އެ މަޑު ދޫލަމަތީގައި ފައި ޖައްސާލެވުމުން އަލީޒާގެ ފަޔަށް މަސާޖުވިއެވެ. އިންތިހާއަށް އަރާމުވިއެވެ. ރޯކޮށްލެވިފައިވާ ލެވެންޑަރ އުއްބައްތި ތަކާއި ހުދު ފިނިފެންމާ ބޮނޑިއަދި ރީދޫ ލައިޓް ޖައްސާފައި ހުރުމުން ދާނިޝް ފެނުނުލެއް ސަޅި ކަމުން މުޅި މާހައުލުގައި ކަރަންޓް ހިފާލިހެން އަލީޒާއަށް ހީވިއެވެ. ހާދަ ރޮމެންޓިކްއެވެ. އަލީޒާ ގެ ހިއްސުތައް ވިހުރެން ފެށިއެވެ.
ދާނިޝް ދޮރުލައްޕާލަމުން އަލީޒާ އާއި ދިމާލަށް ބަލާލީ ނުތަނަވަސްވެފައިވާ ނަޒަރަކުންނެވެ. މި ރޮމެންޓިކް ހުވަފެނީ މާހައުލުގައި މިރީތި ފިނިފެންމަލެއްފަދަ އަންހެންކުއްޖާ އާއިއެކު މި ފިނިރޭ މިފަދަގޮތަކަށް ބައްދަލުވުމުން ކެތްތެރިކަންކޮޅުންލައިގެން ދާގޮތްވިއެވެ.

އަލީޒާ އެ ހުދު ފިނިފެންމާބޮޑީގައި އެ ހިމަހިމަ އިގިލިތަކުން ފިރުމާލީ ފަރިގޮތަކަށެވެ.

. "ހާދަ ސަޅި........." އަލީޒާ ރަކި ހިނިތުންވުމަކާއި އެކު ދާނިޝް އަށް ބަލާލިއެވެ

ޔެލޯ ލައިޓްތަކުން އެ ދޮންމޫނު ފެންނައިރު ހާދަ އޮމާންވެފައި ވިދައެވެ. ފިރުމާލާ ހިތްނުވާނެ މީހެއް މަދުވާނެއެވެ. ދާނިޝް ހިތް އެދުނީ ވަގުތުން އަލީޒާ އޭނަގެ އަތުގެ ތެރެއަށް ގެނައުމަށެވެ. އެތެރެހަށީގައި ރޯވަމުންދާ އަލިފާންގަނޑު އެނޫންގޮތަކަށް ފިނިކޮށެއް ނުލެވޭނެއެވެ. ޖަޒުބާތުން ފޯވަމުން ދިޔަ ހިތުގެ ތޫފާން ތައް މައިތިރިކޮށްލާނެ އެހެން މަގެއް ނެތެވެ. ދާނިޝްގެ ލޭ ދަވްރުވުން އެހާ އަވަސްވެފައިވަނިކޮށް އޭނާގެ ފޯނު ވައިބްރޭޓްވާންފެށިއެވެ.

"އެލީ...އެބަ އަންނަން އިގޭ...." ދާނިޝް ފޯނުން ވާހަކަ ދައްކަމުން ދާންހިގައިގަތެވެ.

ދާނިޝް ކޮރިޑޯރ އިން ހިގާފައި ދިޔަ މަންޒަރު ބަލަހައްޓައިގެން އަލީޒާ ހުރީ އެސްފިޔަ ޖަހައިލަންވެސް ނޭގި ގެއްލިފައެވެ. މާސްޓަރބެޑްރޫމް އިލެކްޓްރޯނިކް ކާރޑުން ހުޅުވާލުމަށްފަހު ދާނިޝް ވަންނަމުން އަލީޒާއަށް ބަލައިލީ ދައުވަތުދޭ ފަދަ ނަޒަރަކުންނެވެ. އަލީޒާ ގެ ހިތް ތެޅުނެވެ. ދާނިޝް ގެ ފަހަތުން އެކޮޓަރިއަށް ވަންނަން އޭނަގެ ހިތް ކިތަންމެހާވެސް ބޭނުންވިއެވެ. އެއްފިޔަވަޅު ކުރިއަށް އެޅުނެވެ. އެކަމަކު މާބޮޑަށް ލަދުގަތީއެވެ. އެހިތްވަރެއް ނުކުރެވުނެވެ.
އަލީޒާ މަޑުމަޑުން ދޫލަމަތީގައި ހިނގާލާފައި އައިސް ސިޓިންރޫމްގައި އިށީނީ މޭގައި އަތްއަޅާލައިގެނެވެ. އޭނާގެ ސްމާޓް ލޯބިވެރިޔާއަށް އެސްފީނާއެއް ނުޖެހުމަށް ހިތާހިތުން ދުޢާ ކުރެވުނެވެ. ހާދަ ފުރިހަމައެވެ. އިރުކޮޅެއްނުވަނީސް ފިނިގަދަވެގެން އަލީޒާ ތުރުތުރުއަޅަން ފަށައިފިއެވެ. އޭސީގެ ފިނިކަމުންނެވެ. ބާރު ވައިރޯޅިތަކުން ދަނބު ކުލައިގެ ފަރުދާތައްވެސް ހޫރެންފެށިއެވެ.
އަލީޒާ އަވަހަށް އޭސީ އޮފްކޮށްލައިފިއެވެ. ސޯފާގައި ކުރުގެޅިލައިގެން އިންއިރު އޭނަ އެދެމުންދިޔައީ އަވަހަށް ދާނިޝްއައުމަށެވެ. މިފަދަ ރެއެއްގައި އެކަކު އަނެކަކުގެ އަތުގެތެރޭގައި އަތްގުޅުވާލައިގެން ލޮލަށް ބަލަހައްޓައިގެން ތިބުމުން ހާދަ ރީތި ޑޭޓަކަށް ވާނެއެވެ.

ދާނިޝްގެ ޚަބަރެއްނުވެ ލަސްވާންފެށުމުން އަލީޒާ ބޮޑުކޮޓަރީގައި ދެކޮޅަށް ހިގަންފެށިއެވެ. އުއްބައްތިތަކާއި ކުޅުނެވެ. ރެކްގައިވާ ސީޑީތައްހޭވިއެވެ. ތަސްވީރުތަކާއި ފޮތްތައްބެލިއެވެ. އެންމެފަހުން ދާނިޝް އެއްބައިކާލާފައި ހުރި ހާގަންޑާޒް އައިސްކްރީމް ތަށިނެގިއެވެ. ދާނިޝް ކައިފާ ހުރުމުން ކޮންމެ ފްލޭވަރ އެއްވެސް އިތުރަށް މީރުވާނެކަން ގައިމެވެ. އެކަނި އިދެ މި ސަމުސާ ލޮވެލިޔަސް އެނގޭނީ ކާކަށްހެއްޔެވެ؟ އަލީޒާ އައިސްކްރީމްކޮޅެއް އަނގަޔަށްލިއެވެ. ހާދަ މީރެވެ. ލޯބީގެ އަލިފާނުގައި ހޫނުވެފައިވާ އެތެރެހަށިވެސް ފިނިވެގެންދިޔައެވެ. ލޯމަރާލައިގެން އިނދެ އެންމެ ފަހު އައިސްކްރީމް ސަމުސާ އަނގަޔަށްލިތަނާ ދާނިޝް އައުމުން ސިހުނުވަރުން ސަމުސާ ވެސް ވެއްޓުނެވެ. ރަކިވިވަރުން މުޅި މޫނު އެކީ ރަތްވިއެވެ.

"އިޓްސް އޯކޭ. އަދި އައިސްކްރީމް ގެނެސްދެންތަ؟ ފްރިޖްގައި ބައިވަރު ކާއެއްޗެހި ހުންނާނެ..އެލީ މިގެއަށް އައީމަ އަދި މިއުޅެނީ .... " ދާނިޝް ޖުމްލަ މެދުކަނޑާލިއެވެ.

