"އަލީޒާ. ހުވާކޮށްފައި ބުނާ ތެދެއްމިއީ. ތިއީމަންމަ ވިހޭ ދަރިއެއް. އެދުވަހު ރުޅިގަދަވިވަރުން އެހެން ބުނެވުނީ ދަރިފުޅުގެ ބައްޕަ މަންމައަށް ލަޑުދީފައި ހުރީމަ. އެރޭ ޕާޓީގައިއުޅުނު ބިޔަމީހާ މަންމައަށް ލަޑުދިނީ. ދަރިފުޅު ލިބުމަށްފަހު އޭނަ މަންމަ އަކަށް ނުފެނޭ. އެހެންވެ ކަން ނޭގޭ ދަރިފުޅާމެދު ތަންކޮޅެއް ހަރުކަށިކޮށް ކަންތައްކުރެވުނީ........" ސާއިރާ ގެ ލޮލަށް ކަރުނަ އަތުވެއްޖެއެވެ.
އަލީޒާ ހައިރާންކަމާއި އެކު ސާއިރާގެ މޫނަށް ބަލާލިއެވެ.

"މަންމައަށް ހިތްހެޔޮކުރޭ. ހަފާ ކަންނެތްކަމުން އޮންނަނީ އަބަދު ތަނަކަށް އެއްލިގަނެގެން ވިއްޔަ. އެރޭ އަލީޒާ ނެތީމަ ފާޚާނާ ސާފުކުރަން ޖެހުނީ މަންމަ. ބްލީޗްއާއި ކްލީން ކްލީން އެއްކޮށްލީމަ ވަރަށް ބޮޑަށް ބަލިވެ ނޭވާ ހާސްވާގޮތްވީ. އެ ހާލުގައި ހުރެ ހޮސްޕިޓަލަށް ދިޔައިމަ މަންމަ އާއި މެދު އެތާމީހުން ކަންތައް ކުރިގޮތުން ރުޅިގަދަވެފައި ހުރި ވަގުތެއްގައި ދަރިފުޅު ރޮމުން ގެއަށް އައީ. ޝައިތޯނާ ބޮލަށް ސަވާރުވެފައި ހުރީމަ އެވަގުތު ހިތަށް އައިހާ އެއްޗެއް ކިޔުނީ. މިވަގުތު ދާނިޝް އަލީޒާ ވަރިކުރިޔަސް އުފަލާއެކު ގަބޫލުކުރާނަން. އެއީ ކަލޭގެ ގެ. މަންމަ ބޭނުމީ ކުރީގެ އުފާވެރި ދިރިއުޅުން . އަލީޒާ ދިޔަފަހުން ގެ މުޅިން ފަޅުވެފައޭ. ގޭގެ ދިރުމަކީ އުފަލަކީ ތިއީ. ހިނގާ ގެއަށް ދާން.........." ސާއިރާ ލޯ ފޮހެލަމުން މޮޅިވެރިގޮތަކަށް ބުންޏެވެ.

މިއީ މަކަރެއްކަމަށްވަންޏާ ހޮލީވުޑްގެ ތަރިއަކަށްވެސް މިފަދަ އެކްޓެއް ނުޖެއްސޭނެއެވެ. އަލީޒާގެ ހިތުގައި ހަމްދަރުދީ އުފެދުނެވެ. އޭނަ މަޑުމަޑުން ހިނގާލާފައި ގޮސް ސާއިރާ ގާތު އިށީނެވެ.

"ވަރަށް ބޮޑުކަމަކު މިއެދެނީ. މިއަދު ވަރަށް ބޮޑަށް ބޭނުން ހަގީގަތް. ބައްޕަ އަކީ ކާކު؟" އަލީޒާ އަދިވެސް އިނީ ކާނޭޝަން މާކޮޅުގައި ވައަތުން ހިފަހައްޓާލައިގެނެވެ. 

"ކުރިންވެސް މިގެ ހުންނަނީ ފަޅަށް. މަންމަ އޭރުވެސް އުޅުނީ އަމީޒް އާއި ކައިވެނިކޮށްގެން. ވިއްސާރަ ރެއެއްގައި މިހެން ދަމުން ވާރެއާއި ހިޔާވެލަން މިގޭ އަސްކަންޏަށް ވަދެވުނީ. އެވަގުތު ގެއިން ނުކުތީ ވަރަށް ރީތި މާތްފާޑު ޖަހާމީހަކު. ކިހިނެއް އެގޭނީ އެއީ މަންމަގެ ބަދުނަސީބުކަމެއް. އެމީހާގެ އަތްދަށުން ސަލާމަތްވާން ކިތަންމެވަރަކަށްވެސް މަސައްކަތްކުރިން. އެކަމަކު ކާމިޔާބެއްނުވި. ހިތާމައާއި މޮޅިންގޮސް ހަމަ މޮޔަވާވަރުވި. އެކަމަކު އެވާހަކަ އަމީޒް ގާތު ބުނާކަށް ނުކެރުނު. ދަރިފުޅު ލިބުމާއެކު ވިސްނުނު އަހަރެމެން ގެ ސިފަތަކެއް ނެތްކަން. މުޅިން ތަފާތުކަން. އަމީޒް އަކަށް ނޭގޭނެ ތިއީ އޭނަގެ ދަރިއެއްނޫންކަމެއް. ބައްޕަ އެންމެ ލޯބިވީވެސް އަލީޒާދެކެ ..." ސާއިރާ އަލީޒާގެ ބުރަކަށީގައި ފިރުމަމުން އެ ހިތާމަވެރި ހާދިސާ ކިޔާދިނެވެ. އިރުއިރުކޮޅާ އަލިޒާގެ އަތުކުރީގައިވާ ގަޑީގައި އަތްކާއްތާލެވެއެވެ. 
ސާއިރާ އަލީޒާއަށް މާޒީގެ ދުވަސްތައް ހަދާންކޮށްދޭން ފެށިއެވެ. އޭނަގެ ދައްތަމެންގެ ދަރިން ފިރިހެނުން ގެއަށް ވައްދައިގެން ވިޔާނުދާ ގޮތްގޮތަށް އުޅެމުން ދިޔައިރު އޭނަ އަލީޒާ ރަގަޅުކުއްޖެއްގައި ބޮޑުކުރުމަށް ކުރި މަސައްކަތެވެ. މާތް އާއިލާއެއްގެ ކުއްޖަކު އަލީޒާގެ ހަޔާތަށް ގެންނަން ބޭނުންވިވަރެވެ. އަލީޒާއަށް ކޮންމެވެސް ވަރަކަށް އެ ވާހަކަ ގަބޫލުކުރެވުނެވެ. އަލީޒާއަށް ނޭގުނީ އެވަރުން އަލީޒާ އެ ބެލެހެއްޓީވެސް ވަކި މަގުސަދެއްގައިކަމެވެ. އަލީޒާގެ ރީތިކަން މެދުވެރިކޮށް މުއްސަދި ބައިވެރިޔަކު ހޯދުމުގެ ބޭނުމުގައި ކަމެވެ.
ގޭޓް ހުޅުވާލި އަޑުއިވުމާއިއެކު ދާނިޝް ގެއަށް އައީކަން އަލީޒާއަށް އެގުނެވެ. ސާއިރާ އާއި ވާހަކަ ދައްކަން ހުރިތަން ފެނުމުން ހިތްހަމަނުޖެހޭނެކަންވެސް ޔަގީންވިއެވެ. 
ސާއިރާ އާއި އަލީޒާ ގާތުގައި އިށީދެލައިގެން ތިބިތަން ފެނުމުން ދާނިޝްގެ ބުމަގޮށް ޖެހިގެން ދިޔައެވެ. ސާއިރާއާއި ދިމާލަށް ކަޅިއަޅައިގަތެވެ. އަލިފާނުގެ ބެލުމެކެވެ. އަންހެނަކަށް ނުވިނަމަ ފާރުމަތިން ބޯޅައެއްހެން ހޫރާލެވުނީހެވެ. އަތް އަބުރާލެވުނީހެވެ. ދެވަނަފަހަރަށް ކޮޓެޖް ވީ ފަރާތަށް ބަލާލަން ނުކެރޭވަރު ކޮށްލެވުނީހެވެ. މި ނުބައި ކަބުލޭގެ އެއިނީ އަލީޒާ ވާވައްދާލައިގެނެވެ. އަލީޒާގެ މައުސޫމްކަމާއި މީހުނަށް ކުރާ އިތުބާރުގެ ފައިދާ ފަސޭހައިން ނެގޭނެކަން ދާނިޝްއަށްވެސް އެގެއެވެ.
ދާނިޝް ރުޅިއައިސްފައިވާވަރު ފެނުމުން އަލީޒާގެ ހިތް އަވަސްވިއެވެ. އަރުތެރެ ހިކުނެވެ. ހިންދިރުވާލެވުނެވެ. އޭނަ ބޭނުމީ ދާނިޝްއަށް ހަގީގަތް އަންގާދޭށެވެ. މަންމަ އެރޭ ރުޅިގަދަވީމަ ހިތަށް އައިހާ އެއްޗެއް ކިޔާލީއެވެ. މަންމަގެ ފާޑު ދާނިޝްއަކަށް ރަގަޅަށް ނޭގޭނެ ވިއްޔާއެވެ. ކުރީގައިވެސް ރުޅިގަދަވެއްޖެއްޔާ ހަރާމް ދަރިއޭ ކިޔައިގެން ބަވާނެއެވެ. މައިމީހާ ދަރިން ކިތަންމެ ވަރަކަށް ނިކަމެތިކުރިޔަސް ދަރިން އެމީހަކަށް ކިޔަމަންވާން ޖެހޭނެކަމަށް އަލީޒާ ގަބޫލުކުރެއެވެ.

