ފެންޑާގައި ހުރީ ފަރުޒާނާއެވެ. ފަރުޒާނާ ފެނުމާއިއެކު ދާނިޝް ވަގުތުން ރުޅިގަދަވިއެވެ. މިގެއިން ބޭރުކޮށްލީމަވެސް ފަހަތުން ނުފިލާނީހެއްޔެވެ؟ އެއްގޮތަކަށްވެސް އޭނަގެ އުފާވެރި ހަޔާތަށް މި ހަރުކަށި އަންހެނާގެ ހިޔަނި އެޅިޔަދޭކަށް ބޭނުމެއް ނޫނެވެ. ދާނިޝް ފަހަރެއްގައިވެސް ފަރުޒާނާއަށް އިތުބާރެއް ނުކުރާނެއެވެ. އަމިއްލަ ދަރިއެއްކަން އެގިހުރެ ޖީނާއާއިމެދު އެހެން ކަންތައްކުރި މީހަކު ވަކި އަލީޒާއަކަށް ހެވެއް ނުވާނެއެވެ. 

. "ދާނިޝް....އަހަރެން މިއައީ އަލީޒާ އާއި ބައްދަލުކުރަން. މައާފަށް އެދެން..........." ފަރުޒާނާހުރީ އިސްޖެހިފައެވެ

"އެލީ ދުވަހަކު މައާފެއްނުކުރާނެ. މިގެއިން ނުކުމޭ. އެހެން ނޫނީ ވަގުތުން ސިފައިންނަށް ގުޅާނަން....." ދާނިޝްގެ ބުމަގޮށްޖެހި އަތްމުށްކަވައިލެވުނެވެ. ފަރުޒާނާގެ ސަބަބުން އޭނަގެ ލޯބި މުޅި އުމުރަށް އޭނައާއި ވަކިވެގެން ނުދިޔައީ ހަމަ ކިރިޔާއެވެ. އަދިވެސް އެ ހަދާންތައް އޭނައަށް ނައިޓްމެއަރ ގޮތުގައި ރޭގަޑު އުދަގޫ ކުރެއެވެ. އިމަޖެންސީ ރޫމްގެ އެ ވަގުތުކޮޅު އޭނައަށް އެ ގެނެސްދިން ބިރުވެރި އިހުސާސްތައް ހަދާންވިޔަސް ޖަޒުބާތީވެވެއެވެ. އަލީޒާއަކީ އޭނަގެ ފުރާނައެވެ. އެ ފުރާނައާއި ކުޅެލި މީހަކަށް މައާފު ހައްގެއް ނޫނެވެ. މިފަދަ އަނިޔާވެރިއަކަށްޓަކައި އޭނައަކީ ގަނޑުފެނެވެ.

"ދާނިޝް. އަހަންނަކީ އެލީގެ މަންމަ. ނޭގުމުގެ ތެރޭގައި އެލީއަށް އަނިޔާ ދެވުނީ. އަހަރެންގެ ދަރިފުޅުކަން އެގޭނަމަ އަހަރެންވެސް އެލީއަކަށް ދެރަގޮތެއް ނަހަދާނެއްނު......." ފަރުޒާނާ ހުރީ އެތެރެއަށް ވަންނަން ޖެހިލުންވެފައެވެ. އޭނަ ދާނިޝް ދެކެ ބިރުގަނެއްޖެއެވެ. ދާނިޝް ގެ ލޮލުނެ އެ ފެނުނު ނަފްރަތު އޭނަގެ ހިތަށް އެހާ ބޮޑަށް އަސަރުކުރުވައިފިއެވެ. ލޮލުން ކަރުނަ ހިލުވާލައިފިއެވެ.


ދާނިޝް ވަގުތުން ފުލުހުންނަށް ގުޅިއެވެ.

ފަރުޒާނާ އެވަރުންވެސް އަލީޒާ އެންމެ ފަހަރަކު ނަމަވެސް ދެކިލަން ބޭނުންވާކަމަށް ބުންޏެވެ. އޭނަ ކުރި ކުށުގެ ސަޒާ މިހާ ނުބައިކޮށް ލިބިދާނެކަމަށް އޭނަ ފަހަރެއްގައިވެސް ހިޔެއް ނުކުރެއެވެ. ދާނިޝް އަކީ އިންސާނިއްޔަތުކަމުގެ ކަންފުޅެއްވެސް ހުރި މީހެއް ނޫންކަން އެވަގުތު ފަރުޒާނާ އަށް ގަބޫލުކުރެވުނެވެ. ނަމަވެސް ދާނިޝް އެހެން އެވީ އޭނަގެ ސަބަބުންކަން ވެސް ޔަގީންވިއެވެ. ފަރުޒާނާގެ ލޮލަށް ކަރުނައައެވެ.

"އަހަރެން ބޭނުން އެލީ ދެކިލަން. އެންމެ ފަހަރަކު. ހެޔޮނުވާނެ........" ފަރުޒާނާ އާދޭހުގެ ރާގެއްގައި ބުންޏެވެ.

"އެލީ ރުޅިއާދޭ ފަރުޒާނާ ދެކެ. އެވަރު ނޭގޭތަ؟ ސާއިރާވެސް އެލީއަށް މިވަރުގެ ނުބައި އަނިޔާއެއް ނުދޭ. މަރާލާކަށް ހިތަކަށް ނާރުވާ. އެލީ ގާތު ބުނެގެން ނުވާނެ ހަގީގަތް. އަހަރެން ބޭނުމެއް ނޫން އެލީ އަނެއްކާ މޮޔަ ހެދޭކަށް. އެންމެ ރަގަޅު. އެލީ އެބައުޅޭ ޕޫލްގައި ފަތަން ދަސްކުރަން. ދުރުން ބަލާލައިގެން ހިތްހަމަޖައްސާލާ............ .." ދާނިޝްގެ ރާގު ހަރުކަށްޓެވެ.

ފަރުޒާނާ ވަރަށް އަސަރުކޮށްފައި ހުރެ އެގޭގެ ފަހަތު ބަޔަށް ދިޔައެވެ. އުފާވެރި މާހައުލެކެވެ. ކޮންމެވެސް ދިމާލަކުން އިގިރޭސި ލަވައެއް އިވެމުން ދިޔައެވެ. އަލީޒާ އޮތީ އާމްބޭންޑެއް އަޅައިގެން އެ ނޫކުލައިގެ ފެންގަނޑު ތެރޭގައެވެ. ވަރަށް މަޖާ ވެލާފައި ހީހީ އޮތް އިރު ހަމަ އެ މޫނުމަތިން ފެންނަނީ ޖީނާގެ ސިފަތަކެވެ. ފަރުޒާނާ ފެނުމުން ހުނުން ހުއްޓާލާފައި އަވަސްއަވަހަށް އަނެއް ފަރާތަށް އެބުރުނެވެ. ފަރުޒާނާ ގެ ލޮލުގައި ވާ ކަރުނަތައް ގިނަވިއެވެ. ދަރިފުޅާ އޭ ކިޔާފައި ގޮވާލަން ބޭނުންވިއެވެ. ނަމަވެސް އެ ހިތްވަރެއް ނުލިބުނެވެ. 

