ދާނިޝްއަށް ކުއްލިއަކަށް ބަލާލެވުނީ އަލީޒާއަށެވެ. އަލީޒާ މަގަތަށް އަބުރާލިވަގުތު އޭނައަށް ނުފެނުނަސް އަލީޒާ ލައިގެން ހުރި ޓީޝާޓް ވަނީ ކުޑަކޮށްހިއްލިފައެވެ . އެ ދޮން އޮމާން ބަނޑުވަނީ ހާމަޔަށެވެ. އެހާ ތުނިވެފައި މޮޑެލްއަކަށް ވުރެ ހަށިގަނޑުވެސް ފުރިހަމައެވެ. ދާނިޝްގެ ހިތް އަވަސްވެލިއެވެ. ހިއްސުތައް ހަމަޔަކަށް އަޅުވަން އުދަގޫވިއެވެ. އޭނަ އަވަހަށް އެދުން ތެދުވެ އަލީޒާގެ ގައިގާ ރަޖާގަނޑު އަޅާލަދިނެވެ.

އަލީޒާ ފިޔަވާއެހެން އެއްވެސް އަންހެންކުއްޖަކަށް އޭނަގެ ހިއްސުތަކާއި އަދި ކުޅެލެވިފައެއްނެތެވެ. ހަގީގަތަކީ އޭނަ އަލީޒާއަށް ބޭނުންވާކަމެވެ. ހިތް އެދޭކަމެވެ. ގޯހެއް ނެހެދެނީސް އޭނަ ކޮޓަރިން ބޭރަށް ނުކުތްއިރު ވިސްނަމުން ދިޔައީ އަލީޒާ ގެ އެ ތުނި ބަނޑާއިމެދުއެވެ. އަލީޒާ ގެ އެ ޓެސްޓަކީ ހަގީގަތެއްހެއްޔެވެ؟ ހަގީގަތަކަށްވާނަމަ އަލީޒާ ޖެހިލުމެއް ނުވެ ލެބޯޓްރީއިން އެ ޓެސްޓް ހެއްދީ ކީއްވެހެއްޔެވެ؟ ހުސްހަށިބައި އަންހެންކުއްޖަކު ބަލިވެއިނުމުން ހާދަ ސިއްރުކުރަން ބޭނުންވާނެއެވެ. އެފަދަ ކުއްޖަކު އެ ޓެސްޓް ހަދާނީ ކިޓެއް ގަނެލައިގެން ގޭގަ ހުރެގެންކަން ޔަގީނެވެ. އަލީޒާ ގެ މިޓެސްޓަކީވެސް ލޮލުގައި އެޅުވި އަދުނެއްހެއްޔެވެ؟ އޭނަ ބޭޒާރުކޮށްފައި ބައްޕައަށް އޮޅުވާލަން ހެދި މަކަރެއްހެއްޔެވެ؟
އަލީޒާ ބޭނުންވަނީ އޭނަގެ ލާރިހެއްޔެވެ؟ އެތައް ސުވާލުމާކްތަކެއް އޭނަގެ ސިކުޑީގައި ޖެހުނެވެ.

ދާނިޝް ދެވަފަނަ ފަހަރަށް އަލީޒާގެ ދަބަސް ހުޅުވާލައިގެން އޭނަ ދިން ލާރި ގުނާލިއެވެ. ބަރާބަރު ދިހަ ހާސް ރުފިޔާމަދުވެއްޖެއެވެ. ހާދަ ވަރެއްގެ އަންހެންކުއްޖެކެވެ. މައްސަލައެއްނެތެވެ. ބޭނުންވަރަކަށް ނަގާށެވެ. ގޭމް ކުޅޭށެވެ. އެކަމަކު މިގެއިން ދާން ޖެހޭނީ އަގު ދައްކާފައެވެ. މިވާގޮތުން މިކާވެނި ސައްހަހެން ހީވާންފަށައިފިއެވެ. އަލީޒާ ދަރިއަކަށް ބަލިވެ ނެތިއްޔާ ހުރިހާ ގޮތަކުންބެލިޔަސް މިއީ ރަގަޅު ކައިވެންޏަކަށް ވާނެއެވެ.

