" އެލީ. ޖީންއަށް މާބޮޑުވަރުވީ. ކީކޭ ބުނާނީ. ހިޔެއްނުވޭ ދެން ޖީން އަލުން ލޯ ހުޅުވާލާނެހެނެއް. ޖީން އަށް މިހާރު ބޭނުމީ އަހަރެމެންގެ ހެޔޮ ދުޢާ....................." އީނާއަށްވެސް ރޮވޭގޮތްވިއެވެ

"ނޫނޭ އީން ތިހެނެއް ނުވާނެ. ތިއީ ދޮގެކޭ ބުނެބަލަ. ހެޔޮނުވާނެ އީން. އަހަރެން ޖީން ގާތަށް ގެންދެބަލަ. ބޭނުން ޖީން އާއި ވާހަކަ ދައްކާލަން. އެންމެ ފަހަރަކުނަމަވެސް. ރޭގައި ޖީން އަށް ގުޅަން އުޅެނިކޮށް ޗާޖު ދިޔައީ..." އަލީޒާ ރޮމުން ބުންޏެވެ.
އީނާ އަލީޒާ ގެނެސްމޭގައި ޖެއްސިއެވެ. އަލީޒާ ރޫރޫއަޅަމުން ދިޔައެވެ. ގިސްލެވެމުން ދިޔައެވެ. ނުރޯންވެގެން ދެލޯ މަރާ ތަގުޅިކޮށްލާފައި ރަޖާގައި ދަތްއެޅިނަމަވެސް ކަރުނަތައް ހޯސްލާފައި އޮހެމުންދިޔައެވެ. އެއީ އަލީޒާއަށް ބާރު ފޯރާނެކަމެއްނޫނެވެ. އެކަރުނަތައް އަލީޒާއަކަށް ނުހުއްޓެވުނެވެ. އީނާ ބުނިފަދައިން މިވަގުތު ކަރުނައަކުން ފައިދާއެއް ނުކުރާނެއެވެ. ޖީނާ އެހާބޮޑަށް ބަލިވުމުން ބޭނުންވާނީ ދުޢާއެވެ.
އަލީޒާ ލޯމަރާލައިގެންއޮވެ މާތްﷲ ގެ ހަޟުރަތުގައި އާދޭހާއިއެކު ދަންނަވަމުން ދިޔައީ ޖީނާއަށް އަވަސް ޝިފާއެއް ދެއްވުމަށެވެ. ޖީނާގެ އުމުރު ދިގުކުރެއްވުމަށެވެ. މުއުޖިޒާތަކުން ނަމަވެސް ސަލާމަތްކޮށްދެއްވުމަށެވެ. މާތްﷲ އަކީ ރަޙުމަތްވަންތަ ރަސްކަލާގެއެވެ. އިންސާނުންގެ ދުޢާތައް އައްސަވާ އިޖާބަކުރައްވާ ފަރާތެވެ.

"ޑޭންވެސް ހާދަ ދެރަވާނެއޭ ދޯ އީން، ޑޭންއަށް ގުޅާފައި ވާހަކަދައްކަބަލަ..." އަލީޒާ މޮޅިވެރިގޮތަކަށް ބުނެލިއެވެ.

"ވަރަށް ދެރަވާމެ. އެކަމަކު އެންމެންވެސް ކެތްކުރަންވާނެ ދޯ. ގާތްމީހުންގެ ރުއިމުން މަރުވެފައިވާ މީހުންގެ ފުރާނައަށްވެސް ދަރިކަން ލިބޭނެ. ޖީންވަނީ އަހަރެމެންނާއި ވަކިވެގެން މާ ދުރަށް ގޮސްފައޭ، އެލީ ޕްލީޒް ނުރޮއި........." އެޚަބަރު އަލީޒާގެ ކަންފަތާއި ހަމަޔަށް ފޯރުވާދިނީ އެންމެ އެކަށީގެންވާގޮތަކަށް ނޫންކަން އީނާއަށްވެސް ވިސްނުނެވެ.

 

 

އަލީޒާ އިތުރު އެއްޗެކޭ ނުބުންޏަސް އެ ހިތް ކުނޑިކުނޑިވަމުންދާކަން އީނާއަށް އިހުސާސްކުރެވުނެވެ. އަދިވެސް ބޮޑަށް އަލީޒާ ކުރުގެޅިލައިގެން ރަޖާގައި ހިފިލެއްބާރުވީމައެވެ. ނިޔަފަތީގައި ދަތްއެޅިގޮތަށް ދޫކޮށްނުލީމައެވެ. ދެލޯ ކުރިޔަށްވުރެ ބާރަށް މަރާލާފައި ތަގުޅިކޮށްލިގޮތުންނެވެ. ޖީނާ ފަދައިން އަލީޒާވެސް ދެން ދުނިޔެއަށް ލޯހުޅުވާލަން ބޭނުންނުވާފަދައެވެ. އޭރު އަލީޒާ މަޑުމަޑުން ކުކުރަމުން ދިޔައެވެ. އަދި ރޫރޫއަޅާވަރުން އީނާވެސް ހާސްކުރުވިއެވެ. އަލީޒާގެ ލޮލުން ހިފެހެއްޓުމެއްނެތި ފައިބަމުން ދާކަރުނަތަކުން އީނަގެ ހިތަށް ވަރަށް ފުން އަސަރުތަކެއްކުރުވިއެވެ. މިޚަބަރު ދިނުމަކީ ކުރެވުނު މޮޔަކަމެއްބާވައެވެ. އޭނައަށްހެދުނު ގޯހެއްބާވައެވެ. އަލީޒާއަށް ކަމެއްވެއްޖެއްޔާ ހުރިހާ ޒިންމާއެއް އޭނަ އުފުލަން ޖެހޭނެއެވެ. އީނާ ބިރުން ހުރެ އަވަހަށް ކާރަކަށް ގުޅިއެވެ.

