"ސޮރީ........އަޅުގަޑު..........." އަލީޒާ އާގަނެފައި އެއްޗެކޭ ބުނަން އުޅުނެވެ

"ތީތި ބަހައްޓާ. ޖީނާގެ އެއްވެސް އެއްޗެއްގައި އަތްލައިގެން ނުވާނެ...." ހަރުކަށި އަމުރުވެރި އަޑެކެވެ. އަލީޒާގެ މެޔަށް ފިނިވެގެން ދިޔައެވެ. ސިހުނުވަރުން ޓެޑީ އަތުން ދޫވިއެވެ. ފަރުޒާނާ ހީވީ އުދުހިލާފައި އައިހެނެވެ. އަލީޒާ ގެ ބުރަކަށީގައި އަތް އަޅާކޮށްޕާލާފައި ފަރުޒާނާ ގުދުވެ އެ ޓެޑީ ނަގައިފިއެވެ. އަލީޒާއަށް އެނބުރި ބަލާލާކަށްވެސް ނުކެރުނެވެ. ބިންމަތީގައި އަތް ޖައްސާލެވުނުގޮތަކުން އަތަށް ތަދުވިނަމަވެސް މާބޮޑު ހާނިއްކައެއް ނުލިބުނެވެ.

"އަނގަމަޑުން ލައިގެން ހުރެބަލަ. ސާއިރާ ފަދައިން މިގެއިން ޖީނާގެ އެއްޗެހިން ވައްކަން ކުރަން އުޅޭއިރު ލަދުގެ ކަންފުޅެއްވެސް ނެތީތަ؟ ޖީނާ ކާލާފައި އެވަރުން ނުފުދިގެން މިގެއަށް ވަދެގަތީ ކޯޗެއް ފޭރިގަންނަންތަ؟ އެގެ ކުޑަވީތަ؟ ދުނިޔެ ކުޑަވީތަ؟ އޭނ....ބުނެބަލަ..... " ފަރުޒާނާ ލިބުނު ފުރުސަތުގެ ބޭނުން ހިފިއެވެ. ލޯ އަޅާލައިގެން ހުރެ އަލީޒާގެ އިސްތަށިގަނޑުގައި ހިފާ ބިންމަތިން ނެގިއެވެ. އަލީޒާގެ އިސްތަށިގަނޑަށް ވާންވެ ތަދުވިވަރުން ލޮލުން ފެންއައެވެ.
"ޑޭން............." އަލީޒާއަށް ގޮވާލެވުނީ ބޭއިޚުތިޔާރުގައެވެ. ބޮޑު ބައްޔެއް ނުވަތަ ހިތްދަތިކަމެއް ނުކުޅެދުމެއް ދިމާވާއިރު ގޮވާލެވޭނީ އެންމެ ގާތްފަރާތަކަށެވެ. އެންމެ ލޯބިވާ ފަރާތަށެވެ. ގިނަމީހުނަށް ގޮވާލެވެނީ މަންމައަށެވެ. އެކަމަކު އަލީޒާއަށް އެފަދަ ލޯބިވެތި މަންމައެއް ލިބިފައި ނެތީކަން ނޭގެއެވެ. މިފަދަ ކޮންމެ ވަގުތަކު ދުލުގައި ވަނީ ލޯބިވާ ދާނިޝްގެ ނަމެވެ. ދާނިޝްގެ ނަން އަޑު އިވުމުން ފަރުޒާނާގެ ދެލޮލުގައިވާ ނަފުރަތުގެ ވިދުވަރު ގަދަވިއެވެ.
"ކާކަށް ގޮވާކަށްތަ؟ ޑޭން އޭ. ވެމްޕަޔަރޭ ކިޔަންވީ ނު. ތި ނޫނަސް މިގޭގައި ފިރިހެނުން މީހުނާއި އިނދެގެން އެބަތިބި. ޝާހާން ގެ އަންހެނުން މާ މޮޅުވެފައި ރީތި . އެއީ ހުރިހާ ގޮތަކުން ބެލިޔަސް މިގެއާއި އަރަފޯދޭ ކުއްޖެއް. އެކަމަކު ތިވަރަކަށް ގޮތްދައްކާކަށެއް ނޫޅޭ. މާ ދެން ރޯމިޔޯ ޖޫލިއަޓް ވާހިތުން އުޅޭ ބަޔެއް. ކަލޭމެންގެ ފަރި ބަލާނެ މީހަކު މިގެއަކު ނެތޭ. އެހެންނޫނަސް މިފަދަ ގަނޑުވަރަކަށް ވަދެވުނީމަ ހިތްމޮޅުވެގެން ފެންވަރު އޮޅިފައި ތިހިރީ. .ޕާޓީ ރޭގައި ސާއިރާ ވައްކަން ކުރަން އޮތްވާ ވީޑިއޯތައްވެސް ނެގިން. މުޅި މާލެއަށް ބޭޒާރުކޮށްލާނަން. އަލީޒާމެން ގެ ފެންވަރަކީ އެއީނު. މައިމީހާ އަށް ދަރިން ދޫކުރާނެހެނެއް ހިޔެއްނުވޭ. ހަނގު ދަރި އެރޭ ރިސޯޓުން ދިޔައީ ތަށިތައް ކޮތަޅަކަށް ލައިގެން................. " ފަރުޒާނާ ރުޅިގަދަވެފައި ހުރިނަމަވެސް ދާނިޝް އައިސްދާނެތީ ކޮންމެވެސް ވަރަކަށް ޖެހިލުންވެއެވެ. އިރުއިރުކޮޅާ ފަހަތަށް ނޭގުމުގައިވެސް ބަލާލެވުނީ އެހެންވީމައެވެ. ފަރުޒާނާ އަލީޒާ ގެ އިސްތަށިގަނޑުގައި ހިފާ ލައްކިއެއް ޖަހާލުމަށްފަހު ދޫކޮށްލީ އެވަގުތަށް ހިތްފުރުމުންކަން ނޭގެއެވެ. 
އަލީޒާ ހުރީ ހިމޭނުންނެވެ. އެކަމަކު މިއަދު އޭނައަކަށް ނުރޮވުނެވެ. އެ ތޫނު ޖުމްލަތަކުން ހިތަށް މާބޮޑު އަސަރުތަކެއް ނުކުރިއެވެ. އޭނަ ހިތްވަރުގަދަ ކުއްޖަކަށް ވާން ފެށީހެއްޔެވެ؟ ދާނިޝްގެ ހިފެހެއްޓުމެއް ނެތް ލޯތްބާއި އޯގާތެރިކަމުގެ ސަބަބުން އެ ހިތަށް މިއަދު ލިބިފައިވާ ހަމަޖެހުން ފަރުޒާނާއަށްވެސް އެހެން އިންސާނަކަށްވެސް ދެން ފޭރިނުގަނެވޭނެކަން މިއަދު ޔަގީން ކުރެވިއްޖެއެވެ. އަލީޒާއަށް ހެވިއްޖެއެވެ. ފަރުޒާނާ މޮޔައީ ހެއްޔެވެ؟ ޖީނާ މަރުވުމުގެ ސަބަބުން ރަގަޅަށް ދުނިޔެއިން މޮޔަވީކަން ނޭގެއެވެ. 
"މަމް މައާފުކޮށްފިން......" އަލީޒާ ހިތާހިތުން ކިޔާލުމަށް ފަހު އެބުރުނީ ފަރުޒާނާ އެތަނުން ދިޔައީކަމަށް ހީކޮށެވެ. އަލީޒާގެ ހިނިއައިސްފައިވާތަން ފެނުމުން ފަރުޒާނާއަށް ހީވީ އޭނަގެ ގައިގާ ހުޅު ރޯވިހެނެވެ.

"މަށަށް މަލާމަތްކޮށްފައި ތިހެނީ؟ބަލާތި ކުޅިދައްކާލާނަން މަންޖެ...." ފަރުޒާނާގެ މޫނު ރަތްކަމުން ހީވަނީ އަނގުރު އަލިފާންގަނޑެއްހެނެވެ. އަލީޒާއަށް ފަރުޒާނާ ނަރުގަނޑުގައި ޖެއްސުމުގައި ކާމިޔާބުކުރެވިއްޖެއެވެ. އެކަމަކު އަލީޒާއަށް ނޭގުނީ އޭނަގެ ނަފުރަތުގެ މިންވަރެވެ. އެ ނަފުރަތުގެ އަސަރު މުޅި ހަށިގަނޑުގައި ހިގާ ކެންސަރު ފަދަ ފަސޭހަނުވާނެ ބައްޔަކަށް ވެގެން ހިގައްޖެއެވެ. އޭނަ އަލީޒާގެ ދެމަފިރިންނަށް ވަރުގަދަ ފިލާވަޅެއް ދޭނެއެވެ. އެކަމުގައި އޭނަ މަރުވެގެންދިޔަސް ހެޔޮއެވެ. ފަރުޒާނާ އިންޒާރުގެ ނަޒަރަކަށްފަހު ނަސީބަކުން އެތަނުން ދިޔައީއެވެ.
އަލީޒާ އޭނަގެ އިސްތަށިގަނޑު ރީތިކޮށްލުމަށްފަހު އެ ބްލިޒާޑް ނޫކުލައިގެ ވޫލްކޮޅުން އައްސާލައިފިއެވެ. ފަރުޒާނާ އޭނަގެ އިސްތަށިގަނޑު ލުއްސާނުލިކަން ނަސީބެއްނޫންހެއްޔެވެ؟ މި ޚަބަރު ދާނިޝްއަށް އެގިއްޖެއްޔާ ވާނެގޮތެއްވެސް އެނގެނީކީ ނޫނެވެ. ދާނިޝްއަށް އެއްވެސް ކަމެއް ސިއްރު ނުކުރަން ވައުދުވެފައި ފޮރުވުމަކީ ރަގަޅުކަމެއްހެއްޔެވެ؟ ކޮންމެހެން ތެޅިފޮޅިގެން ދުވަހުން ދުވަހަށް އެވާހަކަ ނުބުނެވުނަސް އެއީ މައްސަލައެއްނޫންތާއެވެ. ފަހުން ބުނާނީއެވެ. އަލީޒާ ދެފިކުރެއްގައި ހުރެ ސިޑިން މައްޗަށް އަރައިގެން ދިޔައެވެ.
ބެލްކަންޏާއި ހަމަޔަށް ގޮއްސަ އަލީޒާ ކޮޓަރިއަށް ވަނުމުގެ ޚިޔާލު ދޫކޮށްލާފައި ބެލްކަނީގައި ހުއްޓިލީ ދާނިޝްއަށް މެސެޖެއް ފޮނުވާލުމަށެވެ. ވާރޭ ވެހޭ މަންޒަރު ފެނުމުން ވަރަށް ބޮޑަށް ހަދާންވާކަމަށާއި ވާރެޔާ ތެމިލާހިތްވަނީ ކަމަށް ބުނެ ލޯބީގެ މެސެޖެކެވެ. ބެލްކަންޏަށް ކުޑަކޮށް ލެގިލައިގެން ހުރިއިރު ތުންފަތްމަތީގައި ވަނީ ލޯބިވެތި ހިނިތުންވުމެކެވެ. 

