" ރަގަޅަށް ވެސް އެގެން ބޭނުންތަ ސްނޯބޯލް؟ " ދާނިޝް ގެ މޫނުމަތީގައި ސަމާސާގެ އެއްވެސް ކުލަވަރެއްނެތެވެ. އަލީޒާއަށް ނޭވާ ހިފަހައްޓާލެވުނެވެ. އެވަގުތު ކޮންމެވެސް މީހަކު ސަލާމްގޮވާލިއަޑަށް ދާނިޝްވެސް ސޯފާއިން ތެދުވިއެވެ. އަލީޒާ ސަލާމުގެ ޖަވާބު ދިނެވެ.

ދޮރުމަތީގައި ހުރީ މުސްކުޅި ފިރިހެނެކެވެ. މެޔާއި ހަމަޔަށް ބެގީކޮށްލާފައި ގަޔަށް ދޫ ހެދުމެއް ލައިގެން ހުރިއިރު ޗާލީ ޗެޕްލިންއާއި ވައްތަރެވެ. ކުޑަ ކުޑަ ލޮލުގައިވަނީ މަކަރުވެރި ވިދުވަރެކެވެ. ދުވަސްވީ ދަބަހެއް ކޮނޑުގައި އަޅުވާލާފައި އޮތެވެ. އޭނަ ހުރީ ގަދަޔަށް ދުފާ އަނގަ ރަތްކޮށްލައިގެންނެވެ.
"ކޮބާ މިގޭގެ ވެރި ކަމަނާފާނު.....؟ " އޭނަ އަހައިލިއެވެ. 
ދާނިޝްއަށް ވަގުތުން އެއީ ކޮންކަހަލަ މީހެއްކަން ވިސްނުނެވެ. އޭނަ އަބަދުވެސް ފަންޑިތައަށް ނަފްރަތު ކުރެއެވެ. ފަންޑިތަވެރިން ފެނުނީމަ އޭނަގެ ލޭ ކެކިގެންދެއެވެ. މިއީ ފަރުޒާނާގެ ދައުވަތަށް މިގެއަށް އައި މީހެއްކަން އޭނަ ދެނެގަތެވެ. ފަރުޒާނާ އައުމުގެ ކުރިން އޭނަ މިގެއިން ދާން ޖެހޭނެއެވެ.
ދާނިޝް އަވަހަށް އަލީޒާ ގެ އަތުގައި ހިފައިގެން ނުކުމެގެން ދާން ހިނގައިގަތީ އެމުސްކުޅި ބޭބެ އާއި އަގައިން ބުނުމެއް ނެތިއެވެ. އެ މުސްކުޅިޔާ ކުދިކިޔަމުން އަޑުކޮޅަށް ސަލާމް ގޮވާލައިފިއެވެ.
"ޑޭން.....އެއީ ކާކު؟ " ދާނިޝްގެ ހަރަކާތް ހުރިގޮތުން ހައިރާންވިވަރުން އަލީޒާ އަހާލިއެވެ.
"އެލީ. ދެން އެހެން ވާހަކައެއް ފަށާބަލަ....އިތުރަށް މޫޑު ގޯސްނުކުރުވަބަލަ..." ދާނިޝް ކާރަށް އަރާފައި ބަންލާފައި ދޮރު ޖެހިގޮތުން ކާރުވެސް ގުޑައިގެން ދިޔައެވެ. އެއާއިއެކު އަލީޒާ ގެ ހިތްވެސް ތެޅިލިއެވެ. އޭނައާއި ގުޅުނުފަހުން ދާނިޝްގެ ތަބީއަތު މިހާ ގޯސްވި ފުރަތަމަ ފަހަރެވެ. އަލީޒާ އެހެންވާކަށް ބޭނުމެއް ނޫނެވެ. އޭނަ ކާރަށް އަރާފައި ދާނިޝް ގެ އަތުގައި ހިފާލިއެވެ.

"ސޮރީ ސްވީޓްހާރޓް. ދެނެއް ޑޭން ހިތްހަމަނުޖެހޭ ސުވާލެއް ނުކުރާނަން. ހީލަބަލަ. ޕްލީޒް...." އަލީޒާ މޮޅިވެރިގޮތަކަށް ބުނެލިއެވެ.
"މީރާންގެ ވާހަކަ ދައްކައިގެން ނޫނޭ އަހަރެން ކެޓީ. އެއަށް ވުރެ މާ ސްޕެޝަލް ވާނެ އޭނަ. ވީއިރު ސޮރީ އޭ ބުނާކަށް އެލީ ނުޖެހޭ އިގޭ. ފޫހި ވީ ފެނުނު މޫނަކުން. އެލީ....މިއަދު މަންމަ ގެ ގެއަށް ދިޔައިމަ ކިހިނެއްވީ؟ ސައި ބޮއިގެން އައީ؟ " ދާނިޝް އަލީޒާގެ ބަޓްން ނޭފަތުގައި ހިފާ ރަތްކޮށްލަމުން އެ ޑިމްޕަލް ހިނިތުންވުން ހަދިޔާކޮށްލިއެވެ. ރުޅި ނޫންކަން އަންގަންވެގެންނެވެ. ނަމަވެސް ދާނިޝް ގެ ވާހަކަ ހުރިގޮތުން އަދިވެސް ތަބީއަތު މުޅިން ރަގަޅު ނުވާކަން އަލީޒާއަށް އެގުނެވެ. ދާނިޝް ނުތަނަވަސްވެފައިވަނީ ކޮންކަމަކާ ހެއްޔެވެ؟ އެއީ ކޮން މުސްކުޅިއެއް ހެއްޔެވެ؟ 
އަލީޒާ އޭނަގެ މަންމަމެންގެ ބަލިފައި ސިއްރުކުރިއެވެ. އެގޭގައި ހިގި ހާދިސާ ސިއްރުކުރިއެވެ. އަލީޒާއަށް ނޭގުނީ ދާނިޝްއަށް އެ ގޭތެރޭގައި ހިނގި ހާދިސާތައް ފުރިހަމަ ތަފްސީލާއި އެކު އޭނަގެ ސިއްރު އެކުވެރިޔަކު ގެނެސްދީފައިވާކަމެވެ. އަލީޒާގެ ހަގީގީ ބައްޕައަކީ ކާކުކަން ދާނިޝް އަށް މާކުރީއްސުރެ އެގޭކަމެވެ. އެ ސިއްރު އެނގިއްޖެއްޔާ އަލީޒާއަށްވެސް ޝޮކެއް ލިބިގެންދާނެއެވެ. ދާނިޝް މިހިރީ ރަގަޅު ފުރުސަތަކަށް ބަލާށެވެ. ނޫނީ ތަގުދީރުގައި އެކަމަށް ކަޑައެޅިފައިވާ ވަގުތު ޖެހެންދެންނެވެ.
އެރޭވެސް ވޭތުވެގެން ދިޔައީ އާދައިގެމަތިން އެ ދެމަފިރިން ގެ ހަޔާތުން ފާހަގަކުރެވޭފަދަ ރީތި ލޯބިން ފުރިގެންވާ ރެއެއްގެ ގޮތުގައެވެ. ދެ ދުވަސް ފަހަށް ޚާއްސަ އިންތިޒާރެއް ކުރެވެމުންނެވެ.
މާދަން ޝާހާންގެ ކައިވެނި ކުރެވެނީއެވެ. އަނެއް ދުވަހަކީ ކާވެނި ޕާޓީ ބޭއްވޭ ޚާއްސަދުވަހެވެ. ޕާޓީއަށް ފަހު ހަނީމޫނަށް ދާން ހަމަޖެހިފައި ވަނީ ސްވިޒަލެންޑަށެވެ. އުމުރުގައި ފުރަތަމަފަހަރަށް ރާއްޖެއިން ބޭރަށް ދެވެން މިއުޅެނީ އަލީޒާގެ ފުރާނަފަދަ ލޯބިވެރިޔާ އާއި އެކު އޭނަގެ ހުވަފެނީ މަންޒިލަށެވެ. ކިތަންމެ އާ ތަޖުރިބާތަކެއް ކުރެވޭނެއެވެ. މަތިންދާބޯޓަކަށް އުމުރުދުވަވެސް އެރެވޭނެކަމަށް އޭނަ ހިޔެއް ނުކުރެއެވެ. ގަނޑުފެން ވެހޭ މަންޒަރު ފެންނާނީ ހަމައެކަނި ފިލްމުތަކުން ކަމަށް ހީކުރެވުނެވެ. އެކަމަކު ހީވެސްނުކުރާފަދަ ގޮތަކަށް އޭނައަށް މިދަނީ އުފަލާއި ނަސީބު ލިބެމުންނެވެ.
އެއީ އަލީޒާ ހެއްދެވިފަރާތަށް ޝުކުރުން ހިތް ފުރިބަންޑުންވާފަދަ ނިއުމަތެއްކަމަށް އޭނަ ގަބޫލުކުރިއެވެ. ސުންނަތް ނަމާދުތަކާއި ދުރުހެލިވެވުނު ނަމަވެސް އަނެއްކާ އަލީޒާ ކުރީގެ ދީންވެރި ކުއްޖާއަށް ވެގެން ހިގައްޖެއެވެ. ދެނަމާދު ދޭތެރޭގައި ގުރުއާން ކިޔެވުން އާދައަކަށް ހަދައިފިއެވެ. މާތްﷲ އަށް އަޅުކަން ކުރުމަކީ ދުނިޔެއަށް އިންސާނުން ފޮނުއްވި އެންމެބޮޑު ބޭނުމަށްވާތީއެވެ. ދެ ދުނިޔޭގެ ބާއްޖަވެރިކަން ލިބޭނެތީއެވެ.