ޔުނިފޯމްގައި ތިބި ދެ ފުލުހުން އެތަނަށް އައުމުން އެންމެން ހައިރާންކަމާއި އެކު ބަލާލީ ދާނިޝްއަށެވެ. މިއީ ދާނިޝް ގެ ކަމެއްކަން ޔަގީން ވާތީއެވެ.

އަލީޒާވެސް ކަންބޮޑުވެފައި ވާ ނަޒަރަކުން ފުލުހުންނަށާއި ފަރުޒާނާގެ ހިތާމަވެރި މޫނަށް ބަލާލިއެވެ. ފަރުޒާނާވަނީ ވަރަށް ބޮޑަށް ހިކިފައެވެ. މޫނުމަތީގައި މޭކަޕްގެ އެއްވެސް އަސަރެއް ނެތެވެ. މާޔޫސްވެފައިވާ މޫނެކެވެ. އެ ލޯ ހުއްޓިފައިވަނީ އަލީޒާ ގެ މޫނަށެވެ. އަލީޒާ ގެ ހިތުގައި ރަހުމް އުފެދުނެވެ. ހަމްދަރުދީ ވިއެވެ. ހިތަށް ކުރި އަސަރުތަކުން ލޯ ތެމުނެވެ. ކިތަންމެ ނުބައި މީހަކަށް ވިޔަސް ދެރަގޮތެއްވާކަށް އަލީޒާ ބޭނުމެއްނޫނެވެ. 

"ގޯޑް. ދެން ވާނީ ކިހިނެއްބާ. އެލީ ބަޔާން ދޭން ޖެހޭނެ. ވީހުރިހާ ކަމެއް ކިޔާދޭން ޖެހޭނެ ފުލުހުންނަށް. އޭރުން މަމް ޖަލަށް ލާނެ..........." ޝައުނާ މަޑުމަޑުން އަލީޒާ ގާތަށް ޖެހެމުން ބުންޏެވެ.
"ނޫން. ނޫން. އަހަރެންގެ ސަބަބުން އެއްވެސް މީހަކު ޖަލަށް ލައިފިއްޔާ ވަރަށް ގިލްޓީ ފީލްވާނެ. އެހެން ނޫނަސް އެއީ ޖީންގެ މަންމަ......" ޕޮލިހުން ގެ ތޫނު ނަޒަރު ހިދުކޮޅަކަށްވެސް އަލީޒާގެ މޫނަށް ހުއްޓުނީތީ އޭނައަށް ވަރަށް އުދަގޫވިއެވެ. ފަރުޒާނާ ފުލުހުންނާއި އެކު ދިޔަ މަންޒަރު ބަލަހައްޓައިގެން ހުރިހާ ކުދިން ތިބީ ދެރަވެފައެވެ. މިހުރިހާއިރުވަންދެން އޮތް ފޯރިކެޑިއްޖެއެވެ. ގަނޑުވެފައި ކަހަލަގޮތަކަށް ޝަކުވާގެ ނަޒަރަކުން ދާނިޝްއަށް ބަލަހައްޓައިގެން ތިބެވުނީއެވެ. މާހައުލަށްވެރިވެފައިވާ ނުތަނަވަސްކަން ދާނިޝްއަށް ވަގުތުން އެގުނެވެ.



"އެންމެން ފްރީޒްވެފައިތަ؟ އަނެއްކާ ފަރުޒާނާގެ މެޖިކްއިން އެންމެން ހިލަކޮށްލީތަ؟ އެނީވޭސް ސަޅި ޕިކް އެއް........" ވެގެން އުޅޭގޮތް ރަގަޅަށް އެގުނަސް ދާނިޝް ހިނިތުންވެލާފައި ފޯނުން ފޮޓޯއެއް ނެގިއެވެ.

ދާނިޝްގެ އެ ސުވާލަށް ޖަވާބެއް ދޭން ނޭގިފައި އެންމެން ހިމޭނުން ތިބުމުގެ ސަބަބުން ފެންގަނޑުގައިލާފައިވާ ކުދިކުދި ރާޅުބާނިތައްވެސް ފުހެވެމުންދިޔައެވެ. ފެންގަނޑުވެސް ހިމޭންވިފަދައެވެ. ފަރުޒާނާއަށްޓަކައި އެންމެން ހަމްދަރުދީ ވާނެ ނޫންހެއްޔެވެ؟ ދާނިޝްގެ ދުޝްމިނަކަށްވިޔަސް އެހެންކުދިންނަށް ފަރުޒާނާ އަބަދުވެސް ހެޔޮއެވެ. ޚާއްސަކޮށް ރިހާނާ ބަލިވުމުން އެވަރަށް އަޅާލިއެވެ. ޝައުނާ ވަރެއްވެސް ނުހުރެއެވެ. ދާނިޔާލްއާއި ޝާހާން ވެސް ގެންގުޅުނީ ޕްރިންސްއިންފަދައިން މާތްކޮށްލައިގެނެވެ. މޮޅުކޮށްލައިގެނެވެ.

"ވަޓް ހެޕެންޑް ޓު ޔޫ އޯލް....... ގެއަށް ހަރުފައެއް އޮޅުކޮށްގެން އުޅެނިކޮށް އަނެއްކާ ފުރާނައަށް ނުރައްކާކޮށްފާނެ. އެހެންނޫނަސް ކުށްވެރިންނަށް ގާނޫނީ އަދަބުލިބެނެ ޖެހޭނެ. އެއީ ދީނުގައިވެސް އޮތްގޮތް. އަދަބު ނުދެންޏާ ކުށްތައް ގިނަވެގެން މި ކުޑަ މާލޭގައި އުޅެން ދަތިވާނެ. މީހުން މެރުމަކީ މައާފުދެވޭވަރުގެ ކަމެއް ނޫން......." ދާނިޝްއަށް މަޖާވިއެވެ. އޭނަ ސްވިމިންޕޫލްގެ ފަތްތަރުމަތީ އިށީދެލައިގެން އިންއިރު އެލޮލުގައިވަނީ ލާނެތްވިދުވަރެކެވެ. މީރާންފަދަ " ވިކެޑް" ނަޒަރެކެވެ.


"ޑޭން. ޕޮލިހުން ލައްވާ މަމް އެރެސްޓް ތިކުރުވީ. ގަބޫލެއްވެސް ނުކުރެވޭ ތިހާ މޮޔަކަމެއްކޮށްފާނެކަމަކަށް. ބައްޕައާއި ބޮޑުބޭބެ ވަރަށް ސަކަރާތްވާނެ. އެއީ ފެމިލީ އޭ. ޑޭން ހާދަ ނުވިސްނައޭ........" ދާނިޔާލް ގެ މޫނުމަތިން މާބޮޑު އަސަރުތަކެއް ނަމަވެސް އެ ޖުމްލައިން އޭނަ ހިތްހަމަނުޖެހިފައިވާވަރު ދާނިޝްއަށް އެގުނެވެ. އެހާ ނިކަމެތިކޮށް ދޮންމަންމައާއިމެދު ކަންތައް ކުރީތީ ސައްފޫރު ހިތްހަމަނުޖެހޭނެކަން ޔަގީނެވެ. މައުމޫންވެސް ތާއީދު ކުރައްވާނެހެނެއް ހިޔެއް ނުވެއެވެ.

