ދާނިޝް އެދިޔަ ބާރުމިނުގައި އައިސީ ޔޫ އަށް ވަދެގެން ދިޔައިރު އޭނައަށް ފެނުނީ އުމުރު ދުވަހުވެސް ހިތުން ފިލައިގެންދާނެފަދަ މަންޒަރެއް ނޫނެވެ. މިއީ ކިތަންމެ ފަހަރަކު އޭނަ އަށް ފެނިފައިވާ އިމަރޖެންސީ ރޫމެކެވެ. ބަލިމީހުންގެ ފުރާނަ ސަލާމަތްކުރަން އޭނަވެސް ކިތަންމެފަހަރަކު މި މަސައްކަތްކުރިއެވެ. މިއަދު އޭނައަށް އެ މަންޒަރު ފެންނަނީ އަނިޔާގެ ގޮތުގައެވެ. ޑޮކްޓަރުން ފެންނަނީ ރަހުމްކުޑަ އަނިޔާވެރިން ގެ ގޮތުގައެވެ. ކިލަރސްއިންގެ ގޮތުގައެވެ. ސީ ޕީ އާރ ދީގެންވެސް ހިތް މަސައްކަތް ނުކުރުމުން ޑިފިބްރިލޭޓަރ އިން ޑީސީ ޝޮކް ދިންވަގުތު ދާނިޝްގެ ހެޔަށް ގޮތެއްވިއެވެ.

"އެލީ.................." ވޭނުން ފުރިފައިވާ ގޮތަކަށް ދާނިޝްއަށް ހަޅޭއްލަވައިގަނެވުނެވެ. އެ އަޑު އައިސީ ޔޫ ތެރޭގައި ގުގުމައިގެން ދިޔައެވެ. ބައެއް ޑޮކްޓަރުންނާއި ނަރުހުން އެބުރިއެބުރިފައި ބަލަންފެށިއެވެ. ދާނިޝް ދަތްކުނޑިވިކާލާފައި ގޮސް ދެ ޑޮކްޓަރުންގެ ކޯޓުގައި ހިފާފައި ހޫރާލީނުން އެ ދެމީހުން ޖެހުނީ ފާރުގައެވެ. އެކަކުގެ ބޯ ފަޅައިގެންގޮސް ލޭގަނޑު އޮހިގަނެގެން މުޅިބިންގަނޑު ރަތްކޮށްލައިފިއެވެ. އިމަރޖެންސީ ޓްރޯލީ ވެސް ފާރުގައި ޖެހުނު އަޑުފަށްގަނޑާއި އެކު ބައެއް ތަކެތި އެކިދިމާލަށް ބުރައިގެން ދިޔައެވެ.

"ލީވް ހާރ އެލޯން.........ދިސް އިޒް ޓޯޗާ..........." ދާނިޝް ދާނިޔާލްގެ ޓީޝާޓްގައި ހިފާ ދަމައިގަތެވެ. ދާނިޔަލް ނޫން އެހެންމީހަކަށް ވިނަމަ ދާނިޝް ގެ އެ ބާރުގަދަ އަތުގެ ތެރޭގައި ކުޅޭއެއްޗަކަށް ވީހެވެ. އަތުކޮޅަށް އުފުލާލާފައި އެއްލާލެވުނީހެވެ. 
އެ ނާޒުކް ދަނޑިވަޅު ޝާހާންއަށް ދާނިޝް ހިފެހެއްޓުނީ ހަމަ ކިރިޔާއެވެ. ދާނިޝްގެ ސިކުނޑި ކުޑަކޮށްވެސް މަސައްކަތްކުރާނަމަ އެފަދަ ހަރަކާތެއްނުކުރީހެވެ. އެންމެން މަސައްކަތްކުރަމުން ދިޔައީ އަލީޒާގެ ފުރާނަ ސަލާމަތްކުރަންކަން ގަބުލުކުރެވުނީހެވެ.


"ޑޭން. ޕްލީޒް. ހަމަޖެހިބަލަ. ދޮންބެމެން އެ މަސައްކަތް ކުރަނީ އެލީ ގެ ފުރާނަ ސަލާމަތްކުރަން. އެލީ ކާރޑިއެކް އެރެސްޓަކަށް ގޮސްގެން.... " ޝާހާންގެ ހިތަށްކޮށްފައިވާ އަސަރަކުން ލޯ ތެމެމުން ދިޔަނަމަވެސް ވަރަށް ހިތްވަރުކޮށްލާފައި މަޑުމަޑުން ބުންޏެވެ. ފާރުގައި ޖެހުނުގޮތަށް ބޯ ފަޅައިގެން ދިޔަ ޑޮކްޓަރުވެސް ނަސީބަކުން ދާނިޝްއަށް ބަލައިލީ ހަމްދަރުދީގެ ނަޒަރަކުންނެވެ. ދާނިޝްގެ ސިކުނޑި ހަމައިން ނައްޓާލާފައިވާކަން ވިސްނުނީއެވެ.

"ޕްލީޒް ޑޫ ސަމްތިނގް.....ފޯރ ގޯޑްސް ސޭކް މޭކް ހާރ ބްރީތް..........." ދާނިޝް އަށް ޑޮކްޓަރުން ގެ މަސައްކަތް ނާކާމިޔާބުވާތަން ފެނުމުން ހަޅޭއްލަވައިގަނެވުނެވެ. އަދިވެސް އަލީޒާގެ ހިތް މަސައްކަތެއް ނުކުރެއެވެ. ދާނިޝްއަށް ހީވަނީ ލޮލުގެ ކުރިމަތިން އޭނަ ގެ މަރު ފެންނަހެނެވެ. ދަންޖައްސާ މަޅިގަނޑު އޭނަގެ ކަރަށް ވައްޓާލެވުނަސް މިހަ ބޮޑު ބިރުވެރިކަމެއް ނުލިބުނީހެވެ. އަލީޒާ އާއި އެކު އޭނަގެ ހިތްވެސް ހުއްޓެމުން ދިޔައެވެ. އޭނަ އަލީޒާއަށް ބަލަހައްޓައިގެން ހުރީ ހިތްކުދިކުދިވާފަދަ ނަޒަރަކުންނެވެ. އަސަރާއެކީގައެވެ. މޮޅު ޑޮކްޓަރަކަށް ވިނަމަވެސް އެންމެ ލޯބިވާ ފަރާތް ސަލާމަތްކުރަން ނުކުޅެދިފައެވެ. ދާނިޝްގެ ލޮލުން ހިފެހެއްޓުމެއްނެތި ވޭނީ ކަރުނަ ފައިބަންފެށިއެވެ.

"ޑޯންޓް ލެޓް ހާރ ޑައި.......ޕްލީޒް... ޕްލީޒް ޝޭން........." ދާނިޝް ރޮމުން ޝާހާން ގައިގާ ހިފައިގަތެވެ. ދާނިޝްގެ އެ ހަރަކާތުން ޝާހާންގެ ލޮލުގައިވެސް ކަރުނަ ގިނަވެގަތެވެ.

"ބީ ސްޓްރޯންގް ޑޭން. އެލީ މުޅިން ރަގަޅުވާނެ އިންޝާﷲ......ހިގާ ބޭރަށް ދަމާ......" ޝާހާން ދާނިޝް އަތުލަފިކޮށްގެން އައިސީޔޫއިން ބޭރަށް ނުކުތެވެ. ދާނިޝް އައިސީޔޫގެ ކުރިމަތީގައި ހުރި ގޮނޑިއެއްގައި އިށީންގޮތަށް ފައިގާއުޅަބޮށި ވިއްދާލައިގެން މޫނު ދެއަތުން ފޮރުވިއެވެ. ހޯސްލާފައި އޮހެމުން ދިޔަ ކަރުނަ ތައް އިނގިލިތަކުގެ ދޭތެރެއިން އޮހެމުން ދިޔައެވެ. ޝާހާން ވެސް ދާނިޝްގެ ކޮޑުގައި އަތް ބާއްވާލައިގެން އިން އިރު ދޭތެރެއަކުން ލޯ ފޮހެލައެވެ. ހިތާހިތުން އަލީޒާއަށް ދިގު އުމުރެއް ދެއްވުން އެދި ދުއާ ކުރެވުނު އަދަދެއްވެސް ޝާހާން އަކަށް ނޭގެއެވެ. ދާނިޝްއަށް ލިބޭ ކޮންމެ ހިތާމައެއް ޝާހާން އެވަރަށް ހިއްސާ ކުރެއެވެ. އެކަކު އަނެކަކަށްޓަކައި ގުރުބާން ވާ ދެބެއިންނެވެ.
މާލިޔާވެސް ލޯބިވާ ދަރިފުޅު ދާނިޝްއަށް ގުޅައިގެން ހިތްވަރު ދިނެވެ. ބައްޕަހިތާމަ ކުރާނެތީ މި ޚަބަރު އަދި ބައްޕައަށް ސިއްރުކޮށްފައިވާކަމަށާއި އެހެންނޫންނަމަ ވަގުތުން ރާއްޖެ ދާނެކަމަށާއި އަލީޒާ އެމެރިކާއަށް ގެނައުމަށް އެދުނެވެ. މަންމަ ގެ ހިތްވަރު ދިނުމުން ދާނިޝްގެ ކަރުނަތައްވީ އިތުރެވެ. މާލިޔާ ކިތަންމެ ދުރުގައި ހުއްޓަސް ދާނިޝްގެ އަޑު ކަންފަތުގައި ޖެހުމުން ކެތެއް ނުކުރެވުނެވެ. ވާހަކަ ދެއްކިއިރު މާލިޔާއަށް ވެސް ރޮވެމުން ދިޔައެވެ. 

