އަލީޒާ ކޮޓަރީގެދޮރުގައި ޓަކިދިނީ އެތެރޭގައި ހުރިމީހަކަށް އެގުންވެސް ނުވާނެހާ މަޑުންނެވެ. ނުހަނު ޖެހިލުންވެ ފިނިވެފައި ހުރެއެވެ. އޭނަގެ ހިތްވަނީ އަވަސްވެފައެވެ. ހަމަޖެހިލަން މަސައްކަތްކުރަމުން ފުން ނޭވާތަކެއްލިއެވެ. ކަންބޮޑުވާންވީ ކީއްވެހެއްޔެވެ؟ ކާންހަދާފައި ހުރިވާހަކަ ބުނުމުން ދާނިޝްވެސް ހިތްހަމަޖެހޭނެއެވެ.

އަލީޒާ ދޮރުމަތީގައި ވިސްނުމެއްގެތެރޭގައި ހުއްޓާ ދާނިޝް ދޮރުހުޅުވާލައިފިއެވެ. އަލީޒާ ގެ ލޯ ތަރަތަރަޖަހައިގެން ދިޔައެވެ. ހިތްނުހުއްޓުނީ ހަމަ ކިރިޔާއެވެ. ކޮޓަރީގައި ދިއްލައިލެވިފައިވާ ހުދު އަލީގައި ދާނިޝް ހަމައެކަނި ޖިންސުގައިހުރިއިރު ޖިންސް އިޝްތިހާރުކުރާ މޮޑެލްއިން ވެސް ލަދުގަންނަވާލާހާ ރީއްޗެވެ. ހާދަ ފިރިހެންވަންތައެވެ. ފުރަތަމަ ފަހަރަށް އެ ރީތިހަށިގަޑުގެ ފުރިހަމަކަން އަލީޒާއަށް މިފެނުނީއެވެ. ފެނުނު ފެނުނުހެން މިރީތިކަމާއި އަޅައިގަންނަކަން އިތުރުވާހެން އަލީޒާއަށް ހީވިއެވެ.
މުޅިހިސާބުގައި ހިފާލާފައިވާ ޝަވަރޖެލްގެ ލުއިމީރުވަހުން އަލީޒާއަށް ނޭފަތް އެތެރެއަށް ދަމާލެވުނެވެ. ލޯމަރާލެވެންއުޅުނެވެ. ކޮންފަދަ ހިއްސުތަކާއި ކުޅެލާގޮތެއް އެބަހުރިހެއްޔެވެ؟

"ޔެސް ؟ " ދާނިޝް ބުމައަރުވާލިއެވެ.
އެރީތި ލޮލުގެ ބާރުން އަލީޒާގެ މޫނު އެއްކޮށް ރަތްކޮށްލައިފިއެވެ. އިސްޖަހާލަން މަޖުބޫރުކުރިއެވެ. އޭނަގެ ހިތްއެދުނީ އެ ތަނަވަސް މޭމަތީގައި ބޯއަޅާލުމަށެވެ. އެ މޫނުގައި ބޮސްދިނުމަށެވެ. އެއިހުސާސްތައް އަދިވެސް ތަޖުރިބާކޮށްލުމަށެވެ. ދާނިޝް ތަންކޮޅެއް ސީރިޔަސްވެލާފައި އަލީޒާވަންނަންތަން ދެއްކިއެވެ. އެއަށްފަހު އޭނަ އެދުމަތީގައި އޮތް ހުދާއި ކަޅުކުލައިގެ ގަމީހެއް ލާންފެށުމުން ގޮށްއަޅުވަދޭން އަލީޒާ ބޭނުންވިއެވެ. އަލީޒާއަށް ހަމަ ދާނިޝްއަށް ބެލެނީއެވެ. އެސްފިޔަޖަހާލިޔަސް ގެއްލިދާނެހެން ހީވެއެވެ.