"ސޮރީ ބްރޯ. އެކަމަކު މަޖާކޮށްލަން ތިއްބާ ކުއްލިއަކަށް މޮންސްޓަރއެއް އައީމަ ގަތްބިރުން އަންގަންވީ ފަރާތަށް އެންގީ. އެންމެން ގަންބާލައިފިއްޔާ މާ ރީއްޗެއް ނުވާނެ. އޭރުން މީޑިޔާގައި އެތައްޒަމާނެއްވަންދެން މި ނިއުސް އޮންނާނެ....." ދާނިޝް ސަމާސާ ހިނިތުންވުމަކާއި އެކު ބުންޏެވެ.

"އެހެންނޫނަސް ފަރުޒާނާއަކީ އެލީ ގެ........" ޝައުނާ ވަގުތުން އަގަ ސަކަރާތްވިއެވެ. އެ ސިއްރު ބޭޒާރު ނުވީ ހަމަ ކިރިޔާއެވެ. އަލީޒާގެ މަންމައޭ ބުނެވުނުނަމަ ވާނެ ގޮތެއްވެސް ނޭގެއެވެ.

ދާނިޝްވެސް ޝައުނާއަށް ބަލާލީ ގަބޫލުކުރަން ދަތިގޮތަކަށެވެ.

"މިބުނީ ޖީން ގެ މަންމައޭ.........." ޝައުނާ ކުޑަކޮށް ކަރު ކެހިލިއެވެ. އެއާއެކު ލަދުގަތްވަރު ފޮރުވުމުގެ ގޮތުން ހީގެންފިއެވެ. އެކަމަކު އަލީޒާއަށް އޭނަގެ މަންމަ އަކީ ކާކުކަން ބުނެދޭންވާ ވަގުތު މިހާރު ޖެހިއްޖެކަމަށް ޝައުނާގެ ހިތް ބުނަން ފަށައިފިއެވެ. ފަރުޒާނާއަށް މައާފު ދިނުމާއި ނުދިނުމަކީ އަލީޒާގެ ހައްގެކެވެ. އަމިއްލަ މަންމަ ނޭގި ހުރުމަކީ ހައްގެއް ފޭރިގަތުން ފަދަ ކަމެކެވެ.


"ޝައުގެ އަނގައިގާ ސުޕަރގްލޫ ޖަހާ ތަތްކޮށްލަބަލަ ޝޭން....................." ދާނިޝް ވަރަށް ހަމަޖެހިލާފައި ހީގަންނަމުން ބުންޏެވެ. އަލީޒާ އާމްބޭންޑްގެ އެހީގައި ހާވަމުން އައިސް ދާނިޝް ގެ ގާތަށް މަޑުކޮށްލިއެވެ. ދާނިޝް އަލީޒާގެ އަތުގައި މަޑުމަޑުން ހިފާލިއެވެ. އިރުކޮޅަކަށްވެސް ބީހިނުލާ ދުރުގައި ތިބެން ދެކުދިންނަށްވެސް އުދަގޫވާހެން ހީވެއެވެ.

. "ބޭބީ މަބޮޑަށް ވަރުބަލިވީތަ؟ " ދާނިޝް އޯގާތެރިގޮތަކަށް އަހާލިއެވެ

"ނޫނޭ. ޕޫލުން އަރާހިތެއްނުވޭ އެއްގޮތަކަށްވެސް. އެކަމަކު ޝައުގެ އަގައިގާ ސުޕަގްލޫ ޖަހަންވީ ކީއްވެ؟ " އަލީޒާ ވަގުތުން އޮޅުންފިލުވަން ބޭނުންވިއެވެ. 

"ޝޭން ވަރަށް ފިޑިވާނެ. އޮޅިގެން ފްލައިއަކަށްވެސް ހާޓް ކުރަން ބޭނުން ނުވާއިރު ދެން ވައިފްގެ އަގަމަތީގައި ސުޕަރގްލޫލާފައި ތަތްކުރާނެތަ؟ ޑްރީމެއްގައި ވެދާނެ. ޑޭން. އެކަމަކު ދެން ދޯ. މިސްޓީރިޔަސް ބޯއި. އެލީއަށް ވެސް ތިކުއްޖާ ދުވަހަކު ދަހެއްނުވާނެ އިގޭ...." ޝައުނާވެސް ކުރީ ސަމާސާއެވެ.

"މިސްޓީރިޔަސް ވީމައޭ އެޓްރެކްޝަން އިތުރުވާނީ....ދޯ އެލީ .." ދާނިޝް ފެންގަނޑަށް އެރުނެވެ. އަލީޒާ އާއެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލިއެވެ.


"ހާދަ ބޮޑަށް މީރާން އާއި ހަމްޒާދު މަތިން ހަދާން އެބަވޭ. އެންމެ ބޮޑު މައްސަލައަކީ އެ ޕްލެންޓާއި ކޮންޓެކްޓް ކުރެވޭވަރަށް ޓެކްނޮލޮޖީ ކުރިނާރާތީ........" ޝާހާން ލާނެތް ހިނިތުންވުމަކާއި އެކު އަތުގައި ވާ ކުރެހުންއެޅި އަގޮޓިއާއި ކުޅެލަމުން ބުންޏެވެ. އަލިޒާ އެ އަނގޮޓިއާއި މެދު ޝަވްގުވެރިވިއެވެ. އެ ޕްލެނެޓަކީ މީރާންމެންގެ ދުނިޔެއެވެ. އެއީ ކޮންމެވެސް ރޫހާނީ ބަޔެއްކަން އަލީޒާއަށްވެސް އެގެއެވެ. އެވަގުތު ހިތަށް އެރި އެއްޗަކުން އަލީޒާ ގެ ގައިގާ ފިނި ރާޅުބާންޏެއް ދަތުރުކުރިއެވެ. ދާނިޝް ކިތަންމެ ސިއްރުކުރިޔަސް އަލީޒާއަށް މީރާން އަކީ ކާކުކަން މިވަގުތު ރަގަޅަށް އެގިއްޖެއެވެ. ނިއުކްލިއަރ ސައިންޓިސްޓަކަށް ނުވިޔަސް އޭނަވެސް އެހާ ގަމާރެއްނޫނެވެ. ދިމާލަށް ފެންނަން އޮތްކަމެއް މާދުރަށް ވިސްނަން ހަދައިގެން މިހުރިހާ ދުވަހު ނޭގިފައި އޮތީއެވެ.

"މީރާން ދޯ. އަހަރެމެންގެ ހީރޯއަށް ކިހިނެއްވީބާ. ފަރުޒާނާގެ މެޖިކްގެ އަސަރުކަން ނޭގޭ............. " ދާނިޝް އަލީޒާގެ އެ ރަންކުލަ އަރާފައިވާ މޫނަށް ލޯބިން ބަލާލަމުން ރީތި ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ . ޝާހާން ބުނި ޖުމްލައިން އަލީޒާ ބިރުގެންފައި ވާކަން ދާނިޝްއަށް އެގުނެވެ. އަލީޒާއަށް ޝައްކުވީބާވައެވެ. ހުރިހާ ސިއްރުތައް އަލީޒާއާއި ހިއްސާ ކުރުމުގެ ވަގުތު ވަރަށް ކާރިވީއެވެ. ފުރާނައިގެ ބައިވެރިޔާ ގާތު އެއްވެސް ކަމެއް ވަންހަނާކުރުމުގެ މާނައެއްނެތެވެ. އޭނަ " މިސްޓީރިޔަސް" ވާންޖެހޭނީ އޭނަ ނުދަންނަ ބީރައްޓެހިންނަށެވެ. 


