އަލީޒާ ކޮޓަރިއަށް ވަންއިރު ދާނިޝް ހުރީ ކުޑަދޮރުހުޅުވާލައިގެން ބޭރަށް ބަލަހައްޓައިގެނެވެ. ވައިރޯޅިތައް އޭނާގެ އިސްތަށިގަނޑު ހާވަމުން ދިޔައެވެ. އޭނާއެބުރިބަލާލިއިރު އަލީޒާއަށް ރުޅީގެ ބަދަލުގައި ފެނުނީ އެހެން އަސަރުތަކެވެ. ވޭނެކެވެ. ފުން އަސަރުތަކެވެ. އަލީޒާ ޖެހިލުމެއްނެތި ބާރަށް ހިގާލާފައި އައިގޮތަށް ދާނިޝްގެ ދެއަތުގައި ހިފެހެއްޓިއެވެ.
" ޑޭން...ވަރަށް ގިނަ ދުވަހަށް ކެތްކުރެވިއްޖެ. އިތުރަށް މިވޭނަކަށް ކެތްނުކުރެވޭނެ. ބޭރުފުށުން އަނިޔާއެއްނުލިބުނަސް މިގެއަށް އައިގޮތަށް ހިތް ހަލާކުވެއްޖެ. އަޅުގަނޑާއި ކާވެނިކުރެއްވި ސަބަބެއް އެގެން މިރޭ ބޭނުން. ނޫނީ މިއަށް ވުރެ މާރަގަޅު ވާނެ މަރާލިޔަސް..."

" މޮޔަވީތަ؟ ހާދަ ލަދުކުޑަވެގެން ތިއުޅެނީ..........." ދާނިޝް އެވާހަކަ ގަބޫލުކުރަން ބޭނުންވިޔަސް ގޮތުގައި ހިފެހެއްޓިއެވެ. އޭނަ އަލީޒާގެ އަތް ފޮޅުވާލާފައި އޭނަގެ އެ ޚާއްސަ ކަތި ނަޒަރުން ބަލަހައްޓައިގެން ހުރީ އަލީޒާ ލަދުގަންނަވާލުމަށެވެ. ކުޑަދޮރުމަތީގައި އިށީދެލައިގެން ކުޑަކޮށް އެއްފައި ދަމާލައިގެން ދެއަތް މަހާލައިގެން އިންގޮތުން އަލީޒާގެ ހިތަށް ހައްތާ ތަދުވީއެވެ. އެއީ މުޅިންވެސް އަލީޒާގެ ހިތްކަތިލާ އަދާތަކެވެ.

" މިވަރަށް ލޯބިވަންޏާ މޮޔަވެސް ވާނެ. ލަދުވެސް ކެޑޭނެ. ހާދަ ގިނަދުވަހު ކަރުނަތައް ސިއްރުކޮށްލައިގެން ހުރެވިއްޖެ........" އަލީޒާ މިރޭ ހުރީ ކޮންމެވެސް ކޮޅެއްގައި ޖައްސަން އަޒުމް ކަނޑައަޅައިގެނެވެ. ލޯބި ލިބެންޖެހޭނެއެވެ. ނޫނީ ދާނިޝްގެ އަތުން އޭނަ މަރުވެގެން މިހިތާމަތަކަށް ނިމުމެއް އަންނާނެއެވެ. އެ ރުޅިގަނޑު ހިލުވާލައްވާފައި ކޮޓެޖްގައި އެރޭ ހިނގިފަދަ ހާދިސާއެއް ހިނގިޔަސް މިހިމޭންކަމަށް ވުރެ ހިތަށް ފަސޭހަވާނެއެވެ.

" އެކްޓް ކުރަނީތަ؟ ހިޔެއްނުވޭ ކިތަންމެ ބޭނުންވިޔަސް ޖީ...... އަމް................" ދާނިޝް ހިންދިރުވާލިއެވެ. ދާނިޝްއަށް ޖީނާގެ ނަން ނުކިޔުނީ ހަމަ ކިރިޔާއެވެ. އަލީޒާއަށް ޖީނާ އެނގިފައިވަނީ ދާނިޝް ގެ އަންހެންކޮއްކޮގެ ގޮތުގައެވެ. އޭނައަށްޓަކައި ގުރުބާންވި ލޯބިވެރިޔެއްގެ ގޮތުގައެއް ނޫނެވެ.
" ކިތަންމެ ބޭނުން ވިޔަސް ޖޫލިއަޓްއަކަށް ނުވެވޭނެ............" ދާނިޝް އަވަސްއަވަހަށް އެކުށް ރަގަޅުކޮށްލާފައި ޖީނާގެ ބަދަލުގައި ޖޫލިއަޓްގެ ނަން ލައިގެން ޖުމްލަ ފުރިހަމަކުރިއެވެ. އަލީޒާ ޑްރެސިންޓޭބަލްމަތީގައި އޮތް ކަޓަރު ނެގިތަން ފެނުމުން ދާނިޝްގެ ހިތުގެ ހިނގުން މަޑުޖެހިލަފާނެހެން ހީވިއެވެ. ޖީނާ އަތުގެ ލޭނާރު ބުރިކޮށްލަން ފަސްނުޖެހުނުގޮތަށް އަލީޒާވެސް އެފަދަ ނޭއްގާނިކަމެއް ހިންގަފާނެއެވެ. އެހެންމީހަކަށް ނޭގުނަސް އެދެކުދިންގެ "ވަރުގަދަ" ލޭގެ ގުޅުމެއް އޮތީމައެވެ.

" ޖޫލިއަޓްއަށް ވެވޭނީ ހަމައެކަނި މަރުވެގެންކަމަށްވާނަމަ ފުރާނަވެސް ދޫކޮށްލަފާނަން. އިންސާނަކަށް އަނެއް އިންސާނަކު ދެކެ ލޯބިވެވޭނީ މިވަރަށް. ޑޭން. އައި ވުޑް ޑޫ އެނީތިންގް ފޯ ޔޫ............."

