"ނޫނޭ ސްވީޓްނެސް. މިފަދަ ވަގުތުތައް އެއްވެސް މީހަކަށް މެދުކަނޑުވައެއްނުލެވޭނެ. އެހެންނޫނަސް އަހަރެމެންގެ ޚާއްސަ މީހުނަށް އިގޭނެ މިގޭގައި މިދުވަސްކޮޅު ނޯ ޑިސްޓާރބް ސައިން އަޅުވާލާފައި ވާކަން. މިގެއަށް އަންނަންވާނީ ދައުވަތު ދެވޭމީހުންނަށް އެކަނި. އެހެންނު ބަޓަރކަޕް.....؟ " ދާނިޝް އަލީޒާ ގެ ކޯތާފަތުގައި އަތުގެ ނުފުށުން ބީއްސާލަމުން ލާނެއް ނަޒަރަކުން އަލީޒާގެ ލޮލަށް ބަލާލިއެވެ.

"ސްޓްރޯބެރީ ކެއުމުގެ އާގޮތެއް ދަސްކޮށްދޭނަން އިގޭ ....." ދާނިޝް ބަލާވަރުން އަލީޒާގެ މޫނަށް ވެރިވި ޖަންބުކުލަ ރަތްކުލައަށް ބަދަލުކޮށްލިއެވެ. އަދިވެސް އަލީޒާގެ ލަދުވެތިކަމާއި ރަކިކަން މުޅިން ފިލައިގެން ދާގޮތެއް ނުވެއެވެ.

"މި ރީތިކުއްޖާ ހުއްޓާލާނީ އަހަރެން މޮޔަކޮށްލާފައި ދޯ. މި މަލުގައި ވެސް ވަނީ ހަމަ މި ކޯތާފަތާއި ތުންފަތުގެ ކުލަ... އެ ރޯޒް ފޯރ މައި ލޭޑީ......" ދާނިޝްގެ ވައަތުން ހިފަހައްޓާލައިގެން ހުރި ރަތްކުލައިގެ ފިނިފެންމާ އަލީޒާގެ މޫނުގައި ޖައްސާލަމުން ދާނިޝް އުފާވެރިގޮތަކަށް ބުނެލިއެވެ.

ސްޓްރޯބެރީ ކެއުމުގެ އާ ފޯމިއުލާ ނިމުނުއިރު ދެމަފިރިންގެ ތުންފަތުގެ ގުދުރަތީ ކުލަ އެއަށްވުރެ ގަދަވެ އަލީޒާ ގެ މޫނުގައި ދާތިކިތައް ވިދާ ބަބުޅަމުން ދިޔައެވެ. އެ ފަދަ ޚާއްސަ ކޮންމެ ވަގުތެއް ނިމޭއިރު އެލިބޭ ވަރުބަލިކަމާއި ދާނިޝްގެ އަތުގެ ތެރެއަށް ވިރިގެން ދާ ގޮތުންވެސް އަލީޒާއަށް ލިބެނީ ބުނަން ނޭގޭ ފަދަ ހިތްހަމަޖެހުމެކެވެ. އެއިން ކޮންމެ ބީހިލުމަކުން ނޭގޭ ސިއްރުވެރި އަސަރުތަކެއް މުޅި ހަށިގަނޑާއި ފުރާނައަށް ވެސް ކުރުވާކަމުގައި އަލީޒާއަށް ހީކުރެވެއެވެ. ދާނިޝް އޭނާ މޮޔަކުރުވާ ދެވިހިފުވާލައިފި އެވެ.

އަލީޒާ އަށް މި ދުނިޔެ ފެނިފައި ވަނީ އަޖައިބެއްފަދަ ތަނެއްގެ ގޮތުގައެވެ. އެކަނިވެރި ހިމޭން އެހާމެ ރީތި އަމިއްލަ ދުނިޔެއެކެވެ. ދާނިޝްގެ ރީތި ސިހުރުވެރި އަޑުން ވާހަކަ ދައްކާލާއަޑުއިވެއެވެ. ބޭނުން ކޮންމެއިރަކު އެ ބާރުގަދަ އަތުގެ ހިމާޔަތުގެ ތެރެއަށް ވަދެވެއެވެ. މުޅިންވެސް އަލިޒާގެ ހިތް މޮޔަކޮށް ދީވާނާ ކުރުވާފަދަ ލޯބިވެތި ހިތް ގައިމު އަދާތަކެވެ. ދާނިޝް ބައެއް ފަހަރު އޭނަ ގެ ބޮލުގައި ފުނާ އަޅުވާ ފައިގެ އިގިލިތައް މަޖަލަކަށް ޕެއިންޓް ކުރުން ފަދަ ކޮންމެ ކަމެއް ވެގެން ދަނީ އަލީޒާ ގުރުބާން ވާފަދަ ކަންތައްކަމުގައެވެ. ލޯބިވާ އިންސާނާ ހާސިލުކުރެވުމުން ލިބޭނެ އެންމެ މަތިވެރި އުފަލާއި ހިތްހަމަޖެހުން އަލީޒާ ހާސިލު ކުރަމުން މިދަނީ އެއްވެސް ހާސްކަމެއް ފިކުރެއްނެތިއެވެ.

ހެނދުނު ގެ ނާސްތާ ކުރަންވެސް އަލީޒާއަށް އިދެވުނީ ދާނިޝް ގެ ފައި މަތީގައި އިށީދެލައިގެން މޭގައި ބޯ އަޅާލައިގެންނެވެ. ނާސްތާ ކުރަން ތިބިއިރުވެސް އެ މީހަކު އިރުއިރުކޮޅާ ބެލް ޖަހައެވެ. އެ އަޑަކަށް ސަމާލުކަމެއް ނުދީ ދެމަފިރިން އަމިއްލަ ވާހަކަތަކެއްގައި ތިބެ ސައި ނިންމާލާފައި ކާކޮޓަރިން ނުކުތެވެ.

އަވިދޭ ރީތި ދުވަހެކެވެ. އުޑުމަތި ފެންނަނީ ހިތަށް ފިނިކަން ދޭ ރީތި ނޫކުލައެއްގައެވެ. ދޭތެރެއަކުން ދައްކާ ކަފަކޮޅުގާ ހުދުކަން ގަދަ ވިލާކޮޅުތައް އެ އުޑުގެ ފުރިހަމަކަން އިތުރުކޮށްލާފައިވެއެވެ. ކޮޓެޖް ގެ ބަގީޗާގެ ތެރޭގައި ވާ ހިޔާ ދޭ ގަހެއްގެ ދަށުގައި ދުނިޔޭގެ ތާޒާ ވައި ހޯދަން ދާނިޝް އާއި އަލީޒާ އިށީދެލައިގެން ތިއްބެވެ. ދާނިޝް ގިޓާގެ ނަރުގައި އަތް ހިންގާލާފައި ރާގެއް އަޅުވާލުމުން އަލީޒާ ގެ ހިތުގައި ބީހިލިހެން ހީވިއެވެ. އޭނަ ދެލޯ މަރާލަމުން ދާނިޝް ގެ ކޮނޑުގައި ބޯ އަޅާލިއެވެ.
"ހާދަހާ ވާ ރީއްޗޭ. ހާދަހާ ވާ ފުރިހަމައޭ. ޔޫ އާ ދި ބެސްޓް މައި ލަވް......" އަލީޒާ ލޯ ހުޅުވާލާފައި ދާނިޝް އާއި ހަތަރުކަޅިހަމަކޮށްލިއެވެ.

