ދާނިޝްމެންވެސް ޝައުގުވެރިކަމާއި އެކު އެ އާ މެހުމާނަށް މަރުހަބާކިޔެވެ. އެންމެ ފާހަގަ ކުރެވުނީ އެމީހަކު އައުމާއެކު މިއުޒިކް ހުއްޓުނުތީއެވެ. މުޅި ރިސޯޓްގެ ކަރަންޓްވެސް ދިޔައީ އެވަގުތު އެވެ. މިހާރު ދުރުދުރަށްދާންދެން އޮތީހަމައެކަނި ހަދުވަރުގެ އަލިކަމެވެ. ސާއިރާ ވަރަށް މަސައްކަތުން އެމީހަކަށް ނުފެނި އެއްގަމަށް އަރައިފިއެވެ. އެންމެން ގޮނޑުދޮށުގައި ތިބުމުން މުޅި ރިސޯޓްމިއޮތީ ހިތަކަށް ލިބިފައެވެ. ސާއިރާ އަވަސްވެގަތީ ޕާރުސަލް ހުރި ދިމާލަށް ދިޔުމަށެވެ. ތެޅިފޮޅެމުން ގޮސް ވަށައިގެން ރަގަޅަށް ހޯދާ ބަލާލުމަށްފަހު މީހަކު ނެތްކަން ޔަގީންވުމުން ޕާރުސަލްތައް ކަނޑަން ފެށިއެވެ. ކުދި ކުދި ޕާރުސަލްތައް އަގުބޮޑުވާނެތީ އާއި ޖީބަށް ލުއިވާނެތީ އެވެ. ފުރަތަމަ ކަނޑާލި ޕާރުސަލްއިން ވިދައިގަތީ އެހެކެވެ. ލޯ ތަރަތަރަޖަހައިގެން ދިޔައެވެ. ޔަގީނެވެ. ޖަވާހިރެކެވެ. ސާއިރާގެ ކުޑަ ކުޑަ ދެލޯވެސް ވިދަންފެށިއެވެ. އަވަހަށް އެ ޖަވާހިރު ޖީބަށް ވައްޓާލުމަށްފަހު އެފަދަ އެހެން އެއްޗެއް އަތުޖެހޭތޯ ހާވަން ފެށިއެވެ. ކުދި ޕާރުސަލްތައް ކަނޑާފައި އަގުބޮޑުއެއްޗެއް އޮތިއްޔާ ލެވެނީ ޖީބަށެވެ. 
ފަހަތުން މީހެއްގެ ހިލަންވިހެން ހީވުމާއިއެކު ސާއިރާ އަވަސްކަމާއި އެކީ ނިއުޅާލާފައިވާ ކަރުދާސްތައް ޕާރުސަލްތަކުގެ ދަށަށް ގަންނަވާލުމަށްފަހު ހިންދެމިލައިފިއެވެ. އެނބުރި ބަލާލިއިރު އެ ކުޑަ ދެލޮލުގައި ވަނީ މަކަރުވެރި ވިދުވަރެކެވެ. އެތަނަށް އައި މީހަކު އޭނަގެ ބަސްތަކުން ހައްލާލަން ގަސްތުކުރިއެވެ. ދެތިން ފޫޓް ދުރުގައި ފަރުޒާނާ ފޯނާއި ކުޅެލަކުޅެލާ ހުރިތަން ފެނުމާއި އެކު ސާއިރާގެ ހިތަށް ބިރުވެރިކަން ވަދެއްޖެއެވެ. ވަގުތުން ފަރުޒާނާ އެ މަންޒަރު ވީޑިޔޯ ކުރީކަން އޭނަގެ ވިސްނުންތޫނުކަމުން ދެނެގެންފިއެވެ.

އަލީޒާގެ މަންމަ ވައްކަމެއް ކުރަނިކޮށް ފަޅާއެރުމުން ހުރިހާ މެހުމާނުންގެ ތެރެއަށް ބޭޒާރުކޮށްލާ އަލީޒާ ލަދުގަންނަވާލަން ފަރުޒާނާބޭނުންވިއެވެ. މިރޭ ފަރުޒާނާ އަށް ލިބިފައިވާ ހިތްދަތިކަމާއި ހިތާމަތައް ފިލުވާފަދަ ހެއްވާ ޑްރާމާއެއް ސާއިރާ ކުޅެދީފިއެވެ. ފަރުޒާނާ އެ ވީޑިއޯ ފޯނަށް ނެގީ ވަރަށް ހުޝިޔާރުވެގެން ހުރެއެވެ. އޭނައަތުން ފޯނު ނުވެއްޓުނުނަމަ އެއަށް ވުރެ މާމަޖާވީހެވެ. ފަރުޒާނާ ހެވިފައި ހުރެ ދާން ހިގައިގަތުމުން ސާއިރާ އޭނަގެ ފަހަތު އަޅުވާލިއެވެ.

"ނުކިޔަވާ ހުއްޓަސް ތި ބޭފުޅާގެ ނުބައި ނިޔަތް ނޭގޭހާ ގަމާރެއް ނޫން އިގޭތޯ. ފޯނުން ފޮޓޯތަކާއި ވީޑިއޯ އެއްޗެހި ނަގައިގެން އަޅުގަނޑު ބަދުނާމް ކުރަން އުޅޭއިރު ތި ބޭފުޅާއަކީ މަތިން ފޭބެންނެވި ބޭކަނބަލެއްބާ. ލާރިހުއްޓަސް ވަލީވެރިޔަކަށް ނުވެވޭނެ. މިރޭ މައުމޫން ކުރީގެ އަންހެނުންގެ ބޯކޮޅު ބަލައިގެން އުޅޭއިރު ތި ކަމަނާފާނު ސޫރިއެއްހެން އެނބުރެނީ ޑޮކްޓަރު ސޮއްފޫރު ގެ ފަހަތުން. އޭނަ މާ މުއްސަދިވީމަތަ؟ މި ދެލޮލުންނޭ ދުށީ ދެމީހުން ތުންގުޅާލައިގެން ތިއްބާ. އަދި މިދެލޯ ސަލާމަތުން އެބަހުރި. ފޯނެއް ނެތަސް ދޫ ހުރިއްޔާ މުޅި މާލޭގައިވެސް މި ވާހަކަ ފަތުރާލެވިދާނެ............ " ސާއިރާގެ އެ ޖުމްލަތަކުން ފަރުޒާނާގެ މޫނު ޓޮމާޓޯ އެއްހާ ރަތްވިއެވެ. ފިޔަވަޅުތައް ހުއްޓުނެވެ.

މިރޭ އޭނައާއި ސޮއްފޫރު އިރުކޮޅެއްވަންދެން ވާހަކަ ދެއްކިކަމީ ހަގީގަތެކެވެ. އެހެނޭ ކިޔާފައި ސޮއްފޫރު އޭނަގެ ގައިގާ އިނގިލިކުރިވެސް ޖައްސާނުލައެވެ. އެކަމަކު މި ދޫނުބައި އަންހެންމީހާމި ވާހަކައާއިގެން މާލެތެރޭގައި ހިނގަން ފަށައިފިއްޔާ ފޮރުވި ފަސްޖެހިފައިއޮތް މާޒީއެއް ފެންމަތި ވެދާނެއެވެ. މާޒީގައި އޭނައާއި ސޮއްފޫރުގެ ގުޅުން ކޮންމެވެސް ސިފައެއްގައި އެނގެން ފަށާފާނެއެވެ. އޭނަގެ ދަރިފުޅު ޖީނާވެސް މަރުވެގެން ދިޔަ އެއް ސަބަބަކީ އެ ސިއްރު ރައްކާކުރަން ހަދައިގެނެވެ. ދަރިފުޅު ނެތް ދުނިޔެއެއްގައި އަމުދުން އެ ސިއްރު ފަޅާއެރުވުމުގެ މާނައެއްނެތެވެ. އެއީ ބޭކާރުކަމެކެވެ. ހަގީގަތް ދުނިޔެއަށް ހާމަކޮށްދޭން އެންމެ މުހިއްމު ވި ވަގުތު އޭނަ ވަނީގަދަފައި ވިއްދާފައެވެ.

