ދާނިޝް ޑިޔުޓީއިން އައިސް ކާރުން ފޭބިގޮތަށް އެ ބޯ ވާރޭގެ ތެރޭގައި ބަގީޗާއާއި ދިމާލަށް ދިޔައީ އަލީޒާ ހުރިކަމަކަށް ނޫނެވެ. ވާރޭގައި ފެންވެރުމަކީ ކުޑައިރުއްސުރެ ކުރާހިތްވާކަމަކަށް ވާތީއެވެ. ވާރޭގެ އެ ބޯތިކިތަކުގެ ތެރެއިން ފުރޭނިގެން އައިސް އިވޭ ހަމަ އެކަނި އަޑަކީ ސިޓިންރޫމް އިން އަންނަ ޓެއިލަރ ސްވިފްޓް ގެ އެ ރީތި ލަވަ " ލަވް ސްޓޯރީ" އެވެ. މި ވާރެޔާއި އެ ރީތި ލަވައިގެ ސަބަބުން ބަގީޗާ ގެ މާހައުލު އިތުރަށް ރޮމެންޓިކް ކުރުވާފައި ވެއެވެ.
ދާނިޝް މަޑުމަޑުން އެ ލަވަ ކިޔަމުން އައިސް ފިނިފެންމާގަސްތަކުގެ ކައިރިއަށް ނުކުމެވުމާއި އެކު އޭނަގެ ފިޔަވަޅުތައް ހުއްޓުނެވެ.

 

ސޯ އައި ސްނީކް އައުޓް ޓު ދި ގާރޑެން ޓު ސީ ޔޫ

ވީ ކީޕް ކުއައިޓް ކޯޒް ވީ އާރް ޑެޑް އިފް ދެއި ނިއު

ސޯ ކްލޯޒް ޔޯރ އައިސް

އަލީޒާގެ މޫނަށް ރަތްކުލަ ވެރިވެގެން ދިޔައީ އޭނަ ފެނުމުންހެން ހީވެއެވެ. ބްލަޝަރއެއްގެ އެހީއަކާއި ނުލައި އެ ކޯތާފަތް ރަތްވެގެން ހިނގައްޖެއެވެ. އެތެމިފައިވާ އެސްފިޔަތައް ހިއްލާލަމުން ލަދުރަކި ނަޒަރަކުން ބަލާލިގޮތްވެސް ދާނިޝް ފިނިކުރުވިއެވެ. އަދި އަމިއްލަ މޭގައި އަލީޒާއަށް ދެއަތުން ބައްދައިލެވުނީ ފިނިވުމުންކަމެއް ނޫނީ ފޮރުވެންކަމެއް ނޭގުނެވެ. ތެމިފައިވާ ތުނި ހެދުމުން ހަށިގަޑު ރީތިކޮށް ފެންނަންހުރީމަ ރަކިވީކަމަށް ވެދާނެއެވެ. ދާނިޝްގެ ލޭގެ ހިނގުން އަވަސްވެގެން ދިޔައެވެ.

އޭނާ ހިތް އެދުނީ ވަގުތުން އަލީޒާ ގެނެސް މޭގައި ޖައްސާލުމަށްފަހު ހިތުގައި ރޯވެފައިވާ އަލިފާންގަޑު ފިނިކޮށްލުމަށެވެ. އެނޫންގޮތަކަށް މި ތޫފާން މައިތިރިއެއް ނުކުރެވޭނެއެވެ.

"އަނހަ އެލީ އެކަނި ހުރެ ފެންވަރަނީތަ؟ އަހަންނަށް ބައިވެރިވެވިދާނެތަ؟ " ދާނިޝް ގެ އަޑުގެ ޖާދޫއިންވެސް އަލީޒާ ގަނޑުކުރުވިއެވެ. ދާނިޝް އެހާ ރީތިކޮށް ލަވަ ކިޔަން ދަސްކުރީ ކިހިނެއްހެއްޔެވެ؟ ދާނިޝް ލަސް ފިޔަވަޅުތަކެއްގައި އައިސް އަލީޒާއާއި ދެތިން ފޫޓްދުރުމިނުގައި ހުއްޓުނެވެ. އަލީޒާ ލަދުން ވިރުނެވެ. އެކަމަކު އޭނަ ހިތްވަރުކޮށްލާފައި ދާނިޝްއާއި ސަމަސާކޮށްލަން ބޭނުންވިއެވެ. މިފަދަ ރީތި ފުރުސަތެއް ކޮންމެ ކޮންމެދުވަހަކު ނުލިބޭނެއެވެ. ލަދަކާހުރެ ތަދު ނުފިލާނެތީއެވެ. މި އުޅެވެމުންދާ ކުލަ ރީތި ހުވަފެނުން ހޭލެވުމުގެ ކުރިން އޭނައަށް ވީވަރަކަށް އުފާހޯދަން ޖެހޭނެއެވެ

"ލައްބަ. އެކަނި ހުރީމަ މަޖަލެއް ނުކުރެވޭ. ފޫހި. ފެންވެރުމަށްވުރެ އެހެންކަމެއް ކޮށްލާހިތްވަނީ........" އަލީޒާ ހިނިތުންވެލާފައި ވަރަށް ޚާއްސަ ނަޒަރަކުން ދާނިޝްގެ މޫނަށް ބަލާލައިފިއެވެ. އެ ޖުމްލައިން ކިތަންމެ މާނައެއްވެސް ނެގިދާނެއެވެ.


"ތިވީ މާރަގަޅަށް. ބޭނުންކަމެއް ކުރަންވީ. އައިމް އޯލް ޔޯރސް...." ދާނިޝް ލާނެތް ހިނިތުންވުމަކާއިއެކު އެއް ފިޔަވަޅު ކުރިއަށް ޖެހިލިއެވެ. އޭރު އޭނަގެ ކަޅުނޫކުލައިގެ އިސްތަށިގަނޑުންނާއި މޫނުން ފެންތިކިތަޅަމުން ދިޔައެވެ. ފިރިހެންވަންތަ ކަމުގެ ދެވަނައެއް ނެތް މިސާލެކެވެ.

"ހެހެ. އެހާބޮޑުކަމެއް ނޫން. ޑާންސްކޮށްލާ ވާހަކައޭ މިބުނީ....." އަލީޒާ ރަކިވެފައި ހުރެ ފަރިގޮތަކަށް ދާނިޝްއާއި ދިމާލަށް އަތްދިއްކޮށްލިއެވެ.

ވާރޭ ތަންކޮޅެއް ތުނިކޮށްލާފައިވާތީ " ފިއަރލެސް" އެ ލަވަ ވަރަށް ރީތިކޮށް އިވެމުން ދިޔައެވެ.