އަލީޒާ ކަޓަރު ބާއްވާފައި އައިގޮތަށް ދާނިޝްގެ މޫނުގެ ދެފަރާތުގައި ހިފެހެއްޓިއެވެ. ދެޒުވާނުންގެ ހަތަރުކަޅި ހިނދުކޮޅަކަށް ބައްދަލުވިނަމަވެސް ގަރުނަކަށް ދެމިގެން ދިޔަހެން ހީވިފަދަ ވަގުތުކޮޅެކެވެ. ދާނިޝް އަލީޒާގެ އަތް ނައްޓުވާލާފައި ދުރަށް ޖެހެންއުޅުނީމަ އަލީޒާ ކޮނޑުގައި ހިފެހެއްޓިއެވެ.
" ކީއްވެ ޖަވާބެއް ނުދޭންވީ؟" އަލީޒާ ދާނިޝްގެ ޓިޝާޓްގައި ދެއަތުން ހިފާފައި ތަޅުވައިގަންނަމުން ރޮވިފައިވާގޮތަކަށް ބުންޏެވެ. އެމަޑުމަޑު އަތް ޓީޝާޓުން ނައްޓުވާލުމަކީ ކިތަންމެ ފަސޭހަކަމަކަށްވިޔަސް އަލީޒާއަށް ދޫކޮށްލައިގެން އޭނަ ހުރީ ހައިރާންވެފައެވެ. ޖީނާގެ ސިފަތައް މަޑުމަޑުން އަލީޒާގެ ގައިން ފެންނަން ފެށީތީއެވެ. އެ ކެރޭ ޖެހިލުންކުޑަ ބައި މިހުރިހާ ދުވަހުވީ ކޮންތާކުހެއްޔެވެ؟ ލަދުރަކި ކުއްޖާވެސް ލޯބީގެ ބާރުގައި ހިތްވަރުގަދަކޮށްލީއެވެ. 

" ކޮން ޖަވާބެއް؟ " ދާނިޝް ބުމައަރުވާލިއެވެ.
" މެރީ ކުރި ސަބަބު. މި ބީރައްޓެހިކަމުގެ ސިއްރު. ދުވާލަކު ހާސްފަހަރު މަރުވާންޖެހޭ ސަބަބު. ޕްލީޒް. އައި ކާންޓް ޓޭކް ދިސް އެނީމޯ......." އަލީޒާ ރޮމުން ދާނިޝް ގެ މޭގައި ބޯ އަޅާލައިފިއެވެ. ދާނިޝްގެ ޓީޝާޓް އަލީޒާގެ ހޫނު ކަރުނަތަކުން ތެމި ފޯކުރަމުން ދިޔައެވެ. އޭރު ހުޅުވާލެވިފައިވާ ކުޑަދޮރުތަކުން ފިނިފިނި ވައިރޯޅިތައް ވަންނަމުން ދިޔައެވެ. ހަމަ ދެންމެ ދެންމެ ވާރޭ ވެހިގެންފާނެކަމުގެ އިންޒާރުތަކެވެ.

" ޑޭން ގަބޫލުކޮށްބަލަ. ހަމައެކަނި ޖޫލިއަޓް އަކަށް ނޫން ރޯމިޔޯ ދެކެ ލޯބިވެވުނީ. ހިތްނަގާފައި ދެއްކޭނެނަމަ ގަބޫލުކުރެވުނީސް. އަޅުގަނޑުގެ ކުށަކީ މިވަރަށް ލޯބިވުންހެއްޔޭވެސް ހިތަށް އަރާ. ހޮސްޕިޓަލުން ފުރަތަމަ ފެނުނުދުވަހުވެސް ހަމަ ކިރިޔާ ފެއިންޓް ނުވީ. އެދުވަހު ވަށައިގެން ފެނުން ކޮންމެ އެއްޗަކަށް ބެލުނީ ތަފާތު ނަޒަރަކުން. ހުރިހާ އެއްޗެއް ރީތިކަމަށް ފެނުނު ލޯބީގެ ސަބަބުން. މިއަތުގެ އެންމެ ބީހިލުމަކުންވެސް ހުރިހާ ހިތާމައަކާއި ބިރެއްފިލައިގެން ދޭ..."
އަލީޒާ ދާނިޝްއަށް ކޮންމެ ދުވަހެއް ވަކިން ހަދާންކޮށްދިނެވެ. ދާނިޝްގެ ކޮންމެ ބީހިލުމަކުން ކޮންމެ ބަލާލުމަކުން އޭނަގެ ހިތަށް ހަދާލި ސިހުރާއި ނުނިދި ކަރުނައިގާ ހޭދަކުރި ރޭތަކާއި އޭނަ މޮޔަވެފައިވާވަރު ރަގަޅަށް ކިޔާދިނެވެ. ދާނިޝްއަށްވެސް އަލީޒާއޭނަ ގެ ޖާދޫގައި ޖެހިފައިވާވަރު މާކުރިއްސުރެ އެގެއެވެ. އޭނަގެ ލޮލުގެ ބާރުން އަންހެންކުދިންގެ ހިތާއި ކުޅެލުމަކީ ފުރާވަރަށް އެޅުނީއްސުރެ އޭނައަށް ދާދި ލުއިފަސޭހަ ކަމެކެވެ. އެކަމަކު އަލީޒާ ތަފާތެވެ. ހަގީގީ ލޯތްބަކީ މިއީހެއްޔެވެ؟

ދާނިޝް އަލީޒާ ގަޔާއި ދުރުކޮށްލީ މަޑުންނެވެ. ކުޑަދޮރުތައް ލައްޕާލުމަށްފަހު އޭސީ ޖައްސާލާފައި އޭނާ އަލީޒާއަށް ދެއްކީ ސިޓީއަކާއި ލެބް ޓެސްޓެކެވެ. އަލީޒާ ލޯބި ދައްކަނީ އާވައްތަރަކަށް ހެއްޔޭ އަހާލެވުނެވެ. ބްލެކްމެއިލް ކުރުމަކީ ލޯބީގެ ބަޔެއްހެއްޔޭ އަހާލަމުން ލެބް ހުސެން އަށް ހެދުނު ކުށެއްގެ ނާޖާއިޒު ފައިދާ އަލީޒާ ނެގީ ކީއްވެހެއްޔޭ ސުވާލުކުރިއެވެ. އޭގެޖަވާބު ލިބުމުގެ ކުރިންވެސް ދާނިޝްއަށް ވަނީ މިއީ އަލީޒާގެ ކަމެއްނޫންކަން ގާތްގަޑަކަށް ޔަގީން ކުރެވިފައެވެ.

