އަލީޒާ އަކީ ފަގީރު ޢާއިލާ އަކަށް ނިސްބަތް ވާ އަންހެން ކުއްޖަކަށް ވި ނަމަވެސް ރާއްޖެ އިން ހޮވާލެވޭ ފަދަ ރީތި ސިފަތަކެއް ލިބިފައިވާ އަންހެން ކުއްޖެކެވެ. އޭނައަށް ލިބިފައިވާ ރަންމުށިކުލަ އަރާ އިސްތަށިގަނޑުގެ އިތުރުން ލޮލުގައި މަޑު މުށިކުލައެއް ހުންނާތީ ބޮޑަށް ވައްތަރީ ރާއްޖެއިން ބޭރު ކުއްޖަކާއެވެ. ހިމަ ދިގު ބުމަ އާއި ލެނބިފައިވާ އެސްފިޔަ ތައް ލޮލުގެ ރީތިކަން އިތުރުކޮށްލަދެއެވެ. ރީތި ބައްޓަމަކަށްވާ ތުންފަތުގައި ދާއިމަށް ހުންނަ ފަނޑު ހިނިތުންވުން ހާމަކޮށްދެނީ އޭނަގެ ހިތްހެޔޮކަމެވެ. ރީތި ކަމާ އެއްވަރަށް ރަގަޅު އަޚުލާޤާއި އުޅުން ހުރި އަންހެންކުއްޖެކެވެ.


މާލީ ހާލަތު ހުރި ގޮތުން އަލީޒާ ކެމްބްރިޖް އޯލެވެލް ނަތީޖާ ލިބުމާއިއެކު ވަޒީފާ އަދާކުރަން މަޖުބޫރުވިއެވެ. "އައިސް ގޭޓް ހޮސްޕިޓަލް" އިން ވަޒީފާއެއް ލިބުނީ އެތާގައި ސިކިއުރިޓީ ގާޑަކަށް އޭނަގެ ބައްޕަ މަސައްކަތްކުރުމާއިއެކު އެ ޢާއިލާއަށް އެފަރާތުން ވެދިން އިހުސާންތެރިކަމެއްގެ ގޮތުގައެވެ. އަލީޒާ ގެ އެހެން އެކުވެރިން ފަދަ އިން ރީތި ހެދުމާއި ފައިވާން ގަހަނާ އަދި ސެންޓަށް ބޭކާރު ޚަރަދުތައް ކުރުމަކީ އަލީޒާގެ ގައިގާ ހަރުލާފައިނުވާ ސިފައެކެވެ. މުސާރަ ހުރިގޮތަށް އޭނަ ގެނެސްދެނީ އޭނަގެ މަންމަ ސާއިރާގެ އަތަށެވެ. އޭނަ އެދިފައިވަނީ ކޮއްކޮމެން ފަވާދު އަދި ހަފާއަށް ކިޔަވާދިނުމަށެވެ.

އުޑުމަތި ސާފު ދުވަހެކެވެ. މަޑުނޫކުލައި ގެ ފީރޯޒެއްހެން ދުރު ދުރަށް ދާންދެން އުޑު މަތި ފެންނަ އިރު ހުދު ސްނޯފަދަވިލާ ކޮޅު ތައް ދޭތެރެ އަކުން ފެނިލަ އެވެ. ހެޔޮ ވަރަކަށް ވައި ޖެހެމުން ދިޔައީ ފަޒާގައި ނާނާ އަޅުވަމުންނެވެ. 
މި އުފާ ވެރި ރީތި ދުވަހު ގެ އުފާ ހާސިލް ކުރަމުން އަލީޒާ ޕޭވްމަންޓް މަތިން ހިގާލާފައި ދިޔައިރު ދިމާވާ ކޮންމެ މީހަކު ދެވަނަ ފަހަރަށް އަލީޒާ އަށް ބަލައިލީ ޝައުގުވެރިކަމުން ފުރިގެންވި ނަޒަރުންނެވެ. މުށިކުލައިގެ އަތްދިގު ޓޮޕަކާއި ނޫ ޖިންސެއްލައިގެން ހުރިއިރު އޭނާގެ ހަށިގަނޑުގެ ފުރިހަމަކަން ފެންނަން ހުއްޓެވެ. 
އައިސްގޭޓް އާ އަރާހަމަވުމުން އަލީޒާ ޝައުޤުވެރި ނަޒަރަކުން އެގެއަށް ބަލާލިއެވެ. އޭނާގެ ފިޔަވަޅު ތައް ލަސްކޮށްލީ އަމިއްލަ އިޚުތިޔާރުގައެއް ނޫނެވެ. ވަޒީފާ އަށްދާ ކޮންމެ ދުވަހަކު ދެއިރު މިގެއާ ދިމާލަށް ބަލާލުމުގެ ހިތްހަމަޖެހުން އަލީޒާއަށް ލިބެއެވެ.
ހުދު މާބްލްއިން އަޅާފައިވާ ގަނޑުވަރެއްފަދަ ޝާހީ ތަނެކެވެ. ގޭގެ ކުރިމަތީގައި ވަނީ ރީތި މާގަސްތަކެވެ. ވަރުގަދަ ގޭޓްގެ ސަބަބުން ގޭގެ ހައިބަތު އިތުރުކޮށްދެއެވެ. 
"ވާއު........." އަލީޒާގެ ހިތް އެތައް ފަހަރު އެގެއަށް ތަޢުރީފުކުރިއެވެ. އުމުރު ދުވަހު ހުވަފެނެއްގައި ވެސް މިފަދަ ގެއަކަށް ވަދެލެވޭނެ ކަމަކަށް އަލީޒާ އުއްމީދެއް ނުކުރެއެވެ. 
މިއީ އަލީޒާ ވަޒީފާ އަދާކުރަމުންދާ އައިސް ގޭޓް ހޮސްޕިޓަލުގެ ވެރިމީހާ ޑޮކްޓަރ މައުމޫންގެ ގެއެވެ. ހޮސްޕިޓަލް ހުންނަނީ މިގެއާއި ދާދި ގާތުގައެވެ. ޑޮކްޓަރ މައުމޫންގެ އަންހެނުން ފަރުޒާނާއަކީ އަންހެނުންގެ ޚާއްސަ ޑޮކްޓަރެކެވެ. ދޮށީ ދަރިފުޅު ޑޮކްޓަރ ދާނިޔަލް އާއި އަންހެނުން ރިހާނާވެސް މަސައްކަތް ކުރަނީ އެ ހޮސްޕިޓަލުގައެވެ. ޑޮކްޓަރީ އާއިލާއެކެވެ. އެންމެން އެހާ ސްމާޓްވެފައި ރީއްޗެވެ. އެންމެން ޤަދަރުކުރާ އިޚްތިރާމް ލިބިގެންވާ މާތް ޚާންދާނެކެވެ. އަލީޒާގެ ޚިޔާލަށް އަންނަނީ ވެމްޕަޔަރ ޑައިރީސްގައި އުޅޭ ކުލެން ޢާއިލާއެވެ. އެމީހުންފަދައިން މި ޢާއިލާގައިވެސް ސިއްރުން ފުރިފައިވާ ގޮތެއް ހުންނަކަމަށް ހިތަށް އެރީ ކީއްވެކަމެއްވެސް ނޭގެއެވެ. 
ފުރިހަމަ އާއިލާއެކެވެ. ހުވަފެނީ ދިރިއުޅުމެކެވެ. ބައެއް އިންސާނުންނަށް ދުނިޔޭގައިވެސް ހާދަ މަތިވެރި ނިޢުމަތްތައް ދެއްވާފައިވެއެވެ.