"ޑޭން. އަސްލު ވީގޮތަކީ......." އަލީޒާ ވާހަކައެއް ބުނަން އުޅުނެވެ.
"ބޭނުމެއްނޫން އިތުރު ވާހަކަތަކެއް އަޑުއަހާކަށް. އޭނަމިގެއަށް ނުވައްދާށޭ އެލީ ގާތު ނުބުނަންތަ؟ކާކު ހުއްދަ ދިނީ......؟ ބޭނުންހާ ބަޔަކު ވެއްދޭނެކަމަށް ހީކުރަންޏާ ތިއީ އޮޅުމެއް. ހަމަ މިހާރު ގެއަށް ވަދޭ...." ދާނިޝްގެ ރުޅި އަލީޒާއާއި އަމާޒު ވުމުން އަލިޒާއަށް ވަގުތުން ރޮވިއްޖެއެވެ. މޫނުގައި އަތް އަޅައިގެން ރޮމުން އޭނަ ދުއްވައިގަތީ ގެއާއި ދިމާލަށެވެ. ސާއިރާ ހުރީ އަނގަ ހުޅުވިފައެވެ. ދާނިޝް ނުލަފާ ވިޔަސް އޭނަ ހުއްޓާ މިފަދަގޮތަކަށް އަމަލުކޮށްފާނެކަމަކަށް އޭނަ ހިޔެއް ނުކުރެއެވެ.

މަންމަ ދެރަވާނެވަރު ހިތަށް އެރުމުން އަލީޒާގެ ހިތަށް ކުރީ ބަޔާން ނުކުރެވޭފަދަ އަސަރުތަކެވެ. އަނެއްކޮޅުން ދާނިޝްގެ ރުޅިއަލީޒާގެ ހިތް ހަލާކުކޮށްލައިފިއެވެ. މިއީ އަދި އަލީޒާ ތަޖުރިބާ ކޮށްފައިވާ ކަންތަކެއްނޫނެވެ. މީހަކު ކިތަންމެ ނުބައިކަމެއްކުރިޔަސް ހަނދާން ނައްތާލާފައި އެމީހަކާމެދު ކަންތައް ކުރެވެނީ އޯގާތެރިކޮށެވެ. އަލީޒާއަށް ނޭގެނީ ދުޝްމިނުންނާއި ދުރުވެގެން އުޅުމަކީ ބުއްދިވެރިކަމެއްކަމެވެ. އެއްފަހަރު ކަށި ޖަހައިފި ސޫތްޕެއް އަނެއްފަހަރުވެސް ކަށި ޖަހާނެކަމެވެ.

"އަލީޒާ ހައްލާލިޔަކަސް އަހަންނަކަށް އޮޅުވައެއްނުލެވޭނެ. ތިއައީ އަނެއްކާ އަނެއް އަތް ބިންދާލަންތަ؟ ކުރެވުނު އަނިޔާ ކުޑަވީތަ؟ ދެވަނަ ފަހަރަށް މަގޭ އަންހެނުންނަށް އަނިޔާކުރާނެ ފުރުސަތެއް މަށެއް ނުދޭނަން. ވީމަ މިވަގުތު މި ކޮތަޅުތައް ހިފައިގެން މިގެއިން ނުކުމޭ. ނޫނީ ފުލުހުންއައިސް ދަމާފައި ނެރޭއިރު މާ ރީއްޗެއް ނުވާނެ....." ދާނިޝްގެ އެ ބާރުގަދަލޮލުގެ ސަބަބުން ސާއިރާވެސް ޖެހިލުންވާގޮތްވިއެވެ. ދުލަށް އައިހާ އެއްޗެއް ކިޔާލާން ހިތް އެދުނަސް އެހިތްވަރެއް ނުކުރެވުނެވެ.

"ހާދަ ލަދުކުޑައޭ. މައިދައިތައާއި މެދު ހާދަ އިހާނެތިކޮށް ކަންތައް ތިކުރަނީ. ބޭއިންސާފުން ކަންތައްކުރާމީހުނަށް އެކަމުގެ ސަޒާ ލިބޭނެކަން ހަދާންކުރާތި. ލާރި ހުއްޓަސް ނިކަމެތިންނާއި މެދު ބަންގާޅީ އުސޫލުން ކަންތައްކުރާކަށް ނުވާނެ. ވަރަށް ދެރަ. އަހަންނަށް އަހަރެން ގެ ދަރިފުޅާއި ބައްދަލުކުރެވޭކަށްވެސް ނޯވޭ. މިހެން ހަދަން ހެޔޮވާނެތަ؟ނުލަފާ ފިރިހެނުން އުޅޭ. މިވަރުކަމެއް ނުދެކެން........" ސާއިރާ ކުދިކިޔަމުން މަގަށް ނުކުތެވެ. ކޮތަޅުތައް ބަހައްޓާފައެވެ. ދާނިޝް ފައިން ޖަހާ ބުރުއްސާލީނުން ކޮތަޅުތައް ގޮސް ޖެހުނީ ޑަސްބިންތެރޭގައެވެ. ދާނިޝް ނަފުސް ކޮންޓްރޯލްކުރުމަށްފަހު ވަރަށް ހަމަޖެހިލައިގެން އައިސް މާސްޓާ ބެޑްރޫމަށް ވަނެވެ.
އަލީޒާ އެނދުގައި ބަންޑުން އޮތްއިރު އެ ކާނޭޝަން މާކޮޅު ތައް ނޮޅާލާފައި ޕާޕްލް ބެޑްޝީޓްމައްޗަށް ވިހުރުވާލާފައި ހުއްޓެވެ. އަލީޒާމާބޮޑަށް ހިތުގައި ޖެހުނީއެވެ. އަދިވެސް ހަމަ އެހާ ޅައެވެ. އެހާ ފަސޭހައިން އެބަ ރޮވެއެވެ. ކުށެއްނެތް މާތަކަށް ރުޅިބޭލީއެވެ. ވާނީވެސް އެހެންނޫންހެއްޔެވެ؟ އަލީޒާ ހާ ނާޒުކް އެއްޗަކަށް މިވަނީ ހަމަ އެކަނި މާތަކެވެ. އޭނަގެ އަލީޒާ ޖެހޭނީ ހިތްވަރުގަދަ ކުއްޖަކަށް ވާށެވެ. އަބަދާއަބަދު ޅަކުރަން ވެއްޖެއްޔާ ފިޑިކަން ދުވަހަކު ކަނޑުވައެއް ނުލެވޭނެއެވެ. ހިތްވަރުގަދަވީ ދުވަހަކުން ދެން ބޭނުންވަރަކަށް ޅަކުރެވިދާނެއެވެ.

"އެލީ. ހިނގާ ކައިގެން އައިސްގޭޓަށް ދާން............" ދާނިޝް އަލީޒާގެ އަތުގައި ފިރުމާލުމުން އަލިޒާއަށް ހީވީ ހިތުގައި ފިރުމާލަދިންހެނެވެ. އޭނަ އުއްމީދުކުރީ އިތުރު ފިރުމުންތަކަށެވެ. އޭނަގެ ކަރުނަތައް ފޮހެލަދިނުމަށެވެ. ބައްދާލާފައި ލޯބިން ކޮންމެވެސް އެއްޗެކޭ ބުނެލުމަށެވެ. ލާނެތް ސަމާސާއެއް ކޮށްލުމަށެވެ.

ކޮންމެގޮތެއްވިޔަސް ސާއިރާގެ ސަބަބުން އޭނައާއި ދާނިޝްގެ މައްސަލައެއް ޖެހިގެން ނުވާނެއެވެ. އެއީ މި ދުނިޔެއިންވެސް އޭނަ އެންމެ ލޯބިވާ އިންސާނާއެވެ. އޭނަގެ ފުރާނައެވެ. އޭނަގެ ދުނިޔެއެވެ. ފިރިމީހާވިއްޔާ ހިތްހަމަނުޖެހޭކަމެއްވުމުން އެއްޗެއް ބުންޏަސް މިވަރަށް ރޯކަށް ނުވާނެއެވެ. ދާނިޝްގެ ހުއްދަ ނެތި އޭނަ މަންމައާއިވެސް ވާހަކަނުދައްކާނީއެވެ. ހައްލަކީ އެއީ އެވެ.
އަލީޒާކުޑަކޮށް ބޯ ހިއްލާލާފައި ބަލާލިއިރު ދާނިޝް ފެންނާކަށްނެތެވެ. ހަމަ ދިޔައީހެއްޔެވެ؟ ގަބޫލުކުރަން ދަތިވިއެވެ. އަލީޒާ އެނދުން ފުންމާލައިގެން ގޮސް މޫނު ދޮވެލާހެދުމަށްފަހު އެ ބޯ ދޫލަމަތީގައި މަޑުމަޑުން ހިގާލާފައި އައިއިރު ދާނިޝް އިނީ ސޯފާގައި ލެޕްޓޮޕް ހުޅުވާލައިގެން ކޮންމެވެސް މަސައްކަތެއްގައެވެ.