އޭނަވެސް ހާދަ މޮޔައެވެ. ކުރީގައި މިތަންކޮޅު ނުވިސްނުނީ ކީއްވެބާވައެވެ. ދާނިޝް އަލީޒާ ގެ ޓެސްޓް ރިޒަލްޓް ދެވަނަފަހަރަށް ބަލާލިއެވެ. އެ ޓެސްޓް ހަދާފައިވަނީ ކާކުތޯ ބަލާލިއެވެ. އެ މީހަކީ ހުސެންއެވެ. ރާހިލް އަދި ޝާހާންގެވެސް އެކުވެރިއެކެވެ. ހުސެން ކައިރިން އޭނަ މި ޓެސްޓްގެ ޚަބަރު އޮޅުންފިލުވާނެއެވެ. 

ދާނިޝް ކޮޓަރި ލައްޕާލާފައި ނުކުމެގެން އައީ ކާކޮޓަރިއަށެވެ. އަލީޒާ ކެއްކި ނޫޑުލްސް ނުކައިފިއްޔާ އަލީޒާ ހިތުގައި ޖެހިދާނެކަން ނޭގެއެވެ. އެ ނޫޑުލްސް ބާކީކުރާކަށް ނުވާނެއެވެ. ދާނިޝް އެ ނޫޑުލްސް ލާފައި ހުރި އެތި ހިފައިގެން ދިޔައީ މީރާންމެނާއި ބައިވެރިވެލުމަށެވެ. ނޫޑުލްސް މީރުވީވަރުން އެންމެން ތައުރީފުކުރިއެވެ.
" ފޭކް ފަހަރިއަކަށްވިޔަސް ކެއްކުން ހަމަ ބަރާބަރު. ކޮންމެދުވަހަކު މިގެއަށް ކާން އަންނާނަން....." ޝާހާން ތައުރީފްކުރިއިރުވެސް އަލީޒާ އަކީ ފަހަރިއެއްކަމަށް ނުދެކޭކަން އަންގާލީ އެމީހުން އަލީޒާއަށް އެކިޔާ އުޅޭ ނަމަކުންނެވެ.
ދާނިޝް ކުރިއަށްވުރެ މައިތިރިވެ ފުން ވިސްނުމެއްގައި އިންކަން އެންމެނަށް ފާހަގަކުރެވުނެވެ. ފޭކް ފަހަރިއޭ ކިޔައިގެން ކިތަންމެވަރަކަށް ވެސް ދިމާކުރިއެވެ. މީރާން ބުނީ ފޭކް ފަހަރިއަކަށް ވީވެސް ފޭކް މަންމައެއްގެ ދަރިއަކަށް އަލީޒާ ވީމަ ކަމަށެވެ. އެ ޖުމްލައިގެ މާނަ އެނގުނީ ހަމައެކަނި ދާނިޝްއަށެވެ. ކިތަންމެ ސިއްރުކުރަން އުޅުނަސް އެއީ ވެސް އަދި މުސްތަގުބަލުގައި ދިމާވާނެ ހައްލުކުރަން ދަތި މައްސަލައަކަށް ވާނެކަން ދާނިޝްއަށް ރަގަޅަށް އެގެއެވެ. ރޮށްޓާއި ފަރާޓާ އަދި ފިހުނު ކުކުޅުކައިގެން އެތައް ދަމެއްވާންދެން އެގޭގެ ބަގީޗާތެރޭގައި އެ ޒުވާނުން ތިއްބެވެ. 