"އޯ........" ދާނިޝް އެއް ބުމަ އަރުވާލިގޮތުން އޭނަ ބޭނުންވީ ކޮންމެވެސް އެހެންކަމެއްހެން ހީވިއެވެ. އެކަމަކުވެސް އެ ދައުވަތު ގަބޫލުކުރަމުން އަލީޒާ ދިއްކޮށްލި އަތުގައި ހިފިއެވެ. މިއުޒިކްގެ ބީޓާއި އެއްވަރަށް ނަށަމުން ދިޔައިރު ދެހިތުގެ ވިންދުވަނީ އަވަސްކުރުވާފައެވެ. އަލީޒާ ބޭނުންވީ މުޅި އުމުރު އެއަތުގެ ތެރޭގައި ހުރުމަށެވެ. ލަވަ ނުނިމުމަށެވެ. ނަމަވެސް ލަވައާއިއެކު ތުނިކޮށް ވެހެމުން ދިޔަ ވާރޭވެސް ހުއްޓާލައިފިއެވެ. ދާނިޝް އަލީޒާގެ އަތުގައި ހިފާ ވަށައިގެން އަނބުރާލުމުން އޭނަ ބިމުގައި ނުޖެހި އެނބުރެމުން ދިޔައެވެ. އެއަށްފަހު މެދުހަށީގައި ހިފާ މައްޗަށް ނަގާފައިވެސް ހިފިއެވެ. މޮޅު ސްޓަންޓެކެވެ. ހާދަ ބާރުގަދައެވެ. އަލީޒާ ބިރުން ހަޅޭއްލެވިއެވެ. ބޮލަށް އެނބުރުން އަރައިގެންދިޔައެވެ. ދާނިޝް ހޭންފެށިއެވެ. ބިރުނުގަތުމަށް އެދުނެވެ. ދާނިޝްގެ ކުޅަދާނަކަމުން އަލީޒާ ހައިރާންވިއެވެ. އެއަތުގެ ތެރޭގައި އޭނަ ގެންގުޅެލީ ބުދެއްފަދައިން ލުއިކޮށެވެ. ދާނިޝްއަމިއްލަ ނަފުސަށް އެއޮންނަ އިތުބާރު އޭނަވެސް ދާނިޝްއަށް ކުރަން ޖެހޭނެއެވެ.


ވާރޭހުއްޓާލާފައި އޮތަސް ބާރު ވައިރޯޅިތަކުގެ ހަމަލާތައް ގަސްތަކުގެ ގޮފިތަކާއި ހަމަލާދެމުން ދިޔައެވެ. މާހައުލުގެ ފިނިކަން އިތުރުވަމުން ދިޔައެވެ. ދާނިޝް އޭނާގެ އިސްތަށިގަނޑުގައިވާ ފެން ފޮޅާލުމުން އަލީޒާގެ މޫނަށް ފެންތިކިތައް ބުރުވާލިއެވެ.

"ދެން ކޮންކަމެއް ކުރަންވީ ؟ " ދާނިޝް އާއި އަލީޒާ ހިނގަމުން ދިޔައީ ހިނގަން ހަދާފައި އޮންނަ ހަނި މަގުންލާފައެވެ. ލެވެންޑަރ ގަސްތައްވެސް އެގަދަވަޔާއި ބޯވާރޭގެ ސަބަބުން ކެތްނުކުރެވިގެން ލެނބިފައިތިއްބެވެ. އެކަމަކު ހުރިހާ ގަސްތައް ފެންނަނީ ތަޒާކޮށެވެ.

. "ހާދަ ފިނިއެބަވެއޭ........." އަލީޒާ ކުޑަކޮށް ހީލަމުން ފިނިވެފައިވާ ދެއަތް އުނގުޅާލިއެވެ

. "އާސްކިން ފޯރ އެ ހަގް ؟ " ދާނިޝް އެއްބުމައަރުވާލަމުން އެ ހިތްކަތިލާލާފަދަ އަޑިކޮޅު ވައަތުކޯތާފަތަށް އެޅުވިއެވެ

"ނޭގޭ. އެކަމަކު ފިނިވީމާ ހަމަ ހަދާންވަނީ ފްލަފީ ކޯޒީ އެނދު. ބާލީހަކާއި ބައްދާލައިގެން ރަޖާގަނޑެއްގެ ދަށަށް ވަދެ ބޮކިތައް ނިވާލައިގެން ނިދާލާހިތްވޭ ހެހެ. ކުޑައިރުއްސުރެ ވާރޭ ވެހުނީމަ އެގޮތަށް ކަންނެތްވޭ..." އަލީޒާ ރޫރޫއަޅަން ފެށިއެވެ. ފިނިފިނި ވައިރޯޅިތައް އޭނަގެ ތުނި ހަށިގަނޑުގައި ބޮސްދެމުން ދިޔައެވެ.

"ކުޑައިރު ބާލީހުގައި ބައްދާލިޔަސް މިހާރަކު އެހެން ހިތްހަމައެއްނުޖެހޭނެ ދޯ. އެލީ ވަރަށް މޮޅު އިގޭ. ނުސީދަލަށް ތިބުނީ ހިނގާށޭ ކޮޓަރިއަށް . ގުޑް އައިޑިއާއެއް..." އޭރު ދެޒުވާނުން ޕޯޓިކޯގައި ޕާކްކޮށްފައިވާ ކާރާއި އަރާހަމަވަނީއެވެ.

އެވަގުތު އަނެއްކާވެސް ވާރޭ ވެހިގެންފިއެވެ. މަޑުމަޑު ރާގަކަށެވެ. ދާނިޝް އަލީޒާގެ ކޮނޑުގައި ހިފާލަމުން އޭނައާއި ދިމާލަށް އަނބުރާލައިފިއެވެ. ތެމިފައިވާ އެރަތް ތުންފަތްމަތީގައި ވާރޭ ތިކިތައް ވިދަމުން ދިޔައީ ޝަބްނަމް ފަދައިންނެވެ. ދާނިޝް އަލީޒާގެ ތުންފަތުގައިވާ ވާރޭތިކިތަކުގެ ރަހަބަލާލިއެވެ. ދާނިޝްގެ ތުންފަތުގެ އެބީހިލުމުން އަލީޒާގެ މުޅިހަށިގަނޑުގައި ލޯބީގެ ރާޅު ބާންޏެއް ދަތުރުކުރިއެވެ. އޭނަގެ ލާނެތް ސަމަސާތަކުން އަލީޒާއަށް ގޯނާކުރަމުން ގޮސް އެންމެ ފަހުން ބަނޑުގައި ކޮށްޓާލިއެވެ. އަލީޒާ ދާނިޝްގެ އަތުން ވީއްލިގަނެގެން ހެމުން މުޅި ބަގީޗާގެ ތެރޭގައި ދުވިއެވެ. ދާނިޝް ބޭނުންނަމަ ވަގުތުން އަތުލެވުނީހެވެ. އެކަމަކުވެސް އޭނަ އަލީޒާއަށް ދޫކޮށްލައިގެން އިރުކޮޅަކު ހުރީއެވެ. އެންމެފަހުން އައިނައި ދިމާލެއް ނޭގި ކުއްލިއަކަށް އަލީޒާ ގެ ކުރިބެއްދުމުން އަލީޒާއަށް ހަޅޭއްލަވައިގަނެވުނެވެ. ހައިރާންވެސްވިއެވެ. އެހާ ހަލުވިކަމާއި ކުޅަދާނަކަން އިންސާނުންނަށް ހަމަ ލިބިފައިވަނީހެއްޔެވެ؟
ކޮންމެ ކަމެއްކުރިޔަސް ބަނޑުގައި އަތް ނުލާން އަލީޒާ އެދުނެވެ. އާދޭސްކުރިއެވެ. 

