"ވާއު .މަންމައާއި ބައްޕަ ވެސް ހާދަ ލަވިން އޭ......" މައުމޫން އާއި މާލިޔާ ގޮނޑުދޮށުގައި ކުއިލްޓެއްގެ މަތީގައި ސެންޑްވިޗާއި ކޮފީ ބޯން އިށީދެލައިގެން ތިބީ ދާދި ކައިރީގައެވެ. ވަރަށް އުފާވެރި ހިނިތުންވުމެއްގައެވެ. ސައްފޫރު އެކަނިމާ އެކަނި މޫދަށް އެރިގެން އުޅެއެވެ. ބައްޕަ އެކަނިވެފައިވާތީ އަލީޒާގެ ހިތަށް އުދަގޫ ވިއެވެ. ޒުހޭމާ އާންޓީވެސް އަންނާނެނަމައެވެ. އޭރުން އެ އާއިލާވެސް ފުރިހަމަވީއެވެ.
"ހޭ މަމް ޑޭޑް ލަވް ޔޫ......." ދާނިޝް ދިހަވަރަކަށް ފޫޓް ދުރުން ދަމުން ގޮވާލިއެވެ.
"ލަވް ޔޫ ޓޫ ސްވީޓްހާރޓސް.............." މާލިޔާވެސް އެކުދިންނަށް ފްލައިންގް ކިސްއެއް ފޮނުވާލިއެވެ. މައުމޫން އަތް އުފުލާލަމުން ހިނިތުންވެލެއްވިއެވެ.

ބައެއް ކުދިން ސަންބެޑްގައި އޮށޯވެލައިގެން އަރާމުކޮށްލަން މަޑުކޮށްލިއިރު ދާނިޝްއާއި އަލީޒާ ގޮސް އިށީދެލީ މޫދަށް ލެބިފައިވާ ރުކެއްގައި އެލުވާފައިވާ ޖޯއްޔެއްގައެވެ. ތިރިތިރިކޮށް އޮތް އެ ޖޯލީގައި އޮވެ އަތްދަމާލަމުން ދާނިޝް މޫދުގެ ލޮނުގަޑުގައި އަތްބީއްސާލިއެވެ. އަނެއްއަތުގައިވާ ކޯކްފުޅި ލަސްލަހުން ބޮމުންދިޔައެވެ. ދުރުދުރަށްދާންދެން އެމެރަލްޑް ފެހިކުލައިގެ މޫދުފެންނަނީ ދާނިޝް މެސްމެރައިޒްކުރުވާފަދަ ރީތި މަންޒަރެއްގެ ގޮތުގައެވެ. އަލީޒާ ފަދައިންނެވެ.

"ސީބެޑަށް އަރައިގެން ލެގޫންއަށްދާނީ ދޯ. ނޫނޭ. ބޭނުމީޖެޓްސްކީ ދުއްވާލަން. ލައިފްޖެކެޓް އަޅައިގެން އޮތިއްޔާ ވެއްޓުނަސް އަޑިޔަކަށްނުދާނެއްނު. އަދިވެސް މީރާންގެ މިސްޓްރީ ކިޔާދޭވަރަށް ބިރުކުޑަވީކަމަކަށް އެންޖެލް ގަބޫލެއްނުކުރާނެ. މިރޭ ނައިޓް ބޯއިސް އިން އައީމަ އަހާނަން................." އަލީޒާ ފެންގަނޑުގެ ތެރެއަށް ފައި ލައިގެން އިދެ ފެންގަނޑު ބުރުއްސަމުން ދިޔައެވެ. އޭރު އީނާ އާއި ރާހިލް ކުޑަކުދިންފަދައިން ރީތިބޮލިތައް ހޮވަހޮވާފައި އުޅެއެވެ. ޝައުނާ އާއި ރިހާނާ ތިބީ ސޭންޑްކާސްލްއެއް ހެދުމުގެ ފޯރީގައެވެ. މާލޭގެ ހަލަބޮލި މާހައުލުން މިފަދަ ހިމޭން ގުދުރަތީ މަންޒިލަކަށް އާދެވުމުން އެންމެންގެ ސިކުނޑިތައް ރިލެކްސްވެ ހުރިހާ އުފާތަކެއް ލިބިފައިވާފަދައެވެ. އެއްވެސް ފިކުރެއް ޚިޔާލެއް ނެތެވެ.

"މިރޭ މީރާންމެން އައީމަ އެލީގެ ބިރުކުޑަވަރު އެގިދާނެތާ....." ދާނިޝްގެ ރީތިދެލޯ އިރުގެ އަލީގައި ފެންނަލެއް އެތައް ގުނަ ރީއްޗެވެ. ފުންމިން އެގުމެއްނުވާ އެ ލޮލުގެ ތެރެއަށް ފީނާލާން އަލީޒާހިތްއެދުނެވެ. އެދިގުއެސްފިޔަތަކުގައި ގުނާއަދަދު ނުކުރެވޭހާ ގިނައިން ބޮސްދެވުނަސް އަނެއްކާވެސް އަލީޒާބޭނުންވީ އެ ރީތި މޫނުގައި ފިރުމާލުމަށެވެ. ވީހާވެސް ކައިރިން އެލޮލަށް ބަލާލުމަށެވެ. ނަމަވެސް މިބީޗްގައި އެހެންމީހުން އެބަތިއްބެވެ. އެވަރު ހަދާންނައްތާލާކަށް ނުކެރޭނެއެވެ.

"މިވަގުތު ހިތަށް އެރީ ޑޭންއާއިއެކީ މިބީޗްގައި އެކަނި ހުރެވޭނެނަމަ ހާދަ ރޮމެންޓިކްވާނެއޭ. " އަލީޒާ ދާނިޝްގެ އަތުން ކޯކްފުޅި އަތުލައިގެން ތުނބުގައިޖެހިއެވެ. ކުޑަކޯވަރެއް ދަމާލިއެވެ. އޭގެ ޖަވާބު ދާނިޝް ދިނީ ސަމާސާ ހިނިތުންވުމަކާއި އެކީ އެހާ ލާނެތް ޖުމްލައަކުންނެވެ. ހަމައެކަނި އަލީޒާއަށް ޚާއްސަކުރެވިފައިވާ އެ ރީތި ބަލާލުމުން އަލީޒާގެ ހިތް ބަންޑުންކޮށްލަމުންނެވެ. ބްލަޝްކުރުވަމުންނެވެ. އަލީޒާގެ މުޅިހަށިގަނޑުގައި އުފާވެރިކަމާއި ލޯބީގެ ރާޅުބާންޏެއް ދަތުރުކުރުވާފައެވެ. އެ ސިއްރު ސަމާސާވާހަކަތައް ތަންކޮޅެއްދުރުގައި ތިބި އެހެންމީހުން ނަށް އަޑެއްނީވޭނެއެވެ. އެ ކުދި ގޯނާތައް އެހެންމީހަކަށް ފާހަގައެއް ނުކުރެވޭނެއެވެ.


އިރުކޮޅަކުން އަލީޒާ ގުދުވެގެން އޮވެ އެ ދޮންފައިތިލައާއި ކުޅެމުން ވޯޓަޕްރޫފް ކެމެރާއިން ފައިތިލަ ފޮޓޯނަގަންފެށިއެވެ. އެ ދޮންފައިގައި ދާނިޝް އަޅުވާދިން ޕިންކް ގޯލްޑްފަށް އެ ފައި އިތުރަށް ރީތިކުރުވައެވެ. އެފަދަކިތަންމެ ގަހަނާތަކާއި ޖަވާހިރުތައް ޚާއްސަ ދުވަސްތަކުގައި ދާނިޝް ގެ ފަރާތުންލިބިފައިވެއެވެ.

"ވާއު...ބިއުޓިފުލް...... ." ދާނިޝް އަށް މަޖާވިއެވެ. އަލީޒާ ބައެއްފަހަރު އަދިވެސް އެފަދަ ތަފާތު ޅަކަންތައްކުރެއެވެ. އަމިއްލަ ފައިވެސް އަންހެންކުދިން ފޮޓޯ ނަގަން ބޭނުންވަނީހެއްޔެވެ؟ ދާނިޝް އަލީޒާގެ އިސްތަށިގަނޑާއި ކުޅެލިއެވެ. ވައަތުގައި މަޑުމަޑުން ސަންބްލޮކްކޮޅެއް ހާކަލަދިނެވެ. އެ އަތުގެ ބީހުމާއިއެކު ފިނިކަމާ އަރާމު އިހުސާސްތައް އެޅަހިތް އުފަލުން ފުރާލަދިނެވެ.

