ދާނިޝް ގެ ނަޒަރު ހިދުކޮޅަކަށް ނަމަވެސް އަލީޒާ އަށް ހުއްޓުނެވެ. އަލީޒާ ގެ ނޭވާ ވެސް އެތެރެހަށީގައި ތާށިވީކަހަލައެވެ. އެރީތި ދެލޮލުގައި ވާ ބާރުން އޭނަގެ ހިތަށް އެ ހަދާލަނީ ކޮންފަދަ ސިހުރެއްހެއްޔެވެ؟ އަލިޒާ ލަދުރަކި ގޮތަކަށް ހިނިތުންވެލިއެވެ. އިސްޖަހާލެވުނެވެ.
ސްޓޭޖް އައިޓަމް ތައް ފެށުނެވެ.
ޑޮކްޓަރ ފަނާ ނެށީ ރިހާނާގެ "އަމްބްރެއްލާ " ލަވައަށެވެ. ވަރަށް މޮޅެވެ. ރީއްޗެވެ. އެންމެންގެ ފަރާތުން ހޫނު ތަރުހީބެއް ލިބުނަސް ދާނިޝް އަތްތިލަ ނުޖަހާކަން ފާހަގަ ކުރެވުމުން އަލީޒާގެ ހިތަށްލިބުނީ ބަޔާން ނުކުރެވޭފަދަ ފިނިކަމެކެވެ. އޭނަ އަށް ބެލެމުން ދިޔައީ ސްޓޭޖަށް ވުރެ ދާނިޝްގެ ހަރަކާތްތަކަށެވެ.
އައިޓަމަކަށް ފަހު އައިޓަމެއް ކުރިއަށް ދިޔައެވެ. ލަވަތަކާއި ނެށުމެވެ. ތަމްސީލުތަކެވެ. ހީނުކުރާފަދަ ކުދިންގެ ހުނަރުތަކެވެ.
ޑޮކްޓަރ ރާހިލް ސްޓޭޖަށް އެރުމުން އީނަ ގަނޑުވިއެވެ. ވަރަށް ޚާއްސަ ފަރާތަކަށޭ ކިޔާފައި އޭނަ ކިޔާލަދިނީ އެންމެ ލަވައެކެވެ. " ނުވާނަމަ އިޝްގު ދުނިޔޭގައި "އެ ބަރު ރީތި އަޑުން ކިޔާލުމުން އަތައް ބަޔެއްގެ ހޫނު ތަރުހީބުގެ އިތުރުން އީނަގެ ލޯ ތެންމާލިއެވެ.
ދެން އޮތް އައިޓަމް ޑޮކްޓަރ ދާނިޝް ހުށަހަޅާދޭނެ ކަމަށް ބުނުމުން އަލީޒާ އަށްވެސް ލިބުނީ ސިހުމެކެވެ. އެތާ ތިބި އެންމެންވެސް ހިމޭންވިއެވެ. ހިމޭންކަމުގެ ސުކޫތުކޮޅެއް ގެނެވުނުހެން ހީވިއެވެ. ކުޑަކޮށް ނިދި ތާއްޔާ ޖެހިޖެހި ތިބި މީހުން ވެސް ލޯ ބޮޑުކޮށްގެން ސްޓޭޖަށް ބަލަން ފެށިއެވެ. ފަހަތުގައި ތިބި މީހުން ތެދުވެގެން ތަންކޮޅެއް ކައިރިއަށް ޖެހިލައިފިއެވެ. ދާނިޝް އަކީ ހޮސްޕިޓަލުގެ އެންމެ ވިދާ ރީތި ތަރިއެވެ. ވެލި ގޯންޏެއްގައިވާ ޖަވާހިރެއްފަދައިން އޭނަ ފާހަގަ ކުރެވެއެވެ. އޭނަ ކުރާ ކަމަކަށް އެންމެން ކިހާ ބޮޑަށް ޝަވްގު ވެރިވާނެހެއްޔެވެ؟
ދާނިޝް ގިޓާ ހިފާލައިގެން އެރުމުން އެންމެންވެސް ހީކުރީ އޭނަ ކުޅެލާނީ މިޔުޒިކެއްކަމަށެވެ. ދާނިޝް އަކީ އެހާ ރީތިކޮށް ލަވަ ކިޔާ ޒުވާނެއްކަމަށް އެކަކަށް ވެސް އެނގިފައި ނެތީއެވެ. ދާނިޝް ގިޓާގެ ނަރުތަކުގައި އެ ދިގު އިނގިލިތައް ހިންގާލިއެވެ. ލޯބީގެ އަސަރުގަދަ ދެލަވައެވެ. ހޯޓޯން ސޭ ޗޫލޯ ތުމް އަދި ނަތުމް ހަމެ ޖާނޯ ނަހަމް ތުމެ ޖާނޭ ކިޔާލިލެއް އަސަރުގަދަ ކަމުން އަންހެންކުދިން ރޮއްވާލިއެވެ. އޭނަފަދަ ޒުވާނަކު އެހާ ރީއްޗަށް ހިންދީ ލަވަ ކިޔާލުމުން ހައިރާންވެ އަންތަރީސްވެސް ވިއެވެ. އާއްމުކޮށް އިނގިރޭސިން ވާހަކަދައްކަން އާދަވެފައިވާ ޒުވާނަކަށް ހިންދީ ބަސް އެނގިދާނެއޭވެސް އެކަކުވެސް ހިޔެއްނުކުރެއެވެ.
އެންމެ ބޮޑުވަރުވީ އަލީޒާއަށެވެ. ލަވައިގެ ތެރެއަށް ވަދެވެމުން ދިޔަވަރަކަށް އޭނެގެ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ ފައިބަމުން ދިޔައެވެ. ޓިޝޫ ތަކުން ކިތަންމެވަރަކަށް ލޯ ފޮހެމުން ދިޔަސް ކަރުނަ ހުސްވާނީ ކިހިނެއްހެއްޔެވެ؟ ހިތަށް ހާދަ އަސަރުކުރުވައިފިއެވެ. ކަރުނައިގެ ތެރެއިން ދާނިޝް ފުސްކޮށް ފެނުނަސް އޭނަ އާއި ހަތަރުކަޅި ހަމަކޮށްލެވުނެވެ. އަލީޒާ އަށް މޫނުގައި އަތް އެޅުނެވެ. އޭނަ ހަމަ ރަގަޅަށް ރޯން ފެށިއެވެ. އީނަ އަށް ވެސް ރޮވިއްޖެއެވެ.
ދާނިޝް ކޮންމެވެސް އަންހެން ކުއްޖަކަށް ހިތުގެ އަޑު މިރޭ ރަގަޅަށް އިއްވާލަދީފިއެވެ. ވަރަށް އަސަރާއިއެކީގައެވެ. ހަމައެކަނި އެ ޖަޒުބާތުގެ ސަބަބުން އަސަރުކުރީ އޭނަ އެ އަޑު އިއްވާލަ ދިން ކުއްޖާ އެކަންޏެއް ނޫނެވެ. އެތާ ތިބި އެންމެނަށެވެ. ލަވަ ނިމުމުން އޭނައަށް ލިބުނީ ވަރަސް ހޫނު ތަރުހީބެކެވެ. " ދާނިޝް ދާނިޝް "ކިޔާފައި އަންހެން ކުދިން ލަދެއް ނެތި އަޑުގަދަ ކުރިއެވެ.
ދާނިޝް ސްޓޭޖް އިން ފައިބައިގެން އައުމުން އޭނަގެ އެކުވެރިންނާއި އާއިލާގެ މެމްބަރުން އޭނަގެ ގައިގާ ހިފައިގަނެގެން ތައުރީފް ކުރިއެވެ. ދަރިފުޅުގެ ކުޅަދާނަކަމުން އަސަރުކޮށް ފެންކަޅިވެލައްވާފައި ހުންނެވި ޑޮކްޓަރ މައުމޫން ވެސް ދާނިޝް މޭގައި ޖައްސަވާލައްވާފައި ނިތްކުރީގައި ބޮސްދިނެވެ. އެތައްބަޔަކު ބައްދާލާފައި އިސްތަށިގަނޑުގައި ނުވަތަ ބުރަކަށީގައި ފިރުމަމުންދާ މަންޒަރު ދެކެން އަލީޒާ އިނީ ހިތް ހަލާކުވެފައެވެ. އޭނައަށްވެސް އެފަދަ ފުރުސަތެއް ލިބޭނެނަމައެވެ. ޝާހާން ދާނިޝް ގެ ކޯތާފަތުގައި ބޮސްދޭން އުޅުމުން އޭނަ އެނބުރިލިގޮތުން ތުންފަތުގައި ޖެހުމުން އެންމެނަށް މަޖާ ވިވަރުން ހޭން ފެށިއެވެ.
"އަޅެ....ހާދަ ލަވިން ފެމިލީ އެއް..." އީނަ އަށް ބުނެވުނެވެ.
އަލީޒާ އީނަ ގޮވައިގެން ފާޚާނާ އަށް ދިޔައީ މޫނު ދޮވެލާ ތާޒާ ވެލުމަށެވެ. ރޮވޭ ވަރުންނެވެ. ތާއަބަދު ކަންފަތުގައި ގުގުމަމުން ދަނީ އެބައިތު ތަކެވެ. ރިހުން އެކުލެވިފައިވާ އެ ޖާދުވީ އަޑުން އޭނަ ގެ ކަންފަތްދޮށުގައި ދާނިޝް ލަވަ ކިޔަމުން ދާކަމަށް އިހުސާސް ކުރެވެއެވެ. އެއިން ކޮންމެ ޖުމްލައެއް ރައްދުވާ ފަރާތަކީ އޭނަކަމުގައި ހީކުރެވެނީ ކީއްވެހެއްޔެވެ؟ މިވަނީ ކހިނެއްހެއްޔެވެ؟ އޭނަ މޮޔަވީ ހެއްޔެވެ؟
އަލީޒާ އާއި އީނަ މޫނު ދޮވެލާހަދައިގެން އައިއިރު ކެއުމުގެ ފޯރިގަނޑު ފެށިއްޖެއެވެ. އެކަމަކު ދާނިޝް އާއި ރާހިލް ފެންނާކަށް ނެތެވެ. އަލީޒާ ވަރަށް ދެރަވިއެވެ. ނުވެސް ކައި އެ ޒުވާނުން ދިޔައީ ހެއްޔެވެ؟ އަލީޒާ ވެސް ކާހިތްކެނޑުނެވެ. އެކަމަކު ފްރައިޑް ރައިސް އާއި ޑެވިލްޑް ޗިކަން ކޮޅެއް ތަށްޓަކަށް ލައިގެން ދެކުދިން ގޮސް އިށީނީ ދުރުގައިވާ ހުސް ގޮނޑިތަކެއްގައެވެ. ދާނިޝް މެން ނެތުމުން މިތަނުގައި ގިނައިރު ހޭދަކުރުމަކީ ބޭކާރުކަމެކެވެ. އަވަހަށް ގެއަށް ދާންވީއެވެ.
ދާނިޝް މެން ހަތަރު ވަރަކަށް ދުވަހަށް ފަޅު ރަށަކަށް ދިޔުމުން ހޮސްޕިޓަލް މުޅިން ފަޅުވިއެވެ. ތަނުގެ ދިރުމާއި އުފާކަމަށްވާ ޒުވާން ޑޮކްޓަރުންގެ ޓީމް އޮތްގޮތަށް އެދަތުރު ދިޔައީމެވެ. އަލީޒާ ކޮންމެ ދުވަހެއް ހޭދަކޮށްލަނީ ކަރުނައިގައެވެ. ނާއުއްމީދާއި މާޔޫސްކަމުގެ ހިޔަނި އޭނަ ވަށާލައިގެން ދަލެއް ފަތުރާލައިފިއެވެ. އެރޭގެ ހާދިސާ އަށް ފަހު އޭނަ އާއި ދާނިޝްގެ އޮތް ނާޒުކް ގުޅުން މުޅިން ކެނޑިއްޖެކަމަށް ހިތް ބުނަމުން ދަނީއެވެ. އެރޭ ދެކޮޅު ނެހެދުނުނަމައޭ ހާސް ފަހަރު ހިތަށް އަރައިފިއެވެ. އެ ހުރިހާ އަނިޔާއެއް ވެސް އުފަލާއި އެކީ ގަބޫލު ކުރެވުނުނަމައެވެ. އަލީޒާ އަށް އަބަދު ރޮވެނީއެވެ. އަމިއްލަ ނަފުސް ކުށްވެރިކުރެވެއެވެ. މަލާމާތް ކުރެވެއެވެ. މި ގުޅުން ކެނޑުމުގެ ޒިންމާ އެޅެނީ އޭނަގެ ބޮލުގައިކަމަށް ގަބޫލު ކުރެވިއްޖެއެވެ.

