އަލީޒާ ގެ ގެއަށް ވަދެވުމުން އޭނަގެ ފިޔަވަޅުތައް މަޑުޖެހިލިއެވެ. އޮޅިގެން ނުބައި ގެއަކަށް ވަދެވުނީކަމަށްވެސް ހީވިއެވެ. ގޭތެރެ ވަނީ މުޅިން ބަދަލުވެފައެވެ. ގޮޑިތަކުގެ ބަދަލުގައި ސޯފާސެޓެކެވެ. ކުލަގޮސްފައިވާ ފާރުތަކުގައި ފެހިކުލައިގެ ދަވާދު ލާ ޕޯސްޓަރު ތަތްކޮށްލާފަހުއްޓެވެ. ޑަބަލްބެޑެއްވެސް އެބަހުއްޓެވެ. މިއީ މަންމަ އޭނައަތުން ހޯދި ފައިސާހެއްޔެވެ؟ ވިހިހާސް ރުފިޔާއިން މަންމަ ގެ ހާދަވަރަކަށް ތަރައްގީކޮށްލައިފިއެވެ. ނަސީބެކެވެ. އެލާރި ބޭކާރުގޮތަކަށް ދުއްވާނުލިކަމާއިމެދު އަލީޒާ މާތް ﷲއަށް ހަމްދުކުރިއެވެ.

ގޭތެރޭގެ ސާމާނުތައް އާކޮށްފައި ހުއްޓަސް ކާމޭޒުމަތިވަނީ ހަޑިކޮށްފައެވެ. މެންދުރު ކޭތަށިތައް ނަގާނުލާ ހުރިއިރު ސިންކުތެރޭގައި ތެލިތަކާއި ކައްކަން ގެންގުޅުނުހާ ސާމާނުތަކެއް ހުއްޓެވެ. ކޮޓަރީގެ ކަނެއްގައި ދާހެދުންތައް ފުންޏަކަށް ޖަހާލާފައިހުރުމުގެ ސަބަބުން ކޮޓަރީގައި ދުވަނީ ނުބައި ވަހެކެވެ. ރީއްޗަށް ތަރަފާލު އަޅާފައި އޮތަސް މިއިންދުވަހަކު ފެންފޮތިލީކަމެއް ނޭގެއެވެ. ހިރަފުހާއި މަކުނުވާތައް އެކިދިމާލުން ފެނެއެވެ. އޭނަ ދިޔަފަހުން މިގެވަނީ ހާދަ މުޑުދާރުވެފައެވެ. ހަފާ އަކީވެސް ކުޑަކުއްޖެއްނޫނެވެ. މިވަރުގެ ކަންތައް ކުރެވެންޖެހޭނެއެވެ. ކިތަންމެ ނިކަމެތި ހާލުގައިވެސް އަލީޒާ ހާދަވަރަކަށް ސާފުތާހިރުކަމަށް ލޯބިކުރިއެވެ.

ހަފާއޮތީ ވާހަކަފޮތެއް ހިފައިގެން އެދުމަތީގައެވެ. އެތައް ދުވަހެއްކޮށްލާފައި ދޮންތަ ފެނުމުންވެސް އުފާވިހެނެއް ހިޔެއްނުވެއެވެ. އޭގެ ބަދަލުގައި ހަފާ ބަލާލީ ހަސަދަވެރިކަމުގެ ނަޒަރަކުންނެވެ. ކައިވެންޏަށްފަހު ދޮންތަގެ ރީތިކަން ދެގުނައިތުރުވެއްޖެއެވެ. މޫނުމަތިން ފެންނަނީ ފަރިކަމެވެ. ތުންފަތުގައިވަނީ ރީތި ހިނިތުންވުމެކެވެ. މަޑު ނޫކުލައިގެ ފަށުވި ހެދުމާއި ގެސް ޖިންސްގައި ހުރިއިރު މޮޑެލްއެއްފަދައެވެ. މުޅި ހިސާބަށް ވެރިވެގެން އެ ދިޔަ ލުއިވަހުން އެއީ އަގުބޮޑު ސެންޓެއްކަން ހަފާ ދެނެގަތެވެ. ގަހަނާތައް ބޭނުންކޮށްފައި ނެތަސް އަތުގެ އިގނިލީގައިވާ ޖަވާހިރު އަގޮޓީގެ ދަޅަ ހަފާގެ ލޯ ތަރަތަރަޖަހުވާލިއެވެ.

" ދޮންތަ ހާދަ ރީއްޗޭ.....މަށަށްވެސް ހެދުންކޮޅަކާއި ރީތި އަގޮޓިއެއް ގަނެދީބަލަ....." ހަފާ ބަލަހައްޓައިގެން ހުރީ ދަހިވެތި ނަޒަރަކުންނެވެ.
"އަދި ހުރެބަލަ ދޫނި. ލީވްގަ ދޮންތަ މިހިރީ. ޑިޔުޓީއަށް ނިކުންނާނަން ދުވަސްކޮޅަކުން. މުސާރަ ނަގާފައި ކޮއްކޮ ބޭނުން ކޮންމެ އެއްޗެއް ގަނެދޭނަން އިގޭ...." އަލީޒާ އެނދުގެ މަގަތުގައި އިށީދެ ހަފާގެ އިސްތަށިގަޑުގައި ފިރުމަންފެށިއެވެ.
ދާނިޝް ކިތަންމެވަރަކަށް ފައިސާ އިން އޭނަގެ ދަބަސް ފުރާލާފައި ބެހެއްޓިނަމަވެސް ދާނިޝް އޭނަގެ އާއިލާއާއި އެ ބަހައްޓާ ދުރުކަމެއްގެ ސަބަބުން އެ ފައިސާއިން ގެއަށް ޚަރަދު ކުރާކަށް އޭނައަށް ނުކެރެއެވެ. ދާނިޝްގެ އެ މިޒާޖާއި މެދު ސުވާލުކޮށްލާކަށް ވެސް ނުކެރުނެވެ. ފިރިމީހާއާއި އެފަދަ ޝަކުވާކުރަން އަލީޒާ ބޭނުމެއްނޫނެވެ.