ދާނިޝް އަލީޒާ އުފުލާލައިގެންގޮސް ބޭންދީ ކާރުގެ ބޮނެޓްމަތީގައެވެ. އަލީޒާ ސޮއްސާލައިގެން ތިރިއަށް އައިސް އޭނަގެ އަތުގެ ތެރެއަށް ވަނެވެ. މިވަގުތު އަލީޒާވެސް ބޭނުންވީ އެބާރުގަދަ އަތުގެ ތެރެއަށް ވިރިގެން ދިޔުމަށެވެ. ހިތާއި ހަށިގަނޑުއަދި ފުރާނަވެސް ގުޅި ލާމެހިގެން ދިޔުމަށެވެ. ދާނިޝް ގެ އެ ބައްދާލުމާއި ބޮސްދިނުންތަކުން އަލީޒާގެ ހިއްސުތަކުގައި އަލިފާން ރޯކުރުވިއެވެ. ވާރެއާއި ޓޭލަރ ސްވިފްޓް ގެ ލަވަތައް އަބަދުވެސް މިހަދާންތައް އާކުރުވާނެ ބައިވެރިއަކަށް ވާނެއެވެ. އެކަމަކު ވަކި ހިސާބަކުން ހުއްޓާލަން މަޖުބޫރުކުރުވީ އަލީޒާގެ މަންމަ ސާއިރާ މާބާރަކަށް ކަރުކެހިލި އަޑަށެވެ. އޭނަ އައިކަން އަންގާލީއެވެ. އިންޒާރެއްދިނީއެވެ. ހީވީ ކަރުގައި އެއްޗެއް ތާށިވެ ނުނެއްޓިގެން އުޅެގަތީހެނެވެ.

ދާނިޝް އަލީޒާގެ ގައިން ދޫކޮށްލާފައި ހަނި ނަޒަރަކުން ސާއިރާއަށް ބަލާލިއެވެ. ހިތް ހަމަނުޖެހިގެން އަނގަޔަށް ހަދާލިގޮތްވެސް އަލީޒާއަށް ވަރަށް ރީތިވިއެވެ. އިގިރޭސިން ކޮންމެވެސް އެއްޗެކޭ ކިޔާލުމަށްފަހު އޭނަ ބާރުބާރަށް ހިގާފައި ގޮސް ގެއަށްވަނެވެ. އެ ރީތި އުފާވެރި ވަގުތުކޮޅު މަންމަ އަނިޔާވެރިގޮތަކަށް މެދުކަނޑުވާލައިފިއެވެ. އަލީޒާގެ ހިތުގައި މަންމައާއި މެދު ޝަކުވާ އުފެދުނެވެ. ހެދުނުންފެށިގެން ހަވީރު ދާނިޝް ޑިޔުޓީ ނިމެންދެން އޭނަގެ އެކުވެރިންނާއި އާއިލާ ކޮންމެ ގަޑިއެއްގައި އަޔަސް އޭނަ މަރުހަބާ ކިޔައެވެ. އެކަމަކު އޭނަ އެދިފައި އޮތީ އެއަށްފަހު އެކަކުވެސް ނައުމަށެވެ. މަންމައަށް ވެސް ރަގަޅަށް އެގޭނެއެވެ. ވީއިރު މިގަޑީގައި މަންމަ މިއައީ ކީއްކުރަން ހެއްޔެވެ؟

އަލީޒާގެ މޫނު ހުރީ ރަތްވެފައެވެ. އޭނަ ހެދުން ރީތިކޮށްލަމުން މަންމައާއި ދިމާލަށް ބަލާލިއެވެ.
"މިކުއްޖާ އެ ސޮރާއި ޖެހުނު ފަހުން ލައްކަ ނުބައި ވެއްޖެތާ. ރޯމާ ދުވާލު މަގުމަތީގައިވެސް ފަރަންޖީއިން އުޅޭހެން ވިއްޔާ އުޅެނީ، ކުކުޅުހާފަދައިން އުޅެން ތިއީ ކާފަރުންތަ؟ މިގޭގަ ކޮޓަރި މަދުވީތަ؟ ލަދުންމަރުވާވަރުވެއްޖެ. ތިއަށް ވުރެ މާރީތިވާނެ ހެދުމެއްނުލައި އޮރިޔާމުން ހުއްޓަސް. މޭމަތީގައި އަތްއަޅައިގެން ފޮރުވަނީ މަށަށްތަ؟ ލަދުކުޑަ މަންޖެއެއް. އެކަހަލަ ފަރަންޖީއަކާއި ޖެހުނީމަ އުޅޭނީ ތިވައްތަރަށް ކަން މަށަށް ކުރީއްސުރެ އެނގޭ. އާނ ދެން އެވާހަކައެއް ނޫނޭ. މަ މިއައީ ބައްޕަ ފޮނުވި ހަދިޔާ ކޮތަޅެއްހިފައިގެން........" އަތުގައި ވާ ކޮތަޅެއް އަލީޒާގެ އަތަށް ލައްވަމުން ސާއިރާ ހިތަށް އެރިހާ އެއްޗެއް ކިޔަމުން ދިޔައެވެ.

މަޔަކު ދަރިއަކާއި ދިމާލަށް މިހާ ހުތުރުކޮށް އެއްޗެހި ކިޔައިގެން ވާނެކަމަކަށް އޭނަ ނުދެކެއެވެ. މައިމީހާ ދަރިންދެކެ އެވާ ލޯތްބަށް ވުރެ މަތިވެރި ލޯބި ނުވާނެއޭ ބުނާއިރު މިއީ ކޮންފަދަ މަތިވެރި ލޯތްބެއްހެއްޔެވެ؟ އަލީޒާގެ ލޮލަށް ކަރުނައައެވެ. މަންމަ ދެކެ ފޫހިވާގޮތްވިއެވެ.