"ކޯޗެއްތަ؟ ......... " އަލީޒާ އެވިދުވަރުގަދަ ލޮލުން ދާނިޝްއަށް ބަލާލީ ރަކިގޮތަކަށެވެ.

"މިރަންކުލައިގެ ފައި. ބެސްޓް ލެގްސް. އެލީ ބުނާހެން މިތިބީ އެކަނިނޫންވިއްޔަ. ހަމައެކަނި ބަލާލައިގެން ހިތްހަމަޖައްސާލަންޖެހޭނީ ދޯ..." ދާނިޝް ޖޯލިން ފޭބިއެވެ. އަލީޒާވަރަށް ގަޔާވެލާފައި ހުރެ ދާނިޝްގެ ފޮޓޯތައްނަގަމުން ދިޔައެވެ.

އެކަކު އަނެކަކު ފަހާ ވެލިގަނޑުމަތީގައި ދުވެހެދުމަށްފަހު އެހެންކުދިންނާއި ބައިވެރިވެގެން އަލީޒާ އެންމެންގެ ފޮޓޯތައް ނެގިއެވެ. އޭނަގެ ބައްޕަ ސައްފޫރުއާއިއެކުވެސް ވަގުތުކޮޅެއް ހޭދަކޮށްލިއެވެ. މޫދަށް އެރެންވެގެން އަލީޒާ ތަންކޮޅެއް ކުރު ހެދުމެއްލިއެވެ. ކަކުލާއި ހަމަޔަށް އޮތް ސޯޓަކާއި އެކުއަމެރިން ޓީޝާޓެއް ވައްޓާލައިގެން ދުވެފައިގޮސް މޫދަށް ޑައިވެއް ޖެހި މަންޒަރު ބަލަންހުރިއިރު ދާނިޝްއަށް އަލީޒާ ފެނުނީ ރީތި މާރމޭޑެއްގެ ގޮތުގައެވެ. އޭނަ ހަދާންވީ އަލީޒާ އައިސްގޭޓްގެ ބެލްކަނިން ބޯ ދިއްކޮށްލައިގެން ބައެއްފަހަރު އިސްތަށިގަނޑު ވައްޓާލައިގެން ހުރެ އޭނައަށް ވޭވް ކުރާގޮތެވެ. އޭރު ސިފަކުރެވެނީ ރަޕުންޒެލްފަދައިންނެވެ. އޭނަގެ ރީތި އަންހެންކުއްޖާ މާމޭޑް އަދި ރަޕުންޒެލްއަށް ވުރެ މާފުރިހަމައެވެ. މާލޯތްބެވެ. މޫދަށް އެރުމާއިއެކު އަލީޒާ މަޑިއެކޭ ކިޔާފައި ހަޅޭއްލަވައިގަތުމުން ދާނިޝް ކަންބޮޑުވެގެން އަވަހަށް އަލީޒާއަށް އެހީވާން ދިޔުމުން އަލީޒާ މަޖާވެގެން ހީގަތެވެ. އަލީޒާމިހާރު ސިޔާސަކުއްޖަކަށްވެސް ވާން ފަށައިފިއެވެ.

ވިލަށްދިޔައީ އެންމެންއެކީގައެވެ. ސަންބެޑްތަކާއި ޖެޓްސްކީތަކުގައެވެ. ވިލުގައި ދާނިޝް ފަތަންއޮތްއިރު އަލީޒާއޮތީ ދާނިޝް ގެ ކޮނޑުގައި އަތްއަޅުވާލައިގެނެވެ. އޭނަ ނުފެތިޔަސް ދާނިޝްއާއި އެއްވަރަކަށް ދެވެއެވެ. އެ ފެހިކަން ގަދަ ވިލުގައި ފަތަމުންދިޔައިރު އަލީޒާގެ ހިތް އެ ރީތިކަމަށް ތައުރީފުކުރިއެވެ. އެހިމޭން ރީތިތަނުގައި ދެލޯބިވެރިން އުފަލުންތިބެ ވާހަކަދައްކަމުން ދިޔައިރު މާޝްމެލޯ ވިލާކޮޅުތައް އެ ނޫއުޑުގައި އެކުދިންގެ އުފާތައް ދެކެން ބުރުޖަހަމުންދާހެން ހީވެއެވެ. ދާނިޝްގެ އުފާތައް ވިއްސިވިހާލިކޮށްލީ ފަޅުންވަދެގެންއައި ލޯންޗެކެވެ. އޭގައި ތިބީ ފަރުޒާނާގެ އާއިލާމީހުންކަން އެގުމުންނެވެ. ދާނިޝްގެ މޫޑުހިދުކޮޅަކަށް ޚަރާބުވިއެވެ. ފަރުޒާނާ އެމީހުންގެ ހިޔަނިފަދައިން މުޅި އުމުރުވެސް ހަމަ ފަހަތުން ނުފިލާ ހުންނާނީހެއްޔެވެ؟ އެމީހުން މިރަށަށް ދަތުރުއައުމަށް ރޭވީ ކޮންމެވެސްގޮތަކަން ދާނިޝްމެންއައިކަން އެގިގެންބާވައެވެ.

އެއްފަހަރު ދާނިޝްއާއި ޝާހާން ޖެޓްސްކީގައި ސްޓަންޓް ޖައްސަނިކޮށް ޝާހާން ސަމާސާއަކަށް ހަދާފައި ފުންމާލިއެވެ. އަންހެންކުދިންބިރުން ހަޅޭއްލަވައިގަތީ ޝާހާންއަށް ކަމެއްވީކަމަށްހީކޮށެވެ. ލައިފްޖެކެޓްވެސް ބޭނުންނުކޮށް އިނުމާއިއެކު އަޑިޔަށްދިޔަގޮތަށް މައްޗަށް ނޭރުމުންނެވެ. އެވަގުތު އެންމެބޮޑަށް ބިރުގަނެ ރޯންފެށީ އަލީޒާއާއި ޝައުނާއެވެ.

"ފިޑިކުދިންތަކެއް. ޝޭންއަކަށް ކަމެއްނުވާނެ.....ގަސްތުގައި މިކުދިން ތަޅުވާލަންވެގެންކުރިކަމެއް......" ދާނިޝްއަށް ޔަގީންކަންއޮތެވެ. އެކަމަކު މާގިނައިރުވާންފެށުމުން ދާނިޝްމެންވެސް ކަންބޮޑުވިއެވެ. ހުރިހާދިމާލެއްވަނީ ހިމޭންކޮށެވެ. ދާނިޔާލްވެސް ހާސްވިވަރުން އަޑިޔަށް ފީނިއެވެ. ދާނިޝްވެސް ހަދާނެގޮތްހުސްވިއެވެ. ސަމާސާ ވިހަވީހެއްޔެވެ؟ ހަގީގަތުގައިވެސް ޝާހާންއަށް ކަމެއްވީހެއްޔެވެ؟ ބާރުތަކެއްލިބިފައިހުއްޓަސް އިންސާނުންނެވެ. ދާނިޝް ނޭވާހިފަހައްޓާލައިގެން އިންދާ ޖެޓްސްކީ އާއި ދާދިކައިރިން ޝާހަން ބޯ ހިއްލާލިއެވެ. ހެމުންނެވެ.

"ހާދަ ގޯހޭ. ހާދަ ގޯހޭ. ކީއްވެ އެކަހަލަ ނުލަފާ ސަމާސާކުރަނީ.......ޝައު ރުޅި....." ޝައުނާ ރޮމުން އެއައިގޮތަށް ޝާހާންގެ މޭގައި ތަޅައިގަތެވެ. ހަގީގަތުގައިވެސް ޝާހާން ރަގަޅަށް ޝައުނާ ބިރުގަންނަވާލައިފިއެވެ.
"ޝައުއަށް ރަގަޅަށް އިގޭނެއްނު އެހާފަސޭހައިން ކަމެއް ނުވާނެކަން. އެނީވޭސް ސޮރީ ސްވީޓްހާރޓް...." ޝާހާން ޝައުނާ މޭގައި ޖައްސާލަމުން މައާފަށް އެދުނެވެ. ޝައުނާހުއްޓުވާލުމަކީ ޝާހާންއަށްވެސް ފަސޭހަކަމަކަށް ނުވިއެވެ. ކިތަންމެ ހިތްވަރުގަދަކުއްޖަކަށްވެސް ލޯބިވާމީހަކަށް ބޮޑުކަމެއް ދިމާވުމުން އެ ހިތްވަރުމުޅިން ގެއްލިދާނެކަން މިއެގުނީއެވެ. ސަމާސާކުރުމުގައިވެސް ވަކި ހައްދެއް އޮންނާންވާނެއެވެ.
ފަރުޒާނާ އެއްގަމަށް އަރައިގެން އައި ތަން ފެނިފައި ސައްފޫރުއަށް ބަލައިލެވުނީ ސިއްރު ނަޒަރަކުންނެވެ. މައުމޫންއާއި މާލިޔާވެސް ފަރުޒާނާ ދެކެފައި ހަމްދަރުދީވާގޮތްވިއެވެ. ހާދަ ހިތާމަވެރި އަސަރުތަކެވެ. ލޮލުގައި އެއްވެސް ދިރުމެއް ނެތެވެ. އެހާ މަޑުމައިތިރިއެވެ. މޭކަޕްގެ އެއްވެސް ކަންފުޅެއްނެތެވެ. އެ ވަރުގަދަ ޝަހުސިއްޔަތު މުޅިން ފަޑުވެގެން ހިގައްޖެއެވެ. ހަރުކަށިކަން ދިޔަތަނެއްވެސް ނޭގެއެވެ. އެއްވެސް މީހަކާއި ހަތަރުކަޅިހަމަކޮށްލުމެއްނެތި ގަނޑުވެފައިވާ ބުދެއްފަދައިން ހިނގަމުން ދިޔައީ ވަލުތެރޭގައި ހިނގަން އޮންނަ ހަނިމަގާއި ދިމާލަށެވެ.