ޖީނާއަށް އަލްވިދާއު ކިޔަން އައިސްގޭޓްއަށް ދިޔަގޮތަށް ދާނިޝް އެގޭގައި ޖީނާވަޅުލާ ނިމެންދެން ހުއްޓެވެ. އެކަމަކު އޭނަ ޖީނާގެ މޫނު ދެކިލީ އެންމެފަހަރަކުއެވެ. ކިތަންމެހާވެސް ހިތަށް ތަދުވި ވަގުތުކޮޅެކެވެ. އޭނަގެ ނޭވާވެސް ހިދުކޮޅަކަށް ހުއްޓުނެވެ. ފައި ތުރުތުރުލިއެވެ. ޖީނާ ހީވަނީ ހީލާފައި ހަމަދެންމެ ދެންމެ ތެދުވެދާނެހެނެވެ. ލާނެތްގޮތަކަށް ލޯމަރާލައިގެން ގޭމީހުން ބިރުގަންނަވަން އޮތް ކުޑަކުއްޖެއްފަދައެވެ. ދާނިޝް ޖީނާ ގެ އެދޮން، އަލިމޫނުގައި ބީހިލަން ބޭނުންވިއެވެ. ގުޑްބައި ކިސްއެއް ދޭންބޭނުންވިއެވެ. އަލަކުން ޖީނާ ނުފެންނާނެކަން އޭނައަށް އެގޭތީއެވެ. މިއީ އެންމެ ފަހު ވަގުތުކޮޅުކަން ޔަގީންވާތީއެވެ. ނަމަވެސް އޭނާ އެތާގައި މަޑުކުރީ މިނިޓަކަށެވެ. ކެތްނުކުރެވިގެން އަބުރާލާފައި ދިޔައީ ހިތާހިތުން އަލްވިދާއު ކިޔުމަށްފަހު ނިވިފައިވާ ހިތަކާއިއެކީގައެވެ.

ދާނިޝް ސައިކަލް މަޑުކޮށްލީ ކޮޓެޖް ގެ ފެންޑާއަށެވެ. އޭނަގެ މޫނުމަތީގައި އަދިވެސް ހިތާމައިގެ އަސަރުތައްވެއެވެ. ނަމަވެސް ރޭގެ އެ ޝޮކްފިލައި ތަންކޮޅެއް ހަމަޖެހިލާފައި ހުރިކަން ހަރަކާތްހުރިގޮތުން އެގެއެވެ. ލަސް ފިޔަވަޅުތަކެއްގައި ފެންޑާގެ ފަތްތަރުމަތިން އަރައިގެން ދަމުން މޯޅިއަކަށް ދެމިލިއެވެ. ފެންޑާގައި އޮތް ގާކޮޅެއްގައިފައިން ޖަހާވިއްސާލިއެވެ. އެ ގާކޮޅު ގަސްތަކުގެ މަތިން އަރައިގެން ދިޔަތަން ބަލަން ހުރެލާފައި ދޮރުހުޅުވާލައިފިއެވެ.
"އެލީ...އައިމް ހޯމް............." ދާނިޝް އަލީޒާއަށް އޭނަ އައިކަން އަންގާލަން ވެގެން ބާރަށް ބުނެލިއެވެ.

އެގެއިން ދާނިޝްއަށް މަރުހަބާކީ އެކަނިވެރިކަމެވެ. ހުސްކަމެވެ. އަލީޒާގެ އެއްވެސް ހިލަމެއްނެތެވެ. މުޅިގެޔާއި ބަގީޗާގައި ބުރެއްޖަހާލުމުން ދާނިޝްއަށް އަލީޒާ ގޭގައި ނެތްކަން ޔަގީންކުރެވުނެވެ. 

އާއިލާއާއި އެކުވެރިންގެ ފަރާތުން އަލީޒާއަށް އެޚަބަރު ލިބިގެން އޭނަ އައިސްގޭޓަށް ދާނެކަން ދާނިޝްއަށް އެގެއެވެ. އެކަމަކު މިހާރު ޖީނާ ވަޅުލާ ނިމުނީއެވެ. ހަވީރު ފަހެއް ޖެހުމާއި ކާރިވެއްޖެއެވެ. އަލީޒާ ޖީނާގެ މޫނު ދެކިލަން ދިޔަސް އެބުރިއަންނަހާ އިރުވެއްޖެއެވެ. ގެއަށް ނައީ ކީއްވެހެއްޔެވެ؟ އެގެއަށް ގޮއްސަވެސް ދާނިޝްއަށް ގުޅާނުލިތާއެވެ. ވަރެއްގެ އަންހެންކުއްޖެކެވެ. ދާނިޝް އަށް ކެތްނުކުރެވިގެން ވަގުތުން އަލީޒާގެ ފޯނަށް ގުޅިއެވެ. ފޯނުއޮތީ ނިވާލާފައެވެ.

