ޑްރެސިންޓޭބަލް މައްޗަށް އެއްލާލާފައި އޮތް ފޯނު ވައިބްރޭޓްވާތާ ކޮންއިރެއްހެއްޔެވެ؟ އެގުޅާމީހަކު ވަރުބަލިނުވަނީ ހެއްޔެވެ؟ ފޫހިވެގެން ހުއްޓާލާކަށްވެސް ނޫޅެއެވެ. އެންމަ ފަހުން ދާނިޝް ކަންނެތްގޮތަކަށް ތެދުވެގެންގޮސް ފޯނު ނިވާލަން އުޅެނިކޮށް މެސެޖް ތަކެއް ހުރިކަން އެގުނެވެ. އަލީޒާ މިދަންވަރުވެސް އޭނައަށް އުދަގޫ ކުރަނީ ހެއްޔެވެ؟
" ވަރަށް މުހިއްމު ވާހަކަ އެއް ބުނެލަން މީޓް ކޮށްލަން ބޭނުން. ޕްލީޒް. ޕްލީޒް. މާދަން އަޅުގަޑަށް 5 މިނިޓް ދެވިދާނެތަ؟" 
އަލީޒާ އޭނަގެ ފަހަތުން ފިލާނީ ބޮނޑިއެއް ބޮއިގެން ހެއްޔެވެ؟ ބަލާލަން އެހާ ރީތިއިރު ހަމަ އެވަރަށް މޮޔަ އަންހެން ކުއްޖެއް ހެއްޔެވެ؟ ހާދަ ނުވިސްނެއެވެ. އޭނަ އާއި ގުޅިގެން އެކުއްޖާގެ ޙަޔާތް ބަރުބާދުކޮށްލަން ބޭނުމީހެއްޔެވެ؟

"އޯކޭ..މާދަން ޑިޔުޓީ އަށް ދާނަން...މީޓް ވެވިދާނެ.. " ދާނިޝް ކުރު ކުރު ރަސްމީ މެސެޖެއް ފޮނުވާލުމަށްފަހު ފޯނު އޮފް ކޮށްލާފައި އެނދުގައި އޮށޯވެލިއެވެ. ވިރެމުންދާ އުއްކޮޅުތަކަށް ބަލަހައްޓައިގެން އެދުގައި އޮވެ ނިދަން ވަރަށް މަސައްކަތް ކުރިއެވެ. އެންމެ ފަހުން ސިގްރެޓް ފޮށްޓަކާއި ލައިޓަރެއް ނަގައިގެން ވިދުވަރެއްހާ ހަލުވިކޮށް އޭނަ ބެލްކަންޏަށް ނުކުތެވެ. ދެވަނަ ބައިގެ އެ އުސް ބެލްކަނިން ފުންމާލުމަކީ އޭނަ ކުޑައިރުއްސުރެ އާދައެކެވެ. ވަލު ދޮރާށި ކާރީގައި ހުރި ސިމެންތި ގޮޑިއެއްގައި އިށީދެ ސިގްރެޓަކަށް ފަހު ސިގްރެޓެއް ހުލިކުރަމުން ދިޔައިރު ވެސް ފިކުރުތަކާ ދުރެއް ނުވެވުނެވެ.
ވަރަށް ރީތި ޝޫޓިންސްޓާރ އެއް ތިރިތިރިން ގޮސް ގެއްލުނެވެ. އޭރު ފިނި ފިނި ވައިރޯޅިތަކާއި އެކީ މާމެލާމެލީގެ މީރުވަސް އޭނަ ގެ ނޭފަތާއި ހަމަޔަށް ފޯރައެވެ. ހަނދު ވެސް އޭގެ އެންމެ ފުރިހަމަ ކަމާއި އެކީ ވިދަ ވިދާ ހުއްޓެވެ. ރީތި ރެއެކެވެ. ހިމޭން މާހައުލެކެވެ. އޭނާގެ ލޯބިވެރިޔާ މިވަގުތު އޭނަގެ ގާތު އިންނާނެނަމައެވެ. އެކުއްޖާ އޮތީ ނިދާލާފަބާވައެވެ. ރީތި ހުވަފެނެއްގައި ކަމަށް ވެސް ވެދާނެއެވެ. ހޭލައްވާލާ އުދަގޫކޮށްލަން ދާންވީބާވައެވެ. އޭނާ އަކީ ޖެހިލުންކުޑަ ބާރުގަދަ ޒުވާނެކެވެ. ލޯބީގައި ފިނޑިމިވަނީ ކީއްވެހެއްޔެވެ؟ ސޮސައިޓީ ގެ ރީތި އާދަކާދައާއި ރަގަޅު އަޚުލާގު ތައް ފުނޑުފުނޑުކޮށް ނުލެވެނީ ކީއްވެހެއްޔެވެ؟ އެއްވެސް މީހަކަށް ނޭގޭނެއެވެ. ބައްޕަމެން ދަރިއަކަށް ހަދައިގެން އުޅޭ އަންހެންކުއްޖަކު ދެކެ ލޯބި ވެވިއްޖެއެވެ. އޭނާގެ ކުށަކީ ކޮބާހެއްޔެވެ؟ އޭނާ އާއި ޖީނާ ގެ ގުޅުމަކީ ބައްޕަ ހިތްހަލާކު ވާނެ ކަމެކެވެ. ބައްޕަމެންނަށްޓަކައި އޭނަ ގެ ލޯބި ގުރުބާން ކުރަންވީ ހެއްޔެވެ؟ އެޑޮޕްޓް ކުރުމާއި ނަސްލު އޮޅުވުމަށް އޭނަ ލަޢުނަތް ދިނެވެ. ކަންތައްވެފައިވާގޮތުން އޭނަ އަށް ޖީނާ އާއި ގުޅުމަކީ ފަސޭހަކަމަކަށް ވެސް ނުވެއެވެ. އޭނަގެ ލޯބިވެރިޔާ އަށް ބައްޕަ ގެ ނަން ދީފައި ވާތީއެވެ. ޖީނާ މައުމޫން ކިޔާތީއެވެ. ހަގީގަތުގައިވެސް ޖީނާއަކީ ބައްޕަގެ ދަރިއަކީ ހެއްޔެވެ؟ ކޮންމެގޮތެއް ވިޔަސް މުޖުތަމައު ގެ މަލާމަތް ބައްޕައަށް ރައްދުވާނެތީ އެންމެ ބޮޑަށް ވިސްނަން ޖެހިފައިވަނީ އޭނައަށެވެ.

