އަލީޒާއަށް ފާހަގަކުރެވުނީ ދާނިޝް މިރޭ އޭނައާއި ދިމާލަށް ނުބަލަން މަސައްކަތްކުރާކަމެވެ. އެއީ ކީއްވެބާވައެވެ. ދާނިޝް ގެ ތައުރީފުގެ އަޑުއެހުމަށް ހިތް ބޭގަރާރުވެފައިވީނަމަވެސް އެފަދަ އެއްވެސް ކަމެއް މިރެއަކު ނެތެވެ. އުފަލުން އަބަދު ހިނިތުންވެފައި ހުންނަ އަލީޒާއަށް މިރޭ މިދަނީ އަދި މާރަގަޅަކަށް ނޫންކަމަށް ހީކުރެވެންފަށައިފިއެވެ. ކޮންމެވެސް ގޯހެއް އެބައުޅޭކަމަށް ޝައްކުކުރެވުނެވެ.

ކައިވެނިކޮށްދިން ވަގުތުވެސް ދާނިޝް އިނީ ވަރަށް ހިމޭނުންނެވެ. އެ އާދަޔާޚިލާފު ހިމޭންކަމާއި ސީރިޔަސްކަން އަލީޒާގެ ހިތުގައި އުފެދެމުން ދިޔަ ޝައްކުތައް އިތުރުކުރުވިއެވެ. ދާނިޝްއާއި ބައްދަލުކުރެވުނު ކޮންމެ ވަގުތުކޮޅެއް ކޮންމެ ދުވަހެއް އޭނަ ހަދާންކުރިއެވެ. ހާއްސަކޮށް ކޮޓެޖްގައި އެއްރޭ ކުޅެލި ގޭމެވެ. ދާނިޝްގެ މިޒާޖުގައި ކޮންމެވެސްވަރަކަށް ރުޅިގަދަ ލާނެތް ސިފަތައް ހުރިކަން އެރޭ އަލީޒާއަށްވަނީ އެގިފައެވެ. އަދި ހޮސްޕިޓަލުގައި އުޅޭގޮތުން އޭނާގެ ބޮޑާ ނުރައްޓެހިކަމެއް ހުންނަކަން އަލީޒާއަށް ހީކުރެވިފައިވެއެވެ. އެކަމަކު އޭނައަށް އޭނާގެ މި ލޯބިވެރިޔާ އަދި އެއްގޮތަކަށްވެސް ނޭގެޔޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.

ކައިވެނިކޮށްދީ ނިމުމުން ދާނިޝް ނުކުމެގެން ބޭރަށް އައީ ތަންކޮޅެއް ކުރީގައި ހުރެގެނެވެ. އަލީޒާއާއި އެއްވަރަކަށް ހިނގާލާފައި އައުން ވެސް މުހިއްމުކަމަކަށް ނުވިއެވެ. ގެއަށް ދާން ހިގާށޭ އަމުރުވެރިގޮތަކަށް ބުނުމަށްފަހު ދާނިޝް މަޑުކޮށްނުލާ ބާރަށް ހިގާލާފައި ގޮސް ކާރަށް އަރައިފިއެވެ.

އަލީޒާއަށް ވެސް އީނާމެން ގާތު ގިނައިރު ހުންނާކަށެއް ނުކެރުނެވެ. އީނަ ކުޑަކޮށް ދިމާކޮށްލިއެވެ. އެހާ އަވަސްއަރުވާލައިގެން ނުދިޔަސް ރަގަޅުވާނެނޫންހެއްޔޭ ކޔައިގެނެވެ. އީނަ ކިތަންމެ މަޖާވެލާފައި ހުއްޓަސް އޭނަ ވެސްހުރީ ދާނިޝް ކަންތައް ހުރިގޮތުން ހަމަ ހައިރާންވެފައެވެ. ހިތުގައި އެތައް ޝަކުވާއެއްވިނަމަވެސް މިރޭ އެވާހަކަ ހިލުވާލައިގެން އަލީޒާގެ އުފާވެރިކަމަށް ހުރަސް އަޅާކަށް އޭނަ ބޭނުމެއްނޫނެވެ.

މިރޭ ދާނިޝް އާއި މެދުގައި އަލީޒާގެ ހިތުގައި ޝައްކުތަކާއި ވަހުމް ތައް އުފައްދައިގެން އެއްގޮތަކަށްވެސް ކަމަކު ނުދާނެއެވެ. ދާނިޝް ކާރު ދުއްވާލީ ވަރަށް މަޑުންނެވެ. ކާރުތެރޭގައި ދުވާ ލުއި މީރުވަހާއި ހިމޭންކަމުން ހިއްސުތައް ތާޒާކުރުވިއެވެ. އަލީޒާ އިނީ ކަންބޮޑުވީވަރުން އެއްޗެކޭބުނާނެ ހިތްވަރެއްވެސް ނުލިބިފައެވެ. ޔަގީނުން ވެސް މިހާރު ދާނިޝް މިވަނީ ގާނޫނީ އަދި ދީނީގޮތުން އޭނާގެ ފިރިމީހާޔަށްވެފައެވެ.

ދެމީހުން ވެސް އެކަކު އަނެކަކުގެ މައްޗަށް ހައްގުތަކެއް އޮންނާނެނޫންހެއްޔެވެ؟ ދާނިޝް ހިމޭނުން އިނީ ކީއްވެހެއްޔެވެ؟ އޭނައަށްކުރެވުނީ ކޮން ކުށެއްބާވައެވެ. އެންމެ ފަހުން އަލީޒާއަށް ދާނިޝްގެ މޫނަށް ބަލާލެވުނެވެ. އެއާއިއެކު ދާނިޝްވެސް ބަލާލައިފިއެވެ. އެ ލަދުގަންނަވަލާފަދަ ސީރިޔަސް ނަޒަރެވެ.

އަލީޒާގެ ހިތްވަގުތުން ފިނިކޮށްލިއެވެ. ރަކިވިއެވެ. " އެއްޗެކޭ ބުނަން ބޭނުމީތަ؟" ދާނިޝް ބުމަ އަރުވާލަމުން ފާޑަކަށް އަހާލިއެވެ.

" ނޫނޭ...." އަލީޒާ އިނީ އިސްޖަހާލައިގެނެވެ. އާއެކެވެ. ބުނަން ބޭނުންވާ އެއްޗެހި ގިނަކަމުން ސިކުނޑި ފުރިގެން ބަންޑުންވަނީއެވެ. އެކަމަކު ބުނާނެ ހިތްވަރެއްނެތެވެ.

ދާނިޝްގެ ފަރާތުން ފެންނަމުންދާ ފިނިކަމާއި ދުރުހިލޭކަން އޭނަ މުޅިން ހިތްވަރުއެލުވާލައިފިއެވެ. މިރޭގެ ހުރިހާ އުފާތަށް އޭނައާއި މަޑުމަޑުން ވަކިވަމުން ދަނީއެވެ. މިހިމޭންކަން މުގުރާލަން ދާނިޝް ރީތި ލަވައެއް ޖަހާލަދޭނެނަމައެވެ. އެއަށްވުރެވެސް ރަގަޅުވާނީ ދާނިޝްގެ އެރީތި އަޑުން ތަންކޮޅެއް ރީތި ލޯބީގެ ލަވައެއް ކިޔާދީފިއްޔާއެވެ.

އަލީޒާ ނުތަނަވަސްވިވަރުން އަތުގެ އިނގިލިތަކާއި ކުޅެންފެށިއެވެ. ކީއްވެ؟ ކީއްވެ؟ ހަމަ ދާނިޝް އަގައިން ނުބުނާނީހެއްޔެވެ؟

ކާރުގެ ބިއްލޫރިގަނޑުން ބޭރަށް ބަލަހައްޓައިގެން ހަދާނެގޮތް ހުސްވެފައި އިން އަލީޒާއަށް ޚިޔާލުގެ ތެރެއިން ނުކުމެވޭވަރުވީ ދާނިޝް ކާރު ޕާކު ކޮށްލާފައި ފޭބުމުންނެވެ. އެންމެ ފަހުން ކޮޓެޖަށް އާދެވުނީއެވެ. ރޭގަނޑުގައި ކޮޓެޖް ފެނުނީ ފަޅުތަނެއްހެނެވެ. ގަސްތައް ވަނީ އަނދިރީގެ ތެރެއަށް ގެނބިފައެވެ. ހަނދު އަދި ނާރާތީވެ އުދަރެސްފެންނަނީ ކަޅުކުލައިގެ ކަރުދާސްގަނޑެއްހެނެވެ. އެކަމަކު ކުދި ކުދި ތަރިތައް ފިޔަޖަހަމުންދިޔައެވެ.