އެންމެ ގާތް އެކުވެރިޔާގެ އެ ކުއްލި ވަކިވުމަކީ އީނައަށްވެސް ކެތްކުރެވޭނެފަދަ ކަމަކަށް ނުވިއެވެ. ރިސެޕްޝަނުގައި ހުއްޓާ އެ ޚަބަރު ލިބުމާއި އެކު އޭނަ އަބުރައިގަނެގެން ވެއްޓުނެވެ. ފަނާ އޮތީ އެޑްމިޓްކޮށްފައި ނަމަވެސް މި ލިބުނު ޚަބަރަކުން ފާޑެއްގެ ފޯރިއެއް ހިފާ އެދުގައި ނޯވެވިގެން ވާނުވާ ބަލަން ކޮޓަރިން ނުކުތެވެ. މިޝާމެން ބޭރުފުށުން ދެރަވާކަމަށް ހެދިގެން ކަރުނަ އޮއްސިނަމަވެސް ހިތާހިތުން އުފާ ކުރަމުން ދިޔައެވެ. ދާނިޝް މިނިވަން ވާތީއެވެ. މިއަދު ކިތަންމެވަރަކަށް ދާނިޝް ހިތާމަކޮށް ކަރުނަ އޮއްސިޔަސް ކޮންމެވެސް ދުވަހަކުން އެހިތާމަ ފިލައިގެން ހިގައިދާނެކަމަށް އެކުދިން ގަބޫލުކޮށް އާވައްތަރެއްގެ ހިތްހަމަޖެހުމެއް ހޯދަމުން ދިޔައެވެ. 
ވަގުތު ވޭތުވަމުންދިޔައެވެ. އައިސީޔޫ އަށް ވަދެ ނުކުންނަ ޑޮކްޓަރުންނާއި ނަރުހުންވެސް ތިބީ މާޔޫސްވެފައެވެ. ހަމަ އެއް ޖަވާބެވެ. އެންމެންވެސް އެދެނީ ދުއާކުރުމަށެވެ.
ދެތިންގަޑިއިރުފަހުން ދާނިޔާލް އައި ސީ ޔޫ އިން ބޭރަށް ނުކުތެވެ. ދާނިޝްގެ ހާލު ފެނުމުން ދާނިޔަލްގެ އެސްފިޔަތައްވެސް ތެމުނެވެ. ދާނިޝް ގާތު ދާނިޔާލް ބުނީ މިހާރު އަލީޒާ ސްޓޭބްލް ކަމަށާއި މައްސަލައަކީ ކޯމާއެއްގައިވާކަން އެކަނި ކަމަށެވެ. ދެން އޮތީ ނިއުރޯ ސާރަޖަން އިންގެ މަސައްކަތެވެ. އެކަމަކު ހެއްދެވިފަރާތުގެ ރަހުމަތުން މާޔޫސްނުވުމަށާއި އުއްމީދުކަޑާނުލުމަށް ބުނެ ކޮއްކޮއަށް ހިތްވަރު ދިނެވެ. އެއީ ތެދެކެވެ. ޑޮކްޓަރުންނަށް އޮތީ މަސައްކަތް ކުރުމެވެ. ޝިފާ ދެއްވަނީ މާތް ﷲއެވެ. މިހާރު އަލީޒާ ވަނި އެފަދަ ފަތްތަރެއްގައެވެ. އޭނައަށް ބޭނުންވަނީ ހަމައެކަނި ދުޢާއެވެ.
ދާނިޔާލް ދާނިޝް ގޮވައިގެން އަލީޒާ ގާތަށް ގެންދިޔައެވެ. ވެންޓިލޭޓާ މޮނިޓާ އަދި ހޮޅިތައް ގުޅާފައިއޮތްއިރު އަލީޒާ ހީވަނީ ފުން ނިންޖެއްގައި އޮތްހެނެވެ. މިހާރު މޫނުމަތީގައި ވާ ހުދުކަން ކެނޑި ފިޔާތޮށިކުލަ އަރަން ފަށައިފިއެވެ. އެކަމަކު ހަށިގަނޑުގެ ހުރިހާ ގުނަވަންތަކެއް މަސައްކަތް އެކުރަނީ މެޝިންތަކުގެ އެހީގައެވެ. އަމިއްލަ ބާރުގައި ނޭވާވެސް ނުލައެވެ. އަލީޒާ ހެލްޕްލެސް ވެފައިވާވަރު ފެނުމުން ދާނިޝް ގެ ހިތަށް ތަދުވިއެވެ. ކިތަންމެ ކެތްތެރިވެލައިގެން ހުއްޓަސް އެލީ އޭ ކިޔާފައި އަނެއްކާ ރޮއިގަނެވުނީއެވެ. 
ދާނިޔާލްމެން ކިތަންމެ ވަރަކަށް އެދުނަސް ދާނިޝް އެތަނުން ދުރަށް ދާކަށް އެއްބަހެއްނުވިއެވެ. ކެއުމެއް ބުއިމެއް ނެތި އަލީޒާ ގެ މޫނަށް ބަލަހައްޓައިގެން އިދެވުނީއެވެ. ބައެއްފަހަރު ތަފާތު ހަދާންތައް އެ ބޯ އެސްފިޔަތައް ފޫ ދުއްވާފައި ކަރުނަ އޮހޮރުވައެވެ. ލޮލަށް ޖަމާވަމުންދާ ކަރުނަތައް ކިތަންމެވަރަކަށް ފޮހުނަސް ހުސްވާކަށް ނޫޅެއެވެ. 

ދާނިޔާލްމެން ސައި ބޯން ފޮނުވާލާފައި ސައްފޫރު އައި ސީ ޔޫއަށް ވަނުމުން ދާނިޝް ގެ ނަޒަރު ސައްފޫރުއަށް ހުއްޓުނެވެ. ސައްފޫރު ދާނިޝް ގެ އިސްތަށިގަނޑުގައި ފިރުމާފައި ކެތްތެރިވުމަށް އެދުނެވެ. ދާނިޝް އެވަގުތު ހަދާންވީ މަސްލަހަތަށް ބަލާފައި ދާނިޝް ފޮރުވާފައިވާ މުހިއްމު ސިއްރެކެވެ. މި ސިއްރު ނޭގި އަލީޒާ ދުނިޔެއާއި ވަކިވެގެން ދިޔުމަކީ ރަގަޅުކަމަށް ނުވާނެއެވެ. ވަގުތު ފާއިތުވެދަނީކަން އެގުމުން ދާނިޝް ބޭނުންވީ ސައްފޫރުއާއި އެ ސިއްރު ހިއްސާކޮށްލުމަށެވެ. ސައްފޫރު އެ ވާހަކަތައް އަޑުއަހަން ހުރީ އަޖާއިބުވެ ހައިރާންވެފައެވެ. ގަބޫލު ނުކުރެވިފައެވެ. ދާނިޝް މި ވާހަކަ މިބުނީ ހާދަ ލަހުންނެވެ. ކުރާނެކަމެއްނެތެވެ. މިއަދު ދާނިޝް އާއި ޝަކުވާކުރެވޭކަށްނެތެވެ. އެއަށް ވުރެ ދާނިޝްގެ ހިތާމަ މާބޮޑެވެ.

ސައްފޫރު އައިސްގޭޓަށް ވަންއިރު އޭނަހުރީ ވަރަށް ބޮޑަށް ބަޑުހައިވެ ފިނިވެފައެވެ. މޫނުމަތީގައިވަނީ މާޔޫސްކަމެވެ. އައިސްގޭޓް އެއްވެސް ދިރުމެއްނެތް ފަޅު ތަނެއްފަދައެވެ. ގަސްތައްވެސް އެހާ ހިމޭނެވެ. ވައިކޮޅެއްގެ އަސަރު އެއްގޮތަކަށްވެސް ނެތެވެ. އަލީޒާ ގެ ވަކިވުން ހުރިހާ އެއްޗަކަށް އިހުސާސްކުރެވި ހިތާމަ ކުރަމުންދާހެން ހީވެއެވެ. ސައްފޫރު ދޮރުހުޅުވާލާފައި ލަސްފިޔަވަޅުތަކެއްގައި ފުރަތަމަވެސް ދިޔައީ ކާބަޔަށެވެ.
ހަމަދު އިނީ ވަރަށް މޮޅިވެރިގޮތަކަށް ގޮނޑިއެއްގައި އިށީދެލައިގެނެވެ. ފުން ޚިޔާލެއްގައި އިންކަން ރަގަޅަށް އެގެއެވެ. މޭޒުމަތީގައި ކާން ހަދާފައި ހުއްޓެވެ. އެކަމަކު އެކަކަށްވެސް މިރޭ ކެވޭނެހެއްޔެވެ؟ އޭނަ ފްރިޖް ހުޅުވާލާފައި ފުޅިއަކުން ބިއްލޫރިތަށްޓައް ޕީޗް ޖޫސްއެޅިއެވެ. ހިކިފައިވާ އަރުތެރެ ތެންމާލުމަށެވެ.

