" އިރުއޮއްސުމާއި އެކު އަލީޒާ މަޣުރިބު ނަމާދުކޮށްލިއެވެ. އިރުކޮޅަކަށް ގުރުއާން ކިޔަވަން އިނުމަށްފަހު އޭނަ ބޭރަށް ނުކުތްއިރު ދާނިޝް އިނީ ސޯފާގައި ފޯނެއްގައެވެ. ކޮޓަރީގައި ދިއްލާފައިވަނީ ފްރޭމަކަށް ލާފައިވާ އިލެކްޓްރިކް ރަތް އައްޔެކެވެ. އެ ރަތް އަލީގައި ދާނިޝް ފެންނަލެއް ރީތިކަމުން ދެވަނަ ފަހަރަށް ބަލާލަން ހިތްއެދުނަސް އަލީޒާއަކަށް ނުކެރުނެވެ. އޭނަ ތަންކޮޅެއް ދުރުގައި ހުރި ސޯފާއެއްގައި އިށީދެ އުނގުގައިވާ ބާލީހާއި ކުޅެލަކުޅެލާ އިނީއެވެ. އޭރު އަލީޒާ ހަދާންވަމުން ދިޔައީ މާޒީގެ އެކިޚާއްސަ ރީތި ވަގުތުތަކެވެ. އެހަދާންތަކެވެ. އެ މެޖިކް ކިސް އެވެ. ހިތަށް އަރުވާލުމުންވެސް ހަށިގަނޑަށް ބަޔާން ކުރަން ދަތި އަސަރުތަކެއް ކުރުވިއެވެ.
ފަސްވަރަކަށް މިނެޓްފަހުން ދާނިޝް އަލީޒާއާއި ދިމާލަށް ބަލާވެސް ނުލާ އަނެއްކާ ގެއަށް ވަނެވެ.
" ވަޓްސް ރޯންގް. ވެގެން އުޅޭގޮތެއް ބުނެދީބަލަ ޕްލީޒް....ހިތް ހަލާކު އެބަވޭ. އަނގައިން ހަމަ ނުބުނާނީތަ....." އަލީޒާގެ އެ ޖުމްލަތައްވީ ހިތުގައެވެ. ބުނެލާނެ ހިތްވަރެއްނުލިބުނެވެ. އަލީޒާގެ ލޮލުން ކަރުނަ ހިލޭގޮތްވިއެވެ. އޭނަގެ މަންމަ ބުނާފަދައިން އޭނައަކީ ސުންޕާކުއްޖަކީހެއްޔެވެ؟ މިވަނީ ކިހިނެއްހެއްޔެވެ؟ ކުއްލިއަކަށް ކޮންމެވެސް މީހަކު ދޮރުމައްޗަށް އެރިއެވެ. އަލީޒާއަށް ހަޅޭއްލަވައިނުގަނެވުނީ ކިރިޔާއެވެ. އަނގަމަތީގައި އަތް އެޅުނެވެ. އަލީޒާ ދާނިޝްއަށް ގޮވަން އަނގަ ހުޅުވާލިނަމަވެސް އަޑުބޭރެއްނުވިއެވެ. ގަނޑުވެފައި ސިކުންތުކޮޅަކަށް އިދެވުނެވެ. އެއާއިއެކު ދޮރުމަތިން ހަމަ ފަޅި ސިކުންތުކޮޅަކުން އެ މީހާ ގެއްލުނެވެ. އެރީ ހަވާއަށްކަމަށް ނޫނީ ވަނީ ބިމަށް ކަމެއްވެސް ނޭގުނެވެ.