"ޓަކި ނުޖެހިޔަސް ބޭނުންއިރަކުން މިކޮޓަރިއަށް ވަދެވިދާނެއިގޭ. އެހެންނޫނަސް އަހަރެން މިއުޅެނީ ބޭރަށް ދާންކަމަށް. މިހެން ބުނީމަ އަނެއްކާ ބިރުނުގަންނާތީ. ގޭޓަށް ވުރެ ދުރަކަށް ނުދާނަން...................." ކިތަންމެ ދުރުން އުޅުނަސް ބީރައްޓެހިވިޔަސް އޭނައާއި ކޮންމެވެސް ވަރަކަށް އަޅާލާކަން އެ ޖުމްލަތަކުން އެބައެގެއެވެ. 
އިންސާނިއްޔަތުކަން ޔަގީނުންވެސް އެބަހުއްޓެވެ. އަލީޒާބިރުގެންފާނެތީ އޭނަ އެކަނިމާއެކަނި ކޮޓެޖަށް ދޫކޮށްލާފައި ނުދާނެކަން މިހާރު ގާތްގަޑަކަށް ޔަގީންކުރެވިއްޖެއެވެ.
އަޅުގަނޑު މިއައީ ކާންހަދާފައި.........................." އަލީޒާ ހިންދިރުވާލަމުން ހިތްވަރުކޮށްލާފއި ބުނެލިއެވެ.
ދާނިޝް އެބުރިބަލާލިގޮތުން އަލީޒާ ލަދުގަހެއްހެން މޯޅިވިއެވެ. ކޮންފަދަ ސީރިޔަސްކަމެއްހެއްޔެވެ؟
"މަށެއް ނުބުނަމެއްނު ކައްކާށޭ. އަލީޒާ މިގެއަށް ގެނައީ ކައްކައި މަސައްކަތްކުރުވަން ނޯކަރެއްގެ ގޮތުގައެއްނޫން... ......ފައިސާދިނީ ކޮންމެވެސް ބޭނުމެއްގައި...........އަލީޒާއަށް ރެސްޓޯރެންޓް ކެއުން ކަމުނުދަންޏާ ކައްކައިގެން ކެޔަސް އެންމެ ރަގަޅު. އެކަމަކު އަހަރެންގެ އެއްވެސް ކަމެއް އަލީޒާ ލައްވާކުރުވާކަށް ބޭނުމެއްނޫން އިގޭ....."

ދާނިޝްގެ އެޖުމްލަތައް އަލީޒާމުޅިން ރަކިކޮށްލިއެވެ. މޫނުމައްޗަށް އެތައްހާސްކުލަތަކެއް ވެރިވެގެންދިޔައެވެ. ހިތުގައި ޖެހުނުވަރުން ވަގުތުން ލޮލަށް ކަރުނައައެވެ. ދާނިޝް ނުކުމެގެން ދަމުން އެންމެ ފަހަރަކުވެސް އަލީޒާއާއި ދިމާލަށް ބަލާލެވުނުނަމަ އޭނައަށްވެސް ރޮވުނީހެވެ. ވަގުތުން އަލީޒާ ގެނެސް މޭގައި ޖައްސާލެވުނީހެވެ. ހިތްހަމަޖައްސާދެވުނީހެވެ. އެކަމަކުވެސް އަދި ކަޑައެޅިފައިވާ ވަގުތު ނުޖެހެނީކަމަށް ވެދާނެއެވެ.