"ހެޔޮނުވާނެ ހަގީގަތެއްނެތް ވާހަކަ ހަދަހަދައިގެން ދައްކަން..." ފަރުޒާނާ މޫނުގައި ވާ ރޫތައް ފިލުވާލަމުން ތަންކޮޅެއް މައިތިރިކަމާއިއެކު ބުންޏެވެ. ރުޅި ފިނިކުރަން އަމިއްލަ ނަފުސާއި ހަގުރާމަކުރަމުން ދިޔައެވެ.

"އެކަމަށް މަޖުބޫރުކުރައްވަނީ ތި ބޭފުޅާ. ނިކަމެއްޗަސް އަޅުގަޑުގެވެސް އިއްޒަތާއި އަބުރެއްވޭ. ފޮޓޯތައް ދެއްކެވިއްޔާ އަޅުގަޑަށް ޖެހޭނީ އަޅުގަޑަށް ފެނުނު ކަންތައް ވެސް ކިޔާދޭން. ދެން އޮތީ އެކަކު އަނެކަކަށް ސިއްރުވެރިންނަށް ވުން. އަޅުގަޑު މިހިރީ އަމާން ދީ ތި ބޭފުޅާގެ ސިއްރުތައް ކަށްވަޅަށް ދާންދެން ރައްކާކުރަން....." ސާއިރާ ހިނިގަޑެއް ޖަހާލަމުން ފަރުޒާނާ އާއި އަރާހަމަކުރިއެވެ. ފަރުޒާނާ ރުޅިއައިސް ފަޅަފަޅައިގެން ދާވަރުވިނަމަވެސް ކެތްކުރިއެވެ.

ކުއްލިއަކަށް ވާރޭ އޮއްސައިގަތީ އެއްވެސް އިންޒާރަކާއި ނުލައެވެ. އުމުރުގައި ވެސް މިހާ ވަރުގަދަ ބޯ ވިއްސާރައެއް އެ ދެ މީހުންވެސް ތަޖުރިބާކޮށްފައެއް ނުވެއެވެ. ހީވީ ބޮޑު ބާލިދީއަކުން ފެންތަކެއް އޮއްސާލިހެނެވެ. ސަލާމަތްވުމުގެ އެއްވެސް ފުރުސަތެއް ނުދީ ތެމިފޯކޮށްލައިފިއެވެ. ފަރުޒާނާ ހީކުރީ ތޫފާނެއްކަމަށެވެ. ސުނާމީ އެރީކަމަށެވެ. އެ ފެނުގައި ދިނީ ލޮނުރަހައެވެ. ފެންގަނޑުއައިލެއް ބާރުކަމުން ނުވެއްޓުނީވެސް ކިރިޔާއެވެ. ފަރުޒާނާ ހަމަހޭވެރިކަން ކުޑަކޮށްލާފައި ދުއްވައިގަތީ ރެސްޓޯރެންޓާއި ދިމާލަށެވެ. ސާއިރާވެސް ފަރުޒާނާގެ ފަހަތުން ދުވަމުން ދިޔައިރު އޭނަވެސް ހުރީ ވީނުވީ ނޭގިގެން ކަންބޮޑުވެފައެވެ. ބިރުން ރޫރޫ އަޅަމުން ދިޔައެވެ.

ފަރުޒާނާ ތަންކޮޅަކަށް ދުވެފައި މަޑުކޮށްލީ އަޖާއިބުވެފައި ހުރެއެވެ. އެހެން ދިމާލަކުން ވާރޭވެހުނުކަމުގެ ނިޝާނެއް ނުފެނެއެވެ. އެ ބޯ ވާރޭ އެންމެ މިނިޓަކުން ހުއްޓުނީ ހެއްޔެވެ؟ އެކަނި އެ ގަސްތަކާއި ދިމާލަށް ވާރޭ ވެހުނީ ކީއްވެހެއްޔެވެ؟ ޔަގީނެވެ. ނުބަޔެއް އެބައުޅެއެވެ. އެގަހުގައި އޮތްމީހަކު ލޮނު ބާލިދީތަކެއް އޮއްސާލީހެއްޔެވެ؟ ފަރުޒާނާ ގެ އެ ސުވާލުގެ ޖަވާބު އެވަގުތު ލިބުނެވެ. ތަންކޮޅެއް ދުރުގައި ނުލަފާގޮތަކަށް ހިނިއައިސްފައި ހުރީ އައިސްގޭޓް އިން ފެނުނު އެ" ފުރޭތަ" އެވެ. ފަރުޒާނާގެ ގައިން ހީބިހިނެގިއެވެ. ފިސްގޮތަކަށް ހަޅޭއްލަވައިގަނެވުނެވެ. އޭނައާއި އަވަލައިގެން މި ރިސޯޓަށްވެސް އައީއެވެ. އޭނަގެ ވޮލެޓްގައި އީސަބެ ދިން ތަވީދުވެސް އެބައޮތެވެ. އެ ތަވީދު ގެ ބާރެއް ނެތީހެއްޔެވެ؟ މި ވެހުނު ލޮނު ވާރެއަކީވެސް މި ފުރޭތައިގެ ދަޅައެކެވެ.

ސިކުންތުކޮޅެއްފަހުން އެ ޒުވާނާ އައިބުވިއެވެ. ފަރުޒާނާއަށް ފެނުނު މަންޒަރު ސާއިރާއަށް ނުފެނުނުނަމަވެސް އޭނަ ހުރީ ތެމި ފޯވުމުން ރުޅިގަދަވެފައެވެ. މޫދުދެކެ އަބަދުވެސް ނަފްރަތު ކުރެވެއެވެ. ލޮނުފެން ޖެހުމުން ގައި ކަހާފައި ފިތް ނަގައެވެ. މޫދާއި ދުރުން އުޅެނިކޮށް މި ލިބުނީހާދަ ނުބައި ލަނޑެކެވެ. ސާއިރާ ގައި ކަހަކަހާފައި އެމީހަކަށް ނުބައި ދުއާކުރިއެވެ. ސާއިރާ ޔަގީންކުރީ ކުދިބަޔެއްގެ ލާނެތް ހަމަލާއެއްކަމަށެވެ. 

ފަރުޒާނާ އަވަސްވެގަތީ ގޮނޑުދޮށަށް ދިޔުމަށެވެ. ސާއިރާ ކައިރީގައި ހުރީ އޭނާގެ ސަލާމަތަކަށް ކަންނޭގެއެވެ. ސާއިރާއާއިދޭތެރޭ އޮތް ރުޅިވެރިކަންވެސް ކުޑަވަގުތުކޮޅަކަށް ނަމަވެސް ފިލައިގެން ދިޔައެވެ. އެކަނިއެހިސާބަށް ދާ ވަރަށް ވުރެ ބިރުގަނެފއި ހުރީމަ ދާން ޖެހުނީ ސާއިރާގެ އަތުގައި ހިފާލައިގެނެވެ. ހަނދުވަރުގެ އަލި ނެތްނަމަ ހާދަ ބިރުވެރިވީހެވެ. ހަޔާތުން ފިލައިގެން ނުދާވަރުގެ ބިރުވެރި ނުބައި ރެއެކެވެ.