" ވީއިރު މިލިޔަނަރަކާއި އިދެގެން ހުރުމުގެ ބޭނުމެއް ނެތެއްނު ......" ހަފާ މޫނުކުނިކޮށްލާފައި އަލީޒާގެ އަތް ދުރަށް ޖައްސާލަމުން އަނެއް ފަރާތަށް އެބުރުނެވެ. ފޮތުގެ ސަފުހާތައް އުކަން ފެށިއެވެ. މިއީ އަލީޒާ ހާދަ ލޯބިން ގެންގުޅުނު ކޮއްކޮއެކެވެ. އަމިއްލައަށް ނުކައި ހުރެ އޭނަ ކޮއްކޮގެ ބަނޑު ފުރާލަދިނެވެ. ބަލިވެއްޖެއްޔާ ރޭގަޑު ހަތަރުދަމު ހޭލާއިދެ ބޯމޮޑެދިނެވެ. ފިރުމާދިނެވެ. ކޮއްކޮ ލައްވާ އެއްވެސް މަސައްކަތެއް ނުކުރުވާ ގޭގެ ހުރިހާ ކަމެއް ނޯކަރެއްފަދައިން ކޮށްދިނެވެ. މުއްސަންޖަކާއި ކާވެނި ކުރިޔަސް އަދި އޭނައަށް ވަނީ މަޖުބޫރުވެފައެވެ. ނަމަވެސް އޭނަ މިހިރީ ހަފާ އާއި ފަވާދުއަށް މަތީ ތައުލީމު ހާސިލުކޮށްދޭށެވެ. ހުރިހާ ކުދިންގެ ދިރިއުޅުން އާބާދުކޮށްދިނުމަށް އަޒުމްކަޑައަޅައިގެންނެވެ. ދާނިޝްގެ ލޯބި އޭނަގެ އާއިލާއަށް ލިބުމަކީ އޭނަގެ އުއްމީދެކެވެ.

" ކޮއްކޯ.. ކޮބާ މަންމަމެން؟ " އަލީޒާ އަހާލިއެވެ.
" މަށަށް އިގޭނީ ކިހިނެއް؟ މިހުރިހާ ދުވަހުވެސް ޚަބަރު ބަލާނުލާ އުޅުނީނު..... .." ހަފާ ރުންކުރުގޮތަކަށް ބުނެލިއެވެ.

" ހަފާ ތި ވިސްނަނީ މުޅިން ގޯސްކޮށް......"އަލީޒާގެ ހިތަށް ފުން އަސަރުތަކެއްކުރިއެވެ. ހަފާވެސް ހާދަބޮޑަށް ބަދަލުވެއްޖެއެވެ. އެ މައުސޫމްކުއްޖާ ގެ ސާދާކަމާއި މަޑުމައިތިރިކަން ގެއްލިއްޖެކަމަށް އަލީޒާގެ ހިތް ބުނަން ފެށިއެވެ. އަޅައިގެން ހުރި ހެދުމާއި ޑައިކޮށްލާފައިވާ އިސްތަށިގަނޑު އަދި ރާގުންނެވެ. ބޮޑުވަމުންދާވަރަކަށް މަންމަގެ އެ ހުންނަ ދޫހެލޭކަމާއި ރުޅިގަދަކަން ވާރުތަކުރަނީހެން އެބަހީވެއެވެ.

"މިހާ ދުވަސްކޮށްލާފައި ދޮންތަ އައިސް ތިއަހަނީ މަންމަ ކޮބާހޭ. މަންމަވެސް މިހާރު ވަޒީފާއަކަށް ދާންފަށައިފި. ދެތިންހާސް ރުފިޔާވަރު ލިބޭ. އެގެއިން ފިހުނުކުކުޅުވެސް ވަރަށް ގެނޭ. މިރަށުގެ އެންމެ ބޮޑު ފައިސާވެރިޔާގެ ގޭގައި ވިއްޔާ މަންމަ އުޅެނީ. ދޮންތަ ކޮޓެޖް ގެ ރަނިކަން ކުރާއިރު މަންމަ އުޅެންމިޖެހެނީ ގެއެއްގެ ނޯކަރަކަށް. ރަގަޅު ދޯ. ލީވް އިޓް. މަންމަ ވަރަށް ރޮއިފާ ކިޔާނެ އަލީޒާ މަންމަ ތިގެއަށް ވަންނަން ނުރުހެޔޭ. އެންމެފަހުން ތިގެއިން ވައްކަންކުރާކަމުގެ ބަދުނާމުވެސް މަންމަގެ ބޮލުގައި އެޅުނީ.." ހަފާ ކުއްލިއަކަށް މަލާމާތުގެ ހިނިތުންވުމަކާއި އެކު އަލީޒާއަށް ބަލާލިއެވެ.

ހަފާގެ ކޮންމެ ޖުމްލައެއް އަލީޒާގެ ހިތަށް ކަށްޓެއްފަދައިން ހެރުނެވެ. ވަރަށް ބޮޑަށް ހިތުގައި ޖެހުނެވެ. ހަފާ މިފަދަ ހަރުކަށިގޮތަކަށް އޭނައާއި ދިމާލަށް އެއްޗެހި ކިޔާފާނެކަމަކަށް އަލީޒާ ހިޔެއްނުކުރެއެވެ. އަލީޒާގެ ލޮލަށް ކަރުނަ ޖަމާވުމުގެ ކުރިން އޭނަ އަވަސްއަވަހަށް އެކޮޓަރިން ނުކުންނާން ހިގައިގަތެވެ. ކޮޓެޖްގައި ބަންދުވެގެން އިންނަން ޖެހޭ ސަބަބަކީ މިއީ އެވެ. އޭނައާއި ދާނިޝް އެކަނި އުޅޭއިރު އެއްވެސް ފިކުރެއް ހާސްކަމެއް ހިތާމައެއްނެތެވެ. ނަމަވެސް އެހެންމީހުންނާއި ދިމާވާއިރަށް އެ އުފާތައް ކޮންމެވެސް ސިފައެއްގައި ނެތިގެން އެބަދެއެވެ.

" ދޮންތާ. މަޑުކޮށްބަލަ......ދޮންތަގެ ވަރަށް ވަރުގަދަ ސިއްރެއް މަށަށް އެގިއްޖެ. މިހުރިހާ ދުވަސްވަންދެން އެ ސިއްރު ފޮރުވިފައި އޮތީމަ ހަމަ ހައިރާންއެބަވޭ. ވަރަށް އިންޓެރެސްޓިން.." ހަފާގެ އެ ޖުމްލައިން އަލީޒާ ގެ ހިތް ތެޅިލިއެވެ.

"ދޮންތަގެ ސިއްރެކޭ؟ ކާކު ހަފާގެ ގާތުގައި ތިހާ ވަރުގަދަ ސިއްރެއްބުނީ؟ ދޮންތަ ގާތު ބުނެބަލަ....." އަލީޒާ ހީލަމުން އަހައިލިއެވެ.

" ނޫނޭ. މިއީ ވަރަށް އަގުބޮޑު ސިއްރެއް. މިލިޔަން ޑޮލަރ އަގުބޮޑު ސިއްރެއް. އެ ސިއްރު ބުނެދެވޭނީ އެއާއި އެއްވަރުގެ އަގުހުރި ހަދިޔާއެއް ލިބުނީމަ. ގިފްޓެއްދީ.."ހަފާ އެދުގައި ބަންޑުންވަމުން އަލީޒާއާއި ދިމާލަށް ބަލާލީ ނުލަފާ ހިންޏަކާއި އެކީގައެވެ.