އެއީ ކުރީރޭ ކާރުގެ ކުރިމައްޗަށް އެރި ރީތި ޒުވާނާއެވެ. ކާރުގައި ޖެހި ވިއްސައިގެން ދިޔަނަމަވެސް އެއްވެސް އަނިޔާއެއް ނުލިބި ސަލާމަތްވީވެސް މުއުޖިޒާތެއް ފަދައިންނެވެ. އަލީޒާއަށް އެ ސިކުންތުކޮޅު އެ ލޯ ފެނުނީ ވިދަމުންދާ ދެތަރި ފަދައިންނެވެ. އުޑުމަތީގައި ވިދާބަބުޅާ ނޫކުލައިން ފިޔަޖަހާ ތަރިއަކާ އެއްވެސް ތަފާތެއްނެތެވެ. ހާދަ ރީއްޗެވެ. އެއީ ކާކުހެއްޔެވެ؟ އޭނަގެ ލޮލަށް ސިފަވީކަމެއްހެއްޔެވެ؟ ނޫނެވެ. އޭނަ މިއިނީ ހަމަ ހޭގައެވެ. ބިރުންއިންވަރުން އަލީޒާކަޅިވެސް ޖަހާނުލާ ދޮރާއި ދިމާލަށް ބަލަހައްޓައިގެން އިންއިރު އަތުގައި ވާ ކުދި ބާލީސް މޭގައި އަޅާ ބާރުކޮށްލެވުނީ ހިތުގެ ތެޅުން މަޑުކޮށްލެވޭތޯއެވެ. ދެވަނަފަހަރަށް އެ ވިދާ ތަރިހެންހީވާ ދެލޯ ހުރި ގޮތްނޭގޭ މީހާ އަތުވެދާނެކަމަށް ހީކުރެވޭތީއެވެ.

އަލީޒާ އެންމެ ބިރުގަތީ އެ ޒުވާނާ އާއި ދާނިޝް ގެ ގުޅުމެއް އޮތްކަން ޔަގީންކުރެވޭތީއެވެ. އެހެންނޫންނަމަ އެއީ އޭނައާއި އަވަލައިގެން އުޅޭ ޖިންނިއެއްކަމަށްވެސް ބެލުނީހެވެ. ދާނިޝް ގެ ހަރަކާތްތަކާއި އެ ބީރައްޓެހިކަމުގެ ސަބަބުން ދާނިޝް އާއި އިސްވެ އަގައިން ބުނެލާކަށް އަލީޒާއަކަށް ނުކެރެއެވެ. ޖެހިލުންވެއެވެ. އެހެންނޫންނަމަ އެއީ ދާނިޝް އާއި ކިހާވަރެއްގެ ގުޅުމެއް އޮތްކާކުކަން އެގުނީހެވެ. އެކަމަކު އެއީ ހާދަ ތަފާތުމީހެކެވެ. ލޮލަށް ލެންސެއްލައްވާފައި ހުރީހެއްޔެވެ؟ ލޮލަށް އަލި އެޅުނީމަ އޭނައަށް ފެނުނުގޮތްހެއްޔެވެ؟ ކޮންމެގޮތެއް ވިޔަސް ގައިން ހީބިހިހަލުވާލާހާ ބޮޑަށް ބިރުގަންނަވާލައިފިއެވެ. އެއީ ކާކުކަން އެގުން އޭނައަށް ވަރަށް މުހިއްމެވެ. އެހެންނޫނީ ހަމަޖެހިލައިގެން މިގޭގައި އުޅުމަކީ ފަސޭހަކަމަކަށް ނުވާނެއެވެ.