ބާރަޖެހުމުން ނެށުން ހުއްޓުނެވެ. މީރާން މެން އައި ގޮތަށް ވަށިތަކުން މާފިޔަތައް އޮއްސަންފެށިއެވެ. ސްނޯ ފަދައިން ވެހެމުން ދިޔަ ފިޔަތަކުން މެހުމާނުން ނަށް ހައިރާންކަން ލިބުނެވެ. އެހާ ސަޅި ރީތި ވަގުތުކޮޅަކަށްވެސް ވިއެވެ. ބައެއް ކުދިން ފިޔަތައް އަތަށް އަޅަމުން ދިޔައިރު އެއްބަޔަކު ފިޔަތައްމަތީގައި އޮށޯވެލަމުން ސަކަރާތް ޖަހަމުން ދިޔައެވެ. އެހާގިނަ މާތައް އެހެން އޮއްސާލުމަކީ އިންސާނީ ނޫން ބާރެއްގައި ކަން ވިސްނުނީ ދާދި މަދު ބަޔަކަށެވެ.
ތަންކޮޅެއް ދުވަސްވީ މީހުނާ އުޒުރުވެރިން ތަންކޮޅެއްކުރިން ޕާޓީ ދޫކޮށްފައި ދާން ފެށިޔަސް ބައެއްމީހުން އެ ދަންވަރުވެސް މަޖާކޮށްލަން މޫދަށް އެރުނެވެ. ޚާއްސަކޮށް ޒުވާން ފުރައިގެ ކުދިންނަށް މިރޭ މިވަނީ ކުރުވެފައެވެ. ގޮނޑުދޮށުގައި މަޖާކުރަން އެންމެން ތިބިއިރު ދާނިޝް މެން ތިބީ އެ މަންޒަރު ބަލަހައްޓައިގެން ގޮނޑިތަކުގައި އިށީދެލައިގެނެވެ. އަދި އެކުދިންގެ ރޭ އޮތީ ކުރިއަށްކަމަށް ވުމާއި އެކު ވަރުބަލިފިލުވާލަނީކަން ނޭގެއެވެ.

ކުއްލިއަކަށް މީރާން މެންގެ އެކުވެރިން އެތަނަށް އައެވެ. އަންހެންކުދިން ހީކުރީ ބިރުވެރި މާސްކުތައް އަޅައިގެން މަޖާ ކުރަނީކަމށެވެ. އެ ޒުވާނުންނަށް އަތުނުވާންވެގެން އަންހެންކުދިން ތުއިވަމުން ހާއޭ ކިޔާފައި ދުވަމުން މަޖާކުރާތަން ފެނުމުން އަލީޒާ ބިރުގަތެވެ. އޭނަ ދާނިޝްގެ އަތުގައި ހިފަހައްޓައިގެން އިންއިރު ހިތްތެޅެމުން ދިޔައެވެ.
"ހީވަނީ އަސްލެއްހެން.. އެއީ މާސްކެއްނޫން..." އަލީޒާ ލޯބޮޑުކޮށްލާފައި ބަލަން ހުރީ އެ ކުޑަ މީހާއަށެވެ. ކޮޓެޖް އިން ފުރަތަމަ ރޭ ފެނުނު އެ މަޚުލޫގެވެ. އަލީޒާ ގޮނޑިން ތެދުވިގޮތަށް ފުންމައިގެން ގޮސް އެރީ ދާނިޝްގެ އުނގަށެވެ.
"ކިހިނެއްވީ ބޭބީ ގާލް؟ " ދާނިޝް އަލީޒާގެ ވަށައިގެން އަތް އަޅުވާލުމުން ސަލާމަތްކަން ލިބުނުކަމަށް އަލީޒާއަށް އިހުސާސްކުރެވުނެވެ. އަމިއްލަ ފިޑިކަމާއި މެދު ލަދުވެސް ގަތެވެ. ޝާހާންމްނެ ހީކުރާނީ ކީކޭހެއްޔެވެ؟ ޝައުނާ އާއި ރިހާނާވެސް އަލީޒާއާއި ދިމާކުރަން ފެށިއެވެ. ދާނިޔާލް އާއި ޝާހާންވެސް ތިބީ މަޖާވެފައި އަލީޒާގެ އެ ހަރަކާތްތަކަށް ބަލަހައްޓައިގެނެވެ.

ރީތިކަމުގެ ގޮތުން ގުޅުނަސް އަލީޒާ ގެ އެ ފިޑި ޅަ ގޮތްތަކަކީ ދާނިޝްފަދަ ޒުވާނަކާއި އެއްގޮތަކަށްވެސް ނުގުޅޭ ބަޔެކެވެ. މިހާ ބިރުން އުޅޭކުއްޖަކަށް މީރާން ގެ ހަގީގަތް އެގުނު ދުވަހަކުން ވާނީ ކިހިނެއްހެއްޔެވެ؟

އެންމެން އަލީޒާއާއި ދިމާކުރަން ފެށުމުން ގަދަކޮށްލާފައި އަލީޒާވެސް ހީހީފައި" ހަންޑި" ވާހަކަތަކާއި ގަޔާވާކަމަށް ހެދިގެން އޮޅުވާލިއެވެ. ވެމްޕަޔާ ޑައިރީސްގެ ފުރަތަމަބައި ބަލާލާފައި ބިރުކެނޑިއްޖެކަމަށާއި ހަގީގީ ވެމްޕަޔަރަކާއި ބައްދަލުވާން ކުޑަކޮށް ޝައުގުވެރިވެސް ވެއްޖެކަމަށެވެ. ހަނދުވަރުގެ އަލިމަޑު ކަމުން ރޫހާނީތަކެތި ޒިޔާރަތްކޮށްލަން އެންމެ ކަމުދާ މަންޒިލެއްގެ ގޮތުގައި މިތަން ދައްކުވާދެއެވެ. އެންމެން މަޖާ ވެފައި ދައްކަމުން ދިޔައީ ބިރުވެރި ވާހަކަތަކެވެ. އަލީޒާ އެ ދުނިޔެއަށް ހޭނުވުމުގެ ބޭނުމުގައެވެ.

އަލީޒާ އެންމެ ބިރުގަތީ ޝާހާންމެން މީރާންގެ ވާހަކަ ދެއްކިގޮތުންނެވެ. ހީވަނީ ވެމްޕަޔަރެއްގެ ވާހަކަ ދެކެވޭހެނެވެ. މީރާން ގެ ޕާޓީރޭ ވަރަށް ގޮތިކް ވާނެކަމަށާއި ކަޅު ފިނިފެންމާތަކާއިތަކާއި އުއްބައްތި ފަދަ ތަކެތިން ފަޅުރަށެއް ތައްޔާރުކޮށްލުމަށްފަހު އެންމެން ދާނީ ކަޅު އަދި ރަތް ހެދުމުގައި ކަމަށް ބުންޏެވެ. ރޫހާނީ ބާރުގެ އެ ޕާޓީ މިއަށްވުރެ މާ ފޯރިގަދަވާނެކަމަށް ކިޔެވެ. އަލީޒާވަރަށް ނޫންކަމަށް ހަދައިގެން ސުވާލުކުރިނަމަވެސް މީރާން އަކީ ކާކުކަން މުޅިއަކުން ނޭގެއެވެ. އެނގެނީ އެންމެން ގެ ހީރޯކަމެވެ. މާ ޚާއްސަ ލޯބިވާ ފަރާތެއްކަމެވެ. އަނެއްކާ ސިހުރު ދަންނަ ކުއްޖެއްހެއްޔެވެ؟ ޝައިތޯނާއަށް އަޅުކަން ކުރަނީހެއްޔެވެ؟ ޔަގީނުންވެސް ވެމްޕަޔަރުންނަކީ އަސްލެއްނޫނެވެ. 


ޕާޓީއަށް އައި ހުރިހާ މެހުމާނުންނަށް މަޑުމަޑުން ދަމުންގޮސް ރަށް ފަޅުވިއެވެ. އެންމެނަށް ހަދިޔާއަކަށް ލިބުނީހިތެއްގަ ބައްޓަމަށްވާ ދަނބުކުލައިގެ ޕާރސަލްއެކެވެ. ހުދުކުލައިގެ ރިބަންކޮޅަކުން އައްސާލާފައެވެ. އެއާއިކު ފިނިފެންމަލެއް ލިބުނެވެ. މުޅި އުމުރަށް ރައްކާކުރަން ބޭނުންވާފަދަ ހަދިޔާއެކެވެ. އެ ތާރީޚީ ރޭ ނިމުނީ މާ އަވަހަށްކަމަށް އެންމެނަށްވެސް ހީކުރެވުނެވެ. ގަޑި ވޭތުވެގެން ދިޔައީ ނޭގިތިއްބައެވެ.