" އެންމެ ރަގަޅު...ޗޮކްލެޓެއްތަ؟ އައިސްކްރީމެއްތަ؟ " އަލީޒާ ހިނިތުންވެލީ ގަދަކަމުންނެވެ. އޭނަގެ ހިތުގައި ހަފާ އާއި މެދު ޝަކުވާ އުފެދެމުން ދިޔައެވެ. ހަފާ ރީތިގޮތުގައި އޭނަ ބްލެކްމެއިލް ކުރަނީހެއްޔެވެ؟

ކުޑައިރު ބަތްކައްކާ ކުޅުނީ. ޗޮކްލެޓް ބޭނުންވީ އެޒަމާނުގައި. ހިތް ޒުވާން ވީމަ ބޭނުންވަނީ ތަފާތު އެއްޗިއްސޭ......." ހަފާގެ ނަޒަރު އިރުއިރުކޮޅާ ހުއްޓެމުން ދިޔައީ އަލީޒާ ގެ އަތުގައި ވާ އަގޮޓިއަށެވެ. އަލީޒާގެ އަތަށް ގެނެވޭ ހަރަކާތަކުންވެސް އެ އަގޮޓީގެ ޖަވާހިރުތަކަށް ދަޅައަޅައިގެން ދަނީ ވަރަށް ފުރިހަމަޔަށެވެ.

" ކޯޗެއް؟ ބުނި ކޮންމެ އެއްޗެއް ދޭނަމޭ........." ހަފާ ބޭނުންވަނީ އޭނަ ތަޅުވާލަން ހެއްޔެވެ؟ ހަދަހަދައިގެން ދައްކާ ވާހަކައެއްހެއްޔެވެ؟ ހަފާއަށް އެނގުނީ ކޮން ސިއްރެއްހެއްޔެވެ؟ އަނެއްކާ އޭނައާއި ދާނިޝްގެ ހަމަނުޖެހުން ހަފާ ގެ ކަންފަތަށް ފޯރީހެއްޔެވެ؟ އެ ވާހަކަ ބޮޑުކޮށްލައިގެން ކޮންމެވެސް މީހަކު ދެއްކީކަމަށް ވެދާނެއެވެ. އެކަމަކު އެއީ ހައްލުވެފައިވާ މައްސަލައެކެވެ. އަލީޒާ އެކަމާ ހާހެއް ނުވެއެވެ. ބިރެއް ނުގަނެއެވެ.

"އަތުގައި ތިއޮތް އަގޮޓި ދޭންވީނު......... " ހަފާ ހިނިގަޑެއްޖަހާލަމުން ދަހިވެތިގޮތަކަށް ބުނެލިއެވެ.

"ނޫން. މިއީ ދާނިޝް ގެ ހަދިޔާއެއް. ހަފާ. ދެން ތި ވާހަކަ ބުނެބަލަ. އެހެން ރަގަޅު ހަދިޔާއެއް ދީފާނަމޭ. ޕްލީޒް........" އަލީޒާ އަތުކުރީގައިވާ ޕާޕްލްގަޑިއަށް ބަލާލަމުން މަޑުމައިތިރިކަމާއިއެކު ބުނެލިއެވެ. ދާނިޝް ހަދިޔާ ކުރި ތިންކުލައިގެ ރަން ގަޑި އަޅައިގެން އައިނަމަ ހަފާ ހާދަ ވަރެއްވީހެވެ. ކުރީގައި ހަފާއަކީ މުދަލަށް މިހާ ބޫތުކައިފާ ހުންނަ ކުއްޖެއްނޫނެވެ. އެއްޗިއްސަށް ދުވަހަކު ކީހަދާނެއް އަލީޒާ ނުވެއެވެ. އަލީޒާ އަށް ކުޑަ ހަދިޔާއެއް ލިބުނަސް ހަފާއަށް ދިނެވެ. ނޫނީ ހިއްސާކުރިއެވެ. ދެބެން އުޅުނީ އެހާ ގާތްކޮށެވެ. މިވީ ކިހިނެއްހެއްޔެވެ؟ ދުވަސްކޮޅެއްގެ ވަކިވުން ހަފާ މުޅިން ހިލޭކޮށްލައިފިއެވެ.

 

"އެންމެ ފުރަތަމަވެސް މިލިޔަންޑޮލަރު ގެ ސިއްރެކޭ ބުނީ ސަމާސާއަކަށް ނޫން. އެ ސިއްރުގެ މުހިއްމުކަން ތި ގަމާރު ކުއްޖާއަށް ވިސްނޭތޯ. ޕްލީޒް އަކުން އެ ސިއްރު ހިއްސާއެއް ނުކުރެވޭނެ. މިހާރު އެގިއްޖެ ހަދިޔާއެއް ދެވޭހާ ފެންވަރެއް ނެތްކަން. ވީމަމަށަށް ފިރިސޮރުގެ ކޮއްކޮ ސެޓްކޮށްދޭންވީނު...." ހަފާ އޮތީ ފައި ހަލުވާލަ ހަލުވާލައެވެ. 
"ޝާހާން އުޅެނީ މާދަން ރޭ މީހަކާ އިންނަން.........." އަލީޒާ އަވަސްއަވަހަށް ބުނެލިއެވެ.
" ސޯ ވަޓް؟ދެ އަބިން ގެންގުޅޭނެހާ ފެންވަރު އެމީހުން ގެ ނެތީތަ؟އަޅާނުލާ. މަވެސް ބަތްތަށީގެ އެއްފަޅިކާކަށް ބޭނުމެއްނޫން. މިބުނީ ރާހިލް ސޮއްފޫރުގެ ވާހަކަ. އޭނަ ކިހާ ސްމާޓް. ދާނިޝްމެނަށް ވުރެ ހާސްބައި މުއްސަދި.އަނެއްކާ ސިންގަލް. މަންމަ ބުނިގޮތުން ވިއްޔާ އެއީ އަލާއުއްދީންގެ ވޮށްކޮޅުއަތުގައި ޖެހުންފަދަ ކަމެއް. ދާނިޝްގެ ބެސްޓްފްރެންޑަށް ވީމަ ޓްރައިކުރެވިދާނެއްނު. އޭނަ ހޯދަދީ...." ހަފާ ޝަރުތު ކުރިމަތިކުރިއެވެ. މަންމަ ދަނީ ރާހިލް ދަނބިދަރިއަކަށް ހެދުމުގެ ހުވަފެން ދެކެމުންނެވެ. އެ ހުވަފެންތަކުގައި ކުލަ ޖެއްސުމުގެ ބާރު އަލީޒާގެ އަތުގައި އެބައޮތެވެ.