އެންޑް........."" 
"އެންޑް ؟...... "ދާނިޝް އަލީޒާގެ ނިތުމައްޗަށް ވެއްޓިފައިވާ އިސްތަށިކޮޅު ރީތިކޮށްލަދެމުން ބުމައަރުވައިލިއެވެ. 

"ބުނަން އުޅުނީ އެހާ ރޮމެންޓިކް އޭ. އެކަމަކު އެއަށް ވުރެ މާރަގަޅުވާނެކަން ނޭގޭ ޔުނިކް އޭ ބުނިއްޔާ....އެހާވެސް އެހެންމީހުނާ ތަފާތު. ޑޭން. މިއީ ކޮން އަނގޮޓި އެއް ތަ؟ " ދާނިޝްގެ އަތުގައި ހިފަހައްޓާލަމުން އެ އަގޮޓި އަށް ފަރުވާތެރިކަމާއިއެކު ބަލަމުން އަލީޒާ އަހާލިއެވެ.

"މަންމަގެ ހަދިޔާއެއް........." ދާނިޝް އިތުރަށް ބުނަން ބޭނުންވިހެނެއް ހިޔެއްނުވެއެވެ. ހަޔާތުގެ ބައިވެރިޔާއަށް އޭނަ ގެ ފަރާތުން ސިއްރުކުރަން ބޭނުންވާ ހަމައެކަނި ބަޔަކީ މިއީ އެވެ.
އެ އަނގޮޓީގައި ސިއްރު ތަކެއްވާކަމަށް އަލީޒާ ޔަގީންކުރީ އޭގައި ކުރެހުން އެޅިފައިވާ ގޮތާއި ނިޝާނެއް ހުރުމުންނެވެ. އެ އަނގޮޓިއަކީ އާދައިގެ އެއްޗެއް ނޫންކަން އަލީޒާ ގެ ޅަސިކުނޑިވެސް ދެނެގެންފިއެވެ. ކުރީގައި އެ އެއަނގޮޓީގައި ވާ އެ ކުރެހުންތައް ފާހަގަ ނުކުރެވުނީ ކީއްވެ ހެއްޔެވެ؟

އަލީޒާ އިތުރު އެއްޗެކޭ އަހަން އުޅެނިކޮށް އަނެއްކާވެސް މީހަކު ދޮރުގައި ތަޅަން ފެށިއެވެ. މިފަހަރު ހީވީ މީހަކު ޖެއްސުންކޮށް އުދަގޫ ކުރުމުގެ ބޭނުމުގައި ހިންގަމުންދާ އަމަލެއްހެނެވެ. ރޭގަޑެއްނަމަ ދާނިޝްއަށް އޭނާގެ ބާރުގަދަ ރަހުމަތްތެރިންގެ ނޭއްގާނި އަމަލެއްކަމަށް ހީކުރެވުނީހެވެ.
"ވަޓް ދި............" ދާނިޝް ފުންމައިގެން ތެދުވީ އެ ޖެއްސުންކުރާ މީހަކަށް ފިލާވަޅެއް ދޭން ނިންމައިގެނެވެ. އަލީޒާ އެ ނާޒުކް އަތުން ހިފަހައްޓާލުމުން ދާނިޝް ހަރަކާތްތައް ލަސްވިއެވެ. އޭނާގެ ހިގުން އެތައް ގުނަ ލަސްކުރުވީ އަލީޒާ އާއިއެކު އަތު ގުޅުވާލައިގެން ހިގާފައި އަންނަންވުމުންނެވެ. އަލީޒާ ގާތު ވީހާވެސް އާދައިގެ އިންސާނަކަށްވެގެން އުޅެން ބޭނުންވާ ދާނިޝް އަށް މިވަގުތު ވެސް މަޖުބޫރުވީ އޭނާގެ ހަގީގީ ބާރާއި ހުޝިޔާރުކަން އަލީޒާއަށް ފޮރުވުމަށެވެ. އަލީޒާގެ ހިތުގައި ޝައްކުތައް އުފައްދާކަށް އޭނާ ބޭނުމެއް ނުވިއެވެ.

ކޮޓެޖް ގެ ދޮރުކައިރީގައި އެކަކުވެސް ނެތެވެ. މުޅި ހިސާބަށް ވެރިވެފައިވަނީ ގަސްތަކުގައި ވައި އެޅުމުން އެ އިވޭ ލުއި މިއުޒިކެއްފަދަ އަޑު އެކަންޏެވެ.
އެވަގުތު ދާނިޝް ގެ ލޮލުގައި އަޅައިގަތީ ފެންޑާގެ ހަރުފަތް ކައިރީ ގައި ވަޔާ ދެއަތަށް ކިރި ކިރި އޮތް ކުޑަ ކަރުދާސްކޮޅެކެވެ. ދާނިޝް ގުދުވެ ވައަތުން އެ ކަރުދާސްކޮޅު ނެގިއެވެ. ކުރު ކުރު ނޯޓެކެވެ. ރީތި ލިޔުމެކެވެ.
"ބޭވަފާތެރި އަންހެންކުއްޖާ. މަށަށް ކެހިދީފައި އެހެން މީހަކާއި އެކީ އުފަލުގައި އުޅެވޭތޯ ބަލާނަން. ތިޔަ އުފާވެރި ހަޔާތުގައި އަލިފާން ޖަހާލާނަން."
ދާނިޝް ހައިރާންވީ މި މީހެއްގެ މޮޔަކަމާއިމެދުގައެވެ. އޭނާ ވަނީ މިފަދަ ހިތި ތަޖުރިބާއެއްކޮށްފައެވެ. މިފަދަ ދޮގުވެރި ލިޔުމެއް ގަބޫލުކޮށްގެން އެއްފަހަރު އޭނަގެ ލޯބި މުޅި އުމުރަށް ގެއްލިގެން ނުދިޔައީ ހަމަ ކިރިޔާއެވެ. މިފަދަ ކެހިވެރި މަޅިއެއްގައި އޭނަ ޖެހުމުގެ ފުރުސަތެއް ދެން ނެތެވެ. އަލީޒާ އޭނަދެކެ ވާ މަތިވެރި ލޯބި އޭނައަށް މިދަނީ ތަޖުރިބާ ކުރެވެމުންނެވެ. ދެން ކޮންމެގޮތެއްވިޔަސް އަލީޒާ އަކީ އޭނަގެ އަންހެނުންނެވެ. އޭނަގެ ހައްގެކެވެ. އޭނަގެ ލޯތްބެވެ. ދިރިހުރުމުގެ އުފާތަކެވެ. އެކަކަށްވެސް ދެން އެ ދޭތެރެއަކަށް ނުވަދެވޭނެއެވެ. މިފަދަ ކިތަންމެ ސިޓީތަކާއި ހެއްކެއް ދެއްކިޔަސް އޭނަ ގަބޫލެއް ނުކުރާނެއެވެ.

ދާނިޝް އެ ނޯޓް މުށުތެރޭލާ ބޮނޑިކޮށްލުމަށްފަހު ތަންކޮޅެއް ދުރުގައި ހުރި ޑަސްބިނަކާއި ދިމާލަށް ހޫރާލައިފިއެވެ. ވަރަށް އަމާޒެވެ. އެ ކަމުގައިވެސް ފާޑުވެރިގޮތެއް ހުއްޓެވެ. އަލީޒާ އަށް އެ ނޯޓްގައި ވާ ލިޔުންކޮޅު ފެނުނެވެ. ދާނިޝް ފަރުވާލެއްނެތި އެހޫރާލިނަމަވެސް އަލީޒާއަށް އެ ނޯޓް ވީ ބޮޑު ބިރަކަށެވެ. ކަރުދާސްކޮޅެއްގެ ސިފައިގާ އަޔަސް ނިއުކްލިއަރ ބޮމެކޭ އަލީޒާއަށް އެއްވަރެވެ.

