" މަމް. އަހަންނަކީ ކުޑަ ކުއްޖެއް ނޫން. މަގޭ ގަޔަށް އަތްލުމުގެ އެއްވެސް ހައްގެއް މަމް އަކަށް ނޯންނާނެ. އޯކޭ؟ އެހެންނޫނަސް ކޮންމެ ފަހަރަކު ބައްޕަ އަށް ގުޅާފައި އަހަރެންގެ ނުބައި ކަމުގެ ވާހަކަ ދައްކާއިރު މަމް ހަމަ އެހާ ރަގަޅުތަ؟ މަމް ގެ ޑާރކް ސިކްރެޓް ބައްޕަ އަށް އެގިލައްވައިފިއްޔާ؟ ތިކަހަލަ ފާފަ ތަކުގެ ސަބަބުން ނަސްލު އޮޅުވާލެވޭތީ އެތައް ބަޔެއްގެ ދިރިއުޅުން ހަލާކުވެގެން މިދަނީ. ޖީނާ އަކީ ބައްޕަގެ ދަރިއެއް ނޫންކަން އަހަންނަށް އެގޭ......." ދާނިޝް ގެ އެންމެފަހު ޖުމްލަ ބުނެލީ ފަރުޒާނާ އަށް އެކަނި އިވޭހާ މަޑުންނެވެ. މަލާމާތުގެ ހިނިތުންވުމަކާއި އެކީގައެވެ. މިއީ ދާނިޝް ފަރުޒާނާ އާއި ދިމާލަށް ބުނަން ފުރުސަތެއް ނުލިބިފައި އޮތް ވާހަކައެކެވެ.
އެވަގުތު ފަރުޒާނާ ގަނޑުވިއެވެ. މުޅިމީހާ ބިރުވެރި ގޮތަކަށް ރޫރޫ އަޅައިގެން އަރިއަޅާނުލީ ކިރިޔާ އެވެ. މޫނު ވަނީ ދަލުން ފެންވެރިފައެވެ. ފަރުޒާނާ އަވަސްއަވަހަށް ސޯފާ އަކަށް ތިރިނުވިނަމަ އޭނާ އަނބުރައިގަތީހެވެ. އޭނަ އަށް ސޯފާ ގެ އަތްގަނޑުގައި ހިފަހައްޓާލެވުނީ ބާރު ބާރަށެވެ. ދާނިޝްއަށް މި ސިއްރު އެނގުނީ ކިހިނެއްބާވައެވެ. ދާނިޔާލް އާއި ޝާހާން އޭނަ އަށް ހާދަ އިހުތިރާމް ކުރެއެވެ. ގަދަރު ކުރެއެވެ. ދާނިޝް ހާދަ ގޮތްކުޑައެވެ. ދުވަހުން ދުވަހަށް ނުބައި ވަމުން ގޮސް ވަކަރުގޭ ދަރިއެއްފަދަ ވެއްޖެއެވެ.

" މަމް ޑޯންޓް ވޮރީ. ދި ސިކްރެޓް އިޒް ސޭފް ވިދް މީ...." ދާނިޝް ތެޅިފައިވާ ބިއްލޫރިތަކަށް ނާރާ ހިނގާލާފައި ގޮސް ދޮރުކަނީގައި އަތް ވިއްދާލައިގެން ހުރެ ބޭރަށް ބަލަން ފެށިއެވެ. މިރޭ ކިތަންމެ ދިގު އިންތިޒާރެއް ކުރިޔަސް ޖީނާއާއި ދިމާ ނުވާނެ ކަން އޭނައަށް ޔަގީން ކުރެވުނެވެ. މާމަގެ ގެއަށް ދިޔައީ ކަމަށް ވެދާނެއެވެ. ގޭގަ ހުރުމުން މިރޭ ހައްތާ މޫޑު ގޯސްވާނީއެވެ. ޝާހާން އާއި ދާނިޔާލް ދިޔަ ތަނަކުން ނިމިގެން ކޮޓެޖް އަށް އައުމަށް އެދޭނީ އެވެ. އޭރުން މަޖާ ކޮށްލެވިދާނެއެވެ. ސަކަރާތް ޖަހާލެވިދާނެއެވެ. 
ފަރުޒާނާ އަދިވެސް އިނީ ހިމޭނުންނެވެ. ކަރުނައިން ފުރި ބަންޑުން ވަމުންދާ ދެލޮލުން ހުސްކަމުގެ ތެރެއަށް ބަލަހައްޓައިގެން އިނދެވުނީ ކިހާ އިރެއްވަންދެން ކަމެއް ވެސް ނޭގެއެވެ. ދާނިޝް ދިޔަތޯ ބަލަން އިސްއުފުލާ ބަލާލާނެ ހިތްވަރެއްވެސް ނެތެވެ. ހަމަހޭވެރިކަންވީ ހަމަދު އާއި ދާނާ ކޮޓަރި ސާފުކުރަން ފެށުމުންނެވެ.