ރިސެޕްޝަނުގައި ތިބި ލާނެތް ހަލަނި ކުދިންކޮޅަށް ދާނިޝް ފެނުމުން ދިމާކޮށްނުލާ ނުތިބެވުނެވެ. އަލީޒާ އަށް ވެސް ހީވީ މިއަދު ދާނިޝް މާ ރީތިވިހެނެވެ. ފެނުނު ފެނުނުހެން ރީތިކަން އިތުރުވާކަހަލައެވެ. ހާދަ ފިރިހެންވަންތައެވެ. ގަމީހާއި ޓައީ އެޅުމަކީ ފިރިހެނުންގެ ހައިބަތު އިތުރުކޮށްލާ ކަމެކެވެ.

"ޕާރފެކްޓް...." އިފާ ބާރަށް ބުނެލިއެވެ.
ޗެސްޓްޕެއިން.....ހަމަރަގަޅަށްވެސް ހާރޓްއެޓޭކެއް...ޑޮކްޓަރ..... ސޭވް މީ......" މިޝާ އެއަށްވުރެ އަޑު ގަދަކޮށްލިއެވެ.
ދާނިޝް މިއަދު އެހެން ދުވަސްދުވަހު ހަދާހެން އަޅާނުލާ ނުފެންނަކަމަށް ހަދާލާފައި ދިޔުމުގެ ބަދަލުގައި އެ ނުރައްކާތެރި ކަތި ނަޒަރުން ބަލާލިއެވެ. އެ ފޮނި ބޮޑާ ރީތިކަމުގެ އާ ސިފައެއް ދައްކާލީއެވެ. އެހިތްގައިމު ބަލާލުން ހުރިހާ ކުދިންގެ ހިތުގެ ވިންދު އަވަސް ކުރުވިނަމަވެސް ކާމިޔާބު ވީ އަލީޒާ އަށް ކަން ޔަގީނެވެ. ދާނިޝް ވަރަށް ޖެހިލުންކުޑަ ގޮތަކަށް އަލީޒާ އަށް ގޮވާލިއެވެ.
" ހިނގާ ކޮފީ އެއް ބޯލަން........."
"އެލީ...ހާދަ ލަކީ....." މިޝާ ލަދެއްނެތި ބުނެލިއެވެ.
"އެލީ..އެލީ.. ކޮންކަމެއް....މަގޭ ގާތުވެސް ނުބުނެ..." އީނާ ވެސް ހައިރާން ވިއެވެ. 
ދާނިޝް ގެ އެކެރޭކަމާއި ޖެހިލުންކުޑަކަން އަލީޒާ ވެސް ހައިރާން ކުރުވިއެވެ. އެންމެން ގެ ކުރިމަތީގައި ކޮފީ އަކަށް ދައުވަތު އެ ދިނީ އެވެ. އަލީޒާ ސިކުންތުކޮޅެއްވެސް ބޭކާރު ކޮށްނުލާ ދުވެފައިކަހަލަ ގޮތަކަށް ނުކުތެވެ. ދަމުން ދަމުން ކުޑަކޮށް ފޮނިވެލާފައި އޭނަގެ އެކުވެރިންނަށް ބަލާލިއެވެ. އެންމެން ތިބީ ޝޮކެއްގައެވެ. އަނގަ ހާވައިގެންނެވެ. ގަބޫލުކުރަން ދަތިވެފައެވެ. އަލީޒާ ހިނިއައެވެ.
މިގަޑީގައި ކެންޓީނުގައި އެހާމީހުން ގިނައެއްނޫނެވެ. އާވިއަރައަރާ ހުރި ދެތަށި ކޮފީހިފައިގެންގޮސް ދާނިޝް އާއި އަލީޒާ މޭޒެއްގައި ޖައްސާލިއެވެ.
"ކިހާވަރެއްގެ މުހިއްމު ވާހަކައެއްތަ؟ ފަސްމިނެޓެއްނޫން. ގަޑި އަކަށްވެސް ވާހަކަ ދެއްކިދާނެ...." ދާނިޝް އިނީ ދުރަށް ބަލަހައްޓައިގެނެވެ. އަލީޒާ އަށް ވާހަކަ ދައްކަން ފަސޭހަ ވާނީ އޭރުންވިއްޔާއެވެ.
އަލީޒާ އޭނަގެ ފްރެންޑްން ކޮޓެޖް އާއި ބެހޭ ގޮތުން ކިޔާދިން ވާހަކަ ތަކާއި އޭނަ ބިރުން އުޅުނު ވަރު ބުނެދިނެވެ. ކުޑައިރުއްސުރެން އޭނާ ހަންޑި ދެކެ ބިރުގަންނަކަމަށާ ދުވަހަކު ރޭގަނޑު ގެއިން ބޭރަށް ނުދާކަމަށް ބުންޏެވެ. ބިރުވެރި ފިލްމު ތަކާއި ވާހަކަތަކާއި ވަރަށް ދުރުކަމަށް ވެސް ބުނެދިނެވެ.
"ނޫން. އެރޭ އަލީޒާއަށް ތިފެނުނު ކުޑަކޮށް ހުރި މީހަކީ މަގޭ ވަރަށް ކްލޯޒް ފްރެންޑެއް. ސިފަ އެހެންހުއްޓަސް ވަރަށް ރަގަޅުވާނެ. އެހެންވެ ބިރުގަތީ ދޯ.. ވެދާނެ ކޮޓެޖް އަކީ ހޯންޓެޑް ތަނެއް ކަމަށް. އަހަރެން ފެނުނީމާ ހަންޑިތައްވެސް ބިރުން ފިލީކަމަށް ވާނީ...." ދާނިޝް ލާނެތް ހިނިތުންވުމަކާއި އެކީ ބުންޏެވެ.
"އަޅުގަޑު ހަމަ ހީކުރީ......ރޭނުވެސް ނިދުނު..." އަލީޒާ ބިރުފިލަންފެށިއެވެ.
"އެކަމަކު ހާދަ ފިނޑި ކުއްޖެއް. ތިވަރުން އަހަންނާއި އެކީ އުޅެވޭނެތަ؟ ބުނަންތަ ވާހަކައެއް. ޔޫ ޑޯން ނޯމީ އެޓް އޯލް އަލީޒާ..." ދާނިޝް ބަލާލީ ވަރަށް ފާޑަކަށެވެ. " އަހަރެން ބޭނުމެއް ނުވޭ ތިހާ ރަގަޅު މާތް އަންހެންކުއްޖަކަށް ލަނޑެއް ދޭކަށެއް. މިއީ އިންޒާރެއްކަމަށް ބަލާ. އަހަންނަށް އެގޭ އަލީޒާ އަހަންނަށްޓަކައި ވާވަރު. ރަގަޅުވާނީ އަހަރެންގެ މަތިން ހަނދާން ނައްތާލުން. އެލްސް ޔޫ ވިލް ރިގްރެޓް ވަން ޑޭ...."