ދާނިޝް މާލެ އައިގޮތަށް " ކޮޓްޖް" އަށް ދިރިއުޅުން ބަދަލުކޮށްފިއެވެ. ފަރުޒާނާ އާއި އެއްހިޔާވަހިކަމުގައި އުޅޭކަށް މިހާރު އޭނަ ބޭނުމެއްނޫނެވެ. އެގެއަށް ބަދަލުވުމުން ދާނިޝްއަށް ހީވީ މިނިވަން އާ ދުނިޔެއަކަށް އާދެވުނުހެނެވެ. އަމިއްލަ ގެއެއްގައި ބޭނުން ގޮތަކަށް އުޅުމުގެ ފުރުސަތު ލިބުނީއެވެ. ވަޒީފާ އަށް ދާން ފަސޭހަ އަކަށް އޭނަ ޕާޕްލް ކުލައިގެ ކާރެއް ވެސް ގަނެލައިފިއެވެ.

ރީތި ދުވަހެކެވެ. އުޑުގައި ވިލާކޮޅެއްގެ އަސަރުވެސް ނުފެނެއެވެ. އެކަމަކު ހެޔޮވަރަކަށް ވައި ޖެހެމުން ދިޔައެވެ. ދާނިޝް އޭނަގެ މެކްބުކް ހިފައިގެން ފެންޑާގައިވާ ސޯފާއެއްގައި ޖައްސާލިއެވެ. ކައިރީގައި ހުރި ކުޑަ މޭޒުމަތީގައި ހޫނު ކޮފީ ތަށްޓަކާއި ޕިއްޒާ ހުއްޓެވެ.
ދާނިޔާލް އައިލެއް ބާރުކަމުން ދާނިޝްއަށް ފެނުނީ އޭނަ ކުރިމަތީގައި ހުއްޓައެވެ. ފިޔަވަޅުގެ އަޑުވެސް ނީއްވާ އެ ހަލުވި ސްޕީޑް ގައި އުޅުމަކީ އެ ޒުވާނުންގެ ހުނަރެކެވެ. ދާނިޝް ކުޑަކޮށް ސިހުނެވެ. ދާނިޔާލްގެ މޫނުގައި ވަނީ ރުޅީގެ ކުލަވަރެވެ. ބުމަގޮށްޖަހާލައިގެން ހުރިގޮތުން ކޮންމެވެސް ކަމެއް ގޯސް ވެއްޖެކަން ދާނިޝްއަށް ވަގުތުން އެގުނެވެ. ދާނިޝް މެކްބުކް މޭޒުމަތީގައި ބަހައްޓާފައި ތެދުވުނެވެ.
ދާނިޔާލް އޭނަގެ އަތުގައި އޮތް ސިޓީ އެއް ދާނިޝްގެ މޫނާއި ދިމާލަށް ހޫރުވާލިއެވެ.