ކައިވެނިކުރެވުނީ އައިސްގޭޓްގައެވެ. އެކައިވެންޏަށް ޝާހާންގެ މަންމަ މާލިޔާވެސް އައެވެ. މާލިޔާ އައުން ވީ އެންމެނަށް ލިބުނު ސަޕްރައިޒަކަށެވެ. އުފަލަކަށެވެ. ޕާޓީއަށް އެއާއިލާގެ މެމްބަރުން އަންނާނެކަމަށް އަންގާފައި އޮތަސް މާލިޔާ މިއައީ އެއް ދުވަސް ކުރިންނެވެ. މައުމޫން ހުންނެވީ ކަންބޮޑުވެލައްވާފައެވެ. މާލިޔާ ފެނުމުން މާޒީ މާބޮޑަށް ހަނދާންވެ ހިތުގައިވާ ލޯބި ފުންވެގެން ދިޔައެވެ. ހިތުން ފިލުވާލަން މަސައްކަތް ކުރިޔަސް މާލިޔާ އަކީ މައުމޫންގެ ފުރަތަމަ ލޯތްބެވެ. ދަރިންގެ މަންމައެވެ. ދިމާވި ސަބަބުތަކާއި ހުރެ ވަކިވާން މަޖުބޫރުވިނަމަވެސް މަރުވަންދެންވެސް އެ ލޯބި ހިތުގައި ވާނެއެވެ. އެހެންމީހަކަށްޓަކާ އެ ހިތުގައިއެއްވެސް ޖާގައެއް ނެތެވެ.
މާލިޔާ ދާނިޝްމެނާއި އެބަހައްޓާ ގާތްކަމާއި ލޯބި ފެނުމުން އަލީޒާ ހުރީ ހަމަ ހައިރާންވެ ބަސް ހުއްޓިފައެވެ. ޑާލިން އޭ ކިޔާލާފައި ލޯބިން ވާހަކަ ދައްކާގޮތާއި އެއްވަރަށް އަމަލުންވެސް އެލޯބި ދައްކަމުން ދިޔައެވެ. މައިމީހާ އާއި ދަރިންނާއި ދެމެދު އޮންނަންވީ ގުޅުމުގެ ރީތި ލޯބީގެ މިސާލެކެވެ. މާލިޔާގެ ރީތިކަންވެސް އެންމެން ހައިރާންކުރުވިއެވެ. ވަރަށް ތަފާތު ރީތިކަމެކެވެ. ޚާއްސަކޮށް އެ އެމެރަލްޑްކުލައިގެ ފުން ދެލޮލާއި ދިގުއެސްފިޔަތައް އަދި ދެކޯތާފަތަށް އެޅޭ އަޑިކޮޅާއި ހިނިތުންވުން ޒުވާން ފިރިހެންކުއްޖެއްގެ ހިތްވެސް ކަތިލަފާނެއެވެ. ހަރަކާތްތަކުގައިވެސް ހުރީ އެހާ ނަލަ ފަރިގޮތްތަކެވެ. މަންމައަކަށް ވުރެ ދާނިޝްމެންގެ ދައްތައެކޭ ބުނެވޭވަރަށް ޒުވާނެވެ. 
ކައިވެނީގެ ރަސްމިއްޔާތަށްފަހު އޮތީ ރޭގަނޑު ކެއުމެވެ. ދަޢުވަތު ދެވިފައިވަނީ ދެ އާއިލާ މީހުނަށެވެ. މެހުމާނުން ކާތަށިތައް ހިފައިގެން އެކި ދިމާލަށް ޖެހިލިއެވެ. ފޮޓޯ ސެޝަނަށްފަހު ދާނިޝް އަލީޒާގެ އަތުގައި ހިފައިގެން ދިޔައީ ބަގީޗާގެ އެންމެ އަނދިރީގައި ވާ ގޮނޑިތަކާއި ދިމާލަށެވެ. އޭނަގެ ރީތި ލޯ ހޯދަމުން ދިޔައީ އެންމެ ފަރާތެކެވެ.
"ހަނީބަންޗް. މިތަން ހާދަ އަނދިރިއޭ. ކޯޗެއް ހޯދަނީ....؟" ދާނިޝްގެ ހަރަކާތްހުރިގޮތުން އަނދިރީގެ ތެރެއިން ކޮންމެވެސް އެއްޗަކަށް އިންތިޒާރުކުރާކަން އަލީޒާއަށް އެގުނެވެ. އަލީޒާ ހުރީ ފިޑިވެފައި ދާނިޝްގެ އަތުގައި ބާރަށް ހިފަހައްޓާލައިގެނެވެ. އެވަގުތު ގަހެއްގެ ފަތްތަކެއް ތަޅުވާލާފައި ސްމޯކީ އުދުހިގެން އައިސް ދާނިޝް ގެ ކޮނޑަށް ތިރިކޮށްލިއެވެ.
"އަޅެ ލޯބިކަން....." އަލީޒާ ހީކުރީ ދާނިޝް މިހިސާބަށް އައީ މި ގުރާ ނުފެނިގެންކަމަށެވެ.
"ހޭއި ސްމޯކްސް. މިއީ އަހަރެންގެ ބިއުޓިފުލް ވައިފް އެލީ. ކިޔާބަލަ އެލީ އޭ...." ދާނިޝް ގެ ފަހަތުން ސްމޯކީވެސް އެލީ ކިޔާލިއެވެ. އަލީޒާ ހުރީ މަޖާވެފައެވެ. އިރުކޮޅަކަށް އެ ގުރާއާއި ސަމާސާކޮށްލުމަށްފަހު ދާނިޝް އެ ގުރާ އުދުއްސާލައިފިއެވެ. ދާނިޝް އިށީދެލީ ދިގު ހިލަގޮނޑިއެއްގައެވެ.
"އައިމް ސްޓާވިން އޭ ހަނީ....." އަލީޒާ މިއަނދިރި ކަން ދެކެ ހިތް ބިރުގަންނަން ފެށުމުން ބަހަނާއެއް ދައްކައިގެން ދާނިޝްގެ އަތުގައި ހިފާ ދަމަން ފެށިއެވެ. އެ ނާޒުކް އަތުން ކިތަންމެވަރަކަށް ދެމިޔަސް ދާނިޝް ގުޑާލާނީ ކިހިނެއް ހެއްޔެވެ؟

