ދާނިޝް ގެ ލޮލުން ވެއްޓުނު ކަރުނަ ތިކި އެ ރިޕޯޓްގެ ބައެއް އަކުރުތައް ފަވާލިއެވެ. އޭގައިވާ އަކުރުތައް އޭނައަށް ފެންނަމުން ދިޔައީ ފުސްކޮށެވެ. އޭނަ ކަރުނަތައް ހުއްޓުވަން ލޯމަރާ ތަގުޅިކޮށްލިނަމަވެސް އެބޯ އެސްފިޔަތައް ފޫދުއްވާފައި ކަރުނަ އޮހިގަތެވެ. އެނާ ސޯފާގައި އިށީދެ މޭޒުމަތީގައި އުޅަބޮށިވިއްދާލަމުން ދެއަތް މޫނުގައި އެޅިއެވެ. ހިތްވަރު ކުރަން ކިތަންމެ މަސައްކަތް ކުރިނަމަވެސް ކަރުނަތައް ނުހުއްޓުވުނެވެ. ދެލޮލުގައި ކިތަންމެ ބާރަށް ހިފެހެއްޓިނަމަވެސް ހިތަށް ލިބެމުންދާ ވޭން ލުޔެއް ނުވިއެވެ. ހައްތަހާ ވޭން އިތުރުވީއެވެ.

ކޮޓެޖް" ގެ ބިއްދޮށުގައިވާ ހުސް ތަންކޮޅުގައި ބޮޑު އަލިފާންގަޑެއް ރޯކޮށްލައިގެން ދާނިޝް އާއި އޭނަގެ އެކުވެރިން މަސް ފިހަން ވެގެން އުޅެއެވެ. ރޭގަ އެންމެން ދިޔައީ މަސް ބާނާށެވެ. ފޯރިގަދަ ރެއެކެވެ. ބޭނުންވާވަރަށް ވުރެ ގިނައިންމަސް ބޭނި ބޮއްކުރާ ފުރުނެވެ. މީރާންގެ ސަބަބުން އިތުރަށް ފޯރިގަދަވިއެވެ. ދާނިޝް ހުރީ މީރާން ދެކެ ވަރަށް ބޮޑަށް ރުޅިއައިސްފައެވެ. ގަސްތުގައި އެކަނިވެލާނެ ފުރުސަތެއް ނުދިނީތީ އެވެ. އޭނަ ބާކީކޮށްލާފައި އުޅުނީމައެވެ. ސަބަބުވެސް އޭނައަށް އެގެއެވެ. އޭނައާއި ސުވާލުތައް ކުރިމަތިވާނެކަން އެގޭތީއެވެ. ދާނިޔާލް ، ޝާހާން އަދި ރާހިލް ތިއްބާ އޭނައަށް އެވާހަކައިގެ ތަފްސީލު އަހަން ކެރޭނީ ކހިނެއްހެއްޔެވެ؟ އެއީ އަދި އެހެން މީހަކަށް އޭނަ އަންގަން ބޭނުންވާ ސިއްރެއް ނޫނެވެ.

ދާނިޔާލް މެންގެ އެ އޮންނަ ގާތްކަމާއި ލޯބި އަދި އެކުވެރިކަމުގެ ސަބަބުން ވާހަކަ ނުދައްކާ ނުތިބެވުނަސް ދާނިޔާލް ދާނިޝް ގެ ކައިރިން މައާފަށް ނޭދެއެވެ. އަދިވެސް އޭނަ ދެކޭ ގޮތުގައި ކުށްވެރިއަކީ ދާނިޝް އެވެ. ދާނިޝް އޭނަގެ ބާރު ބޭނުން ކުރިކަމެވެ. އަންހެން ކުއްޖަކަށް އެވަރުގެ ލަނޑެއްދިންކަމެވެ. އެ ކުއްޖާ ބްލެކްމެއިލް ކުރަން ފެށިކަމެވެ. އެކަމަކު ދެން އިތުރަށް އެވާހަކަ ދައްކައިގެން ދާނިޝް ރުޅިއަރުވާލާކަށް ދާނިޔާލް ވެސް ބޭނުމެއް ނުވިއެވެ. ބައްޕަ ވަނީ އެކަމަށް ހައްލެއް ހޯއްދަވާފައެވެ. ދާނިޝް ވަނީ އެކަން ގަބޫލުކޮށްފައެވެ.

ރާހިލް ހުރީ މީރާންގެ އުޅުމާއި ކުޅަދާނަކަމުން ހައިރާންވެ ޝައްކުތަކެއް އުފެދިފައެވެ. މީރާން ހަމައެކަނި ރޭގަނޑު ފެންނަ ސަބަބަކާއި މެދުވެސް ހިތުގައި ސުވާލު އުފެދުނެވެ. ދެތިން ރޭ އެމީހުނާއި އެކު މަސް ބާނަން ދިޔައެވެ. އެކީގައި ފަޅު ރަށެއްގައި ވަގުތު ތަކެއް ހޭދަކޮށްލެވުނެވެ. އިންސާނެއްބާވައޭ ކިތަންމެ ފަހަރު ހިތަށް އެރިއެވެ. އަދި ދާނިޝްގެ ތިން ބެއިންނަށް ލިބިފައިވާ އާދަޔާޚިލާފު ރީތިކަމާއި ބާރުގަދަކަން އަދި ހަލުވިކަމުގެ ފަހަތުގައި ވެސް ސިއްރުތަކެއްވާކަމަށް ހީކުރެވެން ފެށިއެވެ. އެކަމަކު ސުވާލެއް ކޮށްލާކަށް ނުކެރުނެވެ. ކިތަންމެ ގާތް އެކުވެރިންނަށް ވިޔަސް އޭނަ ވެސް ލިމިޓެއް ބަހައްޓައެވެ. މި އާއިލާގައި ނުރައްކާތެރި ސިއްރެއް ވާކަމަށް އޭނަ ގެ ހަވަނަ ހިއްސު އޭނައަށް އަންގަމުންދާތާ ދުވަސްކޮޅެއްވެއްޖެއެވެ. އޭނަގެ މަންމަ ޒުހެއިމާ ވެސް ދާނިޝް މެން ގެ މަންމަ އަކީ ކާކުކަން ނޭގިގެން އުޅެއެވެ. އެމީހުން ދަންނަނީ އެއީ ސްވިސް މީހެއް ކަމުގައެވެ. މުޅިން ވެސް އެގެއިން އޭރު ފެނުނީ ދާނިޝް މެން ކުޑައިރު ގެންގުޅުނު އިގިރޭސި ނެނީ އެވެ. ދުވަހަކުވެސް އެ މަންމަ އާއިލާ މީހަކާއި ބައްދަލުވެފައެއްނެތެވެ.

ކޮންމެއަކަސް ފޮރުވިފައިވާ މިފަދަ ކަމެއް ހޯދަން އުޅުމަކީ ޕެންޑޯރާ ބޮކްސް ހުޅުވުން ކަހަލަ ކަމަކަށް ވެދާނެތީ އޭނަ އަޅާނުލަނީއެވެ.

ހަތަރު ޒުވާނުން ވެގެން ފަރުމަސްކޮޅު ރިތިކޮށް ދޮވެލުމަށްފަހު ބައެއް މަސް އުލުގައި ޖެހިއެވެ. ބައެއް މަސްތައް ފޮއިލަށް ލާފައި އަނގުރު އަލިފާންގަޑަށް ލިއެވެ. މަސް ތައް ފިހެން ފެށުމުން މުޅި ހިސާބުގަނޑުގައި ހިފާލީ ކުޅުދިޔާވާހާ މީރުވަހެކެވެ. ރޮށްޓާއި ފިހުނުމަހުގެ މިކުޑަ ކުޑަ ޕާޓީ އަށް އަދި ރިހާނާ އާއި ޝައުނާވެސް އަންނާނެއެވެ.
އެންމެން މަސް ފިހުމުގެ އިންތިޒާރުގައި ތިބިއިރު މަޑުމައިތިރި ކަމާއި އެކު އެކި ވާހަކަ ދައްކަން އަލިފާންގަޑުގެ ވަށައިގެން ތިއްބެވެ. އަލީޒާ އެފަރާތަށް ނުކުތީ ހަމަ ކުއްލިއަކަށެވެ. އެންމެން ހީކުރީ ދާނިޝް ދައުވަތު ދީގެން ގެނައީކަމަށެވެ. ދާނިޔާލް އާއި ޝާހާން ހައިރާންވީ އަލީޒާ އެހާ ލަދުކުޑަކޮށްލާފައި ބައްޕައަށް އެވަރުގެ ސިޓީއެއް ފޮނުވުމަށްފަހުގައި މިގެއަށް އައީތީއެވެ. މިދެމީހުން ގޭމެއްކުޅެނީބާވައެވެ. އާދަޔާ ޚިލާފު ގުޅުމެކެވެ. ފުން ހިމޭންކަމެއް ވެރިވެގެން ދިޔައެވެ.

އަލީޒާ ލާފައި ހުރީ ދަނބުއަދި ހުދުކުލައިގެ ސްޓްރައިޕް ޓޮޕެކެވެ. އިރުގެ ދަޅަތައް އެޅިފައި ހުރުމުން އެ ރަން ކުލައިގެ އިސްތަށިގަނޑު ވަކިން ރިތިކަމަށް ދައްކައެވެ. އަލީޒާ ހުރީ ވަރަށް ރަކިވެފައެވެ. މޫނުމަތި އެކީ ރަތްވެފައިވާ ގޮތުން އެކަން މާރީތިކޮށް ވެސް އެގެއެވެ.

