" "ތިއީ ދޮގެއް.." މިވީހާ ތަނަށް ސަމާސާ އަކަށް ވެސް ދޮގެއް ހަދާފައިނުވާ ފަރާތަކުން މިފަދަ ވާހަކަ އެއް ހަދަހަދައިގެން ނުދައްކާނެކަން ޔަގީން ކުރެވުނަސް ދާނިޝް އަށް ބުނެވުނެވެ.
"ހެހެ...ވިސްނާލައިފިއްޔާ އެގޭނެ. އާފްޓަރ އޯލް ޔޫ އާރ އެ ބްރެއިން ސާރޖަން. އެހެން މީހުން ގެ ސިކުނޑިތަކާއި ކުޅެން ނޫޅެ އަމިއްލަ ސިކުނޑި ބޭނުންކޮށްބަލަ. އަހަރެން ދަނީ. ލަވް ޔޫ ބްރަދަރ..." އެ ޒުވާނާ ދާނިޝްގެ ކޯތާފަތުގައި ލުއިގޮތަކަށް ބޮސް ދިނުމަށްފަހު ސަމަސާ ގޮތަކަށް ސޯފާ ސެޓާއި ދިމާލަށް ކޮށްޕާލާފައި ދޮރުލައްޕާލައިފިއެވެ.

"އޭ...މީރާން...މީރާން...މަޑުކޮށްބަލަ..." ދާނިޝް އަދި އިތުރަށް އެވާހަކައިގެ ތަފްސީލު ހޯދަން ބޭނުންވިއެވެ. އޭނަ ވިދުވަރެއްހާ ހަލުވިކޮށް ދޮރުހުޅުވާލިއިރު މީރާން ފެންނާކަށް ނެތެވެ. އޭނާ އަޑުކޮޅަށް މީރާން އަށް ގޮވަމުން ގޯތިތެރެއާއި މަގުގައި ދުވިއެވެ. ދަންވަރު އެ ހިމޭންކަމުގައި ދާނިޝް ގެ އަޑު މިޔުޒިކެއް ފަދައިން ފަޒާގައި ގުގުމާލާފައި ހުއްޓެވެ. މުޅި ހިސާބު އޮތީ ހިމޭންކޮށެވެ. އިންސާނެއް ނުވަތަ ސޫއްޕެއް ގެ އަޑެއްވެސް ނީވެއެވެ. މުޅިން ފަޅުކަމާއި ނާމާންކަމެވެ

"މީރާން. ކުޅި ދައްކާލާނަން ކުޑަކުޑަ ބާރެއް ލިބިފައި ހުރީމާ މާ ބޮޑާ ވަނީ...." ދާނިޝް ހިތާހިތުން ކިޔާލިއެވެ. މިރޭ ދެން މީރާންގެ ޚަބަރެއް ނުވާނެކަން އޭނައަށް ޔަގީންވިއެވެ. ތަޅުވާލަން ވަރަށް މޮޅެވެ. ހިތް އަވަސް ކުރުވާފަދަ އާ ޚަބަރެއްދީފައި އެދިޔައީއެވެ
ދާނިޝް ދޮރު ތަންޑު އަޅުވާލާފައި ޓީޝާޓް ބޭލުމަށްފަހު ސޯފާއަށް އުއްޑުން ވެއްޓިގަތެވެ. ފަންގިފިލާ އާއި ދިމާލަށް ބަލަހައްޓައިގެން އޮތްއިރު އޭނަ ވިސްނަމުން ދިޔައީ މީރާން ދެއްކި ވާހަކަ ތަކާއި މެދުގައެވެ. އެއީ ހަގީގަތެއްކަން އޭނަ އަށް ވެސް ގަބޫލުކުރެވެއެވެ. އެއް ދުވަހު އޭނަ އަށް ވެސް އެފަދަ ކަމެއް ފާހަގަ ކުރެވުނެވެ. އަޖާބެކެވެ. އެންމެން ގެ އަމާން އޮމާން ދިރިއުޅުމުގައި މިފަދަ ކިތައް ސިއްރުތައް ފޮރުވިފައިވޭބާވައެވެ. ބައެއް މީހުން ކަށްވަޅަށް ދަނީ ވެސް ސިއްރުތައް ހިފައިގެނެވެ. ހުރިހާ ސިއްރުތައް މޮޅަށް ދެނެވޮޑިގެންވާ ފަރާތަކީ މާތް ﷲ އެވެ.

މިހަގީގަތް ފަރުޒާނާ އަށް އެގިއްޖެއްޔާ ދާނިޝް ދެކެ ނަފްރަތުކުރާވަރު ހާސް ގުނަ ބޮޑުވެގެން ދާނެއެވެ. އޭނަ އަކީ ފަރުޒާނާ ގެ މަގުން ކޮންމެހެން ވެސް އެއްކިބާކޮށްލަންޖެހޭ ދުޝްމިނެއްކަމަށް ދެކޭނެއެވެ. ފަރުޒާނާ ގެ ކަންފަތާއި ހަމަޔަށް މިވާހަކަ ފޯރައިފިއްޔާ އެ ފަކީރު ހާރޓްއެޓޭކެއްވެސް ޖެހިދާނެއެވެ. މިއީ ތަގުދީރުގެ ސަމާސާއެކެވެ. ނޫނީ ކުރެވިފައިވާ ފާފައެއްގެ ސަޒާއެވެ. މީހުނަށް ކުރެވޭ ފާފަތަކުގެ ސަޒާ ބައެއްފަހަރު ދުނިޔޭގައި ވެސް ހިތިގޮތަކަށް ފެނިގެން ދޭވިއްޔާއެވެ

ދާނިޝް ފިކުރުބޮޑުވަނީ މިހާ ނުރައްކާތެރި ސިއްރެއް އެހެންމީހަކާއި އެކު މީރާން ހިއްސާކޮށްފައިވެދާނެތީއެވެ. ދާނިޔާލް ނުވަތަ ޝަހާން އަށް އެގިއްޖެއްޔާ ވަގުތުން އެ ޚަބަރު ދޮންމަންމަ އަށް ގެންގޮސްދޭނެއެވެ. އެހެންވެއްޖެނަމަ އޭނާ މުސްތަގުބަލަށްޓަކައި ރާވަމުންދާ ޕްލޭން ތައް ފަނިވެދާނެއެވެ. އިހަށް ދޮންމަންމަ އަނދިރީގައި ބެހެއްޓިޔަދޭށެވެ. އެއީ ދޮންމަންމަ އަށް ހައްގު ސަޒާއެކެވެ.

ދާނިޝް ތަފާތު ޚިޔާލުތަކެއް ކުރަމުން ގޮސް ނިންމީ ދުވަސްކޮޅެއްވާންދެން ކޮޓެޖް އަދި މާލެއާއި ދުރަށް ދިޔުމަށެވެ. އެހެން ގައުމަކަށް ދިޔުމަށެވެ. އާއިލާ މީހަކަށް އަދި އެކުވެރިއަކަށް ވެސް ނާންގާ އެކަނިމާއެކަނި ބީރައްޓެހިންގެ ތެރޭގައި އުޅުމަކީ ވެސް އާ ތަޖުރިބާއަކަށް ވެދާނެއެވެ.

ދާނިޝް އަވަސްއަވަހަށް ތެދުވެގެން ގޮސް ގޭތެރެ ސާފުކުރަން ފެށިއެވެ. އެނަ ކައިފަ ހުރި ތަށިތައްނަގާފައި ކޮޓަރި ތަރުތީބުކޮށްލިއެވެ. އިރުއެރުމުގެ ކުރިން ޕެކް ކޮށްލައިގެން ގެއިން ނިކުންނަން އޭނަ ބޭނުންވިއެވެ.