ދާނިޝް ބަލާވެސް ނުލައި ނުކުމެގެންދިޔައީއެވެ. އަލީޒާގެ ހިތް މިލިޔަން އެތިކޮޅުތަކަށް ވެގެން އެކިދިމާލަށް ބުރައިގެން ދިޔަހެން އަލީޒާއަށް ހީވިއެވެ. ސިކުނޑިވެސް ފަޅައިގެން ދިޔަފަދައެވެ. އެތައް އުދަގުލަކާއި ވޭނަކާއި އެކީ ކަރުނުން ފުރިފައިވާ ދެލޮލުން ދޮރާއި ދިމާލަށް ބަލަހައްޓައިގެން ހުރެވުނީއެވެ. އެހާ ލޯބިން އެހާ މީރުކޮށް ކެއްކީމަ ދާނިޝް އެހެން ހެދި ކީއްވެހެއްޔެވެ؟ ނޯކަރަކަށްނުވިޔަސް ފިރިމީހާޔަށް ކައްކާ ގެ ބަލަހައްޓާ ހިދުމަތްކޮށްދިނުމަކީ ގެވެހި އަންހެންކުއްޖެއްގެ ގައިގާ ހުންނަން ޖެހޭ ރީތި ސިފައެކެވެ. ދާނިޝް ގެ އެއްވެސް ކަމެއް އަލީޒަލައްވާ ނުކުރުވާނަމޭ އެބުނީ ހާދަ ބޮޑަށް ރުޅިއައިސްފަހުރީމައެވެ. ހާދަ ދެރައެވެ. މިއީ ހައްލެއްނެތް ކަމެއްބާވައެވެ.
އެންމެފަހުން އަލީޒާ މޫނުގައި ދެއަތްއަޅަމުން އެދަށް ބަންޑުން ވެއްޓިގަތެވެ. ކެތްކުރަން އުޅުނަސް އޭނައަށް ރޮވެމުންދިޔައެވެ.

"ޑޭން. ކީއްވެ އެއްވެސް ކުށަކާ ނުލައި މިހިތަށް ތިހާބޮޑު އަނިޔާއެއްދެނީ؟ މިވަރަށް ރޮއްވަނީ ކީއްވެގެންތަ؟ ކުށަކީ މިވަރަށް ލޯބިވުންހެއްޔެވެ؟ ނޭގިނަމަވެސް ކުށެއްވެވިފައި އޮތިއްޔާ މައާފު ދީފައި އެންމެފަހަރަކުވެސް ފުރުސަތެއްދީބަލަ. ހެޔޮނުވާނެ ޑޭން..މިއީ ކެތްކުރެވޭނެފަދަ ހިތާމައެއްނޫން............" އަލީޒާ ހިތާހިތުން ކިތަންމެވަރަކަށްވެސް ޝަކުވާކުރިއެވެ. ކިތަންމެވަރަކަށްވެސް ކަރުނަ އޮއްސިއެވެ. އޭނަ ނިމިގެންދާނީ ލޯބީގެ ވޭނުގައި ޝިފާއެއްނުލިބިބާވައެވެ.

އެހާ މީރުކޮށް ނޫޑުލްސްކެއްކިނަމަވެސް އަލީޒާ ކާހިތެއްނުވިއެވެ. ބޭކާރު މަސައްކަތެކެވެ. އަލީޒާ އެނދުގައި ބަންޑުން އޮށޯވެލައިގެން އެތައްއިރެއްވާނެދެން އޮތެވެ. އެންމެ ފަހުން ތެދުވެގެންގޮސް ދަބަސް ހާވަން ފެށިއެވެ. ނިދާބޭސްގުޅައެއް ފެނޭތޯއެވެ. ނަސީބަކުން އަދި ތިންދުވަހަށް ވާވަރަށް އެބަހުއްޓެވެ. މިރޭ ރަގަޅަށް ނިދާލެވިދާނެއެވެ. އަލީޒާ ރޮއިރޮއި އިދެ ބޭސްގުޅައެއް އަނގަޔަށްލިއެވެ.