"މަންމާ. ތިކަހަލަ އެއްޗެހި ނުކިޔަބަލަ. ހެޔޮނުވާނެ........" އަލީޒާ ކަންބޮޑުވީ ދާނިޝްއަށް އަޑުއިވިދާނެތީއެވެ.
"ދާނިސް މެން ވިލާތުގައި އުޅެ ބޮޑުވީމަ އެއްވެސް ދީން ވެރިކަމެއް އަދަބެއް ސަދަބެއް ނެތީމަ ވާހާ ކަންތައް. އެއުޅެނީ ކޮންފަދަ ލަދުކުޑަ ގޮތަކަށް. މައިންބަފައިން ކުރިމަތީގައިވެސް ގަޔަށް އަރައިގަންނަނީ ވިއްޔަ....... " ސާއިރާ ހުރީ މޫނަށް ވައްތަރެއް ޖައްސާލައިގެންނެވެ.
ދާނިޝްއާއި ދިމާލަށް އެވަރުގެ އެއްޗެއް ބުނެލާ އަޑުއިވުނީމަވެސް އަލީޒާއަށް ހީވީ މީހަކު ގޮށްމުށްކަވާފައި ހިތުގައި ޖެހިހެނެވެ. ލޮލުން ފެންއައެވެ.

"ދަރިފުޅާ . އެކަމަކު މަންމަ ހާދަ ބޮޑަށް މިކޮއިފުޅުމަތިން ހަދާންވޭ. ގެ މުޅިން ފަޅު. ދޭތެރެއަކުން ގެއަށް ވަދެބަލަ. މަންމަ ކަބުލޮމަތިން ހަދާންވިޔަސް ރޮވޭ. މަންމަ ތަނެއްގައި ރިއްސައިގެން މަރުވިޔަސް ހަފާ މޮޑެދެނީއެއްނޫން. އެއީ ނުބައި ދަރިއެއް ދަރިފުޅު ނެތީމަ މަންމަ ވަރަށް ހާލުގައި އުޅެނީ. މަންމަ ޑޮކަޓަރަށް ދައްކަން ލާރިކޮޅެއް ނެތިގެން މިއައީވެސް. އުނަގަޑުގައި ރިއްސާވަރުން ތަނަކަށް ތިރިނުވެވޭ........." ކުއްލިއަކަށް ވައި ޖެހެމުން ދިޔަ ކޮޅު ބަދަލުވެއްޖެއެވެ. ސާއިރާ ގެ މޫނުމަތީގައި ވާ ކޮޅިގަޑުނެގި އަލިވެގެން ހިގައްޖެއެވެ. އަލީޒާ އޭނަ ގެ ރަން ކަބުލޮއަށް ވެގެން ހިގައްޖެއެވެ. ހަމަ ކުއްލިއަކަށް އަލީޒާ ލައިގެން ހިރު ހެދުން ރީތިވެއްޖެއެވެ. ބުރަކަށީގައި ފިރުމަފިރުމާފައި އަލީޒާއަށް ތައުރީފުކުރަން ފެށިއެވެ. ވަރަށް ފަސޭހައިން އަލީޒާހެއްލިދާނެއެވެ. ބޭނުންވާނީ އޯގާތެރި އެންމެ ލަފުޒެކެވެ.


"އެކަމަކު މަންމާ. މިވަގުތު ލާރި ނެގޭކަށް ނެތް. ދާނިޝް ކޮޓަރީގައި ހުއްޓާ ދަބަސް ނަގައިފިއްޔާ އަހާލަފާނެ...." އަލީޒާ ބުނެލިއެވެ. މަންމަ އެކިފަހަރު މަތިން ގެންގޮސް ދާނިޝް ދިން ލާރިން ބާކީ އޮތީ ފަސްހާސް ރުފިޔާއެވެ. ހާދަ ދެރައެވެ. މަންމަ މެން އޭނަގެ ދިރިއުޅުމާއި މެދު އެއްވެސް ވަރަކަށް ނުވިސްނަނީހެއްޔެވެ؟ އޭނައަށް މިގޭގައި ހަމަޖެހޭ ދިރިއުޅުމެއް ހޯދުނީމަ ގައިމު މަންމަމެން ނޭދުނަސް 
އެހީވާނެއެވެ.

ސާއިރާ އެކަމާ ދެކޮޅުނަހަދާ އަލީޒާގެ ފަހަތުން ބަދިގެއަށް ވަނެވެ. އަލީޒާ އެއްގޮތަކަށްވެސް މަންމަ އެހާ ނުބައި މަކަރެއް ހަދާފަނެކަމަށް ނުވިސްނައެވެ. ދާނިޝް ކޮޓަރީގައި އުޅެނިކޮށް އެތަނަށް ވަދެ ވައްކަމެއް ކޮށްފާނެކަމަކަށް އެއްގޮތަކަށްވެސް ހިޔެއްނުކުރެއެވެ. ބަދިގޭގައި އުޅެލާފައި އަލީޒާ ސައި ދިނީމަ ނުވެސް ބޮއި ލަސްވަނީއޭ ކިޔާފައި ނުކުތީއެވެ. އަލީޒާ ގަސްތުކުރީ މިރެއަށް ގަދަޔަށް ކައްކާލުމަށެވެ. މިރޭ ހުރިހާގޮތަކުން ވެސް ތާރީޚީ ރެއަކަށް ހަދަން އޭނަ ބޭނުމެވެ. ފުރިހަމަ ރޭގަޑުގެ ކެއުމަކާއި އެކު މިރޭ ކޮޓަރިވެސް ޒީނަތްތެރިކޮށްލަން ޖެހޭނެއެވެ. އަލީޒާ ވަރަށް އުފަލާއި ހިތްހަމަޖެހުމާއިއެކީ ބަދިގޭގައި ކެއްކުމުގެ މަސައްކަތުގައި އަވަދިނެތި އުޅެމުން ދިޔައެވެ. 

ދާނިޝް ފެންވަރާލައިގެން ފާޚާނާއިން ނުކުމެ ތައްޔާރުވެލަން ހުރިއިރު އަލީޒާއާއި މެދު ވިސްނެމުން ދިޔައެވެ. އަލީޒާއާއި މެދު މުޅިން ހިތްސާފުނުވިޔަސް އޭނަ ބޭނުމީ އުފާވެރި ރީތި ދިރިއުޅުމެއް މި ރީތި ތާރީޚުގައި ފެށުމަށެވެ. އެއްވެސް އިންސާނަކު އެހާ ފުރިހަމައެއް ނުވާނެއެވެ. ކޮންމެގޮތެއްވިޔަސް އަލީޒާއަކީ އޭނަގެ އަންހެނުންނެވެ. އެހެން މީހަކު އެ މަގާމަށް ގެންނާކަށް އޭނަ ދެން ބޭނުމެއްނޫނެވެ. މަންމަ އޭނާގެ އަންހެނުންގެ އަތުގައި އަޅުވަން ދިން އަގޮޓިވެސް މިރޭ އަލީޒާ ގެ އަތުގައި އަޅުވާނީއެވެ.