ދާނިޝް މިވަގުތު ވާނީ ކޮޓަރީގައެވެ. އަލީޒާ އޭނަގެ ފަހަތުން ކޮޓަރިއަށް ގޮއްސިއްޔާ ކޮށްލާނެ ޖެއްސުމެއް ބުނެލާނެ އެއްޗެއްވެސް އެގެނީކީނޫނެވެ. އޭނައަށް ދާނިޝް ކޮޓަރީގައި އުޅެނިކޮށް ހަމަ ހިލާވަންނާކަށް ނުކެރޭނެއެވެ. ކުރަންވީ ސުވާލުތައް ގިނަކަމުން ސިކުނޑި ފުނިޖެހެމުންދާން ފެށުމުން އެ ސުވާލުތައް ނޯޓްފޮތެއްގައި ލިޔެލަންވެސް އޭނާ ބޭނުންވިއެވެ. އޭރުން ހަދާން ހުންނާނެތާއެވެ. ކުއްލިއަކަށް އަލީޒާ ސިއްސައިގެން ދިޔައީ އެ ހިމޭންކަމުގެ ތެރެއިން ދާނިޝްގެ އަޑު އިވުމުންނެވެ.
" އަލީޒާ......................" އަލީޒާ އެހާބޮޑަށް ސިއްސައިގެން ދިޔައީ ފިޔަވަޅުގެ އަޑުނީވި ދާނިޝް އައުމުންނާއި ބިރުން އިންދާ ދާނިޝް ކުއްލިއަކަށް ގޮވާލީމައެވެ.
" ލައްބަ..........." އަލީޒާ ގެ ރީތި ލޮލުގައި ވަނީ ސިހުމެވެ.
" ކިހިނެއްވީ؟ ހާދަ ބިރުގެންފައި؟ " ދާނިޝް ބުމައަރުވާލިއެވެ. އޭނަ އެހާމަޑުން ގޮވާލުމުން އެވަރަށް ސިއްސައިގެން ދާކަށްވެސް ނުޖެހޭނެތާއެވެ. ކޮންމެވެސް ކަމެއްވެއްޖެއެވެ.
އަލީޒާ އެވާހަކަ ބުނަން ބޭނުން ވިޔަސް ދުލުގައި ތަޅެއްލެވިފައިވާ ފަދައެވެ. ރޭގަނޑު އެފަދަ މަޚުލޫގުންގެ ވާހަކަ ދެއްކުމަކީ ރައްކާތެރިކަމަކަށް ނުވެ ހިގައިދާނެއެވެ. އެކަމަކު ދާނިޝްއަށް ކޮންމެހެންވެސް ޖަވާބެއް ދޭންވާނެއެވެ. މި ހިލޭކަމާއި ބީރައްޓެހިކަން މިއަށްވުރެ ފުންވާންވެއްޖެއްޔާ އޭނަ ލަދުން މޫނު ބުރުގާއަޅަންވެސް ޖެހިދާނެއެވެ.
" އެވަރަށް ސިއްސައިގެން ދިޔައީ ކީއްވެ؟" ދާނިޝް ދެވަނަފަހަރަށް އަހާލިއެވެ.
" ނޭގޭ. ކުއްލިއަކަށް ކޮންމެވެސް މީހަކު ދޮރުމައްޗަށް އަރާފައި ގެއްލުނީ. ލޯ ވިދިގޮތުން ހީވީ ކައިރިން ތަރިއެއް ފެނުނުހެން........................." ދާނިޝް އޭނަގެ ފިޑިވަރު ދަންނާނެއެވެ. ކޮންމެވެސް ޖޯކެއް މިވަގުތު ޖަހާނެނަމައެވެ. މަލާމަތްކުރަންވެސް ވާހަކަ ދައްކާނެނަމަ އޭނައަށްވެސް ކުޑަ ހިތްވަރެއްލިބުނީހެވެ. މި ގަނޑުފެން ވިރުވާލަން އޭނަ ބޭނުމެވެ. އެހެންނޫނީ އޭނަ މޮޔަވެދާނެއެވެ.

ދާނިޝް އަށް ވަގުތުން ވިސްނުނެވެ. ކުޑަކޮށް ބުމަގޮށްޖަހާލާފައި ތުންފަތުގައި ދަތްއަޅާލިއެވެ. ކިތަންމެވަރަކަށް އިންޒާރު ދިނަސް އަދިވެސް އަންނާނެކަން ގައިމެވެ. އަލީޒާގެ ހިތުގައި މިވަގުތު މިގެއާއި ދޭތެރޭ އެއްވެސް ޝައްކެއް ވަހުމެއް ވަންނާކަށް އޭނަ ބޭނުމެއް ނޫނެވެ. 
" ދޮރުލައްޕާ ނުލާހުރީމަ މީހުންވެސް އަންނާނެ ދޯ. ކަންބޮޑުނުވޭ................" ދާނިޝް ޔެލޯ ލައިޓްތައް ޖައްސާލައިފިއެވެ.

