ދާނިޝް ވަނީ ފަޅުގެއަކަށެވެ. ތަރުތީބެއް ނެތް ގަސްތަކުން މެދުގޯތި ފުރާލާފައިވެއެވެ. މުޅިހިސާބަށް ވެރިވެފައިވަނީ ކަށްވަޅު ފަދަ އަނދިރިކަމެވެ. އެއްވެސް އަލިކަމެއް ނެތެވެ. ދާނިޝް ތަޅުގައި ހިފާލުމުން ދޮރު ހުޅުވުނެވެ. 
އަލީޒާ ހުވަފެނެއްގައިވާ ކުއްޖެއްހެން ދާނިޝްގެ ފަހަތުން އެގެއަށް ވަނެވެ. ނޭގޭބާރެއްގައި ޖެހި އަމިއްލަ ނަފުސަށް އޭނަގެ އެއްވެސް ބާރެއްނެތް ފަދައަކުންނެވެ. ދާނިޝް ކޮރިޑޯއިން ހިގާލާފައި ދިޔައީ ފޯނުގެ އަލިން އެހީ ހޯދައިގެންނެވެ.

"މިއީ ފަޅުގެއެއްތަ؟" އަލީޒާ ދާނިޝްއަށް ގޮސް ހުސްވެފައިވާ ވަރުން އެވަރު ރޭކާލީ އަދި ކިރިޔާއެވެ. ވަށައިގެން ހިނގާ ކަންތައް އަލީޒާއަށް އިހްސާސް ކުރެވޭނީ ކިހިނެއްހެއްޔެވެ؟ އޭނާގެ ހުރިހާ ސަމާލުކަމެއް ހުއްޓިފައިވަނީ ހަމައެކަނި ދާނިޝްގެ ރީތިކަމަށެވެ. ފަޅުރަށެއްގެ ގަބުރުސްތާނެއްގެ ތެރޭގައިވެސް އޭނާ ދާނިޝް އާއިއެކު ހުރެދާނެއެވެ. އޭނާއަކީ ދާނިޝްގެ މީހެކެވެ. އޭނާގެ ހައްގެކެވެ. 
"ބިރުގަތީތަ؟" އޯގާތެރިކަމުން ފުރިފައިވާ ފުން އަޑެކެވެ. އެސިހުރުވެރި އަޑުވެސް އަލީޒާގެ ހިތަށް ފިނިކަން ގެނެސްދިނެވެ. އަލީޒާގެ ދެލޯމެރޭގޮތްވިއެވެ. އޭނަ ނޫނެކޭ ބުނުމުގެ ގޮތުން ބޯ ހޫރާލިއިރު ތުންފަތްމަތީގައި ފަނޑު ހިނިތުންވުމެއްވިއެވެ.

"ޔޫ ލުކް ސޯ ޕްރިޓީ......"ދާނިޝް ފޯނުގެ އަލި އަލީޒާގެ މޫނަށް އަޅުވާލަމުން ސީރިޔަސް ރާގަކަށް ބުނެލިއެވެ.

"ތެންކިއު......." ލިބުނު އުފަލާއެކީ ގަތް ލަދެއްގެ ބޮޑުކަމުން އަލީޒާ ވިރިގެން ހުރިތަނަށް ފައިބާވަރުވިއެވެ. އޭނާގެ ދެއަތުން މޫނު ފޮރުވިއެވެ. ދާނިޝް ނުތަނަވަސްވާ ގޮތްވިއެވެ. އޭނާއަށްޓަކާ ދީވާނާ ވެފައިވާ މިހާ ރީތިއަންހެންކުއްޖަކު ހުއްޓާ އެހެންފަރާތަކާއި މެދު ވިސްނެނީ ކީއްވެހެއްޔެވެ؟ ނޫނެކެވެ. އޭނާ ޖެހޭނީ އޭނާގެ ނުކިޔަމަންތެރި ހިތަށް ވިސްނާދޭށެވެ. މަޖުބޫރުން ވެސް އޭނާ ހިތް އަނބުރާލާނެއެވެ. އެކަމަކުވެސް އަދި އޭނާ އަލީޒާގެ ގައިގާ އިނގިލި ކުރި ޖައްސާލާކަށްވެސް ބޭނުމެއް ނުވިއެވެ. 
އަލީޒާ މޫނުގައި އެޅި އަތް ނައްޓުވާކަށް ދާނިޝް ނޫޅުނެވެ. އޭނާ ހުޅުވާލީ ޖެހިގެން ހުރި ކޮޓަރިއެވެ.

ދާނިޝް ވަން ކޮޓަރީގެ ދޮރުމައްޗަށް އަރާފައި އަލީޒާ ހުރީ ބަސް ހުއްޓިފައެވެ. ހާދަ ހިތްގައިމެވެ. އެތައް ސަތޭކަ އުއްބައްތި ތަކުން ކޮޓަރި ދިއްލާ އަޅާފައިވާއިރު ފިނިފެންމަލުގެ ފިޔައިގެ ދޫލައެއް ބިންމަތި ފޮރުވާލާފައިވިއެވެ. ކޮޓަރީގެ މެދުގައި ހުރި މޭޒުވަނީ ކާއެއްޗެހިން ބަރާވެފައެވެ. އުއްބައްތީގެ އިޝްގީ ރޭގަނޑު ކެއުމެކެވެ. އެކަނިވެރި ފަޅުގެއެކެވެ. އޭނާގެ ލޯބިވެރިޔާއާއިއެކު އުއްބައްތީގެ އަލީގައި ކެއުމަކީ ލިބުނު ޝަރަފެކެވެ. ދުނިޔޭގައި ލެއްވިހާ އުފާތައް ފަސްބަޔަށް އެޅުނުފަދަ އިހުސާސެއް ކުރެވުނެވެ.