ދާނިޝް އަލަމާރީގެ ވައްގަނޑު ހުޅުވާލުމާއިއެކު ކަންބޮޑުވިއެވެ. ނޭގޭ ބިރުވެރިކަމުގެ އަސަރުތަކެއް ހިތުގައި ހިގާލައިފިއެވެ. އަނގޮޓި ކޮބާހެއްޔެވެ؟ މިއަދުހެދުނުވެސް އެ އަގޮޓި އޮތެވެ. ދާނިޝް އަލަމާރި އެފުށްމިފުށަށް ޖަހާލައިގެންވެސް އެ އަގުބޮޑު ޑީޕް ސްޓްރޯންގް ޕާޕްލް އެމެތިސްޓް އަދި ޖަވާހިރުން ވިދާ ބަބުޅާ ރީތި އަގޮޓި ނުފެނުނެވެ. ދާނިޝް ހަދާނެގޮތްހުސްވެފައި ހުރި އިރު މީރާންމަތިންވެސް ހަދާނެއްނުވިއެވެ.

"ގޯޑް. ގަބޫލެއްނުކުރެވޭ. އެކަމަކު އެހެން ކާކަށް މިތަނަށް ވަދެވޭނީ...." ދާނިޝް ވިސްނާލިއެވެ. އަލަމާރީގެ ތަޅުދަނޑި އޮންނަތަން ކޮންމެ ކޮންމެ މީހަކަށް ނޭގޭނެއެވެ. އެއާއިއެކު އޭނަގެ އަތުގައި އަބަދު އަޅާ ރިހި އަގޮޓިވެސް މޭޒުމަތީގައި ނެތްކަން އެގުނެވެ. އޭނަ ފެންވަރަން ވަނީ މޭޒުމަތީގައި އަނގޮޓި ބާއްވާފައެވެ. ދެން ބަލާލެވުނީ ވޮލެޓަށެވެ. ހުރިހާ ކާރޑްތަކެއް ބަރާބަރަށް ހުއްޓަސް މިއަދު މާރުކުރި ފައްސަތޭކަ ރުފިޔާ ވެސްމީހަކު ގެންގޮސްފިއެވެ. ބިއްލޫރި މޭޒުމަތީގައި ހުރި ރީތި ބިއްލޫރި ޔުނިކޯންވެސް އަމިއްލައަށް އުދުހިގެން ދިޔައީކަން ނޭގެއެވެ.

ދާނިޝް ފިކުރުބޮޑުވެފައި އިރުކޮޅަކު ހުރުމަށްފަހު ވިސްނުނީ އެއީ މީރާން ގެ ލާނެއް އަމަލެއްކަމެވެ. އެނޫން މީހަކަށް އޭނަގެ އެއްޗިއްސަކާއި މިގޮތަށް ނުކުޅެވޭނެއެވެ. މީރާން އޭނަ ތަޅުވާލަން ކޮށްލިކަމަކަށް ވެދާނެއެވެ. މީރާންމެން މިގޭގައި އުޅޭއިރު ވަގަކަށް މިގެޔާއި ހިޔަނި އެޅެން ކެރޭނެހެއްޔެވެ؟ ދާނިޝް މޭޒުމަތީގައި އަތުގެ އިނގިލިތަކުން ތަޅާލަން ހުރީ މިއުޒިކެއްގެ ބީޓަކަށެވެ. އަލީޒާއާއި މެދު މިހާ ނުބައިކޮށް ވިސްނުނީތީ އަމިއްލަ ނަފުސް ކުށްވެރިކޮށްލުމަށްފަހު މިރެއާއި މެދު ވިސްނަން ފެށިއެވެ. ތަންކޮޅެއް ވައިލްޑް ރޮމެންޓިކް ދިމާލަކަށް ޚިޔާލު ގެންދިޔައެވެ. މިރޭވާން ޖެހޭނީ އޭނައާއި އަލީޒާގެ ހަޔާތުގައި އެންމެ ހަދާންނައްތާލުން ދަތި ރީތި ރެއަށެވެ. ދާނިޝްގެ ތުންފަތްމައްޗަށް ލާނެތް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ.

ރޭގަނޑުގެ ކެއުން ވަރަށް ފުރިހަމައެވެ. މަޑުމައިތިރި މާހައުލެއްގައި ދެ ޒުވާނުން ހިމޭންކަމާއި އެކު ކާން ތިބިއިރު ވާރޭވެހެމުން ދިޔައެވެ. އުއްބައްތީގެ އައްޔެވެ. ދެ ކުދިންވެސް ތިބީ ރެއަށް އެކަށީގެންވާފަދަ ރީތި ހެދުމެއްގައެވެ. ކެއުމަށްފަހު އަތުގުޅުވާލައިގެންގޮސް ކޮޓަރިއަށް ވަނީ އެކީގައެވެ.
ދާނިޝްއާއި އަލީޒާގެ ކާވެނީގެ ރޭފަދައިން އެހާ ފުރިހަމަޔަށް ތައްޔާރުކޮށް އެނދަށް މާތައް އޮއްސާލާފައި ނުވިނަމަވެސް ރަގަޅެވެ. ރަތް އުއްބައްތީގެ ފަޑު އައްޔެވެ. ތާޒާ ފިނިފެންމާތަކެއް ވާސްއެއްގައި ޖަހާފައި ހުއްޓެވެ. ގުދުރަތީ މިއުޒިކެކެވެ. ވާރޭގެ އެހިމޭން ޖާދުވީ އަޑެވެ. ލުއި މީރުވަހެކެވެ. ދެ ޒުވާނުންފެންނަލެއް އެހާ ނަލައެވެ.

ދާނިޝް އަލީޒާއަށް ބަލާލީ އަލީޒާގެ ހިތް ބަންޑުން ވާފަދަ ނަޒަރަކުންނެވެ. އެއާއި އެކު އަތުގެ ނުފުށުން އަލީޒާގެ ކޮލުގައި އަތް ޖައްސާލިއެވެ.
" މައި ބިއުޓިފުލް ވައިފް....." 
ދާނިޝް އެބުނީ ލޯބިވާ ވާހަކައެއްނޫނެވެ. ކުރު ލަފުޒުތަކެކެވެ. އެކަމަކު އެ ބަސްތަކުންވެސް އަލީޒާގެ ހަށިގަނޑަށް ކުރުވީ ފޮނި އިހުސާސްތަކެވެ. އަލީޒާ ލަދުންވިރެންފެށިއެވެ. މިއަށް ވުރެއަލި ފަނޑުކޮށްލަން ހިތް އެދުނެވެ. އެހެންނޫނީ އޭނައަށް ހަމަ ހޭގައި ހުރެވޭނެހެއްޔެވެ؟ މިރީތި ރޭ ޚަރާބުކޮށްލާކަށް ނުވާނެއެވެ.

"މިއަށް ވުރެ އަލި މަޑުވާނެގޮތެއްނެތްތޯ...." އަލީޒާ ރަކިގޮތަކަށް ހީގަންނަމުން ދާނިޝް ގެ މޭގައި މޫނު ޖެއްސިއެވެ.