އަލީޒާ ރިސެޕްޝަނުގައިވާ ގޮޑިއެއް ގައި ޖައްސާލުމާއިއެކު އޭނާގެ އެންމެ ގާތް އެކުވެރިޔާ އިނާ އާއި ދިމާލަށް ބަލާލިއެވެ. 
"އާ ޚަބަރެއް ނެތްތަ؟"

"މިއަދު ދާނިޔަލް ގެ ކޮއްކޮ ދާނިޝް ވަޒީފާއަށް ނިކުންނާނެޔޯ. ޢުމުރުން އެންމެ ފަންސަވީސް އަހަރު އެކަމަކު ސާޖަން އެކޯ. ހީވާގޮތުގައި ދާނިޔަލް އަށް ވުރެ މާ ސްމާޓް ވާނެ. އެލީ އުޅެންވީނު ކާމިޔާބު ކުރެވޭތޯ........" އިނާ ލާނެތް ހިނިގަޑެއް ޖަހާލުމަށްފަހު ކިއްލިކޮޅެއް އަނގަޔަށް ލިއެވެ. 
"އިނާ. އަހަރެން އުޑުގައިވާ ތަރި އަތުލާކަށް ނޫޅެމޭ. އިނާއަށް ހާދަ ނޭގެޔޭ. އެ އާއިލާ އެންމެން ވެސް މެރީކުރަނީ ޑޮކްޓަރުންނާ..." އަލީޒާ ހިނިތުންވެލަމުން ބުނެލިއެވެ. 
"އަހަރެމެން ކަހަލަ އެފްރިކާ ކުދިންނަކަށް އެކަހަލަ ހޮޓް ބިޓެއް ކާމިޔާބު ނުކުރެވޭނެ ވިއްޔަ. އިރުއެރީއްސުރެ މިއިންނަނީ ދޮރާ ދިމާލަށް ބަލަހައްޓައިގެން އެ ފިރިހެނާގެ އިންތިޒާރުގައި ދެލޯ ބޭޤަރާރުވެފައި........" އިނާ ލާނެތް ގޮތަކަށް ހީގަތެވެ. އިނާގެ ބައްޕައަކީ ކެންޔާ މީހަކަށް ވުމުން އޭނާގެ ހަމުގެ ކުލަ ކަޅެވެ. އެކަމަކު އޮމާންކަމުން އަންހެންކުދިން ހަސަދަވެރިނުވާ ވަރެއްނޫނެވެ. ބުޅިބުޅި އިސްތަށިގަޑެކެވެ. ކިތަންމެ ކަޅުވިޔަސް އިނާ ރީތިވެފައި އަޅައިގަންނަ ގޮތެއް ހުރެއެވެ. އޭނައަށް އެކަން އިހުސާސް ނުވަނީއެވެ.

"އަޅެ، ހީޒް ރިއެލްތަ؟ ވާއު، ހޮޓްކަން..........." އިނާ އަގަ ހުޅުވިގޮތަށް ލައްޕާލަން ނޭގި އިދެ މޭގައި އަތް އެޅިއެވެ. 
ރިސެޕްޝަނުގައިވާ ހުރިހާ ކުދިންގެ ލޯ ދޮރާއި ދިމާލަށް އަމާޒުވިއެވެ. އަލީޒާ އަށްވެސް އެ ޒުވާނާ ފެނިފައި ކުރީ އާދަޔާޚިލާފު އަސަރުތަކެކެވެ. ނޭވާއެތެރެހަށީގައި ތާށިވެ ވަރަށް ބޮޑަށް ފިނިވިއެވެ. ހިތުގެ ތެޅުން ބާރުކަމުން ބޭރަށްވެސް އެއަޑު އިވޭނެކަމުގައި އޭނަ ހީކުރިއެވެ. ދާނިޔަލްއާއި އެކީ ހިގާލާފައި އައި ނުރައްކާތެރި ދަރަޖައަކަށް ރީތި ޒުވާނާ ހުރީ މަޑުނޫކުލައިގެ ގަމީހަކާއި ކަޅު ޖިންސެއްގައެވެ. ބާމަތި ފުޅާވެފައި ސްމާޓެވެ. ކަޅުކުލައިގެ އިސްތަށިގަނޑު ބޯވެފައި ކުރުކޮށް ކޮށާލެވިފައެވެ. ގަދަ ބުމައަކާއި ރީތި ތުންފަތެކެވެ. ހުރިހާ ރީތި ސިފަތަކެއް އެއްކޮށްލައިގެން ހުރި ކަހަލައެވެ. އެދެލޮލުން އެކުދިން ގަތުލުކޮށްނުލީ އެވަގުތު އޭނަ ރޭބަން އައިނަކުން ލޯ ފޮރުވާލައިގެން ހުރީމަކަން ނޭގެއެވެ. 
"ދާނިޔަލްގެ ކޮއްކޮ ދާނިޝް......" އިނާ މަޑުމަޑުން ކިޔާލައިފިއެވެ.


