"ކިހިނެއްވީ. މަގުއޮޅުނީތަ؟ ނުބައި ތަނަކަށް ތިވަދެވުނީ......" ސާއިރާ މޫނު ކުރިއަށް ވުރެ ބަނަވެގެން ދިޔައެވެ.
"މަންމާ. ދާނިޝް އަހަރެން ގެއިން ބޭރަށް ލީ......" އަލީޒާ މަޑުމަޑުން ބުނެލިއެވެ. 
"އަހަންނަށް އެގޭ. އަބަދު ކޯޅެމުންގޮސް ކުނިކޮޅެއްހެން ނަގާފައި އެއްލާލީ ތަ؟ މަ ބުނީމެއްނު އުޑަށް އެރިގޮތަށް އަދި ބިމަށް ތިރިވާނެޔޭ. ކިހާވަރެއްވި...... " ހަފާ ހިނިގަޑެއް ޖަހާލަމުން ފޯނުނެގިއެވެ. ވަގުތުން ހަދާންވީ ފަނާގެ މަތިންނެވެ. އަލީޒާ އާއި ދާނިޝް ވަކިވެއްޖެއްޔާ އޭނައަށް ދިހަހާސް ރުފިޔާ ލިބޭނެއެވެ. އެހާ ބައިވަރު ރުފިޔާތައް އަތަށް އެރުމުން ހާދަ ގިނަ ހެދުމާއި މޭކަޕް ސާމާނު ގަނެވޭނެއެވެ. ރީތިވާން ބޭނުންކިތަންމެ އެއްޗެއް ފިހާރަތަކުން ފެނެއެވެ. އަގުބޮޑު އެއްޗެހި ގަނެވޭނެ ފެންވަރުނެތީމަ ބައެއްފަހަރު ސިއްރުން އޭނަ އައިލައިނާ ފަދަ ތަކެތި ޖީބަށް ވައްޓާލައެވެ. އޭނަވަނީ ފިލްމުތަކުން އެފަދަ އުކުޅުތައް ދަސްކޮށްފައެވެ. އެއީ ވައްކަމަކަށް ނުވާނެކަމަށް އޭނަހިތަށް ވިސްނާދެއެވެ. 

"އެގެއިން ނެރެލާނީ ރަގަޅަށް ވެއްޖެއްޔާ ކޮންމެވެސް ނުބައި ކަމެއްކޮށްގެން. މަށަށް ލިބިފައި މިހިރީ ވަރެއްގެ މަންޖެއެއް. މިވަރުގެ މުސީބާތެއް މީހަކާއި ޖެހޭނެކަމެއްނޭގޭ. އެންމެ ރަގަޅު. ދެން ވަޒީފާއަށް ދާން ފަށާ. މިގޭގައި ނެތް ލާރި ލިބޭ މުސާރަވެރިޔެއް. އަހެރެންވެސް ބަލިކަމުން ވަޒީފާއަކަށް ނުދެވޭ........" ސާއިރާ ވިސްނާލާފައި ތަންކޮޅެއް މައިތިރިވެލިއެވެ. އަލީޒާ ވަޒީފާއަށް ދާން ފެށީމަ ފަސްހާސް ރުފިޔާއަތަށް އަރާނެއެވެ. ދާނިޝްއަށް ވުރެ މުއްސަދި ބައިވެރިޔަކު ފަންޑިތައިގެ އެހީގައި ހޯދިދާނެއެވެ. 

"ވަޒީފާއިން ކަޑާލައިފި. އެމީހުން ދެން ނުދޭނެ ޖޮބެއް. އަނެއްކާ ދާނިޝް އަހަރެން ވަރިކޮށްލައިފި. ވަރަށް ރުޅިގަދަވާނެ. ރުޅިގަދަވާވަގުތު ވާނުވާ ނޭގޭނެ.އޭނަ ބުނާ ކަމެއްކޮށްނުދީފިއްޔާ އެނިމުނީ.............." އަލީޒާ މޫނުގައި އަތްއެޅިއެވެ.

"ވަރިކޮށްފިޔޭ. ވަޒީފާއިން ކަނޑާލައިފިޔޭ. ދެން މިގެއަށް ވަނީ ކޯނޗެއް ހޯދަން؟ ނަސީބުކުޑަ. އުފަންވިތަނުން މައިމިހާ ކާލައިފި. ހަމަ މިހާރު ފެއްސިގެންދޭ............" ސާއިރާ ރަޖާގަނޑު އެއްލާލާފައި އުދުހިފައި އައިގޮތަށް އަލީޒާ ކޮށްޕާލައިފިއެވެ. އަލީޒާ ހުރީ ވަރަށް ވިސްނައިގެން ކަމުން ނުވެއްޓި މޭޒުގައި ހިފުނެވެ. އެކަމަކު ވަރަށް ބޮޑަށް އަތަށް ތަދުވިއެވެ.

"މަންމާ. އަހަރެން ދާނެ އެހެންތަނެއް ނެތޭ. ހެޔޮނުވާނެ....." އަލީޒާ އާދޭސްކުރަން ފެށިއެވެ. އެމަންޒަރު ދެކެން ދެރަވެފައި އިނީ ހަމައެކަނި ފަވާދުއެވެ. މަންމަގެ ގޮތް އެނގޭތީ ބިރުން އޭނައަށް މަޖުބޫރުވެފައި ވަނީ ހިމޭނުން ކުޅި ބަލަން އިނުމަށެވެ. ހަފާ އިނީ ހެވިފައެވެ. ފަނާއަށް މިއުފާވެރި ޚަބަރުދޭހިތުން ކެތްތެރިކަން ކުޑަވެފައެވެ. މިފަދަ އުފާވެރި ޚަބަރެއް ހިފައިގެން އޭނަ ދާނީ ސީދާ ފަނާގެ ގެއަށެވެ. މިރޭ ތަންކޮޅެއް ފެންސީ ރެސްޓޯރެންޓަކުން މީރުކޮށް ކެވިދާނެއެވެ. 

"ބަފާއަކީ ކާކުކަން ނޭގޭ މީހަކަށް ނުލިބޭނެ ރަގަޅު ދިރިއުޅުމެއް. ރަގަޅަށް ވިއްޔާ ފިރިސޮރަށް އެގުނީ މިއީ ރަށްމެދަށް ވިހާފައި ހުރި ދަރިއެއްކަން. އެހެންވެ ގަތް ބިރުން ފޮނުވާލީ. ހަމަ ހުވާ އަހަރެން މިގޭގައި ދެން ކަލޭ ބަހައްޓައިފިއްޔާ މަނުވާނެ އަންހެނަކަށްވެސް. ވިހިއަހަރުވަންދެން ކަލެއަށް ކާންދީ އަންނައުނު ދީ ހިޔާވަހިކަން ދީފިން. ދެނެއް ނުކެރޭނެ މިގޭގައި ހުންނާކަށް. ލަދެއް ނުގަނޭތަ؟ " ސާއިރާ އަލީޒާ ގެ މޫނަށް އެތިފަހަރެއް ވީއްލިއެވެ. އިސްތަށިގަނޑުއަތަށް އޮޅައިގަތެވެ. ފާރުގައި ޖެހިއެވެ..

"މަންމާ..............." އަލީޒާ ހައިރާންވިއެވެ. ސާއިރާ ގެ ނުބައިކަމާއި ނުލަފާކަން އަލީޒާހަމަ ހައިރާން ކުރުވައިފިއެވެ. ބަލާބޮޑުކުރިކަމުގެ ކުލުނުވެސް ހިތުގައި ހަމަ ނެތީހެއްޔެވެ؟ އަމިއްލަ ބަޑުން އުފަންނުވިޔަސް އެޑޮޕްޓްކުރާ ދަރިންދެކެވެސް މީހުންލޯބިވެއެވެ. މަންމައަށް ހަމަ މުހިއްމުވަނީ މުދަލާއި ފައިސާހެއްޔެވެ؟ މައިވަންތަކަމުގެ ލޯބީގެ ޒައްރެއްގެ މިންވަރު ހިތުގައި އޮތަސް މިފަދައިން ދަރިފުޅާއިމެދު ކަންތައްކުރާކަށް ނުކެރޭނެއެވެ.