މެޑަމް އާއި ދޭތެރޭ ހަމަދްމެންގެ ހިތް ހަމްދަރުދީ އިން ފުރުނެވެ. މިއީ މިގޭތެރޭގައި ދާނިޝްގެ ކުރިމަތީގައި އޭނަގެ މައިމީހާގެ އަގެއްނެތެވެ. ނިކަމެތިކޮށްލަނީ ހާދަ ވަރަކަށެވެ. އެކަމަކު މާލޭ އެންމެން ގަދަރު ކުރާ މޮޅު ޑޮކްޓަރެކެވެ. އަބަދާއަބަދު ހިތާމަ ކުރާތަން މިފެންނަނީއެވެ. ދާނިޝަ އެހާ ނުލަފައީ ކީއްވެހެއްޔެވެ؟ އެހާ ރުޅިގަދައީ ކީއްވެހެއްޔެވެ؟ އިންސާނެއްހެއްޔެވެ؟ ދާނިޝް އައިފަހުން އެންމެން އުޅެންޖެހިފައިވަނީ ހާސްކަމެއްގެ ތެރޭގައެވެ. ނުތަނަވަސްވެފައެވެ. ކޮންމެވެސް ގޯހެއް އެބައުޅެއެވެ. ހަމަދު ވެސް ކިތަންމެ ފަހަރަކު ގަސްތަކުގެ ތެރެއިން ގޮތް ނޭގޭ އަލިކޮޅުތަކާއި ހަލުވި ހިޔަނި ތަކެއް ދެކެފިއެވެ. އެކަނި ހުރެ ދާނިޝް ހީހީފައި "ޚިޔާލީ އެކުވެރިޔާ" އާއި ވާހަކަދައްކާތަން ފެނިއްޖެއެވެ. އެފަދަ ކޮންމެ ފަހަރަކު ހަމަދު ބިރުން ފިތްކަނޑައިގެން ދާވަރުވެއެވެ. މިގޭގަ ހުރެވެނީ މުސާރަ ރަގަޅު ވީމައެވެ. އުޅެން ފަސޭހަ ވީމައެވެ. ކެއުމުގެ ފެންވަރު ރަގަޅު ކަމުންނެވެ. ދާނިޝް އެބުރިދިޔުމަށް އެދި ހަމަދު ދުޢާ ކުރި އަދަދެއް ވެސް ނޭގެއެވެ.

ކޮޓެޖް ހުންނަ މަގަށް ވެރިވެފައި ވަނީ ފުން ހިމޭންކަމެކެވެ. ފަޅި ހަނދެއްގެ ފަނޑު ހަނދުވަރު ކޮންމެވެސް ވަރަކަށް ބިޔަ ގަސްތައް ފުރޭނިގެން ވީރާނާ މަގަށް އެޅިފައި އޮތެވެ. ދޭތެރެއަކުން ބާރު ވައިރޯޅިއާއެކު ގަސްތަކުގައިވާ ހިކިފަތްތައް ފައިބައިގަނެއެވެ. ކޮޓެޖް އާއި ވީ ފަޅި އޮތީ ފަތްތަކުން ފުރިފައެވެ. ގަސް ތަކުގެ ހިޔަނި ގޭގެ ފާރުގައި ނަށާތީ ގޭގެ ނާމާން ކަން އިތުރުކަމަށް ދައްކައެވެ.
މާހައުލަށް ވެރިވެފައިވާ ހިމޭންކަން މުގުރާލީ ކޮޓެޖް އިން ނުކުމެގެން އައި ޒުވާން ކުދިން ކޮޅެކެވެ. ކުލަކުލައިގެ ރީތި ސްޓައިލިޝް ހެދުންތަކުގައި ވާ މިކުދިންކޮޅު މަޑުމައިތިރިކަމާއިއެކީ ވާހަކަ ދައްކަމުން މަގުގެ އެއްކައިރިން ހިނގާލާފައި އައިއިރު ބިންމަތީގައިވާ ހިކި ފަތްތައް ފައި ދަށުވެ މުރުމުރުވަމުން ދިޔައެވެ. ދާނިޔާލް ރިހާނާ ޝާހާން އަދި ޝައުނާ ދިޔައީ އަތު ގުޅުވާލައިގެންނެވެ. ދާނިޝް ހިގާލާފައި ދިޔައީ އޭނަގެ ބެސްޓްފްރެންޑް ކޮނޑަށް އަތް ވައްޓާލައިގެނެވެ. އެކީގައި ހިގާލަން އަންނާނެ ލޯބިވެރިޔަކު ނުވަތަ އަންހެނުން ނެތީމައެވެ. އެވަގުތުކޮޅުވެސް އަލީޒާގެ ހަނދާންތައް ހިތަށް ވެރިވެފައި ދާނިޝް ނުތަނަވަސްވިއެވެ.
މަގުގެ އެއްފަރާތުން ހިނގަމުން ދިޔަ ދެބައި އުމުރުގެ އަންހެނަކު އަނދިރީގައި ހުއްޓިލައިގެން ހުރެ އެ ޒުވާނުނަށް ބަލަން ފެށިއެވެ. އޭނަ ހުރީ ރަތް ހެދުމެއްގައެވެ. ވަރަށް ހިއްކެވެ. 