"ހަމަދު ކިހިނެއް؟ ބަލީތަ؟ " ސައްފޫރު އަކީ އޯގާތެރި ޑޮކްޓަރެކެވެ. ހިތާމައިން ހިތް ހަލާކުވޭވޭހުރެވެސް އޭނަގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިކުރުވިއެވެ.
"މިއަދު ހެދުނު ހުން ތިބޭ........ބޭސް ކެއީމަ ރަގަޅު....." ހަމަދު އަބަދުވެސް ސައްފޫރުއާއި މައުމޫންދެކެ ލޯބިވެއެވެ. އިހުތިރާމްކޮށް ގަދަރުކުރެއެވެ. މިހާ ގިނަ ދުވަސްވަންދެން ހަމަދުއަށް ވަޒިފާގައި ހުރެވުނުއެންމެ ބޮޑު ސަބަބުތަކުގެ ތެރޭގައި އެދެބެއިންގެ އޯގާތެރިކަމާއި ހިތްހެޔޮކަން ހިމެނެއެވެ. 
މިފަހަރު ސައްފޫރު މިފަދަ ބޮޑު ހިތާމައެއްގައި އުޅެމުން ހަމަދުގެ ހާލު އަހާލީތީއާއި ހިނިތުންވުން ހަދިޔާކޮށްލީތީ ހަމަދު ގެ ހިތްފުރުނެވެ. އޭނަ ސައްފޫރުއަށް އަލީޒާގެ މަރުގެ ސިއްރުކިޔާދޭން ބޭނުންވިއެވެ. ސިފައިންނަށް ގުޅުމަށްވުރެ ފަރުޒާނާ ގެ ޅިޔަނުގާތު މިވާހަކަ ދައްކައިގެން އޭނަގެ ސިކުނޑިއަށް މާލުއިވާނެއެވެ. ހަމަދު ދުށްގޮތުގައި މިހުރިހާ ދުވަހު ގެންގުޅުނު ސާހިބުންނަށް ފުރަގަސްދީ އެއާއިލާ ބަދުނާމުކުރުމަކީ ބުއްދިވެރިކަމެއްނޫނެވެ. އިހުސާންތެރިކަމުގައި ފިތިތާށިވެފައިވާ ހަމަދު އެންމެފަހުން ނިންމީ ސޮއްފޫރުއަށް އިތުބާރުކުރުމަށްފަހު އެ ބިރުވެރި ސިއްރު ކިޔައި ދިނުމަށެވެ.

"މިހިރީނު ޖޫހާއި ދިޔާ އެއްޗެހި ގިނައިން ބޮއި......މޭވާވެސް ކައިބަލަ....ހަމަދުމެން ބަދިގޭގައި އުޅޭކުދިން ބޭނުންވަރަކަށް ކެވޭނެ އެހެންނު؟" ސައްފޫރު ގޮނޑީގައި ފައި ދަމާލައިގެން އިށީދެ ނިތްކުރީގައި އަތުގެ އިގިލިތަކުން މަސާޖްކޮށްލިއެވެ. ރިހުން ލުއިވޭތޯއެވެ. އެ ކުޑަ ހަރަކާތުންވެސް ސައްފޫރު ހަދާންވީ ފަރުޒާނާގެ މަތިންނެވެ. ފަރުޒާނާގެ މަޑު ފިނި އިގިލިތަކުން މަސާޖެކޮށްލުމުން ބޮލުގެ ރިހުން ފިލައިގެންދާގޮތެވެ. ސައްފޫރުއަށް ފުން ނޭވައެއްލެވުނެވެ.

"އަޅުގަޑު ވާހަކަ ބުނަން ބޭނުން ތިބޭ.............." ހަމަދު ކުޑަދޮރުތައް ލައްޕާލުމަށްފަހު ކާކޮޓަރިއަށް ވަންނަން ހުރި ދޮރުމައްޗަށް އެރިއެވެ. މީހަކު ނެތްކަން ޔަގީންކޮށްލުމަށެވެ. ފާރުގައި ކަންފަތް ހުންނަކަން އޭނަދަނެއެވެ. 
"އަވަހަށް ބުނޭ............" ސައްފޫރު ގެ ހިތާއި ސިކުނޑިއަށް މިވަގުތު ފެންނަމުން ދަނީ ބަލި އެދުގައި އޮތް އަލީޒާއެވެ. ސައްފޫރު ގެ ލޯތެމުނެވެ. ފެންތަށްޓެއް ދަމާލަމުން އެ ޚިޔާލު ހިތުން ނެރެލަން އުޅުނެވެ. ހަމަދު ދައްކަންއުޅޭ ވާހަކައަށް ޝައުގެއްނެތަސް ސައްފޫރު އެކަމެއް ނުދައްކައެވެ.

"އަލީޒާ ފެންގަނޑަށް ވެއްޓުނީ އެކްސިޑެންޓެއްނޫން...... މެޑަމް ކޮށްޕާލަނީ......" ހަމަދު ވައި އަޑަކުން ބުންޏެވެ.

"ވަޓް ؟ " ސައްފޫރުގެ ލޯ ބޮޑުވެގެން ދިޔައެވެ. ލަސްލަހުން ގޮނޑިން ތެދުވެވިއްޖެއެވެ.

"ކަލޭ ދޮގު ބުނަނީ ދޯ؟ ވަރަށް ސަކަރާތް އިގޭ.................." ސައްފޫރުގެ ހިތް ރޫރޫ އަޅައިގެން ދިޔައެވެ. އޭނަގެ ބޮލަށް އެބުރުން އަރައިގެން ދިޔުމުން ހިފަހައްޓާލެވުނީ މޭޒުގައެވެ. އެވަގުތު ހަދާނަށްއައީ ފަރުޒާނާގެ ޖުމްލަތަކެވެ. އަލީޒާގެ ފަރާތުން ބަދަލު ހިފާނެކަމަށް ތަކުރާރުކޮށް ފަރުޒާނާ ބުނަނީ މިހެންވީމަހެއްޔެވެ؟ ފަރުޒާނާ ހަގީގަތުގައިވެސް އަލީޒާ މަރާލީހެއްޔެވެ؟ ބަދަލުހިފުމުގެ ޖޯޝުގައި އިންސާނެއްގެ ފުރާނަ ދުއްވާލާކަށްވެސް ފަރުޒާނާ ފަހެއް ނުޖެހުނީހެއްޔެވެ؟

. "ހަމަދު ދޮގު ނުބުނަނީ..............." ހަމަދުގެ ލޮލަށް ކަރުނަ އަތުވެއްޖެއެވެ


"އޯކޭ އޯކޭ ހަމަދު....ނުރޮއި...އަހަރެން ގަބޫލުކުރަން.. ރަގަޅަށް ކިޔާދީ.....ކިހިނެއްވީ؟ ހަމަދުގެ ލޮލުން ދުށިންތަ؟ ކޮން މެޑަމް އެއްތަ؟ ހަމަދު ކީއްވެ އަލީޒާ ސަލާމަތްކޮށްނުދިނީ ؟ " ސައްފޫރު އެއްފަހަރާ އެތައް ސުވާލެއްކުރިއެވެ.
ހަމަދު އެ ހާދިސާގެ ތަފްސީލު ކިޔާދިންއިރު އޭނަގެ ލޮލުން ކަރުނަ ފައިބަމުން ދިޔައެވެ. އޭނއަށް ފަތަން އެގޭނަމަ އަލީޒާ ސަލާމަތްކޮށްދޭނެކަމަށް ބުނެލީ ކަރުއެލުވާލައިގެން ހުރެއެވެ.

"އެކަމަކު ހަމަދު މިވާހަކަ އިތުރު މީހެއްގެ ގާތު ނުދައްކާތި އިގޭ....މިއީ އަހަރެމެން ދެމީހުންގެ ދެމެދުގައިވާ ސިއްރެއް........." ސައްފޫރު ހަމަދު ގެ ބުރަކަށީގައި ފިރުމާލަމުން ބުންޏެވެ. މިއީ މުޅި އާއިލީ ސިއްރެއްކަމަށާއި މިޚަބަރު ފެތުރިއްޖެނަމަ އެންމެން ބަދުނާމު ވާނެކަމަށާއި އަގުވެއްޓޭނަކަމަށާ މިސިއްރު ކޮންމެގޮތެއް ހަދާފައިވެސް ފޮރުވާދިނުމަށް އެދުނެވެ. ހަމަދު އޭނައާއި މިވާހަކަ ހިއްސާކުރީތީ ވަރަށް އުފާކުރާކަމަށާއި އެކަމުގެ ހައްގު އިނާމުވެސް ލިބޭނެކަމަށެވެ. ހަމަދު ވަރަށް ބޮޑަށް އުފާވިއެވެ. ޔަގީނުންވެސް އޭނަގެ ސިކުނޑީގައި ވާ ބުރަދަން ލުއިވެއްޖެއެވެ. އަލީޒާ ފެންގަނޑަށް ވައްޓާލިތަން ފެނިފައި އެކަން ފޮރުވަންއުޅުނު މީހަކަށް ދެން ނުވާނެއެވެ.
ސައްފޫރު ބާރަށް ހިގާލާފައި ކާކޮޓަރިން ނުކުމެގެން ދިޔަގޮތަށް ފަރުޒާނާ އުޅޭކޮޓަރިއަށް ދިޔައެވެ. ގޮށްމުށްކަވާފައި އެކޮޓަރީގެ ދޮރުގައި ތަޅަންފެށިއެވެ. އޭނަގެ މޫނުވަނީ ރަތްވެފައެވެ. ނިތްކުރީގައި ދާތިކިތައްވިދައެވެ. ސިކުނޑިއަށްކޮށްފައިވާ ބާރު ލުއިވާނެގޮތެއް ވިސްނުމަކަށް ނައެވެ. ފަރުޒާނާ ދޮރުހުޅުވީ އިރުކޮޅަކުންނެވެ. ފެންވަރާ ރީތިވެލައިގެން ކުޑަ މޭކަޕްއެއްގައި ހުރިއިރު ޒުވާންވެފައި ތާޒާކަމަށް ދައްކައެވެ. އޭނަގެ އަތުގައި އޮތީ މެޑިކަލް ފޮތެކެވެ.

