އަލީޒާ ހުރީ ހުއްޓުން އަރާފައެވެ. ދާނިޝް އަކީ މޮޔައެއްހެއްޔެވެ؟ ނަފްސާނީމައްސަލައެއް އުޅެނީހެއްޔެވެ؟ މަލްޓިޕްލްޕާރސަނެލިޓީ ޑިސްއޯރޑަރ ހުންނަ ޒުވާނަކު އުޅޭ ވާހަކައެއް އޭނަ ވަނީ ކިޔާފައެވެ. މިއީ އެކަހަލަ ބައްޔެއް ޖެހިފައިވާ ޒުވާނެއްބާވައެވެ. އިންތިހާ ދަރަޖައިގެ ރީތި ފުންމިން ނޭގޭފަދަ ފެހިކުލައިގެ ލޮލުން އަލީޒާ އަށް މިވަގުތު ފެނުނީ އޯގާތެރިކަމެވެ. ދާނިޝް ބުނީ ދޮގެއް ނޫނެވެ. އޭނަގެ ފުރާނަ ފަދަ ލޯބިވާ ލޯބިވެރިޔާ އެއްވެސް ވަރަކަށް ދަސްވެފައެއްނެތެވެ. އެނގެމުންދާ ވަރަކަށް މިދަނީ އޮޅުންބޮޅުންގަޑެއްގެ ތެރެއަށް ވަދެވެމުންނެވެ
އަލީޒާ ގެ ލޯ ކަރުނުން ފުރެން ފެށިއެވެ. ޝައުނާ ޝާހާންއަށް ބަލައިލީ ޝައްކުގެ ނަޒަރަކުންނެވެ. ޝާހާން އިންކާރު ކުރިނަމަވެސް އަލީޒަ ދެއްކި ވާހަކަތައް ގަބޫލުކުރެވޭގޮތްވިއެވެ.

"މިއީ ވަރަށް ބޮޑު އޮޅުމެއް. އަސްލު އަޅުގަޑަކީ..........." ދާނިޝް ބުނަން އުޅުނު ޖުމްލަ މެދުކަޑާލާފައި އޭނަ ލާނެއްގޮތަކަށް ހިނިތުންވެލަމުން ކެންޓީނަށް ވަންނަން ހުރި ދޮރާއި ދިމާލަށް ބަލަން ފެށިއެވެ. ހީވާ ގޮތުގައި ދަންނަ މީހަކު ފެނުނީއެވެ. ޝައުނާ ވެސް އެނބުރި ބަލާލިގޮތަށް ލޯބޮޑުވިއެވެ. ކެންޓީނުގައި މިވަގުތު ތިބި އެންމެންހެން އެހާ ޝަވްގުވެރިވީ ސަބަބެއް ބަލާލަން ބޭނުންނުވި މީހަކީ އެކަނި އަލީޒާއެވެ.

"އެކްސްކިއުޒްމީ........." ފަހަތުން ދާނިޝް ގެ އަޑު އިވުމުން އަލީޒާ ސިހިފައި އެބުރިބަލާލިއެވެ.
"އަލީޒާ ފެއިންޓް ނުވާތީ. ހީވަނީ ހަމަ މޮންސްޓަރއެއް ފެނިފައި ބިރުން ހުރިހެންނޭ.........." ފަހުން އައި ދެވަނަ ދާނިޝް ހުރީ ނުރަސްމީކޮށެވެ. އަޅިކުލައިގެ ޓީޝާޓަކާއި ޖިންސް ޖެކެޓަކާއި އެކީ ހެޑްސެޓް ކަންފަތުގައި އަޅުވާލައިގެންނެވެ. ލޮލުގެ ކުލައާއި އިސްތަށިގަނޑުގެ ސްޓައިލް ފިޔަވާ މިދެޒުވާނުން ގެ މޫނުގައި އެއްވެސް ތަފާތެއްނެތެވެ. ހީވަނީ ހަމަ އެކެއްހެނެވެ.
"ޝޭން ޑިޔުޓީ އަށް އައީމާ މިހެންވާނެކަން އަހަންނަށް އެގޭ. .ޝޭން ކާރީގައި ނުބުނެވުނެ ވިއްޔާ. އަލީޒާ. މއީ އަހަރެންގެ ޑާލިން ބްރޯ ޝާހާން..." ފަހުން އައި ދާނިޝް ޝާހާން ގެ ކޮޑުގައި އަތް އަޅުވާލަމުން އޭނަ އާއި ކާރީގައި އިށީނެވެ. 

"ނޮޓް ޖަސްޓް އެ ބްރަދަރ. ޓްވިން ބްރޯ އެންޑް ބެސްޓްފްރެންޑް.........." ޝާހާން ދާނިޝް ގެ ގައިގާ ހިފައިގަންނަމުން ސަމާސާ ގޮތަކަށް ބުންޏެވެ. ހިނދުކޮޅަކަށް ނަމަވެސް އެއުޅުނު ގޮތުން އެދެބެއިން ގެ ގާތްގުޅުން އެތާތިބި އެންމެނަށް އިހުސާސް ކުރެވުނެވެ.
"ޓްވިންސް. ވޯވް. ކޫލް. އިސްތަށިގަނޑާއި ލޮލުގެ ކުލަ ފިޔަވާ އެއްވެސް ތަފާތެއްވެސް ނެތް. އިންކްރެޑިބަލް. ﷲ ގެ ކުޅަދުންވަންތަ ކަން........." ޝައުނާ ގެ މޫނުގައިވި ހައިރާންކަމާއި ނުތަނަވަސްކަން ކެނޑި ޖޯޝާއި ފޯރި އެކުލެވޭ އަޑަކުން ބުނެލިއެވެ. އޭނަ އަށް ޝަހާންގެ އިތުބާރު ނުގެއްލުނީ ހަމަ ކިރިޔާއެވެ. މިއީ ކޮންފަދަ ބޮޑު އިއްތިފާގެއް ހެއްޔެވެ؟ ނުހަނު ރީތިކޮށް ހައްލުވީއެވެ.
"އަލީޒާ. ޕްލީޒް ހޭވް އެ ސީޓް..." ޝަހާން އެދުނެވެ.
ޝާހާން ދާނިޝް އަށް ޝައުނާވެސް ތަޢާރަފުކޮށްދިނެވެ. މިއީ ދާނިޝް އާއި ގުޅުވަން ފަނާ މަސައްކަތް ކުރި އަންހެން ކުއްޖާ އެވެ. ތެދެކެވެ. ދާނިޝް އަށް ވެސް ކަމުދާފަދަ ރީތިކަމަކާއި އަޅައިގަންނަފަދަ ގޮތެއް އެބަހުއްޓެވެ. އަޅިފެހިކުލައިގެ ލޮލަށް އަލި އެޅޭގޮތުނެ ބައެއްފަހަރު ނޫކުލަވެސް އަރައެވެ. ހަރުދަނާ ގޮތް ހުރި ކެރޭ އަންހެންކުއްޖެއްކަން މޫނު މަތިން ދައްކުވާދެއެވެ. ޝާހާން އާއި ޝައުނާއަކީ ގުޅޭ ޖޯޑެއް ކަމަށް ދާނިޝް ގަބޫލުކުރިއެވެ.
"އަޅުގަނޑަށް ވެސް ނޭގި އޭރު އެހެން ބުނެވުނީ. ވަރަށް ބޮޑަށް ސޮރީ........" އަލީޒާ ގެ މުޅި އުމުރުގައިވެސް މިހާ ބޮޑުލަދެއް ނުގަނެއެވެ. ދާނިޝް އާއި ކުރިމަތީގައި ހުރި ގޮނޑީގައި އިށީންނަން ޖެހުމުން އިތުރު ލަދުވެތިކަމެއް އިހުސާސް ކުރެވުނެވެ. ލަދުން މަރުވެދާނެކަމަށް ހީކުރެވުނެވެ. ފިނިކޮށްފައިވާ ތަނަކަށްވި ނަމަވެސް އޭނަގެ ނިތްކުރިގައި ދާ ތިކިތައް ވިދަން ފެށިއެވެ. ކޯތާފަތް ވަނީ މުޅިން ރަތްވެ އަނގުރު އަލިފާންކުލަ އަރާފައެވެ. އެކަމަކު އިރުކޮޅަކުން ފާޑެއްގެ ފޮނި މީރުކަމެއް ހިތަށް ވެރިވާން ފެށިއެވެ. ކަނޑެއްގައި ގެނބެމުން ދަނިކޮށް ސަލާމަތްވުމުން ލިބޭނެ ފަދަ ހިތްހަމަޖެހުމެއް ހިތަށް ވެރިވިއެވެ. ހިތްހަމަޖެހުމުގެ ނޭވައެއް ދޫކޮށްލާފައި އަލީޒާ ކޮފީ ތަށިން ކޯވަރެއް ދަމާލިއެވެ. ފަނާ އަށް ނާކާމިޔާބު ވެއްޖެއެވެ. މިވަގުތު ފަނާ އަންނާނެނަމައެވެ. އެމޫނަށް ވެރިވާ ކުލަ ދެކެން އޭނަ ބޭނުމެވެ.