މިފަހަރު މައްސަލައަކީ އޭނަގެ ހަވަނަ ހިއްސު މާލަހުން މަސައްކަތް ކުރިކަމެވެ. ރޫހާނީ އެއްވެސް ފަރާތެއްގެ ބާރެއް ނުލިބުނުކަމެވެ. އަޖައިބުވަނީ މީރާން އަށް ހަގީގަތް ރަގަޅަށް އެނގިހުރެ އަމިއްލަ ކޮއްކޮގެ ދިރިއުޅުން ވިއްސިވިހާލިވެ ބަރުބާދުވެގެން ދާތަން ދެކެން ކުޅިބަލައިގެން ހުރީތީއެވެ. އޭނަގެ ލޮލުން އޮހުނު ކަރުނަތަކާއި ނިދި ބޭކާރުވެގެން ދިޔަ ރޭތައް ދެކެން ބޭބެ ހުރީ އޭނަގެ ހިތުގައި އެއްވެސް ހަމްދަރުދީއެއް ކުލުނެއް ނެތީމަބާވައެވެ. މީރާންއަކީ ހަމައެކަނި ބޭބެއެއްނޫނެވެ. އެންމެ ގާތް އެކުވެރިޔާއެވެ. އޭނަގެ ހީރޯވެސްމެއެވެ.

މީރާން ކިތަންމެ ފަހަރު އޭނަގާތު ރަގަޅަށް ވިސްނުމަށާއި ބަލާފައި ނޫނީ ފިޔަވަޅެއް ނޭޅުމަށް އިންޒާރުކުރިއެވެ. ހަގީގަތް ހޯދުމެއްނެތި ދާނިޔާލް ކޮއްކޮގެ މޫނުމަތީގައި އެތިފަހަރެއް ޖެހިފަދައިން ގޯސް ނަހަދަން އެދުނެވެ. ހަމައެހާ ކުޑަ އިންޒާރަކުން ފުއްދާލާފައި މީރާން މަޑުން ހުރީ ހެއްޔެވެ؟ މީރާންއާއި މެދު ދާނިޝްގެ ހިތުގައި ޝަކުވާ އުފެދުނެވެ.

ދާނިޝްގެ ލޯ ތެމޭގޮތްވިއެވެ. ފައިމަތީގައި އުޅަބޮށިވިއްދާލަމުން އިރުކޮޅަކަށް މޫނު ފޮރުވުނެވެ. ލަދުގަންނަގޮތްވިއެވެ. އޭނަގެ ވިސްނުމާއި މޮޅުކަމަށް އެންމެން ތައުރީފުކުރާއިރު ލޯބީގައި ހާދަ ގަމާރެވެ. ލޯބީގެ ސަބަބުން އިންސާނާ ބައެއްފަހަރު ހަމަ ވިސްނުމުން އެއްކިބާކުރުވަނީ ހެއްޔެވެ؟ އޭނައަށް އިސްއުފުލާލާފައި އަލީޒާއަށް ބަލާލެވުނީ އިންތިހާ ދަރަޖައިގެ ހިތްދަތިކަމާއިއެކީގައެވެ.

އަލީޒާ ސޯފާގައި އިށީދެ ސިޓީ ނެގުމުން ދާނިޝްވެސް އިށީނީ އަލީޒާއާއި ދާދި ކައިރީގައެވެ. އެސިޓީ ފެނުމުން އަލީޒާއަށް ލިބުނީ ޝޮކެކެވެ. ދެލޯ ބޮޑުވެ ހައިރާންވެފައި އިންއިރު އެ ސިޓީގެ ކޮންމެ ޖުމްލައެއް އޭނަ ހައިރާންކުރުވަމުން ދިޔައެވެ. އެންމެފަހުން މާބޮޑަށް ރޮވެން ފެށުނީއެވެ. ރޮވޭވަރުން ގިސްލިޔަނުދިނުމަށްޓަކައި އަތުގައި ދަތް އެޅުނެވެ.

" މިހާ ހިމަ އިނގިލިތަކަށް އަނިޔާ ނުދީ މިއަތުގައި ދަތްއަޅާބަލަ............" ދާނިޝް އަލިޒާގެ އަނގައިން އަތް ނައްޓުވަމުން އޭނާގެ އަތް ދިއްކޮށްލިއެވެ. އަލީޒާ ދާނިޝްގެ އަތުގައި ބޮސްދިނެވެ. އެ އަތްތިލަ ލޮލުގައި ޖެއްސިއެވެ. އަނގައިން ބުނާނެ ހިތްވަރެއްވެސް ނުލިބުނެވެ. މިސިޓީ ލިޔުނީ ކޮންފަދަ ރަހުމް ކުޑަ އަނިޔާވެރިޔެއް ހެއްޔެވެ؟ އޭނައާއި އޭނަގެ ލޯބިވެރިޔާ ދުރުކޮށްލަން މިއުޅުނީ ހީލަތްތެރި މަކަރުވެރިޔެކެވެ. އެމީހާގަނޑަށް އޭނާ އުމުރު ދުވަހުވެސް މަޢާފެއް ނުކުރާނެއެވެ. އޭނައަށް ނޭގި އޭނާގެ ނަމުގައި ދޮގުވެރި ސިޓީއެއް ފޮނުވައިގެން ދާނިޝްގެ ހިތް އޭނައާއިމެދު ހާދަ ބޮޑަށް ނުބައި ކުރުވައިފިއެވެ. ދާނިޝް ހާދަ ރަގަޅެވެ. އެހެން މީހެއްނަމަ އޭނަގެ ހަށިގަޑާއި ފުރާނަ ދެތަން ކުރުވައިފީހެވެ. މައުމޫންވެސް އޭނައާއި މެދު ދެކިލައްވާނީ ހާދަ ދަށް ނަޒަރަކުންނެވެ. ވަޒީފާދެއްވިކަމުގެ އިހުސާންތެރިކަން ހަދާންނައްތާލީކަމަށްވެސް ބައްލަވާނެއެވެ.