ކޮޓެޖްއިންވެސް އަލިކަންފުޅެއްނުފެނެއެވެ. އަލީޒާގެ ހިތް އެތައް އިހުސާސްތަކުން ގެނބެމުން ދިޔައެވެ. މިހިސާބަށް އާދެވުމުން ޔަގީނުންވެސް ހިތަކަށް އުފަލެއްނުލިބުނެވެ. ބީރައްޓެއްސެއްފަދައިން ކާރުން ފޭބިގޮތަށް އިސްޖަހައިގެން ހުރެވުނީއެވެ.

" އާދޭ......" ދާނިޝް ކާރުގެ ތަޅުދަނޑި ޖިންސްގެ ޖީބަށްޖަހާލަމުން ބުމަގޮށްޖަހާލިއެވެ. އަލީޒާއާއިމެދު އޭނަ ވިސްނައިލިއެވެ. ބުދެއްހެން ހުއްޓިލައިގެން ހުރިގޮތުން ހީވަނީ ހަމްދަރުދީއަށް ބޭނުންވެފައިވާ ނިކަމެތި ކުއްޖެއްހެނެވެ. އެކަމަކު ހަގީގަތުގައި މިއީ ކެރޭ ޖެހިލުންކުޑަ އަންހެންކުއްޖެކެވެ. ސިފަމިހެން ހުއްޓަސް މައުސޫމް ކުއްޖެއްނޫނެވެ. ކަންތައްމިވަނީ އަލީޒާ ބޭނުންވާ ގޮތަށް ނޫންހެއްޔެވެ؟

އަލީޒާ ގެނބެމުން ދަނިކޮށް ސަލާމަތްކޮށްދޭނެ މީހަކު ވުމުން ޝުކުރުވެރިވާންވީ ނޫންހެއްޔެވެ؟ " ކިހިނެއްވީތަ؟ އަދިވެސް ޔަގީން ނުކުރެވެނީތަ ؟ މި މިލިޔަން ރުފިޔާގެ ގޭގަ ހުރެވޭ ދުވަސްކޮޅު އުފާވެރިވާނެކަމަށް ހީކުރަން............." ދާނިޝް ނުސީދަލަށް އެ ބުނީ ސިޓީގައިވާ މިލިޔަން ރުފިޔާގެ ވާހަކައެވެ.

އަލީޒާ ހައިރާންވިއެވެ. އެ ބުނީ ކޮން ވާހަކައެއްހެއްޔެވެ؟ އޭނަ ވެސް ލާރިއާއިހެދި މޮޔަވަނީކަމަށް ދާނިޝް ހީކުރަނީހެއްޔެވެ؟ ދުވަސްކޮޅެކޭ ބުނެލިގޮތުން އޭނަގެ ހިތުގައި ލައްކިއެއް ޖެހިފަދައެވެ. ނޭގޭ ބިރުވެރިކަމެއް ހިތަށް ވެރިވިއެވެ. މިއީ ދާނިޝްގެ ފަރާތުން އޭނަ އަޑުއަހަން ބޭނުންވާފަދަ ޖުމްލައެއްނޫނެވެ.

ދާނިޝް ބާރަށް ހިގާލާފައި ގޮސް ގެއަށްވަނުމުން ފަހަތުން ދާން އޭނައަށްވެސް މަޖުބޫރުވިއެވެ. ބޭރުގައި އެކަނި ހުންނަންކެރޭނީ ކިހިނެއްހެއްޔެވެ؟ މިރޭ ވިއްސާރަނުވިކަން އެއީވެސް ނަސީބެކެވެ. އެހެންނޫންނަމަ ކުރީރޭގެ ބިރުވެރި ހަދާންތައް އޭނައަށް އުދަގޫކުރީހެވެ.

ގެއަށް ވަނުމާއިއެކު ހަމަ އެ ދަންނަ ލެވެންޑަރގެ ލުއި ވަހާއި ފިނިކަން އޭނަ ވަށާލައިފިއެވެ. އުއްބައްތީގެ ރީތިއައްޔެވެ. އެ ދަނބުކުލައިގެ ގަނބައިގެންދާފަދަ މަޑުދޫލައެވެ. އަލީޒާ އޭނަ ލައިގެން ހުރި ހައިހީލްސް ބާލާފައި ގޭތެރޭގައި ފައި އެޅިއެވެ. ފުރަތަމަ ފަހަރަށް ދާނިޝްގެ އަންހެނުންގެ ގޮތުގައި ހުރެ މިގެއަށް ވަދެވުނީއެވެ. އެ މަގާމުގެ ސަބަބުން ހިތަށް ފިނިކަމެއް ލިބުނެވެ. އުފާވެރިކަމުގެ އިހުސާސްތަކެއް ހިތުގައި އާވިއެވެ.

ދާނިޝްގެ ފަހަތުން ބެޑްރޫމާއި ހަމަޔަށް އަލީޒާ ދިޔައީ ވަރަށް ޖެހިލުންވެފައި ހުރެއެވެ. އޭނައަށް ހީކުރެވެނީ ކޮށްގެންނުވާނެފަދަ ކުށެއްކުރެވޭކަމަށެވެ. ދާނިޝްގެ ފަހަތުން މިއުޅެވެނީ މަތިންބައިންޖެހިގެންހެނެވެ. ދާނިޝް އުޅޭގޮތުން ހީވަނީ މިއީ ދާނިޝް އަށް މަޖުބޫރުވެގެން ކޮށްގެން އުޅޭ ކައިވެންޏެއްހެނެވެ.

އަނެއްކާ މިއީވެސް ދާނިޝް ކުޅޭ ކުޅިވަރެއް ހެއްޔެވެ؟ ދާނިޝް ކީކާރޑުން ދޮރުހުޅުވާލާފައި ކޮޓަރިއަށް ވަނުމުން ރީހާނާއާއި ޝައުނާކޮށްފައި ހުރި މަސައްކަތް ފެނުނެވެ. ކޮޓަރީގެ އިޝްގީކަން އެތައް ގުނަ އިތުރުކުރުވާލާފައި ހުއްޓެވެ. ކޮޓަރި ދިއްލާލާފައިވަނީ ރަތްކުލައިގެ ބޮޑެތި އުއްބައްތި ތަކުންނެވެ. ލުއި މިޔުޒިކެކެވެ. ފަށުވި ލޭސް ހުދުކުލައިގެ ބެޑްޝީޓެއް އަޅާލާފައި ރަތްކުލައިގެ ފިނިފެންމާ ފިޔަތަކުން އެނދު ބަރާވެފައި ވެއެވެ. އެނދުގެ އެއްފަރާތުގައިވާ ސައިޑް ލޭމްޕްކާރީގައި ހުރި ބޮޑު ވާސްއެއްގައި ހުރިހާ ކުލައެއްގެ ފިނިފެންމާ ބޮޑިއެކެވެ. އަދި ލެވެންޑަރ އުއްބައްތިތަކުގެ އިޝްގީ ވަހުން މާހައުލު ހުވަދުވެފައިއޮތެވެ.

ކްރިސްޓަލްތަށްޓެއްގައި ތާޒާ ސްޓްރޯބެރީއާއި ހިތުގެ ބައްޓަމަށްވާ ކުދިކުދި ސްވިސް ޗްކްލެޓްވެސް ހުއްޓެވެ. އައިސްކިއުބްތައްވެސް ހުރިނަމައެވެ. ބާތުރޫމްވެސް މިވަރަށް ރިތިކޮށްލާނެކަން ގައިމެވެ.

މިމާހައުލުގެ ސަބަބުން ދާނިޝްވެސް މަގު ނޯޅުނީ ހަމަ ކިރިޔާއެވެ. ނަމަވެސް އޭނަގެ ގޮތްދޫނުކުރުމާއި ބޮޑާކަމަކީ ފިރިހެންވަންތަކަމުގެ ބަޔެއްކަމުގައި ދެކޭތީ އަލީޒާގެ ކާރީގައި ދެރަވާކަށް ބޭނުމެއްނުވިއެވެ. އަލީޒާ ޖެހޭނީ އޭނާގެ ލޮލުން އޮހުނު ކަރުނަތަކުގެ އަގު ދައްކާށެވެ.

ދާނިޝް މަޑުމަޑުން ހިނގާލާފައި ގޮސް ސްޓްރޯބެރީއެއް ނަގައިގެން އަގަޔަށްލިއެވެ. އަލިޒާ އަށް ހުރެވުނީ ހިރިލާންވެސް ނޭގިފައި ބަލަހައްޓައިގެނެވެ. ދާނިޝްގެ ކޮންމެ އާދައެއްގައި ހުންނަނީ ހިތްދަމައިގަންނަ ގޮތެކެވެ. ސްޓްރޯބެރީ ތަށިތެރެއިން ނެގިގޮތް ހަފަމުން ދިޔަގޮތްވެސް އެހާ ތަފާތެވެ. ސަޅިއެވެ. އަދި ކަތި ނަޒަރަކުން އެބަލާލިގޮތް އަލީޒާ ދީވާނާކުރުވިއެވެ. ސިކުންތުކޮޅަކަށް ނަމަވެސް އޭނަ ގެ މޫނަށް އަނދިރިވާކަހަލަ ގޮތެއްވިއެވެ.