 

"ބަނޑުހައިވަންޏާ މި ނަމްބަރަށް ގުޅައިގެން އޯޑަރކޮށްގެން ބޭނުން އެއްޗެއް ގެނުވާ................." ދާނިޝް ދިއްކޮށްލީ ފައްސަތޭކަ ރުފިޔާގެ ނޫޓްބޮޑިތަކާއި ކަރުދާސްކޮޅެކެވެ. އަލީޒާއަށް މަޖުބޫރުވީ އޭގައިހިފުމަށެވެ. އެވަގުތުވެސް ދާނިޝް ގެ އިނގިލިތައް އޭނަގެ ހަމުގައި ބީހުނެވެ. އަލީޒާގެ މުޅިހަށިގަނޑުގައި ބުނެދޭން ނޭގޭފަދަ ރާޅުބާންޏެއް ދަތުރުކޮށްލިއެވެ. ހާދަ އަރާމުވިއެވެ. ސިކުނޑިވެސް ތާޒާކުރުވިއެވެ. އަލީޒާގެ ހިތަށާއި ފުރާނައަށްވެސް މީރުކަމެއްލިބުނެވެ. ކޮންފަދަ ވަރުގަދަ ޖާދުވީ އަސަރުތަކެއް ހެއްޔެވެ؟ ލޯބިންގޮސް ދީވާނާކުރުވާފަދަ އަސަރުތަކެއް ހިތުގައި ހިލުވާލިއެވެ. އެންމެ ބީހިލުމަކުންވެސްމެއެވެ. ދާނިޝްއަށް އެކަން އެގޭނެހެއްޔެވެ؟
ދާނިޝް އިރުކޮޅަކަށްވެސް މަޑުކޮށްނުލާ އަނެއްކާ ދިޔައީ ކޮޓަރިއަށެވެ.

ހާދަ ފިޑި. ލަދަކާހުރެ ތަދެއް ނުފިލާނެ. ލޯބިވާ ވާހަކަ މެސެޖަކުންވެސް އަންގާލެވިދާނެއްނު. އަގައިން ބުނަން ޖެހިލުންވަންޏާ މެސެޖެއްވެސްކޮށްލެވިދާނެ..." އަލީޒާފިނިވެފައިވާ އަތްތިލަ އުގުޅާލަމުން ހިތިގޮތަކަށް ހީލިއެވެ. މުޅިންވެސް ޚިޔާލީފޮލައެވެ. އޭނައަށް އެއްގެއެއްގެ ތެރޭގައި ހުރެގެން މިފަދަ މެސެޖެއްވެސް ފޮނުވާލާކަށް ނުކެރޭނެއެވެ. އަލީޒާ އަމިއްލަ ނަފުސަށް މަލާމާތްކުރިއެވެ.

އަލީޒާއަށް ދެން ބަލައިލެވުނީ އެ ކަރުދާސްކޮޅަށެވެ. ދާނިޝްގެ ރީތި ލިޔުމެވެ. އަލީޒާ އެ ކަރުދާސްކޮޅުގައި ބޮސްދިނެވެ. ލޯބިވެރިޔާގެ ފަރާތުން ލިބޭ ހުސް ކަރުދާސްކޮޅުވެސް އޭނަގެ ގާތުގައި ޖަވާހިރަކަށްވުރެ އަގުބޮޑެވެ. މިއީވެސް އުމުރަށް ރައްކާ ކުރެވޭނެ ހަދާނެކެވެ. އެކަމަކު ފައްސަތޭކަ ނޫޓްގެ ބޮނޑި ގުނާލުމުން އޭނަ ކަންބޮޑުވިއެވެ. މުޅި ވިހިހާސް ރުފިޔާއެވެ. ހާދަ ބައިވަރު ލާރިތަކެވެ. މިއިން އޭނަ ކުރާނީކީއްހެއްޔެވެ؟ މިވަރަށް ދާނިޝް އޭނައަށް ލާރިދިނީ ކީއްވެއްހެއްޔެވެ؟ އަލީޒާ ލާރި ގުނަންއިންދާ އެހެންމީހަކު ގެއަށް ވަނެވެ. އެއީ އަލީޒާގެމަންމަ ސާއިރާއެވެ. ލާރި ފެނުމުން ސާއިރާގެ ކުޑަކުޑަ ދެލޮލުން ފެނުނީ ދަހިވިދުވަރެކެވެ. އޭނަ މިގެއަށް މިއައީވެސް ލާރިކޮޅެއް ހޯދުމުގެ ބޭނުމުގައެވެ. ސާއިރާގެ ބައްޕަ މާލެ އަންނަންއުޅެނިކޮށް މާބޮޑަށް ބަލިވެގެން ސިއްހީ މަރުކަޒުގައި އެޑްމިޓްކުރެވިފައިވާކަން އަލީޒާއަށް ވެސް އެގޭނެއެވެ. އެއީ ބަހަނާއަކަށް ހެދިދާނެއެވެ. ނަސީބަކުން މިޖައްސާލެވުނީ އެންމެ އެކަށީގެންވާ ދަޑިވަޅުގައެވެ. ލާރި ފުންޏެއްގެ މެދަށެވެ. އޭނަގެ ނަސީބުގެ ތަރި އުޑުގެ މެދުގައި ފިޔަޖަހަންފެށީއެވެ.