"އެންމެނަށް އެބަ ފެނޭތަ؟ އެހެރީ ހަންޑިއެއް...... " ދާނިޝް ޝައުނާ އާއި ރިހާނާ ބިރުގަންނަވާލަން ބުނެލިއެވެ. އެކުދިން ގަތީ އަމަށަކު ބިރެއްނޫނެވެ. ވަރަށް ފިނޑިވިއެވެ. ތޫލި އަޑަކުން ހަޅޭއްލަވައިގެންފާ ދެކުދިން ބާރަށް ދުއްވައިގަތެވެ. ދާނިޝް މެން ހޭން ފެށިއެވެ. ދާނިޔާލް މެން އެކުދިން ފަހަތުން މައިމަގާއި ދިމާލަށް ދިޔައެވެ. އެމީހުން ދިޔައީ ޗިޕްސް އާއި ކޯކް ގަންނަންވެސް ވެފައިވާތީއެވެ. ދާނިޝް ވަނީ ތަކުރުބެ ހުޅުވައިގެން އުޅޭ ކަޑާއަށެވެ. އެތަނުގައި ވިއްކަން ހުންނަ ހެދި ބިލެއް މީރުކަމުން ދާނިޝް މެން އާއްމުކޮށް އައިސް އުޅެއެވެ. ތަކުރުބެ ހުންނަނީ މިކުދިންގެ ރީތިކަމާއި އުޅުން ހުންނަގޮތުން ފާޑެއްގެ ޝައްކު ތަކެއްގެ މަތީގައެވެ. މާލެއިން އާއްމުކޮށް ފެންނަ ޒުވާނުންނާއި ތަފާތުކަމެއް އެބަހުއްޓެވެ. ރާއްޖޭކަމެއް ހެނެއްވެސް ހިޔެއްނުވެއެވެ.
ތަކުރުބޭ ބިލެތްހަދަން ހުއްޓާ އެއްލުނު ކަޅިއަކުން އޭނައަށްފެނުނީ ގޯޅީގެ އަނެއްފަރާތުގައި ގަހެއްގެ ހިޔަނީގައި ހުއްޓިލައިގެން ހުރި ޒުވާނެކެވެ. ފުރަތަމަ ހީކުރެވުނީވެސް ހިޔަންޏެއްކަމަށެވެ. އޭނަ ހުރީ ފާރުގައި ފައި ޖައްސާލައިގެން ތަކުރުމެނަށް ބަލަހައްޓައިގެނެވެ. ކަނު އަނދިރީގައި އޭނަ އެހެރީ ކީއްވެހެއްޔެވެ؟ ތަކުރުބޭ ބޯ އަރިކޮށްލާފައިވެސް އެ ޒުވާނާ ގެ މޫނު ފެނޭތޯ ބަލަންފެށިއެވެ.
" ކޯޗެއް ފެންނަނީ؟ " ތަކުރުބޭ ބަލާވަރުން ދާނިޝް އަށް އުދަގޫ ވިކަހަލައެވެ.
" ކަޅު ހެދުމުގައި ފާރަށް ލެގިލައިގެން އެހެރީ ކާކު ކަން ނޭގިގެން މިބެލެނީ.....ފެނޭތަ؟" ތަކުރުބޭ ވައިއަޑަކުން ކިޔާލިއެވެ.
" ކޮބާ؟ އެބަހުރިތަ؟ " ދާނިށޝް ފަރުވާކުޑަ ގޮތަކަށް ކޮނޑު އަރުވާލިއެވެ.
އަޖައިބެކެވެ. ދާނިޝްއަށް ވެސް އެމީހަކު ނުފެންނަނީހެއްޔެވެ؟ ތަކުރުބޭ ދޮރުމައްޗަށް ނުކުތެވެ. އެ ޒުވާނާ ދެތިން ފިޔަވަޅު ކުރިއަށް ޖެހިލިއެވެ. އޭނާ ހުރީ ލޯ އަޅާލައިގެންނެވެ. ތަކުރުބެއަށް ބިރުވެރިކަން އިހުސާސްކުރެވުނީ އެލޮލުގެ ސަބަބުންނެވެ. ތަރިތަކެއްފަދައިން ވިދަވިދާހުރި ތޫނުފިލި ދެލޮލެވެ. ތަކުރުގެ ގަޔަށް ނުބައި ޒާތެއްގެ ހީލިގަނޑެއް އަރައިގެން ދިޔައެވެ. ކަނދުރާގައިވާ ލޯލިތައް ކޮޅަށް ޖެހުނެވެ. ދެލޯ ރަގަޅަށް ފޮހެލާފައި ބެލިއިރުވެސް އެ ޒުވާނާ ހަމަ އެހުރިގޮތަށް އެބަހުއްޓެވެ. މިއީ އޭނަ ގެ ސިކުނޑިއަށް ފެންނަކަމެއް ނޫނެވެ. އޭނަ އަވަސް އަވަހަށް އެތެރެއަށް ވަނެވެ.
" ހާދަ ފާޑަކަށް އެ ބަލަނީ. އިންސާނެއް ނޫން..." ތަކުރުބޭ ގެ އަޑު ތުރުތުރުލައެވެ.