ޖީނާ ވަޒީފާއަށް ފުރަތަމަ ނުކުތް ދުވަހު ރިސެޕްޝަނުން އެންމެ ބޮޑަށް ރަހުމަތްތެރިވީ އަލީޒާ އާއެވެ. އަލީޒާފެނުމުން ޖީނާ ވެސް ހައިރާންވިއެވެ. ދާނިޝް ގެ ހޮވުން މިހާ ފުރިހަމަ ވެދާނެކަމަކަށް އޭނަ ހިޔެއް ނުކުރެއެވެ. އެހާވެސް ރީތި ހިތްހެޔޮ ކުއްޖެކެވެ. ހެދުން އަޅައިގެން ހުރި ސްޓައިލް އެހާ ހިތްގައިމެވެ. ކަޅުކުލައިގެ ޕާރލް ކެވެލިކޮޅު އަދި އަގޮޓި އާއި ކަންފަތުގައިލާފައި އިން އެތިކޮޅު ފެނުމުން މުއްސަދި ކުއްޖެއް ކަމަށް ވެސް ހީކުރެވުނެވެ.

އަލީޒާ އަކީ ދާނިޝްގެ ލޯބިވެރިޔާ ކަން ޖީނާ މާކުރީއްސުރެން ދަނެއެވެ. އެކަމަކު އޭނަގެ ހިތުގައި ހަސަދަވެރިކަން ނުއުފެދުނު ސަބަބެއް އެއްގޮތަކަށް ވެސް ނޭގުނެވެ. ތެދުވެރި ލޯތްބަކީ އަމިއްލަ އެދުމެއް ނެތް ޖަޒުބާތަކަށް ވާތީކަން ނޭގެއެވެ. ވޭނީ ލޯބީގެ ހިތާމައިގާ ހަލާކުވެގެން ދަމުން ވެސް އޭނަ ބޭނުމީ އޭނަ ގެ ފުރާނަ ފަދަ ލޯބިވެރިޔާ އުފަލުގައި ހުރުމެވެ. ދާނިޝް އުފަލާއިއެކު ހިނިތުންވެލާފައި ހުންނަތަން ފެނުމެވެ. ލޯތްބަކީ ހަމައެކަނި ހަށިގަނޑުގެ ގުޅުމެއްނޫނެވެ. ތެދުވެރި ސާފުތޯހިރު ލޯތްބަކީ ގުރުބާނީގެ ދެވަނަ ނަމެވެ. އޭނަ ގެ އެދުމަކީ ދުޢާ އަކީ ދާނިޝް ތާއަބަދު އުފަލުގައި ހުރުމެވެ.

ޖީނާ ދާނިޝްގެ ލޯބީގައި ދީވާނާ ވެފައިވިނަމަވެސް އެދެކުދިން ގުޅޭކަށް މުޖުތަމައު ތަނެއް ނުދެއެވެ. އެދެމެދަށް ވެރިވެފައިވަނީ ގިރާ ނުކުރެވޭނެފަދަ ހިލަ ފަރުބަދައެކެވެ. ނުފޫޒުގަދަ މަންމަ އެކެވެ. އެ މަންމަ ގެ އިންޒާރުތައް އަދިވެސް އޭނަ ގެ ކަންފަތުގައި ގުގުމާލާފައިހުރެއެވެ. ވީއިރު ޖީނާ އަށް މަޖުބޫރުވެފައިވަނީ އެ ލޯބި ހިތުގެ އެންމެފުންމިނުގައި ފޮރުވާފައި ބޭއްވުމެވެ. އެ ހިތާމަވެރި ފާސާނާ ޑައިރގައި ލިޔަމުން ދިޔުމަށެވެ.

އަލީޒާ ޖީނާ އާއި އެހާ ބޮޑަށް ގުޅުނީ ޖީނާ އަކީ އެއީ ދާނިޝް ގެ ކޮއްކޮއަށް ވީތީއެވެ. ދާނިޝްގެ އާއިލާގެ ކޮންމެ މެމްބަރެއް އޭނަގެ ކޮންމެ ކަމެއް އަލީޒާ އަށް ޚާއްސަ ކުރެވޭތީއެވެ. ތައަބަދު ހަދާނުން އެރީތި މޫނު ފިލައިގެން ނުދާތީއެވެ. ފިލްމެއްގެ މަންޒަރު ފަދައިން އޭނައާއި އެކު ހޭދަކުރެވުނު ހުރިހާ ވަގުތުތައް އަބަދުހެން ފެންނަމުން ދާތީއެވެ. މިދުވަސްކޮޅު ދާނިޝް ޑިޔުޓީއަށް ނާންނާތީ އާއި ފޯނު ނިވާލާފައި އޮންނަ ސަބަބެއް ޖީނާ ގެ ކާރިން އޮޅުން ފިލުވާ ހިތުން އޭނަގެ ހިތް ވަނީ ބޭގަރާރުވެފައެވެ. އެކަމަކު ޖީނާ ގާތު ދާނިޝް ގެ ނަން ކިޔާލާކަށް ވެސް އޭނަ އަކަށް ނުކެރުނެވެ.

އަލީޒާ ޖީނާ ގޮވައިގެން އޭނާގެ އެންމެގާތް އެކުވެރިޔާ އީނާ އަށް ތަޢާރަފުކޮށްދޭން ވެސް ގެންދިޔައެވެ. އީނާ ބަލިވެގެން އެދުވަހު ހެދުނު އެޑްމިޓް ކުރެވިފައި އޮތީމައެވެ. ހުމާ ފިހިފިހި އޮވެވެސް އީނާ އޯގާތެރި ހިނިތުންވުމަކާއި އެކު ޖީނާ އާއި ވާހަކަ ދެއްކުމުން ޖީނާ ހައިރާންވިއެވެ. މިހާ ރަގަޅު ކުދިން ވެސް ދުނިޔޭގައި އެބަ އުޅޭބާވައެވެ. އޭނަގެ ރަހުމަތްތެރިންނަށް އުޅެނީ މުޅިން ވެސް މުއްސަދިންނެވެ. ފޮނިކެނޑުމާއި އެހެންމީހުނަށް ޖެއްސުންކުރުމުގެ ހައްދެއްނޯވެއެވެ. މި އާ މާހައުލުގައި އޭނަ އަށްމިލިބުނީ ވަރަށް ތަފާތު ދެ އެކުވެރިންނެވެ.

އަލީޒާ އާއި ޖީނާ ކޮފީ ބްރޭކް އަށް ދަނިކޮށް ފަރުޒާނާ އާއި ދިމާވިއެވެ. ފަރުޒާނާގެ މޫނުމަތި ވަގުތުން ބަނަ ވެގެން ދިޔަކަން އަލީޒާއަށް ފާހަގަކުރެވުނެވެ. އަލީޒާ ނުތަނަވަސްވާގޮތްވިއެވެ. އޭނާ ދާނިޝް އާއި ވާހަކަ ދެއްކުން މަނާކުރިފަދައިން ޖީނާ އާއި އެކުވެރިކަން އޮތުމަށް ވެސް ނުރުހުނީއެވެ. 