"ކޮން މަންމައަކަށް ގޮވާކަށް. ކަލޭގެ އަމަޔަކީ ކާކު؟ ގައިމު މަށެއްނޫން. ހުވާކޮށްފައި މިބުނަނީ ކަލޭގެ އަމާ ވީ ކަށްވަޅުގައި... ސުންޕާކަމުން އުފަންވީތަނުން މަންމަ ހަޖަމުކޮށްލައިފި. ސަހަރާއަށް ދާންވީނު....." ސާއިރާ ގެ ދެލޮލުން އެވަގުތު އަލީޒާއަށް ފެނުނީ ހިލޭ ބީރައްޓެހިކަމެވެ. ދުރުކަމެވެ. އެވަގުތު އަލީޒާއަށް އޭނައާއި ސާއިރާ އާއި އެއްވެސް ގުޅުމެއްނެތްކަން އިހުސާސްކުރެވިއްޖެއެވެ. މިހުރިހާދުވަހު އޮތް ނާޒުކް ގުޅުންފަޅި ސިކުންތުކޮޅެއްގެ ތެރޭގައި ކެނޑިގެން ހިގައްޖެއެވެ. އެކަމަކު އެ މައުސޫމް ދެލޮލުން ހައިރާންކަމުގެ ކުލަވަރު ފެނުނެވެ. އަލީޒާ އިސްޖަހާލިއެވެ.

ފަވާދުވެސް އިނީ ލޯބޮޑުކޮށްލައިގެނެވެ. ގަބޫލުކުރަން ދަތިވެފައެވެ. އަނގަ ހުޅުވިފައެވެ
"ތި އަނގަގަޑު ލައްޕާލަބަލަ. ކުރަތްޕެއް ވަދެދާނެ. މަންމަ އެބުނީ ހަގީގަތް. އެއީ އަހަރެމެނާއި ލޭގެ ގޮތުން އެއްވެސް ގުޅުމެއްހުރި މީހެއްނޫން..." ހަފާ ހެމުން ފަވާދުގެ ދަތްދޮޅީގައި ޖެހިއެވެ.

"ހަފާ. ގައިގާ އަތްނުލާދުރުގައި ހުރެބަލަ........" ފަވާދު ވަރަށް ބޮޑަށް ރުޅިއަތުވެއްޖެއެވެ. ކުރިމަތީގައި ތަމްސީލުވަމުން މިދާ ޑްރާމާއިން އޭނަމިއިނީ އެތައް ސުވާލުތައް އުފެދި ސިކުނޑި ފަޅައިގެންދާ ވަރުވެފައެވެ. ދިރިއުޅުމުގެ އެއްވެސް ކަމަކަށް އިތުބާރު ދެން ކުރެވޭނެހެއްޔެވެ؟ މިހުރިހާ ދުވަހު އޭނަ މިގެއިން އެންމެ ލޯބިވި އެންމެ ރަގަޅު ދޮންތަ އެވީ ހިލޭ މީހަކަށެވެ. ފަވާދު ތާސް ގަނޑުތައް އުކާލާފައި ދަތްދޮޅީގައި އަތްވިއްދާލިއެވެ.

"އާނ. ހަމަ މިވަގުތު މިގެއިން ނުކުމެގެން ދޭ. ކަލޭގެ މައިންބަފައިންނަށް ވާ ސާބަސްދެން. އަހަރެމެންގެ ބޮލަށް ދަރި ޖަހާލާފައި ރައްކާވީ. ޕާޓީ ރޭ ވަރަށް ފުއްޕާލާފައި އެ ފިރިހެނާ އުޅުނުތަން މަގޭ ލޮލުން ދުށިން. ބިޔަ މީހެއް. އިންސާނަކަށްވުރެ ބޮޑަށް އެދުނިޔޭގެ ކަމަކާ ވައްތަރީ. ރަށްމެދަށް ވިހޭ ދަރިއަކަށްވެފައި މަންމަ މަރުވީމަ އެ މީހާ އަށް ދަރި ހަވާލުކުރަން ފެނުނީ މަށާ. ނުކުމޭ. ނުކުމޭ...." ސާއިރާ އަލީޒާ ދަމާ ކޫއްތަމުންގޮސް ބޭރަށް ކޮށްޕާލައިފިއެވެ. ވަގުތުން ދޮރު ތަންޑުއެޅުވިއެވެ. އޭރު ބޯކޮށް ވާރޭ ވެހެމުންދިޔައެވެ.
މިހާ ވިއްސާރަ ރެއެއްގައި ޒުވާން އަންހެންކުއްޖަކު ވަންނާނެ ހިޔާވައްސެއްނެތި ހާލުގައި ޖެހުމުންވެސް ސާއިރާގެ ހިތުގައި ކުޑަނަމަވެސް ހަމްދަރުދީއެއް ރަހުމެއް ނުވިއެވެ. އަމިއްލަ ދަރިއެއްގެ ގޮތުގައި ގެންގުޅުމުން ވެސް ކުލުނެއް ނެތެވެ. އަންހެނަކަށްވެހުރެ އަންހެނުންގެ ނަމުގައި ހުތުރު ލައްގަނޑެއް ޖައްސައިފިއެވެ. އަލީޒާ އެއްގޮތަކަށްވެސް އޭނަގެ މަންމަ މިހާ ރަހުމްކުޑަގޮތަކަށް އޭނަ ނެރެލާނެކަމަށް ހިޔެއް ނުކުރެއެވެ. 
އެވަގުތު ދާނިޝް ޖެހިގެން ހުރި ގޯޅިން ނުކުމެގެންއައެވެ. ކުޑަކޮށް ދުވެލާފައައި އިރު އެ ރީތި އިސްތަށިގަނޑުވަނީ މޫނަށް ފައިބާފައެވެ. ދުވަހަކު ދެގޮތެއްނުވާ ރީތިކަމެވެ. އަލީޒާ ދާނިޝްގެ އަތުތެރެއަށް ވަނުމުގެ ބަދަލުގައި ލެނގިލީ ފާރަށެވެ.

"ހާދަ ދެރަވެފައި ސްވީޓަމްސް....ކިހިނެއްވީ؟ ބުނީމެއްނު ސާއިރާ އަކީ މަންމައޭ ކިޔާވަރު މީހެއްނޫނޭ............." ދާނިޝް ހިނިތުންވަމުން އަލީޒާގެ އަތުގައި ހިފެހެއްޓިއެވެ. އަލީޒާގެ ލޮލުން އޮހެމުންދާ ކަރުނަތަކުން ދާނިޝް ގެ މޫނުގައިވާ ހިނިތުންވުން ގެއްލިގެން ދިޔައެވެ. އޭނަ އެދުނުފަދައިން ސާއިރާ އިމްތިހާނުކޮށްލަން އަލީޒާ އެކްޓްކޮށްލަދީފިއެވެ. އޭނަވަނީ އަލީޒާއަށް ކަންތައް ހިގާނެގޮތް ރަގަޅަށް ބުނެދީ ނަފްސާނީ ގޮތުން ތައްޔާރުކުރުވާފައެވެ. ވީއިރު އަލީޒާ މިވަރަށް ދެރަވެފައި މިހިރީ ކީއްވެހެއްޔެވެ؟ ގޯސްކޮށް މިދިޔައީ ކޮން ތަންކޮޅެއްބާވައެވެ. ދާނިޝް އަލީޒާ ލައްވާ އެކްޓް ކުރުވީ ސާއިރާ އިމްތިހާނުކޮށްލުމަށެވެ. އަލީޒާ އަކީ ސާއިރާގެ އުފަން ދަރިފުޅު ނޫންކަން ދާނިޝްމެނަށް ރަގަޅަށް އެގޭތީ ސާއިރާގެ ހިތުގައި އަލީޒާގެ ލޯބި އޮތްމިންވަރު ދެނެގަތުމަށެވެ. 