އެއީ ކޮންމެވެސް ހަސަދަވެރި ދުޝްމިނެއްގެ ހަމަލާއެކެވެ. އޭނައާއި ދާނިޝް ގެ އުފާވެރި ރީތި ދުނިޔޭގައި ހުޅުޖަހަން މަސައްކަތްކުރާކަމުގެ ނިޝާނެކެވެ. ދާނިޝް އާއި ވަކިވުމަކީ ދެން އަލީޒާއަށް ކެތްކުރެވޭނެވަރުގެ ވޭނަކަށް ނުވާނެއެވެ. އަލީޒާ ގެ ލޮލަށް ވަގުތުން ކަރުނަ ޖަމާވިއެވެ. މިދުވަސްކޮޅު ލިބިފައިވާ އާދަޔާޚިލާފު އުފަލާއި ހިތްހަމަޖެހުން ނެތިގެން ދާންފެށިއެވެ.

"އޭ . ނުރޮއި. އެއްވެސް ކަމެއް ނުވެއެއްނު. އަހަރެންގެ ޕްރޮމިސް ހަދާންނައްތާނުލާބަލަ ބޭބީ. އަހަރެންގެ އެލީ އެއްވެސް މީހަކަށް އަހަންނާ ދުރު ނުކުރެވޭނެއޭ ބުނީމެއްނު. ޓްރަސްޓްމީ އެލީ. އެމީހަކަށް ދެން ކާމިޔާބެއްނުވާނެ........." ދާނިޝް އަލީޒާ ގެނެސްމޭގައި ޖައްސާލަމުން ލޯތްބާއި އޯގާތެރިކަން އެކުލެވޭ އަޑަކުންބުނެލިއެވެ. އެ ލޯތްބާއި ހަމްދަރުދީ އަލީޒާ ގެ ރުއިން އިތުރުކުރުވިއެވެ.

އޭނަ ދާނިޝްއަށް އިތުބާރުކުރެއެވެ. އެހެނޭ ކިޔާފައި ދުޝްމިނުންނަކަށް އިތުބާރު ކުރެވޭނެހެއްޔެވެ؟ ދުޝްމިނުންގެ ކެހިވެރިކަން ދެކެ އޭނަ އިންތިހާއަށް ބިރުއެބަގަނެއެވެ. އެމީހުން ކޮންމެފަދަ ގެއްލުމެއްވެސް ދީފާނެއެވެ. ޚާއްސަކޮށް ކުޑައިރުއްސުރެ ފަންޑިތައިގެ ވާހަކަތައް ހިތަށް ވައްދާދީފައިވާލެއް ބޮޑުކަމުން ފަންޑިތައަކީ އޮންނަ އެއްޗެއްކަމަށް އޭނަ ގަބޫލުކުރެއެވެ. މަންމަފަރާތު ކާފައަކީ މޮޅު ފަންޑިތަވެރިއެއްކަމާއި އޭނަކޮށްފައިވާ ކަންތައް މަންމަ ފޮނިވެލާފައި ކިޔާދޭވަރުންނެވެ. އަލީޒާ ހުންއައިއްޔާ ކާފަ ކިޔަވަކިޔަވާފައި އަލީޒާ ގެ ގަޔަށް ފުމެފައި ކެލާ އުގުޅައެވެ. އަލީޒާއަށްވެސް ކެލާގެ ފިނިކަމުން އެއީ ކާފަގެ މޮޅުކަން ކަމަށް ހީކުރެވެއެވެ. ވީއިރު ފަންޑިތަ އާއި ސިހުރު ގެ ބާރުން ދެމަފިރިޔަކު ވަކިކޮށްލުމަކީ ކުރެވިދާނެކަމެއްކަން ޔަގީނެވެ.

އަލީޒާމެން ގެ އުފާވެރި ދިރިއުޅުމަށް މިއެޅުނީ ކާކުގެ އެސްފީނާހެއްޔެވެ؟ މި ދުޝްމިނުންގެ ކިބައިން ސަލާމަތް ވާނީ ކިހިނެއްހެއްޔެވެ؟ ކާފައަށް ހުރިހާ ވާހަކަތަކެއް ކިޔާދޭންވީއެވެ. ކާފަ އެހީ ވާނެއެވެ. މައްސަލައަކީ ދާނިޝް ފަންޑިތަދެކެ އިންތިހާއަށް ނަފްރަތުކުރާކަމެވެ. ވީމާ ކާފަގެ އެހީ ހޯދިޔަސް ދާނިޝްއަށް ސިއްރުކުރަން ޖެހޭނެއެވެ. 
"އެލީ. އަހަރެންގެ ވައިފްއަށް އެގެންވާނެ މާރަގަޅަށްވެސް މިފަދަ ކެހިވެރިމީހުންނަށް ދެން އަހަންނަށް އޮޅުވައެއްނުލެވޭނެކަން. އެއަށްވުރެ ވިސްނާފައި ދެން ހުރިހާކަމެއް ނިންމާނީ. ހަގީގަތްވެއްޖެއްޔާ ނޭގޭހާ މޮޔައެއްނޫން. ޓްރަސްޓް މީ ބޭބީގާލް. އެކަކަށްވެސް މި ދޭތެރެއަކަށް ނުވަދެވޭނެ. މިއީ ހަމައެކަނި އެލީ ގެ މީހެއް. މިރީތި ލޮލުން ދެން ކަރުނައޮހޭތަން ދެކޭކަށް ބޭނުމެއްނޫން. މި ލޯ މިލްކުކުރީ ރޮއްވާކަށް ނޫނޭ........." ދާނިޝް އަލީޒާގެ ކަރުނުން ފުރިފައި ވާ ލޮލުގައި ބޮސްދެމުން އެކަރުނަތައް ފޮހެލަދިނެވެ.

"ވަރަށް ބިރުގަނޭ. ދެނެއް ޑޭންއާއި ނުލައި ދުނިޔޭގައި ނޫޅެވޭނެ. އެއްވެސް ސަބަބަކާއި ހުރެ ވަކިވާންވެއްޖެއްޔާ. އެހެންވެ މިވަރަށް ކަންބޮޑުވީ. ކީއްވެ އެހާ ނުބައި މީހުން ދުނިޔޭގައި އުޅެނީ؟ އަހަރެމެން އެއްވެސް ބަޔަކަށް އުދަގޫކުރަނީކީ ނޫން. ޕްލީޒް ޑޯންޓް އެވަރ ލެޓް މީ ގޯ...." އަލީޒާ ހިނިތުންވާން މަސައްކަތް ކުރަމުން ދާނިޝް ގެ މޫނުގައި ބޮސްދިނެވެ.