"ހާދަހާ ރީއްޗޭ. ހާދަހާވާ ފުރިހަމައޭ. ބްރެތުޓޭކިން. ވާއު........." އަލީޒާ ވަށައިގެން އެނބުރިލަމުން އުފާވެރިއަޑަކުން ބުނެލިއެވެ.
ދާނިޝް ދޮރުލައްޕާލުމަށްފަހު އިރުކޮޅެއްވާންދެން އަލީޒާގެ އުފާވެރިކަމާއި މައުސޫމް ކަމާއިމެދު ވިސްނާލަން ހުއްޓެވެ. މިވަގުތުވެސް ކޮންމެވެސް އެހެން އަންހެންކުއްޖަކު އޭނާގެ ސިކުނޑިއަށްވެރިވިއެވެ. އަލީޒާގެ ރީތިކަމަށް އޭނަގެ ހިތް ނުލެނބިގެން އުޅެނީ ކީއްވެހެއްޔެވެ؟ ލެނބިފައިވާ ބޯ އެސްފިޔަތަކާއި ރީތި ލޮލެވެ. އޮމާންތުންފަތުގެ މަޑުކަން ބަލާލާފައި އިހުސާސްކުރެވުނެވެ. އަންހެންވަންތަކަމުގެ ހައްދެއްނެތެވެ. އޭނާ އަށްޓަކައި ދީވާނާވެފައިވާ އަންހެންކުއްޖެކެވެ. މިވަގުތުވެސް އޭނާ ބޭނުމިއްޔާ އޭނާގެ މިލްކަކަށްވެދާނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތެވެ. ދާނިޝް ގޮނޑިއެއް ދަމާލަމުން އިށީދެލީވެސް އެހާ ހިތްގައިމުކޮށެވެ. ކޮންމެ އާދައެއްގައި ފިރިހެންވަންތަ އަޅައިގަންނަ ގޮތެއް އެބަހުރިކަން އަލީޒާ ފާހަގަ ކުރިއެވެ.
" އަލީޒާ. ކާންފަށާ. އައިމް ސްޓާރވިން........." އަލީޒާ އަށް ގޮނޑިއެއް ކައިރިކޮށްލަދެމުން ދާނިޝް ބުންޏެވެ. ދާނިޝް ތަށިތަކުގެ މަތި ހިއްލަން ފެށުމުން ކުޅުދިޔާވާފަދަ މީރުވަސް މުޅިތަނަށް ފެތުރިގެން ދިޔައެވެ. 
އަލީޒާ ކަޅިވެސް ޖަހާނުލާ ބަލަމުން ދިޔައީ ދާނިޝް ގެ ފިރިހެންވަންތަ މޫނަށެވެ. އުއްބައްތިތަކުގެ އަލީގައި އެ މޫނު ފެންނަގޮތަކުން ވަކިން ބޮޑަށް އަޅައިގަންނަގޮތްވިއެވެ.
" މި ފްރެންޑް ވެވުނީނުދޯ ދެން... އެކަމަކު އަހަންނަށް އަދިނޭގޭ އަލީޒާ ގެ ނަން ފިޔަވާ އިތުރު އެއްވެސް މައުލޫމާތެއް. ފެމިލީ ފްރެންޑްސް ހޮބީ އެހެންގޮސް ހުރިހާ ވާހަކައެއް ކިޔާދީބަލަ..........." ދާނިޝް އެދުނެވެ.
ދާނިޝް ލޮލުގައި އަވި އައިނު އަޅައިގެން އިނުމުން ވާހަކަ ދައްކާކަށް އަލީޒާ އަކަށް އުދަގުލެއް ނުވިއެވެ. އޭނާ ވަރަށް ހަމަޖެހިލައިގެން އިނދެ އޭނަގެ ދިރިއުޅުމުގެ އެތައް ދުވަސް ތަކެއް ދާނިޝް އާއި ހިއްސާ ކުރިއެވެ. ދާނިޝް ދޭތެރެއަކުން ސުވާލެއް ކޮށްލިނަމަވެސް ގިނަ ވަގުތު ޚިޔާރުކުރީ ހިމޭން ކަމެވެ.
" މިހާރުވެސް އަޅުގަނޑު ހިތަށް އަރާ އެ ފެހިކުލައިގެ ލޯ ހުރީ އެއީ ކޮން ކުއްޖެއްގެބާވައޭ......" އަލީޒާ ޔަގީން ކުރީ މިރޭ ދާނިޝްގެ ފަރާތުން އެކަން އޮޅުންފިލާނެކަމަށެވެ.
