"އެލީ އެބުނީނު މިވަގުތަކު ނޫނޭ. އަޑު ނީވޭތަ؟ " ދާނިޝް ހަފާ ގެ ޖުމްލަ މެދުކަނޑައިލިއެވެ. ވަރަށްހަރުކަށި ރާގަކަށެވެ. އަލީޒާއާއި ދިމާލަށް އިތުރު އެއްޗެކޭ ބުނާ އަޑުއަހަން ކެތްނުކުރެވޭނެއޭ ބުނާފަދަ އިންޒާރުގެ ނަޒަރެކެވެ. ހަފާ ރީއްޗަށް ރަކިވިއެވެ. ހާދަ ފާޑުހުރި ސަޅި ބިޓެކެވެ. އޭނަގެ ހިތްވެސް ގުޑުވާލައިފިއެވެ. މިއޮތް ބަލާލުމެކެވެ. އެހަރުކަށި ނަޒަރުން ވަގުތުން ހިތް ވިރުވާލައިފިއެވެ. ހަފާ އެއްޗެކޭ ބުނަން އަގަ ހުޅުވާލާފައިވެސް ތުން ފިތާލައިފިއެވެ. އޭނައަކީ މީހުނާއި ޖަދަލުކުރާހިތްވާފަދަ ކުއްޖަކަށް ވިޔަސް ދާނިޝް ގެ ލޮލުގައި ވި ބާރަކުން އެ ހިތްވަރެއް ނުކުރެވުނެވެ.

ޝާހާން ނުތަނަވަސްވާގޮތްވިއެވެ. ލޯބިވާ ގާތް ފަރާތެއް، މީހެއް ދުލުގެ ހަމަލާއަކުންވެސް ސަލާމަތްކުރަން ކޮންމެ ފަދަކަމެއްކުރަންވެސް ޖެހިލުން ނުވާނެކަން އެންމެ ބޮޑަށް އެގެނީ ޝާހާންއަށެވެ. އެތަޖުރިބާ އެންމެރަގަޅަށް ކުރެވިފައިވަނީ ޝާހާންއަށް ކަމަށް ވާތީއެވެ. ނަސީބަކުން އެވަގުތު އާއިލާ ބަޔަކު އައުމުން ދާނިޝް ހިނިތުންވެލަމުން އެމީހުނަށް ސަމާލުކަން ދިނެވެ.

"އޯކޭ...އޯކޭ ތަންކޮޅެއް ފަހުން ދޯ....." ހަފާ ގަތްލަދު ފޮރުވަން ބާރަށް ހީގަންނަމުން އަނެއްފަރާތަށް އެބުރުނެވެ.

ނަމަވެސް ނަސީބު މިވަގުތު ހަފާއާއި އެހީވަމުން ދާފަދައެވެ. އޭނަ އެނބުރުމާއި އެކު ރާހިލް ގެ ގައިގާ އަޅައިނުގަތީ ހަމަކިރިޔާއެވެ. ރާހިލްއަށްވެސް ހިފަހައްޓާލެވުނީ އެ ކުޑަކުއްޖާ ވެއްޓުނަ ނުދޭންވެގެންނެވެ. ހަފާގެ ތުންފަތްމައްޗަށް ނުލަފާ ހިންޏެއް ވެރިވިއެވެ. ކާމިޔާބީ ގެ ނަޒަރަކުން ދާނިޝްއަށް ބަލާލުމަށްފަހު އޭނަ ރާހިލްއަށް ތައާރަފު ވީ އަމިއްލައަށެވެ. ހަފާ ހިތްދަތިވީ ދާނިޝްއެ ދިމާލަށް ބަލާވެސް ނުލައި މެހުމާނުންނާއި ވަހަކަ ދައްކަންހުރިތަން ފެނުމުންނެވެ. ހިނިއައިސް ހަލާކުވެފައި އެ މަންޒަރު ދެކެން މަންމަ ހުއްޓެވެ. ފޮނިގަޑު.....ކިބުރުވެރި.....އެކަމަކު ވަރުގަދަ ރީތިކަމެއް.......ހަފާ ހިތާހިތުން ދާނިޝްއަށް އެއްޗެހި ކީނަމަވެސް އަދިވެސް އޭނަގެ ހިތުގެ ތެޅުން މަޑެއްނުވެއެވެ. އެ ލޮލުން އޭނައަށްވެސް ސިހުރު ހަދާލީކަން ނޭގެއެވެ.

ރާހިލް ގެ އެހުންނަ ހިތްހެޔޮ ލާނެތްމިޒާޖުގެ ފައިދާ ހަފާވެސް އޭގެ ފުރިހަމަގޮތުގައި ހިފިއެވެ. އަލީޒާ ގެ ކޮއްކޮއަށް ވީތީ ރާހިލްވެސް ހަފާ އާއި ވާހަކަދައްކާލަން ތަންކޮޅެއް ދުރުގައި މަޑުކޮށްލިއެވެ. ރާހިލް ގެ އަތުގައިވާ ޖޫސްތަށި ލަސްލަހުން ބޮމުން ދިޔައިރު އެ ރީތި ދެލޮލުން މެހުމާނުންނަށް ބަލަމުންދާތީ ޚާއްސަ ފަރާތަކަށް އިންތިޒާރުކުރަނީކަން ހަފާ ދެނެގެންފިއެވެ.

. "ތިއީ ވައިންތަ؟ " ހަފާ ހީގެންފައި ބުންޏެވެ
"ކީކޭ...މި ޕާޓީގައި ދެން ރާ ނުގެންގުޅޭނެއްނު........."ރާހިލްއަށް ހަފާ އެކުރި ސަމާސާ ކަމަކު ނުދިޔައެވެ. އޭނައަށް ހަފާ ފެންނަނީ އުމުރަށް ވުރެ ހަރުވާން އުޅޭ ކުޑަކުއްޖެއްގެ ގޮތުގައެވެ.
"ހެހެ....ވައިން އަޅާކަހަލަ ރީތި ތަށްޓެއްވީމަ....ޕާޕްލް ކުލައިގެ ސަޅި ޝޭޑެއް...މިރޭ ދާނީ ބިއްލޫރިތަށްޓެއް ވަގަށް ނަގައިގެން.. ރާހިލް ދުވަހަކު ރާބުއިންތަ؟" 
ހަފާ ހިތުގައިވާހާ އެއްޗެއް ހާމަކުރަމުން ދިޔައީ ޖެހިލުމަކާއި ނުލައެވެ.
"ވަޓް؟ ހަފާ..... ބުނަން ރަގަޅު ވާހަކައެއް...... ތިފުރައިގެ ކުއްޖެއް ހޯދައިގެން ވާހަކަދެއްކިއްޔާ މާރަގަޅުވާނެކަން ނެގޭ...." ރާހިލް ހުރީ ތޮބީއަތު ގޯސްވެފައެވެ. ހަފާ ގެ މި ވާހަކަތަކުން ވަކިން ބޮޑަށް ފޫހިވެގެން އޭނަ ދާން ހިގައިގަތުމުން ހަފާ ފަހަތުގައި އަޅުވާލައިފިއެވެ.
"އަހަރެން ކޯންޗެއް ކުޑައީ. ސިކްސްޓީން ވެއްޖެޔޭ. ރުޅިނާދެބަލަ. ސަމާސާއެއްކޮށްގެންވެސް މީނައަށް ކަމުނުދަނީތަ؟ " ހަފާ ހިނިގަޑެއް ޖަހާލިއެވެ.

ސާއިރާ ތަންކޮޅެއްދުރުގައި ހެވި ދިއްލިފައި ހުރެ ރާހިލްއާއި ހަފާ އުޅޭ ނޫޅޭގޮތް ބަލަމުން ދިޔައެވެ. އޭނަގެ ހިތް އުފަލުން ނަށަމުން ދަނީއެވެ. ތުންފައްމައްޗަށް ދަތްތައް ނާރާ ހުރި އެންމެ ވަގުތެއްވެސް ނާދެއެވެ. ރާހިލް ދާން ހިގައިގަތުމުންވެސް އޭނަ ހީކުރީ އެއްބަސްވެގެން މީހުންގެ ފަރާތުން ސަލާމަތްވާންވެގެން އެއްފަރާތަކަށް ޖެހިލީކަމަށެވެ. އިރުކޮޅަކުން އެ ދެޒުވާނުން ލޯމަތިން ގެއްލުމުން ބޯއަރިކޮށްފައިވެސް ބެލުނެވެ. ވިލާތު ދޮން އަންހެންކުދިންތައް ގަޔަށް ބާރު ކުރު ހެދުންތަކުގައި ހޫރެމުންދާއިރު ރާހިލްއާއި މެދު ވަކި ޔަގީންކަމެއް އޮންނާނެހެއްޔެވެ؟ އެ ފަރަންޖީން ފެނުމުން އަންހެނަކަށް ވިޔަސް ހައިރާންވެފައި ބަލަހައްޓައިގެން އެބަހުރެވޭވިއްޔާއެވެ. ވީމަ ރާހިލްމެންފަދަ ޒުވާން ފިރިހެނުން ހާދަ ވަރެއްވާނެއެވެ.
ސާއިރާ އަށް ނުހުރެވިގެން ރާހިލްމެންގެ ޚަބަރެއްވޭތޯ ހިނގައިގަނެވުނެވެ. މަގުތަކުގައި ދޫލައަޅާފައިވާތީ ހިނގަން ވަރަށް ފަސޭހައެވެ. ކުއްލިއަކަށް ސާއިރާއަށް ފެނުނީ އިސްކޮޅުން ދިގު ބިޔަމީހެކެވެ. ދެވަނަފަހަރަށް ލޯ އުނގުޅާލާފައި ބަލާލުމުން އެއީ ހަމަ އެ ވަރުގަދަ ޒުވާނާކަން އެގުނެވެ. ސާއިރާގެ މޭގަނޑު އަނގަޔަށް ނައީ ކިރިޔާއެވެ. ވިހިއަހަރުކޮށްލާފައި އޭނަގެ ދިރިއުޅުމަށް އެނބުރި މިއައީ މި ލިބުނު އުފަލާއި ނަސީބު ފޭރިގަންނަންހެއްޔެވެ؟ އަލީޒާގެ ސިއްރު އެންމެނަށް ބޭޒާރުކޮށްލަން ހެއްޔެވެ؟ ނޫނެކެވެ. އެހެންވެގެން ނުވާނެއެވެ.