"އަޅާނުލާ. އެމީހުން އުޅުނަސް ކޮންކަމެއް ދޯ. ބިރުނުގަނެބަލަ ތަކުރުބޭ. ފަހަރެއްގައި މިއިން ބިލެއްގަނޑެއް ބޭނުންވެގެން ހުރީ ކަމަށް ވެސް ވެދާނެ..." ދާނިޝް ހިނިއައެވެ. ހުރިހާ އުމުރެއްގެ މީހުން ވެސް މިޖިންނި ޝައިތޯނުން ދެކެ މިގަންނަނީ ކޮން ބިރެއްހެއްޔެވެ؟ އެކަމަކު ހުރިހާ މަޚުލޫގުންނަށް ވުރެ މާތްކަމާއި ބާރު ދެއްވާފައިވަނީ އިންސާނުންނަށް ނޫންހެއްޔެވެ؟ ހާދަ ނުވިސްނެއެވެ.
އަދިވެސް އެޒުވާނަކު ގުޑިނުލާ އެބަހުއްޓެވެ. އިސްކޮޅުން ދިގުވެފައި ބިޔައެވެ. ޖިންނި ރަސްދަރިކަލެއްހާ ފުރިހަމައެވެ. ދާނިޝް މެންގެ ސިފަ ޖެހިގަނެގެން އޭނަ މިހިރީ ކީއްވެހެއްޔެވެ؟ މި ކުއްޖާއާއި ވައްތަރެވެ. އެކަމަކު ތަކުރުބެއާއި އަވަލާންވީ ކީއްވެހެއްޔެވެ؟ އޭނައަކީ އުމުރުން ހަތްދިހަ އަހަރުވެފައި ހުރި މުސްކުޅިއެކެވެ. ރީތި އަންހެންކުއްޖަކު ހޯދަންދާންވީ ނޫންހެއްޔެވެ؟ ތަކުރުބެ ބަލަން ހުއްޓާ ކުއްލިއަކަށް އެ ޒުވާނާ ގެއްލުނެވެ. ވަނީ ބިމަށް ކަމަށް އެރީ ހަވާ އަށް ކަމެއްވެސް ނޭގުނެވެ. ތަކުރު އަވަސް އަވަހަށް ދުލަށް އައިހާ އެއްޗެއް ކިޔަވާފައި ގަޔަށް ފުމެންފެށިއެވެ. މާގިނަ އިރު ހުންނާކަށް ވެސް ދެނެއް ނުކެރޭނެއެވެ. އަވަސް އަރުވާލާފައި ދާނިޝް އަށް ތިން ބިލެތް ގަޑު ދިނުމަށްފަހު ތަކުރުބެ ދޮރު ތަޅުލިއިރު އޭނަ ގެ އަތް ވެސް ތުރުތުރުލައެވެ. އޭނަ ހިނގައިގަތީ ދެފައި ދަނޑިއަށް ލެވުނުހާ ބާރެއްލާފައެވެ. އޭނަ ދިޔައީ މުއީނު ގާތަށް ތަވީދެއް ހެއްދުމަށެވެ. ތަވީދާއި ނުލައި މި ކަޑާ އަލުން ހުޅުވައިގެން އިންނާކަށް އޭނައަކަށް ނުކެރޭނެއެވެ. މައިމަގަށް ނުކުމެވުން ފެންނަހާ މީހެއްގެ ގާތުގައި އޭނަ އެފެނުނު ޖިންނީގެ ވާހަކަ އެތައްތަނެއް ބޮޑުކޮށްލައިގެން ކިއެވެ.

ދާނިޝް އިރުކޮޅެއްވާންދެން ޖީނާގެ ހަރަކާތްތަކަށް ބަލަހައްޓއިގެން ބެލްކަނީގައި ހުއްޓެވެ. ޖީނާ ހުރީ ހުދުކުލައިގެ ތުނި ޓޮޕްކޮޅަކާއި ޖިންސެއްލައިގެނެވެ. ކުދި ކުދި ގުރަޔެއް އަތުލަންވެގެން އޭނަ ހާދަ ވަރަކަށް މަސައްކަތްކޮށްފިއެވެ. ގަސް ތަކުގެ ތެރޭގައި ދުވެދުވެ އޭނަގެ ދޮން މޫނުވަނީ ދަލުން ފެންވެރިފައެވެ. ކުރުކޮށް ކޮށާލެވިފައިވާ ފަން ބޯއިސްތަށިގަޑު ވަޔާ ވިހުރެމުން އެނާގެ ލޮލަށް ވަންނަމުން ދިޔައެވެ. ހާސް ފަހަރު އަތުން އިސްތަށިގަޑު މޫނުމަތިން ނެގިޔަސް ފައިބައިގަނެއެވެ.
" އިޑިއަޓް......... " ޖީނާ ދުވެ ދުވެ ވަރުބަލިވުމުން ފުން ނޭވާތަކެއް ލަމުން ތުން އޫކޮށްލާފައި އުކުޅުގައި އަތް ވިއްދާލިއެވެ. އޭނަ ބަލަހައްޓައިގެން ހުރީ ރުޅިވެރިގޮތަކަށެވެ. ލޯ ހަނިކޮށްލައިގެނެވެ. ގުރާ ފޮނިވެލާފައި ޖީނާއަށް ތުއި ދައްކަމުން ލަވަ ޖަހަމުން އުދުހެމުން ދިޔައެވެ. އެންމެ ފަހުން ޖީނާ ގަހަށް އެތިފަހަރެއް ވީއްލާލާފައި އޫއި އޭކިޔާފައި ހަޅޭއްލަވައިގަތެވެ. އަތަށް މާބޮޑަށް ތަދުވީއެވެ. އޭނަ އަތުގައި ފިރުމަން ފެށިއެވެ. އެ އަތް ހުރީ ބެންޑޭޖް ވެސް ކޮށްލާފައެވެ.