" ހެހެ...މިޒަމާނުގައި އިސްތަށިގަނޑާއި ލޮލުގެ ހަޤީގީ ކުލައަކީ ކޮބާކަމެއް ނޭގޭނެ. ލެންސް ލައްވާ ޑައިކޮށްލާފައި ވިއްޔާ އުޅެވޭނީ ގިނަ ފަހަރު...." ދާނިޝް ވޮލެޓްގައިވާ ފިރިހެންކުއްޖެއްގެ ފޮޓޯ ދެއްކިއެވެ.
" މިއީ....؟ " އަލީޒާ އަކަށް ނޭގުނެވެ. އަލީޒާ އަށް އެ ފޮޓޯ ވަރަށް ރީއްޗެވެ. ރުޅިވެރި ނަޒަރަކުން ބަލަހައްޓައިގެން ހުރި މުށިކުލައިގެ އިސްތަށިގަޑެއްގެ ވެރި ޒުވާނެކެވެ.
" ނޭގުނެއްނު. މިއީ އަހަރެންގެ އުމުރުން އެއިޓީން ގައި ނަގާފައިވާ ޕިކްއެއް. އިސްތަށިގަނޑު ޑައިކޮށްލާފައި ބުމަ ހަދާލާފަ މިހިރީ. އޭރު ވެސް އިސްކޮޅުގައި ހުންނާނެ ހަ ފޫޓް އެކަމަކު ވަރަށް ހިކި....އަދި އަހަރެން ގެ...." ކުއްލިއަކަށް ދާނިޝް ވާހަކަ މެދުކަނޑާލިއެވެ. މިވަނީ ކިހިނެއްހެއްޔެވެ؟ އޭނަގެ ޒާތީ ދިރިއުޅުން އެއްވެސް މީހަކާއި އަދި ހިއްސާ ކުރާކަށް ބޭނުމެއް ނޫނެވެ. މިހާރުވެސް ބުނަން ބޭނުންވާވަރަށް ވުރެ އިތުރަށް ބުނެވިއްޖެއެވެ. ދާނިޝް އަވަހަށް ވޮލެޓް ޖީބަށްލިއެވެ. އިތުރަށް އޭނަ އާއި ބެހޭ އެއްވެސް މައުލޫމާތެއް އަލީޒާއަށްދޭކަށް ބޭނުމެއް ނުވިއެވެ. މިރޭ އޭނަ ބޭނުމީ އަލީޒާ ދަސް ކުރަން ކަމަށާއި އަލީޒާ ގެ އަޑު އަހަން ބޭނުންވާކަމަށް އޭނަ ބުނެލީ މާނަވީ ހިނިތުންވުމަކާއި އެކުގައެވެ.
" ކެއުން ހާދަ މީރޭ. ދުވަހަކު ނުކެވޭ މިހާ މީރު ކެއުމެއް. ކޮން ރެސްޓޯރެންޓަކުން ތައްޔާރުކުރި ކެއުމެއްތަ؟" އަލީޒާ ޓިޝޫއަކުން ތުން ފޮހެލަމުން ބުނެލިއެވެ. އޭރުވެސް އޭނަގެ ވިންދު ހަމަޔަކަށް ނޭޅެއެވެ. އުފަލުންގޮސް ހިތް އަވަސްވެ ހުއްޓިދާނެހެން ހީވި ވަގުތުވެސް އައެވެ.
" ވަރަށް ޚާއްސަ ފަރާތަކުން...." ފުރަތަމަ ފަހަރަށް ދާނިޝް ލޮލުގައިވާ އަވިއައިނު ނެގުމަށްފަހު އަލީޒާ އާއި ހަތަރުކަޅި ހަމަކޮށްލިއެވެ. އަލީޒާ ގެ ލޯ ދިޔައީ ތަރަތަރަޖަހައިގެނެވެ. މިހުރިހާއިރުވާންދެން އަލީޒާ އަށް ހަމަހޭވެރިކަމުގައި ހުރެވުނީ އެބާރުގަދަ ރިތި ދެލޯފޮރުވައިގެން ހުރުމުގެ ސަބަބުންނެވެ. ހަތަރުކަޅިހަމަވުމުން އަލީޒާގެ ގައިން ހީބިހިނެގިއެވެ. ފިނިވިއެވެ. އާއެކެވެ. އެ ބާރުގަދަ ލޮލުގައިވަނީ މެސްމެރިޒަމްގެ ބާރެވެ. ދަގަތްފާނުގެ ބާރެވެ. އަލީޒާ އަށް އެ ލޮލުގެ ތެރެއަށް ގެއްލިފައި އިދެވުނީއެވެ. ވާނުވާ ނޭގިފައެވެ. އޭނަގެ ހިތް އެދެމުން ދަނީ ކޮންކަމަކަށްހެއްޔެވެ؟ އޭނާގެ ހިތް ކޮންމެވެސް ކަމަކަށް އެބަ ބޭނުންވެއެވެ. އެރީތި ލޮލުގައި ބޮސް ދިނުމަށެވެ. މުޅި އުމުރަށް އެލޮލަށް ބަލަހައްޓައިގެން އިނުމަށެވެ. ދައްކަން ފެށި ވާހަކަވެސް އަލީޒާ ހަނދާންނެތި ބަސްހުއްޓިފައި އިނީއެވެ.