ސާއިރާ އެމީހަކަށް ފެނުމުގެ ކުރިން ދެފަޔަށް ލެވުނުހާބާރެއްލާފައި އައިކޮޅަށް ހިނގައިގަތެވެ. އެއައި ބާރުމިނުގައި ވޭޓަރެއްގެ ގައިގާ އަޅައިގެންފާ އޭނަ ގެނައި ތަބަކުގައި ހުރި ޖޫސްތަށިތައް ބިންމައްޗަށް ވެއްޓި އެކިދިމާލަށް ބުރައިގެން ދިޔައެވެ. ސާއިރާ އެ ފަކީރާއި ދިމާލަށް ހަޅޭއްލަވަމުން ގޮސް އިށީނީ މީހަކަށް ނުފެންނާނެހެން ތަންކޮޅެއް އަނދިރީގައެވެ. އޭނަ ހުރީ ވަރަށް ކަންބޮޑުވެފައެވެ. މިތަނަށް ދެފިޔަ ފަޅާފައި ހުރި އިފުރީތަކު ތިރިކޮށްލިޔަސް އޭނައަށް މިހާބޮޑު ބިރުވެރިކަމެއް ނުލިބޭނެއެވެ. ހިތާހިތުން ދުޢާކުރަމުން ދިޔައީ އެމީހަކު ވީހާވެސް އަވަހަށް މި ހަފްލާ ދޫކޮށްލާފައި ދިޔުމަށެވެ. އެ މީހަކަށް ސާއިރާ ނުފެނުމަށެވެ. މިވަގުތު މޫނު ބުރުގާ އަޅަންވެސް ހިތްއެދުނެވެ.

ރާހިލް އާއި ހަފާ އެކީގައި ހިނގާލާފައި ހުހަށް ހުރި މޭޒަކާއި ދިމާލަށް ދަނިކޮށް މާރީތި ޒުވާނަކު ހައި ޖަހާލުމުން ހަފާއަށް ބޭއިޚުތިޔާރުގައި ދެވުނީ އެ ދިމާލަށެވެ. މީރާންގެ ސަބަބުން އޭނަ ސަލާމަތް ވެވުނީތީ ރާހިލް ވަރަށް އުފާވިއެވެ. މީރާންއަށް ފްލައިން ކިސް އެއް ދިނެވެ. މެހުމާނުންގެ ތެރޭގައި ބުރެއްޖަހާލާފައި އީނާ ހޯދަން އުދަގޫވާނެތީ އޭނަ ހިނގައިގަތީ މޫދާއި ދިމާލަށެވެ. އީނާއަށް ކުރު މެސެޖެއް ފޮނުވާލިއެވެ. އޭނަ މޫދު ކައިރީ އިންތިޒާރުކުރާނެ ކަމަށާއި ވާހަކައެއް ބުނަން ބޭނުންކަމަށެވެ.

މީރާން ވަށާލައިގެން ތިބި ކުދިންގެ ތެރެއިން މިޝާއަދި ފަނާފެނުމުން ރާހިލް ހިނިއައެވެ. އެ ކުދިންނަށް މީރާން ގެ ހަގީގަތް އެނގޭނެނަމައެވެ. ސްވިސް ޒުވާނެއްކަމަށް ހީކޮށް އެންމެން އެ އުޅެނީ އޭނަ ކާމިޔާބު ކުރެވޭތޯއެވެ. ރާހިލް އެކަނިމާ އެކަނި މޫދާއި ދިމާލަށް އެކުދިންނާއި ކައިރިން ލާފައި އައިއިރުވެސް ރޭކާލާނެ ހޭވެރިކަމެއް އެކަކުގެވެސް ހުރިކަމެއް ނޭގެއެވެ. މީރާން އަށް މޮޔަވެފައެވެ. ނޫނީ މީރާންގެ އެހުންނަ އިންސާނުންގެ ވިސްނުމާއި ކުޅެލާބާރުގެ ސަބަބުން ހުރިހާ ކުދިން ގެ ސިކުނޑި ހައިޖެކްކޮށްލީއެވެ. ރާހިލް ބޯ ހޫރާލާފައި ދަމުން ކުޑަ ގާކޮޅެއްވެސް މީރާން އާއި އަމާޒުކޮށް ފޮނުވާލިއެވެ. މީރާންގެ ކުޅަދާނަކަން އެވަގުތު ވެސް ދައްކާލިއެވެ. އެ ގާކޮޅު އެއަށްވުރެ ބާރުމިނުގައި ރާހިލްގެ ބޮލުގެ ކައިރިން ދިޔައީ ފަތު އަޑުކިޔާލާ ރާހިލް ސިއްސުވާލާފައެވެ. ވެމްޕަޔާ އެކުވެރިން ތިބުމުން ބައެއްފަހަރު އިންސާނީ ނޫންކަންތައް ތަޖުރިބާކުރުމުގެ ފުރުސަތު ލިބެއެވެ. ފުދޭވަރަކަށް މަޖާކަމެކެވެ.

ވަގުތު ދިގުވާން ފެށުމުން އީނާ ނާންނާނެކަމަށް ރާހިލް ހީކުރިއެވެ. އެންމެ ކުޑަވެގެން އެ މެސެޖަށް ޖަވާބެއް ދިނުމަކީވެސް ބޭނުންކަމަކަށް އީނާއަށް ނުވީހެއްޔެވެ؟ ހާދަ ހިތްހަރުކުއްޖެކެވެ. މާޒީގެ ކިތަންމެ ދުވަހެއް ރާހިލްގެ ހަނދާނަށް އައެވެ. އީނާ ބަލިވެގެން ހޮސްޕިޓަލުގައި ބާއްވާފއި އޮތް ދުވަސްތަކެވެ. އޭރު ޑޮކްޓަރެއްގެ ގޮތުގައިނަމަވެސް އޭނަ އަޅާލިވަރެވެ. ޚިދުމަތްކުރިވަރެވެ. އެގެއަށް ދިޔަ ދުވަސްތަކެވެ. އެ ގާތް ރަހުމަތްތެރިކަމެވެ. ހިއްސާކުރެވުނު ސިއްރުތަކެވެ. ހަމަ ކުއްލިއަކަށް މި ގުޅުން ކެނޑުނީ ކީއްވެހެއްޔެވެ؟ އީނާ އާއި ނުލައި ދެން އޭނަގެ ދިރިއުޅުން ފުރިހަމައެއްނުވާނެކަން މިހާރު ރާހިލްއަށް ގަބޫލުކުރެވިއްޖެއެވެ. ރާހިލްގެ ލޯ ތެމުނެވެ.
ގޮނޑުދޮށް ހާދަ ފަޅެވެ. ފިނޮޅެއްފަދަ ހުދު އޮމާން ދޮންވެލިގަނޑެކެވެ. ރާހިލް ހަދާންވީ އޭނަ އާއި އީނާގެ ބައްދަލުވުމެވެ. އެކުޑަ ޕިކްނިކެވެ. އެ އެކަނިވެރި ވަގުތުތަކެވެ. މި ރީތި މޫދާއި ހަނދުވަރުގެ އަލިން އުފާ ހޯދަން އެންމެ ބޭނުމީ އީނާ އާއި އެކުގައެވެ. މޫދުގެ ރިބަން ރާޅުތަކަށް ބަލަހައްޓައިގެން ގެއްލިފައި ހުއްޓާ އޭނައާއި ދާދި ކައިރިން މީހެއްގެ ހިލަންވުމުން ރާހިލް އެނބުރުނެވެ. އެއާއެކު ހިތުގެ ވިންދުއަވަސްވެގެން ދިޔައެވެ. އެއީ އީނާއެވެ. ހާދަ ނަލައެވެ. އެ ބުޅި ބުޅި އިސްތަށިގަނޑުގެ ސަބަބުން އެމެރިކަން ކުއްޖެކޭ ތަފާތެއްނެތެވެ.

"އީން ކިހިނެއް؟ ވަރަށް އުފާވެއްޖެ އަހަރެންގެ ..............ޑޭޓް ގަބޫލުކުރީމަ..." ރާހިލް ކުޑަކޮށް އެ ޖުމްލަ މެދު ކަނޑާލާފައި ޑޭޓްއޭ ބުނެލީ ކުޑަކޮށް ވިސްނާލުމަށްފަހު ކުރުކޮށް ކޮށާލެވިފައިވާ އިސްތަށިގަނޑުގައި އަތް ހިންގާލަމުން ރީތި އުފާވެރި ހިނިތުންވުމަކާއި އެކުގައެވެ. އެއީ އީނާ އަބަދުވެސް ފިދާވާ ހިނިތުންވުމެވެ. އެ ހިނިތުންވުމަށްޓަކާ އީނާ ގުރުބާންވެސް ވެދާނެއެވެ. އީނަ ހައިރާންކަމާއި އެކު ބަލަހައްޓައިގެން ހުރީ ބުނަންވީއެއްޗެއް ނޭގިފައެވެ.

"ހާލު ރަގަޅު................" އޭނަގެ ހިތްކުދިކުދިވެފައިވީ ނަމަވެސް އެ ވަހަކަ ބުނެވިދާނެހެއްޔެވެ؟ ސަބަބަކީވެސް ރާހިލްއެވެ. އޭނަގެ ޒަޚަމްވެފައިވާ ހިތަށް ފަރުވާ ދެވޭނެ ހަމައެކަނި ޑޮކްޓަރަކީ ރާހިލްއެވެ. އެ ހިތުގައިވާ ދާއިމީ ރިހުމަށް އެހެން މީހަކަށް ޝިފާއެއް ނުދެވޭނެއެވެ.
"އީން ހާދަ ލޯތްބޭ........ލެވެންޑާ ގާލް....." ރާހިލް ފިނިވެފއިވާ އަތް ޖީބަށް ޖަހާލަމުން ސީރިޔަސް ނަޒަރަކުން ބަލާލިއެވެ. ލެވެންޑާ ކުލައިގެ ހެދުމެއް ލައިގެން ހުރިއިރު އީނާ ކިތަންމެހާވެސް ރީއްޗެވެ. ލެވެންޑާ މަލެއްފަދައެވެ. އެހާ ލުއި މީރުވަހެކެވެ. އެ ލޯބި ލޯބި މާ ބިނދެލެވޭނީ ނަސީބުވެރިޔަކަށެވެ.