"ޑޭން ރުޅިތަ؟ ހާދަ ދެރަވެއޭ ޑޭން ރުޅިއައިމަ. މި ދުނިޔޭގައި ތި ނޫނީ އެއްވެސް މީހަކު ހުރީކީނޫން...." އަލީޒާ ދާނިޝް ގާތު އިށީދެ އެ އޮމާން މޫނުގައި ފިރުމާލިއެވެ. އިސްތަށިގަނޑުގައި އަތުން ފުނާއަޅާލިއެވެ. އަތުގައި ބޮސްދިނެވެ. ކޮނޑުގައި ބޯ އަޅާލިއެވެ. ދެން އޭނަ ކިޔާދިނީ މަންމަ މިއަދު ދެއްކި ވާހަކަތަކެވެ. އަލީޒާއަށް އެވާހަކަތައް ގަބޫލުކުރެވުނު ސަބަބެވެ. އެވަރަށް ބޮޑު ހުވާކޮށްފައި ރުއިވަރުންނާއި މަންމަގެ ފާޑު އަބަދު ހުންނަގޮތް ދަސްވެފައިވާތީ އެއީ ތެދުވާހަކަތައްކަމަށް ހީވާކަމަށް އަލީޒާ ބުންޏެވެ.
ދާނިޝް އަލީޒާއަށް ވިސްނާދިނީ އޭނަ އަލީޒާދެކެ ރުޅިނާންނަކަމަށާއި އެކަމަކު އަޕްސެޓްވިކަމަށެވެ. އެ ދެ ޖަޒުބާތުގައި ވަރަށް ބޮޑު ތަފާތެއްވާކަމަށާއި މައްސަލައަކީ ދާނިޝް އެވަރަށް ބުނެދިނީމަވެސް އަލިޒާ އެ ދޮގުވެރިޔާއާއި ގުޅުން ބޭއްވީމަ ކަމަށެވެ. ދާނިޝް ސާއިރާއާއި މެދު ދެކެނީ ވިޗެއްކަމަށާއި އަލީޒާ ހައްލާލަން އެއްވަނައިގެ މީހެއްކަމަށެވެ. އަލީޒާއަކީވެސް ކުޑަކުއްޖެއް ނޫންކަމަށާއި ނުވިސްނެންޏާ އެހެން މީހުން ބުނާގޮތަށް ހަދަން ވާނެނޫންހޭވެސް އެހިއެވެ. ފަހަރަކު ގޮތަކަށް ހުވާކުރާމީހަކަށް އިތުބާރުކުރަން ޖެހޭނެބާވައެވެ.
"މިފަހަރު އެލީއަށް އެއްވެސް ޗޮއިސް އެއް ނުދޭނަން . އިމޯޝަނަލީ އެޓޭޗްވެފައި ހުންނާނެކަންވެސް އެގޭ. އެކަމަކު ސާއިރާ ބުނި އެލީގެ މަންމަ މަރުވެއްޖެޔޭ އެހެންނު. ވީމަ މިއަދުން ފެށިގެން ސާއިރާ އެލީއަށްޓަކައި މަރުވީ. ޓްރަސްޓްމީ މައި ލަވް. އެލީ އަށް ރަގަޅަކަށް ނޫނީ އެއްވެސްކަމެއް ނުކުރާނަން. އެކަމަކު ސާއިރާ އާއި އަނގައިން ބުނެފިއްޔާ ދެން..............." ދާނިޝް އަލީޒާއަށް ބަލާލީ އިންޒާރުގެ ނަޒަރަކުންނެވެ. އެއާއެކު ސަމާސާ ގޮތަކަށް އެއް ލޯމަރާލިއެވެ. އެ މަލެއްފަދަ މޫނުގައި ބޮސްދިނެވެ. ލޯބިވާވަރު އަންގާލަދިނެވެ.
އެވަރުން އަލީޒާގެ ހިތް ފުރުނެވެ. އަލީޒާވަނީ އޭނަގެ ހުރިހާ ކަމެއް ދާނިޝްއާއި ހަވާލުކޮށްފައެވެ. ދިރިއުޅުމުގެ ހުންގާނު ވެސްމެއެވެ. ދާނިޝް އޭނަގެ ދިރިއުޅުން ބައްޓަން ކުރަމުންދާނީ ފެންނަ އެންމެ ރަގަޅުގޮތަކަށެވެ. އަލީޒާގެ ފުރިހަމަ އިތުބާރު އެބައޮތެވެ. ޝަކުވާ ކުރާކަށް ބޭނުމެއްނޫނެވެ. އެ ރީތި ލޮލުގެ އެންމެ ބަލާލުމަށްޓަކައި އޭނާ މިހިރީ ގުރުބާންވާން ތައްޔާރަށެވެ.

"ސާއިރާ އާއި އަނގައިން ބުނިއްޔާ؟" އަލީޒާ ސަމާސާއަކަށް ހަދައިގެންވެސް ހުއްދަ ހޯދަން ބޭނުންވިއެވެ.

"އޭރުން މިކަހަލަ ޕަނިޝްމެންޓެއް ލިބޭނެ އިގޭ........" ދާނިޝް އަލީޒާ ގިލިގިލިކޮށްޓާލުމުން އަލީޒާ ހެމުން ދާނިޝްގެ އަތުގެ ތެރެއަށް ވެއްޓިގަތެވެ. ހަދާންވީ ޔަލްހަންއެވެ. އޭރު އޭނަވެސް ޔަލްހަން ގިލިގިލިކޮށްޓާލައިގެން އެވަރަށް ހެއްވައެވެ. ޔަލްހަން ވެސް ހާދަވަރަކަށް ހެލްޕްލެސްވާނެއެވެ. އެވެސް ލޯބީގެ އަދަބެކެވެ. ވަރަކަށް ސަކަރާތް ޖަހާލާފައި އެންމެފަހުން އަލީޒާ ވަރުބަލިވާގޮތްވިއެވެ. ވަރަށް ކަންނެތްވިއެވެ. ކާކޮޓަރިއާއި ހަމަޔަށް ދާނެ ވަރެއްވެސް ނެތޭ ކިޔަން ފެށީމަ ދާނިޝް އަލީޒާ ކޮނޑަށްލިއެވެ. އެއީ އަލީޒާ މިވަގުތު އެންމެ ބޭނުންވި ގޮތެވެ.
ހަފާވެސް ކިތަންމެވަރަކަށް ކޮޓެޖް އަދި އައިސްގޭޓްދޮށުން ބުރުޖަހައެވެ. އާއްމުކޮށް އުޅެނީ ބައިސްކަލްގައެވެ. ކުރުކުރު ސޯޓް އެއްޗެހި ވައްޓާލައިގެން ނުހަނު ސްޓައިލިޝް ވެގެންނެވެ. އަލީޒާ ފެނުމުން ވާހަކަ ދައްކަން މަސައްކަތްކުރިޔަސް އަލީޒާއަޑު އިވޭކަމަކަށް ހަދާނުލައެވެ. އެކަމާ ހަފާހުންނަނީ ފިކުރުބޮޑުވެފައެވެ. މީރާން ފެނޭތޯ ކުރާހާ މަސައްކަތްވެސް ވަނީ ބޭކާރެވެ. ރޭގަނޑު ކޮޓެޖް ކައިރިއަށް ގޮސްފިއްޔާ އާއްމުކޮށް ކޮންމެވެސް ނުބައި ކަމެއްވެއެވެ. ބައިސްކަލް ގެ ހަން ފަޅައިގެން ދިޔުން ފަދަ ލަނޑެއްލިބެއެވެ. ފަހުން ފަނާގެ ފަރާތުން އެގުނުގޮތުގައި އެއީ ހަންޑި އަވަލާފައި ވާ ފަޅު މަގެކެވެ. ހަފާ ބިރުކުޑަކަމުން އެއީ މާބޮޑުކަމަކަށް ނަހަދައެވެ. އޭނަ ބޭނުމީވެސް ރީތި ޖިންނި ރަސްދަރިކަލަކު ހޯދުމެވެ.