ކުއްލިއަކަށް ދާނިޝް އެސްފިޔަތައް ތިރިކޮށްލައިފިއެވެ. އެދެލޯ ފޮރުވިއެވެ. އޭނާ މޭޒުމަތީގައި ހުރި ބިއްލޫރި ވާސް އެއްގައި އިން ނޫކުލައިގެ ނުފޮޅޭ ފިނިފެންމަލެއް ނެގިއެވެ.
އަލީޒާ އިނީ ދާނިޝް ގެ ހަރަކާތްތަކަށް ބަލަހައްޓައިގެންނެވެ. މިހުރިހާ ވަގުތުތަކެއް ވޭތުވެގެން ދިޔައިރުވެސް ވާސްގައިވާ މާތައް އަލީޒާ އަށް ނުފެނުނީ ކީއްވެހެއްޔެވެ؟ ދާނިޝް އަށްޓަކައި ހިތް ދީވާނާ ވެފައިވާލެއް ބޮޑުކަމުންހެއްޔެވެ؟ ދާނިޝް އެއުޅެނީ އޭނަ އަށް އެމާ ހަދިޔާ ކުރަން ބާވައެވެ. ލަސް ކުރަނީ ކީއްވެހެއްޔެވެ؟ ޖެހިލުންވަނީހެއްޔެވެ؟ އޭނާ މިހިރީ ދާނިޝް އަށްޓަކާ ގުރުބާން ވާން ތައްޔާރަށެވެ. އެފައިތިލައިގާ ބޯ އަޅާލައިގެން އޮވެ މަރުވުމަކީ ވެސް އޭނާ އަށް ލިބޭނޭ އުފަލެކެވެ. މިހާ އިޝްޤީ ހިމޭން މާހައުލެއްގައި ދާނިޝް މާހިމޭނުން އިންނާތީ ހައިރާންވެއްޖެއެވެ. ދާނިޝްގެ ފަރާތުން އެއްވެސް އިޝާރާތެއް ނެތި މިރޭ ނިމިގެން ދާނީ ބާވައެވެ.
ދާނިޝް އެންމެ ފަހަރަކުވެސް އޭނަގެ ލޮލަށް ބަލާލަބަލާށެވެ. މޭފަޅާލާފައި ހިތުގައިވާ އެއްޗެއް ކިޔާލަބަލާށެވެ. ދާނިޝް އަށްޓަކާ މޮޔަވެފައިވާވަރު އޭރުން އިގޭނެއެވެ. މިއީ ހަމައެކަނި ދާނިޝް ގެ ހިތެކެވެ. ހަށިގަނޑެކެވެ. އަލީޒާ ގެ ކެތްތެރިކަން ކޮޅުންލައިގެން ދާން ފެށިއެވެ. އެންމެފަހުން އަލީޒާ އަށް ބޭއިޚުތިޔާރުގައި ދާނިޝްގެ އަތުގައި ހިފާލެވިއްޖެއެވެ.

ދާނިޝް މަޑުމަޑުން އަލީޒާގެ އަތް ދުރަށް ލިއެވެ. ކޮށްގެންނުވާނެ ފަދަ އަމަލެއް އަލީޒާ ކުރިފަދަ ގޮތަކަށް ބަލާލުމުން އަލީޒާ ރަކިވިއެވެ. ހައިރާންވިއެވެ. އަލީޒާ ގެ މޫނަށް އެތައް ކުލަތަކެއް ވެރިވެގެން ދިޔައެވެ. ނިޔަފަތީގައި ދަތް އެޅުނެވެ. ހަފަން ފެށުނެވެ. އެވަރަށް އަލީޒާ ލަދުގަންނަވާލެވުނީތީ ދާނިޝް ނުތަނަވަސް ވިއެވެ.
" އަލީޒާ. ނުބައި މާނަ އެއް ނުނަގައްޗޭ އިގޭ. އައި ޑޯންޓް ޓަޗް އޯރ ބްރޭކް ތިންގްސް ދެޓް އާރ ނޮޓް މައިން...." ދާނިޝް މާނަވީ ގޮތަކަށް ބުނެލައިފިއެވެ.

" މާނައަކީ؟ " އަލީޒާ އަށް އަހާލެވުނެވެ.
ދާނިޝް ހީލިއެވެ. އޭނަ އަލީޒާ ގާތު އެވާހަކަ ބުނާނީ ކިހިނެއްހެއްޔެވެ؟ މިއަށްވުރެ އިތުރު ތަފްސީލެއް ނުދެވޭނެއެވެ. އޭނަގެ އާއިލާ މީހުނަށް އޭނަގެ އަނދިރި ފަރާތް ގައިމު އިގޭނެއެވެ. ރުޅިގަދަވާ ވަގުތު އަމިއްލަ އެއްޗެއްވެއްޖެއްޔާ ކިތަންމެ އަގު ބޮޑަސް ހަލާކުކޮށްލެވިދާނެއެވެ.