ޑޮކްޓަރ ދާނިޝް އެއްވެސް މީހަކާއި ދިމާލަށް ބަލާވެސް ނުލައެވެ. ހުރިހާ އަންހެންކުދިންގެ ލޯތައް ހުއްޓިފައިވާކަން އިހުސާސްކުރެވުނީއެވެ.

"ހުވާ އެއީ އިންސާނެއް ނޫން، އެންމެންގެ ހިތްތައް ތަޅުވާލާފައި އެދިޔައީ. އައިނަކުން ލޯ ފޮރުވައިގެން ހުރީ އަހަރެމެންގެ ރަޙުމަތަކަށް. އެވަރުންވެސް ހިތަށް ތީރު ހަރާލާފައި އެދިޔައީ......" އީނާ އަލީޒާގެ އަތުގައި ވިކާލިއެވެ. އަލީޒާވެސް ނޭވާހަމަޔަކަށް އަޅުވަން މަސައްކަތް ކުރަމުން ފުންދިގު ނޭވާޔެއް ލިއެވެ. ދުވަހަކުވެސް ރީތި ފިރިހެނަކު ފެނިގެން އަލީޒާއަށް މިފަދަ އިޙުސާސްތަކެއް ނުކުރުވައެވެ. މިވީ ކިހިނެއްބާވައެވެ. މައްސަލައެއް ނޫންތާއެވެ. ހުރިހާ އަންހެން ކުދިންވެސް ދައްކަމުން ދިޔައީ ޑޮކްޓަރ ދާނިޝްގެ ރީތިކަމުގެ ވާހަކައެވެ. އެހާ ރީތި ފިރިހެންކުއްޖަކު ފެނުމުން އެފަދަ އަސަރު ތަކެއް ކުރުމަކީ ހަމަ "ނޯމަލް" ކަމެކެވެ.
"އެވާހަކަ އިހަށް ބާއްވާ، އެނޫނީ ރީތި މީހެއް ދުނިޔޭގައި ނޫޅެނީތަ އިނާ؟ ޑެމަންވެސް ރީތި........" އަލީޒާ ފުންނޭވާއެއް ދޫކޮށްލިގޮތުން ހީވީ ހުރިހާ އިރުވަންދެން ނޭވާ ނުލާ ހިފަހައްޓައިގެން ހުރިހެންނެވެ. ހިތުގެ ޖަޒުބާތުތައް ފޮރުވަން މަސައްކަތް ކުރަމުން އަލީޒާ ހިނިތުންވެލިއެވެ. އިނާ އަލީޒާއާއި ދާނިޝް ގުޅޭވާހަކަ ބުނުމުން އަލީޒާ ލަދުގަންނަގޮތް ވިއެވެ.
"އޭނާއާ މަށާ އަޅުވާ ނުކިޔަބަލަ އިނާ، އެމީހުންނަށް އިވިއްޖެއްޔާ އަހަރެން އުޅޭކަމަށް ވާނީ، އެއީ އަހަރެމެންގެ ވެރިމީހާގެ ދަރިޔެކޭ. އަހަންނަކީ ކާކު؟ ބައްޕަ ހުންނެވީ މިތާ ސިކިއުރިޓީ ގާޑަކަށް........." އަލީޒާ ފަހަރެއްގައިވެސް އޭނާގެ ފެންވަރު ހަދާން ނައްތާލާފައި އެހާ މަތީ ޚާންދާނަކާއި ގުޅޭކަށް ހިތަކަށްވެސް ނާރުވާނެއެވެ.
"ހެވޭ. ރައީސްގެ ދަރިއަށްވިޔަސް ރީތި މީހެއްވެއްޖެއްޔާ ބެހޭނަން، ފްލާޓްވެސް ކުރެވޭނެ، ސީރިޔަސްކޮށް އޭނަ ފެނުނީމަ މަގޭގައިން ހީބިހި ނެގި.........." އިފާ ކިޔާ ކުއްޖަކުވެސް އެވާހަކައިގާ ބައިވެރިވިއެވެ.