"އެއީ މާފަށް އެދޭވަރުގެ ކަމެއްނޫނޭ. އަހަރެމެންގެ އުމުރުން ފަންސަވީސް އަހަރު ވީއިރުވެސް ފެމިލީ މީހުނަށްވެސް ވަކިކުރާކަށެއް ނޭގުނު. އަލީޒާ އަށް ވަކި އެގޭނެތަ؟ ކޮލެޖްގައި ކިޔެވިއިރު އަންހެންކުދިންނާއި ޓީޗަރުން ވެސް ހައްދާލެވޭ...." ޝާހާން ގެ މިޒާޖުގައި ލާނެއްގޮތެއް ހުންނަކަން ޔަގީނެވެ. ލޮލުގައި އެފަދަ ވިދުވަރެއް ހުއްޓެވެ. އޭނަ އަދިވެސް އިނީ ދާނިޝް ގެ ކޮނޑުގައި އަތް ބާއްވާލައިގެންނެވެ.
"ރިއަލީ؟ ޓްވިންސް އިންވީމާ މަޖާކޮށްލެވޭވަރު އެނގިއްޖެ. މިހުރިހާ ދުވަހު ޑިޔުޓީ އަށް ވެސް ދުރުވީ އެކަހަލަ ގޮތަކަށް ކަމަށް ވާނީ ދޯ އެލީ. އެއްދުވަހު ޑޮކްޓަރ ދާނިޝް. އަނެއް ދުވަހު ޑޮކްޓަރ ޝާހާން. ފަސޭހަ ގޮތެއް. އަޅެ. އަޅުގަނޑުގެ ވެސް ޑަބަލް އެއް ހުރިނަމަ. ޔޫ ގައިސް އާރ ލަކީ........." ޝައުނާ ގެ މޫނުމަތިން ޖެހިލުންވުމުގެ ކަންފުޅެއްވެސް ނެތެވެ. ޑޮކްޓަރަކަށް ވީމާ އަމިއްލަ ނަފުސަށްކުރާ އިތުބާރު ހާދަ ބޮޑެވެ. އެކަމަކު އަލީޒާ މިއިނީ މަންމަނެއްފަދައިން ހިމޭނުންނެވެ. އަނގަހުޅުވާލާނެ ހިތްވަރެއް ނެތިފައެވެ. ޝައުނާ ފަދައިން ކިތަންމެ ވާހަކަ ދައްކަން ބޭނުން ވިޔަސް އަމިއްލަ ނިކަމެތިކަން ހަމަ ހިތަށް ގެނެވެނީއެވެ. ތިން ޑޮކްޓަރުންނާއި އެކީ ރިސްޕްޝަނިސްޓަކު އިނުމަކީ ރީތިކަމެއްބާވައޭ ހިތަށް އަރަނީއެވެ. ހާދަ ދެރައެވެ. އޭނައަށްވެސް ކިޔެވުމުގެ ފުރުސަތު ލިބޭނެނަމައެވެ. ޑޮކްޓަރަކަށް ވެވޭނެނަމައެވެ.
ޝާހާން އޭނަ އާއި ބެހޭގޮތުން ކޮންމެ ވެސް ވަރަކަށް ކިޔާދިނެވެ. ޝާހާން އަކީ ވެސް ނިއުރޯސާރޖަން އެއްކަމަށާއި ދާނިޝް އާއި ދެމީހުން ވައްތަރީ ހަމަ އެކަނި ސިފަ ނޫންކަމަށާއި މިޒާޖާއި އުޅުން ވެސް ދާދި އެއްގޮތްވާނެ ކަމަށް ޝަހާން ކިޔާދިނެވެ. ދިމާވި ނުރައްކާތެރި އެކްސިޑެންޓެއްގައި ނުހިނގި ދުވަސް ތަކެއްވި ކަމަށާއި އޭނަ އަށް ރަގަޅު ވުން އެއީ މިރެކްލްއެއް ކަމަށް ދެކޭކަމަށް ބުނެލޮއެވެ. ރޭގައި ތެދުވާން އުޅުމުން ހިނގައިގަނެވުނު ކަމަށާއި އޭނަ ވެސް ހައިރާންވި ކަމަށެވެ. ބޭރުގައި އުޅުނުއިރު ވަރަށް ނުރައްކާތަކާއި ކުރިމަތިލާ ހިތްވާކަމަށާއި ދާނިޝްއާއި ދާނިޔާލް އަދި އޭނަގެ ހުރިހާ ހޮބީ ތައް ވެސް ޗެލެންޖިން ވާނެ ކަމަށް ބުނެލީ މާނަވީ ހިނިތުންވުމަކާއި އެކުގައެވެ. ފްލައިން ،ރޮކްކްލައިމްބިން ،ސާރފިން، ސްކައިޑައިވިން، ކޭމްޕިން ފަދަ ގިނަ ކަންތައްތަކަށް ވަރަށް ފޯރިހުންނަކަމަށާއި ރާއްޖެ އައުމުން އެކަންތައް އެހާ ފަސޭހައިން ކުރަން ނުލިބޭތީ ދެރަވާކަމުގައިވެސް ބުނެލިއެވެ. ޝާހާން ގެ ވާހަކަ ހުރިގޮތުން ޝައުނާ އާއި އަލީޒާވެސް ތިބީ ވަރަށް ބޮޑަށް ޝަވްގުވެރިވެފައެވެ. ޝައުނާ ވަރަށް ގިނަ ސުވާލު ކުރިއެވެ. ދާނިޝް ވެސް ދޭތެރެއަކުން އެއްޗެކޭ ބުނެލައެވެ. އަލީޒާ އިނީ ފާޑަކަށް ބާކީވެފައެވެ. އެކަން އިހުސާސްކުރެވިގެން ޝާހާން އަލީޒާ އަށް އަމާޒުކޮށް އެއްޗެކޭ ބުނެލައެވެ. އެކަމުން ވެސް އަލީޒާ އަށް ޝާހާން ގެ ހިތްހެޔޮކަމާއި އޯގާތެރިކަން އެނގުނެވެ.
ކޮފީ ނިންމާލީ މިރޭ ހަތަރު ޒުވާނުން ޑަބަލްޑޭޓަކަށް ރެސްޓޯރެންޓަކަށް ދާން އެއްބަސްވެފައެވެ.
ކޮފީ ނިންމާލާފައި އެމީހުން ނުކުމެގެން ދިޔައިރު ޝާހާން އާއި ޝައުނާ ތިބީ ތަންކޮޅެއް ކުރީގައެވެ. ދާނިޝް އައީ އަލީޒާ އާއި އެއްވަރަކަށް ހިނގާލާފައެވެ.
"ހާދަ ސަޅި ކަޕްލްސް ތަކެއްދޯ. ހީވީ ޓްވައިލައިޓް މަންޒަރެއް ފެންނަހެން......އާވް...." މޭޒެއްގެ ދޮށުގައި ތިބި ސްޓައިލިޝް އަންހެން ކުދިންކޮޅެއް ލަދެއްނެތި ދާނިޝްމެންނާއި ބެހިލިއެވެ. 
އަލީޒާ ގެ މޫނުމަތީގައި ވާ އުފާވެރިކަން ދެގުނަ އިތުރުވިއެވެ. އޭނަގެ ފުރާނަފަދަ ލޯބިވެރިޔާގެ މޫނަށް ބަލާލެވުނީވަރަށް ލޯބިންނެވެ. ހިތް އެދުނީ އެމޫނުގައި ބީހިލުމަށެވެ. އަތުގައި ހިފާލުމަށެވެ. ދިގު އިނގިލިތައް އެކުލެވޭ ބާރުގަދަ އަތުގެ ހިމާޔަތް އަދި އެއްފަހަރު ތަޖުރިބާކޮށްލުމަށެވެ. ކުރީދުވަހުގެ އެ ރީތި ހަނދާން އަދިވެސް ސިކުނޑީގައި ތާޒާކަންމަތީގައި ވެއެވެ.