ސާއިރާ ފުރަތަމަވެސް އަލީޒާ ގެ ހުން މުޅިން ރަގަޅުވެއްޖެތޯ އާއި އެދުވަހު ސާއިރާ ކަންބޮޑުވިވަރު ކިޔާދޭންފެށިއެވެ. އެދުވަހު ހުރި ޑޮކްޓަރާއި ދިމާލަށްވެސް ދުލަށްއައިހާ އެއްޗެއް ގޮވާލެވުނުކަމަށާއި އަލީޒާ ސަލާމަތްކުރަން އޭނަ ނުކުރާ މަސައްކަތެއް ނެތްކަމެވެ. ކެއުމެއް ބުއިމެއް ނަމާދުކުރުމެއްނެތި އަލީޒާ ގާތު ހުރިކަމަށް ބުންޏެވެ. އޭނަގެ ބައްޕަ ވެސް ހުންގަޑުޖެހުނީ އަލީޒާގެ ބަދުނަސީބުކަމުން ކަމަށާއި އެހެންނޫންނަމަ އެރޭ ބައްޕަ މާލެ އަންނާނެކަމަށާއި ކެލާ ޖެހުމުން ވަގުތުން އަލީޒާގެ ހުންފިލައިގެން ދިޔައީސްކަމަށް ބުންޏެވެ. ދުރުދުރުންފެށި ވާހަކަތައް މަޑުމަޑުން މިސްރާބު ބަދަލުވަމުން އައިސް އަލީޒާ ނެތުމުން ދަތިވާކަމަށާއި އަލީޒާގެ ކައިވެންޏަށް ޚަރަދުކޮށް އަތްމަތި މުޅިން ހުސްވެފައިވާކަމަށް ބުނެ ސާއިރާ މިގެއަށް އައި ބޭނުން އަލީޒާއަށް އެންގިއެވެ. އަލީޒާ މިހާ މުއްސަދި މީހަކާއި އިނުމުން އެމީހުނަށް އެއްވެސް ފައިދާއެއް ނުވިކަމަށާއި މައިމީހާޔާއި ދޭތެރޭ މިހެންހަދާފައި އަލީޒާއުފަލުގައި އުޅެން ހެޔޮނުވާނެކަމަށް ބުންޏެވެ. މިލިޔަނަރެއްގެ ގޭގައި ދަރިފުޅު ހުރުމުގެ އުފަލާއި ފައިދާ އޭނައަށްވެސް ލިބުން ހައްގެވެ. އެމީހުން ނިކަމެތިވީމަ މި އާއިލާމީހުނަށް އެމީހުނާއި އަގައިން ބުނުމަކީވެސް ދަށުދަރަޖައަކަށް ވެއްޓިދާނެކަމެއްހެން ހީވަނީހެއްޔޭވެސް އަހާލިއެވެ. އަލީޒާއަށް ރޮވޭގޮތްވިއެވެ. އޭނަ އާދޭސްކޮށްގެން އެވާހަކަ ހުއްޓުވިއެވެ. މަންމަ ނަމަވެސް އޭނަގެ ފިރިމީހާޔާއި ދިމާލަށް ޒައްރެއްގެ މިންވަރު އެއްޗެކޭ ބުނާއަޑު އަހައިގެންވެސް ކެތެއްނުކުރެވޭނެއެވެ. އެހާވެސް ބޮޑަށް އޭނަގެ ހިތުގައި ޖެހުނެވެ.