"ސައްފޫރު....؟ " ފަރުޒާނާ ގެ މޫނަށް މަޑުރަތްކުލައެއް ވެރިވެގެން ދިޔައެވެ. ކޮޓަރިއަށް ވެރިވެފައި ވާ ގަދައަލިކަމުގެ ތެރޭގައި މޫނުފޮރުވޭކަށްވެސް ނެތެވެ. ރީއްޗަށް ބްލަޝްވީއެވެ.
"އާނ...... އަހަރެން......ކަންބޮޑުވީތަ؟ ކުރެވުނު މޮޅުކަމަކުން ވަރަށް ހިތްހަމަޖެހި އުފާވެފައި ތިހިރީ އެހެންނު.......އެލީ ގެ ހާލު ދެކިލަން ނުގޮސް ހަމަޖެހިލައިގެން ފޮތްކިޔަން.............." ސައްފޫރު ބަލާކަށް ނުހުރެ ފަރުޒާނާ ގެ ކަންކަށި މައްޗަށް ދެތިންއެތިފަހަރު ވީއްލާލައިފިއެވެ. ކޮޓަރީގެ ހިމޭންކަމުގެ ތެރެއިން އެ އަޑު ގުގުމައިގެން ދިޔައެވެ. ފަރުޒާނާއަށް ވީ ތަދުގެ ބޮޑުކަމުން ވަގުތުން ލޮލަށް ފެން އައެވެ. ބޮލަށް އެބުރުން އަރައިގެން ދިޔައެވެ. މޫނުގައި އަތް އަޅައިގެން ހުރެ އޭނަ ފަހަތަށް ޖެހުނެވެ. ސައްފޫރު މޮޔަވީހެއްޔެވެ؟ ފަރުޒާނާ އަބަދުވެސް ގަބޫލުކުރާގޮތުގައި ސައްފޫރު ޒުވާންއިރު ރުޅިގަދަވެފައި ބޮޑާގޮތެއް ހުރެއެވެ. އެކަމަކު އެސިފަތައް ފަރުޒާނާއަކަށް މިވީހާތަނަށް ފެނިފައެއް ނުވެއެވެ.
"ސައްފޫރު....ވެގެން އުޅޭގޮތެއް ބުނެބަލަ......ހެޔޮނުވާނެ..........." ފަރުޒާނާ ތުރުތުރުއަޅަމުން ދިޔައެވެ. ސައްފޫރު ގެ އިތުރު އަނިޔާއަކުން ދިފާއުވާނެ އެއްވެސް މަގެއް ފަރުޒާނާއަކަށް ނުފެނެއެވެ. ބިރުގެންފައިވާ ވަރުން ފަރުޒާނާ ހުރީ ކުޑަވެލައިގެނެވ. ވެވޭނެނަމަ ފާރަށް ވަނީހެވެ.


"ނުވަނީ ކީއްތަ؟ ފުރަތަމަ މަރާލީ ޖީން.....އެކުއްޖާ ގެ ދިރިއުޅުން އެކިގޮތްގޮތުން ދަތިކޮށް އެކަމަށް ކެތްނުކުރެވިގެން މި ދުނިޔެ ދޫކޮށް އެދިޔައީ. އެވަރުން ނުފުދިގެން އެލީ ޕޫލަށް ވައްޓާލީ އެލީ ގެ ކޮން ކުށެއް އޮވެގެން؟ އޭނ.. ޖަވާބު ދީ. ހާދަ ރަހުމްކުޑަ އަންހެނެކޭ ތިއީ. އަނިޔާވެރިކަމުގެ އެއްވަނަ. ތިއީ އަހަރެން ލޯބިވީ ފަރުޒާނާ އެއްނޫން. މުޅިން އެހެން މީހެއް. އެއްގޮތަކަށްވެސް ފަރުޒާނާ ދަސްވެފައެއް ނެތް. އަހަރެންގެ ހިތުގައި ކުޑަނަމަވެސް ލޯތްބެއްވާނަމަ ފޮހެލައިފިން. ޔޫ ބިލޯންގް ޓު އެ މެންޓަލް ހޮސްޕިޓަލް..................." ސައްފޫރު ގެ މޫނުގައި ރަހުމާއި ހަމްދަރުދީ އެއްނެތެވެ. ފަރުޒާނާއަށްވެސް ސައްފޫރު މިފެނުނީ ބީރައްޓެއްސެއް ފަދައިންނެވެ. އަލިފާނުގެ ބެލުމެކެވެ. މުށްކެވިފައިވާ އަތެކެވެ. ހޭވިފައިވާ އިސްތަށިގަނޑެކެވެ.


"ނޫން....ނޫން. ތީ ދޮގެއް. އަލީޒާ ޕޫލަށް ވެއްޓުނުއިރު މިގޭގައި ނެތީމޭ ސައްފޫރު. ނިކަން ޝައު ކާރިން އަހާބަލަ......" ފަރުޒާނާ ގެ އަޑުވަނީ ކުރެހިފައެވެ. ސައްފޫރުއަށް ހަގީގަތް އެގުނީތީ އޭނަގެ ހިތް އަވަސްވެފައިވާވަރުން މޭގެ ކަށިގަނޑު ފަޅާލާފައި ބޭރަށް ނުކުމެދާނެހެން ހީވަމުން ދިޔައެވެ. ވީއިރު ބެލްކަނިން މީހެއްގެ ހިލަންވުން އެއީ އޭނައަށް ހީވި ވަހުމެއްނޫނެވެ. އެތާ ހުރީ ކާކުބާވައެވެ.
"އަހަރެން ބޭނުމެއް ނޫން އިތުރު ތަހުގީގުކުރާކަށް. ފަރުޒާނާގެ ދުލުން މިއަދު ހަގީގަތް ބުނުވާނަން. އެގިއްޖެތަ؟ ހުރިހާމަންޒަރެއް ދެކެން މިގޭ ބެލްކަނީގައި މީހަކު ހުރި. އެންމެ ރަގަޅު. އިންސާނުންގެ ލޯތަކަށް ތިފަދަ ބޮޑު ފާފަ ފޮރުވިދާނެ. ނަމަވެސް ހުރިހާކަމެއް ހެއްދެވިފަރާތް ބައްލަވާވޮޑިގެންވާކަން ހަމަ ނޭގުނީތަ؟ ބިރުނުގަންނަނީތަ؟ ދޮގުނަހަދާތީ. މަށަށް އެހާ ބޮޑު ކެއްސެއްދީފައި އަދި ދޮގުހަދަން އެބަ އަނގަހުޅުވާ. ދެވަނަފަހަރަށް ތިމަންނައެއް ނޫނޭ ބުނެފިއްޔާ އަނގަމަތީގައި ޖަހާ ހުރިހާ ދަތްތައް ލުއްސާލާނަން.........." ސައްފޫރު ފަރުޒާނާގެ ދެކޮނޑުގައި ހިފާ ތަޅުވައިގަންނަމުން ބުންޏެވެ. އެއާއި އެކު ބާރު ބާރަށް އެނދާއި ދިމާލަށް ހޫރާލައިފިއެވެ .ފަރުޒާނާ އަށް އަނގަމަތީގައި އަތް އެޅުނެވެ. ސައްފޫރުގެ ފަރާތުން މިފަދަބޮޑު އަނިޔާއެއް ލިބިދާނެކަމަކަށް އޭނަ ހިޔެއްނުކުރެއެވެ. މިހާ ހަރުކަށި ބަހުރުވައަކުން ސައްފޫރު ވާހަކަ ދައްކާތީ ހަމަ ހައިރާންއެބަވެއެވެ.

"ސައްފޫރު. ޑޯންޓް ޔޫ ޑެއަރޓަޗް މީ. އައިމް ޔޯ ބްރަދާސް ވައިފް....." ފަރުޒާނާ ސައްފޫރުއަށް ބިރުދެއްކިއެވެ. އޭނައަކީ ސައްފޫރު ގެ ފަހަރިކަން ހަދާންކޮށްދިނެވެ.

"ބޭބެގެ ވައިފަށްވިޔަސް ހެޔޮ. ފަރުޒާނާ އަހަރެންގެ މުޅި ދުނިޔެ ބަރުބާދުކޮށްލައިފި. ހުރިހާ އެއްޗެއް ފޭރިގެންފި. ކީއްވެ؟ ކީއްވެ މިހާ ބޮޑު އަނިޔާތަކެއް އަހަންނަށް ދެނީ. ޖަވާބު ދީ.......ކީއްވެ؟ ކީއްވެހޭ.....ބަދަލުހިފަން ބޭނުމިއްޔާ އަހަރެން މަރާލަބަލަ..................." ސައްފޫރުގެ ލޮލުގައި ވިދަން ފެށި ކަރުނަތައް ހިފެހެއްޓުމެއްނެތި ކޯތާފަތްމަތިން ފައިބަން ފެށިއެވެ. ސައްފޫރުއަށް އެންމެފަހުން ކެތްނުކުރެވުނީއެވެ. ފަރުޒާނާއަށްވެސް ފުން އަސަރުތަކެއް ކުރިއެވެ. ސައްފޫރުއާއި ހަތަރުކަޅި ހަމަކުރާނެ ހިތްވަރެއް ނުލިބިގެން އިސްޖަހާލެވުނުއިރު ފަރުޒާނާއަށްވެސް ރޮވިއްޖެއެވެ.