ޖަވާބެއް ނުލިބުމުން އަދިވެސް ދާނިޝް އުޅެނީ ތިއޭޓަރގައި އަވަދިނެތިކަން އެގުނެވެ.
އަލީޒާ ވާރޭވެހޭ މަންޒަރުންހިތަށް އުފާވެރިކަން ހޯދަމުންދަނިކޮށް ވާރޭ ހުއްޓާލައިފިއެވެ. އެކަމަކު އުޑުމަތީގައި ކަޅުކުލައިގެ ވިލާތައް ފުރޭތަތަކެއްފަދައިން ހަލުވިކަމާއި އެކު ދަތުރުކުރަމުން ދިޔައެވެ. އެ ވިލާތަކުން އެކި އެއްޗެހި ސިފަވަމުން ދިޔައެވެ. ފުރޭތަތަކާއި އަސްތަކެވެ. ދޫނިތަކެވެ. ކުޑައިރުގެ ހަދާންތައް އާވާންފެށިއެވެ.
އަލީޒާ އިރުކޮޅަކު ބެލްކަނީގައި ހުރެލާފައި އެބުރިދާން ގަސްތުކުރިތަނާ ފެނުނު މަންޒަރަކުން ސިހޭގޮތްވިއެވެ. ބެލްކަންޏަށް ލެނބިފައިވާ ގަހެއްގެ ގޮފިތަކުގެ ދޭތެރެއިން އޭނައަށް ބަލާލެވުނީ ޔަގީންކޮށްލުމަށެވެ. ހީވީ ހަމަ ރަގަޅަށެވެ. އެއީ ފަރުޒާނާ އާއި ސޮއްފޫރުއެވެ. ފަރުޒާނާގެ އަތުގައި ހިފަހައްޓާލައިގެން ހުރެ ސޮއްފޫރު ވަރަށް ހެވިލާފައި އެހެރީ ގަހެއްގެ ނިވަލުގައެވެ. ހަމަ ފަހަރި ބޭބެގެ ގުޅުން ހެއްޔެވެ؟ ހިޔެއް ނުވެއެވެ. މިއީ ހަމަ ހަގީގަތެއްހެއްޔެވެ؟ ހުވަފެނެއްހެއްޔެވެ؟ އަލީޒާ ގަބޫލުކުރަން ދަތިގޮތަކަށް އިރުކޮޅަކު ގަޑުވެލާފައި އެ މަންޒަރު ބަލަން ހުރުމަށްފަހު އެއްފަރާތްވެލިއެވެ. ވާގޮތަކުން ސޮއްފޫރުއަށް އޮޅިގެން މިދިމާލަށް ބަލާލެވިއްޖެއްޔާ އަލީޒާ ފެންނާނެއެވެ. 
މިއުމުރުގައިވެސް ލޯބީގެ ޑްރާމާތަކެވެ. މިފަދަ ގުޅުމެއް ހުއްދަވާނެހެއްޔެވެ؟ އޭނަގެ ކުރިމަތީގައި ސައްފޫރުގެ ގަދަރާއި އިއްޒަތްވެސް ވެއްޓިގެން ދާގޮތްވިއެވެ. ދާނިޝްއަށް އެގޭބާވައެވެ. ދާނިޝްއަށް އޭނަގެ ދޮންމަންމަ އާއި ބޮޑުބޭބެގެ މި ސިއްރު ގުޅުން އެގޭހެއްޔެވެ؟ މިފަދަ މާތް ގަދަރުވެރި އާއިލާތަކުގައިވެސް މިފަދަ އަނދިރި ސިއްރުތައް އޮންނަނީބާވައެވެ.
ދާނިޝް ތިއޭޓަރުން ނުކުތްއިރު ފުދޭވަރަކަށް ލަސްވެއްޖެއެވެ. ދާނިޝް ހުރީ އެހާ ސީރިޔަސް އޮޕަރޭޝަނެއް ކާމިޔާބުކަމާއި އެކު ނިންމާލެވުނީތީ ހިތްހަމަޖެހިފައެވެ. ޒުވާންފިރިހެންކުއްޖަކަށް އޭނަ މެދުވެރިވެގެން ޝިފާދެއްވި ފަރާތަށް ހުރިހާވެސް ޝުކުރެއް ހުއްޓެވެ.
އަލީޒާހަވީރު ސައި ނުބޮއި ދާނިޝްގެ އިންތިޒާރުގައި ހުންނާނެކަން ދާނިޝްއަށް އެގެއެވެ. ކިތަންމެ ވަރަކަށް ބަދިގެއަށް ވަނުން މަނާކުރިޔަސް އަލީޒާ ހިތްހަމަޖެހެނީ އޭންގެ އަތުން މީރުކޮށް ކާއެއްޗެހި ހަދާފައި ދާނިޝްއަށް ކާން ދެވުނީމައެވެ. ކޮޓެޖަށްވެސް ނޯކަރަކު ހޯދާކަށް އަލީޒާ ގަބޫލެއްނޫނެވެ. އޭނަ ބޭނުމީ ދާނިޝްގެ ހުރިހާ ޚިދުމަތެއްގައި އޭނަ ހުރުމަށެވެ. ދާނިޝްއަށް ކޮށްދެވޭ ހުރިހާ ކަމަކުން އަލީޒާއަށް ލިބެނީ ބުނަންވެސް ނޭގޭފަދަފޮނި އުފާތަކެވެ. 
ދާނިޝް އައިސްގޭޓްއިން ނުކުމެގެން އައިއިރު ތުނިކޮށް ވާރޭ ވެހެމުން ދިޔައެވެ. ތެތްފިނި ފަޒާއެކެވެ. ރަތްވިލާދަޅަތައް އުޑުމަތީގައި ފެތުރެމުން ދިޔައެވެ. ދާނިޝް ހަލުވިކަމާއި އެކު ސިޑި ކަޑައްތުކޮށް މަތީބަޔަށް ދިޔައެވެ. އަލީޒާއަށް ގުޅިއިރު ފޯނު އެންގޭޖްއެވެ. ދާނިޝް ބެލްކަންޏަށް ނުކުތްއިރު އަލީޒާ އިނީ ބަގީޗާތެރޭގައި ހުރި ގަހަކަށް ލެގިލައިގެން ވަރަށް ހެވިފައި ކޮންމެވެސް މީހަކާއި ވާހަކަ ދައްކާށެވެ.
ދާނިޝް އެހިސާބަށް ދާން ނެގީ ފަޅިސިކުންތުކޮޅެކެވެ. 
"ނޫނޭ. ދާނިޝްއަށް ނޭގޭނެ އެއްގޮތަކަށްވެސް. އެގިއްޖެއްޔާ އަހަރެންގެ ދުވަސް ދިޔައީ......." އަލީޒާ ތަންކޮޅެއް މަޑުން ބުންޏެވެ.

އަލީޒާ ވަރަށް ހެވިލާފައި ހުރެ ވާހަކަ ދައްކަމުން އަނެއް ފަރާތަށް އެބުރުމާއިއެކު ސިހުނުވަރުން އަތުން ފޯނު ދޫވިއެވެ. ނޭވާ އެތެރެހަށީގައި ތާށިވިއެވެ. ވަގުތުން މޫނުމަތީގައި ވާ ހިނިތުންވުން ފިލައިގެން ގޮސް ނިތްކުރީގައި ދާތިކިތައް ވިދަން ފެށިއެވެ. އެ ދޮންމޫނު ބީޓްރޫޓެއްހާ ރަތްވެގެން ދިޔައެވެ. ސިއްރު ވައްކަމެއް ކުރަނިކޮށް ފަޅާއެރިޔަސް އަލީޒާ މިވަރުގެ ލަދެއް ގަންނާނެކަމެއް ނޭގެއެވެ.