"ނޫން. ދެން ރަގަޅުވާނެ. ބައިވަރު ކެވިއްޖެ......." އަލީޒާ އިނީ އިސްއުފުލާލަންވެސް ނުކެރިފައެވެ. އަޖައިބެކެވެ. އެހާ ކުޑަކަމަކާއި ހެދިވެސް ލަދުން އުއްކޮޅެއް ފަދައިން ވިރެނީއެވެ. އެކަމަކު އެއީ ދާނިޝް އަށް ހާދަ ރީތި ސިފައެކެވެ.

"އެލީ....އަހަރެން މިއުޅެނީ ބޭރަށް ދާންކަމަށް......." ދާނިޝް ހުރީ ސީރިޔަސްވެލާފައެވެ. ހީވަނީ ހިތާމައިގެ ތަސްވީރެއްހެނެވެ. ކޮންމެވެސް ކަމަކާ ކަންބޮޑުވެ ދެރަވެފައި ހުރިފާޑު ޖަހައެވެ. ދާނިޝްއަށް ގުޅީކާކުބާވައެވެ. އޭނަ ދެރަކޮށްލީ ކާކުހެއްޔެވެ؟ ކޮންމެ މީހަކަށްވިޔަސް އެމީހަކާއި މެދު އަލީޒާ ގެ ހިތުގައި ޝަކުވާއުފެދުނެވެ.

ދާނިޝް އައިގޮތަށް ގޭގެ މައި ދޮރުހުޅުވާލައިފިއެވެ. އޭރު ވަރަށް ބޯކޮށް ވާރޭވެހެމުން ދިޔައެވެ. އެ ބޮޑެތި ވާރޭތިކިތައް ފެންނަނީ މުތީތަކެއްފަދައިންނެވެ. މިގެއިން ވާރޭވެހޭ މަންޒަރުވެސް ފެންނަލެއް ހާދަހާ ރީއްޗެވެ.

"އަޅުގަނޑު މިގޭގައި ހުރެދާނަން. އޯކޭވާނެތޯ ؟ " އަލީޒާ ހުއްޓިލައިގެން ހުރީ ދާނިޝް އާއި ދާދި ކާރީގައެވެ. އެ މަޑުމަޑުއަތުން ދާނިޝް ގެ އަތުގައި ހިފާލެވުނެވެ. ދާނިޝް ގެ ހަށިގަނޑުގެ ހޫނުކަމާއި އެ ބީހިލުމުން ލިބުނު އަރާމުގައި އަލީޒާ ދާނިޝް ގެ ގަޔަށް ލެގިލިއެވެ. ބައްދާލާނެނަމައެވެ. އިރުކޮޅަކަށް ނަމަވެސްއެ އަތުގެ ތެރޭގައި ހުރެލުމުގެ އުފާލިބޭނެނަމައެވެ.

"ނޫން. އަހަރެން ގެއަށް އަންނާނީ ތަންކޮޅެއް ދަންކޮށްފައި. އެހެންނޫނަސް މީހުން އެއްޗެހިކިޔާނެ. އެއީ ރަގަޅުގޮތަކަށް ނުވާނެ ދޯ...ހިގާ ގެއަށް ގެންގޮސްދޭނަން........."ދާނިޝް ކުޑަކޮށްދުރަށް ޖެހިލުމުން އަލީޒާއަށް ނޭގޭ އުދަގޫތަކެއް އިހުސާސްކުރެވުނެވެ. ކުއްލިއަކަށް ސިކުނޑިއަށް ބުރަހެލިވެ ހިތަށް ބާރުކުރަން ފަށައިފިއެވެ. ނޭވާ އެތެރެހަށީގައި ތާށިވިއެވެ. ލޮލަށް ކަރުނަ ޖަމާވިއެވެ. ވަރަށް ބޮޑަށް ލަދުގަނެއްޖެއެވެ. އޭނަގެ މޫނުގެ ކުލަވަރުތައް ދާނިޝް އަށް ނުފެންނާނެކަން އެއީ ނަސީބެކެވެ. މި ދުވަސްކޮޅު ލިބުނު ހުރިހާ އުފާތައް އެއްފަހަރާ ގެއްލިގެންދިޔަހެން ހީވިއެވެ.

. "ލެޓްސް ގޯ...." ދާނިޝް ފެންޑާގައި ހުރި ކުޑައެއް ހުޅުވާލުމަށްފަހު ބުންޏެވެ

އެ ބޯވާރޭގެ ތެރޭގައި ކުޑަނަގައިގެން ލޯބިވެރިޔާއާއި އެކީ ތަންކޮޅަކަށް ހިނގާލެވުމަކީވެސް އުމުރަށް ދެމިގެންދާނެ ރީތިހަދާނަކަށް ވާނެތީ އޭނަ އެވަގުތުކޮޅުވެސް އުފަލާއިއެކީ ހިއްސާކޮށްލިއެވެ.

ދާނިޝް ކާރު ދުއްވާލީ ވަރަށް ބާރަށެވެ. ގޯޅިން ލަނބާލީވެސް މަޑުކޮށްލުމެއް ނެތިއެވެ. މީހަކު ކާރުގެ ކުރިމައްޗަށްއެރިހެން ހީވިއެވެ. އަލީޒާއަށް ތޫނު އަޑަކުން ހަޅޭއްލަވައިގަނެވުނެވެ. އެސިކުންތުކޮޅު ދާނިޝްވެސް ކާރުގެ ބްރޭކް ޖައްސާލިއެވެ. އަލީޒާ ވިއްސައިގެން ނުދިޔައީ ކިރިޔާއެވެ. އަލީޒާ ބިރުން ރޫރޫ އަޅަމުން ދާނިޝް ގެ އަތުގައި ހިފާލިއެވެ.
. "އާރ ޔޫ އޯކޭ...؟ " ދާނިޝް އަލީޒާ ގެ މޫނުގައި ހިފަހައްޓާލާމުން އަހާލިއެވެ

"އަޅުގަނޑު މުޅިން ރަގަޅު. އެކަމަކު އެ....އެ. ކުއްޖާ.........." އަލީޒާ ވަށައިގެން ހޯދާލިއިރު މޫނު ވަނީ ހުދުވެފައެވެ.

"ތޭންކް ގޯޑް.....ތޭންކް ގޯޑް..." ދާނިޝް އަލީޒާ ގެނެސް މޭގައި ޖައްސާލަމުން މަޑުމަޑުން ކިޔާލިއެވެ. ސަބަކާއި ނުލައި އޭނާގެ އެސްފިޔަތައް ތެމުނެވެ. ވަރަށް ބޮޑު ނުރައްކަލެއްވާން އުޅޭކަމަށް ފަށްފަށުން އޭނަ ގެ ހަވަނަ ހިއްސު އިންޒާރު ދެމުންއެބަދެއެވެ.

ދާނިޝްގެ އަތުގެ ހިމާޔަތް ލިބުމުން އިރުކޮޅަކަށް ނަމަވެސް އޭނާގެ ހުރިހާ ބިރުތަކާއި ހިތާމަތައްފިލައިގެން ދިޔައެވެ. ލޯ މަރާލެވުނެވެ. އެކަމަކު އަދިވެސް ހިތްތެޅެމުންދާލެއް ބާރުކަމުން ދާނިޝްއަށްވެސް އެކަން އިހުސާސްކުރެވޭނެކަން ގައިމެވެ.