" އަހަންނަކީ އަލީޒާ ތިހީކުރާހާ މާތް މީހަކަށް ނުވެވެސް ހިގައިދާނެ. މިހާ އެކަނިވެރި ތަނެއްގައި އެންމެ ޓަޗްއަކުން ވެސް މަގު އޮޅިދާނެ. އެހާވަރަށް އިތުބާރުކުރަންތަ؟ " ދާނިޝްގެ ތޫނު ދެލޯ އަލީޒާއާއި އަމާޒުވިއެވެ. އަލީޒާގެ ހިއްސު ތަކާއި ކުޅެން ފެށިއެވެ. މާތްކަލާކޯއެވެ. ކޮންފަދަ ވަރުގަދަ ފުން ލޮލެއް ހެއްޔެވެ؟ ލަދުގަންނަވާލާފަދަ ބެލުމެކެވެ.

" ވަރަށް ބޮޑަށް. އެއްވެސް އިންސާނަކަށް އަނެކަކަށް ޓްރަސްޓް ކުރެވޭނީ މިވަރަށް ކަން ނޭގޭ..." ފިނިވަމުންދާ އަތުގެ އިނގިލިތަކާއި ކުޅެލަމުން އަލީޒާ އިސްޖެހިއެވެ.
ދާނިޝް އެ ނޫކުލައިގެ ފިނިފެންމާ އަލީޒާއަށް ދިއްކޮށްލުމުގެ ބަދަލުގައި ވާސްގައި ޖެހިތަން ފެނުމުން އަލީޒާގެ ހިތަށް ތޫނު ތަދެއްވިއެވެ. މިރޭގެ މިބައްދަލުވުމުގައި ލޯބީގެ އެއްވެސް ކުލައެއް ނުޖެހި ނިމިގެން ދަނީ އެވެ.
" ހާދަ ރަގަޅޭ. އެކަމަކު ކިހިނެއް ތިހާ ބޮޑު ޔަގީން ކަމެއް ލިބުނީ؟ މިޒަމާނުގައި ރީތި ސިފައިގަ ވެމްޕަޔަރުން ވެސް އުޅޭ..." ލާނެތް ރީތި ހިނިތުންވުމަކާއި އެކީ ދާނިޝް މަޑުމަޑުން މޭޒުގައި އިނގިލި ތަޅަމުން ދިޔައީ ކޮންމެވެސް ރާގަކަށްހެން ހީވިއެވެ.
" އައި ކުޑް ބީ އެ ވެމްޕަޔަރ....އޯރ އެ ވިއަރވޫލްފް....އޯރ..." ދާނިޝް ލަސްލަހުން އެ ޖުމްލަ ބުނެލާފައި ހީލުމުން އެ ހުދު ތޫނު ދަތްތައް ވިދިއެވެ.
" ރިއަލީ؟ " އަލީޒާ މައުސޫމް ގޮތަކަށް ލޯ ބޮޑުކޮށްލަމުން ބުންޏެވެ.
" ބިރުގެންފި ދޯ ސްޓުޕިޑް. އެނގޭތަ؟ ވެމްޕަޔަރުންނާއި ވިއަރވޫލްފްސް އިންނަކީ އުޅޭ އެއްޗެއްނޫން. ވާހަކަތަކާއި ފިލްމް ތަކުގައި އުޅޭ ފޭކް ބަޔެއް. ވެމްޕަޔަރސް ސަކް......" ދާނިޝް ފޯނުން ގަޑި ބަލާލުމަށްފަހު ކޮޅަށް ތެދުވެއްޖެއެވެ.
" އަޅުގަޑަށް ވެސް އެގޭ އެއީ ހަގީގަތެއް ނޫންކަން. މި ބްލޫ ރޯޒް ހާދަ ރީއްޗޭ..." އަލީޒާ ބޭނުންވީ މައުޟޫ އޮޅުވާލުމަށެވެ. ރޭގަނޑު ބިރުވެރި ވާހަކަ ތައް އަޑުއަހަން ވެއްޖެއްޔާ އޭނަ ބިރުން ހިތްހުއްޓިދާނެއެވެ.
" ހުރިހާ މާތައް ވެސް ގެންދޭ ބޭނުމިއްޔާ...." ދާނިޝް އެވާސް އަލީޒާއާއި ގާތަށް ޖައްސާލަމުން ބުނެލިއެވެ.
އަލީޒާ ދެރަވީ ދާނިޝްގެ އަތުން އެމާތައް ހަދިޔާ ނުކުރީތީއެވެ. އެކަމަކު އޭނަ މިރޭގެ ހަދާނަކަށް މިމާތައް ގެންދާނެއެވެ. އުމުރަށް ރައްކާކުރާނެއެވެ. ހިތާމައަކީ މިރޭ އަލީޒާ އުއްމީދު ކުރިގޮތަކަށް ނުދިޔައީތީއެވެ. ދާނިޝް މިހާ ދުރުދުރުން އުޅެނީ ކީއްވެހެއްޔެވެ؟ ލޯބި ހުށަހެޅިނަމައެވެ. ހަދާން ނައްތާނުލެވޭނެ ފަދަ ރެއަކަށް ހެދިނަމައެވެ. ކޮންމެ ގޮތެއްވިޔަސް އެކުވެރިވެވިއްޖެއެވެ. ދަންނަ މީހަކަށްވެވިއްޖެއެވެ. އެއީވެސް ހާދަ ބޮޑުވަރެކެވެ. ބޮޑު ކުރިއެރުމެކެވެ. ކުއްލިއަކަށް އަލީޒާ އަށް ހަމަ ބިމަށް އާދެވިއްޖެއެވެ. ތަރިތަކުގެ ދުނިޔޭގައި ބުރުޖަހާލާފައި އާދެވުނުކަހަލައެވެ. ސިކުނޑި ރަގަޅަށް މަސައްކަތް ކުރަން ފެށުމުން އަލީޒާ ވަރަށް ބޮޑަށް ލަދުގަނެއްޖެއެވެ. އޭނަ އާއި ޑޮކްޓަރ ދާނިޝް އާއި ދެމެދު ހާދަ ބޮޑު ފަރަގެއް އެބަހުއްޓެވެ. އެކަށީގެންނުވާހާ މައްޗަށް އަރަން އުޅެވުނީތީ އަމިއްލަ ނަފުސަށް މަލާމާތް ކުރިއެވެ.