ދާނިޝް އޭނަގެ ބައްޕައަށް މިސިޓީ ލިބުމުން ކަން ހިނގިގޮތް ކިޔާދިނެވެ. ބޭބެމެންވެސް އޭނައާއިމެދު ހިތްހަމަނުޖެހުނުކަމަށާއި އަލީޒާއަށް އޭނައަށްވުރެ ބޮޑަށް އެމީހުންވެސް އިތުބާރުކުރިކަން ހާމަކޮށްދިނެވެ. އަލީޒާއަށް ހަމަ ރޮވެމުން ދިޔައެވެ.

" އިޓްސް އޯކޭ..އިޓްސް އޯކޭ އެލީ..........." ދާނިޝް އަލީޒާ ރޯވަރުން ކޮނޑުގައި އަތް ބާއްވާލަމުން ކައިރިކޮށްލިއެވެ.
ދާނިޝްގެ އެ އޯގާތެރި އެންމެ ހަރަކާތުން އަލީޒާއަށް މާބާރަށް ރޮއިގަނެވުނެވެ. އޭނަ ސޯފާއިން ފުންމާލައިގެންދުވެފައި ގޮސް ފާޚާނާއަށް ވަނެވެ. ދާނިޝް ފަހަތުން ގޮސް ދޮރު ތަޅުލިޔަނުދީ ހިފެހެއްޓީ އަލީޒާ ގޯހެއްހަދާފާނެކަމުގެ ބިރު ހީވެފައި އޮތީމައެވެ. އުމުރުގައި ދެވަނަފަހަރަށް އެފަދަ ކަމެއް ތަކުރާރުވާކަށް އޭނަ ނޭދެއެވެ. 

އަލީޒާ ކިތަންމެ ފަހަރަކު މޫނު ދޮވުނަސް އެ ލޯ ތާޒާކަރުނުން ފޯވެއެވެ. އަލީޒާގެ އެ ރީތި ދެލޯ ދުޅަވެ ރަތްވެފައިވާވަރު ފެނުމުން ދާނިޝްގެ ހިތަށް ވަރަށް ބޮޑަށް ތަދުވިއެވެ. އޭނަގެ އަލީޒާ އިތުރަށް ރޮއްވާކަށް އޭނަ ބޭނުމެއް ނޫނެވެ. އަލީޒާ އޭނައަށްޓަކައި ހާދަ ގިނަދުވަހު ކަރުނަ އޮއްސައިފިއެވެ. އޭގެ ބަދަލުގައި ހަމަ އެވަރަށް އުފާދޭން އޭނަ ބޭނުމެވެ. ދާނިޝް ފަހަތުން އައިސް އަލީޒާގެ ގައިގާ ބައްދާލަމުން އޭނައާއި ދިމާލަށް މޫނު އަބުރާލިއެވެ. ކޮންމެ ލޮލެއްގައި ވަކިން ބޮސްދިނެވެ. ދާނިޝްގެ ތުންފަތުގެ ބީހިލުމުން އަލީޒާގެ ލޮލުގެ ރިހުން ވަގުތުން ފިލައިގެން ދިޔައެވެ. ހިނިތުންވެލެވުނެވެ. ދާނިޝް އަބަދުވެސް ދެކެން ބެނުންވާ އެ ރީތި ހިނިތުންވުމެވެ.

" ދެން ހުއްޓާލާ. ވާވަރަށް ރޮވިއްޖެ. ރޮންޏާ އަދަބެއްދޭން ޖެހިދާނެ އިގޭ. މިހެން އަދި މަޑުން ހުއްޓަސް އެލީ އަށް އިގޭނެ އަހަރެންގެ ވައިލްޑް ބަޔެއްވެސް ހުންނަކަން އެހެންނު............." ދާނިޝް ލާނެތް ހިނިތުންވުމަކާއިއެކީ އަލީޒާގެ ކޮލުގައި ހިފައިލިއެވެ. ހާދަ އޮމާނެވެ. ހާދަ މަޑެވެ. ދާނިޝްގެ ހިތުގެ ވިންދު އަވަސްވިއެވެ. އޭނާ މިހާރު ބޭނުމީ މިރީތި ރޭ ބޭކާރު ވިޔަނުދީ މާޒީވި ހުރިހާ ދުވަސްތަކަށް ވާވަރަށް އުފަލާއި ހިތްހަމަޖެހުން ހޯދުމަށެވެ. ކެހިވެރިންޖެހި މަޅިއެއްގެ ޝިކާރައަކަށްވެ އޭނަގެ ލޯބީގެ ދިރިއުޅުން ވިރާނާވެގެން ނުދިޔައީ ހަމަ ކިރިޔާއެވެ. އިތުރަށް އިންތިޒާރުކުރާކަށް އޭނަ ބޭނުމެއްނޫނެވެ.

އަލީޒާ ހަނދާންކޮށްދިނީ ކޮޓެޖް ގައި އޭނަ ދާނިޝްއަށް ކިޔައިދިން ވާހަކަތަކެވެ. އެރޭ ބޯއިފްރެންޑެއް ނުހުންނަކަމަށް އޭނަ ބުނީމަ ޑޭން ގަބޫލުނުކުރި ނޫންހެއްޔޭ އަހާލިއެވެ. މަންމަ ވީމަ ފަރުޒާނާ އޭނައަށް ދިން އިންޒާރުތައް ދާނިޝް އެރޭ ގަބޫލުކުރިނަމަ ފަހަރެއްގައި ދާނިޝްއަށް އޭނަގެ ކުށެއްނެތްކަން އޭރުވެސް އެގުނީސްކަމަށް ބުނޏެވެ. ދާނިޝް އަށް ދެން ވިސްނުނީ އަލީޒާ މިހުރިހާ ވާހަކައެއް ކިޔާދިނީ އެރޭ އޭނަ ހެޑްސެޓްއަޅައިގެން އޮތްވަގުތުގައި ކަމެވެ. ނަސީބުދެރަކަމުން ދެމީހުނަށްވެސް ނޭގުނީއެވެ. ފަރުޒާނާ އޭނަ ފެނުނަސް މޫނު ހަދާލާކަމަށާއި ޖީންއާއި އެކު ފެނުމުން ދެއްކިވާހަކަތައް ވެސް ކިޔާދިނެވެ. އަދި ފަނާގެ ރުޅިވެރި އިންޒާރުވެސް ދާނިޝްއާއި ހިއްސާކުރިއެވެ. އެ ސިޓީ ލިޔުނުކަމަށް ވާނީ ފަރުޒާނާ ނޫނީ ފަނާކަމަށާއި ލެބުން އެ ޓެސްޓް އޭނަ ނުވެސް ނަގާކަމަށާއި ހަދާން ނެތިގެން ލެބްގެ ކައުންޓަރު މަތީގައި ބާއްވާފައި އާދެވުނުކަމަށް ބުންޏެވެ. 