"ޕާޓީގައި އެންމެންގެ ތެރޭގައި އުޅުމަށް ވުރެ އެކަނިވެލީމަ މާ ހިތްގައިމެއްނު ބޭބީ......" ދާނިޝް އަލީޒާ އަތުގެ ތެރެއަށް ގެންނަމުން ބޮނޑިކޮށްލިއެވެ. އަލީޒާވެސް އިރުކޮޅަކަށް އެ ބާރުގަދަ އަތުގެ ހިމާޔަތާއި ލުއި މީރުވަހުން ހިތްހަމަޖެހުން ހޯދިއެވެ. އެކަމަކުވެސް މިވަގުތު ހިތް ތެޅެމުން ދިޔައީ އެހެން ބިރެއްގެ ސަބަބުންނެވެ.
"ވެގެން އުޅޭގޮތަކީ ބަޑުހައިވީއެއް ނޫން. ބިރުން ތިއުޅެނީ. ނޫންތަ ބޭބީ ގާރލް... ބަލާލަ މި ހިތް ތެޅޭވަރުވެސް..... ....." ދާނިޝް އަލީޒާގެ ނޭފަތުގައި ހިފާ ރަތްކޮށްލަމުން ހީލިއެވެ. ކުރިއަށްވުރެވެސް އަނދިރިކަން ފުންވެގެން ދިޔައެވެ. ވިލާކޮޅަކުން ހަނދު އެއްކޮށް ފޮރުވާލީއެވެ.
"ހޭއި ބްރޯ. ހައި ފަހަރި. ކިހިނެއް؟ ދެކުދިން ހާދަ ރޮމެންޓިކް އޭ އަދިވެސް.........." ގަސްތަކުގެ ނިވަލުން މީރާން ނުކުމެގެން އައުމުން އަލީޒާ ސިހުނެވެ. އޭނަ އަވަސްއަވަހަށް ދާނިޝް ގެ އަތުތެރެއިން ނުކުތެވެ. އޭރު ހިތް ބާރު ބާރަށް ތެޅެމުން ދިޔައެވެ. އެބަރު އަޑު އިވުމުންވެސް ހީބިހިނަގާގޮތްވިއެވެ. އަތްފައި ވަނީ ގަޑުފެންކޮޅަކަށްވެފައެވެ. އޭނަ ހީކަރުވާގޮތްވިއެވެ. މުޅި މާހައުލަށްވެސް ފިނިކަން ވެރިވެގެން ދިޔަކަމުގައި ހީކުރެވުނެވެ. 
"އިންތިޒާރުގައި މާގިނަ ވަގުތުވީމަ ކުރާނެ ކަމެއް ނޭގިގެން. މަންމަ މީރާން ނުފެނިގެން ވަރަށް ހޯދި. ފޮޓޯ ސެޝަންވެސް ނިންމައިފި.." މީރާންގެ އަތުގައިވާ ޗެރީ ކޯނިޔަކުން ޗެރީ ވަކިކޮށްލާފައި ދާނިޝްއާއި އަލީޒާއަށް ދިއްކޮށްލުމަށްފަހު ގަހަށް ލެނގިލައިގެން ހުރީ އިޝްތިހާރެއްފަދައިންނެވެ. ދާނިޝް އެ ޖޫސީ ޗެރީތައް ކާންފެށިއެވެ.
"އެލީ ހައްދަން އެބުނެލީ ފޮޓޯ ސެޝަންގައި ބައިވެރިނުވާ ވާހަކަ. ވެމްޕަޔަރުން ފޮޓޯއަށް އަރާނެތަ؟" މީރާން ހޭންފެށިއެވެ. ފޮޓޯއަށް ނާރާނެކަން ދާނިޝް އަށް ރަގަޅަށް އެނގިހުރެ އެހެން ބުނީތީ މީރާންއަށް މަޖާވިއެވެ. އަލީޒާއަށް އެކައްޗެއްވެސް ނުވިސްނުނެވެ. ދެލޯބޮޑުކޮށްލައިގެން މީރާންގެ މޫނަށް ބަލަހައްޓައިގެން އިދެވުނީއެވެ. ވެމްޕަޔަރޭ ބުނުމުން ހަގީގަތެއްކަމަށް ގަބޫލުނުކުރެވުނަސް ބިރުގަތެވެ. މީރާން ގަސްތުގައި އަލީޒާ ބިރުގަންނަވަން ކިޔާލި އެއްޗެއްކަން ޔަގީނެވެ. އެކަމަކު އަލީޒާއަށް ބޭއިޚުތިޔާރުގައި ދާނިޝް ގެ އަތުގައި ހިފާލެވުނެވެ. ސަލާމަތާއި މެދު ޔަގީންކަން ހޯދަން ބޭނުންވި ނަޒަރަކުން ދާނިޝްގެ މޫނަށް ބަލާލެވުނެވެ.
"އެލީ ވަރަށް ބޭނުންވެޔޯ މީރާން ދަސްކުރަން...." ދާނިޝް ލާނެތް ހިނިތުންވުމަކާއި އެކު ބުނެލިއެވެ.
"އިންޓެރެސްޓިން. އެލީ ބޭނުންހާ ސުވާލެއްކުރޭ. ޖަވާބުލިބޭނެ. ޑޭންއަށް ވުރެ ތަންކޮޅެއް މިސްޓީރިޔަސް ވިޔަސް އެލީއަށް ފޮރުވާނެ ކަމެއް ނެތްވިއްޔާ. މިހާރު ދެން އެލީގެ ބޭބެއަކަށްވެސް ވީނު......" މީރާންގެ އެ ދެލޮލުގެ ތޫނުފިލިކަން އަނދިރީގެ ތެރެއިންވެސް އަލީޒާއަށް ފާހަގަކުރެވުނެވެ. އާއެކެވެ. ކިތަންމެ ސުވާލުތަކެއް ކުރަން އެބަހުއްޓެވެ. މައްސަލައަކީ މީރާން ދެކެ ޖެހިލުންވާގޮތްވި ކަމެވެ. އަރުތެރެ ހިކުނުކަމެވެ. ފާޑަކަށް ރަކިވިއެވެ. މީރާން ޗެރީތައް ކަމުން ދިޔައީވެސް ފާޑުވެރިކަމާއި އެކުގައެވެ. އެހެންމީހުން ދަހިކުރުވާފަދަ ގޮތަކަށެވެ.
"އަޅުގަނޑަށްވެސް އެގޭ ތިއީ ޑޭން ގެ ބޭބެކަން. އެކަމަކު. ކުޑަކޮށް ތަފާތުވީމަ. ދެންމެ ވެމްޕަޔަރެކޭ .........." އަލީޒާ ނެތް ހިތްވަރުކޮށްލާފައި އެއްޗެކޭ ބުނަން އުޅުނެވެ.
"އޯ. ވަރަށް މުހިއްމު ވާހަކައެއް. ކިރިޔާ ހަނދާންވީ. ޝުގަރޕްލަމް. ޓޫމިނިޓްސް އިގޭ.........." ދާނިޝް އަލީޒާގެ ޖުމްލަ މެދުކަނޑާލާފައި މީރާންގެ އަތުގައި ހިފައިގެން ގަސްތަކުގެ ތެރޭގައިވާ ހަނިމަގަކުން ދާން ހިނގައިގަތެވެ. ދާނިޝް ހަނދާންވީ ރޭ އައިސްގޭޓްއަށް ޒިޔާރަތްކުރި މުސްކުޅި ބޭގަނޑެވެ. ނުބައި ނިޔަތެއްގައި ނޫނީ އެފަދަ މީހަކު ނާންނާނެކަން ދާނިޝްއަށް ޔަގީނެވެ. އެމީހެއްގެ ސަބަބުން އާއިލާއަށް އެއްވެސް މުސީބާތެއް ޖެހމުގެ ކުރިން ރައްކާތެރިވާން އިންޒާރުދޭން އެބަޖެހެއެވެ. ފަންޑިތައިގެ ބާރުންވެސް އެހާ ފަސޭހައިން ނައްތާލެވޭވަރަށްވުރެ އޭނަގެ އާއިލާ ބާރުގަދަކަން މީރާންވަނީ އެތައްފަހަރު ޔަގީންކޮށްދީފައެވެ. އެކަމަކު މިއީ މީރާން އާއި ކޮންމެހެން ހިއްސާ ކުރަން ޖެހޭ މުހިއްމު ވާހަކައެކެވެ.
އަލީޒާ އެނބުރި ބަލާލިއެވެ. އޭރު އެ ދެޒުވާނުންގެ އެއްވެސް ހިލަމެއްނެތެވެ. އަލީޒާ އިނީ ނޭވާ ހިފަހައްޓައިގެނެވެ. އެއާއިއެކު ރޮވޭގޮތްވިއެވެ. އެދެމީހުންގެ އޮތީ ކޮން ސިއްރު ވާހަކައެއް ހެއްޔެވެ؟ އޭނައަށް ނީއްވަންވެގެން ދުރަށް ދިޔައީ ކީއްވެހެއްޔެވެ؟
އެންމެން ސިއްރުތައް ހިފަހައްޓައިގެން ތިއްބަސް ހެޔޮއެވެ. އެކަމަކު އޭނަގެ ލޯބިވާ ފިރިމީހާ އޭނައަށް ނާންގާ ކޮންމެވެސް ކަންތައްގަނޑެއް ހިންގާކަން އެނގުމުން ހިތަށް ކުރަންފެށީ ވަރަށް ތަފާތު އަސަރުތަކެވެ. ކެތްކުރަން މަސައްކަތްކުރި ނަމަވެސް އަލީޒާގެ ކަރުނަ ނުހުއްޓުނެވެ. އިންސާނަކަށް ކެތްކުރެވޭނީވެސް ވަކިވަރަކަށެވެ. ކޯތާފަތްމަތިން ކަރުނަ ދެމެން ފެށިއެވެ. އަލީޒާ އަވަހަށް ދަބަސް ހުޅުވާލާފައި ޓިޝޫ ޕެކެޓެއް ނެގިއެވެ. ދާނިޝް އަންނަންވާއިރަށް ކޮންމެ ގޮތެއް ހަދާފައިވެސް 
ރުއިން ހުއްޓާލަން އޭނައަށް މަޖުބޫރެވެ. އެހެންނޫނީ މައްސަލަ ވަރަށް ގޯސްވާނެއެވެ. ދެރައީ ލޯ ފޮހުނުވަރަކަށް ކަރުނަ އިތުރުވާން ފެށިކަމެވެ.
"މައިގޯޑް. ޕާޓީ ތެރޭގައި ކޮންފަދަ ފިޑިކަމެއް. މީހަކަށް ފެނިއްޖެއްޔާ ވިސްނާނީ ކިހިނެއް؟" ޑޭން އާއި އޭނަގެ މައްސަލައެއް ޖެހުނީކަމަށް އެންމެންވެސް ޔަގީންކުރާނެއެވެ. އަލީޒާ އަވަސްއަވަހަށް ގޮނޑިން ތެދުވެގެން ގޮސް ބިޔަ ގަހެއްގެ ނިވަލުގައި ހުއްޓުނެވެ. 
ހިތާމަ ސިއްރުކުރަން ބޭނުންވިވަރުން އެވަގުތު އޭނަ ހަންޑި ޝައިތޯނުންގެ މަތިން ހަދާން ހުރިހެނެއްވެސް ހިޔެއް ނުވެއެވެ. ލިބުނު ހިތްދަތިކަން ހުރިހާ ޖަޒުބާތްތައް ނެތިކޮށްލައިފިއެވެ. ދިހަވަރަކަށް މިނިޓްފަހުން ފޯނު ރިންގު ވާންފެށިއެވެ. ވައިބްރޭޓަށް ލެވިފައި އޮތްކަން ނަސީބެކެވެ. ގުޅަނީ ދާނިޝް އެވެ. ފޯނު ނެގިޔަސް މިވަގުތު އޭނައަށް ރޮވޭނީއެވެ. ނޫނީ ގަދަކަމުން ވާހަކަ ދެއްކިޔަސް އޭނަ ހުރިތަން ބުނެދިނުމަކީ ރަގަޅު ކަމެއްހެއްޔެވެ؟ އެކަމަކު ފޯނަށް ޖަވާބު ނުދީ ފިލާފައި ހުރުމަކީވެސް ވަކި ރަގަޅު ކަމެއް ހެއްޔެވެ؟ ދާނިޝް ގެ ހިތް އޭނައާއިމެދު ޝައްކުވާފަދަ އެއްވެސް ކަމެއްކުރާކަށް އޭނަ ބޭނުމެއްނޫނެވެ. އަދި ދާނިޝް ގެ ހިތަށް އަސަރުކުރާފަދަ ކަމެއް އޭނަގެ ފަރާތުން ފެންނާކަށް ވެސް ނޭދެއެވެ. އެކަމަކު މިއީ ކޮންފަދަ އުދަގޫ ދަނޑިވަޅެއްހެއްޔެވެ؟ ހަދަންވީގޮތެއް ނޭގިފައި ހުއްޓާ އަނެއްކާ ފޯނު ރިންގްވާން އެފެށީއެވެ.
"އެބައަންނަމޭ ޑޭން...." އަލީޒާގެ އަޑު ކުރެހުނެވެ.