ދާނިޝް ފޯނު އެނދުމައްޗަށް އެއްލާލުމަށްފަހު ޓީޝާޓްބާލައިފިއެވެ. މިވަގުތު އޭނަ ބޭނުމީ ފެންވަރާ ތާޒާވެލުމަށްފަހު ރަގަޅަށް ކެއުމަށެވެ. ރޭއްސުރެ ނުނިދާހުރުމުގެ ސަބަބުންނާއި ހިތްދަތިކަމުގެ ސަބަބުން އޭނަވަނީ ވަރުބަލިވާގޮތްވެފައެވެ. ތަބީއަތު މުޅިން ސަކަރާތްވެފައެވެ.
ދާނިޝް ލޯގަނޑުދޮށުގައި ހުއްޓުނެވެ. އަމިއްލައަށްވެސް ގިނައިރު ބަލަހައްޓައިގެން ހުންނަން އުދަގޫވިފަދައެވެ. ދާނިޝް ރެއިންޝަވަރ ދަށުގައި ހުރެގެން އޮހެމުންދާ އަރާމު ފެނުން ހުރިހާ ހިތާމަތައް ހަދާންނައްތާލާ ތާޒާވާން މަސައްކަތްކުރިނަމަވެސް ހިދުކޮޅަކަށް ނަމަވެސް އަމިއްލަ ބަދުނަސިބާއިމެދު ލޮލުން ކަރުނައައެވެ. އެކަމަކު ވެސް އެ ކަރުނަތައް ފެނާއި އެކު ދޮވެވިގެން ދިޔައީއެވެ. ރުއިމަކީ ފިޑިކަމެކެވެ. އޭނަ ޖެހޭނީ ހިތްވަރުގަދަމީހަކަށް ވާށެވެ. އޭނަގެ ގެ ހީރޯ މީރާން ފަދައިންނެވެ.
ދާނިޝް ޖިންސަކާއި ޓީޝާޓެއް ވައްޓާލައިގެން ކަންނެތްގޮތަކަށް ސޯފާއަށްވެއްޓިގަތެވެ. ކެއުމަކަށް އޯޑަރު ދޭންވީކަން ނޭގެއެވެ. އެވަގުތު ފޯނު ވައިބްރޭޓްވާންފެށިއެވެ. އެވާނީ އަލީޒާކަމަށެވެ. އޭނަ ލައްވާ ދިގު އިންތިޒާރެއް ކުރުވާފަ ހިތަށް އެރީމަ އެ ގުޅަނީއެވެ. ދެތިންފަހަރު ގުޅުމުން އޭނަ ތެދުވެގެން ގޮސް ނަމްބަރަށް ބެލިއެވެ. އެއީ ހޮސްޕިޓަލުގެ ޑޮކްޓަރެއްކަމަށް ވާ ޝިރުޒާދެވެ. ޝާހާންގެ ވަރަށް ގާތް ރައްޓެއްސެކެވެ. އަލީޒާ ހެދުނުއްސުރެ ހޮސްޕިޓަލުގައި އެޑްމިޓްކުރެވިފައިވާ ކަމަށާއި ދާނިޝް އަށް ނުގުޅުނީ ބިޒީވާނެކަން އެގޭތީ ނުކެރިގެންކަމަށެވެ. އެކަމާ މައާފަށް އެދުނެވެ. މިހާރުވެސް ގުޅަން މިޖެހުނީ އެވަރަށް ހޮޑުލައި ގައިން ފެން މަދުވެފައިވާއިރުވެސް އެއްވެސްގޮތަކަށް އައިވީ އަދި އިންޖެކްޝަން ޖެހުމަށް އަލީޒާ އާއި އޭނަގެ މަންމަ އެއްބަސް ނުވެގެންކަމަށާއި ބޭސްދޭއިރަށް ހޮޑުލެވޭތީކަމަށެވެ. ދާނިޝް އަށް އެވާހަކަތައް އަޑުއަހަން ކެތްކުރެވުނީކީ ނޫނެވެ. ރުޅިގަދަވެގެންގޮސް ވަގުތުން ބުމަގޮށްޖަހާލެވުނެވެ. ދަތްކުނޑިވިކުނެވެ.
"މިހާރު އަހަންނަށް ތިގުޅީ ކިއްކުރަން؟" ދާނިޝް ހަރުކަށިގޮތަކަށް އަހާލިއެވެ.



"ސޮރީ...އެކަމަކު ހަދަންވީގޮތެއްނޭގިގެން... އަލީޒާ ގެ މަންމަ ގެ ނުފޫޒުގަދަވެގެން ވެސް ކަމެއް ކުރެވޭވަރެއްނުވޭ......" ޝިރުޒާދު ކަންބޮޑުވިއެވެ.
"ހަދަންވީގޮތް ނޭގެންވީ ކީއްވެ؟ އަލީޒާ ގެ ޑޮކްޓަރަކީ ތިއީނު. ވިއިރު ފަރުވާދޭން އެގެނީ އެހެންމީހުނަށްތަ؟ ހެދުނުއްސުރެ މަގޭ ވައިފް ތިތާ އެޑްމިޓްކުރެވިފައި އޮތްއިރު އަހަންނަށް އެންގުމަކީ ބޭނުންކަމަކަށް ނުވިއެއްނު. ގުޅަން މިއެގުނީ ދެން ސަލާމަތްނުވާ ހިސާބަށްދިޔައިމާ. ބިޒީކަމުން އޭރުގުޅަން ނުކެރުނު މީހަކު މިހާރު ގުޅީޔޯ؟ މިއީވެސް އަހަރެން ބިޒީ ގަޑިއެއް. ދެން ނުގުޅާތީ މަށަށް..........."