"ޖީނާ.. ކޮންތާކަށް؟ " ފަރުޒާނާ އަށް އަހާލެވުނީ ތަންކޮޅެއް ބާރަށެވެ. އަލީޒާ އާއި ދިމާލަށް ނުރުހުމުގެ ނަޒަރަކުން ބަލައިލަމުންނެވެ.
ކޮފީއަކަށް..ކެންޓީނަށް..." މަންމަ ގެ ޝުއުއޫރުތައް އެއްގޮތަކަށްވެސް ރޭކާ ނުލައި ހުރި ޖީނާ ހިނިތުންވެލަމުން އަލީޒާގެ އަތުގައި ހިފެހެއްޓިއެވެ.

"ކެންޓީނަށާއި ކެފޭތަކަށް ވަންނާނެކަމެއް ނެތް.... ގެ މިހިރީ ޖެހިގެން..ބަޑުހައިވީމަ ގެއަށް ގޮސް ކާލާ...އާދޭ ގެއަށް..." ފަރުޒާނާ ވާހަކަ ދެއްކީ އަމުރުވެރިގޮތަކަށެވެ. ޖީނާ ލަދުގަންނަގޮތްވިއެވެ. ކަންބޮޑުވެފައިވާ ނަޒަރަކުން އަލީޒާގެ މޫނަށް ބަލާލުމަށްފަހު އޭނަ އަލީޒާ ގެ އަތުން ދޫކޮށްލައިފިއެވެ. އޭރު އަލީޒާ ހުރީ ދުރަށް ބަލަހައްޓައިގެންނެވެ.

" އެލީ...ސީ ޔޫ ލޭޓަރ.." 
ޖީނާ މަންމަގެ ފަހަތުން ދިޔައެވެ. ރުޅިގަދަވެގެން ރޮވޭ ވަރުވެފައި ހުއްޓަސް ކަރުނަތައް ހިންދާލަމުން ޖީނާ ހިމޭނުން ހުރެ ކުރިޔަށް ދިޔައެވެ. އެންމެ ރަގަޅެވެ. މަންމަ ބޭނުންވާހާގޮތަށް އޭނަގެ ދިރިއުޅުން ބައްޓަންވިޔަދޭށެވެ. އޭނަ މިހިރީ އޭނާގެ އެންމެ ބޮޑު އުފަލާއި ހިތްހަމަޖެހުން މަންމަ ބުނީތީ ގުރުބާންކޮށްލައިގެންނެވެ. ވީއިރު ދެން އިތުރަށް އޭނަ ބޭނުމީ ކޮންކަމެއްހެއްޔެވެ؟ މަންމަ ހުރިހާ ގޮތަކުން އޭނަގެ ދިރިއުޅުން ދަތިކުރާށެވެ. އުފާތައް ނިގުޅައިގަންނާށެވެ. ލޯބިވެރިޔާއާއި އެކުވެރިންނާއި ވެސް ދުރުކުރުވާށެވެ. އޭނަ ކެތްކުރާނެއެވެ. އެކަމަކު ކެތްކުރެވޭނީ ކިހާ ދުވަހަކަށް ހެއްޔެވެ؟

އަލީޒާ ސިޑިތައް ކަޑައްތުކުރަމުން ތިންވަނަ ބަޔަށް އެރިއިރު އޭނަގެ ލޯ ވަނީ ކުޑަކޮށް ތެމިފައެވެ. ފަރުޒާނާ އެހާބޮޑަށް އޭނަ ދެކެ ނަފްރަތު ކުރާތީ ނެގޭފަދަ ހިތްދަތިކަމެއް އެބަ އިހުސާސް ކުރެވެއެވެ. ދާނިޝް ދެކޭހިތުންވެސް ލޯބޭގަރާރުވަނީއެވެ. ތާއަބަދު އެރީތި ލޯހޯދަމުން ދަނީ އެންމެ ފަރާތެކެވެ. ބައެއް ފަހަރު ޝާހާން ފެނުމުން އަލީޒާ ސިހެއެވެ. ހިތްތެޅެއެވެ. އެކަމަކު އެއީ އޭނަގެ ދާނިޝް ނޫންކަން އެގުމުން ހިތްވަރު އެލެއެވެ. އަލީޒާ ގަސްތުކުރީ މިއަދު ޑިޔުޓީ ނިންމާލާފައި ކޮންމެ ގޮތެއް ހަދާފައިވެސް ކޮޓެޖަށް ދިޔުމަށެވެ. ދާނިޝް އާއި ނުލައި ވޭތުވެގެންދާ ކޮންމެ ސިކުންތުކޮޅަކީ ގަރުނެއްކަމާއި އޭނަ މިއުޅެމުންދާ ހާލު ދާނިޝް އަށް ރޭކާ ނުލާހެއްޔެވެ؟ އޭނަގެ ހިތް ކުދިކުދިކޮށްލާފައި ދާނިޝް ހަމަ އުފާކުރަނީ ހެއްޔެވެ؟ލަދަކާ ހުރެ ތަދެއް ނުފިލާނެއެވެ. މިއަދު އޭނަ ދާނިޝް ކާރީ ހިތް ބަންޑުންކޮށްލާނެއެވެ. ލޯބި ގަބޫލުކުރުމަށާއި މައާފުކޮށްދިނުމަށް އެދި އާދޭސްކޮށްފައި އެ ފައިތިލަ އޭނަގެ ކަރުނައިން ތެންމާލާނީއެވެ. އޭރުން ގައިމު އޭނާ ދާނިޝް ދެކެމިވާ މަތިވެރި ލޯބި އެގޭނެއެވެ.

އަލީޒާ އަށް ރޮވިފައިހުއްޓަސް އީނާ ފެނުމުން އަލީޒާއަށް މަޖުބޫރުވީ އަމިއްލަ ހާލަތު ހަދާން ނައްތާލާފައި އީނާއާއި އަޅާލުމަށެވެ.

އީނަ އޮތީ ޕްރައިވެޓް ރޫމެއްގައެވެ. ކޮޓަރީގައިވާހާ އެއްޗެއްގައިވަނީ ހުދުކުލައެވެ. ސާފުތާހިރުކަމުގެ ގޮތުން ވަނަދެވޭހާވެއެވެ. މޭޒުމަތީގައި ފިނިފެންމަލުގެ ގުލްދަސްތާއެއް ހުއްޓެވެ. އަލީޒާ ހަދާންވީ ދާނިޝްގެ ނޫކުލައިގެ ފިނިފެންމަލެވެ. އަދިވެސް އެ މާތަކުގައި އޭނަ ފިރުމައެވެ. ބޮސްދެއެވެ. ދާނިޝް އާއި އެކީ ހޭދަކުރެވޭ ދުވަސްތައްހަދާންވެފައި އަބަދު އޭނަގެ ލޮލުން ކަރުނަ ހިލުވައެވެ. ލޯތްބަކީ ހާދަ އެހެންކަހަލަ ޖަޒުބާތެކެވެ. ފޮނިކަމާއި އެއްވަރަށް ކެކުޅުމާއި ރިހުން ވެސް އިހުސާސްކުރެވެއެވެ.