ދާނިޝްގެ މެސެޖްތަކާއި އުއްބައްތީގެ އަލީގެ ކެއުމުގެ މަގުސަދެއް ނުވިސްނުނަސް އަލީޒާއަށް ޔަގީންވީ މިއީ ލޯބީގެ ބައްދަލުވުމެއް ނޫންކަމެވެ.
" ވަރަށް ލަސްވެއްޖެ. ގެއަށް ދާންވީދޯ......."ދާނިޝް ދާން ހިނގައިގަތުމުން އަލީޒާ ވެސް ދޮރުން ނުކުތުމާއިއެކު އޭނަގެ ހަމުގައި ބޮސްދިން ފިނި ވައިރޯޅިތަކުން ހީކަރުވާގޮތްވިއެވެ. ދާނިޝް އޭނަގެ އަތުގައި ހިފާލާނެނަމައެވެ. އުނަގަޑުގައި އަތް އަޅުވާލާނެނަމައެވެ. ކޮޓެޖް ހުރި މަގުގެ ފަޅުކަމާއި ނާމާން ކަން އަލީޒާ އަށް އިހުސާސް ކުރެވުނީ މަގަށް ނިކުމެވުނީމައެވެ. އަލީޒާ އަށް ކުރިން އެކަމެއްވެސް ފާހަގަ ނުކުރެވުނެވެ. އަލީޒާ ބިރުގަތް ނަމަވެސް އެކަމެއް ނުދައްކާ ދާނިޝް އާއި އެއްވަރަކަށް ހިނގާލާފައި ދިޔައެވެ. ދާނިޝް މިފަހަރު ހިނގަމުން ދިޔައީ ފުދޭވަރަކަށް ލަސްކޮށެވެ. ޖީބަށް އަތް ޖަހާލައިގެން ހުރެއެވެ.
" ތޭންކްސް ފޯރ އެވްރީތިން. ޑިނަރ ހަމަ ބެސްޓް...." އަލީޒާ ބުނަން ބޭނުންވާ އެއްޗެހިން ސިކުނޑި ފުރިފައިވިނަމަވެސް މާގިނަ ވާހަކަދައްކާނެ ހިތްވަރެއް ނުލިބުނެވެ.
" ވެލްކަމް. އަދި އެއްރޭ ދާންވާނެދޯ..." ދާނިޝް ކަތި ނަޒަރަކުން ބަލާލާފައި އެހެން ބުނެލަމުން އެމަގުން ދިޔަ ކާރެއް ހުއްޓުވިއެވެ. ޑްރައިވަރ އަތަށް ލާރިވެސް ދިނީ އޭނަ އެވެ. 
" ގުޑްނައިޓް..." ލުއި ހިނިތުންވުމަކާއިއެކު ދާނިޝް ކާރުގެ ދޮރުފަތް ލައްޕާލަދީފައި ދާން އެނބުރިލިއެވެ. ކޮޓެޖް ހުރި ގޯޅިއާއި ދިމާލަށެވެ.