"ޑޭން ބުނިގޮތަށް މިވީ. މަންމަ ގެ ހިތުގައި އަހަންނަށް ކުޑަނަމަވެސް ލޯތްބެއް އެއްނެތްކަން ޔަގީން ކުރެވިއްޖެ. ހަމްދަރުދީގެ ކުނޑިފަށެއްވެސް ނެތް. ދޮގުހަދަން ކިތަންމެ ޖެހިލުންވިނަމަވެސް ޑޭން ބުނިފަދައިން ހަގީގަތް އެގޭނީ މިފަދަ އެކްޓެއްކޮށްގެން. އެކަމަކު ޑޭން ފަދަ ކެއަރިން ހަޒްބެންޑެއް ލިބުނީމަ އެވަރުން ފުދޭ. މިވަނީ ހުރިހާ ނަސީބެއްލިބިފައިކަމަށް ގަބޫލުކުރަން. ލެޓްސް ގޯ ހޯމް ލަވް......." އަލީޒާ ކަރުނަތައް ފޮހެލާފައި ގަދަކަމުން ހިނިތުންވެލިއެވެ.
ދާނިޝް އަލީޒާގެ ލޮލުގައިވާ ކަރުނަފޮލަދެމުން ބައްދާލީ މަގުން ދާ ބަޔަކަށް މާބޮޑު ފަރުވާލެއްނެތިއެވެ. ސިއްރުން ލާނެތް އެއްޗެކޭ ބުނެލަމުންނެވެ. ތެމިގެން ހީކަރުވާގޮތްވެފައި ހުރި އަލީޒާ އަށް އެވަގުތުކޮޅު ލިބުނީ ބުނަންނޭގޭފަދަ ހިތްހަމަޖެހުމަކާއި މަޑު ހޫނުކަމެކެވެ. އަލީޒާ ދާނިޝްގެ މޭގައި ބޮޑިވެލުމުން ޓީޝާޓްގައި ހިފާފައިވާ ސިޓްރަސް އެޕްލް މީރުވަސް އަލީޒާގެ ރޫހު ތާޒާ ކުރުވިއެވެ. އެގޯޅިތެރޭގައި ހުރި ގެއަކުން ވަރަށް ބާރަށް މައި ހާރޓް ވިލް ގޯ އޮން ގެ ރިމިކްސް ޖަހަންފެށުމުން ދާނިޝް ގެ މޫނަށް ހިދުކޮޅަކަށް ނަމަވެސް ހިތާމަވެރި އަސަރުތަކެއް ވެރިކުރުވިއެވެ. އޭނަ ދެކެ އިންތިހާއަށް ލޯބިވި ބަދުނަސީބު ކުއްޖެއް ގެ ހަދާން އާވިއެވެ.
"ރީތި ލަވައެއްދޯ. ޖީންގެ ސްޕެޝަލް ލަވައެކޯ ބުނި. އަސްލުވެސް ޓައިޓޭނިކް ބެލި ދުވަހު ހަމަ ރަގަޅަށް ރޮވުނު. އެއީ އަހަންނަށްވިނަމަ ޑޭން އާއި އެކު އެ ފިނިކަނޑުގައި މަރުވެގެން ދިޔައީމު. ކެތެއްނުކުރެވޭނެ އެއްގޮތަކަށްވެސް ..........." އަލީޒާ ދާނިޝް ގެ ވާރޭގެ ތިކިތަކުން ވިދާމޫނަށް ބަލާލީ ހިނިތުންވެލަމުންނެވެ. އަލީޒާ ދުރަށް ޖެހިލީ މަގުން ދިޔަ ބަޔެއްގެ ތޫނު ނަޒަރުން އުދަގޫވެގެންނެވެ. ދާނިޝް ފާރަށް ލެގިލައިގެން ހުއްޓުނެވެ. 


."ނޫނޭ . ޓައިޓޭނިކްގައި އެވީ ރަގަޅަށޭ . އެފަދަ ސިޗުއޭޝަނެއްގައި އަހަރެން ހުރިނަމަ ކަންތައްކުރީހީ ހަމަ ޖެކް ގޮތަށް ފުރާނަ ދުއްވާލައިގެންވެސް ލޯބިވާކުއްޖާ ސަލާމަތްކޮށްދޭން ޖެހޭނެއްނު. އެލީ. ހީވާގޮތުން އޮސްކާއެއް ލިބޭހާ މޮޅަށް މިރޭ އެލީ އެބައި ކުޅެފި. އެކަމަކު ކޮންމެވެސް ކަމެއްވެއްޖެ ދޯ.............." ދާނިޝް ހުރީ ޝައްކެއްގެ މަތީގައެވެ. އަލީޒާ އެވަރަށް ސަކަރާތްވެފައި ހުންނާނީ ސާއިރާ ބަވާނެ ވަރަކަށް ބަވާފައި ގެއިން ބޭރަށް ލުމަކުންނޫނެވެ. އެނުބައި އަންހެނާއަށް ކުރެވުނުވަރުކުޑަވީމަ އޭނަގެ އުފަން ދަރިއެއްނޫނޭ ބުނީ ކަމަށްވެދާނެއެވެ. އެއީ ގައިމު އަލީޒާއަށް ލިބޭނެ ޝޮކަކަށް ވާނެއެވެ.

"ޑޭން . ސާއިރާ ބުނީ އެލީގެ މަންމަ އެލީ އުފަންވިތަނުން ނިޔާވެއްޖެކަމަށް. އެހެންވެ ބަލާނެމީހަކު ނެތީމަ ބައްޕަ އޭނައާއި ހަވާލުކުރީކަމަށް. ވަރަށް އަޑުއަހަން ދަތިވި މަންމަ އެހެން ބުނީމަ. އެކަމަކު ހަމަ އެވަގުތު ފީލް ވި އެއީ މުޅިން ތެދުވާހަކައެއްކަން. ހިތަށް އެރި މިއީ ނޫނޭ މަންމައަކީ. އަޖާއިބުވަނީ އެހާބޮޑަށް އެކަން އިހުސާސްކުރެވުނީތީ. ކުޑައިރުގެ ހަދާންތަކުންވެސް އެގޭ މަންމަ ލޯބިނުވާކަން............." އަލީޒާ ކިތަންމެވަރަކަށް ސާއިރާއާއި މެދު ހިތްހަމަނުޖެހިފައި ހުރިނަމަވެސް ސާއިރާގެ ބަހުރުވަ ހުރިގޮތަކަށް ކިޔާދޭކަށް ނުކެރުނެވެ.

ދާނިޝް ގެ ހަވަނަ ހިއްސު މިފަހަރުވެސް ބަރާބަރެވެ. އޭނައަށް ހީކުރެވުނީ ރަގަޅަށެވެ. ވަގުތު ޖެހުނީމަ ސާއިރާ ވިހިއަހަރަށް ފޮރުވި ސިއްރު ބޭޒާރުކޮށްލީ ނުއަގުގައެވެ. ނޭގުނަސް އެއީ އޭނައަށް އެޅުނު ޅައެއްޗެކެވެ. ބަދުނަސީބުގެ ފެށުމެވެ. އަލީޒާ ގާތުގައި މި ޑްރާމާކުޅެން އެދުނުއިރު އެއްގޮތަކަށްވެސް ސާއިރާ އަލީޒާ ގާތު އެވާހަކަ ބުނެފާނެކަމަކަށް ދާނިޝް ހިޔެއް ނުކުރެއެވެ. އެވީ މާރަގަޅަށްކަން ނޭގެއެވެ. މޮޅަށް ދެނެވޮޑިގެންވާ ފަރާތުގެ ރޭއްވެވުންތައް އިންސާނުންގެ ސިކުނޑިއަށް ގެނެވޭވަރަށްވުރެ ފުރިހަމަވާނެއެވެ.
ސާއިރާއަކީ މޮޔައެއްހެއްޔެވެ؟ ސާއިރާ އަށް ލިބުނު ޖަވާހިރެއްފަދަ ދަރިފުޅު ނަގާއެއްލާލީއެވެ. ފަހުން ހިތާމަކުރާނެއެވެ. އެ މޮޔަނެހެދުނުނަމައޭ ހިތަށްއަރާއިރު ވަގުތު ފާއިތުވެދާނެއެވެ. މާތް ﷲ އިންސާނުން އިމްތިހާނުކުރައްވަނީ މިފަދަ ގޮތަކަށެވެ. ބަދުނަސީބުދިމާވިޔަސް ކެތްތެރިވެ މިއަދު އަލީޒާއަށް ލޯބީގެ އަތެއްދިއްކޮށްލިނަމަ ދާނިޝްއަށް މަޖުބޫރުވީހީ އެ އާއިލާ ގަބޫލުކުރާށެވެ. އަލީޒާގެ ހައްގުގައެވެ.