ބެލްކަނީގައި އެމަންޒަރު ދެކެން ހުރި ދާނިޝްގެ ތުންފަތް މައްޗަށް ހިނިތުންވުމުގެ އަސަރުވެރިވިއެވެ. ޖީނާ އޭނަ ކޮޕީ ކޮށްލަން މަސައްކަތް އެބަކުރޭތާއެވެ. އޭނަގެ ސަބަބުން މައުސޫމް ލޯބި އަންހެން ކުއްޖަކު މުޅިން ހަލާކުވެ ނިމިގެން ދަނީއެވެ. ޖީނާ އާއި ވާހަކަ ދައްކާލަން މިހާ އެކަށީގެންވާ ވަގުތެއް ލިބޭނެކަމެއް ނޭގެއެވެ. ގޭގެ އެންމެން ވީ ޑިޔުޓީގައެވެ.

ދާނިޝް ވިދުވަރެއްހާ ހަލުވިކޮށް ސިޑި ގިރާކޮށް ގެއިން ނުކުތެވެ. ދެވަނަ ސިކުންކުޅުގައި އޭނަ ހުރީ ޖީނާގެ ކުރިމަތީގައެވެ. ޖީނާ އަށް ލިބުނު ސިހުމެއްގެ ބޮޑުކަމުން އަނގަ ހަދާލައިގެން ހުރެވުނީއެވެ.
"ޖީން... އަތް ބެންޑޭޖް ކުރީ ކިހިނެއްވީތަ؟ " ސަބަބު އެނގުނަސް ދާނިޝް އަހާލިއެވެ.
ޖީނާ އަށް ކޮޅަށް ހުރުން ދަތިވިއެވެ. އޭނަ އަވަސް އަވަހަށް ފަހަތަށް ޖެހެމުން ގޮސް އަނބު ގަހުގެ އެހީ ހޯދިއެވެ. ހިތުގެ ތެޅުން ހަތަރު ގުނަ އިތުރުވެ ކަރުތެރެ ހިކުނެވެ. ދާ ތިކިތައް ވިދަމުންދިޔަ މޫނަށް ފިނިފެންމަލުގެ ކުލަ ވެރިވެގެން ދިޔައެވެ. ދާނިޝް އަށް ލިބުނީ ހައިރާންކަމެކެވެ. ހަމަ ކުއްލިއަކަށް ދަންނަ މޫނަކާއި ޖީނާ އާއި ވައްތަރުގޮތެއް އެބަހުރިކަމަށް ފާހަގަ ކުރެވުމުންނެވެ. މޫނަށް ވެރިވާ ކުލައެވެ. އިސްތަށިގަނޑެވެ. ލޮލާއި ތުންފަތުގެ ބައްޓަމާއި ކުލައެވެ. 
" އަނގައިން ހަމަ ނުބުނާނީތަ؟ " ދާނިޝް ގަހުގެ ތިރި ގޮފިގަނޑެއްގައި އަތްއަޅުވާލަމުން މޮޑެލް ގޮތަކަށް ހުއްޓިލިއެވެ.
މިވަގުތު ފޮޓޯ އެއް ނެގޭނެނަމައެވެ. އިރުގެ ރަންއަވި ކޮންމެވެސް ވަރަކަށް އެޅިފައި ހުރުމުން އެ ލޮލުގައި ވަނީ ބުނެދޭން ނޭގޭފަދަ ރީތި ކުލައެކެވެ. މައްސަލައަކީ ހިތްފުރެންދެން ބަލަހައްޓައިގެން ހުންނަން އުދަގޫ ކަމެވެ. ޖީނާ ހިން ދިރުވާލިއެވެ. މިހާ ފިނޑިވެގެން ލޯބިވެވޭނީ ކިހިނެއްހެއްޔެވެ؟ އެކަމަކު ހާދަ ހުރަސްތައް ގިނައެވެ. ދާނިޝް ގެ ލޯބިވެރިޔަކީ އެހެން މީހެއްކަން ފަނާ ގެ ފަރާތުން ޖީނާއަށް ވަނީ އެނގިފައެވެ.
ކުއްލިއަކަށް ޖީނާއަށް ހިތްވަރު ލިބުނެވެ. މިހާ ފިނޑިވެގެން ލޯބި ނުހޯދޭނެއެވެ. ރެޑްހޭންޑްކޮށް ހިފިދާނެކަމުގެ ބިރު އޮތްވާ އޭނަ ވަނީ ދާނިޝްގެ ކޮޓަރިއަށްވަދެ ހިތުގެ އަޑު އިއްވާދީފައެވެ. ވީއިރު މިހާ އެކަނިވެރި ލިބުނު ފުރުސަތު ގެ ބޭނުން ނުހިފާ ދޫކޮށްލަންވީހެއްޔެވެ؟ ހިތް އެދޭހާ ކަމެއް ނުކުރެވެންޏާ ދުނިޔޭގައި އުޅުމުގެ ބޭނުމެއް އޭނަ އަކަށް ނުފެނެއެވެ.