"ތޭންކްސް.. ވަރަށް ކިއުޓް ނަމެއް.....ހެހެ" އީނާ ލަދުގަންނަގޮތްވިއެވެ. އިތުރަށް ބުނަންވީ އެއްޗެއް ނޭގުނެވެ.
ނުތަނަވަސް ހިމޭންކަމެއް ވެރިވެގެން ދިޔައެވެ. ބުނަން ބޭނުންވާ އެއްޗެހި ގިނަވެގެން ހިތްފުރި ބަންޑުންވަމުން ދާއިރުވެސް އެކަކަށްވެސް އެ ވާހަކަ ބުނާނެ ހިތްވަރެއް ނުލިބުނީކަން ނޭގެއެވެ. ލޯބީގައި އިސްނަގަން ޖެހޭނީ ފިރިހެންކުއްޖާއަށް ވި ނަމަވެސް ކަން ދިމާވެފައިވާގޮތުން ރާހިލް ވަނީ ފިޑިވެފައެވެ.

"ދެން އަޅުގަޑު ދަނީ..... އެކުވެރިން ގެއްލިގެން ހޯދާނެ.........." އީނާ ދާންވެގެން އަނެއް ފަރާތަށް އެނބުރުމާއި އެކު ރާހިލް އީނާގެ އަތުގައި ހިފަހައްޓާލަމުން އޭނައާއި ދިމާލަށް އނަބުރާލިއެވެ. ރާހިލް ގެ ހުރިހާ ފިޑިކަމެއް އެއްފަހަރާ ނެތިގެން ދިޔައެވެ. މި ފުރުސަތު ގެއްލުވާލައިފިއްޔާ ހިތާމަ ކުރަން ޖެހިދާނެއެވެ. އެހެންނޫނީ އޭނަ ފުރުހަމަ ފިރިހެނަކަށް ވެސް ނުވާނެއެވެ.

"އަހަރެންގެ ސުވާލުތަކަށް އެކަށިގެންވާ ޖަވާބެއް ނުދީ މިރޭ ތިހާ ފަސޭހައިން ސަލާމަތް ވެވޭނެކަމަށް ހީނުކުރޭ އީން....އެރޭ އަހަރެން އެކަނި ދޫކޮށްލާފައި އީން ދިޔައީ ކީއްވެ؟ އަހަންނަށް ކުރެވުނު ކުށެއް އެގެން ބޭނުން. ހާދަ ދެރަވި އެރޭ......." ރާހިލް މިހާ ސީރިޔަސް ވެފައި ހުއްޓާ އީނައަށް މިފެނުނީ ފުރަތަމަ ފަހަރަށެވެ. އެނަ ގެ ހިތުގެ ތެޅުން ދެގުނަ އަވަސްވިއެވެ. ރާހިލް ގެ އަތުގެ އެ ބީހިލުމުން ހަދާންވީ އެނަ ބަލިވެ އުޅުނު ދުވަސްތަކެވެ. އޭރު އޭނަ ދުށްގޮތުގައި ޝިފާ ލިބުނީ އެ ބީހިލުމުންނެވެ. 
"ރާހިލް އެފަދަ ސަމަސާއެއް ކުރީމަ ކަންބޮޑުވީ .....ސަބަބަކީ ރާހިލް ލައިކްވަނީ ދޮންކުދިން ދެކެކަން އެގޭތީ. ކުރީ ދުވަހު ހުސެންވެސް އިރުކޭތައޭ ކިޔައިގެން ދިމާކުރީމަ ރާހިލް......"

އީނަގެ އެ ޖުމްލަ ރާހިލް މެދުކަނޑުވާލީ ތުންފަތުންނެވެ. އީނާއަށް އިތުރުއެއްޗެކޭ ބުނާނެ ފުރުސަތެއް ނުލިބުނެވެ. މުޅި ދުނިޔެ މަތިން ހަނދާން ނައްތާލެވުނެވެ. ރާހިލްގެ ކަނދުރާއަށް އަތް ވައްޓާލެވުނެވެ. އެ ވަގުތުކޮޅު ލޯބީގެ ބަސްމޮށުމަށްވެގެން ދެ ހިތުގެ އަޑު އެކަކު އަނެކަކަށް އިއްވާލަދީފިއެވެ. ދުލުން ނުބުންޏަސް ލޯބިވާވަރު އަންގާލަދެވުނެވެ.

"އީންއަށް އެގޭތަ؟ ހުސެން އެވަރަށް ދިމާކުރީ އަހަރެން އީން ދެކެ ލައިކް ވާކަން އޭރުވެސް އޭނައަށް އެގޭތީ. އީންއަކީ ކަޅު ކުއްޖެކޭ ބުނީކާކު؟ ކިހާ އޮމާން ރީތި ކުލައެއް މިއީ. އަހަރެން ދޮންކުދިން ރީއްޗޭ ކިޔަނީ އީންގެ މޫނަށް ވެރިވާ ކުލަ ދެކެންވެގެން. އީން އަމިއްލއަށް ކަޅުކުއްޖެއްކަމަށް ހީކުރާތީ މަޖަލަކަށް. އެކަމަކު އީން ހާދަ ރީއްޗޭ. ހާދަ ލޯތްބޭ. ކިތަންމެ ފަހަރު އީން ފެނުނީމަ ފިނިވި.........." ރާހިލް އެކި ދުވަސްތައް ހަދާންކޮށްލަދިނެވެ. އޭނަގެ ފޮނި ހުވަފެންތަކާއި އުއްމީދުތައް އީނާއާއި ހިއްސާކުރިއެވެ. އީނާވެސް މިރޭ އޭނަ ގެ ހިތް ހުލުވާލިއެވެ. ޅަލޯތްބެއް ގެ ބިންގާ އެޅުނެވެ. ނަމަވެސް ދެކުދިން ގަސްތުކުރީ އެކުވެރިންނާއި އާއިލާއަށް ސަޕްރައިޒެއް ދިނުމަށް މިރޭ ބާއްވަން ހަމަޖެހިފައިވާ ނެށުމާއި ހަމަޔަށް އަދި ސިއްރުކުރުމަށެވެ.

އެ ހިތްފަސޭހަ ރޭ ގޮނޑުދޮށުގައި ދެ ޒުވާނުން އަތުގުޅުވާލައިގެން ހިގާލާފައި ދިޔައީ ވަރަށް ހިތްހަމަޖެހިފައި ތިބެ އެވެ. ހިތްގައިމު މިއުޒިކުން މާހަހުލު ވިރުވާއަޅަމުން ދާތީ ރާހިލް އީނާއަށް މިރޭގެ ޚާއްސަ ހަދާނެއްގެ ގޮތުން ލަވައެއް ކިޔާދިނެވެ. ހަމައެކަނި އީނައަށް ޚާއްސަކޮށް ލިޔާދިން ލޯބީގެ ލަވައެކެވެ. އެ އަސަރުގަދަ އަޑުގެ ޖާދޫއަށް ގެއްލިފައި އީނައަށް ހުރެވުނީ ބަސްހުއްޓިފައެވެ. 

އަންހެންކުދިންގެ ފަރާތުން ލިބެމުންދާ ސަމާލުކަމާއި އޭނައަށް މަރުދަން ޖެހޭތަން ފެނުމުން މީރާން ހައިރާނެއް ނުވެއެވެ. އޭނަ އަޖައިބުވަނީ މިކުދިން ގެ މޮޔަކަމުންނެވެ. ފެންނަހާ ފިރިހެނަކަށް ހިތްކިޔާއިރު ގޮތް ނޭގުނަސް ހެޔޮއެވެ. ބީރައްޓެއްސަކަށް ވިޔަސް މައްސަލައެއްނެތެވެ. މިޝާމެން ފަދަ ކުދިން މިތިބީ އޭނަގެ ފަހަތުން ނައްޓާނުލެވިފައެވެ. ކިޔޫ ހާދަ ދިގެވެ. އެންމެންގެ ޕްރިންސަށް ވެގެން އެންމެ އަނދިރީގައި ވާ މޭޒުކާރީ މީރާން އެކުދިންނައި ސަކަރާތް ޖަހަން އިނެވެ. އެންމެ ފަހުން ކެތްނުކުރެވިގެން ފާޅުގައި އޭނައާއި ރައްޓެހިވާން ބޭނުންކަމަށް ކިޔަން ފެށިއެވެ. މީރާން ބުނީ އޭނަ ކޮންމެ ކުއްޖަކާއި ވަކިން ބައްދަލުކުރުމަށްފަހު އޭނައަށް އެންމެ ކަމުދާ އަންހެން ކުއްޖަކަށް ފުރުސަތު އޮންނާނެކަމަށެވެ.