"އެލީ. އެކަމާ ނުވިސްނަބަލަ ސްވީޓްހާރޓް. އެއީ ތެދަށް ބުނަންޏާ މިފަދަ ލޯބި ލޯބި އަންހެންކުއްޖެއްގެ އާއިލާއެކޭ ބުނަން ލަދުގަންނަނެޖެހޭ ފަދަ ވިޔާނުދާ ބަޔެއް. އެލީގެ ރިއަލް ފެމިލީ ނުވާނެ އެހެނެއް. މިބުނީ ކޮންމެގޮތެއްވިޔަސް ހިޔެއްނުވޭ އެހާ ދަށްފެންވަރުގެ ބަހުރުވަ ގެންގުޅޭނެކަމެއް. ސާއިރާއަށް އެލީގެ ބައްޕަ އިގޭނެއްނު. ނުބުނޭތަ؟ " ދާނިޝް ބޭނުންވީ ސާއިރާއަށް އެނގިފައިވާ މިންވަރު ދެނެގަތުމަށެވެ.

"އެރޭ ޕާޓީގައި އުޅުނޯ. ސާއިރާ ސިފަކިޔާދިން މީހަކަށް ފެނުނީ ހަމައެކަނި ޑޭން ގެ ދޮންބައްޕަ. އޯ ނޯ. ވީއިރު ........" އަލީޒާ ދެލޯބޮޑުކޮށްލަމުން ބުނެލިއެވެ. އެހާ ޝަހުސިއްޔަތު ވަރުގަދަ ބިޔަމީހަކަށް ހުރީ މާލިޔާގެ ފިރިމީހާއެވެ. ޕާޓީއަށް އައި މެހުމާނުންނަށްވެސް އޭނަ ފެނުމުން އަސަރުތަކެއް ކުރިއެވެ. ވީއިރު މީރާން އަކީ އަލީޒާގެ ބޭބެހެއްޔެވެ؟ މިއީ ގަބޫލުކުރެވޭނެ ކަމެއްނޫނެވެ. އޮޅުންބޮޅުންގަނޑެކެވެ. އަލީޒާގެ ނޭވާ ހާސްވާންފެށިއެވެ.

"ކަމޯން އެލީ. ތި ނުވާނެ ހަގީގަތަކަށް. އެލީ ގެ ބައްޕައަކީ އެއީކަމަކަށް ނުވާނެ. އެލީ ތަޅުވާލަން ސާއިރާ ކިޔާނެއެއްޗެއް ނޭގިގެން މޮޔަގޮވަން ފެށީކަމަށް ވާނީ. އިޓްސް އިމްޕޮސިބްލް. ދޮންބައްޕަ ނުވާނެ އެލީގެ ބައްޕައަކަށް. ޓްރަސްޓް މީ ބޭބީ. ސާއިރާ ދައްކާ އެއްވެސް ވާހަކައެއް ގަބޫލުކުރާކަށް ނުވާނެ..." ހަގީގަތް ދިމާކުރިމަތީގައި ފެންނަން އޮތަސް އަދި މިޖެހެނީ އަލީޒާއަށް އޮޅުވާލާފައި ބަހައްޓާށެވެ. އަދި ދާނިޝް ވަގުތު ބޭނުމެވެ.

ދާނިޝް އަލީޒާގެ އަތުގައި ހިފައިގެން އެ ބޯ ވާރޭތެރޭގައި ހިގައިގަތީ ކުރިޔަށް އަދިވެސް އުދަގޫ ދުވަސްތަކެއް އެބަހުރިކަން ޔަގީންކުރެވޭތީ ކުޑަކޮށް ނުތަނަވަސްވެފައި ހުރެއެވެ. ހަގީގަތް ދުނިޔެއަށް ސިއްރުކޮށްގެން ޒަމާންތަކަކަށް ދެމެހެއްޓުމުގައި އެންމެންވެސް ކާމިޔާބުކޮށްފިއެވެ. އެކަމަކުވެސް އޭގެ ނަތީޖާގެ ސަބަބުން ވަރަށް ގިނަ ގުޅުންތަކެއްވަނީ ކެޑިފައެވެ.ވަރަށް ގިނަ ބަޔަކަށް މިވަނީ އާއިލާ އޮޅިފައެވެ. ލޯބި ލިބެންވީ ފަރާތްތަކުގެ ލޯބިން މަހުރޫމް ވެފައެވެ. ނަފްރަތުގެ އޮށްތައް ހިތްތަކުގައި އިންދިފައެވެ. ކުށްވެރިޔަކީ ކާކު ހެއްޔެވެ؟


ދާނިޝްގެ ސައިކަލް ޕާކުކޮށްފައި ހުރީ ޖެހިގެން ހުރި ގޯޅިގަނޑުގައެވެ. ދެ ޒުވާނުން އަތުގުޅުވާލައިގެން ގޮސް އެ ގޯޅިއަށް ލަބާލަމުން ދާނިޝް ފަހަތަށް ބަލާލީ ކާރެއްގެ ބަރުގޮނުގެ އަޑަށެވެ . އޭރު ހަފާ އެ ބޯ ވާރޭ ތެރޭގައި ދުވެފައި ގޮސް ކާރަކަށް އަރަނީއެވެ. ޔަގީނެވެ. ވަރުގަދަ ޚަބަރެއްލިބުނީމަ ކެތްނުކުރެވިގެން ކޮންމެވެސް މީހަކަށް ނުވަތަ ބަޔަކަށް ޚަބަރު ހިފައިގެން ދަނީއެވެ. ދާނިޝް ހިނިއައެވެ.

"މަންމަ އެހެން ހެދީމަ ވަރަށްބޮޑަށް ފޫހިވެއްޖެ. އެކަމަކުވެސް ހިތަށް އަރަނީ ހެޔޮވިސްނިގެން އެބުރި އައިދުވަހަކުން މައާފު ކުރެވޭނެޔޭ.........." އަލީޒާ ގެ ހިތް ސާފުވެފައި ބިއްލޫރިކޮޅެއްފަދައެވެ. އެއްވެސް މީހަކަށް ހިތް ނުބައިކޮށްގެން ހުރުމަކީ އޭނަ ގެ މިޒާޖު ތަންދޭކަމެއްނޫނެވެ.

"ނޯ އެލީ.......ނެވަރ..............." ދާނިޝް ބުމަގޮށްޖަހާލަމުން އެނބުރިލާފައި އަތް މެޅިއެވެ. އަލީޒާ ސިހުނެވެ. އަލީޒާ ފުރަތަމަ ހީކުރީވެސް އެތިފަހަރެއް ވީއްލާލާނެކަމަށެވެ. ދާނިޝް ހެމުން އަލީޒާ ގެ ނޭފަތުގައި ހިފާލިއެވެ.

"ޑޭން......ބައެއްފަހަރު އެބަ ސިއްސުވާލާ........." އަލީޒާ ބިރުގަތްވަރުން ދާނިޝް މޭމަތީގައި މަޑުމަޑުން އަތުން ޖެހިއެވެ. ރުޅިއާއި ލޯބި ދައްކުވާދޭފަދަ ސަމާސާ ގޮތަކަށެވެ. އެއާއެކު ދާނިޝްގެ ކޯތާފަތުގައި ފިރުމާލިއެވެ. ދާނިޝް އަލީޒާ އުފުލާލާފައި ސައިކަލް މަތީގައި ބޭންދިއެވެ. އޭނަގެ ފުރާނަ ފަދަ ލޯބިވާ މި ނާޒުކް މަލެއްފަދަ ކުއްޖާ ދެކެ ދުވަހަކުވެސް ރުޅި ނާދެވޭނެއެވެ. 