އެ ރީތި ދެލޮލޮގައި ވި މެސެޖް އަލީޒާއަކަށް ނޭގުނެވެ. ދާނިޝް ދެކުނުގޮތުން މިރީތި ރޭ ބޭކާރުވީ އަލީޒާ ގެ ސަބަބުންނެވެ. އޭނަގެ ކައިވެނި ރޭގައި ފަހަރިމެން ވަރަށް ފުރިހަމަޔަށް ކޮޓަރި ތައްޔާރުކޮށްދީފިއެވެ. ފަހަރިންނަށް ހިތުގެ އަޑިން ޝުކުރުއަދާކުރިއެވެ.

ހަގީގީ ލޯބިވެރިންނަށްވިނަމަ އޭނައާއި އަލީޒާއަށް ހާދަ ފުރިހަމަ ރެޔަކަށްވީހެވެ. ހާދަ ރޮމެންޓިކް ވީހެވެ. އެހެންވިނަމަ އޭނަ އާއިލާއާއި ރަހުމަތްތެރިންވެސް މި އުފަލުގައި ބައިވެރިކުރީހެވެ. އޭނަގެ ލޯބިވާމަންމަ މާލިޔާވެސް މާލެ އަންނަން މަޖުބޫރުކުރީހެވެ. މިއީ އެއްގޮތަކަށްވެސް ލޯބީގެ ކައިވެންޏެއްނޫނެވެ. ދުނިޔެއަށް ދައްކާލެވޭ ދަޅައެކެވެ.

އާކާވެނީގެ ފުރަތަމަ ރެޔަކީ ކޮންމެ ލޯބިވެރިޔެއްގެ ހަޔާތުގައި އަންނާނެ އެންމެ އުފާވެރި ރެޔެވެ. އެންމެ ރީތި ރެޔެވެ. އޭނައަށް މިރޭ މިވެގެން ދިޔައީ ބަދުނަސީބުރެޔަކަށެވެ. ކެތްތެރިކަން އިމްތިހާނުވި ރެޔަކަށްވެސްމެއެވެ.

އަލީޒާއަކީ ހަމައެކަނި ބަލާލަން ރިތިކުއްޖެއްނޫނެވެ. މިވީހާތަނަށް އޭނަގެ ހިއްސުތަކާއި ކުޅެލެވުނު ހަމައެކަނި ކުއްޖަކީ މިއީއެވެ. އެންމެ ބީހިލުމަކުން ވެސް ކެމިސްޓްރީ ހުރިވަރު އޭނަވަނީ ދެނެގެންފައެވެ. އަލީޒާ ލޮލަށް ފެނިލުމުންވެސް ހިތުގެ ވިންދު އަވަސްކުރުވައެވެ. އޭނައަކީވެސް އިންސާނެކެވެ. ގުދުރަތުންލައްވާފައިވާ އިހުސާސްތަކާއި ދެކޮޅުހެދުމަކީ ފަސޭހަކަމެއްވެސް ނޫނެވެ. އެކަމަކުވެސް މިއީ ސައްހަ ކައިވެންޏެއްނޫންކަން އެންމެ ފަހަރަކުވެސް ހަދާނުން ކައްސައިގެނެއް ނުދެއެވެ.

އަލީޒާގެ ގައިގާ ބީހިލުމުގެ ހައްގެއް ހަގީގަތުގައި އޭނައަކަށް ނެތެވެ. އަލީޒާއަށް ވެސް ގައިމު އެވަރު އެގެންޖެހޭނެއެވެ. އެހެންމީހެއްގެ ދަރިއަކަށް ބަލިވެ އިނދެ އެހެން ފިރިހެނަކާއި ކާވެނިކުރުމަކީ ހުއްދަކަމެއްނޫންކަން އެގޭނެއެވެ. މިރޭވެސް އޭނަ ބޭނުމިއްޔާ އަލީޒާއާއި ސުވާލު ކުރެވިދާނެއެވެ.

މިވަރުގެ ބޮޑު ބަދުނާމެއް އޭނަގެ ބޮލުގައި އަޅުވާފައި ބައްޕައަށް ދޮގުވެރި ސިޓީއެއް ފޮނުވީ ކީއްވެގެންތޯ އަހާލެވިދާނެއެވެ. މީހެއްގެ ދަރިއަކު އޭނަގެ ބޮލުގައި އެހާފަސޭހައިން އަޅުވަން ހިތަށްއެރި ކީއްވެގެންހެއްޔެވެ؟ އެކަމަކު އޭނަ ބޭނުމީ އަލީޒާ އަމިއްލައަށް ދާނިޝް ކައިރީގައި ކުށަށް އިއުތިރާފު ވުމެވެ.

ދާނިޝް މިހެންއުޅެން ޖެހޭ ސަބަބު އަލީޒާ ގާތު ބުނަންވީ އޭނަ ހެއްޔެވެ؟ އަލީޒާ އޭނަގެ ހުށަހެޅުން ގަބޫލުކޮށްގެން އޭނައާއި ކާވެނިކުރި ސަބަބުވެސް ދާނިޝް އަށް އެނގެއެވެ. އަލީޒާވެސް އޭނަ ފެނިފައި ހަމަ މޮޔަވީއެވެ. ދިވާނާވީއެވެ. އޭނަގެ މުއްސަދިކަމާއި ރީތިކަން އަދި މޮޅުކަމާއި ބާރުގަދަކަމަށް ހިތް ހުސްކުރީއެވެ.

ފަހަރެއްގައި އޭނަދެކެ ލޯބިވެވުނީކަމަށްވެސް ވެދާނެއެވެ. އެކަމަކު އަލީޒާއަށް އޭނަގެ ފަރާތުން އެއްވެސް އުފަލެއްނުލިބޭނެއެވެ. އެންމެފަހުން ޖެހޭނީ އާދޭސް ކުރާށެވެ. އޭނަގެ ފައިތިލަމައްޗަށް ވެއްޓޭށެވެ. އޭނަ އިންތިޒާރުކުރާނީ އެފަދަ ދުވަހަކަށެވެ.

ދާނިޝް އަލީޒާއާއި ދިމާލަށް ބަލާވެސް ނުލައި ދާން ހިގައިގަތެވެ. " އަހަރެން މިދަނީ ބޭރަށް. ކޮޓަރި ތަޅުލައިގެން ނިދާލާ. ފަހަރެއްގައި ތަންކޮޅެއްލަސްވެދާނެ. ކަމެއް ދިމާވެއްޖެއްޔާ އަންގަލާތީ.............."

އަލީޒާގެ ހިތަށް ހީވީ މީހަކު ވަޅިއެއްހަރާލިހެނެވެ. ހިތަށް ތަދުވިއެވެ. ލޮލުން ކަރުނަ ހިލުނެވެ. ކޮންމެވެސް ގޯހެއް އުޅޭކަން ޔަގީން މިވީ މިވަގުތުއެވެ.

އޭނަ އެކަނި މިފަޅުގެއަށް ދޫކޮށްލާފައި އާކާވެނީގެ ރޭ ދާނިޝް ދާންވީ ކީއްވެހެއްޔެވެ؟ އޭނަވެސް ބޭރަށް ދާނީއެވެ. " ކޮންތަނަކަށްތޯ؟ އަޅުގަޑު އެކަނި....................."

" އަހަރެން ކޮންމެތާކަށް ދިޔަސް ސުވާލުކުރާކަށް ނުޖެހޭނެ. އަޑުއިވިއްޖެތަ؟ މިހާރު ތިއީ މަގޭ ވައިފް. ބުނާގޮތަށްހެދެން ޖެހޭނެ. އެކަނިވެސް އުޅެވެން ޖެހޭނެ........................" ވަރަށް ހަރުކަށި އަމުރުވެރި ރާގެކެވެ.

ދާނިޝް އެނބުރިލިގޮތުން އަލީޒާގެ މޫނަށް އެތިފަހަރެއް ވީއްލާލާނެހެން ހީވިއެވެ. އެ މޫނުމަތީގައި ވީ ރުޅިވެރިކަމެވެ. އަލީޒާ ބިރުން ދެތިން ފިޔަވަޅު ފަހަތަށް ޖެހިލިއެވެ. އަލީޒާ ދެލޯ ބޮޑުކޮށްގެން ކަންބޮޑުވެފައި ހުރިއިރު ހާދަ ރީއްޗެވެ. ހާދަ ފުރިހަމައެވެ. އުއްބައްތިތަކުގެ އަލީގައި އެ އޮމާން މޫނުވިދަމުން ދިޔައެވެ .