ދިގު ޕާޓީއަކަށްފަހު ވަރުބަލި ފިލުވާލާ އަރާމުކޮށްލަން ދާނިޝްވެސް އަލީޒާ ގޮވައިގެން ކޮޓަރިއަށް ދިޔައެވެ. ސެވެންސްޓާރ ރިސޯޓްގެ އެ ކޮޓަރިވެސް މިރެއަށް ތައްޔާރުކޮށްފައިވަނީ އާ ލޯބިވެރިންގެ ހިއްސުތަކާއި ކުޅެލާ އުފާވެރިކަން ގެނެސްދޭނެފަދަ ގޮތަކަށެވެ. ދަނބު އުއްބައްތިން ކޮޓަރިއަށް ފަނޑު އަލިކަމަކާއި އެކު މީރުވަސް ފަތުރަމުން ދިޔައެވެ. ވަރުބަލިކަން ވަގުތުން ފިލުވާލާ ހިތްތައް ތަޒާކުރުވާހާ ހިތްގައިމެވެ. ދާނިޝް އާއި އަލީޒާގެ އާ ކާވެނީގެ ރެޔަށް ނުވިޔަސް އެކޮޓަރީގައި ހޭދަކުރީ ހަދާނުންފިލައިގެން ނުދާފަދަ ލޯބި ވަގުތުކޮޅެކެވެ.

ތަންކޮޅެއް ދަންވެ ރިސޯޓު ހިމޭންވުމުން ދާނިޝް މެން ގޮޑުދޮށުގައި ވެސް ވަގުތު ހޭދަކުރިއެވެ. ނިދުމަށްވުރެ އެ ހަނދުވަރުދޭ ރިހި އަލީގެ އުފާވެރިކަން ހޯދުން މުހިއްމުވީއެވެ.

ފަހު ދުވަސް ވެސް އެކުދިން ވޭތުކުރީ ރިސޯޓްގައެވެ. ދާނިޝް އަލީޒާގޮވައިގެން އިސްކޮޅުނުކާ ހިސާބަށް ދިޔުމުން އަލީޒާ ބިރުން ހަޅޭއްލެވިއެވެ. ދާނިޝްގެ ގައިގާ އެލުވިގެން އޮތްއިރުވެސް ސަލާމަތާއި މެދު ޔަގީންކަމެއް އަލީޒާއަކަށް ނެތެވެ. ދާނިޝްވެސް ގެނބިދާނެކަމަށް ހީކުރެވި ރޯންވެސް ފަށައެވެ. ސަލާމަތަށް އަދި ޝާހާންމެނަށް ގޮވައެވެ. އަލީޒާގެ ފިޑިކަމުން އެންމެން އަލީޒާ ޅަކުރެއެވެ.
ދާނިޝް އަށް މިފަދަ ކަންތަކުގައި އިތުބާރުކުރަން ވަގުތު ނަގާނެކަން ދާނިޝްއަށް ޔަގީން ވިޔަސް އަލީޒާގެ ފިޑިކަން ކަޑުވާލަން މިފަދަ ކަންތައްތަކަށް ހާނުވަން އެބަޖެހެއެވެ. މޫދަށްނޭރެން އުޅެނިކޮށް ގަދަކަމުން މޫދަށް ލަނީވެސް އެހެންވީމައެވެ. މޫދު ދެކެ ބިރުން އުޅުނަސް ބީޗް ގައި ވޮލީ ކުޅުމާއި ޖަކޫޒީއަށް އެރެން އަލީޒާ ވަރަށް ފޯރިހުއްޓެވެ.


އިރުއޮއްސުނީ އެ ޒުވާނުންތައް މާލެ ފުރަން ތައްޔާރުވެގެން ގޮނޑުދޮށުގައި ތިއްބައެވެ. ރަން އަދި ދަބުކުލައިން އުދަރެސް ޕެއިންޓްކޮށްލަމުން އިރުއޮއްސުނު މަންޒަރު ވަރަށް ފުރިހަމައެވެ. ކްރިމްސަން ކުލައިގެ އިރު ފުހިގެން އެދިޔައީ ކަނޑުގައި އަލިފާން ރޯކޮށްލާފަހެން ހީވެއެވެ .ދުރުދުރަށް ދާންދެން އެ އޮރެންޖްކުލަ އަރުވަމުން މޫދުގައި ބޮސްދެމުންނެވެ. މަޑު ދޮންވެލިގަޑުގައިވެސް ރަންކުލަ ޖައްސާލާފައެވެ. 

ވައިބާރުވާން ފެށީ އިރުކޮޅަކުންނެވެ. މި ހުރިހާ ދުވަހު ރީތިކޮށް އޮތް މޫސުމް ހަމަ ކުއްލިއަކަށް ބަދަލުވާން އުޅޭކަމުގެ ނިޝާންތައް ފެންނަން ފެށިއެވެ.


ދާނިޝްމެން ސްވިޒަލެންޑަށް ފުރީވަރަށް ވިއްސާރަދުވަހެއްގައެވެ. ހުޅުލެއާއި ހަމަޔަށްދެވުނުއިރު ބޮޑެތި ކަޅު ވިލާތަކުން އުޑުމަތި ބައްދާލާ ގުގުރަން ފަށައިފިއެވެ. ގިނަ ދަތުރުވެރިންގެ މޫނުމަތިން ފެނުނީ ކަންބޮޑުވުމުގެ ކުލަވަރެވެ. ޖަހާލާ ކޮންމެ ގުގުރިއަކާއި އެކު މޭތައް ގުޑައިގެން ދިޔައެވެ. ވިދުވަރުގެ ގަދަ އަލި އިރުއިރުކޮޅާ އަދިރި އުދަރެސް އަލިކޮށްލީ ހަމަލޮލުން ބަލާލަން ދަތިވާފަދަ ގޮތަކަށެވެ. މަތިންދާބޯޓްތައް ފުރުން ކޮންމެވެސް ވަރަކަށް ލަސްވިއެވެ. އަލީޒާ ބިރުގަތަސް އެކަން ފޮރުވައިގެން ހުރެ ބޯޓަށްވެސް އެރިއެވެ. މައްސަލަ ޖެހުނީ އެވަރަށް ވިލާ ބޯއިރު މަތިންދާބޯޓް ނައްޓާލުމުންނެވެ. އަލީޒާ ޕެނިކް އެޓޭކެއް ޖެހޭވަރުވިއެވެ. ރޯންވެސް ރުޔެވެ. ބައެއްފަހަރު އޮޅިގެން ހަޅޭއްލަވައިގަނެވެއެވެ. ދާނިޝް ގެ ކޮނޑުގައި ބޯ އަޅާލައިގެން އަތުގައި ހިފަހައްޓާލައިގެން އިނީ ބާރަކަށެވެ. ދަތުރު ނިމެންދެން އަލީޒާ އިނީ ބޯޓް ވެއްޓިދާނެތީ އެލާޓްގައެވެ. އެއްފަހަރުވެސް ދާނިޝް ގެ އަތުން ދޫކޮށެއްނުލެވެއެވެ. އެހާބޮޑަށް ބިރުގަތީ ފުރަތަމަ ދަތުރަށް ވެފައި ދޭތެރެއަކުން ޓާރބިއުލެންސް އާއި ދިމާވާތީއެވެ. އަލީޒާގެ ހިތަށް ހަމަޖެހުމެއް ލިބުނީ މަތިންދާބޯޓް ރަންވޭގައި ޖެއްސުމުންނެވެ.



އަލީޒާމެން މަތިންދާ ބޯޓުން ފޭބީ ވޫލެން ކޯޓް އެއްޗެހި ލައިގެންނެވެ. ދާނިޝް އެކިކުލައިގެ ސްޓްރައިޕް ކެޕެއްވެސް އަޅުވާދިނެވެ. އަލީޒާ އަށް ވަރަށް ބޮޑަށް ފިނީގެ އުދަގޫ ވިއެވެ. ނޭވާހާސްވާހެން ހީވިއެވެ. އެ ބޯ ހެދުން ފޫ އަޅުވާލާފައި ފިނި ކަށިގަނޑުތެރެއަށްވެސް ފުރޭނިގެންދިޔަހެން ހީވިއެވެ.