ޖީނާ މަރުވުމުން " އައިސްގޭޓް"އަށް ލިބުނު ޝޮކާއި ހިތްދަތިކަމުގެ ސަބަބުން ގޭގެ ރޫހު ގެއްލި މުޅިން ފަޅުވިއެވެ. އަބަދު އިވެމުން އައި ހެވީމެޓަލް ލަވަތަކެއް ނީވެއެވެ. ޒުވާނުންގެ ފިކުރެއްނެތް އުފާވެރި ހުނުންތައްވެސް މުޅިންނެތިގެން ހިގައްޖެއެވެ. އެންމެންގެ ހިތްތަކުގައި ވާ އުފާވެރިކަމާއި ހަމަޖެހުން ހިފައިގެން ގޮސް ޖީނާ ވެލީގެ ދާނުގައި ނިދާލައިފިއެވެ. އަލްވިދާއު ކިޔާނެ ފުރުސަތެއްވެސް ނުދީއެވެ. މައާފަށް އެދޭނެ ފުރުސަތެއްވެސް ނުދީއެވެ. އެ އުފާވެރި ލާނެތް ހަލަބޮލި ކުއްޖާ ނެތްކަމުގެ އުނިކަމާއި ހިތްދަތިކަން އެންމެ ބޮޑަށް އިހުސާސްކުރަނީ ފަރުޒާނާއެވެ.

ފަސްދުވަސް ފާއިތުވެގެންދިޔައިރުވެސް ފަރުޒާނާ އުޅެނީ ނިދާބޭސްކައިގެނެވެ. ހޭލެވޭކޮންމަފަހަރަކު ޖީނާއަށް ގޮވައެވެ. ކަރުނައޮއްސައެވެ. އެތައް ޝަކުވާތަކެއްކުރެއެވެ. ފަރުޒާނާ ދެކޭގޮތުގައި ކުށްވެރިޔަކީ އޭނައެވެ. މައުމޫން ކިތަންމެވަރަކަށް ވިސްނާދިނަސް ގަބޫލެއްނުކުރެވެއެވެ. މައުމޫންއަށްވެސް ޖީނާގެ ހަޔާތުގެ އެތައް ސަފުހާތަކެއް ފޮރުވިފައިވާތީ ފަރުޒާނާގެ ހިތުގެ ހާލަތު ރަގަޅަށް ނޭގުނީއެވެ. އެނގޭނަމަ ފަރުޒާނާގެ ހިތުގައި އަޅާނެ ވޭނާއި އަމިއްލަ ނަފުސްކުށްވެރިކުރެވޭނެވަރު ކިތަންމެރަގަޅަށް ވެސް އިހުސާސްކުރެވޭނެއެވެ.

ޖީނާ މަރުވިއިރު މައުމޫން ހުންނެވީ ރާއްޖެއިން ބޭރުގައެވެ. އެ ޚަބަރުލިބުމާއިއެކު ވަގުތުންމާލެ ދުރުވިއެވެ. އެކަމަކު އޭރު ޖީނާ ވަޅުލުމުގެ އެންމެފަހުގެ ތައްޔާރުތައް ވެވެމުން ދަނީއެވެ. މައުމޫން ފެނުމުން ސައްފޫރު އޭނާގެ ބޭބެ ގެ ގައިގާ ހިފައިގަނެގެން ރުއިވަރުން މައުމޫންގެ ލޮލުންވެސް ކަރުނައައެވެ. އެތާތިބިހާބަޔަކަށް އެ މަންޒަރުން ފުން އަސަރުތަކެއް ކުރުވިއެވެ. ބައްޕައަށް ވުރެ ބޮޑުބޭބެގެ ހިތާމަ ބޮޑުކަން ފާހަގަކުރެވުނެވެ. މައުމޫނަށްވެސް ނޭގުނީ ޖީނާއަކީ ހަގީގަތުގައި ސައްފޫރުގެ ދަރިއެއްކަމެވެ.