އެންމެ ފުރަތަމަ ފުރުސަތު ދިނީ ހަފާއަށެވެ. މީރާން އޭނަ ގޮވައިގެން ގޮސް ގަސްތަކާއި ނިވާވެލިއެވެ. ކިރިޔާ ޒުވާން އުމުރަށް އެޅެމުން އައި ހަފާއަށް އިއްޒަތާއި އަބުރު މުހިއްމެއް ނުވިއެވެ. އޭނަ ބޭނުންވީ މީރާންގެ ފަރާތުން އެއްފަހަރާ ލޯބި ހާސިލު ކުރުމަށެވެ. އެހާވެސް ހަފާ ހުރީ މޮޔަވެފައެވެ. ދީވާނާވެފައެވެ. އޭނާގެ ހަށިގަނޑާއި ފުރާނައަކީވެސް މީރާން ގެ މިލްކެއްކަމަށް ބުނެ މީރާން އަށް އާދޭސްކުރާކަށްވެސް ފަހެއް ނުޖެހުނެވެ. މި ކުއްޖާ ވީވަރު ފެނުމުން މީރާން އަށް މަޖާވިއެވެ. މަންމަ އިންސާނަކަސް ވިޔަސް ރޫހާނީ ބައްޕައެއް ހުރުމާއިއެކު މީރާން އަކީ ބާރުގަދަ ތަފާތު ޒުވާނެކެވެ. އިންސާނުންގެ ސިކުނޑިތަކާއި ކުޅެލެވެއެވެ. ކުޅޭކުޅޭ ބުދުތަކެއް ފަދައިން ބޭނުންގޮތަކަށް އަންހެން ކުދިން ގެންގުޅެވިދާނެއެވެ. އެކަމަކު މިވީހާތަނަށް އޭނަ އުޅުނީ މިފަދަ ކަންތައްތަކާ ވަރަށް ދުރުންނެވެ. ހޮވަންވީ ކޮން ނަސްލެއްގެ މަޚުލޫގެއްކަން އެނައަށްވަނީ އޮޅިފައެވެ. ނަމަވެސް މިވާވަރު ފެނުމުން މިފަދަ ވިޔާނުދާ ކުދިންނަށް އިބުރަތަކަށް ވާވަރުގެ ސަޒާއެއްދޭން ހިތަށް އަރަން ފަށައިފިއެވެ.

އެރޭ ޕާޓީއަށް އައި އަންހެންކުދިން ގެ ތެރެއިން ދިހަ އަންހެންކުދިންގެ ހިތްވަނީ އޭނަގެ މުށުތެރޭގައެވެ. އެ ލިސްޓްގެ އެންމެ ކުރީގައި އޮތީ ފަނާއެވެ.

ފަރުޒާނާ މިރޭ ޕާޓީއަށް އައީ ހިތާއި ދެކޮޅަށެވެ. ގަދަކަމުން ހިނިތުންވުމެއް ތުންފަތްމައްޗަށް ވެރިކުރުވައިގެން ހުއްޓަސް އޭނަގެ ހިތް ގެނބެމުންދަނީއެވެ. ޖީނާގެ މަތިން ހަދާންވަނީ މާބޮޑަށެވެ. މިއުޒިކްގެ އަޑުންވެސް އޭނާގެ ބޯފަޅައިގެންގޮސްދާނެހެން އެބަހީވެއެވެ. ނުތަނަވަސްވެފައި ހުރިވަރުން އޭނަ އައިގޮތަށް މޭޒެއްގައި ޖައްސާލެވުނީއެވެ. ބޮލުގައި ރިއްސާކަމުގެ ބަހަނާ ދައްކާފައެވެ. ދާނިޝްއާއި އަލީޒާ ފެންނަ ކޮންމެފަހަރަކު ގައިން ހުޅު ރޯވެދާނެހެން ހީވެއެވެ. ދާނިޝް އަލީޒާދެކެ ވަރަށް ލޯބިވާފަދައެވެ. އެއްފަހަރުވެސް އަތުން ދޫކޮށްލައިފިއްޔާ ގެއްލިދާނެކަމުގައި ހީކުރެވެނީހެއްޔެވެ؟ ބަލާލަނީ އެހާ އިޝްގީކޮށެވެ. ބައެއްފަހަރު ގަޔާއި ކައިރިކޮށްލައެވެ. ކޮލުގައިވެސް ހިފާލައެވެ. ނިތްކުރީގައި ބޮސްދެއެވެ. ހީހީފައި ކޮންމެވެސް ގޯނާއެއްކޮށްލައެވެ. ގޮތްދައްކަނީނޫންކަން ފަރުޒާނާއަށް އެގެއެވެ. އެހާކައިރިން އެ އުޅެނީ ހަމަ ލޯބިވާތީއެވެ. އަދި ސްވިސް މަންމަގެ ފަރާތުން ޔޫރަޕް ގެ އުޅުމާއި ތަހުޒީބުވެސް ލިބިފައިވާތީއެވެ. ފަރުޒާނާ ސޮއްފޫރުމަތިން ހަދާންވާން ފެށުމުން ދެވަނަ ފަހަރަށް އެ ދިމާލަށް ނުބަލަން އަޒުމް ކަނޑައެޅިއެވެ.

ފޮޓޯ ސެޝަނުގައި ބައިވެރިވީއިރުވެސް ފަރުޒާނާގެ މޫނުމަތީގައި ހަގީގީ އުފަލެއްނުވެއެވެ. ހިތްދަތިވާލެއްބޮޑުކަމުން ކެތްކުރިނަމަވެސް ލޯ ތެމުނެވެ. އޭނަ ޖީނާ މިފަދަ އުފަލަކުން މަހުރޫމް ކުރީ ކީއްވެހެއްޔެވެ؟ ހިތާހިތުން ޝަކުވާކުރެވެމުން ދިޔައެވެ. މަންމައެއްގެ ގޮތުގައި އޭނަވަނީ ނާކާމިޔާބުވެފައެވެ. މިރޭ އެކަން މުޅިން ޔަގީންވެއްޖެއެވެ. އެކަމަކު ވަގުތު ފާއިތުވެދިޔުމުން ކުރާނެ ކަމެއް ނެތެވެ. ކިތަންމެ ޕްލޭންތަކެއް ރޭވިޔަސް ޖީނާ އެބުރި ނާންނާނެއެވެ. ފަރުޒާނާއަށް ރޮވޭގޮތްވިއެވެ. މި ޕާޓި ތެރޭގައިވެސް އޭނަ ފިޔަވާ ހިތާމަވެރި އިންސާނަކު ހުރިކަމެއް ނޭގެއެވެ.

މީރާން އަނދިރީގައި އުޅެފައި ރިސެޕްޝަނަށް އައީ ދިހައެއްޖަހާކަށްހާއިރު އެހިސާބުގެ ބޮކިތައް ނިވާ ރަތްއަލި އަޅުވާލުމުންނެވެ. ރަތްއަލި ރަސްކަން ކުރަން ފެށުމުން މާހަލުގެ ރީތިކަން ހާސްބައި އިތުރުކުރުވިއެވެ. މީހުންތައްވެސް ފެންނަލެއް ވަކިން ނަލައެވެ. ޚާއްސަކޮށް ރީތިކުދިންގެ ތުންފަތާއި ހަމުގެ ކުލަ ރަތްވުމުން އެހުންނަނީ ސިހުރުވެރިގޮތެކެވެ.

"ސްވީޓްހާރޓް ...ކޮންތާކު އުޅުނީ...." މާލިޔާ މީރާން ފެނުމުން ބައްދާލަމުން ވަރަށް ލޯބިން އަހާލިއެވެ.

މީރާން މަންމަ އާއި ދާނިޔާލްމެނާއި ސަމާސާކުރަން އިރުކޮޅަކު ހުރުމަށްފަހު ސިއްރުވެރި ނަޒަރަކުން އޭނަގެ ފަހަތުން އައި ކުދިންނަށް ބަލާލިއެވެ. އެ ތަފާތު ނަޒަރާއި އެ ގެންގުޅޭ ވެމްޕްޔަރިޝް ގޮތްތަކުން އެކުދިން ގެ ހިތްތައް އިތުރަށް މޮޔަކުރުމަވުން ދިޔައެވެ. އެހާ ލާނެތް ނުލަފާ ހިނިތުންވުމެކެވެ. އެ ފަން އިސްތަށިކޮޅު މޫނަށް ފައިބަމުންދާލެއްވެސް އެހާ ނަލައެވެ. ފަނާ ހުރީ އަނގަހޭވިފައެވެ. އޭނަ ހުރީ ޝޮކެއްގައެވެ. ކަންފަތް ކުށް ކުޅައީ ބާވައެވެ. މީރާން މާލިޔާއަށް ހަމައެ ގޮވީ މަންމަ ކިޔާފަހެއްޔެވެ؟ އާއެކެވެ. ދާނިޝްމެނާއި ވައްތަރެވެ. ފުރަތަމަވެސް މި ޕާޓީއިން މިފެންނަ ގިނަ ދޮން މީހުންނަކީ މާލިޔާ ގެ އާއިލާ ނުވަތަ ޝައުނާ ގެ ބައްޕަގެ އާއިލާ މީހުންކަން ފަނާވެސް ދެނެހުއްޓެވެ. ނޭގުނީ ދާނިޝްމެން ގެ އިތުރު ބޭބެ އެއް ހުންނަކަމެވެ. ފަނާ އުފަލުން މޮޔަވާވަރުވިއެވެ. އޭނާގެ ހުވަފެން ހަގީގަތަކަށް ވާން އުޅެނީއެވެ. އެ އާއިލާއިން ޖާގަ ލިބުނީއެވެ. ކޮންމެ ގޮތެއް ހަދާފައި ވެސް އޭނަ އެ ރީތި މީރާން ހާސިލް ކުރާނެއެވެ.

ޕާޓީ ތެރޭގައި މިރޭ ކިތަންމެ ހިތްތަކެއް ގުޅުނެވެ. ލޯބި އާލާވިއެވެ. ސޮއްފޫރު އާއި ފަރުޒާނާ ފަހަރި އެ ގުޅުމުގެ ނަމުގައި ވާހަކަ ދެއްކިއެވެ. އެކަކު އަނެކަކަށް ލޮލުން މެސެޖް ފޮނުވިއެވެ. މައުމޫން އާއި މާލިޔާވެސް ދަރިންނަށްޓަކައި " މަޖުބޫރު" ވެގެން އެކީގައި ފޮޓޯ ނެގިއެވެ. ވާހަކަ ދެއްކިއެވެ. ހަމަ އެފަދައިން ލޯބީގެ އެއްވެސް ކުލައެއްނެތި މީރާން އަންހެންކުދިންނަށް ހުވަފެން ދައްކަމުން ދިޔައެވެ. އެ ހިތްތައް މިލްކު ކުރިއެވެ.