ކުއްލިއަކަށް ކާރުގެ ބިއްލޫރިގަޑަށް ހިޔަންޏެއްއެޅުނެވެ. ޓަކިދިންލެއް ބާރުކަމުން ދާނިޝްވެސް އެނބުރި ބަލާލާފައި ބިއްލޫރިގަނޑު ތިރިކޮށްލައިފިއެވެ. އަލީޒާ ހީކުރީ އެ ޒުވާނާ ރުޅިގަދަވެގެން ބަވާލާނެކަމަށެވެ. ޕޮލިހުންވެސް ގެންނާނެކަމަށެވެ. ނަސީބަކުން އަނިޔާއެއްލިބިފައި ހުރިކަމަކަށް ނުދައްކައެވެ. ތެމިލައިގެން ހުރިއިރު އިސްތަށިގަނޑުންނާއި މޫނުން ފެންތިކިތަޅަމުން ދިޔައެވެ. ވަރަށް ފާހަގަކުރެވޭފަދަ ރީތި މޫނެކެވެ. ވެމްޕަޔަރ ބައި ކުޅެން ހާދަގުޅެއެވެ. މިއީ ކާކުހެއްޔެވެ؟ އަލީޒާ އިނީ ހައިރާންވެފައެވެ.

"ދެންމެ ގުޅައިގެން ވާހަކަ ދެއްކިކުއްޖާ ވަރަށް ބޮޑު ގޯހެއް ހަދަން އެބައުޅޭ. އަވަހަށް ހުއްޓުވާ...." ބަރު ފިރިހެންވަންތައަޑެކެވެ. އެއާއި އެކު އޭނަ އެއްފަރާތަކަށް ޖެހުނުގޮތަށް ހީވީ ގެއްލުނުހެންނެވެ. މިއީ ކޮންކަންތައްގަނޑެއް ހެއްޔެވެ؟ ދާނިޝްގެ މެސެންޖަރއެއް ހެއްޔެވެ؟ ހާދަ އެހެންކަހަލަ ކަމެކެވެ. އަލީޒާ ގެ ސިކުނޑިއަކަށް ނުވިސްނުނެވެ. އޭނަ ބިރުގަންނަގޮތްވިއެވެ.
"އެއީ ކާކުތަ؟" އަލީޒާ އަހައިލިއެވެ.
މީރާން ގެ އިންޒާރު ދާނިޝް މުޅިން ހާސްކުރުވައިފިއެވެ. ޖީނާ ހަމަ ގޯހެއްހަދާފާނެހެއްޔެވެ؟ އެހާ ޖެހިލުންކުޑަވާނެހެއްޔެވެ؟ ޖީނާ އަކީ ފިޑިކުއްޖެކެވެ. އޭނާ ވަގުތުން ޖީނާގެ ނަމްބަރަށް ޑައިލް ކޮށްލިއެވެ.

ދާނިޝް ޖަވާބެއްނުދީ ކާރު ދުއްވާލީ އާދަޔާ ޚިލާފު ބާރު ސްޕީޑެއްގައެވެ. ޖެހެމުންދާ ވަޔާއި ވާދައަށެވެ. ހާދަ ފަރިތަވެފައި ކުޅަދާނައެވެ. އަލީޒާ އިނީ ބިރުން ނޭވާ ހިފަހައްޓާލައިގެންނެވެ. ދެލޯ ބޮޑުކޮށްލައިގެންނެވެ. އޭނަ ތަކުރާރުކޮށް ދާނިޝް އަށް އާދޭސްކުރަމުން ދިޔައީ ކާރު ހުއްޓުމަށެވެ. ދުވެލި މަޑުކޮށްދިނުމަށެވެ. އަލީޒާ އަށް އިނީ ރޮވިފައެވެ. މިފަދަގޮތަކަށް އަދި އޭނަ މަރުވާކަށް ބޭނުމެއް ނޫނެވެ.

ދާނިޝް އައިސްގޭޓް ދޮރާށި ކައިރިއަށް ކާރުމަޑުކޮށްލާފައި ފޭބިއެވެ. އަލީޒާ އަނެއްފަރާތުން ފޭބިއިރު ދާނިޝް ގެ ހިލަމެއްނުވިއެވެ. އެހާ އަވަހަށް އޭނަ ދިޔައީހެއްޔެވެ؟ ހާދަ ހަލުވިއެވެ. އަލީޒާ ވަށައިގެން ހޯދާލީ ކަންބޮޑުވެފައި ހުރެއެވެ. އޭނަ ބިރުން ހުރެ ފުރަތަމަފަހަރަށް އެގޭ ގޯތިތެރޭގައި ފައިއެޅިއެވެ. ގާޑަން ލައިޓްތައް ޖައްސާލާފައި ހުރުމުން ބަގީޗާ ފެންނަލެއް ހާދަ ނަލައެވެ. މިއީ އޭނަ ކުޑައިރުއްސުރެ އުޅެން ބޭނުންވި ގަޑުވަރެވެ. މިގޭގެ ޕްރިންސެސް އަކަށްވާން ބޭނުންވިއެވެ. އިރާދަކުރެއްވިއްޔާ މިހާރު އެރީތި ހުވަފެންތައް ހަގީގަތަކަށް ވުމަށް ބާކީ އޮތި މަދު ދުވަސްކޮޅެކެވެ.

އައިސްގޭޓް ހީވީފަޅުތަނެއްހެންނެވެ. ހިމޭންކަމުގެ އިންތިހާއެވެ. އެއްވެސް އަޑެއްބަޑެއްނީވެއެވެ. މީހެއްގެ ހިލަމެއްނުވެއެވެ. އަލީޒާ އެތެރެއަށް ވަންގޮތަށް ގޭގެ ފުރިހަމަކަމާއި ބޮޑުކަމުން ހައިރާންވެ ހިނގައިގަންނަންވެސް ނޭގިފައި ހުރެވުނެވެ. ހާދަ ކޮޓަރިތައްވެސް ގިނައެވެ. އަލީޒާ ތިރީބައިގެ ރީތިކަމާއިމެދު ހިތާހިތުން ތައުރީފުކުރަމުން ކުޑަކޮށް ބުރެއްޖަހާލުމަށްފަހު ސިޑިއާއި ދިމާލަށް ހިގައިގަތެވެ. ވަށްކޮށްހަދާފައިވާ އެ ސިޑިބަރިވަނީ ރަން އަދި ހުދުކުލައިގައެވެ.

އަލީޒާ ސިޑިން މައްޗަށް އަރައިގެން ދިޔައިރު ދާނިޝްއަށް ގޮވާލަން ބޭނުންވިއެވެ. ވެގެން އުޅޭގޮތެއް އޮޅުން ފިލާނެނަމައެވެ.

ދާނިޝް ހުރީ ބެލްކަނީގައި އުޅަބޮށިޖައްސާލައިގެން ދެއަތުން މޫނުފޮރުވައިގެނެވެ. ވައިރޯޅިތައް އޭނަ ގެ އިސްތަށިގަނޑު ހާވަމުން ދިޔައެވެ. މީހަކު އޭނަގެ ހިތަށް ފެންއެއްޗެއް އޮއްސާލިހެންހީވިއެވެ. ނޭގޭ ބިރަކުން ފިޔަވަޅުތައް ހުއްޓުނެވެ. "ސްވީޓްހާރޓް ކިހިނެއްވީ. ބުނެދީބަލަ. ވެގެންމިއުޅެނީ ކޮންކަމެއް. އެލީ ގާތުބުނެބަލަ.." އަލީޒާގެ ހިތުގައި އެތައްސުވާލު މާކް ތައްޖެހުނެވެ. 