ދާނިޝްގެ ހިތް އަވަސްވިއެވެ. ހިތްއެދުނީ އަލީޒާ ގެނެސް މޭގައި ޖައްސާލުމަށެވެ. އެމޫނުމަތީގައިވާ ކަންބޮޑުވުން ފިލުވާދިނުމަށެވެ. ތާއަބަދު އެ މައުސޫމް މޫނުމަތީގައި ހުންނަ ލޯބިވެތި ހިނިތުންވުން އަނބުރާގެނެސްދިނުމަށެވެ.

ލޯބިވާ މީހަކު ކުށެއްކުރިޔަސް މިވަރަށް ދެރަކޮށްލަން ޖެހޭނެހެއްޔެވެ؟ އެކަމަކު އަލީޒާ ކުރީ މައާފު ނުދެވޭނެވަރުގެ ކުށެކެވެ. ދާނިޝް ފުންނޭވަޔެއްލުމަށްފަހު ދާން ހިނގައިގަތުމުން އަލީޒާ ވަރަށް ބޮޑަށް ބިރުގަތެވެ. މިގޭގައި އެކަނި ހުރެވިދާނެހެއްޔެވެ؟ އޭނަގެ ހަދާނަށް އައީ ފަންގިފިލާގައި އެލުވިގެން އޮތް ހިޔަންޏެވެ.

ދާނިޝްގެ ކާރުގެ ކުރިމައްޗަށް އެރި ތަފާތު ޒުވާނާއެވެ. ފުރަތަމަފަހަރު ކޮޓެޖަށް އައިރޭގައި ދިމާވި ކުޑަކުޑަ އިންސާނާއެވެ. އެހުރިހާ މީހުނާއި ދާނިޝް ނޫނީ މިގެއާއި ކޮންމެވެސް ގުޅުމެއް އެބަހުރިކަމަށް އޭނަ ގެ ހިތް ބުނަންފެށިއެވެ. އަލީޒާ އަށް ރޮވެން ފެށިއެވެ.

" ނުދޭބަލަ.. ޕްލީޒް. ނުކެރޭނެ މިގޭގައި އެކަނި ހުންނާކަށް...އަޅުގަޑު ގެއަށްގޮސްދާނަން..........................." އަލީޒާ ދާނިޝް ގެ ފަހަތުން ކޮޓަރިން ނިކުންނާން ހިގައިގަތެވެ.

ދާނިޝްގެ ފިޔަވަޅުތައް ހުއްޓުނެވެ. އަތުގައި ވާ ސްވިސް ޗޮކްލެޓް ނިއުޅާލަމުން އޭނަ ލަސްލަހުން އެބުރުނެވެ. މިފަހަރު ރުޅީގެ ބަދަލުގައި އޭނަ ގެ މޫނުމަތިން ކޮންމެވެސް އެހެންކަހަލަ އަސަރުތަކެއް ހިނދުކޮޅަކަށް ނަމަވެސް ފެނިލިއެވެ.

އަންހެންކުދިންނަކީ ތަބީއީގޮތުން ފިޑި ބަޔެކެވެ. އާދައިގެ ކުދި ފައިދިގުމަކުނެއް ކުރަތްޕެއް ފެނިލިޔަސް ގިނަކުދިން ބިރުން ހޭނެތޭވަރުވެއެވެ. އަލީޒާގެ ފިނޑިކަން ކުރީ ދުވަހެއްގައި ދާނިޝްއަށްވަނީ އެގިފައެވެ.

ހަގީގަތުގައި ވެސް ހަންޑި އަވަލާފައި ވާކަމަށް ބުނާ ގެއެއްގައި ރޭގަނޑު ކޮންމެ ކޮންމެ ފިރިހެނަކަށްވެސް އެކަނިހުންނާކަށް ނުކެރޭނެއެވެ. ވީއިރު އަލީޒާފަދަ އަންހެންކުއްޖަކު ކިހާވަރެއްވާނެ ހެއްޔެވެ؟ އަލިޒާ ނަފްސާނީ ބިރުވެރިކަމެއްގެ ތެރެއަށްވައްޓާލާފައި ދިޔުމަކީ އޭނަ ފިރިހެނަކަށްވެހުރެ ކުރަން މާރަގަޅުކަމަކަށް ނުވެ ހިގައިދާނެއެވެ. އަބަދުވެސް އޭނަ އަންހެންކުދިންގެ ބަލިކަށިކަމަށް ހަމްދަރުދީވެއެވެ.

މިފަހަރުވެސް އެ އާދޭސްތަކަށް ބީރުކަންފަތެއްނުދީ އޭނަ މަޑުކޮށްލީ އެހެންވީމައެވެ. އެހެންނޫނަސް މިރޭ އޭނަ ބޭރަށް ގޮއްސިއްޔާ އެންމެންގެ ހިތުގައި ވަހުމާއި ޝައްކު އުފެދޭނެއެވެ.

"ހަމަ އެހާ ފިޑިތަ؟" ދާނިޝް ބުމަ އަރުވާލަމުން ފާޑަކަށް ހީލިއެވެ އަލީޒާ ހުރީ ރޮވިފައެވެ. އެ ދެލޯ ކަރުނުން ފުރެމުންދާތަން ފެނުމުން އެ މަންޒަރު ދެކޭކަށް ދާނިޝް އަށް ކުޅަދާނައެއް ނުވިއެވެ.

ކުށްވެރިއެއްފަދައިން އިސްޖަހާލެވުނެވެ. އަލީޒާ ތަންކޮޅެއް ޗެލެންޖިން ވާނެނަމައެވެ. ތަންކޮޅެއް ކެރޭނަމައެވެ. ޒުވާބަކަށް ހަދާލާނެނަމައެވެ. ޖީނާ ގޮތަށް ޖެހިލުންކުޑަވާނެ ނަމައެވެ. އާ ކާވެނީގެ ރޭ ތިމަންނައަށް މިހެން ހަދަނީ ކިއްވެގެންހޭ އެންމެ ފަހަރަކުވެސް ސުވާލުކޮށްލާނެނަމައެވެ. މިހާމަޑުން ސިހި ބިރުގަނެފައި ހުންނަނީ ހަމަ އެކްޓްކުރަން މޮޅުވީމަހެއްޔެވެ؟

އަލީޒާއަށް ނުލަފާކަންތައްކުރަން އެނގެނީ ސިއްރުސިއްރުންދޯއެވެ. ކުރިމައްޗަށް އާދެވުމުން މިވަނީ ހާދަ ވަރެކެވެ. މިކަމުގެ ސިއްރަކީ ކޮބާހެއްޔެވެ؟ "އެންމެ ރަގަޅު. ތިވަރަށް ރޮވެންޏާ ދެން ނުކެރޭނެ އެކަނި ބަހައްޓާފައި ދާކަށް. ކުޑަކޮށް ސްޓްރޯބެރީ އެއްޗެހި ކާލައިގެން ނިދާލަންވީނު ދޯ. އަހަރެން މިދަނީ ސިޓިން ރޫމަށް. ދެން ނުބުނާތި އޭރުން ވެސް އެކަނި ނޫޅެވޭނެޔޭ........."

ދާނިޝް މިފަހަރު ވާހަކަދެއްކިލެއް ރީތިކަމުން އަލީޒާއަށް އިތުރަށް ޝަކުވާކުރާކަށް ނުކެރުނެވެ. ބިރުންފިތްކަނޑައިގެންދާ ވަރުވިނަމަވެސް ހިމޭނުން ހުންނަން މަޖުބޫރުވިއެވެ.