ދަންވަމުން ދިޔަވަރަކަށް ޕާޓީގެ ފޯރި ގަދަވަމުން ދިޔައެވެ. މިއުޒިކްވެސް ބާރުވެލިއެވެ. ރަތް އައްޔާއި ވިދާ ތަރިތައް އަދި ހެޔޮވަރަކަށް ޖެހެމުންދާ ވައިރޯޅިތަކުގެ ސަބަބުން މާހައުލުގެ ހިތަފަސޭހަކަން އެތައް ގުނަ އިތުރުވެފައިވެއެވެ. އެންމެ ފަހުން އޮތީ ނެށުމުގެ ޚާއްސަ ޕްރޮގްރާމެވެ. އެ ގޮނޑުދޮށް މިހާރުވަނީ ފިނިފެންމާ ފިޔަތަކުގެ ދާނަކަށް ވެފައެވެ. މިހާ ގިނަ މާ މާތައް އޮއްސާފައި ގޮނޑުދޮށް މާތަކުން ފުރާލާފައި އޮތުމުން އެންމެން ހައިރާންވިއެވެ. ކޮންތާކުން ގެނައި މާތަކެއްބާވައެވެ. އެންމެން ގޮނޑުދޮށަށް ފޭބިއެވެ.

ޚާއްސަ ފަރާތްތަކަށް ލިބުނު ފުރުސަތުގައި ދާނިޝްމެން ފަދަ ޒުވާނުން ލޯބިވެރިންނާއި އެކު މިއުޒިކާއި އެއް ހަމަޔަށް ނެށުމުގައި ބައިވެރިވިއެވެ. ހަނދުވަރުގެ ރިހިއަލި ވަރަށް ރީތިކޮށް މިހިސާބަށް ވެރިވެފައި އޮތެވެ. ދާނިޝްގެ އަތުތެރޭގައި އަލީޒާ ހުރީވަރަށް އުފާވެރި ރީތި ހިނިތުންވުމެއްގައެވެ.
"މިރޭ އަހަރެން ގެ ބޭބީ ގާލް ރީތިކަމުން ހަމަ ކިރިޔާ ކެތްކޮށްލައިގެން މިހުރެވެނީ. އަދިވެސް އެކަނިވެލާނެ ފުރުސަތެއް ނުލިބޭ. ރީތިކޮށް ހަދުވަރު ދޭ ރެއެއްގައި ލޯބިވެރިޔާއާއި އެކު މޫދުގައި ހޭދަކޮށްލުމުން ހާދަ މަޖާވާނެ. މި ކުއްޖާގަނޑު ބިރުން އުޅޭތީ ދަތުރެއް ނުރޭވެނީވެސް. އެކަމަކު މިރޭ. ސްވީޓްހާރޓް. އަހަންނަށް ޔަގީން މިރޭ ދުވަހަކު ނިންމާލާކަށް އެލީ ބޭނުމެއްނުވާނެ. އެހާވެސް ޚާއްސަ ހަދާނީ ރެއަކަށް ހަދާދޭނަން. ހެހެ...އެހެން ބުނީމަވެސް ރަކިވީޔޯ........" ދާނިޝް އަލީޒާ ގެ ކޮލުގައި ވައަތުގެ ނުފުށުން ބީއްސާލަމުން ބުންޏެވެ.

އަލީޒާގެ ހިތް ލޯބިން ފުރިގެން ބަންޑުންވަމުން ދިޔައެވެ. އެ އަސަރުގަދަ ކޮންމެ ޖުމްލައެއް އޭނަގެ ހިއްސުތަކާއި ކުޅެމުން ދިޔައެވެ. ދާނިޝް ގެ ލޮލުގެ ތެރެއަށް ފީނާލަންހިތް އެދުނެވެ. ބަލާބަލާ ފޫހިވުމެއްނެތް ކުޅަދުންވަންތަކަމުގެ ފުރިހަމަކަމެކެވެ. ނަމަވެސް ދާނިޝް ގެ ލާނެތް ސަމާސާތަކުން ބައެއްފަހަރު އަލީޒާލަދުން މޯޅިވެގެން ފިލަން ބޭނުންވެއެވެ. ނަމަވެސް ފިލަން ދުވާނީ ކޮންތަނަކަށް ހެއްޔެވެ؟ މޫނު ފޮރުވަން ޖެހެނީ އެ ތަނަވަސް މޭމަތީގައެވެ.

"ކޮންމެ ދުވަހެއްވެސް ހަމަ އެހާ ފުރިހަމަ. ޑޭން އާއި އެކު އުޅެވޭ ކޮންމެ ވަގުތެއް ރީތި. ދެން މިރޭ ތިހާ ޚާއްސަވެއްޖެއްޔާ އުފަލުން ހިތް ހުއްޓިދާނެއްނު. ހޯލްޑް މީ ލައިކް ދިސް ފޯއެވަރ މައި ލަވް............" އަލީޒާ އަދިވެސް ބޮޑަށް ދާނިޝްގެ އަތުގެ ތެރެއަށް ވަނެވެ. އޭނަ ބޭނުންވަނީ އެ އަތުގެ ތެރެއަށް ވިރިގެން ދާށެވެ. އޭނައަށް ލިބިފައިވަނީ ހާދަ ލޯބިވެތި ފިރިޔެކެވެ.

ދާނިޝް އަދިވެސް ބޮޑަށް އަތުގެ ދާއިރާ ހަނިކޮށްލުމުން އަލީޒާ އަށްލިބުނު ހިތްހަމަޖެހުމާއި އުފަލުގެ ސަބަބުން ލޯ މަރާލެވުނެވެ. އަލީޒާއަށް ހީވީ އުފަލުން ބިމުގައި ފައި ހަރުނުލާހެނެވެ. ހަގީގަތަކީ އެއީއެވެ. ދާނިޝް ހުރީ އަލީޒާ ކުޑަކޮށް އުފުލާލައިގެނެވެ. އޭނަގެ ބާރުގަދަކަމުން އަލީޒާ އަތުތެރޭގައި ގެންގުޅެމުން ދިޔައީ ބުދެއްފަދައިންނެވެ. އެންމެން އެކިޔާ " ބާބީ ޑޯލް" އޭނަ މިވަނީ މިލްކުކޮށްފައެވެ.

އަލީޒާއަށް ހަމަހޭވެރިކަންވީ އިރުކޮޅަކުންނެވެ. ގިނަބަޔެއްގެ ލޯތައް އަމާޒުވެފައިވާކަން އެގުމުން ދާނިޝް ގެ އަތުގެ ތެރެއިން ނިކުންނަން މަސައްކަތްކުރިއެވެ. އަލީޒާ އެންމެ ހާސްވީ އޭނަދެކެ އެންމެބޮޑަށް ނަފުރަތްކުރާ ދެފަރާތުން ނުރައްކާތެރިގޮތަކަށް ބަލަހައްޓައިގެން ތިބިތަން ފެނުމުންނެވެ. ފަރުޒާނާ އަދި ފަނާވެސް ހީވަނީ ލޮލުން އޭނަ އަންދާލާ އަޅިއަށް ހަދާލަފާނެހެނެވެ. އުމުރުދުވަހުވެސް އެ ދެމީހުން އޭނަގެ ފަހަތުން ނުފިލާނީހެއްޔެވެ؟އަޖާބެކެވެ. އެވަރަށް އޭނައާއި ޖައްސާލއިގެން މިއުޅެނީ ކީއްވެހެއްޔެވެ؟

"އަނހަ..ކިހިނެއްވީތަ؟ " ދާނިޝް ބަލާނުލިނަމަވެސް އަލީޒާ ގެ އެ ސިހުން އެކުލެވިފައިވާ ލޮލުން އޭނަ ހުރިހާ ކަމެއް ދެނެގެންފިއެވެ. އޭނަގެހަވަނަ ހިއްސު ބަރާބަރަށް މަސައްކަތް އެބަކުރެއެވެ. ވިހަގަދަލޮލެއްގެ ސަބަބުން އަލީޒާއަށް އުދަގޫވީކަން ޔަގީންކުރެވުނެވެ. އެބުރި ބަލާނުލިނަމަވެސް ދާނިޝްއަށް ހީކުރެވުނީ ހަމަ ރަގަޅަށެވެ.

"އެންމެން ބަލާވަރުން ކަންބޮޑުއެބަވޭ. މިހާ ގާތްކޮށްއުޅުނީމަ ކުރީ ދުވަހު މަންމަވެސް މައްސަލަ ޖެއްސި. މިހާރުވެސް ފަނާއާއި ޖީންގެ މަންމަ ވަރަކަށް އެބަލަނީ....." އަލީޒާ ދުރަށް ދާން އުޅުނަސް އެ ބާރުގަދަ އަތުގެ ތެރެއިން ނިކުމެވޭނެ ގޮތެއް ނުވިއެވެ.

"ވެޑިން ޕާޓީއެއްގައި ނަށާލިޔަސް ބައްދާލިޔަސް އަދި މީހަކު މައްސަލަޖައްސާވަރު ކަމެއް ނޫނެއްނު އެލީ. އެލީގެ ސިކުނޑިން އެ ސައިކޯއިން މުޅިން ފުހެލަބަލަ. އަހަރެންގެ އެލީއަށް އެމީހުންނަކަށް އެއްވެސް ގެއްލުމެއް ނުދެވޭނެ. ބުނަމެއްނު އެހެން މީހުނާއި މެދު ނުވިސްނާށޭ . އެލީ ހަދާންއެބަހުރިތަ؟ އެ ޕިލޯ ފައިޓް...... އެ ހޭންޑް ފައިޓް.......އެރޭ ދުވަހަކު ހަދާންނައްތައެއްނުލެވޭނެ......ޔޫ ކާންޓް އެސްކޭޕް ފްރޮމް މައި ލަވް......ނެވަރ އެވަރ......" ދާނިޝް ލާނެތް ހިނިތުންވުމަކާއި އެކީ މާޒީގެ ރެއެއް ހަދާންކޮށްދިނުމުން އަލީޒާއަށްވެސް ހެވިއްޖެއެވެ.