އަލީޒާ އެންމެ ބޮޑަށް ޝައްކު ކުރީ ފަރުޒާނާއާއި މެދުގައެވެ. ހިތާމައަކީ ކިތަންމެބޮޑަށް ފަރުޒާނާ ދެކެ ރުޅި އަންނަން މަސައްކަތް ކުރިޔަސް ހިތުގެ ކޮންމެވެސް ބަޔަކުން ހަމްދަރުދީ އުފެދޭގޮތްވާތީއެވެ. އެއީ ޖީނާގެ މަންމައަށް ވީތީއެވެ. ހުރި އެންމެ ދަރިފުޅު މުޅި އުމުރަށް ގެއްލިފައިވާ ނިކަމެތި ބަދުނަސީބުވެރި މަންމައަކަށް ވިތީއެވެ. ކެތްނުކެރެވޭނެ ހިތާމައެއް ބަރުދާސްތުކުރަމުން ދާ މީހަކަށް ވީތީއެވެ.
ދުވަހުގެ ބަކީ އޮތްބައިގާ އެމީހެއްގެ ހިލަމެއް ނުވިއެވެ. ބޭނުންވާ މެސްޖް ފޯރުކޮށްދެވުނީމަ މިވަގުތަށް ދުރުވެލީއެވެ. ނޫނީ ކޮންމެވެސް އާ މަޅިއެއް ޖަހަން ތައްޔާރުވަނީއެވެ.
ފަރުޒާނާ ފެންވަރާލުމަށް ފަހު ލުއި ލުއި މޭކަޕެއްކޮށްލީ އެތައް ދުވަހަކަށްފަހުގައެވެ. ޖީނާ މަރުވިފަހުން އެ މޫނުގައިވާ ހިތާމަވެރިކަމާއި މާޔޫސްކަން މަޑުމަޑުން ފިލަމުންގޮސް މިއަދު ކުރީގެ އެހުންނަ ހަރުކަށިކަން ވެސް މޫނަށް ވެރިކުރުވައިފިއެވެ. އެއީ ފަރުޒާނާ ދެކޭގޮތުގައި އޭނާގެ ޝަހުސިއްޔަތުގެ ބަޔެކެވެ.
ފަރުޒާނާ ހަވީރު ސައި ބުއީވެސް އެހެން ދުވަހަށް ވުރެ މާ ގަދަޔަށެވެ. މައުމޫން އާއި އަނގަ ތަޅާލަން އިރުކޮޅެއްވާންދެން އިނދެލާފައި ޖީނާ ގެ ކޮޓަރިއަށް ވަނީ ޒަމާންތަކެއް ވަންދެން އެތަނަށް ނުވަދެ ހުރެލާފައެވެ. 
ޖީނާގެ ކޮޓަރި އަދިވެސް ވަނީ އޭނާ މިދުނިޔެއާއި ވަކިވެގެން ދިޔައިރު ހުރިގޮތަށް ބަހައްޓާފައެވެ. ނޯކަރަކަށް ވެސް އެތަނަށް ވަނުމުގެ ހުއްދައެއް ނޯވެއެވެ. ހިރަފުސް ނުފޮޅާ ގިނަދުވަސް ވުމުން ކުޑަކޮށް ހިރަފުހުގެ އަސަރު ހުއްޓަސް އެކޮޓަރިތެރެ ރީއްޗެވެ. ޖީނާ ގެންގުޅޭ ކޮންމެ އެއްޗެއް ވަނީ ތަރުތީބުން ބެހެއްޓިފައެވެ. އެނދުތަންމަތި ނާޅާހުރީ އެރޭ އެ ތަންމަތީގައި ނިދަން އޮތީ ފަރުޒާނާއަށް ވެފައި އެ ކުއްލިޚަބަރުގެ ސަބަބުން އޭނާ ހަމަހޭވެރިކަން ކުޑަވެ ނިދާހެދުމުގައި އެކޮޓަރިން ނުކުތީމައެވެ.

ފަރުޒާނާ ފެންކަޅިވެފައި ހުރެ ޖީނާގެ ހެދުންތަކާއި ގެންގުޅޭ ސާމާންތަކުގައި ފިރުމިއެވެ. ނޭގުމުގެތެރޭގައި ނަމަވެސް އެ ދަރިފުޅާއި މެދު ކަންތައްކުރެވުނުގޮތް އުމުރު ދުވަހުވެސް ކަށިތަކެއްގެ ސިފައިގާ އޭނާގެ ހިތަށް ހެރެމުން ދާނެއެވެ.
މޭޒުމަތީގައިހުރި ފްރޭމްތަކުގައި ޖީނާ ގެ ކިތަންމެ ފޮޓޯއެއްވެއެވެ. އޭގެ ތެރެއިންވެސް އެންމެ ރީތި ފޮޓޯއަކަށް ވީމައުމޫން އާއި ފަރުޒާނާގެ ކޮނޑަށް އަތް ވައްޓާލައިގެން ޖީނާ ހިނިތުންވެލައިގެން ހުރި ފޮޓޯގަނޑެވެ. ކިހާ ދިރުން ހުރި ތަސްވީރެއް ހެއްޔެވެ؟ އުފާވެރިކަމާއި އެކު އުޅެ ބޮޑުވަމުން އައި އޭނަގެ ލާނެތް ހަލަނި ދަރިފުޅުގެ ހަޔާތް ބަރުބާދުކޮށްލީ އެ ދާނިޝް ކިޔާ ރީތި ސިފައެއްގައި ހުރި ޝައިތާނާ އެވެ.
ފަރުޒާނާ ދަތްކުނޑިވިކައިގަތެވެ. އޭނަގެ ދަރިފުޅުގެ ދިރިއުޅުން ކުރިޔަށް އޮތްވާ އެކުއްޖާގެ ހަޔާތަށް ވިހަލީ ހަމަ އެ ނުބައި ދާނިޝް އެވެ. މިހާރު އެ އުޅެނީ މީހަކާއި އިނދެގެން އުފަލުގައި އަމިއްލަ ދުނިޔެއެއްގައެވެ. އޭނަ ހިމޭނުންހުރުމަކީ ދަރިފުޅުގެ ފުރާނައަށްވެސް ދެވޭ އަނިޔާއެކެވެ. ޖިނާގެ މަރުގެ ބަދަލު ނުހިފާ އޭނަ ހުރެދާނެކަމަށް ދާނިޝް ހީކުރަންޏާ އެއީ މޮޔަކަމެކެވެ.

ފަރުޒާނާ އެ ކޮޓަރީގެ ހިރަފުސް ފޮޅާ ސާފުކުރަން ހުރިއިރު ވިސްނަމުން ދިޔައީ ބަދަލު ހިފޭނެ ގޮތަކާއި މެދުގައެވެ. ހަމައެކަނި މެސްޖެ ތަކެއް ފޯރުކޮށްދީގެން އެ ދާނިޝް ގުޑައެއްނުލާނެއެވެ. އެއްފަހަރު ލިބުނު އިބްރަތުން ލޯ ހުޅުވޭފަދަ ބުއްދިވެރި އިންސާނެއްކަން ފަރުޒާނާވެސް ދަނެއެވެ. ތަފާތުގޮތްގޮތަށް ވިސްނަމުން ދިޔައިރު އޭނަގެ ނިތްކުރިއަށް އަރަމުން ދިޔަ ރޫތައްވެސް ގިނަވަމުން ދިޔައެވެ. ކޮންމެގޮތެއްހަދާފައިވެސް އޭނާ ދާނިޝްގެ ދެމަފިރިން ގެ އުފާތައް ނިގުޅައިގަންނާނެއެވެ. މިހާރު އޭނަ ދިރިހުރުމުގެ މަގުސަދަކީ ހަމައެކަނި މިނޫން ކޮންކަމެއްހެއްޔެވެ؟ ލިބުނު އެންމެ ދަރިފުޅު ވަކިވެގެން ދިޔުމުން ހަޔާތުގެ މާބޮޑު ބޭނުމެއްއޮތްކަމަކަށް އޭނަ ނުދެކެއެވެ. މާތް ﷲ އިންސާނާ ދުނިޔެއަށް ފޮނުއްވި މަގުސަދުތައް ފަރުޒާނާ ހަދާން ނެތްފަދައެވެ. ބަދަލު ހިފުމުގެ ޖޯޝުގައި އޭނާ ދަނީ ޝައިތޯނާއަށް ހެއްލި ނުބައި މަގަކާއި ދިމާލަށެވެ. އީމާންތެރިކަން ކުޑަވެއްޖެއްޔާ ޝައިތޯނާ ދާދި ފަސޭހައިން އިންސާނެއްގެ ސިކުނޑިއަށް ސަވާރުވެދާނެއެވެ. ފަރުޒާނާއަށް ވެފައިވަނީ އެފަދަ ގޮތެކެވެ.