ކޮޓެޖްގެ މަގުމަތި އޮތީ އާދައިގެ މަތިން އަނދިރިކޮށެވެ. ދާނިޔާލްމެން އައި ކާރު ދޮރާށިދޮށަށް މަޑުކޮށްލާފައި ބަރުގޮނުއަޅާލީ ދާނިޝްއަށް އެމީހުން އައިކަން އަންގާލަންވެގެންނެވެ. ބިޔަގަސްތަކުގެފަތްތަކުގެ ދޭތެރެއިން ފަޅި ހަނދު ފެންނަމުން ދިޔައިރު ދާދިކައިރިން އޮރެންޖްކުލައިގާ ދިއްލިފައި އިނީ ވީނަސް އެވެ. ރީތި މަންޒަރެކެވެ. ފިޔަޖަހަމުންދަ ތަރިތަކާއި ނޫ އަދި އޮރެންޖް ތަރިތަކުން އުޑުމަތި ފަޅުފިލުވަލާފައި ވެއެވެ. ބައެއްދިމާލުގައި ކުދިތަރިތައް ބޮނޑިވެލައިގެންތިއްބެވެ. ހެޔޮވަރަކަށް ޖެހެމުންދާ ވައިރޯޅިތަކުގައި ހިފާލާފައިވަނީ މާމެލާމެލީގެ މީރުވަހެވެ. ބަލާފޫހިނުވާފަދަ ރީތިކަމެކެވެ. ގުދުރަތީ ކޮންމެ މަންޒަރަކުންވެސް މަތްﷲ ގެ ކުޅަދުންވަންތަކަން ހާމަވެއެވެ.

އެންމެން ހީސަމާސާކުރަން ތިބިތަން ފެނުމުން ދާނިޝް ހައިރާންވިއެވެ. އެވަރަށް ހިތާމަކޮށްފައި އެންމެފަހުން ރާހިލް ވެސް ޖީނާގެ މަތިން ހަދާންނައްތާލީހެއްޔެވެ؟ ފަސްދުވަސްވީމާ އަނެއްކާ ކުރީގެ އުފާވެރި މަޖާ ދިރިއުޅުމަށް އެންމެން އެބުރިއައީއެވެ. އެއީ ދުނިޔޭގެ އުސޫލެވެ. ކިތަންމެ ލޯބިވާ ފަރާތެއް ދުރަށް ދިޔަނަމަވެސް ދިރިއުޅުން ކުރިއަށް ދާނެއެވެ
"ގޭތެރެއަށް ނުވަދެވިފައި ތިބީޔޯ...." ދާނިޝް މީރާން އާއި ދިމާލަށް ލޯ އަޅާލަމުން ހުއްޓުނީ ތަންކޮޅެއް ދުރުގައެވެ. އޭނަ ހުރީ ސީރިޔަސްވެފައެވެ. އޭނަގެ އެންމެ ގާތް އެކުވެރިން އައުމުންވެސް އުދަގޫވާގޮތްވެފައެވެ.
"ފޭކް ފަހަރިއަކާ ބައްދަލުކުރުމުގެ ބޭނުމެއް ނެތީމަ......................" ޝާހާން ހީލިއެވެ.
"ޝޭން ހަގީގަތް ނޭގި ތިވަރަށް ދިމާކުރާކަށް ނުވާނެ. ޑޭން ރުޅިއަރުވާލައިފިއްޔާ ނިއުކްލިއަރ ހަގުރާމައެއްފެށުންވަރު ވާނެ....." މީރާން ހީގަތެވެ.
"މީރާން. މައްސަލައަކީ ތިއީ. ޑޭން ސިއްރުވެރިވެގެން ގޮސް އަހަރެމެނަށްވެސް ނާންގާ އުޅޭތީ. ވެގެންއުޅޭގޮތް ނޭގެންޏާ ކޮންމެގޮތެއްވިޔަސް އަލީޒާއާ އެހާ ގާތްކަމެއް ނުބޭއްވޭނެ. އެލީޒާ އެޑްމިޓްކުރީމަ ޝިރުޒާދު މަށަށް ގުޅީމަވެސް ނުދިޔައީ އެހެންވީމަ. ޑޭން. އެހެންކަމެއް ނުކުރިޔަސް ތި ރުޅިގަޑު މައިތިރި ކުރަން ދަސްކޮށްބަލަ. ޝިރުޒާދު ބުނި އެހެން މީހަކު އެހާ ރޫޑްކޮށް ވާހަކަދެއްކިނަމަ މަޑުން ނުހުރީހޭ.ޑ ޭންއަށް އިހުތިރާމު ކުރާވަރުންނޭ ހިމޭނުން އެހުރިހާ އެއްޗެހިއަޑުއަހަން ކެތްކޮށްލައިގެން ހުރެވުނީ..............." ޝާހާން އިށީދެލައިގެން އިނީ ކާރުގެ ބޮނެޓްމަތީގައެވެ. 