އަލީޒާގެ އަތުގެ ރިއްސުން ބޮޑުވާންފެށުމުން ކަންބޮޑުވިވަރުން ޖިންސްގެ ޖީބަށް އަތް ލިއެވެ. އޮޅުމަކުންވެސް އަތުގައި ދާނިޝް އަށް ހިފިއްޖެއްޔާ ބޭޒާރުވީއެވެ .ސާއިރާގެ އަނިޔާތަކުގެ ސަބަބުން އަލީޒާގެ އަތަށް ކޮންމެވެސް އަނިޔާއެއްވެފައިވާކަން އަލީޒާ އަށް މިހާރު ޔަގީނާއި ގާތަށް އެގިއްޖެއެވެ. މޭޒުގައި އަތް ވިދުނީމަހެއްޔެވެ. ފާރުގައި ޖެހުމުގެ ތެރޭގައިކަމަށްވެސް ވެދާނެއެވެ. އެކަމަކު ދާނިޝް ގާތު އެ ވާހަކަ ބުނެފިއްޔާ ވާނީ ކިހިނެއްހެއްޔެވެ؟ ދާނިޝް ރުޅިގަދަވެއްޖެއްޔާ ކޮންމެފަދަ ނޭއްގާނިކަމެއްވެސް ކޮށްފާނެއެވެ.

"ސޮރީ ލަވް. އެހެންވެސްވާނެއްނު. އެލީ ބައެއްފަހަރު ހާދަ މޮޔައޭ. މާހިތްހެޔޮވެގެން ކަމަކުނުދާނެ އިގޭ. އޭރުން އެންމެން އެލީ ގެ ފަރާތުން އެޑްވާންޓޭޖް ނަގާނެ. އެހެންނޫނސް ދުވަހަކު އެހާ ހިތްހަރު އަންހެނަކު ނުދެކެން. އެލީ އަށް ހިތާމަވެރިގޮތެއް ދިމާވީމަ ސަޕޯޓާއި އަޅާލުން ދިނުމުގެ ބަދަލުގައި މަގުމަތިކޮށްލީ. އިމްތިހާނުން ސާއިރާ އެހެރީ ފެއިލްވެފައި. ސާއިރާ އަކަށް ދެން މި ދިރިއުޅުމުން އެއްވެސް ޖާގައެއްނެތް. ގުޑްބާއި ސާއިރާ މެޑަމް" 
. "ގުޑްބައި މަމް........" އަލީޒާ ވެސް ދާނިޝްއާއި އެއްބައިވުމުގެ ގޮތުން މަޑުމަޑުން ކިޔާލިއެވެ

ދާނިޝް ސައިކަލަށް އަރާ ސްޓާޓްކޮށްލިއެވެ. އާދައިގެމަތިން ދާނިޝް ޚިޔާރުކުރީ ހަނި ގޯޅިތަކެވެ. ޓްރެފިކްގައި ނުޖެހި އަވަހަށް ގެއަށް ދެވޭނީ އޭރުންވިއްޔާއެވެ.
ގެއަށް ވަންއިރު މީރާން ވަރަށް ހަމަޖެހިލައިގެން ސިޓިންރޫމް ސޯފާއެއްގައި އިނެވެ. ރަތްކުލައިގެ އުއްބައްތިއެއް ބިއްލޫރި މޭޒުމަތީގައި ދިއްލާފައި ހުއްޓެވެ. މީރާން އާއި ރަތް އައްޔާއި ގުޅުމެއް ހުންނަނީ ހެއްޔެވެ؟ މީރާން ހުންނަތަންތާ ރަތް އަލިހުންނަކަން އަލީޒާއަށް ފާހަގަ ކުރެވުނީއެވެ. ރަތްއަލީގައި ފެންނަލެއްވެސް އެހާ " އިންހިއުމަން " އެވެ. ވަރަށް ޚާއްސަ ރީތިކަމެކެވެ. ޝައިތޯނުންނަށް "އިންހިއުމަން ބިއުޓީ" ލިބިފައިވާ ކަމަށް އަލީޒާ އަޑުއަހާ އުޅެއެވެ. މިއީ އެފަދަ ކަމެއްހެއްޔެވެ؟ މީރާން ޝައިތާނާއަށް އަޅުކަންކުރަނީ ބާވައެވެ. ޒުވާން ސިހުރުވެރިއެއް ހެއްޔެވެ؟ ކްރިސް އެންޖެލްފަދަ މީހެއްބާވައެވެ. ޔަގީނެވެ. އަލީޒާ ބިރުގަންނާނެތީ ދާނިޝް ސިއްރު ކުރަނީއެވެ. އަލީޒާ ގެހިތް ކުޑަކޮށް ތެޅިލިއެވެ. 
މީރާން އާއި ކުޑަކޮށް ވާހަކަދައްކާލުމަށްފަހު އަލީޒާގެއަށް ވަނީ ހީކަރުވަން ފެށުމުން ތެތް ހެދުން ބަދަލުކޮށްލުމަށެވެ. އެއަށްފަހު އޭނަވަނީ ބަދިގެއަށެވެ. މީރާން އާއި ދާނިޝް ވަރަށް މަޖާކޮށް ހީއުޅޭއަޑުއިވުނެވެ. އިތުރު އެހެން މީހެއްގެ އަޑު އިވުމުން އަލީޒާ އެއީ ކާކުކަން ދެނެގަންނަން ބޭނުންވިއެވެ. ތަފާތު އަޑެކެވެ. ވާހަކަ ދައްކަނީ ލަސްލަހުންނެވެ. ގިނަފަހަރު ނޭގޭ ބަހުރުވައަކުންނެވެ. ދާނިޝް އެއްފަހަރު ހަމްޒާދު އޭ ކިޔާފައި އެ ނުދަންނަ މީހާއަށް ގޮވާލުމުން ނަން އެގުނެވެ. ކާކު ހެއްޔެވެ؟ އާ ރަހުމަތްތެރިއެއްކަން ނޭގެއެވެ. މައްސަލައަކީ އެހުރިހާ އެކުވެރިންގެ އެހުންނަ ސިއްރުވެރިގޮތެވެ. ޖުޕިޓަރ އިން ގެންނަ އެކުވެރިންކަން ނޭގެއެވެ. މުޅިންވެސް "މެޖިކް" އެކުވެރިންނެވެ.


"އައުޗް........."އަލީޒާ ކައްކަންވެގެން ތަރުކާރީ ކޮށަންކަމަށް ވަޅީގައި ހިފާލުމުން ކުރިއަށް ވުރެ ބޮޑަށް އަތަށް ތަދުވާންފެށިއެވެ.

އަތް ހުރީ ދުޅަވެފައެވެ. ސާއިރާ ގެ ސަބަބުން ލިބުނު ރަހުމްކުޑަ އަނިޔާއެކެވެ. އޭނައަށް ވަޅީގައި އެއްގޮތަކަށްވެސް ނުހިފުނީމަ އަލީޒާ ބިރުގަނެއްޖެއެވެ. އަވަސްއަވަހަށް ކޮޓަރިއަށް ގޮސް އަތުގައި ވޮލިނީ ޖެލްކޮޅެއް ހާކާލާ މަސާޖްކޮށްލައިފިއެވެ. ތަދު ލުއިވުމުގެ ބަދަލުގައި ގަދަޔަށް ރިއްސަންފެށުމުން އަލީޒާ ބިރުގެންފިއެވެ. ދުވާލުނަމަ އީނާއަށް ގުޅައިގެން ސިއްރު ސިއްރުން ހޮސްޕިޓަލަށް ދެވުނީހެވެ. ކުރާނެކަމެއްނޭގިގެން ދާނިޝް ބަހައްޓާފައި ހުރި ބޭސްގުޅަތަކެއް ހާވާލާފައި ޑައިކްލޯ ގުޅައެއްވެސް ދިރުވާލައިފިއެވެ. ކޮންމެގޮތެއް ހަދާފައިވެސް އަތް ރަގަޅުކުރަން އޭނަ ބޭނުމެވެ.

ދާނިޝް ކުއްލިއަކަށް ދޮރުމައްޗަށް އެރުމުން އަލީޒާ ސިހުނެވެ. އެއާއެކު އަގަ ރަކިވިއެވެ. ހީވީ ވައްކަމެއް ކުރަނިކޮށް ފަޅާއެރީހެނެވެ. އެ ދޮންމޫނަށް ރަތްކުލަ ފެތުރިގެން ދިޔައެވެ.