ދާނިޝް ރުޅިގަދަވެފައި ހުރިވަރުން ދެން ޝިރުޒާދު އާއި ދިމާލަށް އިގިރޭސިން ބުނެލީ ޝިރުޒާދުވެސް ހޫނުކުރުވާނެ ޖުމްތަކެކެވެ. ކޮންމެމީހަކުވެސް ލޭކެކިދާނެފަދަ ވަރުގަދަ ބަހުގެ ހަމަލާއެކެވެ. އިގިރޭސިބަހުން އެއްޗެހިކީވެސް ބޮޑަށް އޭނައަށް އެ ބަހުން އެއްޗެހިކިޔަން ފަސޭހަވީމައެވެ. ކިތަންމެ ރުޅިގަދަވިނަމަވެސް މިނޫނީ އާއިލާއިން ބޭރު މީހަކަށް ދާނިޝް އޭނަގެ ރުޅިގަޑު ބާލައެއްނުލައެވެ. މިވަގުތު ދާނިޝް ހުރީ ހަމައިން ނައްޓާފައެވެ. އެއްގޮތަކަށްވެސް ކެތްނުކުރެވުނީއެވެ.
ޝިރުޒާދުއަށް އެއްޗެކޭ ބުނެލާނެ ދަޑިވަޅެއްނުދީ ދާނިޝް ފޯނު ކަނޑާލައިފިއެވެ. ފޯނު ފާރުގައި ޖެހެވުމުގެ ކުރީގައި އެ ފަޅި ސިކުންތުކޮޅުގެ ތެރޭގައި އޭނަ އަމިއްލަ ނަފުސް މައިތިރިކުރިއެވެ. އެކަމަކުވެސް ގޮށްމުށްކަވާފައި ފާރަށް ވީއްލާލި އެތިފަހަރުން ގެވެސް ގުޑައިގެން ދިޔައެވެ.
އަލީޒާއަށް ކަމެއްވެއްޖެއްޔާ އެ ޝިރުޒާދުވެސް ޖެހޭނީ މަރުވާށެވެ. ދާނިޝް ބޮލުގައި ރިއްސާލާގޮތްވިއެވެ. އެއް ހިތާމަ ފިލައިގެން ނުދަނީސް އަނެއް ކަންތަކާ ޖެހުނީއެވެ. ކޮންމެ ގޮތެއްވިޔަސް ޖީނާފަދައިން އަލީޒާވެސް އޭނަ ގެ ސަބަބުން މަރުވެގެންދާކަށް ދާނިޝް ބޭނުމެއްނޫނެވެ.

އަލީޒާ ހޮޑުލަވާ ސަބަބުމީހަކު ނުބުންޏަސް އޭނައަށް އެގެއެވެ. އޭނާ އަލީޒާއާއި ކާވެނިކުރިއިރުވެސް އަލީޒާ ބަލިވެއިންކަން އެގެއެވެ. ހެކި އެބަހުއްޓެވެ. އެކަމަކުވެސް އޭނަ މިހުންނަނީ ނުދެނަހުރިކަމަށް ހަދާލައިގެން އަލީޒާ ލައްވާ ބުނުވާށެވެ. ދުނިޔޭގެ އެހެން އެންމެނަށް އެ ދަރިފުޅުގެ ބައްޕައަކީ ދާނިޝްކަމަށް ހީކުރެވުނަސް ގައިމު އަލީޒާއަށް ރަގަޅަށް އެއީ އޭނަގެ ކަމެއް ނޫންކަން އެގޭނެއެވެ. އަލީޒާދެކެ ފޫހިވާން އުޅުނަސް އެކަމެއް ވެސް ނުވިއެވެ. ހިތުގައިވާ ލޯތްބާއި ހަމްދަރުދީ ހައްތަހާ އިތުރުވަނީއެވެ. ބަލިކުއްޖަކަށް ހަމްދަރުދީވެ އަޅާލުމަކީ މިވަގުތު އޭނަގެ އިންސާނީ ވާޖިބެކެވެ. ދާނިޝް ހިތަށް ވިސްނާދޭން ބޭނުންވީ މިއީ ލޯބި ނޫންކަމަށެވެ. ޑޮކްޓަރަކަށް ވާތީ އޭނައަށް އަލީޒާއަށް އެހީވާން މަޖުބޫރުވަނީ ކަމަށެވެ.
ދާނިޝް ހޮސްޕިޓަލުގެ މަތީބަޔަށް އަރާ ސިޑިބަރިތައް ކަޑައްތުކޮށްލީ ހަލުވިކޮށެވެ. އަލީޒާ އޮތި ޖީނާވެސް އިއްޔެއޮތް ކޮޓަރީގައެވެ. ދާނިޝްގެ އަތްފައި ފިނިވެލިއެވެ.
ކޮޓަރިތެރޭ ތިބީ އަލީޒާގެ މަންމަ ސާއިރާއާއި ޑޮކްޓަރ ޝިރުޒާދު އާއި ނަރުހެކެވެ. މާހައުލަށް ވެރިވެފައިވަނީ ނުތަނަވަސްކަމާއި ކަންބޮޑުވުމެވެ. ސާއިރާ ހުރީ އުކުޅުގައި އަތްވިއްދާލައިގެން ޝިރުޒާދު އާއި ދިމާލަށް ލޯ އަޅާލައިގެން ކުދިކިޔާލަކިޔާލައެވެ. ޝިރުޒާދު ހުރީ ކަންބޮޑުވެ ހަދާނެގޮތްހުސްވެފައެވެ. އޭނަގެ ނިތްކުރީގައި ދާތިކިތައްވިދަމުން ދިޔައެވެ. ޝިރުޒާދު ޝާހާންއަށްވެސް ގުޅިއެވެ. އެކަމަކު ޝާހާންވެސް ހުރީ އަންނަގޮތަކަށް ނޫނެވެ. އޭނަ ހިޔާލުދިނީ އަލުން ދާނިޝްއަށް ގުޅުމަށެވެ.