ސާއިރާ ކުރުނުކޮށް ކިޔައިގެން އަލީޒާއަތުން ދިހަހާސް ރުފިޔާ އަތުލިއެވެ. އަލީޒާ ނުދިފިއްޔާ ދާނިޝް އާއި ބައްދަލުކޮށްފައި އާދޭސްކޮށްގެން ނަމަވެސް އެވަރަށް ހޯދާނެކަމަށް ކިޔަން ފެށުމުން އަލީޒާއަށް ގޮތްހުސްވީއެވެ. ދިހަ ހާސް ރުފިޔާ ލިބުމުންވެސް ސާއިރާގެ ހިތްފުރޭވަރެއްނުވިއެވެ. އޭނާ ދިޔައީ ހިތުގެ ބައްޓަމަށްވާ ކުޑައުއްބައްތިއަކާއި މޭޒުމަތީގައި ހުރި ބިއްލޫރިބަރެއް ހިފައިގެނެވެ. ދާނިޝްގެ ހުއްދަނެތި މަންމަ އެއްޗެހި ގެންދާތީ ކަންބޮޑުވި ވަރުން އަލީޒާ ކުރި އާދޭސްތަކަށް ފަރުވާލެއްނުބަހައްޓާ ސާއިރާ ދިޔައީއެވެ. އޭނަ ދެކޭގޮތުގައި މިފަދަ ބޮޑު ޚަޒާނާއަކުން މިވަރުގެ އެތިކޮޅެއްގެންދިޔަސް ދާނިޝްއަށް އެގުމެއްނުވާނެއެވެ. އަލީޒާ ކަމަކާ ނުލައި މާބިރުގަންނަނީއެވެ.

ސާއިރާދިޔުމުން އަލީޒާ އިރުކޮޅެއްވާނެދެން ފިކުރުބޮޑުވެ ހަދާނެގޮތްހުސްވެފައި އިނެވެ. މަންމަގެ މިޒާޖު ހުންނަގޮތުން ކަންބޮޑުވެ ލަދުގަންނަންވެސް އެބަޖެހެއެވެ. މަންމަ މިގެއަށް އަންނަ ކޮންމެފަހަރަކު ސިއްރު ސިއްރުން އެއްޗެހި ގެންދާކަން އެގިއްޖެއްޔާ ދާނިޝް ހާދަ ފޫހިވާނެއެވެ. ދަހި ބަޔެކޭވެސް ހިތަށް އަރާފާނެއެވެ. އަދި މަންމަ ފުރަތަމަ ދުވަހު މިވަރު އަރުވާލައިފިއްޔާ ފަހުން ސަލާމަތެއް ނުހުންނާނެއެވެ. އެކަމަކު އެއީ އޭނަ ގެ ލޯބިވާމަންމައެވެ. ގެންގުޅެބޮޑުކުރި މައިމީހާއެވެ. ރުޅިގަދަވާވަގުތު ސުންޕާ ނަހަލާލު ދަރިއޭކިޔައިގެން އެއްޗެހި ކިޔަސް ބައެއްފަހަރު ހެޔޮކޮށް ހިތައެވެ. މަންމަގެ މިޒާޖުގައި ހުންނަގޮތަކުން އަވަށްޓެރިން ވެސް ބިރުގަނެއެވެ. އެއީ މުޅިންވެސް ނިކަމެތި ހާލުގައި ފަގީރު ދިރިއުޅުމެއްގައި ބޮޑުވުމުގެ ސަބަބުން ހަރުލީ ސިފަތަކެވެ. ހަމަ ކުއްލިއަކަށް" އައިސްގޭޓް" ފަދަ ގެއަކަށް ވަދެވުނީމާ މަންމަމެންވެސް ހުވަފެންތަކެއް ދެކޭނެއެވެ. ދަރިންބޮޑެތިވުމުން އެ ދަރިންގެ ފަރާތުން ލޯތްބާއި އަޅާލުން އަދި ހިދުމަތާއި ފަސޭހަތަކަށް ހުރިހާ މައިންބަފައިންވެސް އެދޭނެއެވެ. މިހާރުއޭނަ މިހިރީ މަންމަމެންގެ ހުވަފެން ހަގީގަތަކަށް ހަދާދެވޭނެ ފަދަ މަގާމެއްގައެވެ.އެކަމަކުވެސް