އިރުއޮއްސި އަނދިރިކަން ފުންވާން ފެށުމުން ފަރުޒާނާ ކޮޓަރީގެ ފިނިފެންމަލުގެ ސިފައިގާ ވާ ކަރަންޓް ބޮކި ދިއްލާލައިފިއެވެ. ހުޅުވާލެވިފައިވާ ކުޑަދޮރުތަކުން ފިނިވައި ވަންނަމުން ދާތީ އޭސީ ޖެއްސުމުގެ ބޭނުމެއް ނެތެވެ. ބަންގިދޭ އަޑުއިވުނަސް ނަމާދުކުރަން ހިތަށް ނާރުވާ ފަރުޒާނާ އިނީ ސޯފާގައި އިށީނދެލައިގެން ވާހަކަ ފޮތެއް ކިޔާށެވެ. 

ކުޑަދޮރަށް އައްޔެއް އެޅުނުހެން ހީވުމުން ފަރުޒާނާ ކުޑަކޮށް ސިހޭގޮތްވިއެވެ. އުޑުމަތި އެހާ ސާފު ރެއެއްގައި އެއީ ވިދުވަރުގެ އައްޔެއް ކަމަށް އޭނަ ގަބޫލެއް ނުކުރެއެވެ. މަގުމަތިން ދިޔަ އުޅަދެއްގެ އައްޔެއްވެސް މިދޮރަކަށް ނޭޅޭނެކަން ގައިމެވެ. ފާޑުފާޑުގެ ވަހުމް ހިތަށް ވަންނަންފެށުމުން ފަރުޒާނާ ގަސްތުކުރީ ކުޑަދޮރު ލައްޕާލުމަށެވެ. އެ ޚިޔާލުގައި ހުރެ ތެދުވި ތަނުން ވައި ކަފާފައި އައި ގާގަނޑެއް ފަރުޒާނާގެ ބޮލުގެ ކައިރިން ގޮސް ދިއްލާލާފައިވާ ބޮކީގައި ޖެހުނު ގޮތަށް ބާރު އަޑަކާއި އެކު ތެޅިގެން ދިޔައެވެ. ކަނިބުރާލާފައި ތެޅިގެން ދިޔަ ބޮކީގެ ބިއްލޫރިތައް އެކިދިމާލަށް ބުރައިގެން ދިޔައީ ސިކުންތުކޮޅެއްގެ ތެރޭގައެވެ. އެއާއި އެކު ކޮޓަރި ކަނު އަނދިރިކަމުގެ ތެރެއަށް ގެނބިގެން ހިގައްޖެއެވެ. 
ފަރުޒާނާ ހަޅޭއްލަވައިގަންނަން އަނގަހުޅުވާލިއެވެ. އަޑު ބޭރެއްނުވިއެވެ. އޭނައަށް އަތް އަޅައިލެވުނީ މޭގައެވެ. ހިނދުކޮޅަކަށް މޭގަނޑު ތެޅިލިނަމަވެސް ފަރުޒާނާ ވަރަށް އަވަހަށް އަމިއްލަ ނަފުސް ހަމަޔަކަށް އެޅުވިއެވެ. އޭނައަކީ ހިތްވަރުގަދަ އަންހެނެކެވެ. ޖިންނި ޝައިތޯނުންނަށްވުރެ އިންސާނުން މަތިވެރި ކުރައްވާފައިވާއިރު އޭނަ ފަސްޖެހެންވީ ކީއްވެހެއްޔެވެ؟ ޖީނާ ނެތުމަށްފަހު އޭނަ މިހިރީ ކޮންމެފަދަ މަޚުލޫގަކާއިވެސް ހަނގުރާމަކުރަން ތައްޔާރަށެވެ.
ފަރުޒާނާ ކުޑަދޮރާއި ދިމާލަށް ބަލައިލިއިރު ކުޑަދޮރުގައި އަތް އަޅުވާލައިގެން ހުރީ ދާނިޝް އެވެ. 

ނުލަފާގޮތަކަށް ލޯ އަޅާލައިގެންނެވެ. ތިމާއަށް މާމޮޅު ރީތިކަމެއް ކުރެވިއްޖެކަމަށް ހީކުރީހެއްޔެވެ؟ ޖީނާ މަރާލާފައި އެވަރުން ހިތް ނުފުރިގެން އެހެރީ ޖީނާގެ ހުރިހާ ހަދާންތަކާއި އެއްޗިއްސެއް ފަނާކޮށްލަން ދިމާކޮށްލައިގެންނެވެ. ލަދުގެ ކަންފުޅެއްވެސް ނެތެވެ. ޑޮކްޓަރެކޭ ކިޔައިގެން އުޅުނަސް އިންސާނިއްޔަތުކަމަކީ ދާނިޝްގެ ލޭގައިވާ ކަމެއްނޫނެވެ.

" އަހަރެންގެ ދަރިފުޅު ކާލާފައިވެސް ހިތްހަމަނުޖެހުނީތަ؟ ކަލޭ ތިއުޅެނީ އަދި އަހަރެންގެ ނުބައިކަމާއި ނުލަފާކަން ނުފެނިގެން. ކަލޭގެ ބައްޕައަށް ވެސް މިރޭ މިކޮޓަރި ދައްކާނަން. އުފަންވިތަނުން މަރުވިނަމަ މިފަދަ ސުންޕާ ދޮންދަރީގެ އުދަގުލެއް ނުޖެހުނީސް.............." ފަރުޒާނާ ފުން ނޭވާތަކެއްލަމުން ކުޑަދޮރާއި ދިމާލަށް ހިނގައިގަތީ ރަގަޅަށް ދާނިޝް އާއި ޗެލެންޖްކޮށްލުމަށެވެ. މި އެކަނިވެރި ފުރުސަތުގައި ހިތުގައިވާހާ ކެކުޅުމެއް ބޭރުކޮށްލުމަށެވެ. 