"ހުރިހާ ކުދިން ހަމަޖެހިބަލަ. ފަރުޒާނާ ފޮނުވާލީ ޖަލަކަށް ނޫނޭ. އައިސްގޭޓްއިން ބޭރުކުރީމަވެސް އުދަގޫ ކުރަންއައީތީ އޭނަ މިގެއިން ނެރެން ފލުހުން ގެނައީ. މިގެއިން ކިލަރ އަކަށް ރެފިއުޖް ނުދޭންވެގެން. ޑޯންޓް ވޮރީ. އެލީ ގެ ކޭސް އެއް ފުލުހުންނާއި ހަމަޔަށް ގެންދާކަށް ބޭނުމެއް ނޫން. މަމް ބިރުގަންނަވަން ވެގެން ކުރިކަމެއް އެއީ..." ދާނިޝް އެންމެ ފަހުން ހަގީގަތް ހާމަކުރިއެވެ.

"ތޭންކް ގޯޑް. ހަމަ އަހަރެމެން ތަޅުވާލަން ވެގެން. އީވިލް ޓްވިން ......." ޝާހާން ދާނިޝްގެ މޫނަށް ފެންބުރުއްސާލިއެވެ. އެންމެންގެ ތަބީއަތު ރަގަޅުވިއެވެ. އަނެއްކާ ސަމާސާކުރަން ފެށިއެވެ. 

އަލީޒާ މިއަދު ފެންމަތީ އޮންނަންވެސް ދާނިޝް ގާތުން ދަސްކުރިއެވެ. އެހެން ރިލެކްސްވެގެން ސަންބާތުކުރަން ވަރަށް ފަސޭހައެވެ. ސަންސްކްރީން އުގުޅާލައިގެން ތިބުމުން އެއްވެސް ކުއްޖަކަށް ހަންގަނޑު އެދުމުގެ އުދަގުލާއި ކުރިމަތިއެއް ނުވެއެވެ. އަލީޒާއަށް ޕޫލް މަޖާވިވަރުން މައްޗަށް އަރާހިތެއްވެސް ނުވިއެވެ. އެހެން ކުދިން ދިޔުމުން ވެސް ދާނިޝް އާއި އަލީޒާ އެތައް އިރެއްވާންދެން ސަކަރާތް ޖަހާ މަޖާކޮށްލަން ތިއްބެވެ.
ހަވީރު ސަޔަށް ފަހު އަލީޒާ ފުރަތަމަ ދިޔައީ ޖީނާގެ ކޮޓަރިއަށެވެ. އެކޮޓަރީގެ ތަޅުދަނޑި އޭނައަށް ލިބުނީ ވަރަށް މަސައްކަތުންނެވެ. އެކަނި ހުރެ އެކޮޓަރި ރަގަޅަށް ހާވާލެވުނީ އެއީ އެއްބަފާ ކުއްޖެއްކަން އެގޭތީއެވެ. ޖީނާގެ ހުއްދަ އޮންނާނެކަމަށް ހިތް ބުނާތީއެވެ. އެހާވެސް ގާތްގުޅުމެއް އޮންނަކަމަށް އަލީޒާއަށް އިހުސާސްކުރެވޭތީއެވެ. އަލީޒާ ކޮޓަރި ތަޅުލައިގެން ހުރެ ޖީނާގެ ޑައިރީ ނެގިއެވެ. އެޑައިރީ ކިޔަމުން ދިޔައިރު އަލީޒާއަށް ރޮވޭގޮތްވިއެވެ. އެންމެ ދެރަވީ ފަހުގެ ސަފްހާތަކުންނެވެ. އޭނަގެ ހަގީގީ ކޮއްކޮ އެއް އަދި ދައްތައެއް ނެތަސް އަލީޒާ ފެނުމުން ވަރަށް ބޮޑަށް އެ ގުޅުން އޮތްކަން އިހުސާސްކުރެވުނު ކަމަށާއި އޭނަގެ ކޮޓަރީގައިވާހާ ތަކެއްޗެއް އަލިޒާއަށް ހަދިޔާކޮށްފައިވާކަމަށް ބުނެފައި އޮތެވެ. ފޮތްތަކާއި ސީޑީ ތަކާއި ގަހަނާތަކާއި ހެދުމަށް ދާންދެންވެސް މެއެވެ.
ފަރުޒާނާ ދެކެ ޖީނާ ކިތަންމެ ބޮޑަށް ލޯބިވިޔަސް މަންމަ އޭނަގެ ދިރިއުޅުމުގެ ކަންތަކަށް ހުރަސްއަޅާވަރު އެގުނެވެ. އެއާއެކު ދާނިޝްގެ ލޯބި ދޫކޮށްލީ އަލީޒާއަށްޓަކައި ކަންވެސް އެގުނެވެ. ހާދަ ރަގަޅު ކުއްޖެކެވެ. އަލީޒާގެ ހިތް ފުރުނެވެ. ލޮލުގައި ގިނަވެގަތް ކަރުނަތައް ފޮހެލާފައި އަލީޒާ ގަސްތުކުރީ އިތުރު މީހަކަށް ނުދައްކާ އެ ޑައިރީ ފޮރުވުމަށެވެ. ދާނިޝް އަށް އެގުނަސް ހެޔޮއެވެ. ދާނިޝްއަށް ޖީނާ އޭނަދެކެ ވީ ތެދުވެރި މަތިވެރި ލޯބި އެގުމަކީ ގޯހެއްނޫނެވެ. އަލީޒާ އެކޮޓަރިން ނުކުތީ އެ ޑައިރީ ހިފައިގެނެވެ.
އިޝާ ނަމާދަށްފަހު ކައިގެން ރިހާނާ އަލީޒާ އަދި ޝައުނާ ބޮޑުކޮޓަރީގައި ތިބީ ރީތި އިގިރޭސި ފިލްމެއް ބަލާލާށެވެ. " އެ ވޯކް ޓު ރިމެމްބާ " ކިޔާ އަސަރުގަދަ ފިލްމެކެވެ. ދާނިޔާލް ދިޔައީ އިމަރޖެންސީއަކަށް ހޮސްޕިޓަލަށެވެ. 
ބެލްކަނީގައި މިރޭ ވަނީ ރަތްބޮކީގެ ފަޑު އައްޔެކެވެ. އެހިސާބަށް ލެނބިފައިވާ ގޮފިތަކުގެ ސަބަބުން ފިނި ފިނި ވައިރޯޅިތައް ޖެހެމުން ދިޔައެވެ. ބެލްކަނީގެ ރެއިލިން ފަރުމާކުރެވިފައިވަނީ އިޓަލީގެ ޑިޒައިންއަކަށް ވަރަށް ރީތިކޮށް ކުރެހުން އަޅާފައެވެ. އެއީ އައިސްގޭޓް އެންމެ ރީތިކޮށްލާ އެއް ބަޔެވެ. 
ދާނިޝް އާއި ޝާހާން އަދި ރާހިލް ބެލްކަނީގައި ވަރަށް މަޖާވެލާފައި ރާޒުވާކުޅެން ތިބިއިރު ދޭތެރެއަކުން ކޮންމެވެސް ސަކަރާތެއް ޖަހާލާފައި ހީގަނެއެވެ. އެއްވެސް ފިކުރެއްނެތް އުފާވެރި މާހައުލެކެވެ. މޭޒުމަތީގައި ހުރި އެނާޖީ ޑްރިންކްސްތަކާއި ޗިޕްސްތައް ލަސްލަހުން ހުސްވަމުން ދިޔައެވެ. މަޑުމައިތިރިކަމާއިއެކީ ކުޅުމަށް ގެއްލިފައި ތިއްބާ އެތަން ހަލަބޮލިވީ ސިކުންތުކޮޅެއްގެ ތެރޭގައެވެ. ކުއްލިއަކަށް މޭޒާއި ގޮނޑިތައް ހެލުވިގަތްއިރު ހީވީ ވަރުގަދަ ބިންހެލުމެއް އައިހެވެ. ކުޅިބައިގެ އެތިކޮޅުތައް ވެސް ނަށަމުން ބިމަށް ފައިބަން ފެށިއެވެ. ބެލްކަނީގެ ފާރުތައް ރީތިކުރަން ބަހައްޓާފައި ހުރި ތަސްވީރުތައްވެސް ތެޅިލިއެވެ. އެ ޒުވާނުންވެސް ކަންބޮޑުވެފައިވާ ނަޒަރަކުން އެކަކު އަނެކަކަށް ބަލާލަމުން ސިޑިއާއި ދިމާލަށް ދުއްވައިގަތެވެ.