މައުމޫން ކައިރީގައި މަޑުކޮށްލީ ފަރުޒާނާގެ ކޮއްކޮއެވެ. އޭނަ ބުނިގޮތުންވިއްޔާ ފަރުޒާނާ މިދަތުރުގެނައީ ގަދަކަމުންނެވެ. ގޭގައި ހުރެ ހިތާމަކުރަމުންގޮސް މޮޔަވެދާނެކަމަށް ހީކުރެވިގެން މިފަދަ ހިތްފަސޭހަ ރަށަކަށް އައުމުން ކޮންމެވެސް ވަރަކަށް ސިކުނޑިއަށް ލުއިވެދާނެކަމަށް ހީކުރެވޭތީއެވެ. އެމީހުންނަށް ހީވެފައިވަނީ ފަރުޒާނާގެ ހިތާމައިގެ އަސްލަކީ މައުމޫން އާއި ވަކިވުންކަމަށެވެ. ހަގީގަތްވަނީ ފޮރުވިފައެވެ.

ސައްފޫރު އިށީދެލައިގެން އިނީ މޫދަށް ވެއްޓިފައިވާ ރުއްގަނޑެއްގެ މަތީގައެވެ. ކަންވާރެއްގައި ބުޅިއެއްހަރުކޮށްގެން މަސްބާނަން ތައްޔާރުވަމުންދިޔައިރު ކޮންމެވެސްވަރަކަށް އެމޫނުމަތިން ވޭނެއްގެ އަސަރުފެނެއެވެ. އެ އަސަރުތައްފޮރުވަން މަސައްކަތްކުރިނަމަވެސް އެއީ މާފަސޭހަކަމަކަށް ނުވެއެވެ. ފަރުޒާނާ ގެ އެ ހިތާމަތައް ވައިރަސް އެއްފަދައިން އޭނަގެ ހަށިގަނޑަށް ފޯރައިފިއެވެ. ދަރިފުޅު އަލީޒާއާއި ދާނިޝް އުޅޭލެއް ލޯބިކަމުން ލިބުނު ހުރިހާ އުފާތައްމިވަނީ ފެނަށްވެފައެވެ.

މައުމޫން، ސައްފޫރުގެ އެކަނިވެރިކަމާއި ސިކުނޑީގައި ވާ ޚިޔާލުތައް ދެނެގަތީކަންނޭގެއެވެ. އޭނަ ސައްފޫރުއާއި ކައިރީގައި އިށީދެ ފެއްޓީ ސީދާ ފަރުޒާނާ ގެ ވާހަކައެވެ. މައުމޫން މިހާރު އެންމެ ދެކެންބޭނުންވާ ދުވަހަކީ ސައްފޫރުއާއި ފަރުޒާނާ ގުޅޭނެ ދުވަހެއްކަމަށް މައުމޫން ބުނުއްވިއެވެ. އޭނަގެ މާޒީގައިވެސް ހިތާމަތައް ތަޖުރިބާކުރެވިފައިވާކަމަށާއި ބާރުގަދަ ފަރާތަކުން މާލިޔާ ޖަހައިގަތުމުން ހިމޭނުން ހުރުން ނޫންގޮތެއް ނުފެނުނީއެވެ. ފަހުން މާލިޔާގެ ފިރިމީހާވެސް ގަބޫލުކުރިގޮތުގައި މުސްލިމް އަންހެނަކާއި އެހެން ނަސްލެއް ނުވަތަ އެހެން ދީނެއްގެ ފިރިހެނަކާ ކައިވެނިކުރުމަކީ ދީނުގައި ހުއްދަކަމެއްނޫނެވެ. އެކަން ގަބޫލުކޮށް މާލިޔާ މައުމޫންއަށްޓަކައި ދޫކުރިކަމީ މައުމޫންގެ ނަސީބެވެ. މުޅި އުމުރުގައިވެސް މާލިޔާނޫން މީހަކު ދެކެ ލޯބިނުވެވޭކަމަށް އޭނަ ސައްފޫރުގާތު އެއްބަސްވެލެއްވިއެވެ.

""މިވަރުގެ ކަމެއް ހިނގީމަ ދެން މާލޭތެރޭ ވާހަކަ ދެކެވޭނެ. އަގުވެއްޓޭނެކަން އެނގޭ. އެކަމަކު މީހުން ވާހަކަނުދައްކާނެ ގޮތަކަށްވެސް ނޫޅެވޭނެ. ހުރިހާކަމަކަށް ވުރެ މުހިއްމު ސައްފޫރުގެ އުފަލުގައި ހުންނަތަން ދުށުން. މާލެއަށް ބަދުނާމުވެއްޖެއްޔާ އަހަރެމެންނަށް ރާއްޖެ ދޫކުކޮށްފައި ފުރައިގެން ދެވިދާނެ. ބައްޕަ މާލެވިޔަސް އަހަރެމެންގެ މަންމަވެސް މިރަށެއްނޫނިއްޔަ. އެކަމަކު ހީވަނީ ދުވަސްކޮޅަކަށް ވާހަކަ ދައްކާފައި މީހުންގެ އަނގަ ބަންދުވާނެހެން. ކޮއްކޮ ފަރުޒާނާއާއި ވާހަކަދައްކައިގެން ގޮތެއް ނިންމާ. އެއީ ޖީން އާއި އެލީ ގެ މަންމަ. ތަގުދީރުގައި މިކަން ބޭޒާރުވާންހުރީމަ ދާނިޝް އާއި ޖީން އަދި އެލީ އެގުޅުނީ. މިވެސް އިއްތިފާގެއް. ތަގުދީރުގެ މޮޅު ރޭއްވެވުން...." މައުމޫން ހިނިތުންވެލެއްވިއެވެ.

އިއްޒަތާއި ގަދަރު ހިފެއްޓެވުމަށް ކިތަންމެ މަސައްކަތްކުރެވިޔަސް ލޯބިވާފަރާތްތަކަށްޓަކައި އެކަންތައްވެސް މައުމޫން މިހާރު ބޭނުންވެލައްވަނީ ގުރުބާންކުރައްވާށެވެ. ދުނިޔެއަކީ ހުވަފެނަކަށްވާތީއެވެ. އެމީހުންނަކީ ކުޑަދުވަސްކޮޅެއްގެ މެހުމާނުންނަށް ވާތީއެވެ. އެހެންނޫނަސް ހުރި އެންމެ ލޯބިވާ ކޮއްކޮގެ ހަޔާތް އޭނަގެ ދެއަތުން ބަރުބާދުކޮށްލަން މައުމޫން ބޭނުމެއްނޫނެވެ.
ސައްފޫރުއަށް ލިބުނީ ބަޔާން ކުރަންނޭގޭފަދަ އުފަލެކެވެ. ބޭބެގެ ހުއްދަ ލިބުމުން ކުރިޔަށް ދާނެ މަގު ސާފުވީއެވެ. ދެންފަރުޒާނާ އާއި ހަމަޔަށް ދިޔުމުގައި އެއްވެސް އިންސާނަކަށް ހުރަހެއްނޭޅޭނެއެވެ.

ފަރުޒާނާ ގަހެއްގެ ހިޔަލުގައި އެކަނިމާ އެކަނި އިންއިރު ޚިޔާލެއްނެތި އަތުގައިވާ ފޮތުގެ ސަފްހާތައް އުކަމުން ދިޔައެވެ. ކޮންމެވެސް މީހެއްގެ ހިލަންވިއެވެ. ހިކިފައިވާ ފަތްތަކުގެ މަތީގައިމީހަކު ހިނގަމުން އަންނަ އަޑެވެ. ފަރުޒާނާ އިސްއުފުލާބަލާލާކަށްވެސް ބޭނުމެއް ނުވިއެވެ.