ހަގީގަތަކީ ދާނިޝްއާއި ނުލައި މިރޭ މިކޮޓަރީގައި އުޅެންވެސް އޭނައަށް ބޮޑުބިރަކަށް ވެފައިވާ ކަމެވެ. އެކި ހަނދާންތައް އުދަގޫކުރާވަރުންނެވެ. އީނަ ކިޔައިދިން ވާހަކަތައްވެސް ސިކުނޑިން ފޮހެވިގެނެއްނުދެއެވެ. ކުޑައިރު މަންމަމެން ކިޔާދީފައިވާ ޝައިތޯނީ ބިރުވެރި ވާހަކަތައް އުމުރުން މިވީހާތަނަށް އައިރުވެސް ހަނދާނުން ފިލައިގެނެއްނުދެއެވެ. ދާނިޝް ބޮޑުކޮޓަރީގައި އުޅޭނަމޭ ބުނުމުން ކޮންމެވެސްވަރަކަށް ހިތްހަމަޖެހުނެވެ . ދާނިޝްގެ ގައިގާ އިންސާނިއްޔަތުކަން އެބަހުރިކަމަށް ގަބޫލުކުރެވުނެވެ. އަލީޒާ އެނބުރުނީ އަނެއްފަރާތަށެވެ. އޭނަގެ ލޮލުން އޮހެމުންދާ ކަރުނަތައް ދާނިޝްއަށް ދެއްކުމުގެ މާނައަކީ ކޮބާހެއްޔެވެ؟

"އަނހަ. ރޮނީތަ؟ ކޮންކަމަކާ ބިރުން ތިއުޅެނީ؟ އެއްވެސް މަޚުލޫގަކަށް ދެނެއް އަލީޒާއަށް ގެއްލުމެއްނުދެވޭނެ...ޓްރަސްޓް މީ އޯކޭ....އެހެންނޫނަސް މީހުންދައްކާހާ ވާހަކަތަކަށް ހެއްލޭކަށް ނުވާނެ.....އަހަރެމެން ހެއްދެވިފަރާތުގެ އިރާދައާއި ލައިގެން ނޫނީ އެއްވެސް ނުރައްކަލެއް ކުރިމަތިނުވާނެކަމަށް ވިސްނަންވާނީ ދޯ......" ދާނިޝް ވަރަށް މަޑުމައިތިރިކަމާއިއެކު ބުންޏެވެ.

އޭނަ މުޅި އުމުރުގައި ބިރުގަތީ ހަމަ އެކަނި ހިޔަނިދެކެއެވެ. އެވެސް އޭނަ ކުޑައިރުއެވެ. ބިރަކީ އޭނައަށް ބީރައްޓެހި އެއްޗެކެވެ. އަލީޒާ ޖަވާބެއް ނުދިނަސް ލޮލުން އޮހެމުންދިޔަ ކަރުނަތައް އަތުން ފޮހެލާފައި އާއެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލިއެވެ.

ދާނިޝްގެ ހިތްއެދުނީ ފަހަތުން ގޮސް އަލީޒާގެ ގައިގާ ބައްދާލުމަށެވެ. އެ ލޮލުގައިވާ ކަރުނަތައް ފޮހެލަދިނުމަށެވެ. ކިތަންމެ ގަބޫލުނުކުރާން ބޭނުންވިޔަސް އޭނައަށް އަލީޒާދެކެ ވަރަށް ބޮޑަށްލޯބިވެވެއެވެ.

އަލީޒާއަށް ހިތާމައެއް ގެއްލުމެއް އެއްވެސް ސިފައެއްގައި ލިބޭކަށް އޭނަނޭދެއެވެ. ބައެއްފަހަރު ހިތާއިދެކޮޅަށް އޭނަމިކުރާ ކަންތަކުން ރޮވެނީ ހަމައެކަނި އަލީޒާއަށް ނޫނެވެ. އަމިއްލަހިތަށްވެސް ދެވޭ އަނިޔާއެކެވެ. އަލީޒާއަށް ނޭގުނަސް އެއިންކޮންމެ ކަރުނަ ތިއްކެއްގެ އަގުވެސް އޭނަގާތުގައި ހާދަ އަގުބޮޑެވެ.

ދާނިޝް ކުރިޔަށް އެޅި ފިޔަވަޅުތައް ހުއްޓުނީ ފޯނު ވައިބްރޭޓްވާން ފެށީމައެވެ. ދާނިޝް ކަންބޮޑުވާގޮތްވިއެވެ. ޖީނާ މިގަޑީގައި ގުޅަނީ ކީއްވެހެއްޔެވެ؟ ނަމަވެސް ޖީނާގެ ފޯނުގެ ސަބަބުން އަނެއްކާ ދާނިޝް އެނބުރުނީ ކޮޓަރިން ނިކުންނާށެވެ. ޖީނާ ގެ ފޯނެއްވީމަ އަޅާނުލާ ހުންނާކަށް ނުކެރޭނެއެވެ.

އަދިވެސް ޖީނާ ގޯހެއް ނަހަދާނެކަމުގެ ޔަގީންކަމެއް އޭނަގެ ނެތެވެ. އެހެންނޫނަސް އަލީޒާ ޅަކުރާކަށް އޭނަ ނުޖެހޭނެއެވެ. އަލީޒާއަކީ ނަމެއްގައި އޭނަ ގެ އަންހެނުންނަށްވިޔަސް މިގެއަށް އައި ދުވަސްކޮޅެއްގެ މެހުމާނެކެވެ. ދާނިޝް ފޯނު ނެގުމާއިއެކު ޖީނާ ފޯނުކަޑާލައިފިއެވެ.

"އަލީޒާ. ދެން އޮށޯވެބަލަ. ކޮޅަށްހުރީމަ ފައި ވާޅުވާނީއޭ....ގުޑް ނައިޓް........................."

ދާނިޝް ދޮރުލައްޕާލުމަށްފަހު ކޮޓަރިން ނިކުމެ ފާރަށް ލެގިލައިގެން ހަދާނެގޮތް ހުސްވެފައި އެތައް އިރެއްވާންދެން ހުއްޓެވެ. ލޯމަރާލެވުނެވެ. ކިތަންމެވަރަކަށް އަލީޒާގެ ރީތިކަމާއި އެ ފުރިހަމަ މައުސޫމް ސިފަތަކާއި މެދު ނުވިސްނަން މަސައްކަތްކުރިޔަސް އަމިއްލަ ނަފުސް ކޮންޓްރޯލްކުރުމަކީ އެހާ ފަސޭހަކަމަކަށް ނުވިއެވެ.

އޭނަ ހީކުރިވަރަށްވުރެވެސް އެ އިހުސާސްތައް ވަރުގަދައެވެ. މިއީ ލޯބިގެ ވަރުގަދަ ބާރުހެއްޔެވެ؟ ގައިމު އެހެން އެއްވެސް އަންހެންކުއްޖަކަށް އޭނަގެ ހަށިގަނޑަށް މިފަދަ އަސަރުތަކެއް ނުކުރުވައެވެ.

އެންމެ ބޮޑަށް ލޯބިވެވުނުކަމަށް ހީކުރެވުނު ޖީނާއަށް ވެސް މެއެވެ. މިއަދު އޭނައާއި ޖީނ ގެ އެ ގާތްކަމަކުން އޭނައަށް އެ ޖާދުވީ އަސަރުތަކެއް ނުކުރުވިއެވެ. އެކަމަކު އޭނަ ޖީނާދެކެ ލޯބިވެއެވެ. ކޮއްކޮއަކަށްވެފައި ލޭގެ ގޮތުންއޮތް ގުޅުމުގެ ސަބަބުން އޮތް ލޯތްބަކަށް ވެދާނެއެވެ. "އަލީޒާ. ކީއްވެ މިވަރަށް އުދަގޫ ތިކުރަނީ........"ދާނިޝް ބޮލުގައި ދެއަތުން ހިފަހައްޓާލިއެވެ.

އެންމެ ފަހުން ބާރަށް ހިގާލާފައި ގޮސް ބަދިގެއަށް ވަދެ ހޫނު ކޮފީތަށްޓެއްހެދިއެވެ. ހަޔެއްކަ ސަމުސާ ކޮފީއަޅައިގެން ކަޅުކޮފީތަށްޓެއް ހަދާލައިގެން ބޮޑުކޮޓަރިއަށްވަދެ ހުރިހާ ބޮކިތަކާއި އުއްބައްތިތައް ނިވާލުމަށްފަހު ސޯފާގައި އިށީދެއްޖެއެވެ.

ސިކުނޑިހަމަޖައްސާލަން ކިތަންމެ މަސައްކަތްކުރިޔަސް ކާމިޔާބުވާގޮތެއް ނުވިއެވެ. ދާނިޝް މޭޒުމަތީގައި ކޮފީތަށި ބެހެއްޓީ ތަންކޮޅެއްބާރަށެވެ. އަމިއްލަ ނަފުސް ދެކެ ރުޅިއާދެވެން ފެށުނެވެ. މިހުރެވުނީ އޭނަ މި އުޑުދަށުން އެންމެ ބޭނުންވާ އަންހެންކުއްޖާއާއި އެކު އެއްފުރާޅެއްގެ ދަށުގައެވެ. ފަހުން ވާނެ ގޮތަކާއި މެދު ވިސްނަންވީ ކީއްވެހެއްޔެވެ؟ ހުރިހާ ބާރެއް މިއޮތީ އޭނަގެ އަތުގައެވެ. ޔަގީނުންވެސް އަލީޒާ އޭނަގެ އެއްވެސް އެދުމަކާއި ދެކޮޅު ނަހަދާނެކަމުގެ ފުރިހަމަ ޔަގީންކަން އޭނައަށް އެބައޮތެވެ.