"ހިގާ އަލީޒާ ދެކެން. އައިސީޔޫ ގެ ބަލި އެދެއްގައި އެ މައުސޫމް ކުއްޖާ އެދަނީ އެންމެ ފަހުގެ ނޭވާތައް ގުނަމުން. ..އެތައް ބަޔެއްގެ ލޮލުން ކަރުނަ އޮހޮރުވާލާފައި. އެލީ ފެނުނީމަ ތި ހަރު ހިތަށް ވެސް އަސަރުކުރާނެ. މިއަދު ޖީން ގެ ފުރާނައަށް ހަމަޖެހުމެއްލިބޭނެތަ. ޖީންގެ އެކުވެރިޔަކަށްވީމަ އެހަދާނުގައި އޯގާތެރިކަމާއި ލޯބި ދޭންވީމަ އެކުއްޖާ ނައްތާލީ. ޖީން މަރުވުމަށްފަހުވެސް ހަމަޖެހުމެއް ލިބިޔަ ނުދޭން ފަރުޒާނާ ތިއުޅެނީ. ކީއްވެ؟ ބުނެބަލަ. އެލީ ގެ ކުށަކީ ކޮބާ. އަހަރެން ބޭނުން އެކަން އެގެން. މަންމައެއްގެ ގޮތުގައި ފެއިލްވެފައިވާ އަންހެނަކަށް ލޯތްބަކީ ކޯޗެއްކަމެއް ނޭގޭނެ. ހަމްދަރުދީ އާއި ކުލުނެއް ނުހުންނާނެ. ހިގާ މިވަގުތު ވެސް އަލީޒާ ގެ ގާތުން މައާފަށް އެދެން ޖެހޭނެ....." ސައްފޫރު ފަރުޒާނާގެ އަތުގައި ހިފާ ދަމަމުން ކަހަލަ ގޮތަކަށް ކޮޓަރިން ނެރުނެވެ. ފަރުޒާނާއަށް ސައްފޫރުގެ އާރާއި ބާރު އެގޭތީ ކިތަންމެ ދެކޮޅުހެދިނަމަވެސް މަޖުބޫރުންވެސް ގެންދާނެކަން އެގެއެވެ. ރީތިކޮށް ހިގާލާފައި ނުގޮއްސިއްޔާ މީހުނަށް ޝައްކުވެދާނެއެވެ.


"އަތުން ދޫކޮށްބަލަ. އަހަރެން ގޮސްދާނަމޭ......" ފަރުޒާނާ ހަތިޔާރު ބެހެއްޓިއެވެ. އޭނަހުރީ ރަގަޅަށް ބިރުގެންފައެވެ.

ފަރުޒާނާ ސައްފޫރުގެ ފަހަތުން ހިގާލާފައި ގޮސް އައިސްގޭޓް ހޮސްޕިޓަލަށް ވަނެވެ. އަދިވެސް އެކި ދިމާލުގައި މީހުންތައް ބޮޑިވެލައިގެން ތިބެ ދައްކަމުން ދިޔައީ އަލީޒާގެ ވާހަކައެވެ. ޑޮކްޓަރުން ގެ އެއްވެސް އުއްމީދެއްނެތްކަމަށެވެ. ހޭއަރާނެކަމުގެ ޔަގީންކަމެއް އެކަކަށްވެސް ނެތްކަމަށެވެ. ފަރުޒާނާ ކުށްވެރިއެއްފަދައިން އިސްޖަހާލައިގެން ހުރެ އައިސީޔޫ ގެ ބޭރުގައިވާ މީހުނަށް ބަލާލިއެވެ. ފުރަތަމަވެސް ނަޒަރު ހުއްޓުނީ ސާއިރާއަށެވެ. ސާއިރާ އިނީ ދެފައިވަށްކޮށްލައިގެން ގޮނޑިއަކަށް އަރާ ސަބްމެރިން އެއްކާށެވެ. ހެދުނު ކެއިގޮތަށް އެއްޗެއް އަނގަޔަށް ނުލައި ހުރެ އަބުރައިގަންނަންއުޅެނީ ކަމަށް ބާރަށް ކިޔަކިޔާފައެވެ.

އައިސީ ޔޫ ތެރެއަށް ވަނުމާއިއެކު ނޭގޭ ބިރަކުން ފަރުޒާނާގެ ހިތް ފިނިވެގެން ދިޔައެވެ. އަލީޒާގެ ބޯލާކޮޅުގައި އޭނަ ހުއްޓިލިއެވެ. މެޝިންތަކުގެ އަޑު ފިޔަވާ އެތަނަށް ވެރިވެފައިވަނީ ފުން ހިމޭންކަމެކެވެ. އަލީޒާގެ ގައިމަތީގައި ވާ ހުދުކުލައިގެ ފޮތިގަނޑުމަތީގައިވެސް ހޮޅިތަކާއި ވައިރުތަކެވެ. އަލީޒާގެ މޫނު ފެންނަނީ ރީތި ބުދެއްހެނެވެ. އެއްވެސް ހަރަކާތެއް ނެތެވެ. އަލީޒާގެ މޫނަށް ބަލާލެވުމުން ފަރުޒާނާގެ ހިތުގައިވެސް ކޮންމެވެސް ކަހަލަ ކުލުނެއް އުފެދުނެވެ. ސައްފޫރު ބުނިފަދައިން އަލީޒާ އެންމެ ފަހުގެ ނޭވާތައް ގުނަމުންދަނީހެއްޔެވެ؟ ވެންޓިލޭޓާ ކަނޑާލިޔަސް އެނިމުނީއެވެ. މިހާރު އަލީޒާއަކީ ވައިގެ ތެރޭގައި ހޫރެމުންދާ ރީތި އުއްބައްތިއެކެވެ. ކޮންމެ ވަގުތަކުވެސް ހުޅުކޮޅު ނިވިދާނެއެވެ
ދާނިޔާލް އެނދު ކައިރީގައި ހުއްޓިލައިގެން ހުރި އިރު ދާނިޝް އިނީ އަލީޒާ މަގަތުގައި އިށީދެލައިގެން އަތުގައި ހިފަހައްޓާލައިގެނެވެ. އެތަނަށްވަނީ ކޮންބަޔެއްތޯ ބަލަން އިސްއުފުލާލާނެ ހިތްވަރުވެސް ދާނިޝް ގެ ނެތްކަން ނޭގެއެވެ. ދިގު އެސްފިޔަތަކުގައި ވިދަވިދާހުރީ ކަރުނައެވެ. ދާނިޝް ރޯތަން ނުފެނިގެން ފަރުޒާނާ ހާދަ ވަރަކަށް އުޅުނެވެ. އެކަމަކު މިވަގުތު އެ މަންޒަރުފެނުމުން ހިތަށް ހަމަޖެހުމެއް ނުލިބުނެވެ. ހިތަށް ލިބުނީ ވޭނެކެވެ. ރޮވޭގޮތްވިއެވެ. ސައްފޫރު ގެ ރުޅި އަމާޒުވީމަކަން ނޭގެއެވެ. 
"ފަރުޒާނާ. އަލީޒާ މިއޮތީ ކޯމާއެއްގައި. އެއްވެސް ޑޮކްޓަރަކަށް ޔަގީނެއްނޫން އެލީ އަލުން ލޯ ހުޅުވާލާނެކަމެއް. އެލީ މިއޮތް ހާލު ފެނުމުން ހިލަހިތެއްގެ ވެރިޔަކަށްވެސް އަސަރުކުރާނެކަން ނޭގޭ. މުޅިން ހެލްޕްލެސްވެފައި. އަމިއްލަބާރެއްނެތިފައި. މިވަގުތު އެލީ ދުނިޔެދޫކޮށްފިއްޔާ އަހަންނަކަށް ކެތެއްނުކުރެވޭނެ. އެންމެފަހަރަކުވެސް ބައްޕާއޭ ކިޔާލާފައި އެލީ ގޮވާލާ އަޑުއަހަން ބޭނުން....."
އެ ޖުމްލައަޑު އިވުމުން ފަރުޒާނާ އަށް ސައްފޫރުއަށް ބަލާލެވުނީ ތަފާތު ނަޒަރަކުންނެވެ. ލޯ ބޮޑުކޮށްލަމުންނެވެ. ހައިރާންވެފައި ހުރެއެވެ. ސައްފޫރު މިދައްކަން ފެށީ ކޮންވާހަކައެއް ހެއްޔެވެ؟ ސައްފޫރުއަށް ކިޔޭ އެއްޗެއް އެގޭބާވައެވެ.


"އާނ ފަރުޒާނާ. އެލީ ގެ ނާރުތަކުގައި ހިނގަނީ އަހަރެންގެ ލޭ. އެލީއަކީ އަހަރެން ގެ ދަރިއެއް......" ސައްފޫރު ލޯތްބާއި އޯގާތެރިކަމާއި އެކު އަލީޒާގެ އިސްތަށިގަނޑުގައި ފިރުމާލިއެވެ. އޭރު އޭނަގެ ލޯވަނީ ކަރުނުން ފުރިފައެވެ. 