ދާނިޝް އޭނަ ކޮފީ އަކަށް މިގެނައީ އޭނަގެ ހިތް އިތުރަށް ޒަޚަމްކޮށްލާ އިންޒާރުތަކެއް ދޭންބާވައެވެ. ހިތި އަނިޔާ ތަކެވެ. ބޭރުފުށުން ދެވޭ އަނިޔާއަށް ވުރެ ތަންފުކެއްވެސް ކުޑައެއްނޫނެވެ. ވަރުގަދަ އިންޒާރެކެވެ. އެކަމަކު އޭނަ ދާނިޝް ގެ މަތިން ހަނދާން ނައްތާލާނީ ކިހިނެއްހެއްޔެވެ؟ ދާނިޝް އާއި ނުލައި އޭނައަށް ދެނެއް ނޫޅެވޭނެއެވެ. އިންސާނަކަށް އަނެއް އިންސާނަކު ދެކެލޯބިވެވޭނެ އެންމެމަތީ ދަރަޖައަށް އޭނަ އަށް ލޯބިވެވިއްޖެއެވެ.
އަލީޒާގެ ލޯ ތެމުނެވެ. ލޮލުގައި ކަރުނަ ތިކިތައް ވިދަން ފެށިއެވެ. ދާނިޝް ގެ ކުރިމަތީގައި މިގޮތަށް ރޯންޖެހިދާނެކަމަށް އޭނަ ހިޔެއްނުކުރެއެވެ. އޭނަ ގެ ތުންފަތް ތުރުތުރުއަޅަން ފެށިއެވެ. އަލީޒާ ގެ އެކަރުނަތައް އޭނައަށް ލިބުނު ޖަވާބަކަށް ވިއެވެ.
ދާނިޝް ގެ ހިތް އެދުނީ މި މޮޔަ އަންހެންކުއްޖާގެ ގައިގާ ހިފާ ތަޅުވައިގަތްގަތީނުން އެއްފަހަރާ މޮޔަކަން ފިލުވާލުމަށެވެ. އޭނާ ދައްކަން ބޭނުން ވާހަކަތައް ކުރިޔަށް ގެންދެވޭނީ ކިހިނެއްހެއްޔެވެ؟ މިހާރުވެސް އެ ރޮނީއެވެ. އެތައްބަޔެއްގެ ސިއްރުވެރި ނަޒަރު އެދިމާލަށް ހުއްޓެމުންދާކަން ދާނިޝް އަށް އެގުނެވެ. ކޮޓެޖް ފަދަ ފަޅުތަނެއްގައި ބައްދަލުވުމުގެ ބޭނުމަކީވެސް މީހުން ގެ ލޯތަކުން ސަލާމަތްވުމެވެ. ބޭނުން ކޮންމެވާހަކައެއް ފަސޭހައިން ދެއްކޭނެތީއެވެ.
"އޯކޭ. އޯކޭ. އެކަމަކު ދެން ގޯސްޓް އެއްޗިއްސާ ކުރިމަތިލެވޭވަރުގެ ބިރުކުޑަ ކުއްޖަކަށްވޭ. އަހަންނާއި އެކީ އުޅެވޭނީ ވަރަށް ސްޓްރޯންގް ވެގެން. މާދަން ރޭވެސް އަހަރެން އުޅޭނަން ކޮޓެޖްގައި. ބައްދަލުކުރަން ބޭނުމިއްޔާ ރޭގަޑު ނުވައެއްޖަހާއިރަށް އާދޭ. ތިރީސް ހަގަޑި އިރު މިދިނީ އަލީޒާ އަށް. ވަރަށް ވިސްނާތީ........." ދާނިޝް ގެ ރާގު ހުރީ އަދިވެސް އިންޒާރު ދޭކަހަލަ ގޮތަކަށެވެ.
އަލީޒާ އިނީ ހަދާނެގޮތްހުސްވެފައެވެ. ދާނިޝް އަކީ ހާދަ ތަފާތު ބިރުކުޑަ ޒުވާނެކެވެ. އޭނަ ކޮޓެޖް އާއި ބެހޭގޮތުން އެނގިފައި ހުރި ވާހަކަތައް ކިޔާ ދިނުމުން ވެސް ޖެހިލުމެއްނުވެއެވެ. ގަބޫލު ނުކުރަނީހެއްޔެވެ؟ އަނެއްކާ ކޮޓެޖްގައި ބައްދަލުކުރަން އެދުނީ އަލީޒާގެ ލޯބި އިމްތިހާނު ކޮށްލަންބާވައެވެ. އޭނާ ފެއިލްއެއްނުވާނެއެވެ. ދާނިޝް އަށްޓަކައި އޭނަ މިހިރީ ކިތަންމެ ބޮޑު ގުރުބާނީ އެއްވެސް ވާން ތައްޔާރަށެވެ.
"ރޭގަޑު އެކަހަލަ ބިރުވެރި ތަނަކަށްދާން ކެރޭނެ؟" ދާނިޝް ފޯނަށް ބަލާލަމުން ބުންޏެވެ. އިރުއިރުކޮޅާ ނުދަންނަ ކޮންމެވެސް ނަމްބަރަކުން ގުޅާނެއެވެ. މެސެޖް އަންނާނެއެވެ. މިއަންހެނުންގެ އުދަގުލުން ސަލާމަތް ނުވާނީހެއްޔެވެ؟ 
އަލީޒާ އާއެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލިއެވެ. ބުނެގެންނުވާނެ ފަދަ އެއްޗެއް ބުނެވިގެން ދާނިޝް ފޫހިވެދާނެތީ އަލީޒާ މިއިނީ އެއްޗެކޭ ކިޔަން ނުކެރިފައެވެ. މިއާދަޔާ ޚިލާފު ނާޒުކް ގުޅުމަށް ބުރޫއަރައިފިއްޔާ އޭނަ ރަގަޅަށްވެސް މޮޔަވެދާނެއެވެ. އަދި މިގުޅުމަށް ދޭންވީ ނަމެއްވެސް އެގެނީކީނޫނެވެ. އެކުވެރިކަންބާވައެވެ. ނޫނީ ލޯބިހެއްޔެވެ؟
"މިރޭވެސް ދެވިދާނެ..." އަލީޒާ ވަރަށް ހިތްވަރުކޮށްލާފައި ބުންޏެވެ. މާދަން ރެޔަށް އިންތިޒާރުކުރެވޭނީ ކިހިނެއްހެއްޔެވެ؟ ވޭތުވެގެންދާ ކޮންމެ ސިކުންތުކޮޅެއް ވެސް އޭނަ އަށް ގަރުނަކަށްވާނެކަން ގައިމެވެ.