"ރާއްޖެއަށް ސާޅީސް ފޫޓް ގެ ސުނާމީ އަރަން އެބައުޅެޔޭ ބުންޏަސް ތިވަރުގެ ޝޮކެއް ނުލިބުނީސް ދޯ.......ހަމެޖެހިބަލަ......" ދާނިޝް ގެ މޫނުމަތިން އެއްވެސް އަސަރުތަކެއް ނުފެނެއެވެ. ދާނިޝް މަޖަލަކަށް ހަދާފައި ސުނާމީގެ ވާހަކަ ބުނީވެސް އަލީޒާ ކަންބޮޑުވެގެން އެވާހަކަ ދައްކާވަރުންނެވެ. އަލީޒާ ސުނާމީގެ ތަޖުރިބާއެއްކޮށްފައި ނެތަސް މަންމަފަރާތު އާއިލާއަށް އެ ތަޖުރިބާ ކުރެވި އަލީޒާއަށްވެސް އެ ވާހަކަތައް އެތައްފަހަރު މަތިން އިވި ހިތް ބިރުގެންފައިވާތީއެވެ.
ދާނިޝް އޭނައާއި މެދު ވިސްނާނެ ގޮތެއްވެސް ނޭގެއެވެ. އޭނަގެ އެންމެ ފަހު ޖުމްލަތައް ރީއްޗަށް ދާނިޝްއަށް އަޑުއިވޭނެކަން އޭނަ ދެނެހުއްޓެވެ. ސަމާސާ ގޮތަކަށް ދާނިޝް ގެ ވާހަކަ ހުރިނަމަވެސް މިސިކުންތުކޮޅު މި ގުޅުން ބިއްލޫރިކޮޅެއްހާ ނާޒުކްކަން އަލީޒާއަށް އެނގުނެވެ. ދޮގު ނުވަތަ ތެދު ހަދައިގެންވެސް ފަރުޖެއްސޭނެފަދަ ވަގުތެއްނޫނެވެ. އޭނަ ވާހަކަ ދެއްކީ އީނަ އާކަމަށް ބުނަން އުޅެފައިވެސް އަލީޒާ ހިމޭންވިއެވެ. މިހާ ސީރިޔަސް ވަގުތެއްގައި ބުނެވޭ އެފަދަ ދޮގަކުން މުޅިއުމުރަށް އިތުބާރު ގެއްލިގެން ހިގައިދާނެތީއެވެ.

ދާނިޝް ގުދުވެ އަލީޒާގެ ފޯނު ބިންމަތިން ނެގިއެވެ. ވާރޭ ވެހުމުގެ ސަބަބުން ހެދިފައިވާ ޗަކަ ފެންގަޑުގައި ފޯނުޖެހުމާއިއެކު ބުރައިގެން ދިޔަ ކިސަޑު އަލީޒާ ލައިގެން ހުރި އައިސްބްލޫ ޖިންސްވެސް ހަޑިކޮށްލައިފިއެވެ.
ދާނިޝް ބަލާލީ އަލީޒާ ގުޅައިގެން ހުރި ނަމްބަރަށެވެ. އެއީ ލޭންޑްލައިނެކެވެ. އަލީޒާ ކޮންމެ ނަމްބަރަކަށް ގުޅައިގެން ކޮންމެ މީހަކާއި ވާހަކަ ދެއްކިޔަސް ދާނިޝްގެ ފަރުވާލެއް ނެތެވެ. ހިތުގައި ސުވާލެއްވެސް ނުއުފެދޭނެއެވެ. އެއަށް ވުރެ އެދެމެދުގައިވާ ލޯތްބާއި ވަފާތެރިކަން މާބޮޑެވެ. އެކަމަކު މިވަގުތު އަލީޒާ ގެ މޫނުން އެ ފެނުނު ކަންބޮޑުވުމާއި ލަދުވެތިކަމުގެ ކުލަވަރުން ކިތަންމެ ލޯބިން އުޅުނަސް އިންސާނެއްވިއްޔާ ޝައްކުނުކުރެވިއެއް ނުދާނެއެވެ. އަލީޒާ އޭނައަށް އެއްވެސް ކަމެއް ނުފޮރުވަން ވައުދު ވިނަމަވެސް ކޮންމެވެސް ކަމެއް ސިއްރު އެބަކުރާކަން ދާނިޝްއަށް ޔަގީންވިއެވެ.
"ހިނގާ ގެއަށް ދަމާ. މިވާހަކަ ދެއްކޭނީ ތަންކޮޅެއް ހަމަޖެހިލައިގެން. ޖިންސްވެސް ކިލާވެއްޖެދޯ......." ދާނިޝް ބާރުބާރަށް ހިގާލާފައި ގޮސް ކާރަށް އެރިއެވެ. ދޮރުޖެހީ ބަންލާފައެވެ. ބަލާލީވެސް ތުންފަތުގައި ދަތްއަޅާލަމުން އެ " އިންޒާރު" ގެ ނަޒަރުންނެވެ. އަލީޒާގެ ހިތްވެސް ގުޑައިގެން ދިޔައެވެ. ދާނިޝް މޫނުން ރުޅީގެ އެއްވެސް ނިޝާނެއް ނުދެއްކިޔަސް އޭނަގެ އަމަލު ހުރިގޮތުން އަލީޒާއާއި މެދު ހިތްހަމަނުޖެހިފައިވާކަން އެގެއެވެ. ނިއުކްލިއަރ ސައިންޓިސްޓަކަށް ނުވިޔަސް އެވަރު އޭނަގެ ސިކުނޑިއަށްވެސް ވިސްނުނެވެ.


"ޓޫ މިނިޓްސް....." އަލީޒާއަށް ދެވަނަފަހަރަކު ދާނިޝް ގެ މޫނަށް ބަލާލާކަށްވެސް ނުކެރުނެވެ. ކުށުގެ އިހުސާސްކުރެވޭލެއް ހަމަ ބޮޑީއެވެ. އޭނަ ހަގީގަތް ހާމަކޮށްފިއްޔާ ދާނިޝް މިހާރަށް ވުރެ ބޮޑަށް ރުޅިއައުންގާތެވެ. އެންމެ ބުއްދިވެރިގޮތަކީ ހިމޭނުން ހުރުމެވެ. އަލީޒާ އަވަސްފިޔަވަޅުތަކެއްގައި ގެއަށް ވަނެވެ. އޭނަ ހަވީރު ސަޔަށް ހެދި އެއްޗެހި ކޮންމެހެންވެސް ދާނިޝްއަށް ނުދީ ނުކެވޭނެއެވެ. ހަމަދު ކާކޮޓަރީގައި ކާން ހަދަން ހުއްޓެވެ. އަލީޒާ ފެނުމުން ހަމަދު ބަލާލީ އެއްޗެކޭ ބުނަން ބޭނުންވާފަދަ ގޮތަކަށެވެ. ހަމަދު ދާނިޝް ފެނުނީމަ ބިރުން ފިލާކަން އަލީޒާ އަބަދުވެސް ދަނެއެވެ. ސަބަބުވެސް އެގެއެވެ. ދާނިޝްގެ ސަބަބުން އެފަކީރު ނަފްސާނީ ބައްޔެއްޖެހުނީ ނޫންކަމެއްވެސް ނޭގެއެވެ. އެކަމަކު އަލީޒާ އެކަނި ފެނިއްޖެއްޔާ އޭނަ ބަލާވަރުން އުދަގޫވާވަރުވެއެވެ. 

. "މެޑަމް. މެޑަމް. ވާހަކަ ބުނަނީ ތިބޭ...."ހަމަދު ތަންކޮޅެއް މަޑުން ބުންޏެވެ
"މިހާރު މަޑުކުރެވޭކަށް ނެތް.......ލަސްވަނީ.." އަލީޒާ ފޫހިވާގޮތްވިނަމަވެސް ކުޑަކޮށް ހީލިއެވެ. ހަމަދު މިވަރަށް ބަލަނީ ކީއްވެހެއްޔެވެ؟ ދާނިޝް ގާތު ބުނަން ނުކެރެނީވެސް ދާނިޝް ހަމަދުއާއި ދިމާލަށް އެއްޗެކޭ ބުނެފާނެތީއެވެ. އަނެއްކާ ހަމަދު ދައްކަން އުޅެނީ ފަރުޒާނާގެ ވާހަކައެއްބާއެވެ. ކިތަންމެ ޝައުގުވެރިވިނަމަވެސް ދާނިޝްއަށް ލަސްވެދާނެތީ މަޑުނުކޮށް ކާކޮޓަރިން ނުކުތެވެ.
އަލީޒާ އަވަހަށް ކާއެއްޗެހި ޕާރސަލްކޮށްލުމަށްފަހު ދުވަމުން ދުވަމުން ގޮސް ކާރަށް އެރުމާއި އެކު ވާރޭ އޮއްސައިގަތީ ވަރަށް ބޯކޮށެވެ. ހީވީ ކާރުމައްޗަށް ކުދިއޮށްގާތައް ފައިބައިގަތްހެނެވެ. ބިއްލޫރިގަނޑަށްވެސް ވާރޭގެ ބޮޑެތި ތިކިތައް ކެޑިނޭޅި ހަމަލާދެމުން ދިޔައެވެ. އަލީޒާގެ ހަދާނަށް އަންނަން ފެށީ ކޮޓެޖް ގެ ބަގީޗާތެރެއެވެ. ބޯވާރޭގެ ތެރޭގައި ކޮޓެޖްގެ ބަގީޗާގެ ތެރޭގައި ދާނިޝްއާއި އެކު ވަގުތު ހޭދަކުރެވުމުން ހިތަށް އެލިބެނީ ކޮންފަދަ ބޮޑު އުފާތަކެއްހެއްޔެވެ؟ ވާރެއާއި އިޝްގުގެ މިއޮތީ ކޮން ގުޅުމެއް ހެއްޔެވެ؟މިވަގުތުވެސް އަލީޒާ ބޭނުމީ އުފާކޮށްލުމަށެވެ. މަޖާކޮށްލުމަށެވެ.