ފަރުޒާނާގެ މޫނުގެ ކުލަވަރު ވަގުތުން ބަދަލުވިއެވެ. ސައްފޫރުއަކީ ބޭވަފާތެރިއެކެވެ. އޭނަ ޒުވާން އުމުރު އޮޅުވާލީ ކިތަން އަންހެން ކުދިންނަށް ހެއްޔެވެ؟ މިފަދަ ކިތައް ދަރިން ދުނިޔޭގެ އެކި ކަންކޮޅުގައި ވޭ ބާވައެވެ. ސާއިރާ ފަދަ ވިޔާނުދާ އަންހެނަކާއި ގުޅުން ބޭއްވީ ސާއިރާ ގެ ކުލަ ދޮންވީމަހެއްޔެވެ؟ އެނޫނީ އެމީހާގެ ހުރީ ކޮންކަމެއްހެއްޔެވެ؟ ފަރުޒާނާ ރުޅިގަދަވިނަމަވެސް ލޮލުގައި ކަރުނަ ގިނަވެގަތެވެ. އަތުގެ ނުފުށުން ފޮހެލުމަށްފަހު އޭނަ އަނެއް ފަރާތަށް އެބުރުނެވެ.
ސައްފޫރު ފުރަތަމަ ފަރުޒާނާ ދެކެއައިސްފައިވާ ރުޅީގައި ފަރުޒާނާގެ ހިތަށް އަނިޔާއެއް ދޭން ބޭނުންވިއެވެ. ހުރިހާ ހަގީގަތެއް ކިޔާދީ ފަރުޒާނާގެ ހިތް ވަގުތުން ކުދިކުދިކޮށްލަން ނިންމިއެވެ. ނަމަވެސް ވިސްނާލުމަށްފަހު އެންމެ މުހިއްމު ތަންކޮޅު ފޮރުވީއެވެ. އެ ވާހަކަ ބުނެވުނުނަމަ ފަރުޒާނާ އަށް ކެތްނުކުރެވިގެން މޮޔަވީހެވެ. ދުވަހަކު އެހިތަށް ހަމަޖެހުމެއް ނުލިބުނީހެވެ. ފަރުޒާނާގެ ފުރާނަވެސް ރޮއިގަތީހެވެ. ނޫނެކެވެ. ސައްފޫރުގެ ލޯބިވެރިޔާއަށް އެގިހުރެ އެފަދަ ސަޒާއެއް ނުދޭނެއެވެ.

ފަރުޒާނާއަށް ނޭގި ހުރުމުން ގައިމު ލިބޭ ހިތާމަ ހާސްބައި ކުޑަވާނެއެވެ. މިއީ ވެސް އޭނަ ފަރުޒާނާދެކެ ވާ ތެދުވެރި ލޯބީގެ އިމްތިހާނެއްކަމަށް އޭނަ ގަބޫލުކުރިއެވެ. އެންމެ ފަހުވަގުތު ލޯބިވެރިޔާގެ ހިތަށް އަނިޔާއެއް ލިބުމުން ސަލާމަތްކޮށް ދިނީއެވެ. ސައްފޫރު ވީއްލާލި އެތިފަހަރުގެ ސަބަބުން ފަރުޒާނާގެ މޫނުމަތި ދުޅަވެ ރަތްއަރާފައި ހުރިތަން ފެނުމުން ސައްފޫރުގެ ހިތަށް ތަދުވިއެވެ. ފިރުމާލަދޭން ބޭނުންވިއެވެ. ގަނޑުފެން އަޅާދޭން ހިތްއެދުނެވެ. މައާފަށްވެސް އެދެންޖެހޭނެކަމަށް ހިތް ބުނަން ފެށިއެވެ.

"މި ހަގީގަތް ދުނިޔެއަށް ހާމަތިކުރީ އަލީޒާ ކޯމާއަކަށް ދިޔައީމަތަ؟ ސާއިރާ ތިގޭގައި ހައުސްމޭޑަކަށް ހުރިއިރު ކުރިން ގުޅުމެއް އޮތްމީހެއް ކަން ނޭގުނުތަ؟ ދުވަހަކު މިހާ ބޮޑު ހައިރާންކަމެއް އަދި ނުލިބޭ. ހުޅަގުން އިރުއެރިޔަސް މިވަރުގެ ޝޮކެއް ނުލިބޭނެ. މިހާރު އެގިއްޖެ ޖީންގެ އެއްބަފާ ކުދިން މިބިންމަތީގައި ހިލަވެލިހާ ގިނަކަން. ކާމިޔާބު ރީތިމީހަކަށް ވިޔަސް ތިވަރު ތަންކޮޅެއް ބޮޑު ހެން ހީވަނީ........ޑޮކްޓަރ ސައްފޫރު..........." ފަރުޒާނާ ގެ ހިތުގައި ގިނަވަމުން ދިޔަ ޝަކުވާތަކުން ބަންޑުންކޮށްލެވުނީ ދާދި ކުޑަ އެތިކޮޅެކެވެ. އޭނަ ސައްފޫރުއާއި ދިމާލަށް ޝަކުވާގެ ނަޒަރަކުން ބަލާލުމަށްފަހު އަވަސް ފިޔަވަޅުތަކެއްގައި އެތަނުން ބޭރަށް ނުކުތެވެ. 
ފަރުޒާނާ ބޭރަށްނުކުތްއިރު ކޮރިޑޯގައިވަނީ ފަޑު އައްޔެކެވެ. މިރޭ މިތާ ބޮކިވެސް އަދާފައިވަނީހެއްޔެވެ؟ މެއިންޓެނެންސް މީހުން ހާދަ ފަރުވާކުޑަކޮށްލައިފިއެވެ. އަނެއްކާ އައިސްގޭޓްގެ ބަގީޗާތަކާއި ބެލްކަނީގައި ހުންނަ ބޮކިތައް ދޭތެރެއިން އަނދައިގެންދާފަދައިން މިތަނަށްވެސް ބަލިގަނޑު އެރީހެއްޔެވެ؟ ކޮންމެވެސް ނުބަޔެއް އެބައުޅެއެވެ. އައިސްގޭޓްގައި އުޅޭ ޖިންނި މިތަނުގައިވެސް ރަސްކަންކުރަން ފެށީކަމަށް ވެދާނެއެވެ. އެ ހަދާންވުމުން ފަރުޒާނާގެ ގައިން ހީބިހިނަގައިގެން ދިޔައެވެ.

ސާއިރާ އިނީ ގޮނޑިއެއްގައި ދެފައި ދަމާލައިގެނެވެ. ފެންވަރާ ރީތިވެލައިގެން އެއައީ ސައްފޫރުގެ ހިތުން އަނެއްފަހަރު ޖާގައެއް ހޯދަންކަމަށް ވެދާނެއެވެ. ހިމަތޮޅިކޮށް ހުއްޓަސް ދޮންވެފައި އޮމާނެވެ. ފަރުޒާނާ ސާއިރާ އާއި ދިމާލަށް ބަލާލީ ހަސަދަވެރިކަމުގެ ނަޒަރަކުންނެވެ. ހިތާމަހުއްޓެވެ. މިއަންހެންމީހާގެވެސް ސައްފޫރުއަށް ބައްޕަ ކިޔާނެ ދަރިއަކު އެބަހެއްޓެވެ. މިއީ އިންސާފެއްނޫނެވެ. ސާއިރާ މާވަރަކަށް ހެވިފައި އިދެ ދައްކަނީ އަލީޒާ އެމެރިކާއަށް ގެންދަން ދާނިޝްމެން އެބައުޅޭކަމަށާއި އޭނަ ފަހަތުން ދާނެކަމަށެވެ. ހާދަވަރަކަށް ޚިޔާލީ ފޮލާ އެބަކައްކައެވެ. ސާއިރާ ދާނީ އެމެރިކާއަކަށް ނޫނެވެ. ހަނދަށެވެ. ރޮކެޓަކަށް އަރައިގެން ހަނދަށް ދާން ޚިޔާލުކުރިއްޔާ މާރަގަޅެވެ. ފަރުޒާނާއަށް ދަތްތައްވިކައިގަނެވުނެވެ.

ފަރުޒާނާ މިރޭ ސާއިރާ އާއި ސައްފޫރު ގެ ކުޅިވަރު ދެކެން ބޭނުންވިވަރު ގެއަށް ދިޔުމުގެ ޚިޔާލުދޫކޮށްލާފައި ފާރަލާން ގަސްތުކުރިއެވެ. އޭނަވެސް ގޮނޑިއެއްގައި އިށީދެއްޖެއެވެ. ދާނިޝްގެ އާއިލާގެ ތިމާގެ އަންހެނަކާއި ވާހަކަދެއްކުމުގެ ބަހަނާގައެވެ. އެކަމަކު އޭނަގެ ހުރިހާ ސަމާލުކަމެއް ހުއްޓިފައިވަނީ ސާއިރާގެ އާއިލާ އުޅޭގޮތަށެވެ.
ހަފާ މިރޭ އެތަނަށް އައީ ކުރު ހުދު ޖިންސް ސޯޓަކާއި ފިޔާތޮށިކުލައިގެ އަތެއްނެތް ޓޮޕެއްލައިގެނެވެ. ވަރަކަށް މޭކަޕްކޮށްލައިގެން ހުރުމުން ޒުވާންކުދިންގެ ހިތަށް ތަދުކުރުވާނެކަން ޔަގީނެވެ. ކަންފަތުގައި ހެޑްސެޓް އަޅާފައި ހުރިއިރު ރޮކް ލަވައެއްގެ އަޑު ރީތިކޮށް ބޭރަށް އިވެމުން ދިޔައެވެ. މުޅި ހިސާބު އެއްވަސްވެލީ އަގުބޮޑު މޮޅު ސެންޓެއްގެ ހިތްގައިމު ވަހުންނެވެ. ހަފާ ކެޓްވޯކް ހިގުމުގައި އަތުގައި އޮތް ދަބަސް ހޫރުވަމުން އައިގޮތަށް މަޑުކޮށްލީ ދާނިޔާލް އާއި ރާހިލް ކޮންމެވެސް ވާހަކައެއްގައި ތިއްބާ އެތަނަށެވެ.


"ހެލް އޯ ހެންޑްސަމް......" ހަފާ ރާގެއްލާފައި ކިޔާލިއެވެ. 