" ނޫން. ބައިވަރު ވާހަކަ ދައްކަން ބޭނުން..." ޖީނާ އަތުގެ ތުނި ނިޔަފަތިތަކާއި ކުޅެލަމުން ލޯބިން ފުރިގެންވާ ނަޒަރަކުން ދާނިޝް އަށް ބަލާލިއެވެ.
ދާނިޝް މަޑުމަޑުން ހިނގާލާފައި ގޮސް އިށީނީ ވިނަގަޑުމަތީގައެވެ. ވައިލެޓް އޮރެންޖް އަދި ރީދޫ ކުލައިގެ ކުދިކުދިމާތަކެއް ފޮޅިފައިވާތީ އެ ވިނަގަޑު ފެންނަލެއް ވަރަށް ހިތްގައިމެވެ. ބަލާލަން ކޮންފަދަ ރީތި ގުދުރަތީ ފުރިހަމަ މަންޒަރެއްހެއްޔެވެ؟ ޖީނާ ބަލަހައްޓައިގެން ހުރީ ތަފާތު ގޮތަކަށެވެ. އެސްފިޔަވެސް ޖަހާނުލައި ހުވަފެނީ ދުނިޔެއެއްގައި ހުރިކަހަލައެވެ. ދުނިޔެ މަތިން ވެސް އޭނަ ހަދާނެއް ނެތް ފަދައެވެ. އިރުކޮޅަކަށް ނަމަވެސް ހޭވެރިކަން ގެއްލިގެން ދިޔައެވެ. ދުވެފައި އައިގޮތަށް ދާނިޝް ގެ ގައިގާ ހިފައިގަނެގެން ވިނަގަޑު މައްޗަށް ވެއްޓިގަނެވުނީއެވެ. ޖީނާ އަށް ތަކުރާރުކޮށް ފެންނަމުން ދާ ރީތި ފޮނި ހުވަފެން ތައް ހަގީގަތަކަށް ވާނެއެވެ.
" ދާނިޝް ......................" މީހަކު ކަރު ފަޅައިގެން ދާހާ ބާރަށް ހަޅޭއްލަވައިގަތުމުން ޖީނާ ސިހިފައި ތެދުވެ ބަލައިލިއިރު އޭނަގެ މަންމަ ފަރުޒާނާގެ މޫނު ބަނަކަމުގެ އިންތިހާއެވެ.
ދާނިޝްވެސް އަތުން އިސްތަށިގަޑު ރީތިކޮށްލަމުން ވިނަގަޑުމަތިން ތެދުވެއްޖެއެވެ. ގަދަ ނޫކުލައިގެ ޓީޝާޓާއި އަވީގެ ސަބަބުން އެ ނޫކުލައިގެ ދެލޮލުގެ ކުލަ ވަކިން ރީތިކަމަށް ދައްކައެވެ. އޭނަ ހުރީ ބުމަ ގޮށްޖަހާލައިގެން ނުރައްކާތެރި ގޮތަކަށް ލޯ އަޅާލައިގެނެވެ. ފަރުޒާނާގެ ސަބަބުން ރީތި ފުރުސަތެއް ގެއްލުނީތީ ރުޅިއައިކަހަލައެވެ. ޑީސަލް ޖީންސް ގެ ޖީބަށް އަތް ޖަހާލަމުން އޭނަ ދެން ބަލާލީ ރޮވިފައި ހުރި ޖީނާ އަށެވެ." ޖީން... މިވީ ގޮތުން އެހެންފަހަރަކުން މިވާހަކަ ދައްކާނީ ދޯ...."
ދާނިޝް ބިންމަތީގައިވާ ގާކޮޅެއްގައި ފައިންޖަހާލުމުން އެ ގާކޮޅު ވައިކަފާލާފައިގޮސް ޖެހުނީ ލޮލަށް ނުފެންނަހިސާބު ދުރުގައެވެ. ކޮންމެވެސް ސިފައެއްގައި އޭނަގެ ރުޅިވެރިކަން ދައްކާނުލައި ހަމަ ނުހުރެވޭނެހެއްޔެވެ؟ އެވަގުތު އެގޭގައި ގެންގުޅޭ ބޮޑު މަކާއޯ " ސްމޯކީ " އުދުހިލާފައި އައިގޮތަށް ދާނިޝް ގެ ކޮނޑަށް ތިރިކޮށްލިއެވެ. ފަރުޒާނާ ހީކުރީ އޭނަ އަށް ޖެއްސުމަށް ދާނިޝް އެސޮރަށް ވެސް ރަހުމު ކުޑަ އަނިޔާ އެއްކޮށްފާނެ ކަމަށެވެ. އެބާރުގަދަ މުށުގެތެރޭގައި ލާ ޗިސްކޮށްލާކަށްވެސް ފަހެއް ނުޖެހޭނެ ވިއްޔާއެވެ. އެކަމަކު އޮޅިގެންނަމަވެސް އެމޫނުމަތީގައިވާ ހަރުކަށިކަން ފިލައިގެން ދިޔައެވެ. އޯގާތެރިކަމާއި ލޯބިން އެ ދެލޯ ވިދަންފެށިއެވެ. ދާނިޝް މިފަދައިން އާއިލާ އާއި ދޭތެރޭ ރަހުމް ނުކުރަނީ ކީއްވެހެއްޔެވެ؟ ހަރުކަށިކަމާއި ރުޅވެރިކަން ގޭތެރޭގައި ދައްކަނީ ކޮންކަމަކާހެއްޔެވެ؟
" ހޭއި ސްމޯކީ. ވަޓްސްއަޕް....." ދާނިޝް ވަރަށް ލާނެއްގޮތަކަށް ފަރުޒާނާގެ މޫނަށް ބަލާލިއިރު ފަރުޒާނާ ހުރި ގަނޑުވެފައިކަހަލަ ގޮތަކަށް ދާނިޝް އަށް ބަލަހައްޓައިގެނެވެ. ފަރުޒާނާ އޮޅިގެންވެސް ނުބައި ހަރަކާތެއްކޮށްލައިފިނަމަ ދާނިޝް ކޮންމެވެސް ބިރުވެރި ކަމެއްކޮށްލަފާނެކަން ޔަގީނެވެ. ރިމޯޓަށް ފިތާލައިފިނަމަ ބޮމް ގޮވާފާނެވިއްޔާއެވެ. 