އަލީޒާ ޔަގީންކުރިއެވެ. ކޮންމެވެސް ބޮޑު ހާދިސާއެއްހިގައިފިއެވެ. ކޮނެމެވެސް މީހަކަށް ކަމެއްވެއްޖެއެވެ. ކާކަށް ހެއްޔެވެ؟ މިގޭ އެންމެންވީ ކޮންތާކުހެއްޔެވެ؟
އަލީޒާ އިރުކޮޅަކު ހުރެލާފައި މަޑުމަޑުން ގޮސް ދާނިޝްގެ އަތުގައި ހިފެހެއްޓިއެވެ. ދާނިޝްގެ ލޮލުން ފައިބަމުން ދިޔަކަރުނަތައް ދާނިޝްގެ އަތުގެ އިނގިލިތައް ދޭތެރެއިން އައިސް އަލީޒާގެ އަތްވެސް ތެންމާލައިފިއެވެ. ދާނިޝްގެ އެ ކަރުނަތަކުން އަލީޒާ އަށް ހީވީ މީހަކު އޭނަ ގެ ހިތް ޗިސްޗިސްކޮށްލިހެނެވެ. މޭގައި ރިހުމެއް އުފެދުނެވެ. ފުރާނަފަދަ ލޯބިވެރިޔާގެ އެ ހިތާމަތައް ދެކޭކަށް އޭނައަށް ކުޅަދާނައެއްނުވިއެވެ. ވެގެން އުޅޭގޮތެއް މުޅިންނޭގުނަސް އަލީޒާއަށް ރޮވިއްޖެއެވެ.

"ޑޭން ނުރޮއި....ޕްލީޒް.....ޕްލީޒް...." އަލީޒާ ދާނިޝްގެ އިސްތަށިގަނޑުގައި ފިރުމާލަމުން ކޮނޑުގައި އަތް އަޅުވާލުމާއިއެކު ހިފަހައްޓައިގެން ހުއްޓާވެސް އޭނައަށް ބާރަށް ރޮއިގަނެވިއްޖެއެވެ. ދާނިޝް އަލީޒާގެ ގައިގާ ހިފެހެއްޓިއެވެ. އަލީޒާގެ ކަރުނަތަކުން ދާނިޝްގެ ޓީޝާޓްވެސް ތެމިފޯވަމުން ދިޔައެވެ. ދާނިޝް ފިރިހެނަކަށްވާތީ ކެތްތެރިވެލަމުން އަލީޒާ ހުއްޓުވަން މަސައްކަތްކުރަމުން ދަނިކޮށް ރާހިލްގެ ފޯނެއް އައެވެ. ޖީނާ ގެ ފުރާނަ ނުރައްކަލުން ބޭރުވެފައިވާކަމަށް ރާހިލް ބުނުމުން ދާނިޝްގެ އަވަސްވެފައިވާހިތް ހަމަޔަކަށް އެޅުނެވެ.

ދާނިޝް އަލީޒާއަށް ވެގެން އުޅޭގޮތް ކިޔައިދިނީ ރާހިލް ގެ ފޯނުއައުމުންނެވެ. ޖީނާ އަމިއްލައަށް މަރުވާންވެގެން އަތުގެ ލޭނާރު ބުރިކޮށްލީކަމަށާއި މިހާރު ރަގަޅުކަމަށް ބުނެދިނެވެ. އަލީޒާ ކަރުނަތައް ފޮހެލާފައި މާތް ﷲއަށް ޝުކުރުކުރިއެވެ. އަލީޒާ ވަގުތުން ބޭނުންވީ ޖީނާ ދެކިލަން ދިޔުމަށެވެ. ދާނިޝް އަލީޒާ ހޮސްޕިޓަލަށްލާފައި ދިޔައީ ކޮޓެޖަށެވެ. ޖީނާ ދެކެންދާކަށް އޭނެ ގެ ހިތްވަރެއް އަދި ނެތެވެ. އަމިއްލަ ނަފުސް ކުށްވެރިކުރެވުނެވެ.

މިރޭ "ބިރު" އެއީ ކޮންފަދަ ވަރުގަދަ ޖަޒުބާތެއްކަން އޭނައަށް އެގިއްޖެއެވެ. ލޯބިވާގާތްމީހަކު ގެ އެންމަފަހު ވަގުތުކޮޅުކަން ޔަގީންކުރެވޭއިރި އެކުރެވޭ ބިރުވެރި އިހުސާސް އާއި ހިތަށް ލިބޭ ދަތިކަން އޭނައަށް މިރޭރަގަޅަށް ރޭކާލައިފިއެވެ. މިރޭ އެންމެ ފަހަރަކު ވެސް ދެން ނުނިދޭނެކަން ދާނިޝްއަށް އެގުނެވެ. އަޖާއިބުވަނީ އޭނަ ގެ ފޯންކޯލަށް ފަހު ޖީނާ މަރުވާން އުޅުނީތީއެވެ. އެނައަށް ގޯސްކޮށް ބުނެވުނީ ކޮންވާހަކައެއްކަމެއްވެސް ނޭގެއެވެ. ޖީނާގެ އެންމަ ފަހު ޖުމްލަތައް އޭރު އޭނައަށް ނަގައިނުގަނެވުނީ ކީއްވެހެއްޔެވެ؟ ދުރަށް ދާ ވާހަކަ ބުނީމަ އޭނަ ހީކުރީ ފައިޒާން އާއިއެކު އޮސްޓްރޭލިޔާއަށް ދާ ވާހަކަކަމުގައެވެ. އޭނަ އެބުނީ މިދުނިޔެ ދޫކޮށްފައި މާދުރަށް ދާން އުޅޭ ވާހަކަތާއެވެ. މިރޭ އޭނައަށް ޖީނާ ދަސްވެއްޖެއެވެ.

ޖީނާ ގެ ކޮޓަރީގެ އެނދާއި ބިންގަޑު ޖީނާގެ ލެއިން ރަތްވެފައިވާ މަންޒަރު ދުވަހަކު ހިތުން ފިލުވާލެވޭނެހެއްޔެވެ؟ އޭނަ މިހިރީ ހަތަރު އަނގޮޅި ކަންމައްޗެއްގައެވެ. ދާންވީ ދިމާލެއްނޭގިފައެވެ.

ދާނިޝް ހޫނުކޮފީތަށްޓެއް ހިފައިގެން ދިޔައީ ބަގީޗާގެ ތެރެއަށެވެ. ވަރަށް ރީތިކޮށް ހަނދުވަރު ދިއްލާލާފައި އޮތެވެ. ނަސީބަކުން އޭނަގެ ހިތާމަތަކުގައި ބައިވެރވާން މީރާން އައެވެ. އެއީ އޭނައަށް ލިބުނު ވަރަށް ބޮޑު ހިތްވަރަކަށްވިއެވެ. އޭނަ ދެން ދާނިޝް ކަންތައްކުރަންވީގޮތް ބުނެދިނެވެ. އެންމެ ރަގަޅު ހައްލަކީ އެއީކަމަށް ދާނިޝްއަށް ވެސް ގަބޫލުކުރެވުނެވެ.

ފަރުޒާނާ ހަވީރު ގެއަށް އައީ ފެންވަރާ ތާޒާވެލުމަށެވެ.
ރޭ އޭނަގެ ހުރި އެންމެ ދަރިފުޅު ނުގެއްލުނީ ހަމަ ކިރިޔާއެވެ. އެ ހިތާމައިގެ ސަބަބުން މުޅި ރޭގަޑު އޮންނަން ޖެހުނީ ހޮސްޕިޓަލުގެ ބަލި އެދެއްގައެވެ. ނިދާ އިންޖެކްޝަނުގެ އެހީގައި ރަގަޅަށް ނިދާލުމަށްފަހު ތެދުވުނުއިރު ޖީނާ ގެ ހާލު ރަގަޅުކަން އެނގުމުން އޭނަ މާތް ﷲއަށް ހަމްދުކުރިއެވެ. މިއަދު އޭނައަށް ވަނީ ފިލާވަޅެއްލިބިފައެވެ. ޖީނާއަށް މަޖުބޫރުކޮށްގެން އޭނަ އެއްވެސްކަމެއް ދެން ނުކުރުވާނެއެވެ.