"އޯ ބޭބީ.....އަތަށް ކިހިނެއްވީ؟ " ދުޅަވެ ރަތްއަރާފައި ވާ އަތުގައި މަޑުމަޑުން ހިފަހައްޓާލަމުން ދާނިޝް އަހާލިއެވެ. އޯގާތެރިކަމާއި ހަމްދަރުދީ ގެ ނަޒަރެކެވެ. ހަގީގަތް އެގިއްޖެއްޔާ އެމޫނުގެ ކުލަވަރު ބަދަލުވާނެކަން އަލީޒާއަށް ރަގަޅަށް އެގެއެވެ. ދާނިޝް އެހާ ހަމަޖެހޭ ރަގަޅު މޫޑެއްގައި ހުއްޓާ ޚަރާބުކޮށްލުމަށްވެސް ހިތެއް ނުރުހެއެވެ. އެކަމަކުވެސް އަލީޒާޖެހޭނީ ހަގީގަތް ހާމަކުރާށެވެ.

. "ހަނީބަންޗް....ޕްރޮމިސްކުރޭ ރުޅި ނާންނާނެކަމަށް ...."އަލީޒާ ކުޑަކޮށް ކަންބޮޑުވެފައި ހުރެ ދާނިޝް ގެ އަތުގައި ހިފެހެއްޓިއެވެ

"އޯކޭ . އެލީ ނުބުންޏަސް ވީގޮތްއެގިއްޖެއޭ. އެކަމަކު ދެން ރުޅި ނާންނާނެ ވަރުތަ؟ އެ ގޮތްކުޑަ ވިޗް ޖެހީނު .............." ދާނިޝް ދަތްކުޑިވިކާލާފައި ދެން އިގިރޭސިން ބުނި ޖުމްލައަކުން އަލީޒާއަށް ދާނިޝްގެ ރުޅި އަންދާޒާކުރެވުނެވެ.
އެފަދަ ހަޑިނަމެއް ކިޔާފައި އެފަދަ ބަހުރުވަ އިގިރޭސިން ބޭނުން މިކުރީ އަލީޒާއަށް އަޑުއިއްވައިގެން ފުރަތަމަ ފަހަރަށެވެ. ނަމަވެސް މިވަގުތު އަތްފޯރާހިސާބުގައި ސާއިރާ ނެތުމުން ބަދަލުހިފޭނެ އެއްވެސް ގޮތެއްނެތެވެ. އިސްކަން ދޭނެ ޖެހުނީ އަލީޒާގެ އަތަށް ފަރުވާއެއް ހޯދުމަށެވެ.އަލީޒާގެ އަތް ބިނދިފައިވާކަން ދާނިޝްއަށް އެގުނެވެ. ދެރައީ އަލީޒާ އެކަން ވިސްނާނުލާ އަތް މަސާޖް ކުރިކަމެވެ.

އެ ނުލަފާ ދައިތަ އޭނަ ގެ ފުރާނަފަދަ ލޯބިވާ ކުއްޖާގެ އެ ނާޒުކް ބިއްލޫރިކޮޅެއްފަދަ އަތްތިލަ ފުނޑާލައިފިއެވެ. ސިންގާކޮށްޓެއްފަދަ ތަނަކަށް އިރުކޮޅަކަށް ނަމަވެސް އަލީޒާ ފޮނުވައިގެން އޭނަ ދުރުގައި ހުރީ ކީއްވެހެއްޔެވެ؟ އަލީޒާ ރައްކާތެރިކޮށް ބެލެހެއްޓުމަކީ އޭނަގެ ޒިންމާއެކެވެ. ފަރުވާކުޑަކޮށްލެވުނީއެވެ. ދުޝްމިނަކަށް އިތުބާރުކުރެވުނީއެވެ. ދާނިޝް އަލީޒާގެ އަމިއްލަ ނަފުސްކުށްވެރިކުރިއެވެ. ލޯ ތެމުނެވެ.

އައިސްގޭޓް ހޮސްޕިޓަލަށްގޮސް އެކްސްރޭ ނެގިއިރު އަލީޒާގެ އަތުގެ ކަށިގަނޑުގައި ރެދެއްލާފައި ހުރުމުގެ ސަބަބުން ސަބަބުން ދަނގަޑުބޭސްގަނޑު އަޅަން ޖެހުނެވެ. އަލީޒާ އިނީ ވަރަށް ހިތްވަރުކޮށްލައިގެނެވެ. ކިތަންމެ ބިރުގެންފައި އިނަސް ދާނިޝް ހުރީމަ ވަރަށް ބޮޑު ހިތްވަރަކަށް ވިއެވެ. ކަށީގެ ޑޮކްޓަރު އެ މަސައްކަތް ކުރަމުން ދިޔައިރު އަނެއް އަތުގައި ހިފަހައްޓާލައިގެން ދާނިޝް އިނެވެ. އަލީޒާ ހިތްވަރުކުރިވަރުން ލޮލުން އެންމެ ކަރުނަތިއްކެއްވެސް އޮހޮރުވާނުލައެވެ. އެ ރީތި ހިނިތުންވުން އަބަދުހެން ދައްކާލައިގެން މަޖާވެލާފައި އިނަސް ހިތުގައި ސާއިރާ އާއި މެދު ހާސް ޝަކުވާ އުފެދުނެވެ. މިފަދަ ބޮޑު އަނިޔާއެއް ދިނީ ކީއްވެހެއްޔެވެ؟ މިވީގޮތުން އޭނަ ދުވަސްކޮޅަކަށް ނަމަވެސް ނުކުޅެދޭ ކުއްޖަކަށް ވީއެވެ. ދާނިޝްއަށް ހުރިހާ ކަމެއްގައި ބަރޯސާވާން ޖެހުނީއެވެ. ދާނިޝްއަށް ކައްކާ ޚިދުމަތްކޮށްދޭ ހިތުން ހުއްޓާ އެކަން މެދުކަނޑާލަން މަޖުބޫރުވީއެވެ.

"ގެޓްވެލް ސޫން ޑާލިން. އޯލްވޭސް ވިދް ޔޫ. ޔޯސް ޑޭން♥♥♥ " ދާނިޝް އެ ޕްލާސްޓަރުގަނޑު ގައި އިގިރޭސިބަހުން ލިޔެދިނެވެ. އެވަގުތު އަލީޒާއަށް މި ނުކުޅެދުން އުފަލާއި އެކު ގަބޫލުކުރުމަށް ލިބުނު ބާރަކާއި ހިތްވަރަކަށް ވެއްޖެއެވެ. ގިނަގިނައިން ބަލިވެގެން އިތުރަށް ލޯތްބާއި އަޅާލުން ލިބެން ހިތްއެދުނެވެ.

ގެއަށް ދިޔުމުން ޒުހޭމާ ބޮޑުދައިތަމެންވެސް ޒިޔާރަތްކުރިއެވެ. ކޮންމެ ދުވަހަކު އެގެއިން ކައްކާފައި ކާއެއްޗެހި ފޮނުވާނެކަމަށް ޒުހޭމާ އާއި ސައްފޫރު ބުންޏެވެ. އަދި ދާނިޝް އަލީޒާ ގެއަށް ލާފައި ވަގުތުން ސާއިރާ ބިރުގަންނަވާލަން ދާން ބޭނުންވިއެވެ. އެކަން ނުވީ މީރާން ވަރަށް ވިސްނާދީގެނެވެ. އެހާ ގަދަޔަށް ރުޅިއައިސްފަ ހުރެ ދާނިޝްއަތުން ކިތަންމެ ބޮޑު ގޯހެއް ހެދިދާނެކަން މީރާން އަށް ޔަގީނާއި ގާތަށް އެގޭތީއެވެ.

ދާނިޝް އަލީޒާއަށް ހުރިހާ ޚިދުމަތެއް ފޫހިވުމެއްނެތިކޮށްދިނެވެ. ފުނާއަޅާދީ އަގައިގާ ލައްވާ ކާންދިނެވެ. ޒުހޭމާމެން ގެއިން ކޮންމެ އިރަކު ކާއެއްޗެހި ގެނެސްދިނަސް ބައެއްފަހަރު ދާނިޝް އަމިއްލައަށް މީރުއެއްޗެއް ކައްކާލައެވެ. އަލީޒާ ގާތު އެކި އެއްޗެހީގެ ނަން ކިޔާ އަހައިގެން މީރުހާ އެއްޗެހި ގެނެސްދެއެވެ. މަންމައަކު ދުވަހަކު ނެތަސް އެބައި ފުރިހަމަޔަށް އަދާކުރިއެވެ. ޔަގީނުންވެސް އަލީޒާ މިހުރިހާ ދުވަހު މަންމަ ކިޔައިގެން އުޅުނުމީހާ އަލީޒާ ބަލިވިޔަސް އެއްގޮތަކަށްވެސް އަޅާލި ހަދާނެއްނުވެއެވެ.