ފަހުދުވަހު އަލީޒާ އީނާގާތު ކޮޓެޖް ކިޔާ ގެއެއް ދަންނަންހެއްޔޭ ކިޔާފައި ސުވާލުކުރިއެވެ. އިވުނީ އޭނަ ހީވެސް ނުކުރާފަދަ ޚަބަރެކެވެ. އީނާ ބުނިގޮތުން އެއީ ނާމާން ފަޅު ގެއެކެވެ. ހަންޑި ހާއްޔެކެވެ. އެގެ ފަޅަށް ހުންނަތާ ދިހަވަރަކަށް އަހަރުވެދާނެއެވެ. އެގޭގެ ވެރިންނަށް ވެސް އަދި ކުއްޔަށްވެސް މީހަކަށް އެގޭގައި އުޅެވޭ ގޮތެއްނުވިއެވެ. ފަރުނީޗަރު ތައް ދަމާ ތަށި އެއްޗެހި އެނދުން ދަމާވައްޓާ އުދަގޫ ކުރާވަރުންނެވެ. އަލީޒާއިނީ ދެލޯ ބޮޑުކޮށްގެން އަނގަ ހުޅުވިފައެވެ. ވީއިރު އެރޭ އޭނައާއި ބައްދަލު ކުރީ ހަންޑި އެއްހެއްޔެވެ؟ ވިސްނާލުމުން ހަނދާންވިއެވެ. ފުރަތަމަ އޭނައާއި ދިމާވީ އާދަޔާޚިލާފަށް ކުޑަ މީހެކެވެ. ދަތްތައް ހުރީ ބޭރަށެވެ. އެމަޚުލޫގު އޭނައަށް އޮޅުވާލަން ދާނިޝްގެ ސިފަ ޖެހިގެން ހުރީ ހެއްޔެވެ؟ މިވީ ކިހިނެއްހެއްޔެވެ؟ ދެންވާނީ ކިހިނެއްބާވައެވެ. ގާތްގަނޑަކަށް ޔަގީންވެއްޖެއެވެ. އޭނާ އާއި ދިމާވީ ދާނިޝްގެ ސިފަ ޖެހިގެން ހުރި ހަންޑިއެކެވެ. އޭނައަށް އެކަންތައް ވިސްނައި ނުގަނެވުނީ ކީއްވެހެއްޔެވެ؟ އޭނަ ދެން ސަލާމަތްވާނެ ހެއްޔެވެ؟ 
މިޝައްކުތަކާއި ވަހުމްތައް ފިލުވާލެވޭނީވެސް ދާނިޝް އާއި ބައްދަލުކުރެވިގެންނެވެ. އޭނަ ދާނިޝް އަށް ގުޅަން ކުރިހާ މަސައްކަތްވީ ބޭކާރެވެ. ދާނިޝް ޑިޔުޓީއަށް އައީއެއްވެސް ނޫނެވެ. އީނާ ކާރީގައިވެސް ކޮޓެޖްގައި ދާނިޝް އާއި ބައްދަލުކުރި ވާހަކަ ބުނާކަށް ނުކެރުނެވެ. އެހެން މީހަކާއި ހިއްސާކުރުމެއްނެތި އަމިއްލައަށް ބިރުވެރި ޚިޔާލުތައް ކުރަމުންގޮސް ސިކުނޑިފަޅައިގެންގޮސް ދާނެހެން ހީވާން ފަށައިފިއެވެ.

ދާނިޝް ކޮޓަރިއަށް ވަންއިރު އެތަނުގައި ރަސްކަންކުރަނީ ރަތްކުލައިގެ އުއްބައްތިތަކުގެ ހިތްގައިމު އައްޔެވެ. މަންމަބާވައެވެ. ނޫނީ އޭނަގެ ލޯބިވެރިޔާގެ އަމަލެއްހެއްޔެވެ؟ ދާނިޝް ކުޑަދޮރުތަކުން ބޭރަށްބަލަން ފެށިއެވެ. ދުރުދުރަށްދާންދެން ފެންނަނީ ހަނދުވަރުގެ ރިހި އަލިން ފެންވެރިފައިވާ ގަސްތަކެވެ. ހިމޭންކަމެވެ. ދާނިޝް މޯޅިއަކަށް ދެމިލުމަށްފަހު އެނބުރިލިތަނާ އޭނަގެ ނަޒަރުގައި އަޅައިގަތީ އެނދުމަތީގައި އޮތް ރަތްކުލައިގެ ނުފޮޅޭފިނިފެންމަލަކާއި ރަންކަރުދާހުގެ ޕާރސަލްއެކެވެ. 
ދާނިޝް އަށް ވަގުތުން އެއީ ކާކުގެ ހަދިޔާއެއްކަން އެގުނެވެ. ތެޅިތެޅިވާ ހިތަކާއި އެކު ދާނިޝް ކަރުދާސް ނިއުޅާލުމަށްފަހު ފޮށި ހުޅުވާލައިފިއެވެ. އެއީ "ޖޭ" އަކުރުގެ ފަށުފުލެއްލާފައި އިން ކަޅުކުލައިގެފަށެކެވެ. ދާނިޝް އެފަށްކަރުގައި އެޅިއެވެ. ލޯގަނޑުދޮށުގައި ހުއްޓުނެވެ. ގުޅޭވަރުން އޭނަގެ ކަނދުރާއަށްޓަކާއި ތައްޔާރުކޮށްފައިވާ އެއްޗެއްފަދައެވެ. ދާނިޝް ހިނިތުންވެލިއެވެ. ކޮޓަރި އެހާ އިޝްގީވެފައި އުއްބައްތިތަކުގެ ހިތްގައިމު އަލީގެ ތެރެއަށް ގެނބިފައިވެއެވެ. ހަމަ އެކަނި މަދީ އޭނަގެ ލޯތްބެވެ. އޭނަ އަންނާނެނަމައެވެ. އަދި އިތުރު ހަދިޔާ އެއް އޭނަ ބޭނުމެވެ.