ފަރުޒާނާ ދޮރާއި ތަންކޮޅެއް ކައިރިވުމުން އޭނައަށް ކުރެވުނީ ކުށްހީއެއްކަން އެގުނެވެ. އެއީ ދާނިޝްއެއް ނޫނެވެ. ދާނިޝް އާއި ވައްތަރު ސިފަތަކެއް ހުރި ޒުވާނެކެވެ. ދެލޯ އަޅާލައިގެން ހުރީވެސް ދާނިޝް ފަދައިންނެވެ. އެކަމަކު ދާނިޝްއަށް ވުރެ އިސްކޮޅު ދިގުވެފައި ބިޔައެވެ. އިސްތަށިގަޑު އޮތީ ކޮނޑާއި ހަމަޔަށް ދިގުކޮށްލާފައެވެ. ހަމަ ވެމްޕަޔަރެކެވެ. އެ ރީތިކަން އެނޫންގޮތަކަށް ސިފަކުރެވޭކަށް ނެތެވެ. މިއީ ކާކުހެއްޔެވެ؟ 
" ދަރިފުޅު މަރުވީމަ ފިލާވަޅެއް ނުލިބުނު ދޯ. ތި ނުލަފާކަމާއި ނުބައިކަން އާރެއް ބާރެއްނެތް އިންސާނުންނަށް ދައްކާލާ. އެކަމަކު ޚިޔާލަށް ނުގެނެވޭހާ ބާރުގަދަ ބަޔަކާއި ކުޅެން ތިއުޅެނީ. އަހަރެމެނާއި ނުކުޅެވޭނެ. ދުރުން އުޅޭތީ. އަހަރެމެންނަށް އުދަގޫކުރަންޏާ ތެޅިގެން ދާނީ ހަމައެކަނި ލައިޓެއްނޫން އިގޭ............" ބަރު އަމުރުވެރި އަޑެކެވެ. އެ ދެލޯވެސް ވިދާލިހެން ހީވިއެވެ. ފަރުޒާނާގެ ފިޔަވަޅުތައް ހުއްޓުނެވެ. ހަށިގަނޑުގައި ވާހާލޯލިތައް ކޮޅަށް ޖެހިގެން ދިޔައެވެ. ދޫވެސް އައްސިވިއެވެ. ފައި ހަރަކާތެއް ނުކުރިއެވެ. ގަނޑުވެފައިވާ ބުދެއްފަދައިން އަނގަހުޅުވިފައި އެ ނުރައްކާތެރި ދެލޮލަށް ބަލަހައްޓައިގެން ހުރެވެނީއެވެ.
ނުރައްކާތެރިގޮތަކަށް ކަޅިއަޅާލުމަށްފަހު އެ ޒުވާނާ ދާން ހިގައިގަތެވެ.

ފަރުޒާނާއަށް ހަމަހޭވެރިކަން އައުމުން ވިސްނުނީ އެ " ވެމްޕަޔަރ" އެ ދިޔައީ އޭނަގެ ސިކުނޑި ހިނދުކޮޅަކަށް ނަމަވެސް ކޮންޓްރޯލް ކުރުމަށްފަހު ބާރު އަންގާލަދީފާކަމެވެ. ފަރުޒާނާގެ ލޭ ކެކިގެން ދިޔައެވެ.

" އޭ ޒުވާނާ.....މަޑުކޮށްބަލަ.........." ފަރުޒާނާ ދުވެފައި އައިސް ކުޑަދޮރުން ބޭރުބަލަންފެށިއެވެ. އެ ޒުވާނާގެ އެއްވެސް ހިލަމެއް ނެތެވެ. އެކަމަކު ހުދުމާތަކުން ބަރާވެފައިވާ ބޯގަންމާގަސް ކުޑަކޮށް ހަލުވާލެވުނުހެން ހީވިއެވެ. އެކި ދިމާލަށް މާތައް ބުރައިގެން ދިޔައިރު ހީވީ ޚަރީފު މޫސުމްގެ މަންޒަރެއް ކުރިމަތިން ސިފަވެގެން ދިޔަހެނެވެ. ފަރުޒާނާ ބުނާނެ އެއްޗެއް ނޭގިފައި ހުއްޓާ ކުއްލިއަކަށް އެ ގަސް މުލުން ލުހެލާފައި ކުޑަދޮރާއި ދިމާލަށް ހޫރުވާލައިފިއެވެ. ގަހުގެ ގޮފިތައް ދޮރުގައި ކޭއްތިގެން ދިޔަނަމަވެސް ނަސީބަކުން ދޮރު ތެޅިގެނެއް ނުދިޔައެވެ. ފަރުޒާނާ ގަތް ބިރުން އަވަސްއަވަހަށް ކުޑަދޮރު ލައްޕާލާފައި ތަންޑުތައް އަޅުވާލައިފިއެވެ. 

އެއީ އިންސާނެއްގެ ސިފައިގައިވާ ނުރައްކާތެރި މަޚުލޫގެއްކަން ފަރުޒާނާ ވަގުތުން ދެނެގެންފިއެވެ. ކުރިއްސުރެ މިގެއިން ފެންނަ އަލިކޮޅުތަކާއި ހިޔަނިތަކުގެ އަސްލަކީ މިއީތާއެވެ. އެންމެ ފަހުން ފަރުޒާނާއަށް ދިމާކުރިމަތިން ފެންނަންފެށީއެވެ. ގެދޮރާއި މުދަލަށް ގެއްލުންދޭން ވެސް ގަސްތުކުރީއެވެ. އެމީހުނަށް އުދަގޫ ކުރަނީ އެ އެބުނީ ކޮން މާނައެއްގައި ހެއްޔެވެ؟ އިހަށް ދުވަހު ބަގީޗާއިން ރަތްމާތަކެއް އަޅާ ގަހެއްކަނޑާލީމަހެއްޔެވެ؟ އެ ގަސްކަނޑާލީ ފާޑެއްގެ ބައްޔެއް ޖެހިގެން ގަސް މަރުވާންފެށުމުންނެވެ. ކިހާ ހެއްވާކަމެއްހެއްޔެވެ؟ އުދަގޫކުރަނީއޭ ކިޔާއިރު އެމޮޔަގަނޑަށް ހަމަ ނޭގުނީހެއްޔެވެ؟ އެ ގަހުގައި ޖަގަހަ ހަދައިގެން ލޮލަށް ނުފެންނަ އެއްޗެހި ދިރިއުޅޭކަން އެގެން އޭނައަކީ ވަލީވެރިއެއްނޫނެވެ. ފަރުޒާނާ އެ މަޚުލޫގަކާއި ދިމާލަށް މިހެން ނުބުނެވުނީތީ ދެރަވިއެވެ. ހިނިވެސް އައެވެ. ރީތި އިންސާނެއްގެ ސިފަޖެހިގެން އަޔަސް ސިކުނޑީގައި ހަމަ ތެތްކަމެއްނެތީއެވެ.