"މައި ގޯޑް.....އާރތް ކްއޭކް..." ރާހިލް ތެދުވާން އުޅުމުން ބިންމައްޗަށް ވެއްޓުނެވެ. އެ މޫނުމަތީގައިވާހާ ހިނތުންވުމެއް ގެއްލިގެން ހިގައްޖެއެވެ. ކަންބޮޑުވެފައިވާ ނަޒަރަކުން އޭނަ ބަލާލިއިރު ދާނިޝްމެން ފެންނާކަށް ނެތެވެ. ޔަގީނެވެ. އަލީޒާމެންގެ ސަލާމަތަށް އެދިޔައީ އެވެ.

ގޭތެރޭގައި ހުރުމަށްވުރެ ރައްކާތެރިވާނީ މިފަދަ ވަގުތެއްގައި ހާމަބިމަކަށް ނުކުތުމެވެ. ބެލްކަނީން ފުންމާލަންވީބާވައެވެ. ރާހިލް ހާސްވެފައި ހުރެ ތެދުވުމާއި އެކު ހެން އޭނައަށް ފެނުނީ ބެލްކަނީގެ ރެއިލިން މަތިން މީރާން އެރިތަނެވެ.

"މީރާން.... ރަގަޅު ގަޑިއެއްގައި ތިއައީ....." ރާހިލްއަށް އޭނަގެ ސުޕަރ ނެޗުރަލް އެކުވެރިޔާ ފެނުމުން ހިތުގައިވާ ބިރު އެކީ ފިލައިގެން ދިޔައެވެ. ސަލާމަތްކަމާއި ރައްކާތެރިކަން ވަގުތުން ލިބުނުފަދަ އިހުސާސެއް ކުރެވުނެވެ.

"ހަހަ. ބިންހެލުމެކޭ. އެކަނި މި ބެލްކަންޏަށް އައި ބިން ހެލުމެއް. ގެއެއް ޑިމޮލިޝް ކުރަން ވެއްޖެއްޔާ ވެސް އަންގާލާ....އެއް ސިކުންތުން ގެ އޮންނާނީ ރަބްލްއަކަށް ވެފައި. ޓްވިން ޓަވަރ ގޮއްވާލިގޮތަށް އެހާ ސަޅިކޮށް އެވަރުގެ ބިލްޑިންއެއް ބިމާހަމަކުރެވިދާނެ އެވަރަށް ޕްލޭން ނުކުރިޔަސް........ދެވަނައެއްނެތް މީރާން ......." އެ ބޮޑާ ފޮނި ހިނިތުންވުމެވެ. އެ ރޫހާނީ ރީތިކަމެވެ. ފޮނިވެވޭހާ ރީތި ސިފަތަކެވެ.

"ކުޅަދާނަ އިގޭ. އެންމެން ހައްދާލީ ދޯ....." ރާހިލް ހޭން ފެށިއެވެ. އެވަގުތު ދާނިޝްއާއި ޝާހާންވެސް އަތުވެއްޖެއެވެ. މީރާން ފެނުމާއި އެކު އެ " ބިންހެލުން " އޮޅުން ފިލައިފިއެވެ. އެ ކުޅަދާނަކަމުން ދާނިޝްމެންވެސް ސިއްސުވާލީއެވެ. 

"ބިރެއްނުގަނެޔޭ. ފުރަތަމަވެސް އެގުނު މިކުއްޖާގެ ކަމެއްކަން. ކޮންތާކު އުޅެފައި ތިއައީ.......؟ " ޝާހާން މީރާންގެ ގައިގާ ދެތިން ބޮޑި އެޅިއެވެ. ހަގީގަތުގައި ޝާހާންއަށްވެސް ރަގަޅަށް އޮޅުނެވެ. ޝައުނާމެނަށް އަނިޔާއެއްވެދާނެތީ ތެޅިފޮޅެމުން ދިޔައިރު އެކުދިން ތިބީ މާ ވަރުގަދަ ލޯބީގެ ފިލްމަކަށް ގެއްލިފައެވެ. އެހިސާބަކަށް ކުޑަ ގުޑުމެއްވެސް ނާދެއެވެ. 

"އެނގުނުވަރުން ބިރުން އަންހެންކުދިން ސަލާމަތްކުރަން ދުވެފައި ދިޔައީ. ވަރެއްގެ ލޯތްބެއް ތިވަނީ. އަހަރެން ނެތީމަ މަޖަލެއްވެސް ނުކުރެވޭ ދޯ.....ކޭމްޕްދަތުރެއްވެސް ނެތްތަ؟ " މީރާން ވަގުތުން ރެޑްބުލްއެއްނަގާ ތުބުގައި ޖެހިއެވެ.