ދެކޮޅުހަދައިގެންވެސް ކުރިނުލިބޭނެކަންވެސް އެނގެންޖެހޭނެވިއްޔާއެވެ. އިންސާނުންނަށް ކެތްކުރެވޭނީވެސް ވަކިވަރަކަށެވެ. އެކަކު އަނެކަކަށް މިހާ ބޭނުންވެފައި ތިބެގެން އަމިއްލަ ނަފުސާއި ހަގުރާމަކުރުމަކީ ރަގަޅުކަމެއްހެއްޔެވެ؟

ކިތަންމެގިނައިރުވަންދެންވެސް އަލީޒާ އޭނައަށް އިންތިޒާރުކުރާނެއެވެ. ދާނިޝް ދެގަޑިއެއްހާއިރުވަންދެން ސޯފާގައި ދެކޮޅަށް ފުރޮޅި ފުރޮޅިއޮތުމަށްފަހު ނިދިނައުމުން އެންމެފަހުން ގަސްތުކުރީ ހަތިޔާރުބެހެއްޓުމަށެވެ. އޭރު އަދި މާގިނަ ވަގުތެއްނުވެއެވެ. އެގާރަޖަހަން ކައިރިވީއެވެ.

ދާނިޝް މަޑުމަޑުންހިގާލާފައި ގޮސް ކޮޓަރީގެ ދޮރުހުޅުވާލައިފިއެވެ. އޭނަ ގެ ލޯ ތަރަތަރަޖަހައިގެންދާވަރުވިއެވެ. ކޮޓަރީގެ ހުރިހާ ބޮކިތަކެއް ހުރީ ދިއްލާލާފައެވެ. އަލީޒާ މާބޮޑަށް ބިރުގަތީކަމަށް ވެދާނެއެވެ. އަލީޒާ އޮތީ އެނދުގެ މަގަތުގައި ކަހަލަ ގޮތަކަށް އޮށޯވެލައިގެން ކަކުލުގައި ދަތްދޮޅިޖައްސާލައިގެނެވެ. ކިރިޔާ ފުރޮޅިލިޔަސް ބިމަށް ވެއްޓިދާނެއެވެ.

އެ ރީތި އެސްފިޔަތަކާއި ބާލީސްވަނީ ކަރުނުން ތެމިފައެވެ. ދާނިޝް އަށް ފުން އަސަރުތަކެއްކުރިއެވެ. އެކަމަކު އަލީޒާ އޭނައަށް އިންތިޒާރުކުރުމެއްނެތި ހަމަ ނިދީހެއްޔެވެ؟ އެއީ ކީއްވެހެއްޔެވެ؟ ގަބޫލުކުރަން ދަތިވިއެވެ. އަލީޒާ މާބޮޑަށް ދެރަވީއެވެ. އަދި ބިރުގަނެ ފިނިވެސް ވީއެވެ. އޭނަ ހާދަ ރަހުމް ކުޑައެވެ. އައިމްސޯ ސޮރީ ޑާލިން.....ދާނިޝް އަލީޒާ ގެ ކޯތާފަތުގައި ފިރުމާލިއެވެ.

އޭނަ ބޭނުންވީ އަލީޒާ ހޭލައްވާލުމަށެވެ. ހިތްފުރެންދެން އެ މޫނުގައި ބޮސްދިނުމަށެވެ. ނިދަން އޮތްވާ ވެސް އުދަގޫކުރުމުގެ ހައްގު މިއޮތީ ގާނޫނީގޮތުން ލިބިފައިވިއްޔާއެވެ. މާ މާތްމީހަކަށް ވެގެން ކޮންމެހެން އުޅުމުގެ މާނައެއްނެތެވެ. އެވަގުތު އަނެއްކާ ޖީނާގުޅަން ފެށިއެވެ. މިގަޑީގައި ޖީނާގުޅުމުންކުޑަކޮށް އުދަގޫވިނަމަވެސް ދާނިޝް އަވަސް އަވަހަށް އަލީޒާ ގެ ގައިގާ ރިތިކޮށް ރަޖާގަނޑު އަޅާލަދިނުމަށްފަހު މަޑުމަޑުބާލީސްތަކެއްވެސް ގަޔާކައިރިއަށްޖައްސާލަދިނެވެ.

އެއަށްފަހު އޭނަ ނުކުތީ ފެންޑާއަށެވެ. ޖީނާ ގުޅާކަމެއް ކޮންމެހެންވެސް ބަލަންވާނެއެވެ. އޭނަދެކެ އެވަރަށް ލޯބިވާއަންހެންކުއްޖަކާއިމެދު ނުވިސްނާ ހުންނާކަށް އޭނާ ބޭނުމެއްނޫނެވެ.

ފަރުޒާނަ ފަދައިން އަމިއްލަ އެދުން ބޮޑުކޮށްގެން އެކަނި ތިމާގެ އަމިއްލަ އުފަލާއިމެދު ވިސްނުމަކީވެސް ރަގަޅުގޮތެއްނޫނެވެ. ނުބައި ނަތީޖާއެއް ނިކުމެދާނެއެވެ. ފަރުޒާނާ ވެސް އަމިއްލަ ދަރިފުޅުގެ އުފާތަކަށް ވިސްނާފައި އޭނަ އާއި ދަރިފުޅު ހަވާލުކުރިނަމަ ވީ ކީއްހެއްޔެވެ؟ އޭނަ ފަދަ ފިރިޔަކު އަދި ލޯބިވެރިޔަކުވެސް އަންހެންކުއްޖަކަށް ނުލިބޭނެއެވެ. އެހާވެސް ރައްކާތެރިކަމާއި ސަލާމަތްކަން އަދި ލޯބި ލިބޭނެއެވެ. އެކަމަކު ކުރާނެކަމެއްނެތެވެ.

ފަރުޒާނާވެސް އެކަމެއް ނުވިސްނިއެވެ. ހަމައެކަނި ސިއްރެއް އެނގުނުކަމަށްޓަކައި ފަރުޒާނާ އެހެރީ އޭނައާއި ޖައްސާލާފައެވެ. ދުޝްމިނަކަށްވެގެންނެވެ. ދާނިޝް ޖީނާއާއި ބައްދަލުކޮށްފައި ދިޔުމުން ފަރުޒާނާގަތީ އަމަށަކު ބިރެއްނޫނެވެ. އިތުރަށް އެންމެ މިނިޓަކަށްވެސް ހޮސްޕިޓަލުގައި ބާއްވާކަށް ބޭނުމެއްނުވިއެވެ. ވަގުތުން ދަރިފުޅު ގޮވައިގެން އައީ ގެއަށެވެ.

ސައްފޫރު ވެސް ހަވީރު ސަޔަށް އެގެއަށް އައެވެ. ވަރަށް ގިނައިރުވަންދެން ޖީނާއާއި އެކު ވަގުތު ހޭދަކުރިއެވެ. ސައްފޫރު ޖީނާގާތުގައި ފަރުޒާނާ މިހުރިހާ ދުވަހު ފޮރުވައިގެން އުޅުނު ސިއްރުހާމަކުރިއެވެ. ސައްފޫރު ދެކޭގޮތުގައި ދަރިފުޅަށް ހަގީގީ ބައްޕަ އެގެންޖެހޭނެއެވެ. އެއީ ދަރިންނަށް ލިބިފައިވާ ހައްގެކެވެ. އެ ހައްގު ނިގުޅައިގަތުމަކީ ކުދިންނަށް ދެވޭ ބޮޑު އަނިޔާއެކެވެ.

ޖީނާއަށް ލިބުނީ ވަރަށް ބޮޑުއުފަލެކެވެ. ބައްޕައޭ ކިޔައިގެން ވާހަކަވެސް ދެއްކިއެވެ. ވަގުތުން ރާހިލްއަށް ވެސް ގުޅިއެވެ. މިހުރިހާދުވަހު ރާހިލްއާއިމެދުވެސް އެހާ ޚާއްސަ ނަޒަރަކުން ބެލެވެމުން އައި ސަބަބު ޖީނާއަށް ކިރިޔާ ރޭކާ މިލީއެވެ. އެކަމަކުވެސް ދެބަފައިން ގަސްތުކުރީ އަދި ފަރުޒާނާއަށް އެކަން ނޭންގުމަށެވެ. ރޭގަޑު ކެއުމުގެ ކުރިން ނަމާދުކޮށްލަން ޖީނާ ކޮޓަރިއަށްވަނެވެ. ނަމާދުކުރުމަށްފަހު އަލީޒާއަށް ގުޅައިގެން ރީތިކޮށް ވާހަކަދެއްކިއެވެ. ހިތްހެޔޮކަމާއިއެކީގައެވެ. އޭރު އަލީޒާ ކޯޓަށް ދާންވެގެން ތައްޔާރުވަނީއެވެ.