"ވަރަށް ހިތްހަމަޖެހިފައި ދޯ. އަލީޒާ ބޭނުން ގޮތަށް ވީނު..." ދާނިޝް މަޑުމަޑުން ބުނެލިއެވެ.
"ތި ބުނުއްވި އެއްޗެއް ނޭގުނު...." އަލީޒާ ލޯ ބޮޑުކޮށްލިއެވެ.
"މިރޭ ކޮޓެޖް އަށް ދިޔުން ކެންސަލްވީމާ. ހީވާގޮތުގައި ދެން އަބަދު ޑަބަލްޑޭޓް އޮންނާނީ. އެކަމަކު އެއްރޭ ކޮޓެޖް އަށް ދާންވާނެދޯ. އޭރުން ތިއީ ހިތްވަރުގަދަ ކުއްޖެއް ކަމަށް ގަބޫލުކުރާނަން........" ދާނިޝް ކެންޓީނުން ނުކުމެ މަޑުކޮށްލީ އެހިސާބުގައިވާ ގަހެއްގެ ހިޔަލުގައެވެ. ހެޔޮފަރަކަށް ވައިޖެހެމުން ދެއެވެ.
އަލީޒާ ލަދުރަކިގޮތަކަށް ހީލަމުން ހެދިބިލެތްގަނޑު ދާނިޝް އަށް ދިއްކޮށްލިއެވެ. ޢޭނަ އަނގަޔަށް އެތިކޮޅެއް ލާފައި ހަފަން ފެށިއެވެ. މިރަން އަވީގައި އަލީޒާ ގެ މޫނަށް ބަލަހައްޓައިގެން ހުރުމުން އޭނަ ގެ މޫނުގައިވާ ރަތްކަން އިތުރުވާން ފެށިކަން ދާނިޝް އަށް ފާހަގަކުރެވުނެވެ. ކުޑަކޮށް ލަދުގަތަސް އެ ދޮންދޮން ކޯތާފަތަށް ފިނިފެންމަލުގެ ކުލަވެރިވެގެން ދެއެވެ. އެއީ ދާނިޝް ދެކޭގޮތުގައި އަލީޒާ ގެ އެންމެ ރީތި އެއްސިފައެވެ.
"އަޅުގަނޑުވެސް ތިޔަހީކުރައްވާހާ ފިޑިއެއްނުވާނެ......." އެއްރޭ ދިޔަ ގެއަކަށް ހާސް ފަހަރުވެސް ވަދެވިދާނެ. މީހުން ދައްކާހާ ވާހަކަތަކަކީ ތެދަކަށް ނުވެ ހިނގައިދާނެ. އެރޭވެސް އެގޭތެރެއިން އެކަހަލަ އެއްވެސް ބިރުވެރިކަމެއް ނުފެނޭ....." އަލީޒާގެ ޖުމްލައާއިއެކު ދާނިޝްގެ ހިތް އެކުއްޖާއަށް ތަޢުރީފުކުރިއެވެ. ދެވަނަފަހަރަށް އަލީޒާގެ މޫނަށް ބަލައިލެވުނުގޮތަށް ހުރެވުނީއެވެ. އަލީގައި މިކުއްޖާ ފެންނަލެއް ހާދަ ރީއްޗެވެ. އެ އޮމާން މޫނުގައި އެންމެ ބިއްސެއްވެސް ނެތެވެ. އަވީގެ ސަބަބުން އިސްތަށިގަނޑު ހައިލައިޓްވެފައިވެއެވެ. ނޭގިނަމަވެސް ދާނިޝް ގެ ޒުވާން ހިތުގައި އަލީޒާ އަށްޓަކައި ކޮންމެވެސް ކަހަލަ އަސަރު ތަކެއް ހިގައިގެންފިއެވެ. ދުފިވަރުން އިތުރަށް ރަތް ވެ ކުލަ ޖެހިފައިވާ އެ ރީތި ތުންފަތުގެ އޮމާންކަމާއި މަޑުކަން އިހުސާސް ކޮށްލަން ހިތްއެދުނެވެ. ވަރުގަދަ ކަމެކެވެ. ޝައިތޯނާ އޭނަ މަގުން ކައްސާލަން އުޅެނީ ހެއްޔެވެ؟ ފެންނަ ކޮންމެ އަންހެން ކުއްޖަކަށްޓަކައި މިފަދަ ޖަޒުބާތްތަކެއް ހޭލައްވާލައިގެން ކަމަކުނުދާނެއެވެ. އޭނަގެ ހިތަކީ ހަމައެކަނި ޖީނާ ގެ މިލްކެވެ.
ދާނިޝް ގަހަށް ލެގިލައިގެން ގަހުގައި އެއްފައި އަޅުވާލައިގެން ހުރެ މޮބައިލް އާއި ކުޅެމުން ދިޔައެވެ." އަލީޒާގެ ފޮޓޯއެއް ނެގިޔަސް ހެޔޮތަ؟" ސިއްރުން ނެގޭނެކަމުގެ ޔަގީންކަން އޮތްއިރުވެސް ދާނިޝް ހުއްދަހޯދިއެވެ. 
އަލީޒާ ރީއްޗަށް ރަކިވިއެވެ. ހިތުގެ ވިންދު ތިން ގުނަ އިތުރުވިއެވެ. ލިބުނީ ބަޔާންނުކުރެވޭފަދަ ފޮނި ފޮނި އުފަލެކެވެ.