ދާނިޝް ފެނުމުން ޝިރުޒާދުކުޑަކޮށް ސިހޭގޮތްވިއެވެ. ރުޅިއަންނަގޮތްވިއެވެ. އަދިވެސް އެ ޖުމްލަތައް އޭނަގެ ކަންފަތުގައި ގުގުމާލާފައިވެއެވެ. އެކަމަކު މޫނުމަތިން އެއްވެސް ޝުއޫރުތަކެއް ނުދައްކާވޭތޯ މަސައްކަތް ކުރަމުން އޭނަ ހީލިއެވެ. އަލީޒާއަށްވެގެން އުޅޭގޮތް ރަގަޅަށް ކިޔާދިނެވެ. އަލީޒާ ދާނިޝްއާއި ހަވާލުކުރުމަށްފަހު އޭނަ އަވަހަށް ސަލާމތްވެގެންދިޔައީ ނިތްކުރީގައިވާ ދާތައްފޮހެލަމުންނެވެ. ހުން އެހާ ގަދަ ވާހަކަ ބުނުމުން ދާނިޝްއަށް އަލީޒާއަށް ޖެހިގެން އުޅެނީ އެންމެކަމެއްނޫންކަން އެގުނެވެ. އަނެއްކާ ސެޕްޓިކް އެބޯޝަން އެއްބާވައެވެ. ގޭގައި އަމިއްލައަށް ދަރިފުޅު ވައްޓާލަންކުރާ އެފަދަ ގޯސްއަމަލުތަކުން ފުރާނަ ދޫކޮށްދާންޖެހެނީވެސް މަދު ބަޔެއްނޫނެވެ.

އަލީޒާ އޮތީ އޭނާގެ ދަނބުކުލައިގެ ރަޖާގެ ތެރޭގައި ކުރުގެޅިލައިގެން ލޯމަރާލައިގެނެވެ. އެހެންއޮތްއިރުވެސް މަޑުމަޑުން ގިސްލަމުން ދިޔައެވެ. މުޅިކުއްޖާ ރޫރޫއަޅަމުން ދިޔައެވެ. ދެއަތް ދަތްދޮޅީގައި އަޅުވާލައިގެން އޮތްއިރު ފެނުނު ކޮންމެ މީހަކު ސަހަރޯވާހަވެއެވެ. ދާނިޝް ހުއްޓުނީ އަލީޒާއޮތް އެނދުގެ ކާރީގައެވެ.
"އެލީ........................." ދާނިޝް އަލީޒާ ގެ ގަޑނުފެންކޮޅެއްފަދަ އަތްތިލަ ދަތްދޮޅިން ނައްޓުވާލަމުން އޭނާގެ ބާރުގަދަ އަތުގެ ތެރެއަށްލިއެވެ. 
ދާނިޝްގެ ރީތި އަޑުއިވުމުން އަލީޒާގެ މަރުވަމުން ދިޔަ ހިތާއި ސިކުޑިއަށް ޖާދުވީ އަސަރެއްކުރުވިއެވެ. އަދި ދާނިޝް ގެ ބީހިލުން އޭނަގެ ހިތުގައި ފިރުމާލިފަދައެވެ. ހިތާއި ރޫހަށް ލިބުނީ ފިނިކަމެކެވެ. ވަރު ހުސްވަމުންދަނިކޮށް ކުޑަބާރެއްވެސް ލިބުނެވެ. ވަގުތުން އެ ލެނބިފައިވާ އެސްފިޔަތައް ހުޅުވާލާފައި ދާނިޝްއާއި ހަތަރުކަޅިހަމަކޮށްލިއެވެ. އެ ބިއްލޫރި ލޮލުގައި ދިރުމެއްނެތެވެ. އެކަމަކުވެސް އެ މައުސޫމް ދެލޮލުގައި އިންތިހާ ދަރަޖައިގެ ކެކުޅުމާއި ފިލުވާލަން އުދަގޫ ވޭނެއްވާކަން ހާމަވިއެވެ. ދާނިޝްގެ ހިތްވެސް ކުޑަހިދުކޮޅަކަށް މަޑުޖެހިލިކަމުގައި ހީވިއެވެ. އެތައް އަސަރުތަކެއްކުރުވިއެވެ. އަލީޒާމިއޮތީ ކޮންފަދަ ހާލެއްގައިހެއްޔެވެ؟