"ވަރަށް ރަގަޅު. ކޮންތާކު އުޅެފައި ތިއައީ. މަންމަވެސް ކިހާވަރަކަށް ދިމާނުވެގެން އުޅުނު......" ޝާހާންގެ އަޑުގައިވަނީ ޝަކުވާއެވެ. މީރާން ގެނައި ކޮތަޅު މޭޒުމަތީގައި ބެހެއްޓިއެވެ. ތާޒާ ބްލޫ ބެރީ އާއި ނަޓްސް ތަކުން ފުރާލެވިފައެވެ. އަބަދުވެސް މީރާން އެފަދަ މީރު ގުދުރަތީ ކާނާ ގެނެސްދެއެވެ. ރާހިލް ވަގުތުން ޝުކުރު އަދާކުރުމަށްފަހު ނަޓްސްކޮޅެއް އަގަޔަށް ލިއެވެ. މީރާން ނެތީމަ ވަރަށް ފޫހިވާކަމަށާއި ދަތުރެއް ވެސް ނުރޭވޭކަމަށް ބުންޏެވެ.
"ވީއިރު ޕްލޭންކުރަމާ. ކޮންތަނަކަށް ދާންވީ. ޑޭން ކިހިނެއްވެފަ؟ " މީރާން ދާނިޝްގެ ކޯތާފަތުގައި ހިފާލަމުން ލާނެތްގޮތަކަށް ބުންޏެވެ.

"ދަތުރު އެއްޗެހި ރޭވޭތަ؟ އެލީ އެހާ ބަލިވީއިރުވެސް ހަބަރެއްނުވި. ވަޓް ކައިންޑް އޮފް ބްރަދަރ ޔޫ އާރ.........." ދާނިޝް ރާޒުވާ ކުޅިބައިގެ މަންތިރި އިނގިލިތަކުގެ ތެރޭގައި ގެންގުޅެލަމުން މީރާން އަށް ބަލާލީ ޝަކުވާގެ ނަޒަރަކުންނެވެ. މީރާން ވެސް ނާންނާނީ ކޮންމެވެސް މަގުބޫލު އުޒުރެއްގެ ސަބަބުންކަމަށް ހިތް ބުންޏަސް މީރާން ލައްވާ ވީގޮތެއް އަހާލަން ދާނިޝް ބޭނުމެވެ. 

"ވޯލްޑްސް ގްރޭޓެސްޓް ބްރަދާ އެވަރ. މިހާރު އެލީ މުޅިން ރަގަޅު ދޯ. އަދިވެސް އެލީގާތު އޭނަގެ މަންމައަކީ ފަރުޒާނާއޭ ނުބުނަންތަ؟ " މީރާން އަށް ދިމާވި ހާދިސާގެ އެއްވެސް ތަފުސީލެއްނުދީ އެހެން ދިމާލަކަށް ވާހަކަ ގެންދިޔައެވެ.

"ބޭކާރުކަމެއް. މަންމައެއްނެތަސް އެލީގެ ވަށައިގެން މިހާރު އެތިބީ އެލީ އަށް ހެޔޮ އެދޭ މީހުން. އެލީ ދެކެ ލޯބިވާ މީހުން. އެލީ މި އުމުރަށް ދިޔައީ މަންމައަކު ނެތި. ވީއިރު ދެން މަންމައަކަށް މޮންސްޓާ އެއް ހޯދައިގެން އިތުރަށް ބޯ ގޮއްވަން ވީތަ؟ " ދާނިޝް ބެލްކަނީގެ ރެއިލިންގައި އަތް އަޅުވާލައިގެން ހުއްޓުނެވެ.

"ޔޫ އާރ ރޯންގް ދެއަރ. އެލީ އަށް އޭނަގެ ހަގީގީ މަންމަ އެގުން ވަރަށް މުހިއްމު. އެލީއަށް ޑޭން ސިއްރުކުރާކަން އެގިއްޖެއްޔާ ދެރަވާނެކަން ޔަގީން. އަނެއްކާ ރިގްރެޓް ކުރާފަދަ ކަންތައްގަނޑަކާއި ދިމާނުވަނީސް ޑޭން އަމިއްލައަށް އެލީއަށް ތިވާހަކަ ކިޔާދިނުން ރަގަޅު ވާނީ. ޑޭން ވިސްނާލަބަލަ. އެންމެނަށްވެސް މަންމަ ވަރަށް ޚާއްސަވާނެ. ފަރުޒާނާއަށްވެސް އެލީ އަކީ ދަރިފުޅުކަން ކުރިން އެގުނުނަމަ ހާދަ ލޯބިވީސް.............." މީރާން ވިސްނާދިނެވެ. ދާނިޝްއަށް އެވާހަކަ ގަބޫލުކުރަން ދަތިނަމަވެސް އެއީ ރަގަޅު ވާހަކައެއްކަން އެގުނެވެ. ތެދެކެވެ. އަލީޒާއަށް ފަރުޒާނާއަކީ ހަގީގީ މަންމަކަން އެގިއްޖެއްޔާ ދާނިޝް އާއި މެދު ޝަކުވާ އުފެދޭނެއެވެ. މަންމައެއްގެ ލޯބިން މަހުރޫމްކުރީކަމަށްވެސް ދެކެފާނެއެވެ. އެކަމަކު ސުވާލަކީ ފަރުޒާނާއަކީ އަލީޒާ ގެ މަންމައަށްވުން އެކަށީގެންވާމީހެއް ހެއްޔެވެ؟

"ތިވަރަށް އެލީ އަށް ހެޔޮއެދޭއިރު ކީއްވެ އެދުވަހު އެލީ ސަލާމަތް ކޮށްނުދިނީ. ހަމްޒާދުވެސް ނެތީތަ؟ ކޮބާ ސާރވެންޓް އިން؟ އަހަންނަށް ގަބޫލެއްވެސް ނުކުރެވުނު އެންމެ ބޭނުންވީ ވަގުތު ހެލްޕް ނުވީތީ. އެލީއަށް އެއްވެސް ކަމެއްވިޔަނުދޭނަމޭ ބުންޏަސް މިހާރު އެކަން ގަބޫލެއް ނުކުރެވޭ........." ވައިގެ ގޯނާއިން ވިހުރުވާލި އިސްތަށިގަނޑު އަތުން ރީތިކޮށްލަމުން ދާނިޝް އެބުރުނެވެ. މީރާންއާއި ހަތަރުކަޅި ހަމަކޮށްލިއެވެ. މީރާން އިނީ ހަމަ އެ "ވިކެޑް" ހިނިތުންވުމުގައެވެ. މީރާން ކިތަންމެ ބާރުގަދަޔަސް ގުދުރަތީ ކަންތަކެއް ނުހުއްޓޭނެއެވެ. އެއްބަސްވިއްޔާ ވަނީ ކީއްހެއްޔެވެ؟