"ހަފާ. ދޮންތަ ތިހާ ބޮޑަށް ތަޅުވަން ނޫޅެ ބުނަންއުޅޭ އެއްޗެއް ނިކަން ބުނެބަލަ. ތިހާވަރުގަދަ ސިއްރެއް ބުނީ ކާކު؟" އަލީޒާ ހަފާގެ އެނދުގެ މަގަތުގައި އިށީދެ އިސްތަށިގަނޑުގައި ފިރުމަން ފެށުމުން ހަފާ އެ އަތް ދުރަށް ލިއެވެ. މޫނުކުނިކޮށްލާފައި އަލީޒާ އަށް ބަލާލައިފިއެވެ.
" ފުރަތަމަ ރާހިލްއާއި ގުޅުވަދީ......ނަސީބެއްނު އޭނަވެސް ދާނިޝްފަދަ މުށްބާރު ބޮޑާ"
"ހަފާ............." އަލީޒާ ދެކަންފަތުގައި އަތް އަޅަމުން ހަޅޭއްލަވައިގަނެވުނީ ބޭ އިޚުތިޔާރުގައެވެ. އެއްވެސް މީހަކު ދާނިޝް އާއި ދިމާލަށް އެއްޗެކޭ ބުނާއަޑުއަހަން އޭނައަށް ކުޅަދާނައެއްނޫނެވެ. ކެތެއް ނުކުރެވޭނެއެވެ. ހިތަށް ލިބުނީ ބަޔާންނުކުރެވޭފަދަ ވޭނެކެވެ. ވަގުތުން ލޮލަށް ކަރުނަ ޖަމާވިއެވެ. ކަންފަތުން އަތްނަގާފައި މޭގައި ފިރުމާލެވުނެވެ. 
" ހުއްޓާލާ....ދެން އިތުރު އެއްޗެކޭ ބުނާއަޑުއަހާކަށް ބޭނުމެއް ނޫން......" އަލިޒާ އެނދުން ތެދުވެއްޖެއެވެ.
" ދޮންތަ ރުޅިއަޔަސް މިއީ ހަގީގަތެއް. މަލާއިކަތެއް ނޫން އެއީ. އެހާ މާތް މީހެއް ނޫން. ބޮޑާ ފޮނި ފިރިހެނެއް. އެކަމަކު ހިތްކިޔާ ގޮތެއް ހުރޭ. ވަރަށް ސްމާޓް........." ހަފާ އަށް އަލީޒާ ދާނިޝްދެކެ ލޯބިވާވަރު ރަގަޅަށް އެގެއެވެ. އެކަމަކު އަލީޒާގެ ޖަޒުބާތުތަކަށް ގަދަރެއް ނުކުރިއެވެ. އަލީޒާގެ ހެޔޮކަމާއި އެ ލޯބި މުޅިން ހަދާން ނައްތާލައިފިއެވެ. ކޮއްކޮއަކަށް ކޮށްދޭ ޚިދުމަތްތަކަކީ އަގު ކަޑައަޅައިގެން ކުރެވޭ ކަންތަކެއް ނޫނަސް އަލީޒާ ހަފާއަށް ވެދީފައިވާ އިހުސާންތެރިކަން އެހާ ފަސޭހައިން ހަދާން ނެތުނީ ކިހިނެއްހެއްޔެވެ؟


" ހެވޭ. ބުނެފީމެއްނު ހުއްޓާލާށޭ.........." އަލީޒާގެ ލޮލުގައި ގިނަވެގަތް ކަރުނަތައް ފޮހެލަމުން އަލީޒާ ތަންކޮޅެއް ބާރަށް ބުންޏެވެ. އެވަގުތު އަލީޒާ ގެ ހަދާނަށް އައީ ޖީނާއެވެ. ކުޑަ ދުވަސްކޮޅަކަށް އޭނަގެ ހަޔާތަށް ޒިޔާރަތްކޮށްލި ލޯބި މެހުމާނެކެވެ. އެކަމަކު އެ ކުޑަދުވަސްކޮޅު އެއްބަނޑު އެއްބަފާ ކުއްޖަކުވެސް ނުދޭނެހާ ލޯބި ދިނެވެ.މއަލީޒާގެ ހިތުން ޚާއްސަ މަގާމެއް ހޯދިއެވެ. ހަފާ ހަގީގީ ކޮއްކޮއަށް ވާއިރު ހިތުގައި އެއްވެސް ކުލުނެއް ނެތީ ހެއްޔެވެ؟ ދުވަސްކޮޅަކަށް ވަކިވެލާއިރަށް މުޅިން ހިލޭ ވެގެން ދިޔައީހެއްޔެވެ؟

"އޯކޭ. އޯކޭ. އަހަރެން ހުއްޓާލައިފިން. ދޮންތައަށް އަހަރެން ގެ ދުލުގައި ހިފިދާނެ. އެކަމަކު މާލޭގައި އުޅޭ ލައްކައެއްހާ މީހުންގެ ދޫ ބަންދެއް ނުކުރެވޭނެ ދޯ.....ސޮރީ އެހެން ބުނެވުނީތީ...." މަސްލަހަތަށް ވިސްނާފައި ހަފާ މައާފަށް އެދުނެވެ. ރާހިލް އާއި ހަމަޔަށް ދެވެން އޮތީވެސް އަލީޒާ މެދުވެރިވެގެންނެވެ. ވީމަ އަދި އަލީޒާ ރުޅިއަރުވާލުމަކީ ބުއްދިވެރިކަމެއްނޫނެވެ.

ހަފާ އެނދުން ތެދުވުނު އިރު ބެޑްޝީޓްއޮތީ ރޫގުޅައަކަށް ވެފައެވެ. މިއިން ދުވަހަކު އެނދުތަންމަތި އެޅިހެނެއް ހިޔެއްނުވެއެވެ. ހަފާ ކިތަންމެވަރަކަށް ތިއްތިވެ ނަލަހެދިގެން ހުއްޓަސް އުޅޭތަން ރިތިކުރުމަކީ މުހިއްމުކަމަކަށް ނުވެއެވެ. އެއީ އަލީޒާއަށް ހެދުނު ގޯހެއްބާވައެވެ. އަލީޒާގެ ހިޔަނީގައި ބޮޑުވި ކުއްޖަކު މިފަދަ ވިޔާނުދާ ގޮތަކަށް އުޅުމަކީ އަލިޒާ އަށް ލިބުނު ނާކާމިޔާބީއެއްކަމަށް ހީވިއެވެ. ކޮއްކޮ ދެކެވީ ފުން ލޯބީގެ ސަބަބުން ކޮއްކޮ ލައްވާ އެއްވެސް މަސައްކަތެއް ނުކުރުވުމުގެ ހިތި ނަތީޖާ މިފެންނަނީއެވެ.

އަލީޒާ ސޯފާސެޓްގައި އިށީންގޮތަށް އަނގައިންބުނާނެ ހިތްވަރެއްވެސް ނުލިބުނެވެ. ރޮވިދާނެތީއެވެ. ޖަޒުބާތުން ހިތް ބަންޑުންވަމުން ދިޔައެވެ. ހިތުގައިވާ ޝަކުވާތައް ކިތަންމެހާވެސް ގިނައެވެ.