"އެންމެން ތުއިވެފަ އުޅުނުތަން ފެނުނީމަ ހިނިވެސް އައި، ބުނަން ރަގަޅުވާހަކައެއް. އަހަރެމެން އެކަކަށްވެސް އޭނާ ލިބޭނެހެނެއް ހިޔެއް ނުވޭ. މެރީޑްނޫން ކަމެއްވެސް ނޭގެއެއްނު. އެހާ ރީތި މީހަކު ހުހަކަށް ނުހުންނާނެ. އެކަމަކު ހާދަ ބޭނުމޭ......" އީނާ ގެ ހިތުގައިވެސް ހަރުލާފައިވި އެ ސޫރަ ފޮހެލުން ފަސޭހައެއްނުވިއެވެ. ހުރިހާ ކުދިން ޑިޔުޓީ ނިމެންދެން ދާނިޝްގެ ވާހަކަ އިރުއިރުކޮޅާ ދެއްކިއެވެ. އޭނާ ދެތިންފަހަރު ރިސެޕްޝަން ހުރަސްކުރިއެވެ. ކުޑަކޮށް ފޮނިގޮތެއް ހުރީބާއެވެ. ބަލާވެސްނުލިއެވެ.
ކޮންމެ ފަހަރަކު އަލީޒާ ފިނިވިއެވެ. ހިތްތެޅުނެވެ. ފައިގެ ވާގިދޫވިހެން ހީވިއެވެ. އޭނާ އަށް ދާނިޝްގެ ރީތިކަމަށް ހާސްފަހަރު ތަޢުރީފު ކުރެވުނަސް ދުލުން އެނަން ކިޔާލާކަށް ވެސް ނުކުރުނެވެ. ހާސްވާ ވަގުތު ނިޔަފަތި ހެފުމަކީ އޭނަގެ ގައިގާ ހަރުލާފައިވާ އެންމެ ނުބައި އާދައެވެ. މިއަދުވެސް ދެތިން ފަހަރު ނިޔަފަތި ހެފުނެވެ.
އަލީޒާ ލޯ މަރާލިޔަސް އެސްފިޔަތަކުގެ ދޭތެރެއިންވެސް ފެނިލަނީ އެ ސޫރައެވެ. ހިތް އަވަސްވެ ހަތަރެސްފައި ގަނޑުފެންކޮޅެއްހާ ފިނިވާގޮތްވިއެވެ. ދާނިޝް އޭނަގެ ހިތަށްވެސް ސިހުރެއް ހެދީބާވައެވެ. ނޫންނަމަ އެޒުވާނާގެ މަތިން ހަނދާންނުނެތިގެން އުޅެން ޖެހޭ ސަބަބެއްނެތެވެ. އިރުއިރުކޮޅާ ވަށައިގެން ހޯދާލެވުނީ ދާނިޝް ފެނުމުގެ އުއްމީދުގައެވެ.