އަލީޒާ ޝިރުޒާދު ދައްކާފައިވާ ވާހަކަތަކަށް ވެސް ޖަވާބު ދިނެވެ. އޭނަގެ މަންމަގެ އެދުމަށް ފަނަރަހާސް ރުފިޔާ ދިންކަމަށާއި އެވެސް މުސާރަލިބެން ފެށީމަ ދާނިޝްއަށް އަބުރާ ދޭން ނިންމާފައިވާ ކަމަށާއި މަންމަ ބަރުކޮޅާއި އުއްބައްތި ގެންދިޔައީ ސިއްރުން ނޫންކަމަށާއި އޭނައަށް އެނގިގެންކަމަށް ބުންޏެވެ. އަމިއްލަ ދަރިފުޅުގެ ގެއިން މަންމަ ވައްކަމެއް ކުރާނެހެން ހީނުވާކަމަށާއި އަލީޒާއަށް އެއްގޮތަކަށްވެސް އަގޮޓިއާއި ބެހޭ ކަމެއް ނޭގޭކަމަށްވެސް ބުނެދިނެވެ. އެކަމަކު ބަގިޗާއިން އޮރެންޖްގަސްތަކާއި އެހެން ގަސްތައް ވަގަށްގެން ގޮސްފައިވާކަން އެނގުމުން މިއަދު ރޮވުނުކަމަށާއި އެކަން ކޮންމެފަދަ މީހަކު ކޮށްފައި އޭނަގެ މަންމަގެ ބޮލުގައި އަޅުވަފާނެކަމަށް އަލީޒާ ގަބޫލުކުރިއެވެ. ޝަކީރާ އަދި ސަބީހާ ދައްތަމެންގެ އަންހެންދަރިންތައް ފިރިހެނުން ގެއަށް ގެނެސްހެދިޔަސް އޭނަގެ މަންމަ އެފަދަ ކަންތައްތަކަށް ވަރަށް ހަރުކަށިވާނެކަމަށާއި މަންމަގެ އަބަދުވެސް ހުވަފެނަކީ އަލީޒާ ރަގަޅު ފިރިހެންކުއްޖެއްގެ ހަޔާތުގެ ބައިވެރިއަކަށްވުން ކަމަށް ބުންޏެވެ. އަލީޒާ އެހުރިހާ ވާހަކައެއް ދެއްކީ އޭނަގެ މަންމަ ދިފާއުގައެވެ.

ދާނިޝް އަލީޒާދެއްކި ހުރިހާ ވާހަކައެއް ގަބޫލުކުރިއެވެ. ވިސްނާނުލައި ތަނަކުން އެއްޗެއް ފެންނައިރަށް ކަމުގެ ދެކޮޅު ބަލާނުލެވުނުކަމުގެ އަދަބު ކިތަންމެވަރަކަށް ވެސް ދާނިޝްއަށް ލިބިއްޖެއެވެ. ބޯ ހަލާކުވާވަރަށް އޭނަވަނީ ހިތާމަކޮށްފައެވެ. އަލީޒާ ބުނިފަދައިން ހާސްފަހަރު މަރުވެފައި ދިރިއްޖެއެވެ. އަމިއްލަ އެދުމުން ފުރިފައިވާ އަނިޔާވެރިޔެއްގެ ޝިކާރައަކަށްވެ ލޯބިވާ އަންހެންކުއްޖާއަށް އެތައް ހިތާމައެއްދީ ކުށަކާއި ނުލައި ވަރަކަށް ރޮއްވާލެވިއްޖެއެވެ. އުމުރުގައި ލިބުނު މިފަދަ ފުރަތަމަ ފިލާވަޅެވެ. ދުވަހަކު އޭނަ ހަދާންނައްތައެއް ނުލާނެއެވެ. ދެވަނަފަހަރަށް މިފަދަ ހިތި ތަޖުރިބާއެއް ކުރާހާ އޭނަ މޮޔައެއްނޫނެވެ. ދެން ދުނިޔޭގެ އެއްވެސް ބާރަކަށް އޭނައާއި އަލީޒާ ވަތްކެއް ނުކުރެވޭނެއެވެ. އިރާދަކުރެއްވިއްޔާ މަރުވެގެން ކަށްވަޅަށް ދާނީވެސް އެކީގައެވެ. ގިޔާމަތް ދުވަހުވެސް ދެމަފިރިންގެގޮތުގައި ތާއަބަދު ތިބެވޭނެކަމަށް ހިތާހިތުން ދުއާކުރެވުނެވެ.

ދާނިޝް އަލީޒާގެ މަޑުމަޑު އަތްތިލައިގާ ބޮސްދިނެވެ. އޭރު އެ ރީތި ދެލޮލުން ފެންނަނީ އިންތިހާ ދަރަޖައިގެ ލޯތްބާއި ހަމްދަރުދީ ގެ އަސަރުތަކެވެ. ހިނިތުންވުމެވެ. އޯގާތެރިކަމެވެ. މިހުރިހާ ދުވަސްވަންދެން އަލީޒާ އިންތިޒާރު ކުރީ މިފަދަ ވަގުތަކަށެވެ. އަލީޒާ ހިތާހިތުން މާތްﷲއަށް ޝުކުރުވެރިވިއެވެ.

ކޮޓަރިއަށްވެރިވެފައިވާ މަޑު ރަތްއަލީގައި ދެޒުވާނުންވެސް ފެންނަލެއް އެހާ ރީއްޗެވެ. ކޮޓަރީގެ ކޮންމެ އެއްޗަކަށް އެ ރަތް ހިޔަނި އެޅިފައިވެއެވެ. އެހާ ޗާލެވެ. ދާނިޝް ފޯނު ނިއްވާލަމުން މަޑުމަޑުން އެ ރަތް ތުންފަތުގައި ދަތް އަޅާލިއެވެ. ކުޑަކޮށް އިސްއުފުލާފައި ބަލާލީ ވަރަށް ހިތްތަޅުވާލާފަދަ ގޮތަކަށެވެ. އަލީޒާގެ ކަކުލުން ވާގިދޫވިއެވެ. ވެއްޓިދާނެހެން ހީވިފަދަ ސިކުންތުކޮޅެކެވެ.