އައިސްގޭޓްގެ ފަހަތުގައި އޮންނަ ޕޫލް ވަރަށް ގިނަ ދުވަސްވަންދެން ފެން ނެތި އޮވެފައި ޝާހާން މެން ބޭނުންވެގެން އަލުން ފެން އެޅޭނެގޮތް ހަދާ ފެންވަރަން ބޭނުންކުރަން ފަށައިފިއެވެ. ފަރުޒާނާ ގޭގެ ފަހަތު ދޮރު ހުޅުވާލާފައި ނުކުތްއިރު ޕޫލްގެ ފެންގަޑު ސާފު ނޫކުލައިގަ ފެންނަން އޮތެވެ. ކިތަންމެހާވެސް ހިތްގައިމެވެ. ހިނގަން ހަދާފައި އޮތް މަގުގައިވެސް ވަނީ ތަށިމުށި ޖަހާފައެވެ. ދެފަރާތުގައި އޮތީ ވިނަގަނޑެވެ. އެތަނުގައި އިންދާފައިވާ މާގަސްތަކުގައި ފޮޅިފައިވާ ކުލަކުލައިގެ މާތަކުން ހިތްތަކަށް ދިރުން ލިބޭނެއެވެ.
އަލީޒާ ވާހަކަފޮތެއް ހިފައިގެން ދިގުގޮނޑިއެއްގައި ވަރަށް ހަމަޖެހިލައިގެން އޮތެވެ. ފަރުޒާނާގެ ނިތްކުރިއަށް ކުދި ރޫތަކެއް އަރައިގެން ދިޔައެވެ. މި މަންޖެ މިގެއަށްވެސް ގިނަވެއްޖެއެވެ. ކޮޓެޖް ކުޑަވީހެއްޔެވެ؟ މިހާރު މިގޭގައި އުޅެވޭވަރެއްވެސް ނުވެއެވެ. 
ކުއްޅަވައްފަލިރަނިން އެ އިންނަވަނީ އިއްޒަތުގައެވެ. އަރާމުގައެވެ. އެއްލިގަނެގެން ކަހަލަ ގޮތަކަށް އަބުރާލާފައި ދާން އުޅެފައި ފަރުޒާނާގެ ތުންފަތަށް ނުބައި ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ.
ފަތާފެންގަނޑު ފެނުމުން އޭނައަށް މޮޅު ޚިޔާލެއް އަތުވެއްޖެއެވެ. އޭނަގެ ޕްލޭން ކާމިޔާބު ކުރެވޭނީ އަލީޒާ އާއި ވާހަކަ ދައްކާ ގުޅުން ބަދަހިކޮށްގެންނެވެ.

"އަލީޒާ. ވާހަކަ ކިޔާއުޅެންތަ......؟ " ފަރުޒާނާ ޕްލާސްޓިކް ހިނިތުންވުމަކާއި އެކު އަލީޒާގެ ގާތަށް އައީ ލަސް ފިޔަވަޅުތަކެއްގައެވެ. އަލީޒާގެ ރީތިކަން މިހާ ކައިރިން ފެނުމުން ފަރުޒާނާ ތުރުތުރުއަޅައިގެން ދިޔައެވެ. އަލީޒާގެ އިސްތަށިގަނޑަށް އެ އަރާ ރަންކުލައަކީ ގުދުރަތީ ކުލަކަމަށް ފަރުޒާނާ އެއްގޮތަކަށްވެސް ހިޔެއް ނުކުރެއެވެ. މޫނުވެސް ބްލީޗްކޮށްލާފައިކަން ކަންހުޅީގައި ވާ ރަން ލޯލިތަކުން ރީތިކޮށް މިއެނގެނީއެވެ. އަދި ބުމަވެސް ހަދާ ހިމަކޮށް މޭކަޕްކޮށްލާފައިވާކަމަށް ގަބޫލުކުރެއެވެ. ހާދަ ވަރަކަށް ޖީނާ ކޮޕީކޮށްލައިގެނެވެ.

. "ލައްބަ....." އަލީޒާ ކުޑަގޮތަކަށް ފަރުޒާނާގެ މޫނަށް ބަލާލަމުން ހައިރާންކަމާއި ލަދުވެތިކަމާއި އެކު ބުންޏެވެ 

"ޖީނާގެ ކޮޓަރީގައި ހުންނާނެ ބައިވަރު ފޮތްތައް. އަލީޒާ ބޭނުމިއްޔާ ލިބިދާނެ. އެއްގެއެއްގައި އުޅޭއިރު އަނގައިން ނުބުނެ ދުޝްމިންކަން ބޭއްވުވުގެ މާނައެއްނެތް. އެހެންނޫނަސް ޖީނާގެ އެކުވެރިއެއްވީމަ އަހަރެންވެސް ކޮންމެވެސް ކަހަލަ ގުޅުމެއް ބާއްވަން ބޭނުން. ދާނިޝް ވަރަށް ފޫހިވާނެ އަހަރެން ދެކެ. ވާހަކަ ދައްކާކަން އެގިއްޖެއްޔާ މަނާކޮށްފާނެ. ނުބުނައްޗޭ އިގޭ......" ފަރުޒާނާ ބަލަހައްޓައިގެން ހުރީ ފެންގަނޑަށެވެ. އިރުގެ ދޯދިތައް ފެންގަނޑުގެ ސަތަހައަށް އެޅި ވިދަމުންދާއިރު ކިތަންމެހާވެސް ނަލައެވެ. ހިމޭނެވެ. އެ ފެންގަޑު މަތިން ސްމޯކީ އުދުހިލާފައި ގޮސް ގަހަކަށް ތިރިކޮށްލައިފިއެވެ.

"ގޭގައި ޕޫލްއެއް އޮތީމަ ފަތަށް އެނގެންވާނެ ދޯ. ޖީން ވެސް މަރުވީ ފަތަން ދަސްނުކުރެވުނީމަ. މި ޕޫލް ހަދާފައި މިހުރިހާ ދުވަހު ބޭކާރުކޮށް އޮތީ ވިއްޔާ. އެއްފަހަރު ފެންއޮތް އެކަމަކު ޖީން އެއްދުވަހު މިތަނަށް ވެއްޓުނީމަ ބިރުން ރުއިވަރުން އެފަހުން ފެންހުސްކުރިގޮތަށް މިއޮތީ. އަލީޒާ އަށް ފަތަން އެނގޭތަ؟ " ފަރުޒާނާ އަހާލިއެވެ.

"ނޫން. ދާނިޝް ބުނުއްވި އަތުގެ ޕްލާސްޓަރުގަނޑު ކަނޑާލީމަ ދަސްކޮށްދޭނަމޭ...." އަލީޒާ އާއި އެހާ ރީތިކޮށް ވާހަކަ ދައްކަން ފެށުމުން އަލީޒާގެ ހިތްވެސް ހަމަޔަކަށް އެޅެން ފަށައިފިއެވެ. ފަރުޒާނާއާއި އެކުވެރިވުމަކީ އަލީޒާގެ އުއްމީދެކެވެ. ދުޝްމިންކަން ބާއްވަން އަލީޒާ އެއްގޮތަކަށްވެސް ނޭދެއެވެ. ފަރުޒާނާގެ ހުރިހާ ނުބައިކަމެއް ހަދާން ނައްތާލާފައި އެކުވެރިވާން އަލީޒާ މިހިރީ ތައްޔާރަށެވެ.

"ގުޑް ގުޑް. ހިނގާ ޖީންގެ ކޮޓަރި ބަލާލަން. ރަގަޅު ވާހަކައެއް އޮތިއްޔާ ކިޔާލަން ނަގާ..." ފަރުޒާނާދިން ދައުވަތު އުފަލާއެކު ގަބޫލުކުރަމުން އަލީޒާ ފަރުޒާނާއާއި އެކު ގެއަށް ވަނެވެ. ފަރުޒާނާއަށް މިފަދަ ބަދަލެއް އައީ ކީއްވެބާވައެވެ. އާއެކެވެ. އިންސާނުންގެ ހިތަކީ މޫސުމް ފަދައިން ބަދަލުވާ އެއްޗެކެވެ. ގުޅުމަކީ އެފަދަ އެއްޗެކެވެ. އޭނަ ކުޑައިރުއްސުރެ އާއިލާ ގޮތުގައި ބަލަމުން އައި މީހުނާއި މުޅިން ވަކިވެދާނެކަމަށް އޭނަވެސް ހިޔެއްނުކުރެއެވެ. ދާނިޝްއާއި ގުޅުމަށްފަހު އޭނަގެ ދިރިއުޅުން މުޅީން ފުރޮޅިއްޖެއެވެ. މާޒީ އެކަށް ފޮހެލަން ޖެހިއްޖެއެވެ.
ޖީނާގެ ކޮޓަރިއަށް ވަނުމުން އަލީޒާ ހުރީ ހިނގައިގަންނަން ނޭގިފައެވެ. ވަރަށް ތަފާތު އިހުސާސްތަކެއް ކުރެވުނެވެ. ލޯ ތެމޭގޮތްވިއެވެ. މިހާ ފަސޭހައިން ޖަޒުބާތީ ވެވެނީ ކީއްވެއްހެޔެވެ؟
އާއެކެވެ. އަލީޒާ ގެ ހަޔާތަށް ޖީނާ ކިތަންމެ ކުޑަދުވަސްކޮޅަކަށް އައި ނަމަވެސް ހާދަ ހެވެވެ. ވަރަށް އެކުވެރިވިއެވެ. ކިތަންމެ ހަދިޔާއެއްދިނެވެ. ނުހޯދަން އުޅުނަސް ގަދަކަމުން އަތަށް ލައްވައެވެ. ހެދުން ގަހަނާފަދަ ތަކެތިވެސް މެއެވެ. އެއަށްވުރެވެސް އަލީޒާ ހިތްހަމަޖެހެނީ ވާހަކަ ދައްކާއިރު އެހުންނަ ގާތްކަމެއްގެ ސަބަބުންނެވެ. މެސެޖްތައް ފޮނުވާއިރު ބޭނުންކޮށްފައި ހުންނަ ލޯބިވެތި ގާތް އިބާރާތްތަކުންނެވެ. އެއްބަނޑު އެއްބަފާ ކުއްޖަކަށް ވާންވީ އެފަދަ ރަގަޅު ކުއްޖެކެވެ. ހަފާއެއް ނޫނެވެ. 
އެންމެ ޒުވާން އުމުރުގައި އެ އުފާވެރި އަންހެންކުއްޖާ އެވަނީ މަރުވެގެން ގޮސްފައެވެ. ޖީނާގެ ހަދާންތައް މިކޮޓަރީގެ ހުރިހާ ދިމާލަކުން އެބައާކުރުވައެވެ. މޭޒުމަތީގައިވާ ފޮޓޯ ފްރޭމްތަކާއި ގެންގުޅޭ ފޮތް ދަބަސް އަދި ފައިވާންތަކާއި ޓެޑީ ފަދަ ތަކެތި ފެނުމުން ހަމަ އަލީޒާއަށް ރޮވެން އުޅެނީއެވެ. ހީވަނީ ޖީނާ ބޭރުގައި އުޅެލާފައި ވަދެދާނެހެނެވެ.