"ޑޮކްޓަރ ދާނިޝް. އެކަނި އިރުކޮޅަކަށް...ބައްދަލުވެދާނެތޯ.. .ވާހަކަ އެއް ...ބުނެލަން ވެގެން..." އަލީޒާ ލަދުން އާގަންނަގޮތްވިއެވެ. ފޭސްބުކް ސްޓޭޓަސް ގައި މިވާހަކަ ކޮންމެން ވެސް ލިޔެލަން ޖެހޭނެއެވެ. އޭނަ ހާދަ ބޮޑަށް ލަދުގަނެއްޖެއެވެ. އޭނަ ފަހަރެއްގައި ވެސް މިގެއަށް އައިއިރު އެހެންމީހަކު ހުރެދާނެކަމަށް ހިތަކަށްނާރައެވެ. ފުރަތަމަ އޭނަ ވަންނަން ދިޔައީ ގެއަށެވެ. ދޮރު ހުރީ ތަޅުލާފައެވެ. އެޓާނަލް ޓިއާސް އޮފް ސޮރޯ ގެ އިއޯން އެ ލަވަ ފުލްކޮށް ޖަހާލާފައި ހުރުމުން ގޮވިޔަސް ދާނިޝް އަށް ނީވޭނެކަން އޭނަ އަށް އެގުނެވެ. އޭނަ މިފަރާތަށް އައީ މަސް ފިހޭވަސް ދުވަން ފެށުމުންނެވެ.

"އެލީ...އިރުކޮޅަކުން އަންހެންކުދިން ވެސް އަންނާނެ...ހޭވް އެ ސީޓް.." ރާހިލް ހިމޭންކަން މުގުރައިލިއެވެ.

"ނޫން ތޭންކްސް...ދެންމެ ކައިގެން މިއައީ...." އަލީޒާ ވެސް މަސް ކާހިތްވިއެވެ. އަގުރު އަލިފާނުގައި މިހެން ފިހެވޭ މަސްތައް މީރުވާނެކަން އޭނައަށް ވެސް އެގެއެވެ. އަލީޒާ ގޮތްހުސްވެފައިވާ ބެލުމަކުން ދާނިޝް ގެ މޫނަށް ބަލާލިއެވެ. އަލީޒާ އެތާހުރިކަން އެގޭކަމަކަށް ވެސް އޭނަ ހަދާނުލިއެވެ. ދާނިޝްގެ ސަމާލުކަން ހުއްޓިފައިވަނީ މަސްތަކަށެވެ. އޭނަ މަހެއް އަނެއް ފުށަށް ޖަހާލިއެވެ. ދާނިޝް އަށް އޭނަ ގެ ޖުމްލަ އަޑުނީވުނީބާވައެވެ.

ދާނިޝް އިނީ ވަރަށް ފޫހިވެފައެވެ. އަލީޒާ މިތަނަށް އައީ އޭނާގެ މިއުފާ ތައްވެސް ފޭރިގަންނަން ހެއްޔެވެ؟ އެންމެންގެ ކުރިމަތީގައި އަލީޒާ އަށް ބަވާލަން އޭނަ ބޭނުންވިއެވެ. ރޮއްވާލަން ހިތްއެދުނެވެ. ސިޓީ ގެނެސް މޫނުމައްޗަށް ޖަހާލާފައި ތެދުބުނުވަން ބޭނުންވިއެވ. ތިން ހެކިވެރިން މިތިބީއެވެ.

"ޑޭން...ބީރުތަ؟ ނޫނީ ހަމަ އެރެގަންޓް ކަމުންތަ؟ އެހާ ރިތިކޮށް އެލީ އެދުނީމަ ނުދެނަހުރިކަމަށް ހަދާލައިގެން ..އެ ކުއްޖާ އެހެރީ ކިހާ ލަދުން...." ރާހިލް ދާނިޝް އާއި ދިމާލަށް ބުންޏެވެ. ދާނިޝް ލައިގެން އިނީ "ބޯން ޓު ބީ އެރަގަންޓް" ޖަހާފައި އިން ޓީޝާޓެކެވެ

"ދެން ވައި ޑޯންޓް ޔޫ ގެޓް ލޮސްޓް..." ދާނިޝް ރުޅިގަދަވިވަރުން ލޯ އަޅައިގަތެވެ.

. "އޯކޭ...ބްރަދަރ.." ޝާހާން ބާރަށް ހީގެންފައި ދާން ހިގައިގަތެވެ

"ވީގޮތަކީ މިއީ ދޯ. މިތަނުން ދާން މިޖެހެނީ އަހަރެމެން. އަހަރެން ހީކުރީ ޑޭން ކަމަށް އޭނައާއި އެކު އެއްފަރާތަށް ޖެހެންވީ........" ރާހިލް މަޖާ ވެލާފއި ދަމުން ދާނިޝް ގެ ބޮލުގައި މަޑުމަޑުން ޖެހިއެވެ. "އެކަމަކު 5 މިނެޓް އިގޭ....މާ ރޮމޭންޓިކް ވާން ހަދައިގެން މަސްކޮޅު އަންދާނުލާތި އިގޭ..." ރާހިލް އެއް ލޯ މަރާލާފައި ދިޔައީއެވެ.

ދާނިޝް ރުޅިގަދަވެގެން ތުންފަތުގައި ދަތް އަޅާލައިގެން އަތް މުށްކަވާލައިގެން އިންއިރުވެސް އިތުރު އެއްޗެކޭ ނުބުންޏެވެ. އޭނަ ރާހިލް ގެ އަނގަމަތީގައި އެތިފަހަރެއް ޖަހަން ވެސް ބޭނުން ވިއެވެ. މަސްތަކުގައި ފައިން ޖަހާވިއްސާލަން ބޭނުންވިއެވެ. މުޅި ޕާޓީ ޚަރާބުކޮށްލަންވެސް ހިތް އެދުނެވެ. އެކަމަކު ވެވޭނެ އެންމެ މަތީ ދަރަޖައަކަށް އޭނަ ކެތްކުރިއެވެ.

އަލީޒާގެ ލަދުކުޑަކަމާއި ޖެހިލުންކުޑަކަމުން ދާނިޝް މިއިނީ ބުނާނެ އެއްޗެއް ނޭގިފައެވެ. އެހެން އަންހެން ކުއްޖެއްނަމަ އޭނަގެ ކައިރިއަށް އަންނަން ކެރޭނެހެއްޔެވެ؟ އަލީޒާ ބޭނުންވަނީ ކޮންކަމެއްހެއްޔެވެ؟ އޭނަ މިގެއަށް އައީ ތިން ވަނަ ފަހަރަށް ވެސް އޭނަ އާއި ބެހުނުކަމަށް އަޑު ފަތުރަން ހެއްޔެވެ؟

"ޑޭން. ސޮރީ. އަޅުގަނޑު ހީކުރީ މިގަޑީގައި އުޅޭނީ އެކަނިކަމަށް......" ދާނިޝް އޭނަ އާއި ދިމާލަށް ބަލާވެސް ނުލާ ތެދުވެގެން ގޮސް ފޮއިލަށް ލާފައި ހުރި މަސް ތައް އަލިފާނަށް ލިއެވެ. ހިތްފުރެންދެން އެ ރީތި މޫނަށް ބަލާލާނެ ފުރުސަތު އަލީޒާ އަށް ލިބުނެވެ. އިރުގެ އަވީގައި އޭނަ ފެންނަލެއް ހާދަ ރީއްޗެވެ.

"ގުޅާލާފައި އެކަނި އުޅޭގަޑިއެއްގައި އައިނަމަ. ދުވާލަށް ވުރެ ރޭގަނޑު އައިނަމަ މާރަގަޅަށް ވެސް ބޭނުން ފުދުނީސް. އެކަމަކު ޓްރަސްޓް ނުވޭ ދޯ...އަނެއްފަހަރި ރޭޕްކޮށްލަފާނެވިއްޔާ. ސައިކޯ އެއްވީމަ........" ދާނިޝް މަލާމާތުގެ ރާގަކަށް އެހެން ބުނަމުން އަލީޒާ ގެ މޫނަށް ބަލާލިއެވެ. އަލިފާނުގެ ހޫނުގައި އުޅުނަސް އޭނަގެ އަތްވަނީ ފިނިވެފައެވެ. ހުވަފެނުގައި އުޅުނު ލޯބިވެތި ގޮތްތައް ފިލްމެއްގެ މަންޒަރު ފަދައިން ސިފަވާން ފެށިއެވެ. އެ އިލެކްޓްރިކް އަސަރު އެކުލެވޭ ފުރިހަމަ ވަގުތުކޮޅު ހަނދާނަށް އައެވެ.

އަޖައިބުވަނީ މި މަކަރުވެރި އަންހެންކުއްޖާގެ މޫނުމަތީގައި މިހުންނަ މައުސޫމް ސިފަތަކެވެ. ހާދަ ތާޒާއެވެ. ދުވަހަކު މީހަކު ބީހިލާފައި ނުވާކަހަލައެވެ. ދާނިޝް ބަލާލުމުން ލަދުން ވިރިދާނެހެން ހީވިއެވެ. މޫނަށް ޖަންބު ކުލަ ވެރިވެގެން އެ ދަނީ ހާދަ ރީތިކޮށެވެ.

"ތި ބުނުއްވި އެއްޗެއް ނޭގުނު..." އަލީޒާ ލޯ ބޮޑުކޮށްލިއެވެ.
"އިންގްލިޝް އިން ބުނީމަ ނޭގުނު؟ އަޅާނުލާ. މިގެއަށް އައި ކަން ވަރަށް ރަގަޅު. އަހަރެން މިހިރީ ކޮންމެހެންވެސް އަލީޒާ އާއި ބައްދަލުކޮށްލަން ބޭނުންވެފައި. ވަރަށް ދުވަސް ވެއްޖެ މިވާހަކަ ބުނަން ބޭނުންވެފައި ހުންނަތާ. އެނގޭ މިއީ މީހަކު ޕްރޮޕޯސްކުރަން އެންމެ އެކަށީގެންވާގޮތް ނޫންކަން. ވިލް ޔޫ މެރީ މީ އަލީޒާ؟ " ދާނިޝް ވަރަށް ހަމަޖެހިލާފައި ހުރެ އަލީޒާ ގެ މޫނަށް ވެރިވަމުން ދިޔަ ކުލަވަރުތަކަށް ބަލަން ހުއްޓެވެ.