"މިރޭ ފްރީ އެއްނުވާނެ..ބީރައްޓެއްސަކަށް ތިހާބޮޑަށް އިތުބާރުކުރާތީ ހަމަ ހައިރާންވޭ...." ދާނިޝް ލުއި ހިނިތުންވުމަކާއިއެކީ އަލީޒާ ގެ މޫނަށް ބަލާލިއެވެ. އަންހެންކުދިންހާދަ މޮޔައެވެ. ހާދަ ނުވިސްނެއެވެ. ފިރިހެނަކު ބުނެލާއިރަށް ފަޅު ގެއަކަށްދާން ޖެހޭހެއްޔެވެ؟
އަލީޒާ ގެ މޫނަށް ފިނިފެންމާ ކުލަވެރިވާން ފެށިއެވެ. ދާނިޝްގެ އެބަލާލުން އޭނަ ގެ ހިތާއި ހިއްސުތަކަށް އެކުރުވަނީ ހާދަ އެހެންކަހަލަ އަސަރުތަކެވެ. މިއީ ލޯބީގެ ބާރުހެއްޔެވެ؟ އޭނާ ކޮފީތަށީގައި ހިފަހައްޓައިގެން ހުރިއިރު އިގިލިތައްވެސް ތުރުތުރުއަޅައެވެ.

. "އަދިވެސް ފްރެންޑަކަށް ވެސް ނުވަނީތޯ؟ " އަލީޒާ ރަކިވުމުން އެކަން ފޮރުވަން ހޭން ފެށިއެވެ
"ވީ އާރ ފްރެންޑްސް އަލީޒާ. ސްޓްރޭންޖަރސް އޭ މިބުނީ މުޅިން އެހެން މާނައެއްގައި. ކިހިނެއް ބުނެދޭނީވެސް...." ދާނިޝް މާނަވީގޮތަކަށް ބުންޏެވެ." އަލީޒާ އަށް އަހަންނާއި ބެހޭގޮތުން ހާދަ ކަމެއްނޭގޭ. އަހަރެން ކޮޓެޖް އަށް ހުއްދަނެތި މިހެންވަނީމަ އަލީޒާ އަކަށް ނޭގުނު އަހަންނާއި ހުރި ގުޅުމެއް ދޯ....."

"އޯވހް........" އަލީޒާ ސުވާލުގެ ބެލުމަކުން ބަލާލަމުން ބުންޏެވެ. 
"އެއީ އަހަރެން ގެ ގެ..." ދާނިޝް ބުމަ އަރުވާލިއެވެ.
އަލީޒާ ލޯބޮޑުކޮށްލިއެވެ. އެދޮންދޮން މޫނުން ދާނިޝް އަށް ފެނުނީ އިންތިހާއަށް ބިރުގެންފައިވަ ކުޑަކުއްޖެއްގެ ސިފަތަކެވެ. އަލީޒާ ގެ މިބިރު ފިލުވާލަން ޖެހޭނެއެވެ.
"އެކަމަކު. އީނާ ބުނީ.ހަންޑިގެއެކޭ........" އަލީޒާ އާގަނެފައި ބުންޏެވެ.
"ހަމަޖެހިބަލަ......ރިލެކްސް....ތިބުނާ ހަންޑިތައްވެސް އަހަރެންދެކެ ބިރުގަންނާނެ....ދުނިޔޭގައިވާ އެއްވެސް މަޚުލޫގެއްދެކެ އަހަރެން ބިރެއްނުގަނޭ...." ދާނިޝް ހީލީ ބޮޑާ ގޮތަކަށެވެ.

" އަލީޒާ. އަސްލު އެގޭގައި އުޅުނީ އަހަރެންގެ ބޮޑުދައިތަގެ އާއިލާ. އެމީހުން ރާއްޖެ ދޫކޮށްފައި ދިޔުމުން އެގެ ހުރީ ފަޅަށް. އަހަރެންގެ ބައްޕަ ވަރަށް ބޮޑު އަގެއް ދީފައި އެގެ ގަތީ. ވަރަށް އިހުގެ ގޮތަށް ހަދާފައި ގަސްތައް ގިނަކަމުން މަންމަ އަށް ވެސް ކަމުދިޔަ. އަހަންނަށް ވެސް ވަރަށް ހިތްގައިމު ތަނަކަށް ވީ. އެހެންވެ ބައްޕަ އަހަންނަށް އެގެ ހަދިޔާކުރެއްވީ. ބޭރުން އެގެ ވީރާނާ ތަނެއްގެ ގޮތުގައި ފެނުނަސް އެތެރެއަށްވަނީމަ އެނިމުނީ. މޮޑަރން ވެފައި އުޅެންފަސޭހަ ވާނެ. އަހަރެން މެރީކޮށްގެން އެގެއަށް ބަދަލުވާން ކަމަށް ވިސްނައިގެން މިހިރީ..." 
ދާނިޝް އިނީ އަލީޒާ ގެ މޫނަށް ވެރިވަމުންދާ ކުލަތައް ދެކެން މަޖާވެފައެވެ. އޭނަ އާއިއެކީވެސް އަންހެންކުއްޖަކު ކޮޓެޖްގައި އުޅޭކަށް ބޭނުމެއް ނުވާނެއެވެ. ހަންޑިއަވަލާފައި ހުރި ގެއެއްކަން އެގޭއިރަށް އަންހެންކުދިން ބިރުން ދުވެފިލާނެއެވެ.
"ހަމަ ރަގަޅަށްތޯ ؟" އަލީޒާ ހިންދިރުވާލިއެވެ.
"އަހަރެން އަންހެންކުއްޖަކާއި ރައްޓެހިވާއިރު އޮތީ އެ ޝަރުތު. އަލީޒާ އަށް ވެސް އޮތީ އެގިފައި އެއީ ހޯންޓެޑް ގެއެއްކަން.. ވީއިރު އެފަދަ ތަނެއްގައިވެސް އަހަންނަށް އިތުބާރު ކޮށްގެން އުޅެވޭނެ ފަދަ އަންހެންކުއްޖަކަށް އަހަރެންގެ ބައިވެރިޔަކަށްވެވޭނީ....." ދާނިޝް ތުންފަތުގައި މަޑުމަޑުން ދަތްއަޅާލިއެވެ. ފުލް ލިޕްސްގެ ރީތި ބައްޓަން އަލީޒާ އަށް ފާހަގަކުރެވުނެވެ.