"ޑޭން. ކޮންމެވެސް އެއްޗެކޭ ބުނެބަލަ..." ދާނިޝް އަނގައިން ނުބުނެ ބުމަގޮށްޖަހާލައިގެން އިންނަން ފެށުމުން ނެތް ހިތްވަރެއްކޮށްލާފައި އަލީޒާ އަހާލިއެވެ. ދާނިޝްގެ އަތުގައި ހިފާލެވުނެވެ.
"ކީކޭ ބުނަންވީ؟ހިމޭންކަންދެކެވެސް ބިރުގަތީ؟ ވަރަށް ވިއްސާރައެއްނު ދޯ. އެކްސިޑެންޓެއް ވިޔަނުދީ........." ދާނިޝް ޖަވާބު ދިނީ އިރުކޮޅަކުންނެވެ.
ދާނިޝް ބަލަހައްޓައިގެން އިނީ ކާރުގެ ވިންޑްސްކްރީނަށެވެ. ވައިޕާވެސް ކެނޑިނޭޅި ވާރޭ ތިކިތައް ސްކްރީނުން އެކީ ފޮހެލަން ނާކާމިޔާބު މަސައްކަތް ކުރަމުން ދިޔައެވެ. ދާނިޝް އެހެން ދުވަހުވެސް މަގުގައި ދުއްވާއެއްޗަށް ބަލައިގެން ދުއްވަނީކީ ނޫނެވެ. އަލީޒާގެ މޫނަށް ބަލަހައްޓައިގެން އިނދެވެސް ކާރު ދުއްވާލާހާ އޭނަ ފަރިތައެވެ. މިއަދު ހީވަނީ މަގުގެ ހަލަބޮލިކަން އޭނަގެ ހުރިހާ ސަމާލުކަމެއް އަތުލައިގެންފައިވާހެނެވެ.
އަލީޒާއަށް އެ ޖުމްލަތަކުގެ މާނަ ނަގައިގަނެވުނީ އިރުކޮޅަކުންނެވެ. ދާނިޝްގެ އެ ޖުމްލަ އަމާޒު އެކުރީ އޭނައަށެވެ. އެހެން މާނައެއްގައެވެ. ދާނިޝް އެހާވެސް ބޮޑަށް އޭނަދެކެ ހިތްހަމަނުޖެހިފައި އިނީ ހެއްޔެވެ؟ ކޮންމެ މީހަކަށްވެސް ވާނީ އެވަރެވެ. ދާނިޝް ކިތަންމެހާވެސް ރަގަޅެވެ.
ކޮޓެޖްގެ ގޯތިތެރޭގައި ކާރު ޕާކްކޮށްލާފައި ދާނިޝް އަލީޒާ އާއި އެހީވުމެއް ނެތި ވަގުތުން ފައިބައިގެން ދިޔައީއެވެ. އެހެންދުވަހު އެނަގެ އަތުގައި ކިތަންމެ ލުއި ކޮތަޅެއް އޮތަސް ދާނިޝްއަށް އުދަގޫ ވާނެއެވެ. ވާރޭ ވެހެންޏާ ކުޑައެއްގެ އެހީގައި ނޫނީ ކާރުން ފޭބިޔަނުދޭނެއެވެ. ކުދިކުދި ކަންތަކުގައިވެސް އެވަރަށް އެހީތެރިވެދޭނެއެވެ. މިހާ އަޅާލާ އޯގާތެރި ފިރިޔަކު ލިބުނުކަމީ އަލީޒާ ގެ ނަސީބެވެ.
އަލީޒާ ދުވެފައި ފެންޑާއާއި ހަމަޔަށް ދެވުނުއިރު އޭނަ ތެމިފޯވެއްޖެއެވެ. ހެދުން ބަދަލުކުރުމެއްނެތި އަލީޒާ އެންމެ އިސްކަން ދިނީ ދާނިޝްއަށް ކޮފީ ހަދާދިނުމަށެވެ. ދާނިޝް ހުންނާނީ ބަޑުހައިވެފައިކަން އޭނައަށް އެގެއެވެ. ކޮފީ ތަބައް ހިފައިގެން އަލީޒާ ކޮޓަރިއަށް ވަންއިރު ދާނިޝް ހުރީ ހަމައެކަނި ޖިންސް ލައިގެން ކުޑަދޮރު ކައިރީގައެވެ. 

"ޑޭން ...ކޮފީ......" އަލީޒާ ތަބައް މޭޒުމަތީގައި ބަހައްޓާފައި އާވިއަރައަރާހުރި ކޮފީތަށި ދާނިޝްގެ އަތަށް ގެންގޮސްދިނެވެ. 

"ތޭންކްސް....." ދާނިޝް ކުޑަކޮށް އެބުރިލުމަށްފަހު ކޮފީތަށި އަތުލިއެވެ. ދާނިޝްގެ މިހިލޭކަމާއި ދުރުކަމުން އަލީޒާއަށް އިތުރަކަށް ކެތެއް ނުކުރެވޭނެއެވެ. އޭނަގެ ހިތް ފުރިގެން ބަންޑުންވާންފެށިއެވެ. އަލީޒާ ހުއްޓުނީ ދާނިޝްއާއި ދާދިކައިރީގައެވެ. އޭނަ ގެ ހޫނުކަން ފޯރާ ހިސާބުގައެވެ.

"ޑޭން. އައި ނޯ ޑޭން ތިހިރީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައިކަން. ސޮރީ. ޑޭން. އައިމް ރިއަލީ ސޮރީ. ވަރަށް ބޮޑަށް މައާފުކުރޭ. އެލީ އެހާ ސިއްރުން ފޯނުކުރީމަ އަދި އެންމެ ފަހުން ބުނި ޖުމްލަ އިވުނީމަ ރުޅިއަންނާނެކަން އެގޭ. އޭރު ގުޅައިގެން ހުރީ ވަރަށް ގާތްމީހަކަށް. ކާފައަށް. ކާފަ ކައިރީ ބުނެވުނީ އެއްވެސް މީހަކަށް މިދެމެދަށް ނުވަދެވޭފަދަ ފަންޑިތައެއް ހަދާދޭން . ޑޭން އެވަރަށް ފަންޑިތަ ދެކެ ނަފްރަތުކުރާކަން އެގިހުރެ މިފަދަ ގޯސްކަމެއް މިކުރެވުނީ ވަރަށް ބޮޑަށް ބިރުގަންނާތީ. ކޮންމެވެސް ބަޔަކު މިދޭތެރެ ފަނިކުރަން މަސައްކަތްކުރާހެން ހީވާތީ. ޑޭން އަށް ސިއްރުކޮށްދޭން އެދުނީވެސް އެހެންވެ......." އަލީޒާ ކަރު އެލުވާލައިގެން ހުރެ މަޑުމަޑުން އޭނަގެ ކުށަށް އިއުތިރާފުވިއެވެ.
ދާނިޝްތުންފަތުގައި ދަތްއަޅާލިއެވެ. ކޮންމެ ގޮތެއްވިޔަސް އަލީޒާ އެ ގޯސްހަދައިފިއެވެ. ކުރާނެކަމެއްނެތެވެ. އޭނަ ފަންޑިތައާއި ފަންޑިތަވެރިން ދެކެ އިންތިހާއަށް ނަފްރަތުކުރާކަން އެނގިހުރެވެސް އަލީޒާ އޭނަގެ ކާފަކައިރީ އެދުނީ ފަންޑިތަ ހަދާދިނުމަށެވެ. އަލީޒާ އޭނައަށް އިތުބާރު ނުކުރަނީހެއްޔެވެ؟ ފަންޑިތައިގެ ބާރުން ލޯބި ދަމަހައްޓާކަށް އޭނަ ބޭނުމެއް ނޫނެވެ. އަލީޒާ ހީކުރަނީ ކީކޭކަމަށް ހެއްޔެވެ؟ ދާނިޝް އެބުރިލުމާއި އެކު ކޮފީތަށި ހޫރާލިގޮތަށް އެ ޑިޒައިން ފާރުގައި ޖެހީނުން ތަށި ތަޅާލައިފިއެވެ. ދަނބުކުލައިގެ ކުރެހުން އެޅި އެރީތި ފާރު ކޮފީ ތިކިތަކުން ޗާޓް ކުރަހާލައިފިއެވެ.


