާއި ވިޔާނުދާކަމާމެދު އޭނަ ހަމަ ހައިރާންވިއެވެ. މި ގޮތްކުޑަ ކުއްޖާ ހަދާން ނައްތާނުލެވޭވަރުގެ ސަޒާ އެއް ދީފައި ރޮއްވާލަން އޭނަގެ ހިތް ތަކުރާރުކޮށް ބުނަން ފެށިއެވެ. 
ދާނިޝް ވިސްނުމެއްގެތެރޭގައި ހުރެ ކޮޓެޖްގެ ދޮރުހުޅުވާލާފައި އެތެރެއަށް ވަނެވެ. ދޮރުހުޅުވާލުމުން ވަން ވައި ރޯޅި އަކާއި އެކު ބޮޑު ކޮޓަރީގައި ރޯކޮށްލާފައި ހުރި އުއްބައްތީގެ ހުޅުކޮޅު ހެލިލާފައި ނިވުނެވެ. އަލީޒާ އަށް ވެސް އެކަނި އިންނާކަށް ނުކެރުނެވެ. ތެޅިފޮޅިގަނެގެން ދުވެފައި ކަހަލަ ގޮތަކަށް އޭނަ ދާނިޝްގެ ފަސްފަހަތުން އެގެއަށް ވަނެވެ. ބޮޑު ކޮޓަރި ވަނީ ހުހަށެވެ. އެއްވެސް ފަރުނީޗަރެއް ނެތެވެ. އެކަމަކު ފަނޑު ފަނޑު އަލީގެ ތެރެއިން އޭނަ އަށް ފާހަގަ ކުރެވުނީ ތަޅުންމަތީގައި ވާ ޕާޕްލް ދޫލައެވެ.
" އެބަ އަންނަން. މަޑުކޮށްލާތި. ދޮރުލައްޕާލަބަލަ..." ދާނިޝް ގެ އަޑު އައީ ގުގުމައިގެންނެވެ. އެހޯލް ތެރެ ހުހަށް އޮތީމަ ކަމަށް ވެދާނެއެވެ. އަލީޒާ ފާރަށް ލެގިލައިގެން ހުރެ ނޭވާ ހަމަޔަކަށް އެޅުވޭތޯ މަސައްކަތްކުރިއެވެ. އޭނަ ބޮކިތައް ދިއްލަން ސްވިޗްތަކަށް ވެސް ފިތިއެވެ. ކަރަންޓްވެސް ނެތީބާވައެވެ. ގޭގެ ދޮރުލައްޕާލުމުން އަނދިރިކަން ފުންވީވަރުން އިތުރަށް ބިރުވެރިކަން އިހުސާސް ކުރަން ޖެހުނެވެ. ދާނިޝް ދިޔައީ ކޮންތާކަށްބާވައެވެ. ގޮވާލާކަށްވެސް ނުކެރުނެވެ. ހަރަކާތެއްނެތި ހިމޭނުން ހުރިއިރު ވަށައިގެން ހޯދަމުން ދިޔައެވެ. އިރުކޮޅެއްފަހުން ދާނިޝް ވައަތުން އުއް ބައްތިއެއް ހިފައިގެން ކޮރިޑޯރ އިން ހިގާފައި އަންނަތަން ފެނުމުން އަލީޒާގެ ހިތަށް ކުޑަ ހަމަޖެހުމެއް ލިބިގެން ހިނގައްޖެއެވެ. ވައިގެ ހަމަލާތައް ގަދަވާން ފެށުމުން އޭނަ އުއްބައްތި މަތީގައި ކަނާތް އެޅިއެވެ. އުއްބައްތީގެ އަލީގައި ދާނިޝް ފެންނަލެއް ހާދަ ރީއްޗެވެ. ތުންފަތް ރަތްކަމުން ލޭކޮޅެއްފަދައެވެ. އަލީޒާ ގެ ހިތް އަވަސްވެލައިފިއެވެ. ޒުވާން ފިރިހެންކުއްޖަކާއި އަންހެން ކުއްޖަކު އެކަނިވެލާއިރަށް ޝައިތާނާ އެ ދޭތެރެއަށް އެބަވަދެއެވެ.