ފަނާ ގާތު ހަފާ އެރޭ ދެއްކި ވާހަކަތަކުން ފަނާ އަށް ލިބިފައިވާހާ އުފާތައް ފެނަށް ހަދާލައިފިއެވެ. ހަފާ ދެއްކީ ކޮޓެޖް ގެ ބަގީޗާ ތެރޭގައި އޭނަ އާއި މީރާން ސިއްރުން ބައްދަލުކުރި ވިއްސާރަ މެޖިކް ރޭގެ ވާހަކައެވެ. އެރޭ އޭނައާއި މީރާން ހަތަރުދަމު ވިނަގަޑުމަތީގައި ޕިކްނިކްހެދި ކަމަށެވެ. ހަފާ ފަނާ ގެ ހިތުގެ ހާލަތު އެގުމެއްނުވެ ހަދަހަދައިގެން ވާހަކަ ދެއްކުމުން ފަނާއަށް ހީކުރެވުނީ މީރާން އޭނައަށް އޮޅުވާލީކަމަށެވެ. ހަފާފަދަ ކުޑަކުއްޖަކާއި ހުރިހާ ގުޅުމެއް ބޭއްވުމަށްފަހު އޭނަ ކައިރިއަށް މިއައީ ޖެހިގެންއައި ރޭގައެވެ. 

ފަނާ ހީކުރިފަދައިން މީރާން އޭނަގެ ޚާއްސަ ލޯބިވެރިޔާއަކަށް ނުވިއެވެ. އެއީ ހުރިހާ އަންހެންކުދިން ގެ މިލްކެކެވެ. ޕާޓީ ރޭފަދައިންނެވެ. މިޝާ ގާތަށްވެސް ނުޖައްސާކަމެއް ނޭގެއެވެ. އެހެން ހިތަށް އަރާފައި ހިތްދަތިވިވަރުން ފަނާ މޮޔަވާވަރުވިއެވެ. ދެކެން ފެށި ކުލަ ރީތި ހުވަފެންތައް ވިއްސިވިހާލިވެގެން ހިގައްޖެއެވެ. އެންމެ ދެރަވަނީ ތިން ރޭ މަޖާކޮށްލުމަށްފަހު މީރާން ގެ ޚަބަރެއް އެއްގޮތަކަށްވެސް ނުވީމައެވެ. ހަފާ ހުވާކޮށްފައި ބުނީ ކޮންމެ ރެއަކު މީރާން އޭނައާއި އެކު ކޮޓެޖް ގެ ބަގީޗާގައި ވަގުތު ހޭދަކުރާކަމަށެވެ . ހަފާ ގެ އެ ދޮގުވެރި ވާހަކަތައް ފަނާ ހުރީ ގަބޫލުކޮށްގެނެވެ. ލޯބީ ގެ ކެކުޅުންތައް އެންމެ ދުވަހެއްގެ ތެރޭގައި ކުރިއަށް ވުރެ ފަނާ ދެރަވަރުކޮށްލައިފިއެވެ. ނުކައި ނުބޮއި ހިތާމަކުރުން ނޫންކަމެއް ފަނާއަކަށް ނެތެވެ. އެއަށްވުރެ ބޮޑަށް މީރާން އޭނަ މޮޔަކޮށްލައިފިއެވެ.
މައުމޫން ގާތުގައި އަލީޒާގެ މަންމަ ސާއިރާ ދެއްކި ވާހަކަތައް މުޅީން ގަބޫލުނުކުރެއްވިޔަސް އޭނައަށް ފެނިލެއްވި މަންޒަރު ކަށްޓެއްހެން ހިތަށް އެރެއެވެ. އަދި ސުވާލުތަކެއް ހިތުގައި އުފެދިފައިވެއެވެ. ސާއިރާގެ އެ ވާހަކައިގެ ތެދު ދޮގު އަމިއްލައަށް ތަހުގީގުކުރައްވަން ނިންމެވިއެވެ.

މައުމޫން ގެއަށް ވެންނެވިއިރު ރޭގަނޑު އަށެއްޖަހައިފިއެވެ. ބޮޑުކޮޓަރިވަނީ ފަޅަށެވެ. ގެވަރަށް ހިމޭނެވެ. ދާނިޔަލްމެން ގޭގައި ނޫޅެނީކަން ޔަގީނެވެ. މަޑުމަޑު ހުނުމެއްގެއަޑު އިވުމުން މައުމޫން ގެ ނިތްކުރިއަށް ރޫތަކެއް އަރައިގެން ދިޔައެވެ. އެ އަޑު އިވުނީ ތަންކޮޅެއް އެތެރޭގައި ހުރި ކޮޓަރިއަކުންނެވެ. ބޭ އިޚުތިޔާރުގައި މައުމޫންއަށް ހިންގަވައިގަނެވުނީ އެދިމާލަށެވެ. ކޮރިޑޯގައިވާ ޗާންދަލިޔާތައްވަނީ ނިވާލެވިފައެވެ. ފަޑު އެންމެ ބޮއްކެއްގެ އައްޔެއް މުޅި ސަރަހައްދަށް އަލިކޮށްލާފައި އޮތެވެ. އެންމެ ބިއްދޮށުގައި ހުރި ކޮޓަރި ކާރީ ފަރުޒާނާ އާއި ސައްފޫރުގެ ފައިވާން ހުއްޓެވެ.

މައުމޫން މަޑުމަޑުން ދޮރުތަޅުގައި ހިފާލެއްވުމާއެކު ދޮރު ހުޅުވުނެވެ. އޭރު ސައްފޫރު އޮތީ ފަރުޒާނާގެ އުގުގައި ބޯ އަޅާލައިގެނެވެ. ފަރުޒާނާގެ އިގިލިތައްވަނީ ސޮއްފޫރު ގެ އިސްތަށިގަނޑުގެ ތެރޭގައެވެ. ފަރުޒާނާގެ ހިމަހޯލި އިނގިލިތަކުން އިސްތަށިގަނޑުގައި ފިރުމަމުން މަސާޖްކޮށްދެމުން ދިޔައެވެ.
"ވަރަށް ބޮޑަށް ހަދާންވޭ މާޒީ. ހިތަށް އަރާ އެދުވަސް އަންނާނެނަމައޭ. އަދި އަހަރެމެންގެ ދަރިފުޅު ޖީން ދުނިޔެއާއި ވަކިވެގެން ނުދިޔަނަމަ .............." ފަރުޒާނާ ބުނެލިއެވެ. ގެއްލިފައި ތިބިވަރުން މައުމޫން ކޮޓަރިއަށް ވެންނެވިއިރުވެސް އެދެ ލޯބިވެރިންނަށް ރޭކާ ނުލިއެވެ.

މައުމޫން ފުރަތަމަ ފެނުނީ ފަރުޒާނާއަށެވެ. ހާސްވިވަރުން ފަރުޒާނާއަށް ފާޑަކަށް ހަޅޭއްލަވައިގަނެވުނީ އެވެ. ސޮއްފޫރު ހީކުރީ ބިރުވެރިކަމެއް ފެނުނީކަމަށެވެ. އޭނަވެސް އަވަހަށް ފުންމައިގެން ތެދުވެއްޖެއެވެ. ބޭބެ ކުރިމަތީގައި ހުންނެވިތަން ފެނުމުން ސައްފޫރުގެ މޫނު ރަތް އަލިފާންގަޑަކަށް ވެގެން ދިޔައެވެ. އެ މޫނަށް ކްރިމްސަން ކުލަ ވެރިވިއެވެ. އަނގަ ރަކިވިއެވެ. ފާޑަކަށް އަގަ ހަދާލައިގެން ހުރެ ފަރުޒާނާއަށް ބަލާލެވުނެވެ. ފަރުޒާނާ ހުރީ އިނގިލީގައި ދައިގެނެވެ. ބިންގަނޑުފަޅައިގެން އަޑިޔަށް ދާނެނަމައެވެ. އާރތް ކުއޭކްއެއް މިވަގުތު އަންނާނެނަމައެވެ

"ސޮރީ ބޭބޭ...އަޅުގަޑު.....ހަގީގަތުގައި......................" އާގަނެފައި އެއްޗެކޭ ބުނަންއުޅެފައި ސައްފޫރު އިސްޖަހާލީ ދައްކާނެ ބަހަނާއެއް ނުފެނުނީމައެވެ. ސިކުނޑި މަސައްކަތެއްނުކުރީމައެވެ. އުމުރުގައި ދުވަހަކުވެސް މިފަދަ ލަދެއްގައި ބެދެވިފައެއް ނެތެވެ. ބުނާނީ ކީކޭހެއްޔެވެ؟ ހަގީގަތުގައިވެސް އޭނަގެ ބޭބެގެ އަންހެނުންނާއި އެކު ލޯބީގެ ކުޅިގަނޑެއް ކުޅެވެނީއެވެ. އަލުން ޒުވާން ކަން އަބުރާ އައިސްގެންއުޅޭ ފަދައިންނެވެ. ފޯނުންވެސް މެސެޖް ތައް ފޮނުވުމާއި ވާހަކަ ދެއްކުން ނޫންކަމެއް ނުކުރެވެއެވެ. 