"ތިއީ އަލީޒާ ބައްޕަ އަށް ފޮނުވި ސިޓީ އެއް. އޭނަގެ އިއްފަތް ތެރިކަން ނަގާލީތީ އެކަމުގެ ބަދަލުގައި އެއް މިލިޔަން ރުފިޔާ ހޯދަން އެދިފައި..." ދާނިޔާލް ހުރީ ދަތްކުޑިވިކާލައިގެނެވެ. ދާނިޝްގެ މޫނަށް އެތިފަހަރެއް ވީއްލަފާނެހެން ހީވިއެވެ. ދާނިޝް ގެ މޫނަށް ވެރިވެގެން ދިޔައީ އިންތިހާ ދަރަޖައިގެ ހައިރާންކަމުގެ ކުލަވަރެވެ. ދާނިޝް ގެ ރީތި ދެލޮލުގައި ވާ ވިދުވަރާއި އުފާވެރިކަން އެއްފަހަރާ ނެތިގެން ހިގައްޖެއެވެ. ނުބައިގޮތަކަށް ހިތް ތެޅިގެންފައި އަތްފައި ފިނިވެލައިފިއެވެ. މޫނުމަތިން ލަދުވެތިކަމުގެ ރަތްކުލަ ފާއްދާލިއެވެ. ދާނިޝް ތުންފަތުގައި ދަތް އަޅާލަމުން އިސްޖަހާލީ ކުށްވެރިއެއްފަދައިންނެވެ. އެތައް އިހުސާސް ތަކުން ހިތް ފުރި ބަންޑުންވަމުން ދިޔައިރު ސިކުނޑިވެސް ހުސްވިހެން ހީވިއެވެ. އޭނަ ގެ ބޮލުގައި މިއެޅުނު ބޮޑު އިލްޒާމާއި ބަދުނާމު ވާނެ ވަރު ވިސްނެންފެށީ އިރުކޮޅަކުންނެވެ. ހައިރާންވެފައި ހުރިލެއް ބޮޑުކަމުން ރުޅި އަންނާކަށް ވެސް ނޭގުނެވެ.
"ލަދުކުޑަ. ވިޔާނުދާކުއްޖާ. އެކްޓް ކުރަން ނޫޅެބަލަ. އަލީޒާ އަށް އެމެރިކާގެ ރައީސް ކަން ލިބިއްޖެޔޭ ބުންޏަސް މާފަސޭހައިން ގަބޫލު ކުރެވުނީސް ދޯ. ހާދަ ވަރަކަށް ހައިރާންވެފައި ތިހިރީ. އަލީޒާ ފަދަ ލަދުރަކި މަޑުމައިތިރި ކުއްޖެއް މިފަދަ ކަމެއް ރިޕޯޓް ކޮށްފާނެކަމަކަށް ހިޔެއްނުކުރަންދޯ. އަންހެންކުދިންނަށް ލަނޑު ދީފައި ބޭޒާރު ނުވާނެކަމަށް ތަ؟ އެދުވަހު އަލީޒާ އަށް ކޮޓެޖަށް އަންނަން ދައުވަތު ދިނީ އެބޭނުމުގައި ކަން މިހާރު މަށަށް ވެސް އެގިއްޖެ. ކުރިން ވެސް އަހަންނަށް އެނގޭ ތި ގުޅުމުގައި ކޮންމެވެސް ގޯހެއް އުޅޭކަން. ޔަގީން ވީ މިސިޓީ ކިޔާލީމަ. މިއަޑު މާލެ އަށް ފެތުރިއްޖެއްޔާ އަހަރެމެނަށް ލަދުން ހޮސްޕިޓަލަށް ވަދެލާކަށް ވެސް ނުކެރޭނެ... ކިހާ ވަރަކަށް މީހުން މަލާމާތްކުރާނެ. ލަދެއް ނުގަނޭތަ؟"

ދާނިޝް ހުރީ ހިމޭން ސްތެޗޫއެއްފަދައިންނެވެ. ހިމޭން ކަމަކީ ކުށަށް އިއުތިރާފުވުން ކަމަށް ދާނިޔާލް ހީކުރިއެވެ. މިއީ ހަގީގަތަކަށް ނުވިނަމަ ދާނިޝް ރުޅިގަދަވެގެން މިގެ ވެސް ބޯމައްޗަށް ވައްޓާލާކަށް ފަހެއް ނުޖެހުނީހެވެ. ދާނިޝް ގެ އެ ޝައިތޯނީ ރުޅިއާއި ބާރުގަދަކަން އެއީ ދާނިޔާލްމެނަށް ވަންހަނާވެފައިވާ ކަމެއްނޫނެވެ. މިހާރު ދާނިޝް ހުރިގޮތުން ހީވަނީ ހިތާމައިގެ ތަސްވީރެއްހެނެވެ.