"ކަލޭ އުފަލުން ތިއުޅެނީ އަހަރެންގެ ހުރި އެންމެ ދަރިފުޅު ކާލާފައި..." ފަރުޒާނާ ހިތާހިތުން ދަތްކުނޑިވިކައިގެން ހުރެވެސް އަލަމާރިއެއް ހުޅުވާލާފައި ޖީނަގެ ފޮތްތައް ދެއްކިއެވެ. އަލީޒާއަށް އެހާބޮޑަށް ހާވާކަށް ނުކެރުނެވެ. މުޅިންވެސް ކިޔާހިތްވާފަދަ ރީތި ވާހަކަފޮތްތަކާއި މެގަޒިންތަކެވެ. ކޮމިކް ތަކެވެ. ބައެއް ސީރީޒްތައް އެކީގައި ހުއްޓެވެ. ވަރަށް ތަރުތީބުން ބަހައްޓާފައެވެ. އަލީޒާ ދެތިން ފޮތް ނެގުމަށްފަހު ތެދުވެއްޖެއެވެ. އެހެން އަލަމާރިތަކާއި ވައްގަނޑުތައް ބަލާލަންވެސް ބޭނުންވިއެވެ. އެކަމަކު މަރުވެފައިވާ ކުއްޖެއްގެވެސް ހައްގުތަކެއް އޮންނާނެއެވެ. ޖީނާގެ ޕްރައިވެސީ އަށްވެސް އިހުތިރާމްކުރަން ޖެހޭނެ ނޫންހެއްޔެވެ؟ އެންމެ ބޮޑަށް ލޮލުގައި އަޅައިގަތީ ފޮތްތައް ހާވަމުން ދިޔައިރު ފެނުނު ބޯ ފޮތެކެވެ. ޖީނާގެ ޑައިރީ ބާވައެވެ.

"ތިފޮތްތައް ކިޔާ ނިމުނީމަ އެހެން ފޮތެއް ނަގާނީ ދޯ........" ފަރުޒާނާ ބުނެލިއެވެ.

"ލައްބަ. ވަރަށް ބޮޑަށް ޝުކްރިއްޔާ....." އަލީޒާ އިހުތިރާމްއާއެކު މަޑުން ބުންޏެވެ. ފަރުޒާނާގެ މި އިހުސާންތެރިކަމުން އޭނަ ލަދުވެސް އެބަގަނެއެވެ. ސުވާލުތައްވެސް ހިތުގައި އުފެދުނެވެ. އަދިވެސް އޭނަ ޖީނާގެ ޓެޑީގައި އަތްލި ދުވަހު އިސްތަށިގަނޑުގައި ހިފާ ތަދުކުރި ހަދާން އެބަހުއްޓެވެ. އެދުވަހު ފަރުޒާނާގެ ނަފްރަތުގެ ސަބަބުން އަލީޒާގެ ހިތް ބިރުން ވިރިގެން ނުދިޔައީ ކިރިޔާއެވެ.

. "އެވަރުކަމެއްނޫނެއްނު. މިއީ ޖީން ބޭނުންވާނެ ގޮތް......." ފަރުޒާނާ ފުޅާހިނިތުންވުމަކާއި އެކު ބުންޏެވެ 
އަލީޒާވެސް އެ ހިނިތުންވުމުގައި ބައިވެރިވިއެވެ. ބޭރަށް ނުކުމެވެސް ފަރުޒާނާ ކޮންމެވެސް ވަރަކަށް މޫސުމްގެ ވާހަކަ ދެއްކިއެވެ. ކޮޓެޖްގެ ގަސްތައް ރީތިވެގެން އެގަސް ހައްދާގޮތާއި ބޭނުންކުރާ ގަސް ކާނާ ބެހޭގޮތުން ވެސް އޮޅުންފިލުވިއެވެ. އަލީޒާ ބުނީ އެއްގޮތަކަށްވެސް ގަސްކާނާ ބޭނުންނުކުރާކަމަށާއި ބިންގަނޑު ރަގަޅީކަމަށެވެ. ފަރުޒާނާ ދިޔުމުން އަލީޒާ ކުޑަކޮށް ބޯ ހޫރާލިއެވެ. އަނެއް ކަންތަކާ ޖެހުނީއެވެ. ނަސީބަކުން ދާނިޝް ގެއަށް އައުމަށްފަހު އެ ވާހަކަ ހޯދިތަނަކާ ބެހޭގޮތުން ސުވާލެއް ނުކުރެއެވެ. އަލީޒާ ބޭނުންވަރަކަށް ވާހަކަ ގަނެވޭތީއެވެ. ޝައުނާ އާއި ރިހާނާ އަތުންވެސް ފޮތްތައް އަތުލެވޭތީއެވެ. ފަރުޒާނާގެ މި ކުއްލި ބަދަލު ދާނިޝްއަށް ކިޔާދޭން ބޭނުންވިއެވެ. އެކަމަކު އަދި ވާގޮތެއް ބަލާލަން މަޑުކޮށްލާނީއެވެ.


ރާހިލް މިދުވަސްކޮޅު ހުންނަނީ މުޅިން ތަބީއަތު ގޯސްވެފައެވެ. ބައްޕައާއި ބޮޑުބޭބެގެ ދެކޮޅުވެރިކަމުގެ އަސްލު އޭނައަށް ވަނީ އޮޅުން ފިލާފައެވެ. އެވަރުން ނުފުދިގެން މަންމަ ވެސް އެމެރިކާއަށް މަންމަ ގެ އާއިލާ ގާތަށް ދާން ފުރައިފިއެވެ. މައިންބަފައިންވެސް ވަކިވީއެވެ. އެކަމުގެ ސަބަބުން އޭނަ ގެ ޒުވާން ހިތަށް ވަނީ ބަޔާން ނުކުރެވޭފަދަ އަސަރުތަކެއް ކޮށްފައެވެ. ވީ ދެރައިން މަންމައާއި އެކު ދާންވެސް ޚިޔާލު ކުރިއެވެ. އެކަމަކު މަންމަ އެދުނީ ބައްޕަ އެކަނި ނުކުރުމަށެވެ. ބައްޕަދޫކޮށްނުލުމަށެވެ. ރާހިލް އަކީ ބައްޕަގެ ފުރާނަކަމަށާއި ރާހިލް ގޮއްސިއްޔާ ބައްޕަ ގެ ބަލިކަށި ހިތަށް ކެތްނުކުރެވޭނެކަމަށް މަންމަ ބުންޏެވެ.

ހުރިހާ ހިތާމަތަކެއް ހިތުގައި ފޮރުވައިގެން ހުރެ އޭނަ ޑިޔުޓީއަށް ދެއެވެ. އެކަމަކު އޭނަ ދަންނަހާ ބަޔަކަށް އެ ލޮލުން ވޭނެއްގެ އަސަރު ފެނެއެވެ. އެ ރީތި އޯގާތެރި ހިނިތުންވުން ދެކެން ބޭނުންވެއެވެ. އެކަމަކު އެއީ މިފަހަކަށް އައިސް ރާހިލް ގެ ފަރާތުން ނުފެންނަ ސިފައެކެވެ. ގަދަ އަވީގެ ސަބަބުން މިލާލޯޅިވަމުން ދާ ފިނިފެންމަލެއްފަދައިން އޭނަގެ މޫނުމިލަމުން ދިޔައެވެ. އެކަމުގެ ހަގީގަތް އެގެނީ ހަމައެކަނި އާއިލާއަށެވެ.