. "އަޅެ ހާދަ ނޯޓީ........" އަލީޒާ ސަމާސާއަކަށް ހަދާފައި ދާނިޝް ގެ މޭގައި މަޑުމަޑުން އަތުން ތަޅާލިއެވެ

ދާނިޝްއާއި އަލީޒާ ގެ އެލޯބިވެތި ހަރަކާތްތައް ދެކެން ފަނާމެން ކުޅު ދިރުވާލަ ދިރުވާލާ ބަލަހައްޓައިގެން ތިއްބެވެ. ހިތްދަތިވެފައެވެ. މާޔޫސްވެފައެވެ. ގަނޑުވެފައެވެ. ސިއްރު ސިއްރުން އެދައްކަނީ ކޮން ވާހަކައެއްހެއްޔެވެ؟ ފިލްމެއްގެ މަންޒަރެއް ބަލާލައިގެންވެސް މިފަދަ ހިތްދަތިކަމެއް އިހުސާސްކޮށް ހަސަދަވެރިވެވުނު ހަދާނެއް ފަނާ ނުވެއެވެ. ރީތި މީހަކު ފެނުނަސް މިވަރަށް ހަށިގަނޑުގައި ވާހާ ނާރުތަކަށް އެގުން ވެގެނެއް ނުދެއެވެ. ހާދަ ފުރިހަމަ ޖޯޑެކެވެ. އެންމެ ސަޅީ އަލީޒާ އެހާ ލަދުރަކިވެފައި ދާނިޝް އެހާ ފިރިހެންވަންތަކަމުންނެވެ. ހާދަ ލޯތްބެވެ. ފަނާގެ އަނދުން އަޅާ ފަވާލާފައިވާ ލޯ ތެމެން އުޅުނެވެ.

ނަށާލާނެ ފުރުސަތެއްވެސް ނުދީ މީރާން ވެސް ދިޔަ ނުދިޔަތަނެއް ނޭގުނެވެ. އެރީ ހަވާއަށް ކަމެއް ނޫނީ ވަނީ ބިމަށް ކަމެއްވެސް ނޭގެއެވެ. ރާހިލްވެސް އޭނަގެ މަންމަ ޒުހޭމާ ގޮވައިގެން މަޖާވެލާފައި ނަށަން އުޅެއެވެ. މިޝާވެސް ހުރީ ތުންފިތާލައިގެނެވެ. ހަފާ ވެސްހުރީ ވަރަށް ރުޅިގަދަވެފައެވެ. މިރޭ ވެގެން މިދަނީ ނާކާމިޔާބު ރެއަކަށެވެ. ނަށާލާނެ ބައިވެރިޔަކުނެތި ދަންވެއްޖެއެވެ. އޭނަގެ ޕްރިންސްކޮބާހެއްޔެވެ؟ ރޭގަޑު ބާރަ ޖަހަންވާއިރަށް މި "ސިންޑްރެއްލާ" މިހިރީ އިންތިޒާރުގައެވެ.

"ފަނާ. ނުބުންޏަސް އެބައެގޭ ފަނާއަށް އެފޮނި ފިރިހެނާއަށް ނޫނީ ނުބެލޭކަން. ހިތްކީ ދޯ. އެވަރަށްވެސް ސެކްސީ ވިއްޔާ. ހަމަ ހުވާ އޭނަ ބަލާލިގޮތުން މަގޭ ގައިން ވެސް ހީބިހިނެގި. ޅިޔަނަށް ވިޔަސް ހެޔޮ. ހިތަށް އެރި އެއްޗެހި ދެން ސިކްރެޓް. ސެންސަރުކޮށްލީ އެބައި. ކެކެ. ކަންބޮޑުނުވޭ. އަހަރެން ދާނިޝް ހޯދަދީފާނަން...." ހަފާ ފަނާގެ ކަންފަތް ކައިރީ މަޑުމަޑުން ބުންޏެވެ. ފަނާ ޑޮކްޓަރަކަށް ވީމަ ހަފާ ހުރީ އެކުވެރިވާނެ ފުރުސަތަކަށް ބަލަ ބަލައެވެ. ކަރުގައި ވާ ޖަވާހިރު ހާރުން މިއީވެސް މުއްސަންޖެއްގެ ދަރިއެއްކަން އެބައެގެއެވެ. 

"ކީކޭ ؟" ފަނާ ގެ ލޯބޮޑުވެގެން ދިޔައެވެ. އަލީޒާ ގެ ކުޑަ ކޮއްކޮ ހަފާ މިއުޅޭގޮތުން ފަނާވެސް މިހުންނަނީ ހައިރާންވެފައެވެ. ފުދޭވަރަކަށް ބުއްދި ރަގަޅުހެން ހީވެއެވެ. ޔަގީނުންވެސް ފަނާގެ ހިތް ދެނެގެންފިއެވެ. އެކަމަކު ވާހަކަދެއްކުމުގެ ރާގާއި ބަހުރުވަ ހުންނަނީ ހާދަ ދަށްކޮށެވެ. 
"އަހަރެންގެ ކާފަ ހުންނަނީ ފަންޑިތައިން ޕީއެޗްޑީ ހަދާފައޭ. ރާއްޖޭގެ އެއްވަނަ.. އެއްލި ދުނިދަޑިހާ ސީދާވާނެ. މީހަކު މަރާލަން ސިހުރު ހެދިޔަސް ވަގުތުން އެމީހަކު އެވީ އެ ދުނިޔެއަށް ދާން ޓިކެޓްނަގަން . ފަނާއަތުގައި ލާރި އެބަހުރިތަ؟ ކޭޝް ހުރިއްޔާ ބޭނުން ކޮންމެ ފިރިހެނަކު ހޯދަދީފާނަން. ހެޔޮ ބިލް ގޭޓްއަށް ވިޔަސް. މިވަގުތު ކާފަ ވީ ބަލިވެގެން އިންޑިޔާގައި . އަންނާނެ ދުވަސްކޮޅަކުން......." ހަފާ ފޮނިވެލާފައި ބޯ އަރިކޮށްލިއެވެ. 

"ބިލްގޭޓްއޭ. ޗީ. ... މަށެއްނޫޅެމޭ މުސްކުޅި ބޭގަޑެއް ނުލިބިގެން......." ފަނާ ހަފާގެ އަތުގައި ހިފައިގެން އެއްގަމަށް ދާން އޮންނަ މަގަށް މިސްރާބު ޖަހައިފިއެވެ. އެ މަންޒަރު ފެނުމުން ސާއިރާ މޫނުކުނިކޮށްލިއެވެ. ރާހިލްގެ ފަހަތުން އުޅެންވީމަ އެ މަންޖެ އަންހެނަކު ގޮވައިގެން މި ދަންވަރު ދާތަނެއް ދެނެވޮޑިގެންވަނީ ހެއްދެވި ފަރާތެވެ. މިޒަމާނުގައި އަމިއްލަ ދަރިއަށް ވިޔަސް އިތުބާރު ނުކުރެވޭނެ ވިއްޔާއެވެ.
ފަނާ އެވާހަކައަށް ޝަވްގު ވެރިވީވަރުން ހަފާގެ އަތުގައި ހިފައިގެން ހިގައިގަތީ އެކަނިވެރި ދިމާލަކަށެވެ. މިފަދަ އުފާވެރި މޮޅު ހަބަރެއް މިވީހާތަނަށް ލިބިފައި ނުވާފަދައެވެ. ހަފާ ޅައެއްކަމަކު ވަރަށް ބުއްދިވެރިއެވެ. އެކަމަކު މި ކުއްޖާއަށް އިތުބާރު ކުރަން ވެދާނެހެއްޔެވެ؟ ވަރުގަދަ ދުލެއް އެބައޮތެވެ. ސިއްރު ހިފެހެއްޓިދާނެކަމާއި މެދު ޝައްކެވެ. ނަމަވެސް އޭނަގެ ކާމިޔާބީ އޮތީ ފަންޑިތައާއި ގުޅިފައެވެ. އެނޫންގޮތަކަށް ދާނިޝް ލިބޭކަށް ނެތެވެ. މީރާން އާއި ރާހިލް މެން ކިތަންމެ ފުރިހަމަޔަސް އޭނަ އަށް ހަގީގީ ކާމިޔާބެއް ލިބެން މިއޮތީ އަލީޒާ ވައްޓާލެވުމުންނެވެ. އަލީޒާ އިދަޖައްސާލާ ރޮއްވާލަން އޭނަ ހާދަ ބޭނުމެވެ.

ފަނާ އާއި ހަފާ ހަމަޖެހިލައިގެން ގޮސް ސިމެންތި ގޮޑިއެއްގައި ޖައްސާލިއެވެ. 
"އަލީޒާ އަކީ ހަފާ ގެ ދޮންތައެއްނު. އޭނައަށް ލަޑެއްދޭކަށް ނުވާނެއްނު..."ފަނާ ވަރަށް ނޫންކަމަށް ހަދާފައި ހަފާގެ ހިތުގައި ވާއެއްޗެއް ދެނެގަންނަން ދުރުދުރުންފެށިއެވެ.
ހަފާ ގަސްތުކުރީ މަންމަގެ ފަރާތުން އޭނައަށް އެގިފައިވާ ސިއްރު ބޭޒާރުކުރުމަށެވެ. އަލީޒާއަކީ ހަގީގީ ދޮންތައެއް ނޫންކަން އެންގުމަށެވެ. އެކަމަކު ފައިސާއަށެވެ. އަގެއްނެތި މީހަކަށް ފެންފޮދެއް ނުދޭންވެސް މަންމަވަނީ އަންގާފައެވެ.
" "ބުނަން..އަލީޒާގެ ވަރުގަދަ ސިއްރެއް މަށަށް އެގޭ........." ހަފާ ދެފައި ވަށްކޮށްލައިގެން ގޮނޑިމައްޗަށް އެރިއެވެ. ހަށިގަނޑެއް ހުއްޓަސް ކުޑަކުއްޖެއްގެ އުޅުމެވެ. ހެދިބލެތްގަނޑުގެ އެއްބައި އަނގަޔަށް ލާފައި ހަފަން ފެށިއެވެ. ހަފާ ދުފާގޮތުން ކުޅު ދިޔާވިނަމަވެސް ދަތްތައް ހަޑިވެދާނެތީ ފަނާއަށް ދުފާކަށް ނުކެރެއެވެ.