" މިހާރު އެކަކަށްވެސް ޑިސްޓާބެއް ނުކުރެވޭނެ ދޯ. ދެން ވާރޭ ވެހޭނެނަމަ ހާދަ ފުރިހަމަވީސް. މިއަށްވުރެ އިތުރަށް މިރޭ ރޮމެންޓިކް ކޮށްލަން ބޭނުން. އެލީ ބުނީމެއްނު ކުޑަޓަޗްއަކުންވެސް ކުރެވޭ އިހުސާސްތައް. އެލީއަށް އަދި ތިފެނިފައިވަނީ ލޯބީގެ ކުޑަކުޑަމިންވަރެއް. މިރޭ ދެން އިގޭނެ މިހުރިހާދުވަހު އެލީއަށް އަދި ތިލިބުނީ އުފަލެއްނޫންކަން. ފެއިންޓް ނުވާތީ އިގޭ..." ދާނިޝް ލާނެތްގޮތަކަށް އެއްލޯ މަރާލަމުން ހިނިތުންވެލިއެވެ. އަލީޒާ ދެކެން ބޭނުންވާ އެ ރީތި އަޑިކޮޅު ކޯތާފަތަށް އެޅިގެން ދިޔައެވެ. އަލީޒާގެ ހިތުގެ ވިންދު ދެގުނަ އިތުރުކުރުވާލަމުންނެވެ. ދާނިޝް އަލީޒާގެ އަތްތިލަ އޭނާގެ އަތުގެ ތެރެއަށް ލަމުން އިނގިލިތައް ގުޅުވާލިއެވެ.

ދާނިޝްގެ ބޭނުންފުރިހަމަވިއެވެ. އެވަގުތު ވާރޭވެސް މިއުޒިކެއްފަދައިން ވެހިގަތެވެ. ވާރޭގެ ތިކިތައް ފުރާޅުގައި ބޮސްދެމުން ދިޔައިރު ދާނިޝްވެސް އޭނަ އަލީޒާދެކެ ލޯބިވާވަރު އަންގާދެމުން އެލޯބިން ހިތްފުރާލަދެމުން ދިޔައެވެ. އެތައް ދުވަހަކަށް ފަހު އެ ދެ ލޯބިވެރިންގެ ހިތާއި ހަށިގަނޑު އަދި ފުރާނަވެސް ގުޅި ލާމެހިގެން ހިގައްޖެއެވެ. ދުނިޔެއިން އިންސާނަކަށް ލިބޭނެ އެންމެ މަތިވެރި އުފާތަކާއި ލޯބި ދެލޯބިވެރިން ހާސިލުކޮށްފިއެވެ. 

އިރުއަރަންދެން ވާރޭވެހުމަށްފަހު އިރު އެރީ ރީތި ދުވަހަކަށެވެ. އިރުވެސް ދާނިޝް އާއި އަލީޒާއަށް މަރުހަބާ ކިޔަމުން ކޮޓެޖް އަށް އަލިކޮށް އެ ރީތި ދަޅަތައް ފަތުރާލަދީފިއެވެ. ގަސްތައް ތާޒާކަމާއި އެކު ވަޔާއި ހެލިލަހެލިލާ ތިބިއިރު ކޮކާތައް އުދުހެމުން ދިޔައެވެ. މުޅި އެދުވަސް ދާނިޝްއާއި އަލީޒާ ހޭދަކޮށްލީ ގޭގައެވެ. ހަވީރަށް ބަގީޗާގައި އަތްގުޅުވާލައިގެން ހިނގާލުމުގެ އުފާ ހޯދިއެވެ. އެއްފަހަރުވެސް އަތުން ދޫކޮށްލަންދެ ޒުވާނުންވެސް ބޭނުންނުވިއެވެ. ލޯތްބާއި އެކު އެކަކު އަނެކަކަށް ކިތަންމެ ވާހަކައެއް ދައްކަމުން މާޒީ ހިއްސާ ކުރަމުންނެވެ. ހހީހީފައެވެ. ހުރިހާ ފިކުރުތަކާއި ހިތާމަތައް މާޒީއާއި އެކުވެގެން ދިޔައީކަމުގައި ހީކުރެވުނެވެ.