"އިޑިއަޓް....ލޫޒަރ..." ދާނިޔާލް ރުޅިވެރިކަމާއި އެކު ދާނިޝް ގެ މޭގައި އަތް އަޅާ ކޮށްޕާލައިފިއެވެ. މޫނުމައްޗަށް ހޫނު އެތިފަހަރެއް ވީއްލާލިއެވެ. ދާނިޝްގެ އެ ހިމޭންކަމުން ދާނިޔާލްގެ ކެތްތެރިކަން ކޮޅުންލައިގެން ދިޔައީއެވެ.
ދާނިޝް ފާރަށް ލައްވިގޮތަށް އިސްޖެހިފައިހުރި އިރު އޭނަގެ ލޯ ކަރުނުން ފުރެމުން ދިޔައެވެ. ބޭއިންސާފުން ފުރިގެންވާ ދުނިޔެއެކެވެ. 
"ވަގުތު ފާއިތުވީމަ ރުއިމުގެ ބޭނުމެއްނެތް.. ބައްޕަވެސް ހުންނެވީ ހިތް ހަލާކުވެފައި. ބައްޕައަކީ ހިތުގެ ބަލިމީހެއްކަން ނޭގިހުރެ މިފަދަ ވިޔާނުދާ ދަށުދަރަޖައިގެ އަމަލެއްހިންގީ؟ ހަދަންވީގޮތެއް އަހަން ބައްޕަ އަހަންނަށް މިސިޓީ ދެއްކެވީ. އަހަންނަށް ލިބުނީ ޝޮކެއް. ބުނާނެ އެއްޗެއްވެސް ނޭގުނު. އޭނަގެ އަނގަ ބަންދުކުރަން އެއް މިލިޔަން ރުފިޔާ ދިނުމަކީ ބައްޕަ އަށް ބޮޑުކަމެއް ނޫން. މައްސަލައަކީ އުމުރު ދުވަހު ވެސް ބްލެކްމެއިލްކުރާނެތީ. ފަހަތުން ނުފިލާނެތީ. ދާނިޝްގެ ވިޔާނުދާކަމުން މުޅި އާއިލާ މިއޮތީ ފުން ވަޅުގަނޑަކަށް ވެއްޓިފައި.."
ދާނިޝް އެއް އަތުން ބޮލާއި މޫނުގެ ވާތްފަޅީގައި ހިފަހައްޓާލައިގެން ހުރީ ދާނިޔާލް ގެ އެތިފަހަރުގެ ސަބަބުން ލިބުނު ވޭނުގެ ސަބަބުން ކަމެއް ނުވަތަ ހިތްދަތިވެގެން ކަމެއްނޭގެއެވެ. ދާނިޝްގެ ލޮލުގައިވާ ކަރުނަތަކާއި އެ ހިތާމަވެރި މޫނު ފެނުމުން ދާނިޔާލް ގެ ހިތަށް ވެސް ކުއްލި އަސަރުތަކެއް ކުރިއެވެ. ކިތަންމެ ކެތްތެރިވެލައިގެން ހުއްޓަސް އޭނަގެ ލޯ ވެސް ތެމުނެވެ. އުމުރުގައި ފުރަތަމަ ފަހަރަށް ދާނިޝްގެ ގައިގާ ރަހުމް ކުޑަގޮތަކަށް އެތިފަހަރެއް ޖެހުނީއެވެ. ދާނިޔާލްގެ ރުޅި މުޅިން ފިނިވެގެން ދިޔައެވެ. ދާނިޝް ގެ ފަރާތުން މައާފަށް އެދެން ބޭނުންވިއެވެ. ލޯބިވާ ކޮއްކޮއާއިމެދު ރަހުމް އުފެދުނެވެ. އަލީޒާ ދެކެ ފޫހިވިއެވެ. އަލީޒާ އަމިއްލައަށް ދާނިޝް ދެކެ މޮޔަވެގެން ފަހަތު އަޅުވައިގެން އުޅެއުޅެފައި ލަނޑެއްލިބުނީމަ ފޯރި ދެއްކުމުގެ މާނައަކީ ކޮބާހެއްޔެވެ؟ އަލީޒާ އަކީ ވެސް ކުށްވެރިއެކެވެ.
"ދާނިޝް ތިހިރީ ސަސްޕެންޑް ކޮށްފައި. ބައްޕަ ވަކި ގޮތެއް ނިންމަވަންދެން ޖޮބަށް ގޮސްގެންނުވާނެ......" ދާނިޔާލް ބައްޕަގެ ގެ އެންމެ ފަހު މެސެޖް އިއްވާލަދިނެވެ. އެވަގުތު ދާނިޔާލްގެ ނަޒަރު ހުއްޓުނީ ވައިރޯޅިއާއިއެކު ބިންމަތީގައި ދެކޮޅަށް ކިރިލަކިރިލާ އޮތް ސިޓީ އަށެވެ. އެ ސިޓީ ދާނިޝް އަށް ދެއްކުމުގެ ބޭނުމެއް އޭނައަކަށް ނުފެނުނެވެ. އޭނަ ގުދުވެ އެ ސިޓީ ނެގިއެވެ. ދައްކަން ވީ އިތުރު ވާހަކައެއްވެސް އޭނައަކަށް ނޭގުނެވެ. އެއްފަރާތުން ވާހަކަ ދައްކައިގެން ހައްލެއްނުހޯދޭނެތީއެވެ. ދާނިޝް މިހިރީ ވިރުވާލަން އުދަގޫ ގަނޑުފެންގަޑެއް ފަދައިންނެވެއެވެ. ހިލައިގެ ބުދެއްފަދައެވެ. އޭނަ އަށް މިއައި ބަދަލު ދާނިޔާލް ވެސް ހައިރާންކުރުވައިފިއެވެ. މި ހިމޭންކަމަކީ ދާނިޝް ގެ އާ ސިފައެކެވެ. ކަރުނައަކީވެސް އޭނައަށް ބީރައްޓެހި އެއްޗެކެވެ.
ދާނިޔާލް ދިޔުމުން ދާނިޝްއަށް އޭނަގެ މޫނުގައި ފިރުމާލެވުނެވެ. ފުދޭވަރަކަށް ބާރު އެތިފަހަރެކެވެ. ދުޅަވެ ރަތް އަރާފައެވެ. ތަދުވެސް އެބަވެއެވެ. މިވަގުތު އޭނަ ބޭނުމީ އައިސްޕެކެކެވެ. ހިތާމައާއި ހިތްދަތިކަން ވަށާލައިފަވީނަމަވެސް އޭނަ ލެޕްޓޮޕް ހިފައިގެން ގެއަށް ވަނެވެ. އެކަމަކު ލެޕްޓޮޕް މޭޒުމަތީގައި ބެހެއްޓިގޮތަށް އިތުރުކަމެއް ކުރާނެ ހިތްވަރެއް ނުލިބުނެވެ. ކަންނެތް ގޮތަކަށް ސޯފާ މައްޗަށް ބަންޑުން ވެއްޓިގަނެވުނީއެވެ. އެއާއިއެކު ލޮލުގައި ގިނަވެގަތް ތާޒާ ކަރުނަތައް އެ ބޯ އެސްފިޔަތައް ފޫދުއްވާލާފައި އޮހިގަތެވެ.

ހަޔާތުގައި މިފަދަ ދުވަހެއް އަތުވެދާނެކަމަކަށް ދާނިޝް ހިޔެއްނުކުރެއެވެ. އޭނައަކީ ކުޑައިރުއްސުރެ އުފަލާއި އަރާމުގައި އުޅެ ބޮޑުވި ޒުވާނެކެވެ. އަމިއްލަ ނަފުސަށް ފުރިހަމަ އިތުބާރުއޮވެއެވެ. އަމިއްލަ ބާރާއި ޖެހިލުންކުޑަކަމުން ބޭނުން ހުރިހާ ކަމެއް ހޯދައެވެ. އޭނަ ދެކޭގޮތުގައި ދުނިޔެ އޮންނަނީ އޭނަގެ މުށުތެރޭގައެވެ. އެހާވެސް ގަދަކޮށްލާފައި އުޅެމުން އަންނަނިކޮށް މިވީ ކިހިނެއްހެއްޔެވެ؟ އަޖާއިބުވަނީ އޭނަ ފަދަ ބާރުގަދަ ޒުވާނަކު މިފަދަ ފިޑިގޮތަކަށް ކަރުނަ އޮއްސަން ޖެހުނީތީއެވެ. އެއީ އަދި ބިއްލޫރިބުދެއްފަދަ ނާޒުކް އަންހެންކުއްޖެއްގެ ސަބަބުންނެވެ. ހަގީގަތުގައިވެސް އޭނަ އަށް ވުރެ އަލީޒާ ގަދަވީހެއްޔެވެ؟ ކުރި ލިބުނީހެއްޔެވެ؟ މިވީގޮތެއް އޭނަ ގެ ވިސްނުމަކަށް ނައެވެ.
އޭނަ އާއި ދޭތެރޭ މިހާ ނުބައިކޮށް ކަންތައް ކުރީ ހަމައެކަނި އަލީޒާ އެއްނޫނެވެ. ކުޑައިރުއްސުރެ ބެސްޓްފްރެންޑެއްގެ ގޮތުގައި ދެކެމުން އައި އޭނަ ގެ ލޯބިވާ ބޭބެ ވެސް އޭނަ އަށް އިތުބާރެއް ނުކުރިއެވެ. ހަމްދަރުދީ އެއް ނުވިއެވެ. ނުވިތާކަށް އޭނަ ގެ އެއްވެސް ކުށެއްނެތި މޫނަށް އެތިފަހަރެއް ވީއްލާލީއެވެ. އެ ވަގުތު އޭނަ މަރުނުވީ ކީއްވެހެއްޔެވެ؟ މަރުވިނަމަ ދާނިޔާލް އަށް ފިލާވަޅެއް ލިބުނީހެވެ. އޭނަ ހިމޭނުން ހުރީ ބޭބެ އަށް ވީތީއެވެ. އެހެންމީހަކަށް ވިނަމަ އޭނަ އަތުން މަރުވާނެއެވެ. އެންމެ ދެރަވަނީ ބައްޕަވެސް ހަގީގަތް ނުހޯއްދަވާ އަންހެން ކުއްޖަކަށް އިތުބާރުކޮށްގެން އަމިއްލަ ދަރިފުޅު ބާކީކޮށްލެއްވީތީއެވެ. އެކަކަށް ވެސް އޭނަ ދަސްވެފައި ނެތީ ހެއްޔެވެ؟ އޭނަ ރުޅިގަދަވާވަގުތު ކޮންމެފަދަ ކަމެއް ވެސް ކުރެވިދާނެއެވެ. އެކަމަކު އަންހެން ކުއްޖެއްގެ ގަޔަށް އަތް ނުލާނެކަން ދާނިޔާލް އަށް ވެސް ނޭގުނީހެއްޔެވެ؟ މާތްﷲ ހުރިހާކަމެއް ދެނެވޮޑިގެންވެއެވެ. އެފަދަ ދޮގުވެރިންނަށް ކޮންމެވެސްދުވަހަކުން ސަޒާ ލިބޭނެއެވެ.