އަލީޒާގެ ނަސީބާއިމެދު ހަސަދަވެރިނުވެވުނީ ކީއްވެގެންކަމެއް ޖީނާއަކަށްވެސް ނޭގުނެވެ. އަލީޒާ ފުރަތަމަ ފެނުނު ދުވަހުން ފެށިގެން ވަރަށް ގާތް ގުޅުމެއް އުފެދުނެވެ. އެހެންއެއްވެސްމީހަކާއި ނެތްފަދަ ގުޅުމެއް އެބައޮތްކަމަށް އިހުސާސްކުރެވުނެވެ. އަލީޒާ އުފަލުގައި ހުރުމަކީ ޖީނާއަށް ލިބޭ އުފަލެއްކަމަށް ހީކުރެވެން ފެށިއެވެ. ޖީނާ އަލީޒާއަށް ތަހުނިޔާ ކިޔުމަށްފަހު ނިންމާލަމުން ލަވްޔޫ އޭ ވެސް ބުނެލިއެވެ.

ސައްފޫރު ދިޔައީ ނުވައެއް ޖަހާބޮޑުވިފަހުންނެވެ. މަންމަވެސް އެނދުގައި ހަށިގަނޑު ޖައްސާލުމާއިއެކު މިރޭ ނިދިއްޖެއެވެ. ޖީނާ ގައިގާ ރަޖާއަޅާލައިގެން އޮށޯވެލައިގެން އޮވެ އޭނާގެ ޑައިރީގައި ރަތްކުލައިގެ ގަލަމަކުން ލިޔުނެވެ. މިއަދު ދާނިޝްއާއިއެކު ހޭދަކޮށްލެވުނު ވަގުތުކޮޅު އޭނައަށް ހީވީ ސުވަރުގެވަދެވުނުހެނެވެ. ބޭނުންވަރަކަށް އެ ރީތިމޫނުގައި ބޮސްދެވުނެވެ. ބައްދާލެވުނެވެ.

އެ އިސްތަށިގަނޑުގައި އަތްހިންގާލެވުނެވެ. އަތުގައި ހިފުނެވެ. އެއްގަޑިއިރުގެ ފޮނިފޮނި އުފާތަކެވެ. އެވަގުތު އުފަލުންގޮސް ހިތް ހުއްޓިދާނެހެނެވެސްހީވިއެވެ. ދުނިޔެ ރަންވެއޭ ބުނަނީ އެފަދަ އިހުސާސްތަކަކަށްވެސްވެދާނެއެވެ. ކޮންމެއަކަސް އެއީ ޖީނާއަށްވެސް ސިފަކުރުން ފަސޭހަވި ޖަޒުބާތެއްނޫނެވެ. އެ ރީތި ތުންފަތާއި ބާރުގަދަ އަތުގެ ހިމާޔަތަށް ޖީނާ އިތުރަށް ބޭނުންވީއެވެ.

ޖީނާއަށް ޔަގީންވީ މުޅި އުމުރުގައިވެސް ދެން އެހާ ރީތި ވަގުތުކޮޅެއް ނާންނާނެކަމެވެ. މިރޭ އަލީޒާއަށް ދާނިޝް މުޅިން މިލްކު ކުރެވުނީއެވެ. އޭނައަށްވެސް ދާނިޝްގެ ފަރާތުން ހިފެހެއްޓުމެއްނެތް ލޯތްބާއި އުފާތައްލިބޭނެކަން ގައިމެވެ. ޖީނާއަށް ވުރެ ހާސްބައި ގިނައިންނެވެ. އެކަމަކު އެކަމާއި ކުރެވޭނެ ޝަކުވާއެއްނެތެވެ.

އަލީޒާއަކީ އެފަދަ ނަސީބާއި ބާއްޖަވެރިކަން ހައްގު އަންހެންކުއްޖެކެވެ. އެހާރަގަޅު ހިތްހެޔޮ ކުއްޖެކެވެ. އެއްބަޑު އެއްބަފާކުއްޖެކޭ އެއްގޮތެވެ. އެފަދަ ދައްތައެއް ނުވަތަ ކޮއްކޮއެއް އޭނަގެވެސް ހުރިނަމައެވެ. ޖީނާއަށް އެންމެ ފަހުން ރޮވެންފެށިއެވެ. ދާނިޝްއާއި ވާހަކަދައްކާލާހިތުން ކެތްމަދުވަނީއެވެ. އެ ރީތި އަޑުއަހާލާހިތުން ކަންފަތް ބޭގަރާރުވަނީއެވެ. އެންމެ ފަހަރަކު ނަމަވެސް ދެކިލުމަށްވެސް އެދެވެނީއެވެ. އޭނައަށް ދާނިޝް ނުލައި ދިރިއުޅެވިދާނެހެއްޔެވެ؟

މިރޭ ދާނިޝް އޭނައަށް އެ ގެއްލިގެންދިޔައީއެވެ. މިރެޔަށްފަހު ދުނިޔެއަށް ހަމަޖެހިގެން އެންމެނޭވަޔެއްވެސް ލެވިދާނެހެއްޔެވެ. ކެތްކުރަންއުޅުނުވަރަކަށް ބޮޑަށް ރޮވެމުން ގިސްލެވެމުން ދިޔައެވެ. ނުރޯންވެގެން ރަޖާގައި ކިތަންމެބާރަށް ދަތްއެޅިނަމަވެސް ހިތުގެ ރިއްސުންބޮޑުވަމުން ދިޔައެވެ. ހޯސްލާފައި އޮހެމުން ދިޔަކަރުނުން ބާލީސް ތެމެމުން ދިޔައެވެ. އެންމެފަހުން ނޭވާހާސްވެގެން އެނދުގައި އޮތުމަށް ދަތިވެގެން އޭނަ ތެދުވެ ހެދުން ބަދަލުކުރިއެވެ.

މިއަދު ހޮސްޕިޓަލުގައި އޮތްއިރު ލައިގެންހުރި ހެދުން ނެގިއެވެ. އޭރުވެސް އެހެދުމުގައި ހިފާލާފައިވީ ދާނިޝް ގެ މީރުވަހެވެ. ޖީނާ އެ ކަޅުކުލައިގެ ޓީޝާޓާއި ޖިންސް ލުމަށްފަހު ދަބަހާއި މޮބައިލް ހިފައިގެން ބެލްކަންޏަށް ނުކުތެވެ. ބެލްކަނީގައި ދެކޮޅަށް ހިނގިނަމަވެސް ހިތަކަށް އެއްވެސް ހަމަޖެހުމެއް ނުލިބުނެވެ. އެންމެފަހުން ޖީނާ ގަސްތުކުރީ ހިގާލަން ދިޔުމަށެވެ. އަދި މާބޮޑަށް ދަންވީއެއްވެސް ނޫނެވެ.

ސިކިއުރިޓީގާޑް ތާއްޔާޖެހިޖެހި އިނެވެ. ޖިނާ ވަރަށް ފަސޭހައިން ގޭގެ ދޮރާށި ހުޅުވާލާފައި ނުކުމެގެން ހިނގައިގަތްއިރު ބިރުވެރިކަމުގެ އެއްވެސް އިހުސާސެއް ނުކުރެވެއެވެ. މިވީހާތަނަށް ރޭގަނޑު ގޭތެރޭގައި ވެސް އެކަނި އުޅެން ބިރުގަންނަކުއްޖާއަށް މިރޭ ވެފައި ހުރިގޮތެއްނޭގެއެވެ.

މިއީވެސް ލޯބީގެ ބާރުކަމަށް ވެދާނެއެވެ. ލޯތްބަށްޓަކާއި ވަކިވަރަކަށް ހިތްދީވާނާވުމުން އެހެން ހުރިހާ އިހުސާސްތައް ނެތިގެން ދަނީއެވެ. ތޮށިގަނޑުކައިރީގައި ފިރިހެންކުދިންކޮޅެއް ވާހަކަ ދައްކާލަން ތިއްބެވެ. ފިނިވައިރޯޅިތައް އޭނަގެ ކޯތާފަތް އިތުރަށް ފިނިކުރަމުން ދިޔައެވެ. ބިޔަ ރާޅުތައް ހުޅިނަގާލާފައި ތޮށިގަޑުމައްޗަށް ބިންދާލަމުންދަނީ ރުޅިވެރިގޮތަކަށެވެ.