އަލީޒާ ހަދާންވީ ވަރަށް ކުރީގައި ދާނިޝް ބުނި ޖުމްލައެކެވެ. " އައި ޑޯންޓް ޓަޗް އޯ ބްރޭކް ތިންގްސް ދެޓް އާ ނޮޓް މައިން....." ދާނިޝް ގެ ކޮންމެ ޖުމްލައެއް ކޮންމެ ހަރަކާތެއް އަލީޒާގެ ހިތުގައި ބިންވަޅު ނެގިފައިވަނީ ހަދާންނައްތާ ނުލެވޭނެފަދަ ގޮތަކަށެވެ. އަލީޒާ ބިރުން ރޫރޫ އަޅައިގެން ދިޔައެވެ. އޭނަ ހުރީ ނޭވާ ހިފަހައްޓާލައިގެންނެވެ. ދާނިޝް ރުޅީގައި ކޮންމެފަދަ ކަމެއްވެސް ކޮށްފާނެއެވެ. އަލީޒާ ފަހަތަށް ޖެހެމުންގޮސް ފާރަށް ލެނގިއްޖެއެވެ. ދާނިޝްގެ އެ ފޮރުވިފައިވާ ރުޅިގަޑު ކޮންމެފަދަ ވަގުތެއްގައިވެސް ހިލުވާލަފާނެއެވެ.

"ސްޓްޕިޑް ގާލް......" ދާނިޝް އޭނަ ހިތާމަކުރާނެފަދަ ގޯހެއް އަތުން ހެދުމުގެ ކުރިން ބާރަށް ހިގާލާފައި ގޮސް ފާޚާނާއަށް ވަދެ ދޮރު ލައްޕާލުމުން އަލީޒާ އަވަސްއަވަހަށް ކޮޓަރިން ނުކުތެވެ. އޭރު އޭނަގެ ލޯވަނީ ކަރުނުން ފުރިފައެވެ. ދާނިޝްގެ ރުޅި ފިނިކުރާނީ ކިހނެއްހެއްޔެވެ؟ އޭނައާއި ދާނިޝްގެ ހަޔާތަށް ބަހާރު މޫސުމް އައިސްފައިވަނިކޮށް މިވީ ކިހިނެއްހެއްޔެވެ؟ އެމީހުންގެ ލޯބިވެތި ދިރިއުޅުމަށް މިއެޅުނީ ކާކުގެ އިސްފީނާއެއް ހެއްޔެވެ؟ ނޫނެކެވެ. އެފަދަކަމެއްވީކީ ނޫނެވެ. ހުރިހާވެސް މައްސަލައަކީ އޭނަ ދާނިޝްގެ ބަސް ގަބޫލުނުކުރިކަމެވެ. ފަންޑިތައަށް މާބޮޑަށް އީމާންވިކަމެވެ. ދާނިޝް އެވަރަށް ފަންޑިތައާއި ދެކޮޅުވާނީ ކޮންމެވެސް މަގުބޫލު ސަބަބަކާހުރެކަން ޔަގީނެވެ.
އަލީޒާ ތެމިފައިވާ ހެދުން ބަދަލުކުރީ ޖެހިގެން ހުރި ކޮޓަރިއަށް ވަދެއެވެ. ޖިންސްވެސް މެޝިނަށްލުމަށްފަހު ވަގުތުން ދޮންނަންފެށިއެވެ. ވާރޭވެހެމުން ދަނިކޮށް އޭނަ ނަމާދުކުރިއެވެ. އެކަނިމާއެކަނި ބަދިގެއަށް ވަދެ ރޭގަނޑަށް ކެއްކިއެވެ. އެހެންދުވަހު އޭނަކުރާ ކޮންމެކަމަކާއި ދާނިޝް ބައިވެރިވެއެވެ. ކޮންމެވެސް ސަކަރާތެއް ގަނެލާ އަލީޒާ ފޫހިފަލުވާދެއެވެ. މިއޮތް ވިއްސާރަ ރޭ އެކަނިމާ އެކަނިހުރެ މަސައްކަތް ނިންމާލާފައި އޭނަ ބޮޑުކޮޓަރީގެ ސޯފާއަކަށް އަރާއޮށޯވެލައިގެން އޮތީ ލެވެންޑާ އުއްބައްތީގެ ހުޅުކޮޅަށް ބަލަހައްޓައިގެނެވެ. އެއުއްބައްތިގެ މީރުވަސް މުޅިތަނަށް ފެތުރިފައިވެއެވެ. މީރުވަހާއި އެކު ރީތި އައްޔެއް ފަތުރަމުންނެވެ. މިހާރު އަލީޒާ ހީވަނީ މޮޅިވެރިކަމުގެ ރީތި ތަސްވީރެއްހެނެވެ. 

އަލީޒާ ބިރުގަތީ ގުގުރީގެ އަޑަށެވެ. އޭނަ ގަތްބިރުން ސޯފާއިން ފުންމާލައިގެން ހުރެ އެ މަޑު ދޫލަމަތިން ދުވެލާފައި ގޮސް ކޮޓަރީގެ ދޮރުހުޅުވާލިއިރު ދާނިޝް އޮތީ އެނދުގައެވެ. ބިއްދޮށަށް އެބުރިގެން އޮތްގޮތުން ނިދާލާފައިހެން ހީވެއެވެ. އަލީޒާ އެންމެ ހައިރާންވީ ދާނިޝް ކޮޓަރި ސާފުކޮށްފައި ހުރިތަން ފެނުމުންނެވެ. އަލީޒާއާއި މަސައްކަތް ނުޖައްސަންވެގެންކަމަށް ވެދާނެއެވެ. އަލީޒާގެ ހިތަށް ތަދުވިއެވެ.

"ޑޭން ނިދީތަ؟ ހާދަ ވިއްސާރައޭ .ކާން ހަދާފައި މިއައީ........" އަލީޒާ އެނދުގައި އޮށޯވެ ދާނިޝް އާއި ކައިރިޔަށް ޖެހިލިއެވެ. މަޑުމަޑުން ބައްދާލެވުނެވެ. ދާނިޝްއަށް އުދަގޫކޮށްގެން ނަމަވެސް އޭނަ ދާނިޝްގެ މާފު ހޯދަން ބޭނުމެވެ. އެހެންނޫނީ އޭނައަށް ރޮވޭނީއެވެ. ކުށުގެ އިހުސާސް ހައްތަހާބޮޑަށް ކުރެވޭނީއެވެ. ދާނިޝް ބުނީ އޭނަ ބަޑުހައިނުވާކަމަށާއި ނިދަން ބޭނުންކަމަށެވެ. އަލިޒާ އެންމެފަހުން އާދޭސްކުރަންފެށިއެވެ. ދެވަނަ ފަހަރަށް އެފަދަ ކުށެއް ތަކުރާރު ނުވާނެކަމަށާއި ދާނިޝްގެ މައާފު ނުލިބޭނަމަ ދުނިޔޭގައި ހުންނަން ބޭނުން ނުވާކަމަށެވެ. އެންމެފަހުން އެހާ ކަންނެތްވެފައި އަރާމުކޮށް މިފިނި ރޭ ނިދާލަން ބޭނުންވެފައި އޮތަސް އަލީޒާ އެވަރުން ކެއްކީމަ ނުކައި ނުނިދާންވެގެން ދާނިޝް ތެދުވެއްޖެއެވެ .

"ވާއުވް..ޓޭސްޓީ......."ދާނިޝް ރޮށިކޮޅަކާއި ކުޅިމަސްކޮޅެއް އަގަޔަށްލުމަށްފަހު ތައުރީފުކުރިއެވެ.
"އެގޭ. ޑޭންއަދިވެސް ހިތްހަމަނުޖެހިފައި ތިހިރީ. މައާފުދީފީމޭ ބުންޏަސް އަމަލަކުން އެކަމެއް ނުފެނޭ. އެނީވޭއިސް ދެން އެފަދަކުށެއް ނުކުރަން ވައުދުވެފައި ހުރީމަ މިއަދު އައިސްގޭޓްއިން ފެނުނު މަންޒަރުވެސް ސިއްރުކޮށްގެން ހުންނާކަށް ބޭނުމެއްނޫން....." އަލީޒާ ފަރުޒާނާއާއި ސޮއްފޫރުގެ ވާހަކަ ކިޔާދިނުމުން ދާނިޝް ލާނެތްގޮތަކަށް ހިނިތުންވެލިއެވެ. އަލީޒާ ހީކުރީ އެކަން ގަބޫލުނުކޮށް މަލާމާތްކޮށްފައި ހުނީ ކަމަށެވެ. ދާނިޝް އެގޭކަމަކަށް ހަދާނުލައި ތިވާނީ އެލީއަށް ފެނުނު ހުވަފެނަކަށޭވެސް ބުނެލިއެވެ.

"ޑޭންއަށްވެސް ގަބޫލެއްނުކުރެވޭދޯ. މިހާރު ހިތަށް އަރާ ފޮޓޯއެއް ނެގުނުނަމައޭ. ހެކި ފެނުނީމަ ޑޭންއަށްވެސް ގަބޫލުކުރެވޭނީ . ހަމަ ކުއްލިއަކަށް ހިތަށް މި އެރީ އީން އަބަދު ބުނާ ވާހަކައެއް. ރާހިލް ،ޖީން އަދި އެލީ ވަރަށް ވައްތަރޭ ކިޔައިގެން އަބަދު ދިމާކުރޭ. ޖީންއާއި ރާހިލް ކަޒިންސް. ވީއިރު އެލީ މި ފިޓްވަނީ ކޮންތާކަށް ބާ. އަނެއްކާ ސޮއްފޫރު އަންކަލް އާއި މަންމަގެ ގުޅުމެއް އޮތީބާ. ނޭގޭ މިފަދަ އެއްޗެއްހިތަށް އަރުވައިގެންވެސް ނުވާނެ. އެކަމަކު މިވަގުތު ހިތަށް އެރީ ވަރަށް މަޖާ އެއްޗެއް ސޮއްފޫރުވެސް ވެދާނެޔޭ އެލީ ގެ ބައްޕައަށް..ހިލޭރިއަސް ދޯ......" އަލީޒާ ހެމުން ބުންޏެވެ. ހަފާއަކީ ވަރެއްގެ ކުއްޖެކެވެ. އަލީޒާ އެވަރަށް އާދޭސްކޮށްފައި އެތައް ހަދިޔާއެއް ދިނީމަވެސް ކޮންމެފަހަރަކު އަގު ހަމަނުވެޔޭ ކިޔާފައި އެ ބުނާ ވަރުގަދަ ސިއްރެއް ހިފަހައްޓަނީއެވެ.