ފަރުޒާނާ އަވަސް އަރުވާލާފައި ހުއްޓަސް އާދައިގެ މަތިން މޫނުގައި ކްރީމް އުގުޅިއެވެ. ލުއިކޮށް މޭކަޕްކޮށްލާ ސެންޓްޖެހިއެވެ. ކޮޓަރިން ނުކުތީ ލޯގަނޑުދޮށުގައި ހުރެ ހިތްހަމަޖެހޭ ވަރުވުމުންނެވެ. ފަރުޒާނާ ބޮޑުކޮޓަރިއަށް ވަނުމާއިއެކު ފިޔަވަޅުތައް ހުއްޓުނެވެ.

"ސައްފޫރު........." ފަރުޒާނާއަށް ކިޔާލެވުނެވެ. ސައްފޫރު އަދިވެސް ފެންނަލެއް ވަރަށް ޒުވާންވެފައި ސްމާޓެވެ. އެލާނެތް ހިނިތުންވުމެވެ. ބޯ އެސްފިޔަތަކެވެ. އެ ބޮޑާކަމެވެ.

"ބިރުގަތީތަ؟ ކަންބޮޑުނުވެބަލަ ފަހަރި....ކޮބާ ބޭބެމެން؟ ޖީނާ ރަގަޅުތަ؟ ދެންމެ މާލެއަށް މިއައީ..." ސައްފޫރު ފަރުޒާނާ އަށް ބަލަމުން ދިޔައީ ހަމަ އެ ނަޒަރުންނެވެ. މާޒީގެ އެ ޅަ ދުވަސްވަރާއި އެ އުފާވެރި ހަދާންތަކުގެ ތެރެއަށް ފީނައިގަނެވުނެވެ.

ފަރުޒާނާ ވާހަކަ ދެއްކީ ރަސްމީކޮށެވެ. ރަގަޅަށް މެހުމާންދާރީ އަދާކުރިއެވެ. ސައިބޯންދައުވަތު ދިނުމުން އޭނަ ފަރުޒާނާގެ ފަހަތުން ކާކޮޓަރިއަށް ވަނެވެ. ކޮންމެވެސް ވަރަކަށް އާއިލީ ހަބަރުތައް އެކަކު އަނެކަކަށް އޮޅުންފިލުވާދިނެވެ. 

"އަހަރެން މިހާ ރީތިކޮށް ކަންތައްކުރިޔަސް މައާފުދިނީކަމަށް ހީނުކުރާތީ..." އެންމެ ފަހުން ފަރުޒާނާއަށް ބުނެލެވުނެވެ.

"މަޢާފު ނުދޭންވީ އަހަރެންކަން ނޭގޭ. އހަރެން ހިތަކަށް ނާރާ އަހަންނަށް ޖެއްސުމަށް އަހަރެންގެ އެއްބަނޑުއެއްބަފާ ބޭބެއާއި ފަޒީ އިންނާނެކަމަށް. އަހަރެން ދުރަށް ދިޔައީ ފަޒީ ދެކެ ލޯބިނުވާތީއެއްނޫން. ފަޒީއަށް ރަގަޅަށް އެގޭނެ އަހަރެންއެހާ ޅަ އުމުރުގައި ޒުހޭމާއާއި ކާވެނިކުރީ މައިންބަފައިން އެދުނީމަކަން. ލޯބިން ނޫންކަން. އެކަމަކު އަހަރެން ރާހިލް އާއި އައިޒާދެކެ ލޯބިވާވަރުވެސް އެގޭނެ. ޒުހޭމާ ތިންވަނަ ފަހަރަށް ޕްރެގްވީމަ އަހަންނަށް މަޖުބޫރުވީ ދުރަށް ދާން. ތިން ދަރިން ގެ މައިމީހާއަށްޓަކައި. ނަސީބު ދެރަކަމުން އެ ދަރިފުޅު ބައިގެން ދިޔައީ. އެ ދުވަހުވެސް ހާދަ ވަރަކަށް ކަރުނަ އޮއްސިން. މާލެ އަންނަންބަލާލިއިރު ފަޒީ ތެޅިފޮޅިގެން ބޭބެއާއި ކާވެނިކޮށްގެން ޕްރެގްކަން އެގުނީ. ވީއިރު ކުށްވެރިއަކީކާކު؟ " ސައްފޫރު ސައިތަށި ހުސްކޮށްލާފައި ތެދުވެއްޖެއެވެ.

"ޖީނާއަކީ މައުމޫން ގެ ދަރިއެއްނޫން. ޖީނާގެ ބައްޕައަކީ ތިއީ. އަހަރެން އެވަރަށް އާދޭސްކުރީ އެވަރަށް ރުއީ ސައްފޫރުގެ ދަރިއަކަށް ބަލިވެ އިނީމަ...."

"ވަޓް؟ " ސައްފޫރު އަށް ހީވީ ދުނިޔެ އެނބުރިގެން ދިޔަހެނެވެ. އެތަނުގައި ބާރުގަދަ ބޮމެއް ގޮއްވާލެވުނަސް އެހާބޮޑު ޝޮކެއް އޭނައަށް ނުލިބުނީހެވެ. އެނަ އަށް ގަބޫލުކުރަން ދަތިވިއެވެ. ވަގުތުން އޭނަ ފަރުޒާނާ ގެ އަތުގައި ބާރަށް ހިފެހެއްޓިއެވެ.

"ކީއްވެ؟ ކީއްވެ؟ މުޅި އެކާވީސް އަހަރުވަންދެން މިހާ ބޮޑު ސިއްރެއް ފޮރުވައިގެން. ކީއްވެ އަހަރެންގެ ދަރިއަކަށް ބަލިވެ އިންއިރު މަގޭގާތު ނުބުނެވުނީ. އަހަންނަށް އެވަރު ހައްގެއްވެސް ނެތީތަ؟ ޖަވާބު ދީ...ކީއްވެ މިހާބޮޑު އޮޅުވާލުމެއް............ " ސައްފޫރު ހުރީ ދަތްކުނޑިވިކާލައިގެނެވެ. އެތައް އަސަރުތަކުން އޭނަ ގެ ލޯ ތެމެމުން ދިޔައެވެ. މިކަންތައް އޭނަގެ ބޭބެއަށް އެނގިއްޖެއްޔާ މި ގޭތެރޭގައި ކުޑަވަރެއްގެ ގިޔާމަތެއް ވާނެއެވެ.

 

.."..."އެންމެ ފަހަރަކުވެސް ތިމަންނަ ޕްރެގްއޭ ބުނެލިނަމަ

"އަހަރެން ނުލާހިކު ބޮޑަށް ހާރޓްވެފައިހުރީ. ކޮންފިއުޒްވެފައި. އޭރު ހީކުރެވުނީ ސޮއްފޫރު ބުނާނެކަމަށް އެބޯޓްކުރުވާށޭ. ބޭނުމެއްނުވި އެހެންވާކަށް. އަހަރެން ބޭނުންވި ސޮއްފޫރުގެ ހަދާނަކަށް އެ ދަރިފުޅު ދުނިޔެއަށް ގެންނަން..." ފަރުޒާނާގެ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ ފައިބަން ފެށިއެވެ.