މިރެއިން މިރެއަށް ވެސް ފަރުޒާނާ ފަންޑިތަވެރިއެއްގެ އެހީ ބޭނުމެވެ.
ހަމައެކަނި އޭނާ ނައްތާލާނީ މިގެއިން ފެންނަ މަޚުލޫގުންނެއްނޫނެވެ. އޭނަގެ ދަރިފުޅު ޖީނާގެ ގާތިލަށް ވެސް އިބުރަތަކަށް ވާވަރުގެ ސަޒާއެއްދޭނެއެވެ. ފަރުޒާނާގެ ލޮލުން ފެނިގެން ދިޔައީ ނުރައްކާތެރި ވިދުވަރެކެވެ. އޭނާ މޮބައިލް ނަގައިގެން ނަމަބަރުތަކަށް ފިތަން ފެށިއެވެ.
އައިސްގޭޓް ހޮސްޕިޓަލްގެ ކެފޭތެރެ މިގަޑީގައި ފުދޭވަރަކަށް ހަލަބޮއްޔެވެ. ގިނައީ ދެ ޖިންސްގެ ޒުވާނުންނެވެ. އައިސްގޭޓް ގެ މުވައްޒަފުންވެސް ސައިގަޑިވީމާ ކޮންމެވެސް އެއްޗެއްކާލަން ވަދެ މޭޒުދޮށުގައި ނުވަތަ ކިޔޫގައި ތިއްބެވެ.
އީނާއާއި އެކުވެރި ކުދިންކޮޅެއް އެންމެ ކަނުގައި ހުރި މޭޒުން ޖާގަ ހޯދާލައިގެން ސައިބޯން ތިބިއިރު މުޅިން ވެސް ދެކެވެމުން ދިޔައީ ދާނިޝް، އަލީޒާ އަދި ޝާހާން، ޝައުނާ ގެ ކައިވެނީގެ ވާހަކަތަކެވެ. އެ ކައިވެނީގެ ދައުވަތު ކާޑު ހެދުނު ލިބުނީއްސުރެ އެނޫންކަމަކާއި މެދު ޚިޔާލެއް ނުކުރެވެއެވެ. ހުރިހާ ކުދިންގެ ހިތުގައި ވަނީ ހަސަދައިގެ އަލިފާން ރޯވެފައެވެ. ކޮންމެ އަންހެން ކުއްޖަކުވެސް ހިތާހިތުން އެދެމުން ދިޔައީ އަލީޒާ ނުވަތަ ޝައުނާ ގެ މަގާމު ހޯދުމަށެވެ. ޚާއްސަކޮށް އަލީޒާ ފަދަ ރިސެޕްޝަނުގައި އުޅޭ ކުއްޖަކަށް ދާނިޝް ކާމިޔާބު ކުރެވުމަކީ ގަބޫލުކުރެވޭވަރުގެ ކަމަކަށް ނުވަނީއެވެ.
ބޭރުފުށުން އުފާވެރިކަން ފާޅުކޮށް އަލީޒާއަށް ގުޅައިގެން ދިމާކުރީ ހަމައެކަނި މަތިއޮމާންކޮށްލުމަށެވެ. ހިތް ސާފީ ހަމައެކަނި އީނާގެ އެވެ. އަލީޒާއަކީ އީނާގެ އެންމެ ގާތް އެކުވެރިޔާއަށް ވީތީ އަލީޒާއަށް ލިބޭ ކޮންމެ އުފަލަކީ އީނާ ދެކޭ ގޮތުގައި އޭނައަށް ވެސް ލިބޭ އުފަލެކެވެ. 
" އެލީވެސް ދެން ހާދަ ގޮތްބޮޑުވެއްޖެ. އަހާއަހާވެސް ނުބުނި ހަނީމޫނަށް ދާނެ ތަނެއް. ރަގަޅަށް އިގޭނެ އެކަމަކު ކީކޭ ބުނާނީ...... އެލީފަދަ ރަގަޅު ކުއްޖަކުވެސް ފޮނިނުވާނެވަރެއް ނޫނިއްޔާ. ދުނިޔޭގައިވެސް ދާނިޝްހާ ފޮނި ފިރިހެނަކު ހުންނާނެކަމެއްނޭގޭ.. އޭނައާއިއެކު އުޅެވޭމީހެއްގެ ގަޔަށްވެސް އެ " ފޮނި ވައިރސް" އަރަނީކަމަށް ވާނީ. އަހަރެމެނާއި އަގައިން ބުނެފިއްޔާ އޭނާ ގެ މަގާމު ދަށްވެދާނެއޭ ހީކުރަނީކަން ނޭގޭ. އެނީވޭއިސް ވަރަށް އުފާވޭ އަހަރެމެން ގެ ފްރެންޑަށް މުއްސަދި ބައިވެރިޔަކު ލިބުނީމަ......." މިޝާގެ ހިތުގައިވާ އެއްޗެހި ކިތަންމެ ގިނަޔަސް ދުލުން ފާޅު ކުރީ އޭގެ ތެރެއިން ދެތިން ބަހެވެ.

"އެއުޅެނީނު ރާހިލް. ދާނިޝްގެ ބައްޕައަށް ވުރެ ޑޮކްޓަރ ސައްފޫރު މާމުއްސަންޖޭ ކިޔާ އަޑު އިވޭ. ހުރި އެންމެ ދަރިފުޅު. ކިހާ ސްމާޓް. ކިހާ ހިތްތިރި. އޭނަ ހިތްކިޔަނީ މިޝާ ފަދަ ދޮންކުދިންނަށް. ބޮޑާ ފިރިހެންކުއްޖެއްގެ ފަހަތުން ނޫޅެ މިކަން ކާމިޔާބުކޮށްބަލަ.....މިޝާއަށް ވާނެ......" ރާހިލް ކެފޭއަށް ވަންތަން ފެނުމުން އައިފާ މިޝާގެ އަތުގައި ވިކައިގަތެވެ.

ވަރަށް ގިނަ އަންހެންކުދިން ގެ ލޯތައް އެދިމާލަށް ހުއްޓުނެވެ. މިޝާވަގުތުން ފަރިވެލިއެވެ. އެއްފައި މައްޗަށް އަނެއްފައި ލަމުން އަވަހަށް ޓިޝޫއަކުން އަނގަމަތި ފޮހެލިއެވެ. ހަށިގަނޑު ސީދާކޮށްލިއެވެ.

އީނާގެ މޫނުމަތީގައި ވާހާ ހިނިތުންވުމާއި ހިތްހަމަޖެހުމުގެ ކުލަވަރު އޮއްސިގެން ދިޔައެވެ. މައުމޫން ގެ ރީތި ޒުވާން ތިން ފިރިހެންދަރިން މީހުނާއި އިނުމުން އަންހެންކުދިން ގެ އަމާޒަކީ ރާހިލްކަން އީނާ ދަނެއެވެ. އެކަމަކު މިޝާމެންފަދަ އެކުވެރިންވެސް ފާޅުގައި ރާހިލް ކާމިޔާބުކުރާ ވާހަކަ ދައްކަން ފެށުމުން ހިތްވަރު ގެއްލި ހިތުގައި ވާ ވޭން ދެގުނަ އިތުރުވިއެވެ. އެންމެ ދެރައީ ރާހިލް ގެ އެ "އެކުވެރި" ކަމާއި "ހިތްހެޔޮ"ކަމެވެ. އެ ސިފަތަކަކީ އަންހެންކުދިން އޭގެ މާނަ ނުބައިގޮތުގައި ނަގާފާނެ ދެ ސިފައެވެ. އޭނަގެ ހުރިހާ އަންހެން ރަހުމަތްތެރިންނަށް އެކަމުގެ ސަބަބުން އޮޅޭގޮތްވެއެވެ. ކޮންމެ ކުއްޖަކަށް ހީވެފައި އޮންނަނީ ރާހިލް ރުހެނީ އޭނައާއިކަމަށެވެ. އެހެން ހީނުކުރެވެނީ ހަމައެކަނި އީނާއަށެވެ. 
އީނައަށް އެބުރި ބަލާލެވުނީ ބޭއިޚުތިޔާރުގައެވެ. އެއާއިއެކު ރާހިލްއާއި ހަތަރުކަޅިހަމަވިއެވެ. ރާހިލް ވަގުތުން ދުރުބެލިއެވެ. އެ ހަރަކާތުން އީނާގެ ހިތް މުޅިން ކުދިކުދިކޮށްލައިފިއެވެ. އެއީ އެ އުފާވެރި ރާހިލް ގެ ފަރާތުން މިވީހާތަނަށް ނުފެންނަފަދަ ދުރުހިލޭކަމެކެވެ.
އެވީކިހިނެއްހެއްޔެވެ؟ ރާހިލް އޭނަދެކެ އެހާ ރުޅިއައީ ކީއްވެބާވައެވެ.
އެވަގުތުކޮޅު ފަނާ ދުމެއްޖެހިހެން ވަދެގެން އައިގޮތަށް ރާހިލް ގެ އަތުގައި ހިފެހެއްޓިއެވެ. ފަނާ ހީލާފައި ކޮންމެވެސް އެއްޗެކޭ ބުނުމުން ރާހިލް ވަގުތުން ފަނާއާއިއެކު ކެފޭއިން ނުކުމެގެން ދިޔައީ ދެވަނަފަހަރަށް އީނާ އާއި ދިމާލަށް ބަލައިވެސް ނުލައެވެ. ހިތުގައިވި އުއްމީދުގެ އެންމެ ފަހު ދޯދިވެސް ނެތިގެން ދިޔައީއެވެ. އީނާ ކިތަންމެ ކެތްކުރިނަމަވެސް ލޯ ތެމުނެވެ.