އީނާގެ ހުން ހުރީ ސަތޭކަ ދެ ޑިގްރީ ފެހެރެންހެއިޓް ގައެވެ. މުޅިގައިގާ ރަޖާ އަޅާލައިގެން އޮތްއިރުވެސް އޭނަ ތުރުތުރުއަޅަމުން ދިޔައެވެ. ހުމުގެ އުދާސްތަކުން ރަތްވެފައިވާ މޫނެކެވެ. ލޯ ހުޅުވާލާނެ ވަރެއްވެސް އޭނާގެ ގަޔަކުނެތެވެ. ވަރަށް ބޮޑަށް ބޯއަނބުރާފައި ހޮޑުލަވާހެންވެސް ހީވެއެވެ. އޭނާގެ އަތަށް ގުޅަފައި ވާ އައިވީ ލަސްލަހުން ހުސްވަމުން ދިޔައެވެ. އެ ހާލުގައި އޮވެވެސް އަލީޒާ ފެނުމުން އީނާ އެދުނީ ކިއްލިކޮޅަކަށެވެ.

އަލީޒާ އީނާގެ ހުން މަޑުކުރެވޭތޯ ފެންފޮތިލާން ފެށިތަނާ ޑޮކްޓަރ ރާހިލް އެ ކޮޓަރިއަށް ވަނުމުން އަލީޒާ ވެސް ހައިރާންވިއެވެ. އީނާ ރާހިލް ދެކެ ސިއްރު ސިއްރުން ލޯބިވާވަރު އީނާ އޭނަ ގާތުގައި ބުނީ މީގެ ހަތަރުވަރަކަށް ދުވަސް ކުރިންނެވެ. ރާހިލް ކަޅުކުދިން ދެކެ ނުރުހޭކަމަށާއި މިއީ ހަމައެކަނި އެއްފަރާތަކުން ވެވޭ ލޯތްބެއްކަމަށް އީނާ ވަނީ ބުނެފައެވެ. އެކަމަކު ވެސް ރާހިލް އޭނަ އާއި އެކުވެރިއެއްގެ ގޮތުން ވާހަކަ ދައްކާކަމަށް ބުންޏެވެ.

"ހައި އެލީ..." ރާހިލް ގޮވާލީ ގާތްގޮތަކަށެވެ. އަލީޒާގެ ހިތުން އެވަގުތުކޮޅު ރާހިލް މަގާމެއް ހޯދިއެވެ.ފަވާދު ފަދަ ގާތް ގުޅުމެއް އޮތްކަމަށް ހީކުރެވުނީ ކީއްވެހެއްޔެވެ؟ ބޭބެއަކަށް ވާނެނަމައެވެ. މިހާ ޚާއްސަ މިވީ ކީއްވެހެއްޔެވެ؟ އާއެކެވެ. އެނގިއްޖެއެވެ. މިއީ ދާނިޝްގެ ކޮއްކޮ އަކަށް ވީތީ އެވެ. ހާދަ އޯގާތެރި ހިނިތުންވުމެކެވެ. އީނަވެސް ފިދާ ވީ މިރީތި ހިނިތުންވުމަށް ހެއްޔެވެ؟ އަލީޒާވެސް ވަރަށް އުފާވެފައި ހައިއެއް ޖަހައިލިއެވެ.

"އެލީ މުޅިން މަނާ ކަމެއް އިގޭ...ބަލިމީހުނަށް ދުފަން ދޭކަށް ނުވާނެ ނުވާނެ..." ރާހިލް ސަމާސާ ގޮތަކަށް ބުންޏެވެ.
. "އީން މާބޮޑަށް މޭނުބައިކުރާތީ ކިއްލިކާހިތުން ދޯ..." އަލީޒާ އިނީ ހެވިލާފައެވެ
"މިއީމުޅިންވެސް ކިއްލި އެޑިކްޓްސް އިން ދޯ....ސޮރީ އީނާ..އެކަމަކު ގަދަވަންދެން ކިއްލި މަނާ އިގޭ..." ރާހިލް ހުރީ ނުރަސްމީކޮށެވެ. ޓީޝާޓާކައި ޖިންސެއްލައިގެނެވެ. އޭނަ ސްޓެތޯ ކަރުގައި އަޅުވާލަމުން އެނދު ކައިރިއަށް ޖެހިލިއެވެ.

އީނާގެ ހިތް ތެޅޭވަރުން މޭފަޅާލާފައި ނުކުމެދާނެކަހަލައެވެ. އޭނަ ރަޖާ ދަމަމުން ގޮސް ރަޖާ އާއި އެކީ ދަތްދޮޅީގައި ދެއަތުން ބާރަށް ހިފަހައްޓާލައިގެން އޮތްއިރުވެސް ތުރުތުރުއަޅަމުން ދިޔައެވެ. ރާހިލް މިތަނަށް އައި ކީއްކުރަންބާވައެވެ. އީނަ އަށް ރޮވޭ ގޮތްވިއެވެ.

ޑޮކްޓަރ ސަލްމާނު ރިފަރ ކުރީމާ އީނަ ދެކިލަން މިއައީ..ވަޓް ހެޕެންޑް އީނަ..." ވަރަށް އޯގާތެރި ރާގެކެވެ. ހިތުގައި ބީހިލިއެވެ. އޭނަ އީނަ ގެ އަތުގައި ހިފެހެއްޓީ ވިންދު ބަލާލުމަށެވެ. ރާހިލް ގެ ފިނި ފިނި އަތް ޖެހުމުން އީނަ މާބޮޑަށް ހީކަރުވާގޮތްވެ އަތް ދަމައިނުގަނެވުނީ ކިރިޔާއެވެ. އެއާއި އެކު ލޮލުނަ ކަރުނަ ފައިބަން ފެށިއެވެ.

"އިޓްސް އޯކޭ..އިޓްސް އޯކޭ.... އީނަ ނުރޮއި...ޑރ ސަލްމާނު ގެ ފަރާތުން އަހަންނަށް ވަނީ އީނަ ގެ ހިސްޓްރީ އެގިފައި..ދެރައީ ފަސް ދުވަސްވަންދެން މިހާ ގަދަޔަށް ހުން އައިރު އަހަރެމެނަށް އަންގާނުލީތީ...ޓެސްޓް ހެދީމަ މިއެގުނީ ޑެންގީ ހުންކަން.. ކަންބޮޑުނުވޭ. ޔޫ އާރ ގޯނަ ބީ ފައިން އިންޝާﷲ. ޓްރަސްޓް މީ.... އޯކޭ؟" ރާހިލް ހިނިތުންވެލިއެވެ.

އީނާ އާއެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލިއެވެ. އަގައިން ބުނެލާނެ ހިތްވަރެއްވެސް އޭނަ ގެ ގަޔަކު ނެތެވެ. ރާހިލް ދިޔައީ އަދި އަންނާނެކަމަށް ބުނެފައެވެ. ރާހިލް އަތްލުމުންވެސް އީނާގެ ވޭނަށް ލިބުނު ޝިފާ އަކަށް ވިއެވެ. ރާހިލް ގެ އޯގާތެރިކަމާއި އަޅާލުން ލިބޭނީ ބަލި އެނދުގައި އޮވެގެން ކަމަށްވަންޏާ އޭނަ ހިތްއެދެނީ ބަލިމީހެއްގެ ގޮތުގައި މުޅި އުމުރު ހޭދަކޮށްލުމަށެވެ.