ކަޅު ކުލައިގެ ހެދުމުގަހުރި އިރު ފަރުޒާނާގެ މޫނުމަތިން ފެންނަނީ މޮޅިވެރިކަމާއި ހިތްދަތިކަމުގެ އަސަރުތަކެވެ. ހުރިހާ އެއްޗެއް ގެއްލިފައިވާ ދަތުރުވެރިއެއް ފަދައެވެ. އޭނަ ހުރީ ހިކި އަނަރޫފަވެފައެވެ. ލޮލުގެ ވަށައިގެން ކަޅު ދާއިރާއެއް ހެދިފައިވެއެވެ. ރޮއިރޮއި ވަޅުވަދެފައިވާ ދެލޮލެވެ. ތުންފަތްވަނީ ހިކިބުރިވެފައެވެ.
އޭނަ ޖީނާގެ މަހާނަދޮށުގައި ހުއްޓުނެވެ. 
ފަރުޒާނާ ހަދާންވީ މާޒިއެވެ. އޭރު ޖީނާ ގެ އުމުރުން ހަޔެއްކަ އަހަރެވެ. މޫދަށް ވަރަށް ވަރުހުރެއެވެ. 
" މަންމާ. ޖީން އަށް މޫދުގައި ނިދާލެވިދާނެތަ؟"
" މަންމާ. ޖީން މަރުވީދުވަހަކުން މޫދުގައި ވަޅުލާދޭތީ. ނޫނީ މޫދު ކައިރީގައި ފަސްގަޑުގައި. އޭރުން ޖީން އަބަދު ސޭންޑްކާސްލް ހަދާނަން. ޖީން މަރުވިޔަސް މަންމަ ނުރޮއްޗޭ އިގޭ. ޖީން މޫދަށް މަރުވީމަ ވަރަށް އުފަލުގަޔޭ އުޅޭނީ............." އެ ލޯބިލޯބި ތުއްތު އަޑު އޭނަގެ ކަންފަތުގައި ހަރުލާފައި ހުރެއެވެ. ޖީނާ ކުޑައިރުވެސް އޭނަ ކުރިން މަރުވެދާނެކަމަށް އެއޮތީ ބުނެވިފައެވެ. އެވެސް ހަމަ މޫދަށެވެ. ހާދަ ރީތިކޮށް އެބަސްތައް ދިމާވެއްޖެއެވެ. ފަރުޒާނާއަށް ރޮވޭގޮތްވިއެވެ.

ޖީނާ މޫދުދެކެ ބިރުގަންނަންފެށީ އެއްފަހަރު ބީޗަށް ގޮސްފައި ލޮނު ބޮވުނީމައެވެ. އެދުވަހު ފަރުޒާނާރޮއި ރޮއި ޚަބަރު ހުސްވާވަރުވިއެވެ. ޖީނާއަށްވުރެ ބާރަށް ރުއީ މަންމައެވެ. އެކަމާ ކަންބޮޑުވިވަރުން ޖީނާ ވަގުތުން ރުއިން ހުއްޓާލިއެވެ. އެހާ ޅައިރުވެސް މަންމަ ރުއްސާލަން އޭނަ ދަނެއެވެ. ޖީނާ އެދުވަހުން ފެށިގެން މޫދުގައި ފައި ޖައްސާލަންވެސް ދެކޮޅުހެދިއެވެ.

ފަރުޒާނާގެ ލޮލުގައި ކަރުނަ ވިދަން ފެށިއެވެ.
ޖީނާއާއި މެދު އޭނައަށް ކަންތައްކުރެވުނީ ހާދަ ދެރަކޮށެވެ. އެ ޅަހިތުގައި އުފެދުނު ލޯތްބަށް ވެސް އޭނަ ގަދަރެއް ނުކުރިއެވެ. އެ އުފާތައްވެސް އޭނަ ޗިސްކޮށްލީއެވެ. އެވަރުން ވެސް ޖީނާ ޝަކުވާއެއް ނުކުރެއެވެ. އެހާބޮޑަށް ބޭނުންވި ލޯބިވެސް ފޮރުވީއެވެ. އެކަމަކު މި މަންމައަށް ބަދަލުގައި އެ ދަރިފުޅަށް ދެވުނީ ކޯޗެއްހެއްޔެވެ؟ ހިތާމައެވެ. ހިތްދަތިކަމެވެ. ނުވަމަހާއި ދިހަ ދުވަސް ވަންދެން ބަނޑުގައި އަޅައިގެން އުޅެފައި ދުނިޔެއަށް ގެނައީ ކީއްކުރަން ހެއްޔެވެ؟ އެންމެ ޒުވާން އުމުރުގައި އެ އުއްބައްތި ނިވާލެވުނީއެވެ. ދެނެއް ގައިމު މަންމާއޭ ކިޔާފައި އެންމެ ފަހަރަކުވެސް ނުގޮވާނެއެވެ. އެ ދެލޯ ނުހުޅުވާނެއެވެ. އަބަދުގެ އަބަދަށްޓަކައި މި ފަސްގަނޑުގެ ދަށުގައި ފޮރުވުނީއެވެ.