އަލީޒާ ނޫނެކޭ ބުނުމަކީ ވެސް ހަމަ އެކަށިގެންވާކަމެކެވެ. އަލީޒާ ފޮނުވި ސިޓީގައި ކައިވެނި ކުރަން ބޭނުންވާ ކަމަކަށް ނެތެވެ. އޭނަ ބޭނުމީ މިލޔަން ރުފިޔާއެވެ. އޭރުން ލޯބިވެރިޔާއާއި އެކީ ބޭރު ގައުމަކަށް ގޮސް އުފަލުގައި ދިރިއުޅެވިދާނެއެވެ. އޭނަ ކުރި ފާފަތައް މާލޭ މީހުނަށް ފޮރުވާލެވިދާނެއެވެ. ބޭޒާރުވެ ބަދުނާމުވާނެ ފުރުސަތެއް ނޯންނާނެއެވެ. ބުއްދިވެރި އަންހެން ކުއްޖެކެވެ.

އަލީޒާގެ މޫނަށް އިންތިހާ ދަރަޖައިގެ ހައިރާންކަމުގެ ކުލަ ވެރިވެގެން ދިޔައެވެ. އަނގަ ހުޅުވުނެވެ. ހިދުކޮޅަކަށް ބަސް ހުއްޓުނެވެ. ސިކުންތުކޮޅަކަށް ފަހު އެ މޫނުގައިވާ ފިނިފެންމާކުލަ އިތުރަށް ގަދަވެގެން ދިޔައެވެ. ކަޅު ކަޅު ދެލިކޮޅެއް ފަދަ ދެލޮލުގައިވާ ވިދުވަރު އިތުރަށް ގަދަވިއެވެ. އަލީޒާގެ މުޅި އުމުރުގައި ވެސް މިފަދަ އުފަލެއް ލިބުނެކަމެއް ނޭގެއެވެ. އުފަލުން އޭނަ މޮޔަވާވަރުވިއެވެ.

"ޔޭސް...ޔޭސް..." އަލީޒާ ކުޑަކުއްޖެއް ފަދައިން ފުމެމުން ދުވެފައި އައި ގޮތަށް ދާނިޝްގެ ގައިގާ ބައްދައިގަތެވެ. އުފާވިވަރުން އިރުކޮޅަކަށް ނަމަވެސް ހޭވެރިކަން ގެއްލުނެވެ. ކުރެވޭ ނުކުރެވޭ ކަމެއް ވެސް އަލީޒާ އަކަށް ނޭގުނެވެ. ދާނިޝްގެ އަތުގައި ބޮސްދެވުނެވެ. އެންމެ ފަހުން އަލީޒާއަށް ރޮވުނެވެ.

ދާނިޝް ހުރީ ހިމޭނުންނެވެ. އަލީޒާ އެކްޓް ކުރަން ހާދަ މޮޅެވެ. ނޫނީ މިހާ ބޮޑަށް އުފާވީ އިންނާނެ މީހަކު ވުމުން ހެއްޔެވެ؟ ލޯބިވެރިޔާ ކާވެނިކުރަން އެއްބަސް ނުވީހެއްޔެވެ؟ އާއްމުކޮށް ގޯސް ހަދާފައި ފިރިހެނުން އަބަދުވެސް ފިލާނެއެވެ. ބަދުނާމު ވާނީ އަންހެން ކުދިންނެވެ.

ދާނިޝް އަލީޒާ ގަޔާ ވަކިކޮށްލަމުން ދުރަށް ޖެހިލިއެވެ. އޭނަ ބަލަހައްޓައިގެން ހުރީ ލަދުގަންނަވާލާފަދަ ނަޒަރަކުންނެވެ.

"މެރީ ނުކުރަނީސް އުޅެންވާނީ ތަންކޮޅެއް ދުރުން އިގޭ. ދެން އަލީޒާ ގެއަށް ދާންވީނު. އަހަރެން ފަހުން ގުޅާނަން... އޯކޭ..؟ ދާނިޝް އަނެއްކާ ވެސް ފިހެވެމުންދާ މަސް ތައް ނަގާފައި އާ މަސް ތައް ލިއެވެ.
"މަންމަ ރުޅި ދުރުވާނެއެއް ނު....." ކުއްލިއަކަށް ފަރުޒާނާގެ މަތިން ހަދާންވުމުން އަލީޒާ ކަންބޮޑުވާގޮތްވިއެވެ. އެ އިންޒާރުތައް ހަނދާންވިއެވެ.
"އެއީ އަލީޒާ ބަލަން ޖެހޭކަމެއް ނޫނޭ. މިގޭގައި އުޅެނީ އަހަރެން އެކަނި. ވީމަ ތިހުރިހާ މީހުނާއި މެދު ނުވިސްނަބަލަ..." ދާނިޝް ބުމަގޮށްޖަހާލިއެވެ. އޭނަގެ ވެސް ތަބީއަތު ގޯސްވިފަދައެވެ. ދާނިޝް ހަދާންވީ މީރާން ގެ ޖުމްލަތަކެވެ. ތެދެކެވެ. ފަރުޒާނާ އެއްގޮތަކަށް ވެސް މިކައިވެންޏާއި ގަބޫލެއްނުވާނެއެވެ.

"އެރޭ އަޅުގަނޑު ދެއްކި ވާހަކަ މިހާރު ހަދާންނައްތާލީ ތޯ. މަންމަ ހުއްދަ ދެވީބާ. ޑޮކްޓަރ ފަރުޒާނާ އަޅުގަނޑު ދެކެ ވަރަށް ބޮޑަށް ނަފުރަތު ކުރޭ. އެންމެ ކުޑަމިނުން ޖީނާ އާއި ވާހަކަ ދެއްކުމަށް ވެސް ގަބޫލުނުވާހެންހެން ހީވޭ. ކުރީ ދުވަހު ކެންޓީނަށް އެކީގައި ދަނިކޮށް ވަރަށް ހަރުކަށިގޮތަށް ވާހަކަ ދައްކަވާފައި ޖީން ގޮވައިގެން ގެއަށް ގެންދިޔައީ..." އަލީޒާ ބުނެދިނެވެ.

"އޯވހް...ދެޓްސް އިންޓެރެސްޓިންގް....." ދާނިޝްއަށް މަޖާވިއެވެ. އެކަމަކު އެރޭ އަލީޒާ އޭނަ ގާތު ފަރުޒާނާ އޭ ކިޔައިގެން އެއްވެސް ވާހަކަ އެއް ދެއްކި ހަދާނެއް ނުވެއެވެ. ޔަގީނުން ވެސް މުހިއްމު ވާހަކަ އެއް ނުދެކެވެއެވެ. ފަރުޒާނާ އަލީޒާ ދެކެ ނަފުރަތުކުރާ ކަމެއްވެސް އެގިފައެއްނެތެވެ. ކުރީ ދުވަހު ކޮފީ ބޮއިގެން ކެންޓީނުގެ ބޭރުގައި މަޑުކޮށްލައިގެން ތިއްބާ ފަރުޒާނާ ފެނުމުން އަލިޒާ ކަންބޮޑުވެގެން އުޅުނެވެ. ފަރުޒާނާ އަކީ އޭނަގެ ދޮންމަންމަކަމަށާއި އޭނަ ގެ މަންމަ އަކީ މުޅިން އެހެން މީހެއްކަމަށް ބުނަން އުޅެފައި ވެސް ދާނިޝް ހިމޭންވިއެވެ.

އަލީޒާ އާއި ޖީނާ މިހާ ގާތް އެކުވެރިންނަށް ވުމަކީ ވެސް ތަގުދީރު ގެ ރޭއްވެވުމެކެވެ. އަލީޒާ އަށް ޖީނާ އޭނަ ދެކެ ލޯބިވާކަން އެގިއްޖެއްޔާ ވިސްނާނީ ކޮންފަދަ ނުބައި ގޮތަކަށްހެއްޔެވެ؟ އަނެއްކާ ޖީނާ ވެސް އޭނަ އާއި އަލީޒާ ގެ ގުޅުމެއް އޮންނަކަން ދަނެއެވެ. އަލީޒާ އާއި ރައްޓެހިވެގެން އުޅެނީ ކޮންމެވެސް މަގުސަދެއްގައި ކަމަށް ވުމަކީ ވެސް އެކަށީގެންވާކަމެކެވެ. ޖީނާ އަލީޒާ އަށް ލަނޑެއް ނުދޭނެބާވަ އެވެ. އަނެއްކާ ޖީނާ ފަނާއާއި އެހާ އެކުވެރިއެވެ. ބޮޑު އޮޅުންބޮޅުންގަނޑެކެވެ. މި ސިލްސިލާ ނިމޭނީކިހިނެއްބާވައެވެ

"އަލީޒާ މިގަޑީގައި އައީމާ ދެން މަހެއް ވެސް ގެންދަންވާނެ އިގޭ. ގިތެޔޮ މިރުސްލާފައި ހުރީމަ ތަންކޮޅެއް ކުޅިވާނެ ..." ދާނިޝް އިތުރަށް ފަރުޒާނާ ގެ ވާހަކަ އަޑުއަހާކަށް ބޭނުން ނުވުމުން މައުޟޫ އޮޅުވާލަން ބުނެލިއެވެ. ކޮތަޅެއް ހިފައިގެން އެބައަންނަމޭ ކިޔާފައި އޭނަ ވަލުދޮރާށިން ގެއަށް ވަނެވެ.