އީނާ ފާހަގަކުރީ ރާހިލް އަލީޒާ އަދި ޖީނާ ވައްތަރުގޮތެއް ހުރިކަމެވެ. ހިނިތުންވެލާގޮތް ފާހަގަ ކުރެވެއެވެ. މޫނުމަތި އަލިވެގެންދާގޮތާއި ހިނިތުންވުން ލޮލާއި ހަމަޔަށް ފޯރާ ގޮތެވެ. އިސްތަށިގަނޑަށް އަރާ ރަންކުލައެވެ. އެހެން ބުނަން ބޭނުންވިޔަސް ވަރުދެރަކަމުން އީނަ ވާހަކަ ދައްކާކަށް އެވަގުތު ބޭނުމެއް ނުވިއެވެ. ތަންކޮޅެއް ހުންމަޑުވަންދެން އެވާހަކަ ފަސް ކުރާނީއެވެ. އަލީޒާ އީނަ ގެ ބޯ މޮޑެދޭން ފެށިއެވެ. ލިބުނު އަރާމުގައި އީނަ އަށް ދެލޯ މަރާލެވުނެވެ. 


ދާނިޝް އިށީދެލައިގެން އިނީ ކޮޓެޖް ގެ ގޯތިތެރޭގައި ވާ ވަކަރުގަނޑެއްގެ މަތީގައެވެ. ނޫކުލައިގެ ޖިންސަކާއިއެކު ލާފައި ހުރި ތުނި ގަމީހުގެ ގޮށްތައް ނާޅުވާ ހުރުގެ ސަބަބުން އެ ތަނަވަސް މޭމަތީގެ ބަޔެއް ވަނީ ހާމަޔަށެވެ. ދާނިޝް އޭނަގެ އަތުގައި އޮތް ނޫކުލައިގެ ފިނިފެންމާ ތުންފަތުގައި ޖައްސާލިއެވެ.

ކުއްލިއަކަށް ފިނިފިނި މަޑު އަތަކުން އޭނަގެ ދެލޮލުގައި އަތް އެޅިއެވެ. 

"ކާކުތަ؟ " ދާނިޝް އެ އޮމާން ދެއަތުގައި ހިފަހައްޓަމުން ތެދުވުނެވެ. އޭނަގެ ކުރިމަތީގައި ހުރީ އަލީޒާ އެވެ. ލަދުރަކި ހިނިތުންވުމަކާއި އެކު އަލީޒާ އެ ވަކަރުގަނޑުގެ މައްޗަށް ކޮޅަށް ތެދުވަމުން ޖެހިލުމެއްނެތި ދާނިޝްގެ ކަނދުރާ އަށް އަތް ވައްޓާލައިފިއެވެ. ވިހުރެން ދޫކޮށލާފައިވާ އެ ރަން އިސްތަށިގަނޑު ދާނިޝް ގެ މޫނުގައި ބީހެމުން ދިޔައެވެ.

. "ޕްލީޒް ފޮރގިވް މީ..."އަލީޒާ ގެ އެ ވިދާ ދެލޯ ކަރުނުން ފުރުނެވެ


ދާނިޝް އޭނަގެ އަތުގައި ވާ ނޫކުލައިގެ ފިނިފެންމަލުން އެ އޮމާން ކޯތާފަތުގައި މަޑުމަޑުން ބީއްސާލިއެވެ. އެއަށްފަހު އެ ކަރުނުން ތެމިފައިވާ އެސްފިޔަތަކުގައި ބޮސްދިނީ ވަރަށް ލޯބިންނެވެ.
"ކުށްވެރިޔަކީ އެލީ އެއްނޫން. ކޮންމެވެސް އެހެން މީހެއް. ޑޯންޓް ކްރައި މައި ގާރލް. އައިމް އޯލް ޔޯރސް..." ދާނިޝް އަލީޒާ ގެ މޫނުގައި ދެއަތުން ހިފަހައްޓާލަމުން އެ މަޑު ތުންފަތުގައި ބޮސްދިނެވެ. އެވަގުތު އޭނަ އަށް ހީވީ ހަށިގަނޑުގައި އިލެކްޓްރިކް އަސަރު ހިނގާލިހެނެވެ. ފައިވެސް ބިމުގައި ނުޖެހޭފަދައެވެ. ހަށިގަނޑުގެ ހުރިހާ ނާރަކަށް އަސަރުކުރުވިއެވެ. ވަރަށް ތަފާތު އިހުސާސްތަކެވެ.
"...... އައި ލަވް ޔޫ އެލީ" 
" އައި ލަވް ޔޫ ޓޫ ޑޭން. އެކަމަކު ދުވަހަކުވެސް އެލީ ދޫކޮށްލާފައި ނުދައްޗޭ. އެ ފަދަ ދުވަހެއް އަތުވެއްޖެނަމަ އެލީ މަރުވެދާނެ. ހަމަ ތެދެއް މިބުނަނީ. ޑޭން އާއި ނުލައި އެންމެ ސިކުންތުކޮޅަކަށް ވެސް ދެނެއް ނޫޅެވޭނެ. ބުނެދޭންވެސް ނޭގޭހާ ބޮޑަށް ލޯބިވެވިއްޖެ. އަހަރެމެން ދުރުކުރަން އެންމެން މަސައްކަތް ކުރަނީ ކީއްވެތަ؟ " އަލީޒާ ހުރީ ދާނިޝްގެ ރީތި ލޮލުގެ ތެރެއަށް ގެއްލިފައެވެ.

" ދިސް ލަވް އިޒް ފޯރ އެޓާރނިޓީ މައި އެންޖެލް. އެކަކަށް ވެސް މިދޭތެރެއަކަށް ނުވަދެވޭނެ..." ދާނިޝް ލޯބީގެ ނަޒަރަކުން ފުރަތަމަ ބަލާލީ އަލީޒާ ގެ ލޮލަށެވެ. ދެން ތުންފަތަށެވެ. ހާދަ އޮމާންވެފައި މަޑެވެ. ހާދަ ރަތެވެ. ފިނިފެންމަލެއްގެ ފިޔަ ވެސް މިހާ ފުރިހަމައެއްނުވާނެއެވެ. ގުދުރަތީ ސަޅި ލިޕްސްޓިކެކެވެ. ދުނިޔޭގައި އުފައްދާ މޭއިބެލިން ، ލެންކޮމް ފަދަ ބްރޭންޑެޑް ލިޕްސްޓިކް ތަކަށްވެސް ވާދައެއް ނުކުރެވޭނެކަން ގައިމެވެ. 
ދާނިޝް މިފަހަރު އަލީޒާގެ ގައިން ދޫކޮށްލީ އެ ރަތްކުލަ ތިން ގުނަ އިތުރުކޮށްލުމަށްފަހުގައެވެ. ވަރަށް ހިތްހަމަޖެހިފައިހުރެއެވެ. ލޯބީގެ ރީތި ހަދާން ނައްތާލުން ދަތި ތާރީޚީ ވަގުތުކޮޅެއް ހިއްސާ ކޮށްލުމަށްފަހުގައެވެ. އިލެކްޓްރިކް މެގްނެޓިކް މިފަދަ ކޮންމެ ނަމެއް އެ އިހުސާސްތަކަށް ދިނަސް އެ ބުނާ އަސަރުތައް ސިފަކޮށެއް ނުދެވޭނެއެވެ. އޮބި ނޯންނަ ފަދަ ޖަޒުބާތެކެވެ. 

" މި މާރކް ދުވަހަކުވެސް ފޮހެވިގެނެއް ނުދާނެ.." ދާނިޝް އަލީޒާ ގެ ތުންފަތުގައި އިނގިލި ޖައްސާލަމުން ހިނިތުންވެލުމުން ކޯތާފަތަށް އަޑިކޮޅު އެޅުނެވެ. އެ މޫނު އެތައް ގުނަ ރީތިކޮށްލިއެވެ.