ދާނިޝް އަލީޒާއަށް ބަލަން އިނީ ހައިރާންވެފައެވެ. އަލީޒާ އެހެން ބުނެލީ ހާދަ ޔަގީން ކަމާއި އެކީގައެވެ. ބައެއްފަހަރު އިންސާނާގެ ހިތަށް މިފަދަ އިލްހާމް ވަދެއެވެ. އެއީ ކިހިނެއްކަމެއް ނޭގެއެވެ. ގައިމު މިފަހަރު އަލީޒާ އަށް އެބުނެވުނީ ނޭގިނަމަވެސް މުޅިން ރަގަޅު ވާހަކައެކެވެ. ކޮންމެގޮތެއްވިޔަސް ދާނިޝް އެވާހަކައަށް އެހާ ޝަވްގެއް ނުދިނުމުން އަލީޒާއަށް އެކަނި އެ ވާހަކަ ކުރިޔަށް ގެންދެވޭނެ ގޮތެއްނުވިއެވެ.
އަލީޒާ އެންމެ ކަންބޮޑުވީ ދާނިޝް އޭނަގެ ލޮލަށް ފެނުނު މަންޒަރުވެސް ހުވަފެނަކަށް ހަދާފައި އެ ވާހަކަ ގަބޫލުނުކުރީތީއެވެ. އަލީޒާއަށް ދާނިޝްގެ ހިތުގައިވާއެއްޗެއް އެއްވެސްވަރަކަށް ނޭގުނުވިއްޔާއެވެ. އަލީޒާއަށް އައިސްގޭޓް ގެ އަނދިރި ސިއްރުތަކުގެ ތެރެއިން އަދި އެގެނީ ހަމަ ކުޑަ މިންވަރެކެވެ.
ކިތަންމެ ލޯބިން އުޅުނަސް ދިރިއުޅުމުގައި މިފަދަ ދުވަހެއް އަތުވެދާނެކަމަށް ދާނިޝްވެސް ގަބޫލުކުރެއެވެ. އެކަމަކު މާފު ދިނުމާއި ހަދާންނައްތާލުމަކީ ލޯބީގެ އެއްބަޔެވެ. ދާނިޝް ދެކޭގޮތުގައި އަލީޒާ އެކުރީ އޭނަދެކެ އެހާބޮޑަށް ލޯބިވާކުއްޖަކު އެއްގޮތަކަށްވެސް ކޮށްގެން ނުވާވަރުގެ ކުށެކެވެ. އެހާވެސްބޮޑަށް އޭނަ ފަންޑިތައިގެ ދުނިޔެދެކެ ފޫހިވެއެވެ. އެއީ އޭނަގެ އާއިލާ ނުރައްކަލަށް ހުށަހެޅިދާނެކަމެއްމެއެވެ. ނަމަވެސް އަލީޒާއަކީ މިހާރު އޭނަގެ ހަޔާތުގެ އެންމެ މުހިއްމު އެއްފަރާތެވެ. އެއަށްވުރެވެސް ރަގަޅުވާނީ ހަށިގަނޑުގެ އެއްބަޔޭ ބުނެފިއްޔާއެވެ. އެފަދަ ކުއްޖަކަށް ކޮންމެފަދަ ކުށެއްކުރެވުނަސް އޭނަ ޖެހޭނީ މާފުކުރާށެވެ. ދާނިޝް ހުރިހާކަމެއް ހަދާންނައްތާލުމަށްފަހު އެ ފިނި ރީތި ރޭގައި އަލީޒާގެ އަތުތެރޭގައި އަރާމުކޮށް ނިދާލަން ބޭނުންވިއެވެ. އަލީޒާ އަބަދުވެސް އުފަލުގައި ބަހައްޓަން ދާނިޝް ބޭނުމެވެ. އެ ރީތި ހިނިތުންވުމުގައި އަލީޒާ އަބަދު ހުރުމަކީ ދާނިޝްގެ ދުޢާއެވެ.

ފަހުދުވަހު އީނާ އެގެއަށް އައީ އަލީޒާގެ ދައުވަތަކަށެވެ. ދާނިޝް ޑިއުޓީއަށް ދިޔުމުން އައިސްގޭޓަށް ދިޔުމުގެ ބަދަލުގައި މިއަދު އޭނަ ވަގުތުހޭދަކުރަން ބޭނުންވީ އީނާ އާއި އެކުގައެވެ. ދެކުދިން ހެދުނު ޝޮޕިންއަށްވެސް ދިޔައެވެ. މެންދުރަށް ކެއްކީވެސް ދެކުދިންވެގެންނެވެ. ކައްކައި ނިމިގެން ރަގަޅަށް ކެއުމަށްފަހު ތަށިތައް ނަގާ ކާކޮޓަރި ސާފުކޮށްލާފައި ދެކުދިން ފިލްމެއް ބަލާލިއެވެ. ގޭމް ކުޅުނެވެ. މާތައް ބިދެގެން ގުލްދަސްތާތައް ހެދިއެވެ. ހަވީރުސަޔަށް ފަހު އީނާގެއަށް ދިޔައީ ދެން ލިބޭ އޮފް ދުވަހެއްގައިވެސް އެގެއަށް އަންނާނެކަމަށް ވައުދުވެފައެވެ.
އީނާ ދިޔުމުން އަލީޒާ ދޮރާށި ދޮށުގައި ހުރީ ދާނިޝްގެ އިންތިޒާރުގައެވެ. ކުއްލިއަކަށް ހަމަދު ގޯޅިން ލަބާލިތަން ފެނުމުންއަލީޒާ ކަންބޮޑުވިއެވެ. ހަމަދު އޭނައަށް ފާރަލަނީހެއްޔެވެ؟ އައިސްގޭޓްގައި ދާނިޝް ނެތިއްޔާ ހަމަދު އަބަދުވެސް އަލީޒާއަށް ބަލައެވެ. ވާހަކައެއް ބުނަން ބޭނުންވާފަދައެވެ. ފުރުސަތަކަށް ބަލަބަލާ ހުންނަފަދައެވެ. ނަސީބަކުން މަގުމަތީގައި ހުރުމުން އަލީޒާއަށް ސަލާމަތާއި މެދު ފުރިހަމަ ޔަގީންކަން އޮތެވެ.
ހަމަދު ވަރަށް ލަދުންހުރެ މަޑުމަޑުން ހިގާލާފައި އައިސް އަދަބުވެރިގޮތަކަށް ހުއްޓުނެވެ. އަލީޒާ ގާތު ވަރަށް މުހިއްމު ވާހަކައެއް ބުނަން ބޭނުންކަމަށް ބުނެލީ ދިވެހި ބަހުންނެވެ. އަލީޒާ ފަދަ ރަގަޅު ކުއްޖަކު އައިސްގޭޓް ގެ ވަކިތަކުން ސަލާމަތް ކޮށްދޭން ބޭނުންވާތީ މިވާހަކަ ދައްކަނީ ކަމަށާއި ކޮންމެވެސް ދުވަހަކުން އަލީޒާއަށް އޭނަދެއްކި ވާހަކަތަކުގެ ހަގީގަތް އެގޭނެކަމަށް ބުންޏެވެ. ހަމަދުގެ ވާހަކަތަކުން އަލީޒާގެ ބޮލަށް އެބުރުން އަރައިގެން ދިޔަނަމަވެސް އަލީޒާ ބުނީ އެއީ އޭނަވެސް ދެނެހުރި ވާހަކައެއްކަމަށެވެ. މާޒީގެ ކުށްތަކުން ދެމަފިރިޔެއްގެ ދިރިއުޅުމަށް އަސަރު ފޯރުވައިގެން ނުވާނެކަމަށާއި ހަމަދު މިތަނުގައި ހުރިތަން ފެނުނިއްޔާ ދާނިޝް ގެ ސުވާލު ކުރިމަތިވާނެކަމަށާއި ހަމަދު އަވަހަށް މިތަނުންދިޔުމަށް އަލީޒާ އެދުނެވެ. ހަމަދު މިހާ ހެޔޮއެދިގެން އޭނައާއި ބައްދަލުކުރީތީ ޝުކުރުވެރިވިއެވެ. 
ހަމަދު ދިޔުމުން އަލީޒާ ގޭޓަށް ލެގިލައިގެން ފުން ވިސްނުމެއްގައި އިރުކޮޅެއްވާންދެން ހުއްޓެވެ. އަޖާއިބުވެފައެވެ. ހާދަ އެހެންކަހަލަ ހަބަރެކެވެ. ޖީނާއަކީ ދާނިޝް ގެ ކޮއްކޮއެވެ. އެފަދަ ނުބައި ގުޅުމެއް ހަމަ އޮވެދާނެހެއްޔެވެ؟ ނަމަވެސް އީނާވެސް މިއަދު އެފަދަ ވާހަކަތަކެއް ދެއްކިއެވެ. ހަމަދު ދެއްކި ވާހަކައާއި ގުޅުން އެބަހުއްޓެވެ. އީނާ ބުނިގޮތުގައި ޖީނާ މަރުވީ ދާނިޝްގެ ފޮޓޯއެއް ސަލާމަތް ކުރަންހަދައިގެން ކަމަށާއި އެ ދަންވަރު ދާނިޝްއަށް ގުޅައިގެން ހުރިކަމަށް އެތާހުރި ފިރިހެންކުއްޖެއްގެ ފަރާތުން އީނައަށް އެނގިފައިވާކަމަށެވެ.
އަލީޒާގެ ހަދާނަށްވެސް ވަރަށް ގިނަ ކަންތައް އައެވެ. ޖީނާ އަމިއްލައަށް މަރުވާން އުޅުނުރޭ އަލީޒާ އަށް ކޮޓެޖަށް އާދެވުނެވެ. އެއިވެސް މިފަދަ ވިއްސާރަރެއެކެވެ. އެރޭ މާއަވަސްއަރުވާލައިގެން ދާނިޝް ކާރުގައި ބޭރަށް ދިޔައިރު ދާނިޝް އިނީ ވަރަށް ނުތަނަވަސްވެފައެވެ. އަނެއްކާ އެ ގޮތްނޭގޭ އިންސާނާ މީރާން ދިން މެސެޖްއިންވެސް އެރޭ ދާނިޝް ޖީނާއަށް ގުޅައިގެން ވާހަކަތަކެއް ދެއްކިކަން އެގުނެވެ. އީނާ އާއި ހަމަދު ގެ އެ ވާހަކަތަކުން ޕަޒްލް ޕީސްތައް އެއްކުރެވިއްޖެއެވެ.
އަލީޒާއަށް އޭނަގެ ބޯގޮވާފައި ހުރިވަރު ރޭކާލީ ގެއަށް ވަދެވުމުންނެވެ. ސޯފާއަށް ވެއްޓިގަނެވުނީއެވެ. ކިތަންމެ ކެތްތެރިވިނަމަވެސް ލޯވަނީ ތެމިފައެވެ. ހިތުގެ ބައްޓަމަށްވާ ބާލީހުގައި މަޑުމަޑުން ބައްދާލަމުން އޭނަ ލޯ މަރާލިއެވެ.
މާޒީގައި ވިޔަސް ދާނިޝް ގެ މިފަދަ ނުބައި ސިފައެއް އޮތުމުން ހާދަ ބޮޑަށް ހިތަށް ތަދުއެބަވެއެވެ. އަމިއްލަ އަންހެން ކޮއްކޮއާއި އެފަދަ ލޯބީގެ ގުޅުމެއް ބާއްވާނީ ހާދަ ގޯސްމީހުނެވެ. ފަރްޒާނާ ވެސް އެހެން ދޮންދަރިންނަށް އެހާ ހެޔޮވެފައި ދާނިޝް ދެކެ ނަފްރަތުކުރާ ސަބަބަކީ އެއީ ބާވައެވެ .އޭނައަށް އޭނަގެ ލޯބިވާ ފިރިމީހާ އެއްގޮތަކަށްވެސް ދަސްވެފައި ނެތީހެއްޔެވެ؟ އަދި މިފަދަ ކިތައް ސިއްރު ވޭބާވައެވެ. އޭނަ ފިޑިކަމުން ބުނެނުދީ ބާކީ ހުރީ މިއަށްވުރެ ބިރުވެރި ސިފަތަކެއްބާވައެވެ.