" މި ބަދުނަސީބު މަންމައަށް ހިތްހެޔޮކުރޭ ދަރުފުޅާ. މަންމައަށް އެގޭ މިއަދު ޖަވާބު ދޭން ބޭނުންވިޔަސް އަނގައިން ނުބުނެވޭނެކަން. މިހާރު މަންމަ އަށް ވިސްނުނީ. ލޯ ހުޅުވާލެވުނީ. މިއަދު މަންމަ މިވަނީ މި ބޮޑު ދުނިޔޭގައި އެކަނި ވެފައި. ގިނަވެފައި. ނިކަމެތިވެފައި. މަންމަ މިއަދު ވަނީ ބަރުބާދުވެފައި. ދުނިޔެއަށް އިތުރު ނޭވާއެއްލާކަށް ވެސް މަންމަ ބޭނުމެއްނޫން. މަންމްގެ ލޯބިވާ މިދަރިފުޅު ނަގާލެވުނީ މިދެއަތުން. މަންމައަށް މައާފުކޮށްދީ ދަރިފުޅާ. އުމުރު ދުވަހުވެސް މިދެލޯ ތިޔަ ބަދުނަސީބު ދަރިފުޅަށްޓަކައި ކަރުނަ އޮއްސާނެ. މަންމަގެ ސިއްރު ހިފަހައްޓަން ދަރިފުޅު ގުރުބާން މިކުރެވުނީ. މިހެންވާނެކަން އެގޭނެނަމަ މަންމަ އުފަލާއި އެކީ ދާނިޝްއާއި ދަރިފުޅު ގުޅުވަދިނީމު. ހިތްހެޔޮކުރުވާނެ ފުރުސަތެއް ނުދީ މަންމައަށް މައާފުނުދީ ދަރިފުޅު ދިޔައީ......................." ފަރުޒާނާ މޫނުގައި ދެއަތް އެޅިއެވެ. އިގިލިތަކުގެ ދޭތެރެއިންވެސް ކޯދުލާފައި ކަރުނަ ދެމެމުން ދިޔައެވެ.

ކިތަންމެވަރަކަށް ރުޔަސް ހިތާމަކުރިޔަސް ވަގުތު ފާއިތުވެއްޖެއެވެ. ޖީނާ ދެނެއް އެބުރި ނާންނާނެއެވެ. ފަރުޒާނާ ރޮއިރޮއި ހުރެ ދަރިފުޅަށް ހެޔޮ ދުއާކުރިއެވެ.
ސަހަރާގެ ތެރއިން ނުކުމެގެން އައިއިރު ފަރުޒާނާ ގެ ލޮލުން ކަރުނަ ހުސްވެފައި ވިޔަސް ނިމުމެއްނެތް ވޭނަކާއި ހިތްދަތިކަމެއް އެ ލޮލުގައި ވެއެވެ.
ރައްޓެއްސަކު ގުޅައިގެން ދެއްކި ވާހަކައަކުން ފަރުޒާނާއަށް އެދުވަހު ޖީނާގެ މަރާއިބެހޭ އާ ޚަބަރެއްލިބުނެވެ. ޖީނާ މަރުވީ އޭނަގެ "ބޭބެ" ދާނިޝް ގެ ފޮޓޯ ސަލާމަތްކުރަން ހަދައިގެނެވެ. އެ ޚަބަރުގެ ސަބަބުން ފަރުޒާނާގެ ހިތުގައި ދާނިޝްއާއިމެދު އޮތް ރުޅިވެރިކަން ނަފްރަތަށް ބަދަލުވިއެވެ. ދާނިޝްގެ އުފާވެރި ހަޔާތުގައި އޭނާ އަލިފާން ޖަހާނެއެވެ. އަލީޒާވެސް ހީކުރަނީ އޭނާގެ ދަރިފުޅު ބޭނުންވި މަގާމުގައި ހުރެވިދާނެކަމަށް ހެއްޔެވެ؟ ދާނިޝް ގެ ލޯބިވެރިޔަކަށް ޖީނާ ނުވި ފަދައިން އެހެން މީހަކަށް ވެސް ނުވެވޭނެއެވެ. ބަދަލު ހިފުމުގެ ޖޯޝާއި ފޯރިގެ ސަބަބަން ފަރުޒާނާގެ ހިތާމަވެސް ވަގުތީ ގޮތުން ލުއިވިއެވެ.