ދެކުދިން އަތުގުޅުވާލައިގެން ހިގާލާފައި ގޮސް އިށީނީ ދިގު ގޮނޑިއެއްގައެވެ. ލޮލަށް ބަލަހައްޓައިގެން ގެއްލިފައވެ. ހިމޭންކަމަކީ ލޯބީގެ ބަސްމޮށުމެވެ. ދެލޮލުގައިވެސް ވަނީ ލޯބީގެ މެސްޖް ތަކެވެ. އިންތިހާ ދަރަޖައިގެ ލޯބީ ގެ ފުން އަސަރުތަކެވެ. ނިމުމެއް ނެތް ވާހަކަތަކެވެ. ދާނިޝް ކިތަންމެ ވަރަކަށް ވެސް އަލީޒާ އަށް ގޯނާ ކުރިއެވެ. ހިތްފުރެންދެން އަލީޒާ ގެ އެ ރީތި އިސްތަށިގަނޑުގައި ފިރުމިއެވެ. ކޯތާފަތާއި އަތުގައި ހިފިއެވެ. އެންމެ ފަހުން ދާނިޝްގެ އަތުގައި ވާ ނޫކުލައިގެ ފިނިފެންމާ އަލީޒާ އަށް ދިއްކޮށްލިއެވެ.

" ދާނިޝް އަލީޒާ އަދި ބްލޫ ރޯޒް.. ޔުނިކް ކޮމްބިނޭޝަން އެއް ދޯ..." ދާނިޝް އެންމެ ފަހުން އަލީޒާ ގިލިގިލިކޮށްޓަން ފެށުމުން އަލީޒާ ދާނިޝް ގެ އަތުތެރެއިން ވީއްލިގަނެގެން ދުއްވައިގަތެވެ. ކުޑަ ކުޑަ ޕަރީ އެއްހާ އޭނަ ހަލުތްވެވެ. ގަސް ތަކުގެ ތެރޭގައި ދާނިޝް އަށް އަތުނުވެ ދުވަމުން ގޮސް އޭނަ ވަރުބަލިވެ މޫނު ރަތްވެއްޖެއެވެ. މޫނުގައި ދާތިކިތައް ވިދަން ފެށިއެވެ.

" ދާނިޝް....." ބަރުބަރު އަޑަކުން ކޮންމެވެސް މީހަކު ގޮވާލުމުން ދާނިޝް ވަށައިގެން ހޯދާލިއެވެ.
" އެއީ ޑޭން ގެ ބައްޕަ..އަޅުގަޑު ފެނުނީމަ ރުޅިދުރުވާނެ..." އަލީޒާ އަނބުގަހާއި ނިވާވެލިއެވެ.
" ނޫން..އެލީ.. އެލީ އާއި ބައްޕަ އާއި ބައްދަލުކުރުވާނަން... އާދޭ...." ދާނިޝް އަލީޒާ އަތުލަން ދުއްވައިގަތުމުން އޭނަ އަނބު ގަހުގެ މޫގަނޑުގައި އަޅައިގެންފައި ވެއްޓުނެވެ. ތަދުވާނެކަމަށް ހީކުރިޔަސް ހީވީ މަޑު މަޑު ސްނޯވ ގަނޑެއްގެ މަތީގައި ޖެހުނުހެނެވެ. ފިނިވާގޮތްވެސް ވިއެވެ. އޭނަ ދެލޯ ނުހުޅުވަން އޮވެފައިވެސް އިރުކޮޅަކުން އެ ބަރުބަރު އެސްފިޔަތައް ތަޅުވާލުމަށްފަހު ލޯ ހުޅުވާލައިފިއެވެ.

" އެލީ...އެލީ..." ދާނިޝް އަށް ގޮވާލެވުނެވެ.

އޭނައަށް އޮވެވުނީ ސްނޯ ގަނޑުގެ މަތީގައެއްނޫނެވެ. ބޮޑުކޮޓަރީގެ މަޑު ގޮދަޑިޖަހާފައިވާ ސޯފާއެއްގައެވެ. ލައިގެން މިއޮތީވެސް ހަމަ އެ ހުދުކުލައިގެ ތުނި ގަމީހާއިނޫ ޖިންސެވެ. އަލީޒާ ކޮބާ ހެއްޔެވެ؟ އެލީ ދިޔައީ ކޮންތާކަށް ހެއްޔެވެ؟
ދާނިޝް ސޯފާ ގައި އަތް ވިއްދާލުމަށް ފަހު ކުޑަކޮށް ތެދުވެލައިފިއެވެ. ވަށައިގެން ހޯދާލެވުނެވެ. މިއީ ކޮން ވަގުތެއްހެއްޔެވެ؟ އިރުގެ ރަން ދަޅަތައް ފަރުދާ ތައް ފޫދުއްވާލާފައި ކޮޓަރި އަލިކުރަމުން ދެއެވެ. އެއަރ ކޮންޑިޝަން ޖައްސާލާފައި ހުރުމުން އަރާމު ފިންޏެއް އިހުސާސް ކުރެވެއެވެ. އޭނަ އަށް ނިދުނީ ހެއްޔެވެ؟ ދެންމެ ފެނުނީ ހުވަފެނެއްހެއްޔެވެ؟ 

ނޫނެކެވެ. ހުވަފެނަކަށް ވާންވީ ކީއްވެހެއްޔެވެ؟ ހާދަ ހަގީގަތަކާއި ވައްތަރެވެ. އަދިވެސް ދާނިޝް އަށް އަލީޒާގެ ތުންފަތުގެ މަޑުކަން އިހުސާސްކުރެވޭކަހަލައެވެ. އެ އިސްތަށގަޑުގެ ފަށުވިކަމާއި މޫނުގެ އޮމާންކަން އޭނަ ގެ އިގިލިތަކުގައި ވާކަހަލައެވެ. އޭނަ އަށް އަމިއްލަ ތުނަފަތުގައި އިގިލި ޖައްސާލެވުނެވެ. އަތުގެ ވިންދުވެސް ބަލާލެވުނެވެ. ހާދަ އަވަހެވެ. ނާރުތަކުގައި ދަވްރުކުރާ ލޭމިވަނީ އެހާ އަވަސްވެފައެވެ.

ދާނިޝް ސޯފާއިން ތެދުވުނު އިރު އޭނަގެ މޫނުގައި ވާނީ މާޔޫސްކަމާއި ހިތްދަތިކަމެވެ. ހޭނުލެވުނުނަމައެވެ. ކުށްވެރިކުރެވުނީ އަމިއްލަ ނަފުސެވެ. ރުޅިވެސް އާދެވުނެވެ. ގޮށްމުށްކަވާލާފައި ފާރަށް ބޭލި އެތިފަހަރުން ފާރު ގުޑައިގެން ދިޔައެވެ. ވަރަށް ފޫހިވެފައިހުރެ ކޮޓަރި އަށް ވަދެ ފެންވަރާލުމަށްފަހު ނޫކުލައިގެ ޓީޝާޓަކާއި ޖިންސެއްލިއެވެ. ޓީޝާޓްގައިވާ " ޕާޓް ޑެވިލް މޯސްޓްލީ އެންޖަލް " އޭނަ އާއި ގުޅެއެވެ. ފަރުވާކުޑަގޮތަކަށް ލޯގަނޑުކަރީގައި ހުރެ އިސްތަށިގަނޑު ބްރަޝްކޮށްލިއެވެ. ކިތަންމެ ރީތިވެފައި ފިރިހެންވަންތަވިޔަސް އޭނަ އަކަށް ކާމިޔާބެއް ނުވިއެވެ.
ދާނިޝް ބަޑުފައިވެފައި ވާވަރުން ޕިއްޒާ އަކަށް އޯޑަރ ދިނެވެ. އޭނަ ބޭރަށް ނުކުތީ ބެލް ޖަހާލިއަޑަށެވެ. ދޮރުމަތީގައި ހުންނެވީ ބައްޕައެވެ.
" ދަރިފުޅާ..ކޮންތާކު އުޅެފައި ތިއައީ؟ ބައްޕަމެން ބިރުން ހަލާކުކޮށްލައިފީމެއްނު... ..މުޅި ދިހަ ދުވަހު ވީނުވީ އެއް ނާންގާ ރަށުން ބޭރަށް ދިޔައީ...ހާސް ފަހަރު ތި ފޯނަށް ގުޅަން މަސައްކަތް ކުރެވުނު... މިއަދު ފޯން އޮން ކޮށްލީމަ މާލޭގައި ހުރިކަން މިއެގުނީ ވެސް....." ޑޮކްޓަރ މައުމޫން ދާނިޝް މޭގައި ޖައްސަވާލެއްވުމަށް ފަހު ބުރަކަށީގައި ފިރުމާލެއްވިއެވެ.