"އައިމް އޯލް ޔޯރސް. މިލިޔަން ފޮޓޯ ނެގިޔަސް ހެޔޮ......"އަލީޒާ ހިތާހިތުން ކިޔާލިއެވެ. އެކަމަކު އެ ޖުމްލަ ތައް ވީ ހިތުގައެވެ. "ޔެ...ޔެސް ސަރ........" އަލީޒާ ރަކިވެފައިހުއްޓާ ނެގުނު އެފޮޓޯ ދާނިޝް އަށް ވަރަށް ކަމުދިޔައެވެ.
"ވަރަށް ފޮޓޯޖެނިކް އިގޭ....." ދާނިޝް އެފޮޓޯ އަލީޒާ އަށް ދައްކަން ތަންކޮޅެއް ކާރިޔަށް ޖެހުނެވެ. އަލީޒާ އަށް ދުވީ ވަރަށް ލުއި ހިތްގައިމު ވަހެކެވެ. އެއްފަހަރުން ސިކުނޑި ތާޒާކުރުވިއެވެ. އޭނަ ބޭނުން ކުރަނީ ކޮންކަހަލަ ޝޭމްޕޫ އަކާއި އާފްޓަރޝޭވް އެއްހެއްޔެވެ؟ އަލީޒާ ގެ ހިއްސުތައް ވިހުރިގެން ދިޔައެވެ. އެފަން އިސްތަށިގަނޑުން ބަޔެއް އަލީޒާގެ މޫނުބީހިލިއެވެ. މިވަގުތުކޮޅު ދިގުދެމިގެން ދާނެނަމައެވެ. ނުނިމޭނެނަމައެވެ. ދާނިޝް ކައިރިވެލުމުން އޭނަގެ މުޅިހަށިގަނޑުގައި ބުނެދޭން ނޭގޭކަހަލަ ޖަޒުބާތްތަކެއް ހޭލައްވާލައިފިއެވެ. ފޮޓޯ އަށްބެލުމަށްވުރެ އޭނަގެ ހިތް ވަނީ އެހެން ދިމާލެއްގައެވެ. ފޮޓޯ ވަރަށް ސާފުވެފައި ރީއްޗެވެ. އަލީޒާ މޮޑެލްކުރާ އަންހެންކުއްޖަކާއި ތަފާތެއްނެތެވެ.
އެވަގުތު އެއްލި ކަޅިއަކުން އަލީޒާ އަށް ފެނުނީ ހޮސްޕިޓަލުގެ ގޭޓުން ވަދެގެން އައި ޑޮކްޓަރ ފަރުޒާނާއެވެ. ފަރުޒާނާ ދުރުބަލާލަން އުލެފައި ދެވަނަ ފަހަރަށް ބަލައިލީ ޔަގީން ކޮށްލުމަށެވެ. ލިބުނު ހައިރާންކަން ބަދަލުވެގެން ދިޔައީ އިންތިހާ ދަރަޖައިގެ ހަރުކަށިކަމާއި ނުރުހުމަށެވެ. އެރުޅިވެރި ނަޒަރުން އަލީޒާ ބިރުން ރޫރޫ އަޅައިގެން ދާފަދަ ގޮތެއްވިއެވެ. 
ދާނިޝް ހުރީ އަނެއް ފަރާތަށް އެނބުރިގެން ކަމަށްވާތީ އޭނަ އަށް އަލީޒާގެ މޫނަށް މިބަދަލު އައީ ކީއްވެގެން ކަމެއް ނޭގުނެވެ.
"ކިހިނެއްވީ؟ ދުވާލުވެސް ގޯސްޓް ފެންނަން ފެށީތަ؟" އަލީޒާ ގެ މޫނު ހުދުވިވަރު ފެނުމުން އަލީޒާ އަށް ކޮންމެވެސް ކަމެއް ވެއްޖެކަން އެގުނެވެ. އޭނަ ފަސް އެނބުރި ބަލައިލީ އިރުކޮޅެއް ފަހުންނެވެ. އޭނަ އަށް ފެނުނީ ދޮރުން އެތެރެއަށް ވަދެ ނިވާވި އޭނަގެ މަންމަގެ ހެދުމުގެ ފަސް ބަޔެވެ.
"ހެހެ. އަހަރެންގެ ފެމިލީ މީހަކު ފެނިލިޔަސް އަލީޒާ ފެއިންޓްވާވަރު އެބަވޭ.... އެއީވެސް އިންސާނުންނޭ މަލާއިކަތުންނެއްނޫން. ބުނަން ވާހަކައެއް ؟އަހަރެން ކަހަލަ ޑެވިލް އެއް ފެމިލީގައި ވަރަށް މަދުވާނެ. އެންމެން ވަރަށް މޮޑެސްޓްވާނެ. ހަމަޖެހިބަލަ...ދެން ދަނީ އިގޭ. މިރޭ އަށެއްޖަހާއިރަށް އަލީޒާ ބަލާ ތިގެއަށް ދާނަން އިނގޭ......." ދާނިޝް ދިޔުމުން އަލީޒާ އިރުކޮޅެއްވާންދެން ބަލަހައްޓައިގެން ހުއްޓެވެ. މިފަދަ ބޮޑު އުފަލާއި މަތިވެރި ނިއުމަތަށްޓަކައި މާތް ﷲ އަށް ޝުކުރުކުރިއެވެ. ކިތަންމެ ނިކަމެތި އަންހެން ކުއްޖަކަށް ވެސް މަތީ ޚާންދާނެއްގެ ކިޔަވައިގެން ހުރި ޒުވާނަކު ލިބެން ތަގުދީރުގައި ހުރެއްޖެއްޔާ އިންސާނަކަށް ހުރަހެއް ނޭޅޭނެއެވެ.