ޑޮކްޓަރ ދާނިޝް ޑިޔުޓީ ހަދަން ފެށިފަހުން ތިންވަނަ އަށް ވީ ދުވަހު އެހެން ކުދިން ކޮފީ ބްރޭކަށް ފޮނުވައިގެން އިނީ އަލީޒާ އެކަނިމާ އެކަނިއެވެ. ކަޅުކުލައިގެ ޓޮޕަކާއިއެކު ސްކިނީއެއް ލައިގެން ހުރިއިރު އަލީޒާގެ ރީތިކަމާއި ސްޓައިލިޝްކަމުން މީހުންގެ ސަމާލުކަން އަތުލިއެވެ. އެތަނަށް އަންނަ ކޮންމެ މީހަކަށް އަލީޒާ ހަދިޔާކުރީ އޯގާތެރި ހިނިތުންވުމެކެވެ.
ކުއްލިއަކަށް އަލީޒާ ގެ ނަޒަރުގައި އަޅައިގަތީ ދާނިޝް އާއި އޭނަގެ ބޭބެ ދާނިޔާލް ކޮންމެވެސް ވާހަކައެއް ދައްކަމުން ހިނގާލާފައި އައި ތަނެވެ. ދާނިޝް ހީލިތަން ފެނިފައި އަލީޒާގެ ހެޔަށް ގޮތެއްވިއެވެ. އެހީލުމުން ކޯތާފަތަށް އެޅިގެން ދިޔައީ ހާދަ ރީތި އަޑިކޮޅެކެވެ. މިއީ ޖިންނިއެއްހެއްޔެވެ؟ އޭނަ ގަޔާވާފަދަ ހުރިހާ ސިފަތަކެއް ލިބިފައިވާ މީހަކު ދުނިޔެއިން މިފެނުނީ ފުރަތަމަ ފަހަރަށެވެ.
"ވާއު. ވާއު. ހާދަ ރީއްޗޭ....... " އަލީޒާ ގެ ހިތް ތަޢުރީފް ކުރިއެވެ. ފޯނު ރިންގުވާން އެނގުނީވެސް އެވަގުތެވެ. ދާނިޝް އާއި އަލީޒާ ގެ ހަތަރުކަޅި ހަމަވުމުން ދާނިޝް ގެ މޫނަށް ވެސް ހައިރާން ކަމުގެ ކުލަވެރިވިއެވެ. އެ އަސަރުގަދަ ބަލާލުން އަލީޒާ ގެ ހިތުގައި ހައިޖާން އެއް އުފައްދާލައިފިއެވެ. ފޯނު ބާއްވަން އުޅެނިކޮށް ފޯނު އަތުން ދޫވިއެވެ.
" އެކްސްކިއުޒްމީ........" ދާނިޔަލް ކައުންޓަރ ގައި އަތް އަޅުވާލަމުން ބުންޏެވެ. ދާނިޝް ވެސް ހުއްޓުނީ އޭނަގެ ބޭބެއާއި ދާދި ކާރީގައެވެ. މުޅި ހިސާބުގައި ހިފާލީ ފިރިހެންވަންތަ ސެންޓެއްގެ ވަހެވެ. އަލީޒާ އާގަމަވެފައި އެބޯ އެސްފިޔަ ތަކަށް ބަލަހައްޓައިގެން ސިކުންތުކޮޅަކަށް ހުއްޓެވެ. ވައިގެ ގޯނާތަކުން އިސްތަށިގަޑު ކުޑަކޮށް ވިހުރެމުން ދިޔައެވެ. އޭނައަށް ކުރިމަތިން ފެނުނު މަންޒަރު ސިފަކުރެވުނީ އެންމެ ގޮތަކަށެވެ. އެއް ފަހަރާއި ދެ އިރު އެއް ތަނަކުން ވިދަން ފެށީ އެވެ.
"އިއްޔެ ދުރުވި އާ ރޭޑިއޮލޮޖިސްޓް ނަމްބަރު ދީފާނަންތަ؟ "ދާނިޔަލްއެކޭ އެއްފަދައިން އޭނަގެ އަޑުވެސް ފިރިހެންވަންތައެވެ.
"ލައްބަ.." އޮޅިގެން އަލީޒާ އަށް ނިޔަފަތި ހެފުނެވެ. ހާސްވިވަރުން އެނަގެ މޫނަށް ވަނީ ޖަންބު ކުލަ އަރާފައެވެ. ގޮޑީގައި އިށީންނަން އުޅުމުން އަރިއަޅާނުލީވެސް ކިރިޔާ އެވެ.
އަލީޒާ ގެ ހިތުގެ ހާލަތު ދާނިޔަލް އަށް ރަގަޅަށް ވިސްނުނެވެ. ދާނިޝް ފެނުމުން އަންހެންކުދިންނަށް ވާވަރު އެންމެ ކައިރިން ދެކޭ މީހަކީ ދާނިޔަލްއެވެ. އޭނަ ލާނެތް ހިނިތުންވުމަކާއި އެކު ދާނިޝް އަށް ބަލާލިއިރު އެނގޭކަމަކަށް ނަހަދާ އޭނަހުރީ މޮބައިލް އާއި ކުޅޭށެވެ. އެ ބޯ އެސްފިޔަތައް ތިރިކޮށްލައިގެން ހުރުމުން އޭނަގެ ހިތުގެ ހާލަތު ދާނިޔަލް އަކަށް ވެސް ނޭގުނެވެ. އަލީޒާ ކޮމްޕިއުޓަރ އިން ސާރޗް ކުރަމުން ދިޔަ އިރު އޭނަގެ ހިމަ ހޯލި އިނގިލި ތައް ވެސް ތުރުތުރުލިއެވެ.
" ޑޮކްޓަރ ޖެރޯމް ތޯ؟ "އަލީޒާ ޔަގީންކޮށްލަން އަހާލިއެވެ.
" ނޫނޭ. ޖެކޮބް.." ދާނިޔަލް ދެވަނަ ފަހަރަށް އެ ނަން ކިޔާލަމުން އޭނަގެ އައި ފޯނާއި ކުޅެން ފެށިއެވެ.
" އެ ނަން ލިސްޓް ކުރެވިފައެއް ނެތް.." އަލީޒާ އިނީ ވަރަށް ލަދުގެންފައެވެ.