ކޮޓެޖް" އަށް އައުމަށްފަހު އުފާވެރި އާ ހަޔާތެއް ފަށަން އޭނަ އުއްމީދުކުރިއެވެ. އެކަނި މިފަދަ ގެއެއްގައި އުޅުމަކީ އޭނަގެ ހުވަފެން ހަގީގަތަކަށް ވުން ފަދަ ކަމެކެވެ. މިގެއަށް އައުމަށްފަހު އޭނަ ވަނީ ގެއަށް ބޭނުންވާހުރިހާ ފަރުނީޗަރު ތަކާއި ހުރިހާ ސާމާނެއް ހަމަކޮށް އުޅެން ފަސޭހަ ތަނަކަށް ހަދާފައެވެ. މަދީ ހަމައެކަނި އޭނަ އާއި އެކީ އުޅޭނެ ބައިވެރިއެކެވެ. ލޯބިވެރިޔެކެވެ. އަލީޒާ ވަރަށް އަވަހަށް އޭނަ ގެ ގާތަށް އަންނާނެކަމަށް އޭނަ ހީކުރިއެވެ. އެކަމަކު ބަސް ބުނާހާ ކުޑަހިދުކޮޅެއްގެތެރޭގައި އެ ހުވަފެންތައް ވިއްސިވިހާލިވެގެން ހިގައްޖެއެވެ.
މަޑުމަޑުން އަދިރިކަން ވެރިވަމުން އައިސް ބޮޑުކޮޓަރި މުޅިން އަދިރިކޮށްލައިފިއެވެ. އޭސީ ނުޖައްސާ ހުރުމުގެ ސަބަބުން ހޫނުވާނެ ފެށިނަމަވެސް ރިމޯޓް ނަގަން ތެދުވާނެ ހިތްވަރެއްވެސް އޭނައަކަށް ނުލިބުނެވެ. އެހާބޮޑަށް ބަނޑުހައިކަމުގެ އިހުސާސް ތައް އޭނަ އަށް އުދަގޫކުރެއެވެ. އިރުއޮއްސުނު ފަދައިން އޭނަ ގެ ހަޔާތަށް ވެސް އިރުއޮއްސުނީބާވައެވެ. އަދިރިކަމާއި އެކަނިވެރިކަން ފިޔަވާ އޭނަ ގެ އެކައްޗެއްވެސް ނެތެވެ.
އައިސްގޭޓް " ގެ ބޮޑު ކޮޓަރީގައި ވަނީ މަޑު ފެހިކުލައިގެ އައްޔެކެވެ. ރާހިލް އާއި ޖީނާ ތިބީ ރާޒުވާ ކުޅޭށެވެ. އަސަރުގަދަ ރީތި ލަވަ ޖަހާލައިގެން ތިއްބަސް ދެކުދިން ގެ ދޭތެރޭގައި އެފަދަ އެއްވެސް ގުޅުމެއްނެތެވެ. އެއްބަޑު އެއްބަފާ ދެބެއިން ފަދައެވެ. ދާނިޔަލް މެން ނެތުމުން ރާޒުވާގެ ފޯރިވަނީ ކޮންމެވެސް ވަރަކަށް ގެއްލިފައެވެ. ދާނިޔާލް އާއި ޝާހާން ކޮންމެވެސް ކަމަކާއި ހިތްހަމަ ނުޖެހި މޫޑު ގޯސްވެފައިވާކަން ރާހިލް އަށް އެގެއެވެ. މިގޭ ތެރޭގައި އޭނަ އަށް ނޭގި ކޮންމެވެސް ކަންތައްގަނޑެއް އެބަހިގައެވެ. އެނގެން ބޭނުންވިޔަސް އޭނަ އަށް އަދި ހަގީގަތެއް ނޭގެއެވެ. އެންމެންގެވެސް ސިއްރުތަކެއްވާކަމާއިމެދު ޝައްކެއް ނެތެވެ. ރާހިލް އެއްގޮތަކަށް ވެސް ކުޅޭހިތެއްނުވެއެވެ. އެކަމަކު ޖީނާ އާއި ބައިވެރިވެލަން އިނީއެވެ. ވަރަށް ކުއްލިގޮތަކަށް މަރުވެގެން ގޮސްފައިވާ ލޯބިވާ ކޮއްކޮ އައިޒާ ގެ ހަދާން ތައް އެންމެ އާވަނީ ޖީނާ ފެނުމުން ކަމަށް ވާތީއެވެ. ސިފަ މާބޮޑަށް ވައްތަރު ނުވިޔަސް މިޒާޖާއި އުޅުން ވައްތަރުކަމުންނެވެ. ޑޮކްޓަރ ފަރުޒާނާ ގެއަށް ވަންއިރު ރާހިލް އާއި ދެކުދިން ހޭ މަންޒަރު ފެނުމުން ބޮލަށް އެބުރުން އަރައިގެން ދިޔައެވެ. މޫނު ހުދުވިއެވެ. 

"ޖީނާ. ނިދާގަޑީގައި މިއީކޮންކަމެއް؟ ދަންވެއްޖެ... ނިދަން ދޭ...." ފަރުޒާނާ ގެ އަޑުގައި ހަރުކަށިކަމެއް ހުއްޓެވެ.

ޖީނާ ގެ މޫނުގެ ކުލަ އޮއްސުނެވެ. އޭނަގެ މޫނަށް ލަދުވެތިކަމުގެ ރަތްކުލަ ވެރިވިއެވެ. " މަންމާ...އެކަމަކު..."
"ޖީން...މަންމަބުނާ ގޮތަށް ހަދާ. އެބުނާހެން ދަން ވެއްޖެ...އަހަރެން ވެސް މިދަނީ ގެއަށް.." ރާހިލް ކޮޅަށް ތެދުވެއްޖެއެވެ. މިއީ އޭނަ ގެ ބޮޑުބޭބެ ގެ ގެއެވެ. ދެބެން ގެ ދެދަރި ބޭބެ އިންނާއި ކޮއްކޮއެވެ. އެކަމަކު މިގެއިން އޭނަ އަށް މަރުހަބާ ނުކިޔާ ކަމުގައި މިވަގުތު ކޮޅު އިހުސާސް ކުރެވުނެވެ. ހާއްސަކޮށް ފަރުޒާނާ ގެ އެ ބީރައްޓެހި ނަޒަރު އޭނަ މުޅިން ސިއްސުވާލައިފިއެވެ

ގުޑްނައިޓް ޖީން....އާންޓީ ދިޔައީއޭ....." ރާހިލް ގަޑި ބަލާލިއިރު އަދި ކިރިޔާ ނުވައެއް ޖެހީއެވެ. ބޮޑުދައިތަ ދަންވެއްޖެޔޭ ބުނީ ރަގަޅަށް ގަޑިބަލަނުލައިތާއެވެ. އޭނަގެ މަންމަ ބުނާގޮތުން ވިއްޔާ މިއީ ވަރަށް ހަމަޖެހޭ އުފާވެރި އާއިލާއެކެވެ. މައްސަލަތައް އުޅޭކަން އެގެނީ ޒިޔާރަތް ކުރާ މީހުންނަކަށް ނޫނެވެ. އެކީގައި އުޅެވުނީމައެވެ.