" މަންމަ އަންނަ ގަޑި އެއޮތް ޖެހުނީ. ދޮންތަ ގާތު އަހަރެން މިވާހަކަ ބުނިކަން އެގިއްޖެއްޔާ މަންމަ އަހަރެންގެ ކުޑަދޫ ބުރިކޮށްލާނެ. ބޮޑު ބޮޑު ސިއްރެއް އިގޭ......." ހަފާ ތުންފަތުގައި އިނގިލިޖައްސާލަމުން ސިއްރުވެރި ހިނިތުންވުމަކާއި އެކު ބުނެލިއެވެ.
"މަންމައަށް ވެސް އެނގޭތަ؟ " އަލީޒާގެ ހައިރާންކަން އިތުރުވިއެވެ. އާއިލާގެ އެންމެނަށް އެނގޭ ސިއްރެއް އޭނައަށް އެންމެންވެގެން ފޮރުވަނީ ކީއްވެހެއްޔެވެ؟ ވަގުތުވޭތުވަމުން ދިޔަވަރަކަށް އެ ސިއްރު ދެނެގަތުމުގެ ޝައުގު އިތުރުވެ ކެތްތެރިކަން ކުޑަވާގޮތްވިނަމަވެސް ހަފާ ހުރީ ގޮތުގައިހިފަހައްޓައިގެނެވެ. އަލީޒާ އާދޭސްކޮށްކޮށް ވަރުބަލިވީއިރުވެސް ހަފާ އަޅައެއްނުލިއެވެ. އޭނަ ބޭނުމީ އެންމެ ހަދިޔާ އެއްކަމަށާއި އެ ހަދިޔާ މިލްކު ވުމުން އެ ސިއްރު ވަގުތުން ކިޔާދޭނެކަމަށާއި އެއީ އަލީޒާ އަށް ވަރަށް މުހިއްމު ސިއްރެއްކަމަށް ބުންޏެވެ. ހަފާ އަލީޒާގެ ހިތް އިތުރަށް ތަޅުވާލާފައި މަޖާވެލާފައި އަލީޒާގެ މޫނުގެ ކުލަވަރު ދެކެން ހުއްޓެވެ.

ސާއިރާ ވެސް އަލީޒާއަށް ކީ އެހާ ފިނި މަރުހަބާއެކެވެ. މޫނުމަތި ބަނަކޮށްލައިގެން ހުރެ އެތައް ޝަކުވާއެއްކުރިއެވެ. އަލީޒާ އިނީ ބުނާނެ އެއްޗެއް ނޭގި ފާޑަކަށް ރަކިވެފައެވެ. ހަމަ ކުއްލިއަކަށް މިއީ ބީރައްޓެހި ހިލޭތަނެއްކަމުގެ އިހުސާސް ކުރެވިއްޖެއެވެ. އަމިއްލަތަނެއްކަމަށް މިވީހާ ދުވަހު ދެކެމުން އައި ގެއާއި މަންމަ އަދި ކޮއްކޮމެން އޭނަ މުޅިން ދުރުކޮށްލައިފިކަމަށް ގަބޫލުކުރެވިއްޖެއެވެ. އޭނަގެ އެފަދަ ވަރުގަދަ ސިއްރެއް އެގނިތިބެ އެކަންވެސް ފޮރުވީއެވެ. އޭނަ ދަންނަ ގޮތުގައިމީހުނާއި އިނުމަށްފަހު އަންހެންދަރިން ހިލޭވެގެންދަނީ އިންޑިޔާ ފަދަ ގައުމުތަކުގައެވެ. އޭނައަށް މިކުރެވުނީ ތަފާތު ތަޖުރިބާއެކެވެ.

އަލީޒާ އަށް އެންމެބޮޑަށް އަސަރުކުރީ މަންމައާއި ކޮއްކޮ އޭނައަށް ނުދީ އޭނަގެ ކުރިމަތީގައި ތިބެ ގަދަޔަށް ސައިބުއީތީއެވެ. ފިޝްޕައި އަދި ޗޮކްލެޓް ކޭކާއި އެކީގައެވެ. އަލީޒާ ހުރިހާ ވަގުތަކު ކާނީ މިފަދަ އަގުބޮޑު މޮޅު ކާތަކެތިކަމަށާއި ދުވަހަކު އެމީހުނަށް އެތިކޮޅެއް ފޯރުވާނުލާކަމުގެ ތުހުމަތު އަޅުވާފައެވެ. ސައި ނުދިނަސް އަލީޒާއަށް މައްސަލައެއް ނެތެވެ. ދެރަވީ މަންމަމެން މިހާ ބޮޑަށް ހިތް ނުބައިކޮށްފައިވާކަން އެނގުމުންނެވެ. އަލީޒާ ހިތުގައި ޖެހުނުލެއްބޮޑުކަމުން އަވަސްއަވަހަށް އެގެއިން ނުކުތެވެ. ކާރަކަށް ގުޅިއެވެ. މިއީ ދާނިޝް ރުހޭނެކަމަކަށް ނުވާނެކަން އެނގުނަސް މިވަގުތު ގެއަށް ދާން އޭނައަށް މަޖުބޫރެވެ.