ދާނިޝް އެތުނި މަޑުއަތަށް ފިތާލިއެވެ. އެއްވެސް ބާރެއްނެތެވެ. ބާރަށް އަތްލަން ވެސް ބިރުގަންނަހާ ނާޒުކް އަތެކެވެ.
" އެލީ..........ކިހާބޮޑަށް ވަރުބަލިވެފައި ތިއޮތީ........އައިވީ ގުޅާނީ ދޯ................" ދާނިޝް އަލީޒާގެ އަތުގެ ވިންދު ބަލާލުމަށްފަހު ނާރެއްފެނޭތޯ ބަލާލިއެވެ. މިވަރުން ނަރުސް ކުއްޖަކަށްވެސް އައިވި ނުގުޅޭނެކަން އޭނައަށް އެގުނެވެ. ހަށިގަނޑުން ފެންމަދުވެފައިވާއިރު ނާރުހޯދުމަކީ ފަސޭހަކަމަކަށް ނުވެ ހިގައިދާނެއެވެ.
ނަރުސް އަވަހަށް އައިވީގުޅަން ބޭނުންވާ ސާމާނު ޓްރޭ ދާނިޝްއާއި ކާރިއަށް ޖައްސާލަދިނެވެ. އުމުރުގައިވެސް މިފަދަ ފުރުސަތެއް ނުލިބޭނެކަން ޔަގީންވާތީ ނަރުސް ނޭގޭގޮތަކަށް ކައިރިއަށްޖެހިލިއެވެ. މިހާ ކައިރިން ދާނިޝް ގެ ރީތިކަން ދެކިލާނެ ފުރުސަތު ލިބުމުން ހެޔަށް ގޮތެއްވިއެވެ. ދުވަހަކު ނުދެކޭހާ ފުރިހަމަ މޫނެކެވެ. ޓީޝާޓްގެ ކުރުއަތް މުލައްދަނޑިއަށް ހިފާލާފައިވާގޮތުން އެ މުލައްދަނޑީގެ ރީތިކަމާއި ބާރުގަދަކަން ހާމަކޮށްދެއެވެ. މަޑު ލުއި މީރުވަހާއި އެ ތާޒާ ރީތިކަން ހާސް ފިނިފެންމަލަށް ވުރެ ފުރިހަމައެވެ. އަލީޒާގެ ނަސީބާއިމެދު އޭނަގެހިތުގައި ހަސަދަވެރިކަން އުފެދުނެވެ. އެ ވިހަގަދަ ތޫނު ނަޒަރުއިން ދާނިޝް އިނީ ވަރަށް ބޮލަށް އުދަގޫވާގޮތްވެފައެވެ. މީހަކާއި އިދެގެން ހުއްޓަސް މި އަންހެންވެރިން ވަނީ ހާދަ ވަރެކެވެ.


ސާއިރާވެސް ދާނިޝް އާއި ކައިރިއަށް ޖެހިލިއެވެ. ދާނިޝް ކައިރީގައި ހުރިއިރު އޭނަގެ އުނަގަނޑާއި ހަމަޔަށް ވެސް ފޯރަނީކީނޫނެވެ. އެހާހިމަތޮޅިއެވެ. އެކަމަކުވެސް އޭނަ އެހެރީ ދާނިޝްއާއި ހަގުރާމަކުރަން ތައްޔާރުވެގެންނެވެ. ދާނިޝްއަކީ އަލީޒާ ގެ ފިރިމީހާޔަށްވިޔަސް އޭނަގެ ދަރިފުޅު ނުރުހޭކަމެއް ކުރިޔަކަ ނުދޭނެއެވެ. އެވަގުތު އޭނައަށް ދާނިޝް ވެސް ފެނުނީ އަނިޔާވެރި ގާތިލެއްގެގޮތުގައެވެ. ދަރިފުޅަށް ބޮޑުގެއްލުމެއްދޭން އުޅޭމީހެއްގެ ގޮތުގައެވެ. ސާއިރާ ދެކޭގޮތުގައި އަލީޒާގެ އަތަށް ތޫނު ކަށި ހެރުމަށްވުރެ މަރުވިޔަސް އެކުއްޖާފުޅަށް މާރަގަޅުވާނެއެވެ.
" ނޫނޭ............އެކުއްޖާ ފަކީރުގަޔަށް ތީތި ހަރައިގެން ނުވާނެ. މިބުނީނު ފާޑުފާޑުގެ ހޮޅިތަކާއި އޭތިމީތި ގުޅައިގެން ނުވާނެޔޭ........" ސާއިރާ އަމުރުވެރިގޮތަކަށް އެހެން ބުނަމުން ދާނިޝް އައިވީ ގުޅަންއުޅެނިކޮށް އެދެމެދަށްވަނެވެ. ޓްރޭވެސް ބުރުއްސާލަން އުޅުނެވެ. ދާނިޝް ވަރަށް ހުޝިޔާރުކަމާއި އެކީގައި ސާއިރާގެ އަތުގައި ހިފެހެއްޓިއެވެ. ފިރިހެނަކުނަމަ މެއްސެއް ފޮޅާލިހެން ދުރަށް ލެވުނީހެވެ. އެކަމަކު އަންހެނަކަށް ވީތީ ކެތްކުރަމުން ސާއިރާއަށް ވިސްނާދެވޭތޯ ދާނިޝް މަސައްކަތްކުރިއެވެ. މަޑުމައިތިރކަމާއިއެކު ބުނެދިނެވެ. އެވަރުންވެސް ސާއިރާ ގަބޫލެއްނުކުރިއެވެ.
"އަލީޒާ ކުޑައިރުއްސުރެ ތޫނު އެއްޗެހި ދެކެ ނިކަން ބިރުގަންނާނެ. ވަރަށް ފިނޑި ކުއްޖެއްމިއީ. އެއްފަހަރު މާބޮޑަށް ބަލިވެގެން ހަސްފަތާލަށް ގެންދިޔަހާއިރުން އިންޖެކްޝަނެއްޖެހީ. އެފަހަރު ރޮއިރޮއިފާ ކުއްޖާ ނޫވެ މަރުނުވީ ކިރިޔާ. އެފަހުން ހޮސްޕިޓަލް ފެނުނަސް އެވަރަށް ރޮއިފާ ހުއްޓޭވަރުވޭ. އަހަރެމެން އަލީޒާ ބަލިވިއްޔާ ހައްދަނީ ފަންޑިތަ. އަހަރެންގެ ބައްޕައަކީ ފަންޑިތަވެރިޔެއް. މިރޭ ބައްޕަ އަންނާނެ. އަލީޒާއަށް ރަގަޅުވާނެ ކެލާ ގާނާފައި ކިޔަވާފަ ގަޔަށް ފުމެލާއިރަށް. އެއްވެސްކަމެއްދެން ކޮށްގެން ނުވާނެ......ބާއްވާ... އަލީޒާ މަރުވިޔަސް އޭނައަށް އަނިޔާއެއްދީގެން ނުވާނެ. އަހަރެން ބޭނުމީ އަލީޒާ ގެއަށް ގެންދަން......."