އޭނައަކީ ކޮޓެޖް ގެ މިވަގުތު ރާނީހެއްޔެވެ؟ ނުވަތަ ދުވަސްކޮޅެއްގެ މެހުމާނެއްހެއްޔެވެ؟ ދާނިޝް އޭނައާއި ކާވެނި ކުރި ސަބަބު ކިތަންމެ އެނގެން ބޭނުންވިޔަސް އަދި މިއުޅެނީ އަހާލާނެ ފުރުސަތެއް ނުލިބިގެންނެވެ. ކިތަންމެ ސުވާލުތަކެއް ހިތުގައިވެއެވެ. އެކަމަކު ދާނިޝްއާއި ސުވާލުކުރަން ނުކެރޭއިރު އީނާއާއި މިވާހަކަ ހިއްސާކޮށްލާކަށްވެސް ބޭނުމެއްނުވިއެވެ. ދާނިޝްއަކީ ހަމައެކަނި އޭނަގެ ލޯބިވެރިޔާއެއްނޫނެވެ. ފިރިމީހާވެސްމެއެވެ. ދާނިޝް ގެ އަގުވެއްޓޭފަދަ އެއްވެސް ވާހަކައެއް އޭނަ އެއްވެސް މީހެއްގެ ގާތު ނުދައްކާނެއެވެ. މުޅި އުމުރު މިގޮތުގައި ހޭދަކޮށްލަންޖެހުނަސް އޭނަ ސިއްރުކުރާނެއެވެ.


ކެއުމަށް އޯޑަރު ދިނުމުގެ ބަދަލުގައި އަލީޒާ ގަސްތުކުރީ މިރެއަށް ކޮންމެވެސް އެއްޗެއް ކައްކާލުމަށެވެ. ނޫޑުލްސްފަދަ ފަސޭހައިން ތައްޔާރުކުރެވޭ އެއްޗެއް ހަދާލެވިދާނެއެވެ.
ކާކޮޓަރިއާއި ބަދިގެވެސް ގޭގެ އެހެންބައިތައް ފަދައިން ހިތްގައިމެވެ. ރީއްޗެވެ. ތަނަވަހެވެ. ކަބަޑްތަކުގައ ނަންހުސްކޮށް ކައްކަން ބޭނުންވާނެހާ ސާމާނު ހުއްޓެވެ. ފްރިޖްވެސް ވަނީ ބަރާވެފައެވެ. ޗޮކްލެޓް އަދި އައިސްކްރީމްގެ ތަފާތު ވައްތަރު ފެނުމުން އަލީޒާ ގެ ކުޅުދިޔާވިއެވެ.
އަލީޒާވަރަށް ހިތްހަމަޖެހިލައިގެން ހުރެ މަހާއި ތަރުކާރީއިން ނޫޑުލްސްހެދިއެވެ . ރަހަ ވަރަށް މީރެވެ. ކުޅުދިޔާވަފަދަ މީރުވަހުން ބަދިގެ އެއްވަސްވިއެވެ. އަތްމަތި ހަލުވިކޮށް ތެލިތަށިތައް ދޮވެހަދާ ބަދިގެ ސާފުކޮށް އޮފްއަރުވާލުމަށްފަހު އަލީޒާ ގަސްތުކުރީ ދާނިޝްގާތު ކާންއަންނަން ބުނުމަށެވެ.

އަލީޒާ ކޮޓަރީގެދޮރުގައި ޓަކިދިނީ އެތެރޭގައި ހުރިމީހަކަށް އެގުންވެސް ނުވާނެހާ މަޑުންނެވެ. ނުހަނު ޖެހިލުންވެ ފިނިވެފައި ހުރެއެވެ. އޭނަގެ ހިތްވަނީ އަވަސްވެފައެވެ. ހަމަޖެހިލަން މަސައްކަތްކުރަމުން ފުން ނޭވާތަކެއްލިއެވެ. ކަންބޮޑުވާންވީ ކީއްވެހެއްޔެވެ؟ ކާންހަދާފައި ހުރިވާހަކަ ބުނުމުން ދާނިޝްވެސް ހިތްހަމަޖެހޭނެއެވެ.

ކޮމެންޓް 0