އަލީޒާ ކާރަށް އަރަން ދަނިކޮށް ހަފާ އޭނަގެ ކަންފަތްދޮށުގައި ސިއްރެއް ބުނެލިއެވެ." ދޮންތަގެ ބައްޕައެއް ނުހުރޭ. ތަފްސީލު ދޭނީ ހަދިޔާ ލިބުނީމާ" އަލީޒާ އަށް ހީވީ ކަންފަތްކާރީގައި ގުގުރިއެއް ޖެހިހެނެވެ. އެހާ ބިރުވެރި އަޑެއް އޭނައަށް ދުވަހަކުވެސް ނީވޭކަހަލައެވެ. މުޅި މޫނު ހުދުވިއެވެ. އަބުރައިގަންނަގޮތްވިއެވެ. ޑްރައިވަރު ބިއްލޫރި ތިރިކޮށްލާފައި ދާނަންހޭ އަހާލުމުން އަލީޒާ ބުދެއްހެން ހުރެ ކާރަށް އެރިއެވެ. އޭރު ހަފާ ހެވިލާފައި ދޮރާށި ދޮށުގައި ހުއްޓެވެ. އަލީޒާގެ މައުސޫމް ދެލޮލުގައި ވަނީ ހައިރާންކަމެވެ. މާޒީގެ އެތައް ދުވަހެއް އޭނަގެ ހަދާނަށް ފިލްމެއްގެ ސިފައިގާ އަންނަމުން ދިޔައެވެ. ލޯބިވާ ބައްޕަގެ ހަނދާންތަކެވެ. އެ ބައްޕަ އަބަދުވެސް " ޕްރިންސެސް" ގެ ނަމުން އޭނައަށް ގޮވާއުޅުނެވެ. އޭނަގެ މަންމައަށް ވުރެ ބައްޕަ އޭނަ ދެކެ ލޯބިވާކަމުގައި އަބަދުވެސް ހީކުރެވެއެވެ. އަދި ކޮއްކޮމެނަށް ވުރެ ބޮޑަށް ބައްޕަ އޭނަދެކެލޯބިވާކަމަށް އަބަދުވެސް ގަބޫލުކުރެވުނެވެ. މިވީ ކިހިނެއްހެއްޔެވެ؟ މަންމަގެ އެއަނދިރި ސިއްރު ބައްޕަ ނުދަންނަނީހެއްޔެވެ؟ ބައްޕަ ނިޔާވެގެން ދިޔައީވެސް މަންމަގެ އެ ފާފަ ނޭގިހުރެބާވައެވެ. މަންމަ ބައްޕައަށް އެ ވާހަކަ ކިޔާދީ ހިތްހެޔޮ ކުރުވަން ނުޖެހޭހެއްޔެވެ؟ ނަސްލު އޮޅުވާލުމަކީ ހާދަ ބޮޑު ފާފައެކެވެ. އެވަގުތު ދާނިޝް ގުޅިއެވެ. ޒުހޭމާ އާންޓީ ދިން ފިޝްޕައި އާއި ޗޮކްލެޓް ކޭކު ކާކޮޓަރީގެ މޭޒުމަތީގައި ހުންނާނެކަމަށާއި ދާނިޝް ބަލާއަންނަންދެން އެކަނި ގެއަށް ނުދިޔުމަށް އެދުނެވެ. ދާނިޝް ހީކުރާނީ ޒަމާންތަކަށް ފަހު ގެއަށް ދެވުމުން އަލީޒާ ވަރަށް އުފާވާނެކަމަށާއި އެހާއަވަހަށް އަންނަން ބޭނުން ނުވާނެކަމަށެވެ. އަލީޒާ އޯކޭ އައިލަވް ޔޫ ޓޫ ހަނީ އޭ ބުނެފައި އަވަހަށް ފޯނު ބާއްވާފައި ކާރުމަޑުކުރަން އެދުނެވެ. ދާނިޝްއަށް ޝައްކުވާގޮތަށް އުޅޭކަށް ނުވާނެއެވެ. މިހާލުގައި އޭނަ ހުރިތަން ފެނުމުން ދާނިޝްއަށްވެސް ރޮވޭނީއެވެ. އީނާމެން ގެއަށް ދިޔަސް އޭނަ ބޭޒާރުވެދާނެއެވެ. ދާނިޝް އަންނަންދެން ގޭ ދޮށުގައި މަޑުކޮށްލާނީއެވެ. ހަފާ ލައްވާ އެވާހަކަ ބުނުވަން މަސައްކަތްވެސް ކުރެވިދާނެއެވެ. އެންމެ އަޖައިބުވަނީ މަންމަ މަސައްކަތް ކުރާ ގެވެސް ދާނިޝްގެ އެންމެ ޖުމްލައަކުން އަލީޒާއަށް އެގުނީތީއެވެ. ފިޝްޕައި އާއި ޗޮކްލެޓް ކޭކު ހަވީރުސަޔަށް ހެދީ ރާހިލްމެން ގެގޭގައެވެ. މަންމަ އެގެއިން ވަޒީފާ ހޯދާނީ ކޮންމެވެސް ބޭނުމެއްގައެވެ. އެކަމަކު އެއަށް ވުރެ ބޮޑަށް އެހެން ޚިޔާލެއް އުދަގޫ ކުރަންޏާ އެހެންކަމަކާމެދު ވިސްނާލެވިދާނެހެއްޔެވެ؟

ދާނިޝް އައީ ގަޑިއެއްހާއިރުފަހުންނެވެ. ދާނިޝް ކާރު މަޑުކޮށްލުމާއި އެކު އަލީޒާ ދުވެފައި އައިސް ކާރަށް އަރާ ދާނިޝް ގެ ކޮނޑުގައި ބޯ އަޅާލައިފިއެވެ. ދާނިޝްވެސް އަލީޒާގަޔާއި ކައިރިކޮށްލަމުން މޫނުގައި ބޮސްދިނެވެ. ދާނިޝްގެ ރީތި މޫނު ފެނުމުން ހަވީރުގެ ހުރިހާ ހިތާމަތަކެއް ހަދާން ނެތި ސިކުނޑި ތާޒާވެގެން ދިޔައެވެ. ދާނިޝް މެން އައީ މޫދުގައި އުޅެލާފައި ފެންވަރާލައިގެނެވެ. އެ ލުއި މީރުވަސް މުޅިކާރުތެރެއަށް ފެތުރިފައި އޮތެވެ.

ކުޑަހިނދުކޮޅަކަށްވެސް ވަކިވެވުނީތީ ލޯބީގެ ޝަކުވާތަކެވެ. ނަމަވެސް އުފާވެރި ސަމާސާ ޝަކުވާތަކެވެ. ލޯބީގެ ސަކަރާތްޖެހުމެވެ. އަލީޒާގެ ހުނުމުގެ ލުއިއަޑު މިޔުޒިކެއްފަދައެވެ.

ދާނިޝް ގަސްތުކުރީ އައިސްގޭޓްއަށް ވެސް މިރޭ ޖައްސާލުމަށެވެ. ކޮޓެޖްގައި ކިތަންމެވަރަކަށް ވެސް ހަނީމޫން ހެދިއްޖެއެވެ. އެހެންނޫނަސް ފަރުޒާނާ އަށް ފެނިނުލާ އުޅޭތާ ދުވަސްކޮޅެއްވެއްޖެއެވެ. އެދެމަފިރިން އެކީގައި ފެނުމުން ފަރުޒާނާ ވާވަރެއް ދެކިލަން ޖެހޭނެއެވެ. މޫނުމަތީގައި އެއްޗެހިކިޔައިގަންނަންވެސް ފަހެއް ނުޖެހޭނެއެވެ.
ދާނިޝް އޭނަގެ ކާރު ޕާކްކޮށްލީ އައިސްގޭޓާއި ތަންކޮޅެއް ދުރުގައެވެ. ދެކުދިން އަތުގުޅުވާލާގެން ހިގާލާފައި އައިއިރުވެސް ދާނިޝް އައީ އަލީޒާއަށް ކޮންމެވެސް ގޯނާއެއްކުރަމުންނެވެ. އަލީޒާ ހަދާން ވީ މާޒީ އެވެ. އެ ފެހިކުލައިގެ ވެރި ރީތި ފިރިހެންކުއްޖާއެވެ. ގުދުރަތުގެ އަޖާއިބު އިއްތިފާގެކެވެ. އެދެކުދިން ހައްދަވާފައިވަނީ އެކަކު އަނެކަކަށްޓަކައެވެ.

" ވީ ވާރ ބޯތު ޔަންގް ވެން އައި ފަރސްޓް ސޯ ޔޫ. މިވެސް އަޖާބެއްނު. މިލަވައިގެ ބައެއް ތަންކޮޅާއި އަހަރެމެންގެ ލައިފް ހާދަ އެބަގުޅޭ........" އަލީޒާ ލާނެތް ގޮތަކަށް ޓޭލަރ ސްވިފްޓްގެ ލަވައިގެ ތަންކޮޅެއް ކިޔާލައިފިއެވެ.