ދާނިޝް ބޮޑުކޮޓަރިއަށް ނުކުތީ ދާނިޔާލް ގުޅާފައި ބޭރަށް ނިކުންނަން އެދުނީމައެވެ. ބޮޑުކޮޓަރީގެ ރަތްއަލީގައި މީރާން ހުރީ ދޮރަށް ލެނގިލައިގެނެވެ. ގެ ތަޅުލާފައި ހުއްޓަސް މީރާންއަށް ވަދެވޭނެއެވެ. ބެލް ޖެހުމުގެ ބޭނުމެއް އޭނައަކަށް ނޯންނާނެއެވެ.
" ޑޭން. މިހުރިހާދުވަހަށް ވާވަރު އަދިވެސްނުވޭތަ؟ އެނީވޭއިސް ކޮންގްރާ މައި ޑާލިން ބްރޯ......ދެން އަވަހަށް ޕާޓީދެމާ ހިގާ........." 
ދާނިޔާލް އަދި ޝާހާން ވެސް އެވަރަށް ދިމާކޮށްފައި ކޮންގްރާ ކިއެވެ. ދާނިޔާލް ދާނިޝްގެ ފަރާތުން މައާފަށްވެސް އެދުނެވެ. ކުށަކާއި ނުލައި ނުހައްގުން ދާނިޝްގެ ގައިގާ އެތިފަހަރެއް ޖެހުނީތީއެވެ. އެވަރުންވެސް ދާނިޝް ހިމޭނުން ހުރީތީއެވެ. ހުރިހާވެސް މައްސަލައަކީ މީރާންއަށް ހަގީގަތް ރަގަޅަށް އެނގި އޭނަ ހިމޭނުންހުރުން ކަމަށްވާތީ އެންމެންވެސް ކުށްވެރިކުރީ މީރާންއެވެ.
" ބޭބެއަކު ހަގީގަތް އެގިހުރެ ކޮއްކޮ މިހާ ސަފާ ކުރިއިރު ހިމޭނުން ކުޅިބަލަހައްޓައިގެން ހުރި ސަބަބެއް ނޭގިފައި އަދިވެސް މިހިރީ..........." ދާނިޝް އެ ޖުމްލަ ބުނެލީ ސުވާލެއްގޮތަށެވެ.
" ސޮރީ. އެކަމަކު ޑޭން ކިތައް ދުވަހު ބުނިން ޑޭންގެ ލޯބީގެ ދިރިއުޅުމަށް އެކަކުވެސް ނުވަންނާށޭ. ރޫހާނީ ބާރުތަކުން އެހެން ޕަވާ ހޯދިޔަސް ލޯބީގެ މައްސަލައިގާ އެފަދަ ކަމެއް ބޭނުމެއްނޫނޭ. މައްސަލަ ޖެހުނަސް އަމިއްލައަށް ހައްލު ހޯދާނަމޭ. އޭރުންނޭ ލޯބި ހައްތަހާ އިތުރުވާނީ. އެހެންވެ ޑޭން އަމިއްލައަށް ވިސްނެންދެން ވަގުތު ދީގެން ހުރީ......" ތެދެކެވެ. އެއީ އަލީޒާދެކެ ލޯބިވުމުގެ ކުރިން ލޯތްބަކީ ކޯޗެއްކަން ނޭގޭ ޒަމާނުގައި އޭނަ އަބަދުވެސް މީރާން ގާތު ބުނަމުން އައި ވާހަކައެކެވެ. މީރާން ރިހާނާ އާއި ދާނިޔާލް ގެ މައްސަލަ ތައް ހައްލުކޮށްދޭތީ ދާނިޝްއަށް އޭރު ހީކުރެވުނީ ލޯބީގައި މައްސަލަތައް ޖެހި ރުޅިވުމުން ހައްތަހާ މަޖާވާނީކަމަށެވެ. އޮޓޯއިން އެކަންތައް ހައްލުވަންޏާ ހާދަ ފޫއްސެވެ. އެއަށްވުރެ ތަގުދީރަށް ދޫކޮށްލައިގެން ތަންކޮޅެއް އިންސާނީކޮށް އުޅުނީމަ މާރަގަޅެވެ. ލޯބީގެ މައްސަލަތަކަކީ މިހާ ހިތަށް ތަދުކުރުވާ ކަމެއްކަން މިއެނގުނީ ހިތި ތަޖްރިބާއެއް ކުރެވުމުންނެވެ.

އެ ހަނދާން ވުމުން ދާނިޝްއަށް ހީގަނެވުނެވެ.
" ސޮރީ ބްރޯ. ހީވާގޮތުން ހުރިހާ ކަމެއްގައި މީރާންގެ އެހީ ބޭނުންވާނެ. މިހާ ކެހިވެރި މަކަރުވެރިން އުޅޭކަމެއް ކުރިން ނޭގުނީ. އެހެން ބުނެވުނީ ލޯތްބަކީ ކޯޗެއްކަން ނޭގޭއިރު. މިހާރު އެލީ އާއި ނުލައި އުޅެންވެއްޖެއްޔާ ދެން ޖެހޭނީ އަބަދުގެ އަބަދަށްޓަކައި ވަކިވާން. ވީއިރު ދެން މިވަރަށް ސަފާ ކުރުވަން ނުޖައްސާތީ ............" ދާނިޝް މީރާންގެ މޭމަތީގައި ސަމާސާއަކަށް އެތިފަހަރެއް ވީއްލާލިއެވެ.
" ޑޯންޓްވޮރީ ޑޭން. ދެން ނުކެރޭނެ ހިޔަންޏަކަށްވެސް ތި ދޭތެރެއަށް ވަންނާކަށް. ބިގް ބްރޯ އަބަދުވެސް ރެސްކިއު އަށް އަންނާނަން. އެލީއަށް އަހަރެމެން ތައާރަފުކޮށް ނުދޭނަންތަ؟ " މީރާން އަހާލިއެވެ.
" ނޫން. އެލީ ފެމިލީ އެންމެނާއި ބައްދަލުކުރުވާނަން. މިރޭ އެންމެން އެކީގަ ކާން ހިގާ ދޯ. އަދި މާދަން ބައްޕައާއި ދޮންމަންމަ ގާތަށްވެސް ދާންވާނެ. ޝޭން. މިވީގޮތުން އަނެއްކާ ބޭނުން ޑަބަލް ވެޑިންއެއް ބާއްވަން. މިއަންނަ ވީކުގައި. ޕޮސިބްލްތަ ؟ " ދާނިޝް ޝާހާން ގާތުން އަހާލިއެވެ. ދާނިޝް އޭނާގެ މަންމައަށްވެސް ގުޅިއެވެ. މަންމަ ހުރީ ވަރަށް އުފާވެފައެވެ. ޕާޓީއަށް އަންނާނެކަމުގެ ޔަގީންކަން މަންމަ ދިނެވެ. ދާނިޝް ކަންބޮޑުވަނީ މަންމަ ދޮންބައްޕަ ގޮވައިގެން އަންނާނެތީއެވެ. ދޮންބައްޕަގެ ނުފޫޒުވަރަށް ގަދަވާނެއެވެ. މި ޕާޓީވެސް އޭނަ ބޭނުންވާގޮތަށް ގެންދަންވެއްޖެއްޔާ ވާނެގޮތެއްވެސް ނޭގެއެވެ.