"ޑޭން. އެކަމާ ދެރަނުވެބަލަ. މިވީގޮތުން އެލީއަށް ލޯބިވާ ބައްޕައެއް ލިބުނީ. ވަގުތުން އެލީގެ އެކައުންޓަށް އެއް މިލިޔަން ޑޮލަރުވެސް ލާދިނީ. ރާއްޖޭގައި ހުރި އެންމެ މުއްސަދި ޑޭޑް ލިބުނީމަ ދެން ގައިމު އެލީއަށް ލިބޭނެ އުފަލެއްނު އެއީ. އަނެއްކާ އެހާ ހެންޑްސަމް ބްރޯއެއް ވެސް ލިބުނީ. އީނައަށް އެލީގެ ހަގީގަތް އެގޭތަ؟ ހަދާންވޭތަ؟ ޖީން އަމިއްލައަށް މަރުވާންއުޅުނު ފަހަރު ސައްފޫރުއާއި ފަރުޒާނާ އައިސްގޭޓްގެ ބަދިގޭގައި ތިބެގެން ވާހަކަދެއްކިއިރު ރާހިލް އަޑުއަހައިގެން ހުރީމެއްނު ދޯ. އެދުވަހު އިރުކޮޅަކަށް މަޑުކޮށްލެވުނުނަމަ ފަރުޒާނާ ސައްފޫރު ގާތުގައި އޭނައަށް ޓްވިންސްއިން ލިބުނުކަމަށް ބުނި. އޭރު ރާހިލް ވަރަށް އެލީ އާއި މެދު ޝައްކު ކުރާނެ. ޖީން އާއި އައިޒާއާއި ވައްތަރުވެގެން ކިހާވަރަކަށް އުޅުނު. އެދުވަހު ކެތްކުރިނަމަ އެވަގުތު އެގުނީސް ދޯ........ފަރޫއަށް ޝައްކު ނުވިޔަސް ރާހިލް ވަރަށް ބޯ ރަގަޅު ވާނެ ވިއްޔަ . މިހާރު އީންއަށް އެލީގެ ހަގީގަތް އެގޭތަ؟ " މީރާން މޭޒުމަތީގައި ހުރި ޗިޕްސްތައް ކާންފެށިއެވެ. މޮޑަން ވެމްޕަޔަރުން ކުރިއަރަމުންގޮސް ހުރިހާއެއްޗެއް ކައިގެން އުޅެންފެށީއެވެ. ލޭގެ ބަދަލުގައި ކޯކްއަށް ދެވިހިފީއެވެ. އިންސާނުނަށް ބިރުކުޑަވީއެވެ. ރާހިލް އަށް މަޖާވިއެވެ.

"މީރާންއަށް ހުރިހާކަމެއް އެގިހުރެ ބުނިނަމަ ވީ ކީއްތަ؟ ވެމްޕޔަރަ ފްރެންޑުން އެފަދަ ވަގުތުތަކުގައި އެހީ ވާނަމަ. އީން އަދި އާއިލީ ކުއްޖަކަށް ނުވާތީ އާއިލީ ސިއްރުތައް ކިޔާދޭކަށް ރަގަޅުހެނެއް ހިޔެއްނުވޭ. އަދި މިއުޅެނީ މީރާންވެސް ދަސްނުވެގެން. ވެމްޕަޔަރެއްނޫންކަން އެގޭ. އެއަށްވުރެ މާމޮޑަން. މާ ސްމާޓޭ ބުނެވޭނީ. ދިރިހުންނަން ލޭ ބޭނުމެއްނުވޭ. ފިންޏެއްނޫން. އެހާ ހޫނު. އެހާ ޕަވަފުލް. ދެން ބުނެބަލަ. ކޮން ނަމެއް ތިވައްތަރަށް ކިޔޭނީ......." ރާހިލްގެ ހިތުގައި އަނެއްކާ މީރާންއަކީ ކާކުކަން ދެނެގަތުމުގެ ޝައުގު އުފެދުނެވެ. 

"ރަގަޅަށް ތިބުނީ. މި ޔުނިވަސްގައި ނެތް މަށަށް ވުރެ ޕަވަފުލް މަޚުލޫގެއް. އޭލިއަންސްއަށް ވެދާނެތަ؟ އެކަމަކު އޭލިއަންސްތައް ހާދަ ގްރޮސް. ސްލައިމީ ލިޓްލް ކްރީޗާސް. ރާހިލް. ނަމަކުން ކޮން ތަފާތެއް އަންނާނީ. އަހަރެމެންގެ ހުރިހާ ސިފައެއް ތިއެނގެނީ. އެންމެ ތަންކޮޅެއް ނޫނިއްޔާ......." މީރާން އަގަޔަށް ގޮތެއް ހަދާލިއެވެ.

"އެއީ ކޮންތަންކޮޅެއްބާ......" ރާހިލް މީރާންގެ އެ އެކަތަފަދަ ބާރުގަދަ އަތުގައި ޖަހާލަމުން އެހިއެވެ.

"ކުރީ ދުވަހެއްގައިވެސް ބުނިން އަމިއްލައަށް ހޯދާށޭ. ޖަވާބު ފަސޭހަކަމުން ނުވިސްނިގެން ތިއުޅެނީ. މާދުރަށް ނުވިސްނާ ތަންކޮޅެއް ތިލަކޮށް ވިސްނާލާއިރަށް އެގިދާނެ. ކޮބާ ފަނާ އާއި ހަފާ. އެކުދިންގެ ހާލު ރަގަޅު ތަ؟ " މީރާން ،ދާނިޝް އަދި ރާހިލް އާއި ޝާހަން ތަފާތު ވާހަކަތަކެއް ދައްކަމުން ދިޔައެވެ. ހަފާ އާއި ފަނާއުޅުނު ވައްތަރުވެސް ކިޔާދިނެވެ. ފަނާ އަދިވެސް އެ " މީރާން" ގެ އިންތިޒާރުގައި އެބަހުރިކަމަށާއި އެހެން ފިރިހެނުންދެކެ ފޫހިވެއްޖެ ކަމަށް ބުނުމުން މީރާންއަށް މަޖާވިއެވެ. މީރާން ނެތް ދުވަސްކޮޅުގެ ހުރިހާ ޚަބަރެއް ލިބުމުން މީރާން އޭނައަށް ދިމާވި ހާދިސާވެސް ކިޔާދިނެވެ. އޭނަގެ ބައްޕައާއި މަންމަގެ ކޯޅުމުގެ ޝިކާރައަކަށް އޭނަ ވެގެން ދިޔައީއެވެ. މަންމަމެންގެ ދުނިޔެއާއި އެއްވެސް ގުޅުމެއް ބޭއްވުނަ ނުދީ ބައްޕަ އޭނަ ފާޑަކަށް ބަންދުކުރީއެވެ. އޭނައެކަންޏެއް ނޫނެވެ. ހަމްޒާދު އާއި އެކުވެރިން އަދި އަޅުންނަށް ދާންދެންވެސް މެއެވެ. މީރާންގެ ވާހަކަތަކުން ރާހިލްއަށް އެގުނީ މީރާންގެ ބައްޕައަކީ ރަސްކަލެއްފަދަ ބާރުގަދަ މީހެއްކަމެވެ. ނަމަވެސް އަލީޒާ އައިސީޔޫގައި އޮތް ރޭ ހަމްޒާދުގެ އަންހެންކޮއްކޮ އެތަނަށް ދިޔަކަމަށާއި ނުހުރެވިގެން ހަފާ ކޮށްޕާލާ ވައްޓާލިކަމަށް އެއްބަސްވިކަމަށެވެ. އެ ކޮއްކޮއަކީ އިންސާނުންގެ ހިޔަނި ދެކެވެސް ބިރުގަންނަ ފިޑިކުއްޖެކެވެ.