އެވަގުތު މިއުޒިކެއްފަދަ ރީތި ފިރިހެން ހުނުމެއްގެ އަޑަށް ދެކުދިން ސިއްސައިގެން ގޮސްފައި އެނބުރުނުއިރު ދާދި ކައިރީގައި ހުރީ މީރާން އެވެ. ހަފާ ފުންމައިގެން ގޮސް މީރާން ގެ ގައިގާ ބައްދައިގަތްގޮތުން ހީވީ ގެއްލިދާނެތީ ބިރުންއުޅުނުހެނެވެ. އެކަމަކު ފަނާއަށް އެއްޗެކޭ ބުނެވޭކަށް ނެތެވެ. ހަފާ އެވަނީ ދާނިޝް ހޯދަދޭނެކަމުގެ އުއްމީދެއް ދީފައެވެ. ދެ މީދާފެހި ބުޅަލަކަށް ވުރެ އެންމެ ރަގަޅީ އޭނަގެ " ލޯބިވެރިޔާ" ހޯދަން މަސައްކަތް ކުރުމެވެ.

ދުނިޔޭގެ ދެވަނަ ބޮޑު ހަގުރާމައިގަ އެޓޮމް ބޮމެއް ވައްޓާލައިގެން ހިރޯޝިމާއާއި ނަގަސަކީއިން އެތައް ހާސް މީހުން މަރާލާކަށް އެމެރިކާއިންވެސް ޖެހިލުމެއްނުވިއެވެ. އަލީޒާ ފަދަ ނިކަމެތި އެންމެ ފުރާނައެއް ދުއްވާލުމަކީ ފެންފޮދެއް ބޯލުން ހާފަސޭހަކަމަކަށް ވާނެއެވެ. ހަފާގެ އެ ކާފައަށް އެކަން ނުވިއްޔާ އޭނަ ވެސް އެކަން ކުރާނެއެވެ. ޑޮކްޓަރެއްގެ ގޮތުގައި ހުރެ ދުވަހަކު ފާފައެއްނުކުރަން ވައުދުވެފައިވިނަމަވެސް އޭނަ ލޯބިވެރިޔާއަށްޓަކައި ކޮންމެފަދަކަމެއްވެސް ކޮށްފާނެއެވެ. ހަފާ މީރާންގެ މޫނުގައާއި އަތުގައި ބޮސްދެމުން ދިޔައީ ދީވާނާއެއް ފަދައިންނެވެ. ފަނާއަށް އެ މަންޒަރު ދެކެން ވެސް ކުޅަދާނައެއްނުވިއެވެ. އޭނަ އަނެއްކާ ދިޔައީ ގޮނޑުދޮށަށް އެމޫނު ދެކިލުމަށެވެ.
ދާނިޝްމެންގެ އެ ލޯބިފެނުމުން އެންމެފަހުން ފަރުޒާނާގެވެސް ކެތްތެރިކަންކޮޅުން ލައިފިއެވެ. އޭނަ އެއްގަމަށް އަރައިގެން އެކަނިމާއެކަނި ގޮސް ގޮނޑިއަކަށް ތިރިވިއެވެ. ނުވީތާކަށް މައުމޫންވެސް އޭރު ހުންނެވީ މާލިޔާއާއި ހިނިތުންވެލައްވާފައި ވާހަކަ ދައްކަވާށެވެ. އޭނަ މުޅިން ބާކީވީއެވެ. މައުމޫން އަބަދުވެސް ލޯބިވަމުން އައީ އޭނަގެ ކުދިން ގެ މަންމަ ދެކެއެވެ. ފަރުޒާނާ އެވަރު ދަނެއެވެ. އަނެއްކާ މާލިޔާ މައުމޫން ގެ ހަޔާތަށް އަންނަން އުޅޭކަމުގެ ނިޝާންތައް ފެންނަން އެފެށީއެވެ.


"ފަޒީ ކިހިނެއްވީ؟" ސޮއްފޫރު ފަހަތުން އައުމުން ފަރުޒާނާ ސިހުނެވެ. ލޮލުގައިވާ ކަރުނަ ފޮހެމުން ގަދަކަމުން ހިނިތުންވެލިއެވެ.
"ނޭގޭ. މިރޭ މާބޮޑަށް ޖީން މަތިން ހަދާންވީ. އަހަރެންގެ ސަބަބުން ޖީން މަރުވެގެން އެ ދިޔައީ. އެހެންނޫންނަމަ އަލީޒާގެ ބަދަލުގައި އެތާ ހުރީހީ ޖީން. ޖީން ހާދަ ބޮޑަށޭ ދާނިޝްދެކެ ލޯބިވީ..... " ފަރުޒާނާ ހުސްކަމުގެ ތެރެއަށް ބަލަހައްޓައިގެން އިނދެ ހުރިހާ ޝަކުވާތަކެއް އެއްފަހަރާ ބަންޑުންކޮށްލިއެވެ.
ފަރުޒާނާ ޖީނާގެ ސިއްރުތައް ކިޔާދެމުން ގޮސް އޭނަ ޖީނާގެ މޫނުމައްޗަށް އެތިފަހަރެއް ވީއްލާލި ދުވަހުގެ ވާހަކަވެސް ކިޔާދިނެވެ. ދާނިޝް އާއި ޖީނާގެ އެ ގާތްކަން ފެނުމުން އެދުވަހުވެސް ފަރުޒާނާ ބިރުގަތީ އޭނަގެ ސިއްރު ބޭޒާރުވެދާނެތީއެވެ.
"އެއީ ކަލޭގެ ބޭބެ އޭ...އެވަރުނޭގޭތަ؟ އެއީ ކަލޭގެ ބޭބެ ...ލަދެއްނުގަނޭތަ؟ ހާދަ ވިޔާނުދާވެގެން ތިއުޅެނީ....." ކޮންފަދަ ހަރުކަށި ޖުމްލައެއްހެއްޔެވެ؟ އޮޅުވާލުމުގެ ޖުމްލައެކެވެ. ލަދުގަންނަން ޖެހެނީ ޖީނާއެއްނޫނެވެ. ފަރުޒާނާއެވެ.
އެ މަންޒަރު ކުރިމަތިން ސިފަވާންފެށުމުން ފަރުޒާނާއަށް މޫނުގައި އަތްއަޅާލެވުނެވެ. ހޯސްލާފައި އޮހިގަތް ކަރުނަތައް އިނގިލިތަކުގެ ތެރެއިން ދެމެމުން ދިޔައެވެ. ސޮއްފޫރުއަށްވެސް އަސަރުކުރިއެވެ. ޖީނާގެ ހަދާންތައް އާވުމުން އޭނަ ގެ ލޯތެމޭއިރު މަންމައަކަށް ކުރާނެ އަސަރު ސައްފޫރުއަށް ރަގަޅަށް އިހުސާސް ކުރެވުނެވެ.

"އަހަރެން ހީކުރީ އަހަރެން ޖީން ދާނިޝް ގެ ވަކިތަކުން ސަލާމަތްކޮށްދިނީކަމަށް. މިހާރު އެގޭ އަހަރެމެންގެ ދަރިފުޅު ގެންގުޅެވުނީ ޖަލެއްގައިކަން. ލޯބިވެރިންނާއި އެކުވެރިން ހޮވުމުގެ އިޚުތިޔާރެއްވެސް ނުދެވުނު. ޖީންއަށް އެއްވެސް އުފަލެއް ހޯދައެއްނުދެވުނު. ނުވީތާކަށް ބައްޕަވެސް އޮޅުވާލެވުނީ. ކިހިނެއް މި ހިތާމަތަކަށް ކެތްކުރާނީ. ޖީން އެ ދިޔައީ އަހަންނަށް ކުށުގެ އިހުސާސް ވަރަށް ބޮޑަށް ކުރުވާފައި. ސޮއްފޫރު. އަހަންނަށް ދެން ކެތެއް ނުކުރެވޭނެ. ދަރިފުޅު ގެނެސްދީ. ހެޔޮނުވާނެ...." ފަރުޒާނާ ރޯން ފެށިއެވެ. ޖީނާ ދުނިޔެ ދޫކުރީ ވިހި އަހަރުންނެވެ. އެއީ ހުރިހާ އަންހެންކުދިންގެ ހިތް ޒުވާންވެ ލޯތްބަށް އެންމެ ބޭނުންވާނެ އުމުރެވެ. ލޯބީގެ އުފަލާއި ހިތްހަމަޖެހުން ބޭނުންވާނެއެވެ. ލޯބި ދޭނެ ޒުވާނަކު ބޭނުންވާނެއެވެ. ނަމަވެސް ޖީނާ ގެ އުފާތައްވެސް އޭނަ ނިގުޅައިގަތީއެވެ. އެފަދަ އުފަލެއް ލިބުމުން މަހުރޫމްކުރުވީއެވެ. ކޮންފަދަ ބޮޑު އަނިޔާއެއްހެއްޔެވެ؟ އެހެންނޫންނަމަ ދާނިޝް ގެ ފަރާތުން އަލީޒާއަށް ދެވޭހާ ލޯތްބެއްގެ ހައްގު ވެރިއަކަށް ވީހީ ޖީނާއެވެ. ޖީނާގެ ހިތަށްކުރާނެ އަސަރު މިވަގުތު ފަރުޒާނާއަށް ރަގަޅަށް އެބައެގެއެވެ. މަންމައަށްޓަކައި އެ ލޯބި ގުރުބާންކުރީއެވެ.