ޓާރމިނަލުން ނުކުތްއިރު އެކި ދިމާލުން ސްނޯވްގެ ފުނިވަރުތައް ކުދި ފަރުބަދަތަކެއް ފަދައިން ފެނުނެވެ. ހުރިހާ ދިމާލެއްގައި ގުދުރަތީ ހުދުކުލައިގެ ދޫލައަޅާފައިވާފަދައިން ސްނޯވް ފެންނަން އޮތެވެ. އިރުގެ އަވި އެ ދޫލަމައްޗަށް އެޅިފައިވުމުން ވިދަމުން ދިޔައެވެ. ވާހަކަ ދައްކާއިރު އެންމެންގެ އަގައިން ދުން ނުކުންނަހެން އާވި ބޭރުވިއެވެ. އެވެސް އަލިޒާއަށް އާ މަންޒަރެކެވެ. ހާދަ ރީއްޗެވެ. މާލެއާއި ހާސްބައި ތަފާތެވެ.

.
މަގުތަކުގެ ދެފަރާތުގައިވެސް ސްނޯވ އެވެ. ކުލަކުލައިގެ އިމާރާތްތަކާއި ގޭގެ ފުރާޅުތައް މަތީގައި ހަރުލާފައިވާ ސްނޯތަކުގެ ސަބަބުން ސްނޯވ ޝީޓްތައް އަޅާފައިވާފަދައެވެ. ޕައިންގަސްތައް ގަނޑުފެނުގެ ބުރަދަން ހިފެހެއްޓުމުގައި ނުކުޅަދާނަވެގެން ލެބިފައި ތިއްބެވެ. ކާރުތަކާއި ،ގަސްތަކާއި ،ގޭގެ ލޯވްންތަކަށް ސްނޯވެހިފައި ހުންނަ މަންޒަރު ހީވަނީ ކްރިސްމަސް ކާޑެއް ހެނެވެ.

މީސްތަކުން ކުލަކުލައިގެ ބޯ ހެދުންތަކުގައި ސްނޯ މަތިން ހިގާލާފައި ދާއިރު އަލީޒާވެސް ކާރުން ފުންމާލައިގެން ހިގާލާހިތްވިއެވެ. ސްކޭޓް ކުރާތަނާއި، ސްނޯ ބޯޅަ ކުޅުން އަދި ސްނޯ މޭން ފަދަ ތަފާތު ކަންތައްތައް ފެނުނުވަރަކަށް އަލީޒާ ގެ ލޮލުގައި ވާ ވިދުވަރު ގަދަވިއެވެ. އުފަލުން މޮޔަވާހާ ރީއްޗެވެ. އަލީޒާކުޑައިރުއްސުރެ ދެކެމެން އައި ހުވަފެންހަގީގަތަކަށް ވީއެވެ. މާތް ﷲ އަށް އޭނަ ހަމްދުކުރިއެވެ. 

ދާނިޝްމެންގެ ގެ އަދި ވަކިން ރީއްޗެވެ. ޝާހާންއާއި ޝައުނާ އެ ދިގު ދަތުރުގެ ވަރުބަލިކަން ފިލުވާލުމަށާއި ހޫނުވާން އަވަހަށް ގެއަށް ވަނެވެ. ނޯކަރު މީހާ ކެއުމަށް ދައުވަތު ދިނަސް އަލީޒާ ފުރަތަމަ ބޭނުންވީ މި ރީތި އާ މާހައުލުގެ އުފާ ހޯދުމަށެވެ. ގެއަށް ވަނުމަށް ވުރެ އަލީޒާ ފޯރި ހުރީ ގަނޑުފެނާއި ކުޅުމަށެވެ. ފިނިކަމުން އަތް އައްސިވެފައި ވާވަރުވިނަމަވެސް ވަގުތުން ލޯންގައި ފުނިޖެހިފައި ހުރި ސްނޯ ގަޑާއި ކުޅެން ފެށިއެވެ. ހާދަ މަޑެވެ. ލުޔެވެ. 

ހަމަ ކުއްލިއަކަށް ގަނޑުފެން ފައިބަން ފެށިއެވެ. އަލީޒާ ހައިރާންވިއެވެ. އަނގަހުޅުވުނެވެ. ލޯ ބޮޑުކޮށްލައިގެން ހުރެ ބަލާލެވުނީ މައްޗަށެވެ. ހީވަނީ އެކި ސައިޒްގެ ކުދި ކުދި އައިސް ޕަރީންތަކެއް ވައިގެ ތެރޭގައި ނަށަމުން އުދުހެމުން ބިމަށް ތިރިކުރަމުން ގެންދާހެނެވެ. އެއްވެސް އަޑެއްނީއްވާ ލުއިކޮށެވެ. ހީވަނީ ފިރުދަވްސް ގެ ކަމެއްހެނެވެ. އެއްގޮތަކަށްވެސް ދުނިޔެމަތީގެ ކަމެއްހެން ހިޔެއްނުވެއެވެ. ވާރޭ ދުންޏާއި ޕަރީތަކަށް ވުރެ މާފުރިހަމައެވެ. ކުޅަދުންވަންތަކަމުން އެއްވަނަ ދެވޭހާވެއެވެ. މާތް ﷲ ގެ ކުޅަދުންވަންތަކަމުގެ ބޮޑުކަމާއެވެ.

"ސްނޯ ވެހެން އެފެށީ. އެލީ ސްވިޒަލެންޑަށް އައުމާއިއެކު މި ލިބުނީ ކިހާ ސަޅި ހަދިޔާއެއް. ސްވީޓްނެސް އަބަދު ސްނޯ އޭ ކިޔާވަރުން........" ދާނިޝް ފަހަތުން އައިސް އަލީޒާގެ މެދުހަށީގައި ހިފާލާފައި އުފުލާލަމުން ވަށައިގެން އެބުރިލަމުން ބުންޏެވެ. އަލީޒާވެސް ގަނޑުވެފައި އިރުކޮޅަކުހުރުމަށްފަހު އުފަލުން ހަޅޭއްލަވައިގަތެވެ. ނަށާލެވުނެވެ. އަތްތިލަ ދިއްކޮއްލީ އެ ފްލަފީ ސްނޯތައް އަތަށް ނެގުމަށެވެ. ގަނޑުފެނުގެ ސަބަބުން މިރަށް ފެންނަނީ ހާދަ ތާޒާކޮށެވެ. ހުރިހާ ހަޑިއަކާއި މިލައެއް ގަޑުފެނުން ދޮވެލައިފިއެވެ. ކޮޓަރީގެ ފާރު ޒީނަތްތެރިކުރުވާނެފަދަ ޕޯސްޓަރއަކަށް މިރަށް ވެއްޖެއެވެ.

ހިމޭންކަމާއި އެކު ބޯކޮށް ވެހެމުން ދިޔަވަރަކަށް ސްނޯ ފުނިވަރު ތައް ލޯން ގައިވެސް ގިނަވާން ފެށިއެވެ. ދާނިޝް ގެ ރީތި އިސްތަށިގަނޑާއި ކޯޓުގައިވެސް ސްނޯ ހަރުލާން ފެށިއެވެ. އެ ދެލިކޮޅެއްފަދަ އިސްތަށިގަނޑުގައި ސްނޯ ހަރުލާފައިވާތަން ފެނުމުން ވެސް އަލީޒާ ދީވާނާވާވަރުވިއެވެ.