އަލީޒާ ގެ މޫނުގެ ކުލައޮއްސުނެވެ. ވަރުގަދަ ޝަރުތެކެވެ. އައިސްގޭޓް ފަދަ ރީތި ފަސޭހަ ގެއެއްގައި އުޅެވެން ހުއްޓާ ދާނިޝް ވީރާނާ ހަވޭއްޔަކަށް ދާން ވިސްނަނީ ކީއްވެހެއްޔެވެ؟ އަލީޒާ އަކީ ކިތަންމެ ފިނޑި ހިތްބަލި އަންހެންކުއްޖަކަށް ވިޔަސް އޭނާ ދާނިޝް ގެ ލޯބީގައި ހިތްވަރު ދޫކޮށެއްނުލާނެއެވެ. އޭނަ މިހިރީ ފަޅު ސަހަރާ އެއްގައި ވީރާނާ ޖަންގައްޔެއްގައިވެސް ދާނިޝް އާއި އެކީ އުޅޭށެވެ. ތާރީޚުގައި ލޯބިވެރިން ވަނީ ލޯބި ހާސިލް ކުރަން ފަރުބަދަވެސް ކަޑާފައެވެ.
"މާދަން ރޭވަރަށް ވިސްނާފައި ޖަވާބެއް ދޭތި އިގޭ...." ދާނިޝް ކޮފީ ތަށި ހުސްކޮށްލުމަށްފަހު މަޑުމަޑުން ބުންޏެވެ.
"މިލިޔަން އަހަރަށް ވިސްނިޔަސް ދެވޭނީ ހަމަ އެ ޖަވާބު ޑޮކްޓަރ ދާނިޝް..." އަލީޒާ އަށް އެހެން ބުނަން ކެރުނީތީ އޭނަ ވެސް ހައިރާންވިއެވެ. އޭނަ މޮޔަވީހެއްޔެވެ؟ މިހާ ލަދުކުޑަކޮށްލާފައި ހިތުގައިވާހާ އެއްޗެއް ބުނަންވެއްޖެއްޔާ ސަލާމަތެއްނުވާނެއެވެ. އެކަމަކު މިއީވެސް ލޯބީގެ ބާރެވެ. ލޯބީގެ ސަބަބުން އެކަށީގެންނުވާ ކިތަންމެ ކަމެއް ކުރެވެއެވެ.
""ހެހެ...ނުބުންޏަސް އަހަންނަށް އެގޭ އަލީޒާގެހިތް. ސިކުނޑީގައިވާހާ އެއްޗެއްވެސް. ދެރައީ އަލީޒާ އަށް އަހަރެން ނޭގޭކަން ދޯ..." ސިއްރުވެރި ހިނިތުންވުމަކާއި އެކީ ދާނިޝް ބުންޏެވެ.
"އަޅުގަނޑަކީ މައިންޑްރީޑް ކުރާމީހެއްނޫން. ނިއުރޯސާރޖަނެއްވެސްނޫން. އެހެންނޫންނަމަ ސިކުނޑިއާއިވެސް ކުޅެލެވިދާނެ..." އަލީޒާ އަވަސްއވަހަށް ބުނެލިއެވެ. ދާނިޝް ކުރިމަތީގައި މިވަރަށް ހިތްހުޅުވާލަން ކެރުނީތީވެސް އޭނަ އަޖާއިބުވެ އަންތަރީސްވިއެވެ. މިޒާޖާއި އުޅުންވެސް ވައިރަސް ފަދައިން ގައިން ގަޔަށް އަރަނީހެއްޔެވެ؟ ދާނިޝް ގެ އެހުންނަ ޖެހިލުންކުޑަކަމާއި ޗެލެންޖިން ސިފަތައް އަލީޒާ ގެ ގައިގާ އަށަގަންނަންފެށީ ކަމަށްވެދާނެއެވެ.
ދާނިޝް އެއްޗެކޭ ބުނަން އުޅުނު ވަގުތު ކޮންމެވެސް އަނހެންކުއްޖަކު މާބާރަށްގޮވާލުމުން ދާނިޝް އެނބުރިބަލާލިއެވެ. އަލީޒާ ނުތަނަވަސްވިއެވެ. ބައްދަލުވުން އެންމެ ޚާއްސަ ހިސާބަށް ދިޔަތަނާ މެދުކަނޑާލަން މިދޭތެރެއަށް ފުންމާލީ ކާކުބާވައެވެ. އެއީ ހޮސްޕިޓަލުގެ އެންމެ ފޮނި ކިބުރުވެރި ޑޮކްޓަރ ފަނާ އެވެ. ހީވާގޮތުގައި އޭނަގެ އަމާޒަކީ ވެސް ދާނިޝް ހާސިލުކުރުމެވެ.
ދާނިޝް ގެ އެނުރައްޓެހި ދުރުހިލޭކަމުގެ ސަބަބުން ތަނުގެ މުވައްޒަފުން އޭނަ އާއި ވާހަކަ ދައްކަން ޖެހިލުންވެއެވެ. އެކަމަކު ފަނާ ލަދެއްނެތި ދާނިޝްގެ ފަސްފަހަތުން އޭނަގެ ހިޔަނި ފަދައިން އުޅޭތީ ދާނިޝް ހުންނަނީ ބޮލަށް އުދަގޫ ވެފައެވެ. ދައުވަތު ނުދެނީސް އޭނާ ގޮނޑިއެއް ދަމާލައިގެން އިށީނީ ވެސް ދާނިޝް އާއި ދާދި ކާރީގައެވެ. އޭނާ ވަރަށް ފޯރިއާއިއެކީ އަލަށް ހޮސްޕިޓަލަށް އައި ޑޮކްޓަރ ޝައުނާ އެއްގެ ވާހަކަ ފެށި އިރު އަލީޒާ އެތާ އިންކަން އެގުނުހެން ހިޔެއްނުވެއެވެ. ޝައުނާ އައީ އެމެރިކާ އިން މެޑިސިން ހަދައިގެންކަމަށާއި ޝައުނާގެ ބައްޕަ އަކީ އެމެރިކާގައި ދިރިއުޅޭ ސްޕެނިޝް ދަރިކޮޅު މީހެއްކަމަށް ބުންޏެވެ. އެހެންވުމުގެ ސަބަބުން ޝައުނާ އަށް ލިބިފައިވަނީ ބުޅި ރަން އިސްތަށިގަޑަކާއި އަޅިފެހި ލޮލެއްކަމަށާއި މާލޭގައި އެވަރުގެ ރީތި އަންހެންކުއްޖެއް ނެތްކަމަށް ބުންޏެވެ.