"ފަޒީ. މިހާ ރީތި ތަނަކަށް އައިސް ހާދަ ފޫހިކކޮށް ވަގުތު ދުއްވާލަނީ......" އެއީ ސައްފޫރު ނޫން އެހެން އެއްވެސް މީހަކު މިވީހާތަނަށް އޭނައަށް ކިޔާއުޅޭ ނަމެއް ނޫނެވެ. ސައްފޫރުއަށް އެކަނި ޚާއްސަ ނަމެކެވެ. ހިތުގެ ވިންދު އަވަސްކުރުވާ އެ ފިރިހެންވަންތަ އަޑެވެ. ފަރުޒާނާ މޫނުން ފޮތް އެއްފަރާތްކޮށްލަމުން ސައްފޫރުއާއި ހަތަރުކަޅިހަމަކޮށްލިއިރު އެލޮލުގައި އެއްވެސް އަސަރެއްނެތެވެ. ހިތާމައިގެ ތަސްވީރެއްފަދައެވެ. މައުމޫން ވަކިވިޔަސް ފަރުޒާނާ މިހާބޮޑު ހިތާމައެއްކުރަން ޖެހިދާނެކަމަށް ސައްފޫރު ގަބޫލެއް ނުކުރެއެވެ.

"އަނގައިން ނުބުނާނީތަ؟ ވެގެންއުޅޭގޮތެއް ބުނީމައިގޭނީ. ހިގާބަލަ މޫދަށް އެރިލަން. މަޖާކޮށްލަން. ލައިފް ވޭސްޓްކުރުމުގެ ބޭނުމެއް ދެން ނެތް. ދިގު އިންތިޒާރެއްގެ ނިމުން އައީއޭ މިއަދު ބުނެވޭނީ...." ސައްފޫރު އުފާވެރި ހިނިތުންވުމަކާއެކީގައި ފަރުޒާނާއާއި ދާދިގާތުގައި އިށީނެވެ.

ފަރުޒާނާ ފުން ނޭވަޔެއްލިއެވެ. މާދުރަށް ބަލަންފެށިއެވެ. އޭނަގެ ދިރިއުޅުމަށް ދެން އަންނާނީ ކޮން ހަމަޖެހުމެއްހެއްޔެވެ؟ ކޮން އުފަލެއްހެއްޔެވެ؟ ބަދަލުހިފުމުގެ ފޯރީގައި އޭނަ ކުޅުނު ކުޅިގަޑުން ބަލިވީ ޚުދު އޭނައެވެ.

"އަހަރެން ދެކެ ރުޅިއައިސްފައި ތަ؟ އެދުވަހު ފަޒީ ގައިގަ ޖެހުނީތީ ވަރަށް ބޮޑަށް މައާފަށް އެދެން. ގަބޫލުކުރަން ނުހައްގު އެތިފަހަރުތަކެއްކަން... ސޮރީ...." ސައްފޫރު ދެރަވިއެވެ. އިސްޖަހާލެވުނެވެ. ފަރުޒާނާ އޭނައާއި އަނގައިން ނުބުނާނީ ހެއްޔެވެ؟ ފަރުޒާނާގެ ހަރުކަށިކަމާއި ގޮތްދޫނުކުރުން އޭނައަށްވަނީ އެގިފައެވެ.

"ނޫން އެއީ ސައްފޫރުއަށް ލިބިފައިވާ ހައްގެއް. އެކަމަކު މައާފުވެސް ދީފިން. ސައްފޫރު ބުނެބަލަ. އަލީޒާގެ މަންމައަކީ ކާކު؟ " ފަރުޒާނާގެ އެ ކުއްލި ސުވާލުން ސައްފޫރު ސިހުނެވެ. އަނެއްކާ ފަރުޒާނާ އެހެން އެހީ ޔަގީންވީމަ ހެއްޔެވެ؟ ނޫނީ ނޭގުމުގަ ހެއްޔެވެ؟

"އާނ.....އެގޭ.....އެކަމަކު..." ސައްފޫރުކުޑަކޮށް ހީލިއެވެ.

"އެލީގެ މަންމައަކީ ކާކުކަން ޔަގީންވޭ. އެކަންރަގަޅަށް އެނގިހުރެ ނުބުނީ ކީއްވެތަ؟ އަހަންނަށް އެންގުމަކީ ބޭނުންކަމަކަށް ނުވިއެއްނު. އެދުވަހު އެލީ މިދުނިޔެއާއި ވަކިވެގެން ދިޔަނަމަޔޯ. އަހަންނަކީ އޭނަގެ މަންމަ. އެވަރުގެ ހައްގެއްވެސް ނެތީތަ؟ ސައްފޫރުވެސް ދާނިޝް އާއި ބައިވެރިވެގެން މިހާބޮޑު އަނިޔާއެއް މަންމައަކަށް ކުރާއިރު ހިތެއްވެސް ނެތީތަ؟ ޖީން މަރުވިކަމުގެ ތުހުމަތުވެސް އެޅުނީ އަހަރެންގެ ބޮލުގައި. އެލީ މަރާލަން އުޅުނުކަމަށް ގަބޫލުކުރަން. އެކަމަކު އެހިސާބަށް އެދިޔައީ އެންމެނަށް އެކަން އެގިތިބެ ނޭންގީމަ. އަމިއްލަ ދަރިފުޅުކަން އެގުނުނަމަ އެލީއަށް އެވަރުގެ ބޮޑުއަނިޔާއެއް ކުރާނެތަ؟ މަންމައަކަށް ވީމަ އެގޭނީ ދަރިން ދެކެ މަންމައަކު ވާނެ ލޯބި. މިއަދު އެންމެ މުހިއްމުވެފައި ވަނީ އެ ދަރިފުޅު. އެކަމަކު އޭނަ ހޭޓް ކުރޭ އަހަރެން ދެކެ....ވީއިރު......." ފަރުޒާނާ ގެ އަޑު ކުރެހުނެވެ. ނަމަވެސް ލޮލުގައި ކަރުނައިގެ އަސަރެއްނެތެވެ. ހުރިހާ އިހުސާސްތަކެއް ވަކިވެގެން ދިޔައީކަން ނޭގެއެވެ.

ސައްފޫރު ވަރަށް ބޮޑަށް ދެރަވިއެވެ. އޭނަ ވަރަށް އަސަރާއިއެކީ އޭނައަށް އެލީ އަކީ ދަރިފުޅުކަން އެގުނުގޮތާއި ފަރުޒާނާއަށް ސިއްރުކުރަން ޖެހުނުސަބަބު ކިޔާދިނެވެ. ފަރުޒާނާގެ ހިތާމައިގެ އަސްލަކީ އަލީޒާކަން އެގުމުން ސައްފޫރުއަށް މިއަދު ކިތަންމެހާވެސް ފުން އަސަރުތަކެއް ކުރިއެވެ. ފަރުޒާނާގެ މަގާމުގައި ކޮންމެ އަންހެނަކު ހުއްޓަސް ވާނެގޮތް ހިތަށް ގެނެވުނެވެ.

އެވަގުތު ސައްފޫރު ނިންމީ ދާނިޝް އަށް ވިސްނާދިނުމަށެވެ. ބޮޑާ ގޮތްދޫނުކުރާ ހަރުކަށިގޮތެއް ބޭރުފުށުން ދައްކައިގެން އުޅުނަސް ލޯބިވާމީހުނަށްޓަކައި ދާނިޝްވާވަރު ސައްފޫރުދަނެއެވެ. ސައްފޫރު ޖެހޭނީ ދާނިޝްއާއި ފަރުޒާނާގެ ދުޝްމިންކަން ފިލުވާލަން މަސައްކަތްކުރާށެވެ. ސައްފޫރު ފަރުޒާނާއަށް ޔަގީންކަންދިނީ އޭނަގެ އާއިލާ އެއްގޮތަކަށްވެސް ވަކިވެގެންދިޔަ ނުދޭނަކަމަށާއި މަންމަ އާއި ދަރިފުޅު ގުޅޭނެކަމަށެވެ. ސައްފޫރުގެ އެ ވައުދުން ފަރުޒާނާގެ ހިތަށް ފިނިކަން ލިބުނެވެ. އެތައް ދުވަހަކަށްފަހު އެ ތުންފަތަށް ފަޑު ހިނިތުންވުމެއްވެރިވެގެން ދިޔައެވެ.