"ޑޭން. ވަރަށް އަގުބޮޑު ހަދިޔާއެއް. އެލީ އުފަލުން މަރުވެދާނެ. ސުޕާރބް. ހެވެންލީ. ހާދަ ރީއްޗޭ. ހާދަހާ ސަޅިއޭ...ދުވަހަކު މިހާ ރީތި މަންޒަރެއް އިންސާނަކަށް ދުނިޔެއަކުން ނުފެންނާނެ. އެ މަސްޓް ސީ ފޯރ އެވްރީވަން. މާލެއަށް ވެހޭނެނަމަ ހާދަ ނަލަވީސް. މާލެއަށް ފިނި މޫސުން ނާންނަނީ ހިމާލަޔާ ފަރުބަދަތަކުގެ ސަބަބުން ދޯ. ނޫކްއަކުން އެ ފަރުބަދަ ގޮއްވާލަން ވީ........." އަލީޒާ ސްނޯ ގެ ތެރޭގައި މަޖާކުރަމުން ކުޅެމުން ދިޔައީ ކުޑަކުއްޖެއްހެންނެވެ. 

"ގުދުރަތީ ކަންތައްތަކާއި ކުޅޭކަށް ނުވާނެއޭ ބޭބީ. އެލީ ބޭނުމިއްޔާ މުޅި އުމުރަށް މިތަނުގައިއުޅެވިދާނެ. މިއީ މިހާރު އެލީގެ ރަށް. އެލީގެ ގެ. އެކަމަކު ރާއްޖޭގެ ގޮނޑުދޮށް އަދި ކަނޑުގެ އަޑި ހަމަ އެއްވަނަ. މިތަންތަން ކަމުދަނީ ޒިޔާރަތްކޮށްލަން.........." ދާނިޝް އަލީޒާ އާއި ދިމާލަށް ސްނޯބޯޅައެއް އެއްލިއެވެ. އަލީޒާ މަޖާވެގެން ދުވެފައި އައިސް ދާނިޝް ގެ ގައިގާ ހިފައިގަތެވެ. އޭރު ފިނީގެ އުދަގޫ ބޮޑުވެގެން އަތްތިލައިގެ އިހުސާސްތައްވަނީ ކެޑިފައެވެ. ދާނިޝް ގެ ހަށިގަނޑުގެ ހޫނުކަން ލިބުމުން އަލީޒާއަށް ވަރަށް އަރާމުވިއެވެ. އެ އަތުގެ ތެރޭގައި ހުންނަން ބޭނުންވިއެވެ. ދާނިޝްއަށްވެސް އަލީޒާ ފިނިވެފައިވާވަރު އެގުނެވެ. 

"މަރުވީ ދުވަހަކުން ބޭނުމީ ސްނޯ ތެރޭ ވަޅުލެވެން....." އަލީޒާ ދާނިޝް ގެ ރީތި މޫނަށް ބަލާލަމުން ހިނތުންވެލިއެވެ.އެ ދެލިކޮޅެއްފަދަ ލޮލުގައި ހުރީ ކުޑަކުއްޖެއްގެ ލޮލުގައި ހުންނަފަދަ ވިދުވަރެކެވެ. މައުސޫމްކަމެވެ. ހާދަ ލޯތްބެވެ. ދާނިޝްގެ ހިތުގައިވާ ލޯބި އިތުރުވިއެވެ.

"ދެމީހުން މަރުވީ ދުވަހަކުން އެންޓާޓިކާގައި ވަޅުލަން ބުނާނީ ދޯ. ފަހު ޒަމާނެއްގައި އެކަކު އަނެކަކުގެ އަތުތެރޭގައި ނިދާލާފައި ތިބި ކަޕްލްއެއް ފެނުނީމަ ވަރަށް ފޯރިއާއި އެކު ދިރާސާތައްކުރާނެ. ވަރަށް ލަވިން ކަޕްލްއަކަށް ވާނީ. ނޮޓް އެ ބޭޑް އައިޑިއާ......" ދާނިޝް އަލީޒާ ގެރަތްވެފައިވާ ނޭފަތުގައި ހިފާލިއެވެ. ފިނީގެ ސަބަބުން ރަކިވުމަކާއި ނުލައި އޭނަ ގެ ކޯތާފަތް ވަނީ ރަތްވެފައެވެ. 

"ހަނީބަންޗް ދުވަހަކު ނުބުނަމެއްނު........ސްނޯ ފައިބާއިރު މިހާ ރީއްޗެކޭ........." އަލީޒާއަދިވެސް ހުރީ ވެހެމުންދާ ފްލަފީ ހުދު ކަފަކޮޅުތަކަށް ބަލަހައްޓައިގެން ގެއްލިފައެވެ. ދީވާނާވާހާ ރީއްޗެވެ. އެވަގުތު އަލީޒާ އޭނަގެ އާއިލާ އާއި އެކުވެރިންނާއި މި އުފާ ހިއްސާ ކުރަން ހިތްއެދުނެވެ. ހުރިހާ އެންމެން މިތަނަށް ގެންނަން ބޭނުންވިއެވެ. ޚާއްސަކޮށް އީނާއެވެ. ރާހިލް އާއި އީނާ ގެ ހަނީމޫނަށްވެސް ބޭނުންތަނަކަށް ދެވޭނެތާއެވެ. ރާހިލްއަކީވެސް މުއްސަންޖެއްގަ ދަރިއެކެވެ. މުއްސަދިވުމުންވެސް މިފަދަ ނިއުމަތްތައް ލިބެއެވެ. އިންސާނާ ހެއްދެވި ފަރާތް ހަދާން ނައްތާލާ ދުނިޔެއަށް ދީވާނާ ވަނީ މިކުލަތައް ރީތިވީމައެވެ. އެކަމަކު މިއީ ވަގުތީ އުފާތަކެއްކަން ނޭގެނީހެއްޔެވެ؟ ކޮންމެވެސް ދުވަހަކު މިހުރިހާ އުފާތައް ދޫކޮށްލާފައި ދާންޖެހޭނެއެވެ. ގިނަފަހަރު މުއްސަދިންނަށް ދެވޭނީ ހުސްއަތާއެވެ. މި ނިއުމަތުގެ ސަބަބުން މަގު އޮޅިގެންދަނީ ގިނަފަހަރު މުއްސަދިންކަމަށްވާތީއެވެ. އުފަލަކަށް ފަހު އުފަލެއް މަތިމައްޗަށް ލިބުނަސް އަޅުކަން ދޫނުކުރަން އެވަގުތު އަލީޒާ އަޒުމްކަޑައެޅިއެވެ.


"އެލީ އަށް އާކަމެއްފެނުނީމަ ތިހާވަރުވަނީ. މާ ގިނައިން މި ފިނީގައި އުޅުނީމަ އެހާމަޖަލެއްނުވާނެ. ހޫމް ދެން ކުރިން ވިންޓަރގައި ކުޅިވަރު ކުޅެލަން ފޯރި ހުރޭ. އަދި ސްކޫލްގައި އުޅުނުއިރު ބްލިޒަޑް އައިސްގެން ސްކޫލް ބަންދުކުރީމަ ދެން އެވަރު އުފަލެއްވެސް ނުލިބޭ. އޭރު އަހަރެމެނަށް އެންމެ ރީތި މޫސުމަކަށް އަންނަނީ ސަމާ. ސްކޫލް ޗުއްޓީ ލިބޭތީ......." ދާނިޝް މާޒީ ހަދާންކޮށްލިއެވެ.

ދާނިޝް އަލީޒާ ގޮވައިގެން ގެއަށް ވަނީ އަލީޒާއަށް މާބޮޑަށް ފިނިވެ ތުރުތުރުއަޅަން ފެށުމުންނެވެ. ދާނިޝް އަލީޒާގެ ކޯޓް ބާލަދީފައި އޭގައި ހަރުލާފައި ހުރި ސްނޯފޮޅާލަދިނެވެ. ގެ ހޫނުކޮށްފައި ހުރުމުން ވަރަށް އަރާމެވެ. ހޫނު ކާ އެއްޗިއްސެވެ. އަރާމު ބާލީސްޖެހި ސޯފާތަކެވެ. އަލީޒާ އެކަމަކު ފޯރި ހުރީ ބޭރު ބަލާލުމަށެވެ. އިރުއިރުކޮޅާ ކުޑަދޮރު ކާރިއަށް ދެއެވެ. ގަނޑުފެން ފައިބާތޯ ބެލެއެވެ. ސްނޯވ ވެސް ފައިބަނީ ވާރޭ ވެހޭފަދައިން ބައެއް ގަޑީގައިކަން އަލީޒާއަށް މިހާރު އެގިއްޖެއެވެ

ނިދާކޮޓަރިން ފެންނަ މަންޒަރުވެސް ދީވާނާވާހާ ހިތްގައިމެވެ. ގަނޑުފެން ފަރުބަދަތަކުގެ ސިލްސިލާއެކެވެ. 