އަލީޒާ ހޮސްޕިޓަލަށް ވަނުމާއިއެކީ ފަރުޒާނާގެ ރުޅިވެރި ނަޒަރު ހިތަށް ގެނެވެން ފެށިއެވެ. އެއީ މިތާ ވެރިންނެވެ. އޭނާ އަކީ އެމީހުންގެ ދަށުގައިވާ އާދައިގެ މުވައްޒަފެކެވެ. އޭނަ ވަޒީފާ ނުގެއްލުނިއްޔާ ވެދާނެއެވެ. ވިސްނަމުން ދިޔަވަރަކަށް އަލީޒާ ބިރުގަނެ އުދާސް ވަމުން ދާން ފެށިއެވެ. ހުރެވުނީ ނެގިމަޑުވެފައެވެ. ހެދޭ ގޯސް ތައް ގިނަވާން ފެށުމުން ބަލިމީހުން ގެ ޝަކުވާތައް ފުނި ޖެހެން ފެށިއެވެ. ތަންކޮޅެއް ރުޅިގަދަ މީހުންގެ ހަޅޭއްލެވުންތަކާއި ވެސް ކުރިމަތިލާންޖެހުނެވެ.
އެންމެ ފަހުން ކޮންމެވެސް ބަލިމީހެއްގެ ޝަކުވާއެއް އޮފީހާއި ހަމަޔަށް ދިޔައެވެ. އޭނަ އޮފީހަށް ހާޒިރުކުރެވުނެވެ. ޑިރެކްޓަރުންނާއި ހަމަޔަށްދާން ޖެހޭފަދަ ބޮޑު ކުށެއް ކުރެވުނުކަމަކަށް އަލީޒާ ގަބޫލެއްވެސް ނުކުރެއެވެ. މިވީ ކިހިނެއްހެއްޔެވެ؟ ސުވާލު ކުރަން އިނީ ފަރުޒާނާ އެވެ. އޭނާ ގެ މޫނުގައި ވަނީ ހަރުކަށިކަމެވެ. އަލީޒާ ދިފާއުގައި ދެއްކި އެއްވެސް ވާހަކައެއް ފަރުޒާނާ ގަބޫލެއް ނުކުރިއެވެ.
"އަލީޒާ ވަރަށް ފަރުވާ ކުޑަކަމުގެ ޝަކުވާ މާ ގިނައިން މިއަންނަނީ. އަލީޒާ އަށް ހަގީގަތުގައި ތިޔަ ވަޒީފާ ހައްގެއް ވެސް ނޫން. މާ ގާބިލުކުދިން ތިއްބާ އަލީޒާ ހޮވީ އަލީޒާ ގެ ބައްޕަ ޑޮކްޓަރ މައުމޫން އަށް އާދޭސް ކޮށްގެންކަން އެނގޭތަ؟ ހީވާގޮތުގައި އަލީޒާ އެކަން ހަދަން ނައްތާލައިފި. ބައްޕަ ހުރީ މިތާ ސިކިއުރިޓީ ގާޑަކަށް ނޫންތަ؟ އަހަރެން މާރަގަޅަށް ވެސް ތި އާއިލާ ދަންނަން. އަލީޒާ މިއަދަށްފަހު ފެންވަރު ދަނެގެން އުޅުން ރަގަޅުވާނެ. ތިމާއަށް ލިބިފައި ހުރި ދޮންކަމާއި ރީތިކަމަށް ފަޚުރުވެރިނުވާތި. އެހެންނޫނީ ވަޒީފާ ދޫކޮށްލަން ޖެހިދާނެ. ހޫމް. ވަރަށް ސީދަލަށް ބުނެފާނަން. މިއަދުން ފެށިގެން ޑޮކްޓަރ ދާނިޝް އާއި ދުރުން އުޅޭތީ. އޭނަ ހައްލާލަން އުޅޭނެކަމެއް ނެތް. އަހަރެމެންވަނީ އޭނައާއި އެކަށީގެންވާ ފަދަ އަންހެންކުއްޖެއް ހޯދާފައި ތާރީޚު ކަނޑައަޅާނިންމާފައި. ދާނިޝް އާއި އަނގައިން ބުނިކަން އެނގުނަސް އަހަންނަށްވުރެ ނުބައި މީހަކު ނުހުންނާނެ. ހަނދާން ކުރާތި. ދާނިޝް ކާރީގައި މިވާހަކަ ދެއްކިކަން އެނގުނަސް ނިމުނީ. އަހަންނަކީ އޭނަ ގެ މަންމަ. އަހަރެން ގެ ދަރިއެއް ތިކަހަލަ އާއިލާ އަށް ވަންނާކަށް އަހަރެން ބޭނުމެއްނޫން. މިވަރުން ވިސްނޭނެކަމަށް ހީކުރަން. ދެން ދޭ....." ފަރުޒާނާ ވާހަކަ ދެއްކީ ވަރަށް ހަރުކަށިގޮތަކަށެވެ.
އަލީޒާ އިނީ ވަރަށް ކެތްކޮށްލައިގެން ތުންފަތުގައި ދަތް އަޅާލައިގެނެވެ. އިސްޖަހާލައިގެނެވެ. ފަރުޒާނާގެ ކޮންމެ ޖުމްލައެއް ތުނޑުތޫނު ތީރު ފަދައިން ހިތަށް ހެރެމުން ލޭ އޮހޮރުވަމުން ދިޔައެވެ. އެކެބިންއިން ނުކުމެވުމާއި އެކު އަލީޒާއަށް ރޮއިގަނެވުނެވެ. އެސްފިޔަތައް ފޫދުއްވާލާފައި ބޮޑެތި ކަރުނަ ތިކިތައް ހިފެހެއްޓުމެއްނެތި އޮހިގެންފިއެވެ. އޭނާ މޫނުގައި އަތް އަޅައިގެން ހުރެ ދުވެފައި ގޮސް ވަދެވުނީ ވެސް ޕަބްލިކް ފާޚާނާ އަކަށެވެ. ފާޚާނާ ގެ ފާރަށް ލެގިލައިގެން ހުރެ އޭނަ ރޮމުން ދިޔައެވެ. އެކަރުނަ ތައް ދެކޭނީ ކާކުހެއްޔެވެ؟ އެ ވޭނީ ރުއިމުގެ އަޑު އިވޭނީ ކާކަށް ހެއްޔެވެ؟ ލޯބީގެ މީރުކަމާއި ފޮނިކަން ލިބެމުން އައި މައުސޫމް ހިތެއްގެ އުފާ ތައް ހަމަ ކުއްލިއަކަށް ނިގުޅައިގަނެވިއްޖެއެވެ. އެހިތް ކުދުކުދިވެ އެތިކޮޅުތައް އެކިދިމާލަށް ބުރައިގެން ހިގައްޖެއެވެ. ފާހާނާ ގައި ހުރި ޓިޝޫ ތަކުން ކިތަންމެ ވަރަކަސް ފޮހުނުކަމުގައި ވިޔަސް ލޮލުން ފައިބަމުން ދިޔަ ކަރުނަތަކަށް ހުއްޓުމެއްނައެވެ. އޭނާ މަރާލާނެ ކަމުގައިވިޔަސް ހިތަށް މާފަސޭހައެވެ. އަނިޔާވެރި ޖުމްލަތަކުން ހިތް ކުދިކުދިކޮށްނުލާ ފަރުޒާނާ އޭނަ ގެ ކަރުގައި ހިފާ މަރާލިނަމައެވެ.
ފާޚާނާ އިން ބޭރަށް ނުކުމެވޭވަރުވީ ގަޑިއެއްހާއިރު ފަހުންނެވެ. އޭރު އޭނަ ގެ ރީތި ދެލޯވަނީ ދުޅަވެ ރަތްއަރާފައެވެ. އިސްއުފުލާބަލާލާނެ ހިތްވަރެއްވެސް އޭނަ ގެ ނެތެވެ. ރިސެޕްޝަނުގައި ތިބި ކުދިންނަށް ހީކުރެވިފައި އޮތީ މިއަދު ހިނގި ހާދިސާގެ ސަބަބުން އޮފީހަށް ގެންދިޔައީމާ މާބޮޑަށް އަލީޒާ ދެރަވީކަމަށެވެ. ހަގީގީ ސަބަބު ވަނީ ފޮރުވިފައެވެ.

އަލީޒާ ގެ ގޭ ދޮށުގައި ކާރުމަޑުކޮށްލައިގެން ތިބެ ވިއްސަކަށް މިނެޓް އެޒުވާނުން އިންތިޒާރުކުރިއެވެ. ދާނިޝް ކިތަންމެ ފަހަރު އަލީޒާ އަށް ގުޅިއެވެ. ފޯނެއް ނުނެގިއެވެ. އަލީޒާ ބަލިވިޔަސް އުޒުރެއް ދިމާވިޔަސް ބުނެވިދާނެތާއެވެ. އެންމެ ފަހުން އެގެއިން ނުކުތީ ދޮންކޮށް ހުރި އަންހެންކުއްޖެކެވެ. އަލީޒާ އޮތީ ނިދާފައި ކަމަށްބުނެފައި އެ ކުއްޖާ އަވަސް އަވަހަށް އެތެރެއަށް ދެމިގަނެގެން ދޮރު ލައްޕާލިއެވެ. ހީވީ ބޮޑު ބިރެއް ފެނިގެން އަވަސް އަރުވާލާފައި ހުރިހެނެވެ. ދާނިޝް ސުވާލުތަކެއް ކުރަން ބޭނުންވިނަމަވެސް އެ ފުރުސަތެއް ވެސް ނުލިބުނެވެ.
ދާނިޝް ހައިރާންވިއެވެ. ގަބޫލުކުރަން ދަތިވިއެވެ. މިފަދަ ބޮޑު ނާކާމިޔާބަކާއި ކުރިމަތިލާން ޖެހިދާނެކަމަކަށް އޭނަ ހިޔެއް ނުކުރެއެވެ. އޭނަގެ ހަރުކަށިކަމާއި ފިރިހެންވަންތަކަމަށް ކުރިމަތިވީ ޗެލެންޖެއްކަމަށް ހިތް ބުނަން ފެށިއެވެ. އަލީޒާ އަކަށް ވެސް އޭނަ އާއި ނުކުޅެވޭނެއެވެ. އަލީޒާ އެހެން އުޅެންޏާ ވަރުގަދަ ފިލާވަޅެއް ދޭން ޖެހިދާނެއެވެ. ސަބަބަކާއި ނުލާ އަލީޒާ މިހެން ކަންތައް ކުރިކަމަށްވާނަމަ އެއީ ވަރަށް ބޮޑު ގޯހެކެވެ. އެކަމުގެ ސަޒާ ވަރަށް ހިތިކޮށް ލިބިގެންދާނެއެވެ. ޝާހާން އާއި ޝައުނާ ޔަގީންކުރީ އަލީޒާ އަށް ނާދެވޭފަދަ ބޮޑު އުޒުރެއް ދިމާވީކަމަށެވެ. އެކަމަކު އަލީޒާ ކަންތައް މިކުރީ ރަގަޅަކަށް ނޫނެވެ.