"ހާދަވަރަކަށް ލަދުން ތިއުޅެނީ. އަހަރެން ބޭނުމީ ހުރިހާ ލައިޓެއް ޖައްސަން. އޭރުން ބްލަޝްވާވަރު ފެންނާނީ. މޫނު ނުފޮރުވަބަލަ. މިރޭ ބޭނުންވަރަކަށް ބަލާލިޔަދީ..........." ދާނިޝް އަލީޒާގެ ދަތްދޮޅީގައި ހިފާ ކުޑަކޮށް އުފުލާލިއެވެ. އަލީޒާގެ ހިތް ކުރިއަށް ވުރެ ބޮޑަށް ފިނިވިއެވެ. 
ދާނިޝް އަލީޒާ އަތްދަނޑިމައްޗަށް އުފުލާލައިގެން މަޑުމަޑުން ގޮސް އެ މަޑު އެނދުގައި ބޭއްވިއެވެ.
ފޯނު ވައިބްރޭޓްވާންފެށީ އެވަގުތުއެވެ. ދާނިޝް ފޯން ނަގާފައި ބަލާލުމަށްފަހު ދަތްކުނޑިވިކާލިއެވެ. ޝިރުޒާދު ހަމަ ރަގަޅެވެ. އެންމެ އުދަގޫ ނުކުރަންވީ ވަގުތުކޮޅު މިޚަރާބުކޮށްލީ ކީކޭހިތަށް އަރައިގެން ހެއްޔެވެ؟ އެކަމަކު ޝިރުޒާދު ގުޅިޔަސް ގުޅާނީ ކޮންމެވެސް މުހިއްމު ބޭނުމެއްގައެވެ. 
"އައިމް ޑޭމް ބިޒީ...ކިހިނެއްވީ؟ " ދާނިޝް ވާހަކަ ދެއްކީ ހިތްހަމަނުޖެހިފައިވާ ގޮތަކަށެވެ. އެކޮޅުން ދެއްކި ވާހަކަތައް އަލީޒާއަށް ނީވުނުނަމަވެސް ދާނިޝްގެ މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔަތަން ފެނުނެވެ.
"ޓޫ މިނިޓްސް އިގޭ.." ދާނިޝް އަލީޒާ ގެ ކޯތާފަތުގައި ހިފާލުމަށްފަހު ކޮޓަރިން ނުކުމެގެން ދިޔައީއެވެ. އަލީޒާ ފަނަރަވަރަކަށް މިނެޓްވަންދެން އިންތިޒާރުކުރުމަށްފަހު ދާނިޝްގެ ޚަބަރެއް ނުވުމުން ކަންބޮޑުވިއެވެ. އެކަމަކުވެސް ކޮޓަރިން ނިކުންނާކަށް ބޭނުމެއްނުވިއެވެ. އަނެއްކާ ދާނިޝްގެ މީހަކަށް ކަމެއްވީ ހެއްޔެވެ؟ ހާދަ ދެރައެވެ. މައްސަލައަކީ ކޮންމެ ފަހަރަކު އެމީހުންގެ ލޯތްބަށް ކޮންމެވެސް މީހަކު ކޮންމެވެސް ސިފައެއްގައި ހުރަސްއަޅާތީއެވެ.

ދާނިޝް ގެއަށްވަދެ ބަންލާފައި ދޮރުޖެހިގޮތަށް ސޯފާއެއްގައި އިށީދެވުނީއެވެ. ޝިރުޒާދުގެ ވާހަކަތަކުން އަލީޒާގެ އަގު އޭނަކާރީގައި މުޅިން ވެއްޓިއްޖެއެވެ. އަލީޒާ މިގެއިން އަގުބޮޑު އެއްޗެހި ގެންގޮސް ނުއަގުގައި ވިއްކަނީއެވެ. ހެއްކަކަށް ޝިރުޒާދު ގެނެސްމިދިނީ އޭނަ މިއަދު ގެއްލިގެން އުޅުނު ދެއަނގޮޓިއެވެ. އަލީޒާގެ މަންމައަތަށް އަލީޒާ ދީގެން އެކުޑަ ވަގުތުކޮޅު ގެންގޮސް ޝިރުޒާދު ގެ ދެބެންގެ ދެދަރި ކުއްޖަކަށް ފަސްހާސްރުފިޔާއަށް ވިއްކާލީއެވެ. ޝިރުޒާދުއަށް އެ އަގޮޓި ފެނުމާއިއެކު އެއީ ދާނިޝްގެ އިގިލީގައި އަބަދު އޮންނަ އަގޮޓިކަން ރަގަޅަށް އެގިގެން އަތުލީއެވެ. ޝިރުޒާދު ބުނިގޮތުން ވިއްޔާ އެގެއިން އަގުބޮޑު މާގަސްތައްވެސް ވިއްކައެވެ. އެއީ ފިރިހެން ކުދިންވެސް ވަރަށް ޖައްސާ ގެއެކެވެ. ސާއިރާ އާއި ޝަކީރާ އަދި ސަބީހާ އަކީ އެއްބަޑުއެއްބަފާ ތިންބެއިންނެވެ. ތިންމީހުންވެސް އުޅުމެއްނުހުރެއެވެ. އަވަށްޓެރިންނަށް ބިރުދެއްކުމާއި އެއްޗެކި ކިޔުމާއި ފަންޑިތަހެދުމުގައިވެސް ވަރަށް ކުރީގައި އުޅޭ އާއިލާއެކެވެ.


ދާނިޝްއަށް މާލަސްވާން ފެށުމުން އަލީޒާ ކޮޓަރިން ނުކުމެގެންއައިއިރު ދާނިޝް އިނީ ސޯފާގައެވެ. އޭނަ އިންގޮތުން ކޮންމެވެސް ބޮޑުކަމެއްވެއްޖެކަން އަލީޒާއަށް އެގުނެވެ. އަލީޒާގެ ހިތް ތުރުތުރުއަޅައިގަތެވެ.

"ކިހިނެއްވީތޯ." އަލީޒާގެ އަޑު ނުކުތީ އުދަގުލުންނެވެ.

"ކަމެއް ނުވޭ. ނިދަން ދޭ...." ހަރުކަށި އަމުރެކެވެ. މިވަގުތު އޭނަ ބޭނުމީ އެކަނިވެރިކަމެވެ. އުދަގޫކުރަން ވެއްޖެއްޔާ އޭނަ ހަމައިން ނައްޓާލަފާނެއެވެ. ކޮންމެފަދަ ގޯހެއްވެސް ހެދިދާނެއެވެ. އަލީޒާގެ މޫނު ދެކޭކަށް ވެސް އޭނަ ބޭނުމެއްނޫނެވެ. ރީތި ސިފަ ފިޔަވާ ހުރީ ކޮންކަމެއް ހެއްޔެވެ؟ މިފަދަ ވިޔާނުދާ އަންހެންކުއްޖެއްގެ ރީތިކަމުގެ ދަލުގައި ޖެހިގެން އަމިއްލަ އިއްޒަތާއި ގަދަރު ވެއްޔަށް ވެގެންދާކަށް އޭނަވެސް ބޭނުމެއްނޫނެވެ. އަމިއްލަ އިއްޒަތަށް ވުރެވެސް ބައްޕައަށް ބެލެއެވެ. 