"މަޑުން ނުހުރެ އޭނަ ވަކި ކީއްކުރާނީތަ؟ އެހެންނޫނަސް ޝިރްޒާދްއަށް އެވަރު ނުވިސްނުނުތަ؟މިސާލަކަށް އޭނަގެ ވައިފް ބަލިވެގެން އަހަރެން އެޑްމިޓްކުރީޔޯ. ހަވީރުވަންދެން ފަރުވާއެއްނުދީ ހުރެފައި ހިތަށް އެރިގަޑިއެއްގައި ގުޅައިފިއްޔާ އޭނަ ހިމޭނުން ހުންނާނެތަ؟ " ދާނިޝް އެހަދާން އާ ވުމުންވެސް ރުޅިގަދަވާގޮތްވިއެވެ. ޝިރުޒާދުއަކީ ފިޑިމީހެކެވެ. އޭނައާއި ދިމާލަށް އެއްޗެކޭ ނުކިޔާ އަދިވެސްކުޓުވާލަނީ ޝާހާން ގާތުގައެވެ.

"އޭނައަށްވެސް އެކަން އެގުނު. މައާފަށްވެސް އެދުނު. ޑޭންވެސް މައާފަށް އެދުނީމަ ދެން އެކަން އެނިމުނީ....." ޝާހާން އަށް ދާނިޝްގެ މިޒާޖު ހުންނަގޮތް ރަގަޅަށް އެގުނަސް ދިމާކޮށްލަން ވެގެން ބުންޏެވެ.
"މަ ހަޅޭއްލެވީ އެ ހައްގު އޮތީމަ. މަށެއް ނޭދޭނަން މައާފަކަށް. ގޮސްބުނޭ އެހެން. އަދި ފޭކް ފަހަރިއޭ ކިޔާއިރު މީރާންއަކަށްވެސް އުދަގޫ ނުކޮށް ނުހުރެވޭ. އެތައް ފަހަރު ބުނެފިން މިގެއަށް ނާންނާށޭ. އަލީޒާއަށް ޝައްކުވެދާނެއޭ......................." ދާނިޝް ހުރީ ހިތްހަމަނުޖެހިފައެވެ.


"އެވަރުން އަލީޒާއަށް ސިއްރުކުރުމުގެ ބޭނުމަކީކޮބާ ޑޭން؟ އޭނައަށްވެސް އާއިލާ އެގެންޖެހޭނެ. މީރާން އަކީ ޑޭންގެ ކާކުކަން އެގުނަސް މައްސަލައެއް ނެތެއްނު. ލޯބިވަންޏާ ކުރާނެކަމެއް ދެނެއް ނޯންނާނެ....." ދާނިޔާލް ވަނީ ރިހާނާއަށް މީރާން ތައާރަފުކޮށްދީފައެވެ. ރިހާނާވެސް ނުލާހިކު އުފަލާއިއެކު މީރާންއަކީ އާއިލާގެ އެކަކުކަމަށް ގަބޫލުކުރިއެވެ. އެއްވެސް މައްސަލައެއް ނުޖައްސައެވެ.