ދާނިޝް ދިޔުމުން އަލީޒާ ހިނގަމުން ތަންކޮޅެއް ދުރަށް ދިޔައެވެ. ވަރަށް ރީތިކޮށް ހެދިފައިވާ ފިނިފެންމާގަސްތަކެއް ހުއްޓެވެ. ފަތްތަކުގެ ކުލަ އެހާގަދައެވެ. ކުޑަ ބޯށިތައް ބައިވަރު ހުއްޓަސް ފޮޅިފައި އިނީ އެންމެ މަލެކެވެ. ރަތްކުލައިގެ އެ ފިނިފެންމާ ފެނުމުން އަލީޒާ އަށް ބިނދެލެވުނެވެ. ތުންފަތުގައި ޖައްސާލެވުނެވެ. އެކަނި ހުރެވެސް އޭނަ އަށް ހަމައުފަލުން ހެވެނީ އެވެ. ދާނިޝް ކުއްލިއަކަށް ކައިވެންޏަށް އަހާފާނެކަމަށް އޭނަ ހުވަފެނެއްގައި ވެސް ނުދެކެއެވެ. ކިތަންމެ ދޯދިޔާކޮށް ނަމަވެސް ދާނިޝް އެ ހުށަހެޅީ ކޮންފަދަ ބޮޑު ނިއުމަތެއް ހެއްޔެވެ؟ އޭނަ އާއި އެކަށީގެންވޭހެއްޔެވެ؟ ހަޔާތުގައި ދުވަހަކުވެސް މިފަދަ ހިތްހަމަޖެހުމެއް އޭނަ އަށް ލިބިފައެއް ނެތެވެ. އުފަލުން ގޮސް ހިތް ތެޅުނުލެއް ބާރުކަމުން ހިތް ހުއްޓިދާނެކަމުގެ ބިރުވެސް ހީވިއެވެ. އަދިވެސް އެ ނުކިޔަމަންތެރި ހިތް މައިތިރިއެއްނުވެއެވެ. އަލީޒާ މާތް ﷲ އަށް ޝުކުރު ވެރިވިއެވެ. އޭނަ ގެ ދުޢާ ތައް އިޖާބަ ކުރެއްވީ ކިހާ އަވަހަށް ހެއްޔެވެ؟

އަލީޒާއަށް ލޯ މަރާލެވުނެވެ. މުޅި އުމުރަށް ދެން އޭނަ އުޅޭނީ އޭނަ ގެ ލޯބިވެރިޔާ އާއި އެކީގައެވެ. ކައިވެންޏަށްފަހު މި ލޯބި އެތައް ގުނަ އިތުރުވެގެން ދާނެކަން އޭނައަށް އެގެއެވެ. " ކޮޓެޖް" ގައި ދެމަފިރިންގެ ގޮތުގައި އެކަނި އުޅޭއިރު ހާދަ އުފާވެރިވާނެއެވެ. އޭނަ މިގެ ވަށައިގެން ގަސް އިންދާނެއެވެ. އެކިކުލަކުލައިގެ މާގަސް ތަކުގެ ބަގީޗާއަކަށް ހަދާލާނެއެވެ. ދާނިޝް އަށް އެންމެ މީރުވާނީ ކޯޗެއް ކެއްކީމަހެއްޔެވެ؟. އޭނަ ކައްކަންވެސް މޮޅުވާނެއެވެ. ދެން އަލީޒާގެ ވިސްނުން ދިޔައީ ތަންކޮޅެއް އިޝްގީ ދިމާލަކަށެވެ.

"އަލީޒާ..." ދާނިޝް ގޮވާލިއެވެ. އެ ރީތި ޚިޔާލުތައް ވިއްސިވިހާލިވެގެން ދިޔައެވެ. އަލީޒާ އެބުރުނުއިރު އޭނަ ހީވަނީ ހުވަފެނުގައިވާ ކުއްޖެއްހެނެވެ. އެ ރީތިތުންފަތުގައި ވަނީ އުފާވެރި ހިނިތުންވުމެކެވެ.

އަލީޒާ އެ ރަތްފިނިފެންމާ މޫނުގައި ޖައްސާލައިގެން ހުރިގޮތުން އަލީޒާ މަލަށް ލޯބިކުރާވަރު ދާނިޝްއަށް އެނގުނެވެ. ފުރަތަމަ ދުވަހު ވެސް އެ ނޫކުލައިގެ މަލަށް އެހާ މޮޔަވިއެވެ. ދާނިޝް އޭނަގެ ލޯބިވެރިޔާ އަށް ކޮންމެ ދުވަހަކު ކޮންމެވެސް ކުލައެއްގެ ފިނިފެންމަލެއް ހަދިޔާ ކުރަން ބޭނުމެވެ. ފިނިފެންމަލުގެ ހުރިހާ ކުލަތަކެވެ. ޚާއްސަކޮށް އޭނަގެ ހިތްގައިމު ކުލަކަމަށްވާ ދަބު އަދި ނޫ މާތަކެވެ. އަދި އެ ރީތި ހަށިގަނޑު އަގުބޮޑު ޖަވާހިރުތަކުން ފަޅުފިލުވަދޭން ބޭނުމެވެ. އެކަމަކު ލޯބިވެރިޔާގެ ހައިސިއްޔަތުން ބެލެވެން ފެށި ދުވަހަކުންނެވެ.

އަލީޒާ އެ މާތުންފަތުގައި ޖައްސާލައިގެން ހުރިތަން ފެނުމުން ދާނިޝްގެ ނަފުސް ކޮންޓްރޯލް ކުރަން އުދަގޫވާންފެށިއެވެ. ހުވަފެނުގައި އެ ކުރެވުނު ފަދަ އިހުސާސްތައް ކުރެވޭތޯ ބަލަން ބޭނުންވިއެވެ. އެ އިލެކްޓްރިކް އަސަރު ތަޖްރިބާކޮށްލަން ހިތް އެދުނެވެ.

"ސޮރީ ހުއްދަ ވެސް ނުހޯދާ މި ރޯޒް ބިދެލެވުނީ....ރީތިކަމުން.." ރަކި ހިނިތުންވުމަކާއި އެކީ އެ ފިނިފެންމާ ދާނިޝް އަށް ދިއްކޮށްލަމުން ދެމާނަ އެކުލެވޭ ގޮތަކަށް އަލީޒާ ބުންޏެވެ. ދާނިޝް ކުޑަކޮށް ފަސް ޖެހުނެވެ. އަނގަޔަށް ހަދާލިގޮތުން ކޯތާފަތަށް އެޅުނު އަޑިކޮޅުވެސް އަލީޒާގެ ހިތް އިތުރަށް ދީވާނާ ކުރުވިއެވެ. ނުހޯދަފާނެހެން ހީވާހާ ވަގުތުކޮށްލާފައި ދާނިޝް ވައަތުން އެމަލުގައި ހިފަމުން ތުންފަތުގައި ޖައްސާލިއެވެ. އެ ހިތްގައިމު ހަރަކާތް މޮބައިލްގައި ރައްކާކޮށްލަން އަލީޒާ ބޭނުންވިއެވެ. އެއާއިއެކު އެ މަލާއި މެދުވެސް ހިތުގައި ހަސަދަ އުފެދޭގޮތްވިއެވެ. ނަސީބުވެރިމަލެކެވެ. ދާނިޝް ގެ ތުންފަތުގައި ބީހިލުމުގެ އުފާ ހުވަފެނެއްގައި ވެސް އޭނައަށް ލިބިފައެއް ނެތެވެ. އެކަމަކު އެމަލަށް އެ ފަޚުރު ލިބިއްޖެއެވެ. އެ ރީތި ފުލް ލިޕްސް އާއި ބްލީޗްކޮށްފައި ވާފަދަ ހުދު ތޫނުދަތްތަކުގެ ސަބަބުން ހިނިތުންވެލާއިރު އެހުންނަނީ ކޮންފަދަ ފުރިހަމަކަމެއްހެއްޔެވެ؟ މިލިޔަން ޑޮލަރ ހިނިތުންވުމޭ ކިޔަނީ މިފަދަ ހިނިތުންވުމަށް ހެއްޔެވެ؟ ތެދެކެވެ. އެހާވެސް އަގުބޮޑެވެ. އެކަނި އެ ހިނިތުންވުމަށްޓަކައި ވެސް އޭނަ ފުރާނަ ދޫކޮށްލަފާނެއެވެ. އަލީޒާ ހިންދިރުވާލިއެވެ.

"އިޓްސް އޯކޭ. އަލީޒާ މި ރޯޒް ގެންދޭ. އެކަމަކު ހުއްދަ ނުހޯދާ މާ ބިނީތީ އަދަބެއް ލިބޭނެ އިގޭ..." ދާނިޝް އަލީޒާގެ މުށް ހުޅުވާލާފައި މާ ލެއްވިއެވެ. ކޮންފަދަ މަޑު އަތެއް ހެއްޔެވެ؟ ހާދަ ނާޒުކެވެ. ބާރަށް ހިފަހައްޓާލާކަށް ވެސް ނުކެރޭނެއެވެ. އޭނަ އާދަވެފައިވަނީ މީރާން މެންފަދަ ބާރުގަދަ މީހުނާއި އަތް ލަވާށެވެ. އަމިއްލަ އެއްޗެއްގައި ނޫނީ އަތްނުލުމަކީ އުސޫލެއްކަމަށް ވިޔަސް މިވަގުތު އެ ހުރިހާ އުސޫލުތައް ފުޑުފުޑުކޮށްލަން އޭނަ ބޭނުންވިއެވެ. ނުލާހިކު ނުބައި ކަމެއް ބޮލުގައި އެޅިފައިވާއިރު މާ މާތްވާންވީ ކީއްވެހެއްޔެވެ؟ އޭނަ އާއި އަލީޒާ އާއި ދެމެދު މިވަނީކޮން ކަހަލަ ކެމިސްޓްރީ އެއްކަން ދެނެގަންނަން އޭނަ ބޭނުމެވެ. މިއީ އަލީޒާ އަށް ދެވޭނެ އަދަބަކަށް ވެސް ވެދާނެއެވެ. ނޫނީ ނުވެ ވެސް ހިގައިދާނެއެވެ.

ދާނިޝް އެ މަލާއި އެކު އަލީޒާގެ އަތުގައި އަދިވެސް ހިފަހައްޓައިގެން ހުރުމުން އަލީޒާ އަށް ކުރަމުން ދިޔައީ ތަފާތު އަސަރުތަކެވެ. މަޑުމަޑުންގޮސް އެ ހިމަ ހިމަ އިގިލިތައް ދާނިޝް ގެ އިނގިލިތަކާއި މަހާލެވުނެވެ. މިހާރު އެ ފިނިފެންމަލާއި އެކު ދެއަތް ވަނީ ގުޅާލެވިފައެވެ. ދެ ހިތްވެސް މެއެވެ. ދެ ހަށިގަނޑުގައި ވެސް އުފެދެމުން އެހެންކަހަލަ އަސަރުތަކެވެ. ދަގަތްފާނަށް ދަގަޑު ދަމާފަދައިން ދާނިޝް އާއި އަލީޒާ ވެސް ދަމައިގަތްފަދައެވެ. އެކަކު އަނެކަކު ގެ އަތުގެތެރެއަށް ވަންނަން ބޭނުންވިއެވެ. ލޯބީގެ ގަދަފަދަ ބާރު ދެހިތް ވެސް އޮބި ނޯންނަވަރަށް ތަޅުވާލިއެވެ.