އެންމެފަހުން ފަރުޒާނާ އެހެން މީހުނާއި އެކީ މެންދުރަށް ކެއްކުމުގެ މަސައްކަތުގައި ބައިވެރިވިއެވެ. އޭރުވެސް ގިނަ ޒުވާނުންނާއި ކުޑަކުދިން އުޅުނީ މޫދުގައެވެ. ގްރޫޕްބޮޑުވުމުން މާމަޖާކަމަށް އެންމެނަށްވެސް ގަބޫލުކުރެވުނެވެ.ފަރުޒާނާ ކިތަންވެ ވަރަކަށްވެސް ދާނިޝްއާއި އަލީޒާ ފެނޭތޯ ހޯދިއެވެ. އެ ލޯބި ކުޑަ ދަރިފުޅު ދެކޭހިތުން ލޯ ވަނީ ބޭގަރާރުވެފައެވެ. މަސައްކަތުގައި މަޝްޣޫލުވެގެން ހުއްޓަސް އަބަދުހެން ވިސްނެނީ އަލީޒާއާއި މެދުގައެވެ. ފިރިހެންވެރިން ކުރުނބާއާއި ލުއިކާނާތައް ގެނެސް ކައްކަންތިބި އަންހެނުންނަށް ދިނެވެ. އެންމެން ތިބީ މަޖާވެފައެވެ. ސައްފޫރު ދޭތެރެއަކުން ކޮންމެވެސް ލާނެތް ވާހަކައެއް ދައްކާފައި އެންމެން ހެއްވައެވެ. އެކަމުގެ ސަބަބުން އޭނަވަނީ އެންމެން ގެ ހިތްއަތުލާފައެވެ. އަދި ފަރުޒާނާގެ އާއިލާ އެންމެނަށްވެސް ފާހަގަކުރެވުނީ ފަރުޒާނާއާއި ސައްފޫރުގެ ކޮންމެވެސް ޚާއްސަ ގާތްކަމެއް އެބައޮތްކަމެވެ. ފަހަރިގުޅުންހެނެއް ހިޔެއް ނުވެއެވެ.

ކައްކައި ނިމެންވާއިރަށް ޒުވާނުންނާއި ކުޑަކުދިން މޫދުންއަރައިގެން ކާންއައެވެ. ފަރުޒާނާގެ އިންތިޒާރުވެސް ނިމުމަކަށް އައެވެ. ދާނިޝްއާއި އަލީޒާ ވާހަކައެއް ދައްކަމުން ހެމުން އަތުގުޅުވާލައިގެން އައިއިރު ކިތަންމެހާވެސް ގުޅޭ ލޯބި ޖޯޑެއްކަމަށް ފަރުޒާނާއަށް ގަބޫލުކުރެވުނެވެ. އޭނަގެ ދަރިފުޅު ހާދަ ލޯތްބެވެ. ފެނުޕަރީއެއްފަދައެވެ. އެދިގު އިސްތަށިގަޑުވަނީ ތެމިގެން ގަޔާތަތްލަވާފައެވެ. އިރުގެ އަލީގައިއެދޮންކަން އިތުރަށް ވިދަމުންދިޔައެވެ. ޖީން ވެސް ހުރިނަމައެވެ. އޭނަ ކިތަންމެބޮޑު ކުށެއްކުރިޔަސް އެމައުސޫމް ކުޑަދެބެން ވަކިކުރުމަކީ ހާދަ ބޮޑު އަނިޔާއެކެވެ. އަނިޔާވެރިމީހަކު އެކަން ކުރީއެވެ. ފަރުޒާނާގެ ލޯ ތެމޭގޮތްވިއެވެ.

ދާނިޝް އެއްއަތުން ޖެޓް ސްކީ ދަމަމުން އައިސް ގޮޑުދޮށަށް އޭތި އެރުވިއެވެ. އެވަގުތު އަލީޒާ ދާނިޝްގެ ފޮޓޯއެއް ނެގިއެވެ. ދާނިޝްގެ ކޮންމެ އާދައެއް ފިރިހެންމޮޑެލްއިންވެސް ފަހަތަށް ޖައްސާލާނެއެވެ. ކިތަންމެހާވެސް ރީއްޗެވެ. ފުރިހަމައެވެ. އެލީ އާއި އެހާގުޅޭ ފިރިހެންކުއްޖެއް މިދުނިޔޭގައި ނުވާކަން ޔަގީނެވެ. ދާނިޝް އަލީޒާއާއި އެކީ ހިގާލަފައި އަންނަނިކޮށް އަލީޒާ ގާކޮޅެއްގައި އަޅައިގެންފައި ވެއްޓެންއުޅުނެވެ. އެވަގުތު ދާނިޝް އަލީޒާ ވެއްޓުނަނުދީ ހިފެހެއްޓިއެވެ. ގަޔާކައިރިކޮށްލިއެވެ. އަލީޒާގެ މޫނަށް ވެއްޓިފައިވާ އިސްތަށިކޮޅު ލޯބިން ރަގަޅުކޮށްލަދިނެވެ. ދެން ހިގާލާފައި އައީ މެދުހަށީގައި އަތްއަޅުވާލައިގެނެވެ. އެ ހަރަކާތުންވެސް ދާނިޝް އަލީޒާދެކެ ލޯބިވާވަރު ފަރުޒާނާއަށް އެގުނެވެ. ހިތަށް ހަމަޖެހުމެއްލިބި ހިނިތުންވެވުނެވެ.

އެމަންޒަރުންވެސް ފަރުޒާނާއަށް ކުރީ ވަރަށް ތަފާތު އަސަރުތަކެވެ. އޭނަ އެންމެ ކުރިން ވިސްނީ އޭނަގެ ލޯބިވާ ދަރިފުޅު ދާނިޝްގެ މުށުތެރޭއިން ސަލާމަތްކުރުމަށެވެ. ފަންޑިތަހަދައިގެން ނަމަވެސް ހެޔޮއެވެ. ނަމަވެސް މިހާރު ފަރުޒާނާއަށް ވިސްނުނީ އޭނަގެ ދަރިފުޅަށް މިހާ ފުރިހަމަ އެކަށީގެންވާ ބައިވެރިޔަކު ނުލިބޭނެކަމެވެ. އަލީޒާއަށް ދާނިޝްގެ ފަރާތުން އަބަދު ސަލާމަތްކަންލިބޭނެއެވެ. ދާނިޝް އަލީޒާ ދެކެވަރަށްބޮޑަށް ލޯބިވާކަން ފަރުޒާނާއަށް ޔަގީންކުރެވުނެވެ. ޖީނާގެ ފަރާތުން މި ލޯބި ނިގުޅައިގަތްފަދައިން އެލީވެސް ލޯބިން މަހުރޫމްކުރަން ވެދާނެހެއްޔެވެ؟ އެވަރުގެ ބޮޑު އިބުރަތެއް ލިބިފައިވަނިކޮށް އޭނަ މިދެކުދިން ވަކިކުރުވަން ހިތަށް އެރީތީވެސް ފަރުޒާނާ އަމިއްލަ ނަފުސް ކުށްވެރިކުރިއެވެ. ހިތް ތުރުތުރުއެޅިއެވެ. ނޫނެކެވެ. މުޅި އުމުރަށް އެކުދިން މިހާލޯބިން އެކީ އުޅުމަށް އޭނަ އަބަދު ދުއާ ކުރާނެއެވެ. ދެކުދިންގެ މޫނުމަތިންވެސް އެފެންނަ އުފާވެރި އަސަރުތައް އަބަދަށް ދެމިގެންދާނެނަމައެވެ. އަބަދު އެގޮތަށް އެ ރީތި ހިނިތުންވުމުގައި ތިބޭނެނަމައެވެ. އެއީ މަންމައެއްގެ ހެޔޮ ދުޢާއެވެ.

ފަރުޒާނާ ފެނުމުން ދާނިޝް ކާން އެތަނަށް ދާހިތެއްނުވިއެވެ. އޭނަ ޝައުނާ ގާތު އެވާހަކަ ބުނުމުން ޝައުނާ ތަށިތައް ގެނެސްދިނެވެ. އަލީޒާމެން ވޭޓަރޭ ކިޔައިގެން ޝައުނާއާއި ދިމާކުރިއެވެ. ކޮންމެއަކަސް ދާނިޝްއާއި އަލީޒާ ކާންތިބީ މޫދުގެ ރާޅު ބީއްސާ ހިސާބުގައި އަނެއްފަރާތަށް އެބުރިގެންނެވެ. ދާނިޝް އަށް ފަރުޒާނާ ގެ ތޫނު ނަޒަރު އަލީޒާއަށް ހުއްޓޭކަން ފާހަގަކުރެވިފައިވާތީ ހިތްހަމަނުޖެހިގެންނެވެ.