"އެވަރަށް އެކީގައި އުޅެވުނުއިރުވެސް އަހަރެން ކުދިން ދެކެ ލޯބިވާވަރާއި އެބޯޝަންތަކާއި ދެކޮޅުވަރު ނޭގުނު؟ މިހިރީ ބުނާނެ އެއްޗެއްނޭގިފައި. ފަޒީ ކޮންފަދަ ބޮޑުކަމެއް ތިކުރީ؟"

އެހުރިހާވާހަކަތައް އަޑުއަހައިގެން ކާކޮޓަރީގެ ބޭރުގައި ކޮންމެވެސް މީހަކު ހައިރާންވެ އަންތަރީސްވެފައި ހުއްޓެވެ. އޭނަ މަޑުމަޑުން ފަހަތަށް ޖެހެމުން ގޮސް އަވަހަށް ސިޑިން އަރައިގެން މައްޗަށް ހިގައްޖެއެވެ.
އިތުރު އެއް މިނެޓަށް އޭނާ މަޑުކުރިނަމަ ނުލާހިކު މުހިއްމު ސިއްރެއް އިތުރަށް އެގުނީހެވެ. އޭނައަށް ހީވަމުންދާ ހީ ޔަގީން ކުރުމަށް އިތުރު ހެއްކަކަށް ފުދުނީހެވެ. ނަމަވެސް ތަގުދީރުގައި ހުރިހާ ކަމެއް ރޭވެމުންދަނީ ވަކި އުސޫލުތަކެއްގެ މަތިން ފުރިހަމަކަމާއިއެކިގައެވެ. ކޮންމެ ކަމަކަށް ވެސް ކަނޑައެޅިގެންވާ ވަކި ވަގުތެއްވެއެވެ. އެ ސިއްރު ބޭޒާރު ވުމުގެ ވަގުތު ނުޖެހޭތީ އޭނައަށް ވެސް އެއް މިނެޓް އަވަސް ކުރެވުނީއެވެ.
މި އާއިލާގައި އަދި ބާކީ ކިތައް ސިއްރު ތަކާއި ސަރޕްރައިޒް އެބައޮތްހެއްޔެވެ؟ ކޮންމެ މީހަކީ ވެސް "މިސްޓީރިޔަސް" މީހެކެވެ. މުޅި އުމުރަށް ދަސްކުރިޔަސް އެގޭނެހެނެއް ހިޔެއްނުވެއެވެ.

އައިސްގޭޓްހޮސްޕިޓަލުގެ އެންމެ މަތީބައިގެ ރޫމް އެއްގައިވާ އެނދެއްގައި ޖީނާ އޮތްއިރު އެ ކޮޓަރީގައި އާއިލާ ގެ ވަރަށް ގިނަ މެމްބަރުން ތިއްބެވެ. ޒިޔާރަތް ކުރާ ގަޑިކަމަށް ވާތީ ރަހުމަތްތެރިންނާއި ތަނުގެ މުވައްޒަފުން އަދި އާއިލާމީހުންވެސް އޭނަ ދެކިލަން އަންނަނީއެވެ. ބައެއްމީހުން ކާރޑް ،މާ އަދި ހަދިޔާވެސް ގެނެސްދިނެވެ.

ޖީނާ ކިތަންމެ ވަރަކަށް ހިނިތުންވެލިނަމަވެސް އޭނާގެ ހިތުގައި ވީ މާޔޫސްކަމާއި ނާއުއްމީދެވެ. އެންމެ ބޮޑަށް ހިތުގައި ޖެހިފައިވަނީ އެންމެން އައިރުވެސް ދާނިޝް އޭނަ ދެކިލަން ނައީތީއެވެ. އެ އަނިޔާވެރި ލޯބިވެރިޔާއަށް ހަމަ ފުރުސަތެއް ނުލިބުނީހެއްޔެވެ؟ އޭނައަށްޓަކައި ފުރާނަ ގުރުބާންކޮށްލަން އުޅުނު އަންހެންކުއްޖަކަށް އެ އަގުހުރި ހަޔާތުން މިނެޓްކޮޅެއްވެސް ހަމަ ނުދެވޭނެހެއްޔެވެ؟ ބޭގަރާރުކަމާއި އެކީ އެ ކޮޓަރިއަށް ވަންނަކޮންމެ މީހަކާއި ދިމާލަށް ބަލާލެވުނެވެ. ކޮންމެ މޫނެއް ފެނުމުން ވެސް މާޔޫސްކަން އިތުރުވިއެވެ.

ޑޮކްޓަރ ސައްފޫރު އައީ ވަރަށް ބޮޑު ޓެޑީބެއަރ އެއްހިފައިގެނެވެ. ޖީނާގެ މޫނުގެ ކުލަ ކުރިއަށް ވުރެ ބޮޑަށް އަލިވެގެން ދިޔައެވެ.
"ޖީން ވަރުގެ ބޮޑު ޓެޑީއެއް...." ސައްފޫރު ޖީނާގެ ނިތްކުރީގައި ބޮސްދިނެވެ.
"އަންކަލް ހާދަ ރަގަޅޭ. ސޯ ސޮފްޓް އެންޑް ފްލަފީ. ތެންކްޔޫ ސޯ މަޗް އަންކަލް..." ޖީނާ ތެދުވެ ސައްފޫރުގެ ކަނދުރާގައި އަތް އަޅުވާލިއެވެ.
މިއީ ޖީނާ ގެ އަބަދުވެސް ފެވެރިޓް ބޮޑުބޭބެއެވެ. އެމެރިކާގައި ދިރިއުޅުނަސް އަބަދު ފޯނުކުރެއެވެ. ޗެޓް ކުރެވެއެވެ. ހަދިޔާފޮނުވައެވެ. ވަރަށް ޚާއްސަގޮތެއް ބަހައްޓައެވެ. އަބަދުވެސް ބޮޑުބޭބެއާއި ވަރަށް ގާތްގުޅުމެއް އޮންމަކަމަށް އިހުސާސްކުރެވެއެވެ. ބައްޕައަށް ވުރެ ބޮޑަށް ބޮޑުބޭބެ އޭނަ ދެކެ ލޯބިވާކަމަށް ވެސް ހީކުރެވެއެވެ.

ފަރުޒާނާ އިނީ ހިތްތެޅޭގޮތްވެ އިސްޖެހިފައެވެ. އަޖާއިބުވަނީ އެތައް ޒަމާންތަކަށްފަހު ސައްފޫރު ފެނުމުންވެސް ހަމަ އެ އަސަރުތައް ކުރުވާތީއެވެ. މިއީ ފިރިމީހާއަށް ބޭވަފާތެރިވުންހެއްޔެވެ؟ ޚިޔާނާތްތެރިވުން ހެއްޔެވެ؟ ފާފަވެރިވާނެބާވައެވެ. ކުރާނީކީއްހެއްޔެވެ؟ އަމިއްލަ ނުކިޔަމަންތެރި ހިތުގެ މައްޗަށް ބާރު ނުފޯރަނީއެވެ. ސައްފޫރު ފެނުމުން ދާނިޝް ގެމަތިން ހަދާންވާކަހަލަ ގޮތެއްވެސް ހުރެއެވެ. ދާނިޝް ގެ އެ ރުޅިގަދަކަމާއި ބޮޑާކަން އަދި ދިގު އެސްފިޔަތައް ވާރުތަކުރީ ސައްފޫރުގެ ފަރާތުން ކަމަށް ވެދާނެއެވެ.


"މަންމަ މިހިރީ ވަރަށް ބޮޑަށް ކުށްވެރިވެފައި. ދެން މަންމައަށް ލާހިކެއްނޫން ޖީން މީހަކާއި އިންނަން މަޖުބޫރުކުރާކަށް..ޖީން ހިތްހަމަޖެހޭކުއްޖެއް ހޯދަންވާނީ ޖީން އަމިއްލައަށް.............." ސައްފޫރު ފަރުޒާނާއަށް ބަލާލަމުން ހިނިތުންވެލިއެވެ. އަމިއްލަ ދަރިފުޅުކަން އެގުނީމަ ދެން ގަދަކޮށްލާނެކަން ފަރުޒާނާއަށް އެގުނެވެ.