"ތޭންކް ގޯޑް. ހާދަ އުފާވެއްޖެ. ޑޭން އަވަހަށް ޑޭޓެއްނިންމާ....." ޝާހާން އަބަދުވެސް ކަންތައް ނިންމަނީ ދާނިޝްގެ ލަފާގެ މަތިންނެވެ. ދާނިޝް އަށް ވުރެ އޭނަ ފަނަރަ މިނިޓަށް ހަނގުވީމަ ދާނިޝް އަބަދުވެސް ޝާހާން ޅަކުރެއެވެ. ކުޑައިރުއްސުރެ މާ ބޭބެވެފައި އެގެންގުޅޭ މިޒާޖުގެ ސަބަބުން ޝާހާންއަށް ހީވަނީ އޭނަ މާ ބޮޑަށްވެސް ޅަހެނެވެ. ހަތަރު ބެއިން ތިބެގެން ޕާޓީ ރާވާ ހަނީމޫންއަށް ދާންވީ ތަނެއްވެސް ކަޑައެޅިއެވެ.
އިރުކޮޅަކުން ދާނިޝް ކޮޓަރިއަށް ވަދެފައި އައީ އަލީޒާ ގޮވައިގެނެވެ. މި ތިން ޒުވާނުން ފެނުމުން އަލީޒާ ލަދުގަންނަގޮތްވިއެވެ. ރަތްބޮކީގެ އަލި ހުރިކަން އެއީ ނަސީބެކެވެ. 
" އެލީ. މިއީ އެލީ ގެ ބޭބެމެން. މީރާން ދާނިޔާލް އަދި ޝާހާން. އަވަހަށް ސަލާމްކޮށްލަ ބަލަ. ދެން ލަދުން އުޅޭކަށް ނުވާނެއްނު......" އަލީޒާ ހިނިތުންވެލާފައި ފުރަތަމަވެސް ސަލާމްކޮށްލީ މީރާން އާއެވެ. އަތްތިލަ ހާދަ ހޫނެވެ. ފިނިވެފައި ހުރިމީހަކު ހީފިލުވާލަދޭން ރަގަޅުވާނެއެވެ. މީރާން ގެ މޫނަށް ބަލާލުމާއިއެކީ އަލީޒާ ކަންބޮޑުވިއެވެ. އެ ވެމްޕަޔަރިޝް ގޮތެވެ. މިއީ އެރޭ ކާރުގެ ކުރިމައްޗަށް އެރި ޒުވާނާއެވެ. ދެލޯ އިރުފަދައިން ވިދާލި މި މީރާން ދާނިޝް ގެ ބޭބެއަކަށް ވީ ކިހިނެއްހެއްޔެވެ؟ ރަހުމަތް ތެރިއަކަށް ވިނަމަވެސް އެންމެ ރަގަޅެވެ. ދާނިޔާލް އަދި ޝާހާންގެ އަތްވަރަށް ފިންޏެވެ. ތަފާތެވެ. މީރާން އަކީ ކާކު ؟

އަލީޒާ ކަންބޮޑުވިވަރު ދާނިޝްއަށް ރަގަޅަށް ފާހަގަކުރެވުނެވެ. މިއީ އަލީޒާއަށް އަދި ނޭގޭ ސިއްރެކެވެ. މީރާންގެ ހަގީގަތް އެގުމުން އަލީޒާ ބިރުގަންނާނެހެއްޔެވެ؟ ކޮންމެ ގޮތެއްވިޔަސް މީރާންއަކީ އާއިލާގެ އެންމެ ޚާއްސަ އެކެކެވެ. ދާނިޔާލްމެނާއި އެއްވަރަށް މީރާން ދެކެވެސް ދާނިޝް ލޯބިވެއެވެ. މަންމަގެ ކަޅު ސިއްރުތައް އެނގުމުން އަލީޒާ ހަދާނީ ކިހިނެއްހެއްޔެވެ؟ ޔަގީނުންވެސް ދެން ދާނިޝް އަލީޒާ ދޫކޮށެއް ނުލާނެއެވެ. ދާނިޝް ޖެހޭނީ އަލީޒާ ހިތްވަރުގަދަ ކުއްޖަކަށް ހަދާށެވެ. އެ ފިނޑިކަން ކަޑުވާލާށެވެ. ރޫހާނީ ދިރިއުޅުމަށް ހާނުވާލާށެވެ.
ރޭގަނޑު ކާންތިބިއިރު ހަތަރު ބެއިން ވަރަށް ސަކަރާތްޖަހާ ސަމާސާކުރިއެވެ. އެވަރަށް ވާހަކަ ދައްކަން ނުކެރުނަސް އަލީޒާވެސް އެހުނުމުގައި ބައިވެރިވިއެވެ. އެކަމަކު މީރާންއާއި މެދުވަރަށް ވިސްނުނެވެ. މީރާން އަކީ ބޭބެއެއްކަން ދާނިޝް އޭނަ ކައިރީގައި ބުނެނުދީ މިހުރިހާ ދުވަހު އުޅުނީ ކީއްވެބާވައޭ ހިތަށް އެރިއެވެ. މީރާން ހުންނަ ކޮންމެ ތަނެއްގައި ރަތް އުއްބައްތީގެ އަލި ވާކަން އަލީޒާ ފާހަގަކުރިއެވެ. އަދި އެ ވާހަކަ ދައްކާ ބަރުއަޑުން ގައިން ހީބިހިނަގުވާލާ ގޮތެއް ހުއްޓެވެ. މީރާންރަގަޅަށް ކައިގެން ފެންވެސް ބުޔެވެ. ވެމްޕަޔަރަކަށް ވެއްޖެއްޔާ އެހެނެއް ނޫޅޭނެތާ އެވެ. މިފަދަ ގޮތަކަށް ޝައްކު ކުރާކަށް ނުވާނެއެވެ. މީރާން މެން ދިޔައިމާ ދާނިޝް ކައިރިން މީރާންގެ ހަގީގަތް ރަގަޅަށް އޮޅުން ފިލުވާނީއެވެ.

ރޭގަނޑު ކެއުމަށް ފަހު އަލީޒާ ދިޔައީ ނިދާ ކޮޓަރިއަށެވެ. ދާނިޝް މީރާން މެނާއި އެކީ ފެންޑާއަށް ނުކުތެވެ.
" މީރާން. ވަރަށް ގިނައިރުވަންދެން ކެތްކުރެވިއްޖެ. އެ ސިޓީގެ ސިއްރު ކިޔާދީބަލަ. އެއީ ކިހިނެއް ހިނގިކަމެއް؟ ކާކު މިވަރުން އަހެރެމެނާއި ޖައްސާލައިގެން މިއުޅެނީ. އަހަރެމެންގެ ލޯބީގެ ދުޝްމިން އެގުނީމަ ދެންވެސް ބަލައިގެން އުޅެވޭނީ. އެއީ ކާކުތަ؟ " ދާނިޝް ހުރީ ދޮރުގައި އަތް އަޅުވާލައިގެނެވެ. 

ކޮމެންޓް 0