ދާނިޝް ގެއާއި ހަމަޔަށް އާދެވުނު އިރު އޭނަ ހުރީ ހަމައިން ނައްޓާލާގޮތްވެފައެވެ. ބާރުބާރަށް ހިގާލާފައި ގެއަށް ވަދެގެން ދިޔައިރު އެ ދެލޮލުން ކަނި ބުރާކަހަލައެވެ. އެއައި ބާރުމިނުގައި ގޮސް ބޮޑުކޮޓަރީގައި ހުރި ސޯފާ ގޮނޑިއެއްގައި ހިފާ އުފުލާލިގޮތަށް ހޫރާލައިފިއެވެ. ވަރުގަދަ އަޑުފަށްގަނޑަކާއި އެކީ އެ ގޮނޑި ފެންޑާގައި ވާ ހަރުފަތްމަތިން އެނބުރެމުން ގޮސް މެދުގޯތީގައި ޖެހުނު ގޮތަށް ދެފައި ވަކިވެގެން ހިގައްޖެއެވެ. އޭރު ސިޓިން ރޫމް ގައި ކޮންވެސް މަސައްކަތެއްގައި ހުރި ހަމަދު ގަންނާކުރެއްވި ބިރުން ސޯފާ އެއްގެ ދަށަށް ވަދެ ފިލޭތޯ މަސައްކަތް ކުރިއެވެ. އެފަކީރުގެ ހިތް ތެޅެމުން ދިޔައީ ފެނުން ނަގާފައިވާ މަހެއް މަރަށް ތެޅޭފަދައިންނެވެ. މިއީ ކޮންކަހަލަ ޒުވާނެއްހެއްޔެވެ؟ ރުޅިގަދަވާވަގުތު އޭނަ އަށް އެލިބެނީ އާދައިގެ ބާރެއްނޫނެވެ. އެއީ ހަމަ ޝައިތޯނީ ބާރެކެވެ.
ދާނިޝް ހަމަދު އާއި ދިމާލަށް ބަލާލީ އެ ރުޅިވެރި ނަޒަރުންނެވެ.
އެކަމަކު އިތުރު އެއްޗެކޭ ނުބުނެ ވިދާލިވިދުވަރެއްފަދައިން އޭނަ ސިޑިން އަރައިގެން ދިޔުމުން ހަމަދު ހެއްދެވިފަރާތަށް ހަމްދުކުރިއެވެ.
ދާނިޝް ކޮޓަރިއަށް ވަންއިރު އެ ރުޅިގަނޑު މައިތިރިވާ އަތަށް އަޅައިފިއެވެ. އަލީޒާ ރޮއްވާލާފައި ވަރުގަދަ އަދަބެއް ދޭން އޭނަ ނިންމިއެވެ. އެގޮތަށް ޖެއްސުންކޮށްލާފައި ސަލާމަތްވާނެކަމަށް ހީކުރުމަކީ އަލީޒާ އަށް ކުރެވުނު ކުށް ހީއެކެވެ.
ދާނިޝް ބޮކިތައް ދިއްލާލުމާއި އެކީ އޭނަ ގެ ފިޔަވަޅުތައް ހުއްޓުނެވެ. ކޮޓަރީގެ ފާރުތަކާއި ރީތިވާ މޭޒު އަދި ކޮމްޕް ގެ ސްކްރީންގައި އިބާރާތްތަކެއް ލިޔެފައި ހުއްޓެވެ.
"އައި ހޭޓް ޔޫ ކިލަރ އައިސް
ކިލް މީ ދެން ގޯ މެރީ
ޑެވިލް އިން އެންޖަލްސް ޑިސްގައިޒް
ޔޫ ވިލް ޕޭއި ވަން ޑޭ
ޑީ ޑްރޮޕް ޑެޑް ގޯޖަސް އޭ އެންޖެލިކް އެން ނޯޓީ އައި އިރެސިސްޓަބްލް އެސް ސެކްސީ އެޗް ހޮޓް"

"އޯ މައި ގޯޑް......." ދާނިޝް އިސްތަށިގަނޑުގައި އަތް ހިންގާލިއެވެ.

"މި ކްރޭޒީ ލިޓްލް ގާލް ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެ....."




 


ދާނިޝް ބުމަގޮށްޖަހާލާފައި ތުންފަތުގައި ދަތްއެޅި ގޮތުން އޭނާ ހިތްހަމަނުޖެހިފައިވާވަރު އެގެއެވެ. މިފަދަ މޮޔަ ޅަކުއްޖަކާއިއެކު އޭނަ ފަދަ ޒުވާނަކަށް ދިރިއުޅުން ފަސޭހަނުވާނެކަން ގައިމެވެ. ލޯބިވުމުގެވެސް ހައްދެއް އޮންނަންވާނެއެވެ. ނުވީތާކަށް މި ޖުމްލަތައް ލިޔެފައި މިވަނީ ލެއިންނެވެ. ނުރައްކާތެރި މެސެޖް ތަކެވެ. މިރޭ ކޮންމެހެން ވެސް ޖީނާ އާއި ބައްދަލުކޮށް ވިސްނާދިނުމުގެ މުހިއްމުކަން ދާނިޝް އަށް އިހުސާސް ކުރެވުނެވެ. ވަގުތު ފާއިތު ނުވަނީހެވެ. އެހެން ނޫނީ އަތުން ފައިން ހެދޭ ގޯސް ތައް ހައްތަހާ އިތުރުވާނެކަން ޔަގީނެވެ. މިއީ "ފޮބިޑަން ލަވް" އެއްކަމާ ދެމީހުން ގުޅެން މުޖުތަމައު ތަން ނުދޭނެ ކަން އޭނަ ޖީނާ އަށް ވިސްނާދޭނެއެވެ.