"ފަޒީ. ތިކަހަލަ ވާހަކަ ނުދައްކަބަލަ. އެއީ އިންސާނުންގެ ބާރުގައި ވާކަމެއް ނަމަ އަހަރެންގެ ހުރިހާ މުދަލެއް ހޭދަކޮށްގެން ޖީން ގެނައީމު. ފަޒީގެ ތިޔަ ކަރުނަތަކުން މިއަދު ޖީން ގެ ފުރާނައަށް ހަމަޖެހުމެއް ނުލިބޭނެ. އޭނަ ބޭނުމެއްނުވާނެ މަންމަ ތިހެން ކަރުނަ އޮއްސާކަށް. ޖީން ހިތް ބުރައެއް ނުކުރާނެ. ވަރަށް ބަސްއަހާ ރަގަޅު ކުއްޖެއް އެއީ. ހެޔޮނުވާނެ ދެން ހުއްޓާލާ......" ސޮއްފޫރުގެ ލޯވެސް ކަރުނުން ފުރުނެވެ. 
"އަހަންނަށް އެގޭ. ވަގުތު ފާއިތުވިފަހުން އަހަންނަށް މި ވިސްނުނީ........" ފަރުޒާނާ ކުއްލިއަކަށް ލަދުގަނެއްޖެއެވެ. ސޮއްފޫރު ގެ ކުރިމަތީގައި ހާދަވަރަކަށް ރޮވިއްޖެއެވެ. މިއީ ރަގަޅުކަމެއްނޫނެވެ. މީހުން ގިނަ ތަނެއްގައި އެކަނިތިއްބާ ފެނިއްޖެއްޔާ ކޮންމެފަދަ ކުށްހީއެއްވެސް ކުރެވިދާނެއެވެ.

"ފަޒީ ދެން ކުރަންވީކަމަކީ އަލީޒާއަށް މަންމައެއްގެ ލޯބި ދިނުން. އެލީ އާއި ޖީން ވަރަށް ވައްތަރުގޮތެއް ހުރޭ....." ސައްފޫރު ގެ ހިތުގައި ކުޑަ ޝައްކެއް ހިގާލިނަމަވެސް ޔަގީން ނުވާތީ ފަރުޒާނާ ގާތު ބުނާކަށް ނުކެރުނެވެ. މިއީ އެފަދަ ވާހަކައެއް ބުނަން އެކަށީގެން ވާވަގުތަކަށް ނުވާތީއެވެ. ފަރުޒާނާ ގެ ސިކުނޑިއަށް އިތުރު ބުރަކަމެއް ލިބިދާނެތީއެވެ. އެވާހަކަ ބުނެވުނުނަމަ ފަހަރެއްގައި ފަރުޒާނާވެސް އަލީޒާ އާއި މެދު ދެކޭގޮތް އެވަގުތުން ވަގުތަށްވެސް ބަދަލުވުމަކީ އެކަށީގެންވާކަމެކެވެ. އެކަމަކު އެކަމަށް ކަނޑައަޅުއްވާފައި ވާ ވަގުތު އަދި ނުޖެހޭތީ ސޮއްފޫރުއަށްވެސް އެވާހަކަ ފަހަށް ބޭއްވުނީއެވެ

ފަރުޒާނާ ގެ ހިތުގައި އަލީޒާއާއި މެދު އޮތް ނަފުރަތާއި ދުޝްމިންކަން އޭނަ ވަގުތުން ސައްފޫރުއަށް ހާމަކޮށްދިނެވެ. އުމުރު ދުވަހުވެސް އޭނަ ދާނިޝް ގެ ދެމަފިރިންނަށް ހިތްހެޔޮނުކުރާނެކަމަށާއި ޖީނާ މަރުވިތާ މާގިނަ ދުވަސްތަކެއްނުވެ މި ޕާޓީ ދިންކަން ދުވަހަކު ހަދާން ނައްތާނުލާނެކަމަށެވެ. ބަދަލު ހިފައިގެން ނޫނީ އޭނަގެ ހިތަށް ދެން ހަމަޖެހުމެއް ނުލިބޭނެކަމަށެވެ.

ހަނދުވަރުގެ ރިހި އަލި ފަތްތަކުގެ ތެރެއިން ފުރޭނެމުންއައިސް ފަރުޒާނާ ގެ މޫނަށް އަލިކޮށްލާފައިވެއެވެ. އަދިވެސް އެ ރީތިކަން ސައްފޫރުގެ ހިތަށް އެބަ ތަދުކުރެއެވެ.
ސައްފޫރު އިނީ ބުނާނެ އެއްޗެއް ނޭގިފައެވެ. އޭނަގެ ފަޒީ ހާދަ ބަދަލުވެއްޖެއެވެ. ހާދަ ހަރުކަށި ރުޅިގަދަ އަންހެނަކަށް ވެއްޖެއެވެ. މާޒީގައި އެ ހިގާ ދިޔަ ހާދިސާތަކުން ނަފްސާނީގޮތުން އަސަރުތައް ކުރީކަން ނޭގެއެވެ. ޒުވާން އިރު ފަރުޒާނާ އަކީ ވަރަށް ހަލަނިމަޖާ އުފާވެރި ކުއްޖެކެވެ. އަބަދު ހެވިލާފައި ހުރެ ސައްފޫރު އާއި ސަމާސާކޮށް މަޖާކުރެއެވެ. އޭރު ހީކުރެވުނީ ދެމީހުން މުޅި އުމުރު އެކީގައި ހޭދަކުރާނެކަމަށެވެ. މުސްކުޅިވާނީވެސް އެކީގައިކަމަށެވެ. ނަމަވެސް މިންވަރުފުޅުގައި ހުރިގޮތަކަށް ނޫނީ އިންސާނެއްގެ ހަޔާތް ވޭތުވެގެން ނުދާނެއެވެ.

ސައްފޫރުމެނަށް ނޭގުނީ އެ ދެ މީހުން އެހާ އެކަނިވެރިކޮށް ތިބި މަންޒަރު މައުމޫންއަށް ފެނުނުކަމެވެ. ނުބައި ޝައްކުތަކެއްގެ ޝިކާރައަކަށް ވެގެން އޭނަ ދިޔަކަމެވެ. ފަރުޒާނާ އެހެން ފިރިހެނަކާއި އެކީ ހުއްޓަސް އެންމެ ރަގަޅެވެ. އެކަމަކު ހުރި އެންމެ ފިރިހެން ކޮއްކޮ އާއި އެކު ވަކިން ގަހެއްގެ ހިޔަލުގައެވެ. އެހާ ކައިރީގައެވެ. ފަރުޒާނާ ދޭތެރެއަކުން މޫނު ފޮހޭތަންވެސް ފެނެއެވެ. މިވަނީ ކިހިނެއްހެއްޔެވެ؟ މައުމޫން މޫނުމަތިން މިހުރިހާއިރުވަންދެން ފެންނަމުން ދިޔަ ހިނިތުންވުން ވަގުތުން ނެތިގެން ދިޔައެވެ. ވަހުމާއި ޝައްކުތަކުގެ އަސީރަކަށް ވުމުން ވަގުތުން ހިތުގެ ހަމަނުޖެހުން ހިގައިދާނެއެވެ.

ރާހިލް އީނާގެ އަތުގައި ހިފައިގެން ނަށަން ފެށުމުން އެންމެނަށް ލިބުނީ ކުއްލި ހައިރާންކަމެކެވެ. އެހާ ލޯބިން އުނަގަޑުގައި އަތްއަޅުވާލައިގެން ހުރިގޮތުން އީނާ އަކީ ރާހިލްއަށް ޚާއްސަކުއްޖެއްކަން އެންމެނަށް ޔަގީންވިއެވެ. ރާހިލް މިޝާމެނަށް އެ ދިނީ ވަރަށް ހިތި އަނިޔާއެކެވެ. ޒުވާން ހިތްތަކެއްގެ އުއްމީދު ފުނޑުފުނޑުކޮށްލީއެވެ. މީރާން ރާހިލްއަށް ވުރެ ހާސްބައި ރީތިވެފައި އަޅައިގަންނަގޮތް ހުއްޓަސް އޭނަ އާއިމެދު އެއްވެސް ކަހަލަ ޔަގީންކަމެއް އެއްވެސް ކުއްޖަކަށް ނެތީމައެވެ.
ނެށުން ނިމުމުން އީނާ އޭނަގެ މައިންބަފައިންނަށް ތައާރަފުކޮށްދޭންވެސް ރާހިލް ބޭނުމެވެ.

ސާއިރާވެސް ނެށުމުގައި ބައިވެރިވާހިތުން ފާޑަކަށް ދެއަތަށް އަރިވެފައި ކިރިލާހަދަން ފެށުމުން ލާނެތް ފުރައިގެ ކުދިންކޮޅެއް ހޭންފެށިއެވެ. ވީ ފޫއްސެއްގެ ބޮޑުކަމުން އެތަނުން ހިގައިގަތްތަނާ ފެނުނީ އެ ބިޔަ މީހާއެވެ. ސާއިރާ އެމީހަކު ފެނުމުންވަގުތުން ފިލަން މަސައްކަތް ކުރިއެވެ. މީހުންތަކުގެ ބިއްދޮށަށް ވަދެ ބޮދާއޮތްއިރު އޭނަގެ މޭގުޑަމުން ދިޔައެވެ. އެމީހަކު ގޮނޑުދޮށަށް ފޭބުމުން ވަރަށް ގިނަ ބަޔެއްގެ ސަމާލުކަން ލިބުނެވެ. އެހާވެސް ހައިބަތު ހުރި ވަރުގަދަ ޝަހުސިއްޔަތެކެވެ. މައުމޫން ހުންނެވީ ހިތްހަމަނުޖެހިފައެވެ. އޭނައަށް ވެވޭނެނަމަ މި ހަފްލާއަށް ދައުވަތުވެސް ނުދިނީހެވެ.
ދާނިޝްމެންވެސް ޝައުގުވެރިކަމާއި އެކު އެ އާ މެހުމާނަށް މަރުހަބާކިޔެވެ. އެންމެ ފާހަގަ ކުރެވުނީ އެމީހަކު އައުމާއެކު މިއުޒިކް ހުއްޓުނުތީއެވެ. މުޅި ރިސޯޓްގެ ކަރަންޓްވެސް ދިޔައީ އެވަގުތު އެވެ. މިހާރު ދުރުދުރަށްދާންދެން އޮތީހަމައެކަނި ހަދުވަރުގެ އަލިކަމެވެ.

ކޮމެންޓް 0