ފަރުޒާނާ ނުރުހިފައި ހުރިވަރުން ރާހިލް އަށް ޖަވާބެއް ނުދީ އަނެއްފަރާތަށް މޫނު އަބުރާލައިފިއެވެ. ރާހިލް އަވަސް ފިޔަވަޅުތަކެއްގައި ގެއިން ނުކުމެގެން ދިޔައީއެވެ

"ޖީނާ އަށް ނުވިސްނެނީތަ؟ ނިދާ ބޮކި ދިއްލައިގެން ލޯބީގެ ލަވަތައް ޖަހައިގެން ހިލޭ ފިރިހެނެއްގެ ކުރިމަތީގައި އެކަނި.. އެއީ ދާނިޔަލް އެއް ނޫން..ޝާހާން އެއް ވެސް ނޫން..." ފަރުޒާނާ ހަދާން ވާން ފެށީ މާޒީއެވެ. ހެދުނު ގޯހެވެ. އޭނަ ކުރި ހިތާމަތަކެވެ.
"މަންމާ....އެއީ ވެސް ބޭބެ އެއްނު..." ޖީނާ ހިތްހަމަނުޖެހޭ ގޮތްވިއެވެ.
"ދެބެން ގެ ދެދަރި މީހުން ބޭބެއިންނަކަށް ނުވާނެ....ރާހިލް އާއި އެކީ އުޅޭކަށް އަހަރެން ހުއްދަ އެއް ނުދޭނަން..ދާނިޔާލް މެނަށް ވެސް ޖީނާ ނުބެލެހެއްޓެންޏާ އެކުވެރިން މިގެއަށް ނުވައްދަން އަހަރެން މައުމޫން ލައްވާ އަންގާނަން....." 
ޖީނާ ރާޒުވާ ބަޔާއި އެކަނިމާ އެކަނި އިނދެ ކުޅެމުން ދިޔައިރު އޭނަ އިނީ ވަރަށް ފޫހިވެފައެވެ. މަންމަ އޭނަ ގެ ދިރިއުޅުމުގެ ހުރިހާކަމެއް ކޮންޓްރޯލް ކުރަން ފެށިހެއްޔެވެ؟ ފުރަތަމަ ދާނިޝް އާއި ދުރުކުރުވީއެވެ. ރާހިލް އަކީ ލާނެތް ސަކަ މިޒާޖުގެ ޒުވާނެކެވެ. އޭނަ އާއި އެކީ ހޭދަކުރެވޭ ވަގުތުތަކުގައި ކޮންމެވެސް ވަރަކަށް ދާނިޝް ގެ މަތިން ހަދާން ނައްތާލެވެއެވެ. އޭނަ ގެ ވޭނީ ހިތާމަތަކަށް ލިބޭ ފަރުވާ އެކެވެ. ރާހިލް އާއި މެދު ޖީނާ ދެކެނީ ދާނިޔާލް ފަދައިން ބޭބެ އެއްގެ ގޮތުގައެވެ. އިޝްގީ ނަޒަރަކުން ނޫނެވެ. ވީމާ މަންމަ މިކަން މަނާ ކުރަން ވީ ކީއްވެހެއްޔެވެ؟ މަންމަގެ ނުފޫޒު ގަދަކަމުން އޭނަ ގެ ހުރިހާ އުފާ ތައް ވިއްސިވިހާލިވެގެން ހިގައިދާނެކަމުއި ހީކުރެވޭ ހިސާބަށް ކަންތައް ހިގައްޖެއެވެ.
. "ޝާހާން މެން ގޭގައި ނޫޅެނީތަ؟ " ފަރުޒާނާ އަހާލިއެވެ

"ނޭގޭ..." ޖީނާ ކޮޑު އަރުވާލިއެވެ 
"ތި ދެމީހުން އެކަނި ކޮށްލާފައި އެމީހުން ބުރުތަޅަން ދިޔައީ ދޯ...ވަރުގަދަ ކަމެއް...ރިހާނާ ގާތު ބުނެފައި އަހަރެން ދިޔައީ ޖީނާ އެކަނި ނުކުރާށޭ ...އޭނަ ވެސް މާވަރަކަށް މީހަކަށް އިތުބާރުކޮށްފައި ހަމަ އެ ދިޔައީ...މޮޔައިން ތައް...ބޯ ހަލާކު....ނޭގޭ ހަދަންވީގޮތެއް " މި އޭސީ ކޮށްފައިވާ ފިނި ކޮޓަރީގައި ވެސް އޭނަ ދާހިއްލަން ފެށިއެވެ. މިދުވަސްކޮޅު ދިމާވަމުންދާ ކަންތައްތަކުން އޭނަ ބޯފަޅައިގެން ގޮސްދާނެހެން ހީވެއެވެ. ބޮލުގައި ދާއިމީ ރިހުމެއް ހުރެއެވެ. ލޭގެ ޕްރެޝަރ މައްޗަށް ޖެހިލައިފިއެވެ.
"ކައިފިންތަ؟ " ފަރުޒާނާ ޖީނާ އާއި ތަފާތު ސުވާލުތައް ކުރަމުން ދިޔަސް ހިޔާލުވަނީ އެހެން ދިމާލެއްގައެވެ. ހައްލެއްހޯދުމުގައެވެ. ޖީނާ ގެ މައްސަލައިގާ އެންމެ ރަގަޅުވާނީ މައުމޫން ގާތުގައި ބުނެގެން ޖީނާ އަށް ހަޔާތުގެ ބައިވެރިޔެއް ހޯދާދިނުމެވެ. އަޚުލާގު ރަގަޅު ތައުލީމީ މަތީ ހާންދާނެއްގެ ދީންވެރި ރީތި ޒުވާނަކު ހޯދަދިނުމުން ޖީނާ އަށް ވެސް އުފާވެރި ހަޔާތެއް ލިބިދާނެކަމަށް ފަރުޒާނާ އަށް ފެނުނެވެ. ތަފާތު ޒުވާނުން ފަރުޒާނާ އަށް ވެސް ފާހަގަ ކުރެވިފައިވެއެވެ. އަމްރާން...ސަބީން..ފައިޒާން ފަދަ ކުދިން ގެ ވެސް ކޮންމެވެސް އެއް ސިފަ މަދުވެއެވެ. އެންމެ ރަގަޅީ ފައިޒާން އެވެ. އެއީ އޭނަ ގެ އެކުވެރިއެއްކަމަށްވާ ސާނިޔާ ގެ ދަރިފުޅުވެސް މެއެވެ.
މިރޭ މައުމޫން ގެއަށް ދުރުވިހާ އަވަހަކަށް ޖީނާ ގެ ކާވެނި އަވަސް ކުރަން އޭނަ އަށް ބާރު އަޅާނީއެވެ. އޭރުން އޭނަ އާއި ހަވާލުވެފައިވާ އަމާނާތުން ނިކުމެވި ހަމަޖެހުމުގެ ނޭވައެއްލެވިދާނެއެވެ.
ދާނިޝް އަށް ހޭލެވުނީ ވަރަށް ބޮޑަށް ހޫނުވެ އުދާސްވުމުގެ ސަބަބުންނެވެ އެހާ ބޮޑަށް ބަޑުހައިވެއެވެ. ހަދުވަރުގެ ރިހި އަލިދޮރުމައްޗަށް އެޅިފައިއޮތެވެ. އޭނަ ނިދީ ދޮރުވެސް ލައްޕާނުލައެވެ. ކުޑަކޮށް ވެސް ވައި ކޮޅެއްޖެހިލާނެނަމަ ފިނިވީހެވެ. ހޫނު ގަދަ ރެއަކީތާއެވެ. އޭނަ ކުޑަކޮށް ބޯ ހިއްލާލާފައި ގަޑިއަށް ބަލާލިއިރު ދަންވަރު ދޭއް ޖެހީ އެވެ. ވަރަކަށް ނިދާލެވިއްޖެއެވެ.
ދާނިޝް ކަންނެތްގޮތަކަށް ތެދުވެގެން ގޮސް ދޮރުލައްޕާލާފައި އޭސީ ރިމޯޓް ނަގާ އެންމެ ފިނިކޮށްލައިފިއެވެ. ނިދާބޮކިވެސް ދިއްލާލިއެވެ. 
އަލީޒާ ގެ ސަބަބުން މުޅި ރޭގަނޑު ބޭކާރު ވެގެން ހިގައްޖެއެވެ. މިރެއަށް ރޭވި ހުރިހާ ޕްރޮގްރާމް ތަކެއް ކެންސަލްވެ ބޭކާރު ގޮތުގައި ކަރުނަ އޮއްސުނީތީ އޭނަ އަމިއްލަ ނަފުސަށް މަލާމާތްކުރިއެވެ. ދާނިޝް ޓީޝާޓް ބާލާފައި އަތުކޮޅަށް ހޫރާލުމަށްފަހު ބާރުބާރަށް ހިގާލާފައި ނިދާ ކޮޓަރި އަށް ވަނީ ފެންވަރާ ތާޒާވެލުމަށެވެ. ފެންމާގަޑު ދޮށުގައި އެތައް އިރެއްވަންދެން ހުރެ ގަޔަށް ފެން އޮއްސުމުން ސިކުޑިއަށް ފިނިކަން ލިބި ތާޒާ ވެއްޖެއެވެ. ފާޚާނާގައި ހިފާލާފައި ލުއި ވަހުން އިތުރު ހިތްހަމަޖެހުމެއް ލިބުނެވެ. ހަމަ އެކަނި ސޯޓް ލައިގެން ހުސްފަޔާއި ނުކުމެލައިގެން އައިއިރު އިސްތަށިގަނޑު އޮތީ ކުޑަކޮށް ތެތްކޮށެވެ. ގަބައިގެންދާހާ ބޯ ޕާޕްލް ދޫލަމަތީގައި ހުސްފަޔާ ހިގަމުން ދިޔައިރު އެކުރެވޭ އިހުސާސް ތަކާއި ތާޒާ ވެލުމުން ލިބުނު ހިތްހަމަޖެހުމުގައި ހުރިހާ ހިތާމަތައް ހަދާން ނެތިއްޖެއެވެ. 