" ދާނިޝް... މީހުން ވާހަކަ ދައްކަނީ ތިސިފައިގާކަމެއް އަދި އަހަންނަށް އެގިފައެއް ނެތް...."
ރުޅިގަދަވެގެން ގޮސް ތުރުތުރުއަޅަ އަޅާ ހުރެވެސް ފަރުޒާނާ ވާހަކަ ދެއްކީ މަޑުމައިތިރިކޮށެވެ. ރީތިކޮށެވެ.
"ވަޓްއެވަރ..........." ދާނިޝް ބުނެލިއެވެ.
" ހެޔޮނުވާނެ..އަހަރެން ކީއްކޮށްގެން ދާނިޝް ތިހެން އުޅެނީ...." ފަރުޒާނާ ކެތްތެރިވެލަމުން ބުންޏެވެ.
" ހީވާގޮތުގައި މިއުމުރުގައި އެންމެންވެސް ކުށް ކުރާނެ....ދޯ ސްމޯކީ.. ސޮރީ މަމް..." ދާނިޝް ގެ އެ މާނަވީ ޖުމްލައިން ފަރުޒާނާ ގެ ރުޅިގަޑު އިތުރުކޮށްލާފައި ދާނިޝް ދިޔައީއެވެ. ހަމަ އެ މޮޑެލް ހިގުމެވެ. ޖީނާގެ ހިތްމަތިގައި ފައި އަޅަމުންނެވެ. ލަދުންނާއި ވީ ދެރައިންގޮސް ސިކުނޑި ހަމައިން ނައްޓާލަން ކާރިވެފައިހުރިއިރުވެސް ޖީނާ އަށް ދާނިޝް ގެ ހުރިހާ ހަރަކާތަކަށް ބެލުނެވެ.
ފަރުޒާނާ ވެސް ދަތްކުނޑިވިކައިގެންފާ ރުޅިއާއި ނަފްރަތުން ފުރިގެންވާގޮތަކަށް ދާނިޝް ދާ މަންޒަރު ބަލަހައްޓައިގެން ހުއްޓެވެ. އެ ނުލަފާ ކުއްޖާ ހަމަ އެހާބޮޑާވެ ފޮނިވަނީ މާތް ﷲ ދެއްވި ރީތި ސިފަތަކުގެ ސަބަބުންނެވެ. މިވީހާ ތަނަށް ދޮންދަރިންގެ ރީތިކަމާއި މޮޅުކަމާއި މެދު ފަޚުރުވެރިވިޔަސް ފަރުޒާނާ މިވަގުތު ދުޢާ ކުރީ ދާނިޝް ގެ ސިފަ ހުތުރުވުމަށެވެ. އެ މޫނު ފިހޭނެނަމައެވެ. ލޯ އަދިރިވާނެ ނަމައެވެ. 
ފަރުޒާނާގެ ތުންފަތް ތުރުތުރުއަޅަން ފެށިއެވެ. ލޮލުގައި ގިނަވެގަތް ކަރުނަ ތައް އޮބިނޯވެގެން ބަންޑުންވާންފެށިއެވެ. ހިތާމަ އާއި ރުޅީގެ ސަބަބުން އޭނަ މޮޔަވާން ކާރިވެއްޖެއެވެ. އޭނަގެ އުފާވެރިކަން ނިގުޅައިގަންނަން ދާނިޝް އެއުޅެނީ ކީއްވެހެއްޔެވެ؟ ދުޝްމިނެއްފަދައިން އޭނަގެ އިއްޒަތާއި ގަދަރު ވެއްޔާއި މޮޑެލަން އެ މަސައްކަތް ކުރަނީ ކީއްވެހެއްޔެވެ؟ އޭނަ އަކީ ގައިމު ދޮންދަރިންނަށް ނުބައި އަންހެނެއް ނޫނެވެ. ދޮންމަންމަ ދޮން ނިޔަދުރެއްފަދައޭ އެ ބުނާ ބުނުމަކީ ދޮގެއްކަން އޭނަ ވަނީ އަމަލާއި ބަހުން ސާބިތު ކޮށްދީފައެވެ. އޭނަގެ ދޮން ދަރިން ކަމަށްވާ ދާނިޔާލް ޝާހާން އަދި ދާނިޝް އާއި މެދު މިވީހާތަނަށް އޭނަ ކަންތައްކޮށްދީފައިވާނީ މަޔެއްފަދައިންނެވެ. ހާދަ ހެޔޮކޮށެވެ. ހާދަ އޯގާތެރިކޮށެވެ. މައުމޫންގެ ހިތުގައި އޭނަގެ އިއްޒަތާއި ގަދަރު އަދި ލޯބި އިތުރުކުރަން ފަރުޒާނާ ނުފޮރުޅާ އެންމެ ގާކޮޅެއްވެސް ނުބާއްވައެވެ.