ދާނިޝް އަލީޒާގެ މޫނަށް ފައިބަމުން ދިޔަ އިސްތަށިތައް އަތުން އެއްފަރާތްކޮށްލަދެމުން އެ ކުޑަ ކުޑަ ނޭފަތުގައި ހިފާލިއެވެ. ދެން ގުދުވެލާފައި އެކުރި ކަމަކުން ދެހިތްވެސް ތެޅިގަތީ އެކީގައެވެ. ހުވަފެނުގައި ފެނުނު ފަދައިން ފަޅި ސިކުންތުކޮޅެއްގެ ބީހިލުމަކުން ނިންމާލާކަށް ދާނިޝް ބޭނުމެއްނުވިއެވެ. މުޅި އުމުރަށް ހަދާންނައްތާނުލެވޭނެފަދަ ވަގުތުކޮޅަކަށް އޭނަ ހަދާނެއެވެ.
ދާނިޝް އަލީޒާގެ ގައިން ދޫކޮށްލުމުން އަލީޒާ އަރިއަޅާލާގޮތްވުމުން އޭނައަށް ހިފަހައްޓާލެވުނެވެ. އަލީޒާގެ ކަކުލުހުޅުން މުޅިން ވާގިދިޔައެވެ. ދުނިޔެ މަތިން ވެސް ހަދާނެއްނެތެވެ. ދާނިޝްގެ ވެލްވެޓް ތުންފަތުގެ ޖާދޫއިން މުޅިހަށިގަނޑުގައި އަލިފާން ރޯކޮށްލުވައިފިއެވެ. އެއީ އޭނަ ހީކުރާ ގޮތުގައި ވާހަކަތައް ނޫނީ ފިލްމްތައް ރީތިކޮށްލަން ބުނެދީފައި ހުންނަ އިހުސާސްތަކެވެ. ހަގީގަތުގައި ވެސް މިފަދަ އުފާވެރި އިހުސާސްތައް ކުރުވާކަމެއްކަން މިއެގުނީ އަދި ކިރިޔާއެވެ.
"ހަމަޖެހިބަލަ.....ފެއިންޓް ނުވާތީ.." އަލީޒާ ލޯ ހުޅުވާލިތަނާ އެ ރީތި ވިދުވަރުގަދަ ލޯ ނިކަން ކައިރިން ފެނުނެވެ. ކޮންފަދަ ތޫނު ވިދުވަރެއްހެއްޔެވެ؟ އޖާއިބުކުރުވަނިވި އެސްފިޔަތަކެވެ. އެހާ ބޮޑަށް މައްޗަށް ލެބިފައިވާ އެސްފިޔަތަކެއް އޭނަ ދުވަހަކު ނުދެކެއެވެ.
"ދިސް މާކް ވިލް ލާސްޓް ފޯރއެވަރ..." ދާނިޝް ހުވަފެނުގެ ހަދާން އާކޮށްލަމުން ލާނެތްގޮތަކަށް ބުންޏެވެ.
އަލީޒާ އަށް އަދިވެސް ހުރެވުނީ އެއް އަތުން ދާނިޝް ގެ ޓީޝާޓްގައި ހިފަހައްޓައިގެނެވެ. ކުއްލިއަކަށް ރާހިލް ކަރުކެހިލުމުން ދާނިޝް އެނބުރި ބަލާލިއެވެ.

"ޑޭން. މަބުނިގޮތަށް މިވީ. މަސްކޮޅު އަންދާލީނު. ތިވަރުން އުޅެންޏާ ގޭގައި އަލިފާން ހިފިޔަސް ނޭގޭނެ..." ރާހިލް ހުރީ ލާނެއް ފާޑަކަށް ހެވިފައެވެ.
ދާނިޝް އަލީޒާގެ އަތް ޓީޝާޓުން ވީއްލުވާލަމުން ދުރަށް ޖެހިލިއެވެ. ހިތް ނުފުރުނަސް ކުރާނެކަމެއް ނެތެވެ. އުމުރުގައި ވެސް މިފަދަ ޖާދުވީ ވަގުތުކޮޅެއް އަންނާނެކަމެއް އެގެނީކީނޫނެވެ. މި ރީތި އަންހެންކުއްޖާއަކީ އޭނަގެ ހައްގެއް ނޫންކަން އޭނަ ފަހަރެއްގައިވެސް ހަދާންނައްތައެއްނުލައެވެ. އެހެންމީހަކު ވަނީ އަލީޒާ މުޅިން މިލްކުކޮށްފައެވެ. މި ރީތި ވަގުތުކޮޅު އަދި މި ކުރެވެން އުޅޭ ކައިވެންޏަކީ ވެސް ދަޅައެކެވެ. ހަގީގަތެއްނޫނެވެ.
"ތިޔަބުނީ ތެދެއް. އެހެންނޫނަސް އަހަރެންގެ ލޮލުގެ ބާރުން އަލިފާން ރޯކޮށްލެވިދާނެ. އެންމެން އަނދާ އަޅިޔަށް ވެސް ހަދާލެވިދާނެ ބާރު އެބަހުރި...." ދާނިޝް ރާހިލްގެ މޭގައި އަތް އަޅާ ކޮށްޕާލައިފިއެވެ.
"ބޯން ޓު ބީ އެރޮގަންޓް. ދުވަހަކު ރަގަޅެއް ނުވާނެ. އެލީ ވަރަށް ވިސްނައިގެން އުޅޭތީ އިގޭ...." ރާހިލް އަލީޒާ އަށް ބަލާލަމުން ހީލިއެވެ. އަލީޒާ ހުރީ ލަދުން ގޮތް ހުސްވެފައެވެ. ރާހިލްއަށް އެ މަންޒަރު ފެނުނުބާވައެވެ. ރަކި ހިނިތުންވުމަކުން ފުއްދާލުމަށް ފަހު އަލީޒާ އިސްޖަހާލައިގެން އަތުތެރޭ އޮތްމަލުގެ ފިޔަތަކާއި ކުޅެލަކުޅެލާހުއްޓާ ދާނިޝް މަސް ކޮތަޅެއް ގެނެސްދިނެވެ.

"ތޭންކްސް..... ފޯރ އެވްރީތިންގް..." އަލީޒާގެ އަޑުވެސް ތުރުތުރުލާގޮތްވިއެވެ. ތުރުތުރުއަޅައަޅާ ހުރި އިނގިލިތަކުން ހިފަހައްޓާލެވުނުގޮތަކުން މަސްކޮތަޅު އަތުން ދޫނުވީވެސް ކިރިޔާއެވެ. އެވަގުތުވެސް ދާނިޝްގެ އިނގިލިތަކުގެ ބީހިލުމުން ހަށިގަޑުގައި ކަރަންޓް ހިގާލިފަދައެވެ. ރަތްކުލަވެރިވެފައިވާ މޫނު އިތުރަށް ރަތްވިއެވެ.

" ވެލްކަމް..." ދާނިޝް ބަލަހައްޓައިގެން ހުރީ ހަމަ އެ ލަދުގަންނަވާލާފަދަ ނަޒަރަކުންނެވެ." ގުޅާނަން އިގޭ
އަލީޒާ ފަރި ހިގުމެއްގައި ގޮސް އޮބާލަންދެން ދާނިޝް ބަލަހައްޓައިގެން ހުއްޓެވެ. މިއަދު އޭނައަށް ޔަގީންވީ އޭނަގެ ސަބަބުން އަލީޒާ އަށް ކިތަންމެ ފަދަ އަސަރުތަކެއް ކުރުވައިފިކަމެވެ. އޭނަ އަށްބާރު ފޯރުވެނީ ހަމައެކަނި އަންހެންކުދިންގެ ހިތްތަކަށް ނޫންކަމެވެ. ބޭނުން ހާ ގޮތެއް ގިނަ އަންހެންކުދިންނަށް ހަދާލެވިދާނެކަމެވެ. ނޫނީ މިއަސަރުތައްކުރަނީ ހަމައެކަނި އަލީޒާއަށް ހެއްޔެވެ؟ މިއީ ލޯބީގެ ބާރުހެއްޔެވެ؟
އަލީޒާ ދޮރާށި ކައިރީގައި ކާރެއްގެ އިންތިޒާރުގައި ހުރިއިރު އެ ދޮން މޫނުވަނީ އުފަލުން ފަރިވެފައެވެ. އެތައް ރީތި ޚިޔާލު ތަކާއި ހުވަފެންތަކެއް އޭނަގެ ސިކުޑނީގައި ދައުރުވަމުން އެބަދެއެވެ. އެހެންލާފައި އައި މުސްކުޅިމުސްކުޅި ދެމަފިރިން ވަރަށް ލޯބިން އަތުގުޅުވާލައިގެން އައި މަންޒަރު ފެނުމުން ވެސް އަލިޒާގެ ޚިޔާލަށް އައީ އޭނަ އާއި ދާނިޝް އެވެ. މުސްކުޅިވަންދެން ލޯބިން އެކީގައި އުޅެފައި އެކީގައި މަރުވެގެން ދިޔުމަކީ އޭނަގެ އުއްމީދެވެ. މިދެމަފިރިން ވެސް ކިހާލޯބިހެއްޔެވެ؟ އަލީޒާއަށް ހެވުނެވެ. 
ކާރަށް އެރުމުން ވެސް އެ ރޮމޭންޓިކް ހިޔާލުތަކާއި ވަތްކެއްނުވެވުނެވެ. ކާރުގެ ސެޓުން އަންނަނީ ހޮސްޕިޓަލުގެ އަހަރީ ރޭގައި ދާނިޝް ކިޔާދިން އެއްލަވައެވެ. އޭނަގެ ހިތް ދީވާނާ ކުރުވި ލަވައެކެވެ

އެ ބައިތުތަކުގެ ތެރެއަށް ގެއްލިފައި އިދެވުނުވަރުން ގެއާއި ހަމަޔަށް އާދެވުމުންވެސް އަލީޒާއަކަށް ރޭކާނުލިއެވެ. އެގުނީ ޑްރައިވަރ ބުނީމައެވެ.
ގެއަށް ގޮސް ފުރަތަމަ ހުއްޓުނީ ލޯގަޑުކާރީގައެވެ. ރަތްވެފައިވާ މޫނާއި ތުންފަތަށް ބަލާލެވުނެވެ.