ބައްޕަގެ ޚިޔާލު ދުވަހަކުވެސް ބަދަލުވާނެކަމަކަށް މީރާން ހިޔެއް ނުކުރެއެވެ. ބައްޕަ ބުނުއްވިގޮތުގައި އިންސާނުންގެ ދުނިޔެއާއި ގުޅުން އޮތުމުން ކަންތައް އޮޅުންބޮޅުން ވާނީއެވެ. ގުދުރަތީގޮތުން ހިގަމުންދާ އުސޫލުތަކަށް ބަދަލުގެންނަން އުޅުނަސް އެކަމެއްނުވާނެއެވެ. ބާރުތަކެއް ހުއްޓަސް ގުދުރަތީ ކަންތަކާ ބެހޭކަށް ނުވާނެއެވެ. މީހުންގެ ސިކުނޑިތަކުގައިވާ އެއްޗެހި ފޭރިގެން އެކަމުގެ ފައިދާ ނަގާކަށް ނުޖެހޭނެއެވެ. އަލީޒާ ގެނބުމަށް އިރާދަކުރެއްވީ އެކަންތައް ބޭޒާރުވާން އޮތީ އެކަހަލަގޮތަކަށް ވާތީއެވެ. އަދި އަލީޒާގެ އުމުރު އެހާ ކުރުނުވާނެކަންވެސް ބައްޕަގެ ނުޖޫމީ އިލްމުވެރިން ވަނީ ބުނެފައެވެ. އެހެންވެ އެ ހާދިސާ އެގޮތަށް ހިގުމުން ދާނިޝް އެހުރިހާ ދުވަހު ފޮރުވައިގެން ހުރި ސިއްރުވެސް ސައްފޫރުގާތުގައި ބުނީއެވެ. މީރާންގޮސް އަލީޒާ ސަލާމަތްކުރިނަމަ އެ ސިއްރު އަދިވެސް ދާނިޝް ފޮރުވީހެވެ. އެއީ މީރާންގެ ބައްޕަ ބޭނުންވާ ގޮތެއް ނޫނެވެ. ފަރުޒާނާ ކުރި ކުށުގެ އަދަބު ވަނީ ލިބިފައިކަމަށް އޭނަ ގަބޫލުކޮށް އެ ގޭމް ނިންމާލަން ބައްޕަ ބޭނުންވީއެވެ.

އިރުކޮޅަކުން ހަމްޒާދުވެސް އައެވެ. އޭނަ ގެނެސްދިނީ މާ ވަރުގަދަ ޚަބަރެކެވެ. ހަފާ ޑްރަގް ނަގާ ފިރިހެނަކާއި ރައްޓެހިވެގެން އެގޭގައި ނިދަންފެށި ވާހަކައެވެ. ސާދަ ފަނަރަ އަހަރުގެ އަންހެންކުއްޖަކު ދިރިއުޅުން މުޅިން ހަލާކުކޮށް ވީރާނާކުރުމުގެ ފުރަތަމަ ސްޓެޕް އެވެ. ސާއިރާ އުޅެނީ އޭނަގެ ބައްޕަ ލައްވާ ދާނިޝްއާއި އަލީޒާ ދުރުކުރުވަން ފަންޑިތަ ހަދަންވެގެން އަތުކުރި އޮޅާލާފައިކަމަށްވެސް ހަމްޒާދު ބުންޏެވެ. މީރާން ބުނިގޮތުން ކާފަ އެއުޅެނީ އޭނައަށް ލިބިފައިވާ ފަންޑިތައިގެ އިލްމުއާއި ވަކިވާށެވެ. އެފަދަ ކަމެއް ފަށައިފިނަމަ އެއީ އަލިފާނާއި ކުޅުން ކަމަށް ވާނެއެވެ. އެމީހުންވެސް ހިމޭނުން ނުތިބޭނެއެވެ. އިންސާނުން އެހެން ބާރުތަކުގެ އެހީ ހޯދަން ވިސްނާއިރު އެއީ މީރާން މެންގެ އަތްދަށުގައި ވާ " ސާވެންޓް " އިން ކަން ނޭގޭ ވިއްޔާއެވެ.
މައުމޫން ،ސައްފޫރު އަދި މާލިޔާ މާލެ ދުރުވުމާއި އެކު އޯވަނައިޓަކަށް ފަޅު ރަށަކަށް ދަތުރު ދިޔުމުގެ ޕްރޮގްރާމެއް ރޭވުނެވެ. އައިސްގޭޓް އާއިލާގެ މެމްބަރުންގެ އިތުރުން އީނާ އަދި ޝިރުޒާދު ފަދަ ގާތް ރަހުމަތްތެރިންނަށް ދައުވަތު ދެވުނެވެ. ދާނިޝް އަށް ނޭގުނީ ހަމަ އެރަށަށް ފަރުޒާނާގެ އާއިލާ މީހުންވެސް އެދުވަހު ދަތުރު އަންނަން ރާވާފައިވާކަމެވެ. އެކަން އެގުނުނަމަ އޭނަ މިދަތުރުގައި ބައިވެރިނުވީހެވެ. އަލީޒާވެސް ނުފޮނުވީހެވެ. ނަމަވެސް ތަގުދީރުގައި ވާ ރޭވުމެއް އެއްވެސް އިންސާނަކަށް ބަދަލެއް ނުކުރެވޭނެއެވެ.
ދެތިންގަޑިއިރުގެ މަޖާ ދަތުރަކަށްފަހު އެރަށާއި ހަމަޔަށް ލޯންޗު ކައިރިކޮށްލުމާއި އެންމެން ދުއްވައިގަތީ އެ ރީތި މޫދަށް އެރުމުގެ އުފާ ހޯދުމަށެވެ. ދާނިޝްއާއި އަލީޒާ ތިބީ ހުދުކުލައިގެ ޓީޝާޓާއި ނޫކުލައިގެ ސޯޓުގައެވެ. އަލީޒާ ލައިގެން ހުރި ސޯޓް އޮތީ ކަކުލާއި ހަމަޔަށެވެ. ދާނިޝް އަލީޒާގެ އަތާއި ފައި އަދި މޫނުގައި ސަންސްކްރީން ލޯޝަން ލައިދިނެވެ. އެއަށްފަހު ގަހެއްގެ ހިޔަލުގައި ވާހަކަ ދައްކާލަން ތިބެފައި ދެކުދިން އަތުގުޅުވާލައިގެން ހިގައިގަތީ މޫދާއި ދިމާލަށެވެ. 

"ވާއު. މަންމައާއި ބައްޕަ ވެސް ހާދަ ލަވިން އޭ......" މައުމޫން އާއި މާލިޔާ ގޮޑުދޮށުގައި ކުއިލްޓެއްގެ މަތީގައި ސެންޑްވިޗާއި ކޮފީ ބޯން އިށީދެލައިގެން ތިބީ ދާދި ކައިރީގައެވެ. ވަރަށް އުފާވެރި ހިނިތުންވުމެއްގައެވެ. ސައްފޫރު އެކަނިމާ އެކަނި މޫދަށް އެރިގެން އުޅެއެވެ. ބައްޕަ އެކަނިވެފައިވާތީ އަލީޒާގެ ހިތަށް އުދަގޫ ވިއެވެ. ޒުހޭމާ އާންޓީވެސް އަންނާނެނަމައެވެ. އޭރުން އެ އާއިލާވެސް ފުރިހަމަވީއެވެ.

ކޮމެންޓް 0