އެކަމަކު ދާނިޝް ދޮންމަންމަގެ ހެޔޮކަމުގެ ބަދަލުގައި އެހެރީ އޭނަ އާއި އޭނަގެ ދަރިފުޅު ގެ ހަޔާތް ބަރުބާދުކޮށްލަން ތައްޔާރަށެވެ. އޭނަ ޒުވާން އިރުއްސުރެ ވަންހަނާކޮށްފައިވާ އެފަދަ ބޮޑު ސިއްރެއް ދާނިޝް އަށް އެނގުނު ގޮތަކާއި މެދު ވިސްނަމުންގޮސް ރޭގަޑު ނިދި އޭނައަކަށް ނުލިބެއެވެ. ސިކުނޑިވަނީ ސުވާލު މާރކް ތަކުން ފުނިޖެހިފައެވެ. އެއްފަހަރުވެސް ބޮލުން ރިހުން ފިލައިގެނެއް ނުދެއެވެ.
ފަރުޒާނާ ފުރަތަމަފަހަރަށް އޭނަގެ ދަރިފުޅު ޖީނާގެ މޫނުމަތީގައި އެތިފަހަރެއްޖެހިއެވެ. ކަންފަތުގައި ހިފާ ދަމަމުން ގޮސް ސިމެންތި ގޮޑިއަކާއި ދިމާލަށް ކޮށްޕާލިއެވެ. 
" ޖީނާ.. އެއީ ކަލޭގެ ބޭބެ އޭ...އެވަރުނޭގޭތަ؟ އެއީ ކަލޭގެ ބޭބެ ...ލަދެއްނުގަނޭތަ؟ ހާދަ ވިޔާނުދާވެގެން ތިއުޅެނީ....." ފަރުޒާނާ " ބޭބެ " މި ލަފުޒަށް ކިތަންމެ ބާރުލާފައި ކިޔަސް ދާނިޝް އާއި ޖީނާގެ ކާވެނި ހުއްދަނުވާފަދަ ލޭގެ ގުޅުމެއްނެތް ކަން އެންމެ ބޮޑަށް ޔަގީންކުރެވެނީވެސް ހަމަ ފަރުޒާނާއަށެވެ.
ޖީނާ މައުމޫންގެ ނަންކިޔަސް ޖީނާގެ ހަގީގީ ބައްޕައަކީ މުޅިން އެހެން މީހެކެވެ. އެއީ ކާކުކަން އެގިއްޖެއްޔާ މި އާއިލާ އަށް ބޮޑު ޝޮކެއްލިބޭނެއެވެ. އުމުރު ދުވަހުވެސް ފަރުޒާނާގެ ދިރިއުޅުމަށް މިހާ ބޮޑު ތޫފާނެއް ކުރިމަތިވިކަމެއް ނޭގެއެވެ. އޭނަ ހީވަނީ އޮއިގަދަ މާސިންގާކަނޑެއްގައި ގެބެމުންދާހެނެވެ. ސަލާމަތްކޮށްދޭނެ އެހީތެރިއަކު ނެތި އެކަނިވެރިވެފައިވާ މީހެއްފަދައިންނެވެ. ކޮންމެ ވަގުތަކުވެސް ނޭވާ ހުސްވެދާނެއެވެ. ތެދެކެވެ. އޭނާވެސް ޖީނާގެ އުމުރުގައި ރީތި ޒުވާނެއްގެ ލޯބީގައި މޮޔަވެގެން ކުށެއްކުރިއެވެ. ކުރެވުނެ ފާފައިގެ ސަބަބުން ތައުބާވެ ރަގަޅު ދިރިއުޅުމެއްހޯދިއެވެ. ތިންފިރިހެން ދަރިން ގެ ދޮންމަންމައަކަށް އޭނާ ވީ ކޮންމެވެސް މީހެއްގެ ފަރާތުން ބަދަލު ހިފުމަށެވެ. އެކަމަކު އާޚިރުގައި ލަޑުލިބެން މިއުޅެނީ އޭނައަށެވެ.
ޖީނާ މޫނުގައި އަތްއަޅައިގެން އިދެ ރޮމުން ދިޔައެވެ. އަދިވެސް އޭނަ ގެ ނޭފަތުގައި ހިފާލާފައިވަނީ ލުއިމީރުވަހެކެވެ.
" ޖީނާ ހަދާންކުރާތީ....ދާނިޝް އާއި ދެން އަގައިން ބުނިކަންއެގުނަސް ޖީނާ އަށް ފެންނާނީ އަހަރެން ގެ ފުރާނަ ނެތް މަސްގަޑު....." ފަރުޒާނާގެ އަރުތެރެ ބެދުނެވެ.

ކޮމެންޓް 0