"ދިސް މާކް ވިލް ލާސްޓް ފޯއެވަރ.." ދާނިޝްގެ ހިތްގައިމު ޖުމްލަ އޭނަ ގެ ހިތަށްވެސް ގޯނާކުރިއެވެ. ލޯބީގެ މިޔުޒިކެއްފަދައިންނެވެ. އަލީޒާ ލޯމަރާލިއެވެ. މިއަދު އޭނަ މޫނުދޮވެލާކަށް ވެސް ބޭނުމެއްނޫނެވެ. އެއްޗެއްކާކަށް ވެސް ނުކެރޭނެއެވެ. ދާނިޝް ގެ އެބީހިލުމުގެ އަސަރު ވީހާވެސް ގިނަވަގުތު ދަމަހައްޓަން އޭނަ ބޭނުންވިއެވެ.
އަލީޒާ ގޮދަޑިމަތީގައި އޮށޯވެލައިގެން އޮތްއިރު އިރުއިރުކޮޅާ އެމާ މޫނުގައި ޖައްސާލެވެއެވެ. އެމަލުގައި ވެސް ދާނިޝް ގެ މީރުވަސް ހިފާލާފައިވާކަމަށް ހީކުރެވުނެވެ. އޭނަ ކޮންމެވެސް ޒުވާނެއްގެ ލޯބީގެ ޝިކާރައަކަށް ވެފައިވާކަން މަންމަ ސާއިރާއަށް ޔަގީންވިއެވެ. އަލީޒާގެ އެ މަތިވެރި އުފާތައް މަންމަ އަށް ނުފޮރުވުނެވެ. ހަވީރުވަންދެން އަލީޒާ ގޭތެރޭގައި އުޅެމުން ދިޔައިރު އަބަދުހެން ލޯބީގެ ލަވައެއްކިޔާލެވެއެވެ. ބައެއްފަހަރު ނަށާލެވެއެވެ. އޭނައަށް ވެވޭނެނަމަ އުދުހުނީހެވެ. މަންމަގެ ފަރާތުން ކިތަންމެ ސުވާލުތަކެއް ކުރިމަތިވިނަމަވެސް އަދި އަލީޒާ ސިއްރުކުރިއެވެ. ފުރަތަމަ އެ ޚަބަރު ދޭން އޭނަ ބޭނުމީ އެންމެ ގާތް އެކުވެރިޔާ އީނާއަށެވެ.

ހަވީރު ފިނިވާން ފެށުމުން އަލީޒާ ދިޔައީ އީނާއާއި ބައްދަލުކުރުމަށް އީނަގެ ގެއަށެވެ. ޑެންގީ ހުމުގެ ސަބަބުން ފަސް ދުވަހަށް ހޮސްޕިޓަލުގައި އެޑްމިޓް ކުރެވިފައި އޮތުމަށް ފަހު ރާހިލް ބާރު އެޅުމުގެ ސަބަބުން އޭނަ އަދިވެސް ހުރީ މެޑިކަލް ލީވް ގައެވެ. އީނަ ބަލިވެ އޮތްއިރު ރާހިލް ވަރަށް އަޅާލިއެވެ. ވަރަށް ހެޔޮއެވެ. އިރުއިރުކޮޅާ ހާލުބަލާލަން ވަދެލައެވެ. އެކަމަކު އެކުވެރިޔެއްގެ ހައިސިއްޔަތުނެނެވެ. ރާހިލް އީނާގެ މަންމައާއި ކޮއްކޮ އާއިވެސް ވަރަށް އެކުވެރިވިއެވެ. އޭނަ ބުނިގޮތުން ދެން އޭނަ އާއިލީ ރަހުމަތްތެރިއަކަށް ވެސް ވީއެވެ. އެއީ އީނާ ބޭނުންވާ ގޮތެއް ނޫނެވެ. އީނާގެ ހިތުގެ ހާލަތު ރާހިލް އަށް އެއްގޮތަކަށް ވެސް ރޭކާނުލާހެން ހީވިއެވެ. އެ އޯގާތެރިކަމާއި ރީތި ހިނިތުންވުންތަކަށް އޭނަ ފިދާކޮށްލާފައި ރާހިލް އެހެރީ ނުދެނަހުރިކަމަށް ހަދާލައިގެނެވެ. އެހެން އުޅެލާފައި އިންނާނީ ޑޮކްޓަރ ފަނާއާއި ނޫންކަމެއް ވެސް ނޭގެއެވެ. ރާހިލް އާއި ފަނާ ވަރަށް ގިނައިން އެކީއުޅޭތަން ފެނުނުވިއްޔާއެވެ.

އީނާ އިނީ ފެންވަރާލައިގެން ނުކުމެ އެ ބުޅި އިސްތަށިގަނޑުގައި ކްރީމް ލާން މޭޒުކައިރީގައެވެ. ބަލިވުމުގެ އިތުރުން މާބޮޑަށް ވިސްނައި ހިތާމަ ކުރަން ހަދައިގެން މިލައި މޯޅިވެފައިވާ މޫނުގައި އަދިވެސް މާބޮޑު ދިރުމެއް ނެތެވެ. ދެލޯ ވަޅުވަދެ ތުންފަތް ހިކި އެ ރީތިކަން ވަނީ ފަޑުވެފައެވެ. އަމިއްލަ ސޫރަ ލޯގަނޑުން ފެނުމުން އަމިއްލަ ނަފުސާ މެދު އީނާ ހަމްދަރުދީވިއެވެ. އަލުން އެލޮލުގެ ވިދުމާއި ދިރުން އަދި ތުންފަތުގެ އޮމާންކަމާއި މަޑުކަން ހޯދާނެގޮތެއް އީނައަކަށް ވެސް ނޭގެއެވެ.
އަލީޒާ އެއައިގޮތަށް ކޮޓަރިއަށް ވަދެ އެނދަށް އުއްޑުން ވެއްޓިގަތެވެ.
"އީން...އުފަލުން ގޮސް މީހަކު މޮޔަވުމަކީ އެކަށީގެންވާކަމެއްތަ؟ "

"ކީކޭ ؟ ކީކޭ ؟ " އަލީޒާ ގެ ވިދާ އަލިމޫނު ފެނުމުން ކޮންމެވެސް ކަމެއް ވެއްޖެކަން އީނައަށް ވަގުތުން އެގުނެވެ. އަދި އެއީ ދާނިޝް އާއި ގުޅުމެއް ހުރިކަމެއްކަން ވެސް ދެނެގަތެވެ.

"އުފަލުން މީހަކު މޮޔަވަންޏާ މޮޔަވާހާވަރުގެ އުފަލެއް އަހަންނަށް ލިބިއްޖެ އީން..." އަލީޒާ އީނާއަށް ހުރިހާ ވާހަކަތަކެއް ކިޔާދިނެވެ. ދާނިޝް ދެކޭހިތުން ކެތްނުކުރެވިގެން ދީވާނާއެއްފަދައިން މެންދުރު އެންމެ ގަދަ އަވީގައި ކޮޓެޖަށް ދިޔަ ހިސާބުންފެށިގެން ކިޔާދެމުން ގޮސް އޭނަ ސިއްރުކުރީ އެންމެ ތަންކޮޅެކެވެ. އަލީޒާގެ ފުރަތަމަ ކިސްއެވެ. އެއީ އޭނަ އާއި ދާނިޝް ގެ އަމިއްލަ ސިއްރެކެވެ. ދާނިޝްގެ ފަރާތުން އެލިބުނު އަގުބޮޑު ރިތި ހަދިޔާ އަދި އެހެންމީހަކާއި އެކު ހިއްސާކުރާކަށް އޭނަ ބޭނުމެއްނޫނެވެ. އަދިވެސް އޭނަގެ ހަށިގަނޑުން އެ އަސަރުތައް މުޅިން ފިލައިގެން ނުދެއެވެ.
"ކޮންގްރާ...ރީތި ތާރީޚެއްގައި ނިންމަންވާނީ..." އީނާގެ މިލާފައިވާ މޫނުވެސް އެ އުފާވެރި ޚަބަރުގެ ސަބަބުން ވިދަން ފެށިއެވެ. ހެވުނެވެ. އެންމެ އެކުވެރިޔާއަށް ލިބުނު މި މަތިވެރި އުފާތަކުގެ އަސަރު ވައިރަސް އެއްފަދައިން އޭނަގެ ހަށިގަނޑަށްވެސް ކޮށްފިއެވެ. އީނާގެ ފަރާތުން އެތައް ސުވާލުތަކާއި ކުރިމަތިވިއެވެ. އެތައް ޚިޔާލެއް ލިބުނެވެ. ކައިވެނި ހެދުމުގެ ކުލައިން ފެށިގެން ޕާޓީ ބާއްވަންވީ ގޮތާއި ކާޑު ޑިޒައިން ކުރަންވީގޮތާއި މެދުވެސް ވާހަކަ ދެކެވުނެވެ. އީނާ ދެކޭގޮތުގައި ވަރަށް ޔުނިކް ދެކުދިންގެ މިކައިވެނި ހަފްލާވެސް ތަފާތުވާންޖެހޭނެއެވެ. މީހުންގެ ހަދާނުން ފިލައިގެންނުދާފަދަ ގޮތަކަށް ބޭއްވެންވާނެއެވެ.