ރާހިލް ދެކޭގޮތުގައި ތެދުވެރިކަމާއި ވަފާތެރިކަމާއި އެކު ދިރިއުޅުން ވޭތުކުރަނީ ވަރަށް މަދު ބަޔެކެވެ. ގިނަ މީހުން ކޮންމެވެސް ސިފައެއްގައި ބޭވަފާތެރިވެއެވެ. މިފަދަ ކުޑަ މުޖުތަމައެއްގައި ވަރީގެ ނިސްބަތް އެހާމަތީގައި އުޅެނީ އެހެންވީމައެވެ. ރާހިލް އީނާއާއި ކައިވެނިކުރަން ޕްލޭންކުރަމުން ދަނިކޮށް މިދިމާވި ކަންތައްގަނޑެއްގެ ސަބަބުން އޭނަ ވަކި މުއްދަތެއް ނެތި އެކަން ފަސްކޮށްލައިފިއެވެ. ކައިވެންޏަކީ ކުޅިވަރެއްކަމުގައި ދެކިއުޅޭ މާހައުލެއްގައި ކާވެނި ކުރުމުގެ ބޭނުމަކީ ކޮބާހެއްޔެވެ؟ އެހެންނޫނަސް އޭނަގެ އާއިލާ ރޫޅިފައިވާއިރު ހިތަށް ލިބޭނީ ކޮން އުފަލެއްހެއްޔެވެ؟ 
ސައްފޫރު ސޯފާގައި އޮށޯވެލައިގެން އޮތްއިރު މޫނުމަތީގައި ވަނީ މާޔޫސްކަމެވެ. ހިތާމައާއި ހިތްދަތިކަމެވެ. ދުނިޔެއަށް ނޭވާލިޔަސް އޭނަގެ ހިތްވަނީ މަރުވެފައެވެ. ދިރުއުޅުމުގެ ހުރިހާ އުފާތައް ވަނީ އޭނައާއި ވަކިވެގެންގޮސްފައެވެ. މޭގައިމިވާ ދާއިމީ ރިހުމަށް ނިމުމެއް އަންނާނީ އޭނަގެ އެންމެ ފަހު ނޭވަޔާއި އެކީ ކަމަށް ވެދާނެއެވެ. ދިރިހުއްޓަސް އޭނަގެ ހިތްވަނީ މަރުވެފައެވެ. ސައްފޫރު ބޮޑު ކޮޓަރީގައިވާ ސޯފާއެއްގައި އޮށޯވެލައިގެން ނިތްމަތީގައި އަތްބާއްވައިގެން އޮތްއިރު އޭނަގެ ލޯވަނީ ތެމިފައެވެ.

"ބައްޕާ...." ރާހިލް ގޮވާލުމުން ސައްފޫރު ދަރިފުޅާއި ދިމާލަށް އެނބުރުނެވެ. 

"ދާނިޔާލްމެން މިއަދު އަތުވެއްޖެ. ބޮޑުބޭބެ ދުވަސްކޮޅަކަށް އެކޮޅުގައި މަޑުކޮށްލައްވަނީ ޔޯ. ދެން ބައްޕަ ހޮސްޕިޓަލަށް ނުދުރުވަންޏާ ހުރިހާކަމެއް ބޮއްސުންލައިގެން ދާން ފަށާފާނެ. މިއަދުވެސް ޑޮކްޓަރުން އިންޗާޖްއާއި ހިތްހަމަނުޖެހިގެން ބައްޕައާއި ބައްދަލުކުރަން ބޭނުންވި....ވީކަމެއް ވެގެން ދިޔައީ...." ރާހިލް ބައްޕަ ގާތު އިށީނެވެ. 

"ބައްޕަ ހަމަ ބޯގޮވާފައި މިހިރީ. ދަރިފުޅަށް ފޮރުވައިގެން ހުންނާކަށް ބޭނުމެއް ނޫން. މަންމަ ބޭނުންވަނީ ޑިވޯސް ވާން. ދަރިފުޅަށް އެގޭތަ؟ކުށްވެރިޔަކީ ބައްޕަ....." ސައްފޫރު ދަތްދޮޅީގައި އަތްވިއްދާލަމުން ހިތާމަވެރިގޮތަކަށް ބުންޏެވެ. އޭނަގެ އަޑުވަނީ ކުރެހިފައެވެ.

"ޑިވޯރސް. އެހެން ގޮތެއް ނެތްތޯ. ހަމަ މިވަގުތު މަންމައަށް ގުޅާނަން......" ރާހިލް ގެ މޫނު ގެ ކުލަ އޮއްސުނެވެ. މައްސަލަ މިނޫންގޮތަކަށް ހައްލު ނުވާނީހެއްޔެވެ؟ ކައިވެނީގެ މި މާތް ގުޅުން އެހާ ނާޒުކް ހެއްޔެވެ؟ ދިމާވާ ކަންތައް ވާހަކަ ދައްކައިގެން ހައްލުނުކުރެވެނީ ހެއްޔެވެ؟ ރާހިލް ގެ ހިތަށް އަސަރުތަކެއްކުރިއެވެ. މިއީ ރާހިލް އެއްގޮތަކަށްވެސް އެދޭކަމެއްނޫނެވެ.

"ހިޔެއްނުވޭ މަންމަގެ ޚިޔާލު ބަދަލުވާނެހެނެއް. މަންމަ ގޮތްދޫނުކުރާނެކަން ދަރިފުޅަށް އެނގެންވާނެ. ވަރަށް ބޮޑަށް މާފުކުރާތި ދަރިފުޅާ. ޒުވާން އުމުރުގައި ކުރެވުނު އެންމެ ފާފައަކުން އެތައްބަޔަކަށް އޭގެ އަސަރު މިކުރީ. މިއީ ބައްޕައަށް ކުރެވުނު ފާފައި ގެ ސަޒާ. ދިރިއުޅުން މިވަނީ ނިމިފައި. އަލުން އާބާދުކުރުމުގެ އެއްވެސް ފުރުސަތެއް ނެތް. ބައްޕަ އެކަނިވެރިވެއްޖެ......" ސައްފޫރު ދެކޭގޮތުގައި އޭނައަކީ މަންޒިލެއް މަގުސޫދެއްނެތި ދަތުރުކުރަމުންދާ މުސާފިރެކެވެ. ކަނޑުގެ ހަލަބޮލި ރާޅުތަކުގައި އޮޔާ ދަމަމުން ދާއިރު އެއްވެސް އައްސޭރިއެއް ފެންނާކަށް ނެތެވެ. ހުރިހާ ފަރާތަކުން ނާއުއްމީދެވެ. މިއަށް ވުރެ ބޮޑު ރާޅެއް ބޯމައްޗަށް ބޯމައްޗަށް ބިންދާލަފާނެކަމުގެ ބިރު އެބައޮތެވެ.