" އޯކޭ ދެން....ތޭންކްސް.." ދާނިޔާލް ކުޑަ ހިނިތުންވުމަކަށްފަހު ހިނގައިގަތުމުން ދާނިޝް ވެސް ދާން ހިނގައިގަތެވެ. ގަނޑުވެފައި ވާ ބުދެއް ފަދައިން ދާނިޝް އޮބާލަންދެން ބަލަހައްޓައިގެން އިދެވުނެވެ. ދާނިޝް އެދިޔައީ އޭނަގެ ހިތް ހިފައިގެންނެވެ. ދާނިޔަލް ޝުކުރު އަދާކުރުމުން މަރުހަބާ އޭ ބުނެލަން ހަނދާނެއްނުވާނީ ކިހާވަރެއްވެފައި ހުރީމަހެއްޔެވެ؟ 
އަލީޒާ ގެ އުފާވެރި ތަބީޢަތަށް އާދާޔާ ޚިލާފު ބަދަލެއް އަތުވެއްޖެއެވެ. ބޮލުގައި ރިއްސަން ފެށިއެވެ. ހިތް ހަމަޔަކަށް ނޭޅުނެވެ. ކަމަކާއި ނުލާ ރޮވޭގޮތްވެ އަސަރުކުރަނީއެވެ. އެކަނިވެރި ތަނެއްގައި އިނދެ ރޯން ހިތް އެދެނީއެވެ. އެހާ ދެރަވާންވީ ކޮންކަމަކާހެއްޔެވެ؟ މީހަކު އޭނައާއި ދިމާލަށް އެއްޗެކޭ ބުނީއެއް ނޫނެވެ. ތަދުވާހާ ބާރަށް ޖެހީއެއް ނޫނެވެ. މިވީ ކިހިނެއް ހެއްޔެވެ؟ 
އީނަ އާއި ރިސެޕްޝަން އެހެން ކުދިންކޮޅު އައީ ކޮފީ ބޮއިގެން ދުފަމުން ސަކަރާތެއް ޖަހަމުންނެވެ. އަލީޒާ ގެ މޫޑު ގޯސް ވެފައި ވާ ތަން ފެނުމުން ސުވާލު ކުރިމަތިވިނަމަވެސް އޭނަ ސިއްރުކުރިއެވެ. އެވާހަކަތައް ހާމަކުރާނީ ކޮން ދުލަކުންހެއްޔެވެ؟ ވެވޭނެނަމަ އަމިއްލަ ނަފުސަށްވެސް އޭނަ އެކަން ސިއްރުކުރީހެވެ.
އަލީޒާ އެކަނިވެލާނެ ފުރުސަތެއް ހޯދަން ފާޚާނާ އަށް ވަނެވެ. މޫނު ދޮވެލިއެވެ.
ހަނދާން ނައްތާލަން ކިތަންމެ މަސައްކަތް ކުރިޔަސް އަލީޒާ އަށް ފެންނަނީ ދާނިޝްގެ މޫނެވެ. އެ ތޫނު ކަޅިރަވައެވެ. ހިތްތައް ޒަޚަމްކޮށްލާހާ ފުރިހަމަ ދެލޮލެވެ. އެޒުވާނާ އަލިޒާ އަށް ބަލާލިގޮތް ދުވަހަކު ވެސް ހަދާން ނައްތައެއް ނުލެވޭނެއެވެ.
އަލީޒާ ގެ ލޮލުގައި ކަރުނަތިކިތައް ވިދަންފެށިއެވެ. ވާހަކަތަކާއި ފިލްމުތައް ބަލަމުންގޮސް އޭނައަށް ވަނީ އިންސާނުން ލޯބިވާގޮތް އޮޅުންފިލާފައެވެ. ބައެއްފަހަރު ފުރަތަމަ ނަޒަރުން އެންމެ ފެނިލުމަކުންނެވެ. ބައެއްފަހަރު އެކީގައި އުޅެމުންގޮސް އެތައް ދުވަހެއް ފަހުންނެވެ. ޔަގީނުންވެސް އޭނަގެ ޚިޔާލުގައި ކުރެހިފައިވާ ލޯބިވެރިޔާއާއި ދާނިޝް އެއްވެސް ތަފާތެއްނެތެވެ. އަބަދު އުއްމީދުކުރަމުން އައީ އެހުވަފެން ސީދާވާނެ ދުވަހަކަށެވެ. ދުވަހެއްގެ ކޮޅަކުންވެސް އެކަށީގެންނުވާ ފަރާތަކަށް މިފަދަ އިހުސާސްތަކެއް އުފެދިދާނެކަމަކށް އޭނަ ހިޔެއްނުކުރެއެވެ. މިފަދަ ފަރާތަކަށް ހިތް ލެނބިދާނެކަމަކަށް ހިޔެއްނުކުރެއެވެ. ލޯތްބަކީ މިއީހެއްޔެވެ؟ އޭނައަށް ދާނިޝް ދެކެ ލޯބި ވެވުނީހެއްޔެވެ؟
އޭނަގެ ހިތުން މި ލޯބި ނެރެލެވޭނީ ކިހިނެއް ހެއްޔެވެ؟ ދާނިޝް އަކީ ރާއްޖޭގެ އެންމެ މަޝްހޫރު ޚާންދާނަށް ނިސްބަތްވާ މުއްސަދި ޢާއިލާއެއްގެ ޒުވާނެކެވެ. އޭނަގެ ނެތީ ކޮން ސިފައެއްހެއްޔެވެ؟ ދާނިޝް ބޭނުން ކޮންމެ އަންހެން ކުއްޖެއް އޭނަ އަށް ލިބޭނެއެވެ. އޭނަފަދަ އަންހެންކުއްޖަކާއި ދިމާލަށް ބަލައިލުމަކީވެސް އެމީހުންގެ އިއްޒަތަށް ލިބޭނެ އުނިކަމެކެވެ. އަލީޒާ އޭނަގެ ހިތުން ދާނިޝް ގެ ލޯބި ފިލުވާލަން މަޖުބޫރު ކުރާނެއެވެ. ނޫނީ އޭނަގެ އުފާވެރިކަމާއި ހިތް ހަމަޖެހުން ނިމިގެން ހިނގައިދާނެއެވެ.