"ކަލޭގެ ތި ހިތްވަރު....ލަދުކުޑަ................" މައުމޫން ގެ އަތުން ސައްފޫރުގެ މޫނަށް ހޫނު ދެތިންއެތިފަހަރު އެއްފަހަރާ އަރައިގެން ދިޔައެވެ. ފަރުޒާނާ އަށް އެ މަންޒަރު ދެކެން ކުޅަދާނަ ނުވެގެން އެކޮޓަރިން ނުކުމެގެން ދުއްވައިގެތެވެ. މިއީ އޭނަ ދުވަހަކުވެސް އަންނާނެކަމަށް އުއްމީދުކުރި ދުވަހެއް ނޫނެވެ. މިރޭވެސް މައުމޫން ގުޅުއްވިއެވެ. ރަށަށް އަންނަން ގަސްތުކުރަނީ މާދަން ހަވީރުންނޭ ބުނުއްވިއެވެ. މިވީ ކިހިނެއްހެއްޔެވެ؟
ފަރުޒާނާ އަށް ނުކުމެވުނީ އޭނަ ގެ ދޮން ދަރިން ކުރިމައްޗަށެވެ. އެ ތިން ޒުވާނުން ވެސް އެ އައީ ހިވާގޮތުން ބޭރުގައި އުޅެފައެވެ. ހެމުން ސަކަރާތް ޖަހަމުން ކޮނޑަށް އަތްވައްޓާލައިގެނެވެ. އެ ތިން ބެއިން އެކަކު އަނެކަކު ދެކެވާ މަތިވެރި ލޯތްބާއި އެ އޮންނަ ގާތްގުޅުން ބައެއްފަހަރު ފަރުޒާނާ ހަސަދަވެރިކުރުވައެވެ. 
މި" ވަރުގަދަ" ރޭ ދާނިޝް ވެސް އިއްތިފާގުން މިހިރީ މިގޭގައެވެ. އަލީޒާ ގޮވައިގެން ހަވީރު އައިގޮތަށް އަދި ގެއަށް ނުދަނީކަން ނޭގެއެވެ. އެ ދެމަފިރިން ލޯބިން އުޅޭ މަންޒަރު ފެނިފައި ފަރުޒާނާއަށް ކެތްކުރެވެނީކީ ނޫނެވެ. ކޮންމެ ފަހަރަކު ބަދަލު ހިފުމުގެ ޖަޒުބާތު ހިތުގައި ރޯވެއެވެ. އެ ހުޅުގަޑު ނިވާލެވިގެން ނޫނީ އޭނަގެ ހިތަށް ފިނިކަމެއް ނުލިބޭނެއެވެ. އަލީޒާއަށް ގޮތެއް ނެހެދިގެން އުޅެނީ ރަގަޅު ފުރުސަތެއް ނުލިބިގެންނެވެ. މިދުވަސްކޮޅު ދާނިޝް ޗުއްޓީ ނަގައިގެން އެހެރީ އަލީޒާ ގެ އަތް ބިދުނީމައެވެ. ހިތަށްއެރީމަ ޗުއްޓީ ހަދަންވީއެވެ. ފަސޭހަ ބޮޑު ފިރިހެނެކެވެ.

މިވަގުތު ފަރުޒާނާގެ މޫނުމަތިން ފެނުނު ޝުއޫރުތަކުން އޭނަ ހުރީ ވަރަށް މައްޗަށް ހާސްވެ ފިކުރުބޮޑުވެފައިކަން އެގުނެވެ. 
"ބައްޕަ އާއި ބޮޑުބޭބެ އަރައިރުންވަނީ. ދޭބަލަ ހުއްޓުވަން. ހެޔޮނުވާނެ. ބައްޕައަކީ ހިތުގެ ބަލިމީހެއް........" ފަރުޒާނާ އެކޮޓަރީ އާއި ދިމާލަށް އިޝާރާތްކޮށްލަމުން ތުރުތުރުއަޅާއަޑަކުން ބުންޏެވެ. މައްސަލަ ގޯސްވާނެވަރު އޭނައަށް އެބަ އިހުސާސް ކުރެވެއެވެ. ކަންބޮޑުވިވަރުން އޭނަގެ ފައި ބިންމަތީގައި ހަރުނުލައެވެ.

އެވަރަށް ލަދުވެސް ގަނެއްޖެއެވެ. ކިތަންމެ ބުންޏަސް ސައްފޫރުއަކީ އޭނަގެ ފިރިމީހާގެ ކޮއްކޮއެވެ. ހާދަ އެހެންކަހަލަ ގުޅުމެކެވެ. މައްސަލައަކީ ފަރުޒާނާ އެންމެ ފަހުން އެބުނި ޖުމްލައިން މައުމޫންގެ ހިތުގައި ކިތަންމެ ސުވާލެއް އުފައްދާނެތީއެވެ.

ދާނިޝް އެވަގުތުވެސް ފަރުޒާނާއަށް ބަލާލީ އޭނަ އާދަވެފައި ވާ އެ ހަނި ނަޒަރުންނެވެ. އަގަޔަށް ގޮތެއް ހަދާލަމުންނެވެ. ބިރާއި ލަދުން ފޯވެފައި ހުރި މިފަދަ ދަޑިވަޅެއްގައިވެސް ފަރުޒާނާ އެ ބާރުގަދަ ދެލޯ އުތުވާލަން ބޭނުންވިއެވެ. ދާނިޝް ދެކެ އޭނަ ނަފުރަތުކުރަނީ އިންސާނަކު އަނެއް އިންސާނަކު ދެކެ ނަފްރަތުކުރާނެ އެންމެ ބޮޑަށެވެ. އެލޮލުން ފެންނަނީ އެންމެ މެސެޖެކެވެ. ކުށްވެރިޔަކީ ތިއީ އޭ ބުނާފަދަ ނަޒަރެކެވެ. ފަރުޒާނާ ނުތަނަވަސްވެފައި ހުރިވަރުން މިވަގުތު ދާނިޝްއާއި ކުރިމަތިލާން ބޭނުންނުވާތީ އެތަނުން ދާން ހިގައިގަތްއިރު އޭނަގެ ސިކުނޑިފަޅައިގެން ގޮސްދާނެހެން ހީވިއެވެ. އޭނަގެ ސަބަބުން އެހާ ލޯބިން އުޅުނު ބޭބެއާއި ކޮއްކޮ ދުޝްމިނުންނަށް ވެގެން ދިޔައީއެވެ. 

ދާނިޝް އެ ކޮޓަރީގެ ދޮރުހުޅުވާލީ ޖެހިލުންވެފައި ހުރެއެވެ. 
"އެއީ ހަގީގަތަކީ. އަޅުގަޑަށް މާފުކޮށްދެއްވާ. ތަގުދީރު މިފަދަ ސަމާސާއެއްކޮށްފާނެކަމަކަށް އަޅުގަޑު ހިޔެއްނުކުރަން. މިފަދަ ބޮޑު ކުށެއްގެ އަދަބު މި ދުނިޔެއިން ލިބެމުން މިދަނީ...." ސައްފޫރު ކުށްވެރިއެއްފަދައިން އިސްޖަހާލައިގެން ހުރެ ބުނަމުން ދިޔައެވެ.

 

ކޮމެންޓް 0