"ހޭއި ޑާލިން......ކިހިނެއް؟ ކިހިނެއް؟ އަދިވެސް ހަމަ ބާލީހުގައި ބައްދަނީ؟ " ދާނިޝް އަލީޒާއަށް ކުޑަ ގޯނާއެއް ކޮށްލަމުން ސޯފާގައި އިށީދެފައި އަލީޒާގެ ފައިނަގާ އޭނަގެ އުނގުގައި ބޭއްވިއެވެ. އައިލަވްޔޫ ޖަހާފައިވާ އެ ބާލީހަކީވެސް ދާނިޝް ގެ ހަދިޔާއެކެވެ.

"މިއުޅެނީ ކުޑަކޮށް ބޮލުގައި ރިއްސާތީ...." އަލީޒާ ގަދަކަމުން ހިނިތުންވެލަމުން ބުނެލިއެވެ.

އަލީޒާގެ ބަދަލުވެފައިވާ ތަބީއަތު ދެނެގަތުމަކީ ދާނިޝްއަށް އުދަގޫކަމަކަށް ނުވިއެވެ. އޭނައަށް އަލީޒާ ހާދަ ރަގަޅަށް ދަސްވެއްޖެއެވެ. އެއްވެސް މީހަކު ދަސްނުވާހާބޮޑަށެވެ. އަންނަކުޑަކުޑަ ބަދަލުވެސް އެބަ ދެނެގަނެވެއެވެ. ޔަގީނެވެ. ކޮންމެވެސް މީހަކު ކޮންމެވެސް އެއްޗެކޭ ކިޔައިފިއެވެ. އީނާ ބާވައެވެ. މިއަދު ހަތަރުދަމު އަނގަތަޅަން ތިބިއިރު ކޮންމެވެސް ކޫސަނި ވާހަކައެއް ދެކެވޭނީއެވެ. އަންހެންކުދިން އެއްތަންވެއްޖެއްޔާ އެނޫންކަމެއް ނުކުރެވޭނެއެވެ.

"އީނަ އެއްޗެކޭ ބުނީތަ؟ " ދާނިޝް ސީދާ ޕޮއިންޓަށް ގެންދިޔުމުން އަލީޒާގެ ހިތް ބާރަށް ތެޅިގަތެވެ. ދާނިޝްއަށް އެނގުނީ ހެއްޔެވެ؟
އަލީޒާ ޖަވާބެއް ދޭން ފަސްޖެހުނެވެ. މިފަދަ ވަގުތެއްގައި ދޮގުހަދައިގެން ވާހަކަ ބަދަލުކުރެވިދާނެއެވެ. އެކަމަކު ދޮގުހެދުމުގެ ނުބައި ސިފަ އަލީޒާގެ ގައިގާ އަށަގެންފައިނުވާތީ ޖެހިލުންވީއެވެ. އަނެއްކާ ވާހަކައިގެ ބާވަތުން އެއީ ދޮގަކަށް ވެއްޖެއްޔާ ދާނިޝް ރުޅިގަދަވެގެން ކޮންމެފަދަ ކަމެއްވެސް ކޮށްފާނެއެވެ. އަންހެންކޮއްކޮއަކާއި އަޅުވާ ކިޔުމަކީ އާދައިގެ ކަމެއްނޫނެވެ. ވަރަށް ބޮޑު ބަދުނާމެކެވެ.

"ލައްބަ....އެކަމަކު......" އަލީޒާ ގެ ކަރުތެރެ ހިކުނެވެ. ވިއްސާރަ ދުވަހަކަށްވެފައި އޭސީ ޖައްސާފައި ހުރުމުން މާބޮޑަށް ފިނިވާން ފެށުމުން އޭނަ އޭސީ އޮފްކޮށްލިއެވެ.