ކައިގެން ދާނިޝް އަލީޒާ ގޮވައިގެން ދިޔައީ ތަންކޮޅެއް ގަސްތައް ގިނަ ހިޔާދޭ އެކަނިވެރި ހިސާބަކަށެވެ. ރޭ ތަންކޮޅެއް ލަހުން ނިދާފައި ފަތިހު ހޭލުން އަދި ދަތުރުގެ ސަބަބުން ވަރުބަލިވެފައިވާތީ އަރާމުކޮށްލުމަށެވެ. ތެތްހެދުންތައް ބަދަލުކުރުމަށްފަހު ކުއިލްޓް ފަތުރާލައިގެން ގަހެއްގެ ހިޔަލުގައި އޮށޯވެލައިގެންތިބިއިރު އިވެމުން ދިޔައީ ރާޅުތައް ބީއްސާ ހިތްގައިމު އަޑާއި ގަސްތަކުގެ ފަތްތައް ހެލިލަމުންދާ އިރު އިވޭ ލުއި މިޔުޒިކެވެ. ދޫނިތަކުގެ ގޮވުމެވެ. އެ ހިތްގައިމު ގުދުރަތީ ލުއި މިޔުޒިކް އާއި ދާނިޝް ގެ ފިރުމުންތަކުން ލިބުނު އަރާމުގައި އަލީޒާގެ ލޮލަށް ނިދި ސަވާރުވާކަށް މާ ގިނައިރުތަކެއް ނުނެގިއެވެ.

އަލީޒާ ނިދާލާފައި އޮތްއިރު ދާނިޝްއަށް ނުނިދި އެރީތިމޫނަށް ބަލަހައްޓައިގެން އޮވެވުނީ އެވެ. ކޮންފަދަ ފުރިހަމަ ރީތިކަމެއްހެއްޔެވެ؟ ހާދަ ލޯތްބެވެ. ފުރިހަމަ ހަނދަށްވެސް އަލީޒާގެ ރީތިކަމާއި ވާދައެއް ނުކުރެވޭނެއެވެ. މިރީތިކަން މިލްކުކުރެވުނީ އޭނަގެ ނަސީބުރަގަޅުކަމުންނެވެ. އަލީޒާއަށް އޭނަ ލޯބިވާވަރާއި އަޅާލާވަރު އެގޭނެއެވެ. ދުނިޔޭގައިވާހާ އެއްޗަކަށް ވުރެ އެލީ މުހިއްމުވަރު އިހުސާސްކުރެވޭބާވައެވެ. އަލީޒާއަށްޓަކައި އޭނަ ފުރާނަވެސްދޫކޮށްލަފާނެކަން އެގޭނެހެއްޔެވެ؟ އަލީޒާއަށް ކުޑަކުޑަ އަނިޔާއެއް ގެއްލުމެއް ވިޔަނުދޭން އޭނަ ވިސްނާވަރު އެކަކަށްވެސް ނޭގޭނެއެވެ. ފަރުޒާނާ ފެނުމުން އޭނަގެ ސިކުޑިހަމައިން ނައްޓަނީ ފަރުޒާނާ އެކުރި ނުބައިކަންތައް ހިތަށް އަރާވަރުންނެވެ.

ދާނިޝް އަލީޒާގެ ލޮލުގައި ބޮސްދިނެވެ. އެމަޑުއަތްތިލަ ދާނިޝްގެ އަތުތެރޭގައިވާއިރު އެއަތުގެ މަޑުކަމާއި އޮމާންކަން ކިތަންމެފަހަރަކު އިހުސާސްކުރިޔަސް ފޫހިވާގޮތެއްނުވެއެވެ

ދާނިޝްގެ ބޮޑުބޭބެ ސައްފޫރުއެތަނަށް އައުމުން ދާނިޝް ތެދުވެއްޖެއެވެ. ސައްފޫރުދެއްކި ވާހަކައަކުން ފުރަތަމަ ދާނިޝް ހިތްހަމަނުޖެހުނުނަމަވެސް ދާނިޝް އެކަމެއް ހާމައެއްނުކުރެއެވެ. އެއަށްވުރެ ބޮޑަށް ބޮޑުބޭބެއަށް އިހުތިރާމްކުރާތީއެވެ. އިރުކޮޅަކުން ދާނިޝްއަށްވެސް ބޮޑުބޭބެގެ ވާހަކަތައް ގަބޫލުކުރެވުނެވެ. އަލީޒާއަށް އޭނަގެ މަންމަ އެގުމަކީ ލިބިދޭންޖެހޭނެ ހައްގެއްކަން ގަބޫލުކުރެވުނެވެ. ފަރުޒާނާ އާއި އަލީޒާ ވަކިކުރުމަކީ ހަގީގަތުގައިވެސް އަލީޒާއަށް ދެވޭވަރަށް ބޮޑު އަނިޔާއެކެވެ.

އަލީޒާ ގަޑިއެއްހާއިރުފަހުން ހޭލިއެވެ. އޭރު އޭނަގެ މޫނުވަނީ ތާޒާކޮށެވެ.
"ޑޭން ނުނިދަންތަ؟ މާވަރަކަށް ނިދުނީ. ހާދަ ސަޅި ހުވަފެނެއް ފެނުނު. އެއްފަހަރު ސްވިޒަލެންޑްގައި. ދެން މި ބީޗްގައި. ސްވިޒަލެންޑްގެގޭގެ ބެޑްރޫމްގައި ޑޭންއާއި އެކު އުޅެނިކޮށް ސްނޯ ފައިބަންފެށީ. ހީވީ ވިންޑޯސްތަކުގައި އައިސިންޖަހާފައި ހުރިހެން"

ދާނިޝް އެއްޗެކޭ ބުނަންއުޅެނިކޮށް އެތަނަށް އައީ ފަރުޒާނާ ފިޔަވާ ދެވަނަ މީހެއްނޫނެވެ. އަލީޒާ ވަގުތުން ކަންބޮޑުވިވަރުން ދާނިޝްއާއި އަދިވެސް ކައިރިއަށް ޖެހިލިއެވެ. ދާނިޝްގެ އަތުގައި ބާރަށް ހިފެހެއްޓިއެވެ. އޭނަ ބިރުގަތީކަން ނޭގެއެވެ.

"އެލީ. މަންމަ މިއައީ މައާފަށް އެދެން....." ފަރުޒާނާ މަޑުކޮށްލީ ދެތިން ފޫޓް ދުރުގައެވެ. ހެޔޮވަރަކަށް ޖެހެމުންދިޔަ ވައިރޯޅިތައް ފަރުޒާނާގެ ދޫ ހެދުމުގައި ވައި އަޅުވަމުން ދިޔައެވެ. ފަރުޒާނާގެ ލޮލުން ފެންނަނީ ލޯތްބާއި ކުލުނެވެ. ހަރުކަށިކަމުގެ އެއްވެސް ކުލައެއްނެތެވެ. ނިތްކުރީގައިވާހާ ރޫތަކެއްފިލާފައިވާ މޫނެކެވެ.

. "މަންމައޭ......." އަލީޒާއަށް ބުނެވުނެވެ

"އާން.....މިއީ އެލީއަށް ނޭގުނަސް ދަރިފުޅުގެ ބަދުނަސީބު މަންމަ........" ފަރުޒާނާގެ ލޯ ތެމުނެވެ.

އަލީޒާއަށް ބަލާލެވުނީ ދާނިޝްގެ މޫނަށެވެ. ދާނިޝް ތުންފަތުގައި ދަތްއަޅާލަމުން އިސްޖަހާލިއެވެ. އެތަނަށް ވެރިވެގެން ދިޔައީ ފުން ހިމޭންކަމެކެވެ. އަލީޒާ ޔަގީންކަން ބޭނުންވީ ދާނިޝް ގެ ކައިރިންނެވެ. ފަރުޒާނާ މޮޔަވީހެއްޔެވެ؟ އަދި އެކަހަލަ ވާހަކައެއްދެއްކިޔަސް އިތުބާރުކުރާކަށް ނުވާނެއެވެ. ފަރުޒާނާ އޭނަގެ މަންމައަށް ވާނީ ކިހިނެއްހެއްޔެވެ؟ ގަބޫލެއްނުކުރެވެއެވެ. މަންމައަކު ދަރިއަކަށް އެހާ ރަހުމްކުޑަ އަނިޔާތަކެއް ނުދޭނެއެވެ.