ފާރަށް އެޅެމުންދާ ހިޔަނި ފެނުމުން ދާނިޝް ހީގަތެވެ." ބޫގީމޭން.... ބިރެއްނުގަނޭތަ؟ " 
އަލީޒާ އަށް ހެވުނެވެ. ހިޔަނި ދެކެ ބިރުގަންނަން އޭނައަކީ ކުޑަ ކުއްޖެއްހެއްޔެވެ؟ 
ދާނިޝް އެހެން ބުނުމާއި އެކު ހީވީ ފުރާޅު ނަގާ އެއްލާލިހެނެވެ. ވަރުގަދަ އަޑުފަށްގަޑަކާއި އެކު މުޅި ގެއަށް އަލިވެގެން ދިޔަވަރުން އަލީޒާގެ ލޯ ތަރަތަރަޖަހައިގެން ދިޔައެވެ. އެއީ ވިދުވަރުގެ އަލިނޫންކަން އަލީޒާ އަށް ރަގަޅަށް އެގުނެވެ. ދާނިޝް ބޫގީމޭން އޭ ބުނީމަ މިގޭގައި ހުންނަ ހަންޑި ރުޅިގަދަވީއެވެ. އަލީޒާ މޭގައި އަތްއަޅައިގެން ލޯބޮޑުކޮށްގެން ހުރެ ވަށައިގެން ހޯދާ ބަލާލިއެވެ.
" އެއީ ވައި ގަދަވީމަ ފުރާޅުގައި ވައި އަޅުވަނީ. ހާދަ ބިރުން. ހަމަޖެހިބަލަ.." ދާނިޝް ފަރުވާކުޑަގޮތަކަށް ބުނެލިއެވެ.
އަލީޒާ ފަންގިފިލާ އާއި ދިމާލަށް ބަލާލިއިރު އޭނަ އަށް ފެނުނީ ހިޔަންޏެކެވެ. އިސްކޮޅުން ދިގު ބިޔަމީހެއްގެ ހިޔަންޏެވެ. ފަންގިފިލާގައި އެލުވިގެން އޮވެ ފުންމާލަފާނެކަހަލައެވެ.
އަލީޒާ ހަޅޭއްލަވައިގެންފާ ދުއްވައިގަންނަން އުޅުނެވެ. އެކަމަކު ދޫ ހަރަކާތެއް ނުކުރިއެވެ. ފައި ވަނީ ގަނޑުވެފައެވެ. އޭނައަށް ހިވީ ހަށިގަޑުން ބާރު ހުސްވެ މުޅި ދުނިޔެ އަދިރިވާން ފެށިހެނެވެ. ދާނިޝްފަޅި ސިކުންތުކޮޅެއްގެ ތެރޭގައި އުއްބައްތި ބެހެއްޓުމަށްފަހު އަލީޒާ ބިންމަތީގައި ޖެހުމުގެ ކުރިން އަލީޒާ ގެ ގައިގާ ހިފެހެއްޓިއެވެ. ވިންދު ބަލާލިއެވެ. އަލީޒާ މިއޮތީ އަނބުރައިގެންފައެވެ. އަންހެން ކުދިން ހާދަ ފިނޑިއެވެ. އޭނާ އަލީޒާ އަތްދަޑިމައްޗަށް ލައިގެން ލަސް ފިޔަވަޅުތަކެއްގައި ނިދާ ކޮޓަރި އާއި ދިމާލަށް ދިޔައިރު ހިތާއި ސިކުޑީގައި ހައިޖާނެއް އުފެދިފައިވެއެވެ.