"ކޮންތާކު ތިހިރީ....؟" ދާނިޝްގެ އަޑުން އަލީޒާއަށް އެކައްޗެއްވެސް ނޭގުނެވެ. ދާނިޝް ހުރީ ރުޅިއައިސްފައިބާވައެވެ. އަލީޒާ ޖަވާބު ދޭން ފަސްޖެހުނެވެ. ދާނިޝްއަށް ނީއްވަން އަނގަމަތީގައި އަތް އެޅިނަމަވެސް އޭނަގެ ގިސްލުމުގެ އަޑު ދާނިޝްއަށް އިވޭނެހެން ހީވިއެވެ. ދާނިޝް އިތުރު އެއްޗެކޭ ނުބުނެ ފޯނު ކަނޑާލައިފިއެވެ. ދެވަނަ ސިކުންތުކޮޅުގައި ދާނިޝް އޭނަގެ ކުރިމަތީގައި ހުރިތަން ފެނުމުން އަލީޒާ ސިހުނެވެ. ދެލޯބޮޑުކޮށްލާފައި ބަލަން ހުރެވުނީ ގަބޫލުކުރަން ދަތިވިގޮތަކަށެވެ. ދާނިޝް އެހާ ފަސޭހައިން އޭނަ ހުރިތަން ހޯދީ ކިހިނެއްހެއްޔެވެ؟
. "ކިހިނެއްވީ؟ " ދާނިޝްހުރީ ޖިންސްގެ ޖީބަށް އަތްޖަހާލައިގެނެވެ
ދާނިޝްގެ އަމަލާއި ރާގު ހުރިގޮތުން ދުވެގޮސް އެތަނަވަސް މޭމަތީގައި ބޯ އަޅާލާނެ ހިތްވަރެއްވެސް އަލީޒާއަކަށް ނުލިބުނެވެ. އަލީޒާގެ ހިތުގައި ވަރަށް ބޮޑަށް ޖެހުނެވެ. މޫނުގައި ދެއަތް އަޅައިގެން ރޯން ފެށުނެވެ. ދާނިޝްވެސް އޭނަ ބާކީކޮށްލީހެއްޔެވެ. އޭނަ ދެކޭގޮތުގައި އެންމެން އޭނައާއި ވަކިވެގެން ދިޔަނަމަވެސް ދާނިޝް ހުރިއްޔާ އޭނަ އުޅޭނީ އުފަލުގައެވެ.
"އެލީ. އަހަރެން މިހިރީ ބުނާނެ އެއްޗެއް ނޭގިފައި..ހަދަންވީގޮތް ހުސްވެފައި. ކޮބާ މައްސަލައަކީ؟ އަހަންނަށް އެލީ އަށް އުފަލެއް ނުދެވެނީތަ؟ ބުނެބަލަ. އަހަންނަށް އެލީ ހިތްހަމަޖައްސާދެވޭނަމަ އަބަދު ތިގޮތަށް ނުރޯނެކަން ޔަގީން......" ދާނިޝް ވާހަކަދެއްކި ގޮތުން އަލީޒާގެ ހިތަށް ކުރި އަސަރު ދެގުނަ އިތުރުވިއެވެ. މާބާރަށް ރޮއިގަނެވުނެވެ. ދާނިޝް ދާން ހިގައިގަތުމުން ފަހަތުން އައިސް އަލީޒާ ދާނިޝްގެ ގައިގާ ބައްދައިގަތެވެ.
އެވަގުތު ކޮންމެވެސް މީހަކު ފޯނުން އަލި އަޅުވާލިއެވެ. ދާނިޝްއާއި އަލީޒާ އެނބުރި ބަލާލައިފިއެވެ. ދެތިން ފޫޓް ދުރުގައި ބައްތިރީސް ދަތްތައް ފެންނަވަރަށް ހެވިދިއްލިފައި ހުރީ ފަރުޒާނާ ފިޔަވާ ދެވަނަ މީހެއް ނޫނެވެ. ހީވާ ގޮތުން ފަރުޒާނާ އަށް އުމުރު ދުވަހުވެސް މިވަރުގެ ބޮޑު އުފަލެއް ނުލިބެއެވެ. އަލީޒާ ރޮއްވާލީތީ ހިތާހިތުން ދޮންދަރިފުޅަށް ސާބަސް ދިނެވެ. އަލީޒާގެ ކަރުނައަކީ އޭނަގެ އުފާތަކެވެ. އަލީޒާ އަބަދު ކަރުނައޮއްސާށެވެ. ދުވަހަކު އެލޮލުން ކަރުނަ ނުހިކުނިއްޔާ ރަގަޅެވެ.
ފަރުޒާނާ އެއްވެސް އެއްޗެކޭ ނުބުނެ އަވަސްއަވަހަށް އެތަނުން ދިޔައީ އެވެ. މިއުފާ އޭނަ ފާހަގަ ކުރާނީ ކޮން ސިފައެއްގައިބާވައޭ ހިތަށް އަރުވަމުންނެވެ. މާލިޔާ ދަރިންނާ ޅީދަރިންދެކެވާ ލޯބި އެވަރަށް ކުރިމަތިން ފެންނަން ފެށުމުން ފަރުޒާނާ ހުރީ ވަރަށް ހަސަދަވެރިވެފައެވެ. އެ ލޯބިވެތި ގުޅުން އޭނައަށް ޖީނާ އާއި ބެހެއްޓުނުނަމައެވެ. އެވަރަށް ލޯބި ދެވުނުނަމައެވެ. ޑާލިން ނޫނީ ސްވީޓްހާޓް އޭ ކިޔާފައި ޖީންއަށްވެސް ގޮވުނުނަމައެވެ.
މިރޭ މާލިޔާގެ ސަބަބުން ލިބިފައި ހުރި ހިތްދަތިކަން ފިލުވާލެވޭނެފަދަ ފުރިހަމަ މަންޒަރެއް ފެނިއްޖެއެވެ. އަލީޒާ އާއި ދާނިޝް ގެ ދިރިއުޅުމުގައި ނޭގުނަސް މައްސަލަތަކެއް އެބަހުއްޓެވެ. އަލީޒާ އުޅެނީ އޭނަ ހީކުރިފަދަ ހުވަފެނީ ރީތި ދިރިއުޅުމެއް ނޫނެވެ. އެވީ ރަގަޅަށެވެ. ރީތި ފިރިހެނަކު ފެންނައިރަށް ހިތާވަންޏާ ލިބޭނީ އެފަދަ ލަޑެކެވެ. ކައިވެންޏަށް ފަހު ދާނިޝްގެ އަސްލު ކުލަ ދައްކާލީކަމަށް ވެދާނެއެވެ. ފަރުޒާނާގެ މިލާފައިވާ މޫނުމަތި މުޅިން ދިއްލި ތަންކޮޅެއް ހެވިފައި ހުރެ މެހުމާނުންނާއި ވާހަކަ ދައްކަމުން އުޅުނަސް ދާނިޝްމެން ފެނޭތޯ އޭނަ ކަޅި އުކަމުން ދިޔައެވެ.

"ނޫން. ގަބޫލު ކުރޭ. ޑޭންގެ ސަބަބުން އުމުރުގައި ލިބުނު ހުރިހާ އުފަލެއް މި ލިބުނީ. މިވަރަށް ދެރަވީ އިއްޔެ ގެއަށް ދިޔުމުން ދިމާވި ކަންތައް ހިތަށް އަރާވަރުން........" އަލީޒާ ކަރުނަތައް ފޮހެލާފައި ހިތްވަރު ކުރަމުން ދާނިޝްއަށް ކިޔާ ދިނީ ދާނިޝްއަށް އާ ޚަބަރެއްނޫނެވެ. އެކަމަކު ދާނިޝް އެނގޭކަމަކަށް ހަދާނުލައެވެ. ހައިރާންކަން ފާޅުކުރިއެވެ. ހިތްވަރު ދިނެވެ. ފަހުން ހުރިހާ ކަމެއް ރަގަޅުވާނެކަމަށް ބުނެލިއެވެ. އަދި ބައްޕައަކީ ކާކުކަންވެސް އޮޅުން ފިލާނެކަމަށާއި ކޮންމެ ކަމަކަށްވެސް ވަގުތެއް އޮންނާނެކަމަށް ބުނެދިނެވެ.
"އެކަމާ ބޯ ގޮވާފައި ހުއްޓަސް ޑޭންއާއި އެކު އުޅޭ ވަގުތު އެވާހަކަ ހަނދާނެއް ނުވެސް ހުރޭ. އެއަށް ވުރެ މާހިތްހަމަޖެހިފައި ހުރެވެނީ. އެހެން ހުއްޓާ މިރޭ ޑޭން މީރާން އާއި އެކީ ދިޔައީމަ ހިތަށް އެރީ ޑޭންވެސް ކަމެއް ސިއްރު ކުރަނީއޭ. އެހެންވެ ދެރަވީ. ޕްލީޒް. ޑޯންޓް ލީވް މީ ލައިކް ދެޓް. ވަރަށް ދެރަވޭ...." އަލީޒާ ދާނިޝް ގެ މޫނުގައި ބޮސްދެމުން އެ ހޫނު ކަރުނަތަކުން ދާނިޝްގެ މޫނު ތެންމަމުން ދިޔައެވެ.
"މީރާން އާއި ޑިސްކަސް ކުރީ އެލީ އާއި ގުޅުމެއް ހުރި ވާހަކައެއް ނޫން. އަހަރެން ސިއްރު ކުރާ ކަމެއް އޮތިއްޔާ އެއީ އެލީއަށް ރަގަޅަކަށް ކުރާ ކަމެއް. ނޫނީ މަސްލަހަތަށްޓަކައި. އެނީވޭސް އަހަރެމެންގެ މި ކުޑަ ހަމަނުޖެހުމުން މަމް އެދިޔައީ ވަރަށް ހިތްހަމަޖައްސާލައިގެން. އަހަރެންގެ މި ބޭބީ ގާލް ހިތްވަރުގަދަ ކުއްޖަކަށް ހަދަން އަހަރެން ހަދަންވީ ކިހިނެއް؟ ތަންކޮޅެއް ޓަފް ވާންވީ ދޯ.........." ދާނިޝް ހީލާފައި އަލީޒާގެ ލޮލުގައިވާ ކަރުނަ ފޮހެދިނެވެ. 
"އެގިއްޖެ. ޑޭން ވާހަކަތައް ސިއްރުކުރަނީ އެހެންވީމަތަ؟ ފިޑި ވީމަ ދޯ. މިހާރު ޔަގީން. ފުރަތަމަ ކޮޓެޖަށް ދިޔަރޭ އެދިމާވި ކުޑަމީހާގެ ވެސް ހުރި ކޮންމެވެސް ތަފާތު ގޮތެއް. ކިހިނެއް އެފަދަ އެކުވެރިން ހޯދަނީ. ވަރަށް ގިނަ ސުވާލުތައް ހިތުގައި އެބަހުރި. އެކަމަކު ދެން އިންތިޒާރުކުރާނަން ހިތްވަރުގަދަކުއްޖަކަށް ވެގެން ޑޭންގެ ލޯބި ލިބުނުފަދައިން ސިއްރުވެރިޔަކަށްވެސް ވާނެ ދުވަހަކަށް. މާދަމާ ވެމްޕަޔަރ ޑައިރީސް ބަލަން ފަށާނަން........" އަލީޒާ ދާނިޝްގެ އަތުގައި ހިފަހައްޓާލައިގެން ހުރިއިރު އެ ނާޒުކް މަޑު އަތްތިލަ ގަޑުފެންކޮޅެއްހާ ފިންޏެވެ. ފުށްކޮޅެއްހެން މޮޑެލާހިތްވާފަދަ އަތެކެވެ. ދާނިޝް އެބިޔަގަހުގައި އެއްފައި ޖައްސާލައިގެން ހުރެ ގަހަށް ލެނގިލިއެވެ.