"ނޫން ބައްޕާ. އިރާދަކުރެއްވިއްޔާ ހުރިހާކަމެއް ރަގަޅު ވާނެ. ބައްޕަ އަބަދުވެސް ބުނުއްވަމެއްނު ޕޮޒިޓިވްކޮށް ވިސްނަން..... ކޮންމެ ފަދަ ބޮޑުކަމެއްވެސް ހައްލުކުރެވެންވާނެއޭ ވިސްނައިގެން. ވީއިރު ބައްޕަވެސް މާޔޫސްވެނުލައްވާ. އައި ވިލް ބީ އޯލްވޭސް ވިދް ޔޫ ޑޭޑް. ބައްޕަ ދުވަހަކުވެސް އެކަނިވެރިއެއްނުވާނެ....." ރާހިލް އޭނަގެ ބައްޕަ ގެ ކޮނޑުގައި އަތް ބާއްވާލަމުން ހިނިތުންވެލިއެވެ. އެއީ ސައްފޫރުއަށް ލިބުނު ކުޑަ ހިތްހަމަޖެހުމެކެވެ. ލޯބިވާ ދަރިފުޅު އޭނަގެ ކުށަށް މާފުކުރިކަމުގެ ހެއްކެކެވެ.
ސައްފޫރު ދަރިފުޅު ގެނެސް މޭގައި ޖެއްސިއެވެ. އެ ތަނަވަސް ނިތްކުރީގައި ބޮސްދިނެވެ. މިއީ ދުނިޔޭގައި ހުރި އޭނަގެ ހަމައެކަނި ނިޝާނެވެ. ދިރިހުރުމުގެ ހަމައެކަނި އުއްމީދެވެ. 
ދެބަފައިން ތަފާތު މައުލޫ ތަކަށް ވާހަކަ ދެއްކުމުގައި ވަގުތު ހޭދަކުރިއެވެ. ކޮންމެވެސް ވަރަކަށް ސައްފޫރުގެ ހިތާމަ ހަދާންނައްތާލެވުނެވެ. ސައްފޫރު ގަސްތުކުރީ ރާހިލް ގެ އެދުމަށް ވަޒީފާއަށްވެސް ނުކުތުމަށެވެ. އަމިއްލަ ދިރިއުޅުމުގެ ހިތާމަތައް ވަޒީފާއަށް ހިޔަނި އެޅުނަ ނުދިނުމަށެވެ.
އަލީޒާ އާއި ފަވާދު ދިމާވީ ހުޅުމާލެއަށް ގޮސް އުޅުމުގެ ތެރޭގައެވެ. ފަވާދު އުޅުނީ އެކުވެރިންތަކަކާ އެކުގައެވެ. އަލީޒާ ފެނުމުން ފަވާދު ދުވެލާފައި އައިސް އަލީޒާގެ އަތުގައި ހިފިއެވެ. އެ ލޯބިކޮއްކޮ ފެނުމުން ދާނިޝްވެސް މިއަދު ވާހަކަދެއްކީ ވަރަށް ރީތިކޮށެވެ. ފަވާދު އަކީ ސާއިރާމެން ގެ އެ ވިޔާނުދާ މިޒާޖުގެ އެއްވެސް ބަޔެއް ލިބިފައިނުވާ ކުއްޖެއްކަން އޭނައަށް ވަނީ އެގިފައެވެ. ފަވާދު ފުރަތަމަވެސް އޭނަގެ ދޮންތަ ގާތުން މާފަށް އެދުނެވެ.މަންމަގެ އަނިޔާތަކުން ސަލާމަތްކޮށްދޭން ނުކެޅުދުނީތީއެވެ. އެރޭ އަލީޒާ އެ ވާރޭގެ ތެރޭގައި ނުކުތުމުން ފަހަތުން ފަވާދު ނުކުތްކަމަށާއި އޭރު އަލީޒާ އާއި ދާނިޝް އަތުގުޅުވާލައިގެން ހިގާފައި ދިޔަތަން ފެނުމުން ހުރިހާ އެއްޗެއް ވިސްނުނުކަމަށް ބުންޏެވެ. މަންމަ އާއި ހަފާ އަލީޒާއަށް އޮޅުވާލަން އެހެން ޕްލޭން ތަކެއް ކުރާކަމަށާއި އެމީހުންގެ ވާހަކަތައް ގަބޫލުނުކުރުމަށް އެދުނެވެ. އަލީޒާއަކީ ހަގީގަތުގައިވެސް މަންމަ ގެ ދަރިއެއް ނޫންކަމަށާއި މަންމަ މޮޔަވަނީ ލާރިއަށް ކަމަށް ބުންޏެވެ. ފަވާދު ބޭނުމީ މޮޅު ކުއްޖަކަށްވެގެން ގައުމަށް ޚިދުމަތް ކުރުން ކަމަށާއި އަބަދުވެސް އަލީޒާ ގެ ހެޔޮކަމާއި ލޯބި ހަނދާން ނައްތާނުލާނެކަމަށް ބުނުމުން އަލީޒާ ވަރަށް ބޮޑަށް އުފާވިއެވެ.
ޝައުނާ އާއި އަލީޒާ ސްވިމިންޕޫލް އަށް އެރެން ހުންނަ ސިޑިބަރި ކާރީގައި ރިމޯޓް ހިފައިގެން ލޯންޗް ދުއްވަން ތިއްބެވެ. އެކުޑަ ލޯންޗުތައް ފެންގަނޑު ކަފާލާފައި ދާމަންޒަރު ބަލަހައްޓައިގެން ތިބެ މަޖާވެފައި ހަޅޭއްލަވައެވެ. ޝާހާން އާއި ދާނިޝް އެ ކުދިންގެ މި ކުޅިވަރު ދެކެން ތިބިއިރު ބޭބީންނޭ ކިޔާފައި ދިމާކޮށް ހެދިއެވެ. އިރުއޮއްސި އަދިރިވުމުން ގޭގެ ފަހަތުގައި ވާ ބޮކިތައް ދިއްލާފައި ވުމުން ކޮންމެވސް ވަރަކަށް އެހިސާބަށް އަލި އެޅިފައި އޮތެވެ.

"ހައި ކިޑްސް. ހާދަ ވަރުގަދަ ލޯންޗެއް މިދުއްވަނީ. ކޮބާ ޕެސެންޖާސް އިން.....؟" މީރާން ގެ ބަރުއަޑުއިވުމުން އެންމެން އެއްފަހަރާ އެބުރި ބަލާލިއެވެ. މީރާން ހުރީ ހަމަ އެކަޅު ހެދުމުގައެވެ. އެ ވެމްޕަޔަރިޝް ރޫހާނީ ގޮތެވެ. މޫނަށް ފައިބަމުން ދިޔަ އިސްތަށިގަނޑު އަތުން ރަގަޅު ކުރަމުން އައިސް އޭނަ އިށީނީ ޝާހާން އާއި ދާނިޝް ގެ ކޮނޑަށް އަތް ވައްޓާލައިގެންނެވެ. އަލީޒާ ގެ ހުނުން ހުއްޓުނެވެ. ކުޑަކޮށް ނުތަނަވަސް ވިއެވެ. 
"މިކަމާ ޝޭންމެން ވެސް ޖޯކުޖަހާވަރުން މިއުޅެނީ. ލޯންގް ޓައިމް ނޯ ސީ. ކޮންމެވެސް ކުއްޖެއް ވަރަށް މިސްވެގެން އެބައުޅޭ...." ޝައުނާ ވަގުތު ގެއްލުވާލާކަށް ބޭނުމެއް ނޫނެވެ. އެހާ ސީރިޔަސް މައްސަލައެއްވީމަ ވަގުތުން ހައްލުނުކޮށްފިއްޔާ ދެން ވާނެ ގޮތެއް ނޭގެއެވެ.
"އަލީޒާ ގެ ކޮއްކޮތަ؟ " މީރާން ގެ ހަދާނައަށް އައީ އެންމެފަހަށް ހަފާއާއި ދިމާވި ރެއެވެ. އެރޭ ހަމްޒާދު ހަފާ އަށް ދިން ނުބައި ލަޑެވެ. އެފަހުންވެސް ކޮޓެޖްއާއި ހަމަޔަށް ގޮއްސިއްޔާ ކޮންމެވެސް ބޮނޑިއެއްދެއެވެ. މާބޮޑުކަމެއް ނުކުރިޔަސް ހަފާގެ ބޮލަށް އުދަގޫވާފަދަ ކަންތަކެވެ. އެހެންމީހަކުނަމަ ކޮޓެޖް އާއި ހިޔަނިއެޅޭކަށްވެސް ބޭނުންނުވާނެއެވެ. އެކަމަކު އެކުއްޖާ އަށް ވެފައި ހުންނަގޮތެއް ނޭގެއެވެ. ތަރިތަކުގެ ދުނިޔެއިން ލޯބިވެރިޔަކު ހޯދަން ބޭނުންވަނީކަމަށް ވެދާނެއެވެ.

"ފަނާ. ފަނާ އެޑްމިޓް ކޮށްފައި އޮތީ. އަބަދު އޭނަގޮވަނީ މީރާންއަށް. މޮޔަވެފައޭ ބުންޏަސް ދޮގަކަށް ނުވާނެ..." ޝައުނާ ކިތަންމެ ވަރަކަށް ވިސްނިޔަސް މީރާންގެ ސިކުނޑީގައިވާ އެއްޗެއް ދެނެއެއް ނުގަނެވޭނެއެވެ. އަންރީޑަބްލް މައިންޑެކެވެ. ފަނާ ގެ އެ ލޯބީގެ ފަސާނާ އަޑުއަހަން މީރާން އިނީ މަޖާވެފައެވެ. މީރާން ޝައުނާ ގާތު ބުނީ ފަނާއާއި ބައްދަލުކުރަން ބޭނުންކަމަށެވެ. ގޮތެއްނިންމާނީ ފަނާ އާއި ވާހަކަ ދެއްކުމަށްފަހުގައި ކަމަށެވެ. 
ޝައުނާ ކިތަންމެވަރަކަށް މީރާން އާއި ސަމާސާ ކުރިޔަސް އަލީޒާ އިނީ ހިމޭނުންނެވެ. މީރާން އަކީ ކާކުހެއްޔެވެ؟ އަދިވެސް އެ ސުވާލުގެ ޖަވާބެއް މިވަނީ ނުލިބިފައެވެ. މިރޭ މިއެގުނީ މީރާންގެ ލޯބިވެރިޔަކީ ފަނާކަމެވެ. މުޅިންވެސް އާ ޚަބަރުތަކެވެ.
ޝައުނާއާއި އަލީޒާ ގެއަށް ވަނީ އިޝާނަމާދަށް ބަންގި ގޮވުމުންނެވެ. 

"ބްރޯ. ކިހިނެއް ތިހެދީ. ފަނާ ކިތަންމެ ނުލަފަޔަސް އެހާބޮޑުލަޑެއް ދޭން ވާނެތަ؟ ކާވެނިން ބޭރުގައި އަންހެންކުދިންނާއި ގުޅުން ނުބޭއްވުމަށް އެވަރަށް އެޑްވައިސް ދީފައި އެންމެ ފަހުން....." ހަގީގަތުގައި ޝާހާންއަށް ފަރުވާލެއް ނެތެވެ. އެއީ ފަނާފަދަ މީހަކަށް ހައްގު ސަޒާއެކެވެ. މައްސަލައަކީ ޝައުނާގެ އެކުވެރިއަކަށް ވާކަމެވެ. މިދުވަސްކޮޅު ޝައުނާގެ އެންމެ އިސް އެއް މައްސަލައަކަށް އެކަން ވެފައިވާކަމެވެ. ފަނާ ފަހަރިއަކަށް ވުމަށް ހިތް ނޭދޭކަމެވެ.