"ޔެސް ޑާރލިން....ޝީޒް ޔޯރ މަމް....." ދާނިޝް އަލީޒާގެ އަތުން ދޫކޮށްލާފައި ތެދުވެއްޖެއެވެ. ވަގުތުން އެތަނުން ދާން ބޭނުންވިއެވެ. ނަމަވެސް ފަރުޒާނާއާއި އެކީ އަލީޒާ އެކަނިކޮށްލާފައި ދިޔުމަކީ ބުއްދިވެރިކަމަކަށް ނުވާނެއެވެ. ފަރުޒާނާ ގެ މެންޓަލިޓީ ހުރިގޮތެއްވެސް އެގެނީކީ ނޫނެވެ.

"ވަޓް......" އަލީޒާ ފަރުޒާނާއާއި ދިމާލަށް ބަލަހައްޓައިގެން މިހާރު އިނީ ތަފާތު ނަޒަރަކުންނެވެ. އެ މަންމަ ދަސްކުރަން ބޭނުންވާފަދައެވެ. މިއީ މިވީހާތަނަށް އޭނައަށް ބީރައްޓެއްސެކެވެ. ދޮންމަންމައަކަށް ވުރެ ނުބަޔެވެ. އޭނަ ތަފުސީލު ބޭނުމެވެ.

"މަންމައަށް ކުރިއަކުން އެކަމެއްނޭގޭ. ޓްވިންސްއިން ލިބުނުއިރު އެއްކުއްޖަކު މަރުވިކަމަށް ހީކުރެވުނީ........" ފަރުޒާނާ ފެށުނީއްސުރެ ކަންތައްވީގޮތް ކިޔާދެމުން ދިޔައިރު އޭނަގެ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަފައިބަމުން ދިޔައެވެ. އެތައް ވޭނީ އަސަރުތަކެވެ. ކުދިކުދިވެފައިވާ ހިތެއްގެ ރިހުމެވެ. އަލީޒާ ހައިރާންވެ ގަނޑުވެފައި އިން އިރު އެތައް ޖަޒުބާތުތަކުން އެ ރީތި ދެލޯވެސް ތެމެމުން ދިޔައެވެ. ކުށްވެރިޔަކީ ކާކުކަމެއް ނޭގުނެވެ. ޔަގީނުންވެސް އޭނަ މަންމަ ކުށްވެރިއެއް ނުކުރާނެއެވެ. އަލީޒާ އަށް މަޑުމަޑުން ތެދުވެވިއްޖެއެވެ.

ދެވަނަ ސިކުންތުކޮޅުގެ ތެރޭގައި އަލީޒާ ހުރީ އޭނަގެ މަންމަގެ އަތުތެރޭގައެވެ. ފަރުޒާނާ ރޮއިރޮއިފާ އަލީޒާ ގެ މޫނުގަޔާއި ގައިގެ އެތަންމިތާ ބޮސްދީފައި އެއުޅުނުގޮތުން ދާނިޝްއަށްވެސް އަސަރުކުރިއެވެ. ވިހިއަހަރުގެ ދިގު ވަކިވުމަކަށްފަހު މަންމައާއި ދަރިފުޅު ގުޅުނީއެވެ. އަލީޒާއަށްވެސް ރޮވުނެވެ. ޖީނާއަކީ އެއްމާބަނޑު ކުއްޖެއްކަން އެގުމުން އެހަދާންތައް އިތުރަށް އެ ހިތަށް އަސަރުކުރުވިއެވެ. މަންމަ ގާތުން ޖީނާގެ ޚަބަރު އިތުރަށް އޮޅުން ފިލުވިވަރަކަށް އަލީޒާއަށް ބޮޑަށް ރޮވުނީއެވެ.
އަލީޒާ ގެ ލޮލުން ކަރުނަ އޮހޮރޭތަން ދެކެން ދާނިޝްއަށް އިތުރަށް ކެތްނުކުރެވުނެވެ. އޭނަ މަޑުމަޑުން ހިގާލާފައި އައިސް އަލީޒާ ގެ ކޮނޑުގައި އަތް ބޭއްވިއެވެ.

"ދެން ނުރޮއި އެލީ. ޕްލީޒް. މިހާރު މަންމަވެސް ލިބުނީ. ޖީންގެ ފުރާނައަށް ދަތިވާނެ އެލީ ތިހެން ހެދީމަ. ޖީން އަށް އެގޭ އެލީ އަކީ ޖީންގެ ޓްވިންސިސްކަން. ޖީން ބޭނުންވަނީ ޖީންއަށް ނުލިބުނުހާ އުފާތަކެއް އެލީ އަށް ލިބުން........" ދާނިޝް އެވަގުތު ޖީނާ މަރުވި ރޭގެ ހާދިސާ އަލީޒާއާއި ފަރުޒާނާއަށް ކިޔާދިނެވެ. އޭނައަށް ގުޅުމުން އޭނަ އަލީޒާއަކީ ޖީނާގެ ކާކުކަން ބުނެދިންކަމަށާއި ޖީނާ އުފާވިވަރާއި ދާނިޝް ގާތު އަލީޒާއަށް ދުވަހަކު ދެރަގޮތެއް ނަހަދަން ވައުދުކުރިވިކަމަށާއި މަންމަވެސް އެލީ އަކީ ޖީންކަމަށް ބަލާދިނުމަށް އެދުނުކަމަށް ބުންޏެވެ. ދެ ފުރާނަވިޔަސް އޭނައާއި އެލީ އަކީ ހަމަ އެކެއްކަމަށް ޖީނާވަނީ ބުނެފައެވެ.

"ދެން ނުރޯނަމޭ....." އަލީޒާ ދާނިޝްގެ ޓީޝާޓްގައި ދެއަތުން ހިފާ ދަމައިގެންއައިސް ލޮލުގައި ޖައްސައިގެން ނުރޯން އުޅުނުވަރަކަށް ގިސްލެވެމުން ދިޔައެވެ . ލޮލުގައި ގިނަވެގަތް ކަރުނަތައް ދާނިޝް ގެ ޓީޝާޓްއިން ފޮހެމުން ދިޔައެވެ. އަލީޒާގެ އެ ކަރުނަތަކުން ދާނިޝްއަށް ވެސް ރޮވުނީއެވެ. ފަރުޒާނާވެސް އަލީޒާގެ ގައިގާ ހިފައިގަނެގެން ރޯން ފެށީއެވެ. ޖަޒުބާތީ އަސަރުގަދަ ވަގުތުކޮޅެކެވެ.

. "އެލީ. ހިގާ މޫދަށް އެރިލަން. މަންމަވެސް ދާނެ އޭ. އެލީ ވަރަށް ސްޓްރޯންގް ވާން ވާނެ ދޯ މަމް....." ދާނިޝް ބުންޏެވެ.
"ދަރިފުޅުވެސް މަންމައަށް މައާފުކުރާތި. މިހާރު ފިރިހެންދަރިއެއްވެސް މިލިބުނީ..." ފަރުޒާނާ ދާނިޝް ގެ ބޯ އިސްތަށިގަނޑު ހާވާލާފައި ލޯބިން ބުންޏެވެ. ދާނިޝް މައާފުނުދޭންވީ ކީއްވެއްހެއްޔެވެ؟ އެއީ އޭނަދެކެ އެންމެ ބޮޑަށް ލޯބިވި ދެ އަންހެންކުދިންގެ މަންމައެވެ.
"މަމް އިޓްސްއޯކޭ. އަހަރެންގެވެސް ކުށް. އަހަރެން ބިރުގަތީ ޖީންފަދައިން މަމް އެލީވެސް އަހަންނާއި ވަކިކޮށްފާނެތީ. އެލީއަށްވެސް ސިއްރުކުރި ސަބަބަކީ އެއީ. ލެޓްސް ފޮގެޓް ދި ޕާސްޓް އެންޑް މޫވް އޯން. މަމް އަކީ ވެސް ކުރީގަވެސް ފެމިލީ...މިހާރު އެއަށް ވުރެ ކްލޯޒްވީ......"
ފަރުޒާނާ ދާނިޝްގެ ތަނަވަސް ނިތްކުރީގައި ބޮސްދިނެވެ.