" މިޝް... ދެން ތިވަރަށް ތުއިނުވެބަލަ.. އެދިޔައީނު ބިޓު ގޮވައިގެން.." ސަލްވާ ބާރަށް ހީގަތެވެ.
މިޝާ ރުޅިގަދަވި ވަރުން ލޯވަށްކޮށްލިއެވެ.

"އެ ފޮނި ފަނާއަށް ކުޅި ދައްކާލާނަން. ހުނ ދެން ރާހިލްއަކާއި ނުވެސް ގުޅޭ. ކުޑަކުޑަ ކަށްޓަފުޅެއް. ފިރިހެނަކު ފެންނައިރަށް ތަތްލަވާވައްތަރު އެއީ. އަސްދޫނި ރަނޑު ހިގުމެއްގައި ވަދެގެން އައިގޮތަށް އަމިއްލަ މިލްކު މުދާގަނޑެއްހެން ރާހިލް ގެ ގަޔަށް ބޮލަށް އަރައިގަތީމަ އަހަރެމެން ހުރިހާ ލަދެއްގަތީ. ގަބުޅިހެން ހީވާ ދެލޯ އިނީމަ މާރީތި މީހެއްހެން ހީވީތަ؟ އެދެލޯ އިންނަނީ ފުންމަން ތައްޔާރަށް. ދިހައިންޗީގެ ފުންނާބު އުސްފައިވާނަކަށް އަރައިގެން ކިރިޔާ ރާހިލްގެ އުނަގަނޑާއި ހަމަޔަށް ފޯރަނީ. ހުވާކޮށްފައި މިބުނީ އެ ފަނާއަށް ނުކެރޭނެ އަހަރެން ދިރި އިންދާ ރާހިލް އާއި އިންނާކަށް.......ފަނާ ފަނާކޮށްލާނަން.. މައިންބަފައިން ދިނީވެސް ހަމަ އެ މަންޖެއާއި ނިކަން ގުޅޭނަމެއް. ހަލާކު.....ހީހީ....." މިޝާ ހިތަށް އައިހާ އެއްޗެއްކިޔަން ފެށުމުން އޭނަގެ އެކުވެރިން ހޭންފެށިއެވެ.
އީނާއަށް މިއީ އާކަމެއްނޫނެވެ. ތަނަށް ވަންނަ މީހުނާއި ފޮށުމާއި މަލާމާތްކުރުން އަދި ފާޑުކިޔަން މިޝާއާއި އޭނަގެ އެކުވެރިން އުޅެނީ ވަރަށް ކުރީގައެވެ. ކަޅު ހެދުންލައިގެން ހުރިމީހެއް ނުވަތަ ތުނބުޅި ހުރި ފިރިހެނަކު ފެނިއްޖެއްޔާ މިޝާމެން ޖޯކުޖަހާލެއް ވަކިން ބޮޑެވެ. މިފަދަ ކޮންމެ ވަގުތަކު އީނާއާއި އަލީޒާ ތިބެނީ ހިމޭނުންނެވެ. މި ތަހުޒީބުކަމަށް ދަޢުވާކުރާ އަންހެންކުދިން ގެއުޅުމާއި އަޚުލާގު ހުންނަގޮތުން އީނާމެން ކިތަންމެވަރަކަށްވެސް ފޫހިވެއެވެ. އެހާބޮޑަށް ގާތްކަން ނުބޭއްވޭ އެންމެ ބޮޑު ސަބަބަކީވެސް އެއީއެވެ.
އީނާ އަލީޒާގެ މަތިން ވަރަށް ބޮޑަށް ހަދާންވާންފެށިއެވެ. ހިތުގައިވާ ހިތާމަތައް ހިއްސާކުރެވޭނެ ފަރާތެއް އެނޫނީނެތެވެ. ހިތާއި ސިކުނޑިއަށްލުއިވާނީވެސް އޭރުންނެވެ.
އީނާ ސައިބޮއި ނުމުނުތަނާހެން އަލީޒާ ގުޅިއެވެ. ހަވީރު ސަޔަށް ދައުވަތު ދިނެވެ. އަލީޒާ ގެ އެ ހިތްހެޔޮ އަޑު ކަންފަތުގައި ޖެހުމާއިއެކު އީނާ ރާހިލް ގެ މަތިންވެސް ހަދާންނެތުނެވެ. ހިތަށް ހަމަޖެހުން ލިބުނެވެ. ދެކުދިންވެސް އެކަކު އަނެކަކާއި ހިއްސާކުރަންޖެހޭ ބައިވަރު ވާހަކަތައް އެބަހުއްޓެވެ. ދެތިންގަޑިއިރަށް ދެކުދިން އެކަނިވެލައިގެން އަގަތަޅާލަން ބޭނުންވިއެވެ.

ދާނިޝްވެސް ނިންމާފައިވަނީ ސަޔަށްފަހު ދާނިޔާލްމެނާއި އެކީ މޫދަށް ރާޅާއަޅަން ދިޔުމަށެވެ. ދެކުދިންގުޅުނުފަހުން އާއިލާ މީހަކާއި އެކީވެސް ވަގުތު ހޭދަކުރެވޭލެއް މަދުވެފައިވާވަރުންނެވެ. ދުވަސްވޭތުވަމުން ދާވަރަކަށް އެކަންތައް ހަމަޔަކަށް އެޅި އެންމެން ގުޅިގެން އެކި ޕްރޮގްރާމްތައް ރާވާ އުފަލާއި މަޖަލުގައި ހަޔާތްވޭތުވެގެންދިޔުމަކީ ދާނިޝް ވެސް އެދޭގޮތެވެ. ކާވެނީގެ ކުރީކޮޅު ކޮންމެ ދެމަފިރިޔަކުވެސް ބޭނުންވާނީ އެކަނިވެރިކަމެވެ. ކޮޓެޖް ގައި އުޅުމުން ދާނިޝްމެނަށް ވަނީ އެ ހުރިހާ ފުރުސަތުތައް ތަނަވަސްވެފައެވެ. ގޭގައިވެސް ހަނީމޫން ހެދިފައެވެ. އެ ކުޑަ ރީތި ދުނިޔޭގައި އިންސާނުންނަށް ލިބޭނެ އެންމެ ފުރިހަމަ އުފާތަކާއި ހިތްހަމަޖެހުން ހޯދަމުން ލޯބީގެ މަތިވެރިކަންތަޖްރިބާކުރަމުން ދެމަފިރިން ދިޔައެވެ.

އަލީޒާ ގެ ގެއަށް ވަދެވުމުން އޭނަގެ ފިޔަވަޅުތައް މަޑުޖެހިލިއެވެ.

 

ކޮމެންޓް 0