"އަހަންނަށް އަދި ރާހިލްއާއި އީން ގެ ޚަބަރު އަހާނުލެވިގެން މިއުޅެނީ. ކިހިނެއް ކިހިނެއް؟ އަދިވެސް ހަމަ އެކުވެރިކަންތަ؟ އެންމެ ފިޔަވަޅެއްވެސް ކުރިއަކަށް ނޭޅޭ. ކުރީގެ އީން ވެއްޖެއްޔާ ރުހޭ ފިރިހެންކުއްޖެއް ފެނުނީމަ އަންގާލާނެ ކޮންމެ ގޮތެއްހަދާފައިވެސް... ލޯބިވާ މީހާޔާއި ދިމާވީމަ ފިޑިވަނީ ކީއްވެގެންތަ؟ " އަލީޒާ އީނަގެ މޮބައިލް ފޯނުއަތުލިއެވެ.

ހައްތަހާވެސް ރާހިލް ގެ މެސެޖް ތަކުން އިންބޮކްސް ވަނީ ފުރިފައެވެ. ކައިފިތޯއާއި ބޭސް ކެއިތޯ ބަލަންވެގެންނެވެ. އެކިގަޑީގެ ސަލާމް ކޮށްލަންވެގެންނެވެ. ރަގަޅު ޑޮކްޓަރެއް އަދި އެކުވެރިއެއްގެ ބައި އަދާ ކުރާކަން އެ މެސްޖްތަކުން އެގެއެވެ. އޭނަ އީނާ ދެކެ ލޯބިވާކަމުގެ އެއްވެސް ހިންޓެއް އެންމެ މެސެޖަކުން ވެސް އަލީޒާއަކަށް ނުފެނުނެވެ. ދާނިޝް ފުރަތަމަ ދުވަހު އެ ފޮނުވީވެސް ހާދަ ތަފާތު މެސެޖެކެވެ. ރޮމެންޓިކް ގޮތެއްހުއްޓެވެ. ކިޔާކިޔާ ފޫހިނުވި ޖުމްލަތަކެވެ.

"އެލީ. ރާހިލް ބޭނުމީ ހަމައެކަނި އެކުވެރިކަން. ފުރަތަމަ ދުވަހުވެސް އޭނަ އަންގާފައި އޮތީ އެކަން. އޭނަ ބުނި އޭނަގެ ގާރލްފްރެންޑް ދޮންވާންޖެހޭނެޔޭ. އަޅާނުލާ. ފަނާވެސް އެހެރީނު އޭނަ ފަހަތު އަޅުވާލާފައި. އެލީ...އަހަރެން އެންމެ ހައިރާންވަނީ އެލީ ދާނިޝް ދެކެ ދީވާނާ ވާވަރުފެނުނީމަ. އަހަރެން ވެސް ރާހިލް ދެކެ ލޯބިވަން. ކެއަރ ކުރަން. އެކަމަކު އެލީ ތިވަނީ ހާދަ ވަރެކޭ. ވެދާނެ ދާނިޝްގެ އެހުންނަ ރީތިވެމްޕަޔަރ ލުކްސް ގެ ސަބަބުންކަމަށް. އެ އާދަޔާޚިލާފު ރީތިކަމާއި ލޯބި އެއްވީމަ ދީވާނާވެސް ވެވޭނެ ދޯ. އެކަމަކު އެލީ ކޮޓެޖަށް ދާން ބިރުނުގަނޭތަ؟ ހޯންޓެޑް ހެނެއް ހިޔެއްނުވޭތަ؟"

އަލީޒާ ހަނދާންވީ ކޮޓެޖްގެ ބޮޑު ކޮޓަރިއަށް ވެރިވެގެން ދިޔަ ލޯ ތަރަތަރަޖަހައިގެންދާފަދަ ގަދަ އައްޔެވެ. އިވުނު އަޑުފަށްގަޑެވެ. ފަންގިފިލާގައި އެލުވިގެން އޮތް ސޫރައެވެ. ހިޔަންޏެއްބާވައެވެ. އޭނަ މިހާރު ރަގަޅަށް ހަނދާނެއްނެތެވެ. ބިރުން ހުރިވަރުން ލޯ މައްޗަށް ފެނުނުކަންތަކަށް ވުމަކީ ވެސް އެކަށީގެންވާކަމެކެވެ. އޭނަގެ ފުރާނަފަދަ ލޯބިވެރިޔާ ވެސް އެއުޅެނީ އެކަނިމާއެކަނި އެ ކޮޓެޖްގައެވެ. އޭނަވެސް އެހެރީ ސަލާމަތުންނެވެ. އެވަރު ބޮޑުކަމެއްހިގާނަމަ ދާނިޝް އަށް ވެސް އެގޭނެ ނޫންހެއްޔެވެ؟ ދާނިޝް ފަދައިން އޭނަވެސް ބިރު ކެނޑެންޖެހޭނެއެވެ. އީނަ ގާތުގައި އެއިން އެއްވެސް ވާހަކަ އެއް ދައްކާކަށް އޭނައަކަށް ނުކެރޭނެއެވެ. ކޮޓެޖްގެ ހުރިހާ ނޭދެވޭ ސިއްރުތައް އޭނަ ޖެހޭނީ ހިފަހައްޓާށެވެ. ލޯބިވެރިޔާ ގެ ހައްގުގައެވެ.

އަލީޒާ ކިޔާދޭންފެށީ އެގޭގެ ރީތިކަމުގެ ވާހަކައެވެ. ފަޅު ވީރާނާ ތަނަކަށް ވުރެ ޕާޕްލް ކޮޓެޖް ކިޔުމުގެ ހައްގުކަން ބޮޑުކަމަށެވެ. ބަގީޗާ ހިތްފަސޭހަ ވާހަކައެވެ. ހޯންޓެޑް ތަނެކޭ ކިޔާފައި މީހުންދޮގުވާހަކަ ތައް ފަތުރަނީކަމަށާއި ލޮލުން ނުފެންނަނީސް އީނަވެސް އެވާހަކަތައް ގަބޫލުނުކުރުމަށް އަލީޒާ އެދުނެވެ. މާލޭގައި އެހާހިތްފަސޭހަ ގެއެއް މިވަގުތު ނެތްކަމަށާއި އީނަ ވެސް އެގެއަށް ޒިޔާރަތްކުރި ދުވަހަކުން އެކަން ގަބޫލުކުރެވޭނެ ކަމަށް އަލީޒާ ބުންޏެވެ.

"އެލީ . ރާހިލް ގެ ފޯނެއް. ފައިވް މިނެޓްސް އިގޭ..."ފޯރިގަދަ ވާހަކައެއްގައި ތިއްބާ އީނާގެ ފޯނު ރިންގްވާން ފެށުމުން އީނާ ކޮޓަރިން ނުކުތެވެ. އަލީޒާ ޓީވީ ގެ ވޮލިއުމް އެންމެ ބާރުކޮށްލީ އެވަގުތު ރީތި އިޝްގީ ލަވައެއް އަންނަންފެށުމުންނެވެ. އަލީޒާ އެނދުމަތީގައި ދެފައި ވަށްކޮށްލައިގެން ދަތްދޮޅީގައި އަތް ވިއްދާލައިގެން އިންއިރު އެލަވައިން ފެންނަ ދެތަރިންނަކީ ވެސް އޭނަ އާއި ދާނިޝް ކަމަށް ހީކުރެވުނެވެ. މިއީ ހާދަ އެހެންކަހަލަ ކަމެކެވެ. އީނާ ބުނާފަދައިން އޭނަ ދާނިޝް ދެކެ ދީވާނާ ވީހެއްޔެވެ؟ އެކަމަކު ހިތަށް މިލިބެނީ ކޮންފަދަ ފިނިކަމަކާއި މީރުކަމެއްހެއްޔެވެ؟ ފޮނިފޮނި އިހުސާސްތަކެވެ. ސިކުނޑި އެއްކޮށް ލުއިވެ މީހާވެސް އުދުހެންފަށާފާނެހެން ހީވެއެވެ.
އީނަ އެބުރި އައީ ލަވަ ނިމުނުފަހުންނެވެ. އޭނަ ހުރީ ހެވި ދިއްލިފައެވެ. އަތުގައި އޮތް ކޮތަޅު މޭޒުމަތީގައި ބޭއްވުމަށްފަހު އޭނަ އައިސް އަލީޒާގެ ގައިގާ ހިފައިގަތެވެ. 

"އެލީ. ސަޅި ސަރޕްރައިޒެއް. ހިތަކަށް ނާރާ ރާހިލް އަތުވެދާނެއޭ. ނަސީބެއް ފެންވަރާ ރީތިވެލައިގެން ހުރެވުނުކަން..ރާހިލް ގުޅާލާފައި ބުނީ ދޮރާށި ދޮށަށް ނުކުމެބަލާށޭ. ކޮންމެވެސް މީހަކު ހުންނާނެޔޭ ހަދިޔާއެއް ހިފައިގެންގޮސް. ކީކޭ ބުނާނީ...ރާހިލް އާއި ވާހަކަ ދައްކަމުން ގޮސް ދޮރާށި ހުޅުވާލުމުން ސިހުނުވަރުން ފޯނުވެސް އަތުން ދޫނުވީ ކިރިޔާ. ސައިކަލް މަތީގައި ތިބީ ރާހިލް އާއި ދާނިޝް. އީން ބަލިވެއުޅޭތީ މިރުސް ނުލައި މަސް ފިހެގެން އައީއޭ. ކިހާ ސްވީޓް. އަހަރެން ބުނިން އެލީ ވެސް ކޮޓަރީގައި އެބަ އިނޭ. ޑޭން ބުނި އެއްޗެއް އެނގޭތަ؟ އެލީ ހާދަ ރީތި ލަވައެކޭ ޖަހަނީ..." އީނަ އުފަލުން ހެމުން ބުންޏެވެ.