ހަގީގަތުގައިވެސް އަލީޒާގެ މި ނާޒުކްކަމާއި ފިޑިކަން ކޮންމެވެސްވަރަކަށް ކަޑުވާލަން ގޮތެއް ހަދަން އެބަޖެހެއެވެ. އޭނަފަދަ ޒުވާނަކާއިއެކު މަޖާކޮށް އުޅެވޭނީ އޭރުންނެވެ. އާދައިގެ އިންސާނުންނާއި ތަފާތުކޮށް ބިރުކުޑަކޮށް އޭނަގެ " ބާރުގަދަ" އެކުވެރިންނާއިއެކު އުޅުމަކީ އޭނަގެ އުފަލެކެވެ. މިހާރު ދަތުރުދާއިރު އަލީޒާވެސް ގެންދިޔައިމާ މަޖާ ވާނެއެވެ. އެކަމަކު އަލީޒާގެ ޅަކަމާއި ފިޑިކަމުން އެފަދަ މަޖާ ދަތުރެއްވެސް އަދި ނުރޭވެއެވެ.
"ރިއަލީ؟ މިވީހާތަނަށް ބިރުވެރި ފިލްމުތައް ބަލަން މިޖެހެނީވެސް އަހަރެން އެކަނި އިނދެ. އެލީ ބައިވެރިނުވާތީ އެހާ މަޖައެއް ނޫނޭ. ދެން އެނގިދާނެތާ..." ދާނިޝް ހުރީ ހިތްހަމަޖެހިފައެވެ.
"ބިރުގަތަސް ހަގްކޮށްލެވޭނެ ވިއްޔަ........ " އަލީޒާ ލޯބިންފުރިގެންވާ ނަޒަރަކުން އެ ރީތި ލޮލަށް ބަލާލަމުން ބުނެލިއެވެ.
"އެކަމަކު އަދިވެސް އެބައޮވޭ ކޮމިއުނިކޭޝަން ބެރިއަރ ދޯ. ދެން އުއްމީދުކުރަން އާއިލާ މައްސަލައަކަށް ވިޔަސް އެލީ އަހަންނަށް ސިއްރުނުކުރާނެކަމަށް. ސަބަބަކީ އަހަންނަށް އަހަރެންގެ އެލީ މުޅިން ދަސްވެފައިވާތީ. އެލީއަށް އަމިއްލަ ނަފުސްދަސްވެފައި ނުވާހާ ބޮޑަށް......" ދާނިޝް ލާނެއް ހިނިތުންވުމަކާއި އެކު އަލީޒާގެ ކޮލުގައި ހިފާލިއެވެ. ހަގީގަތަކީ އެއީ އެވެ. އަލީޒާއަށް އޭނަގެ އަސްލާއި ބެހޭގޮތުން އެއްވެސް އެއްޗެއް ނޭގި އަނދިރީގައިވާއިރު ދާނިޝްވަނީ އޭނަގެ އަނދިރިދުނިޔޭގެ އެކުވެރިންގެ ބާރުގައި އިންސާނުންނަށް އެކަށީގެން ނުވާކަންތައް ކުރުމުގެ ކުޅަދާނަކަން ހޯދަމުންނެވެ.
ދާނިޝްއަށް މީގެފަހުން އެއްވެސް ކަމެއް ސިއްރުނުކުރަން އަލީޒާ ވައުދުވިއެވެ. އެ ސިއްރުތަކުގެ ސަބަބުން ހިތަށް ލިބޭ ކެތްނުކުރެވޭފަދަ ވޭން މިރޭ ތަޖުރިބާ ކުރެވުނީތީއެވެ. އޭނައަށްޓަކައި ދުނިޔޭގައި މިހާރު ހުރި ހަމައެކަނި މީހަކީ ދާނިޝްއަށް ވާކަމަށް ގަބޫލުކުރެވުނީތީއެވެ. އާއިލީ ސިއްރެއްވިޔަސް ލޯބިވާ ފިރިމީހާ އާއި އެކު ހިއްސާކުރުމުން ސިކުނޑިއަށް ފިނިވެ ލުއިވާތީއެވެ. ދާނިޝްއަށް ކުރެވޭ އިތުބާރުގެ ސަބަބުންނެވެ.
އަލީޒާއަށް މީރާން ހަދިޔާ ކުރި ޗެރީތަކުގެ ރަހަ ވަރަށް ރަގަޅެވެ. އެހާ ފޮނިވެފައި މީރެވެ. އެ ޗެރީތައް ހުސްކޮށްލާފައިވެސް އިތުރަށް ބޭނުންވިއެވެ.
އެ ބިޔަ ގަހުގެ ނިވަލުގައި ލޯބީގެ ކުޑަ ވަގުތުކޮޅެއް ހޭދަކުރުމަށްފަހު ދެ ޒުވާނުން އަތުގުޅުވާލައިގެން ހިގާލާފައި އައިއިރު އަލީޒާ ގެ މޫނުވަނީ ވަރަށް ތާޒާކޮށެވެ. އެ އުފާވެރި ލުއި ހިނިތުންވުން ތުންފަތްމަތީގައި ވެއެވެ. ފަރުޒާނާއަށް އެ ދެމަފިރިން ލޯބިން ވާހަކަ ދައްކަމުން އައި މަންޒަރު ފެނުމުން ހައިރާންވެ އަނގަ ހުޅުވުނެވެ. މުޅިން އޮޅުނެވެ. ބައިގަޑިއެއްހާއިރު ކުރިން އޭނައަށް އެފެނުނީ ފިލްމެއްގެ މަންޒަރުބާވައެވެ. މިހާ އަވަހަށް އެވިލާގަނޑު ނެގި އުޑުމަތި ސާފުވީހެއްޔެވެ؟ ފަރުޒާނާ ހިތާހިތުން ދަތްކުނޑިވިކައިގަތެވެ. މި ޕާޓީގެ ކަންތަކުން ނިމިގެން އޭނަ އީސަބެއަށް ގުޅައިގެން ފަންޑިތަ އަވަހަށް ފަށަން އެދޭނެއެވެ. ނަސީބަކުން އޭނަވަނީ ޖިންނި ޝައިތާނުންގެ ކިބައިން ސަލާމަތް ވާނެ ތަވީދެއް ރޭ ގެނެސްދީފައެވެ. އެ ތަވީދު އޮތުމުން ރައްކާތެރިކަމާއި ސަލާމަތްކަން އިހުސާސްއެބަކުރެވެއެވެ.
އަލީޒާ ދާނިޝްގެ އާއިލާގެ މެމްބަރުން ތެރޭގައި ރަސްދަރިކަނބަލެއްފަދައިން އެބައުޅެއެވެ. މާލިޔާ އަދި މައުމޫންގެ އިތުރުން ސޮއްފޫރުފަދަ ތިމާގެ މީހުންވެސް އޭނައާއި ވާހަކަ ދައްކާ މަންޒަރު ފެންނާތީ އަޖައިބުވާވަރުވިއެވެ. އަލީޒާ އާއި އެންމެން ލޯބިން ވާހަކަ ދައްކާއިރު މާ" ބޭބީ" ވެގެން ޅަވެގެން އެބަހުރެއެވެ. ހެވި ދިއްލިފައެވެ. މަލާއިކަތެއްފަދައިން މާ ހިތްހެޔޮވެގެން އަބަދު ކޯލްގެޓް އިޝްތިހާރުކޮށްލައިގެނެވެ. ވާނީވެސް އެހެންނެވެ. ޖިފުޓިއެއްގައި އުޅެ ބޮޑުވި މަންޖެއަކަށް މިވާނީ ހަމަ ހުވަފެނީ ދުނިޔެއަކަށެވެ. ފަރުޒާނާގެ ހިތުގައި ވާ ހަސަދައިގެ އަލިފާން ދެގުނަ ބޮޑުވިއެވެ. ޖީނާ ކާލާފައި އެ ސަންތިމަރިޔަބު އެހެރީ އޭނަގެ ދަރިފުޅުގެ މަގާމުގައި ރަސްކަންކުރާށެވެ. އެ ސަންތިމަރިޔަބަށް ކުޅިދައްކާލާނަމެވެ. ހަމަ ބިމަށް ތިރިކޮށްލާނަމެވެ. އެހެންގޮތެއް ނެތިއްޔާ އޭނަ އުގެނިފައިވާ ބޭހުގެ އިލްމުގެ ބާރުގައި މުޅި އުމުރަށް ނިންދަވާލާނެއެވެ. ހިތަށް އެރި އެ ޖުމްލައިން ޚުދު ފަރުޒާނާގެ ހިތްވެސް ބިރުން ތެޅިލައިގެން ދިޔައެވެ. ގައިން ހީބިހި ނެގިއެވެ. ނޭގޭ ސަބަބަކާހުރެ ކުޑަކުޑަ ހަމްދަރުދީ އެއް ހިތުގެ ކަނެއްގައި އުފެދުނެވެ. އަލީޒާގެ އެ މައުސޫމް މޫނުން ހިދުކޮޅަކަށް ޖީނާގެ ސޫރަ ފެނިލިހެން ހީވިއެވެ. ފަރުޒާނާ އަވަހަށްދުރަށް ބަލަން ފެށިއެވެ. އިރުކޮޅަކުން ބޮލުގައި ރިއްސާކަމުގެ ބަހަނާ ދައްކާފައި އޭނަ ގެއަށް ވަނީއެވެ.
ފަރުޒާނާ ކޮޓަރިއަށް ވަދެފައި އެ ގަޑީގައި ނަމާދުކުރިއެވެ. އެތައް ޒަމާނަކަށް ފަހު އޭނަ ރޮއިރޮއިފާ ދުއާކުރަމުން ދިޔައެވެ. އެއާއިއެކު ޖީނާގެ މަތިން ހަދާންވުމުން ގިސްލަގިސްލާފައި ރޮވުނެވެ. ދެވަނަ ފަހަރަށް އެ ދަރިފުޅު އެބުރި އަންނާނެނަމައެވެ. އެންމެ ފުރުސަތއް ލިބޭނެނަމައެވެ. އޭރުން މާލިޔާ ފަދައިން އެ ދަރިފުޅު ބޭނުން ކޮންމެ މީހަކާއި ގުޅުވަދޭނެއެވެ. އަމިއްލައަށް ބަދުނާމުވެގެން ވެސް ދަރިފުޅަށް އުފާތައް ހޯދާދޭނެއެވެ. އަލުން އަބުރާ އެދުވަސް އަންނާނެނަމައެވެ. މާޒީގެ އެކި ދުވަސްތައް ކަށިތަކެއް ފަދައިން ހިތަށް ހެރެން ފެށުމުން ލޮލުން އޮހެމުން ދިޔަ ކަރުނަތައް އިތުރުވިއެވެ. " މަންމަ ގެ ދަރިފުޅާ....ކީއްވެ މަންމަ ދޫކޮށްލާފައި ތި ދިޔައީ. އަނިޔާ ލިބިފައިވާ ތި ދަރިފުޅުގެ ފުރާނައަށް ދުވަހަކު ހަމަޖެހުމެއް ލިބޭނެތަ. މަންމައަކީ ކުށްވެރިއެއް. މި މަންމައަށް މާފުކޮށްދީ..މި ހިތާމަތަކަށްދެން ކެތެއް ނުކުރެވޭނެ........" ފަރުޒާނާ ފުރަތަމަ ފަހަރަށް އޭނަގެ ކުށެއް ވާކަން ގަބޫލުކުރިއެވެ.
ދާނިޝްމެންގެ ޕާޓީ ބޭއްވޭނީ މައުމޫންގެ ރިސޯޓެއްގައެވެ. ހުރިހާ މެހުމާނުންނަށް ދަތުރުހަމަޖެހިފައިވަނީ ރިސޯޓްގެ ޚަރަދުގައެވެ. މައުމޫން ހުންނެވީ އޭނަގެ ލޯބިވާ ހަނގު ދެބެންގެ ކައިވެންޏަށް ފެންފަދައިން ފައިސާ ޚަރަދުކުރަން ތައްޔާރަށެވެ. ނަމަވެސް އޭނައަށް ވުރެ މާލިޔާ އެތައް ގުނަ މުއްސަދި ވުމުން ގިނަ ޚަރަދު ކުރާނީ މިފަހަރުވެސް މާލިޔާކަން މައުމޫން އަށް އެގެއެވެ. ދާނިޔާލްގެ ޕާޓީ އޭނަގެ މަންމަގެ އެދުމަށް ސްވިޒަލެންޑް ރިސޯޓެއްގައި ބޭއްވުނީވެސް އެހާފެންވަރުގައެވެ. އެފަހަރު އެތަނަށް ދާންޖެހުނީ މައުމޫންގެ އާއިލާއެވެ. މިފަހަރު މާލިޔާގެ އާއިލާ މީހުން އަންނަން މިޖެހުނީ ރާއްޖެއަށެވެ.
އައިސްގޭޓްގެ ހުރިހާ މުވައްޒަފުންނަށް މި ޕާޓީއަށް ދައުވަތު ދެވިފައި ވެއެވެ. ހުރިހާ މުވައްޒަފުންވެސް އާ ހެދުން ފައްސާ ތައްޔާރުވަމުން ދިޔައީ ވަރަށް ފޯރިއާއި ޖޯޝާއެކުގައެވެ. މި ގަރުނުގައި ރާއްޖޭގައި ބޭއްވޭ އެންމެ ފެންވަރު ރަގަޅު ޕާޓީއަށްވާނެކަން އެނގޭތީއެވެ. ޚާއްސަކޮށް އަންހެންކުދިން ތައްޔާރުވަމުން ދިޔައީ އަދި އެހެން އުއްމީދެއްގައެވެ. މައުމޫންގެ ބޮޑުބޭބެ ދަރިފުޅު ރާހިލްގެ ހިތް ކާމިޔާބު ކުރުމުގެ ފޮނި އުއްމީދާއިއެކުގައެވެ. ހާއްސަކޮށް މިޝާގެ ދުލުގެ ކުރީގައި ރާހިލް ގެ ނަން ތަސްބީހައެއްފަދައިން ވިއެވެ.