"ތެދެއް ތީ. އޭރު އެލީ ވަރަށްކުޑަ ދޯ. އަހަރެން ހަދާން ހުރޭ ރަން ދިގު އިސްތަށިގަނޑެއްލާފައި ހުރި އެ ދޮން ދޮން ބުދު. ދާނިޔާލް އާއި ޝާހާން ގާތުގައިވެސް އެ ބުދު ލޯބިކަމުން އެވާހަކަ ކިޔާދިނިން. އޭރު އަހަރެމެން މާލެ އައިސްއުޅުނީ ކުރު ޗުއްޓީއެއްގައި. ގިނައިން އުޅުނީބައްޕަގެ ރިސޯޓްތަކުގައި މޫދަށް އެރިގެން. އެއީ ވިއްޔަ އެންމެ ކުރާހިތްވިކަމަކީ. އޭރު ކިހިނެއްއެގޭނީ އެ ތުއްތު ކުއްޖާއަކީ މަގޭ އަންހެނުންކަމެއް. އެގުނުނަމަ ކިޑްނެޕްކޮށްގެން ސްވިޒަރލެންޑަށް ގެންދިޔައިމުސް............" ދާނިޝް ގޭޓްގައި އަތްއަޅުވާލަމުން އަލީޒާގެ މޫނަށް ބަލާލިއެވެ. އެ ރީތި މޫނުން އަދިވެސް އެ ތުއްތު މައުސޫމް ސިފަތައް އެބަފެނެއެވެ. އޭނަގެ ނަސީބު ހާދަރަގަޅެވެ. ލޯބިވާ އަންހެންކުއްޖާ މިލްކުވުމަކީ ދުނިޔޭގައި ލިބޭނެ އެންމެ ބޮޑު އުފަލެވެ . "އެ ފެހިކުލައިގެ ލޮލަށްޓަކައި އެހާކުޑައިރުވެސް މޮޔަވެގެން އެ ލޯމަތިން ހަދާންނައްތާނުލެވިފައި އުޅުނީ. އެއީވެސް ތެދުވެރި ލޯބިވީމަ. އިޓްސް އެ ލަވް ސްޓޯރީ ބޭބީ ޖަސްޓް ސޭ ޔޭސް........" އަލީޒާ ޓޭލަރ ސްވިފްޓްއަށް ވެގެން ވަށައިގެން އެބުރިލަމުން ނެށުމުގެ ފަރި ހަރަކާތެއްކޮށްލިއެވެ. ސަކަރާތް ޖަހަން ހަދައިގެން ގަސްތަކުގެ ތެރެއަށް ވަދެވުނުއިރުވެސް އަލީޒާއަށް ރޭކާނުލިއެވެ.
އަލީޒާ އަށް ކުއްލިއަކަށް ހީވީ ގަސްތަކުގެ ތެރެއިން ހިޔަންޏެއް ފެނުނުހެނެވެ. އަލީޒާ ހަޅޭއްލަވައިގެންފާ ދުވެފައި އައިސް ދާނިޝް ގެ އަތުގެތެރެއަށް ވަނެވެ. އޭރު އޭނަގެ މޭގަނޑު ތެޅެމުން ދިޔައީ ނުހަނުބާރަށެވެ. ދެލޯބޮޑުކޮށްފައި އަދިވެސް އޭނަ ބަލަމުން ދިޔައީ ގަސްތަކުގެ ތެރެއަށެވެ. އެ ބިޔަ ގަސްތަކުގެ ހިޔަނި ތައް ފުރޭތަތަކެއްފަދައިން އެއް ގަހުން އަނެއް ގަހަށް ލުއިކޮށް ދަތުރުކުރަމުންދާހެން ހީވެއެވެ.

އަލީޒާ ހަމަޔަކަށް އެޅުނީ ދާނިޝް އެތައްވަރަކަށް ވާހަކަ ދައްކައިގެން ގޭތެރެއަށް ވަނުމުންނެވެ. އެ ބޮޑު ގޭގެ ސިޓިން ރޫމް ވަނީ ދިއްލާއަޅާލަފައެވެ. އެތައް ހުދުބޮކިތަކުން ދިއްލާލާފައިވާ މި ގެއިން އަލީޒާއަށް ވަގުތީ ހިތްހަމަޖެހުމަކާއި ރައްކާތެރިކަމެއް ލިބުނުހެން ހީވިއެވެ. ބިރުވެރިކަމެއް ދިމާވީމަ އެންމެ ރަގަޅުވާނީ އަލި މާހައުލަކާއި ގިނަމީހުނެވެ. ދެރައީ މިގެއިންވެސް އެއްވެސް މީހެއްގެ ހިލަމެއްނުވާކަމެވެ. ދާނިޝް ގެ އަތުގައި ބާރަށް ހިފަހައްޓައިގެން ހުރެ އަލީޒާ ސޯފާއެއްގައި އިށީނެވެ.

"ބިރުނުގަނެބަލަ. އެއްވެސް މަހުލޫގަކަށް އެލީއަށް ގެއްލުމެއް ނުދެވޭނެ. ޓްރަސްޓްމީ. އިފުރީތަކަށްވެސް އެލީއާއި ހިޔަނިއެޅޭކަށްވެސް ނުކެރޭނެ....." ދާނިޝް އަލީޒާ ގިލިގިލިކޮށްޓާލުމުން އަލީޒާ ހެމުން ދާނިޝްގެ އަތުތެރެއަށް ވެއްޓުނެވެ. އެކަމަކުވެސް އެވަގުތު އޭނަގެ ހަދާނަށް މީރާން ވެރިވިއެވެ. މީރާންއާއި ބެހޭގޮތުން ސުވާލުކުރަން ހިތަށް އަރާ ކޮންމެފަހަރަކު ކޮންމެވެސް ސަބަބަކާހުރެ އެވާހަކަ ހަދާންނެތެއެވެ.

"މީރާންއަކީ ކާކު..." އަލީޒާ ތެޅިފޮޅިގެންފާ ދާނިޝް ގެ އަތުތެރެއިން ދެމިގަންނަމުން ކުއްލިއަކަށް އަހާލިއެވެ.
ދާނިޝްގެ ތުންފަތްމައްޗަށް ލާނެތް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. އޭނަ އެއް ބުމަ އަރުވާލިއެވެ. އަލީޒާ ދޭތެރެއަކުން އެވާހަކަ އެބައަހައެވެ.

" މީރާން ގެ ވާހަކަ ދޯ....... " ދާނިޝް ފުންނޭވަޔެއްލިއެވެ. މީރާންގެ ހަގީގަތް ކިޔާދޭނެހާ ހިތްވަރެއް އަދިވެސް ދާނިޝްއަކަށް ނުލިބެއެވެ. މިރޭގަ ހާދިސާއިންވެސް މިވަނީ އަލީޒާގެ ފިޑިކަން ރަގަޅަށް ހާމަވެފައެވެ. ފުރަތަމަ ޖެހޭނީ އަލީޒާ ހިތްވަރުގަދަ ކުއްޖަކަށް ހަދާށެވެ. އޭނަ ފަދައިން އަދިރި ދުނިޔެއަށްވެސް ފަރިތަކުރުވާށެވެ.