ދާނިޔާލް ވަރަށް ހައިރާންވެފައި އެބުރިބަލާލިއެވެ. އެ މަންޒަރު ދެކެން ކައިރީގައި އިށީދެލައިގެން އިން ފަނާއަށް ހީނުގަނެވުނީ ކިރިޔާއެވެ. ހަފާ ހާދަ ލަދުކުޑައެވެ. ހާދަ ކެރެއެވެ. އޭނައަށްވެސް ދާނިޔަލްގެ އެހުންނަ މިޒާޖުގެ ސަބަބުން ވާހަކަދައްކާކަށް ނުކެރެއެވެ. އޭނަ ހީކުރިގޮތަށް ދާނިޔާލް ބަލައިލީ ނުރައްޓެހި ނަޒަރަކުންނެވެ. ދާނިޝް ގެ " ބޮޑާ ނުރައްޓެހި " ވައިރަސް ދާނިޔާލް ގެ ގަޔަށް އެރީކަމަށް ވެދާނެއެވެ. އީންސްޓައިން ފަދަ މޮޅު ސިކުނޑިލިބިފައިވާތީ މި ޒުވާނުން ފޮނިވެފައި މިތިބެނީ މާވަރަކަށެވެ. އިންސާނުންނަށްވުރެ މާމަތީގައިވާ ބަޔެއްކަމަށް ހީކުރަނީ ހެއްޔެވެ؟ 

"ސޮރީ އިގޭ. އަހަރެން ހީކުރީ އަހަރެންގެ ޕްރިންސް އޮފް ޑާރކްނެސް މީރާންކަމަށް. ވަރަށް ވައްތަރުވިއްޔާ. ކޮބާ ދޮންތަ ކިހިނެއް؟ އަދިވެސް ކޯމާއެއްގައި ތަ؟ " ހަފާ ފަރި ހިނިތުންވުމަކާއިއެކު އަހާލިއެވެ.

"އާނ...." ދާނިޔާލް ކުރުކުރު ޖަވާބެއްދީފައި އަނެއްކާ އަނެއްފަރާތަށް އެބުރުނެވެ.

ދާނިޔާލް ހުރީ ސާއިރާގެ އާއިލާ މީހުންގެ އުޅުން މިހިރަގޮތަކުން ހައިރާންވެސްވެފައެވެ. މިތަން ހަދައިގެން އުޅެނީ ޕިކްނިކް ސްޕޮޓްއަކަށެވެ. ތަފާތުވައްތަރުގެ ކާއެއްޗެހި ގެނެސް ކައިފާ ދުފާ އަނގަރަތްކޮށްލައިގެން އަނގަތަޅުވަނީ އެކަކު އަނެކަކާއި ވާދަޔަށް ކަހަލައެވެ. ސާއިރާވެސް އަނގަފުރެންދެން ދުފާއެއްޗެހިލައިގެން އިންއިރު އެއްގޮތަކަށްވެސް ދެރަވެ ހިތާމަކުރާހެނެއް ހިޔެއް ނުވެއެވެ. މިއަދު މެންދުރު އެންޖެލީނާ ޖޮލީމެންވެސް ފަހަތަށް ޖައްސާލާހާ މޮޅަށް އެކްޓްކުރިއެވެ. އިހުލާސްތެރިކަމެއްނެތް ކަރުނަތަކެވެ. ވާނީވެސް އެހެންނެވެ. މިއީ އަލީޒާއާއި ލޭގެ ގޮތުން އެއްވެސް ގުޅުމެއް ތިބި ބަޔެއްނޫނެވެ.


"ދޮންތަ ހަމަ އަރާމުގައި ނިދަނީ އެހެންނު. އަހަންނަކަށް ނޭގޭ ޓޯޗަރ ޗެމްބަރއަކަށް ލައިގެން މިމީހުން ދޮންތައަށް ކުރާކަމެއްވެސް. ދާނިޝްވެސް ޅަވެގެން ރޮއި ހަލާކުވަނީ ކަމަކާ ނުލައި. ދޮންތަ ބްރެއިން ޑެޑް އެއް ނޫނޭ. ދާނިޝްއަށް އެވަރު ނޭގެނީތަ؟ ކޯމާއާއި ބްރެއިން ޑެޑް ގެ ހުރި ތަފާތު ނިއުރޯސާޖަންއަކަށް ވީއިރުވެސް ނޭގުނީތީ އަޖާއިބުވެއްޖެ. ކަމޯން....ދޮންތަ ރިކަވަރ ވާނެއޭ .........މި މެސެޖް ދާނިޝްއަށް ގެންގޮސްދީބަލަ..........." ހަފާ ވަރަށް ތުއިވެލާފައި ވާހަކަދެއްކުމުން ރާހިލް ބޮލަށް އުދަގޫ ވީވަރުން ވަގުތުން އެތެރެއަށް ވަދެގެން ދިޔައީއެވެ.
ފަނާ ހިތާހިތުން ހަފާއަށް ސާބަސްދިނެވެ. އެކަމަކު އޭނަ އިނީ އަގަހޭވިފައެވެ. ހިނިއައިސްފައެވެ. ހަފާ ހުރިއްޔާ ހެއްވާ ފިލްމެއް ބަލާލުންކަހަލަ ކަމެކެވެ. މީހުން ރުޅިއަރުވާލުމުގައި ހަމަ އެއްވަނައެވެ. ހާދަ ކެއަރފްރީއެވެ. ދުނިޔޭގައި އުޅެން ކިތަންމެހާވެސް ފަސޭހަވާނެއެވެ. އުފާވެރި ހަމަޖެހޭ ކުއްޖެކެވެ.


"ރުޅިނާދެބަލަ. އެންމެ ހިތްދަތިވާ ވަގުތުވެސް އަހަރެން ވިސްނާލެއް ޕޮޒިޓިވްކަމުންނޭ އުފަލުން މިއުޅެވެނީ. އަހަންނަށް އެގޭ ވިއްޔަ ދޮންތަ އެމެރިކާއަށް ގެންދިޔައިމަ ރަގަޅުވާނެކަން. އެހެންނޫނަސް ދުނިޔޭގައި މިއުޅޭ ކުޑަ ދުވަސްކޮޅު ބޭކާރުގޮތުގައި ހިތާމަކުރުމަކީ މޮޔައިންގެ ކަމެއް. އެންމެންވެސް މަރުވާނެ. ކިތަންމެވަރަކަށް ރުޔަސް މަރުވި މީހަކު އަބުރާ އަންނާނީ ކީ ނޫން. ދޮންތަ މަރުވެއްޖެއްޔާ އަހަރެންވެސް ކޮންމެވެސް ދުވަހަކު ފަހަތުންގޮސް ބައްދަލު ކުރާނަން. އެމީހުންވެސް އިންތިޒާރުކުރާނެއޭ. މިއީ މަގޭ ތިއަރީ. އެހެންމިހުންގެ ޚިޔާލަކީ ކޮބާ..............؟ " ހަފާ ބާރުބާރަށް ވާހަކަ ދައްކަމުން އައިސީޔޫ އަށް ވަންނަން ހިގައިގަތްތަނާ އޭނަ ކައްސާލައިފިއެވެ. ހަފާއަށް ހީވީ މީހަކު ކޮށްޕާލިހެނެވެ. ބާރަށް ހަޅޭއްލަވައިގަނެވުނެވެ. އިދަ ޖެހުނުގޮތަށް އަތުގައި ވާ ދަބަސް ޖެހުނީ ދުރުގައެވެ. އެވީ ކިހިނެއްހެއްޔެވެ؟ ހަފާއާއި ކައިރީގައި އެއްވެސްމީހަކު ހުރީކީ ނޫނެވެ.


ސައްފޫރުވެސް އައިސީޔޫ އިން ނުކުތީ ހަފާ ބިންމަތިން ތެދުވިތަނާއެވެ.

"ހައި އަންކަލް. ކިހިނެއް؟ އަހަރެން ބޭނުން ދޮންތައާއި އެކީ އެމެރިކާއަށް ދާން......" ހަފާ އިސްތަށިގަނޑު ރީތިކޮށްލަމުން ތުއިކޮށް ހީލިއެވެ.

"އެކަކަށްވެސް ނުދެވޭނެ..........." ދާނިޝްބުނެލީ ހަރުކަށިގޮތަކަށެވެ. ސައްފޫރުގެ ފަހަތުން ކަހަލަގޮތަކަށް ދާނިޝް ނުކުމެ ހަފާއާއި ދިމާލަށް ބަލާލީ އިންޒާރުގެ ނަޒަރަކުންނެވެ. ސައްފޫރުއަށް އެއްޗެކޭ ބުނާނެ ފުރުސަތެއް ދާނިޝް ނުދިނީ ބޮޑުބޭބެމެނަށް މި އާއިލާ އަދި ދަސްވެފައި ނުވާތީއެވެ.

ސާއިރާ ފުންމައިގެން އައިސް ސައްފޫރުމެން ގެ ކުރިމަތީގައި މަޑުކޮށްލިއެވެ. ބޮޑު ޒުވާބުގަޑެއް ފެށިއެވެ. އަލީޒާ މަރުވަނީކަން އެގިހުރެ އެހާ ދުރަށް ގެންދަނީ މޫނު ނުދައްކަން ކަމަށާއި އީސާއީން ގެ ގަބުރުސްތާނެއްގައި ވަޅުލަން ކަމަށެވެ. އެމީހުން ނިކަމެތިވީމަ ކަންތައްކުރަނީ ވަރަށް ނުބައިކޮށްކަމަށާއި އަލީޒާ މަރުވެއްޖެއްޔާ ކުޅި ދައްކާލާނެކަމަށެވެ. ފަރުޒާނާއިނީ އަނގަހުޅުވިފައެވެ. ސާއިރާ ސައްފޫރުއާއި ވާހަކަދެއްކިގޮތުން ޒަމާނެއްގައިވެސް ގުޅުމެއްތިބި ބަޔެއްހެނެއް ހިޔެއް ނުވެއެވެ. އެފަދަ ގުޅުމެއް އޮތްނަމަ ސާއިރާއަށް ސައްފޫރު ބޭޒާރުނުކޮށް ހުރެވޭނެހެއްޔެވެ؟ ސައްފޫރުގެ ނަޒަރު ފަރުޒާނާއަށް ހުއްޓުމުން ފަރުޒާނާ ނުތަނަވަސްވިއެވެ. އޮޅުން ބޮޅުމެއްގެ ތެރެއަށް ސިކުނޑި ވަންނަން ފެށުމުން ފަރުޒާނާ ގަސްތު ކުރީ އަވަހަށް ގެއަށް ދިޔުމަށެވެ.