"އެކަމަކު ވެގެންއުޅޭގޮތެއް އަޅުގަޑަށްވެސް އެގެންވާނެ. ކޮންމެފަހަރަކު އެއްވެސް ސަބަބަކާ ނުލައި......ކުށެއްކުރެވުނިއްޔާ ޓެލް މީ ޕްލީޒް......" އަލީޒާ ގެ ލޮލުގެ އެސްފިޔައިގެ ކަނުގައި އިން ކަރުނަތިކި ތުރުތުރުލާފައި ކޯތާފަތްމައްޗަށް ފޭބިއެވެ. ދާނިޝް ޖަވާބެއް ނުދިނެވެ. ހިމޭން ވަގުތުކޮޅެއް ފާއިތުވެގެން ދިޔައެވެ. ދާނިޝް އިނީ ދަތްކުނޑިވިކާލައިގެނެވެ. ކުށަކީ ކޮބާހޭ އަހަން ހަމަ ލަދެއް ނުގަންނަނީ ހެއްޔެވެ؟ ރީއްޗަށް އެދުނުނަމަ އޭނެ މިއަގޮޓިތަކާއި ލާރިއާއި މިގެވެސް ދީފީހެވެ.

"ހާސް މަރުން މަރުވުމަށް ވުރެ އެއްފަހަރުން މަރާލައިފިއްޔާ ހިތަށް މާފަސޭހަވާނެ. މިހުރިހާ ދުވަހު ކެތްކޮށްލައިގެން ހުރެވިއްޖެ. އަޅުގަނޑުގެ ކުށަކީ ކޮބައިތަ؟ " ދާނިޝް ހިމޭނުން ހުރުމުން ހިތްވަރު ލިބިފައި އަލީޒާ އަހައިލިއެވެ. 
"ޝަޓަޕް . އަހަރެން ބޭނުމެއް ނޫން އިތުރު އެންމެ އެއްޗެއްވެސް އަޑުއަހާކަށް. ހަމަ މިހާރު ކޮޓަރިއަށް ދޭ. އެހެންނޫނީ...." ދާނިޝް ރުޅިވެރިގޮތަކަށް ބުނެލިއެވެ.
" އެހެންނޫނީ........"
އެވަރުންވެސް އަލީޒާ ދޫކުރާކަށް ބޭނުމެއްނުވިއެވެ. ބޭރުފުށުން އަނިޔާކުރިޔަސް އޭނައަށް މާރަގަޅެވެ. ހިތަށް ލިބެމުންދަނީ އެއަށް ވުރެ ވޭނީ އަނިޔާއެކެވެ. ފުރާނަވެސް ރޮއިގެންފާނެހެން ހީވިއެވެ.

ދާނިޝް ސޯފާއިން ތެދުވުނުއިރު އެ ލޮލުގައި ވަނީ ނުރައްކާތެރި ވިދުވަރެކެވެ. ރުޅިގަދަކަމުގެ އިންތިހާއެވެ. ވޭންދެނިވި ބެލުމަކުން އެކަކު އަނެކަކުގެ ގެ ލޮލަށް ބަލަހައްޓައިގެން ވީ ސިކުންތުކޮޅުވެސް ދިގު ގަރުނެއްވީކަމަށް ހީކުރެވުނެވެ. ދާނިޝްގެ ގަދަ ބުމަގޮށްޖަހާލާފައި ލޯ ހަނިކޮށްލަމުން އަލީޒާއާއި ދިމާލަށް އައެވެ. މޭޒުމަތީގައި ހުރި ރަތް ފިނިފެންމާ ބޯތަށީގައި އަތުންޖެހީނުން ބުރުވާލިއެވެ. ގަދަ އަޑުފަށްގަނޑަކާއި އެކު އެ ރީތި އެތި ތަޅައިގެންގޮސް ފިނިފެންމާ ފިޔަތައް އެކި ދިމާލަށް ވިހުރުވިގެން ދިޔައެވެ. ލޭފަދައިން އެކި ދިމާ ވަނީ ރަތްވެފައެވެ. އަލީޒާގެ ހިތަށް ވެސް ވީ ހަމަ އެވަރެވެ. ކުދިކުދިވެގެން ލޭ ފައިބަން ފެށިއެވެ.

އަލީޒާ ބިރުން ފަހަތަށް ޖެހެމުން ގޮސް ފާރަށް ލައްވިއެވެ.
"ޑޯންޓް ހާރޓް މީ........." އަލީޒާ ކުރުގެޅިލައިގެން ހުރިއިރު އޭނަ ރޫރޫއަޅަމުން ދިޔައެވެ.

ދާނިޝް އައި ބާރުމިނުގައި އަލީޒާ ހީކުރީ އޭނަގެ މޫނުމައްޗަށް އެތިފަހަރެއް ވިއްލާލާނެކަމަށެވެ. އެކަމަކު ގޮށްމުށްކަވާފައި އެ އެތިފަހަރު ބޭލީ އަލީޒާ ގެ ބޮލާއި ދާދިކާރިން ފާރަށެވެ. އަލީޒާ ސަލާމަތްވާން ދެއަތް ހުރަސްކޮށްލެވުނުގޮތަށް ލޯ ހުޅުވާލާފައި މޫނުމަތިން އަތް ނެގުނީ ފާރު ގުޑައިގެން ދިޔުމާއިއެކު މުޅިގަޔަށްވެސް އަރައިގެން ދިޔަ ލޮޅުމާއިއެކީގައިއެވެ. އޭރު ދާނިޝް ގެ މޫނުވަނީ ނުރައްކާތެރި ދަރަޖައަކަށް ކައިރީގައެވެ. ފުން މިން އެގުމެއްނުވާ އެ ދެލޮލޮން އާދަޔާ ޚިލާފު ނުރައްކާތެރިކަމާއި ރުޅިވެރިކަން ފެންނަމުން ދިޔައެވެ. އަލީޒާ ހުރީ ބިރުން ނޭވާ ހިފަހައްޓާލައިގެނެވެ.