" ލައްބަ. ޕްލީޒް. ޕްލީޒް. އޭރުން ބިގް ބިގް ކިސްއެއް......." އަލީޒާ ވެސް ސަމާސާ ގޮތަކަށް ދާނިޝް ގެ ކޯތާފަތުގައި ހިފާލަމުން އެ ރީތި ތުންފަތުގައި އިނގިލި ޖައްސާލިއެވެ.

"މޮޔަކުއްޖާގަޑު. ތިއީ ބޭނުންވަރަކަށް އަބަދު ލިބޭ އެއްޗެއްނު ........" ދާނިޝް އަލީޒާ ލުއިފަތެއްހެން އުފުލާލަމުން ވަށައިގެން އެބުރިލަމުން ބުންޏެވެ. އަލީޒާ ހަދާންވީ މިއީ ކޮޓެޖް ނޫންކަމެވެ. ކޮންމެފަދަ މީހެއްވެސް އަތުވެދާނެއެވެ. މިގޭގައި ބޭނުންހާ ސަކަރާތެއް ނުގަނެވޭނެއެވެ. އަލީޒާ އެކަން ހަދާންކޮށްދިނަސް ދާނިޝް ސަމާސާކުރުން ހުއްޓައެއްނުލައެވެ. މީހަކު އަންނަންޏާ އެގެން އޭނަގެ ހަވަނަ ހިއްސު އަދި ސަލާމަތުން އެބަހުރިކަމަށް ބުނެ އެރީތިލޮލުގެ ބާރުގައި އަލީޒާ އަށް ދުނިޔެމަތިން ހަދާންނައްތާލަން މަޖުބޫރުކުރުވިނަމަވެސް އަލީޒާގެ ހިތުން މިރޭ އެސުވާލު ފޮހެވިގެން ނުދާނެއެވެ.

"ޗީޓް ކުރީ އޭ ތި. ހަދިޔާ ތި ހޯދީ ސުވާލުގެ ޖަވާބު ނުލިބެނީސް......" ދާނިޝް އޮތީ އަލީޒާ ގެ އުނގުގައި ބޯއަޅާލައިގެނެވެ. އެއްއަތްވަނީ އަލީޒާ ގެ އިގިލިތަކާއި ލާމެހިފައެވެ.އ ަނެއްއަތުން އަލީޒާ ދާނިޝް ގެ ފަށުވި އިސްތަށިގަޑުގައި ފިރުމަމުން ދިޔައެވެ.

"ކޮން ސުވާލެއް؟ " ދާނިޝް ގަސްތުގައި ނުދެނަހުރިކަމަށް ހަދާލައިފިއެވެ. މީރާންގެ ހަގީގަތް އަލީޒާ ގާތުގައި ބުނަން ދާނިޝް ފަސްޖެހެއެވެ. ކޮންމެވެސް ވަރަކަށް ހިތުގައި ބިރުވެރިކަމުގެ ރާޅުބާންޏެއްދަތުރުކޮށްލިއެވެ. އަލީޒާ މިވާހަކަ ފަށާއިރަށް ދާނިޝް އެމައުލޫ އޮޅުވާލުމުގައި މިވީހާތަނަށް ވަނީ ކާމިޔާބުކޮށްފައެވެ. މިރޭ އަލީޒާ އެ ސުވާލު ހަދާންނައްތާލާކަށްވެސް ނޫޅުނެވެ.

" މީރާން އަކީ ކާކު؟ " އަލީޒާ ހިނިއައެވެ.

" އެއީ ބޭބެއެއް. އެރޭވެސް އެލީއާއި ދިމާވިއެއްނު...އިންޓްރޮޑިއުސްކޮށްދިނީމެއްނު..." ދާނިޝް އެސްފިޔަތިރިކޮށްލަމުން މަޑުމައިތިރިގޮތަކަށް ބުންޏެވެ.

" އެއްބަޑު އެއްބަފާ ބޭބެ؟ އަޅުގަޑު ހީކުރީ އެކުވެރިއެއްކަމަށް....." އަލީޒާ އަގަޔަށް ގޮތެއްހަދާލި އެވެ.

" އެލީއަށް އިގޭނެ އެހަރެމެން ގެ މަންމައަކީ ސްވިސް މީހެއްކަން. މީރާންއަކީ މަންމަ ގެ ދޮށީދަރިފުޅު. އޭނަގެ ބައްޕައަކީވެސް ރާއްޖޭ މީހެއްނޫން. އެހެންވެ ކުޑަކޮށް ތަފާތުވާނެ........އަމް.......މިރޭ ފަރުޒާނާވެސް ނުފެނޭ.......ބައްޕަގެ ފަހަތުން ރިސޯޓްތަކަށްވެސް ދާން ފެށީކަން ނޭގޭ...." ދާނިޝް އާފުރިލަމުން ބުންޏެވެ. އަލީޒާ ފެށި ވާހަކައަކުން އޭނަ ނިދިއައީއެވެ. ނޫނީ ފޫހިވީއެވެ.

"މީރާން ތަފާތީ ކުޑަކޮށް ނޫނޭ. ވަރަށް ބޮޑަށް. ޖީން މަރުވިރޭ ކުއްލިއަކަށް ކާރު ކުރިމައްޗަށް އެރިގޮތް. އަނިޔާއެއްނުވެ ސަލާމަތްވިގޮތް. އެ ވެމްޕަޔަރިޝް ލުކްސް. ލޮލުގައި ހުންނަ ބާރު. ޑޭން...ކޮންމެވެސް ކަމެއް އެބަފޮރުވާހެން ހީވަނީ.." މީރާން އަކީ ދާނިޝް ގެ ބޭބެކަމަށް ވަންޏާ މިކަންތަކުގައި ގޮތްނޭގޭ ވަރަށްބޮޑު ސިއްރެއްވާނެއެވެ. އަލީޒާއަބަދުވެސް ދާނިޝްގެ އެހުންނަ ފުރިހަމަ ރީތިކަމާއި ބާރުގަދަކަމާއިމެދު ހައިރާންވެއެވެ. އެ ބާރުގަދަ މުލައްދަޑީގެ ހިމާޔަތް ލިބޭކޮންމެ ފަހަރަކު ހައިރާންކަން އިތުރުކުރުވައެވެ. ސަބަބަކާ ނުލައި އަލީޒާގެ ގައިން ހީބިހިނަގައިގެންދިޔައެވެ.

" ރަގަޅަށް ވެސް އެގެން ބޭނުންތަ ސްނޯބޯލް؟ " ދާނިޝް ގެ މޫނުމަތީގައި ސަމާސާގެ އެއްވެސް ކުލަވަރެއްނެތެވެ. އަލީޒާއަށް ނޭވާ ހިފަހައްޓާލެވުނެވެ. އެވަގުތު ކޮންމެވެސް މީހަކު ސަލާމްގޮވާލިއަޑަށް ދާނިޝްވެސް ސޯފާއިން ތެދުވިއެވެ. އަލީޒާ ސަލާމުގެ ޖަވާބު ދިނެވެ.

ކޮމެންޓް 0