ފަރުޒާނާ ދިޔަފަހުން ސާއިރާގެ އަޑުއިތުރަށް ގަދަވިއެވެ. ހަފާއަދި އޭނަ ގެ މަންމައަށް ވުރެ އަޑު ތޫނެވެ. އަލީޒާ އައިސްގޭޓް ފެންގަޑަށް ކޮށްޕާ މަރާލީ އެގޭ މީހުންކަމަށާއި ނިކަމެތި އަންހެންކުއްޖަކާއި ދާނިޝް ކާވެނިކުރީތީ އަބަދު އަލީޒާ ނައްތާލަން ރާވަމުންގޮސް ކާމިޔާބުކުރީކަމަށް ބުންޏެވެ. މިހާރުވެސް އެތަނުގައި ބާއްވައިގެން ނުބައި ބޭސް ދީ ގެން ދުރަށް ގެންދަނީ އެ ހާދިސާ ސިއްރުކުރަން ކަމަށާއި ދެން އަލީޒާ މިކޮޅަށް އަބުރާ އައުމަކީ ނުވާނެކަމެއްކަމަށް ބުންޏެވެ. މި ކޭސް ސިފައިން ތަހުގީގުކުރަން ޖެހޭނެކަމަށާއި އަލީޒާ ގެ މަރުގެ ދިޔަވެސް ދޭންވާނެކަމަށް ކިއެވެ. އައިސްގޭޓް ކުންފުނި މިފަހަރު ބަގުރޫޓްވެގެން ދާނެކަމަށްވެސް އަޑުކޮޅަށް ބުނަމުންދިޔައެވެ. އެންމެ ފަހުން ސިކިއުރިޓީވެސް އެތަނަށް އައެވެ. ފަވާދު ހުރީ ލަދުން ހަލާކުވެފައެވެ.

"މިފަދަ ތަނެއްގައި އަޑުގަދަކުރުމަކީ ރީތިކަމެއް ނޫނޭ ހަފާ. ދޮންތައަށް މާ ހެޔޮއެދޭކަމަށް ހެދިގެން ހުރެ ދޮގުނަހަދާ. މީހުންގެ ބޮލުގައި ދޮގު އިލްޒާމް ނާޅުވާ. އަލީޒާ އަކީ މަންމަ ގެ ދަރިއެއްނޫންކަމަށް ކިތައްފަހަރު ހަފާ ވެސް ބުނި. ދޮންތަ ފަދަ ރަގަޅު ކުއްޖެއް އަންނާނީ ވަރަށް މާތް ގަދަރުވެރި އާއިލާއަކުން. އެހެންވެ އަލީޒާ އާއި ހަފާ އުޑާއި ބިމާހާ ތަފާތުވީ. އިތުރަށް ބޭޒާރުވާން ހަދާނެކަމެއް ނެތް. ހަފާ ހަމަ މިހާރުގެއަށް ދާން ހިގާ......" ފަވާދު ހަފާ ނުދާން އުޅެނިކޮށް ގަދަކަމުން އަތުގައި ހިފާ ދަމަމުން ދާން ފެށުމުން ހަފާ ފަވާދު އާއި ދިމާލަށްވެސް އެއްޗެހި ކިޔެވެ. އަލީޒާ ރީތިކަމުން މޮޔަވީ ދޯ އޭ ކިޔާފައި ފަވާދު އިތުރަށް ރުޅިއެރުވިއެވެ. 
ދާނިޝް އައިސްގޭޓްއަށް މިވަދެލީ އަލީޒާ ގާތު ތިރީހަކަށް ގަޑިއިރު އިނުމަށްފަހުގައެވެ. ކެއުމެއް ބުއިމެއް ނިދުމެއް ނެތި ހިތާމަކުރުމުގެ ސަބަބުން އޭނަވަނީ ވަރުބަލިވެ ނިދިއަންނަގޮތްވެފައެވެ. އެ ރީތި ދެލޯވަނީ ދުޅަވެފައެވެ. ބަރު ބަރު އެސްފިޔަތައް ހުޅުވާލާނެ ހިތްވަރެއްވެސް ނެތްފަދައެވެ. ބޭބެމެން އާދޭސްކުރިވަރުން ރޭގަނޑުގެ ކެއުމަށް ގެއަށް އަޔަސް ކާހިތެއްނެތެވެ. އޭނަ ކާކޮޓަރިއަށް ގޮސް ފްރިޖުން ޖޫހަކާއި އެކު ލުއި ކާނާއެއް އަނގަޔަށްލުމަށްފަހު މަތީބަޔަށް ދިޔައެވެ. ކޮޓަރީގެ ކޮންމެ އެއްޗަކުން ހަދާންވަނީ އަލީޒާއެވެ. ދޮރުމަތީގައި ކުރިޔަށް ނުދެވިފައި އިރުގަޑެއްވާންދެން ހުރުމަށްފަހު ދާނިޝް ގަސްތުކުރީ ފެންވަރާ ހަދާލުމަށެވެ. ފިނިފެނުން ހަށިގަޑު ތާޒާކޮށްލުމަށްފަހު ކަޅު ޓީޝާޓަކާއި ނޫކުލައިގެ ޖިންސެއް ލައިގެން ދިހަމިނެޓްތެރޭ އޭނަ ބޭރަށް ނުކުތެވެ. 
ހޫނުގަދަ ރެއެކެވެ. ފެންވަރާލުމުން ތާޒާވެ ފިނިވިނަމަވެސް ކޮންމެވެސްވަރަކަށް ހޫނުކަމުގެ އުދާސްތައް އެބައުދަގޫ ކުރެއެވެ. ދާނިޝް އިރުކޮޅެއްވާންދެން ބެލްކަނީގައި ހުއްޓެވެ. އެހިސާބަށް ވެރިވެފައވަނީ ފަނޑު އައްޔެކެވެ. ބެލްކަންޏަށް ހިޔާދީފައިވާ ގަސްތަކުގެ ފަތްތައް ވެސް ހެލިލާތަނެއް ނުފެނެއެވެ. ހުރިހާތަނެއް ފެންނަނީ ހިމޭންކޮށެވެ. ގަހުގެ ފަތްތައްވެސް ދާނިޝް ގެ އޮމާން މޫނުގައި ބޮސްދޭން ބޭނުންވީކަން ނޭގެއެވެ. ލުއި ވައިރޯޅިއަކާއިއެކު އޭނަގެ ކޯތާފަތުގައި ބީހިލިއެވެ. ދާނިޝް ބެލްކަނީގައި އަތްއަޅުވާލައިގެން ހިތާމައިގެ ތަސްވީރެއްފަދައިން ހުރިއިރު ލޮލުގައި ގިނަވަމުން ދިޔަ ކަރުނަތައް ހިފެހެއްޓުމެއްނެތި އޮހެމުން ދިޔައެވެ. އޭނަ އުޅަބޮށި އެ ބެލްކަނީގެ ރެއިލިންގަ ޖައްސާލައިގެން ހުރެ މޫނު ފޮރުވިއެވެ.

ދާނިޝް ސިޑިން ފައިބައިގެން އައީ ކޮންމެވެސް ވަރަކަށް ހަމަޔަކަށް އެޅުމުންނެވެ. އޭރު ފަރުޒާނާ ވާހަކަދައްކާއަޑު އިވެއެވެ

"ކަލޭ ސޮއްފޫރު ގާތުގައި އެ ވާހަކަ ބުނީ މާމޮޅެއް ލިބޭނެކަމަށް ހީކޮށްގެންތަ؟ މަށަށް އެގެޔޭ ތިނޫން މީހަކު އެ ނުބައި ޚަބަރާއިގެން ނުދުވާނެކަން. ކުޅި ދައްކާލާނަން. ދެން މިގޭ ޕޫލްއިން ފެންނާނީ ކަލޭގެ ހަށިގަނޑު. މަށޭ ކިޔައިގެން ދެން ކުޓުވަބަލަ އެހެންމީހެއްގެ ގާތު......" ފަރުޒާނާ ކިތަންމެ މަޑުން ވާހަކަ ދެއްކިޔަސް އެ ހިމޭންކަމުގެ ތެރެއިން ސާފުކޮށް އެ ޖުމްލަތައް ދާނިޝްއަށް އިވުނެވެ. ދާނިޝް އަލީޒާ ދޫކޮށްލާފައި މާގިނައިރު ހުންނާކަށް ހިތް ނުރުހުނަސް މިއީ އަލީޒާއާއި ގުޅުމެއްވާ ކަމެއްކަމަށް ހިތް ބުނާތީ އެޚަބަރު ހޯދުން ދާނިޝްއަށް ހުރިހާ ކަމަކަށްވުރެ މުހިއްމުވިއެވެ. 

ކޮމެންޓް 0