ރާހިލް އައިސްގޭޓް ހޮސްޕިޓަލަށް ވަދެލީ ވޯޑްރައުންޑް ހަދާލުމަށެވެ. މިރޭ ދާނިޝްމެންގެ ޕާޓީ އޮތުމާއި އެކު އޭނަ ވަނީ އޮފް ނަގާފައެވެ. އޭނަ ފެނުމާއި އެކު ރިސެޕްޝަން ކުދިން އާދައިގެ މަތިން ބެހިލިއެވެ. ރާހިލް ގަސްތުކުރީ ހަމައެކަނި ހައި ޖަހާލާފައި އެތަނުން ދިޔުމަށެވެ. އޭނަގެ ފިޔަވަޅުތައް ހުއްޓުވީ އީނަ ފެނުމުންނެވެ. އީނާ އިނީ ކޮމްޕިޔުޓަރަށް ބަލަހައްޓައިގެނެވެ. 
"މޯނިން ގާލްސް...." ރާހިލް ކައުންޓަރގައި އަތް އަޅުވާލިއެވެ. މިޝާ ވަރަށް ފަރިގޮތަކަށް ހިގާލާފައި ކައުންޓަރުން ނިކުމެގެން އައިސް ރާހިލް އާއި ދާދި ގާތުގައި ހުއްޓުނެވެ.
"އަޅުގަނޑުމެން މިދައްކަނީ މިރޭގެ ޕާޓީގެ ވާހަކަ. ދެރައީ މިހާ ސަޅި ޕާޓީއެއްގެ ޚާއްސަ ކުލައެއް ނެތީމަ. މިރޭ ޕާޓީއަށް އަށް ދުރުވަނީ ކޮން ގަޑިއެއްގައި؟ އަޅުގަޑުމެން މިއުޅެނީ އެކަނި ދާންވީމަ ފޫހިވާތި. ގްރޫޕް ބޮޑުވީމަ މަޖާ ވާނެ...." މިޝާ ކަޅިވެސް ޖަހާނުލާއި ރާހިލްގެ މޫނަށް ބަލަހައްޓައިގެން ހުރެ އެސްފިޔަތައް ތަޅުވާލިއެވެ.
"ހާދަ ރަގަޅޭ މި ކުދިން. ދައުވަތުދިނީތީ ޝުކުރިއްޔާ. އެކަމަކު އަހަރެން ދަނީ ބައްޕަ މެނާއި އެކީ....." ރާހިލް ސިއްރު ނަޒަރަކުން އީނައަށް ބަލާލިއެވެ. އީނަ ގެ މޫނުމަތިން ފެންނަނީ މާޔޫސްކަމެވެ. މިލާފައިވާ މަލެއްފަދައެވެ. އީނަ އެ ވިސްނަނީ ކޮންކަމަކާހެއްޔެވެ؟ އޭނައަށް އެހީވެވޭނެނަމައެވެ. 
"ޕާޓީއިން ދިމާވާނެތާ. އެވަރުންވެސް އުފާވާނެ. މިރޭ ލަވައެއް ކިޔާދޭންވީ ނޫންތޯ. ހާދަ ސަޅި އެރޭ ލަވަ ކިޔާލިގޮތް. ވަރަށް ވާއު އޭ ބުނެވޭނީ. ފެއިންޓް ނުވީހަމަ ކިރިޔާ. މިހާރު ދެން އެންމެ ހިތްގައިމު ލަވަކިޔުންތެރިޔަކީވެސް ރާހިލް....." މިޝާ ނުދެނެހުރިކަމަށް ހަދާލާފައި އަދިވެސް ކައރިވެލިއެވެ.
ރާހިލް ފޫހިވާގޮތްވިއެވެ. ތަނުގެ މުވައްޒަފުންނަށް ވީތީ ހިތްހެޔޮކަމާއި އެކު ވާހަކަ ދައްކާލިޔަސް އަދި ގަޔަށް ބޮލަށް އަރައިގަންނާކަށް ނުޖެހޭކަން ނޭގެއެވެ.
"ލަވަ ވެސް ކިޔާދޭނަން. އެކަމަކު ލަވަ ޕްރޮގްރާމެއް އޮތިއްޔާނު. ކޮންމެ ގޮތަކަށްވިޔަސް ޚާއްސަ ރެއަކަށް ވާނެކަމަށް ހީކުރަން..." ރާހިލް އީނާ އަށް ބަލާލި ވަގުތު އީނައަށް ވެސް ބަލާލެވުނެވެ. އީނާ ލަދުގަންނަގޮތްވިއެވެ. ކުޑަ ރަކި ހިނިތުންވުމަކަށް ފަހު އޭނަ އިސްއޮބާލިއިރު ނިތްމަތިން ދާތިކިތައް ފާއްދާލާފައިވެއެވެ. އީނަގެ އަމަލުން ރާހިލް އާއި ރުހޭކަން ރާހިލް އަށްއިހުސާސް ކުރެވޭއިރުވެސް އީނާ އެދުވަހު ދުވެ ފިލީ ކީއްވެހެއްޔެވެ؟ ކޮންމެވެސް މަޖްބޫރީއެއް އޮތީހެއްޔެވެ؟ އަނެއްކާ އީނަ ގެ ސިއްރު ލޯބިވެރިޔެއް ހުރީބާވައެވެ.

"ކޮންމެވެސް ފަނާއަށް ޚާއްސަކޮށްފައި ލަވަ ނުކިޔުއްވާތި....." މިޝާ ހީލާފައި ބުނެލިއެވެ. 