" ސޮރީ ...ހިތަށް އެރީ ކުޑަ ބްރޭކް އެއް ނަގާލާނީ އޭ...ފޮޓޯގްރެފިކް ޑްރީމް އެއްގެ ތެރޭގައި ދެންމެ އޮތްވާ ބައްޕަ ގޮވާލެއްވީމަ ހޭލެވުނީ..." މައުމޫން އެތެރެއަށް ވެންނެވުމުން ދާނިޝް ދޮރު ލައްޕާލައިފިއެވެ.

" ބައްޕަ ދަންނަނީ ފޮޓޯގްރެފިކް މެމަރީ.... ފޮޓޯގްރެފިކް ޑްރީމް ތިއީ ހަމައެކަނި ދަރިފުޅު ގެ ޑިކްޝްނަރީ ގައި އޮތް ބަހެއް ދޯ...އަނެއްކާ އަލީޒާ ގެ ހުވަފެނެއްބާ؟ " ބައްޕަ ސަމަސާ އަކަށް ވެސް އަލީޒާ ގެ ނަންގަނެފާނެކަމަކަށް އޭނަ ހިޔެއް ނުކުރެއެވެ. ޓޭން ވެލާފައި ވާ އެ ރީތި މޫނު ހިސާބަކަށް ރަތްވިއެވެ. އަލީޒާ ގެ ނަން އިވުމުން ވެސް މުޅި ހަށިގަނޑަށް އެގުން ވެގެން އެބަ ދެއެވެ.
މައުމޫން ވެސް ދާނިޝްގެ ޓީޝާޓްގައި ވާ އިބާރާތް ފެނިލެއްވުމުން އެކަން ފާހަގަ ކުރެއްވިއެވެ ." ތި ޝައިތާނީ ބައި ދޫކޮށްލީމަ ދަރިފުޅު ވަރުގެ ފިރިހެން ކުއްޖެއް މާލޭގައި ނުހުންނާނެ.. އެކަމަކު އެކަކަށް ވެސް މަލާއިކަތަކަށް ނުވެވޭނެ ދޯ.."

މައުމޫން އެ ގެއަށް ދާނިޝް ގެނެސްފައިވާ ބަދަލުތަކަށް ވެސް ތައުރީފު ކުރިއެވެ. ބޮޑުކޮޓަރީގެ ހުރިހާ އެއްޗެއްގައިވަނީ ދަނބުކުލައެވެ. ދޮރުތަކުގައި ދަމާލެވިފައިވާ ފަރުދާ ތަކާއި ދޫލަ ސޯފާ ސެޓް އަދި ލެނގިލަން ހުރި ކުދި ބަލީސް ތައް ވެސް އެ ޚާއްސަ ކުލައިގައެވެ. މިއީ ދާނިޝް ގެ މަންމަ ގެ ކުލައެވެ. މާޒީ ގެ ހަދާން ތައް މައުމޫން ގެ ލޯ ތެންމާލިއެވެ.

މައުމޫން ގެންނެވި ފައިލްތައް މޭޒުމަތީގައި ބެހެއްޓެވުމަށްފަހު ދެބަފައިން ކާބަޔަށް ދިޔައީ ދާނިޝް ގެ އެދުމަށެވެ. މެންދުރު ނުކައި ހުރުމުން ވަރަށް ބަޑުހައިވާކަމަށާއި މިއަދު ސައި ބޯން ބޭނުންވަނީ ބައްޕަ އާއި އެކުގައި ކަމަށް ބުންޏެވެ. މައުމޫން ވެސް ދާނިޝް އާއި ބައިވެރިވެލަން މޭޒުމަތި ތައްޔާރު ކުރުމުގައި އެހީވެދިނެވެ. ދާނިޝް ސޭންޑްވިޗް ވެސް ހެދިއެވެ. އިރުކޮޅަކުން ޕިއްޒާ ލިބުނެވެ. ފޭމަސް އޭމަސް ކުކީސް އާއި ޕިއްޒާ އަދި ސެންޑްވިޗާއި އެކު ކޮފީ ބޯން ދެބަފައިން ތިބީ ވަރަށް ހިތްހަމަޖެހިފައވެ. ވަރަށް ގިނަ ވާހަކަ ތައް ދެކެވުނެވެ. ވިޔަފާރި ހޮސްޕިޓަލް ސިޔާސީ އަދި ދީނީ ވާހަކަތައް ވެސްމެއެވެ. އަލީޒާ ގެ ވާހަކަ ނުދެކެވުނީމަ ދާނިޝް އިނީ ހިތްހަމަޖެހިފައެވެ. ކޮންވެސް ސަބަބަކާއި ހުރެ އެ ވާހަކަ މިއޮތީ ނިމިފައވެ. އެއީ ދޮގެއްކަމަށް އަލީޒާ އިއުތިރާފު ވީކަމަށް ވެދާނެއެވެ.

ސައި ނިންމާލާފައި ބައްޕަ ދުރުވާނެކަމަށް ދާނިޝް ހީކުރިއެވެ. ނަމަވެސް ބައްޕަ ސޯފާއެއްގައިއިށީންނަވާފައި ފައިލް ނެގުމުން ދާނިޝް ނުތަނަވަސްވާގޮތްވިއެވެ. ދާނިޝް ވެސް ސޯފާ ގައި އިށީދެ އެއް ފައި ދަމާލިއެވެ.

" ދާނިޝް. އެންމެ މުހިއްމު ވާހަކަ ފަސް މިކުރެވުނީ. ދާނިޔާލް ގެ ފަރާތުން މިސިޓީ ގެ ޚަބަރު ލިބިފައިވާނީ..." ދާނިޝްގެ މޫނުގެ ކުލަ ފަޑުވިއެވެ. ސޯފާ ގެ އަތްގަޑުގައި ހިފަހައްޓާލެވުނީ ބާރަށެވެ. އެތައް އިހުސާސް ތަކުން ހިތް ގެނބެން ފެށިއެވެ. މޫނަށް އެތައް ކުލަވެސް ވެރިވިއެވެ. ބައްޕަ އާއި ހަތަރުކަޅި ހަމަކޮށްލާނެ ހިތަވަރެއް ވެސް ނުލިބުނެވެ. ކުށްވެރިއެއް ފަދައިން އިސްޖަހާލެވި ތުންފަތުގައި ދަތް އަޅާލެވުނެވެ.