ފަންޑިތައިގެ ނަން އަޑުއިވުމުންވެސް ދާނިޝް ފޫހިވިއެވެ. ފަންޑިތަވެރިންގެ ފެންވަރާއި މަކަރުވެރިކަން އޭނަ މާރަގަޅަށްވެސް ދަނެއެވެ. ޑޮކްޓަރަކަށް ވެހުރެ މިވަގުތު މިފަދަ ބޭކާރު މޮޔަވާހަކައެއް އަޑުއެހުމަން ބޮލަށް އުދަގޫވިއެވެ. އަލީޒާއަށް ފަރުވާނުލިބިމިހާ ގިނަވަގުތު ދިޔައީ ސާއިރާގެ ސަބަބުންކަން ދާނިޝްއަށް ޔަގީންވިއެވެ. އަލީޒާ ފަދަ ބަލިހާލުގައި އޮތްކުއްޖަކަށް ގަދަދެއްކޭނީ ކިހިނެއްހެއްޔެވެ؟ އެންމެފަހުން ދާނިޝްއަށް މަޖުބޫރުވީ ސިކިއުރިޓީ ގާޑުން ގެނެސް ސާއިރާ އެ ކޮޓަރިން ބޭރުކޮށްލުމަށެވެ. ދެން ނަރުސް ދިޔަސް ރަގަޅުކަމަށް ދާނިޝް ބުންޏެވެ. ޑޮކްޓަރެއް ނަރުހެއް އަދި އެހީތެރިޔަކަށްވެސް އޭނަ މިހިރީއެވެ.

ދާނިޝް ފުރަތަމަ ކެއުމަކަށް އޯޑަރު ދިނެވެ.
އަލީޒާ ހުމުގެ ބުރާންތީގައި އޮވެ ދާނިޝް އަދި ޖީނާއަށް ގޮވިއެވެ. ހަމަނުޖެހޭ ވާހަކަތަކެއް ދައްކާއިރުވެސް ދައްކަނީ ދާނިޝް ނޫނީ ޖީނާގެ ވާހަކައެވެ. އަލީޒާއަށް ހަމަ އެންމެ ޚާއްސަވަނީ އޭނައާއި ޖީނާ ހެއްޔެވެ؟ އެންމެ ފަހަރަކުވެސް ބޯއިފްރެންޑްގެ ނަން ނުގަންނަނީ ކީއްވެހެއްޔެވެ؟ ދާނިޝް ކުޑަކޮށް ހައިރާންވިއެވެ.
ކޮންމެގޮތެއްވިޔަސް އަލީޒާ ބަލިވުމުން ދާނިޝް ވަރަށް ބޮޑަށް އަޅާލިއެވެ. ބްލަޑް ޕްރެޝަރ ޗެކްކޮށް ހުންބެލިއެވެ. ގަޑިން އިންޖެކްޝަން ޖަހާ ފެންފޮތިލާހެދިއެވެ. ބޯ މަސާޖް ކޮށްލަދިނެވެ. ލޯ ހުޅުވާލެވޭވަރުވުމުން ކުރުބާފަނި ފަދަ ދިޔާ ތަކެތި ބޯންދިނީ ގަޔަށް ލައްކޮށްލައިގެން އިދެއެވެ. ރޭވެސް ނުނިދާހުރުމުގެ ސަބަބުން ނިންޖަށް އެހާ ބޭނުންވިޔަސް އެރޭ އަލީޒާ ގާތުގައި ހޭލާހުރީވެސް އޭނައެވެ.