މޫސުން ރީތިކަމުގެ ހިތްތަކަށް އުފާވެރިކަން ގެނެސްދޭފަދަ ދުވަހެކެވެ. ރޭ ވާރޭ ވެހުމުގެ ސަބަބުން ގަސްތައް ތެމި ތާޒާވެފައި ފަތްތަކުގެ ފެހިކަން ގަދަވެފައިވާތަން ފެނެއެވެ. ކުލަކުލައިގެ މާތައް ވައިގެ ގޯނާތަކާއިއެކު ހެލިލަމުންދާ މަންޒަރު އެހާ ހިތްގައިމެވެ. މިހިތްފަސޭހަ ދުވަހު "އައިސްގޭޓް" ގެ ހުރިހާ މެމްބަރުން ސައިބޯން ތިބީ ބަގީޗާގެ ތެރޭގައެވެ. މޭޒު ވަށާލައިގެން އެންމެން ތިބިއިރު ގޭގައި ގެންގުޅޭ ދެ މީހުން ކަމަށްވާ ހަމަދު އާއި ދަނާ ޚިދުމަތުގައި ތިއްބެވެ.

ޑޮކްޓަރ މައުމޫން އާއި ފަރުޒާނާ އަދި ހަތަރު ދަރިން ކަމަށްވާ ދާނިޔާލް، ދާނިޝް ، ޝާހާން އަދި ޖީނާ އާއި ދާނިޔާލް ގެ އަންހެނުން ރިހާނާ ވެސް ތިބީ ސަމާސާ ވާހަކަތަކެއްގައެވެ. ބޮޑަށް ދެކެވެމުން ދިޔައީ ފުޓްބޯޅައިގެ ވާހަކައެވެ. މުޅިން ވެސް ތިބީ ބާރސާ އަދި ރިއަލް މެޑްރިޑަށް ތާއީދު ކުރާ މީހުންނެވެ. ކުޑަކޮށް ބަހުސް ކުރެވެމުން ދިޔައީ އެކަމާއި ބެހޭގޮތުންނެވެ. ޖީނާ އިނީ ހިމޭނުންނެވެ. އެއީ އޭނަގެ އާދައެވެ. ދާނިޝް ހުންނަ ތަންތާ ވާހަކަ ދެއްކުމަކީ އޭނައަށް ފަސޭހަކަމެއް ނޫނެވެ. އަމިއްލަ ބޭބެ ނަމަވެސް އޭނަގެ އިހުސާސްތައްވަނީ އެހެން ގޮތަކަށް ދާނިޝްއާއި ގުޅިފައެވެ.
ދާނިޝް އާއި ޝާހާން އަކީ އެއްމާބަޑު ދެބެންނެވެ. ދިމާވި އެކްސިޑެންޓަކާއި ގުޅިގެން ޝާހާން ފުރޮޅުލީގޮނޑިއެއްގައި އިންނަތާ މަހެއްހާ ދުވަސް ވެއްޖެއެވެ. އޭގެ ކުރިން އެދެބެން ވަކިކުރުމަކީ އާއިލާ މީހުނަށް ވެސް ފަސޭހަ ކަމެއްނޫނެވެ. 
ހަމަދު ފޯންޗުން ސައި އަޅާ ދެމުން ދަނިކޮށް ޝާހާން ގެ އަތަށް ހޫނު ފެން ބަންޑުންވުމާއިއެކު ޝާހާން އަށް އަތް ދަމައިގަނެވުނެވެ. 
"ސޮރީ. ސޮރީ....." ހަމަދު ވަރަށް ކަންބޮޑުވެފައި ބިރުވެރިގޮތަކަށް ދެލޯ ބޮޑުކޮށްލިއެވެ. އޭނަ ތެޅިގެންފާ ޝާހާން ގެ އަތް ފިނި ފެން ޖަގަށް ލިއެވެ.
"އިޓްސް އޯކޭ. މާ ބޮޑުކަމެއް ނުވޭ...." ޝާހާން ހީލިއެވެ. އެކަމާއި ރުޅިގަދަވެ އުދަގޫވީ ދާނިޝްއަށެވެ.
"އިޑިއަޓް...." ދާނިޝް ލޯ ހަނިކޮށްލަމުން ވިދުވަރެއްހާ ހަލުވިކޮށް އައިސް ހަމަދު ގެ ކަންކަށި މައްޗަށް ދެތިން އެތިފަހަރު ބޭލިއެވެ. އެއާއެކީ ހަމަދު ގެ ގަމީހުގެ ގިރުވާނުގައި ހިފާ ބިމުން އުފުލާލިގޮތަށް އަނބުގަހުގެ މޫގަނޑު މައްޗަށް އެއްލާލިއެވެ. ހީވީ ލުއި ފަތެއް އުފުލާލިހެންނެވެ. އޭނާ ގެ ބާރުގަދަ ކަމުން ހަމަދު އަށް ސަލާމަތް ވާން އެއްވެސް ކަމެއް ނުކުރެވުނެވެ. އެހުރިހާކަމެއް ހިނގީ ފަޅި ސިކުންތުކޮޅެއްގެ ތެރޭގައެވެ.

" ޑޭން މޮޔަވީތަ؟ ހަމަޖެހިބަލަ......... " ދާނިޔާލް ހިތްހަމަނުޖެހިފައި ނުރުހުމުގެ ނަޒަރަކުން ބަލާލިއެވެ. ހުރިހާ އެންމެނަށް އޭނަ ގެ ބާރު ދައްކަނީ ކީއްވެހެއްޔެވެ؟ މިފަހަކަށް އައިސް ރުޅިގަދަވާ ވަގުތު ނޯކަރުންނަށް ވެސް އަނިޔާ ކުރެއެވެ. ޚާއްސަކޮށް ޝާހާން އަށް އަނިޔާ އެއްވެއްޖެއްޔާ އެނިމުނީއެވެ. ބޯމައްޗައް ގެ ވައްޓާލާކަށް ވެސް ފަހެއްނުޖެހޭނެއެވެ. ދާނިޔަލް ހަމަދު ބިންމަތިން ނެގިއެވެ. ގައިގާ ހުރި ވެލިތައް ފޮޅާލަދިނެވެ. ހަމަދުގެ މޫނުމަތި ލޭގަނޑަކަށްވެ ނިތްކުރި ދުޅަވެފައިވާތަން ފެނިފައި އޭނަ ފަސްޓްއެއިޑް ފޮށިގެނެސް ހަމަދުއަށް ފަރުވާދިނެވެ.
"ޑޭން ...."ޝާހާން ވެސް އެއްޗެކޭ ބުނަން އުޅެފައި ހިމޭންވިއެވެ. އޭނަ ކިތަންމެ ކަންބޮޑުވިނަމަވެސް ދާނިޝް ހުއްޓުވާކަށް އެނަ އަށް ކުރެވޭނީ ކޮންކަމެއްހެއްޔެވެ؟ އޭނަގެ ދެފަޔަކީ ބޭކާރު އެއްޗެކެވެ.
މައުމޫން ދާނިޝް ގެ ދެކޮނޑުގައި ހިފަހައްޓާލެއްވިއެވެ.

"ދާނިޝް. ޑޮކްޓަރަކަށްވެހުރެ އުޅެންވީ ގޮތެއް ނޫން ތިއީ. އެއީ ނިކަމެތި އިންސާނެއް. އިންސާނިއްޔަތުކަމުގެ ކަންފުޅެއްވެސް ނެތީތަ؟ ހަމަދު ގަސްތުގައެއް ނޫނޭ ކޮއްކޮ އަތަށް ހޫނު ފެން ބަންޑުންކޮށްލީ. ނިކަމެތިންނަށް ހަމްދަރުދީ ވާން ދަސްކޮށްބަލަ. ދާނިޝް ތިހެން އުޅެން ހަދައިގެން މުޅި މާލެއަށް ބޭޒާރުވެދާނެ. ތިމާގެ ރީތި އަގާއި ޝަޚުސިއްޔަތު ގެއްލުވާލަން ބޭނުމީތަ؟ މިއީ މާލެ. ޔޫކޭ އެއް ނޫން...."
ޖީނާ އިނީ ކަޅިވެސް ޖަހާނުލައި ދާނިޝްގެ ރީތި މޫނަށް ބަލަހައްޓައިގެންނެވެ. ހައިރާންވެފައެވެ. ކުޑަކޮށް މަޖާވެސްވެފައެވެ. ހިތާހިތުން ސާބަސް ދެވުނެވެ. ދާނިޝް ރުޅި އައިސްފައި ހުންނައިރު މާ ބޮޑަށް ވެސް ރީއްޗެވެ. މިވަގުތު އަންހެންކުއްޖަކަސް ފެންނާނެނަމަ މޮޔަވީހެވެ. ދާނިޝް ބައްޕައަށް ކޮންމެވެސްވަރަކަށް އިޙުތިރާމް ކުރާތީކަން ނޭގެއެވެ. އިސްޖަހާލިއެވެ. އެކަމަކު އަދިވެސް ހުރީ ބުމަގޮށްޖަހާލައިގެނެވެ.