ދާނިޝް ކާކޮޓަރި އަށް ވަދެ ތައްޔާރުކޮށްލީ ސެންޑްވިޗަކާއި ޗިޕްސް އަދި މޭބިސްކަދުރު ޖޫސްތަށްޓެކެވެ. ތަބަކަށް ލައިގެން ގެނެސް ބޮޑުކޮޓަރީގެ މޭޒުމަތީގައި ބަހައްޓައިގެން ކާން ފަށަމުން ބިރުވެރި ފިލްމެއް ވެސް އެޅުވިއެވެ. ކުއްލިއަކަށް ކޮންމެވެސް މީހަކު ދޮރުހުޅުވާލުމުން އެހެން މީހަކު ނަމަ ބިރުން ފިތްކަނޑައިގެން ދިޔައީހެވެ. ދޮރުމަތީގައި ހުރީ އިސްކޮޅުން ދިގު ބިޔަ ޒުވާނެކެވެ. ފަނޑު ހަދުވަރުގެ ތެރެއިން އޭނަ ހިގާލާފައި އައިގޮތުން ބިންމަތީގައި ފައި ނުޖެހޭކަހަލައެވެ. ވެމްޕަޔަރ ހިނގުމެކެވެ.
"ދަންވަރު ހޭލާ އުޅޭ ރެއެއްތަ؟ " ބަރު ފިރިހެންވަންތައަޑެކެވެ.

"އާން....މިހާ ދުވަސްކޮށްލާފައި އައީޔޯ...." ދާނިޝް ރިމޯޓުން ޓީވީ ގެ އަޑު ދަށްކޮށްލަމުން ލޯ ހަނިކޮށްލިއެވެ. އޭނަ އިނީ ހިތްހަމަނުޖެހިފައެވެ.
"އަނހަ....އެންމެ ގާތް އެކުވެރިން ދެކެވެސް ރުޅި އައީތަ؟ މައްސަލަ ބޮޑުވާން ހެދީމަ މިއާދެވުނީ...ދާނިޔަލް މަގޭ ގާތު ހުރިހާ ވާހަކައެއްވެސް ކިޔާދިން....ހަމަ ހައިރާން ވި ދާނިޝް ރުއިވާހަކަ ބުނީމަ...ތިއީ ކުޑަ ކުއްޖެއްތަ؟ އަންހެނެއްތަ؟ ހާދަ ހެއްވައޭ....ތިމާއަށް ވުރެ މޮޅު ބާރުގަދަ ބިރުކުޑަމީހެއް ދުނިޔޭގައި ނޫޅޭކަމަށް ހީކުރަމެއްނު...އެކަމަކު ކަމަކާ ޖެހުނުއިރު ހާދަ ފިނޑިއޭ...." އެ ޒުވާނާ ބޭނުންވީ ދާނިޝް ރުޅިއަރުވާލުމަށެވެ. އޭނައަކީ ދާނިޝް އަށް ވުރެ " ނޯޓީ" އަދި " ވިކެޑް" ޒުވާނެއްކަން އޭނަ ހުއްޓިލައިގެން ހުރިގޮތުންނާއި މޫނުމަތިން ހެކިދެއެވެ. 

"ދާނިޔާލް ހަމަ އެހެން ބުނިތަ؟ ރުއީއޭ.. އޭނަ ނުބުނޭތަ މަގޭ މޫނުމަތީގައި އެތިފަހަރެއްޖެހީމަ އަހަރެން މަޑުން ހުރި ވާހަކަ.. ފައިޓަކަށް ދިޔަނަމަ މަރުވާނީ ދެމީހުން އެކީގަ...އެހެންވެ ހިމޭނުން ހުރީ...ބޭނުންހާގޮތެއް ނެހެދޭނެ އިގޭ..." ހަގީގަތަކީ އެއީ އެއްނޫނެވެ. އެނަ ހިމޭނުން ހުރީ ދާނިޔާލް އަށް އިހުތިރާމް ކުރާލެއް ބޮޑުކަމުންނެވެ.

" "ދާނިޔާލް އެކަނިތަ؟ އަންހެންކުދިން ވެސް ތި ބޮޑާ ކުއްޖާ އަށް ހިތުހުރިގޮތެއްހަދާލަނީނު....ރެސްކިއު އަށް މިއައީ...ކޮންކަމެއް މަގޭ ލިޓްލް ބްރޯ އަށް ކޮށްދޭންވީ..." އެ ޒުވާނާ ހޭން ފެށިއެވެ

"ގެޓް ލޮސްޓް...ވިލް ޔޫ؟ " ދާނިޝް އައި ރުޅީގައި ރިމޯޓް އަތުކޮޅަށް ހޫރާލާފައި ތެދުވެގެން އައިގޮތަށް ނެގީ ލެޕްޓޮޕެވެ. އެވެސް އަތަށް ބާރުލާފައި އެ ޒުވާނާ އާއި ދިމާލަށް ހޫރާލަމުން އޭނަ ހަޅޭއްލަވައިގަތެވެ.." އަހަރެން އަދި މީހެއްގެ އެހީ ބޭނުމެއް ނުވޭ..އަޑު އިވިއްޖެތަ؟ ހީކުރީތަ އަހަރެން މަޑުން ހުރީމަ އަދި ބަލިވީމަކަށް....ބަލަން ހުންނާތީ....އަލިފާނާއި ކުޅެފައި އަދި އެހެން ސަލާމަތެއް ނުވެވޭނެ.... އަހަރެން ގެ މި ދެއަތުން އެކަން ކުރިމީހަކު މަރާލާނަން... ހިތުން ފިލައިގެން ނުދާނެފަދަ ސަޒާ އެއްދޭނަން... ފުރާނަ ވެސް ރޮއިގަންނަވަރުގެ އަދަބެއް ދޭނަން...." ދާނިޝް ގުދުވެ ދޫލަމަތީގައި އޮތް ޓީޝާޓް ބޮލުން ވައްޓާލަމުން ނުކުމެގެންދާން ހިގައިގަތެވެ. ރުޅިގަދަވެގެން ލޯއަޅާލައިގެން ހުރިގޮތުން އެ ޒުވާނާ ބޭނުންވިކަންތައް ކާމިޔާބުކުރެވުނުކަން ޔަގީނެވެ.