ފަހު ދުވަހު އަލިޒާގެ ހާލު ވަރަށް ބޮޑުތަން ރަގަޅުވިއެވެ. އެކަމަކު އޭނައޮންނަނީ މަޑުންނެވެ. ރޮވޭގޮތްވެފައެވެ. އަގައިން ބުނާނެ ހިތްވަރެއް ނުލިބިފައެވެ. އެންމެ ފަހަރަކުވެސް ހިނިތުންވެލިތަނެއް ނުފެނެއެވެ. ތާއަބަދު އެ މޫނުމަތީގައި ވި ލޯބި ލޯބި ހިނިތުންވުން ދާނިޝް ވެސްއަލުން ދެކިލަން ކިތަންމެހާވެސް ބޭނުމެވެ. ލަދުގަތީމަ އެ މޫނު ރަތްވެގެންދާގޮތް ކިހާ ރީތިހެއްޔެވެ؟ އަލީޒާ ހަމަޖެހި ކުރީގެ އެ އުފާވެރި ކުއްޖާއަށް ވާން ކިހާ ދުވަހެއްނަގާނެބާވައެވެ.

އަލީޒާ އަށް ރަގަޅުވާން ފެށުމާއިއެކީ ދާނިޝް އައުން މަދުކުރިއެވެ. އޭނަ އަންނަނީ އިންޖެކްޝަން ދޭންވާގަޑިގައެވެ. އެހެން އެއްވެސް މީހަކަށް ނުކުރެވުނުކަމަކަށްވީމައެވެ. ރޮވޭވަރުން ތުންފަތުގައި ދަތްއަޅާލައިގެންއޮވެ ލޮލުން ކަރުނަ އަންނައިރުވެސް އަލީޒާ ޗުއްޕުވެސް ބުނެނުލައެވެ. މަދިރިއެއް ހަފާލާވަރަށްވެސް ތަދުވަނީކީ ނޫނެވެ. އެކަމަކު އަލީޒާ ކަށިތައް ދެކެ ގަންނަނީ އަމަށަކު ބިރެއްނޫނެވެ.

އަލީޒާގެއަށް އާދެވުނީ ފަސްވަރަކަށް ދުވަހުންނެވެ. ދާނިޝް ހީކުރިގޮތަށް އެއީ ސެޕްޓިކް އެބޯޝަނެއްނޫނެވެ. އަލީޒާ އައީ ވައިރަލް ހުމެކެވެ. އެކަމާއި ޖީނާ މަރުވުމުގެ ހިތާމަ އަލީޒާގެ ހާލު އިތުރަށް ގޯސްކުރުވީއެވެ. ގެއަށް އައުމަށްފަހުވެސް ދާނިޝްއާއި އަލީޒާ ގެ ދޭތެރޭގައި ބީރައްޓެހިކަމުގެ ފާރެއްލެވިފައިވެއެވެ. ދެ މަންމަނުން ފަދައެވެ. އަޖާބެއްކަހަލަ ގުޅުމެކެވެ.

އިރުއޮއްސުމާއި އެކު އަލީޒާ މަޣުރިބު ނަމާދުކޮށްލިއެވެ. އިރުކޮޅަކަށް ގުރުއާން ކިޔަވަން އިނުމަށްފަހު އޭނަ ބޭރަށް ނުކުތްއިރު ދާނިޝް އިނީ ސޯފާގައި ފޯނެއްގައެވެ. ކޮޓަރީގައި ދިއްލާފައިވަނީ ފްރޭމަކަށް ލާފައިވާ އިލެކްޓްރިކް ރަތް އައްޔެކެވެ. އެ ރަތް އަލީގައި ދާނިޝް ފެންނަލެއް ރީތިކަމުން ދެވަނަ ފަހަރަށް ބަލާލަން ހިތްއެދުނަސް އަލީޒާއަކަށް ނުކެރުނެވެ. އޭނަ ތަންކޮޅެއް ދުރުގައި ހުރި ސޯފާއެއްގައި އިށީދެ އުނގުގައިވާ ބާލީހާއި ކުޅެލަކުޅެލާ އިނީއެވެ. އޭރު އަލީޒާ ހަދާންވަމުން ދިޔައީ މާޒީގެ އެކިޚާއްސަ ރީތި ވަގުތުތަކެވެ. އެހަދާންތަކެވެ. އެ މެޖިކް ކިސް އެވެ. ހިތަށް އަރުވާލުމުންވެސް ހަށިގަނޑަށް ބަޔާން ކުރަން ދަތި އަސަރުތަކެއް ކުރުވިއެވެ.
ފަސްވަރަކަށް މިނެޓްފަހުން ދާނިޝް އަލީޒާއާއި ދިމާލަށް ބަލާވެސް ނުލާ އަނެއްކާ ގެއަށް ވަނެވެ.
" ވަޓްސް ރޯންގް. ވެގެން އުޅޭގޮތެއް ބުނެދީބަލަ ޕްލީޒް....ހިތް ހަލާކު އެބަވޭ. އަނގައިން ހަމަ ނުބުނާނީތަ....." އަލީޒާގެ އެ ޖުމްލަތައްވީ ހިތުގައެވެ. ބުނެލާނެ ހިތްވަރެއްނުލިބުނެވެ. އަލީޒާގެ ލޮލުން ކަރުނަ ހިލޭގޮތްވިއެވެ. އޭނަގެ މަންމަ ބުނާފަދައިން އޭނައަކީ ސުންޕާކުއްޖަކީހެއްޔެވެ؟ މިވަނީ ކިހިނެއްހެއްޔެވެ؟

ކޮމެންޓް 0