"އެއީ ކީއްވެ؟ ފަނާއަކީ ވެސް އެކުވެރިކުއްޖެއް. އޭނައަށްވެސް އަހަރެންގެ ލަވަތައް އެހާކަމުދޭ. ހާސްނުވެބަލަ. ހުރިހާކުދިންނަށޭ ލަވަ ޚާއްސަ ކުރާނީ. ރަގަޅުތަ؟ " ރާހިލް ހުރީ އެތަނުން ދާހިތްނުވެފައެވެ. އީނަ އެދުވަހު ހެދިގޮތުން ދެރަވީވަރުން އީނާގެ ލޯބި މުޅިން ހިތުން ފިލުވާލާ އޭނައާއި ހެދި މަރުދަންޖެހޭ ކުއްޖަކަށް ފުރުސަތުދޭންވެސް ހިތަށްއެރިއެވެ. ފަނާވެސް އެހެރީ ނޫންހެއްޔެވެ؟ ހުތުރު ކުއްޖެއް ނޫނެވެ.
ފަނާ އާއި ބެހޭގޮތުން ހަދަހަދައިގެންވެސް މިޝާ އާއި އޭނަގެ އެކުވެރިން ވާހަކަދެއްކިއެވެ. ރާހިލްގެ ގާތު ފަނާގެ އަގު ވައްޓާލުމަށެވެ. ފަނާ ކޮންމެގޮތަކަށް އުޅުނަސް ރާހިލްއަށް ފަރުވާލެއްނެތެވެ. އެއީވެސް ތަނުގެ އެހެން މުވައްޒަފުން ފަދައިން ރަހުމަތްތެރިޔެކެވެ. މީހުންގެ އަމިއްލަ ދިރިއުޅުން އޭނައަށް މުހިއްމެއް ނޫނެވެ. ހުރިހާ ކުދިންވެސް އޭނައާއި މެދު ކަންތައްކުރަނީ ރަގަޅަށެވެ. ރަހުމަތްތެރިކަން ބޭއްވިޔޭ ކިޔާފައި އަދި ރާހިލްގެ މީހަކަށް ވީކީ ނޫނެވެ. ގަދަރުވެރި ރަގަޅު ޚާއްސަ ކުއްޖެއް އޭނަ ބޭނުމީ ހަޔާތުގެ ބައިވެރިޔަކަށް ހަދަން އެކަނިއެވެ.
ކިތަންމެ ގިނައިރުވަންދެން ރާހިލް އެތާ ކޮޅަށް ހުއްޓަސް އީނާ އިސްއުފުލާ ބަލާނުލާނެކަން އެގުމުން ރާހިލް އިރުކޮޅަކު ހުރެލާފައި ދިޔައީއެވެ.
"އަޅެ ހާދަ ސްމާޓޭ. ހަމަ ރަގަޅަށް ހިތްކިޔައިފި. އޭނަ މިތަނަށް ވަދެއްޖެއްޔާ އެއަ ފްރެޝްނާ އަކަށް ބޭނުމެއް ނުވޭ ދޯ. ކޮންފަދަ ހިތްގައިމު ވަހެއް. ވަރަށް އަގުބޮޑު ސެންޓަކަށޭ އެ ވާނީ. މިރޭ ހާދަ މަޖާ ވާނެއޭ. އެބުނީނު ސްޕެޝަލް ރެއަކަށް ވާނެކަމަށް ހީކުރަމޭ. މަށާ ދިމާލަށް ބަލަހައްޓައިގެން ހުރެ އެހެން ބުނެލީމަ ހީވީ ގައިގާ ކުދި ކުދި ރާޅުބާނިތަކެއް ދަތުރުކުރިހެން..." މިޝާ ނޭފަތް އެތެރެއަށް ދަމާލަމުން މޭގައި އަތް އެޅިއެވެ.
ބަލި މީހަކު އައުމުން މިޝާ އެ ވާހަކަ ހުއްޓާލިނަމަވެސް އީނަގެ ހިތުން އެންމެ ހިދުކޮޅަކަށް ވެސް ރާހިލް ފިލައިގެން ނުދެއެވެ. މިރޭ ޕާޓީއަށް ދާހިތްވެސް ކެނޑުނެވެ. ރާހިލް އެހެން މީހުނާއި އެކީ އުފާ ކުރާތަން ދެކެން ކަރުނަ ދިރުވާލަދިރުވާލާ ހުންނަން ޖެހޭނެކަން އެގޭތީއެވެ. އެކަމަކު އެހެން ހިތަށް އެރުމާއިއެކުހެން އަލީޒާ ގުޅައިގެން އެދުނީ ޑިޔުޓީ ނިންމާލާފައި އައިސްގޭޓަށް އައުމަށެވެ. ދާނިޝްގެ މަންމަ އާއި އެ އާއިލާގެ ވަރަށް ގިނަ މެމްބަރުން ސްވިޒަލެންޑުން ކައިވެނި ޕާޓީއަށް އައިސްފައިވާކަމަށް އަލީޒާ ވަނީ ބުނެފައެވެ. އީނާ އެ ޕާޓީއަށް ނުގޮއްސިއްޔާ އަލީޒާ އުމުރު ދުވަހުވެސް މައާފުކުރާނެކަމެއް ނޭގެއެވެ.

މައުމޫންގެ މާބެއްލާ ރިޒޯޓްވަނީ ބޮޑަށް ޒީނަތްތެރިކުރެވިފައެވެ. އެތަން ތައްޔާރުކޮށްދޭން އައި ކުދިންތައް ހަވީރަށް އެ މަސައްކަތް ނިންމީ އެހާ އުފާވެރި މާހައުލެއްގައެވެ. ސަޔާއި ކެއުން އެތަނުގެ ރެސްޓޯރެންޓުން ގެނެސްދިނެވެ. މޫދަށް އެރި ފެންވަރާ މަޖާކޮށްލެވުނެވެ. އެއަށްފަހު އެކުދިންވެސް މާލެ ދިޔައީ ޕާޓީ ފެށެންވާއިރަށް ރީތިވެލައިގެން އެނބުރިއައުމަށެވެ.
މުޅި ރިޒޯޓްގައިއޮތީ ދަނބު އަދި ނޫ ފެންސް އަދި ސަދުވާތައް ދަމާލާފައެވެ. ހިނގާ މަގުމަތީގައިވެސް އެކުލައިގެ ދޫލައެވެ. ފެންސް ތަކަށް މާވެޔޮތައް އަރުވާ ފިނިފެންމާތައް ވެލުގައި އަޅުވާފައެވެ. ދޭތެރެ ދުރުކޮށް ލެންޓަންތައް ޖަހާލާފައިވެއެވެ. ގޮނޑިތަކާއި މޭޒުމަތީގައި އަޅާފައިވާ ފަށުވި ފޮތިތަކާއި ނެޕްކިން އަދި ތަށިތަކަށްދާންދެންވެސް ވަނީ ދަނބުކުލައިގެ އެކި ކުލަތަކުންނެވެ. އެއާއެކު ކޮންމެ މޭޒެއްގައި މާ ގުލްދަސްތާއަކާއި ބޯލްއެއްގައި ފްލޯޓިން އުއްބައްތިއެއް ބަހައްޓާފައި ހުރުމުން އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ. ބައެއް މޭޒުތަކުގައި ތިބޭއިރު މޫދު ގެ ހިތްގައިމު މަންޒަރު ފެނެއެވެ. އަށެއްޖެހުމާއެކު މިއުޒިކް ބޭންޑެއްގެ ހިތްގައިމު ރާގުން މާހައުލުގެ އުފާވެރިކަން އިތުރުކުރުވިއެވެ. 
ރިސެޕްޝަންހަދާފައިވަނީ ފާލަމާއި ތަންކޮޅެއް ދުރުގައެވެ. މެހުމާނުން ކުޑަތަންކޮޅަކަށް ހިގާލަން ޖެހެއެވެ. އެކަމަކުވެސް އެހިސާބަށް ދެވެން ހަދާފައި އޮތް ދޫލައެޅި މަގު ރީތިކަމުން އެ ހިނގުންވެސް ވީ ހިތުން ނުފިލާވަރުގެ ކަމަކަށެވެ. ފާޑުވެރިކަމާއިއެކު ފެންސްޖަހާފައި ވެޔޮތައް އަރުވާފައި ހުރިގޮތާއި ކުރެހުންތައް އެންމެންގެ ހިތުންވެސް ޖާގަ ހޯދިއެވެ. ރިސެޕްޝަން އެހާ ފުރިހަމައެވެ. އެލުވާފައިވާ ޗާދަލިޔާގެ މަޑު ކުލަތަކުން ލޮލަށް ފިނިކަން ގެނެސްދެއެވެ. ބިންގަޑު ފޮރުވާލެވިފައިވަނީ ފިނިފެންމާ ފިޔަތަކުންނެވެ. އެތަނުގައި ދާނިޝް އަލީޒާ އަދި ޝާހާން އާއި ޝައުނާ މޮޑެލްއިންފަދައިން ހުއްޓިލައިގެން ތިބިއިރު މޫވީ ކެމެރާތަކުގެ ގަދަ އަލި އެޅެމުން ދިޔައެވެ. ވަންނަ ކޮންމެ މެހުމާނަކު ބަލާލަނީ ތައުރީފު ގެ ނަޒަރަކުންނެވެ. އާގަމަވެފައި ތިބެއެވެ. 
ދާނިޝް އާއި ޝާހާން ތިބީ ކަޅު ކޯޓް ފަޓުލޫނުގައެވެ. އެތެރެއިން ހުދުކުލައިގެ ސޫޓް ލާފައިވާއިރު ޖީބުގައި ހަރުކޮށްފައިވަނީ ދަނބު ފިނިފެންމަލެކެވެ. އަލީޒާ އާއި ޝައުނާވެސް ހޫރުން ފަދައެވެ. ހުދުކުލައިގެ ހެދުމުގައި ވިދާ ދަނބު ޖަވާހިރު ވެސް އެކުދިންގެ ކަރާއި ކަންފަތް އަދި އަތާއި ފައި ފަޅުފިލުވާލާފއިވާ އެމެތިސްޓް ތައް ފަދައިން ދަޅައަރައެވެ. ދަނބު އަދި ނޫކުލައިގެ ފިނިފެންމަލުގެ ބުކޭއެއް ހިފަހައްޓާލައިގެން އެ ވިދާ އަލީގައި ތިބިއިރު އެހެން ފަދަކަމެއްހެން ހީވެއެވެ. އެ ޒުވާނުންގެ ދެފަރާތުގައި ފްލާވާ ގާލްސްއިންނަށް ތިބީ ފަނަރަ ވަރަކަށް އަހަރުގެ ދެ އަންހެންކުދިންނެވެ. ރަން އިސްތަށިގަޑާއި ނޫކުލައިގެ ލޯ ލާފައި ތިބި ޕަރީއިންފަދަ އެ ކުދިންނަކީ މާލިޔާގެ ކޮއްކޮގެ ކުދިންނެވެ.
މެހުމާނުންތައް ގިނަވަމުން ދިޔަނަމަވެސް ތޮއްޖެހި ކިޔޫހަދާކަށް ނުޖެހޭ ހާ ތަރުތީބުން ހުރިހާކަމެއްވަނީ ނިންމާފައެވެ. އަގުބޮޑު މީރު ތަފާތު ބާވަތްބާވަތުގެ ކާއެއްޗިއްސެވެ. އެކި ވައްތަރުގެ ޖޫހާއި ފޮނި އެއްޗިއްސެވެ. ޔުނިފޯމްގައި ތިބި ވޭޓަރުންނެވެ. ލައިވް މިއުޒިކެވެ. ފިނި ތެތް ފަޒާއެކެވެ. އަދަދުނުކުރެވޭފަދަ ފިނިފެންމާތަކެވެ. ހިތްފަސޭހަކަމުގެ ދެވަނައެއްނެތެވެ. ކުލަކުލައިގެ ހެދުންތަކުގައި ތިބި ރީތި ޒުވާން ކުދިންނެވެ. މަރުވަމުންދާ ހިތްތައްވެސް ދިރިވާލާނެ އުފާވެރި މާހައުލެކެވެ.
ސާއިރާގެ އާއިލާ މީހުން ޕާޓީއަށް އައިގޮތަށް އަލީޒާ ކާލަފާނެހެން ހީވިއެވެ. ހަމަ ކުއްލިއަކަށް އަލީޒާއަށް ބޮޑު ޢާއިލާއެއް ލިބިއްޖެއެވެ. އަލީޒާއަކީ ތިމާގެ ކުއްޖެއްކަން އަންގަން ގައިގާ ހިފަހިފާފައި އުޅޭގޮތުން ހީވަނީ އެހެންފަދަ ކަމެއްހެނެވެ. ސާއިރާވެސް އިރުއިރުކޮޅާ ދަރިފުޅަށް ގޮވާލައެވެ. ކޮންމެވެސް އެއްޗެކޭ ބުނެލައެވެ. ބޮޑުދައިތަ ސޮބީހާ އަކީ ދުވަހަކު އަލީޒާ އާއި ހެޔޮހިތުން އަނގައިން ބުނިމީހެއް ނޫނެވެ. މިރޭ އޭނަވެސް އަލީޒާ އަށް ގޮވާފައި ގައިގާ ހާސްފަހަރު ފިރުމިއެވެ. ހެޔޮ ދުޢާތައްކުރިއެވެ. ތަޢުރީފުކުރީވެސް އެވަރަށެވެ. އަލީޒާ ހުރީ ލަދުން ހަލާކުވޭވޭއެވެ.
މަންމަމެން މިއުޅެނީ މިފަދަ ތަނެއްގައި އުޅެންވާގޮތަކަށް ނޫނެވެ. ތަންގަޑުމީހުނަށް ހަޅޭއްފަޅޭއްޖަހާ އަޑުގަދަ ކުރާ އުސޫލުންނެވެ. މީހެއްގެ މޫނަށް ބަލާލުމެއްނެތި އެވެ. މައުމޫން އާއި ވާހަކަ ދެއްކީ ކަލެއޭ ކިޔާފައެވެ. އެމަންޒަރު ފެނުމުން އަލީޒާގެ މޫނު ރަތްވެގެންދިޔައެވެ. ލޯބިވާ ފިރިމީހާ ކާރީގައި އަތުގައި ހިފަހައްޓާލައިގެން ހުރިއިރުވެސް އަލީޒާ ހުރީ ހާސްވެފައެވެ. ސަލާމްކުރަމުންދާ މެހުމާނުންނާއި ހިނިތުންވަމުން ދިޔަނަމަވެސް ހިތް އޮތީ އެހެން ދިމާލެއްގައެވެ.