އަލީޒާ އަކީ ހަމަ ޖީނާ ކޮޕީކޮށްލައިގެން ހުންނަ ނުބައި އަންހެންކުއްޖެކެވެ. ރަގަޅަށްވިއްޔާ އިސްތަށިގަނޑު އޮންނަނީ ހައިލައިޓްކޮށްލާފައެވެ. މޫނުއެހާ ދޮންކޮށްލީ ބްލީޗްކޮށް އޭތި މީތި އުގުޅާލައިގެން ކަން ޔަގީނެވެ. އަދި އޭނައަށް ލިބިފައިވަނީ ނަގުލީ އެސްފިޔަތަކެވެ. ފަރުޒާނާ އަލީޒާވެސް ނައްތާލާނެއެވެ.
ދާނިޝްއާއި އަލީޒާ އުފަލުގައި އުޅެވުނަނުދޭން ފަރުޒާނާ އަޒުމް ކަޑައެޅިއެވެ.

ދާނިޝްގެ އާދަ ހުންނަގޮތުން ހެދުނު ދަނީ ޑިޔުޓީއަށެވެ. ގަމީހާއި އެކު ޓައީ އަޅާލައިގެން ރަސްމީކޮށް ހުންނަތަން ފެނުމުން އަލީޒާގެ ހިތުގެ ވިންދުއަވަސްކުރުވައެވެ. އެދާގޮތަށް ގެއަށް ވަދެލަނީ އިރުއޮއްސޭގަޑިގައެވެ. ނަސީބަކުން ރޭގަނޑު އަލީޒާއެކަނި ކޮށްލާފައި ބޭރަކަށް ނުދެއެވެ. އެކަމަކު ދެމީހުންގެ ދޭތެރޭގައިވަނީ ބީރައްޓެހިކަމުގެ ފާރެކެވެ. އެ ދުރު ހިލޭކަމެވެ. އެއް ބޯޓެއްގައި ދެ މަންޒިލަށް ދަތުރުކުރާ މުސާފިރުންފަދައެވެ. 

އަލީޒާ އާއި ބައްދަލުކުރަން އީނާވަރަށް ގިނައިން އާދެއެވެ. އަލީޒާއާއި އީނަ އެންމެ ފޯރިއާއިއެކު ކުރާމަސައްކަތަކީ މާގަސް އިންދުމެވެ. ކެއްކުމެވެ. މަދު ވަގުތެއްގައި ޓީވީބަލާލައެވެ. ވާހަކަކިޔައެވެ. އެއާއެކު އަލީޒާ ވަރަށްގިނަ ވަގުތު ނަމާދުކޮށް ގުރުއާން ދުއާކިޔާ ހެދުމުގައި ވޭތުކުރެއެވެ. ދެދުނިޔޭގެ އުފަލާއި ނަސީބުވަނީ މާތްﷲ އަންގަވާފައި ވާގޮތަށް އުޅުމުންކަން އަލީޒާދަނެއެވެ.