"ޝޮކިން ނިއުސް އެއް. ގަބޫލެއް ނުކުރެވޭ. އެ މޮޔަގަނޑާއި މީރާން . ދުނިޔޭގައިވާ އެންމެ ނުގުޅޭ ކަޕްލް. އެކަމަކު ކޮންގްރާ އިގޭ......... ވަރެއްގެ ފަހަރިއެއް ހޯދަދިނީތީ ތޭންކްސް....... " ދާނިޝް އޮތީ ބޯދަށަށް އަތްލައްވައިގެން ވިނަގަނޑުމަތީގައި އޮށޯވެލައިގެނެވެ. އުޑުގައި އޮރެންޖްކުލައިގަ ވިދާ ބަބުޅަމުން ދިޔަ ވީނަސް އަށް ނަޒަރު ހުއްޓާލައިގެން އޮތްއިރު ހިތްހަމަނުޖެހިފައިވާކަމުގެ އަސަރުތައް މޫނުމަތިން ފެނެއެވެ. އޭނަގެ ފަހަތުން މޮޔަވެގެން ދުވި އަންހެނަކު މީރާން އަށް ލިބުނީމަ އެއީ މާ ރީތިކަމެއްނޫނެވެ. 

"ދެކުދިންނަށްވެސް ކޮންގްރާ. އަންކަލްސް އިންނަށް ވީތީ......" މީރާން ދެ ލޮލުގައި ވަނީ ލާނެތް ވިދުވަރެކެވެ.
"ޑޭން....ކިހިނެއްވީ؟ ހާދަ ތުންކޮޅު ދިގުވެފައި..." މީރާން ހޭން ފެށިއެވެ.
"ގެޓް ލޮސްޓް....." ދާނިޝް ތުންފަތުގައި ދަތްއަޅާލަމުން ތެދުވެއްޖެއެވެ. މީރާންއާއި ދިމާލަށް ބަލާލީ ލޯ ހަނިކޮށްލަމުންނެވެ. މީރާންގެ ޖަވާބު ހުރިގޮތުން ފަނާގެ އެ ވާހަކަތައް ހަގީގަތެއްކަން ގާތްގަޑަކަށް ޔަގީންވީއެވެ. ފަނާއަކީ އަލީޒާގެ ދުޝްމިނެކެވެ. އެފަދަ މީހަކާއި ބޭބެ ގުޅުނީ ކީއްވެހެއްޔެވެ؟ އޭނަގެ ޖަޒުބާތުތަކަށް އެކަކުވެސް ގަދަރު ނުކުރާނީހެއްޔެވެ؟ ވީ ދެރައިގެ ސަބަބުން ދާނިޝް އެންމެ ހިނދުކޮޅަކަށްވެސް އެތަނުގައި މަޑުކުރާކަށް ބޭނުމެއްނުވިއެވެ. ދާނިޝް ދާން ހިނގައިގަތުމުން މީރާން ފައިގާ ދަތިއެޅުވިއެވެ. ބުރަކަށީގައި އަތް އަޅާ ކޮށްޕާލައިފިއެވެ. ދާނިޝް ގޮސް ޖެހުނީ އެ ފިނި ފެންގަނޑުގައެވެ.
"އާތް. ހާދަ ފިންޏޭ. މީރާން ކީއްތިކުރީ؟ މިކަހަލަ ސަމާސާ ކުރަން މިދެން ކޮން ގަޑިއެއް؟ އެކަމަކު ވަރަށް ހޫނުވެފައި ހުއްޓާ ފިނކޮށްލަދިންކަން ރަގަޅޭ . ޑެވިލިޝް ބްރަދަރ............." ދާނިޝް ފެންގަނޑުން ބޯ ހިއްލާލަމުން މޫނުގައި ވާފެންތައް އަތުން ފޮހެލިއެވެ. އެއާއެކު ދާނިޝް ފެންގަނޑުގެ ތެރޭގައި އަތުން ޖެހީނުން ފެންގަނޑު މީރާންގެ މޫނަށް ބުރުއްސާލައިފިއެވެ. މީރާންއަށް ކުޑަ އަދަބެއްނަމަވެސް ދެވުނީތީ ހިތްހަމަޖެހުނުވަރުން ހޭން ފެށިއެވެ. އޭނައަށް ވެވޭނެނަމަ މީރާންވެސް ފެންގަނޑަށް ލީހެވެ. އެކަމަކު އެއަށް ވުރެ ދަގަނޑު ތަބެއް ހުރިތަނުން ގުޑުވާލަން މާ ފަސޭހަވާނެކަން ދާނިޝް ދެނެހުއްޓެވެ.


"އަހަރެން ތިކަހަލަ އެކްޓެއް ދައްކާލަން ވެއްޖެއްޔާ މިތަނަށް ސުނާމީއެއް އަރާފާނެ ވިއްޔާ.................. " މީރާންހުރީ ސްވިމިންޕޫލްގެ އަރިމަތީގައި ހުއްޓިލައިގެންނެވެ. އެއްފައި ހަމަ ކިރިޔާ އަރިމަތީގައި ޖެހިޖެހި ހުރިކަމެވެ. އަނެއްފައި ވައިގެތެރޭގައެވެ. އިންސާނަކާއި އެކަށީގެންވާފަދަ ކަމެއްނޫނެވެ.
ޝާހާން ހެމުން މީރާން ކޮށްޕާލަން އުޅުމުން ލަނޑުލިބުނީ ޝާހާންއަށެވެ. މީރާންގެ ބޯމަތިން ބުރުއަޅުވާލާފައި ފެންގަނޑަށް ވައްޓާލުމުން ޝާހާންވެސް ސަމާސާއަކަށް ހަދާފައި ސޭވްމީ އޭ ކިޔާފައި ހަޅޭއްލަވަން ފެށިއެވެ. ތިން ބެއިން އެކަކު އަނެކަކަށް ގޯނާކޮށް ސަކަރާތްޖަހަން ތިއްބާ އެންމެންގެ އެކުވެރިޔާ ހަމްޒާދު ވެސް އެތަނަށް އައެވެ. އިތުރަށް ފޯރިގަދަވިއެވެ.
ޝާހާން ސޭވްމީ އޭ ކިޔަންފެށުމުން ފަރުޒާނާ ފުރަތަމަ ހީކުރީ ޝާހާންއަށް އަނިޔާއެއްވީކަމަށެވެ. ބޮޑެތިވެފައި ތިއްބަސް ނުރައްކާތެރި ކަންތަކާއި ކުރިމަތިލާހިތްވާ ޒުވާނުންތަކަށް ވީމަކޮންމެފަދަ ގަޑެއްވެސް ގަނެފާނެއެވެ. ފަރުޒާނާ އަވަސްއަވަހަށް ދޮރުހުޅުވާލާފައި ބޯ ދިއްކޮށްލީ ކަންބޮޑުވެފައި ހުރެއެވެ. ދޮންދަރިންނަށް ވިޔަސް ލޯބިވެވޭތީއެވެ. އަނިޔާއެއް ލިބެން ނޭދޭތީއެވެ. 
ފަރުޒާނާއަށް ފެނުނީ އައިސްގޭޓް އިން އަދި ޕާޓީއިންވެސް އޭނައާއި އަވަލި ރީތި" ޖިންނި " ޝާހާން ގެ އަތުގައި ހިފާ ޕޫލުން މައްޗަށް އެރުވިތަނެވެ. ފަރުޒާނާ ގަތްބިރުން އަވަހަށް ދޮރު ލައްޕާލާފައި ތަންޑު އަޅުވައިފިއެވެ. ކުރުސި ކިޔަވަން ފެށިއެވެ. ޝާހާންމެން ކުޑައިރުވެސް އިމޭޖިނަރީ ފްރެންޑްއިން ގެންގުޅޭކަމަށް ޝައްކުވެގެން އޭނަ މައުމޫން ގާތުގައިވެސް އެވާހަކަ ދައްކާއުޅުނެވެ. މައުމޫން ބުނަނީ އަޅާނުލުމަށެވެ. ޝާހާންމެން އަކަނި ތިބެ ވާހަކަ ދައްކާފައި ހޭކަން ފަރުޒާނާއަށް ފާހަގަކުރެވުނީ އެކުދިން ކުޑައިރު މާލެއަށް އައި ދަތުރެއްގައެވެ. އެ ދަރިންތައް ބޮޑުވީމަ މިގެންގުޅެނީ ކޮންފަދަ އެކުވެރިންނެއް ހެއްޔެވެ؟ މިއީ ކޮން ކަންތައްގަނޑެއް ހެއްޔެވެ؟ އެއްގޮތަކަށްވެސް ފަރުޒާނާގެ ވިސްނުމަކަށް ނުފޯރިއެވެ.

ކޮމެންޓް 0