"ކަމަކާނުލައި ރުޅިނާދެބަލަ ދަރިފުޅާ. ކޮފީ ބުއީމަ ރުޅި ފިނިވެދާނެ......." މައުމޫން ދާނިޝް ގޮނޑިއެއްގައި ބޭންދިއެވެ. ދާނިޝް ޖަވާބެއް ނުދީ ހެޑްސެޓް ކަންފަތުގައި އެޅިއެވެ. އޭނަ އަޑު އަހަމުން ދަނީ ރަމްސްޓެއިން ގެ ސިންސުތް ކަން ޖީނާއަށް އެނގުނެވެ. ރުޅި ފިނިކޮށްލަން ހަދާ ފަންޑިތަ އަކީވެސް ކަންފަތް ހަލާކުވާވަރަށް ލަވަ ޖެހުން ހެއްޔެވެ؟
ދާނިޝް ގެ މޫޑު ގޯސްވެފައިވާވަރުން އެހެން މީހުނަށްވެސް އޭގެ އަސަރުކުރިއެވެ. އެންމެންތިބީ ހިމޭންވެފައެވެ. ދާނިޝް އެންމެނަށް ވުރެ ކުރީން ކޮފީ ނިންމާލާފައި ދަމުން އަނބުގަހަށް އެތިފަހަރެއް ވިއްލިއެވެ. އަނބުގަސް ވެސް ގުޑާލިއެވެ. 
ދާނިޝް ގެ ކޮންމެ ހަރަކާތެއް ކޮންމެ އަދާއެއް ޖީނާ އަށް ކަމުދެއެވެ. ރީތިވެއެވެ. ކޮޕީކުރާހިތްވެއެވެ. ހާދަ ރިއްޗެވެ. އަމިއްލަ ބޭބެ ނަމަވެސް ރީތި މީހެއްވެއްޖެއްޔާ ރީއްޗޭ ބުނެވިދާނެތާއެވެ. ކަޅުކުލައިގެ ޓީޝާޓަކާއި ނޫކުލައިގެ ޖިންސެއްގައި އޭނަ ހުރުމުން އެހާ ސްމާޓްކަމަށް ދައްކައެވެ. ހިނގާލާފައި ދިޔައީ ފިރިހެން މޮޑެލް އިން ވެސް ހަސަދަވެރިވާނެފަދަ ހިގުމެއްގައެވެ. އެހާ ފޮންޏެވެ. ތިމާ އަށް ތިމާ ފެނިފައި ހުންނަކަހަލަ އެވެ. މިރީތި ތަޢުލީމީ ޒުވާނާ ގެ މި ނުބައި ހުރިހާ ސިފަތަކެއް ފޮރުވިފައި ވަނީ މިހުރިހާ ދުވަހު ރާއްޖޭގައި ނޫޅޭތީއެވެ. އައިސްގޭޓްގައި އަބަދުހެން އުޅުނީ ފަރުޒާނާ އާއި ޖީނާއެވެ. އެހެންވެ މާލެއަށް ދާނިޝް މަޝްހޫރުވެފައިވަނީ މާތް ރަގަޅު ޑޮކްޓަރެއްގެ ގޮތުގައެވެ.
ދާނިޝް ގޭޓް ގައި އަތް އަޅުވާލައިގެން ހުރެ ސިގްރެޓެއް ތުނބުގައި ޖެހިއެވެ. އެއާއި އެކު މިވަގުތު މިހުރި ތަނާއި މެދު ވިސްނާލުމަށްފަހު ސިގްރެޓް މުށު ތެރޭގައި ލިއެވެ. މަގުންދާހާ ބަޔަކު އޭނަ އަށް ވަރަށް ޚާއްސަ ގޮތަކަށް ބަލަމުން ދާކަން ދާނިޝް އަށް ފާހަގަ ކުރެވުނެވެ. ޖިންސް އިޝްތިހާރު ކުރަން ބަހައްޓާފައި ހުރި މޮޑެލް އެއްގެ ގޮތުގައި އޭނަ ފެންނަނީ ހެއްޔެވެ؟ ދާނިޝް ގެ ތުންފަތްމައްޗަށް ވެރިވެގެން ދިޔައީ ނުލަފާ ހިނިތުންވުމެކެވެ.
އެންމެން ބަލަން ބޭނުންވަރަކަށް ބަލާލައިގެން ހިތްހަމަޖައްސާލާށެވެ. އެކަމަކު އެކަކަށްވެސް އޭނަ އެއް ނުލިބޭނެއެވެ. އޭނައަކީ އުޑުގައި ވިދާބަބުޅަމުންދާ ތަރިއެކެވެ. އެކަކަށްވެސް އަތްލުމުގެ އުފަލެއް ހާސިލެއް ނުކުރެވޭނެ އެވެ. އަތްލައިފިއްޔާ އަނދާ އަޅިއަށްވެގެން ހިގައިދާނެއެވެ. އެހެން މީހުންނަށް އޭނަގެ ޙަޤީގަތް އެނގޭނެނަމަ ބިރުން ފިލަން ދުވީހެވެ.

ކޮމެންޓް 0