ދާނިޝް ދެން ބަލައިލީ މޮބައިލަށެވެ. މޮބައިލް ގެ ވޯލްޕޭޕަރަކަށް ލާފައި އިން ފޮޓޯގައި އަލީޒާ ރަކިވެފައިހުރިއިރު އެ ދޮންދޮން ކޯތާފަތް ވަނީ ރަތްވެފައެވެ. ޗެރީ ކުލައަރާ ދެތުންފަތުގައިވަނީ ލަދުވެތި ހިނިތުންވުމެކެވެ. ނޭގި ނަމަވެސް އަލީޒާ ވަނީ ދާނިޝްގެ ހިތުން ޖާގައެއް ހޯދާފައެވެ. އިރުއިރުކޮޅާ ކޮންމެވެސް ސިފައެއްގައި އެހަދާން ތައް އޭނައަށް އުދަގޫ ކޮށް ސިކުނޑިއާއި ކުޅެލައެވެ. އެކަމަކު އަލީޒާ މިރޭ ކަންތައް ކުރިގޮތުން އޭނަ އަށް ކުރެވުނު އިތުބާރު ކޮންމެވެސް ވަރަކަށް ގެއްލިއްޖެއެވެ. މުޅިން ވެސް ދެއްކުންތެރިކަމެވެ. ކިރިޔާ ރީތި ސްމާރޓް ފިރިހެނަކު ފެންނައިރަށް އަންހެނުން ހިތް ކިޔާނެއެވެ. އެއީ ލޯތްބެއްނޫނެވެ. އެއަށްދޭނެ ނަމެއް ދާނިޝް އަކަށް ވެސް ނޭގެއެވެ. މައްސަލައަކީ އަލީޒާ އަށް އެހެދުނީ ގޯހަކަށް ވާކަމެވެ. އަލީޒާ އަކަށް ދެން ސަލާމަތެއް ނުވެވޭނެއެވެ.
ދާނިޝް ގެ އަތް މުށްކެވުނެވެ.
ޖީނާ ވެސް މިހިރީ އޭނައަށް ވަރުގަދަ މަސައްކަތެއް ޖައްސާލާފައެވެ. މުޅި ކޮޓަރި ޚަރާބުކޮށްލައިފިއެވެ. ތަށިމުށިޖެހި ތަޅުންމަތީގައިވެސް ހުސް ލެޔެވެ. އަނެއްކާ ޖީނާ އަތުގެ ނާރެއް ބުރިކޮށްލީބާވައެވެ. ދާނިޝް ނުތަނަވަސްކަމާއިއެކު ކޮޓަރިތެރޭ ދެކޮޅަށް ހިގަން ފެށިއެވެ. ޖީނާ ކޮންމެފަދަ ގޯހެއްވެސް ހަދާފާނެއެވެ. 
ދާނިޝް ދެފިކުރެއްގެތެރޭގައި ހުރެ ކޮޓަރިން ނުކުތެވެ. މަތީބައިގެ އެއްވެސް ކޮޓަރިއެއްގައި އަލިކަމެއްނެތެވެ. އަދިރިވެފައިވާދިގު ކޮރިޑޯ ކަޑައްތުކޮށް ދާނިޝް ބެލްކަންޏަށް ނުކުތެވެ. ވަޔާއިއެކު ގަސްތަކުގެ ގޮފިތަކާއި ފަތްތައް ހެލިލަމުން ދާ މަންޒަރު އިންތިހާއަށް ނަލައެވެ. ރޭގަޑަށް ފޮޅެމުން ދާ އިރުދޭމަލާއި ހުސްނުހީނާ ފަދަ މަލުގެ މީރުވަހުން ޖައްވުވަނީ އެއްވަސްވެފައެވެ. މަލުގެ މީރުވަހާއި އެކީ ފިނި ވައިރޯޅި އެއް ދާނިޝް ގެ މޫނުގައި ބީހިލުމުން އޭނަ ލޯމަރާލިއެވެ. އެވަގުތު ވެސް ސިހިގެންގޮސްފައި ލޯހުޅުވާލަން މަޖުބޫރުކުރުވީ އަލީޒާ ގެ ރީތި ހަދާން ތަކެވެ. ރޭގަޑުގެ ރާނީ ހަނދު ވެސް އިރުކޮޅެއްފަހުން ވިލާކޮޅެއްގެ ނިވަލަށް ވަދެ ފިލުމުން ކުރިއަށް ވުރެ އަދިރިކަން ފުންކޮށްލައިފިއެވެ. އެއާއިއެކު ތަންކޮޅެއް ދުރުން އަލިކޮޅެއް ފެނިފައި ގެއްލުނުހެން ދާނިޝް އަށް ހީވިއެވެ. އޭނަ ވަރަށް ޝަވްގު ވެރިކަމާއިއެކު ގަސްތަކުގެތެރެއިން ކޮންމެވެސް އެއްޗެއް ފެނޭތޯ ހޯދަން ފެށިއެވެ. ބެލްކަންޏާއި ދިމާލަށް ގުދުވެ ލެނބިފައިވާ ގަހެއްގެ ގޮފިތައް ދުރުކޮށްލާފައިވެސް އޭނަ ހޯދިއެވެ. އެންމެފަހުން ދެކެން ބޭނުންވި ފަރާތެއް ނުފެނުނީމަ ފޫހި ވެފައި ހުރެ އޭނަ ސިޑިއާއި ދިމާލަށް ހިނގައިގަތެވެ. ފާރަށް އެޅިފައި ހުރީ އޭނަގެ ދިގު ފުޅާ ހިޔަނި ފެނުމުން މަޖާވެ ހިނި އައެވެ. އޭނަ ހަނދާންވީ ކުޑައިރު އަމިއްލަ ހިޔަނި ދެކެ ބިރުން އޭނަ އުޅުނު ގޮތެވެ. ކުޑައިރު ހާދަ މޮޔައެވެ.
ދާނިޝް ކާކޮޓަރިއަށް ވަން އިރު މޭޒުމަތީގައި ކާން ހަދާފައި ހުއްޓެވެ. މިރޭ ބާވަތްތައް މަދުނަމަވެސް ރޮށްޓާއި ފިހުނު މަސް އަދި ޗިލީ ޗިކަން ފެނުމުން ދާނިޝް ގަޔާވެލާފައި ފަސް ރޮށި ހުސްކޮށްލިއެވެ. ކައި ނިމުމުން ރެޑްބުލް ދަޅެއް ބޯލުމަށްފަހު އާފަލެއް ހިފައިގެން އޭނަ ލަސް ހިނގުމެއްގައި ބޭރަށް ދާން ނުކުތެވެ. އޭނަގެ ފިޔަވަޅުތައް ހުއްޓުމަކަށް އައީ ފަރުޒާނާ ދައްކަމުން ދިޔަ ވާހަކައިގެ ސަބަބުންނެވެ. ފަރުޒާނާ ހުރީ ފެންޑާގައި ދާނިޝް އަށް ފުރަގަސް ދީގެން ކަމަށްވާތީ އޭނަ ހުރިކަމެއް ފަރުޒާނާ އަކަށް ރޭކާނުލާ ބުނަމުން ދިޔައެވެ.
" އޭނަ ސްޕޮއިލްޑް ބްރެޓް އަކަށް ހެއްދެވި މީހަކީ ހަމަ މައުމޫން. މިހާރު ދެން ގޭގައި މީހުން އުޅެން ދަތިވާ ހިސާބަށް ގޮއްސި. ބޭރުގައި އުޅެފައި އަންނަގޮތަށް ގެއިން އަގުބޮޑު އެއްޗެއް ހަލާކުކޮށްލުން ކުޅިވަރަކަށް ހަދައިފި. ސޯފާގެ ހަތަރު ފައި އެ އޮތީ ހަތަރުތަނުގައި. އަޅުގަނޑު އެއްޗެކޭ ބުނެފިއްޔާ އަޅުގަނޑަށް ވުރެ ނުބައި އަންހެނަކު ދުނިޔޭގައި ހުރިކަމަކަށް ނުވާނެ. އޭނައަށް އެހެރީ ބޮޑު ސިންގާ ގެއެއް ދެއްވާފައި. އެގެއަށް ފޮނުވާލައްވާ. ހަމަ ބޯ ހަލާކު. އޭނަގެ ސަބަބުން ޖީނާ ވެސް އުޅެނީ ނަފުސާނީ ބިރުވެރިކަމެއްގެ ތެރޭގައި. ރޭވެސް ނައިޓްމެއަރއެއް ފެނުނީކަމަށް ވާނީ. ނިދަން އޮވެ ދާނިޝް އޭ ކިޔާފައި ތެޅިފޮޅުނީ. މައުމޫން ފަދަ މާތް އިންސާނަކުގެ ފަރާތުން ވާރުތަވީ ކަމަކަށް ނުވާނެ. އޭނަގެ........................................."