"އެކަމަކު. އީން ގޮވާލިނަމަ. މަޑުކުރުވިނަމަ...." ދާނިޝްގެ ނަން އިވުމުންވެސް އަލީޒާގެ ހިތް އަވަސްވެލައިފިއެވެ.
"ސައިބޯން ދައުވަތު ދިނިން. އެކަމަކު ވަރަށް ލަސް ވެގެން މަޑުކުރެވޭކަށް ނެތޭ ކިޔާފައި ދިޔައީއޭ. ހިތަށް އެރި ކޮންގްރާ ކިޔަން. އެކަމަކު ދާނިޝްގެ ހުންނަ ސީރިޔަސް ގޮތަކުން އަދި ނުކެރޭ ދިމާކޮށްލާކަށް. އަޅެ ރާހިލް ހާދަ ހެންޑްސަމްއޭ. ނޭގޭ އޭނަ ފެނުނީމަ އެލީ އާއި ޖީން މަތިން ހަދާންވާކަހަލަ ގޮތެއް ހުރޭ. ރަން އިސްތަށިގަނޑު އަދި ލޮލުގެ ދެލިކުލައިގެ ކަޅި އާއި ވިދުން އަދި ހިނިތުންވުން ވަރަށް އެއްގޮތް. ތިމާގެތަ؟ އެލީ ގެ ބޭބެއެއްތަ؟ " އީނަ ހޮސްޕިޓަލުގައި އޮތްއިރުވެސް އަލީޒާ ގާތުން އެވާހަކަ އަހާލަން ބޭނުންވިއެވެ. އޭނަ ހަދާން ނެތުނީއެވެ.

"ހިޔެއްނުވޭ އެ ރޯޔަލް ބްލަޑް އާއި ދުރުންވެސް ގުޅިފައި އޮންނާނެހެނެއް. އަހަރެންގެ މަންމަ އާއި ބައްޕަ ވެސް ވަރަށް އާދައި ގެ އާއިލާ އެއް...." އަލީޒާ އާއި އީނަ މުޅިން ވެސް ދައްކަމުން ދިޔައީ ދާނިޝް އާއި ރާހިލް ގެ ވާހަކަ ތަކެވެ. ހޮސްޕިޓަލުގެ ރީތި ޑޮކްޓަރުންނާއި ހެދި އަންހެންކުދިން އުޅޭވަރާއި ރައްޓެހިވާން ކުރާ މަސައްކަތްތަކުގެ ވާހަކައެވެ. ކިތަންމެ ގިނައިން ވާހަކަ ދެއްކިޔަސް ވާހަކަ ތައް ހުހެއްނުވެއެވެ.
އަލީޒާ ގެއަށް އައިގޮތަށް އޭނަ ކައިވެނި ކުރަން އުޅޭ ޚަބަރު މަންމަ އާއި ކޮއްކޮމެނަށް އިއްވާލިއެވެ. އަލީޒާގެ ގައިގާ ހިފައިގަނެގެން މަންމަ ތަޢުރީފުކޮށް ހެޔޮ ދުއާކުރިއެވެ. އައިސްގޭޓް މައުމޫންގެ ދަރި އަކާއި އަލީޒާ އިނުމަކީ އާދައިގެ ކަމެއް ނޫނެވެ. އެންމެން ހަސަދަވެރިވާނެއެވެ. މުޅި މާލެ އަޑުކިޔާލާނެއެވެ. މިފަގީރުހާލަތު ވަގުތުން ބަދަލުވާނެއެވެ. ސާއިރާއަށް ލިބުނު އުފަލެއްގެ ބޮޑުކަމުން އޭނަގެ ފައި ބިންމަތީގައި ހަރުނުލައެވެ. ކުލަ ރީތި އެތައް ހުވަފެނެއް ފެނުނެވެ. އެތައް ޚުޔާލީ ފޮލައެއްކެއްކުނެވެ. ދެ ކޮއްކޮމެން ވެސް އެފަދައެވެ. މި ކުޑަ ކުޑަ އާއިލާ އުފަލުން މޮޔަވަމުން ދާއިރު ކުރިމަތިވާން އުޅޭ ތޫފާން އެކަކަށް ވެސް ނޭގެއެވެ.

ނޯކަރެއް ފަދައިން ގޭގެ ހުރިހާ މަސައްކަތެއް ކުރަމުން އައި އަލީޒާ ކުއްލިއަކަށް ރަސްދަރިކަނބަލަކަށް ވެއްޖެއެވެ. މިހާރު އަލީޒާ ލައްވާ ގޭގެ އެއްވެސް މަސައްކަތެއް ކުރުވާކަށް ސާއިރާ ބޭނުމެއްނުވެއެވެ. އަބަދާއި އަބަދު ކޮންމެވެސް ތަނެއްގައި ރިއްސުމުގެ ބަހަނާގައި އެނދަށް އެއްލެވިގެން ގައި މޮޑުވަން އޮންނަ މަންމަ ހީވާގިވެ މިރަން ދަރިފުޅު އަލީޒާގެ ޚިދުމަތުގައި އަތުކުރި އޮޅާލައިފިއެވެ. ރައްކާކޮށްފައި ހުރި ފައިސާކޮޅު ފެން ފަދައިން އަލީޒާ އަށްޓަކައި އޮއްސާލައިފިއެވެ. ރީތި ހެދުން ގަނެ މީރު ކާއެއްޗެހިން މޭޒުމަތި ފަޅު ފިލުވާލަން ފަށައިފިއެވެ. އަނެއް ދެދަރިން ބަކީކޮށްލެވިއްޖެއެވެ. ވާނީވެސް އެހެނެވެ. ނުލާހިކު ދަތި ހާލުގައި އުޅެނިކޮށް މިފަދަ ނިއުމަތެއް ލިބުމުން ޚަބަރު ގެނެސްދިންމީހާ ކިހާ ޚާއްސަވާނެހެއްޔެވެ؟ ސާއިރާ ބޭނުންވީ މުޅި މާލެއަށް މިޚަބަރު ފެތުރުމަށެވެ. އެކަމަކު ކަންނުވެ ނަންވުމަކީ ރަގަޅުކަމެއް ނޫނެވެ. އޭނަގެ ދަރިފުޅަށް ވިހަ ލޯ ތަކުގެ އެސްފީނާވެސް އެޅިދާނެއެވެ. އަދި ޖެހޭނީ ވީހާވެސް ބޮޑަށް ފޮރުވައިގެން އުޅޭށެވެ.

ދާނިޝް ފެންވަރާލައިގެން ގެއިން ނުކުމެ ދޮރުތަޅުލިއެވެ. ވައިލެޓް އަދި ނޫކުލައިގެ ޓީޝާޓަކާއި ޖިންސެއްލައިގެން ހުރިއިރު ތާޒާވެފައި ރީއްޗެވެ. އޭނަ ފެނުމުން އިރުވެސް ލަދުން ވިލާކޮޅެއްގެ ފަހަތަށް ވަދެ ނިވާވެލައިފިއެވެ. އޭނަ ކާރުގެ ތަޅުދަޑި އަތުން އަނބުރަމުން ރީތި ލަވައެއްކިޔާލަމުން ގޮސް ކާރަށް އަރަން އުޅެފައި ޚިޔާލު ބަދަލުވިއެވެ. ފިނިފެންމާ ގަސް ތައް ދެކިލާހިތްވީއެވެ. އަލީޒާގެ މަތިން ހަދާންވީއެވެ. އެ ސްމާޓް މޮޑެލް ހިގުމުގައި ގަސްތަކުގެ ތެރެއަށް ވަދެގެން ދިޔައިރު ވައިރޯޅިތައް އޭނަ ގެ ތެތް އިސްތަށިގަނޑާއި ގޯނާކުރަމުން ހަށިގަނޑު އިތުރަށް ފިނިކުރަމުން ދިޔައެވެ. ތެތްފިނި ރީތި ހަވީރެކެވެ. " ކޮޓެޖް " ގެ ބަގީޗާގައި ހެދެމުންދާ ފިނިފެންމާ ގަސްތަކުގައިވާ ބޯށިތައް ހުރީ ފޮޅެން ތައްޔާރުވެފައެވެ. އެކި ކުލަކުލައިގައެވެ. ދަބު އަދި ނުލެވެ. އޮރެންޖާއި ރީދުލެވެ. ރަތާއި ހުދެވެ. ފިޔާތޮށި އަދި ފެއްސެވެ.
ދާނިޝް ގެ ހިތް އެ ރީތިކަމަށް ތައުރީފުކުރިއެވެ. އަލީޒާ އަށް ފެނިއްޖެއްޔާ ހަމަ މޮޔަވާނެއެވެ. ނޫކުލައިގެ ފިނިފެންމާ ހެދޭނީ ހަމައެކަނި ޖެނެޓިކް އިންޖިނޭރިން އިންނޭ އެބުނިބަސް ދޮގެއްކަން ދާނިޝް އަށް މިހާރު އެގިއްޖެއެވެ. ރޫހާނީ ބާރުން ވެސް ކަންތައް ކުރެވިދާނެއެވެ.

އަލީޒާ އަންނާނެނަމައެވެ. މި ފިނިފެންމާ ގަސްކާރީގައި ދެ ދުވަސް ކުރިން އެ ހޭދަކުރެވުނު އިޝްގީ ވަގުތުކޮޅު ހިތުން ފިލައިގެން ދާ ގޮތެއް ނުވިއެވެ. ހާދަ އެހެންކަހަލަ އިހުސާސްތައް ކުރެވުނެވެ. އަލުން އެތަންކޮޅު ރިވައިންޑް ކޮށްލަން އޭނަ ބޭނުމެވެ. ކޮންމެވެސް މީހަކުގެ ފިޔަވަޅު ގެ އަޑު އިވުމުން ދާނިޝް ލަސްލަހުން އެބުރުނެވެ. އެއާއިއެކު ނުތަނަވަސްވާގޮތްވިއެވެ.
ނަމަވެސް އޭނާގެ މޫނުމަތިން އެކަން ފާޅުވިޔަނުދީ ވަރަށް ހަމަޖެހިލަމުން ބުމަ އަރުވާލިއެވެ.

"ޔެސް މަމް؟ " 
ފަރްޒާނާ ކޮޓެޖްގައި ފައި ބީއްސާލާނީ ޖެހުނު ބޮޑުކަމެއްގެ ސަބަބުން ކަން ދާނިޝް އަށް ޔަގީނެވެ. އެހެންނޫންނަމަ ދާނިޝް ފެންންހިސާބަށް އައުމަށް ވެސް ފަރްޒާނާގެ ހިތެއް ނުރުހޭނެއެވެ.

ކޮމެންޓް 0