ދުރުދުރަށްދާންދެން ކަނޑު ފެންނަން އޮތީ ކަޅުކުލައިގައެވެ. ހީވަނީ ކޮންމެވެސް އެއްޗެއް ދިރުވާލަފާން އުޅޭ މަޚުލޫގެއްހެނެވެ. އޭސީގެ ފިނީގައި ވަގުތުހޭދަކޮށްލާފައި އައިގޮތަށް ފިނިވައިރޯޅިތަކުގެ ހަމަލާތައް ކެޑިނޭޅިއަންނަން ފެށުމުން ޖީނާ ހީކަރުވާގޮތްވެ ރުރޫއަޅަންފެށިއެވެ.

އެވަރުންވެސް އޭނައަށް ދާނިޝްގެ ހަނދާންތަކާއި ވަތްކެއްނުވެވުނެވެ. އެންމެފަހުން ކެތްނުކުރެވިގެން ދާނިޝްއަށް ގުޅިއެވެ.

"ހޭއި ޖީން. ކޮންތާކު ތިއުޅެނީ؟ " ރާޅު ބިންދާއަޑު އިވިފާ ދާނިޝް އަހާލިއެވެ. "މޫދުކާރީގައި. ހިނގާލަން އައިގޮތަށް މޫދަށްބަލަހައްޓައިގެން މޮޔަވެފައި. ހަމަ މިސްވާވަރުން ގުޅާލެވުނީ................" ޖީނާގެ ލޮލުގައި ތާޒާ ކަރުނަ ގިނަވެގަތެވެ.

"މިގަޑީގައި އެކަނި؟ ޖީން. އަހަންނަށް ގަބޫލެއްވެސް ނުކުރެވޭ. ދަންތަ؟ " ދާނިޝް ކަންބޮޑުވާގޮތްވިއެވެ. ޖީނާ ގޯހެއް ހަދާފާނެތީ އޭނަ ހާސްވިއެވެ. ގަޑިއަށް ބަލާލެވުނެވެ. އަދި އެގާރަ ޖެހީއެވެ. އެކަމަކު ޖީނާ މިގަޑީގައި ގެއިން ބޭރުގައި އުޅުމުން އޭގައި ނުރައްކަލެއްވާކަން އޭނަގެ ހަވަނަ ހިއްސު އޭނައަށް އަންގަންފެށިއެވެ.

މީރާން އަންނާނެނަމައެވެ. "ހިތަށް އަރާ. އަދި ވަން ލާސްޓް ޓައިމް. އައި ތިންކް އައިމް އެޑިކްޓެޑް ޓު ޔޫ ޑޭން. އަހަރެން މޮޔަވީތަ؟"ހިތުގައިވި އެއްޗެއް ބުނާކަށް ޖީނާ ޖެހިލުމެއްނުވިއެވެ.

"ނޫން ޖީން މޮޔަވީކީނޫން. އަހަންނަކީ އިންސާނެއްގެ ސިފައިގާ ވާ ޑްރަގްއެކޭ ދޯ. ނޮޓް ބޭޑް.............ހެހެ...." ދާނިޝް ހުރީ ބުނާނެއެއްޗެއްނޭގިފައެވެ. އެކަމަކުވެސް އޭނަ ވާހަކަދެއްކީ މަޖާވެލާފައެވެ. ޖީނާވެސް ހީގަތެވެ.

"ސޮރީ ސޮރީ. މިވަރަށް އުދަގޫ މިކުރެވެނީ ވެޑިންނައިޓްގައި ދޯ. އެއްގޮތަކަށްވެސް ހަދާނެއްނެތް..............." ޖީނާ ހަގީގަތުގައިވެސް ކަންބޮޑުވިއެވެ.

ދާނިޝް އޭނަ ދެކެ ރުޅިއަތުވެދާނެކަހަލަ މޮޔަކަމެއްކުރާކަށް އޭނަ ބޭނުމެއްނޫނެވެ. "ނޫނޭ..އެއީ މައްސަލައެއްނޫން. ޖީން ބުނޭ...ކޮންތާކު ތިހިރީ؟ އަހަރެންވެސް ބޭރަށްދާންކަމަށް މިއުޅެނީ............ " ދާނިޝް ބޭނުންވީ ޖީނާ ހުރިތަނެއް އެގުމަށެވެ. އެކަމަކު ޖީނާ އެދުނީ އެލީ އެކަނި ކޮޓެޖަށް ދޫކޮށްލާފައި ނައުމަށެވެ.

އަލީޒާ ބިރުގަންނާނެކަމަށާއި އެކަން ދާނިޝް ހަނދާންނައްތާލައިގެން ނުވާނެކަމަށެވެ. ދެން ޖީނާ ބުނީ ދާނިޝް އޭނަދެކެ ލޯބިނުވާއިރު އޭނަ ހުންނަތަނެއް ބެލުން މުހިއްމުވާކަށް ކޮންމެހެން ނުޖެހޭނެކަމަށެވެ.

އަދި ޖީނާ އެހާ ބަލިވުމުން އެރޭ ދެކިލަންވެސް ނައިކަމަށާއި އެންމެން އެވަރަށް ރުއި އިރުވެސް ދާނިޝް ދެރަވިކަމެއްވެސް ނޭގުނުކަމަށެވެ. ދާނިޝް އެރޭ ކަންތައްވީގޮތް ކިޔާދިނެވެ. އޭނަޖީނާ ދެކެ ލޯބިވާކަމަށާއި ދިމާވެފައިވާ މަޖުބޫރީގެ ސަބަބުން އެކަން ހުއްޓާލަން މަޖުބޫރުވީކަމަށެވެ. ވިސްނާލާފައި ދާނިޝް ވާހަކަ ދެއްކީ ޖީނާހިތް ހަމަޖައްސާދޭން އެވަގުތު ފެނުނު އެންމެރަގަޅަށެވެ. މިވަގުތު އަލީޒާއާއި ކާވެނިކުރިޔަސް އޭނަ ގެ ހިތަކީ ޖީނާގެވެސް މިލްކެއްކަމަށް ބުންޏެވެ.

"އެކަމަކު އެލީވެސް ވަރަށް ލޯބިވޭ ޑޭން ދެކެ. އީނަ މަގޭ ގާތުގައި ބައިވަރު ވާހަކަކިޔާދިން.. ޑޭން އެލީއަށް ދެރަގޮތެއްނަހަދާތީ. ޑޭން އަކަށް ނޭގޭނެ. އެލީ އާއިމެދު ވިސްނެނީ ސިސް އެއް ގެ ގޮތުގައި................" ޖީނާ އެންމެ ކުޑަވެގެން އަލީޒާ އެ ނޫކުލައިގެ ފިނިފެންމާ ކޮޅާއިގެން އުޅޭވަރާއި ދިވާނާވެފައި ހުންނަވަރު ދާނިޝްއަށް ކިޔާދިނެވެ.

ކޮންމެއަކަސް ދެކެވެމުން ދިޔަ ވާހަކައިގެ ތެރޭގައި ޖީނާ މިރޭގެ ހާދިސާތައްވެސް ކިޔާދިނެވެ. ހަގީގީ ބައްޕަ އެގުމުން ވަރަށް އުފާވާކަމަށާއި އަބަދުވެސް މައުމޫންއަށްވުރެ ސައްފޫރު ދުރުގައި ހުއްޓަސް ގާތްކަން އިހުސާސްކުރެވޭކަމަށް ބުންޏެވެ.

އެންމެ ފަހުން ދާނިޝް ވެސް ޖީނާއާއި ވަރަށް ޚާއްސަ ސިއްރެއް ހިއްސާކޮށްލިއެވެ. އެއީ ކޮންމެހެންވެސް މިރޭ ޖީނާއަށް އެގެންޖެހޭ ސިއްރެއްކަމަށް ދާނިޝްގެ ހިތް އޭނައަށް އިންޒާރުކުރިއެވެ.

މިރޭގެ ނުރައްކާތެރި ސިގްނަލް ތަކުގެ ސަބަބުން އެންމެފަހުން ކަންބޮޑުވިވަރުން ދާނިޝް ފޯނުން ވާހަކަ ދައްކަމުން ގޮސް ސައިކަލަށް އެރިއެވެ. ހަމަ ޖީނާ ގޯހެއްހަދާފާނެކަމަށް ހިތް ބުނަނީއެވެ.

ދާނިޝް ސައިކަލްމަތީގައި އިންއިރުވެސް ޖީނާ ހީހީފައި ރީތިކޮށް ވާހަކަ ދެއްކިއެވެ. އެކަމަކު ކުއްލިއަކަށް ގުޅުން ކަނޑައިގެންދިޔުމުން ދާނިޝް ނުތަނަވަސްވި އެވެ. ޖީނާގެ ފޯނަށް ގުޅޭތޯ އޭނަ މަސައްކަތްކުރިއެވެ. މެސެޖް ލިބެނީ ފޯނު ނިވާލާފައިކަމަށެވެ.

ކޮމެންޓް 0