ކައިގެން އިރުކޮޅަކު އަރާމުކޮށްލުމަށްފަހު އެންމެން ސްނޯ ބޯޅަކުޅުނެވެ. ސްނޯ އެންޖެލް އެއް ހެދިއެވެ. އެއަށްފަހު އެގޭގޭ ބިއްދޮށުގައިވާ ކުޑަ ގެއަކަށް ދިޔައީ ދާނިޝް އާއި ޝާހާން ގެ ޓަފީ ދެކިލުމަށެވެ. އޭރު އެ ޓަފީ އަކީ ކޯޗެއްކަމެއް އެލީޒާއަކަށް ނޭގެއެވެ. އަލީޒާއަށް ރޭކާލީ އެތަނުގެ ދޮރުހުޅުވާލުމުން ބޮޑު ޗީތާއަކާއި ކުޑަކުޑަ ދެ ބޭބީ ނުކުތުމުންނެވެ .އަލީޒާ ބިރުން ހަޅޭއްލަވައިގަތް ގޮތަށް ބިންމަތީގައި ފައިވެސް ހަރުނުލިއެވެ. ވަގުތުން ދާނިޝްގެ ގައިގާ ހިފައިގަތެވެ. 
. "އަވަހަށް ހިގާ.....ޕްލީޒް...ޕްލީޒް.....ބިރުގަނޭ..........." އަލީޒާ ރޯންފެށިއެވެ
"ފިޑި ކުއްޖާ. ބިރުނުގަނެބަލަ.......އެއީ ކުޑައިރުއްސުރެ އަހަރެމެން ގެންގުޅޭ ޕެޓްއެއް...މީތި އެލީ ކާލަފާނެހެން ހީވީތަ؟

"ނޯ ވޮރީސް....އަހަރެމެން ކާލާފައި އެލީއާއި ހަމަޔަށް ދެވޭނީ................" އަލީޒާ ބިރުން ހުރިވަރު ފެނުމުން ޝާހާން އިތުރަށް ބިރުގަންނަވަން އުޅެފައިވެސް ހެމުން ބުންޏެވެ.

ޝާހާން ޓަފީގެ ގައިގާ ބައްދާލުމުން އެސޮރުވެސް ވަރަށް ހިތްހަމަޖެހިފައި އޮތްކަހަލައެވެ. ޝައުނާވެސް ބިރެއްނެތި އެ އެއްޗިއްސާއި ބައްދަބައްދާފައި އުޅުނެވެ. އަލީޒާ ވެސް ފަހުން ހަމަޔަކަށް އެޅުނެވެ. އެ ޗީތާތައް ލޯބިކަމުން މަޖާވިއެވެ. އެކީފޮޓޯވެސް ނެގިއެވެ. ކިތަންމެ ބިރުގަތަސް ދާނިޝްމެން އޮޅުކޮށްފައިވާތީ ކޮންމެވެސް ވަރަކަށް އިތުބާރު ކުރެވުނީއެވެ. ދާނިޝް ތަކުރާރުކޮށް ކޮންމެ ކަމެއްގައި އެބުނަނީ އޭނައަށް އިތުބާރުކުރުމަށެވެ. އެއީވެސް ދޮގެއްނޫނެވެ. މިފަދަ ކިތަންމެ އާކަންތަކާއި ކުރިމަތި ލެވިއްޖެއެވެ. އެންމެ ފަހަރަކުވެސް އަލީޒާއަށް އަނިޔާއެއް ގެއްލުމެއް ނުވެއެވެ. އޭނަގެ ލޯބިވާ ފިރިމީހާ ފަދައިން ހިތްވަރުގަދަ ބިރުކުޑަ ކުއްޖަކަށް އޭނަވެސް ވާން ޖެހޭނެ ނޫންހެއްޔެވެ؟

ސްވިޒަލެންޑްގައި ހޭދަކުރެވުނު އެއްމަސްދުވަސް ވޭތުވެގެން ދިޔައީ ވަރަށް އުފާވެރިކޮށެވެ. ދާނިޝްގެ މަންމަ މާލިޔާ އެކުދިންނަށް ދިން ހަދިޔާ އަކީ ޕްރެޒިޑެންޓް ވިލްސަން ހޮޓެލް ގައި ތިންދުވަހަށް ހުރުމުވެ. ޖެނީވާގެ އެ އަގުބޮޑު ހޮޓެލް ފެނުމުންވެސް އަލީޒާ ހުއްޓުންއެރިއެވެ. އަދި ވާބިއާ ރިސޯޓްފަދަ ރީތިތަންތަނަށް ޒިޔާރަތްކޮށް ރޭލުއަދި ކޭބަލް ކާރުގައި ދަތުރުކުރެވުނެވެ. ފަރުބަދަތަކާއި ރީތި ވާދީތައް ފެނުނެވެ. ގަނޑުފެނުގެ ކިތަންމެ ކުޅިވަރެއް އަލީޒާވެސް ދަސްކުރިއެވެ. ސްނޯ މޮބައިލް ދުއްވިއެވެ. ސްކޭޓް ކުރުން އަދި ސްކީ ކުރަންވެސް އެގުނެވެ. ބައެއްފަހަރު ބިރުވެރި ކަންތަކާވެސް ކުރިމަތިވިއެވެ. އެންމެ ބިރުގަންނަނީ ދާނިޝް ގެންގުޅޭ ކުޑަ މަތިންދާ ބޯޓްގައި ދެމީހުން އެކަނި ދަތުރުކުރާއިރުއެވެ. ފަހުން އެކަމަށްވެސް ފަރިތަވިއެވެ. ކުރީކޮޅު ކޭބަލް ކާރަކަށް އަރަންވިޔަސް ބިރުން މޭގަޑު އަގަޔަށް އަންނަވަރުވެއެވެ. 


ފިނިފިނި ރޭތައް ހޭދަވެގެން ދިޔައީ އެހާ ރޮމެންޓިކް ކޮށެވެ. މިފަދަ ތަނެއްގައި ލޯބިވެރިޔަކާއި އެކީގައި ހޭދަކުރުމަކީވެސް ހިތްގައިމު ތަޖުރިބާއެކެވެ. އަބަދުހެން މި ފިނި މާހައުލުގެ ފިނިކަމުގައި އުޅުނަސް ލޯބިވެރިޔާ ގެ އަތުތެރޭގައި ވުމުން އެލިބޭ ލޯބީގެ ހޫނުކަމާއި ހިތްހަމަޖެހުން ހުރިހާ އުފާތަކަށް ވުރެ އަލީޒާއަށް ބޮޑުވެއެވެ. ސްވިސްގެ ހިތްގައިމު މަގުތަކުގައި އެއްވެސް ފިކުރެއްނެތި އަތުގުޅުވާލައިގެން ހިގާލަން ދެވެއެވެ. ބައްދާލާ ހަދާލިޔަސް ވިހަ ލޯތަކުގެ އުދަގޫތަކެއް ނުފޯރައެވެ. ފާޑު ކިޔާ އުދަގޫ ކުރާނެ އެއްވެސް މީހެއްނެތް އުފާވެރި ދުނިޔެއެކެވެ.

އަލީޒާ މާލެ އައީ އަންނަހިތަކުން ނޫނެވެ. އެހާވެސް އޭނަގެ ހިތުގައި ސްނޯވް އަށްދެވިފައިވާ ޝަވްގު ބޮޑެވެ. އެފަދަ ފުރިހަމަ ގުދުރަތީ ރީތިކަމެއް ފެނިފައި ނުވާތީއެވެ.