"އެލީ. އަމިއްލަ ހިތަށް އަނިޔާ ނުދީ ތިވާހަކަ ޝެއަރ ކޮށްބަލަ. އީނަކޮންމެވެސް އެއްޗެކޭ ބުނީމަ އެވާހަކަ ގަބޫލުކޮށްގެން ބޯގޮވީ އެހެންނު. އަދި ނޭގެއެއްނު ތި ވާހަކައިގެ ތެދު ދޮގެއްވެސް....." ދާނިޝް ހަމަ ކުއްލިއަކަށް ޖީނާގެ މަތިން ހަދާންވިއެވެ. ރާހިލް އީނަގެ ގާތު އެ ވާހަކަ ބުނީކަން ޔަގީނެވެ. ރާހިލް ހާދަ މޮޔައެވެ. ކާވެނި ނުކުރަނީސް އާއިލީ ސިއްރުތައް ބޭޒާރުކުރަން އެފެށީއެވެ. ދާނިޝް އަދި އޭނަގެ އަންހެނުންނަށްވެސް ސިއްރުކުރާ ކަންތައްތަކެއް އެބަހުރެއެވެ. މަސްލަހަތަށް ބަލާފައެވެ. އަމިއްލަ އެދުމެއް އޮތީމަ ވެސް އެއްކަމެއް އަލީޒާއަށް އެބަ ފޮރުވެއެވެ. އަލީޒާ އެސްފިޔަތަޅުވާލީ ލޮލުގައި ގިނަވެގަތް ކަރުނަތައް ހިފެހެއްޓުމަށެވެ. ނުރޮއިވޭތޯ އޭނަ ކެތްކުރަމުން އެބަދެއެވެ. އެކަމަކުވެސް ކަރުނަތައް އެސްފިޔަތައް ފޫދުއްވާފައި އޮހިގަތުމުން އޭނަ މޫނު ފޮރުވީ ބާލީހުންނެވެ. އެފަދަ ވާހަކައެއް އަހާލާނެ ހިތްވަރެއްވެސް އޭނަގެ ނެތެވެ. ދާނިޝް އެބުނީ ތެދެކެވެ. ކިތަންމަވަރަކަށްވެސް ހިތަށް އަނިޔާލިބިއްޖެއެވެ. ހިތްބަންޑުންވެގެން ކަރުނައިގެ ސިފައިގާ އެ އަނިޔާ މިދަނީ ފެންނަމުންނެވެ.
އަލީޒާ ރޯތަން ފެނުމުން ދާނިޝް ގެ ހިތަށް ފުން އަސަރުތަކެއް ކުރިއެވެ. ބުނާނެ އެއްޗެއްވެސް ނޭގުނެވެ. މިވަރުގެ ބޮޑުކަންތައްގަޑެއް ހިގިއިރު އޭނާގެ ރޫހާނީ އެކުވެރިން ކޮބާހެއްޔެވެ؟ އެއްވެސް ހަބަރެއް އޭނައަށް ނޭގި އޭނަވެސް މިހިރީ އަނދިރިކަމެއްގެ ތެރޭގައެވެ. ވާނުވާއެއް ނޭގިފައެވެ. ޝައްކެއް ވިޔަސް މިފަހަރު އޭނަގެ ހަވަނަ ހިއްސުވެސް މަސައްކަތެއް ނުކުރިއެވެ. ދާނިޝް ނުތަނަވަސްވިއެވެ.
"އެލީ. ވެގެން އުޅޭގޮތެއް ނުބުނެ ރުޔަސް ނޭގޭނެ ދޯ. ވެގެން މިއުޅެނީ ކިހިނެއް؟" ދާނިޝް މަޑުމައިތިރިކަމާއި އެކު ބުންޏެވެ. އޭނަ އަލީޒާގެ މޫނުމަތީގައި އޮތް ބާލީސް ނަގާކަށް މަސައްކަތެއް ނުކުރެއެވެ. ދާނިޝް ސޯފާގެ ލެގޭބަޔަށް ލެގިލަމުން މޯޅިއަކަށް ދެމިލިއެވެ. މި ފަދަ ވަގުތުތައް ނާންނާނެނަމަ ކޮންފަދަހެއްޔެވެ؟ މިފަދަ ކުޑަހިނދުކޮޅެއްގެ ހަމަނުޖެހުންތަކަކީވެސް ހިތަށް ތަދުކުރުވާ ދުޝްމިނެކެވެ. 
އަލީޒާ ކިތަންމެވަރަކަށް ކަރުނަ ފޮހުނަސް ތާޒާކަރުނަތައް ގިނަވެއެވެ. އޭނަ ހަމަ ކުރީގެ އެ ފިޑި އަލީޒާއަށް ވީހެއްޔެވެ؟ އަލީޒާ އެހެންވާކަށް ބޭނުމެއްނޫނެވެ. ކޮންމެގޮތެއްވިޔަސް އޭނަ ދާނިޝްދެކެ ފުރާނައަށް ވުރެ ބޮޑަށް ލޯބިވެއެވެ. ކިތަންމެ ބޮޑު ފާފަވެރިޔަކަށްވިޔަސް އަނިޔާވެރިޔަކަށްވިޔަސް އެ ލޯތްބަށް އުނިކަމެއް އަންނާނީއެއްނޫނެވެ. ވީއިރު ބޭކާރު ކަރުނަތަކެއް އޮއްސަނީ އޭނަގެ މޮޔަކަމުންނެވެ. ފިޑިކަމުންނެވެ. އޭނައަކީ ރަށްމެދަށް ލިބިފައި ހުރި އަންހެންކުއްޖަކަށް ވުމުން ދާނިޝްގެ ހިތުގައި ވާލޯތްބަށް ބަދަލެއްނައެވެ. ވީއިރު އޭނައަށް މިވަނީ ކީއްހެއްޔެވެ؟އަލީޒާ އަމިއްލަ ނަފުސް ދެކެ ރުޅިއައެވެ.
އަލީޒާ މަޑުމަޑުން ތެދުވެ ދާނިޝްގެ ކަނދުރާގައި އަތް އަޅުވާލިއެވެ. 
"ޑޭން. މިފަދަ ވާހަކައެއް ބުނުމަކީ ފަސޭހަކަމެއްވެސް ނޫން. ގަބޫލެއްވެސް ނުކުރެވޭ. އައިސްގޭޓްގައި އުޅެނީނު ހަމަދު. އޭނަ އާއި މިއަދު ދިމާވެގެން ވާހަކަތަކެއް. ކިޔާދިނީ. ޑޭން އާއި ކޮއްކޮ ޖީން ރައްޓެހިވެގެން އުޅުނޯ...." އަލީޒާ ކަރުނަ ފޮހެލާފައި ދާނިޝްގެ މޫނަށް ބަލާލިއެވެ.
ދާނިޝް އަނގަޔަށް ގޮތެއް ހަދާލުމުން އެ ކޯތާފަތަށް އެޅޭ އަޑިކޮޅު ފުންވެގެން ދިޔައެވެ. އެކަމަކު ދާނިޝް ވަކި އެއްޗެއް ނުބުނެއެވެ. އަނެއްކާ ހަގީގަތަކީ ހެއްޔެވެ؟ އަލީޒާގެ ހިތް ތެޅިލިއެވެ. ދޮގެކޭ ބުނާނެނަމައެވެ. އޭނަ ދާނިޝްގެ ފަރާތުން ބޭނުމީ އެފަދަ ހިތްހަމަޖެހޭ ޖަވާބެކެވެ. ރުޅިއައިސްގެން އެފަދަ ދޮގުވެރި ޚަބަރެއް ގެނެސްދިން މެސެންޖާ ގެ ގަޔަށް އެތިފަހަރެއް ވީއްލާލާނެނަމަވެސް މާ ރަގަޅުވީހެވެ. އެކަމަކު މިހިމޭންކަން އޭނަގެ ހިތްއިތުރަށް ތަޅުވާލައިފިއެވެ.
. "ދެން ؟" ދާނިޝް ބުމަ އަރުވާލިއެވެ
"ހަމަދު އަށް ފެނުނީ ޔޯ ޑޭންމެން އައިސްގޭޓްގެ ބަގީޗާތެރޭގައި މާވަރުގަދަ މަންޒަރެއް ކުޅުނުތަން. އެވަގުތު އެތަނަށް ދެވުނީ ފަރުޒާނާޔަށޯ. ފަރުޒާނާ ވަރަށް ބޮޑަށް ރުޅިއައިސް ޖީނާގެ ގައިގާޖެހީމަ ޖީނާވަރަށް ރޮއިފާ ދެން ދާނިޝްއާއި ވާހަކަ ނުދައްކާނަމޭ ބުންޏޯ. އެކަމަކު އޭނައަށް ފެނެޔޯ ޖީނާ ދާނިޝް ކޮޓަރިއަށް ވަންނަތަން. ޖީނާ އަތުގެ ނާރުބުރިކޮށްލީވެސް ގަދަކަމުން މީހަކާ ދެވަން އުޅުނީމަޔޯ. ހަމަދު އެގެއިން ހިގާހާކަމެއް ކިޔާދިން. ހަންޑި ފެންނަވާހަކަވެސް ބުނި. އީން އަކަށް މާބޮޑުކަމެއް ނޭގޭ. އީން ބުނީ ޖީން މަރުވިރޭ އެތާހުރި ފިރިހެންކުއްޖަކު ބުންޏޯ ޖީން ޑޭން ގެ ފޮޓޯ މޫދަށް ވެއްޓުނީމަ ފޮޓޯ ސަލާމަތްކުރަންވެގެން އުޅުނީމަޔޯ ކައްސާލީ. އެރޭ ޖީނާ ގުޅައިގެން ހުރީވެސް ޑޭން އަށް ކަމަށް އީން ބުނި............." އަލީޒާ އޭނައަށް އެގިހުރި ވަރަކުން ދާނިޝްއަށް އެ ޚަބަރުކިޔާދިނުމަށްފަހު އިންތިޒާރުކުރަމުން ދިޔައީ އެއީ ދޮގެކޭ ބުނާނެ ވަގުތަކަށެވެ. އެ ރީތި ދެލޮލުން ފެނުނީ އުއްމީދުގެ ކުލަވަރެވެ. އަލީޒާ ބޭނުންވަނީ އެފަދަ ޔަގީން ކަމެކެވެ. ކޮއްކޮ ބޭބެ ގެ މިފަދަ ނުބައި ގުޅުމަކަށް މި މުޖުތަމައު ހުއްދައެއް ނުދެއެވެ. މުސްލިމުންނަށް ވީތީ އެވެ. ދިވެހިންނަށްވީތީއެވެ.

"އެންމެފަހުން އެ ސޮރު ރިޕޯޓަރަކަށްވެގެން އެ ވާހަކައާއިގެން ހިގަން ފެށީދޯ...." ދާނިޝް އެންމެހައިރާންވީ މިފަދަ ސިއްރެއް މިގޮތަށް ފެތުރިގެންދާއިރުވެސް މީރާންމެންގެ ފަރާތުން އެއްވެސް އެހީއެއް ނުލިބުނީތީއެވެ. މިއީ އެންމެންގެ އިއްޒަތާއި ގަދަރާއި ގުޅިފައިވާ ސިއްރެކެވެ. ހަމަދު އެގޭގައި އުޅުނީ ދެލޯ ކިތަންމެހާވެސް ރަގަޅަށް ހުޅުވައިގެން ކަން މިހާރު އެގިއްޖެއެވެ. ސިކިއުރިޓީއަށްވެސް ނޭގޭހާކަންތައް އޭނައެވަނީ ހޯދާފައެވެ. އަލީޒާ އަށް މިޚަބަރު ގެނެސްދިން މީހަކު އިތުރު ކިތައްމީހުން ކައިރީ ކިޔާނެހެއްޔެވެ؟

ކޮމެންޓް 0