އަލީޒާ އެންމެފަހުން ވަރަށް ހިތްވަރުކޮށްލާފައި ރުއިން ހުއްޓާލާފައި މަންމައާއި އެކު މޫދަށް އެރުނެވެ. އެއީ އެތައްބަޔަކުގެ ލޮލުގައި އަޅައިގަތް މަންޒަރަކަށް ވިއެވެ. ފަރުޒާނާގެ އާއިލާގެ މީހުނަށްވެސް ވަރަށް އަޖައިބުކުރުވަނިވި ކަމަކަށް ވިއެވެ. ހަމަ ކުއްލިއަކަށް އަލީޒާއާއި ފަރުޒާނާ މިހާ ގާތްވި ސަބަބަކީ ކޮބާހެއްޔެވެ؟ ފަރުޒާނާ ގެ ތަބީއަތު ހާދަ ރަގަޅުވެއްޖެއެވެ. ކޮންމެއަކަސް ފަރުޒާނާގެ ކޮއްކޮމެންގެ ސުވާލުތައްކުރިމަތިވާން ފެށުމުން ފަރުޒާނާ އެ ހަގީގަތް ހާމަކޮށްދިނެވެ. އާއިލާއަށް އަލީޒާއަކީ ކާކުކަން އެގެން ޖެހޭތީއެވެ. އެންމެފަހުން އެކުދިންގެ ބައްޕައަކީ މައުމޫން ނޫންކަމާއި ސައްފޫރުކަންވެސް ބުނެދޭނެ ޖެހުނެވެ. އެންމެން ތިބީ ބުނާނެ އެއްޗެއްނޭގި ހައިރާންވެފައެވެ. ނަމަވެސް ޖީންގެ ބަދަލުގައި އެލީ ލިބުނުކަމަށްޓަކައި އެންމެން ގެ ހިތްތައް ހެއްދެވިފަރާތަށް ޝުކުރުން ފުރުނެވެ.

އަލީޒާވެސް އުފާވީ ހަމަ ކުއްލިއަކަށް ލޯބިވާ މަންމައަކާއި ބޮޑުދައިތައިންތަކެއް ލިބުނީމައެވެ. މިހުރިހާ ދުވަހު ފޭކް މަންމައަކާއި ބޮޑުދައިތަމެން ތިބިއިރު ހާދަ ނުބަޔެވެ. މިފަދަ ލޯބި ހުވަފެނެއްގައިވެސް އަލީޒާ ނުދެކެއެވެ. އެންމެން ހީވީ އަލީޒާ އުރާލަފާނެހެނެވެ.
ހަވީރު ފަހެއް ޖެހުމުން ފަރުޒާނާގެ އާއިލާ މާލެދާން ފުރައިފިއެވެ. މަޑުކުރީ ހަމައެކަނި ފަރުޒާނާއެވެ. ގިނަވަގުތު އަލީޒާއަށް ވެސް އުޅެވުނީ އޭނަގެ މަންމައާއި އެކީގައެވެ. މަންމަ ލިބުނީމަ ދާނިޝް ހަދާންނައްތާލީ ހެއްޔޭ ކިޔާފައި ދާނިޝް ދިމާކުރިނަމަވެސް މަންމައާއި ދަރިފުޅު އެތައް ދުވަސްތަކެއްވަންދެން ނޭގުމުގެ ތެރޭގައި ރުޅިވެގެން ތިބެފައި ހަގީގަތްއެގުމުން އެކީގައި ވާން ބޭނުންވާނެވަރު ދާނިޝްއަށް އެގެއެވެ. ދާނިޝް ސަމާސާކުރީއެވެ.
އަލީޒާއާއި ފަރުޒާނާއަށް ފުރުސަތު ދީފައި ދާނިޝް އުޅުނީ ޝާހާންމެނާއި އެކީގައެވެ. ބޯވަ ހިފަންވެސް ދިޔައެވެ. ކަނޑުގައި ފަތާލަން ދިޔައެވެ. އަލީޒާ މަންމައާއި އެކީގައި އުޅުނަސް ދާނިޝް އުޅޭހާ ތަނެއް ބަލައެވެ. ކަނޑުގައި ފަތަން އުޅުނަސް އަލީޒާ ފޯނުކުރުމުން ދާނިޝް ޖަވާބުދެއެވެ. އޭނަ ސަލާމަތުން އެބަހުރިކަމުގެ ޔަގީންކަން އިރުއިރުކޮޅާ އަލީޒާ ހޯދަން ޖެހޭނެވިއްޔާއެވެ.

އިރުއޮއްސުނު މަންޒަރު ބަލާލަން ތިބެފައި އެންމެން އެއްގަމަށް އެރިއިރު ރަށުތެރެއިން އިވެނީ ސޫފާސޫފިތަކުގެ ގޮވުމުގެ އަޑެވެ. ދޭތެރެއިން ދޫންޏެއްލަވަޖަހާ އަޑުއިވެއެވެ. ރޭގަނޑު ކެއުމަށްފަހު ބޮޑުއަލިފާންގަނޑެއް ރޯކޮށްލައިގެން އެންމެން ވަށާލައިގެން ތިބިއިރު ލަވަކިޔާ ބިރުވެރި ވާހަކަވެސްކިޔަމުން ދިޔައެވެ. ދާނިޝް އިނީ އަލީޒާ ގެ ކޮޑުގައި އަތްބާއްވާލައިގެނެވެ. އަލިފާންގަނޑުގެ އަލީގައި ހުރިހާކުދިންފެންނަލެއް ވަރަށް ރީއްޗެވެ.

"ޓެންޓް ޖައްސަން ހަވާލުކުރާނީ މީރާން އާއި ހަމްޒާދުއާއި. ހާދަ ލަސްއެބަވޭ...." ޝާހާން ވެސް އިނީ ޝައުނާގެ އަތުގައި ހިފަހައްޓާލައިގެނެވެ. ޝާހާން އެބުނީ ކޮންބަޔެއްގެ ވާހަކަކަން ނޭގުނީ ހަމައެކަނި ފަރުޒާނާއަށެވެ.
"ހިގާ ޓްރުތް އޯރ ޑެއަރ ކުޅެން......" ޝައުނާ ބުންޏެވެ. އީނާއާއި އަލީޒާ ވަގުތުން ތާއީދުކުރިއެވެ. ރިހާނާއަށް އެކަންތައްވީ ކުޑަކުދިންގެ ކަމަކަށެވެ.
ކުއްލިއަކަށް އަދިރީގެ ތެރެއިން ދެ ޒުވާނުން ފެނުމުން ފަރުޒާނާ ހައިރާންވެ ބިރުގަތެވެ. ދެލޯ ބޮޑުވެގެންދިޔައެވެ. އޭނަ ފުރަތަމަ ހީކުރީ އެކަނި އޭނައަށް ފެންނަ މަންޒަރެއްކަމަށެވެ. އެކަކީ އައިސްގޭޓުން ފަރުޒާނާއާއި ދިމާކުރި " ޖިންނި" އެވެ. ހަމަ އެ ވެމްޕަޔަރިޝް ގޮތްގަޑެވެ. މި ޖިންނީގެ ލޮލުގައި އޭނަގެ ލޯބިވާ ދަރިފުޅު އަޅައިނުގެންފިއްޔާ ވެދާނެއެވެ. ފަރުޒާނާ އަށް ވަގުތުން ހިފާލެވުނީ އަލީޒާގެ އަތުގައެވެ. އޭނަ މަރުވެގެންވެސް އަލީޒާ ދިފާއުކޮށްދޭނެއެވެ.

WAMCO

" ޓްރުތް އޯރ ޑެއަރ އެއްނޫން ކުޅޭނީ ޝައު.....ހައިޑް އެންޑް ސީކް މާމަޖާވާނެއްނު......" މީރާންމެން އައުމާއިއެކު ހީވީ ބާރުގަދަ ތޫފާނީ ކޮޅިގަޑެއްއައިހެނެވެ. ގަސްތައްވެސް މުލުން ލުއްސައިގެންގޮސްދާނެހެން ހީވިއެވެ. ގަސްތަކުގެ ގޮފިތައް ބިދި ވެރެމުން އެކިދިމާލަށް ކުނިބުނި އެޅެމުން ދިޔައެވެ. ހިކިފަތްތައްވެސް އުދުހެން ފެށިއެވެ. އެންމެން ގެ ހެދުންތަކުގައި ވައި އެޅުވިއެވެ. ގަދަޔަށް އަދަމުން ވަޔާއެކު ނަށަމުންދިޔަ އަލިފާންގަނޑު ކުއްލިއަކަށް ނިވި އެހިސާބު އެކީ އަނދިރިވެގެން ދިޔައެވެ. އެ އަނދިރީގެ ތެރެއިން މީރާން ގެ ވިދާ ދެލޯ ފެނުމުން ފަރުޒާނާގެ ގައިން ހީބިހިނަގައިގެންދިޔައެވެ. އަލިފާންގަޑު ނިވާލީ އައިސްގޭޓްގެ ބޮކިތައް އަންދާލާ ގޮތަށެވެ. ޖިންނިއަކަށް ނޫނީ އެފަދަ ބާރުތަކެއް ލިބިފައެއް ނުވާނެއެވެ.
(ނުނިމޭ)

ކޮމެންޓް 0