ދާނިޝް އިމްޕްރެސްކޮށްލަން ފަނާ އަށްވީވަރަކުން ވާހަކަދައްކާލިއިރު އަލީޒާ އެތާއިންކަން ނުދެނަހުރިކަހަލައެވެ. އަލީޒާ އިނީ ބާކީވެފައެވެ.
ދާނިޝް ހިތާހިތުން ދަތްކުޑިވިކިއެވެ. އަތް ކުޑަކޮށް މުށްކެވުނެވެ. އެކަމަކުވެސް މީހުންގެ ތެރޭގައި ނަފުސް ކޮންޓްރޯލް ކުރަން އޭނަ ވަރަށް މަސައްކަތްކުރެއެވެ. ފަނާ ހީކުރަނީ ކީކޭކަމަށް ހެއްޔެވެ؟ އޭނަ އަށް ޔޫރަޕްގެ ދޮންކުއްޖަކު ދުވަހަކު ފެނިފައިނުވާކަމަށް ހެއްޔެވެ؟ އޭނަ ވިހާ ބޮޑުވީ ޔޫރަޕްގައެވެ. އޭނަ ވަނީ ދުނިޔޭގެ އެތަންމިތާ ދަތުރުކޮށް ކިތަންމެ އަންހެންކުދިން ދެކެފައެވެ. އޭނަ އަށް ކުލައާއި ރީތިކަން މުހިއްމެއްނޫނެވެ. މިހާރު ފަނާ އަށް ކާމިޔާބު ނުވާނެކަން އެގުނީމާ އޭނަގެ ރައްޓެއްސަކާއި ގުޅުވަން މަސައްކަތް ފެށީއެވެ. "ދިސް ކްރޭޒިނެސް މަސްޓް ބީ ސްޓޮޕްޑް އެންމެ ރަގަޅުވާނީ އަވަހަށް މެރީ ކުރީމަ.." ދާނިޝް ހިތާހިތުން ކިޔާލިއެވެ.
ތިހާ ރިތި ކުއްޖެއްގެ ވާހަކަ ހާދަ ލަހުން ތިބުނީ...." ފަނާ އަގަތަޅުވާ ވަރުން ބޮލަށް އުދަގޫ ވެގެން އެންމަ ފަހުން ދާނިޝް ބުންޏެވެ.
"ތި ބުނުއްވި އެއްޗެއް ނޭގުނު...." ފަނާ ގެ ބޮޑު ބޮޑު ދެލޯ އެންމަފަހަރަކުވެސް ދާނިޝް ގެ މޫނުން ކައްސައެއްނުލައެވެ. ހީވާގޮތުގައި އެރީތި ލޮލުގެ ސަބަބުން އަމިއްލަ ނަފުސަށް ވަރަށް ބޮޑު އިތުބާރެއްލިބިފައިވެއެވެ.
"މިއީ އަހަރެންގެ ގާރލފްރެންޑް އަލީޒާ...ވަރަށް އަވަހަށްމެރީ ކުރަން މިއުޅެނީ..." ދާނިޝް އަށް ފެނުނު އެންމަ ރަގަޅު ހައްލަކި އެއީއެވެ. އޭރުން އަންއެވެއިލަބްލްކަމުގެ ޓެގް އެޅުވިދާނެއެވެ.
އަލީޒާ އަށް ވެސް ދާނިޝްގެ އެޖުމްލައިން ލިބުނީ ޝޮކެކެވެ. އަތުން ކޮފީ ތަށި ދޫނުވީވެސް ހަމަ ކިރިޔާއެވެ. ކޮށި އަރާގޮތްވެގެން ކެއްސަންފެށިއެވެ. ދާނިޝް އަކީ އަރަތެއްފަދަ ޒުވާނެކެވެ. އޭނަ މިކުރީ ޖެއްސުމެއްބާވައެވެ 
ދާނިޝް މިދިން ޚަބަރަކުން ފަނާގެ އަނގަ ސަކަރާތްވިއެވެ. ހީވީ ހިތި ބޭހެއްބޮވިގެން އަނގަ ހަދާލިހެނެވެ. އޭނަ އަށް ލިބުނު ނާއުއްމީދާއި މާޔޫސްކަމުގެ ބޮޑުކަމުން ވަގުތުން މޫނުމަތި ބަނަވިއެވެ. އޭނާ އަލީޒާ އާއި ދިމާލަށް ބަލާލީ ދުވަހަކު ނުފެންނަ ކަހަލަ އޭލިއަން އަކާއި ދިމާލަށް މީހަކު ބަލާލާނެ ފަދަގޮތަކަށް އަނގަ ހޭވިފައި އިދެއެވެ. ރިސެޕްޝަނުގައި އުޅޭކުއްޖަކު ނިއުރޯސާރޖަން އަކާއި ކާވެނި ކުރަނީ ހެއްޔެވެ؟ ނޫނެކެވެ. މިއީ ހަގީގަތެއްނޫނެވެ. ސަމާސާ އެކެވެ.
. "ޔޯރ ގާރލްފްރެނޑް؟ ޔޫ އާރ ކިޑިން މީ ރައިޓް ؟ " ފަނާ ކަންބޮޑުވެފައިވާ ގޮތަކަށް ހީލިއެވެ
ފަނާ މާބޮޑަށް އިގިރޭސިވާން ފެށުމުން ދާނިޝް ފޫހިވިއެވެ. ފަނާ އަށް ޖަވާބެއްދޭކަށް ވެސް އޭނަ ބޭނުމެއްނުވިއެވެ. ކުޑަކޮށް ބުމަ ގޮށްޖަހާލުމަށްފަހު އޭނަ ތެދުވެގެން ދާންހިގައިގަތެވެ.
"އަހަންނަށް މިވަގުތު މަޑުކުރެވޭކަށް ނެތް... މާބޮޑަށް ވެސް ލަސްވެއްޖެ..އެލީ....ސީ ޔޫ ޓްމޯރޯ ނައިޓް....." ދާނިޝް އެހެން ބުނެލުމުން
ފަނާ ފަރުވާކުޑަގޮތަކަށް ކޮނޑުއަރުވާލިއެވެ.

"އަލީޒާ.....ރަގަޅުވާހަކައެއް ބުނަން... ދާނިޝް ގެ ރީތިކަމުގެ ދަލުގައި ޖެހިގެން ހިތް ހަލާކުވުން ނޫންކަމެއް ނުވާނެ... އޭނަ ނީންނާނެ އަލީޒާ އަކާއި. ޑޮކްޓަރޝައުނާ އަކާއި ވާދައެއް ނުކުރެވޭނެ އިގޭ....."