"އަބަދުވެސް ކުށްވެރިވަނީ މަންމަ..." ފަރުޒާނާ ގަދަކަމުން ހިނިތުންވެލިއެވެ. މައުމޫން ގެ ބަދަލުގައި ސައްފޫރުއާއި ކާވެނިކުރެވުނުނަމަ ދިރިއުޅުން ހާދަ ފުރިހަމަވީހެވެ. އޭރުން ފޮރުވަން ޖެހޭނެ މާބޮޑު ސިއްރުތަކެއް ނުހުންނާނެއެވެ.
"މިފަހަރު އެކަން ޔަގީން ކުރެވިއްޖެ. ޖީން އަށް ކަމެއްވިނަމަ އަމިއްލަ ނަފުސަށް ދުވަހަކު މައާފު ނުކުރެވުނީސް. އެކަމަކު ޖީން ވެސް ޕްރޮމިސް ކުރަންވާނެ ދެން މިފަދަ ގޯސް ކަމެއް ނުކުރާނެކަމަށް........" ސައްފޫރު އިނީ ޖީނާގެ އަތުގައިހިފަހައްޓާލައިގެނެވެ. ޖީނާއަށް ނޭގުނީ އޭނަ ގެ ދެފަރާތުގައި މިތިބީ އޭނަ ގެ މަންމައާއި ބައްޕަކަމެވެ.
ސައްފޫރު ޖީނާއާއި ދެއްކީ މުޅިން ވެސް އަމިއްލައަށް މަރުވާމީހުނާއި މެދު ދީން ދެކޭ ގޮތެވެ. ސައިންޓިސްޓުން ދައްކާފައިވާ ވާހަކަތަކެވެ. އެފަދަ ފާފަވެރި މޮޔަ އަމަލެއް ނުކުރުމަށް ސައްފޫރުވިސްނާދީ ނިމުނުއިރު ޖީނާ ގެ ޅަހިތަށް ބިރުވެރިކަން ވަދެއްޖެއެވެ.
"ދެން ނުކުރާނަން އެކަހަލަ ގޯސްކަމެއް. ޖީން ވެސް ހާދަ ބިރުގަތޭ. ބައިވަރު ބްލަޑް. ފެނުނީމަ ފެއިންޓްވާގޮތްވި. ވަގުތުން ޑޭ......" ޖީނާއަށް ދާނިޝްގެ ނަން ނުބުނެވުނީ ހަމަ ކިރިޔާއެވެ. އޭނަ ކޮށިއަރާގޮތްވިއެވެ. ގަދަޔަށް ކެއްސައިގަތެވެ.


ފަރުޒާނާއަށް ކިތަންމެ ރަގަޅަށްވެސް އޭނަ ކިޔަން އުޅުނީ ޑޭން ގެ ނަން ކަން އެގުނެވެ.
"އެންމެނަށް ގޮވިން. އަޑުއިވުނީ ޝޭންއަށްކަން ނޭގޭ. ދޮރުވައްޓާލާފައި ވަނީމަ ވަރަށް ހައިރާންވި. ހާދަ ބާރުގަދައޭ ހިތަށް އެރި. އޭރު އެނދާއި ބިންގަޑުވެސް ވަނީ ލޭގަނޑަކަށްވެފައި. ޝޭން އައިސް ޖީންއުފުލާލިކަން އެގުނު. އޭރު ޔަގީންވި މަރުވަނީކަން.. މުޅިން ވަރުހުސްވެ ހުރިހާތަނެއް އަދިރިވަމުން ދިޔައީ. ހޭލެވުނުއިރު އޮތީ އަތް ބެންޑޭޖްކޮށްފައި އައިސީޔޫގައި..." ޖީނާ ނިޔަފަތީގައި ދަތްއަޅާލިއެވެ. މަރުވަމުން ދިޔައިރުވެސް އެންމެފަހަށް އޭނަ ހަދާންވީ ދާނިޝްގެ ރީތި މޫނު ކަމަށް ބޮޑުބޭބެމެން ގާތު ބުނެވޭނެހެއްޔެވެ؟ އެވަގުތު ދާނިޝް އަށް އާދެވުނުނަމައެވެ. ލޯބިވެރިޔާގެ އަތުގެ ތެރޭގައި އެންމެ ފަހުގެ ނޭވާތައް ދޫކޮށްލުމަށްވުރެ އުފާވެރި މަރެއް އޮންނާނެ ހެއްޔެވެ؟ އެއީ އަބަދުވެސް އޭނަގެ އުއްމީދެވެ. ދާނިޝް ގެ އުނގުގައި ބޯއަޅާލައިގެން އޮވެ މަރުވުމެވެ. އެކަމަކު ބޮޑުބޭބެ ބުނިގޮތުން ވިއްޔާ އަމިއްލައަށްމަރުވާ މީހުންނަކީ މާތްﷲ ގެ ރަހުމަތުން ބޭރުވެފައިވާ ބަޔެކެވެ. ސަބަބަކީ އެމީހުން ހެއްދެވިފަރާތުގެ ރަހުމަތުން މުޅިން މާޔޫސްވެ އުއްމީދުކަނޑާލާފައި އަގުހުރި ފުރާނައެއް ނަގާލާތީއެވެ. މަރުވުމުގެ ފަހު ވަގުތު އެ ބޮޑުފާފައިން ތައުބާ ވުމުގެ ފުރުސަތެއް ނޯންނާނެތީއެވެ. އެއީ އެހާވެސް ނުބައިކަމެކެވެ. އަމިއްލަ އަށް މަރުވުމުން ގިޔާމަތް ދުވަހުވެސް ލޯބިވެރިޔާ ފެނުމުގެ ހުރިހާ ފުރުސަތެއްވެސް ގެއްލުނީއެވެ. ޖީނާ އެހެން ހިތަށް އަރުވާލުމުން ވެސް ރޮވޭގޮތްވިއެވެ. ދާނިޝް ނުފެނި އޭނައަށް އުޅެވޭނީކހިނެއްހެއްޔެވެ؟
"ޖީން ތިއޭޓަރަށް ވެއްދިއިރު ބީޕީ އަދި ޕަލްސް ނުލިބޭ. އެޗްބީ އެންމެ ދޭއް. ޖީން ސަލާމަތް ވިކަން އެއީ ކަރާމާތެއް..." ފަރުޒާނާ އެހަދާން ވުމުން އަދިވެސް ގައިން ހީބިހިނަގައިގެން ދެއެވެ. އެވަގުތުކޮޅު ޝާހާންއަށް ނާދެވުނުނަމަ މުޅި އުމުރަށް ޖީނާ ގެއްލުނީހެވެ.