ދާނިޝް ލޯގަނޑުދޮށުގައި ހުރެ އޭނަގެ ލޮލަށް ލައްވާފައިވާ ކަޅުކުލައިގެ ލެންސް ނެގިއެވެ. އުއްބައްތީގެ އަލީގައި ފެހިކުލައިގެ ދެލޯ ފެނުނީ އާދަޔާޚިލާފު ރީތިކޮށެވެ. މަންމަ ބުނާގޮތުން ވިއްޔާ އެދެލޮލަށް މީހުންގެ ވިހަ ލޯތައް އަމާޒުވާނެއެވެ. އެސްފީނާ ޖެހޭނެއެވެ. އޭނަގެ ހަގީގީ ލޮލުގެ ކުލަ މީހުނަށް ފޮރުވަން މަސައްކަތް ކުރަނީ އެހެން ސަބަބުތަކާއި ހުރެއެވެ. އޭނަގެ ބާރުގަދަ ލޮލުގެ ސަބަބުން އަންހެންކުދިންގެ ހިތްތައް ހަލާކުކޮށްލަން ބޭނުންނުވާތީއެވެ. އެންމެ ލޯބިން ގެންގުޅެން ބޭނުން އަންހެންކުއްޖާ ވެސް ވަނީ އޭނަގެ ލޮލުގެ ޖާދުގައި ޖެހި ހެޔޮ މަގުން ކައްސާލާފައެވެ . ދާނިޝް ޓީޝާޓް ބޭލުމުން ޖިންސް އިޝްތިހާރަކާއި ތަފާތެއްނެތެވެ. ނޫކުލައިގެ ޖިންސް އެކަސްރަތީ ހަށިގަނޑަށް އެހާވެސް ހެޔޮވަރެވެ. ދާނިޝް ރަތް ފިނިފެންމަލުގައި ބޮސްދިންއިރު ތަނަވަސް މޭމަތީގައި އޮތް ފަށުގައި އަތްލެވުނެވެ.
އެހެންރޭރޭ މިގަޑީގައި އޭނަގެ އާދައަކީ ފެންވަރާ ދަތް އުނގުޅާ ހަދާލައިގެން ނިދެންދެން ނެޓަށް ވަނުމާއި ފިލްމު ބެލުންފަދަ ކޮންމެވެސް ކަމެއްކުރުމެވެ. ފެންވަރަން ހުރެވެނީ އަޑުގަދަކޮށް ހެވީމެޓަލް ލަވަތައް ޖަހާލައިގެންނެވެ. މިރޭ އެއްވެސް ކަމަކަށް ޝަވްގެއްނެތެވެ. އޭނަ އެނދަށް ވެއްޓިގަތެވެ. ހުޅުވާލެވިފައިވާ ކުޑަދޮރުތަކުން ވަންނަމުން ދިޔަ ފިނިފިނި ވައިރޯޅިތައް ހުރަހެއް ނެތި އޭނަގެ ހަށިގަނޑުގައި ފިރުމަމުން އިސްތަށިގަނޑަށް ގޯނާ ކުރަމުން ދިޔައެވެ. އެފިނި އިހުސާސްތަކުން ލިބެމުންދިޔަ އަރާމަކުން ލޯމަރާލެވުނަސް ނިދީގެ އަސަރެއް ނެތެވެ. އޭނަގެ ހިތަށް އުދަގޫވެ ދެލޯ ތެމޭގޮތްވިއެވެ. އޭނާއަކީ ބާރުގަދަ ހިތްވަރުގަދަ ޒުވާނެކެވެ. ރޮއިއުޅެނީ ކުޑަކުދިންނާއި އަންހެނުންނެވެ. ފިނޑިންނެވެ. އޭނަގެ ބާރާއި ހިތްވަރުގަދަކަން ވެއްޔާއި މޮޑެވިގެން ދިޔައީހެއްޔެވެ؟ ދާނިޝްއަށް ގަބޫލުކުރަން ދަތިވިއެވެ. ބޭރުފުށުން އޭނަ ދައްކަމުން ދާ ހަރުކަށިކަމާއި އެ އުސޫލު ތައް ކޮންމެވެސް ވަރަކަށް ނެތިގެން ދިޔައީ އެކަނި ލޯތްބަށްޓަކައެވެ.
ޑްރެސިންޓޭބަލް މައްޗަށް އެއްލާލާފައި އޮތް ފޯނު ވައިބްރޭޓްވާތާ ކޮންއިރެއްހެއްޔެވެ؟ އެގުޅާމީހަކު ވަރުބަލިނުވަނީ ހެއްޔެވެ؟ ފޫހިވެގެން ހުއްޓާލާކަށްވެސް ނޫޅެއެވެ. އެންމަ ފަހުން ދާނިޝް ކަންނެތްގޮތަކަށް ތެދުވެގެންގޮސް ފޯނު ނިވާލަން އުޅެނިކޮށް މެސެޖް ތަކެއް ހުރިކަން އެގުނެވެ. އަލީޒާ މިދަންވަރުވެސް އޭނައަށް އުދަގޫ ކުރަނީ ހެއްޔެވެ؟
" ވަރަށް މުހިއްމު ވާހަކަ އެއް ބުނެލަން މީޓް ކޮށްލަން ބޭނުން. ޕްލީޒް. ޕްލީޒް. މާދަން އަޅުގަޑަށް 5 މިނިޓް ދެވިދާނެތަ؟" 
އަލީޒާ އޭނަގެ ފަހަތުން ފިލާނީ ބޮނޑިއެއް ބޮއިގެން ހެއްޔެވެ؟ ބަލާލަން އެހާ ރީތިއިރު ހަމަ އެވަރަށް މޮޔަ އަންހެން ކުއްޖެއް ހެއްޔެވެ؟ ހާދަ ނުވިސްނެއެވެ. އޭނަ އާއި ގުޅިގެން އެކުއްޖާގެ ޙަޔާތް ބަރުބާދުކޮށްލަން ބޭނުމީހެއްޔެވެ؟

ކޮމެންޓް 0