މާލެއައި ގޮތަށް ދާނިޝް ވަޒީފާއަށް ދާން ފެށިއެވެ. ހޮސްޕިޓަލާއި އައިސްގޭޓް ކާރިވީމަ ދާނިޝް ވަޒީފާއަށް ދަނީ އަލީޒާ އެގޭގައި ބަހައްޓާފައެވެ. އެގޭގައި ހުންނަ ދާނިޝް ގެ ކޮޓަރި ރީތިކޮށްލާފައި ދެގޭގައިވެސް އުޅެވޭ ގޮތަށް އޭނަ ވަނީ ހަދާފައެވެ. އަލީޒާ ވަޒީފާއަށް ދިޔުމާއި ދާނިޝް މުޅިން ދެކޮޅެވެ. ތަންކޮޅެއް ފަހުން އޭނަ ގެ އެސިސްޓެންޓަކަށް ގެންދާނެކަމަށް ބުންޏެވެ. އޮންލައިންކޮށް ކިޔެވުމުގެ ފުރުސަތު އޮތުމާއި އެކު އަލީޒާ ގަސްތުކުރީ އޮންލައިން ކޯހެއް ހަދައިގެން ދާނިޝް އާއި އެކަށީގެންވާފަދަ މޮޅު ކުއްޖަކަށް ވުމަށެވެ. ދާނިޝްވެސް އަލީޒާގެ އެ ޚިޔާލާއި ދެކޮޅެއް ނަހަދައެވެ. އަލީޒާ ބޭނުމިއްޔާ ކިޔަވަންވީކަމަށް ބުންޏެވެ. އޭނައާއި އެކަށީގެންވާ ކުއްޖަކަށް ވާށޭ ބުނެވުނުނަމަ ދާނިޝް ހިތްހަމަ ނުޖެހުނީސް ކަން ޔަގީނެވެ. ގައިމު ކާވެނި ކުރާނީވެސް އެކަށީގެންވާތީ ނޫންހެއްޔެވެ؟

ފަރުޒާނާ ހުންނަނީ ދާނިޝްމެން އައިސްގޭޓުގައި ވަގުތު ހޭދަކުރާތީ ބޮލަށް އުދަގޫވެފައެވެ. އެކަމަކު ވިސްނާލުމުން އެގުނީ އޭނަގެ މަސައްކަތަށް ފަސޭހަވާނީ އަލީޒާމެން ގާތުގައި އަތްފޯރާފަށުގައި ތިބީމަކަމެވެ. އީސަބެ ލިޔެދިން ތަވީދުއިން މާބޮޑު އަސަރުތަކެއް ނުކުރާތީ އަދި ބޮޑު އަގު ދީފައި ފަންޑިތަ ހެދުމާއި މެދު ފަރުޒާނާގެ ޚުޔާލުވަނީ ތަފާތުވެފައެވެ. މަޑުޖައްސާލައިގެން މިހުންނަނީ އަދި ވަގުތު ބޭނުންވާތީއެވެ. އީސަބެއަށް ވުރެ މޮޅު މީހަކުވޭތޯއެވެ. އެއްފަހަރުން އަލީޒާމެންގެ ދުވަސް ދުއްވާލަން ބޭނުންވާވަރުންނެވެ.

އަލީޒާ ހުންނަނީ ފަރުޒާނާއަށްނުފެނި ވޭތޯ ދުޢާކޮށްލަކޮށްލައެވެ. ބައެއްފަހަރު ދިމާވާ ގޮތަކުން ފެނިއްޖެއްޔާ އަލީޒާ އާއި ދިމާލަށް ނަފުރަތުން ފުރިގެންވާ ނަޒަރަކުން ބަލާލައެވެ. އޭނަ ފެނުމުން އަލީޒާއަށް ތަފާތު އިހުސާސްތަކެއް ކުރެވެއެވެ. އެހުންނަ ވަރުގަދަ ޝަޚުސިއްޔަތުގެ ސަބަބުންކަމަށް ވެދާނެއެވެ. ނޫނީ ކުރިއަށް ވުރެ ހަރުކަށިކަން ދައްކުވާދޭ ލޮލުގެ ސަބަބުން އަލީޒާގެ ޅަހިތް ތުރުތުރު އަޅާތީކަން ނޭގެއެވެ. ދާނިޝް ގެ" މަމް" އަށް ވާތީ ގާތް ގުޅުމެއް ބާއްވަން ހިތް އެދުނަސް ފަރުޒާނާ ގެ މިޒާޖުގެ ސަބަބުން ދުވަހަކު އެ ފުރުސަތު ލިބޭނަކަމާމެދު ޝައްކެވެ.

އެންމެން ޑިޔުޓީގައި ވާތީ އަލީޒާ ހުރީ އެކަނިވެފައެވެ. ކޮޓަރީގައި ވަގުތު ތަކެއް ހޭދަކޮށްލުމަށްފަހު އޭނަ ފެންޑާއަށް ނުކުތެވެ. ތުނިކޮށް ވާރޭ ވެހެމުން ދިޔައެވެ. ވައި ރޯޅިތަކާއި އެކު ފަތްތައް ހަލުވަމުން ލުއި މިޔުޒިކެއް ކުޅެމުންދާފަދައެވެ. އަލީޒާ ފެންޑާގެ ތަނބަކަށް ލެގިލައިގެން އިރުކޮޅެއްވަންދެން ވާރޭގެ ތިކިތަކަށް ބަލަމުން ވިސްނަމުން ދިޔައެވެ. ހިތާހިތުން ގަނޑުފެނާއި ވާރެޔާއި އަޅުވާކިޔުނެވެ. ސްވިޒަލެންޑްގެ ރީތި މަންޒަރުތަކަށް ހިތް ލެނބުނުވަރުން ވާރެއަށް ދެވުނު ޝައުގު މިވަނީ ކުޑަތަންކޮޅެއް ކުޑަވެފައެވެ.

މިއަދު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ބޮލަށް އަނިޔާވި ކުއްޖެއްގެ އޮޕަރޭޝަންގެ ސަބަބުން ތަންކޮޅެއް ލަސްވެދާނެކަމަށް ދާނިޝް ބުނުމުން އަލީޒާ ދެރަވިއެވެ. މިހާރުވެސް އެ ރީތި މޫނު ނުފެނި ގިނައިރުވާން ފެށުމުން ހަދާންވެގެން ހުރެވެނީއެއް ނޫނެވެ. އެހެންނޫނަސް ފަރުޒާނާ ދަޑިވަޅު ބަލާލާފައި އޭނައަށް ހަމަލާއެއްވެސް ދީފާނެއެވެ. ލޮލުގެ ހަމަލާގެ ތޫނުކަމުންވެސް ހިތަށް އަސަރުކުރުވާވިއްޔާއެވެ. އަވަހަށް ކޮޓަރިއަށް ދާންވީއެވެ. އަލީޒާ ބޮޑުކޮޓަރިއަށް ވަދެފައި ރެކްމަތީގައިން ޓޭޑީ ބެއާ ފެނުމުން ޖީނާ މަތިން ހަދާންވިއެވެ. އެއީ ޖީނާގެ އެއްޗެއްކަން އެގުނެވެ. އަލީޒާ އެ ޓެޑީބެއަރ ގައިގާ ބައްދާލީ ވަރަށް ލޯބިންނެވެ. "ޖީން އައި މިސް ޔޫ ސޯ މަޗް"

"ތީތި ބަހައްޓާ. ޖީނާގެ އެއްވެސް އެއްޗެއްގައި އަތްލައިގެން ނުވާނެ...." ހަރުކަށި އަމުރުވެރި އަޑެކެވެ. އަލީޒާގެ މެޔަށް ފިނިވެގެން ދިޔައެވެ. ސިހުނުވަރުން ޓެޑީ އަތުން ދޫވިއެވެ. ފަރުޒާނާ ހީވީ އުދުހިލާފައި އައިހެނެވެ. އަލީޒާ ގެ ބުރަކަށީގައި އަތް އަޅާކޮށްޕާލާފައި ފަރުޒާނާ ގުދުވެ އެ ޓެޑީ ނަގައިފިއެވެ.

ކޮމެންޓް 0