މިއީ ރަގަޅު ފުރުސަތެކެވެ. އޭނަ ގެ އެއްވެސް ކުށެއް ނެތް ކަން ބައްޕަ އަށް އަންގާދޭންވީއެވެ. ބައްޕަ ގަބޫލު ކުރައްވާނެއެވެ. އޭނަ އަށް އިތުބާރު ކުރައްވާނެއެވެ. އެއްޗެކޭ ބުނަން އުޅެފައި ވެސް އޭނަ ހިމޭންވިއެވެ. އޭނައަށްނޭގިނަމަވެސް އަލީޒާ ދިފާއު ކުރެވެނީ ބާވައެވެ. އަލީޒާ ގެ ވާހަކަ ތަކަކީ ހަގީގަތެއް ކަން ބައްޕަ މެނަށް ޔަގީން ކޮށްދެވެނީ ބާވައެވެ.

" އަލީޒާ އަކީ ވަރަށް މަޑުމަޑުން ހުންނަ ކިޔަމަންތެރި ކުއްޖެއް... ބައްޕަ އަށް ޔަގީން ކޮށް ބުނާކަށް ނުކެރޭނެ އަލީޒާ މިފަދަ ސިޓީ އެއް ލިޔެފާނެއޭ.....ދަރިފުޅާއި އަލީޒާ ގެ ގުޅުން އެގުނީމާ އާއިލާ ގެ މީހަކު އެކަމުގެ ފައިދާ ނަގަން ކުރިކަމަކަށް ވެސް ވެދާނެ....މިގެއަށް އަލީޒާ ކިތައް ދުވަހު ގެނައިންތަ؟"

ހީވެސް ނުކުރާ ފަދަ ސުވާލެއް ބައްޕަ ކޮށްލެއްވިއެވެ.

"ދެ ދުވަހު... " ދާނިޝް ކުޑަކޮށް ހީލުމުން ވެސް ކޯތާފަތަށް އެ ރީތި އަޑިކޮޅު އެޅުނެވެ.

" ދެ ރޭ ދޯ...." މައުމޫން ކުށް ރަގަޅު ކޮށްލަދިނުމުން ދާނިޝް މަޑުމަޑުން ނިތްމަތީގައި އިނގިލިތަކުން ފިރުމަން ފެށިއެވެ. އޭނަ ރަގަޅަށް ވެސް ބޮލުގައި ރިހެން ފެށިއެވެ. ބައްޕަ މެނަށް ވިސްނިލައްވާފއި ވަނީ އެންމެ ނުބައިކޮށެވެ. އޭނަ ރޭގަނޑު މި ފަޅު ގެއަށް އަލިޒާ ގެނެސް އޭނަގެ އިއްފަތް ތެރިކަން ނަގާލީ ކަމަށެވެ. ކުރާނެ ކަމެއް ނެތެވެ. އޭނައަށް ދިފާއުގައި އަނގަ ނުހުޅުވިގެން އުޅޭ ސަބަބެއް އޭނަ އަކަށް ވެސް ނޭގެއެވެ.

" ތިޔަ އުމުރުގައި ޒުވާން ކަމުގެ ޖޯޝާއި ފޯރީގައި ގޯސް ހެދޭނެ. ޕާޓް ޑެވިލްވީމަ އެ ބައި ގަދަކޮށްލީ ދޯ ދަރިފުޅާ....ސަބަބުވެސް އެގޭ. މިގޭގައި ދެ ކުދިން އެކަނި ވިކަން. ޝައިތާނާ ވަރަށް ފަސޭހައިން މަގު އޮޅުވާލާނެ. ފާފަ ތައް ކުރުމަށް ބާރު އަޅާނެ. އެކަމަކު ދެން ވިސްނާތީ ދަރިފުޅާ. ބައްޕަ މިހާރު މިކަމަށް ހައްލެއް ހޯދައިފިން. މިވީހާ ތަނަށް ބައްޕަ ގެ އެދުމަކާއި ދާނިޝް ދެކޮޅު ހަދާފައެއް ނޯންނާނެ. މިފަހަރުވެސް ބައްޕަ އުއްމީދު ކުރަން ބައްޕަ ގެ ބަސް ގަބޫލު ކުރާނެ ކަމަށް. ދާނިޝް އަލީޒާ އަށް ކެއްސެއް ދިނުމަކީ ރަގަޅު ކަމެއް ނޫން. ވީހާއަވަހަށް އޭނަ އާއި ކައިވެނިކޮށްގެން މިގެއަށް ގެނޭ....." 


ދާނިޝް ސިއްސައިގެން ދިޔައެވެ. އޭނަ ގެ ކަންފަތަށް އިވުނީ ރަގަޅަށް ހެއްޔެވެ؟ އޭނަ އެއްގޮތަކަށް ވެސް ބައްޕަ މިކަހަލަ ނިންމުމެއް ނިންމަވާފާނެކަމަށް އުއްމީދެއް ނުކުރެއެވެ. އޭނަ ވެސް ހުރީ ޕްލޭން ތަކެއް ކޮށްގެނެވެ. ތަގުދީރު ގެ ރޭވުން މާމޮޅެވެ. އޭނަ އާއި އެހީވަމުން ދާފަދައެވެ. ނޭގި ހުއްޓާ އޭނަގެ ބާރުދަށަށް އަލީޒާ އަންނާނެފަދަ ގޮތަކަށް ކަންތައް ވާން އުޅެނީއެވެ. ބައްޕަ ގެ ނުފޫޒު ގަދަވާނެއެވެ. އަލީޒާއަށް ބައްޕަ ސީދާ އެގެއަށް ދުރުވުމުން ނޫނެކޭ ބުނާކަށް ނުކެރޭނެއެވެ.

" މާދަމާއިން ފެށިގެން ޖޮބަށް ވެސް ދާންވާނެ. ދަރިފުޅު ނެތީމަ ޝާހާން މެން ވެސް މުޅިން ފޫހިވެފައި. ހޮސްޕިޓަލްވެސް ފަޅުހެން ހީވޭ. ވަރަށް ވިސްނާފައި ޖަވާބެއް ދޭތީ އިގޭ. ޑޯންޓް ވޮރީ މައި ބޯއި. އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއް ދާނީ ރަގަޅަށް. މާތް ﷲ ދެރަގޮތެއް މެދުވެރިއެއް ނުކުރައްވާނެ..." މައުމޫން ދާނިޝް ގެ އިސްތަށިގަނޑު ހާވާލެއްވިއެވެ. 

ދާނިޝް ގެ ލޮލުގައި ވާ ހިތާމަ ތައް މައުމޫން އަށް ވެސް ފެނިލެއްވިއެވެ.
ދާނިޝް ބައްޕަ އާއި އެކު ދޮރާށްޓާއި ހަމަޔަށް ދިޔައެވެ. ބައްޕަ ކާރު ދުއްވާލުމުން ދާނިޝް އަވަށް ފިޔަވަޅުތަކެއްގައި ގެއަށް ވަނެވެ. އެ ސިޓީގައިވާ އިބާރާތްތަކެއް ދެކިލާ ހިތުން ހާދަ ދިގު އިންތިޒާރެއް ކުރެވިއްޖެއެވެ. ތެލިތެޅި ވާހިތަކާއި އެކު އޭނަ ސިޓީ ނިއުޅާލައިފިއެވެ. 

ކޮމެންޓް 0