ދާނިޝްއަށް އެކަން ވަގުތުން ފާހަގަކުރެވުނެވެ. އަލީޒާގެ ސަމާލުކަން އޭނައަށް އަނބުރައިލަން ފެށި ލޯބި ލޯބި ވާހަކަތަކުން އަލީޒާ ގެ އެ ރީތި ހިނިތުންވުން އަބުރާ އައެވެ. ހެވިއްޖެއެވެ. މެހުމާނެއް ނެތިއްޔާ ދާނިޝްއާއި ދިމާލަށް ބެލެވެން ފެށިއެވެ. މިރޭ އެހެން ކަމަކާ ނުވިސްނުމަށް އަލީޒާ ހިތާހިތުން ވަޢުދުވިއެވެ. މަންމަމެންގެ ސަބަބުން މި އުފާވެރި ރޭ ޚަރާބުވެގެން ދިޔަނުދޭން އަޒުމް ކަނޑައެޅިއެވެ.
ސާއިރާ މިރޭ ފޮނިވެފައި ހުރިވަރުން މޫނުމަތިންވެސް އެކަން އެގެއެވެ. އުޅެން ބޭނުންވީވެސް މާލިޔާފަދަ މީހެއްގެ ފަހަތުންނެވެ. އެ ޢާއިލާގެ އެތައްބަޔަކު އުޅޭތީ އޭނަ ހުރީ ފަޚުރުވެރިވެފައެވެ. ދަރިފުޅުގެ ސަބަބުން ވިލާތު ދޮންމީހުނާއިވެސް ގުޅުން ބަދަހިވީއެވެ. ދެން ވިލާތަށްވެސް ބުރުއަޅާލެވޭނެއެވެ. އެމީހުން ގެ ކުދިންތައްވެސް ކަފަ ބުދުތައްފަދައެވެ. ސާއިރާއަށް ނުހުރެވިގެން އެކުދިން އުރާލާ ލޯބިކޮށް ހަދައެވެ. އެކުދިންވެސް ގަދަހެދުމެއްނެތި އެކުވެރިވެގެން ސާއިރާގެ ފަހަތުން އުޅުނެވެ.

ހަފާހުރީ ނޫކުލައިގެ އަތްކުރު މިޑީ ހެދުމެއްގައެވެ. ހަށިގަނޑުގެ ބޮޑުބައި ހާމަޔަށް ހުރި އެހެދުމުގެ ސަބަބުން ފިރިހެނުންގެ ސަމާލުކަން ހުއްޓޭނެކަން ގައިމެވެ. ރީތި ފިރިހެންކުއްޖަކު ފެނުމުގެ އުއްމީދުގައި އޭނަ ވަށައިގެން ހޯދަމުން ދިޔައެވެ.
"ދޮންތާ. އަހަރެން ރީތިތަ؟ ދޮންތަ ބްލަޝްނުވެބަލަ. ހެހެ. ދާނިޝްފަދަ ހެންސަމް ސަޅި ފިރިހެނަކު މަށަށްވެސް ކާމިޔާބު ކުރެވޭނީ މިފަދަ ހެދުންލީމައޭ. މަށަށް ރާހިލް އިންޓްރޮޑިއުސް ކޮށްދީބަލަ........." ހަފާ ލަދެއްނެތި ދާނިޝް އާއި ދިމާލަށް އެއްލޯ މަރާލަމުން ބުނެލިއެވެ. ދާނިޝް ހައިރާންވީ ކުރީދުވަހެއްގައި އަލީޒާ އާއި ހަފާ ވައްތަރުކަމަށް ހީކުރެވުނީތީއެވެ. ދޮންކަން ފިޔަވާ އެއްގޮތް ކަމެއްނެތެވެ. ހަފާވަނީ އިސްތަށިގަޑު ފަންކޮށްލާފައި ޑައިކޮށްފައެވެ. ގުދުރަތީ ރީތިކަމެއް ނެތެވެ.

"ހަފާ. މިވަގުތަކު ނޫން....." އަލީޒާ ކަންބޮޑުވެފައި ވާގޮތަކަށް ބުންޏެވެ. ހަފާމެންގެ މި ވިޔާނުދާކަމުން ހުރިހާ ލަދެއް މިގަންނަނީ އޭނައެވެ. ދާނިޝްގެ އާއިލާ ކުރިމަތީގައި އޭނަގެ އަގުވެސް ވެއްޓިގެން ހިގައިދާނެއެވެ. ނިކަމެތި ވިޔަސް އުޅުމާއި އަހުލާގު ހުންނަން ޖެހޭނެތާއެވެ.

"އެކަމަކު ދޮންތާ. އިންތިޒާރެއް ނުކުރެވޭނެ އިގޭ. މާބޮޑަށް ތުއިނުވެބަލަ. އުޑަށްއެރި ގޮތަށް ހަމަބިމަށް......."

"އެލީ އެބުނީނު މިވަގުތަކު ނޫނޭ. އަޑު ނީވޭތަ؟ " ދާނިޝް ހަފާ ގެ ޖުމްލަ މެދުކަނޑައިލިއެވެ. ވަރަށްހަރުކަށި ރާގަކަށެވެ. އަލީޒާއާއި ދިމާލަށް އިތުރު އެއްޗެކޭ ބުނާ އަޑުއަހަން ކެތްނުކުރެވޭނެއޭ ބުނާފަދަ އިންޒާރުގެ ނަޒަރެކެވެ. ހަފާ ރީއްޗަށް ރަކިވިއެވެ. ހާދަ ފާޑުހުރި ސަޅި ބިޓެކެވެ. އޭނަގެ ހިތްވެސް ގުޑުވާލައިފިއެވެ. މިއޮތް ބަލާލުމެކެވެ. އެހަރުކަށި ނަޒަރުން ވަގުތުން ހިތް ވިރުވާލައިފިއެވެ.

ކޮމެންޓް 0