ދާނިޝް ނިދާ ކޮޓަރިއަށް ވަދެ އަލީޒާ އެދުމަތީގައި ބޭއްވީ އޯގާތެރިކޮށެވެ. ތަންކޮޅެއް ބާރަށް ހިފާލިޔަސް އަނިޔާއެއްވެދާނެހާ ނާޒުކެވެ. ބިއްލޫރިން ހަދާފައިވާ ބުދެއްފަދައެވެ. ހާދަ ލުޔެވެ. ދާނިޝްވަރަށް ހަލުވިކަމާއި އެކު ކޮޓަރީ ގެ އެތަންމިތާ އުއްބައްތި ތައް ދިއްލާލީ އަލީޒާ ހޭލެވިގެން ބިރުގަންނާނެވަރު ޔަގީން ކުރެވޭތީއެވެ.
އަލީޒާ ..." ދާނީޝް އަލީޒާ ގެ މަޑު މަޑު ފިނި އަތްތިލައިގާ ހިފާ ތަޅުވާލަމުން ގޮވާލިއެވެ.
އަލީޒާ އެސްފިޔަތައް ތަޅުވާލުމަށްފަހު ލޯ ހުޅުވާލައިފިއެވެ. އެ ރީތި ލޮލުގައި ވަނީ ސިހުމެވެ. ބިރުގެންފައިވާކަމުގެ ކުލަވަރެވެ. އޭނަ މިއޮތި ހާދަ އަރާމު މަޑު ތަންމައްޗެއްގައެވެ. ފުރަތަމަވެސް އަލީޒާ އަށް ބަލާލެވުނީ ފަންގިފިލާއަށެވެ. ހިޔަނީގެ ބަދަލުގައި ވަނީ ރީތި ކްރިސްޓަލް ޗާންދަލިޔާ ތަކެވެ. 
މިއީ ކޮންތަނެއް؟ " އަލީޒާ ފުންމައިގެން ތެދުވެ ވަށައިގެން ހޯދާ ބަލަން ފެށިއެވެ. ރީތި ތަނަވަސް ކޮޓަރިއެކެވެ. އަގުބޮޑު ފަރުނީޗަރުތަކެވެ. ބޮޑު ގިޓާއަކާއި ފްލެޓް ސްކްރީން ޓީވީ އަކާއި ކޮމްޕް އެއްވެސް ހުއްޓެވެ. ދޮރުތަކުގައި ވަނީ ދަބުކުލައިގެ ފަށުވިފޮތީގެ ފަރުދާތަކެވެ.
" މިއީ އަހަރެންގެ ބެޑްރޫމް...އަލީޒާ ތިއޮތީ އަހަރެންގެއެދުގައި....." ދާނިޝް ހުރީ ލޯ ހަނިކޮށްލައިގެނެވެ. ކޮންމެވެސް ކަމަކާ ހިތްހަމަނުޖެހިފައި ހުރިފަދައެވެ.
" ޕްލީޒް ޓޭކް މީ ހޯމް....ޕްލީޒް... ވަރަށް ބިރު އެބަގަނޭ..." އަލީޒާ އާދޭސް ކުރާފަދަ ގޮތަކަށް ކަރުނަވީ އަޑަކުން ބުންޏެވެ. އެއާއެކު އޭނަ ބާރަށް އައިސް ދާނިޝް ގެ އަތުގައި ހިފެހެއްޓިއެވެ. އޭނަގެ ލޮލުގައި ކަރުނަ ގިނަވަމުން ދިޔައެވެ. ހާސްވެ ބިރުގެންފައިވާ ކުޑަކުއްޖެއްފަދައެވެ.
" ކީއްވެ ބިރުގަންނަންވީ؟ " ދާނިޝް އަލީޒާ ގެ އަތް ދުރަށް ލަމުން ދެތިން ފިޔަވަޅު ފަހަތަށް ޖެހުނެވެ.

ކޮމެންޓް 0