ފަނާ އިންޒާރެއްދީފައި ދިޔުމުން އަލީޒާ އިނީ ގަނޑުވެފައެވެ. ހަދާނެ ގޮތް ހުސްވެފައެވެ. ފުރަތަމަ ފަހަރަށް ދާނިޝް ގެއްލިދާނެކަމުގެ ބިރުހީވިއެވެ. އޭނަ އަށް ޝައުނާ ފަދަ ރީތި މޮޅު ޑޮކްޓަރަކާއި ވާދަކުރެވިދާނެހެއްޔެވެ؟ ކުރާނެކަމެއް ނެތެވެ. އޭނާ ދާނިޝް ދެކެ މިވާ ލޯބި އެހެންމީހުނަށް އިހުސާސެއް ނުކުރެވޭނެއެވެ. އޭނަ ދާނިޝް ކާމިޔާބު ކުރަން ކުރެވުނުހާ މަސައްކަތެއް ކުރާނެއެވެ. މަރުވަންދެން ހިތްވަރު ދުލެއް ނުކުރާނެއެވެ. ކާމިޔާބު ނުވަތަ މަރެވެ.
އަލީޒާ ގެ ބޭގަރާރުވެފައިވާ ހިތް ކެތްތެރިކަމެއްނެތި އިންތިޒާރު ކުރަމުން ދިޔައީ މާދަމާ ރެއަށެވެ. " އެލީ ސީ ޔޫ ޓްމޯރޯ ނައިޓް" އެ ޖުމްލަ ބުނލީ ހާދަ ގާތްގޮތަކަށެވެ. އެ ޖުމްލަ އަލީޒާ ގެ ހިތާއި ކުޅެލިއެވެ. އިރުއިރުކޮޅާ ހަދާނަށް އަންނަނީ ދާނިޝް ގެ ފަހު ޖުމްލައެވެ. އޭނާ އެލީ އޭ ކިޔައިގެން އަލީޒާ އާއި މުހާތަބު އެ ކުރީ ފަނާ ރުޅި އަރުވާލަން ކަމަށް ވިޔަސް ހެޔޮއެވެ. ލޯބިވެރިޔާގެ އެފަދަ އެންމެ އަކުރަކުން ވެސް ހިތަށް ލިބިދެނީ ބަޔާން ނުކުރެވޭފަދަ ފިނިކަމެކެވެ. ފޮނިފޮނި އިހުސާސްތަކެވެ. ތިރީސްހަ ގަޑި އިރަށް އުފަލުގައި ހުރެވޭނެ ފަދަ ބޭހުގެ ޑޯޒެއް ޑޮކްޓަރ ދާނިޝް ދީފިއެވެ. މިހާރު ފަނާ އަކަށް ވެސް އެހެން އިންސާނަކަށް ވެސް އޭނަގެ އުފާވެރިކަން ނިގުޅައެއް ނުގަނެވޭނެއެވެ.
އލީޒާ އިނީ ރިސްޕްޝަނުގައި ޕްރިންސެސްއަކަށްވެގެން އިންތިހާއަށް އުފާވެ ހިނިއައިސްފައެވެ. ހުރިހާ ކުދިން ދާނިޝް އާއި އޭނަ އާއި އަޅުވާ ކިޔަމުން ދިމާކުރުމުގެ ހައްދެއްނެތެވެ. 
ދާނިޝް ޑިޔުޓީއަށް އައުމުން އަލީޒާ އާއި އެހެން ކުދިން ވެސް ހައިރާން ވިއެވެ. އެހެންދުވަހަށްވުރެ އޭނަ މާރީތިކަމަށް ދައްކައެވެ. އިސްތަށިގަނޑު މައްޗަށް ކަހާލާފައި ލޮލަށް ފެހިކުލައިގެ ލެންސެއް ލައްވައިގެންނެވެ. ހާދަ ފުރިހަމައެވެ
އެލޮލުގައި ވާ ކުލަ ސިފަކުރާކަށް ވެސް އަލީޒާ އަކަށް ނޭގުނެވެ. އަލީޒާ އަށް އެލޯ ހާދަ ރީތިވިއެވެ. އަލީޒާ އިނީ އެލޮލުގެ ދީވާނާ އަކަށް ވެގެން ގަނޑުވެ ބަސް ހުއްޓިފައެވެ. އައިސްގޭޓުން ކުޑައިރު އޭނައަށް ފެނުނު ރީތި ދެލޮލާއި އެއްވެސް ތަފާތެއްނުވެއެވެ.
"ގުޑްމޯނިން ގާރލްސް..." ދާނިޝް އެހެންދުވަސްތަކާއި ހާދަ ތަފާތެވެ. މިއަދު އޭނަ އެ ދިޔައީ ކުދިންނާއި ހީލާފައެވެ. މޫނުމަތީގައި އެހެންދުވަހު ހުންނަ ބޮޑާފޮނި ނުރައްޓެހި ގޮތެއް ނެތެވެ. އަލީޒާ ދެރަވީ އޭނަ އަށް ހާއްސަގޮތަކަށް ބަލާނުލާ ދިޔައީތީއެވެ. އަޖާބެކެވެ. އެހެންދުވަހު ކޮންސަލްޓިންރޫމަށް ވަންނަ ގޮތަށް ފިލައިގެން އުޅޭ ޒުވާނާ މިއަދު ދޭތެރެއަކުން އެބަ ފެނިލައެވެ. އެރީތި ޑިމްޕަލް ހިނިތުންވުން ދައްކައިގެން އުފާވެރިކަމާއިއެކީ ޑޮކްޓަރުންނާއި ސަމާސާކުރާތަން ބަލަހައްޓައިގެން އަލީޒާ އިނީ ހައިރާންވެ ދެރަވެސްވެފައެވެ. ދާނިޝް އެންމެފަހަރަކުވެސް އޭނާ އާއި ދިމާލަށް ބަލައެއްނުލައެވެ. މިހާބޮޑަށް ބަދަލުވީ ކީއްވެހެއްޔެވެ؟ 
ކޮފީބްރޭކް ގައި ދާނިޝް ރަންކުލައިގެ އިސްތަށިގަޑަކާއި އަޅިފެހިކުލައިގެ ލޮލުގެ ވެރި އަންހެންކުއްޖަކާއި ވާހަކަ ދައްކަމުން ކެންޓީނާއި ދިމާލަށް ދިޔަތަން ފެނުމުން އަލީޒާ ގެ ކެތްތެރިކަން ކޮޅުންލައިފިއެވެ. މީހަކު ބުނެނުދިނަސް އެއީ ޑޮކްޓަރ ޝައުނާ ކަން އަލީޒާ އަށް ޔަގީން ވިއެވެ. އަލީޒާ އަބުރައިގަންނަގޮތްވިއެވެ. އޭނަ އަށް ކެތްކުރެވޭނީ ކިހިނެއްހެއްޔެވެ؟ އަލީޒާ އަށް މެސެޖް ފޮނުވާފައި ހަންޑި ގެއަކަށް ގެންގޮއްސަ ބޭނުންވަރަކަށް އިންޒާރު ދީފައި އޭނަ ގެ ހިތްޗިސްޗިސްކޮށްލާފައި އެހެން އަންހެންކުއްޖަކު އުފާކޮށްދެނީ ހެއްޔެވެ؟ ފަނާބުނީ ހަމަ ތެދެކެވެ. ދާނިޝަ އަކީ ރަގަޅު ފްލާރޓެކެވެ. އޭނާ އަލީޒާ ހެއްދީއެވެ. ވާވެއްދީއެވެ. ކިހާރީތިކޮށް މަގޭ ގާލްފްރެންޑޭ ބުނެލިހެއްޔެވެ؟ ހިފަހައްޓައިގެން ހުއްޓާވެސް އަލީޒާ އަށް ރޮވެންފެށިއެވެ. އޭނަގެ ހިތްހަލާކުކޮށްލާފއި ދާނިޝް އަށް ޝައުނާ އެހާފަސޭހައިން ކާމިޔާބުވިޔަކަ ނުދޭނެއެވެ. 