" މީހާ ބިރުން ގޮސް ރޫރޫ އަޅާއިރުވެސް ކީއްކުރާނީހެއްޔޭ ކިޔައިގެން އަހަންނާއި ޗެލެންޖް ކުރަން ބޭނުންވޭތަ؟ ތަންކޮޅެއް ބާރަށް ހިފާލިޔަސް ތި ބިއްލޫރިކޮޅު ކުދިކުދިވެގެން ހިގައިދާނެ. ވީއިރު ތިކަހަލަ ހޯލިކޮޅެއް ހޯދައިގެން ޗެލެންޖްކޮށްބަލަ. ތިމާގެ ފެންވަރު މީހަކާއި ހަގުރާމަކުރަން ދާންވީނު. އަހަރެންގެ ޝައުގެއްނެތް. ނިދަންދާށޭ ބުނީ އަދި މަގޭ އަންހެނުންނަށް ވީތީ އަމުރުކުރުމުގެ ހައްގު ވެސް ލިބިފައި އޮތީމަ. ބުނާގޮތަށް ނެހެދުނީމަ ދެން މަށަށް ފެންނަ ހިސާބުގައި މިގޭގައި އުޅުމުގެ ބޭނުމެއް ނެތް. ފްރީވާން ބޭނިމިއްޔާ ގެއަށް ދޭ........"އިންޒާރުގެ ނަޒަރެކެވެ. ހަރުކަށި ރާގެކެވެ.

އަލީޒާގެ އަނގައިން ބަސްހުސްވެ ހިތްވަރު އެލެން ފަށައިފިއެވެ. އިތުރަށް ޖަދަލުކުރާނެ ހިތްވަރެއްނުލިބުނެވެ. އެންމެބޮޑަށް ހާސްވީ މި ނާޒުކް ގުޅުން ދާނިޝް ކަނޑާލަފާނެތީއެވެ. އޭނައަށް ބުނެވޭ އެންމެ ލަފުޒަކުންވެސް މުޅި އުމުރަށް ވަކިވެދާނެތީއެވެ. ނަސީބަކުން ދާނިޝް އެހާ ރުޅިގަދަވިއިރުވެސް އެ ނޭދެވޭ ލަފުޒް " ވަރި" އެ ބަސް ހަދާންހުރިހެނެއް ހިޔެއް ނުވެއެވެ. އެއީ އަލީޒާއަށް އަޑުއަހަން ކެތްކުރެވޭނެ ލަފުޒެއްނޫނެވެ.

އަލީޒާ ބިރުން ހުރިވަރާއި އެ ކަރުނުންފުރިފައިވާ ދެލޯ ފެނުމުން ދާނިޝް ގެ ހިތް ހަމްދަރުދީއިން ފުރުނެވެ. ބޭރުފުށުން ކިތަންމެވަރަކަށް ހަރުކަށިކަމާއި ރުޅިވެރިކަން ދެއްކިޔަސް އޭނަގެ ހިތަކީ ލޯބިވާ ފަރާތްތަކަށްޓަކައި ލޯބިންފުރިގެންވާހިތެކެވެ. އަލީޒާއަކީ އެ ލިސްޓް ގެ އެންމެ ކުރީގައި ވާ އެއް ނަމެވެ. އަލީޒާގެ ހިތަށް ދެވޭ ކޮންމެ އަނިޔާއެއް ކޮންމެ ވޭނެއް އޭނަގެ އަމިއްލަ ހިތަށްވެސް ލިބެއެވެ. ދާނިޝް މުށްކެވިފައިވާއަތް މަޑުމަޑުން ހުޅުވާލުމަށްފަހު ކޮޓަރިއާއި ދިމާލަށް ހިނގައިގަތީ ރުޅި ފިނިކޮށްލުމަށެވެ. ސިކުނޑީގެ ކޮންވެސް ކަނަކުން އަލީޒާގެ ކުށެއް ނުވާކަމަށް ކުއްލިއަކަށް އިންޒާރުދޭންފެށިއެވެ. މިއީ އޮޅުވާލުމެކެވެ. ކެއްސެކެވެ. ހަގީގަތް ބަލާލުމެއްނެތި އަލީޒާ ކައިރިން އަހާލުމެއްނެތި އޭނަ ކުށެއްނެތް އަންހެންކުއްޖަކަށް އަނިޔާ ދެނީއެވެ.

އަލީޒާ ހުރީ ހިރިލާންވެސް ނޭގިފައެވެ. މިފަހަރުވެސް ދާނިޝް އެދިޔައީ ބޭރުފުށުން އަނިޔާކުރުމެއްނެތި ހިތުގައި ހިފާ ޗިސްކޮށްލާފައެވެ. ލޭއޮހޮރުވާލާފައެވެ. މެޔަށް ބާރުކުރިވަރުން ނޭވާ އެތެރެހަށީގައި ތާށިވިފަދައެވެ. ނުރޯން ކެތްކުރިވަރަކަށް ތާޒާކަރުނަތައް އެސްފިޔަތައް ފޫދުއްވާލާފައި ކޯތާފަތްމަތިން ފައިބަމުން ދިޔައެވެ. ދުވަހަކުވެސް މި ކަރުނަތައް ނިމުމަކަށް ނާންނާނީހެއްޔެވެ؟މުޅި އުމުރު އޭނަހޭދަކުރަން ޖެހޭނީ ކަށި ތަންމައްޗެއްގައި ހެއްޔެވެ؟ އޭނަ ނިމިގެން ދާނީ ލޯބީގެ ވޭނަށް ޝިފާއެއް ނުލިބިހެއްޔެވެ؟ ނޫނެކެވެ. އޭނަ މިހާ ފިނޑިވެގެން ދިރިއުޅުން ހަލާކުކޮށްލައެއް ނުލާނެއެވެ. ދާނިޝް ގެ ފަރާތުން އޭނަ މިރޭ ޖަވާބު ހޯދާނެއެވެ.

އަލީޒާ ކިތަންމެވަރަކަށް ބަލައިގެން ފިޔަވަޅު އެޅިނަމަވެސް ލޮލަށް ނުފެންނަހާ ހިމުން ބިއްލޫރިކޮޅުތަކަށް އެރެވި ފަޔަށް ތޫނު ކުދި ރިހުމެއް ވައްދަމުންދާކަމަށް ހީކުރެވުނެވެ. ހިތުގައިވެސް ވަނީ އެފަދަ ރިހުމެކެވެ. ތުނޑު ތޫނު ކަށިތަކުން އެކިދިމާލަށް ހަރަމުން ޒަޚަމް ކުރަމުން އެބަދެއެވެ.

އަލީޒާ ކޮޓަރިއަށް ވަންއިރު ދާނިޝް ހުރީ ކުޑަދޮރުހުޅުވާލައިގެން ބޭރަށް ބަލަހައްޓައިގެނެވެ. ވައިރޯޅިތައް އޭނާގެ އިސްތަށިގަނޑު ހާވަމުން ދިޔައެވެ. އޭނާއެބުރިބަލާލިއިރު އަލީޒާއަށް ރުޅީގެ ބަދަލުގައި ފެނުނީ އެހެން އަސަރުތަކެވެ. ވޭނެކެވެ. ފުން އަސަރުތަކެވެ. އަލީޒާ ޖެހިލުމެއްނެތި ބާރަށް ހިގާލާފައި އައިގޮތަށް ދާނިޝްގެ ދެއަތުގައި ހިފެހެއްޓިއެވެ.

ކޮމެންޓް 0