"ތި ސިއްރު އަހަންނަށްވެސް އަންގައިގެން އުޅެބަލަ. އައިސްގޭޓް ގެ ސިއްރުތައް ގިނަކަމުން ބޯހަލާކުވާވަރުވޭ............." ރާހިލް ޝާހާން ގެ ކޮނޑުގައި އަތްބޭއްވިއެވެ. އޭނައަށް މީރާންގެ ރޫހާނީ ބާރެއް ހުންނަކަން އެގެއެވެ. ދާނިޔާލްމެނާއި މިއޮންނަ ގާތް ގުޅުމާއި ލޯބީގެ ބޮޑުކަމުން މިއީ ހަމައެކަނި ރަހުމަތްތެރިކަން ނޫންކަން އެގެއެވެ. މީރާންމެން ވާހަކަ ދައްކާއިރު " ބްރޯ" ކިޔާކަން ވަރަށް ފާހަގަކުރެވެއެވެ.
"އެއީ އަނެއްހެން މާބޮޑު ސިއްރެއްނޫނޭ ރާހިލް. މީރާންއަކީ އަހަރެމެން ގެ ބޭބެ. އަހަރެމެން މަންމަ ކިޔަނީ އެކަކަށް. ރާހިލްއަށް ވެސް މަންމައާއި ބެހޭ މައުލޫމާތު އެވަރަކަށް ނޭގޭ ދޯ . މަންމަގެ ނަމަކީ މާލިޔާ.....................ސްވިސްއެމެރިކަން އެއް. އަސްލު މަންމަ ގެ އާއިލާމީހުނަކީ ކްރިސްޓިއަނުން. މީރާން ގެ ބައްޕަ މުސްލިމަކަށް ވާތީ މަންމަވެސް އެ ދީނަށް ވަނީ. ކާފަވަރަށް ޑެވިލްސްއިންނާއި ގާތްވާނެ. މިބުނީ ބްލެކްމެޖިކް ފަދަ ކަންތައްތަކަށް ވަރަށް ފޯރި ހުރި. ސިހުރު ހާހޫރަ ހެދުމުގައި ޝައިތޯނުންނާއި ގުޅުންބާއްވާނެ ތާ......." ޝާހާން ގެ ވާހަކަތައް އަޑުއަހައިގެން ރާހިލް އިނީ ހައިރާންވެ އަންތަރީސްވެފައެވެ. ކުޑަކޮށް ބިރުގަންނަގޮތްވެފައެވެ. ޝައިތޯނުން ގެ ވާހަކަ ދެކެވެން ފެށީމައެވެ.

"ރާހިލް ހަމަޖެހިބަލަ. ހާރޓްއެޓޭކެއްވެސް ޖެހިދާނެ ދޯ. އެކަމަކު ކަންބޮޑުވާނެކަމެއްވެސް ނެތް. ކާޑިއޯ އަދި ނިއުރޯ ސާރޖަނުން އެބަތިބިވިއްޔާ. ޝޭން މެންނަކީ އިންސާނީ ދެމަފިރިއަކަށް ލިބިފައިވާ ނޯމަލް އިންސާނުންތަކެއް. ކާފަ ޑެވިލްއިންގެ ބާރު ހޯދިޔަސް ޝޭން މެން ހަޔާތަށް އެކަމުގެ ހިޔަނި އެޅިޔަކަ ނުދޭ..." މީރާންގެ ލޮލުގެ ނޫކުލައިގެ ވިދުވަރު ރާހިލްއަށް ފެނުނީ އެވަގުތުއެވެ. ބުޅަލުގެ ލޯ ފަދައިން އެ ލޯވިދިއެވެ. އެކަމަކު ތަފާތަކީ ރީތިކަމެވެ. ތަރިއެއްފަދައިން ވިދާލިކަމެވެ. އޭނައަށް ޝާހާންގައިގަ ހިފައިގަނެވުނެވެ. ހަޅޭއްލަވައިގަނެވުނީ ބޭއިޚުތިޔާރުގައެވެ.

"ފިޑި ފިރިހެނާ......" ދާނިޔާލް ހީގަތެވެ.
"މިވަގުތު ބުނެދޭނަން މަގޭ ސިއްރު. އަހަރެންގެ ކޮއްކޮމެނާއި ތަފާތުވި ސަބަބު...." މީރާންގެ އެބަރު އަޑުވެސް ރާހިލްގެ ގައިން ހީބިހި ހިލުވާލިއެވެ. އޭނަ އިނީ އަދިވެސް ޝާހާންގެ ގައިގާ އެލުވިގަނެގެނެވެ.

ކޮމެންޓް 0