"ތިދަނީ އަލީޒާ ގެ ގެއަށް؟ އަދި މަޑުކޮށްބަލަ...ތަންކޮޅެއް ރުޅިފިނިވަންދެން މަޑުކުރޭ..." އެ ޒުވާނާ ދާނިޝް ގެ އަތުގެ މުލައްދަޑީގައި ހިފެހެއްޓިއެވެ. އޭނަ ހުރީ ނުލަފާ ގޮތަކަށް ހިނިއައިސްފައެވެ.


މުޅިން ކަޅުކުލައިގެ ކޯޓެއްގައި ނިވާވެލައިގެން ހުރިއިރު ކިހާ ބާރުގަދަ ކަމަށް ދައްކާހެއްޔެވެ؟ ދާނިޝް ގެ ހިތް އެދުނީ އެ މޫނުގައި ވާހާ ބޮޑާކަމާއި ނުލަފާ ހިނިތުންވުން އެއްފަހަރާ ފިލުވާލުމަށެވެ. ނަމަވެސް ރުޅި ގަދަވެގެން ގޮސް މޮޔަވާވަރުވެފައި ހުއްޓަސް އޭނާއަށް އެ ޒުވާނާ އަށް ގޯނާ އެއްކޮށްލާކަށް ނުކެރުނެވެ. ނޫނީ އޭނާގެ އާރާއި ބާރު ރަގަޅަށް އެގޭތީ ކުރިމަތިލާން ބެނުން ނުވީއެވެ. ދާނިޝް ތުންފަތުގައި ދަތްއަޅާލައިގެން ހުރިލެއް ބާރުކަމުން ތުންފަތުން ލޭ އޮހިގެންފާނެކަހަލައެވެ. ދެރައީ އޭނަ އާއި އަބަދުވެސް ޗެލެންޖް މިކުރަނީ އާއިލާ މީހުނަށް ވާކަމެވެ. އެންމެ ގާތް އެކުވެރިންނަށް ވާކަމެވެ. އެބަޔަކަށް އޭނަ އިހުތިރާމް ކުރާ މީހުނަށް ވީކަމެވެ. 

"ފުރަތަމަ ހިތްވަރުގަދަ ފިރިހެނަކަށް ވެބަލަ..ބޮޑުވެބަލަ...މިރޭ އެގެއަށް ގޮސް އެ ކުއްޖާ އަށް ލަނޑެއް ދީފިއްޔާ މުޅި އުމުރު ތިޔަ ދެލޮލޮން ކަރުނަ ހުހެއްނުވާނެ..އަބަދުވެސް އަމިއްލަ ނަފުސަށް ބްލޭމް ކުރެވޭ ގޮތްވާނީ..އިންސާނުންގެ ވިސްނުންތޫނުކަމަށް ދައުވާކޮށް ބޮޑާވާއިރު މިފަދަ މަންޒަރުތައް ފެނިގެން ނުވާނެއްނު ޑޭން... ހަގީގަތް ބަލާނުލައި މީހުނަށް ސަޒާ ނުދީބަލަ އިގޭ މޮޔަކުއްޖާ..." އެ ޒުވާނާ ދާނިޝް ނުވިސްނާ ހުއްޓާ ބޮޑުކޮޓަރިއަށް އޭނަވައްދާފައި ދޮރު ލެއްޕިއެވެ. ދާނިޝް ފައިން ވީއްލާލި އެތިފަހަރަކުން ދޮރު ހުޅުވާލާފައި ދޮރުކަނީގައި އަތް ވިއްދާލަމުން ލޯ އަޅައިގަތެވެ.

އެ ޒުވާނާ ދަމުން ދަމުން އެބުރިބަލާލީ ލާނެއް ހިނިތުންވުމަކާއިއެކުގައެވެ. ބޮޑާ ކަމުގެ ހައްދެއް ނެތެވެ. ހަނދުވަރުގެ ރިހި އައްޔާއި އެކު ފަޒާއަށް ހީވަނީ ދުންފިނިފައިބާފައި އޮތްހެނެވެ. އޭނާ އެ ދުންފިނިގަޑުގެ ތެރެއަށް ކުލަ ފަނޑުވަމުން ގޮސް ގެއްލިގެން ހިނގައިދާނެފަދަ ގޮތަކަށެވެ. 

ދާނިޝް ބަލާކަށް ނުހުރެ ފެންޑާގައި ހުރި ކުޑަ ވަކަރު މޭޒުގައި ފައިން ޖެހީނުން ބުރުއްސާލައިފިއެވެ. ރުވާލި ދުނިދަޑިއެއްފަދައިން ފަތު އަޑުކިޔާފައި ގޮސް އެ މޭޒުން އެ ޒުވާނާގެ ބުރަކަށިގައި ޖެހުމުގެ ކުރިން އޭނާ އެބުރިލައިފިއެވެ. މޭޒުގައި ހިފެހެއްޓީ އަދާޔާޚިލާފު ކުޅަދާނަކަމާއި އެކުގައެވެ. ހަލުވިކަމާއި ހަވަނަ ހިއްސު ވަރަށް ބަރާބަރެވެ. އޭރު އެޒުވާނާ ގެ އިސްތަށިގަނޑު އޮތީ މޫނަށް ފައިބާފައެވެ. ލޯއަޅަލައިގެން ހުރިގޮތުން އިންސާނަކަށް ފެނިއްޖެއްޔާ ހިތް ވިރާފާނެހާވެއެވެ. 

"މައިތިރިވެބަލަ..ގޭގައި ހުރި އަގުބޮޑު އެއްޗެހިން ފުޓްބޯޅަ ކުޅެން ނަހަދަބަލަ ލިޓްލް ބްރޯ..." އެ ޒުވާނާ ލަސް ފިޔަވަޅުތަކެއްގައި ހިނގާލާފައި އައިސް ދާނިޝް ގެ ކޮނޑަށް އަތް ވައްޓާލައިފިއެވެ.
"އަހަންނަށް އެގޭ ތިޔަ ރުޅި ފިނިކޮށްލަން....ސަމް މެޖިކް ވޯރޑްސް ފޯރ ޔޫ..." އެ ޒުވާނާ ދާނިޝް ގެ ކަންފަތް ދޮށުގައި ކޮންމެވެސް ވާހަކަ އެއް ބުނުމުން ދާނިޝް ގެ މޫނުމަތީގައިވާ ރުޅިވެރިކަން ވަގުތުން ފިލައިގެންދިޔައެވެ. އިންތިހާދަރަޖައިގެ ހައިރާންކަމުގެ ކުލަވަރު ވެރިވިއެވެ. އޭނަ ގަނޑުވެފައި ހުރީއެވެ. ބުނާނެ އެއްޗެއް ނޭގިފައެވެ.

"ތިއީ ދޮގެއް.." މިވީހާ ތަނަށް ސަމާސާ އަކަށް ވެސް ދޮގެއް ހަދާފައިނުވާ ފަރާތަކުން މިފަދަ ވާހަކަ އެއް ހަދަހަދައިގެން ނުދައްކާނެކަން ޔަގީން ކުރެވުނަސް ދާނިޝް އަށް ބުނެވުނެވެ.

ކޮމެންޓް 0