މަންމަވެސް ދޭތެރެއަކުން ޖައްސާލައެވެ. ނަސީބަކުން މަންމަ ލާރިހޯދާކަށް އަދި ނުބުނެއެވެ. ހަގީގަތުގައި ސާއިރާ ބުއްދިވެރިވީއެވެ. އަލީޒާއަށް ސިއްރުން ފަސްބައިގެ ދަށަށްލާ ފޮރުވައިގެން އޭނަ އެގެއިން ކިތަންމެ އެއްޗެހި ބޭރުކޮށްލައިފިއެވެ. ލާރިވެސް ގެންދެއެވެ. އަލީޒާގެ ދަބަހަކުން ނޫނެވެ. ނުވިތާކަށް އެގޭގައި ހުންނަ އަގުބޮޑު މާގަސްތަކުން ގޮފިކޮޅުތައް ކަނޑާލައިގެން ގެންގޮސް ވިއްކަން ފެށިއެވެ. އަލީޒާ އެއްގޮތަކަށްވެސް މަންމައާއިމެދު ޝައްކެއްނުކުރެއެވެ. އެ މައުސޫމްކަމުން ފައިދާ ނަގައިގެން ސާއިރާ ކިތަންމެކަމެއް ހިންގާލައިފިއެވެ.

ހުސެން ރާއްޖެއިން ބޭރުގައި ޗުއްޓީ ހޭދަކުރުމަށްފަހު ޑިޔުޓީއަށް ނުކުތް ފުރަތަމަ ދުވަހު ދާނިޝް އޭނަ ގާތުން އަލީޒާގެ އެ ޓެސްޓް ދައްކާފައި އެއީ އަސްލެއްތޯ އަހާލިއެވެ. ހުސެން ވަރަށް ކަންބޮޑުވިއެވެ. ޖެހިލުންވާގޮތްވިއެވެ. ދާނިޝް ގެ ސީރިޔަސްކަމާއި ހުންނަ ގޮތަކުން އޭނަ އަށް ވެސް ދާނިޝްއާއި ހަތަރުކަޅިހަމަކޮށްލަންވެސް އުދަގުލެވެ. ހުސެން ބުނިގޮތުގައި އެއީ އެހެން ބަލިމީހެއްގެ ޓެސްޓެކެވެ. އަލީޒާވެސް އެދުވަހު އެހެން ޓެސްޓެއް ހެދިއެވެ. އެއީ ހަމައެކަނި ޔޫރިން މައިކްރޮސްކޯޕީއެކެވެ. ލެބޯޓްރީ ގެ މިސްޓޭކަކުން ދެނަން އޮޅުވާލެވުނީއެވެ. އެކަމަކު އަލީޒާއަށް އެއީ އޮޅުމެއްކަން ރަގަޅަށް އެގޭނެއެވެ. އަލީޒާވެސް އެކަމާ މަޖާވެގެން ވަރަކަށް ހީހެދިއެވެ. ހުސެން އަޖާއިބުވީ މިހުރިހާ ދުވަސްކޮށްލާފައި އަލީޒާ މިޓެސްޓް ދާނިޝްއަށް ދައްކައިގެން ހުސެން ކުށްވެރި ކުރަން އުޅުނީތީއެވެ. އިންސާނުންވިއްޔާ ކިތަންމެ ބަލައިގެން އުޅުނަސް ކުށެއް ކުރެވިދާނެއެވެ. އެކަމަކު ހުސެންގެ ހިތުގައި ހިނގި އެ ޝައްކު ދާނިޝް ވަގުތުން ފިލުވާލަދިނެވެ. އަލީޒާގެ ޓެސްޓް އޭނައަށް ފެނުނީމަ ލިބުނު ޝޮކަކުން އަލީޒާއަށްވެސް ނަންގާ ހުސެންގެ ގާތުން އޮޅުން ފިލުވާލަން ބޭނުންވީކަމަށެވެ.

ކޮންމެއަކަސް ދާނިޝްއަށް އެ ހަގީގަތް އެގުމުން ބޮލުން ބޮޑު ބުރައެއް ލުއިވެގެން ދިޔަކަމުގައި އިހުސާސްކުރެވުނެވެ. ނަމަވެސް އަލީޒާ އަކީ ކިހާވަރެއްގެ ކުއްޖެއް ކަން އޭނަ ހަދާންނައްތައެއް ނުލައެވެ. ހުސެން އަށް އެ ހެދުނު ކުށުގެ ނަޖާއިޒު ފާއިދާވެސް ނެގީއެވެ. މި ޓެސްޓްވެސް މައުމޫންއަށް ފޮނުވީ އަލީޒާ ބަލިވެއިންކަމަށް ހެދެންވެގެންނެވެ. އަނެއްކާ " ބޯއިފްރެންޑް" އަކީވެސް ހަމަ އަލީޒާގެ ޚިޔާލީދުނިޔޭގެ މީހަކަށްވުން އެކަށީގެންވެއެވެ. އެހެންނޫންނަމަ އެ ބުނާ ބޯއިފްރެންޑަކުވެސް އުދަގޫނުކޮށް ހުންނާނެހެއްޔެވެ؟ ނަފުސާނީ މައްސަލައެއްގެ ޝިކާރައަކަށްވެފައިވާ އަންހެންކުއްޖަކީކަން ނޭގެއެވެ. ދާނިޝްއަށް ޔަގީންވީ އޮޅުވާލުމާއި ބްލެކްމެއިލް ކުރިމުގައި އަލީޒާ ކުރީގައި އުޅޭކަމެވެ.