" ޝަޓްއަޕް. ޖަސްޓް ޝަޓްއަޕް...." ދާނިޝް ބާރަކަށް ބުނެލުމުން ފަރުޒާނާ ސިހިފައި ބަލާލިއެވެ.

ދާނިޝް ދަތްކުޑިވިކާލާފައި އެދިޔަ ގޮތަށްގޮސް ފަރުޒާނާގެ އަތުގައި އޮތް ފޯނު ދަމައިގަނެފައި ބިމަށް ޖަހާލިއެވެ. ފޯނު ގެ ބައިތައް ކުދިކުދިވެގެން ދިޔައެވެ. އޭނަ ހުރީ ހަމައިން ނައްޓާލާފައެވެ. އޭނަ ހިތްހަމަޖެހޭވަރުވީ އެދިޔަ ބާރުމިނުގައިގޮސް ބޮޑުކޮޓަރީގެ ޒީނަތް ތެރިކަން އެންމެ އިތުރުކޮށްދޭ ބިއްލޫރި ރެކްގައި ހިފާ ކޮށްޕާލެވުމުންނެވެ. ރެކް ވިއްސައިގެންގޮސް ޖެހުނީ މާދުރުގައެވެ. ހީވީ ބޮމެއް ގޮއްވާލެވުނުހެނެވެ. ގަދަ އަޑުފަށްގަޑަކާއި އެކު ރެކްގައިވާހާ ރީތި ބިއްލޫރި ސްކަލްޕްޗަރ ތައް ތެޅި ކުދިކުދިވެ އެކިދިމާލަށް އެތިކޮޅުތައް ބުރުއްސައިގެން ދިޔައެވެ. މިހާރު ޓައިލްސް ޖެހި ތަޅުންމަތީގައި ޖަވާހިރުތައް ފަދައިން ވިދަ ވިދާ ހުރީ އެ ބިއްލޫރިކޮޅުތަކެވެ.


ސިކުންތުކޮޅެއްގެ ތެރޭގައި ފަރުޒާނާ ގެ ކުރިމަތީގައި މިހިގާ ދިޔަ ހާދިސާ އިން އޭނަ ހުރީ ޝޮކެއްގައެވެ. ނުބައިގޮތަކަށް ބިރުގެންފައެވެ. މޭގައި އަތް އަޅާލެވުނުގޮތަށް ހިރިލާންވެސް ނުކެރިފައެވެ. ލޯބޮޑުވެފައެވެ. އިރުކޮޅަކުން ފަރުޒާނާ ދޮރުގެ ކަނީގައި ހިފަހައްޓައިގެން ހުރެ ދޮރުން ބޯ ދިއްކޮށްލުމާއި އެކީ ފަރުޒާނާ އަށް ރޮއިގަނެވުނެވެ.

" ހެޔޮނުވާނެ...މަގޭ ކަލެކްޝަން....." 
މިއީ ފަރުޒާނާ ލޮލުގެ ކޮއިފަދައިން ރައްކާތެރިކަމާއިއެކީ ގެންގުޅޭ ލައްކައިން އަގު ނުކުރެވޭ ބޮޑު ޚަޒާނާއެކެވެ. ފްރާންސް އިޓަލީ ފަދަ ގަވްމު ތަކަށް ދަތުރުކުރާ ކޮންމެފަހަރަކު އޭނަ މިކަމަށް އެތައް ހަރަދެއް ކުރެއެވެ. ދެއިރު ހިރަފުސް ފޮޅާ އަތް ކާއްތާ ނުލެވެންޏާ ފަރުޒާނާ ގެ ހިތްހަމައެއްނުޖެހެއެވެ. އޭނަ ގެ ރަހުމަތްތެރިން ގެނެސް މި ރެކް ދައްކާފައި ފަޚުރުވެރިވެއެވެ. އަމިއްލަ ދަރިޔަކުމަރުވުމުން ވެސް އޭނަ އަށް މިފަދަ ވޭނީ ހިތާމައެއް ލިބޭނެކަމެއް ނޭގެއެވެ.
ފަރުޒާނާ ރޮއިރޮއި ހުރެ ދާނިޝް ގެ މޫނަށް ބަލާލިއެވެ. ކަރުނަ ތަކުގެ ތެރެއިން ދާނިޝް ގެ މޫނު ފުސްކޮށް ފެނުނަސް އެ ރީތި ލޮލުގައިވާ ނުރައްކާތެރިކަމާއި ރުޅިވެރިކަން ފެނުނެވެ. މިހާރު ވީވަރުން ހިތް ފުރުނީ ކަން ނޭގެއެވެ. އޭނަ ހުރީ ރެޑްބުލްއެއް ބޯށެވެ.
" ނުލަފާ ލަދުކުޑަ....................." ފަރުޒާނާ ބޭނުންވީ ދާނިޝް ގެ މޫނުމަތި ނޮޅާލުމަށެވެ. ތަޅައިގަތްގަތީނުން އެ މޫނު ގައިވާ ބޮޑާކަން ފިލުވާލުމަށެވެ. ދަނޑިގަނޑެއް އަތުގައި ޖެހޭނެނަމަ ކުދިކުދިވަންދެން ތެޅީހެވެ. ފަރުޒާނާ ފުންމައިގެން އައިގޮތަށް ދާނިޝް ގެ މޫނުމައްޗަށް އެތިފަހަރެއް ބޭލޭތޯ މަސައްކަތްކުރިއެވެ. ދާނިޝް ހިފެހެއްޓީ މާބާރަކަށް ނޫނެވެ. އެކަމަކު ފަރުޒާނާ އަށް ހީވީ ކޮޑުހުޅުވެސް ލުއްސާލައިގެން ދިޔަހެނެވެ. 
" އައްދިއްޔޯތް. މަގޭ އަތް..." ފަރުޒާނާ ރޮމުން އަތުގައި ހިފެހެއްޓިއެވެ.
" މަމް. އަހަންނަކީ ކުޑަ ކުއްޖެއް ނޫން. މަގޭ ގަޔަށް އަތްލުމުގެ އެއްވެސް ހައްގެއް މަމް އަކަށް ނޯންނާނެ. އޯކޭ؟ އެހެންނޫނަސް ކޮންމެ ފަހަރަކު ބައްޕަ އަށް ގުޅާފައި އަހަރެންގެ ނުބައި ކަމުގެ ވާހަކަ ދައްކާއިރު މަމް ހަމަ އެހާ ރަގަޅުތަ؟ މަމް ގެ ޑާރކް ސިކްރެޓް ބައްޕަ އަށް އެގިލައްވައިފިއްޔާ؟ ތިކަހަލަ ފާފަ ތަކުގެ ސަބަބުން ނަސްލު އޮޅުވާލެވޭތީ އެތައް ބަޔެއްގެ ދިރިއުޅުން ހަލާކުވެގެން މިދަނީ. ޖީނާ އަކީ ބައްޕަގެ ދަރިއެއް ނޫންކަން އަހަންނަށް އެގޭ......." ދާނިޝް ގެ އެންމެފަހު ޖުމްލަ ބުނެލީ ފަރުޒާނާ އަށް އެކަނި އިވޭހާ މަޑުންނެވެ. މަލާމާތުގެ ހިނިތުންވުމަކާއި އެކީގައެވެ. މިއީ ދާނިޝް ފަރުޒާނާ އާއި ދިމާލަށް ބުނަން ފުރުސަތެއް ނުލިބިފައި އޮތް ވާހަކައެކެވެ.

ކޮމެންޓް 0