އަލީޒާ ވައިރޯޅިއެއްހާ ބާރުމިނުގައިގޮސް ކެންޓީނަށްވަނެވެ. އޭރު ޝައުނާ ތަބަކެއްގައި ދެތަށި ކޮފީއާއި ޕިއްޒާފޮތިތަކެއް ބަހައްޓައިގެން ނުހަނު ފަރިކޮށްހިގާލާފައި އާދެއެވެ. ތެދެކެވެ. މާލޭއިން އަލީޒާ ދުށް އެންމެ ރީތި ކުއްޖާއެވެ. ދާނިޝް ވެސް އިނީ ގޮޑީގައި ވަރަށް މޮޑެލްކޮށް އިށީދެލައިގެން އެއަންހެންކުއްޖާއަށް ބަލާށެވެ. އަލީޒާ ގެ ހިތަށް ވަރަށް ތަދުވިއެވެ.
އަލީޒާ ކޮފީތަށި ހިފައިގެން މިސްރާބު ޖެހީ ސީދާ ދާނިޝް މެން ތިބި މޭޒާއި ދިމާލަށެވެ. ދާނިޝް އާއި އަލީޒާގެ ނަޒަރު ފަޅި ސިކުންތުކޮޅަކަށް ދިމާވިއެވެ. އެނގޭ މީހަކަށް ވެސް ހަދާނުލައި ދާނިޝް ޝައުނާ އާއި ވާހަކަ ދައްކަންފެށިއެވެ. ދާނިޝް މެން ތިބި މޭޒާއި އަލީޒާ އަރާހަމަވިވަގުތު ދާނިޝަ ބުނަމުން ދިޔައީ މިރޭ ދުއްވާލަން ގޮސްފައި ކާންދާނީ ރެސްޓޯރެންޓަކަށްކަމަށެވެ. އަލީޒާ ރުޅިއާދެވުނުވަރުން މިހުރެވުނު ތަނާއި ދާނިޝް ގެ މަގާމާއި ޝަޚުސިއްޔަތުވެސް ހަދާންނެތުނެވެ.
"މިރޭ އަޅުގަޑާއި އެކީ ޑޭޓަކަށް ދާން ނިންމަވާފައި މިވީ ކިހިނެއްތޯ. ކޮޓެޖް އަށް ނުދުރުވާނަންތޯ...؟" އަލީޒާ ނެތް ހިތްވަރުކޮށްލާފައި ދާނިޝް އާއި ހަތަރުކަޅި ހަމަކޮށްލިއެވެ
"ވަޓް އާރ ޔޫ ޓޯކިން އެބައުޓް.؟ ކޮޓެޖޭ؟ ކޮން ޑޭޓެއް...؟" ދާނިޝް ހައިރާންކަމާއި އެކީ ސުވާލުކޮށްލިއެވެ. ކުޑަކޮށް މޫނުރަތް ވިއެވެ. ލަދުވެސް ގަތެވެ. މިއަންހެންކުއްޖާގެ ހިތްވަރެކެވެ.
އަލީޒާ ލޯބޮޑުކޮށްލިއެވެ.
"އޯ ގޯޑް......ހެހެ...މިހާރު އެގިއްޖެ...ތިއީ އަލީޒާ ؟ " ދާނިޝް ގެ މޫނުމަތިން ހައިރާންކަމުގެ ކުލަވަރު ކެޑި މަޖާވިކަހަލައެވެ. އޭނަ އިސްތަށިގަނޑުގައި އަތް ހިންގާލިއެވެ.
އަލީޒާ ހުރީ ހުއްޓުން އަރާފައެވެ. ދާނިޝް އަކީ މޮޔައެއްހެއްޔެވެ؟ ނަފްސާނީމައްސަލައެއް އުޅެނީހެއްޔެވެ؟ މަލްޓިޕްލްޕާރސަނެލިޓީ ޑިސްއޯރޑަރ ހުންނަ ޒުވާނަކު އުޅޭ ވާހަކައެއް އޭނަ ވަނީ ކިޔާފައެވެ. މިއީ އެކަހަލަ ބައްޔެއް ޖެހިފައިވާ ޒުވާނެއްބާވައެވެ. އިންތިހާ ދަރަޖައިގެ ރީތި ފުންމިން ނޭގޭފަދަ ފެހިކުލައިގެ ލޮލުން އަލީޒާ އަށް މިވަގުތު ފެނުނީ އޯގާތެރިކަމެވެ. ދާނިޝް ބުނީ ދޮގެއް ނޫނެވެ. އޭނަގެ ފުރާނަ ފަދަ ލޯބިވާ ލޯބިވެރިޔާ އެއްވެސްވަރަކަށް ދަސްވެފައެއްނެތެވެ. އެނގެމުންދާ ވަރަކަށް މިދަނީ އޮޅުންބޮޅުންގަޑެއްގެ ތެރެއަށް ވަދެވެމުންނެވެ
އަލީޒާ ގެ ލޯ ކަރުނުން ފުރެން ފެށިއެވެ.

ކޮމެންޓް 0