ހެނދުނުއްސުރެ އުޑުމަތީގައި ބޯވެފައިވާ ވިލާތައް އުދަރެސް ބައްދާލާފައިވާގޮތުން ހަމަ ދެންމެ ދެންމެ ވެހިގެންފާނެހެން ހީވެއެވެ. ހަވީރު ފިނީގައި އަލީޒާ ކޮޓެޖްގެ ބަގީޗާގައި މާގަސްތަކުގެ ފަރި ބަލަން ހުއްޓެވެ. ރަތްކުލައިގެ ފިނިފެންމާތަކެއް ބިދެލިއިރު ރީތި ލަވައެއްވެސް ކިޔަމުން ދިޔައެވެ. މިއީ އޭނަގެ ފެވެރިޓްލަވަ އެވެ. 
" ރޯމިޔޯ ސޭވް މީ
" ދެއި ޓްރައި ޓު ޓެލް މީހައު ޓު ފީލް
" ދިޒް ލަވް އިޒް ޑިފިކަލްޓް ބަޓް އިޓްސް ރިއަލް
ޑޯންޓް ބީ އެފްރައިޑް ވީ ވިލް މޭކް އިޓް އައުޓް އޮފް ދިސް މެސް
"އިޓްސް އެ ލަވް ސްޓޯރީ ބޭބީ ޖަސްޓް ސޭ ޔޭސް
" އޯ އޯ......." ހާދަ ބޮޑަށް ދާނިޝް ގެ މަތިން ހަނދާން އެބަވެއެވެ. މިވަގުތު އަންނާނެނަމައެވެ.
އަލީޒާ ރަތްކުލައިގެ ފިނިފެންމާބޮނޑި އެއްކޮށްލައިގެން ފަރިގޮތަކަށް ދުވެލާފައި ގޮސް މޭޒުމަތީގައި ހުދު ބޯވްލްގައި ޖަހާލުމުން ކޮޓަރީގެ ޒިނަތްތެރިކަން ދެގުނަ އިތުރުކުރުވިއެވެ. ދެވަނަ ފަހަރަށް ބޭރަށް ނުކުމެ މާގަސްތަކުގެ ތެރޭގައި އުޅެނިކޮށް ބޯކޮށް ވާރޭ އޮއްސައިގަތެވެ. އަލީޒާއަށް ވާރެއިން ސަލާމަތްވުމުގެ ފުރުސަތެއްނުދީއެވެ. ތެމުމުން ގެއަށް ވަންނާކަށް ބޭނުމެއްނުވިއެވެ. އޭނަ އަށް ކުއްލިއަކަށް ފާހަގަކުރެވުނީ ބައެއްގަސް ތަކުގެ ކުރިތަކާއި ގޮފިކޮޅުތައް ފުކުރާ ދަމައިގަނެފާ ހުރިކަމެވެ. އޭނަ އެހާ ލޯބިން ގެންގުޅޭ ޕާޕްލް އަދި ނޫކުލައިން ވި އޯކިޑް މާގަސްކޮޅުވެސް އޮތީ އަނިޔާވެރިގޮތަކަށް މުލުން ލުހެލާފައެވެ. އެއްބައި މަދެވެ. ވަށިގަޑެއްގައި ހުރި ކުދި ކުދި އޮރެންޖް ތަކުން ބަރާވެފައިވާ ގަސްވެސް ނެތެވެ.
އަލީޒާގެ ލޮލުން ކަރުނަ ހިލުނެވެ. ވަގުން ގަސްވެސް ގެންދަނީހެއްޔެވެ؟ މިއީވެސް މީހުން އަގުބޮޑުކޮށް ގަނެ ހައްދާ އެއްޗެހިކަން ނޭގެނީހެއްޔެވެ؟ އަލީޒާ އެ އޮރެންޖް ގަސް ނުފެނިގެން މުޅި ބަގީޗާތެރެ ހޯދިއެވެ. ބަރުވެފައިވާ ހިތަކާއި އެކީގައެވެ. ރޮވިފައި ހުރެއެވެ.