"ތޭންކް ގޯޑް ފޯރ ސްމޯލް މިރެކްލްސް........" ސައްފޫރު ޖީނާގެ އިސްތަށިގަނޑު ހާވާލިއެވެ. އޭރު އޭނަ ވިސްނަމުން ދިޔައީ ޝާހާން އެ ދޮރު ވައްޓާލި ގޮތަކާއި މެދުގައެވެ. އައިސްގޭޓް ގައި ވަނީ އެންމެ މޮޅު އަގުބޮޑު ވަކަރުތަކުން ހަދާފައިވާ ވަރުގަދަ ދޮރުތަކެވެ. އާދައިގެ އިންސާނަކަށް ފައިން ޖެހީނުން ދޮރުތައް ވައްޓައެއްނުލެވޭނެއެވެ. ޝާހާން މެންގެ އެ ހުންނަ އާދަޔާ ޚިލާފު ބާރުތަކާއި މެދު އަބަދުވެސް ސައްފޫރުގެ ހިތުގައި ސުވާލު އުފެދިފައިވެއެވެ. ކޮންމެވެސް ރޫހާނީ ބާރުތަކެއް ހުންނަނީ ހެއްޔެވެ؟ އެކުދިންގެ މަންމަ އަކީ ކާކުހެއްޔެވެ؟ ބޭބެ ގާތުން އަހައިގެން އެގުނީ އެއީ ސްވިސް އެމެރިކަން އެއްކަމެވެ. ފޮޓޯ ވެސް ފެނުނެވެ. ރީތިކަން ހުސްކޮށްލާފައިވާ އަންހެންކުއްޖެކެވެ. ނުރައްކާތެރި ދަރަޖައަކަށް ރީއްޗެވެ. އެކަމަކު އިންސާނުންނާއި ތަފާތުކަމެއް އެ ފޮޓޯއަކުން ނުފެނެއެވެ. ކޮންމެއަކަސް މައުމޫންގެ ތިން ޒުވާން ފިރިހެން ދަރިންވެސް އެކުދިންގެ މަންމަ ފަދައިން ރީއްޗެވެ. ވިސްނުންތޫނެވެ. ޖެހިލުންކުޑައެވެ. އެހާހަލުވި ބިރުކުޑަބަޔެކެވެ. ކޮންމެވެސް ގޯހެއް އެބައުޅެއެވެ. ކޮންމެ ކަމެއްވެސް އެހުންނަނީ އިންސާނުންނާއި އެކަށީގެންވާވަރަށް ވުރެ ތަންކޮޅެއް މަތީގައެވެ. 

އިރުކޮޅެއްވާންދެން ޖީނާއާއި ވާހަކަ ދައްކަން އިނުމަށްފަހު ސައްފޫރު ނުކުމެގެން އައިއިރު ކައުންޓަރުގައި ތިބި އަންހެންކުދިންކޮޅު އޭނައާއި ބެހިލިކަން އެގުނެވެ. ބުނާނީ ވެސް ކީކޭހެއްޔެވެ؟ މިޒަމާނުކުދިން ހާދަ ލަދުކުޑައެވެ. މިއީ ހައްތަހާވެސް އޭނަގެ ދަރިން ގެ އުމުރުފުރައިގެ ކުދިންނެވެ. އެކަމަކު ވިސްނާނުލައި ހިތަށް އެރި މީހަކާއި އެބެހެނީއެވެ. އޭގެ ތެރެއިން ސައްފޫރުއަށް ފާހަގަކުރެވުނީ އެންމެ އަންހެންކުއްޖެކެވެ. އެކުއްޖާ އިނީ ފޯނެއްގައެވެ. ކަންބޮޑުވެފައި އިންކަހަލައެވެ. ނިޔަފަތި އަނގަޔަށްލައިގެން އިންގޮތުން ހަދާނަށްއައީ އައިޒާއެވެ. ސައްފޫރު ގެ ހިތް ތެޅިލިއެވެ. ނޭގޭފަދަ އުދަގޫތަކެއްވިއެވެ. އެއީ ކޮންއަންހެންކުއްޖެއްހެއްޔެވެ؟ ޖީނާއާއި ވެސް ވައްތަރުގޮތެއް އެބަހުއްޓެވެ.



ދާނިޝް އާއި އޭނަގެ އެކުވެރިން ރާޅާއި އަޅަން ވަރަށް ގިނައިރު މޫދުގައި އުޅުނެވެ. އެ ޒުވާނުން ގެ އާދަޔާ ޚިލާފު ހުނަރުތަކާއި މޮޅުކަމުން ހައިރާންވެފައި ފިރިހެންކުދިންކޮޅެއް އެ މަންޒަރު ބަލަހައްޓައިގެން ތިއްބެވެ. އިސްކޮޅުން ދިގުވެފައި ބިޔަކޮށް ތިބީމަ ބޭރު ގައުމެއްގެ މޮޅު ސާރފަރުން ކަމަށް ހީކުރެވުނެވެ. މިފަދަ މޫދު ސްޓަންޓް ތައް ޖައްސާކަށް މިތަނަށް އަންނަ އާއްމުންނަކަށް ނުކެރޭވިއްޔާއެވެ. ސާފު ބޯޑު ހިފައިގެން މޫދުން އަރައިގެން އައިގޮތަށް އެ ޒުވާނުން މިސްރާބު ޖެހީ ކޮޓެޖަށެވެ. ކުދި ގޯޅިތަކުންލާފައި ދިޔަނަމަވެސް މީހުން ގެ ތޫނު ނަޒަރުތަކުން ސަލާމަތެއްނުވެވެއެވެ. ވަރަށް ގިނަ ބަޔަކަށް މިއީ އައިސްގޭޓް ހޮސްޕިޓަލްގެ މަޝްހޫރު ޑޮކްޓަރުން ކަން އެގުނެވެ. ހީވަނީ ލޮލުންކާލަފާނެހެނެވެ
ކޮޓެޖަށް ގޮސް ފެންވަރާލިގޮތަށް ރެސްޓޯރެންޓަކުން ކައިގެން އެ ޒުވާނުން އެބުރި އައީ ކޮޓެޖަށެވެ. މިރޭ ދަންވަރު އެންމެން ބަލަން ބޭނުންވާ މާ ވަރުގަދަ ފުޓްބޯޅަ މެޗެއް އޮތީމައެވެ.
މިރޭ ސިޓިން ރޫމް ގައި ވަނީ ރަތްކުލައިގެ ބޮކީގެ ފަނޑު އައްޔެވެ. މީރާން ހުރުމުން ދާނިޝް އަލި މަޑުކުރަން ނިންމީ ކަމަށް ރާހިލް ހީކުރިއެވެ. އޭނަ ހުރީ މީރާންގެ ހަރަކާތްތަކަށް ވަރަށް ފަރުވާތެރިކަމާއިކަމާއި އެކީ މިރޭ ބަލަހައްޓައިގެނެވެ. އޭނަ ގެއަށް ވަނީވެސް ދާނިޝް ރަތް ބޮކި ދިއްލާލީމައެވެ. ޔަގީނެވެ. މިއީ ވެމްޕަޔަރ ނޫނީ ޖިންނި ޝައިތޯނުންގެ ނަސްލުގެ މަޚުލޫގެކެވެ. ރާހިލް ހިތާހިތުން ކިޔާލިއެވެ.
"ރާހިލް....އަހަރެން އެހެން ލައިޓް ތަކަށް އެލާރޖިކް ވާނެ. ރެޑްލައިޓް ޖެއްސީމަ ވަދެވެނީ އެހެންވީމަ. ނުބައިކޮށް ނުވިސްނަބަލަ އިގޭ. މިރޭ ރާހިލް ހިތްފުރެންދެން ބަލއިގެން އަހަރެން މުޅިން ދަސްކުރަން ބޭނުންވާހެން ހީވަނީ. އަހަންނަކީ ކާކުކަން އަދިވެސް މުޅިން ނޭގޭވިއްޔަ. އަދި ދާނިޔާލް މެނާއި ހުރި ގުޅުން އެގިއްޖެއްޔާ ފެއިންޓް ވެސް ވެދާނެ....." މީރާން ގެ އެ ބަރު އަޑުން ވެސް ރާހިލް ގެ ހިތް ތަޅުވާލިއެވެ. މާތްކަލާކޯއެވެ. އޭނަގެ ހިތުގައި ވާ އެއްޗެއް ދެނެގަތުމުގެ ބާރުވެސް މި ޒުވާނާއަށް ލިބިފައިވަނީ ހެއްޔެވެ؟ ހާދަ ދެރަކެމެކެވެ. ދާނިޔާލް މެނާއި އޮތް " ގާތް" ކަމެއް އޭނަ ވެސް މިއުޅެނީ ނޭގިގެނެވެ. ކޮންމެވެސް މީހަކު ބުނެދޭނެނަމައެވެ. ޔަގީނުންވެސް އެކަނި ބެސްޓްފްރެންޑްސް އިންނެއްނޫނެވެ.

 

ކޮމެންޓް 0