އަލީޒާ ލޯމަރާލައިގެން ހުރެ ވާރޭގެ ބޮޑެތި ތިކިތަކުން އޭނަގެ ހިތާމަތައް ދޮވެވޭތޯ ހުއްޓިލައިގެން ހުރިއިރު އެ ތުނި ހުދުކުލައިގެ ގަމީހާއި ދިގު އިސްތަށިގަޑު ވަނީ ތެމިގެން ގަޔާ ތަތްވެލާފައެވެ. ފެނު ޕަރީއެއްފަދައެވެ.
ދާނިޝް ޑިޔުޓީއިން އައިސް ކާރުން ފޭބިގޮތަށް އެ ބޯ ވާރޭގެ ތެރޭގައި ބަގީޗާއާއި ދިމާލަށް ދިޔައީ އަލީޒާ ހުރިކަމަކަށް ނޫނެވެ. ވާރޭގައި ފެންވެރުމަކީ ކުޑައިރުއްސުރެ ކުރާހިތްވާކަމަކަށް ވާތީއެވެ. ވާރޭގެ އެ ބޯތިކިތަކުގެ ތެރެއިން ފުރޭނިގެން އައިސް އިވޭ ހަމަ އެކަނި އަޑަކީ ސިޓިންރޫމް އިން އަންނަ ޓެއިލަރ ސްވިފްޓް ގެ އެ ރީތި ލަވަ " ލަވް ސްޓޯރީ" އެވެ. މި ވާރެޔާއި އެ ރީތި ލަވައިގެ ސަބަބުން ބަގީޗާ ގެ މާހައުލު އިތުރަށް ރޮމެންޓިކް ކުރުވާފައި ވެއެވެ.
ދާނިޝް މަޑުމަޑުން އެ ލަވަ ކިޔަމުން އައިސް ފިނިފެންމާގަސްތަކުގެ ކައިރިއަށް ނުކުމެވުމާއި އެކު އޭނަގެ ފިޔަވަޅުތައް ހުއްޓުނެވެ.


ވީ ކީޕް ކުއައިޓް ކޯޒް ވީ އާރް ޑެޑް އިފް ދެއި ނިއު
" ސޯ ކްލޯޒް ޔޯރ އައިސް...........

އަލީޒާ ގެ މޫނަށް ރަތްކުލަ ވެރިވެގެން ދިޔައީ އޭނަ ފެނުމުންހެން ހީވެއެވެ. ބްލަޝަރ އެއްގެ އެހީއަކާއި ނުލައި އެ ކޯތާފަތް ރަތްވެގެން ހިނގައްޖެއެވެ. އެތެމިފައިވާ އެސްފިޔަތައް ހިއްލާލަމުން ލަދުރަކި ނަޒަރަކުން ބަލާލިގޮތްވެސް ދާނިޝް ފިނިކުރުވިއެވެ. އަދި އަމިއްލަ މޭގައި އަލީޒާއަށް ދެއަތުން ބައްދައިލެވުނީ ފިނިވުމުންކަމެއް ނޫނީ ފޮރުވެންކަމެއް ނޭގުނެވެ. ތެމިފައިވާ ތުނި ހެދުމުން ހަށިގަޑު ރީތިކޮށް ފެންނަންހުރީމަ ރަކިވީކަމަށް ވެދާނެއެވެ. ދާނިޝްގެ ލޭގެ ހިނގުން އަވަސްވެގެން ދިޔައެވެ.

ކޮމެންޓް 0